” އަގެއްގެ ގޮތުން މިއަދު ތިޔަ ވަށިގަނޑު ސިއްތިގެ ގެއާ ހަމައަށް ގެންގޮސްދިނުމުގެ ފުރުސަތު އަހަންނަށް ދިނުން ކިހިނެއްްވާނެ؟ ” ގިރުވާން ރަނގަޅުކޮށްލަމުން އީސާފުޅު ބުނެލިއެވެ. އެހެނަސް ސިއްތި އަށް ޖަވާބެއް ދެވުމުގެ ކުރިން ހިނިގަނޑަކާއެކު ބާރު ފިރިހެންވަންތަ އަޑެއް މާރުކޭޓުގެ ތެރެ ހިސޯރުކޮށްލިއެވެ. ” އަނހާ މުރާލި ސިއްތީ! މިއަދުވެސް ރަނގަޅަށް އިރުނާރަނީސް މަސައްކަތްތައް ނިންމާލީތަ؟ ” ސިއްތިއަށް އެއީ ކަރީމްގެ އަޑުކަން އެ ދިމާ ބަލާނުލި ނަމަވެސް ފާހަގަ ކުރަން އެނގުނެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަރީމް އައިސް އޭނާގެ ކުރިމަތީގައި ހުއްޓުނެވެ. އޭނާގެ އަތުގައި އޮތް ފުރޯއިން އެދަނީ މަސައްކަތުކަން އެނގޭހާވެއެވެ. ކަރީމްގެ ބައްޕައަކީ އޮޑިދޯނިފަހަރު ބަނުމުގެ މަސައކަތް ކުރާމީހެކެވެ. އެހެންކަމުން ބޮޑެތި ގަސްގަސް ކެނޑުމަކީ އާންމުކޮށް އެމީހުންކޮށްއުޅޭ ކަމެކެވެ. ކަރީމް ލައިގެން ހުރި ގަމީހުގެ ގޮތަށް ހުރީ ނާޅުވައެވެ. އޭނާއަކީ އަބަދުވެސް އެހެން އުޅޭ މީހެކެވެ. އެހެނަސް އެއީ އެންމެންނާ ގުޅޭ އެކުވެރި މަޖާ މިޒާޖެއްގެ ޒުވާނެކެވެ. މީހަކު ހެއްވާލުމަކީ ކަރީމްއަށް މާކަ އުނދަގޫ ކަމެއް ނޫނެވެ. ކަރީމް ފެނުމުން ސިއްތިއަށް ވެސް ހީލެވުނީ އޭނާގެ މަޖާ މިޒާޖު ހަނދާންވެފައެވެ.
” ބައެއްފަހަރު އަރާމުވެސްކޮށްލަންވާނެ. ތިކަހަލަ ރީތި ކުދިން ބުރަ މަސައްކަތްތައް ކުރުވަންވާނީ އެހެންމީހުންލައްވާ” ސިއްތި ހުރި މޭޒު ދަށުގައި އިން ގޮނޑީގައި އިށީންނަމުން ކަރީމް ބުނެލިއެވެ. އޭނާގެ އުޅަނބޮށިވެސް މޭޒުގައި އަޅުވާލާ ދަތްދޮޅި އަތުގެތެރެއަށް ދޫކޮށްލިއެވެ. ” އެހެންމީހަކު ލައްވާ އަހަރެންގެ މަސައްކަތް ކުރަން ބަހައްޓައިފި ނަމަ މެންދުރަށްވާއިރުވެސް ހައިހޫނުކަން ނުފިލާނެ” ކަރީމްގެ ވާހަކައިން ކުޑަކޮށް ހީލަމުން ސިއްތި ބުނެލިއެވެ. އަދި ދެފަރާތަށް ބޯހޫރާލިއެވެ. ” އެކަމުވެސް ގެނޭ އަހަރެން އެހީވެދޭނަން” ނުވިކި ހުރި ވަޅޯމަސްތައް އަޅަމުން ދިޔަ ވަށިގަނޑަށް އަތް ފޯރުވާލަމުން ކަރީމް ބުނެލިއެވެ. ” ނޫނޭ ކުރިން ފަހަރުހެން މިފަހަރު ވެސް މީގަ ހުރި މަސްތައް ކަރީމް ވަރާލަފާނެ ” މަޑު ހިނިގަނޑަކާއެކު ވަށިގަނޑު ކަރީމްގެ އަތާ ދުރަށް ޖައްސާލަމުން ސިއްތި ބުނެލިއެވެ. ކުރިން ފަހަރު ވީގޮތް ކަރީމްއަށް ހަނދާންކޮށްދެމުންނެވެ. އެއާއެކު ކަރީމްއަށް ވެސް ބާޜު ހިނިގަނޑެއް ޖަހާލެވުނެވެ.
” ހިނގާ އަހަރެން ސިއްތި ގެއާ ހަމައަށް ގެންގޮސްދޭނަން ” އަވަސް އަވަހަށް ކަރީމް އެދުނެވެ. ” ނޫނޭ އަހަރެންގެ ފިހާޜަ ހުންނާނީ ދާ މަގުމަތީގައި އެހާ ހިސާބަށް މި ހަނޑޫކޮތަޅު ހިފައިގެން އަހަރެން ސިއްތި އާއެކު ގޮސްދާނަން” މިހުރިހާއިރު އެމީހުން ދެއްކި ވާހަކަތައް އަޑުއަހަން ހުރި އީސާފުޅުވެސް ދޫދޭން ބޭނުންނުވެ އަވަސް އަވަހަށް ބުނެލިއެވެ. އެއާއެކު ސިއްތިއަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އަދި ބުނެލިއެވެ. ” ދެމީހުން ވެސް ކުރާނެ މަސައްކަތް އެބަހުރި އެކަމާ ވެގެން އުޅެންދޭ. އަހަރެންގެ ކަންކަން އަހަންނަށް ވާނެ”
އެއާއެކު ވަށިގަނޑުގެ ތެރެއަށް މޭޒުމަތީގައި ހުރި ހަނޑޫ ކޮތަޅުވެސް ލައިގެން ސިއްތި މާރުކޭޓުން ނުކުމެ ހިނގައިގަތެވެ. ކުރިއަށް ދިޔަ ސިއްތިއަށް ބަލަހައްޓައިގެން ކަރީމް އާއި އީސާފުޅު ތިއްބެވެ. އަޑު ނުފޯރާ ފަށަށް ސިއްތި ދިއުމުން ކަރީމް އެއްމިޔަކަނުން ހިނިތުންވެލަމުން އީސާފުޅާ ދިމާލަށް ބަލައިލިއެވެ. ” މިއަދު ގޮނޑުދަށަށް ބޯކޮޅު ނުލާ ދުވަހަކީތަ؟ ” ލާނެތް ރާގެއްގައި ކަރީމް ބުނެލިއެވެ. އެއާއެކު އީސާފުޅު އޭނާގެ ބުމަ ގޮއްޖަހާލިއެވެ.” އަހަރެން މިތާ ހުރެގެން ބޮލަށް އުނދަގުވީތަ؟ ” އެއްމިޔަކަނުން ހިނިތުންވެލަމުން އީސާފުޅުވެސް އިއްވާލިއެވެ. އެއާއެކު ކަރީމް އާދައިގެ މަތިން އޭނާގެ ބާރު ހުނުމުގެ އަޑު އިއްވާލިއެވެ. އެއަޑު ގަދަކަމުން އީސާފުޅު ކަރީމްގެ ކޮނޑުގައި ބޮނޑިއެއް އަޅާލިއެވެ. އަދި އެނބުރި ފިހާރަޔާ ދިމާލަށް ހިނގައިގަތީ ދެފަރާތަށް އޭނާގެ ބޯހޫރާލަމުންނެވެ.
ހަވީރުވެގެން އައިއިރު ރަށުތެރޭގައި ހިފާލާފައިވަނީ އަރާމު ފިނިކަމެކެވެ. ޢަސުރުންދަށްވެ ޖައްވަށް ހަވީރުގެ ފިނިކަން ވެރިވި މި ހިތްގައިމު ވަގުތު ރަށުގެ އިރުމަތީ ފަރާތުގެ ދެކުނުކޮޅު ވަލުގައި ހުސްފައިގައި ނަށަމުން އެދަނީ ދޮންސިއްތިއެވެ. ހަލަބޮލި ދިރިއުޅުމުން އެކަހެރިވެ ހަމަޖެހިލަން ދޮންސިއްތިއަށް އެންމެ ކަމުދަނީ މި ހިތްގައިމު ރަށުގެ ވަލެވެ.
މިއީ ރަށުގައި ނަންހިނގާ ދޫނިދޮންމަދު ވަލެވެ. ގުދުރަތުގެ ފުރިހަމަކަން މިލްކުކޮށްފައިވާ މިރަށުގެ އެންމެ ޙާއްސަ އެއްތަނަވެ. ބުނެވޭ ގޮތުން ދޮންމާދޫގެ ނަމުން ރަށަށް ނަންދެވިފައިވެސް ވަނީ މި ޙާއްސަކަމާއި ގުޅުވާފައެވެ. އެންމެ ތުއްތުއިރުއްސުރެ އަދާ ހަމައަށްވެސް މި ވަލަކީ ދޮންސިއްތި އެންމެ ގަޔާވާ ތަނެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. މި ސިއްތީގެ އަމާ މަރުދުވަހާ ޖެހެންދެން ކޮންމެ ދުވަހެއްގެ ހަވީރު ސިއްތި ގޮވައިގެން މިތަނަށް ދޮންމަދު ބިންނަން އަންނަ ކަމުގައިވެއެވެ. ދޫނިދޮންމަދު ވަލަށް ސިއްތި މިކުރާ ޒިޔާރަތްތަކަކީ ވެސް އަމާގެ ހަނދާނުގައި ކުރާ ޒިޔާރަތްތަކެވެ. ސިއްތި ވަރަށް ޅައިރުގައި މަންމަ އާއި ބައްޕަ ވަނީ ދުނިޔެދޫކޮށް ގޮސްފައެވެ. ބައްޕަގެ ހަނދާން މާބޮޑަކަށް ނުހުރެއެވެ. އެހެނަސް ލޮބުވެތި މަންމާގެ ހަނދާން ހިތުގައި ބިންވަޅު ނެގިފައިވެއެވެ.
ތުނބުން އަޅުވަމުންދިޔަ ރާގާ އެއްވަރަށް ބިމުގައި ފައި ހަމަކުރަމުން ސިއްތި ދިޔައެވެ. އޭނާގެ ވަށައިން ކުދި ކުދި ދޫނިތައް ހިތްގައިމު ރާގެއް ކިޔަމުންދިޔައެވެ. ހީވާގޮތުން ސިއްތިއާއި އެއްބައިވަނީއެވެ. ކަންފަތްދޮށަށް ޖަހާލެވިފައިވާ ފިނިފެންމަލުން އެ ރީތިކަން އިތުރުކުރުވައެވެ. ނެށުމުގެ ތެރޭން ލައްވާލާ ބަނޑިތަކުގެ ތެރެއިން ފާޅުވެލާ ރީތިކަން ބަލަން ހުންނަ މީހަކު އާޝޯޙުކޮށްލާނެކަން ގައިމެވެ.
ބޯގަސްތަކުގެ ތެރެއިން ފުރޭނިގެން އެޅިފައިވި އަލިތަކުގެ ކުލަ ބަދަލުވާންފެށިއެވެ. އެކަން ސަމާލުކަމަށް އައި ސިއްތި އޭނާގެ ހަރަކާތްތައް މަޑުޖައްސާލިއެވެ. އަދި ވަލުން ނުކުތުމަށް ހިނގައިގަތެވެ. ބިނދެފައިވާ ދޮންމަދުތައް އަޅާފައިހުރި ވަށިގަނޑު ކިހިލިޖަހައިލައިގެންނެވެ. ހަނިމަގަކުން ނުކުތް ސިއްތި ހަށިފުރާ ނޭވާއެއްލިއެވެ. ކުރިމަތިން އޮއްސެމުން ދިޔަ އިރުގެ ޗާލުކަމަށް ސިއްތީގެ ނަޒަރުދޫވިއެވެ. ރަންކުލަތަކުން ފެވެމުން ދިޔަ އުޑުމަތީގެ ރީތިކަން އެ ލޮލުތެރޭ ގައިދުކޮށްލިއެވެ. ހިތުގައިފޮރުވާލީ އެއަށްފަހުގައެވެ. އެތަށްއިރެއް ވަންދެން އެމަންޒަރު ދުށުމަށް ގޮނޑުދަށުގައި ސިއްތި އިނެވެ. އެތައް ޙިޔާލެއް އެ ބޮލުތެރޭ އެނބުރެމުން ދިޔައެވެ. ވަށައިގެންވި ހުރިހާ ކަމެއްގެ މައްޗަށް އެ ޙިޔާލުތައް އަތްގަދަކޮށްލިއެވެ. އޮއްސެމުންދިޔަ އިރަށް ބަލަން އިން ނަމަވެސް އެ ޙިޔާލުތައް ވަނީ އެހެން ދުނިޔެއެއްގައެވެ.
” ބީއްސަމުން ދިޔަ ރާޅުތަކަށްވުރެ ތިހިތާއި ސިކުނޑީގެ އަޑު މިއަދު މާގަދަ ” އަންހެންވަންތަ އަޑެއް އޭނާގެ ފުރަގަހުން އިވިލިއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
