Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 1)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
March 5, 2026 7 Mins Read
8 Comments

މެންދުރުގެ ވަގުތެވެ.ދެމުން ދިޔަ ގަދަ އަވީގެ ސަބަބުން މުޅި ދުނިޔެމައްޗަށް ވަނީ ދިލަ ހޫނުކަމެއް ވެރިވެފައެވެ.ގަހަކުން ފަތެއްހާ ހިސާބުވެސް ހެލިލާތަން ނުފެނެއެވެ.މުޅި ތަނަށް ވެރިވެފައިވާ އުދާސްކަމުގެ ސަބަބުން ދާހިލިފައި ހުރިއިރުވެސް އެކަމުން އުނދަގުލެއް އިހުސާސް ކުރެވޭވަރަށްވުރެ އަހަރެންގެ ސިކުނޑިވަނީ ހާސްވެފައެވެ.ޚިޔާލުތަކުން ފުނި ޖެހިފައެވެ.ދިރުމެއްނެތް ބުދެއްހެން އެއް ދިމާލަކަށް ބަލަހައްޓައިގެން އިނދެވުނީ ކިހާ އިރެއް ވާންދެންކަމެއްވެސް އަހަންނަކަށް ނޭނގެއެެވެ.

އަހަރެންގެ އެ ޚިޔާލީ ދުނިޔެ ފުނޑުފުނޑުވީ މީހަކު އަހަރެންގެ ނަމުން ގޮވައިލި އަޑަށެވެ.އަަހަރެން އިސް އުފުލާ ބަލައިލި އިރު އަހަރެންގެ ކުރިމަތީގައި ހުރީ މާހިނެވެ.އާދައިގެ މަތިން އޭނާގެ މޫނުމަތިން ފާޅުވަމުން  ދިޔައީ ސީރިޔަސްކަމެވެ.ނިތަށް ރޫ ގިނަކޮށްލައިގެން އޭނާ ހުރި ގޮތުން ކަމަކާ ގަޔާ ނުވެފައި ހުރިހެންވެސް ހީވިއެވެ.ނަމަވެސް އޭނާ ފެނުމުން އަހަންނަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ.ބަރާބަރު ގަޑިއަށް މާހިން އަންނާނެކަން ކަނޑައެޅިގެން އެނގޭއިރުވެސް އަހަންނަށް އޭނާ އަންނާނެ އިރަކަށް އިންތިޒާރު ކުރެވެއެވެ.

މާހިނަކީ މިއަދު އަހަރެންގެ ދިރިއުޅުމުގެ ގިނަ ސިއްރުތަކެއް ދަންނަ، އަހަަންނަށް ހެޔޮއެދޭ، އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެ ކަންނޭނގެއެވެ.އެހެނަސް އަހަރެމެންގެ މި ރަޙުމަތްތެރިކަމާއިމެދު މުޅި ދުނިޔެވެސް ދެކޭނީ ވަރަށް ދެކޮޅުވެރި ނަޒަރަކުންކަން އަހަންނަށް ގަބޫލު ކުރެވެއެވެ.ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ.

އަހަންނަކީ ތޭވީސް އަހަރުގެ ޒުވާނަކީމެވެ.ޒުވާންކަމުގެ ޖޯޝާއި ފޯރީގައި ދިރިއުޅުން އާރާސްތުކުރަންވީ ދުވަހު އަހަރެން މިވަނީ ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ހައްޔަރުވެފައެވެ.

އަހަރެން ކުރި ކުށަކީތޯއެވެ.އަހަރެން ހައްޔަރުކުރެވިފައި މިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ.ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އަހަރެން އުޅޭ ކޮޓަރި ބަލާ ފާސްކުރުމުގައި އެތަނުން ފުލުހުންނަށް މަސްތުވާތަކެތި ފެނުނީއެވެ.އެ ހިސާބުން އެ ބޭނުންކޮށް އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތު އަހަރެންގެ ބޮލުގައި އެޅުނެވެ.އެހެނަސް އަހަންނަކީ ދުވަހަކުވެސް އަހަރެން އުޅޭ ކޮޓަރީގައި މަސްތުވާތަކެތި ގެންގުޅުނު މީހެއް ނޫނެވެ.މުޅިންވެސް އަހަރެން ބޭނުންކޮށް އުޅުނީ ނުހާޒު ނޫނީ އަޒަދު ދޭ އެއްޗެއްސެވެ.އެ އެއްޗެހި ރައްކާކޮށްފައި ހުންނަނީ އެ ދެމީހުންގެ އަތުގައެވެ.އެހެނަސް އެ ދުވަހު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަހަރެންގެ ކޮޓަރިން ފުލުހުން ހޯދި ހޯދުމުން ވަރަށް ބޮޑު ގޯހެއް އުޅޭކަން އަހަންނަށް ޔަގީންވިއެވެ.ފުރަތަމަވެސް އަހަންނަށް ތުހުމަތު ކުރެވުނީ ނުހާޒަށެވެ.ސަބަބަކީ އެކަމެއް ހިނގިއިރު އޭނާ އާއި އަހަންނާއި ދެމެދުގައި ވަަރަށް ބޮޑު މައްސަލައެއް ޖެހިފައި އޮތީމައެވެ.

އަހަރެން ޝަފްކާއާއި ރައްޓެހިވެގެން އުޅޭކަން ނުހާޒަށް ފަޅާއެރީއެވެ. އޭނާ ވަރަށް ރުޅިއައިސްގެން އަހަރެންގެ ގައިގައި ތަޅައިގަންނަން އައެވެ.އަޒަދު ދެމެދަށް ވަދެ ނުހާޒު ނުހުއްޓުވިނަމަ އޭނާ އެ ދުވަހު އަހަރެން ދުލެއް ނުކުރީހެވެ.

މަސްތުވާތަކެތި ރައްކާކޮށްގެން ނުގެންގުޅުނަސް ބޭނުން ނުކުރަމެކޭ ބުނެވޭކަށް އަހަންނަކަށް ނެތެވެ.ފުލުހުން އަހަރެންގެ ކުޑަކަމުދާތަކެތި ޓެސްޓް ކުރި އިރު އަހަރެން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިއެވެ.

އަނެއްކޮޅުން އަހަންނާއި އެއްކޮޅަށް ވަކާލާތުކުރާނޭ ވަކީލަކު ހަމަ ޖެއްސޭނެ ފަދަ ފޯރުންތެރިކަމެއް އަހަރެންގެ ނެތެވެ.އާއިލާގަައި އެވަރު ކޮށްދޭނޭ މީހަކުވެސް ނެތެވެ.އެހެންކަމުން ލިބިފައި ހުރީ ހެކީގެ މައްޗަށް ރިއާޔަތްކޮށް އަހަރެންގެ މައްޗަށް ކުށް ސާބިތުވީ ކަމަށް ނިންމާ، އުމުރު ދުވަހަށް އަހަރެން މިވަނީ ޖަލަށް ލެވިފައެވެ.

މިއަދު އަހަރެންގެ ސިއްޙަތަށްވެސް މިވަނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ވަރަށް ބޮޑަށް ބަލިވެގެން ޑޮކްޓަރަށް ދެއްކި ދެއްކުމުން އެނގުނީ އަހަރެންގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާ ކަމެވެ. ހަފްތާއަކު ތިން ފަހަރު ޑައިލިސިސް ހެދުމަށް އަހަންނަށް މަޖުބޫރުވިއެވެ.ގަވާޢިދުން ޑޮކްޓަރަށް ދައްކަން ޖެހުނެވެ.ހޮސްޕިޓަލުގައި ހޭދަ ކުރަންޖެހޭ ވަގުތުތައް ގިނަވިއެވެ.އެހެން ނަމަވެސް އެކަންވީ އަހަންނަށް މާހިނާއި ގާތްކަން އުފެދެން މެދުވެރިވީ މައިގަނޑު ސަބަބަށެވެ.

މާހިނަކީ އަހަރެންގެ ޑޮކްޓަރަށް ދެއްކުމުގެ އެންމެހާ  ކަމަކާއި ހަވާލުވެގެން ހުންނަ ޖަލު އޮފިސަރެވެ.ފުރަތަމަކޮޅު އޭނާވެސް އަހަންނާ ދޭތެރޭ ކަންތައްތައް ކުރީ ހަމަ އެހެން ގައިދީންނާއި ދޭތެރޭވެސް ކަންތައްތައް ކުރާ އުސޫލުންނެވެ.ނަމަވެސް އަހަރެންގެ ބަލި ހާލަތު ބޮޑުވެ،ދެ ކިޑްނީވެސް ފެއިލްވެފައިވާކަން އެނގުނު ހިސާބުން އެނާގެ ހިތް އަހަރެންގެ މައްޗަށް މަޑުވެ، ހަމްދަރުދީ އުފެދުނީއެވެ. މާހިންގެ ބައްޕަވެސް ދުނިޔެ ދޫކޮށް ދިޔައީ ކިޑްނީ ބަލީގައި އެތައް ވޭނެއް ތަހައްމަލް ކޮށްފައި ކަމުން، އެކަމުގައި ހުރި ވޭން އެންމެ ގާތުން ދުށް އެކަކަށް އޭނާ ވީތީއެވެ.

މާހިން އައިސް އަހަރެންގެ ދެއަތް ފުރަގަހަށް ލައި ބިޑި އަޅުވައިގެން ގޮޅިން ނެރުނެވެ.އަހަރެން ގެންގޮސް ޖަލު އުޅަނދަށް އެރުވުމަށްފަހު، ހޮސްޕިޓަލާއި ދިމާލަށް މިސްރާބު ޖެހިއިރުވެސް އޭނާ ބަހަކުން ބަހެއް ނެތެވެ.އާންމު ދިރިއުޅުމުގައިވެސް މާހިނަކީ ބަސްމަދު، މަޑުމައިތިރި މީހެކެވެ.އެހެނަސް އެހެން ދުވަސް ދުވަހަށްވުރެ ބޮޑަށް އޭނާ ނެގިމަޑުވެފައި އިންކަން އަހަންނަށް ފާހަގަ ކުރެވުނެވެ.ނަމަވެސް، އެކަމާއި  ގުޅިގެން ސުވާލެއް ކުރަން އަހަރެން ފަސްޖެހުނެވެ.މާހިން އިސްވެ އެއްޗެކޭ ބުނާނެ އިރަކަށް އަހަރެން އިންތިޒާރުކުރީމެވެ.

މިއީވެސް އާދައިގެ މަތިން އަހަރެން ޑައިލިސިސް ހަދަން ޖެހޭ ދުވަހެކެވެ.ކިތަންމެ ތަކުލީފު ބޮޑުވި ނަމަވެސް ހަފްތާއަކު ތިން ދުވަހު އަހަރެން ކޮންމެހެންވެސް އެކަން ކުރަން މަޖުބޫރެވެ.

”މާހިން…ޝަފްގެ އެއްވެސް..“ އަހަރެން އާންމުކޮށް މާހިނާއި ކުރާ ސުވާލު ތަކުރާރުކޮށްލީމެވެ.އޭނާއަށް ކިރިޔާ އިވޭ ވަރަށެވެ.އެހެނަސް އަހަރެންގެ ޖުމްލަ ފުރިހަމަވެސް ނުވަނީސް މާހިން ދެފަރާތަށް ބޯ ހޫރާލައިފިއެވެ.އެބުނި އެއްޗެއްގެ މާނަ ވިސްނުނު ހިނދު އަހަންނަށް މާޔޫސްކަމާއި އެކުގައި ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

މާހިން ކުރެން އަހަރެން އަހަން އުޅުނީ ފުރާނަ ފަދައިން ލޯބިވާ އަހަރެންގެ ލޯބިވެރިޔާ ޝަފްކާގެ އެއްވެސް ޚަބަރެއް ލިބުނުތޯއެވެ.ޖަލަށް ލީއްސުރެއް އަހަންނަކަށް އޭނާގެ އެއްވެސް ޚަބަރެއް ނުލިބެއެވެ.ވީތަނެެއްވެސް އުޅޭ ހާލެއްވެސް ނޭނގެއެވެ.އޭނާގެ ޙާލު ނޭނގިގެން އެކަމާ ވިސްނާ ވިސްނާވެސް އަހަރެން މިހާރު މޮޔަނުވެ މިހުރީ ހަމަ ކިރިޔާއެވެ.އިސްވެ ޝަފްކާގެ ޚަބަރު ބަލައިދޭނަމޭ ބުނީ މާހިނެވެ.އެހެނަސް އަދި ހަމަ އެއްވެސް ކުރިއެރުމެއް ނުލިބެއެވެ.ބައެއް ފަހަރު އޭނާ ނުބުނަން އުޅެނީއޭވެސް ހީވެއެވެ.އެހެނަސް މާހިން އަހަންނަށް ދޮގު ހަދައިފާނެކަމަކަށް އަހަރެންގެ ޟަމީރު އެއްބަހެއް ނުވެއެވެ.

ޑައިލިސިސް ޔުނިޓް ތެރޭގައި އަހަރެން ހޭދަކުރާ ކޮންމެ ހިނދުކޮޅަކީ އަހަރެންގެ ދިރިއުޅުމުގައި ނިންމިފައި ހުރި މޮޔަ ނިންމުންތަކާއިމެދު ދެރަވެ ފިކުރު ކުރެވޭ ހިތްދަތި ވަގުތުތަކެކެވެ.އަހަރެންގެ މާޒީއާ މެދު އަހަރެން ކުޑަކޮށްވެސް ފަޚުރުވެރިއެއް ނުވަމެވެ.ވޭތުވެ ދިޔަ ތަނުން ކަމެއް ބަދަލު ކުރެވޭނޭ ނަމަ އެތައް ކަމެއް އަހަރެން ބަދަލު ކުރީމުހެވެ.އެހެނަސް މިއަދު މިވަނީ ވަގުތު ފާއިތުވެފައެވެ.

އަހަރެންގެ ޚިޔާލުގެ އޮއިވަރު މާޒީގެ ކަނޑާއި ދިމާލަށް މިސްރާބު ޖެހިއެވެ.ކިތަންމެ ހަނދާނުން ފުހެލަން  ބޭނުންވިޔަސް އެ ކަޅު ހަނދާންތައް އައިސް އަހަރެންގެ ސިކުނޑި ވަށައިލިއެވެ.

އަހަރެން އުޅެ ބޮޑުވީ މައިންބަފައިންގެ ލޯބިން މަހުރޫމު ވެފައިވާ ހާލުގައެވެ.އަހަރެން ވަރަށް ތުއްތުއިރު ކަނޑުމަތީގެ ހާދިސާއެއްގައި މަންމައާއި ބައްޕަ ވަނީ ނިޔާވެފައެވެ.

މަންމަގެ އާއިލާގައި އިތުރު އެކަކުވެސް ނެތުމުން ދެން އަހަރެން ބެލުމުގެ ޒިންމާއާއި ހަވާލުވީ ބައްޕަ ފަރާތު ބޮޑުދައިތައެވެ.އެހެނަސް ވަކި ހިސާބަކުން ބޮޑުދައިތަވެސް އޭނާގެ ހަގީގީ ކުލަވަަރު ދައްކާލިއެވެ.އަހަންނާއި ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައްތައް ކުރަން ފެށިއެވެ.ބޮޑުދައިތަގެ ފިރިމީހާވެސް ހަމަ އެފަދައެވެ.އިތުރު ބޮލަކަށް ޚަރަދު ކުރަން ޖެހުމުން އެމީހާވެސް އަބަދު ހުންނަނީ ރުޅިއައިސް ރަތްވެފައެވެ.ބޮޑުދައިތަގެ ދަރިންވެސް ހަމަ އެވަރަށް އަހަރެންދެކެ ރުޅި އަަަރައެވެ.އަހަންނަށް ހަނގާކޮށް، އަނިޔާކޮށް ހަދައެވެ.ދުވާލަކު އެއްފަހަރުވެސް އަހަންނަށް އެގެއިން ކާން ލިބޭ ދުވަހެއް މަދުވާނެއެވެ. އަހަންނަށް ކާން ލިބޭނީ ވެސް ބޮޑުދައިތައާއި އޭނާގެ ފިރިމީހާއާއި ދަރިން، ކައިފައި ބާކީ ހުރިއްޔާއެވެ.ނުވިތާކަށް އަހަރެން ލައްވާ ނުކުރުވާކަށް މަސައްކަތެއްވެސް އޮންނަނީކީ ނޫނެވެ.ކިޔަވަން ނޫޅެޔޭ،ބޭކާރު ޚަރަދެކޭ ކިޔާ ބަހައްޓާފައި ގުރޭޑު އަށަކާއި ހިސާބުން އަހަރެން ސުކޫލުން ވެސް ކަނޑާލީއެވެ.އެހިސާބުން އެ ލިބުނު މާޔޫސްކަމުގައި އަހަންނަށް ދެން ނުކުމެވުނީ މަގުމައްޗަށެވެ.

”މި އަހަރެމެނަށް ޖެހިފައި އޮތް ބޮޑު ބަލާވެރިކަމެއް…މަގޭ ދަރިންކޮޅުވެސް ހަލާކު ކޮށްފިއޭ…“ އެއީ ބޮޑުދައިތަގެ އަތްމަތީ ޖުމްލައެވެ.

އަބަދު އިވި އިވި ހޭނުނަސް އެ ވިހަ ބަސްތަކަކީ އަހަރެންގެ ހިތުގެ އެންމެ ފުނުގައި ބިންވަޅު ނެގިގެން ދިޔަ ބަސްތަކެކެވެ.އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލުވައިލި ބަސްތަކެކެވެ.އަހަރެން ހަމަ މަގުން ކަސިޔާރުވެގެން ދިޔަ މައިގަނޑު ސަބަބަކީވެސް އެއީއެވެ.

މަގުމަތިން އަހަންނަށް ލިބުނީ ރަނގަޅު ރައްޓެހިންނެއް ނޫނެވެ.އެމީހުންގެ އުޅުން ކިތަންމެހާވެސް ވިޔާނުދާއެވެ.އެކަމަކު އަމިއްލަ އާއިލާވެސް ނުދެކުނުހާ ގާތްކޮށް އެމީހުން އަހަންނާއި މެދު ދުށްޓެވެ.އަހަރެން ބާކީއެއް ނުކުރިއެވެ.ނަތީޖާއަކަށްވީ އަހަރެންގެ ދުވަހުގެ ގިނަ ވަގުތުތައް އެމީހުންނަށް ހުސްކޮށް ލެވުމެވެ.އެކުގައި އެވަގުތުތައް ހޭދަ ކުރެވެން ފެށުމެވެ.

އެމީހުން އަހަރެން ޑުރަގުގެ ދުނިޔެއަށް ތައާރަފްކޮށްދިނެވެ.ދުނިޔެ ’ރަންވުމަކީ‘ ވަރަށް ސަޅި ކަމެއްގެ ގޮތުގައި އަހަރެންގެ ޅަ ސިކުނޑިއަށް ވިސްނައިދިނެވެ.އޭގެ އަޖުމަ ބަލައިލުމުގެ ޝައުގުވެރިކަން އަހަރެންގެ ހިތު ތެރޭގައި އުތުރިގެން ދިޔައެވެ.ރެއަކާވެސް ނުލައި ހުއްޓާ އެންމެ ފަހުން އަހަރެންވެސް އެ މަސްތުގެ ދުނިޔެއަށް ޣަރަގުވެގެން ދިޔައީއެވެ.

ނުހާޒާއި އަޒަދަކީ އެ އެންމެންގެ ތެރެއިންވެސް އަހަންނާއި އެންމެ ގާތްކޮށް އުޅުނު ދެމީހުންނެވެ.ސަބަބަކަށްވީ އުމުރުގެ ގޮތުންވެސް ކައިރިވެފައި، އަހަރެމެން ތިން މީހުންގެ ވިސްނުންވެސް  ދާދި އެއް ގޮތް ކަމުންނެވެ.އެހެންކަމުން ދެމެދުގައިވާ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ބަދަހިވެ ވަރުގަދަވަމުންނެވެ.

އަޒަދުގެ މައިންބަފައިންނަކީ މާލޭގައި ނަން ހިނގާ ވިޔަފާރިވެރިންނެވެ.މާލޭގައި އަމިއްލަ ގެދޮރާއި ގެސްޓު ހައުސްތައް ހުންނަ އިރު، އެމީހުންގެ ތިން ދަރިން ދިރިއުޅެން ގެއިން ވަކި ފަންގިފިލާއެއް ކޮންމެ ކުއްޖަކަށްވެސް ދީފައި އޮވެއެވެ.އެހެންކަމުން އަޒަދުވެސް އުޅެނީ ވަރަށް މިނިވަންކޮށެވެ.އެތަނުގެ އެތެރޭގައި މަސްތުގެ ހާލަތުގައި، އެތައް ވަގުތެއް އޭނާ ހޭދަކުރާއިރު ވެސް އޭނާގެ މައިންބަފައިންނަށް އެމީހުންގެ ލޯބިވާ ދަރިފުޅުގެ އެފަދަ އަނދިރި ފަރާތެއް އޮންނަ ކަމުގެ ހިލަމެއްވެސް ނުވާ ކަހަލައެވެ.ނޫނީ އެނގުނަސް، އެމީހުން އަޅައިވެސް ނުލަނީއެވެ.ނޫނީ އެކަންތައްތައް ފޮރުވަން އަޒަދުވެސް ހަމަ ކުޅަދާނައީއެވެ.

އަޒަދުގެ ހުންނަ ގޮތަކުން އަހަންނަށާއި ނުހާޒަށް އަޒަދުމެންގެ ގެއަށް ދިޔުމުގެ ނަސީބު ލިބެނީ ވަރަށް މަދު ފަހަރަކުއެވެ.އޭނާ ދިރިއުޅޭ ތަނަށް މާ ގިނަ ގިނައިން ރައްޓެހިން ވައްދައި ހެދުމަކީ އަޒަދު މާ ކުރާ ހިތްވާ ކަމަކަށް ނުވެއެވެ.

ދެން ހުރީ ނުހާޒެވެ.އޭނާއަކީވެސް މާލޭގައި ގެދޮރު ހުރި ދެމަފިރިއެއްގެ ދަރިއެކެވެ.މުއްސަނދިކަމުން ލިސްޓުގައި ކިޔާލެވޭ ވަރު ނުވިޔަސް އޭނާގެ އާއިލާއަކީވެސް ހަމަ ވަރަށް ފުދިގެން އުޅޭ އާއިލާއެކެވެ.އެ އާއިލާގައި ހުންނަނީ ނުހާޒުގެ އިތުރުން،އޭނާގެ ނަވާރަ އަހަރަށް ދާ އަންހެން ކޮއްކޮ ޝަފްކާ އެކަންޏެވެ.

ޝަފްކާއަކީ ހިތްތައް ކަތިލާ ފަދަ ޖާދޫވީ ރީތިކަމެއް ލިބިފައިވާ އަންހެން ކުއްޖެކެވެ.އެއީ އަހަރެންގެ މުޅި ހަޔާތުގައިވެސް ދުށް އެންމެ ރީތި،އެންމެ ފުރިހަމަ އަންހެން ކުއްޖާއެވެ.އޭނާގެ ރުއްކުރި ކޮޅެއްހާ އަލި ހަންގަނޑާއި، ދިހުން ކުލަ އަރާ ދިގު، ފަން އިސްތަށިގަނޑަކީ އޭނާގެ ބޭރުފުށުގެ ސިފަތަކުން އަހަރެން އެންމެ އަޅައިގަތް ސިފަތަކެވެ.މައުސޫމު ދެލޮލާއި ދިގު އެސްފިޔަތައް އެ ސޫރައަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.ކުޑަ ކުޑަ ވަށް މޫނުކޮޅަކާއި، ހީލުމުން ކޮލަށް އެޅޭ އަޑިކޮޅެވެ.އެ ކުރު އިސްކޮޅާއި ލޫޅާފަތި ހަށިގަނޑެވެ.އެ އަންހެން ކުއްޖާއަށް ލިބިފައިވަނީ ހައްތަހާވެސް އަހަރެންގެ ހިތް ކިޔާފަދަ ލޯބިވެތި ސިފަތަކެކެވެ.

އެންމެ ފުރަތަމަ އޭނާ ފެނުނު ދުވަހުވެސް އަހަރެންގެ މި ޒުވާން ހިތަށް އެނގުން ވެލިއެވެ.ހިތު ތެރޭގައި ނިދާ ހަރުދަނާ ވެފައިވި ޒުވާން ކަމުގެ މަސްތީ އިހުސާސްތައް ހޭލިއެވެ.އެހެނަސް އެގެއަށް ދިޔުމުގެ މާކުރިން ނުހާޒު އޮތީ އަހަންނާއި އަޒަދުއަށް އޭނާގެ ކޮއްކޮއާއި ގާތްވާން މަސައްކަތް ނުކުރުމަށް ބުނެ ވަރަށް އިންޒާރު ދީފައެވެ.ފުރަތަމަ އަހަންނާއި އަޒަދުވެސް އޭނާގެ އެ ބަސްތަކަށް ޖެހީ ޖޯކެވެ.އެހާ ގާތް އެކުވެރިޔެއްގެ ކޮއްކޮއާއި މެދު އެފަދަ ނަޒަރަކުން ނުދެކޭނަން ކަމުގައި އަހަރެމެން ދެމީހުންވެސް ބުނެލީ ވަރަށް ޔަގީންކަމާ އެކުގައެވެ.އެހެނަސް ހާލަތު ބަދަލުވާކަށް ގިނަ ދުވަހެއް ނުނެގިއެވެ.ޝަފްކާގެ އެކުވެރި މިޒާޖުގެ ސަބަބުން ނުހާޒުގެ އިންޒާރުތައް މަތިން އަހަރެން ހަނދާން ނެތެން ފެށިއެވެ.ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރެންގެ ހިތް ޝަފްކާގެ މައްޗަށް ލެނބި، މޮޔަވާވަރަށް އަހަންނަށް އޭނާދެކެ ލޯބި ވެވިއްޖެއެވެ.

ޝަފްކާގެ ރީތިކަމަކީ ހަމައެކަނި އޭނާގެ ބޭރުފުށުގެ ރީތިކަމެއް ނޫނެވެ.އޭނާއަކީ ވަރަށް ހިތްވެސް ހެޔޮ ކުއްޖެކެވެ.އެހެން އެކަކު ނޭހިޔަސް އޭނާ އަހަރެންގެ ހާލު ބަލައެވެ.ކައިގެންތޯ ހުރީ އަހައެވެ.އަހަރެން ނުކައި ހުންނަ ބައެއް ދުވަސް ދުވަހު އޭނާ އިސްނަގައިގެން އަހަރެމެން އެންމެނަށް ވާވަރަށް ނޫޑުލީސް، ޕާސްތާ ކަހަލަ އެއްޗެހި ކައްކައިދީވެސް ހަދައެވެ.ނުހާޒުވެސް ނަސީބަކުން އެއީ މާ ބޮޑު ކަމަކަށް ނުހަދައެވެ.އެހެނަސް އޭނާ އޮންނަނީ ފޯނުން އެއްވެސް ވަރަކަށް ޝަފްކާއާއި މުއާމަލާތްކުރުން އަހަރެމެން ދެމީހުންނަށްވެސް މަނާކޮށްފައެވެ.ޝަފްކާގެ  މިޒާޖު ހުންނަ ގޮތުންނެވެ.އަހަަރެމެންގެ ހަގީގަތް ޝަފްކާއަށް އެނގޭކަށް ނުހާޒު ބޭނުމެއް ނުވެއެވެ.

އެދެމީހުންގެ މައިންބަފައިންނަކީ ވަޒީފާގެ ގޮތުން ގެއިން ބޭރުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ ބައެކެވެ.ނުހާޒުވެސް ގިނައިން އުޅެނީ ބޭރުގައިކަމުން ގިނަ ވަގުތު ގޭގައި އުޅޭނީ ޝަފްކާ އެކަނިމާ އެކަންޏެވެ.އޭނާއަކީ މާގިނައިން ބޭރަށް ގޮސް އުޅޭ ކުއްޖެއް ނޫނެވެ.ކޮލެޖަށް ގޮސްފައި އަންނަ މީހާ ކޮޓަރިން ނުކުންނާނީވެސް އަހަރެމެން މީހަކު އައިސް އުޅެންޏާއިއެވެ.އެގެއަށް ގޮސް ގޮސް ދެކެފަރިތަވެފައި ހުންނާތީ ޝަފްކާވެސް އަހަރެމެންނާއި ވާހަކަ ދައްކައި އުޅުނީ ވަރަށް ގާތްކޮށެވެ. އެވަރަށް އަހަރުމެންނާއި ސަކަރާތްވެސް ޖަހައެވެ.އެހެނަސް ނުހާޒު އަބަދުވެސް ޝަފްކާ ވަކި ހުދޫދެއްގެ ތެރޭގައި ބަހައްޓަން ވަރަށް މަސައްކަތް ކުރެއެވެ.އޭނާއަށްވެސް އޭނާގެ ކޮއްކޮއަކީ ރީތި ކުއްޖެއް ކަމާއި، ފިރިހެނުންގެ ލޮލުގައި ފަސޭހައިން އަޅައިގަންނާނެކަން އެނގެއެވެ.އަހަރެމެން އެގެއަށް ގޮސް އުޅޭއިރުވެސް ޝަފްކާ މާ ވާހަކަ ގިނަވެގެން އުޅޭނަމަ ނުހާޒު އޭނާ ކޮޓަރިއަށް ފޮނުވާލައެވެ.ނުވިތާކަށް އޭނާ ލައިގެން ނުކުންނަ ހެދުމަކާ ދޭތެރޭވެސް ނުހާޒު ހިތްހަމަ ނުޖެހިއްޖެއްޔާ އެއްޗެހި ބަދަލު ކުރާށޭ ކިޔާފައިވެސް ފޮނުވާލާނެއެވެ.އެކަހަލަ ކަންކަމާއި ރުޅި އައިސްގެން ޝަފްކާވެސް ބައެއް ފަހަރު އޭނާގެ ކަންކަމާ މާ ބޮޑަށް ބެހެނީ އޭ ކިޔައި ނުހާޒާއި ޖަދަލުކޮށް ހަދައެވެ.އެކަންވެސް އަހަންނަށް ސިފަކުރެވުނީ ވަރަށް ’ލޯބި‘ ކަމެއްގެ ގޮތުގައެވެ.ޝަފްކާގެ އަންހެންވަންތަ ޅަ އަޑުން ނުހާޒާއި ޒުވާބުކޮށްލާއިރުވެސް ހީވާނީ ދެ ކަންފަތް ކައިރީގައި ކުޅެލާ ލުއި ލުއި މިއުޒިކެއް ހެންނެވެ.

އެފަދަ ދުވަހެކެވެ.އަހަރެމެން ތިން މީހުން ތިބީ ނުހާޒުމެންގޭ ސިޓިން ރޫމުގައި ފުޓުބޯޅަ މެޗެއް ބަލާށެވެ.ޓީވީއަށްވުރެ ގިނައިން އަހަންނަށް ބެލުނީ ޝަފްކާގެ ކޮޓަރި ދޮރާއި ދިމާލަށެވެ.ދޮރު ހުޅުވާލާފައި ޝަފްކާ ނުކުންނާނެ އިރަކަށް އަހަރެން އިނީ ކެތްމަދުވެފައެވެ.

ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް އެންމެންގެ ނަޒަރު އެދިމާލަށް ދަތުރު ކުރިއެވެ.ކޮޓަރިން ނުކުމެގެން އައި ޝަފްކާ ފެނުނު އިރަކަށް ނުހާޒުގެ ނިތައް ކުދި ރޫތައް އަރައިގެން ދިޔައެވެ.

”ހޭ ގާއިޒް…ކޯއްޗެއްތަ މާވަރަކަށް ތިބަލަނީ؟ކެން އައި ޖޮއިން؟“ވަރަށް އުފާވެރި މޫޑެއްގައި ހުރެ އައިސް ސޯފާއަށް ވެއްޓިގަންނަމުން ޝަފްކާ ބުނެލި އެވެ.އޭނާ ފެނިފައި އަހަރެން އިނީ ކަޅި ޖަހާލަންވެސް ހަނދާން ނެތިފައެވެ.ޝަފްކާ ލައިގެން ހުރި ކުރު ސޯޓުކޮޅާއި ބާރު މަތި ކޮޅުގެ ސަބަބުން އޭނާގެ ވަނާތަކުގެ ރީތިކަން ފާޅުވޭވޭ ހުއްޓެވެ. އަހަންނަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.އަޒަދުވެސް އިނީ ފާޑަކަށް އަނގަ ސަކަރާތްވެފައެވެ.

”އޭ އޭ..ޝައްކޮ ހަމަ މިހާރު ދޭ ޗޭންޖް ކުރަން…ތިދެން މިހާރު ކުޑަ ކުއްޖެއް ނޫނެއްނު…ޝައްކޮ ކައިރީ ދޮންބެ ބުނެފައި ދޯ އޮންނާނީ ދޮންބެގެ ފްރެންޑްސް އައިސް އުޅޭއިރު ތިކަހަލަ އެއްޗެހި ލައިގެން ނުނިކުންނާށޭ.“ ނުހާޒު ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

”އެއްކަލަ ދޮންބެ! ވަޓްސް ރޯންގް ވިތް ދިސް އައުޓްފިޓް އަޅެ…؟ އާކިއާ އަޒޭއާވެސް ގައިމު މައިންޑެއް ނުކުރޭ…އަޅެ ނޫންތަ؟ ދޮންބެއަށް އެކަނި ތިހާވަރުތަކެއް ތިވަނީ…އަޅެ ޝަފް ބޭނުން އެއްޗެއް ދޯ ޝަފް ލާނީ…ދޮންބެ ލައިގެން ހުންނަ އެއްޗަކާ ޝަފްއެއްވެސް ނުބެހެން ދޯ…“ ހަށަން ބަނދެލަމުން ހިތްހަމަ ނުޖެހިފައި ޝަފްކާ ބުނެލިއެވެ.

”ހެވޭ…ދޭ ޗޭންޖް ކުރަން…“ނުހާޒު  ތަކުރާރުކޮށްލިއެވެ.ޝަފްކާ ތުން ދަމައިގެން ހުރެ ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ބަން ލާފައި ދޮރު ޖެހިއެވެ.

އަހަންނަށް އެ ޚިޔާލީ ދުނިޔެއިން ނުކުމެވުނީ ޑައިލިސިސް ހަދާ ނިމުމުން އެތަނުގައި އުޅުނު ނަރުސް ކުއްޖާ އަހަރެންގެ ގަޔަށް ގުޅާފައިވާ ކަށިތައް ނައްޓަން ފެށުމުންނެވެ.

ޑައިލިސިސް ހެދުމުގެ ސަބަބުން އަހަރެންގެ  ހަށިގަނޑަށް އިންތިހާ ވަރުބަލިކަން އިހުސާސް ކުރެވެމުންދިޔައެވެ.އަހަންނަށް ވެފައި ހުރިގޮތް ފެނި މާހިން އަހަންނާއި ގާތަށް ޖެހިލިއެވެ.

”އާކިލް…އޯކޭތަ؟“މާހިން ކަންބޮޑުވެފައި އަހާލިއެވެ.އަހަރެން ބޯޖަހައިލުމުން އޭނާ އަހަރެން ގޮވައިގެން ހޮސްޕިޓަލުން ނުކުންނަން ހިނގައިގަތީ ލަސް ފިޔަވަޅު ތަކެއްގައެވެ.އިސް ޖެހިފައި ހުރެ އަހަރެންވެސް އޭނާއާއި އެއް ހަމައެއްގައި ފައި އަޅަމުން ނުކުތީމެވެ.

އެނބުރި އައިސް އަހަރެން ހުންނަ ގޮޅިއަށް ވަންނަންދެންވެސް މާހިން އިތުރަށް އެންމެ ބަހެއްވެސް ބުނެ ނުލައެވެ.އޭނާގެ އެ ހަމަހިމޭން ކަމުން މިފަހަރު އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ.

”މާހިން ކިހިނެއްވެފަތަ ތިހުރީ؟ ކަމެއް ގޯސްވީތަ؟“ އަހަރެން އަހާލީމެވެ.

”ނޫން…“ ދުރު ބަލައިލަމުން މާހިން ބުނެލިއެވެ.އޭނާގެ އަޑުގައި އެކުލެވިފައިވި މާޔޫސްކަން ފާހަގަ ވުމުން އަހަރެންގެ ހިތް ހައްތަހާ ނުތަނަވަސްވިއެވެ.އިތުރަށް ސުވާލު ކުރަން ބޭނުންވި ނަމަވެސް އަހަންނަށް އެ ފުރުސަތު ނުދީ މާހިން ނުކުމެގެން ދިޔައީއެވެ.އޭނާގެ އެ އަމަލުން އަހަރެންގެ ހިތު ތެރޭގައި ސުވާލުތައް ފުނި ޖެހުނެވެ.އޭނާއާއި ދޭތެރޭ ވިސްނެން ފެށުނެވެ.އެހެނަސް އަނެއްކާވެސް މާހިން އާއި ވަކިވާން އަހަންނަށް މަޖުބޫރުވީއެވެ.ފަޅި ސިކުންތެއްގެ ތެރޭގައި އެކަނިވެރިކަމާއި ހިތްދަތިކަން އައިސް އަހަރެން ވަށައިލިއެވެ.ޗާބީ ދީފައިވާ ބުދެއް ފަދައިން މަޑުމަޑުން ހިނގާފައި ގޮސް އެނދުގައި އޮށޯވެލީމެވެ.އަރާމުގެ ކުނޑިފުށެއްހާ ހިސާބުވެސް އިހުސާސް ނުވިތާނގައި ހިނދުކޮޅަކަށްވެސް ޝަފްކާގެ ޚިޔާލުތަކަކާއި އަހަންނަކަށް ދުރަކަށް ނުދެވުނެވެ.އިސާހިތަކު އަހަރެންގެ ދެލޯ ފުރިގެން ދިޔައީ ހޫނު ކަރުނައިންނެވެ.އެ ކަރުނަތައް އަހަރެންގެ ކޯތާފަތުގައި ބޮސްދީފައި އަހަރެން ބޯ އަޅައިގެން އޮތް ބާލީހުގެ ތެރެއަށް އޮބިގެން ދިޔައެވެ. އަހަރެންގެ ދެ ތުންފަތް ފޫދުއްވާލާފައި ނުކުތް މަޑު ގިސްލުމުގެ އަޑުން ތަނަށް ވެރިވެފައިވާ ހިމޭންކަން ނަގާލިއެވެ.

”ޝަފް…އަޅެ ކޮންތާކުތަ ތިއުޅެނީ…؟އަހަރެން ވަރަށް ވަރަށް ހަނދާންވޭ….“ އެ ބަސްތައްވީ އަހަރެންގެ ހިތު ތެރޭގައެވެ.އަހަންނަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.އެވަގުތު އަހަރެންގެ ލޮލު ކުރިމައްޗަށް ސިފަވެގެން ދިޔައީ ޝަފްކާގެ ކަރުނުން ފުރިފައިވީ ދެލޮލެވެ.ދިރުން ގެއްލިފައިވީ މޫނެވެ.އެއީ އަހަރެމެން ދެމީހުން އެންމެ ފަހުން ބައްދަލުވީ ދުވަހު ޝަފްކާގެ މޫނު މަތިން ފާޅުވޭވޭ ހުރި އަސަރުތަކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ދެވުނީ ވޭނޭ 50

Next

ހަޔާތަށް ވި ބޭވަފާ

Next
March 5, 2026

ހަޔާތަށް ވި ބޭވަފާ

Previews
March 5, 2026

ދެވުނީ ވޭނޭ 50

8 Comments!

  1. R@@jihà🧕 says:
    March 5, 2026 at 2:20 pm

    Finally
    A story from you
    V v reethi mi Bai ves
    When next

    1. Lamtty Lamtty says:
      March 9, 2026 at 4:49 am

      Thank you Raajiha ❤️
      Next part in sha Allah today 😁

  2. Svetlana says:
    March 7, 2026 at 3:44 pm

    Wow haadha naaummeedhu gothakashey story mi feshunee.curious to know what happens next.vrh ufaa vejje “mask” ah fahu lamtty ge new story eh kiyaalan libuneema 🤗

    1. Lamtty Lamtty says:
      March 9, 2026 at 4:50 am

      Thank you Svetlana❤️
      let’s see what happens dho 😁

  3. Merrr says:
    March 8, 2026 at 1:28 pm

    Haadha reehcheyyy mi part!!
    Btw maahin eii firihen Eh?

    1. Lamtty Lamtty says:
      March 9, 2026 at 4:50 am

      Thank you Merr❤️
      Yess eii boy eh😁

  4. Anonymous says:
    March 10, 2026 at 1:48 am

    Kihinetha vaahaka kiyan hadhan jehenee

    1. Lamtty Lamtty says:
      March 10, 2026 at 2:05 am

      Esfiya app in or website inves kiyeyne…click kohleema vaahaka thereah vadheveyne…vaahakathakuge next episode ah dheveyne comment section ge thireega inna arrow ah click kohleema…hope that helps 😊

Comments are closed.

Next Episodeވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 1)←


All Right Reserved!