”ޝަފް…އަޅެ ކޮންތާކުތަ ތިއުޅެނީ…؟އަހަރެން ވަރަށް ވަރަށް ހަނދާންވޭ….“ އެ ބަސްތައްވީ އަހަރެންގެ ހިތު ތެރޭގައެވެ.އަހަންނަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.އެވަގުތު އަހަރެންގެ ލޮލު ކުރިމައްޗަށް ސިފަވެގެން ދިޔައީ ޝަފްކާގެ ކަރުނުން ފުރިފައިވީ ދެލޮލެވެ.ދިރުން ގެއްލިފައިވީ މޫނެވެ.އެއީ އަހަރެމެން ދެމީހުން އެންމެ ފަހުން ބައްދަލުވީ ދުވަހު ޝަފްކާގެ މޫނު މަތިން ފާޅުވޭވޭ ހުރި އަސަރުތަކެވެ.
އަހަންނަށް އެންމެ ފަހުން ޝަފްކާ ފެނުނީ އަހަރެން ހައްޔަރުކުރުމުގެ ތިން ދުވަސް ކުރިންނެވެ.އޭރު އަހަރެމެންގެ ހުރިހާ މުއާސަލާތީ ގުޅުމެއް އޮތީ ކެނޑިފައެވެ.ނުހާޒަށް އަހަރެމެންގެ ގުޅުން ފަޅާއެރި ހިސާބުން އެ އައި ރުޅީގައި އޭނާ ޝަފްކާގެ ފޯނާއި ލެޕްޓޮޕުވެސް އަތުލައި ގޭ ބަންދުކޮށްލީއެވެ.އެމީހުންގެ މައިންބަފައިންނަކީ ނުހާޒުގެ މައްޗަށް ބަސް ކިޔައި އުޅޭ ބައެއް ނޫންކަމުން އެމީހުންނަކަށް އެއީ މާ ބޮޑު ކަމަކަށް ނުވިއެވެ.
ފަހުން ވެސް އަހަރެން ނުހާޒާއި ވާހަކަ ދެއްކޭތޯ ވަރަށް މަސައްކަތް ކުރީމެވެ.އެހެނަސް އަހަރެން ދެއްކި އެއްވެސް ވާހަކައެއް އަޑު އަހާކަށް އޭނާ ބޭނުމެއް ނުވިއެވެ.އަހަރެން ތަކުރާރުކޮށް ޝަފްކާ ދެކެ ލޯބިވާ ވާހަކަ އޭނާ ގާތުގައި ބުނީމެވެ.އެކަމަކު އޭނާ އޭގެ ޖަވާބު ދިނީ އަތް ފައިންނެވެ.އަހަރެންވެސް އޭނާ ފަށައިގަތީމާ ވަކި ދުލެއް ނުކުރަމެވެ.އަޒަދު އެ ދެމެދަށް ވަދެ އަހަރެމެން ދެމީހުން ނުހުއްޓުވިނަމަ ނުހާޒު އަހަރެން ދިރި ހުއްޓާ ދުލެއް ނުކުރީސް ކަންނޭނގެއެވެ.އެހާވެސް އޭނާގެ ރުޅިގަނޑު ހުރީ ގަދަވެފައެވެ.
މިހާރު އަހަރެން ޖަލަށް ލީ ފަހުން އަހަރެއް ފާއިތުވެ ދިޔައީއެވެ.އަދިވެސް އަހަންނަކަށް ޝަފްކާގެ އެެެއްވެސް ޚަބަރެއް ނުލިބެއެވެ.ނުވިތާކަށް އަހަރެން އެންމެ ގާތްކޮށް އުޅުނު ދެމީހުންގެވެސް އެއްވެސް ޚަބަރެއް ނުވެއެވެ.ނުހާޒު އަހަރެން ދެކެ އައިސްފައި ހުރި ރުޅިން ގުޅުން ކަނޑާލީ ކަންނޭނގެއެވެ.އެކަމަކު ކުޑަމިނުން އަޒަދު އަހަރެން ކޮބައިތޯ ބަލައި ނުލީތީ އަހަރެންގެ ހިތަށް ވަރަށް އުނދަގޫވިއެވެ.ބުރޯސް ފޯރ ލައިފޭ ކިޔައިގެން އުޅުނުއިރު ދުވަހަކުވެސް އެ ގުޅުން ނުކެނޑޭނޭ އަހަރެން ހީކުރީމެވެ.
އަނެއްކާވެސް އަހަރެންގެ ޚިޔާލުގެ އޮއިވަރު މާޒީއާއި ދިމާލަށް މިސްރާބު ޖެހިއެވެ.ފަހަރަކު ހަނދާނެއް އައިސް ކަޅާއި ހުދުގެ މަންޒަރުތަކެއްހެން އަހަރެންގެ ލޮލު ކުރިމައްޗަށް ސިފަވާން ފެށިއެވެ.
ވިއްސާރަ ދުއްޕާން ރެއެކެވެ.ވިދާ ގުގުރައެވެ.އެހެނަސް އެރޭވެސް އަހަރެން ނުހާޒުމެން ގެއަށް ދިޔައީމެވެ.ކަމެއް ޖެހިގެންނޭ ކިޔާފައި އެރޭ އަޒަދެއް ނާދެއެވެ.އިރުކޮޅަކު އަހަރެންނާއި އެކު ސިޓިން ރޫމުގައި އިނދެފައި ނުހާޒުވެސް ބޮލެއްގައި ރިއްސާތީ ޖައްސާލާށޭ ކިޔާފައި ކޮޓަރިއަށް ވަންނަން ދިޔައެވެ.އޭނާ ދަމުން ލަސް ނުކޮށް ގެއަށް ދިޔުމަށް އަހަރެންގެ ގާތުގައި ބުންޏެވެ.އޭރު އެތާ ޝަފްކާވެސް އިނެވެ.ނުހާޒު އެހެން އެބުނީ އެހެންވެގެންކަން އަހަންނަށް އެނގުނެވެ.އަހަރެން ހުރިއްޔާ ޝަފްކާވެސް އެތެރެއަކަށް ނުވަންނާނެއެވެ.އެކަން ނުހާޒު ދަނެއެވެ. ޝަފްކާއާއި އެކުގައި އެކަހެރިކޮށް ތިބުމަކީ ނުހާޒު އެއްގޮތަކަށްވެސް ގަޔާވާ ކަމެއް ނޫނެވެ.ޝަފްކާއަކީ އޭނާ ދަންނަ، ދެކެ ފަރިތަ މީހުންގެ ތެރޭގައި އުޅޭއިރު ވަރަށް އަނގަތަޅާ ކުއްޖެކެވެ.ކޮންމެފަދަ އެއްޗެއްވެސް އޭނާ އިނދެފައި ބުނެލަފާނެއެވެ.އެހެންނޫނަސް އަންހެން ކުދިންނޭ ކިޔައިގެން އަހަރެމެން ދައްކައި އުޅޭ ފާޑު ފާޑުގެ ވާހަކަތައް ނުހާޒަށްވެސް އިވިފައި ހުންނާތީ އޭނާއަށް އެގޮތް ކަމުނުދަނީއެވެ.
ނުހާޒު ކޮޓަރިއަށް ވަތްއިރުވެސް މުޅިއަކުން ހަމައެއް ނޫނެވެ.ބޮލުގައި ރިއްސާ ވާހަކަ ބުނުމުން ޝަފްކާއަށް ޝައްކުވިހެނެއް އަހަންނަކަށް ހިއެއް ނުވެއެވެ.
”ޝަފް….ގުޑްނައިޓް..“ ހިތާ ދެކޮޅަށް އަހަރެން ގެއަށް ދާން ތެދުވަމުން ބުނެލީމެވެ.
”އޭ…ހަމަ ދަނީތަ ތި…؟އަޅެ ހާދަ ވިއްސާރައޭ…މިގަޑީ ނޭނގެ ޓެކްސީއެއްވެސް އަތުޖެހޭނެކަމެއް…ދެން މި ވާރޭގަނޑުގަ ދާނެ ކަމެއް ނެތް އާކި.މަޑުކުރޭ…ޝަފް ގެސްޓް ރޫމް ރެޑީކޮށްލަދޭނަން…“ ޝަފްކާ އެދުނެވެ.އަހަރެން ވަގުތުން ދެކޮޅު ހެދީމެވެ.ނުހާޒު ހިތްހަމަ ނުޖެހޭނެވަރު އެނގޭތީއެވެ.އެހެނަސް ޝަފްކާ ހަމަ ހިލާ ކުރެއް ނުކުރިއެވެ.
”އަޅެ އެވަރު ކަމެއްތަ އެއީ…؟ދޮންބެއަށް ވެސް އެނގޭނެ ހަމަ އެވަރަށް ވާރޭ ވެހޭކަން އެބަ މިރޭ…މަގުތައް އެ އޮތީ ފެނު އަޑީގަ…އާކިމެން ގެ ކައިރީކީވެސް ނޫން…މާދަން ހެނދުނު ދެވިދާނެއެއްނު…އާކި ތިހާ ދޮންބެ ދެކެ ބިރުން އުޅެންޏާ އަހަރެން ދޮންބެ ނުހޭލަނީސް އާކި ފޮނުވާލަފާނަމޭ…މަންމަމެން ނުބެހޭނެ އެކަހަލަ ކަންތައްތަކާއެއް… ނުލާހިކު ކޫލްވާނެ“
ކުޑަ ކުއްޖެއްހެން ޝަފްކާ އާދޭސްކުރަން ފެށުމުން އަހަންނަށް ނޫނެކޭ ބުނަން އުނދަގޫވިއެވެ.ތެދެކެވެ.ޝަފްކާގެ މައިންބަފައިން އެކަހަލަ ކަންކަމާ ބެހިއެއް ނޫޅެއެވެ.އެއީ ޒަމާނީ މިންގަނޑަށް ފެތިފައިވާ ބައެކެވެ.އެހެނަސް އެކަމާ ނުހާޒު ނުރުހޭނެކަން އަހަންނަށް ކަނޑައެޅިގެން އެނގެއެވެ.އަނެއްކޮޅުން އަހަރެން ހުރީ ވެސް ’ސިކުވާން‘ ފަށައިފައެވެ.ނުހާޒު ދިން ’ޕީސްކޮޅު‘ އޭރު ވެސް އަހަރެން ލައިގެން ހުރި ޖިންސުގެ ޖީބުގައި އޮތެވެ.
”ދޮންބެ ހިތްހަމައެެއް ނުޖެހޭނެ ޝަފް…އެނގެއެއްނު ދޮންބެގެ ގޮތް.. އަނެއްކާ މިހާރު ވަރަށް ލަސްވެސް ވެއްޖެއެއްނު… ޓެކްސީ ލިބޭނެއޭ.އެކަމާ ހާސް ނުވެބަލަ“އަހަރެން ހިތާ ދެކޮޅަށް ބުނެލީމެވެ.
”އޯ ކަމޯން އަޅެ އާކި ތީ ހަމަ ޝަފްގެވެސް ކުލޯޒް ފްރެންޑެކޭ…ތީ ދޮންބެގެ ޕަޕެޓެއް ނޫން.ދޮންބެ ބުނާހާ ގޮތަކަށް އުޅޭކަށް…އަޅެ ޝަފް ނޫޅެންވިއްޔާ އާކި ރޮލާ ކާލާކަށް… ވަރަށް ރޫލް ހަދައިގެން ދޯ މި ދޮންބެގަނޑު ރައްޓެހިންވެސް ގެންގުޅެނީ…މައި ގޯޑް…“ ޝަފްކާ ކުދި ކިޔައިލިއެވެ.
”ދެން މަޑުކޮށްބަ…ޕްލީޒް ޝަފް ބުނީތީ…“ ޝަފްކާ އަނެއްކާވެސް ބުނެލިއެވެ.
”އޯކޭ ފައިން “ އެންމެ ފަހުން އަހަރެން ހަތިޔާރު ބެހެއްޓީމެވެ. ޝަފްކާ އޭނާއާއި ޖެހިގެން ސޯފާއިން އަހަންނަށް ތަން ދައްކައިލިއެވެ.އަހަރެން ގޮސް އިށީނީ ދެމެދުގައި ހުސް ތަންކޮޅެއް ބާއްވައިފައެވެ.ޝަފްކާ ގެންގުޅުނު ޕޮޕްކޯން އަޅާފައި ހުރި ތަށްޓެއް އަހަންނަށް ދިއްކޮށްލިއެވެ.
”ހިނގާ ކޮންޖަރިން ބަލަން…“ ޝަފްކާ ބުނެލިއެވެ.
”އައްދޭ…ޝަފް ކޮންއިރަކު ބިރުވެރި ފިލްމު ބަލަން ފެށީ؟ ހާދަ ކުރިއަށް ޖައްސާލައިފިއޭ ދޯ…“ ދިމާކުރާ ކަހަލަ ރާގެއްގައި އަހަރެން ބުނެލީމެވެ.
”އާކި ތިހުރީނުން…އާކި ހުއްޓާ ޝަފް ކީއްކުރަން ބިރުގަންނަންވީ؟“ ލުއި ހީލުމަކާއި އެކުގައި ޝަފްކާ ބުނެލިއެވެ.
”ހަމަ އެހާ އަހަންނަށް އިތުބާރު ކުރަންތަ؟އަހަރެން ހަމަ ޝަފް ބިރުގަންނުވާލަފަ މިތާ އެކަނި ބައިންދާފަ ގޮސްވެސް ދާނެއެއްނު“ އަހަރެން ބުނެލީމެވެ.ޝަފްކާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތައް އަހަރެންގެ ޝައުގުވެރިކަން އިތުރު ކުރުވިއެވެ.
”ޝަފްއަށް އެނގޭވިއްޔާ އާކި އެހެން ނުހަދާނެކަން…“ ޝަފްކާ ވަރަށް ޔަގީންކަމާއި އެކުގައި ބުނެލިއެވެ.އެ އަޑުގައި އެކުލެވިފައިވި ޔަގީންކަން އަހަރެންގެ ހިތަށް ފިނިކަން ގެނުވިއެވެ.
އެރޭ ވެގެންދިޔައީ އަހަރެންގެ ހިތު ތެރޭގައި އެ ހުރިހާ ދުވަހު ފޮރުވައިގެން އުޅުނު އިހުސާސްތައް ބަންޑުން ކޮށްލަން ލިބިގެން ދިޔަ ރަނުގެ ފުރުސަތަކަށެވެ.ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި،ދެމެދު އޮތް ރަހުމަތްތެރިކަން ލޯތްބައް ބަދަލުކޮށްލަން އަހަރެން ނިންމީމެވެ.
”އަހަރެން ޝަފްއާ ސުވާލެއް ކުރަންތަ؟“ އަހަރެން ސުރުޚީ އެޅުމުގެ ގޮތުން ބުނެލީމެވެ.
”ހަމަ ކުރަންވީ…އަމް އޯލް އިއާރޒް“ ޝަފްކާ ނިކަން އަވަހަށް ޓީވީ ނިންވާލާފައި އަހަންނަށް ސަމާލުކަން ދީފިއެވެ.
”މިސާލަކަށް އަހަރެން ކުރާ ސުވާލު ޝަފްއަށް ކަމުނުގޮސްފިއްޔާއޯ؟“ އަހަރެން އަހައިލީމެވެ.
”ދެން އެހެނެއް ނުވާނެއެއްނު. އާކި ވިއްޔަ…އަޅެ ކޮށްބަލަ…އޭރުން ދޯ އެނގޭނީ“ ޝަފްކާ ޝައުގުވެރިވެފައި އިންވަރު އެ ދެލޮލުން ފާޅުވޭވޭ ހުއްޓެވެ.
”އޯކޭ…ޝަފްގެ ބިޓެއް ހުރޭތަ؟“ އަހަރެން ސީދާ ޝަފްކާގެ ދެލޮލަށް ބަލައިލަމުން އަހައިލީމެވެ.ލަދަކާ ހުރެ ތަދެއް ނުފިލާނެތާއެވެ.
”ޝަފް އާނއެކޭ ބުނެފިއްޔާ؟“ ޝަފްކާގެ ތުންފަތް އެއް މިޔަކަނުން ދެމިލިއެވެ.
”އަހަރެން ވަރަށް ދެރަވާނެ“ އަހަރެން ޖަވާބު ދިނީ ކަން އޮތް ގޮތަށެވެ.
”އެހެންވިއްޔާ ޝަފްގެ ބިޓެއް ނެތް…. ސީރިއަސްކޮށްވެސް ނެތް…“ ޝަފްކާ ބުނެލިއެވެ.
”މާނައަކީ؟“ އަހަރެން އެނގެން ބޭނުންވިއެވެ.
”ހަމަ ނޭނގިގެން ތި އަހަނީ؟“ ޖަވާބު ދިނުމުގެ ބަދަލުގައި ޝަފްކާވެސް ކޮށްލީ ސުވާލެކެވެ.
”މައްސަލައެެއް ނެތް… ކުރުކޮށް ފޮނިކޮށް މިބުނަނީ…އަހަންނަށް ޝަފް ވަރަށް ކަމު ގޮސްފި.ވަރަށް ދުވަސް ވެއްޖެ މިވާހަކަ ދައްކަން ބޭނުންވެފައި ހުންނަތާ.އަހަރެން ބޭނުން ތީ އަހަރެންގެ މީހަކަށް ހަދަން.އެކަމަކު…“ ނުހާޒުގެ ބަސްތައް ހިތަށް އައުމުން އަހަރެން ހިސާބަކަށް ފަސް ޖެހުނެވެ.
”އެކަމަކު ކިހިނެއްވީ؟“ ޝަފްކާގެ ނިތައް ކުދި ރޫތައް އަރައިގެން ދިޔައެވެ.
”ޝަފްގެ ދޮންބެ…“ އަހަރެން ބުނެލީމެވެ.
”އަޅެ ޝަފް ރައްޓެހިވާނެ މީހެއް އެނގޭނީ ޝަފްއަށް ދޯ…މިކަހަލަ ކަންތައްތަކާ ދޮންބެއަކަށް ނުބެހެވޭނެ.“ ނުހާޒުގެ ވާހަކަ ބުނުމުން ޝަފްކާ ކުޑަކޮށް ހިތްހަމަ ނުޖެހުުނެވެ.
”ދެން؟“ އަހަރެން އަހައިލީމެވެ.
”އެކްޗުއަލީ… އައި ހޭވް ފީލިންގްސް ފޮރ ޔޫ ޓޫ… ޝަފް ހީކޮށްގެން މިހުންނަނީ އާކިއަަށް އެކަން އެނގޭކަމަށް…އަޅެ އޮބްވިއަސްއެއްވެސް ނޫންތަ؟“ ޝަފްކާގެ ޖަވާބުން އަހަންނަށް އުފަލުން ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ.އަހަރެން ޝަފްކާ ގާތްކޮށްލުމުން އޭނާވެސް އަހަންނަށް އިޖާބަ ދީ އަހަރެންގެ މޭގައި ބޯ އަޅާލިއެވެ.އެ ހޫނު ނޭވާތައް އިހުސާސްވި ހިނދު އަހަރެންގެ އެތެރެ ހަށީގައި ހުޅު ހިފި ކަހަލައެވެ. އެހެނަސް އަހަރެން ކެތްތެރިވީމެވެ.
”ތެދަށް ބުނަންޏާ ދޮންބެ އާކި މިގެއަށް ގެނައުމުގެ މާކުރިން ޝަފްއަށް އާކި ބޭރުތެރެއިން ފެނިފައި ހުރީ…އޭރު ފެނިފައިވެސް ހިތަށް އެރި އާކި ހާދަ ހޭންޑްސަމްއޭ..ހާދަ ހޮޓޭ…ވަރަށް ލައިކްވި…ދޮންބެގެ ފްރެންޑެއްކަން އެނގުނީމަ އާކި ގެއަށް ގެންނާނެ އިރަކަށް ވަަރަށް އިންތިޒާރު ކުރެވުނު…ޝަފްއަށް ދޮންބެގެ ގޮތް އެނގޭވިއްޔާ…އަބަދުވެސް ރައްޓެހިން ގެއަށް ގެންނާނެ…އެކަމަކު އެމީހުންނާ ފްރެންޑް ވެގެނެއް ޝަފް ނޫޅެން… އެމީހުން އައިމަ މިގޮތަށް ނުކުމެއެއްވެސް ނޫޅެން…އެކަމަކު އާކި އައިމަ ޝަފް ބޭނުންވި ކޮންމެހެންވެސް ފްރެންޑްވާން…އަޒޭ ދެން އެއީ ބޯނަސް ފްރެންޑެއް…ހީ އިޒް ކޫލް“ ޝަފްކާގެ އަޑުގައިވަނީ އުފާވެރިކަމެވެ.
”ނަސީބެއްނު ޝަފް އަހަންނަށް ހިތްކީކަން..ހެހެ“ އަަހަރެން ސަމާސާ ރާގެއްގައި ބުނެލީމެވެ.
”އާކިއާ ވާދަ ޖަހާލެވޭ ވަރު މީހެއް ނެތޭ…ޔޫއަރ އަ ޖެމް.“ ޝަފްކާގެ ފޮނި ބަސްތަކުން އަހަރެންގެ ހިތް އުފަލުން ނަށައިލިއެވެ.
އެރޭ ތިން ގަޑި ބައިވާންދެން އަހަރެމެން ތިބީ ސިޓިން ރޫމް ސޯފާގައެވެ.ކުޑަ ހިނދުކޮޅަކަށްވެސް ޝަފްކާ އަހަންނާއި ދުރަށް ޖެހި ނުލައެވެ.އަހަރެންގެ މޭގައި ބޯ އަޅާލައިގެން ވަރަށް ލޯބިކޮށް އޭނާ އޮތެވެ.
”ޝަފް ދެން ނިދަން ދާންވީނުން..ބަލާ ގަޑި…ވަަރަށް ލަސްވެއްޖެ…“ހިތާ ދެކޮޅަށް އަހަރެން ބުނެލީމެވެ.އަހަންނަށް ވެގެންވާނެ ނަމަ އަހަރެން ވަގުތުވެސް ހުއްޓާލީމުހެވެ.
”އަދި ފަސް މިނެޓް“ ޝަފްކާ ކުސްތަޅައިލިއެވެ. އަދި އަހަރެންގެ މޭގައި ކުރިއަށްވުރެވެސް ބޮޑަށް ބޮނޑިވެލިއެވެ.
”ޝަފްގެ ދޮންބެ ނުކުމެދާނެ…މިހާ ކުލޯޒްކޮށް ތިއްބާ ފެނިއްޖެއްޔާ އޭނަ ނޭނގެ އަހަރެން ކަތިނުލާނެކަމެއްވެސް…އަނެއްކާ މަންމަ ނޫނީ ބައްޕައަށްވެސް ފެނިދާނެ.އޭރުން ކިހާ އޯކްވާރޑް ވާނެ“ އަހަރެން ބުނެލީމެވެ.
”އާކި ތިހާ ބިރުން އުޅެންޏާ އަހަރެން ބުނެފާނަމޭ ދޮންބެ ގާތުގަ އަހަރެން އާކިއާ ރައްޓެހިވި ވާހަކަ.އޭރުން އެވީއެއްނު.ޕްލަސް މަމް އެން ޑޭޑް ނުނިކުންނާނެ މިގަޑީގައެއް…އޯލް ދޭ ޑޫ އިޒް ވޯރކް އީޓް ،ސްލީޕް ،ރިޕީޓް… “ ޝަފްކާ ބުނެލިއެވެ.
”ޔާރައްބީ މާތްކަލާކޯ…ނަމަ ނަމަ ނުބުނާތި…ދޮންބެ ވަރަށް އިންޒާރު ދީފަ އޮއްވާ އަހަރެން މިގޮތަށް ކަންތައް މިކުރީވެސް…ބުރޯ ކޯޑު ފުނޑާލައިފަ…ހީ ވިލް ކިލް މީ“ އަހަރެން ބުނެލީމެވެ.
”ކަމޯން ހީ ވިލް ކަމް އެރައުންޑް…“ ޝަފްކާ ބުނެލިއެވެ.
”ޝަފް…ނޯ“ އަހަރެން ވަަރަށް ސާފުކޮށް ދެކޮޅު ހެދީމެވެ.ނަސީބަކުން ޝަފްކާ އޯކޭއޭ ބުނެ ދެކޮނޑު އަރުވާލައިފައި އަނެއްކާވެސް ހަމަ ޖެހިލައިފިއެވެ.
ޝަފްކާއަށް އަހަރެން ދިން ފަސް މިނެޓް ބައި ގަޑިއިރަށް ދިގު ދެމިގެން ދިޔައެވެ.އޭނާ ތެދުވިއިރު އަހަރެންގެ އަތް އައްސިވެގެން ގޮސް އިހުސާސްވެސް ނުވެއެވެ.އެކަމަކު އެހާ ލޯބިކޮށް ހަމަޖެހިލައިގެން އޮތީމާ ބުނަން ބޭނުންވެސް ނުވީއެވެ.
ޝަފްކާ ތެދުވެގެން ގޮސް ގެސްޓް ރޫމް ހުޅުވައި އަހަންނަށްޓަކައި ތައްޔާރުކޮށްލައި ދިނެވެ.އަހަރެން ވަތްއިރު މުޅި ކޮޓަރީގައި އޭސީގެ ފިނިކަމާއި އެކުވެގެން ވެނީލާ ރޫމް ސްޕްރޭގެ މަސްތުކުރުވާފަދަ މީރު ވަސް މުޅި ކޮޓަރިތެރެއަށް ފެތުރިފައިވެއެވެ.އަހަންނަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ.
”އާކި…ޝަފް ހަމަ ދާންވީތަ؟“ ދާހިތް ނުވެފައި ހުރި ކަހަލަގޮތަކަށް ޝަފްކާ އަހައިލިއެވެ.އަހަރެން ނޫނެކޭ ބުނަން ވަރަށް ބޭނުންވިއެވެ.އެހެނަސް އެއަށްވުރެ ބޮޑަށް އެހެންކަމަކަށް އަހަރެންގެ ނަފްސުވަނީ އެދި ގޮވަން ފަށައިފައެވެ.
”ހޫނމް…ޝަފް ދޭ ނިދާލަން ދެން… އަހަރެންވެސް ނިދާލެވޭތޯ ބަލާނަން…“ އަހަރެން ބުނެލީމެވެ.
ޝަފްކާ ކުއްލިއަކަށް އައިސް އަހަރެންގެ މެދު ހަށީގައި ބައްދާލިއެވެ.
”ގުޑް ނައިޓް އާކި…އައި ލަވް ޔޫ…“ ޝަފްކާ އެހުރި ގޮތަށް ހުރެ ބުނެލިއެވެ.އަހަރެންވެސް އޭނާއަށް ހަމަ އެފަދައިން އިޖާބަ ދިނީމެވެ.
ޝަފްކާ ދިޔުމުން އަހަރެން ދޮރު ތަޅުލީމެވެ. ޖިންސުގެ ޖީބުގައި އޮތް ރަބަރު ޕެކްޓް ނަގައިގެން އަހަރެން ދެން ވަނީ ފާޚާނާއަށެވެ.ފަނަރަ ވަރަކަށް މިނެޓް އެތާ ތެރޭގައި ހޭދަކޮށްފައި ނުކުމެ އަހަރެން އެނދު މައްޗަށް ވެއްޓިގަތީ ސިކުނޑިއަށް މަސްތުކަމުގެ އަަސަރު ވެރިވަމުން ދިޔަ ހާލުގައެވެ.
ފަރުދާގެ ފުރަގަހުގައި އަހަރެމެންގެ ލޯބީގެ ގުޅުން ދުވަހަކަށް ވުރެ ދުވަހެއް ބަދަހިވެ ވަރުގަދަ ވަމުން ދިޔައެވެ.ނުހާޒާއި އަޒަދަކަށް ކާށްޓެއްކަން މަހެއްކަންވެސް ނޭނގެއެވެ. އަހަރެމެން ދެމީހުންވެސް ތިބީ އެކަކު އަނެކަކާ ނުލައި ނޫޅެވޭ ދަރަޖައަށް ގޮސްފައެވެ.އެހާތަނަށް ދިޔައިރު އަހަރެމެން ދެމީހުނަށް އޮތީ ފަހަނައަޅައި ދާން ނުޖެހޭ އިންވެސް ފަހަނައަޅައި ދެވިފައެވެ.ގިނަ ރޭ ރޭގެ ފަތިސްދަން އަހަރެން ހޭދަކުރަނީވެސް ޝަފްކާގެ ކޮޓަރީގައި އޭނާގެ އަތު ތެރޭގައެވެ.ލޯބީގެ މަސްތުކަމުގައި އެތައް ރެއަކު ދެ ޖިސްމު ގުޅި ލާމެހުނެވެ.އެތައް ވައުދަކާއި އަހުދުތަކެއް ވެވުނެވެ.
ޝަފްކާ އޮންނަނީ އަހަންނަށް އެ އެޕާޓްމަންޓްގެ ތަޅުދަނޑިއެއް ދީފައެވެ.ރޭގަނޑު ނުހާޒު ގޭގައި އުޅޭނެ ވަގުތުތަކާއި ނޫޅޭނެ ވަގުތުތައް ޝަފްކާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.އެހެނަސް ނުހާޒަށް އަހަރެން ވަގުތު ނުދިނުމަކީވެސް އޭނާއަށް ޝައްކުވެދާނެ ސަބަބެއް ކަމަށް އަހަރެން ޝަފްކާއަށް ވިސްނައިދިނީމެވެ.
ދެން އަހަރެން ހަދަން ފެށި ގޮތަކީ ނުހާޒުމެނާއެކީ ބޭރުގައި އުޅޭ ރޭ ރޭ ގެއަށޭ ކިޔައި ކޮންމެވެސް ބަހާނާއެއް ދައްކާފައި އަވަހަށް ޝަފްކާ ގާތަށް ދާން ފެށީއެވެ.އަނެއްކާ ފަތިސް ދަމަކީ އާންމުކޮށް ނުހާޒުވެސް މަސްތުގެ ހާލަތުގައި ބިއް ޖެހިފައި އޮންނަ ގަޑިއެކެވެ.އެވަގުތުގައި ނުހާޒަށް ޝަފްކާއައި ދޭތެރޭ ވިސްނޭހާ ހޭވެރިކަމެއް ނުވާނެކަން އަހަންނަށް އެނގެއެވެ.އޭނާއަކީ އަހަންނަށްވުރެ މާ ގަދަޔަށް ޖައްސާ މީހެކެވެ.
ޝަފްކާގެ ގާތަށް ދާ ގިނަ ރޭ ރޭ އަހަރެންވެސް ހުންނަނީ މަސްތުގެ ހާލަތުގައެވެ.ކިތަންމެ ސިއްރު ކުރަން އުޅުނު ނަމަވެސް އެހާތަނަށް ދިޔައިރު ޝަފްކާއަށްވެސް އޮތީ އެކަން ފަޅާއަރައިފައެވެ.ދެން އިތުރަށް ފޮރުވުމުގެ ބޭނުމެއް ނެތްކަން ވިސްނުމުން އަހަރެން އޭނައަށް ތެދަށް ކިޔައިދިނީއެވެ.އެކަމާ ވަރަށް ދެރަވެގެން އޭނާ ރުޔެވެ.އެހެނަސް ރުޅި އިސްކޮށް އެންމެ ބަހެއްވެސް ނުބުނެއެެވެ.
ފިނި ފިނި މެންދަމެކެވެ.ކެރި ކަނޑައިގެން ނުދެއެވެ.އެއްވާމެއްގައި ވެހިލަ ވެހިލަ އޮތް ވާރޭގެ އަޑު އަހަންނަށް އިވެމުންދިޔައީ ނާނާއެއް ފަދައިންނެވެ.އެހެނަސް އަހަރެންގެ ހިތަށް ހަމަ ޖެހުމެއް ނުލިބުނެވެ.ދެލޮލަކު ނިދީގެ އަސަރެއް ނެތެވެ.ހިތް އެދި ގޮވަމުން ދިޔައީ މަސްތުކަމަށެވެ.އެޔާ ނުލައި ނިދުމަކީ އަހަންނަށް ވާނޭކަމެއް ނޫނެވެ.
އަހަރެންގެ އަތުތެރޭގައި ފުން ނިންޖަކަށް ގެނބިފައި ޝަފްކާ އޮތެވެ.މަޑު މަޑުން ޝަފްކާ ދުރުކޮށްލާފައި އަހަރެން ތެދުވީމެވެ.އަހަރެންގެ ހިތުގެ އެދުން ފުރިހަމަ ކުރުމަށްޓަކައެވެ.އެހެނަސް ޝަފްކާ އަހަރެންގެ ނަމުން ގޮވައިލި އަޑު އިވިފައި އަހަރެން ކުރިއަށް ނަގަ ނަގާ ހުރި ފިޔަވަޅުތައް ގަނޑުވިއެވެ.
”އާކި…ކޮންތާކަށް ތި ދަނީ؟“ އަހަންނަށް ފުރަގަސްދީގެން އޮވެ ޝަފްކާ މަޑު މަޑުން އަހައިލިއެވެ.
”ޝަފް…ނުނިދަންތަ؟“ އޭނާ ހޭލާ އޮތްކަމެއް އަހަންނަކަށް ނޭނގެއެވެ.ޝަފްކާ އިތުރަށް އެއްޗެކޭ ނުބުނެ އޮންނަން ފެށުމުން އުނދަގޫ ވެގެން އަހަރެން ގޮސް އޭނާގެ ކޮނޑުގައި ހިފައި، މަޑުމަޑުން މަގަތަށް އަނބުރާލީމެވެ.އޭރު އޭނާގެ ދެލޯ ތެމިފައިވަނީ ހޫނު ކަރުނައިންނެވެ.
”ޝަފް ކިހިނެއްވީ ތި ރޮނީ…؟އަވަހަށް ހުއްޓާލާ…“ އަހަރެން އަތުގެ ނުފުށުން އެ ކަރުނަތައް ފުހެދެމުން ބުނެލީމެވެ.އަނެއްކާވެސް ޝަފްކާ އެސުވާލު ތަކުރާރުކޮށްލިއެވެ.ޖަވާބުދޭން ފަސްޖެހިފައި އަހަންނަށް އިނދެވުނީއެވެ.
”އާކި ޝަފް ދެކެ ހަގީގަތުގައިވެސް ލޯބިވާނަމަ ޝަފްއަށްޓަކައި ތިކަންތައް ހުއްޓަން މަސައްކަތް ކޮށްފާނަންތަ..؟ޕްލީޒް“ ޝަފްކާ ތަންކޮޅެއް އަޑަށް ބާރުލާފައި ބުނެލިއެވެ.
”ޝަފް…ތިވާހަކަ ފަހުން…“ އަހަރެން ބުނަން އުޅުނީމެވެ.
”ނޫން..ހަމަ މިހާރު…މިވަގުތު… ޝަފްއަށް އެނގޭ އާކިއަށް ކެތްނުވެގެންކަން ތިއުޅެނީ…އެކަމަކުވެސް ހެޔޮ.. ޝަފް ބޭނުން އާކި ތިކަމުން ސަލާމަތް ކުރަން.ވަރަށް ކެތްކޮށްފިން އާކިއަށް އަމިއްލައަށް ފެނިގެން ތިކަން ހުއްޓާތޯ“.ޝަފްކާ ތެދުވެ އަހަރެންގެ މޫނުގައި ދެއަތުން ހިފައި އޭނާއާއި ހަތަރުކަޅި ހަމަކުރުވަމުން ބުނެލިއެވެ.
”އާކި ހީކުރީ ޝަފްއަށް ތިކަންތައް ހަމަ އޯކޭވީމައޭތަ މަޑުން މިހުންނަނީ…؟“ ކުރެހިފައިވާ އަޑަކުން ޝަފްކާ އަހައިލިއެވެ.
އަހަރެން ދެފަރާތަށް ބޯ ހޫރާލީމެވެ.އަހަރެންގެ އަނދިރި ފަރާތް ޝަފްކާއަށް އެނގުމަކީ ކުޑަކޮށްވެސް އަހަރެން ބޭނުންވި ގޮތެއް ނޫނެވެ.އެހެނަސް ދެން ކުރެވޭނެ ކަމެއް ނެތެވެ.
”ޝަފްއަށް ކިތަންމެ ވަރަކަށްވެސް ތިކަން ހުއްޓާށޭ ކިއިދާނެ.އެކަމަކު ޝަފްއަށް ގަބޫލުކުރެވިފައި އޮތް ގޮތުގައި ރުޅި އިސްކޮށް އެއްޗެހި ކިޔައިގެން ކަމެއް އިސްލާހުކުރަން އުޅެގެން އެކަމަކަށް ހައްލެއް ނުލިބޭނެ…އެހެންވެ މިހުރިހާ ދުވަހު މަޑުން މިހުރީ.އެކަމަކު އެއްޗެކޭ ނުބުނެ ހުރެގެން ތިކަމަށް އެއްވެސް ހައްލެއް ލިބިދާނެހެނެއް މިހާރު ޝަފްއަކަށް ހިއެއް ނުވޭ…ދުވަހެއް ދުވަހަކަށް އާކި ތިދަނީ ތިއަށް ދެވި ހިފައި ހަލާކުވަމުން…ދުވަސްވީ ވަރަކަށް ތިކަމުން އަރައިގަންނަން އުނދަގޫވެސް ވާނެ..އާކި ދެކެ ޝަފް ވަރަށް ވަރަށް ލޯބިވޭ…ޝަފް ބޭނުން އާކި ތިކަމުން ސަލާމަތްކުރަން… ދޮންބެވެސް…އަޅެ ޕްލީޒް ރިހެބަށް ދާންވީނުން…“ ޝަފްކާ ނޭފަތް ދަމަމުން ބުނެލިއެވެ.
އަހަރެންގެ ހިތަށް ތަދުވިއެވެ.އެެއީ ދުލުން ބުނެލާހާ ކުރަން ފަސޭހަކަމެއް ނަމައޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.އަހަރެން މިވަނީ ހަމަ ރަނގަޅަށްވެސް އެއަށް ދެވި ހިފައިފައެވެ.އެޔާ ނުލައި ލޮލު ފިޔައެއް ނުޖެހޭވަރު ވެފައެވެ.އެހެނަސް ޝަފްކާއަށްޓަކައި އެކަންވެސް ކުރާން އަހަރެން އަޒުމް ކަނޑަ އެޅީމެވެ.
”އަހަރެން ޓްރައި ކުރާނަން…ޕްރޮމިސް…ޝަފް އަހަންނަށް އަދި ވަގުތު ދީ… މިވަގުތު އަހަންނަކަށް ކެތެއް ނުވާނެ… އިޓްސް ކިލިން މީ…އަމް ސޮރީ ލަވް“ ޝަފްކާގެ ކޯތާފަތުގައި ފިރުމާލަމުން އަހަރެން ބުނެލީމެވެ. އެހެނަސް އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ވީ އިތުރެވެ.ހިތަށް އުނދަގޫވި ނަމަވެސް ނޭނގޭ ބާރަކުން އަހަރެންގެ ހަށިގަނޑުގެ އެ އެދުމަށް އިޖާބަދޭން އަހަންނަށް މަޖުބޫރު ކުރަމުން ދިޔަ ކަހަލައެވެ.
ޝަފްކާ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.އެހެނަސް އެ އަތް ފޮޅުވާލާފައި އަހަރެން ނުކުމެގެން ދިޔައީ އޭނާގެ އެ ކަރުނަތަކަށް ކަނު ލޮލެއް ދީފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.






Omg this is soooo good
I love this part too
Alhey aaki huttaaba shaf ahtakaa dhw
When next??
Thank you Raajiha ❤️
Happy you like this part too
Soon in sha Allah 💝
Hey lamtty darlsss…
So happy to see you back with another wonderful story!!!!😊
Love it!! It’s gonna top my favs kanne..🙊
Well nuhaaz is too much! shaf konmme meehaka rattehi viyas it’s clearly NONE of his danm business dhw?
Anyways waiting for next?
Lyssm💗
V reethi. 😍
Thank you Anaq ❤️
Thank you girl ❤️
Yeah nuhaaz is very overprotective.
Insha Allah soon.
Stay tuned inge