Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ

Itxlevender
Itxlevender Level 210 Stories100 Comments100 Login
May 10, 2025 3 Mins Read
0 Comments

އޮއްސެމުން ދިޔަ އިރުގެ އަލިން އުދަރެހުގައި އެތައް ކުލަތަކެއް ފަވަމުން ދިޔައެވެ. މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ މީހުން މަދުވަމުން ދިޔައިރު ހިޔަނިތައްވެސް ފިލަމުން އަނދިރިކަމަށް މަރުހަބާ ކިޔަނީއެވެ. ލުއި ވައިރޯޅިތަކުގެ ސަމާސާއިން ގަސްތައް ހެލިލާއިރު ހިތްގައިމު ގޮތެއް ހުއްޓެވެ. އިރު އޮއްސެމުން އައި މިވަގުތު ހުދުކުލައިގެ ޔުނީފޯމްގައި އެއްވަރަކަށް ހިނގާ ލާފައި ދިޔަ ތިން އަންހެން ކުދިންގެ މިސްރާބު ހުރީ އަތިރިމަތީގައި ހުރި ފިނި މައިޒާނަށެވެ.

“ބައްޕައަށް އެނގޭ މާ ކުރިންވެސް އަހަންނަށް ވަނަ ލިބޭނެކަން..ރޭގަ ބޮޑުދައިތައަށް ގުޅާ އެހާ އަވަހަށް އަހަރެން މެލޭއަށް ފޮނުވާލަން ނިންމައިފި..އަހަރެން ބުނިން ސްކޮލަރޝިޕް ލިބިއްޖިއްޔާ އަހަރެން މިކޮޅުގައި ބަހައްޓަން ޖެހޭނޭ..އެކަމަކު ބައްޕަ ބޭނުމެއް ނޫން..އަޅެ މެލޭއަށް ދިއުމަށް ވުރެ އަހަރެން މާ ބޭނުން އެ ސްކޫލަށް ވަންނަން..” ފިނި މައިޒާންތެރޭ ހުރި ޖޯލިފަތީގައި އިށީންނަމުން އަލްޔާ ވާހަކަ ދެއްކިއެވެ. ވެރިކަމުން ދިޔަ އަނދިރިކަމަށް އެކުދިންގެ ސަމާލުކަމެއް ނެތް ފަދައެވެ. އަލްޔާ އާއި އެކު އޭނާގެ އަނެއް ދެ އެކުވެރިން ކަމަށް ވާ ލިއާ އަދި ސުމާވެސް ޖޯލީގައި އިށީނެވެ.

“އަސްލުވެސް… މައިންބަފައިން ބޭނުންވާ ގޮތަށް ނޫނީ އަހަރެމެންނަށް ފިޔަވަޅެއް ވެސް ނޭޅޭ..ކީއްތަ ވަނީ އަހަރެމެން ބޭނުންވާ ގޮތަށް ކަންތައް ކުރަން ދޫކޮށްލިއްޔާ..އަލް އެކަންޏެއް ނޫން, އަހަރެންގެ މަންމަމެންވެސް އުޅެނީ އަހަރެން ގޮވައިގެން މެލޭޝިޔާ އަށް ދާން.. އަހަރެންވެސް ބޭނުމީ މިކޮޅުގައި ހުންނަން..އަނެއްކާ އަހަރެމެން ތިން މީހުންނަށް ސްކޮލަރޝިޕް ލިބުނީ..ތިން މީހުން އެއްކޮށް އެ ސުކޫލަށް ދެވެންޏާ ކިހާ މަޖާވާނެ..” ސުމާވެސް ވާހަކަދެއްކީ ފޫހިކަމާއި އެކުގައެވެ. އެ އެކުދިންނާއި ޚިލާފަށް ލިއާ އިނީ ބަސްމަދުވެފައެވެ. އެކަން ފުރަތަމަ ފާހަގަވީ އަލްޔާ އަށެވެ. އޭނާ ލޮލުގެ އިޝާރާތުން ސުމާއަށް ލިއާ ދައްކާލިއެވެ. އިސްޖަހައިގެން ލިއާ އިންއިރު ފުން ވިސްނުމެއްގައި އިންކަން ހާމަވެއެވެ.

“އަޅޭ ލިއާ..އައި އޭމް ސޯ ސޮރީ..” ދެއްކެމުން ދިޔަ ވާހަކައަށް ސުމާއަށް ވިސްނާލެވުނީ އަދި ކިރިޔާއެވެ. އޭނާ ލިއާ ގައިގައި ބައްދާލިއިރު އަނެއް ފަރާތުން އަލްޔާ ވެސް ލިއާ ގައިގައި ބައްދާލިއެވެ. ލިއާ ހިފަހައްޓަމުން އައި ކަރުނަތައް އޮހިގަތީ ދެނެވެ. ހިތުގައި ޖެހިފައި އިނދެ އޭނާ ވާހަކަދައްކަން ފެށިއެވެ. “ތި ދެމީހުން ދިޔައިމަ އަހަރެން ވަރަށް އެކަނިވެރި ވާނެ..އަނެއްކާވެސް ކުދިން އަހަންނަށް ބުލީ ކުރުން ފެށޭނެ..އަނެއްކޮޅުން އެ ސުކޫލަކީ މަހުޖަނުންގެ ހާއްސަ ތަނެއް..އަހަންނަށް ސްކޯލާޝިޕް ލިބުނަސް އަހަރެން މީ ދެރަ ނިކަމެއްޗެއް ކަމަށް ނޫނީ ނުވާނެ..ތިމީހުން ނެތިއްޔާ އަހަރެން ޑިފެންޑްކުރާނެ މީހެއް ނުހުންނާނެ..އައި ވޯޒް ލަކީ ގްރޭޑް ހަތެއް ގައި ރިޕީޓްވިކަން..އެހެންނޫންނަމަ ތިމީހުންނާއި ދިމާވެ ކްލޯޒް ނުވީސް..ޔޫ ގައިސް އަރ ދަ އޮންލީ ޓްރޫ ފްރެންޑްސް އައި ހޭވް..އަހަރެން އެ ސުކޫލަކަށް ނުދާނަން..ޖޮބްއަކަށް ވަންނަނީ..” ލިއާ ރޮމުން ވާހަކަ ދެއްކިއެވެ. އެ ވާހަކަތަކުން އަލްޔާ އާއި ސުމާގެ ހިތަށް ވެސް އަސަރު ކުރިއެވެ.

“ނޫން ތިހެން ނުބުނޭ ލިއާ..އަހަރެންނަށް ގެންދެވޭނެ ނަމަ އަހަރެމެންނާއި އެކު ލިއާ ގެންދިޔައީސް..އެކަމަކު ސްކޮލަރޝިޕް ދޫ ނުކޮށްލާތި..މިކަހަލަ ރަނގަޅު ފުރުސަތެއް އަބަދަކު ނުލިބޭނެ..އަހަރެމެންވެސް ބޭނުމީ މިކޮޅުގައި ކިޔަވަން..އެކަމަކު އަދި މިހުރީ މައިންބަފައިންގެ ބެލުމުގެ ދަށުގައި..އެމީހުން ބުނާ ގޮތް ހެދުން ނޫންގޮތެއް ނެތޭނު..އެކަމަކު ލިއާ ވާނެ އަހަރެމެންނަށް ޓަކައި ނަމަވެސް ކިޔަވަން..ދުރުގައި ހުއްޓަސް އަހަރެން އަބަދުވެސް ލިއާގެ ހާލު ބަލާނަން..” އަލްޔާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުން ވެސް ދެރަވެފައި ހުރިކަން ހާމަވެއެވެ.

“ލިއާ ހަނދާން އެބަހުރިތަ އަހަރެމެންނާ އެއް ކްލާސް އަކަށް ދެވުނު އިރު ދެކެވުނީ ވާހަކަތައް..؟ ލިއާ ބުނީމޭނު މަންމަ ދުނިޔޭގައި ހުރިނަމަ ލިއާ ރިޕީޓްވީއިރު ވަރަށް ދެރަވާނެޔޭ..އޭރު ލިއާއަށް ނުކިޔެވުނީ އެ ދުވަސްކޮޅުގެ ހާލަތުގެ ސަބަބުންކަން ގަބޫލުކުރަން..އެކަމުގައި ލިއާގެ ކުށެއް ނެތް..އެކަމަކު ލިއާ ހިތްވަރު ކުރީމަ މިހާރު އާދެވިފައި ތިހުރި ހިސާބު ދެކިބަލަ..ލިއާއާ ބުލީ ކުރާ ކުދިންނަށް ނުބަލާ ލިއާ ތި ދެއްކި ހިތްވަރަށް އަހަރެން ފަހުރުވެރިވޭ..ހިތްވަރު ކޮށްފައި ކިޔެވީމަ ލިއާއަށް ނަސީބު ލައްވާލައިފި..ލިއާ އަށް އެނގޭތަ ހާދަ ކުދިންނެއް ޑްރީމް ކުރޭކަން އެ ސުކޫލުން ކިޔަވަން…؟ ލިއާއަށް ތި ލިބުނީ ސްކޯލާޝިޕް..ލިއާ މަންމަ ދުނިޔޭގައި ހުރިނަމަ މިއަދު އެންމެ އުފާވާނީ މަންމަ..އެކަމަކު ލިއާ ތި ފުރުސަތު ދޫކޮށްލައިފިއްޔާ މަންމަ ކިހާ ދެރަވާނެ..؟ ލިއާ ބުނަމޭނު މަންމަގެ ހުވަފެނަކީ ލިއާ ކިޔަވައިގެން މޮޅު މީހަކަށް ވުމޭ.. އަހަރެމެންނަށްޓަކައި ނޫންނަމަ މަންމައަށްޓަކާ ނަމަވެސް ލިއާ ޖެހޭނެ މި ސްކޯލާޝިޕް އެކްސެޕްޓް ކުރަން..” ސުމާ ލިއާގެ ރާޅުބާނި އިސްތަށިގަނޑުގައި ފިރުމަމުން ވާހަކަ ދެއްކިއެވެ. މަންމަގެ ވާހަކަ ދެއްކުމުން ލިއާ އިތުރަށް ދެރަވާގޮތްވިއެވެ. ނަމަވެސް އިސްޖަހައިގެން ލޮލުގައި ހުރި ކަރުނަ ފޮހެލަފޮހެލާ އިނެވެ.

އެކުދިން އެތަނުން ދާން ހިނގައިގަތީ ލިއާ ހަމަޔަކަށް އެޅުނީމައެވެ. އޭރު މުޅި ސަރަހައްދަށް ވަނީ އަނދިރިކަން ފެތުރިފައެވެ. އެކުދިންނަށް އެކަން އިހުސާސް ނުވާ ކަހަލައެވެ. “ކޮއްކޮމެން ޖަލްސާ ނިމުނީމަވެސް އަދިވެސް ގެއަށް ނުދަނީތަ..؟” މިސްކިތައް އަރަން ދިޔަ ދެބައި އުމުރުގެ ފިރިހެނަކަށް އެކުދިން ފެނިގެން ބުނެލިއެވެ. “މި ހަމަ ވާހަކަދައްކާލަން އަތިރިމައްޗަށް ގޮސްލީ..” ހިތްހެޔޮ ހިނިތުން ވުމާއި އެކު އަލްޔާ ވާހަކަދެއްކިއެވެ.

ސުމާ އާއި އަލްޔާ އަކީ ރަށުގެ ގަދަރުވެރި އާއިލާތަކަށް އުފަންވެފައިވާ ދެކުދިންނެވެ. އެއާއި ޚިލާފަށް ލިއާއަކީ މެދުފަންތީގެ އާއިލާއަށް ނިސްބަތްވާ ކުއްޖެކެވެ. އުމުރުން ސާދަ އަހަރުގައި މަންމަ ނިޔާވީ ލިއާގެ ޓާރމް ޓެސްޓު ދުވަސްކޮޅުގައެވެ. ލިބުނު ހިތާމައިގައި ލިއާއަށް ސުކޫލު އިމްތިހާނުތަކުގައި ބައިވެރި ނުވެވުމުގެ ސަބަބުން އެ ގްރޭޑުގައި އަލުން ރިޕީޓު ކުރިއެވެ. ސުމާ އާއި އަލްޔާއާ އެއް ކުލާހަކަށް ޖެހުނީ ލިއާ ރިޕީޓުވުމުގެ ސަބަބުނެވެ. ބުލީ އަކީ އެންމެ ކުޑައިރުއްސުރެ ވެސް ލިއާއަށް ކުރިމަތިލާން ޖެހިފައިވާ މުސީބާތެކެވެ. އެކަން ބޮޑުވެގެން ގިނަފަހަރު ސުޕަވައިޒަރުންނަށް މައްސަލަ ޖެއްސި ނަމަވެސް މާ ބޮޑު ހައްލެއް ނުލިބެއެވެ. ކުދިން ލިއާއަށް ބުލީ ކުރަނީ ލިއާގެ ނިކަމެތި ކަމުންނެވެ. ފޯރާ އާއިލާއެއްގެ ކުއްޖަކަށް ނުވީމައެވެ. އަހަރު ބަދަލުވެ ހުރިހާ ކުދިން އާ ޔުނީފޯމާއި އެހެނިހެން ތަކެތި އާ ކުރާއިރު ލިއާ ބޭނުން ކުރަނީ ހަމަ ކުރިންވެސް ބޭނުންކުރާ ޔުނީފޯމާއި ތަކެއްޗެވެ. ހަލާކު ނުވާހާ ހިނދަކު ލިއާ އެއްވެސް އެއްޗެއް އާނުކުރެއެވެ. އެއަށް ކިޔަނީ ލިބޭ މިންވަރަށް ޝުކުރުކުރަން ކަމަށް ވިޔަސް މިޒަމާނު ކުދިން ދެކޭ ގޮތުގައި އެއީ ކަޓުކަމެވެ. އެއްފަހަރަކު ލިއާގެ ދަބަސް ހަލާކުވެ ފަހާފައި ހުރިކަން ކުއްޖަކަށް ފެނި މަޖަލަކަށް ހަދައި އެ ދިމާލުން ދަބަސް އިރާލީ ފަހާފައިވާ ތަން ހަލާކުވާ ވަރަށެވެ. ނަސީބު ރަނގަޅުކަމުން ޓީޗަރަކަށް އެ މަންޒަރު ފެނި ޕްރިންސިޕަލާއި ހަމަޔަށް މައްސަލަ ދިޔައެވެ. ލިއާގެ ޝަކުވާ ސީރިއަސްކަމާއިއެކު ބަލަން ފެށީ އެފަހަރުއެވެ. ނަމަވެސް ލިއާއަށް ބުލީ ކުރުން ދެގުނަ އިތުރުވެގެން ދިޔައެވެ. ކްލާހުގައި ޓީޗަރު ނެތް ނަމަ ލިއާއަށް ކްލާހުގައި އިންނަން ނުކުޅަދާނަ ވާވަރު ކުރެއެވެ. އެ ހުރިހާ ކަމަކަށް ނިމުން އައީ ސުމާ އާއި އަލްޔާއާ އެއް ކުލާހަކަށް ދެވުމުންނެވެ. އެ ދެކުދިން ލިއާގެ ދިފާއުގައި ތެދުވެއެވެ. ރަށުގެ ގަދަރުވެރި އާއިލާގެ ކުދިންނަށް ވުމުން އެ ދެކުދިންނާއި ދެކޮޅު ވާކަށް އެއްވެސް ކުއްޖަކަށް ނުކުރެއެވެ. ލިއާއަށް ހަމަޖެހިގެން ކިޔެވެން ފެށުނީ އެހިސާބުންނެވެ. އެ ދެކުދިންގެ އޯގާތެރިކަމަށް ލިއާ ވަނީ ދަރަނިވެރި ވެފަ އެވެ.

“ޑޯންޓް ފޮގެޓް އިނގޭ..މިރޭ ނައިންގަ ދެމީހުންވެސް އަންނާތި އަހަރެމެން ގޭ ކައިރިއަށް..އިޓްސް އަވަރ ބިގް ނައިޓް..” ތިން ކުދިން ވަކިވެގެން ދިއުމުގެ ކުރިން ސުމާ ކަމެއް ހަނދާން ކޮށްދިނެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 210 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ޒެވިއަން 10

Next

އަބަދަށް-12

Next
May 10, 2025

އަބަދަށް-12

Previews
May 10, 2025

ޒެވިއަން 10



All Right Reserved!