ގާތުގާ… 6
ރުހާމް އަހަރެންގެ ގައި މައްޗަށް އެރިއެވެ. އަދި އަހަރެންގެ އިސްތަށިގަނޑުގައި ވަސްބަލައި ލަމުން އަހަރެންގެ ކަނދުރާގައި ބޮސްދޭން ފެށިއެވެ. ގައިގެ އެތަންމިތާ އަތްލާން ފެށިއެވެ. އަހަރެންގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަން އިތުރުވިއެވެ. ރުހާމްގެ ބީހުންތަކުން އަހަރެންނަށް އުނދަގުވާން ފެށިއެވެ. އެކަމަކުވެސް އެއްވެސް އާރެއް ބާރެއް ނެތި އަހަރެންނަށް ޖެހުނީ ރުހާމްގެ ވަކިތަކުގެ ދަށުވެ އޮންނާށެވެ.
***
ގޭތެރެއިން ބަޔަކު އަންނަ ކަމުގެ އަޑުތައް އަހަރެންނަށް އިވެން ފެށިއެވެ. އެއާއިއެކު މަލާގެ އަޑުވެސް އިވުނުހެން އަހަރެންނަށް ހީވިއެވެ. ކުޑަ އިރުކޮޅެއް ތެރޭގައި އިސާހިތަކު ބާރު އަޑު ފައްގަނޑަކާއިއެކު ކޮޓަރީގެ ދޮރު ހުޅުވިގެން ދިއުމާއި، ކޮޓަރިއަށް ވަތް އިސްކޮޅުން ދިގު ބިޔަ ފިރިހެނެއް ރުހާމްގެ އަތުގައި ހިފައި ކޮޅަށް ނަގައި ފާރާއި ދިމާއަށް ރުހާމް ކޮއްޕާލުމާއި، ހަމަ އެމީހާ ރުހާމްގެ މޫނު މަތީގައި ގޮށްމުށުން ޖެހުމާއި މިހުރިހާ ކަމެއްވީ ދާދި އެކުއެކީގައި ސިކުންތުކޮޅެއް ތެރޭގައެވެ. ހަމައެއާއި އެކު އެ ސިކުންތު އަހަރެންގެ ގައިމަތީގައި ކޮންމެވެސް މީހަކު ފޮތިގަނޑެއް އަޅައިދިންކަން ވެސް އަހަރެންނަށް އެނގުނެވެ.
އަހަރެންނަށް ވާނުވާ އެނގުނު އިރު ޖަނާ އަހަރެންގެ މުޅި ގައިގާ ފޮތިގަނޑު އޮޅާލަދީފައި އަހަރެން ކޮއްޅަށް ނަގައިފިއެވެ. ހަމަ އެއާއިއެކު މަލާ އައިސް އަހަރެންގެ ފައިގައި އައްސާފައިވާ ފޮތިގަނޑު ނައްޓާލަ ދީފިއެވެ. އެއާއެކު ޖަނާ ހަލުވިކަމާއިއެކު އަހަރެން ގެންގޮސް ވެއްދީ ފާހާނައަށެވެ. މިވަނީ ކިހިނެތްކަން ނޭނގިފައި ހުއްޓައި ޖަނާ އަހަރެންގެ އަތާއި އަނގަ މަތީގައި އައްސާފައިވާ ފޮތިގަނޑުވެސް ނައްޓާލައި ދީފިއެވެ. އެއާއެކު ގަނެފައި ހުރި ބިރާއި ހިތާމަތަކާއި އެކު ހިމާޔަތެއްގެ އިހުސާސް ވެގެން އަހަރެންނަށް ޖަނާގެ ގައިގާ ބައްދައި ގަނެފައި އިތުރަށް ރޯން ފެށުނެވެ. ޖަނާ އަހަރެން ރޯނެވަރަކަށް ރޯން ދޫކޮށްލައިގެން އަހަރެންގެ ބުރަކަށީގައި ފިރުމާލަ ފިރުމާލަ ހުއްޓެވެ.
” އިޓްސް އޯކޭ…. އިޓްސް އޯކޭ ނައު….ޔޫއާރ ސޭފް ނައު…” ޖަނާ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
އިރުކޮޅަކުން ފާހާނަގެ ދޮރުގައި ޓަކި ޖެހިއަޑު އިވުނެވެ. ޖަނާ އަހަރެންގެ ގައިން ދޫކޮށްލަމުން ކުޑަކުޑަކޮށް ފާހާނައިގެ ދޮރު ހުޅުވައިލިއެވެ. އެކުޑަކުޑަ ހަނި ޖާގައިން އަހަރެންނަށް މަލާއާއި މަލާގެ އަތުގައި އޮތް ހެދުން އަހަރެންނަށް ފެނުނެވެ. މަލާ ދިއްކޮށްލި ހެދުމުގައި ހިފަމުން ޖަނާ ފާހާނައިގެ ދޮރު ލައްޕާލިއެވެ.
އަހަރެން ހެދުންލައި ނިމިގެން މޫނު މަތީގައިވާ ލޭތައް ދޮވެ ސާފު ކޮށްލީމެވެ. އަދި އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށްޓަކައި ފުންކޮށް ދެތިން ފަހަރު ނޭވާ ލީމެވެ. އަހަރެން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލީމެވެ. އަހަރެންގެ ކަނާތް ފަރާތު ކޯކަށިގަނޑު ވަނީ ދުޅަވެ ނޫފައި ގަނެފައެވެ. ތިރީ ތުންފަތުގެ އެއްކައިރި ފަޅައިގެން ގޮސްފައިވެއެވެ. ބޮޑަށް ރިއްސަމުން ދާތީ މޫނު ވަނީ ވަރަށް ބޮޑަށް ރަތްވެފައެވެ.
އަހަރެން ކުޑަކޮށް ހަމައަކަށް އެޅިލުމުން ޖަނާ އަހަރެން ގޮވައިގެން ފާހާނައިން ނިކުތެވެ. އެއާއިއެކު އަހަރެންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ކޮޓަރީގެ އެއްކަނަކަށް ބިއްޖެހިފައި އިން ރުހާމްއެވެ. ހަމައެކަނި ބޮކްސާ ކޮޅުގައި ގޮށްތަށް ނައްޓާލެވިފައިވާ ގަމީހާއިއެކު އިންއިރު އަނގަމަތިންނާއި ނޭފަތުން ކޮންމެވެސް ވަރަކަށް ލޭ އައިސްފައި ހުއްޓެވެ. ރުހާމްގެ ބޯހޭވިފައި ވާއިރު ހާސްވެފައި އިންކަމުގެ ނިޝާން ތަކެއް އެމޫނު މަތިން ފާޅުވެއެވެ. އޭނާއަށްވެސް ވީނުވީއެއް ނޭނގިފައި އިން ކަހަލައެވެ.
ރުހާމްގެ ކައިރީގައި ކޮށްޅަށް، އިސްކޮޅުން ދިގު، ބިޔަ، ވަރުގަދަ ފިރިހެނެއް ހުއްޓެވެ. ބަލާބެލުމަށް ރުހާމްއަށް ވުރެންވެސް އެމީހާ ބިޔަ ކަމަށް ދައްކައެވެ. ކޮޓަރީގެ ދޮރު ކައިރީގައިވެސް ހަމަ އެފަދަ އެހެން އިތުރު މީހެއް ވެސް ހުއްޓެވެ. އެމީހުން ލައިގެން ތިބި އަތްކުރު ކަޅު ޓީޝާޓާއި ޖިންސްގެ ސަބަބުން އެއީ ފުލުހުން ނޫންކަން އަހަރެންނަށް އެނގުނެވެ. ފެންނަ ފެނުމަށް އެއީ ރާއްޖެ ބައެއްހެންވެސް ހިއެއް ނުވެއެވެ. ދެމީހުންގެވެސް ބޯ ތުނިކޮށް ކޮށާލާފައި ވާއިރު ރުހާމްގެ ގާތުގާއި ހުރި މީހާގެ ބުމަ ކައިރީގައި ހުރަހަށް ދިގު ލަކުނެއް ހުއްޓެވެ. އެއީ ކޮންބައެއް ކަމެއް އަހަރެންނަށް ހަމަ އެއްގޮތަކަށްވެސް ނެނގުނެވެ.
ޖަނާ އަހަރެންގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުންނަން އައެވެ. އަހަރެން ހުރީ އަވަސްވީ ގޮތަކުން އެގެއިން ނިކުންނަން ބޭނުންވެފައި ކަމުން ޖަނާއާއި އެއްވެސް ސުވާލެއް ކުރާކަށްވެސް އަހަރެން އެވަގުތު ބޭނުމެއް ނުވިއެވެ. ހަލުވި ހިނގުމުގައި އަހަރެން ޖަނާއާއި އެކު ކޮޓަރިން ނިކުތީމެވެ.
ކޮޓަރިން ނިކުތްތަނާއި އަހަރެންގެ ލޮލުގެ ހިމަކޮޅުން އަހަރެންގެ ވާތްފަރާތުން ތަންކޮޅެއް ދުރުގައި ފެންނަން ހުރި ބެލްކަނި ކޮޅުގައި މީހަކު ހުރިހެން އަހަރެންނަށް ހީވިއެވެ. އެއާއެކު ދަންނަ އަދި ވަރަށް ދަންނަ، ގާތް އިހުސާސް ތަކެއް މުޅި ނަފްސަށް ކުރެވިގެން ދިއައެވެ. ނަމަވެސް އަހަރެން ބަލައިލި އިރު އެތާ އެއްވެސް މީހެއް ނެތެވެ. ލިބިފައި ހުރި ނުތަނަވަސް ކަމާއި ގަނެފައި ހުރި ބިރުގެ ސަބަބުން އަހަރެންނަށް ހީވި ހީވުމެއް ކަމަށް ނިއްމާފައި އަހަރެން އެޕާޓުމަންޓުން ނިކުތީމެވެ. އިމާރާތުން ނިކުތްއިރު އިމާރާތުގެ ކުރިމަތީގައި ޕާކް ކުރެވިފައިވާ ކަޅުކުލައިގެ ވޭން އަހަރެންނަށް ފެނުނެވެ. އެކަމަކު އަހަރެން ހުރީ އެއްވެސް ކަމަކާއި ވިސްނާލެވޭ ކަހަލަ ހާލަތެއްގައެއް ނޫނެވެ.
އެންމެ އަވަހަށް ލިބުނު ޓެކްސީއަށް އަރައިގެން އަހަރެމެން އައީ އަހަރެންގެ ގެއަށެވެ. ގެއަށް އާދެވެންދެންވެސް އަހަރެންވެސް އަދި ޖަނާ ވެސް އެއްވެސް އެއްޗެއް ނުބުނަމެވެ. ހަޤީގަތުގައި ބުނާނެ އެއްޗެއް ދުލަށް ނުވެސް އައީއެވެ. ކަންކަން ވެގެން ދިއައީ އެއްވެސް މީހެއް ހީކުރި ގޮތަށް ނޫންވީމައެވެ.
ނަސީބަކުން މަންމައަށް ނުފެނި އަހަރެމެންނަށް ކޮޓަރިއަށް ވަދެވުނެވެ. މަންމައަށް ފެނުނުނަމަ އަހަރެން ހުރި ހާލަތު ފެނުމުން މަންމަ ވަރަށް ސުވާލު ކުރީހެވެ. ވާނީވެސް އެހެންނެވެ.
އަހަރެން އެނދުގައި ބައިންދާފައި ޖަނާ ކޮޓަރިން ނިކުތެވެ. އަދި އިރުކޮޅަކުން އައީ އައިސް ޕެކެއް ހިފައިންނެވެ. ޖަނާއައިސް އަހަރެންގެ މޫނުގައި އައިސް ޕެކް ޖައްސައިދޭން ފެށިއެވެ. މަޑުމަޑުން ރިހުން ލުއި ވާކަމުގެ އިހުސާސް އަހަރެންނަށް ކުރެވެން ފެށުނެވެ. ކުޑަ އިރުކޮޅެއް ފަހުން އަހަރެންނަށް ވަރަށް ބޮޑަށް ހަމައަކަށް އެޅިލެވުނެވެ.
” އެއީ ކޮންބައެއް…..؟” މާގިނައިން ރޮވުމުގެ ސަބަބުން ކުރަކިވެފައިވާ އަޑާއި އެކުވެސް އަހަރެން ޖަނާގާތު އަހައިލީމެވެ.
“ނޭނގެ….” ކުޑައިރުކޮޅަކު އިސްދަށަށް ޖަހައިން އިނުމަށް ފަހު ފުންނޭވައެއް ލަމުން ޖަނާ ބުނެލިއެވެ. އެ މޫނު މަތިން އެއްވެސް އަސަރެއް ފާޅު ނުވާތީ އަހަރެންނަކަށް ވިސްނަންވީ ގޮތެއް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ ޖަނާ އެހެދީ މުޅިއަކުން ތެދެއް ނޫންކަމެވެ. ޖަނާ ކޮންމެވެސް ކަމެއް ސިއްރު ކުރާހެން އަހަރެންނަށް ހީވިއެވެ.
އިތުރަކަށް އަހަރެނަނަކަށް ޖަނާ ގާތު އަހަންވީ ކީކޭ ކަމެއް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ މިއަދު އަހަރެން މި ސަލާމަތްވީ އެމީހުންގެ ސަބަބުން ކަމެވެ.
އިރު އޮއްސިފައި ހުރުމުންނާއި ބޮލުގައި ވަރަށް ބޮޑަށް ރިއްސާތީ އަހަރެން އެނދުގައި އޮށޯވެލީ ކުޑަކޮށް އަރާމު ކޮށްލުމަށެވެ. އިސާހިތަކު އަހަރެންގެ ލޮލަށް ނިދި އަންނަން ފެށިއެވެ. އެހެން އޮއްވައި އަހަރެންނަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Vrh salhi ❤️
🫰🏻❤️