Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ދޮންސިއްތި – 01

FatimaNaashiaa Level 1
March 6, 2026 2 Mins Read
0 Comments

އިރު އޭގެ ވާޖިބު އަދާކުރުމައިގެން ފެނުން މައްޗަށް ތޮޅިލިއެވެ. ރަން ދޯދީގެ އަލިން ކަނޑުގެ ސަތަހަ ހުޅުދާންކުރަމުންނެވެ. ގޮނޑު ދަށަށް ބީއްސާލާ ރާޅުތަކުގެ ވިދުން ގަދަވެފައިވިއެވެ. ރޭ ވެހުނު ވާރޭގެ އަސަރު ފަނޑުކޮށްލަން ސިކުންތުކޮޅެއް ވެސް ނުނެގިއެވެ. ހާލުގެ ފުރަތަމަ ގޮވާލުމާއެކު އިރުއެރިކަން އިއުލާންކޮށްލިއެވެ. އެހެނަސް އެކަހެރި ދޮންމާދޫއަށް އިރުއެރީ ދެންމެއަކު ނޫންކަން ހާމަވާހާވެއެވެ. މަސައްކަތްތެރިންގެ އަޑުން ކޮވެލީގެ ހިތްގައިމު ފަތިހުލަވައިގެ އަޑުވެސް ފަނޑުކޮށްލާފައިވިއެވެ. މަސްވެރިންގެ އަޑުން ގޮނޑުދަށަށް ބީއްސަމުން ދިޔަ ރާޅުތަކުގެ ހިތްގައިމު އަޑު ވަނީ ފަރުދާވެފައެވެ. ފަރުވަސްގަނޑުގެ އިތުރުން ލޮނުވަހުން މާހައުލު ވަނީ ބަނދެވިފައެވެ.

ގޮނޑުދަށާއި މާދުރުނޫން ހިސާބެއްގައިހުރި ޖިފުޓިގަނޑުން ނުކުމެ ސިއްތި ހަށިފުރާނޭވާއެއްލިއެވެ. އޭނާގެ ފަހަތުން ލެއްޕުނު ޖިފުޓީގެ ދޮރުން މުރުމުރު އަޑެއްކިޔާލިއެވެ. އަހަރުތަކެއްގެ ބޭނުންކުރުމުން ވަރުބަލިވެއްޖޭ ބުނާ ފަދައެވެ. ޖިފުޓީގެ ފުރާޅުމަތި ހިކިފަތުން ބަރާވެފައިވިއެވެ. ތެޅިގަލުން ރާނާފައިވި ފާރުތަކުގައި ބައު ގަނޑުގަނޑު ހެދިފައި ހުއްޓެވެ. އާދޭހަށް އެދި ޖިފުޓީގެ ކޮންމެ ހިސާބެއް ރޯފަދައެވެ. މަރާމާތުކުރުމަށް އެދިއެވެ. އެހެނަސް ޖިފުޓިން ބޭރަށް ނުކުން ސިއްތީގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. ފަނުން ވިޔެފައިވި ވަށިގަނޑެއް އޭނާގެ ކިހިއްޔަށް ޖަހާލާފައިވިއެވެ.

ކުރިއަށް ހިނގައިގަތުމާއެކު އިރުގެއަލިން އެ ދޮންމޫނުމަތި ރަތްވެލިއެވެ. އާޝޯޙުކުރުވާފަދަ އެރީތިކަމުން ފާޅުވެލީ ދިރިއުޅުމުން ގެއްލިފައިވި މުއްސަނދިކަމެވެ. ބައްޓަންރީތި ބަނިޔާދަން ހަށިގަނޑެކެވެ. ދިގު ބޯ އެސްފިޔަތަކުގެ ހިޔަލުގައިވާ ބޯކިރުކޮޅެއްފަދަ ސާފުރީތި ލޮލުގެ ތެރެއިން ޖާގަ ހޯދާފައިވާ މަޑުމުށިކުލައިގެ ތޫނު ކަޅިރަވައިގެ ޖާދޫގައި ނުޖެހޭނެ ހިތެއް ނުވާނެކަން ގައިމެވެ. އުނަގަނޑާއި ހަމައިގައި ބޮސްދެމުންދާ ރޭގަނޑެއްފަދަ ކަޅު އިސްތަށިގަނޑުގެ ތެރެއިން ދޮން ވަށް މޫނުކޮޅު ފާޅުވަނީ ސާދަވިލޭރޭގެ ހަނދުފަދައިންނެވެ.  މޫނުމަތީގައިވި ހިތްހެޔޮ ހިނިތުންވުން އެހިތުގެ ބޮޑުކަން ހާމަކުރުވައެވެ. ޖެހެމުން ދިޔަ ވައިރޯޅިތައް މަޑުވެލި ގޮތުން އެ ރީތިކަމަށް ހިތްތިރިކޮށްލިފަދައެވެ. ގޮނޑުދަށަށް ބީއްސަމުންދިޔަ ރާޅުތަކަށް ވެސް ސިއްތީގެ ފިޔަވަޅުގެ އަޑުއިވުންފަދައެވެ. މަޑުވެލީ ކިޔަމަންވި ފަދައަކުންނެވެ.

އެހެނަސް މި ރީތިކަން ދޮންސިއްތިއަށް ފާހަގަނުވެއެވެ. އޭނާގެ އެ ރީތިކަމުގެ ތެރެއިން ސިއްތިއަށް ފެންނަނީ ދިރިއުޅުމައްޓަކައި ކުރާ ހަނގުރާމައިގެ ލަކުނުތަކެވެ. އެކަނިވެރިކަމެވެ. ދިރިއުޅުން އާރާސްތުކުރަން އޭނާކުރާ ބުރަ މަސައްކަތެވެ.

ރާޅު ފަށަށް ފޭބުމަށްފަހު މަޑުމަޑުން ސިއްތި ކުރިއަށް ދިޔައެވެ. ލައިގެން ހުރި ލިބާހުގެ ކަނޑިކި ކުޑަކޮށް ހިއްލާލައިގެން ހުރެއެވެ. އަނެއް އަތުގެ ކިހިއްޔަށް ޖަހާލެވިފައި ހުރި ވަށިގަނޑުގައި ހުރީ ހިއްކާފައި ހުރި މަސްތަކެކެވެ. އެއީ މީގެ ދެދުވަސްކުރިން ސިއްތި ބޭނި މަހެވެ. ކައްކާ ވަޅޯ ކޮށްފައެވެ. މާރުކޭޓަށް ހިއްކި މަސް ވިއްކުމަކީ އާމްދަނީ ހޯދުމަށް ސިއްތިކުރާ މަސައްކަތެކެވެ. މިއަދުވެސް އޭނާ އެދަނީ އެކަމަށެވެ. އިރު މެދަށް ޖެހުމުގެ ކުރިން އެ މަސްތައް ވިކޭތޯއެވެ. ލިބޭ އާމްދަނީއިން މެންދުރަށް ލައިގެން ކާނޭ ހަނޑޫކޮޅުވެސް ގަނެވޭނީ އޭރުންނެވެ. މިއީ ކޮންދުވަހެއްގެ ވެސް އާދައެވެ. ސިއްތީގެ އާއްމު ދިރިއުޅުމެވެ.

ރާޅުފަށުގައި ހުރި ދޮންއާދަނު މޫދަށް އޭނާ އެއްލާފައި އޮތްދާ އެއްގަމަށް އެރުވުމުގެ މަސައްކަތުގައި އުޅުނެވެ. އެ ހަށިގަނޑު ވަރުގަދަ ވެފައި ބުންވަރު ހުއްޓެވެ. ދާހިއްލާ ފޯވެފައި ހުރި ގޮތުން މަސައްކަތުގެ ބުރަކަން ހާމަވެއެވެ. ގަދަ އަވީގައި މަސައްކަތް ކުރުމުގެ ސަބަބުން އޮޅަލި ކުލައިގެ އެ ހަނގަނޑުގެ ކުލަ ވަނީ ބަދަލުވެފައެވެ. ކުއްލިއަކަށް އެއްލިކަޅިއަކުން ރާޅުފަށުން އެ ދިމާލަށް ހިނގާފައި އައި ސިއްތި ދޮންއާދަނުގެ ލޮލުގައި އަޅައިގަތެވެ. ދޮންއާދަނާއި ސިއްތި އުޅެ ބޮޑުވީ އެކީގައެވެ. ކުޑައިރު ގޮނޑުދަށުގައި ކުޅެން އުޅުމަކީ އެ ދެމީހުންގެ އާދައެކެވެ. އެމީހުންނާއެކު ސިއްތިގެ އެންމެ ގާތް އެކުވެރިޔާ ކަތްދަ ވެސް އުޅެއެވެ. ހީ ސަމާސާ ކުރުމުގައެވެ. ގޮނޑުދަށުން ބޮލި ހޮވުމާއި މޫދަށް އޮށް ގާ އުކުމަކީ އެމީހުންގެ އާދައެކެވެ. ކުދި ކިރުކަކުނި ހިފުމަށް އޭގެ ފަހަތުން ދުވެ ދުވެ އެތަށް އިރެއް ވަނދެން ތިބޭނެއެވެ. އެހެނަސް އެއީ މާޒީގެ ފޮނި ހަނދާންތައް ކަމުގައި ވެގެން ގޮއްސިއެވެ. އެއީ އެމީހުންގެ ހަޔާތުން ލައްޕާލެވިފައިވި ސަފްހާއެއް ކަމުގައި ވެގެން ގޮއްސިއެވެ. އެއީ އެދުވަހެވެ. މިއަދު އެ ތިން މީހުންވެސް ފުރާ ފުރިހަމަވެ ޒުވާނުނަށް ވެއްޖެއެވެ. މިއަދު  ހަމަ އެ ސިއްތި އޭނާ އާއި ދިމާލަށް ހިނގާފައި އަންނަތަން ފެނުމުން ދޮންއާދަނުގެ ހިތަށް ވަނީ ތަފާތު ގޮތެކެވެ. ހާލަތު ބަދަލުވީ ހީވެސް ނުކުރާ ފަދައަކުންނެވެ. ހިތުގައި ކުޅެވެނީ ތަފާތު ރާގެކެވެ. އަޑުވީއްލާ ދައްކަން ނޭނގޭނެ ފަދަ އިހުސާސްތަކެކެވެ.

” ސިއްތި ”  ހަށިގަނޑު ސީދާކޮށްލަމުން މަޑުމައިތިރި ކަމާއެކު އޭނާ ހުރަސްކޮށްދިޔަ ސިއްތިއަށް ދޮންއާދަނު ގޮވާލިއެވެ.

( ނުނިމޭ )

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

FatimaNaashiaa

Level 1

Other Articles

Previous

ރާނީއޭ ހިތުގެ މަލާތީ-1

Next

މުޅި ހިތް ބޭޤަރާރު ވެއްޖޭ-18

Next
March 7, 2026

މުޅި ހިތް ބޭޤަރާރު ވެއްޖޭ-18

Previews
March 6, 2026

ރާނީއޭ ހިތުގެ މަލާތީ-1



All Right Reserved!