ރާވިގެ

ދިރުމެއްނެތަސް

މަންމީ!! މަންމީ!! މިޝްކޮ ދަނީ އިނގޭ. އާދައިގެ މަތިން މިއަދުވެސް މީޝާ ގެއިން ނުކުތުމުގެ ކުރިން އޭނާގެ މަންމަ މާއިރާއަށް އޭނަ ކޮލެޖަށް ދާކަންއަންގާލިއެވެ. މީޝާއަކީ މާއިރާއާއި މާނިއުގެ ހަގު ދަރިފުޅެވެ. އެދެމަފިރިންގެ ދޮށީދަރިފުޅު މާނިޝް ވަނީ މަތީތިއުލީމު ހާސިލް ކުރުމަށް ޓަކައި މެލޭޝިއާ އަށް ގޮހެވެ. މާނިޝްގެ އަބަދުގެވެސް އުއްމީދަކީ ހިތުގެ ހާއްސަ ޑޮކްޓަރަކަށް ވުމެވެ. އޭނަގެ މިއުއްމީދު ފުރިހަމަކޮށް ދިނުމަށް މުޅިއާއިލާއިންވެސް ވަނީ އަތުކުރިއޮޅާލާފައެވެ.
މާނިއު އަކީ މާލޭ މީހަކަށް ވުމުން އޭނާގެ އާއިލާ ދިރިއުޅެމުން ގެންދަނީ ހަލަބޮލި މާލޭގައެވެ. އޭނާގެ މަންމަ އާއި ބައްޕަ ނިޔާވުމުން އެމީހުންގެ ގޯތި ލިބުނީ ހުރިހަމައެކަނި ދަރިފުޅު މާނިއު އަށެވެ. މާނިއު މާއިރާއާއި ކައިވެނި ކުރުމަށްފަހު އެގެ ދިހަ ބުރިއަށް ހަދާފައި ގިނަ ބައިތައް ދިނީ ކުއްޔަށެވެ. މާނިއުގެ އާއިލާ ދިރިއުޅެނީ އެންމެ މަތީބައިގައެވެ. ޓެރަސްވެސް ބޭނުންކުރަނީ އެމީހުންނެވެ. މާނިއު އަކީ އަމިއްލަ އޮފީހެއް ހިންގާ މީހެއްކަމުން އޭނާގެ އޮފީސް ހުންނަނީ އެގޭގެ ހަތްވަނަ ބައިގައެވެ.
މީޝާ ކިޔަވަނީ އެކައުންޓިންގެ ދާއިރާއިންނެއެވެ. މީޝާ އާއި މާނިއު ދިއުމުން ގޭގައި އުޅެނީ މާއިރާ އެކަންޏެވެ. މާއިރާ އަކީ ފެހުމުގެ މަސައްކަތް ކުރާމީހަކަށް ވުމުން ގިނަ ވަގުތު އޭނާގެ ކަމަކީ ފެހުމެވެ. މާއިރާ ފަހަން އިންދާ ގޭގެ ބެލް ޖަހާލި އަޑު އިވިގެން ތެދުވިއެވެ. ދޮރުހުޅުވާލިއިރު ހުރީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށްވާ އައިންތުއެވެ.
“އަހަ އައިންތު ހާދަ ދުވަހެއް ކޮއްލާފަ ތިއައީ. ކޮބާ ކަންތައްތައް ރަނގަޅުތަ؟” މާއިރާ އަހާލިއެވެ. “އާނ ހުރިހާ ކަމެއްވެސް ރަނގަޅު. މޭއި ކިހިނެއްތަ؟ އަހަރުމެން ގެއަށް މޭއިވެސް ނުދޭވިއްޔަ.ދެން ކިހިނެއް އާދެވޭނީ.” އައިންތު ބުންޏެވެ.
“މިދުވަސް ކޮޅު މާގިނަ އެއްޗެހި ފަހަން ޖެހިގެން ހަމަ އެއްވެސް ތާކަށް ނުދެވޭ. އެހެންވެ ތިގެއަށް ވެސް ނުދެވެނީ.” މާއިރާ ބުންޏެވެ.
މާއިރާ އާއި އައިންތު ވާހަކަ ދައްކަން ތިބީ މާއިރާ މެންގޭ ތަނަވަސް ސިޓިންގްރޫމްގައެވެ. ހަމައެކަނި ސިޓިންގްރޫމަށް ބަލާލުމުންވެސް އެގެއަކީ ތަނަވަސް ގެއެއް ކަން ދޭހަވެއެވެ.ސޯފާސެޓަކާއި އަދި ހަމަ އެހާމެ ބޮޑު ޓީވީ ރެކެއްގެ އެހީގައި ސިޓިންގްރޫމް ވަނީ ފަޅުފިލުވާލާފައެވެ.އެރެކުގައި ތަފާތުވައްތަރުގެ ފްރޭމް ތަކާއި ވާސްތައް ބަހައްޓާފައި ހުއްޓެވެ.އަދި އެތަން ހަމައެހާމެ ސާފެވެ.ބަލާލި ކޮންމެ މީހެއްގެ ހިތަށްވެސް ހަމަޖެހުން ގެނުވާނެކަން ގައިމެވެ. މާއިރާ އަކީ އަބަދުވެސް ސާފުތާހިރު ކަމަށް ލޯބި ކުރާމީހެކެވެ.މުޅިގެއަށް ބަލާލުމުން ވެސް އެކަން އެގިގެން ދާނެއެވެ.މާއިރާއާއި އައިންތު ވާހަކަ ދައްކަން ތިބުމަށްފަހު އައިންތު ހިނގައްޖެއެވެ. އަނެއްކާވެސް މާއިރާ ފެހުމައިގެން ކުރިއަށް ދިޔައެވެ.
ރޭގަނޑުގެ ވަގުތެވެ.މާއިރާ އަވަދިނެތި މަސައްކަތް ކުރަމުން ދިޔައީ ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމަށެވެ. ގަޑިން 8:30 ހިނގި އިރު މާނިއު އާއި މާއިރާ އަދި މީޝާ ތިބީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރާށެވެ.
މަންމާ! ދޮންބެ އަންނަނީ ކޮންއިރަކުންތަ؟ މީޝާއަކީ 20 އަހަރުގެ ޒުވާން އަންހެން ކުއްޖަކަށް ވިޔަސް އަބަދުވެސް އުޅެނީ ވަރަށް ޅަކޮށެވެ.
މީޝްކޮ މާބޮޑަށް މިސްވީތަ ދޮންބެ މަތިން.. މާއިރާ އެއްޗެއް ބުނުމުގެ ކުރިން މާނިއު އަހާލިއެވެ.
ދެން ދޮންބެ މަތިން މިސްވާނެދޯ.. ދޮންބެ ނުފެނިމާގިނަ ދުވަސް ވީމަ ހަމަ އަހާލީ!! ދެން މާގިނަ ދުވަހެއްނުވެ ދޮންބެ އަންނާނޭ ދަރިފުޅާ!!ދެން އިނީ ބާކީ ހަމަ އެންމެ 3 މަސް..މާއިރާ ވަރަށް ލޯތްބާއެކު ބުނެލިއެވެ.އަދި މާނިއުވެސް މާއިރާ ދެއްކި ވާހަކައާ ތާޢީދު ކުރިއެވެ.
ގުޑްނައިޓް މަންމީ! ގުޑްނައިޓް ބައްޕީ! ރޭގަނޑުގެ ކެއުމަށްފަހު މީޝަ ނިދަން ދިއުމުން މާނިއުގެ ދެމަފިރިން ޓެރެހަށް ދިޔައީ ފިނި ކޮށްލުމަށްޓަކައެވެ. މިއީ އެދެމަފިރިންގެ އާދައެވެ. ކޮންމެ ރެއަކުވެސް ދެލޯބިވެރިން ފަދައިން އެދެމަފިރިންވެސް ޓެރަހުގައި ވަރަށް އުފާވެރި ވަގުތުތަކެއް ހޭދަކުރެއެވެ.
އާދައިގެ މަތިން ދުވަސްތައް ފައިތުވަމުން ދެއެވެ.މިހާރު މަނިޝްގެ ކިޔެވުން ނިމެން މަހެކަށް ވީއެވެ.މާނިޝް އަށް ސަޕްރައިޒެއްގެ ގޮތުގައި ދިނުމަށް މާނިއުގެ ދެމަފިރިން ތައްޔާރު ކޮށްފައިވާ ކުލިނިކުވެސް މިހާރު މިވަނީ ގާތްގަނޑަކަށް ނިމިފައެވެ.ކުލިނިކު ހުންނަނީ އެގެއާއި ޖެހިގެން ކަހަލަ ގޮތަކަށެވެ.ގެކައިރީގައި ހެދީ މާނިޝް އަށްވެސް ފަސޭހަވާނެ ކަމަށްބަލާފައެވެ.
ދުވަސްވަރަކީ ސްކޫލް ތަކުގެ ކޮންސެޓް އޮންނަ ދުވަސްވަރުކަމުން މާއިރާ އުޅެންޖެހެނީ ވަރަށް އަވަދިނެތިއެވެ. މާއިރާގެ ގިނަ ރަހުމަތްތެރިން އެމީހުންގެ ދަރިންގެ ހެދުންފަހަން ހަވަލުކުރީ މައިރާ އާއިއެވެ.އެއީ މާއިރާގެ ފެހުމުގެ ފެންވަރު ރަނގަޅުވީމައެވެ.މާއިރާއަށް މީޝާގެ ފަރާތުންވެސް ވަރަށް ބޮޑަށް އެހީތެރިކަންލިބެއެވެ. މިހާރުވެސް މާއިރާ ފަހާ ގިނަހެދުން ތަކުގައި އެއްޗެހި ހަރުކުރަނީ މީޝާއެވެ.
ރޭގަނޑުގެ ވަގުތެވެ.މާއިރާއާއި މީޝާ ތިބީ ފެހުމުގެ މަސައްކިތުގައި ވަރަށް އަވަދިނެތި ސިޓިންގރޫމްގައެވެ.މާނިއު ވީކޮޓަރީގައެވެ.ވިޔަފާރީގެ ލިޔެކިޔުންތަކެއް ޗެކްކުރަނީއެވެ.
ކުއްލިއަކަށް ގޭގެ ބެލްޖަހާލި އަޑުއިވިގެން މާއިރަގެ ދެމައިން ދިޔައީ ސިއްސައިގެންނެވެ. މިގަޑީގައި ގެއަށް އަންނަނީ ކާކުބައޭ ހިތަށްއެރިއެވެ.މާއިރާ ފަހާފޮށި ދޮށުގައި އިނުމުން މީޝާ ގާތުގައި ދޮރުހުޅުވުމަށް އެދުނެވެ. މީޝާ ކުރަންއިން މަސައްކަތް ބަހައްޓާފައި ލަސް ފިޔަވަޅުތަކެއްގައި ދޮރާއަރާ ހަމަކޮށްފިއެވެ.މިހާރުވެސް ދެތިން ފަހަރު އެމީހަކު ބެލްޖަހައިފިއެވެ. މީޝާ ލަސްކުރުމެއްނެތި ދޮރުހުޅުވާލައިފިއެވެ.ހަމައެއާއެކު މީޝާގެ ހަޅޭކުގެ އަޑުން މުޅިމާހައުލު ހަލަބޮލިކޮށްލައިފިއެވެ.ފަހަން އިން މާއިރާގެ އިތުރުން ކޮޓަރީގައި އިން މާނިއުއަށްވެސް އެދިމާލަށް ދުއްވައިގަނެވުނީ އެއްވެސް އިހްތިޔާރަކާނުލައެވެ. ހަމައެއާއެކު ދެމީހުންނަށްވެސް ލިބުނީ ކުއްލި ޝޮކެކެވެ.

7

4 Comments

  1. ނީމް

    July 12, 2013 at 1:24 pm

    މީ ފެށުންތަ؟؟؟ ވ ނައިސް ރާވި…… 🙂

  2. pinky

    July 12, 2013 at 2:24 pm

    ނައިސް ސްޓާޓް… 🙂 ދޮންބެ އައީ ދޯ؟؟ ވެއިިޓިންގް ފޮ ދި ނެކްސްޓް ޕާޓް

  3. ރާވި

    July 14, 2013 at 11:45 am

    ވ ބޮޑަށް ޝުކުރިއްޔާ…
    މީ ފެށުން…..

  4. hidha

    October 26, 2013 at 1:53 pm

    v nice..:D but where is the other part????

Comments are closed.