” ސިއްތި ” ހަށިގަނޑު ސީދާކޮށްލަމުން މަޑުމައިތިރި ކަމާއެކު އޭނާ ހުރަސްކޮށްދިޔަ ސިއްތިއަށް ދޮންއާދަނު ގޮވާލިއެވެ.
” ހާދަ ހެނދުނަކާ ހޭލައިގެން ”
” ރޭގަ ނިދުމަކާ ނުވި، ރާޅުތަކުގެ އަޑު ރޭގަ ވަކިން ގަދަ ” މަޑު މަޑުން ސިއްތިވެސް ބުނެލިއެވެ. ” އެއީ އަބަދުވެސް އާދަ ” މަޑު ހުނުމަކާއެކު ދޮންއާދަނު ބުނެލިއެވެ. ” އަހަރުމެންނަށް ވުރެ ގިނައިން ރާޅުތަކުގެ މައްލަވައިގެ އަޑު އިވޭނީވެސް ހަމަ ސިއްތިއަށް ” އެ އަޑަށް ސިއްތި ހީލިއެވެ. އެހެނަސް އެއްވެސް ދިރުމެއް ނުވާ ހިނިތުންވުމެކެވެ. އެ ރީތި ދެލޮލާ ހަމައަށް އެ ހިނިތުންވުމުގެ އަސަރު ނުފޯރިއެވެ. އެތަން ފެނި ދޮންއާދަނުގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. ހަމަހިމޭންކަން އެ ދެމެދަށް ވެރިވެގެން ދިޔައެވެ. އިވެމުން ދިޔައީ ބީއްސަމުން ދިޔަ ރާޅުތަކުގެ އަޑު އެކަންޏެވެ.
” ދޮންއާދަނު ” ހިމޭންކަމުގެ ސުކޫތަކަށްފަހު ސިއްތީގެ އަޑު އިވިލިއެވެ. އެހެނަސް ސިއްރެއް ފަދައިންނެވެ. ދޮންއާދަނާ ހަމައަށްއަށް ވެސް އެއަޑު ފޯރީ ކިރިޔަކިރިޔާއެވެ.
” ދުވަހަކުވެސް އިހްސާސް ނުވޭތަ އަހަރުމެންނަށް ދޭ ވަރަށް ވުރެ ގިނައިން އަހަރުމެންގެ އަތުން އެ ރާޅުތައް ކަނޑުގެ އެންމެ ފުނަށް އެއްޗެހި ގެންދާކަން ” ސިއްތި ބުނެލި ވާހަކައިން ދޮން އާދަނު އެ މޫނަށް ބަލާލިއެވެ. ތި ބުނި އެއްޗެއް ފަހުމެއްނުވިއޭ އެ ނަޒަރުން ބުނާފަދައެވެ.
” އަދި ނޭނގުނު ..” އެއްވެސް ވަރަކަށް ފަހުމުނުވީ ފަދައިން ދޮންއާދަނު ބުނެލިއެވެ.
” ކަނޑުން މަސް ރޯދިކުރައްވާ.. އެ ރިޒްގުން އަހަރުމެން ކައިބޮއެ ހަދައި އާމްދަނީ ހޯދައިގެން ދިރިއުޅުން އާރާސްތުކުރަން މަސައްކަތް ކުރަން..” ރާޅުތަކުގެ ތެރެއަށް ނަޒަރު ދޫކޮށްލަިއގެން ހުރެ ސިއްތި ބުނެލިއެވެ. ” އެކަމަކު އަހަރެންގެ ބައްޕަ އާއި މަންމަގެ އުފާވެރިކަން އަދި ދޮންއާދަނުގެ ކޮއްކޮ ވެސް ގެއްލި އޮބާލީ ހަމަ އެ ރާޅުތަކުގެ ތެރެއަށް. ބައެއްފަހަރު އަހަރެން ހިތަށް އަރާ މި ރާޅުތަކުން އަހަރެމެންނަށް ފޯރުކޮށްދިނީ މިހާރު ދިރިއުޅުމުގައި މިވާ ހަމަހިމޭންކަމާއި އެކަނިވެރިކަމޭ..”
ސިއްތީގެ ވާހަކައަށް ވަގުތުން ދޮންއާދަނަށް ޖަވާބެއް ނުދެވުނެވެ. ހުރިހާކަމެއް ގެއްލިދިޔައީ ނޫންކަމާއި ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ހެވެއް ވާނޭ ދޮންއާދަނު ބުނަން ބޭނުންވިއެވެ. އެހެނަސް ހިތުގައި އޮންނަ ވާހަކަ ދުލާ ހަމައަށް ގެނައުން އެއީ ފަސޭހަކަމެއް ކަމުގައި ދޮންއާދަނަށް ނުވެއެވެ. ” ހިތުގައިޖެހުނު ނަމަވެސް އެ ހަނދާންތަކަކީ މިއަދު އަހަރުމެން ދިރިއުޅުމައިގެން ކުރިއަށް ދާން ލިބޭ ހިތްވަރެއް” ހަމައެކަނި މިވަރަށް ބުނެ ދޮންއާދަނު ފުއްދާލިއެވެ. އެއާއެކު ސިއްތި އޭނާގެ ނަޒަރު ދޮންއާދަނަށް އަމާޒުކޮށްލިއެވެ. އެހެނަސް ހަމައެހިނދުން ދޮންއާދަނަށް ފުރގަސްދިނުމަށްފަހު ކުރިއަށް ހިނގައިގަންނަމުން ވާހަކަ ދެއްކިއެވެ.
” އަހަރެން ދެން ދަނީ މިހާރު މާރުކޭޓު ހުޅުވަން އުޅޭނެ.”
” ބަލައިގެންދާތި. ރޭގަ ވުހުނު ވާރޭގެ ސަބަބުން މަގުތަކުގައި އޮތީ ޗަކަ ހެދިފަ ” މަސް ހިފާ ދަލަށް ސަމާލުކަން ދޭ ކަމަށް ހެދެމުން ދޮންއާދަނު އިއްވާލިއެެވެ. ޖަވާބު ދިނުމެއްނެތި ސިއްތި ކުރިއަށް ދިޔައެވެ. ފަސްއެނބުރި ބަލާލުމެއްނެތިއެވެ. ސިއްތި ގޮސް އޮބާލަން ދެން ބަލަހައްޓއިގެން ދޮންއާދަނު ހުއްޓެވެ. ވަކި ހިސާބަކުން ރާޅުފަށުން އެރުމަށްފަހު ރުއްގަސްތަކުގެ ތެރެއަށް ގޮސް ސިއްތި އޮބާލުމާއެކު ދޮންއާދަނުގެ ލޯމަތިން ސިއްތި ގެއްލިގެން ދިޔައެވެ. އެއާއެކު އުނދަގު ގޮތަކަށް ލޯމަރާލުމަށްފަހު މޭގައި ދޮންއާދަނު ފިރުމާލިއެވެ. ފާޅުކުރުމެއްނެތި ސިއްތިއަށް އޭނާގެ ހިތުން އެދެވޭތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެނަސް ހިތުގައިވާ ބިރުވެރިކަން ލޯބީގެ މައްޗަށް އަތްގަދަކުރެއެވެ. ފަސްޖެހެވެނީ މިހެންވެއެވެ. ސިއްތި އޭނާ އާ މެދު ދެކޭ ގޮތް ނޭނގޭތީއެވެ.
އިރުގެ ހޫނުން ބިންގަނޑު ފިއްސަމުން ދިޔައެވެ. ރުއްގަސްގަނޑުގެ ތެރެއިން ނުކުމެ ހުސްފައިގައި ސިއްތި ހިނގަމުން ދިޔައީ ރަށުތެރޭގައި ހުރި މާރުކޭޓާ ދިމާލަށެވެ. އެ ހިސާބަށް ފޯރިއިރު ތަނުގައިވާ ހަލަބޮލިކަން ސިއްތިއަށް އަށް ފެނުނެވެ. ތަނުގެ ތެރޭ އަޑުގަދަ ވެފައިވިއެވެ. ތަނުގައި ހިފާލާފައިހުރި ވަޅޯ މަހުގެ ވަސްގަނޑު ސިއްތީގެ ނޭފަތުގެ ހިނދުރީގައި ހަރުލިއެވެ. އެއް މޭޒުން އަނެއް މޭޒަށް ދުވެލަ ދުވެލާ އުޅުނު ކުޑަ ކުދިންގެ ހުނުމުގެ އަޑުވެސް ކަނޑައިގެން ނުދެއެވެ. އެކި މީހުން އެކި މޭޒުތައް ދަށުގައި އެއްޗެހި ވިއްކުމައިގެން އުޅުނެވެ. ތަފާތު ފަލަމަޑީގެ ބާވަތްތައްވެސް ތަނުގައި ހުރީތީ ދުއްޓެވެ. ސިއްތި އާދައިގެ މަތިން އެނާ އިންނަ މޭޒުކައިރިއަށް ގޮސް މަޑުކޮށްލިއެވެ. އަދި ކިހިލީގައި އިން ވަށިގަނޑުގައި ހުރި ވަޅޯމަސްތައް ނަގާ ފަހަރަކު ކިބައެއް ތަރުތީބުން މޭޒުމަތީގައި އަތުރާލިއެވެ. އަދި އެ ވިއްކުމައިގެން އަވަސްވެގަތެވެ.
” އެހީއެއް ބޭނުންތަ ؟ ” މަސައްކަތުގައި މަޝްޢޫލުވެފައިވަނިކޮށް މޭޒުކައިރިން ސިއްތިއަށް އިވިލިއެވެ. އެއާއެކު އިސްއުފުލާލަމުން ސިއްތި އަޑު އައި ދިމާ ބަލާލިއެވެ. އެތަނުގައި ހުރީ އީސާފުޅެވެ. ރަށުކަތީބު އަދި ރަށުގައި ހުރި ހަމައެކަނި ފިހާރަގެ ބޮޑު މީހާ ހަސަނުގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާ ހުރީ ވަރަށް ރީތިވެލާފައެވެ. އަތްދިގު ގަމީހުގެ އަތްކުރި ހުރީ އުޅަނބޮއްޓާ ހިސާބަށް އޮޅާލާފައެވެ. ތިރިން ހުދު ކުލައިގެ މުންޑެއް ލައިފައި ހުރި އިރު އަރައިގެން ހުރީ ފެންފައިވާނަކަށެވެ. ބޮލުގެ އިސްތަށިގަނޑުވެސް ހުރީ ފުނާ އަޅާ އޮމާންކޮށްލާފައެެވެ. މާރުކޭޓުގައި ތިބި އެހެންމީހުންގެ ހާލަތާ ނުބައްދަލެވެ. އެންމެ ދާތިއްކެއްހާ ހިސާބުވެސް އެ މޫނުމަތީގައި ނެތެވެ.
” ނޫނޭ އަހަންނަށްވާނެ” ސިއްތި ބުނެލީ މަޑުންނެވެ. ” އަބަދުވެސް ސިއްތި ބުނަނީ ތިޔަހެން. އެކަމަކު އަހަންނަށް ކޮންމެ ދުވަހަކު ސިއްތި މިތަނުގައި އެކަނިމާއެކަނި ވަރުބަލިކަމާއެކު ވެސް މަސައްކަތް ކުރަން އިންނާތީ ފެނޭ..” ފަސްޖެހުމާއެކު ވެސް އީސާފުޅު އިއްވާލިއެވެ. ” އެއީ އައު ކަމެއް ނޫނެއްނު އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ އަމިއްލައަށް މިވީހާ ދުވަހުވެސް ” ކުޑަ ހިނިތުންވުމެއް ދެމުން ސިއްތި ބުނެލިއެވެ. އެ އަޑުގައި ދުރުކަމެއް ނުވެއެވެ. އިރުކޮޅެއް ވާންދެން ސިއްތި މަސައްކަތުގައި އުޅޭތަން ދެކެން އީސާފުޅު އެތަނުގައި ހުއްޓެވެ. އޭނާގެ އަތުގައި ހުރި ކޮތަޅު އެ މޭޒުމަތީގައި ބަހައްޓާލީ އިރުކޮޅެއް ފަހުންނެވެ.
” ހަނޑޫ ކޮޅު ނުލައި ގެއަށް ގޮސްގެން ނުވާނެ. އަން މީގަ ހިފާ. ފަހުން ރުފިޔާ ދައްކާލިޔަސް އެންމެ ރަނގަޅު.” މާރުކޭޓުން ލިބޭ އާމްދަނީ ހިފައިގެން އެގޭ ފިހާރައަށް ހަނޑޫ ގަންނަން އައުމަކީ ސިއްތި އެތަނަށް އަންނަ ދުވަހެއް ނަމަ އާދައެވެ. ސިއްތި ހަނޑޫ ގަންނަން އަންނަ ފަހަރެއްގައި އިތުރަށް ވެސް އެ ކޮތަޅަށް އީސާފުޅު ހަނޑޫ އަޅައެވެ. އެކަން ސިއްތިއަށް ވެސް އެނގެއެވެ. އެހެނަސް ބުނެފިނަމަ އިތުރަށް އެޅުނުކަން ނޭނގޭކަމަށް އީސާފުޅު ހެދެއެވެ. ސިއްތި މާރުކޭޓަށް ވައިތަން ފެނުމުން އީސާފުޅު އެއައީ ހަނޑޫ ކިިލޯއެއް ފިހާރައިން ހިފައިގެންނެވެ. އެހެނަސް އެއީ ސިއްތި ދުުށުމަށް އެދި އީސާފުޅު ދެއްކި ބަހަނާއެއްކަން ސިއްތިއަށް ރޭކާ ނުލައެވެ.
” އީސާފުޅު ތިއީ ވަރަށް ހެޔޮ އިންސާނެއް. އެހެނަސް ދަރަނި ބޮލުގައި އެޅުމަކީ އަހަރެން އެހާ ގަޔާވާ ކަމެއް ނޫން.” ކުޑަ ހިތްހަމަނުޖެހުމަކާއެކު ސިއްތި ބުނެލިއެވެ. ހަަމައެވަގުތު އީސާފުޅުގެ އަޑު އަނެއްކާ ވެސް އިވިލިއެވެ. ” އެހެންވިއްޔާ މިއީ ހަދިޔާއެއްކަމުގަ ހީކޮށްލާ ”
” ތިޔަހެންވިއްޔާ އަހަރެން މިފަހަރު މީގެ އަގު އަދާކުރާނީ ޝުކުރިއްޔާއަކުން ” އިތުރު ގޮތެއް ނެތްފަދައަކުން ސިއްތި ބުނެލިއެވެ. ހިނިތުންވެލާފައެވެ. އެ ހަނޑޫކޮޅު ނުގެންގޮއްސި ނަމަ މިއަދު ލައިގެން ކާނޭ އެއްޗެއް ގޭގައި ނުހުންނާނެއެވެ. އަދި ވިކުނީ ވެސް އެންމެ ތިން ގަނޑުމަހެވެ. އޭގެ އާމްދަނީއިން ކުރަން މާ މުހިންމު އެހެން ކަންކަން އަދި އެބަހުއްޓެވެ.
” އަގެއްގެ ގޮތުން މިއަދު ތިޔަ ވަށިގަނޑު ސިއްތިގެ ގެއާ ހަމައަށް ގެންގޮސްދިނުމުގެ ފުރުސަތު އަހަންނަށް ދިނުން ކިހިނެއްްވާނެ؟ ” ގިރުވާން ރަނގަޅުކޮށްލަމުން އީސާފުޅު ބުނެލިއެވެ. އެހެނަސް ސިއްތި އަށް ޖަވާބެއް ދެވުމުގެ ކުރިން ހިނިގަނޑަކާއެކު ބާރު ފިރިހެންވަންތަ އަޑެއް މާރުކޭޓުގެ ތެރެ ހިސޯރުކޮށްލިއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
