Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 4)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
March 21, 2026 6 Mins Read
6 Comments

ޝަފްކާގެ ހިމާޔަތުގައި އަހަންނަށް ނުހުރެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އިންތިހާއަށެވެ.އަހަރެންގެ ދެއަތުތެރެއަށް ޝަފްކާ ގެނެސް، މުޅި އުމުރަށްވެސް އަހަރެންގެ ހިމާޔަތުގައި އޭނާ ބަހައްޓަން އަހަރެން ބޭނުމެވެ.އެ ރީތި ސޫރަ ދެކިލާހިތުން އަހަރެންގެ ދެލޯ މިވަނީ ބޭގަރާރުވެފައެވެ.އެ މޫނުގައި ލޯބިން ފިރުމާލާ ހިތުން އަހަރެންގެ ހިތް އެދި ގޮވަނީ ކެތް ނުވާ ވަރަށެވެ.ދެމީހުން އެކުގައި ދިރިއުޅުމެއް ބިނާކުރުމުގެ ހުވަފެން ހަގީގަތަކަށް ހަދަން އަހަރެން ނުލާހިކު ބޭނުމެވެ.ނިކަން ލޯބިން ޝަފްކާގެ ނިތުގައި ބޮސްދީފައި، ހުރިހާ ކަމެއްވެސް ދެން ރަނގަޅުވާނޭ ބުނެލަން ލިބޭނެ ދުވަހަކަށް އަހަރެން މިވަނީ ކެތްމަދުވެފައެވެ.

އެހުރިހާ ކަމެއް އެނގުނީއްސުރެ އަހަރެންގެ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ އެ ޚިޔާލުތަކެވެ.އަޒަދުގެ ހުރި ނުބައިކަން ހިތަށް އަރާ ކޮންމެ ފަހަރަކު އަހަންނަށް ދަތްކުނޑިވިކެއެވެ.މި ދަނޑިވަޅުގައި އޭނާ އަހަރެންގެ އަތް ފޯރާ ހިސާބުގައި ނެތީ ހަމަ ނަސީބެވެ.އެ ނޫންނަމަ އަހަރެންގެ އަތުން ފައިން އޮންނާނީ ގޯސް ހެދިފައެވެ.އޭނާ އެ ކުޅެލީ އަހަރެންގެ މުޅި ދިރިއުޅުމާއިއެވެ.

ދެ ދުވަސް ފަހެވެ.ޑައިލިސިސް ހަދަން ދާ ގަޑި ޖެހުމުން މާހިން އަހަރެން ބަލާ އައެވެ.ކުރީ ދުވަހުހެން އޭނާ ހުރީ ހަމަ ވަރަށް ފާޑަކަށެވެ.ބައެއްފަހަރު އެއްޗެކޭ ބުނަން ބޭނުން ވެގެން އުޅޭހެންވެސް ހީވެއެވެ.އެހެނަސް ކައިރީގައި އެހެން އޮފިސަރުންތަކެެއް އެވަގުތު ހަރަކާތްތެރިވަމުން ދާތީ ވަގުތާ ހާލަތު އެކަމަށް ތަން ނުދެނީކަމަށް ގަބޫލު ކޮށްލައިގެން އަހަރެން ހުރީއެވެ.

މީގެ ކުރިންވެސް އަމިއްލަ ވާހަކަ ގިނައިން ހިއްސާ ކުރާ މީހަކީ އަހަންނެވެ.އަހަރެން ކުރާ ސުވާލުތަކަށްވެސް މާހިން ގިނަ ފަހަރަށް ދޭނީ ކުރު ޖަވާބެވެ.އޭނާއާއި ބެހޭގޮތުން އަހަންނަށް އެނގެނީވެސް މަދު މިންވަރެކެވެ.އެހެނަސް މާހިން އަބަދުވެސް އަހަރެންގެ ހުރިހާ ވާހަކަތަކެއްވެސް ވަރަށް ސަމާލުކަން ދީގެން އަޑު އަހާކަން އަހަންނަަށް އެނގެއެވެ.އަހަންނަށް އޭނާއާއި އެހާ ގާތްކަން އިހުސާސް ކުރެވެނީވެސް އެހެންވެއެވެ.

”އަހަންނާ ބައްދަލު ކުރަން ޝާމިން ކިޔާ ލޯޔަރެއް އައި… ޝަފްގެ ގާތް ރަހުމަތްތެރިއެއް ކަމަށް ބުނީ.މާހިން…ޝަފް އައިސްފި… މިއޮއް ހުރިހާ ދުވަހު މެލޭޝިއާގަ ޝަފް އުޅުނީ…“ވޭނުން ފައިބައިގެން ހޮސްޕިޓަލަށް ވަންނަން ދިޔަ މަގުމަތީގައި އަހަރެން  ބުނެލީމެވެ.މާހިންގެ މޫނުމަތިން ފާޅުވި ކުލަވަރުތަކުން އެއީ އޭނާއަށް އާ ޚަބަރެއް ހެނެއް ހިއެއް ނުވެއެވެ.

”މާހިން..“ މާހިން އެކައްޗެކޭވެސް ނުބުނީމާ އަހަރެން ހިސާބަކަށް ނުތަނަވަސްވެފައި ގޮވައިލީމެވެ.އޭނާ އުޅުނު ގޮތުން ހީވީ އެ ވާހަކަ ދައްކަން ފަސްޖެހެމުން ދިޔަހެންނެވެ.އަހަންނަށް ނުވިސްނުނީ އެހެންވާންވީ ސަބަބެވެ.އެހެންޏާވެސް އެއީ އަހަރެން އޭނާއާއި ވާހަކަ ދައްކައި އުޅޭ މަޢުޟޫއެކެވެ.

”މާހިން ކޮބާތަ މައްސަލައަކީ؟“ އަހަރެން މާހިނަށް ކިރިޔާ އިވޭ ވަރަށް އަހައިލީމެވެ.މާހިން ދެކޮޅު ހޯދައިލި ގޮތުން ހީވީ އަހަރެމެންނަށް އެއްވެސް ބައެއްގެ ސަމާލުކަން ހުއްޓިފައި ހުރިތޯ ސްކޭނެއް ކޮށްލީހެނެވެ.

”އާކިލް ތި ވާހަކަ ދައްކާނަން ފަހުން… މިވަގުތަކު ނޫން“ މާހިން މަނާވެގަތެވެ.

މާހިންގެ ޖަވާބު އައި ގޮތުން ހިތްހަމަ ނުޖެހުނު ނަމަވެސް ތިބެވުނު ތަނުގެ ގޮތުން އޭނާއާއި އިތުރަށް ވާހަކަ ދައްކަން ހިފާލާކަށް އަހަންނަކަށް ނުކެރުނެވެ.އާންމުންގެ ތެރޭގައި އަަހަރެންގެ ހައިސިއްޔަތު ހަނދާން ނައްތާލައިގެން ނުވާނެކަން އެވަގުތު އަހަރެން އަމިއްލަ ނަފްސަށް ހަނދާން ކޮށްދިނީމެވެ.ދުނިޔޭގެެ ލޯތަކަށް އަހަރެންނަކީ ގައިދީއެކެވެ.މާހިނަކީ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އާދާކުރަމުންދާ ޖަލު އޮފިސަރެކެވެ.އަހަރެންގެ ގާތް ރަހުމަތްތެރިއެއް ނޫނެވެ.

ހޮސްޕިޓްލުތެރެ އޮތީ ތޮއްޖެހިފައެވެ.އަހަރެން މާހިނާ ވާހަކަ ދައްކަން ހަދައިގެން މީހުންގެ ސަމާލުކަން އަހަރެމެނަށް ހުއްޓޭކަށް އަހަރެންވެސް ބޭނުމެއްނުވިއެވެ.

ޑައިލިސިސް ހަދާ ނިމިގެން އަހަރެން ނުކުތުމުން އާދައިގެ މަތިން އަހަރެން ކިހިނެއްތޯ މާހިން އެއްސެވެ. އެކަހަލަ ގޮތެކޭ ބުނެ އަހަރެން ޖަވާބު ދިނުމުން ވަރަށް ފަރުވާތެރި ނަޒަރަކުން މާހިން އަހަންނަށް ބަލައިލިއެވެ.

އެނބުރި ދިޔަ މަގުމަތީގައި މާހިން އިސްވެ އަހަންނާ ވާހަކަ ދައްކަން ފެށްޓިއެވެ.

”އާކިލް… އަހަންނަކަށް ނޭނގޭ އާކިލް ގާތުގައި މިވާހަކަ ދައްކަން އަހަރެން ފަށްޓާނޭ ގޮތެއްވެސް…ޝަފް އުޅުނީ މެލޭޝިއާގަކަން އަހަންނަށްވެސް އެނގުނީ އިހަކަށް ދުވަހު…އެވާހަކަ އާކިލް ގާތުގައި ބުނާނެ ދަނޑިވަޅަކަށް ބަލަ ބަލަ ހުއްޓާ ދެން ލައިގަތީ އަދި މާ ވަރުގަދަ ކަމެއް…އާކިލް ހިތަށް އަރައިފާނެ އަހަރެން މީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ ވެސް…އާކިލް… އަހަރެމެންގެ މި ރަހުމަތްތެރިކަމަށް ކޮންމެވެސް ބަޔަކު ކަޅި އަޅައިފި…މިކަމަށް ހުރަސް އަޅަން އެބަޔަކު ވަރަށް މަސައްކަތްވެސް ކޮށްފި.ކުރިން ދުވަހަކު ސުޕަވައިޒަރ އަހަރެން ހާޒިރުކުރި..އެބަޔަކު އަހަރެމެންނޭ ކިޔައިގެން ވާހަކަތަކެއް ދައްކައި ޝަކުވާ ހުށަހަޅައިގެން އުޅޭކަން އެނގުނީ އެދުވަހު…އެކަން ސުޕަވައިޒަރގެ ސަމާލުކަމަށް އައީ…އޭނާ ކޮންމެވެސް ވަރަަކަށް އަހަރެންމެންގެ މުއާމަލާތްކުރުންތައް ބަލާފަ ހުރީ…އަސްލު ޝަކުވާ ހުށައެޅީ ސީދާ ކޮން ބަޔަކު ކަމެއް ބުނާކަށް އަހަންނަކަށްވެސް ނޭނގޭ…ހީވަނީ ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ބައެއްހެން…ވޯކް އެތިކްސް ހިފެހެއްޓުމަށް ބުނެ ސުޕަވައިޒަރ އެދުވަހު އަހަންނަށް ވަރަށް ނަސޭހަތް ދީފަ ފޮނުވާލީ…އަދި މިކަންތައް ތަކުރާރުވާނަމަ ވަޒީފާއިން ވަކި ކުރެވޭނެ ކަމުގެ އިންޒާރުވެސް ދީފައި އޮތީ…ވަރަށް ދެރަވޭ… ވަރަށް އުނދަގޫވެސްވޭ އާކިލް ގާތުގައި މިވާހަކަ ދައްކަން… އެކަމަކު އަހަރެންގެ ވަޒީފާ ވެސް އަހަންނަށް ވަރަށް މުހިންމު… އަހަންނަށް އާކިލާ ކުރިމަތިލާން އުނދަގޫ ވެގެން މިއުޅެނީ އެހެންވެ… އާކިލަށް ދެރައެއް ލިބޭކަށް އަހަރެން ދުވަހަކުވެސް ނޭދެން… އާކިލް ތިއުޅޭ ހާލު އަހަންނަށް ނޭނގެނީކީ ނޫން…އަހަރެންގެ ދުޢާއަކީ އާކިލް އަވަހަށް މިނިވަންވެ ތި ބައްޔަށް އިތުރު ފަރުވާއެއް ލިބޭނެ މަގެއް ތަނަވަސްވުން…އަދި މި ރަހުމަތްތެރިކަމުގެ ގުޅުން އަބަދަށްވެސް ދެމި އޮތުން…އެކަމަކު މިވަގުތާ ހާލަތުގެ ގޮތުން އަހަންނަށް އާކިލާ ދުރަށް ޖެހިލަން އެބަ މަޖުބޫރުވޭ…އަހަރެން އުންމީދުކުރަން އާކިލް އަހަންނަށް ހިތް ބުރަ ނުކުރާނެކަމަށް… އިރާދަކުރެއްވިޔާ އަދި މި ނޫން ތަނަކުން އަހަރެމެން ދިމާވެސް ވާނެ…އެ ދުވަހަކަށް އަހަރެން މިހުރީ އިންތިޒާރުގަ…“ މާހިން ވަރަށް އަސަރާއި އެކުގައި ބުނެލިއެވެ.

މާހިންގެ އެ ބަސްތަކުން އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ.ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނު ކަހަލަ އިހުސާސެއް އަހަންނަށް ކުރެވިގެން ދިޔައެވެ.އެހެނަސް ހިތުގައި ފުނި ޖެހިގެން ދިޔަ ޝަކުވާތައް އަހަރެން ފަރުދާކޮށްލީ މަސްނޫއީ ހިނިތުންވުމަކުންނެވެ.މާހިންގެ އެ ނިންމުމާ މެދު ކިތަންމެ ޝަކުވާ ކުރަން ބޭނުންވި ނަމަވެސް އަހަރެން އިޚުތިޔާރު ކުރީ މާހިންގެ އެ  އުޒުރުތައް ގަބޫލުކުރާށެވެ.އޭނާއަށްޓަކައި އަންޑަސްޓޭޑިން ރަހުމަތްތެރިއަކަށް ވާށެވެ.

މާހިނަކީ އާއިލާއެއްގައި ހުރި ހަމައެކަނި ފިރިހެން ކުއްޖާއެވެ.ބަލި މަންމައަކާ ކިޔަވާ އުމުރުގެ އަންހެން ކޮއްކޮއެއްގެ ބެލެހެއްޓުންތެރިޔާއެވެ.ބޯ ހިޔާކޮށްލާނޭ ތަންކޮޅެއް އޮތަސް ދެން ހުރި ހުރިހާ ޚަރަދެެއް ކުރަން ހަމަ ހުރީ އޭނާއެވެ.މި ޒަމާނުގައި ރަނގަޅު ވަޒީފާގަނޑެއް އަތު ޖައްސަން އުޅުމަކީވެސް ޖަވާހިރެއް ހޯދަން އަތްފުނާ އެޅުން ކަހަލަ ކަމެކެވެ.އެހެންނޫނަސް އަހަންނާ ހެދި މާހިންގެ ވަޒީފާ ގެއްލި އޭނާގެ ދިރިއުޅުމަށް ބުރޫއަރާކަށް އަހަރެން ދުވަހެއްގެ ކޮޅުންވެސް ނޭދެމެވެ.

”އިޓްސް އޯކޭ މާހިން…އަހަންނަށް އަންޑަސްޓޭންޑްވޭ… ބްރޯ…އޯކޭވާނެ…“ ހިތި ގޮތަކަށް ހިނިތުންވެލަމުން އަހަރެން ބުނެލީމެވެ.މާހިން ވަރަށް ދެރަވެފައި އަހަރެންގެ މޫނަށް ބަލައިލިއެވެ.ހަމަ ހަގީގަތުގައިވެސް އޭނާ ހުރީ ވަރަށް ދެރަވެފައިކަން އެ ދެލޯ ހެކި ދެއެވެ.

”އަހަންނަަށް މާފުކުރާތި އާކިލް… އަހަރެން އެއްގޮތަކަށްވެސް ކަންތައް ކުރަން ބޭނުންވި ގޮތެއް ނޫން މީ…“ މާހިން މޮޅިވެރި އަޑަކުން ބުނެލިއެވެ.

”ހުރިހާ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށޭ ބުނެއެއްނު…“ އަހަރެން ބުނެލީމެވެ.

މާހިން ފުން ނޭވާއެއް ދޫކޮށްލިއެވެ.އޭގެން ނަގަންވީ މާނައެއް ނޭނގިފައި އިނދެ މާޔޫސްކަމާއި އެކުގައި އަހަންނަށް އިސްޖަހާލެވުނެވެ.ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފަހައްޓަން އަހަރެން ކުރަން ޖެހުނީ ހިމޭން ހަނގުރާމައެކެވެ.އަހަރެންގެ ހަގީގީ އިހުސާސްތައް ފާޅުވެ މާހިންގެ ކުރިމަތީގައި ފަޟީހަތްވާކަށްވެސް އަހަރެންގެ ހިތެއް ނޭދުނެވެ.

”މިއަދަށްފަހު އާކިލްގެ ހޮސްޕިޓަލް ވިޒިޓްތަކަށް ދެން އެކޮމްޕެނީ ކުރާނީ އެހެން އޮފިސަރެއް.ސުޕަވައިޒަރ އަހަރެން އެހެން ޑިއުޓީއަކަށް ބަދަލުކޮށްފި…މިހަފްތާ ނިމެންދެން އަހަރެން މި ޑިއުޓީގައި ބަހައްޓާފައި މިހުރީވެސް….ދެން ނޭނގެ އެހެންވީމަ ބައްދަލުވާނެކަމެއްވެސް…“ މާހިންގެ އަޑު ކުރެހުނެވެ.އެ އަޑުގައި ފަސްޖެހުމާއި މޮޅިވެރިކަމުގެ އަސަރު އިންތިހާއަށް އެކުލެވުނެވެ.

މާހިންގެ ދުލުން ބޭރުވި އެ ބަސްތައް އިވިފައި އަހަރެންގެ ހިތް ގެނބިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ.އަހަންނަށް މަޑު އާހެއް ބޭރުކޮށްލެވުނެވެ.ކަރު އެލުވައިލެވުނެވެ.ހިތަށް އެރިއެވެ.މީ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟ޝަފްކާގެ ރޭޕް ކޭސްގެ ޚަބަރު އަހަންނަށް ރަނގަޅަށް ޕްރޮސެސް ނުކުރެވިގެން އުޅެނިކޮށް މިހާރު އެ ލިބުނީ މާހިންވެސް އަހަންނާ ފެއަށް ޖެހެން ޖެހުނު ކަމުގެ ނުބައި ޚަބަރެވެ.ތަގުދީރު އަހަންނާ މިކުރަނީ ކޮން ކަހަލަ ސަމާސާއެއް ހެއްޔެވެ؟ އެހުރިހާ ކަމަކަށް ކެތްކުރެވޭނެހާ ހިތްވަރު އަހަރެންގެ އެބަހުރިބާވައެވެ؟

މާހިނާއި ވަކިވާންވެސް މިއަދު އަހަންނަށް މަޖުބޫރުވީއެވެ.ކޮންމެ ދުވަހަކު ދިމާނުވިޔަސް އޭނާއާ ދިމާވެ ވާހަކަ ހިއްސާ ކުރެވުނު ކޮންމެ ދުވަހަކީ އަހަރެންގެ ހިތާމަތަކަށް ލުއި ލިއްބައިދިން ދުވަސްތަކެކެވެ.އެކަނިވެރިކަން އިހުސާސް ކުރެވުނުލެއް ބޮޑުތަނުން ކުޑަވި ދުވަސްތަކެކެވެ.އެހެނަސް މާތްކަލާނގެއަށް ވަކީލުކޮށްލުން ފިޔަވާ މިއަދު އަހަންނަށް ކުރެވޭނޭ ކަމެއް ނެތެވެ.

މާހިން ނެތުމުގެ ފަޅުކަން އަހަންނަށް އަދި ބޮޑަށް އިހުސާސް ކުރެވުނީ އަހަރެން ޑައިލިސިސްއަށް ގެންދަން އަލަށް އަންނަން ފެށި އޮފިސަރުގެ ހަރުކަށިކަމުންނެވެ.  ފޮނި، ބޮޑާ ގޮތެއް އޭނާގެ ހުރެއެވެ.ވާހަކަ ދައްކާއިރުވެސް ވަށް ބަހުން ޖެހުމާއި އަނެކާ ދަށްކޮށްލުމުގެ ނުބައި ސިފަ އޭނާގެ ކަށީގައި ހިފާފައިވެއެވެ.

މިހާރު އޭގެ ފަހުން ދެ ހަފްތާ ފާއިތުވެ ހިނގައްޖެއެވެ.މަޑު މަޑުން އަހަރެންވެސް އެ ހުސްކަމަށް ހޭނެމުން ދިޔައެވެ.އެހެނަސް އަދިވެސް މާހިނާ ދިމާވެ ވާހަކަ ދައްކާލެވޭނެ ނަމައޭ ހިތަށް ނާރާ ދުވަހެއް އަހަންނަކަށް ނުދެއެވެ.ޝާމިންގެވެސް ޚަބަރެއް ނުވާތީ އަހަންނަށް ހުރެވެނީ ނުތަނަވަސްވެފައެވެ.ޝަފްކާގެ ހާލު ބަލާލަންވެސް އަހަރެން ހާދަ ބޭނުމެވެ.އެ ސޫރަ ދުށުމަށް އަދި ވަކިން ހިތް އެދެއެވެ.އެހެނަސް ހިތް އެދޭހާ ހުރިހާ ކަންކަމަކީ އެއަށް ހަގީގީ ކުލަ ގެނެވޭނޭ ކަން ކަމެއް ނޫނެވެ.އެ ނޫންނަމަ މިތާ މި ހާލުގައި އަހަންނެއްވެސް ނުހުރީހެވެ.

ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމުމަށްފަހު ގައިދީންނަށް ޚާއްސަކޮށްގެން ބާއްވާ އިންމޭޓް ކްރިއޭޓިވިޓީ ފެއަރ ބާއްވާނެ ވަކި ތާރީޚެއް ކަނޑައެޅިކަން އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ބޭއްވި މީޓިންގައި  އެންގިއެވެ.އަދި ބައިވެރިވާން ބޭނުންވާ ގައިދީންނަށް އަދިވެސް ފުރުސަތު އޮތްކަން ހަނދާން ކޮށްދިނެވެ.ބައިވެރިވުމަށް ހިތްވަރު ދީ ބާރު އެޅިވެސްމެއެވެ.މޮޅީގެ ސާލު އޮޅައިގެން އަހަރެންވެސް އެ މީޓިންގައި އިނީމެވެ.އޮފިސަރ ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހާފައި ކުއްލިއަކަށް ބޮލަށް ވަތް މޮޅު ޚިޔާލަކުން އަހަރެންގެ ތަބީއަތު މުޅިން ބަދަލުވެގެން ދިޔައެވެ.

ވޮކޭޝަނަލް ޓްރެއިނިންގ ހެދިއިރު އަހަރެން ވަރަށް ބައިވަރު އެއްޗެހި ފަހަން ދަސްކުރީމެވެ.ބެޑު ޝީޓާއި ބާލީހު އުރައެވެ.ފަޓުލޫނާ ގަމީހެވެ.އަންހެން ކުދިންގެ ހެދުންވެސް މެއެވެ.ވަރަށް ރީއްޗަށް ޓޯޓު ބޭގު ފަހަންވެސް އަހަންނަށް މިހާރު އެނގޭނެއެވެ.ކުރެހުމުގެ ހުނަރުވެސް އަހަރެންގެ އެބަހުއްޓެވެ.އެކްރިލިކް ޕެއިންޓާއި ފެބްރިކް ޕެއިންޓަކީ އަހަންނަށް ފެން ފަދަ އެއްޗެކެވެ.އެކި ސައިޒުން ޓޯޓު ބޭގު ފަހާފައި އޭގައި އެކި ކަހަލަ ކުރެހުންތައް ކުރަހާފައި އެ ފެއަރގައި އަހަރެންގެ ހުނަރުވެސް ދައްކާލެވިދާނެއެވެ.އެ ފެއަރއަކީ އާންމުންނަށް ހުޅުވާލާ ފެއަރއެކެވެ.އާންމުންނަށް އެ ތަކެތި ގަތުމުގެ ފުރުސަތުވެސް އޮންނާނެއެވެ.އަނެއްކާ ބައިވެރިވެ އައިޓަމެއް ހުށައަޅާނަމަ އޮފިސަރުންގެ ބެލުމުގެ ދަށުގައި ތިބެ އެތަނަށް ހާޒިރުވުމުގެ ފުރުސަތުވެސް އޭރުން އަހަންނަށް ލިބޭނެއެވެ.މި ދަނޑިވަޅުގައި ފެއަރ ބާއްވަން އުޅޭކަން އެއީ ހަމަ ނަސީބޭ އަހަރެންގެ ހިތަށް އެރިއެވެ.ފެއަރ ބާއްވަން ވަކި ތާރީހެއް ކަނޑައެޅުމުގެ މާ ކުރިންވެސް ވަރަށް ގިނަ ގައިދީން އައީ އެކަމަށް ދުރާލާ ތައްޔާރުވަމުންނެވެ.އޭރު ބައިވެރިވާ ޚިޔާލެއް ނުކުރި ނަމަވެސް މިހާރު އެ ފެއަރއަކީ ޝަފްކާގެ ލޯބިވެތި ސޫރަ ދެކިލުމަށް އަހަންނަށް ލިބިގެން ދާނެ ރަނުގެ ފުރުސަތެއްކަން ވިސްނުނު ހިނދު އުފަލުން ގޮސް އަހަރެންގެ ދެ ލޮލުން ކަރުނަ ހިލުނެވެ.

ފެއަރގައި ބައިވެރިވެ ވަރަށް ފޯރީގައި އަހަރެން މަސައްކަތް ފަށައިގަތީމެވެ.މިހާރު ފެއަރ ފެށުމަށް ބާކީ އޮތީ އެންމެ ދެ ހަފްތާއެވެ.ބޭނުންވާނޭ ހުރިހާ ސާމާނެއް ޖަލުން އަހަންނަށް ފޯރުކޮށްދިނެވެ.އެތަނުން ދިން ފަހާ ފޮށްޓަށް އަހަރެން ވަރަށް ފަރިތައެވެ.ހަދަން ނޭނގޭ ގޮތެއް ޖަހަން ނޭނގޭ ފައްޗެއް ނެތެވެ.ދަބަސްތައް ކަނޑައި، ފެހެމުގެ މަސައްކަތް އަހަރެން ފެށްޓީ ދަބަހުގެ ބޭރު ފަރުމާކުރާނެ ގޮތުގެ ޑިޒައިނާއި ކުރެހުންތައް ކުރީބައިގައި ފާސްކޮށްފައެވެ.ނޯޓު ފޮތެއްގައި ރަފްކޮށް ކުރަހާލި ނަމޫނާތަކަށް އަހަންނަށް އިރުކޮޅަކާ ބަލައިލެވެއެވެ.ސަބަބެއް ނެތިއެއް ނޫނެވެ. އަހަރެންގެ މި ދަބަސް ކަލެކްޝަންގެ އިންސްޕިރޭޝަންއަކީ އަހަރެން އެންމެ ލޯބިވާ ފަރާތެވެ.އަހަރެންގެ ޝަފްކާއެވެ.ވީމާ އެ ކުރެހުންތަކަކީ ޝަފްކާ ލޯބިވާ، އޭނާ ގަޔާވާ އެއްޗެހި ރަމްޒުކޮށްދޭ ކުރެހުންތަކަކަށް ހަދަން އަހަރެން ވަރަށް އިސްކަން ދިނީމެވެ.އެއީވެސް އަހަރެންގެ ހިތުގައި ޝަފްކާއަށްޓަކައިވާ ލޯބި ފާޅުކުރެވޭނޭ ގޮތެއް ކަމަށް އަހަރެންގެ ހިތާއި ސިކުނޑިވެސް އެއްބަސްވިއެވެ.

ދެން އޮތީ ޝަފްކާއަށް އެ ފެއަރ އޮންނަކަމާއި އޭގައި އަހަރެންވެސް ބައިވެރިވާ ކަމުގެ ޚަބަރު ދިނުމެވެ.އެކަމަށްޓަކައި މިހާރު އަހަންނަށް މީހެއްގެ އެހީ ވަރަށް ބޭނުންވެއެވެ.ކުރީގައި ވިއްޔާ މާހިން ހުއްޓެވެ.އެހެނަސް މިހާރު އޭނާ ނުފެންނަތާ ވީ ދުވަހެއްވެސް އަހަންނަކަށް ނޭނގެއެވެ.ހޯދަން ކިތަންމެ ބޭނުންވިއަސް އޭނާ ހޯދަން އަހަރެން ދާނީ ވަކި ކިހިނެއް ހެއްޔެވެ؟ކިތަންމެ ބައްދަލު ކުރަން ބޭނުންވިޔަސް އޭނާވެސް އަހަންނާ ބައްދަލު ކުރަން އަންނާނީ ވަކި ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟

ދެން ހުރީ ޝާމިނެވެ.އޭނާވެސް ފަހުން ޚަބަރެއް ނުވެއެވެ.ކިތަންމެ ޕުރެޝަރެއް ކުރިޔަސް ކޯޓުންވެސް ކުރިން ނިންމާފައި އޮތް މައްސަލައެއް އަލުން ނަގަން ދުވަސް ނަގާނެކަން އަހަންނަށްވެސް ވިސްނެއެވެ.އެހެނަސް ޝާމިންގެ އެއްވެސް ޚަބަރެއް ނުވާތީ އަހަރެން ހުރީ އޭނާއާއި މެދުވެސް ވިސްނަންވީ ގޮތެއް ޔަގީން ނުވެފައެވެ.ޝަފްކާގެ ގާތް މީހެއް ކަމަށް ބުނީތީ އިތުބާރުކުރަންވެސް ބޭނުންވެއެވެ.އެހެނަސް އަހަރެން މިހާލަތަށް ގެނައީ ވެސް ހަމަ ކަނުކަން މަތީ ހުރެ އަހަރެން މީހަކަށް ކުރި އިތުބާރެވެ.

ފެއަރއަށް ތައްޔާރުވަމުން ޑައިލިސިސް ހަދަން ދާން ޖެހޭތީ އަހަންނަށް ވަރަށް އުނދަގޫވިއެވެ.މަސައްކަތް މެދު ކަނޑާލަން ޖެހޭތީއެވެ.އެހެނަސް ދިރިހުރުމަށްޓަކައި އެކަންވެސް ކުރާން އަހަންނަށް މަޖުބޫރެވެ. ވިއްސަކަށް ޓޯޓު ބޭގު ފަހާ ނިމުނުއިރު އޭގައި ކުރަހާ ޑިޒައިން އެޅުމުގެ މަސައްކަތް އަދި އަތް ނުލައި ކުރިއަށް އޮތީއެވެ.އެއީ އަހަރެން އެންމެ ސަމާލުކަން ދީގެން ކުރަން ޖެހޭނޭ، އެންމެ ވަގުތު ބޭނުންވާނޭ މަސައްކަތެވެ.ވަރަށް ކުޑަ ކުޑަ މިސްޓޭކަކުންވެސް މުޅި އައިޓަމް ފޭލި ވުމުގެ ފުރުސަތު އޮތީމައެވެ.

އާދައިގެ މަތިން އަހަރެން ޑައިލިސިސް ހަދަން ދިޔަ ދުވަހެކެވެ.ހޮސްޕިޓަލުތެރެ ވަރަށް ބާރު ބޮޑެވެ.އެހެން ކަމުން އަހަރެން ހުރީ ވަރަށް އުނދަގޫވެފައެވެ.ހޮސްޕިޓަލު ތެރެއަށް ވަދެގެން ދަމުން އަހަރެން އިސް އުފުލާ ބަލައިވެސް ނުލަމެވެ.މީހުންގެ ސަމާލުކަން ކުޑަކޮށްވެސް އަހަންނަށް އަމާޒުވާން ބޭނުން ނުވާތީއެވެ.އަހަރެމެން ކަހަލަ ގައިދީންނާ ދޭތެރޭ މީހުން ދެކޭ ގޮތް އެ މީހުން ބަލައިލާ ގޮތުން އެކަނިވެސް އެނގޭހާވެއެވެ.

އަހަރެންގެ ދެފަރާތުގައި އޮފިސަރުން ތިބީމާ މީހެއްގެ ގައިގައި ލައިގެންފާނެތީ ވިސްނާކަށް އަހަންނަކަށް ނުޖެހުނެވެ.

ހިސާބަކަށް ދެވުނު ތަނާ ވަރަށް ގާތުން ކަންފަތުގައި ޖެހިލި ދަންނަ އަޑެއް އަހަރެންގެ ސަމާލުކަން އަތުލިއެވެ.އިސް އުފުލާ ބަލައިލަން މަޖުބޫރުކުރުވިއެވެ.އެވަގުތު އަހަރެންގެ ކައިރިން އަޅާފައި، ރޮމުން ދިޔަ ކުޑަ ކުއްޖަކު މަސަލަސް ކުރަމުން ދިޔަ އަންހެންމީހާގެ މޫނު ފެނިފައި އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

“އީދު ހަދިޔާ” އެވާރެއާއި ބާބު 3 ( ނޫރިޔާގެ ޖާދުވީ ރީތިކަން )

Next

ލޯބިން އަރިހުގާ – 6

Next
March 21, 2026

ލޯބިން އަރިހުގާ – 6

Previews
March 20, 2026

“އީދު ހަދިޔާ” އެވާރެއާއި ބާބު 3 ( ނޫރިޔާގެ ޖާދުވީ ރީތިކަން )

6 Comments!

  1. Your fav bab Your fav bab says:
    March 21, 2026 at 2:00 pm

    Vrh reethi mi part vx MA!
    Who tf alhe maahin report kuree?? akil fakeerah anekka hithaama😭😭
    Aakil’s that courage is on another level👏 keep it up! sooner or later you WILL meet the love of your life✨
    I think Thats shafka hen! And bout that child vrh heevey azadh ge hen😭🙊
    When next?
    Lysm💗

    1. Lamtty Lamtty says:
      March 23, 2026 at 2:10 pm

      Thank you Your fav bab!
      Yeah alhe goas baeh dho..Yes aakil ge hiyavreh Hama saabas dheyhaa vey.
      Let’s see alhe eii kon kuhjeh tho. ❤️
      Tc

  2. Anaq says:
    March 21, 2026 at 2:09 pm

    V reethi mibai vx❤️

    1. Lamtty Lamtty says:
      March 23, 2026 at 2:08 pm

      Thank you Anaq ❤️

  3. Sheex says:
    March 21, 2026 at 7:19 pm

    V v reethi MA
    Keep it up lamtty
    Tc

    1. Lamtty Lamtty says:
      March 23, 2026 at 12:13 am

      Thank you Sheex ❤️

Comments are closed.

Next Episodeވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 5)←


All Right Reserved!