Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް އެދޭހާ ކަމެއް.. (34 ވަނަބައި)

Anya Level 310 Stories100 Login
February 18, 2026 13 Mins Read
4 Comments

“މި ރިއާންވެސް މިހާރު ހާދަ އަނގަގަދަ ވެއްޖެއޭދޯ.. މީހަކު ނުބުނާނެ ރިއާންއޭވެސް. ޒީ ކޯއްޗެއްތަ މީނައަށް ކާންދެނީ؟” ޝައިނާ ކިރިޔަކިރިޔާ ރާހިލްއަަށް އިވޭވަރަށް ކުދި ކިޔައިލިއެވެ.

***********

ކާރޫބާރޫ ބޮޑު މާލޭގެ އެތެރެ މަގުތަކުން ރެކިގަނެގެން ބޮޑުތަކުރުފާނު މަގަށް ނުކުމެ ހަވީރު ފިންޏަށް އާންމުކޮށް ދުއްވަންދާ ޖޯޑުތަކުގެ ތެރޭގައި އިޝްވާއާއި ޝިމާންގެ ޖޯޑު ގުނައިލެވެއެވެ. މިއަދުވެސް މަންޒަރު ތަފާތެއްނޫނެވެ. ނަމަވެސް ހުޅަނގު ފަރާތަށް އޮއްސެމުންދިޔަ އިރުގެ ރަތް ވިލާތަކުން ފަވާލެވިފައިވާ އުދަރެހަށް ގެއްލިފައި އިން ޝިމާންގެ ސިކުނޑި މިއަދު ވަނީ އިޝްވާއާ މާބޮޑަށްވެސް ދުރުގައެވެ. އިޝްވާ ދައްކާ ވާހަކައަށް އޭނާގެ ސަމާލުކަން ދޭން ދަތިވެފައިވެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ހިތާއި ސިކުނޑީގައި އުފެދެމުން އައި ހައިޖާނުގެ ފަހަތުގައިވާ ސަބަބަކީ އިޝްވާ ފިޔަވައި އިތުރު މީހެއް ނޫނެވެ. އޭނާއަށް ނޭނގުނު ކަމަކީ އޭނާއަށް އަންނަ ކޮންމެ ބަދަލެއް ދެނެގަތުމުގައި އިޝްވާ ހުށިޔާރުވެފައިވާ މިންވަރެވެ. އެހެންކަމުން ޝިމާންގެ މިޒާޖަށް އައިސްފައިވާ ބަދަލުގެ ފަހަތުގައިވާ ސިއްރު ދެނެގަތުމަށްޓަކައި އިޝްވާ މަސައްކަތް ފެށިއެވެ.

“މާނު.. މާނު.. މާނު އޭ.. ހުއްޓަބަ މިތަނަށް.. އެބަ އަންނަން އައިސްކްރީމް ގަނެގެން.. ބޭނުންތަ؟” އިޝްވާގެ އެދުމަށް ޝިމާން ތޮށިގަނޑާ މާ ދުރުނޫން ހިސާބަކަށް ސައިކަލު ހުއްޓައިލިއެވެ. އިޝްވާ ދުވެލައިފައިގޮސް ކައިރީގަހުރި ތަނަކުން އައިސްކްރީމް ގަނެގެން އައި އިރު ޝިމާން ތޮށިގަނޑު މަތީގައި އިށީނދެލައިގެން އިނެވެ. އޭނާއަށް ބަލައިލައިފި މީހަކަށް އޭނާ އިނީ ފުންވިސްނުމަކަށް ގެއްލިފައިކަން ޝައްކެއް ނުވާނެއެވެ.

“އަން. މީގަ ހިފާބަލަ.. މާނޫ.. މިއަދު އެއްކޮށް ކިހިނެއް ވެފަތަ ތި ހުންނަނީ؟” އިޝްވާގެ ސުވާލަށް ރައްދުދިނުމުގެ ގޮތުން ޝިމާން ކަމެއް ނުވާކަމުގައި ބުނެ ދެފަރާތަށް ބޯ ހޫރައިލިއެވެ.

“އިޝީއަށް އެނގޭ ކަމެއް ވެފަކަން.. ސިސް މެރީ ކުރީމަ މާ އިމޯޝަނަލް ވެވެނީ ދޯ” އިޝްވާއަށް ހީވީ ޝައިނާގެ ކައިވެނީގެ ދުވަސްކަމަށް ވުމާއެކު ޝިމާންއަށް  ޖަޒުބާތީ ވެވުނީ ކަމުގައެވެ. ޝިމާން އެވާހަކަ ދޮގު ކުރާކަށް ނޫޅުނެވެ. ހިނިތުންވެލަމުން އިޝްވާގެ ސުވާލަށް ބޯ ޖަހައިލިއެވެ.

“ނޭނގެ.. ސިސް ކައިވެނިކުރަން ތައްޔާރީތައް ވާން ފެށީއްސުރެން ހަމަ ހިތަށް އަރަނީ.. މަންމަމެން ދުނިޔޭގަ ހުރި ނަމައޭ.. މިއީ މަންމަވެސް ބައްޕަވެސް ކިހާ ދެކެން އުއްމީދުކުރި ދުވަހެއް.. އެމީހުން ބަނޑުއަޅައި ވިހެއި ދަރިއަކަށް ނުވިޔަސް އަހަރެންނަށްވުރެ ބޮޑަށް ސިސްދެކެ ލޯބިވި.. ފަހަރެއްގާ…” ޝިމާންގެ ވާހަކަ މެދުކަނޑައިލިއެވެ.

“ފަހަރެއްގާ؟” އިޝްވާ އެވާހަކަ ކުރިއަށް ގެންދިޔުމަށް އިޝާރާތް ކުރިއެވެ.

“އެނގޭ މި ދެއްކެނީ އިޝީގެ ދޮންބެގެ ވާހަކަކަން. އެކަމަކު ބޭބެ އެ ކަންތައްކުރި ގޮތް އަހަރެންނަކަށް ކަމަކު ނުދޭ.. ފަހަރެއްގާ މަންމަމެން ތިބިނަމަ ބޭބެއަށް އެކަހަލަ ގޮތަކަށް ސިސްއާ ކައިވެނި ކުރާކަށް ނުކެރުނީސް… ދުނިޔެއަށް ސިއްރުން.. ބަލަ ކައިވެންޏަކީ ފާފައެއްތަ؟ އަހަރެންނަކަށް ނުވިސްނޭ.. ބޭބެ ސިސްއަށް ރަނގަޅަށް ޓްރީޓް ކުރާކަން އެނގޭތީ މިވީހާ ދުވަހުވެސް މަޑުން ހުރީ އެކަމަކު އަހަރެންނަށް އެއްވެސް ވަރަކަށް މި ކައިވެނި ޕޮޒިޓިވް ކޮށެއް ނުނެގޭ.. ހީވަނީ ސިސްގެ ލޯބި ނާޖައިޒް ގޮތުގަ ބޭނުންކޮށްގެން ކުރާ މެނިޕިއުލޭޝަނެއްހެން.. ހައްތާވެސް ސިސްގެ އުފާވެރިކަމަށް އެޅޭ ހުރަހަކަށްވާން ނޭދޭތީ އަހަރެން ދޫ ހިމޭންކުރީ.. މީހުން ލޯތްބަކީ ކަނު އެއްޗެކޭ ބުނާ ސަބަބު އަދި މި އެނގުނީ.. ކާކު ހީކުރާނީ ސިސްކަހަލަ ދުރުވިސްނޭ މީހަކު މިވަރު މޮޔަކަމަކަށް އެއްބަސްވާނޭ؟” ޝިމާން ބުންޏެވެ.

“މާނޫ.. ޓްރަސްޓް މީ.. އެއީ އަހަރެންނަށް އަތުގެ ބަނޑުފުށްހާ ބޮޑަށް ގޮތް އެނގޭ އަހަރެންގެ ދޮންބެ. ދޮންބެ ސިސްދެކެ ވާލޯތްބާމެދު އަހަރެންނަކަށް ޝައްކެއް ނެތް. އިރާދަކުރެއްވިއްޔާ ސިސް ހުންނާނީ އުފަލުގަ” އިޝްވާގެ ވާހަކައާ އެއްބަސްވުމުގެ ގޮތުން ޝިމާން ބޯ ޖަހައިލިއެވެ. އޭނާގެ ސިކުނޑި ހާސްކުރާ އެހެން ސަބަބެއްވެސް އެބަ އޮތެވެ. އެހެނަސް އެއީ އެވާހަކަ ދެއްކުމަށް އެންމެ މުނާސަބު ވަގުތެއް ނޫންކަމަށް ބަލައި އެވާހަކަ ފަސްކޮށްލިއެވެ.

**********

ކީކާޑު ޖައްސައިލުމުން އިވިގެންދިޔަ “ބީޕް” އަޑާއެކު ހުޅުވުނު ދޮރުން އެތެރެއަށް ނަޒަރު ހުއްޓައިލި ޝައިނާ ދެލޯ ބޮޑުކޮށްލަމުން ފިޔަވަޅުތައް މަޑުޖައްސައިލިއެވެ. އެނދުމަތީގަޔާއި އެނދާ ހަމައަށް ދާން އޮތް ރާސްތާގައި ފަތުރައިލެވިފައިވާ ރަތް ފިނިފެންމަލު ފިޔައިގެ ދޫލައަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ. އެ ދޫލައިގެ ދެފަރާތުގައި ބަހައްޓައިފައިވާ އުއްބަތިތަކުގެ ރަން އަލިން ކޮޓަރި ޖަރީކުރެވިފައިވާއިރު އެ މާހައުލުން ބުނެދެން އުޅެނީ ކީކޭކަން އޭނާއަށް އެނގުނެވެ. ލަދުން ހުރެ ތުންފަތުގައި ދަތް އަަޅައިލަމުން ޝައިނާ ކޮޓަރީގެ ތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ. ޝައިނާގެ ފަހަތުގައިހުރި ރާހިލްއަށް ކޮޓަރީގެ އެތެރެ ފެންނަވަރުވީ އަދި ކިރިޔާއެވެ. ހަމަފެނުމާއެކުހެން އޭނާ ޕަކަޕަކަލާފައި ހޭންފެށިއެވެ. ޝައިނާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

“ދެން… މި ރާހިލްވާނެ އަދި މިކަހަލަ ގަޑީގަވެސް މަޖާކުރަން.. ވަރަށް ގޯސް” ޝައިނާ ފަހަތަށް އެނބުރިލައި ރާހިލްގެ އަތުގައި ޖެހިއެވެ.

“ސޮރީ ސޮރީ.. އަޅެ އަހަރެން ހީކުރާނެތަ ރިއާން މިވަރު ކުރާނެކަމަކަށް؟” ރާހިލް ހިނިގަނޑު ކޮންޓްރޯލު ކޮށްލަމުން ބުންޏެވެ.

“ޕިސްޕިސް. ރިއާންވެސް މިހާރު ހާދަ ލާނެތް ވެއްޖެއޭދޯ” ޝައިނާ ކޮޓަރީގެ އެތެރޭގައިވާ މާހައުލުގެ ފުރިހަމަކަން ފޯނުގައި ރައްކާކުރުމަށްޓަކައި ފޮޓޯނަގަން ފެށިއެވެ. އޭރު ރާހިލް ކޮންމެވެސް ދިމާލަކަށް ގޮސް ގެއްލިއްޖެއެވެ. ޝައިނާ އޭނާ ނެގި ފޮޓޯތަކާއި އެތަނުގައި އިނދެ ނެގި ސެލްފީތައް ބަލަން އެތައް އިރަކު އިނުމަށްފަހު އެނދުން ތެދުވިއެވެ. އޭރުވެސް ރާހިލް ފާހަނައިން ނުނިކުމެއެވެ.

ޝައިނާ ފޫހިގޮތަކަށް ތުން އަނބުރައިލުމަށްފަހު ކައިރީގައިހުރި ސައިޑް ކަބަޑު މަތީގައި އޮތް މާބޮނޑި ނަގައި އެއިން ވަސްބަލައިލިއެވެ. ކޮޓަރީގައިވާ އުއްބަތިތަކުން ދުވަމުންދިޔަ ވެނީލާ ވަހާއެކުވެ އެމާތަކުގެ ވަސް ވަނީ ފަނޑުވެފައެވެ. އެހެންކަމުން މާބޮނޑި ކުރިން އޮތް ތަނުގައި ބާއްވައިލިއެވެ. ހަމަ އެވަގުތު ފާހަނައިގެ ދޮރު ހުޅުވައިލި އަޑު އިވުނެވެ. އުނުގައި ތުވާލި އޮޅައިލައިގެންހުރެ ނުކުތް ރާހިލްއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ޝައިނާ އަނެއްކާވެސް ފޯނަށް ބަލައިލުމާއެކު ރާހިލް ފަހަތުން އައިސް އޭނާގެ ގައިގައި ބައްދައިލަމުން ފޯނު ނަގައި ދުރުގައި ބާއްވަން މަސައްކަތްކުރިއެވެ.

“ދެން މިރޭ ހަމަ ހުސް ފޮޓޯ ނެގުމުގަތަ؟ އަހަރެންނަށްވެސް ކުޑަކޮށް ސަމާލުކަން ދީބަލަ” ރާހިލް ޝަކުވާކޮށްލަމުން ޝައިނާގެ ކަރުދޮށުގައި މޫނު ފޮރުވައިލިއެވެ.

“އަހަރެ-”

“ޝްޝްޝް.. ލައްކަދުވަހު ދުރުގަ ހުރެ އަހަރެންގެ ހިތް ތަޅުވައިފީމެއްނު.. އަތް ޖެހޭނުޖެހޭ ހިސާބުގަ  އުޅެފީމެއްނު.. މިރޭ މިއޮތީ އަހަރެންގެ މުށުތެރެއަށް ގެނެސްފަ. ދެން އެހާ ފަސޭހައިން ދުލެއް ނުކުރެވޭނެ” ރާހިލްގެ ސަމާސާކޮށް ބުނަމުން ޝައިނާގެ ހަށިގަނޑުގައި އިތުރަށް ބާރަށް ބައްދައިލިއެވެ. އެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. އެހިތުގައި ޝައިނާއަށްޓަކައިވާ ލޯތްބާއި އެދުން އެ އަޑުން އެކަނިވެސް ހާމަވަމުންދިޔައެވެ.

“އަހަރެން ނިދާލަންވެސް ބޭނުން” ޝައިނާ ލަދުން އިސްޖަހައިލިއެވެ. ފަހަތުގައިހުރި ރާހިލްއަށް ނުފެނުނު ކަމުގައިވިޔަސް އޭނާގެ މޫނަށް ވަނީ ލަދުން ޖަންބުކުލަ ވެރިވެފައެވެ.

“މިރޭ ތިކަހަލަ ބަހަނާ ދައްކާފަ ދުރަކަށް ނުދެވޭނެ” ރާހިލް ބުންޏެވެ.

“ދެން ބަލާބަ. ތިއީ އެއްވެސް ގޮތެއްނޫން.. ރާހިލް ތިއައީ ފެންވަރާ ފްރެޝްވެގެން. އަހަރެން މި އުޅެނީ ހެނދުނުއްސުރެން މިގޮތަށް. އައި ސްމެލް ރާހިލް” ޝައިނާ ތުންދަމައިލަމުން ޝަކުވާ ކުރިއެވެ. ބަދަލުގައި ރާހިލްގެ ފަރާތުން އިވުނީ ލުއި ހީނލުމެއްގެ އަޑެވެ. ނަމަވެސް އެ އަޑާއެކު ޝައިނާގެ މުޅި ހަށިގަނޑުގައި ކަރަންޓުގެ އޮއެވަރެއް ދަތުރުކުރިހެން ހީވިއެވެ.

“ޔެސް ޔޫ ސްމެލް އަމޭޒިންގް ލަވް. ޗޮކްލެޓްސް.. މައި ފޭވްރިޓް.. އެންޑް އިޓްސް އޯލްމޯސްޓް ޑްރައިވިންގް މީ މޭޑް” ރާހިލް ޝައިނާގެ ކަނދުރާއިން ވަސްބަލައިލަމުން ބުންޏެވެ. އެ ހޫނު ނޭވާ އިހުސާސްވުމާއެކު ޝައިނާއަށް ލޯ މަރައިލަމުން ފަހަތުގައިހުރި ރާހިލްގެ އިސްތަށިގަނޑުގެ ތެރެއަށް އަތްތިލަ މަހައިލެވުނެވެ. އެ އިޝާރާތާއެކު ރާހިލްއަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަހަލައެވެ. ޝައިނާގެ ހަށިގަނޑުގައި ބީހެމުންދިޔަ ރާހިލްގެ އަތުގެ ހަރަކާތްތައް އަވަސްވިއެވެ. އެ ކަނދުރާގައި ބީހެމުންދިޔަ ރާހިލްގެ ހޫނު ނޭވާތައް އަވަސްވާން ފެށިއެވެ.  އެއިން ކޮންމެ އަވަސްވުމަކާއެކު ޝައިނާގެ ހިތުގެ ތެޅުން ދިޔައީ ދެގުނައަށް އަވަސްވަމުންނެވެ.

ރާހިލްގެ އަތުގެ އިނގިލިތަށް ފަރިތަކަމާއެކު ޝައިނާގެ ހެދުމުގެ ގޮށްތަކާ ކުޅެލައި އެހެދުން ހަށިގަނޑާއި ވަކިކޮށްލިއެވެ. އަދި ލޯތްބާއެކު ޝައިނާ އަތްދަނޑިމައްޗަށް ހިއްލައިލައިގެން ގޮސް އެނދުގައި ބާއްވައިލިއެވެ. ނަމަވެސް ޝައިނާގެ މޫނުމަތިން އާދަޔާހިލާފު ނުތަނަވަސްކަމެއް ފެނި ރާހިލްގެ ހަރަކާތްތައް މަޑު ޖައްސައިލިއެވެ. ކިހިނެއްވީހޭ އަހައިލާ ފަދައަކުން ބުމަ އަރުވައިލިއެވެ؟

“ރާހިލް.. އައި ނޯ ދިސް އިޒް ނޮޓް ނިއު ޓު ޔޫ އެނޑް ދެޓް ޔޫ ހޭވް ސްލެޕްޓް ވިތް އަ ލޮޓް އޮފް އަދަރ ގަރ-” ކުއްލިއަކަށް ޝައިނާ ދައްކަންފެށި ވާހަކައިގެ ސަބަބުން ރާހިލްގެ މޫޑު ހަރާބުވިއެވެ. ބޭއިހްތިޔާރުގައި ފޫހި ގޮތަކަށް ކަޅި އަނބުރައިލަމުން ދުރަށްދާން އުޅުނު ވަގުތު ޝައިނާ އަވަސްއަވަހަށް ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.

“ދަނީތަ؟” ޝައިނާ ކަންބޮޑުވެފައި އަހައިލިއެވެ.

“ބައެއް ވާހަކަތައް ދައްކަން ވަކި ގަޑިތަކެއް ހުންނާނެ” ރާހިލް ހިތްހަމަނުޖެހިފައި ބުންޏެވެ. ކޮންމެހެން މާޒީގެ ވާހަކަތައް މިކަހަލަ ގަޑިއެއްގައި ދެއްކުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

“ނޯ ނޯ ރާހިލް.. އަހަރެން ބުނީ.. އަހަރެން.. އަހަރެންނަށް އެމީހުނާ އެއްވަރަށް ނޭނގުނިއްޔާ.. އަހަރެން.. އިޓްސް މައި ފަސްޓް ޓައިމް އެންޑް އައި.. ރާހިލް..  ދޮންތައަށް އެގޮތަށްވި ރޭގަ އައި ހަރޑް ހަރ ކްރައި އަ ލޮޓް.. ޝީ ވޯޒް ހަރޓް ހަރ އަ ލޮޓް.. އަހަރެން..”

ރާހިލްގެ ނިތަށް ގިނަވެފައިވި ރޫތައް ވަގުތުން ފިލައިގެން ދިޔައެވެ. ޝައިނާ މިވަރަށް ވާހަކަ ގިނަވެ ޖެހިލުންވެގެން އުޅޭ ސަބަބު އޭނާއަށް ދެނެގަނެވުނީ ކަހަލައެވެ. އެމީހުންގެ މިހާރުގެ ހާލަތާއި ޝިޔާނާގެ ފުރާނަ ގެއްލުނު ރޭގެ އެހާރުގެ ހާލަތާ އެއްގޮތް ކުރީތީ އެކަމާ ހިތްހަމަނުޖެހުނު ނަމަވެސް އެއީ ޝައިނާ ގޯސް މާނައެއްގައި ދެއްކި ވާހަކައެއް ނޫންކަން އޭނާއަށް އެނގުނެވެ. ޝައިނާފަދަ ހިތި މާޒީއެއް އޮތް ކުއްޖަކާއެކު ހުންނާނެ ގޮންޖެހުންތައް އޭނާއަށް ގަބޫލުކުރެވެއެވެ. ޝައިނާގެ މޫނުމަތީގައިވަނީ ނުރުހުން ނޫންކަމާއި ހާސްކަން ކަމުގައި ދެނެގަތެވެ. ރާހިލް ހިނިތުންވެލަމުން ލޯތްބާއެކު ޝައިނާގެ މޫނުގައި ފިރުމައިލިއެވެ.

“ޔޯރ ސިސްޓަރ.. އެހާލަތާއި މިހާލަތު ހާސްތަން ތަފާތެއްނު ލަވް.. އެންޑް ޕްލީޒް.. އަބަދުވެސް ހަނދާން ކުރައްޗޭ.. ޝައިނާގެ ފަރާތުން އަހަރެންނަށް ލިބޭ އުފަލާ ހިތްހަމަޖެހުން ހޯދައިދެވޭވަރު އެކަކުވެސް ނޫޅޭނެ” ރާހިލް ލޯތްބާއެކު ޝައިނާގެ ނިތްކުރީގައި ބޮސްދިނެވެ.

“އައި ލަވް ޔޫ” ޝައިނާ ބުންޏެވެ.

“އައި ލަވް ޔޫ މޯރ މައި ބިއުޓިފުލް ވައިފް.. ޖަސްޓް ޓްރަސްޓް މީ އޯކޭ؟ އައިލް ޓްރައި ނޮޓް ޓު ގެޓް ކެރީޑް އަވޭ..” ރާހިލްގެ ވާހަކަ ގަބޫލުކުރާ ފަދައަކުން ޝައިނާ ބޯ ޖަހައިލަމުން ހިނިތުންވެލިއެވެ. އިސާހިތަކު ކޮޓަރީގައި ހިފައިލައިފައިވާ އޭސީގެ ފިންޏާއެކުވެސް ދެ ހަށިގަނޑުގައިވާ މަސްތުގެ ހޫނުން މާހައުލު އުދާސް ކުރުވަައިފިއެވެ. ރާހިލްގެ ކޮންމެ ހަރާކާތެއްވެސް ބަހައްޓަމުންދިޔައީ ޝައިނާއަށް ނުތަނަވަސްކަމެއް އައިސްދާނެފަދަ ކޮންމެ ކަމަކަށް ވިސްނައިގެނެވެ. އަލަތު ދެމަފިރިންގެ ކޮންމެ ބެލުމެއް، ކޮންމެ ލަފްޒެއްް ބުނެދެމުން ދިޔައީ އެކަކު އަނެކަކަށްޓަކައި ދެހިތުގައިވާ މިން ނުކުރެވޭހާ ލޯތްބެވެ.

************

ދަންވަރުގެ ވަގުތެވެ. އަރާމު ނިންޖަކުން ޝައިނާއަށް ހޭލެވުނީ ކަރުހިއްކައި ފެންބޮވައިގަތުމުންނެވެ. ގަޑި ބަލައިލިއިރު ދަންވަރު ތިނެއް ޖެހުމާ ގާތް ވެއްޖެއެވެ. އޭނާއަށް ނިދުނުއިރު ގާތުގައި އޮތް ރާހިލްގެ ހިލަމެއް މިހާރަކު ނެތެވެ. އެކަންވީ އޭނާއަށް ހައިރާންކަން ލިބުނު ކަމަކަށެވެ. އެ ހައިރާންކަން މާޔޫސްކަމަށް ބަދަލުވީ ގަޑިއެއްހާއިރު ފާއިތުވެގެން ދިޔައިރުވެސް ރާހިލްގެ ހިލަމެއް ނުވުމުންނެވެ. ރާހިލް އަންނާނެ އިރެއްގެ އިންތިޒާރުގައި އިންނަން ބޭނުންވި ކަމުގައިވިޔަސް ލިބިފައިވާ ލޮޑުކަމާއެކު އަނެއްކާވެސް ނިދީގެ ތެރެއަށް ފީނައި ގަނެވިއްޖެއެވެ. ނަމަވެސް ހިތަށް ލިބިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ރަނގަޅަށް ނިދޭގޮތް ނުވުމުން މާގިނައިރެއްނުވެ އަނެއްކާވެސް ހޭލެވިއްޖެއެވެ.

ފަތިސް ނަމާދުކޮށް ނިންމައިލުމަށްފަހު ޝައިނާ ދެންވެސް ރާހިލް އަންނާނެ އިރެއްގެ އިންތިޒާރުގައި އިނެވެ. ކުރިން ފާއިތުވެދިޔަ އެއްގަޑިއިރު ދެ ގަޑިއިރަށްވެ ދެ ގަޑިއިރު ތިންގަޑިިއިރަށް ބަދަލުވެއްޖެއެވެ. އާދުވަހަކަށް އަރައިގެން އައި އިރުގެ އަލި ކުޑަދޮރުތަކުން ފާއްދައިލައި ކޮޓަރިތެރެ ދިއްލާލައިފިއެވެ. އަދިވެސް ރާހިލްގެ ހަބަރެއް ނުވެއެވެ. ފޯނުކޯލެއް ނުލިބުނު ތަނުގައި މެސެޖެއްވެސް ކޮށްލާފައިނެތެވެ. އެހެންކަމުން ރާހިލް އުޅޭތަނެއް ބެލުމަށްޓަކައި ޝައިނާ އިސްވެ މެސެޖު ކުރިއެވެ.

“ސޮރީ ލަވް.. އެލީ މާބޮޑަށް ހޮޑުލާފަ ބަލިކޮށް އުޅޭތީ އެލީއާއެކު ހޮސްޕިޓަލަށް އައީ. މެންދުރަށް ދެވޭތޯ ބަލާނަން” ރާހިލްގެ ޖަވާބު ފެނުމާއެކު ޝައިނާގެ މެއަށް ބާރުވެލި އެވެ. ރާހިލް އޭނާގާތަށް ނާދެވޭނެ ސަބަބެއްކަމުގައި އެލީޝާގެ އުޒުރެއް ދައްކަން ކެރުނީތީވެސް އޭނާހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކައިވެނީގެ ފުރަތަމަރޭ އޭނާ އެކަނިމާއެކަނި ބީރައްޓެހި ތަނަކަށް ދޫކޮށްލުމަށްފަހު އެލީޝާ ކައިރިއަށް ރާހިލް ދާން ޖެހުނީ ކޮން ހައިސިއްޔަތަކުން ބާއެވެ؟ ވީފޫއްސާއެކު އެތަނުގައި އެންމެ މިނެޓެއްވެސް އިތުރަށް މަޑުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.

**********

އޮފީހަށް އާދެވުމާއެކު ރިއާން އޭނާގެ އެސިސްޓެންޓް ހޯދުމަށްޓަކައި އަވަސްވެގަތެވެ. ހެނދުނުގެ ދަންފަޅި އޮފީހުން ބޭރުގައި ހޭދަކުރަން ޖެހުމުން  އޭނާ ބޭނުންވީ މަންދުރުފަސް އޮފީހުގެ ކަންކަމަށް ހުސްކޮށްލުމަށެވެ.

“މިއަދުގެ ބާކީބަޔަށް އެއްވެސް ކަމެއް ރާވައިގެން ނުވާނެ. މިހާރަށް ރާވައިފަ ކަމަކިއްޔާވެސް އެހެން ދުވަހަކަށް ފަސްކޮށްލާ.. އެއްވެސް މުހިއްމުކަމެއް އެބަ އޮތްތަ؟” ރިއާން ކެބިންއަށްވަދެ ގޮނޑީގައި ހަމަ ޖެހިލަމުން އޭނާގާތު ހުރި ނީމްއާ މުހާތަބު ކުރިއެވެ.

“ނޫން ސަރ. މިއަދު ބޭރުގެ އެއްވެސް ފަރާތަކާއެކު ބައްދަލުވުމެއް ނެތް.. އެކަމަކު އިންޓަރނަލް މީޓިންގެއް އެބައޮތް” ރިއާން ދިން އިރުޝާދުތައް ފޮތުގައި ނޯޓު ކުރަމުންދިޔަ ނީމް ހަލުވިކަމާއެކު ބުންޏެވެ.

“އެއީ ކޮންކަމަކާ ގުޅިގެން؟” ރިއާން އަހައިލިއެވެ.

“އާ އަހަރާ ދިމާކޮށް ހުޅުވޭ ރިސޯޓު. ދެން އޭގެ ދެތިން ދުވަަސްފަހުން ކުންފުނީގެ އަހަރީދުވަސްވެސް އަންނާތީއާއެކު ކަމާގުޅޭ މަޝްވަރާތައް ކުރުމަށް ބާއްވާ ބައްދަލުވުމެއް” ނީމް ތަފްސީލުކޮށްދިނެވެ.

“ހޫމް.. ތި ކަންކަމަށް އަދި މަހެއްހާ ދުވަސް އެބަ އޮތް.. އެހެންނޫނަސް ތި ހުރީހާ އިވެންޓެއްގެ ކަންކަން މަރކެޓިންގްއާ ގުޅިގެން ހިންގަނީ ޝައިނާއެއްނު… އެހެންވީމަ ތިއިން ވާހަކައެއް ދެއްކޭނީވެސް މާދަމާ ޝައިނާ ޗުއްޓީއިން ނުކުތީމަ.. ތިކަން ފަސްކޮށްލާ” ރިއާން ބުންޏެވެ.

“ސަރ.. ޝައި ހުރީ ޗުއްޓީގަތޯ؟ މިއަދުވެސް ޝައި އޮފީހަށް އައެއްނު؟” ނީމްގެ ސުވާލާއެކު ރިއާންގެ ބުމަ ގޮށްޖެހުނެވެ.

“ވަޓް؟ ޝައިނާ އޮފީހަށް ނުކުތްތަ؟” ރިއާންއަކަށް ގަބޫލެއް ނުކުރެވުނެވެ. ނަމަވެސް ނީމްއަކީ ކަމެއް ޔަގީން ކުރުމަށްފަހު ނޫނީ އޭނާގާތު އެވާހަކައެއް ބުނާނެ ކުއްޖެއްވެސް ނޫނެވެ. ރިއާން ވިސްނާލާ ފަދައަކުން ބޯ ޖަހައިލިއެވެ.

“ޝައިނާ އުޅެންޏާ އަންގާލަބަ މިކޮޅަށް ޖައްސާލަން.. ބަޓް ޔާ.. ދެންމެ ތި ކީ މީޓިންގް ފަސްކޮށްލާ އިނގޭ” ރިއާންގެ ބަހަށް ބޯ ޖަހައިލުމަށްފަހު އެކުއްޖާ އެތަނުން ނުކުތްތާ ފަސްމިނަޓުވެސް ނުވަންދެން ޝައިނާ އައިސް ރިއާންގެ ކެބިންގެ ދޮރުގައި ޓަކިދިނެވެ.

“ވަދޭ.. އިށީނދޭ.. އޮފީހަށް އައީތަ؟” ރިއާން ކުރިމަތީގައިހުރި މޮނީޓަރުން ދެލޯ ވަކިކޮށްލުމެއް ނެތި އަހައިލިއެވެ.

“ލައްބަ. ވަކި ކަމަކުތޯ ގޮވާލީ؟” ޝައިނާ ރިއާންގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އިށީނެވެ.

“ކީއްވެ މިއަދު އޮފީހަށް ނުކުތީ؟ އަހަރެން ހީކުރީ ޝައިނާ ޗުއްޓީގަ ކަމަށް… ރާހިލް ކޮބާ؟” ރިއާންގެ ސުވާލަށް ޝައިނާ ވަކި ޖަވާބެއް ނުދިނެވެ. އެ ހިމޭންކަމުން ރިއާންއަށް އެ ސުވާލުގެ ޖަވާބު ލިބުނެވެ. އެއާއެކު އޭނާގެ ފުރިހަމަ ސަމާލުކަން ޝައިނާއަށް ދިނެވެ.

“ޝައިނާ… އަހަރެން އެހީ ރާހިލް ކޮބާހޭ” ރިއާން އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ.

“ނޭނގެ. ބިޒީވާނޭ ބުނި..” ރިއާންއަށް މާގިނަ ތަފްސީލުތަކެއް ދޭކަށް ޝައިނާ ބޭނުމެއް ނުވިއެވެ.

ޝައިނާގެ ޖަވާބާއެކު ރިއާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ވެގެން އުޅޭގޮތް ސީދާ ނޭނގުނު ނަމަވެސް ރާހިލްގެ ފަރާތުން މިހާ އަވަހަށް ގޯހެއް ހިނގައިފިކަން ރޭކައިލިއެވެ.

“އަހަރެން އޭރުވެސް ޝައިނާގާތު ބުނިން އެހެން މީހަކާ ރާހިލް ކައިވެނި ކުރަން އުޅޭކަން އެނގިހުރެ މިކަން ކުރުމަކީ ޝައިނާއަށް ފަސޭހަ ކަމަކަށް ނުވާނޭ.. އެންމެން ކީހާ އެއްޗަކަށް ޝައިނާ ދިނީ ބީރު ކަންފަތެއް.. ރާހިލްގެ ތި ދިރިއުޅުމަކީ އެހެން އެންމެނަށް ފޮރުވިފައިވާ ދިރިިއުޅުމެއް. ދުނިޔޭގެ ކުރިމަތީގަ، އާއިލާގެ ކުރިމަތީގަ ރާހިލްގެ ވާންއުޅޭ އަނބިމީހާއަކީ އެލީޝާ.. ރާހިލް ކޮބާ؟” އެކުވެރިޔާގެ އުޅުން ހުރިގޮތާމެދު ރިއާންހުރީ ކަންބޮޑުވެފައެވެ. ނަމަވެސް ރިއާންގެ ވާހަކައާމެދު ޝައިނާ ހިތްހަމަ ނުޖެހުނެވެ. ރިއާންއަކީ އޭނާގެ ވެރިޔާއެއްކަމަކު އަދި ރާހިލްގެ ރަހުމަތްތެރިއެއް ކަމަކު އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކަށް ފާޑުކިޔުމުގެ ހައްގެއް ރިއާންއަކަށް ނޯންނާނެއެވެ.

“އޭނައަށް ގުޅާބަަލަ. ގުޅައިގެން ގެއަށް ދޭ.. މިއަދު ޝައިނާ ކޮންމެހެން އޮފީހަށް-”

“ނޫން” ރިއާންގެ ވާހަކަ ޝައިނާ މެދުކަނޑައިލިއެވެ. ރިއާންއަށް އެބުނި އެއްޗެއް ދޭހަކުރަން ނޭނގިފައި އިނދެ ބުމަ ހިއްލައިލެވުނެވެ.

“ނޫން.. އަހަރެން ރާހިލްއަކަށް ނުގުޅާނަން.. އެކަމަކު ރިއާންވެސް ތިގޮތަށް އަހަރެންގެ އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ކޮމެންޓެއް ކުރީތީ އަހަރެންވެސް އިރުކޮޅަކަށް މުވައްޒަފެއްގެ ތަރަހައިން އެއްކިބާވެ ރިއާންގެ ދިރިއުޅުމަށް ކޮމެންޓެއް ކުރާނެ ފުރުސަތެއް ދެއްވާ” ޝައިނާގެ ވާހަކައަށް އެންމެ ރަނގަޅޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

“މިފަހަކަށް އައިސް އަހަރެންނާ ރާހިލްގެ ކަންކަމުގަ ރިއާން ބަސް ކިޔާކަން އަހަރެންނަށް ވަރަށް ފާހަގަ ކުރެވޭ.. އަހަރެންނަށް އެނގޭ ރާހިލްއަކީ ރިއާންގެ ކިހާ ގާތް ރަހްމަތްތެރިއެއްކަން.. އަދި ގަބޫލުކުރަން ރާހިލްއާ އަހަރެން ކައިވެނި ކުރުމަކީ ރިއާންއާާ އަހަރެންނާ ދޭތެރޭ މުވައްޒަފަކަށްވުރެ ގާތްކޮށް ދެކެވިދާނެ ކަމެއްކަން.. އެކަމަކު ރިއާންވެސް ހަނދާން ބަހައްޓަން ޖެހޭނެ ޒީވާއަކީ އަހަރެންގެ ކިހާ ގާތް އެކުވެރިއެއްކަންވެސް. އެހެނޭ ކިޔާފަ އަހަރެން ދުވަހަކުވެސް ރިއާންގެ އަމިއްލަ ދިރިއުޅުމާ ގުޅިގެން ރިއާންއަކާ ސުވާލު ކޮށްފައެއް ނޯންނާނެ.. އަހަރެން މިއަދު އޮފީހަށް އައީތީ ރިއާން އެހާ ކަންބޮޑުވާންޖެހޭ ސަބަބެއް އަހަރެންނަކަށް ނުވިސްނުނު. ރިއާންވެސް ކައިވެނީގެ ފުރަތަމަ ދުވަހު ހުރީ އޮފީހުގައެއް ނޫންތަ؟ ރާހިލްގެ އުޅުމަށް ފާޑުކިޔޭވަރު ހާލަތެއްގަހުރި މީހެއް ނޫން ރިއާންއަކީ.. އަހަރެންނާ ރާހިލްގެ ގުޅުމަކީ ދުނިޔެއަށް ސިއްރުން އާއިލާއަށް ސިއްރުން ކުރިއަށްދާ ގުޅުމެއް ކަމަށްވިޔަސް ރާހިލްގެ ފަރާތުން އަހަރެންނަކަށް އެއްވެސް ލޯތްބެއް އަޅާލުމެއް އުންޏެއް ނުވޭ.. އެކަމަކު ރިއާންއަށް އެހެން ބުނެވެން އެބަ އޮތްތަ؟ މިއީ ކޮންމެހެން ޒީވާ އަހަރެންގާތު ކިޔައިގެން އެނގޭ ކަންތައްތަކެއް ނޫން. ޒީވާއަކީ އިއްޔެއަކު މިއަދަކު އަހަރެންނާ ދިމާވި މީހެއް ނޫން.. ޒީވާގެ ހިނިތުންވުމުގެ ފަހަތުގަ ފޮރުވިފައިވާ ހިތާމައާއި އެކަނިވެރިކަން ދެނެގަތުމަކީ އަހަރެންނަށް މާ އުނދަގުކަމެއް ނޫން.. އެނގޭ ތި ދެމީހުންގެ ކައިވެންޏަކީ ލޯބިން ކުރެވުނު ކައިވެންޏެއް ނޫންކަންވެސް. އެކަމަކު އެހެނޭ ކިޔާފަ އެގޮތް ބަދަލުވާކަށް ނުވޭތަ؟ މިއީ ހަމަ ޒީއަށް ހައްގު މިންވަރުތަ؟ ޑަޒް ޝީ ޑިޒަރވް ދިސް؟ އެހެންވީމަ އަހަރެންގެ ފިރިމީހާއާ ދިމާލަށް ރިއާން އެއްޗެކޭ ބުނަންވާނީ ރިއާންގެ އަމިއްލަ އުޅުން އިސްލާހުކޮށްފަ.” ޝައިނާގެ ވާހަކަދެއްކުމުގައި ހުރި ރާގާއި ބަސްމަގުން ރިއާންއަށް ސިހުން ގެނުވި ނަމަވެސް އެ ވާހަކަތަކާމެދު އޭނާއަށް ވިސްނައިލެވުނެވެ.

“ރިއާން ހިތްހަމަ ނުޖެހޭގޮތަށް ވާހަކައެއް ދެއްކުނުނަމަ އަހަރެން މާފަށް އެދެން. އަދި އަހަރެންނާމެދު ފިޔަވަޅު އެޅި ނަމަވެސް އަހަރެންގެ ފަރުވާލެއް ނެތް. އެކަމަކު މިއީ އަހަރެންނަށްވެސް ބުނުން ހައްގު މިންވަރުކަން ގަބޫލު ކުރެވޭތީ މިވާހަކަ މި ދެއްކީ. މިއީ އޮފީހުގެ މާހައުލު.. އިތުރުކަމެއް ނެތިއްޔާ އަހަރެން ދެން ގޮސްލީ.. ގުޑް ޑޭ ސަރ” ޝައިނާ ތެދުވެ ދޮރާ ހިސާބަށް ދިޔައިރުވެސް ރިއާން އިނީ ގަބުވެފައެވެ. އެދެއްކި ވާހަކަތަކަށް ދޭނެ ރައްދެއް ނޭނގިފައެވެ. އޭނާ ބަލަބަލަހުއްޓާ ޝައިނާ ކެބިންގެ ދޮރު ހުޅުވައިލިއެވެ. އެވަގުތު ދޮރު ކުރިމަތީގައިހުރި ރާހިލް ރިއާންގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް އެހާމެ އަވަހަށް އެ ދޮރު ލެއްޕި އެދެމީހުން އޭނާގެ ލޯމަތިން ގެއްލުމާއެކު ރިއާން އަނެއްކާވެސް ހިޔާލުތަކަށް ގެއްލުނެވެ.

ދޮރު ހުޅުވައިލި ވަގުތު ކުރިމަތީގައިހުރި ރާހިލް ފެނުމާއެކު ޝައިނާ ތުން އަނބުރައިލަމުން ލިފްޓާ ދިމާލަށް ހިނގައިގަތެވެ. ރާހިލް ދުވެފައިގޮސް ޝައިނާއާ އެއްހަމަ ކޮށްލިއެވެ.

“ލަވް މަޑުކޮށްބަ.. އައިމް ސޮރީ.. ލަވްއަށްވެސް އެނގެއެއްނު އެލީޝާ ބަލިވެ އިންކަން އެނގޭ މާ ގިނަބަޔަކު ނޫޅޭކަން… ލަވް މާ ހަމަޖެހިލައިގެން ނިދާފަ އޮތީމަ އަހަރެން އުނދަގޫ ނުކުރީ.. ހިއެއް ނުކުރަން އެހާ ލަސްވާނެ ކަމަކަށް.. ސޮރީ” ރާހިލް ޝައިނާގެ އަތުގައި ހިފަހައްޓަމުން ބުންޏެވެ.

“ރާހިލް.. އޮފީސް ނިންމާފަ މިވާހަކަ ދައްކަން މަޑުކޮށްލާ” ޝައިނާ ލޮލުގެ ހިމަކޮޮޅުން ދުރުގައި އިން ނީމްއަށް ބަލައިލަމުން ބުންޏެވެ.

“އައިމް ސޮރީ އިނގޭ.. ނިމޭ ގަޑިއަށް ގުޅާލާނަން.. އޯލްރެޑީ މިސް ޔޫ ސޯ މަޗް” ރާހިލް ކުޑަކޮށް ގުދުވެލުމަށްފަހު ޝައިނާގެ ކަންފަތްދޮށުގައި ބުންޏެވެ. ޝައިނާ ލޯ އަޅައިލުމަށްފަހު ލިފްޓަށް އެރުމުން ރާހިލްވެސް ހެވިފައިހުރެ ރިއާންގެ ކެބިންއަށް ވަނެވެ. އެއާއެކު ރިއާން އޭނާއާ ދިމާލަށް ލޯ އަޅައިލި ގޮތްފެނި ރާހިލްއަށް ދެ ފިޔަވަޅު ފަހަތައް އަޅައިލެވުނެވެ.

“ވޯ ވޯ ކާމް ޑައުން! ކިހިނެއްވީ ބިރެއް ފެނުނު ފާޑަށް ތި ބަލަނީ؟” ރާހިލް އަހައިލިއެވެ.

“ބަލާނެއްނު. ރާހިލްއޭ ކިޔާފަ އެއްޗެކޭ ބުނެލި ކަމަށްޓަކާ ރާހިލްގެ އަންހެނުން އެ ދިޔައީ އަހަރެންނަށް އަހަރެންގެ ފެންވަރު އޮޅުންފިލުވަދީފަ ވިއްޔަ” ރިއާންގެ ވާހަކައަށް ރައްދުދިނުމުގެ ގޮތުން ރާހިލް ހިނިގަނޑެއް ޖަހައިލިއެވެ.

“ތި ހޯދީ ހަމަ ޖަވާހިރެއް އެނގޭ” ރިއާންވެސް ހިނިގަނޑަކާއެކު ބުންޏެވެ.

“އެކަމަކު ބުނަން. އެއީ އަހަރެންގެ ޖަވާހިރެއް އެނގޭ.. މާ ފާޑުފާޑަށް ކަޅި ނާޅައްޗޭ” ރާހިލް ސަމާސާ ރާގެއްގައި ބުންޏެވެ.

“އަހަރެން ކީއްކުރަން އަޅާ ކަޅިއެއް؟ އައިމް އޮލްރެޑީ މެރިޑް! ޓު ޔޯރ ސިސްޓަރ!” ރިއާން ވައަތުގެ ކަށި އިނގިލީގައި އަޅާފައި އޮތް ރިހި އަނގޮޓި ދައްކައިލިއެވެ. އެއީ ރަންކިޔުނުގެ ހަފްލާގެ ތެރެއިން ޒީވާ އޭނާގެ އަތުގައި އަޅުވައިދިން އަނގޮޓިއެވެ.

“ޔަކް. ޕްލީޒް ޑޯންޓް ރިމައިންޑް މީ. ދެއިރު ދެދަޅައަށް ކާ ބޭހެއްހެން އަހަރެންގެ ކޮއްކޮއާއި ރިއާންގެ ރިލޭޝަންޝިޕް ސްޓޭޓަސް އަހަރެންނަށް ކިޔާ ނުދިނަކަސް ފުދޭނެ” ރާހިލް ގޮނޑިން ތެދުވެ ހިންދެމިލަމުން ބުންޏެވެ. “އަހަރެން ދެން ގޮސްލީ.. ޝައިނާ ވީތަނެއް ހޯދަމުން އަސްލު މި އާދެވުނީވެސް. މިރޭ ގުޅާބަލަ ކޮފީއަކަށް”

ރާހިލްގެ ވާހަކައަށް ބޯ ޖަހައިލަމުން ރިއާން މަސައްކަތުގެ ތެރެއަށް ވަދެ ގެއްލުނެވެ. ނަމަވެސް ހުއްޓުމެއް ނެތި ސިކުނޑީގައި ތަކުރާރުވަމުންދިޔަ ޝައިނާގެ ވާހަކަތައް އޭނާއަށް އުނދަގޫ ކުރަމުންދިޔައެވެ. ޒީވާއާމެދު އިހުމާލް ވެވިއްޖެކަމުގައި ހީވާން ފެށިއެވެ.

“އެކަމަކު އެހެން ހީވާންވީ ކީއްވެ؟ އަހަރެން ޒީވާއަކަށް އިހުމާލެއް ނުވަން! އަހަރެންގެ ފަރާތުން އެއްވެސް އުއްމީދެއް ޒީވާއަކަށް ނުދެން! ޒީވާގެ ފަރާތުންވެސް އަހަރެން އެއްވެސް ކަމެއް އުއްމީދެއް ނުކުރަމެއްނު؟ މި ކައިވެންޏަކީ އެއްވެސް ހަގީގަތެއް ނެތް ކައިވެންޏެއް؟ ޝައިނާ އެހެންބުންޏަކަސް ޒީވާގެ އުފާވެރިކަމާމެދު އަހަރެން ވިސްނާކަށް ނުޖެހޭނެ” ރިއާން އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް އެވާހަކަތައް ގަބޫލުކުރުމަށް އޭނާގެ ޟަމީރު ދެކޮޅު ހެދިއެވެ.

ރިއާން ފޯނު ނަގައި ޒީވާއަށް މެސެޖުކުރުމަށް ތައްޔާރުވެލިއެވެ. ނަމަވެސް އެންމެފަހު މެސެޖުގައިވާ ތާރީހު ފެނުމާއެކު އޭނާ ފަސްޖެހުނެވެ. އެއީ މީގެ ތިންދުވަސް ކުރީގެ ތާރީހެކެވެ. ރާހިލްގެ ކައިވެނީގެ ކަންތައްތަކުގައި އުޅެން ޖެހުމުގެ އިތުރުން ޒީވާއަށް ދުވާލު ޑިއުޓީ އޮންނަ ހަފްތާތަކުގައި އޭނާ އާންމުކޮށް މެސެޖުކޮށް ނޫޅޭތީއާއެކު އޭނާއަށް ޒީވާއާ ވާހަކަ ނުދެކެވޭތާ ދެތިން ދުވަސްވީއެވެ. ހެނދުނު އޭނާއަށް ހޭލެވެނީ މާ ކުރީބައިގަ ޒީވާ ދާތަނަކަށް ދާ ފަހުންނެވެ. ރޭގަނޑު ގެއަށް ދެވެނީވެސް ޒީވާ ނިދަން ވަންނަހާ ލަސްކޮށްފައެވެ. އެހެންކަމުން ޒީވާގެ އުފަންދުވަސް އޭނާގެ ހަނދާނުން ހަމަ ރަނގަޅަށްވެސް ކައްސައިލީއެވެ. އާނއެކެވެ. ޒީވާ އެންމެފަހުން އޭނާއަށް މެސެޖުކޮށްފައިވާ ތާރީހަކީ ޒީވާގެ އުފަންދުވަހުގެ ތާރީހެވެ.

“އަ އިޔަރ އޯލްޑަރ ޓުޑޭ” ކަޕްކޭކެެއްގެ ފޮޓޮއަކާއެކު ފޮނުވައިފައިވާ އެ މެސެޖުގައި ޒީވާ ލިޔެފައިވެއެވެ. ނަމަވެސް ރިއާންއަށް އެ މެސެޖު ބަލައި ނުލެވުނު ތަނުގައި ޒީވާއަށް އުފަންދުވަހުގެ ތަހުނިޔާވެސް ފޮނުވައިލެވިފައެއް ނުވެއެވެ. އެއީ އޭނާއާ ޒީވާގެ ދެމެދުގައި އުފެދެމުންއައި ރަހްމަތްތެރިކަމަށްވެސް ބުރޫއަރާނެފަދަ ކަމެކެވެ.

ރިއާންއަށް ހާސްވެފައި ތުނބުޅީގައި އަތް ހިންގައިލެވުނެވެ. ޒީވާއާ ބައްދަލުވުމުން ދައްކާނެ ވާހަކައަކާމެދު ވިސްނެމުންދިޔައެވެ. އޭނާއަށް ދެއްކޭނެ ބަހަނާއެއް އެބައޮތް ހެއްޔެވެ؟ ހަނދާން ނެތުނީއޭވެސް ބުނެވޭނީ ޒީވާ ހަނދާން ނުކޮށްދިންނަމަ ނޫން ހެއްޔެވެ؟

ރިއާންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ޒީވާގެ ޑިއުޓީ ނިމެން އަދި ބާކީ ހަގަޑިއިރު އެބައޮތެވެ. އެހާއިރުވަންދެން މަޑުކުރުން ނޫންގޮތެއް ނެތެވެ. ނަމަވެސް މިހާރު އޭނާގެ މަސައްކަތުގެ ރޫހުވެސް މުޅިން ގެއްލިއްޖެއެވެ. އެހެންކަމުން އިތުރަށް އެތަނުގައި މަޑުކުރަން ނަހަދައި އޭނާ ނިންމީ ގެއަށް ދިޔުމަށެވެ.

****************

ޝައިނާ ނިމޭނެ އިރަކަށް އިންތިޒާރުގެ ވަގުތުތައް ގުނަމުންދިޔަ ރާހިލްގެ މޫނުމައްޗަށް އުޖާލާކަށް ވެރިވެގެންދިޔައީ ހަތަރެއް ޖެހުމާއެކު އާރް.އެލް އިމާރާތުގެ ބޭރަށް ނުކުތް ޝައިނާ ފެނުމުންނެވެ. ޝައިނާ އައިސް ރާހިލްއާ އަރައި ހަމަކޮށްލިވަގުތު ރާހިލް ސައިކަލު އިސްޓާޓުކޮށްލިއެވެ. ނަމަވެސް އެވަގުތު މާ ދުރުނޫން ހިސާބަކުން އިވިގެންދިޔަ ދަންނަ އަޑަށް އެދެމީހުންގެ ސަމާލުކަން ހުއްޓުނެވެ.

“ފެންނަ ކަމަށްވެސް ހަދާނުލާ ނައްޓާލަން ދޯ ތި އުޅުނީ؟” ނިހާމް ދަތްޕިލަ ރޮނޑަށް ދީގެންހުރެ ރާހިލްމެނާ ދިމާލަށް އައެވެ.

“ނިހާމް؟” ޝައިނާއަށް ހައިރާންވެފައި އަހައިލެވުނެވެ.

“އަހަރުމެންތަ؟ ބްރޯ މާލެ އައިސްފަ ހަބަރެއްވެސް ނުވަމެއްނު” ރާހިލްވެސް ހުރީ ނިހާމްއާ ދިމާވީތީ އުފަލުންނެވެ.

“މިއީ ދެން ހަމަ މިހެން އައި ދަތުރުވަރެއް.. ކޮއްކޮ މިއޮފީހުގަ އުޅޭތީ މިއަދު ދިމާކޮށްލަން މިދިމާލަށް ޖައްސާލީ.. އެކަމަކުވާ.. ހާދަ ތަފާތު މަންޒަރެކޭ މި ފެންނަނީ.. ތީ ހަމަ ކަނޑިއާ ކަނޑި ވެގެންތިބި ދެމީހުންތަ؟” ނިހާމް އެއްފަހަރު ޝައިނާއަށް އަނެއްފަހަރު ރާހިލްއަށް ބަލައިލަމުން ބުމަ އަރުވައިލިއެވެ. އެވަގުތު ޝައިނާ ލަދުން އިސްޖަހައިލި މަންޒަރު ފެނުމާއެކު ނިހާމް ގާތަށް ހިނިއައެވެ.

“އަހަހަ. އޭރުވެސް މަ ކަލޭ ކައިރި ބުނަމެއްނު ތިހެން އުޅެމުން ކަލޭ އިންނާނީވެސް ޝައިނާއާއޭ.. ނީނަކަސް ދެން މިހާރު ތިވަރުން ސައިދޭން ވެއްޖެ އެނގޭ” ނިހާމް ރާހިލްއާ ދިމާކޮށްލިއެވެ.

“ތި ޖެހުނީ ކޮންމެހެންވެސް ސައިދޭންތާ ދޯ؟ ޝައިނާ މިއީ މިހާރު އަހަރެންގެ ވައިފް” ރާހިލް ގާތްގޮތަކަށް ޝައިނާއަށް ބަލައިލަމުން ބުންޏެވެ.

“ބުނަން.. ސަކަރާތްނުޖަހާ.. ތިހާ ފަސޭހައިން އަދި މަށެއް ނުހެއްލޭނެ” ނިހާމް ހިނިގަނޑެއް ޖަހައިލިއެވެ. އޭނާއަކަށް އެވާހަަކަ ގަބޫލެއް ނުކުރެވުނެވެ. ނަމަވެސް ރާހިލްއާއި ޝައިނާގެ މޫނުމަތިން ފެންނަމުންދިޔަ ސީރިއަސްކަން ފެނި އޭނާ މައިތިރިވިއެވެ.

“އޭ އަސްލުވެސްތަ؟” ނިހާމްގެ ސުވާލަށް ރާހިލްއާއި ޝައިނާ އެކުއެކީ ބޯ ޖަހައިލިއެވެ.

“ދެން އަހަރުމެންގެ ވާހަކަ ބާއްވަބަލަ. ނިހާމްގެ ކަންތައް ނިންމަނީ ކޮންއިރަކުންތަ؟ ތީ ގައިމު އަންހެން ވެރިންނަށް ކުރުނބާ އަޅާދިނުން ކަހަލަ ކަންތަކުގަ ނުލާހިކު ގަދަ މީހެއްވިއްޔަ” ރާހިލްވެސް ދުލެއްނުދިނެވެ. އެވަގުތު އޮފީހުން ނުކުތް ނީމް އައިސް ނިހާމްގެ ގާތުގައި މަޑުކޮށްލިއެވެ.

“ލެޓްސް ގޯ ތިއްތީ!” ރާހިލްއާއި ޝައިނާއަށް ސިހުން ލިބުނެވެ.

“ނީމް އަކީ ނިހާމްގެ ކޮއްކޮތަ؟ އަހަރުމެންނަށް ނުވެސް އެނގޭ. ސްމޯލް ވަރލްޑް” ޝައިނާ ހައިރާންވިއެވެ.

“ހޫމް. މާލެ އައިސް ހުރީމަ ނީމް އަތުން ކެއުމެއް ހޯދަން އައީ.. އެކަމަކު ދެން މިހާރު މިއޮތީ މާ ވަރުގަދަ ކެއުމަކާ ލައްވާލާފައެއްނު؟ ތިއްތިއަށް މި ރާހިލްގެ ކައިވެނީގެ ހަބަރު ލިބުނީތީ މިރޭ ނިމްކޮ ތި ސަލާމަތްވީ.. ހިނގާ ދާން.. އެއްވެސް ލަހެއް ފަހެއް ނޯންނާނެ.” ނިހާމް ރާހިލްގެ ކޮނޑުގައި ޖަހައިލިއެވެ.

“މިހާރުތަ؟ އޯކޭތަ މަގޭ ސަންތި ގެއަށް ވައްޓާލާފަ؟” ރާހިލް އަހައިލިއެވެ.

“އުހޫން. ތިވީ މާ ރަނގަޅަކަށްނު.. މިވީގޮތުން އަހަރެން ސަލާމަތްވީ.. ރާހިލް ދޭ އަވަހަށް ތިއްތިއަށް ޓްރީޓް ދޭން.. އަހަރެން ޝައި ގެއަށް ގެންގޮސްދޭނަން.. އަހަރެންވެސް މި އުޅެނީ ސައިކަލުގައޭ” ރާހިލްއަށް އިތުރު ގޮތެއް ނެތުމުން އެކަމާ އެއްބަސްވިއެވެ.

ދިހަ މިނެޓެއްހާއިރު ފަހުން ނީމް އައިސް ސައިކަލުގައި ޝައިނާމެން ގޭގެ ދޮރުމައްޗަށް މަޑުކޮށްލިއެވެ. ޝައިނާ ސައިކަލުން ފޭބުމަށްފަހު އާންމު މެހެމާންދާރީގެ ގޮތުން ނީމްއަށް އެގެއަށް ވަނުމަށް ދައުވަތުދިނެވެ.

“ދެން މިއީ ނީމް އަހަރެންނާއެކު އައި ފުރަތަމަ ދުވަހެއްނު. ގެއަށް ވަދެ ކޮންމެވެސް އެއްޗެއް ކާލައިގެން ބޯލައިގެން ދާންވާނީ.. ޕްލީޒް..” ޝައިނާގެ އެދުމަށް ބޯޖަހައިލަމުން ނީމް ޝައިނާއާއެކު އެގެއަށް އެރިއެވެ. އެހެނަސް ތިންވަނަ ފްލޯއާ އަރައި ހަމަވި ވަގުތު ފްލޯގައިހުރި އެޕަރޓްމެންޓްގެ ދޮރުމަތިން ފެނުނު މަންޒަރާއެކު ނީމްގެ ފިޔަވަޅުތައް ގަނޑުވިއެވެ. އަދި ދެލޯ ބޮޑުކޮށްލަމުން ޝައިނާއާ ދިމާލަށް ބަލައިލިއެވެ.

ޝައިނާ ހާސްވެފައިހުރެ ނީމް ދުރަށް ޖައްސައިލަމުން ކުރިއަށް އެރިއެވެ. ނަމަވެސް ދޮރުމަތީގައިހުރި ރަތްކުލައިގެ ފިނިފެންމާ ޓުކުރިއާއި ރަތް ރިބަނުން އައްސައިފައިވާ ކަޅު ޕާރުސަލް ފެނި އެ މޫނުމަތިން ހާސްކަން ފިލައިގޮސް ހިނިތުންވުމެއް ފެނިލިއެވެ. އޭނާއަށް އެކަމުން ހައިރާންކަމެއް ނުލިބުނީތީ ދުރުގައިހުރި ނީމްގެ ހިތުގައި ސުވާލު އުފެދުނެވެ.

“އައްދޭ.. ޝައި މާ ސަރޕްރައިޒްވި ތަނެއް ނުފެނޭ.. ހިނިތުންވެލިގޮތުން ހީވަނީ ކޮންމެ ދުވަހަކު ރަތްފިނިފެންމަލުގެ މަރުހަބާއެއް ލިބޭހެން” ނީމް ބުންޏެވެ.

“އަހަހަ ނޫނޭ.. ކޮންމެހެން ރަތް ފިނިފެންމަލެއް ނޫން.. އެކަމަކު އަހަރެންގެ ގޭދޮށަށް މާ ފޮނުވުމަކީ ރާހިލް މާ ހިތްހަމަ ޖެހޭކަމަކޯ” ޝައިނާ އެތަކެތި ނަގަމުން ބުންޏެވެ.

“އައްދޭ.. ރާހިލް ހާދަ ޗީޒީއޭދޯ..” ނީމް ބުންޏެވެ.

“ހޫމް.. ބައެއްފަހަރު ޗީޒީ ކަމުން އަހަރެންވެސް ހުންނަނީ ބުނާނެ އެއްޗެއް ނޭނގިފަ.. އެކަމަކު ކީއްކުރާނީ.. އަހަރެންނަށްވެސް އަހަރެންގެ ޓައިޕަކީ ޑްރެމެޓިކް ޗީޒީ މީހުންކަން އެނގުނީ ރާހިލްއާ ދިމާވިފަހުން ވިއްޔަ” ޝައިނާ ގޭގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަނެވެ. ނީމްވެސް ހިނިގަނޑެއް ޖަހައިލަމުން ޝައިނާއާއެކު އެގެއަށްވަނެވެ.

“ފެނިއްޖެދޯ.. ޕާރުސަލް ކަނޑާލާހިތުން އުޅެފަވެސް ހަޒްބެންޑް ދިން ގިފްޓެއްވީމަ ނުކެނޑީ އިނގޭ” ގޭތެރޭގައި ލެޕްޓޮޕެއް ރޫޅާލައިގެން އުޅުނު ޝިމާންއަށް އެތެރެއަށް ވަތް ޝައިނާ ފެނުމާއެކު ގޮވައިލިއެވެ.

“ޕިސްޕިސް.. ދެން ފެނުނު ގަޑީގަ މި ގޭތެރެއަށް ވައްދާލިނަމަ.” ޝައިނާ ބުންޏެވެ.

“އަހަރެން ކީއްކުރަން؟ އަހަރެންނަށް މީިހަކު ފޮނުވި އެއްޗެއް ނޫންވިއްޔާ” ޝިމާން ކޮނޑު އަރުވައިލަމުން ބުންޏެވެ.

“އެއީ ތެދެއް.. ތިޔާ ހަވާލުވާން ވާނީ ހަމަ ޝައި” ޝިމާންއަށް ޝައިނާއާ ވާހަކަދެއްކި ކުއްޖާއަށް ބަލައިލެވުނެވެ. އެވަގުތުވީ ނީމްއަށްވެސް ޝިމާންއާ ދިމާލަށް ކަޅިއެއްލުނު ވަގުތަށްކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ޝިމާން އަވަސްއަވަހަށް އެ ނަޒަރު ވަކިކޮށްލަމުން އޭނާ ކުރިން ކުރަންހުރި މަސައްކަތަށް ސަމާލުކަންދިން ނަމަވެސް ނީމްގެ ނަޒަރު އަދިވެސް ވަނީ އޭނާއާ ސީދާވެފައެވެ.

ޝައިނާ ކައިރީގައި ހުރި ނީމްގާތު އެ އެއްޗެހި ކޮޓަރިއަށް ވެއްދުމަށްފަހު އަންނަނީ ކަމުގައިބުނެ އެތަނުން ދިޔައެވެ. ހަމައެއާއެކު ޝިމާންއާއި ނީމްގެ ދެމެދަށް ނުތަނަވަސްކަމުން ފުރިފައިވާ ހިމޭންކަމެއް ވެރިވިއެވެ. ނީމްއަށް ކަޅި ޖަހައިނުލައި ޝިމާންގެ ހަރަކާތްތަކަށް ބަލަން ހުރިއިރު އޭނާގެ ހިޔާލުގައި ލުއި މިއުޒިކެއް ކުޅެވެމުންދާ ކަހަލައެވެ. އޭނާ ލަސްފިޔަވަޅުތަކެއްގައި ގޮސް ޝިމާންހުރި ހިސާބާ ކައިރިވެލިއެވެ. ޝިމާންވެސް އިސްއުފުލައިލައި ހިތްހެޔޮކަމާއެކު ނީމްއަށް ހިނިތުންވެލިއެވެ. އެހެނަސް މިފަހަރު އޭނާއަށްވެސް އެ ނަޒަރު ވަކިކޮށްލުން ފަސޭހަ ކަމަކަށް ނުވިއެވެ. ކުޑަ ހިނދުކޮޅަކަށްވިޔަސް ނީމްގެ ކަޅުކަންގަދަ ދެލޮލުގެ ތޫނުކަމަށް ގެއްލެވުނެވެ. އެތުންފަތުގެ މަތިން ކަނާތްފަރާތުގައި އިން ކަޅުތިލައަށް އޭނާގެ ސަމާލުކަން ލިބުނެވެ. އެ ރީތިކަމަށް ހިތާހިތުން ތައުރީފު ކުރެވުނެވެ. ނަމަވެސް އެވަގުތު ސިކުނޑިއަށް ވެރިވި އިޝްވާގެ ތަސްވީރާއެކު ހިތަށް ވެރިވި ކުށްވެރިކަމުގެ އިހުސާސުން ނަފްސު ފޯވިއެވެ.

“ސިސް އަންނާނެ އިރުކޮޅަކުން.. އިށީނދެލާ..” ޝިމާންގެ ވާހަކައަށް ބޯ ޖަހައިލަމުން ނީމް އިށީނީ ކާމޭޒުދޮށުގައި ޝިމާންގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައެވެ. އެކަމުންވެސް ޝިމާންއަށް ވީ އުނދަގުލެކެވެ. އޭނާ ކުރަމުން އައި މަސައްކަތުގެ ސަބަބުން ނީމްގެ ސަމާލުކަން އޭނާގެ ދެއަތަށް ހުއްޓިފައިވާކަން އެނގުމާއެކު އޭނާގެ ދެއަތް ތުރުތުރުލާން ފެށިއެވެ. އެންމެފަހުން މަސައްކަތް ހުއްޓައިލިއެވެ. އަދި ރޫޅައިލެވިފައިވާ ލެޕްޓޮޕްގެ ހުރިހާ ބައެއް އެތަނުގައިހުރި ފޮށްޓަކަށް އަޅައިގެން ކޮޓަރިއާ ދިމާލަށްް ހިނގައިގަތީ އެތަނުގައި އިން ނީމްއާ އެންމެ ނަޒަރެއްވެސް ބަދަލުކޮށްލުމެއް ނެތިއެވެ.

**************

ސިޓިންގްރޫމްގެ ސޯފާއަށް ދެފައި އަރުވައިލައި ކަކުލުގައި ބައްދައިލައިގެން އިން ޒީވާ ވަނީ ފުންވިސްނުމަކަށް ގެއްލިފައެވެ. ކުރިމަތީގައިވާ ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިން ނަމަވެސް އޭގެން ފެންނަމުންދާ މަންޒަރަކަށް ނުވަތަ އިވެމުންދާ އަޑަކަށް އޭނާގެ ސަމާލުކަމެއް ނެތެވެ. ހިޔާލީ ދުނިޔެއަށްގޮސް ހުސްވެފައި އިނދެވުނު ވަރުން އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަދެގެން އައި ރިއާންގެ އަޑެއްވެސް އޭނާއަކަށް ނީވުނެވެ.

އާދައިގެމަތިން ފޯނަށް ގެއްލިފައިހުރެ ގޭތެރެއަށް ވަދެގެން އައި ރިއާންއަށް ހަވީރުގެ ވަގުތު ޒީވާ ފެނުމާއެކު ކުއްލި ސިހުމެއް ލިބުނެވެ. ވާނީވެސް އެހެންތާއެވެ. ޒީވާގެ ޑިއުޓީ ނިމެން އަދި ބާކީ ހަގަޑިއިރު އެބަ އޮތެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ރިއާން ހައިރާންވީ ޒީވާ އިން ހާލަތު ފެނުމުންނެވެ. ތަރުތީބެއް ނެތި ހާވައިލެވިފައިވާ އިސްތަށިގަނޑާއި ފޮއްސިވެފައިވާ މޫނުގެ ސަބަބުން އެކުއްޖާ ފެންނަނީ އާދަޔާ ހިލާފު ހިތާމައެއް ތަހައްމަލުކުރަމުންދާ މީހެއްގެ ގޮތުގައެވެ. ރިއާންއަށް ވަގުތުން ޒީވާ ބަލިވީ ކަމުގައި ނިންމުނެވެ.

“ޒީވް.. ޒީވް.. ހޭއި އޯކޭތަ؟ ބޭސް ކައިފިންތަ؟” ރިއާން އަތުގައިހުރި ކޮތަޅާއި މާބޮނޑި މޭޒުމަތީގައި ބަހައްޓައިލުމަށްފަހު ޒީވާގާތު އިށީނެވެ.

“ރިއާން އައީތަ؟ ހާދަ އަވަހަށް ތި އައީ؟ ކަމެއް ގޯސްވީތަ؟” ރިއާން ގޮވައިލުމުން ޒީވާ ކުޑަކޮށް ސިހުނު ނަމަވެސް ހަމަޖެހެން މަސައްކަތް ކުރިއެވެ.

“ޒީވް. އަރ ޔޫ އޯކޭ؟” ރިއާން އަނެއްކާވެސް ކަންބޮޑުވެފައި އަހައިލިއެވެ.

“ޔެސް ރިއާން. އައިމް ފައިން.. އައި-”

“ދޮގު ނުހަދާ.. ކަމެއް ނުވަންޏާ ތިހެނެއް ނީންނާނެ. ޑިއުޓީއަކަށްވެސް ނުދަމެއްނު..”

“ދިޔައީމޭ.. ގޮސްފަ ތަންކޮޅެއް އަވަހަށް އައީ” ޒީވާ ވާހަކަދެއްކިއިރު ހީވީ ދެންމެދެންމެ ރޮއެގެންފާނެހެނެވެ.

“ޒީވް.. ޓެލް މީ” ރިއާން ކުރު ނުކުރާނެކަން އެނގުމުން ޒީވާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ވެގެން އުޅޭގޮތް ކިޔައިދޭން ފެށިއެވެ.

 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anya

Level 310 Stories100 Login

A writer wishing to chase away at least a tiny bit of your worries with words and spark a smile on your face. Thank you for being my superpower!

Other Articles

Previous

މިހިތަށް ލޯބިދޭށޭ – 18 ބައި

Next

ދެވުނީ ވޭނޭ 46

Next
February 18, 2026

ދެވުނީ ވޭނޭ 46

Previews
February 18, 2026

މިހިތަށް ލޯބިދޭށޭ – 18 ބައި

4 Comments!

  1. Rana Lathyf says:
    February 18, 2026 at 4:57 pm

    Salaam Readers..
    I didn’t expect the episode to be uploaded today😅 but i guess it is what it is 😭
    Sorry for the delay in episode, my health condition has worsened over the past week which is why there has been such a long delay. Alhamdulillah I m okay now and hopefully story will be uploaded frequently as before.
    Thankyou sm for you patience. Hope you enjoy it❤️

  2. Miss jennie says:
    February 18, 2026 at 5:27 pm

    Mi part ves varah reethi. Zeevaa ah vee kihinaybaa? Curiously waiting for next part???

  3. springbloom says:
    February 19, 2026 at 4:11 pm

    hope u feel better<333
    nice part

  4. Springbloom says:
    February 20, 2026 at 1:11 pm

    Need a reply gurlly

Comments are closed.

Next Episodeހިތް އެދޭހާ ކަމެއް.. (35 ވަނަބައި)←


All Right Reserved!