“ޒީވް.. ޓެލް މީ” ރިއާން ކުރު ނުކުރާނެކަން އެނގުމުން ޒީވާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ވެގެން އުޅޭގޮތް ކިޔައިދޭން ފެށިއެވެ.
“މިއަދު ބޭބީއެއް ނިޔާވީ.. އައި މީން.. ވިހެއި އިރުވެސް އެކުއްޖާ އޮތީ ނިޔާވެފަ. އެއީ އެމީހުންގެ ފުރަތަމަ ދަރިފުޅު ރިއާން.. އެމީހުން ކައިވެނި ކޮށްގެން އުޅޭތާ މިހާރު ނުވަ އަހަރުވީ.. އެއީ އެމީހުންގެ ހުރިހާ އުއްމީދެއް ގުޅިފައިވި ކުއްޖާ. އެމީހުން ހާދަ ދެރަވާނޭ.. އަދިވެސް އެ ދެމަފިރިން ރޯންތިބި މަންޒަރު އަހަރެންނަށް ފެންނަ ކަހަލަ” ޒީވާގެ ލޮލުން ނީރައިލި ކަރުނަތިކި ފެނުމާއެކު ރިއާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޒީވާފަދަ ހިތްބަލި ކުއްޖަކު އެފަދަ ދާއިރާއަކުން ކުރިއަށްދާން ނިންމި ސަބަބެއް އޭނާއަށް ވިސްނައި ވިސްނައިވެސް ނޭނގުނެވެ. ރިއާން ކުރިއަށް ޖެހިލައި ޒީވާގެ އަތުގައި ހިފައިލިއެވެ. އެކަމުން ޒީވާއަށް ހަމަހޭވެރިކަން ލިބުނު ކަހަލައެވެ. ކުއްލި ހަރަކާތާއެކު ރިއާންގެ އަތުތެރެއިން އަތް ދަމައިގަންނަމުން ކޯތާފަތް ފޮހެލިއެވެ. ހަމަ އެހާމެ އަވަހަށް މޫނުމައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން ސޯފާއިން ތެދުވިއެވެ.
“މާބޮނޑި ގެނެސްދިނީތަ؟” ޒީވާ ރިއާން ގެނައި ލެވެންޑާ މަލުގެ ގުލްދަސްތާ މޮހެލަމުން ބުންޏެވެ.
“ޔެސް.. މާތައް މިލާފަ ހުރީމަ..” ރިއާންގެ ވާހަކަ ނުނިމެނީސް ޒީވާ ކޮފީމޭޒާއި ޓީވީ ރެކުގައި ބަހައްޓައިފައިހުރި ޓުކުރިތަކުން ކުރީގެ މާތައް ނެގުމަށްފަހު އައު މާތަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށިއެވެ. އެމޫނުމައްޗަށް ވެރިކުރުވައިފައިވާ މަސްނޫއީ ހިނިތުންވުމުގެ އެެއްވެސް އަސަރެއް ޒީވާގެ ހަރަކާތް ތަކަކުން ނުފެނެއެވެ. އެހަރަކާތްތަކުގައި ވަނީ މަޑުމޮޅިކަމެވެ. އެބުނާ ތުއްތު ކުއްޖާގެ މަރުގެ ސަބަބުން ޒީވާއަށް ކޮށްފައިވާ އަސަރު އެ ދެލޮލުން ފެންނަމުންދިޔައެވެ.
“މިއަދު ކިހިނެއްވީ މާ އަވަހަށް ގެެއަށް ތި އައީ؟” މާހައުލުގައި ހިފައިފައިވާ ހިމޭންކަން ކަނޑުވައިލަމުން ޒީވާ ސަމާސާ ރާގެއްގައި ބުންޏެވެ.
“ހޫމް.. ވަރަށް ބަނޑުހައި” ރިއާން ލަސް ފިޔަވަޅުތަކެއްގައި އައިސް ކިޗަން އައިލެންޑްގެ ކައިރީގައިހުރި ޒީވާގާތު މަޑުކުރިއެވެ.
“ހިނގާ ކޮންމެވެސް އެއްޗެއް ކައްކާލަން.. އަހަރެންނަކަށްވެސް މާ ގިނަ އެއްޗެހިތަކެއް ހަދާކަށް ނޭނގޭނެ އެކަމަކު ރިއާންވެސް އެހީ ވާނަމެއްނު” ޒީވާ ކިޗަން އައިލެންޑްގެ މަތީގައިވާ ޓުކުރީގައިހުރި މާތަށްވެސް ބަދަލުކޮށްލިއެވެ.
“ހިނގާ މިރޭ ބޭރަށް ކާން” ރިއާންގެ ހިޔާލު ހުށަހެޅިއެވެ.
“ނޯ..ވޭ!!! ޔޫ އަރ ޓޭކިންގް މީ އައުޓް؟ ޑިނަރ ޑޭޓްއެއްތަ؟” ޒީވާ ގަބޫލުނުކުރެވިފައިހުރެ އަނެއްކާވެސް ސަމާސާ ރާގެއްގައި އަހައިލިއެވެ.
“އަހަރެންނަށް ޒީގެ ބަރތްޑޭވެސް މިސްވީއެއްނު.. އެހެންވީމަ ބަރތްޑޭ ޓްރީޓެކޭ ކިޔަމާ ދޯ” ރިއާންގެ ޖަވާބުއިވި ޒީވާއަށް ފޫހިގޮތަކަށް ތުން އަނބުރައިލެވުނެވެ.
“ދެން އަހަރެން ހިތްހަމަޖައްސާލަން ޑޭޓެކޭ ބުނިއްޔާ ވާނީ ކީއްތަ؟ އެހެންނޫނަސް ރިއާން އަހަރެންގެ އުފަން ދުވަހަށް ކަމެއް ކޮށްދޭކަން ނުޖެހޭނެ.. ރިއަލީ.. އިޓްސް ފައިން” ޒީވާ ހިނިތުންވެލިއެވެ.
“ޒީ ބޭނުން އެއްޗެކޭ ކިޔަމާ… ވީ އަރ ލީވިންގް އިން ތަރޓީ މިނަޓްސް” ރިއާން އަތުކުރީގައި އޮތް ގަޑިއަށް ބަަލައިލަމުން ބުންޏެވެ.
ޒީވާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މިއީ އޭނާ ރިއާންއާއެކު އެކަހަަލަ ގޮތަކަށް އެކަހެރިކޮށް ބޭރަށް ނުކުމެ އުޅޭނެ ފުރަތަމަ ފަހަރެވެ. ރިއާންއަކީ ގިނަ ބަޔަކު ދަންނަ މޫނެއްކަން ހުދު އޭނާއަށްވެސް އެނގެއެވެ. ބައިގަޑިއެއްހާއިރު ތެރޭގަ އޭނާ ތައްޔާރުވާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް އަދި ލާނެ ހެދުމެއްވެސް އެނގެނީކީ ނޫނެވެ.
“ޒީވް.. ދާނަންތަ؟” ދެލޯ ބޮޑުކޮށްލައިގެންހުރި ޒީވާއަށް ދެފަހަރަކު ގޮވައިލަމުން ރިއާން އެއްސެެވެ.
“ޔެސް.. ޔެސް. ޑެފިނިޓްލީ ޔެސް! އެބަ އަންނަން ރެޑީ ވެލައިގެން އެނގޭ”
ޒީވާ ދުވެފައިގޮސް ކޮޓަރިއަށް ވަތް މަންޒަރު ބަލަން ރިއާން ހެވިފައި ހުއްޓެވެ. އަދި ޒީވާ ނުކުތުމުގެ ކުރިން އޭނާވެސް އެއްޗެހި ބަދަލުކޮށްލަން ކޮޓަރިއަށް ވަނެވެ. މުށިކުލައިގެ ކެޝުއަލް ގަމީހާ ގުޅޭހެން ބެއިޖްކުލައިގެ ސޯޓެއްގައިހުރެ ކޮޓަރިން ނުކުތްއިރު އަދިވެސް ޒީވާ ފެންނާކަށް ނެތެވެ. ރިއާން އަނެއްކާވެސް ގޮސް ކޮޓަރީގައިހުރި ބޮޑު ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލިއެވެ. ފަރާތް ފަރާތަށް ބޮލުގައި އަތްފުނާ އަޅައިލުމަށްފަހު އޭނާ ހިތްހަމަޖެހޭވަރު ވުމުން ހިނިތުންވެލިއެވެ. އަދި ގަމީހުގެ އަތުކުރި އޮޅައިލުމަށްފަހު އަވި އައިނު ލޮލަށް ހެޔޮވަރު ކޮށްލިއެވެ.
ހިތްހަމަ ޖެހިފައިހުރެ އަތުކުރިޔަށް ގަޑި ހެޔޮވަރު ކޮށްލަމުން ރިއާން ކޮޓަރިން ނުކުތްއިރު ޒީވާ ސޯފާގައި އިށީނދެލައިގެން އިނެވެ. ރިއާން ފެނުމާއެކު ޒީވާ ހިނިތުންވެލަމުން ތެދުވިއެވެ. އެއާއެކު ރިއާންއަށް ހީވީ އޭނާގެ ހިތުގެ ތެޅުންވެސް މަޑުޖެހިލިހެނެވެ. ހިނދުކޮޅަކަށް އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައިހުރެ ބޭއިޙްތިޔާރުގައި ޒީވާގެ ބޮލުން ފެށިގެން ތިރިއަށް ލަސް ނަޒަރެއް ހިންގައިލެވުނެވެ. އާދައިގެމަތިން ޒީވާ ލައިއުޅޭ ކަށިމައްޗާ ހަމައަށް ހުންނަ ހެދުންތަކާއި ހިލާފަށް މިއަދު ލައިފައިވަނީ ކަކުލާ ހިސާބަށްހުރި ހެދުމެކެވެ. ރަތްކުލައިގެ އެހެދުމުގެ މޭމަތިން ރޫޖައްސައި ބަންދު ހުރިހިސާބުން ބާރުކޮށްލެވިފައިވެއެވެ. ހެދުމުގެ ދެއަތާއި ފަސްބައިވަނީ ދޫކޮށްލައިފައެވެ. އާންމުކޮށް ބޮލުގައި އަޅައިއުޅޭ ބޭންޑާ ހިލާފަށް ކަންފަތް ކައިރިން އިސްތަށިގަނޑު ހައްޔަރު ކޮށްލުމަށްޓަކައި ރަތްކުލައިގެ މަސްނޫއީ ފިނިފެންމަލެއް ހަރުކުރެވިފައިވިއެވެ. ޒީވާގެ ފުރިހަމަ ކަމާމެދު އާގަމަވެވިފައިހުރެ ރިއާން ޒީވާއަށް ބަލަމުން ދިޔައެވެ.
“ރީތިތަ؟ މިއީ ޝައި އަހަރެންގެ އުފަންދުވަހަށް ފަހާދިން ހެދުމެއް. އަދި ކިރިޔާ މި ހެދުން މި ލީ” ޒީވާ ނިކަން އުފަލުންހުރެ ފަރާތް ފަރާތަށް އެނބުރިލައި ރިއާންއަށް އެ ހެދުން ދައްކައިލިއެވެ.
“ޔެސް.. ޔޫ ލުކް…” ރިއާންއަށް ހިންދިރުވައިލެވުނެވެ. ޒީވާގެ ފުރިހަމަކަމަށް ކުރާނެ ތައުރީފެއް އޭނާއަކަށް ނޭނގުނެވެ.
“ޕްރިޓީ؟” ޒީވާ އަހައިލިއެވެ. ރިއާން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހޫރައިލިއެވެ.
“ބްރެތްޓޭކިންގް” ރިއާންގެ ޖަވާބާއެކު ޒީވާގެ ދެކޮލަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. އެއީ އެ ހެދުމާއި ތުންފަތުގައިވާ ރަަތްކުލައާއި ނުހަނު ގުޅޭ ޖަންބުލައެކެވެ. ރިއާންއަށް އާޝޯހުވެފައި އެ މަންޒަރު ބަލަން ހުރެވުނެވެ.
“ތިހެން ނުބަލާ.. ރިއާން އަނެއްކާ އަހަރެންނަށް ހިތްކީއޭ އަހަރެންނަށް ހީވެދާނެ. ލެޓްސް ގޯ ހެންޑްސަމް” ޒީވާ އައިސް ރިއާންގެ ކައިރިއަށް ހުއްޓިލަމުން ބުނެލިއެވެ. ރިއާންއަށް ހިނިތުންވެލެވުނެވެ. އަދި ޒީވާ ގޮވައިގެން ނުކުތުމަށް ހިނގައިގަތެވެ. ނަމަވެސް އޭނާގެ ހިތުގައި އޮތް ކުށްވެރިކަމުގެ އިހުސާސަކަށް ބަދަލެއް ނާދެއެވެ. ޝައިނާއަށް އަމިއްލަ ކައިވެނީގެ ކަންތައްތަކާ އުޅެމުންވެސް ޒީވާގެ އުފަންދުވަހަށް ހެދުން ފަހައިދީ ފާހަގަ ކޮށްދޭން ވަގުތު ވީއިރު އޭނާއަށް ޒީވާއަށްޓަކައި ކޮށްދެވުނީ ކީއްހެއްޔެވެ.
ލިފްޓުން ފޭބުމަށްފަހު ރިއާންގެ ފިޔަވަޅުތަށް ކާރާ ދިމާލަށް ހުރުމުން ޒީވާ އައިސް ރިއާންގެ އަތުގައި ހިފެހެއްޓިއެވެ.
“ހިނގާލާފަ ދާންވީނު.. މާދުރަކަށް ނޫން ދާނީ.. ބީޗްއަށް.. ޕްލީޒް” ޒީވާ އެދުނެވެ.
“އެކަމަކު..”
“އެކަމަކު ކިހިނެއްވީ؟ ރިއާންއަށް ނުހިނގޭނީތަ؟” ޒީވާ އަހައިލިއެވެ.
“އަހަރެންނަށް ހިނގިދާނެ.. އެކަމަކު ޒީގެ ފައިވާން” ރިއާން ޒީވާ ލައިގެންހުރި ދެތިން އިންޗި އުސް ފައިވާނަށް ބަލައިލިއެވެ.
“އޯހް.. ރިއާން ހީކުރީ އަހަރެންނަށް އެހެން އަންހެންކުދިންހެން މިކަހަލަ ފައިވާނުގަ ނުހިނގޭނެ ކަމަށްތަ؟ އެހާވެސް އަހަރެން ދެރައީތަ؟ ބަލަން ހުރޭ” ރިއާންގެ އަތުން ދޫކޮށްލުމަށްފަހު ޒީވާ ކުރިއަށް ހިނގައިގަތެވެ. އޭނާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ. ރިއާން ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ؟ މީގެ އަށް އަހަރުކުރިން ރިއާން އޭނާގެ ހުށަހެޅުމަށް އިންކާރު ކުރީ އެހެން ކުދިންހާ އަންހެންވަންތަކަމެއް އޭނާގެ ގައިގައި ނެތީތީއެވެ. އެއީ ރިއާން ބޭނުންވާ ގޮތްކަމުގައި ވާނަމަ އެކަމަކާ އޭނާއަށް ކުރެވޭނެ ޝަކުވާއެއް ނެތެވެ. އެހެނެއްކަމަކު އޭނާއަށް މިދިޔަ އަށް އަހަރުތެރޭ އައިސްފައިވާ ބަދަލު ރިއާންއަށް ނުފެންނަންވީ ކީއްވެ ހެއްޔެވެ؟ އަދިވެސް އޭނާއާ ދޭތެރޭ އެހެން ކުދިންނަށްވުރެ ދަށްކޮށް ދެކެންވީ ކީއްވެ ހެއްޔެވެ؟ އެމީހުނަށް ވާ ކަންކަން އޭނާއަށް ނުވާނެ ކަމުގައި ގަބޫލުކުރަނީ ކީއްވެ ހެއްޔެވެ؟
ޒީވާގެ އަމަލުތައް ހުރިގޮތް ފެނި ރިއާން ދެފަރާތަށް ބޯ ހޫރައިލިއެވެ. ޒީވާ އެ ދެއްކި ވާހަކަތަކުގެ މިސްރާބަށް އޭނާ ކުޑަކޮށްވެސް ވިސްނައިލައިފައެއްވެސް ނުވެއެވެ. ވަކި މީހަކަށްވުރެ ޒީވާ ދަށްކޮށްލުމުގެ ހިޔާލެއްވެސް އޭނާގެ ނެތެވެ. ރިއާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޒީވާގެ ފަހަތުން ހިނގައިގަތެވެ. އޭނާ ދެފަހަރަކު ޒީވާގެ ނަމުން ގޮވައިލުމުންވެސް ޒީވާއަށް ކެހެރުވަކެކޭވެސް ހީނުވާ ކަހަލައެވެ. އެފިޔަވަޅުތަކަށް ކުޑަވެސް ލަސްކަމެއް ނާދެއެވެ. އެހާ ބާރަށް ހިނގަމުން ދާނަމަ މަދު ވަގުތުކޮޅެއްގެ ތެރޭގައި ޒީވާ ވަރުބަލިވެދާނެ ކަމުގައި އޭނާއަށް ވިސްނުނެވެ. ނަމަވެސް އެހެން ބުނެފިނަމަ ދެންވެސް އޭނާ ޒީވާ ދަށްކޮށްލަނީ ކަމުގައި ޒީވާއަަށް ހީވެދާނެއެވެ. ސަލާމަތް އޮތް އެއް ގޮތެއްވެސް ނެތެވެ. އެންމެ ފަހުން ރިއާން ދުވެލައިފައިގޮސް ޒީވާގެ އަތުގައި ހިފެހެއްޓިއެވެ.
“ތަންކޮޅެއް މަޑުން ހިނގާބަލަ.. އަހަރެންމީ ޒީވްހެން އަބަދު ހިނގާ މީހެއްވެސް ނޫނެއްނު. އަހަރެން ވަރުބަލިވެގެން ހަލާކުވެދާނެ” ރިއާން މާނޭވާ ލަމުންދާކަމުގެ މޮޅު އެކްޓެއް ޖައްސަމުން ބުންޏެވެ.
އޭނާ އުއްމީދުކުރި ފަދައިން ޒީވާ ހިނގުން މަޑުކޮށްލިއެވެ. އޭރު އެމީހުނަށް ތިބެވުނީ ބީޗާ ފުދޭ ވަރަކަށް ކައިރީގައެވެ. ހަވީރުގެ ވަގުތަށްވުމުން އެކިފުރައިގެ މީހުން މޫދަށް އެރުމާއި ހަވީރުގެ ސައި ބުއިމާއި އެނޫންވެސް ކަންކަމުގައި ބީޗުގައި ހަރަކާތްތެރިވަމުން ދިޔައެވެ. މީހުންގެ ގިނަކަމާއިހުރެ އާދެވުނު މޮޔަ ހިތަށް އެރި ނަމަވެސް ބީޗަށް ފޭބުމާއެކު ޒީވާގެ މޫނުމަތިން ފެނުނު އުފާވެެރި ހިނިތުންވުން ރިއާންގެ ދުލުގައި ތަޅެއް އެޅުވި ކަހަލައެވެ. ވަށައިގެން އުޅުނު މީހުންތަކެއް މިހާރު އޭނާއަކަށް ނުފެނެއެވެ. ޝަކުވާއަކާނުލައި ޒީވާގެ ކޮންމެ ހަރަކާތެއް ބެލުމުގައި ވަގުތުތައް ހުސްކޮށްލިއެވެ. ޒީވާގެ އެދުމުގެ މަތިން ބައެއްފަހަރު ފޮޓޯ ނަގައިދެމުން ދިޔައެވެ. ނަމަވެސް ޒީވާގެ ގިނަ މަންޒަރުތައް ރިއާން ފޯނުގައި ރައްކާކުރަމުންދިޔައީ ޒީވާއަށް އެކަމުގެ ހިލަމެއްވެސް ނުވާ ހާލުގައެވެ.
ޒީވާ އަރައިގެންހުރި ފައިވާން ރިއާން އަތަށް ދިނުމަށްފަހު ތަނބިކަށި ތެމޭވަރަށް މޫދަށް ފޭބިއެވެ. ރިއާން ޒީވާގެ ފައިވާން އަނެއް އަތަށް ބަދަލުކޮށްލުމަށްފަހު ފޯނުގެ ކެމެރާ ސީދާކޮށްލި ވަގުތު ކުއްލިއަކަށް ޒީވާ ގެއްލިއްޖެއެވެ. ކަންބޮޑުވެފައިހުރެ ފަރާތްފަރާތަށް ބަލަމުން ދަނިކޮށް އޭނާއަށް ޒީވާ ފެނުނީ ތަންކޮޅެއް ދުރުން މޫދަށް ފޭބި ދެތިން އަހަރުގެ ކުއްޖަކާ ހިސާބަށް ދުވެފައި ދަނިކޮށެވެ. މޫދާއި ދެ ފިޔަވަޅެއްހާ ގާތަށް ފޭބިފައިވަނިކޮށް ޒީވާގޮސް ހުށިޔާރުކަމާއެކު އެކުއްޖާ އުރައިލަމުން ދުރަށް ހިނގައިގަތެވެ. އަދި އެކުއްޖާއާ އެކީ ސަކަރާތް ޖަހަމުން އެއްގަމަށް އެރިއެވެ. ރިއާންއަށް ހުއްޓުން އަރައިފައި އެ މަންޒަރު ބަލަން ހުރެވުނު އިރު އޭނާގެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. އޭނާ މަޑުމަޑުން އެދިމާލަށް ހިނގައިގަތެވެ.
“ބަލާ.. ބަލާ އެހެރީ މޫން ބަލަ” އޮއްސެމުންދިޔަ އިރުގެ ހުރަހުން އަރަމުން އައި ހަނދަށް އިޝާރާތްކޮށް ޒީވާ އެކުއްޖާއަށް އެ ހަނދު ދައްކައިލިއެވެ. ރިއާން އައިސް ޒީވާއާ އަރައި ހަމަކޮށްލުމަށްފަހު އެކުއްޖާގެ ފުށްކޮޅެއްފަދަ ލޯބި ކޮލުގައި ކޮށްޓައިލިއެވެ.
“ދަރިފުޅޫ. ދަރިފުޅޫ ޔަލްވީ” އެކުއްޖާއަށް ގޮވަމުން ދުވަމުން އައި އަންހެނެއްގެ އަޑަށް ރިއާންއާއި ޒީވާ ފަހަތައް އެނބުރުނެވެ. އޭރު ރިއާންމެންނާ ދާދި އެއް އުމުރެއްގެ އަންހެނަކު ދުވެފައި އާދެއެވެ.
“ތެންކްޔޫ އެނގޭ.. ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގޭ” އޭނާ އެއްފަހަރު ޒީވާއަށް އަނެއްފަހަރު ރިއާންއަަށް ބަލައިލަމުން ބުންޏެވެ. ނަމަވެސް އޭނާ ރިއާންއާ ބަދަލުކޮށްލި ނަޒަރުގައިހުރި ތަފާތުކަން ޒީވާއަށް ފާހަގަކުރެވުނެވެ.
“މިއީ އެހާވަރު ކަމެއް ނޫން…އެކަމަކު ތިގޮތަށް މިކަހަލަ ތަނަކަށް އައިސް ބޭބީ ދޫކޮށްލާފަ ބެހެއްޓުން ރަނގަޅެއް ނުވާނެ. އެކުދިންނަކަށް އަލިފާނެއް ފެނެއް ވަކިކުރާކަށް ނޭނގޭނެ.. މޫދަކީ ކޮބާކަމެއް ނޭނގޭނެ..” ޒީވާ އޯގާތެރިކަމާއެކު ބުންޏެވެ. އެމީހާ ޒީވާގެ ވާހަކައަށް ބޯ ޖަހައިލިއެވެ.
“ޔެސް ޔެސް. އެނގޭ ތިކަން.. އަހަރެން އެއްވެސް ވަރަކަށް ޔަލްވީއާމެދު ފަރުވާކުޑަ ކޮށެއް ނޫޅެން.. އެކަމަކު ބައެއް ފަހަރު އެކަނިމާއެކަނި ކުއްޖެއް ގެންގުޅުމަކީ ފަސޭހަކަމެއް ނޫން” އެމީހާ ދެންވެސް ބަލައިލީ ރިއާންއަށެވެ. ހިސާބަކަށް ހާމަވެފައިވާ ރިއާންގެ މެޔަށް އޭނާގެ ނަޒަރު ދަތުރުކުރިކަން ހުދު ރިއާންވެސް ދެނެހުއްޓެވެ.
ޒީވާ އެ އަންހެންކުއްޖާއަށް ލޯ އަޅައިލުމުން އެކުއްޖާ މާގިނައިރު އެތަނުގައި މަޑުކުރުމެއް ނެތި ދުރަށް ހިނގައިގަތެވެ. އޭނާ ދިޔުމާއެކުހެން ޒީވާ ރިއާންގެ ކުރިމައްޗަށް ހުއްޓިލަމުން ރިއާންގެ ގަމީހުގެ މޭމަތިން ނައްޓައިލެވިފައިވާ ދެތިން ގޮށް އަޅުވައިލިއެވެ. ރިއާންއަށް އެކަންވީ މަޖާކަމަކަށެވެ. އޭނާގެ ފަރާތުން ލުއި ހީނލުމެއްގެ އަޑު އިވުނެވެ.
“ރިއާންއަކާ ނުގުޅޭ ކުރިން ހުރި ގޮތެއް. ދޮންބެ އުޅޭހާ ގޮތަކަށް އުޅެން ޖެހޭތަ؟ އެކި މީހުނާ ގުޅޭނީ އެކި ގޮތޭ” ޒީވާ ރިއާންގެ ގަމީހުން ދޫކޮށްލަމުން ދުރަށް ޖެހިލިއެވެ.
“އަދިވެސް ބޮޑާހާކާފަތަ؟” ރިއާން އަހައިލިއެވެ.
“އަހަރެން ބޮޑާހޭކީ ކޮން އިރަކުތަ؟” ޒީވާ ބުންޏެވެ. ރިއާން ވަކި ރައްދެއްނުދީ ހިނިތުންވުމަކުން ފުއްދައިލިއެވެ.
“އޯކޭ އޯކޭ.. ބޮޑަލެއް ނުހާކާ.. ދެން ކޮންމެވެސް އެއްޗެއް ކާން އުޅެމާ ދޯ” ރިއާން ބުންޏެވެ. ޒީވާ ހީވީ އުފަލުން އުދުއްސައިގެންފާނެ ހެނެވެ. ރިއާންގެ އަތުގައި ހިފައި ދަމަމުންކަހަލަ ގޮތަކަށް ކައިރީގައިހުރި ކާއެއްޗެހި ވިއްކާ ކުޑަ ހަޓަކާ ދިމާލަށް ދިޔައެވެ.
“ރެސްޓޯރަންޓްއަކަށް ނުދާނަންތަ؟” ރިއާން ސުވާލުކުރިއެވެ.
“ދެން މިކަހަލަ ތަނަކަށް މި އާދެވެނީ މަދު ފަހަރެއްގައެއްނު. އެހެންނޫނަސް މިތަނުގަ ބޯވަ ފިހެފަ ހުންނާނެ ވަރަށް މީރުކޮށް” ޒީވާ ބުންޏެވެ. ރިއާން ބޯ ޖަހައިލުމަށްފަހު ޒީވާއާއެކު ދިޔައެވެ. އެބުނާ ފިހުނު ބޯވައެއް ކައި ނިމުނުއިރު ޒީވާގެ މޫނު ހުރިގޮތްފެނި ރިއާންއަށް ހިނިގަނޑު ހިފަހައްޓައިލެވެނީ ހަމަ ކިރިޔާއެވެ. ކުޅިވެފައި ހުރުމުން ޒީވާގެ ދެލޮލާއި ނޭފަތުން ފެން ފައިބަމުންދިޔައިރު އަނގައިންވެސް އިރުއިރުކޮޅާ ޗޫސް ދަމައިލައެވެ.
“ތި ކުޅި ފިލާކަހަލަ ގޮތެއް ހޯދަމާ…” ރިއާން ބުންޏެވެ. ޒީވާ އަވަސް އަވަހަށް ބޯ ޖަހައިލަމުން ނިކަން އަވަހަށް ދެމީހުނަށް ދެ ވައްތަރެއްގެ އައިސްކޯނު ގަތެވެ. އަދި އެ ހިފައިގެން އެކި ވާހަކަ ތަކުގައިހުރެ ގެއާ ދިމާލަށް ހިނގައިގަތެވެ.
“ހްމްމް ވަރަށް މީރު. ބޭނުންތަ؟” ޒީވާ ގެންގުޅުނު ޗޮކްލެޓް އައިސްކޯނު ރިއާންއަށް ދިއްކޮށްލިއެވެ. ރިއާންގެ އަތުގައި އޮތީ ވެނީލާ އައިސް ކޯނެކެވެ. ރިއާން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ. އައިސްކްރީމަކީ އޭނާ އެއްވެސް އިރަކު މާ ގަޔާވާ އެއްޗަކަށް ނުވެއެވެ.
“ކޭން އައި ޓޭސްޓް؟” ޒީވާ ރިއާންގެ ގާތު އަހައިލިއެވެ. ރިއާންއަށް ވެގެން އުޅޭގޮތް ރޭކައިލިއެވެ.
“ކޮންމެހެން ޒީގެ އައިސްކޯންއިން އަހަރެންނަށް ނުދިނަސް އަހަރެންގެ އައިސްކޯން ދީފާނަމޭ” ރިއާން ދިމާކުރީ އެ އައިސްކޯން އެއްކޮށް ޒީވާއަށް ދިނުމަށެވެ. ނަމަވެސް ޒީވާ އޭގައިހިފުމުގެ ބަދަލުގައި ރިއާން ގާތަށް ޖެހިލައި އެއަތުގައި ހިފަހައްޓައިލަމުން އައިސްކޯންގެ ރަހަ ބަލައިލިއެވެ.
ޒީވާގެ އަތް ރިއާންގެ އަތުގައި ބީހިލި ވަގުތު ރިއާންއަށް ހީވީ އޭނާ ލައިލައިހުރި ނޭވާވެސް ވައިނޮޅީގައި ތާށިވިހެނެވެ. ހިނދުކޮޅަކަށް ވަށައިގެންވާ މާހައުލުގެ ހިނގުންވެސް މަޑުޖެހިލިހެން ހީވިއެވެ. އައިސްކޯންގެ ރަހަ ބަލައިލަމުން ޒީވާ އޭނާއާ ހަތަރުކަޅި ހަމަކޮށްލުމާއެކު މުޅި މީހާ ގަނޑުވިއެވެ. ޒީވާގެ އެ ހަރަކާތާއި ބެލުމުގައި ވަނީ މައުސޫމުކަން ކަމުގައިވިޔަސް ރިއާންގެ ހިޔާލުތައް ތަޣައްޔަރުވާން ފެށިއެވެ. އުދާސްކަމާއި ހޫނުގެ އަސަރެއް ހަށީގައި ހިއްޕައިލިއެވެ. ހިކެމުންދިޔަ އަރުތެރެ ތެންމާލުމަށްޓަކައި ހިންދިރުވައިލަން އުޅުނު ވަގުތު ކުށިއެރުމުގެ ސަބަބުން ކެއްސައިލެވުނެވެ. ލިބުނު ސިހުމުގައި ޒީވާ ރިއާންގެ އަތުން ދޫކޮށްލުމާއެކު އޭނާގެ އަތުގައި އޮތް އައިސްކޯނުވެސް ދޫވެގެން ވެއްޓުނެވެ.
“ރިއާން… އޯކޭތަ؟” ޒީވާ ކަންބޮޑުވެފައިހުރެ އަހައިލިއެވެ. އެ ގާތްކަމުން ރިއާންއަށް އިތުރު އުނދަގުލެއްވި ކަހަލައެވެ. ހާސްވެފައިހުރެ ބޯޖަހައިލަމުން ދުރަށް ނަޒަރު ހުއްޓައިލިއެވެ.
“ކޯން ވެއްޓުނީއެއްނު. އާ ކޯނެއް ގަންނަން ހިނގާ” ޒީވާ ބުންޏެވެ. ރިއާން ބޯ ހޫރައިލީ އެއީ މައްސަލައެއް ނޫންކަމުގައި ބުނަމުންނެވެ.
“ގެއަށް ދަމާ… އަނދިރިވީނު” ރިއާން ބޭނުންވީ އެ އުދާސް މާހައުލާ ދުރަށް ދާށެވެ.
ޒީވާއާ އެއްހަމައެއްގައިހުރެ ގެއާ ހިސާބަށް ހިނގަމުން ދަނިކޮށް އެތަނުން ފެނުނު ފިހާރައަކަށް ވަންނަން ޒީވާ ބޭނުންވިއެވެ. އެތަނުގައި ޑިސްޕްލޭ ކޮށްފައިހުރި ހުދުކުލައިގެ ބޫޓެއް މާ ރީތިވީޔޯލައެވެ. އަވަހަށް ގެއަށް ދާން ބޭނުންވެފައިހުރެ ހިތާހިތުން ކުދިކިޔަމުން ރިއާން އެ ފިހާރައަށް ވަނެވެ. ޔުނީފޯމާއެކު އަރާ ބޫޓު ހަލާކުވެފަ ހުރުމުންނާއެކު ޒީވާ އެ ބޫޓު ނެގުމަށް އަވަސްވެގަތެވެ. އެހެނަސް އެތަނުން އަވަހަށް ނުކުތުމުގެ ހިޔާލެއް އޭނާ ނުގެންގުޅޭ ކަހަލައެވެ. އެތަނުގައިހުރި ހެދުންތަކުން ފަހަރަކު ހެދުމެއްގައި އަތް އުނގުޅަމުންދިޔައިރު އޭނާ މާ ގަޔާވި ދެ ހެދުމެއް ގައިގައި ޖައްސައިލައި ހެޔޮވަރުތޯ ބަލައިލިއެވެ. ނަމަވެސް އެ ހެދުންތަކުގައި ޖަހައިފައިވާ އަގު ފެނުމާއެކު ދެލޯ ބޮޑުކޮށްލުމަށްފަހު ހެދުންތައް ބެހެއްޓިއެވެ. އެއީ ފަތުރުވެރިންނަށް ހާއްސަކޮށްފައިވާ ފިހާރައަކަށްވާތީ ދޫ އަގެއްގައި އެއްޗެއް ނުހުންނާނެކަން އޭރުވެސް ރިއާންއަށް އެނގުނެވެ. އެހެނެއްކަމަކު ރިއާން ޒީވާއަށް ނޭނގޭނެފަދައިން އެތަނުގައިހުރި ބިދޭސީ މީހާއަށް އެ ދެހެދުން ނަގައިދިނުމަށް އިޝާރާތް ކުރިއެވެ.
ފައިސާދައްކާ ކައުންޓަރާ ހިސާބަށްދެވުމާއެކު ރިއާން ވޮލެޓުން ނެގި ކާޑު އެތަނުގައި އިން ކޭޝިއަރަށް ދިއްކޮށްލިއެވެ.
“މިއަދު ފުޑްއަށްވެސް ޕޭ ކުރީ ރިއާންއެއްނު.. އަހަރެން ޕޭ ކޮށްލާނަން” ޒީވާ ރިއާންގެ ފައިސާގައި ހިފުމަށް އުޒުރުވެރިވިއެވެ.
“ޒީވްއަށް މިތަނުންވެސް ސްޓާފް ޑިސްކައުންޓް ލިބޭތަ؟” ކެންޓީނަށް ފައިސާ ދެއްކި ދުވަހަށް އިޝާރާތްކޮށް ރިއާން ދިމާކުރުމުގެ ރާގެއްގައި އަހައިލިއެވެ.
“ދެން ރިއާން!” ޒީވާ ސީރިއަސްވެފައި ގޮވައިލިއެވެ.
“އޯކޭ އޯކޭ.. މީގެ ފަހުން ކަންކުރާނެ ގޮތުގެ ގަވައިދެއް ހަދަމާ.. ޑިސްކައުންޓެއް ލިބޭ ކޮންމެތާކުން ޒީވް ފައިސާ ދައްކާގޮތަށް.. ޑިސްކައުންޓް ނުލިބޭހާ ހިނދަކު އަހަރެން ފައިސާ ދައްކާގޮތަށް.. އެންމެ ރަނގަޅެއްނު” ރިއާން ފަހުގެ ނިންމުން އިއްވައިލިއެވެ. ކައުންޓަރުގައި އިން ކުއްޖާ އެދެމީހުނަށް ބަލައިލުމަށްފަހު ދެފަރާތަށް ބޯހޫރައިލިއެވެ.
“ޒީވް ބޭރުގަ މަޑުކޮށްލާ.. އަހަރެން މި ހިފައިގެން މި ނުކުންނަނީ” ރިއާންގެ ބަހަށް ބޯ ޖަހައިލުމަށްފަހު ޒީވާ އެތަނުން ނުކުތީ އޭނާއަކީ މިޒާޖުގައިވެސް ބަސް ގަބޫލުކުރާ މީހަކަށް ވާތީއެވެ. މާ ގިނައިރެއްނުވެ ރިއާން ދެ ކޮތަޅު ހިފައިގެން ފިހާރައިން ނުކުތެވެ.
“ކޮން ދެ ކޮތަޅެއް؟” ޒީވާ އަހައިލިއެވެ.
“މިއީ.. މިއީ އަނެއް.. އަހަރެންނަށްވެސް ރީތި ފައިވާނެއް ފެނިގެން ގަނެލީ” ރިއާން ފާޑަކަށް ހާސްވެފައިހުރެ ބުންޏެވެ. ޒީވާ އިތުރު ސުވާލެއް ނުކުރީތީ ހިތްހަމަޖެހިފައިހުރެ އަނެއްކާވެސް ހިނގަން ފެށިއެވެ. ބީޗުގައި ހިނގިއިރު ފުދޭވަރަކަށް ދުރަށް ހިނގުމުގެ ސަބަބުން ގެއަށް އައުމަށްޓަކައި އޮތް ރާސްތާވެސް އެހާމެ ދިގެވެ. ނަމަވެސް ފިހާރަހުރި ހިސާބުން ހިނގައިގަތް ތަނާހެން ޒީވާގެ ފައި އިރުއިރުކޮޅާ ފުރޮޅައިލަން ފަށައިފިއެވެ. ޒީވާގެ ހިނގުން މަޑުވާން ފަށައިފިއެވެ.
“އަހަރެން އެވަރަށް ބުނީމަވެސް ފައިވާން ބަދަލު ނުކޮށް އައީއެއްނު” ރިއާންއަށް އެންމެފަހުން ނުހުރެވިގެން ބުންޏެވެ.
“އަޅެ. ގެ ވަރަށް ދުރުތަ އަދިވެސް؟” ޒީވާ މިފަހަރު ޖަދަލު ކުރުމުގެ ހިޔާލެއް ނުގެންގުޅުނެވެ.
“އަދި އެހާ ކައިރިއެއްނުވޭ” ރިއާން ތެދުތެދަށް ޖަވާބުދިނެވެ.
“އަޅެ ދެން އަހަރެންނަކަށް ނުހިނގޭނެ. އިރުކޮޅަކު މިތާ މަޑުކޮށްލަންވީނު. ބަހުގަވެސް ދެވިދާނެ” ޒީވާ ކައިރީގައިހުރި ބަސްހުއްޓިއަކާ ދިމާލަށް ދަމުން ބުންޏެވެ.
“ކާރުގަ އައިނަމަ މިހެން ނުވީހެއްނު” ރިއާންގެ އަޑުގައި ރުންކުރުކަމެއް ހުއްޓެވެ. އޭނާ ހަގީގަތުގައިވެސް ހުރީ މީހުން އެއްވެ ތޮއްޖެހިފައިވާ ބަސްހުއްޓީގައި މަޑުކުރަން ޖެހުނީތީ ހިތްހަމަ ނުޖެހިފައެވެ. އެކަން ސިއްރުކުރަން އުޅުނު ނަމަވެސް އަޑުގައިހުރި ރުންކުރުކަމުން ޒީވާއަށް އެކަން ރޭކައިލިއެވެ.
“އޯކޭ. މަޑުކުރާނެ ކަމެއް ނެތް.. ދާން ހިނގާ.. ހަމަ ގައިމުވެސް ދެން މި ހިނގިވަރަށް ހިނގާކަށް ނުޖެހޭނެއްނު” ޒީވާ ފައިވާން ބައިލައި އަތަށް ލުމަށްފަހު ރިއާންގެ ކުރިއަށްހުރެ ހިނގައިގަތެވެ. ރިއާންގެ އަޑުގައިހުރި ރުންކުރުކަމުން އޭނާ ހިތުގައި ޖެހުނީއެވެ. ނަމަވެސް ދިހަ ވަރަކަށް ފިޔަވަޅުވެސް ދުރަށް ނުދެވެނީސް ރިއާން ދުވެލާފައި އައިސް ޒީވާއާ އެއްހަމަކުރިއެވެ. އަދި ކޮތަޅުތައް ހިފަހައްޓައިގެންހުރި އަތްނޫން އަނެއް އަތުން ޒީވާގެ އަތުގައި އޮތް ފައިވާން އަތުލިއެވެ. އެއަށްފަހު އޭނާ ލައިގެން ހުރި ފައިވާން ބައިލައި ޒީވާގެ ކުރިމަތީގައި ބަހައްޓައިލިއެވެ. ޒީވާ ސުވާލު އުފެދިފައިހުރެ ރިއާންގެ މޫނަށް ބަލައިލިއެވެ.
“ހުސްފަޔާ ދަނިކޮށް ފަޔަށް އެއްޗެއް ހެރިދާނެ” ރިއާން ބުންޏެވެ.
“ދެން ރިއާންއޯ؟” ޒީވާ ކަންބޮޑުވިއެވެ.
“ޒީވް ހުސްފަޔާ ހިނގާފަ ދާ މަންޒަރު ބެލުމަށްވުރެ އަހަރެން ހުސްފަޔާ ހިނގާފަ ދާން އަހަރެންނަށް މާ ފަސޭހަ.. އެހެންނޫނަސް އަހަރެންގެ ފައިތިލައަށްވުރެ ޒީވްގެ ފައިތިލަ މާ ހަން ތުނިވާނެ..” ރިއާން ބުންޏެވެ. ޒީވާ ދެކޮލުގެ އަޑިކޮޅި ފެންނަވަރަށް ހިނިތުންވެލުމަށްފަހު ރިއާންގެ ފައިވާން ފަޔަށް ހެޔޮވަރުކޮށްލިއެވެ.
ދެމަފިރިން އެކުގައި އުފާވެރި ހަވީރެެއް ވޭތުކުރި ނަމަވެސް ގެއަށް އާދެވުމާއެކު އެދެމެދަށް އަނެއްކާވެސް ބީރައްޓެހިކަން ވެރިވިއެވެ. އުފާވެރި ހުވަފެނަކުން ހޭލެވުނު ކަހަލަ އިހުސާސެއް ޒީވާއަށް ކުރެވުނެވެ.
“މިއޮތީ ކޮތަޅު..” ކޮޓަރިއަށް ވަންނަންދިޔަ ޒީވާއަށް ގޮވައިލަމުން ރިއާން ބުންޏެވެ.
“ރިއާން ދަނީތަ؟” ޒީވާ މާޔޫސްވިއެވެ.
“މިއަދު ރާހިލްއާއެކު ކޮފީއަކަށް ދާން އެއްބަސް ވެވިފަ އޮތީ.. ދެން އޮތް ކޮތަޅުވެސް ބަލާލައްޗޭ” ޒީވާ ބޯޖަހައިލަމުން އެދެކޮތަޅުގައި ހިފިއެވެ.
ރިއާން ލަސް ފިޔަވަޅުތަކެއްގައިގޮސް ގޭގެދޮރުން ނުކުތުމުގެ ކުރިން ޒީވާއަށް ހަނާ އަޅައިލިއެވެ. އެވަގުތު ޒީވާ ދުވެފައިގޮސް ރިއާންގެ ގައިގައި ބައްދައިލިއެވެ.
“ތެންކްޔޫ.. ފޯ ޓުޑޭ” ޒީވާ ރިއާންއާ ދުރުވެލަމުން ބުންޏެވެ. ރިއާންއަށް ރައްދުގައި ދޭނެ ޖަވާބެއް ނޭނގުނެވެ. ޒީވާއަށް އެކަން ވާނީ އެހެންކަން މާ ކުރިންވެސް އެނގޭ ކަހަލައެވެ. ރިއާންގެ ޖަވާބަކަށް މަޑުކުރުމެއްނެތި ދުވެލާފައިގޮސް ކޮޓަރިއަށް ވަނެވެ.
*************
“ނޫނޭވާ ސާބަސް.. އަހަރެންމީ އަދި ކައިވެންޏަށް ހަފްތާއެއް ނުވާ މީހާ.. ރިއާން މިހާރު ކައިވެނި ކުރިތާ ދެތިން މަސް ވީ. އަދިވެސް ދައްކަންހުރި ވާހަކަ ހުސްނުވަނީތަ؟ މިހާރުވެސް އަހަރެން މިތާ އިންކަންވެސް ހަދާނުލާ ހެވިދިލިފަ ތި އިންނަނީ ފޯނަށް ގެއްލިފަވިއްޔަ” ކުރިމަތީގައި އިން ރިއާންްއާ ދިމާކޮށްލުމުގެ ގޮތުން ރާހިލް ބުންޏެވެ. އެދެމީހުން ތިބީ އާދައިގެ މަތިން ކޮފީބޯން އަންނަ ރެސްޓޯރަންޓްގައެވެ.
ރިއާންގެ ނަޒަރު އަތުގައި އޮތް ފޯނުން ފެންނަމުންދިޔަ ޒީވާގެ ފޮޓޮއަށް ހުއްޓިފައިވާއިރު އެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. އެއީ އޭނާ ކުރީދުވަހު ހަދިޔާކުރި ދެ ހެދުމުގައި ޒީވާ ނަގައިފައިވާ ދެ ފޮޓޮއެވެ. އޭގެ ތިރީގައި ޒީވާ ބޭރަށް ދިޔުމަށްޓަކައި ރީތީ ކޮން ހެދުމެއްތޯ އަހައި ރިއާންގެ ހިޔާލު ހޯދައިފައިވެއެވެ. ނަމަވެސް އެއީ އޭގެ ދެތިން ގަޑިއިރު ކުރީގެ މެސެޖެއްކަމުން މިހާރު އެ މެސެޖަށް ރައްދު ދިނުމުގެ ބޭނުމެއް ނެތްކަން ރިއާންއަށް އެނގުނެވެ.
“ބަލަ އަހަރެން ކިޔާ އެއްޗެއް އަޑުވެސް ނީވެނީތަ؟” ރާހިލް ބުންޏެވެ.
“ހޫން ކިޔާބަލަ. ކޮންހާ ޝަކުވާއެއްތަ؟ އަހަރެންނެއް ނޫނޭ ރާހިލްއަށް ގުޅައިގެން މިތަނަށް ގެނައީކީ” ރިއާން މޭޒުމަތީގައި ފޯނު ބޭއްވިއެވެ.
“ތި ދެން ވަރަށް ހެއްވާގޮތެއް.. އަހަރެން ރިއާން ގެނައީ ގަދަކަމުންތަ؟” ރާހިލް ބުންޏެވެ.
“ބޭކާރު ވާހަކަތައް ހުއްޓާލާފަ ދެން ކިޔާބަލަ. އަދިވެސް ޒީވާއަށް އަންގާކަށް ނުވޭތަ؟” ރިއާން ހުރީ ޒީވާއަށް އެހާ ބޮޑުކަމެއް ސިއްރުކުރަން ޖެހޭތީ ކަންބޮޑުވެފައެވެ.
“އަހަރެން ބުނިން ޝައިނާގާތު އަހަރެންނަށްވުރެން ޝައިނާ މިވާހަކަ ދެއްކިއްޔާއޭ ރަނގަޅުވާނީ.. އެކަމް އެލީޝާގެ ކަންތައްވެސް ކުރިއަށް އޮތީމަ ޒީ ހިތްހަމަ ނުޖެހިދާނެތީ ކަންނޭނގެ މިކަން ކިޔާދޭން ބޭނުން ނުވަނީ..” ރާހިލް ބުންޏެވެ.
“އަބަދަކު ސިއްރެއް ނުކުރެވޭނެ އެނގޭ.. ކޮންމެވެސް ދުވަހަކުން ޒީވާއަ-”
“އަވަހަކާ މަރެއް ނުވާނެ. ތިހިރަ އަންނަނީ ފަހަތުން” ރާހިލް ރިއާންގެ ވާހަކަ މެދުކަނޑައިލަމުން ބުންޏެވެ. ރިއާން ފަހަތް ބަލައިލި ވަގުތު ޝައިނާއާއެކު އެތަނަށް ވަދެގެން އައި ޒީވާ ފެނުނެވެ. ޒީވާ ލައިފައިވަނީ އޭނާ އެދުވަހު ގަނެދިން ކަނޑުނޫކުލައިގެ ހެދުމެވެ.
“ކޮބާ؟ އަހަރުމެންވެސް ކޮފީއަށް މިއައީ. އެކަމަކު ދައުލަތާ އެއްވަރަށް ލާރި ލިބޭ މީހުން ތިއްބާ އަހަރުމެން ބިލް ކަނޑަނީ ކީއްކުރަން؟ ތިކޮޅަށް ފޮނުވާލާނަން އެނގޭ ބިލް” ރިއާންމެން ތިބި މޭޒާ ގާތްވެލަމުން ޝައިނާ ސަމާސާ ރާގެއްގައި ބުންޏެވެ.
“ދުރަކަށް ދާނެ ކަމެއް ނެތެއްނު؟ މި މޭޒަށް ޖޮއިން ކޮށްލާ” ރާހިލް ބުންޏެވެ.
“ޒީއަށް އޯކޭ އިއްޔާ އަހަރެންނަށް އޯކޭ” ޝައިނާގެ ވާހަކައަށް ބޯ ޖަހައިލަމުން ޒީވާ ރިއާންއާ ޖެހިގެންހުރި ގޮނޑީގައި އިށީނެވެ. އެ މޭޒުގައި ގޮނޑި ޖަހައިފައިވަނީ ދެފަރާތުގައި ކަމުން ޝައިނާއަށް ޖެހުނީ ރާހިލްއާ ޖެހިގެންހުރި ގޮނޑީގައި އިށީންނާށެވެ.
“އޭޒް އިފް އިޓް ވޯޒް މޭޑް ޖަސްޓް ފޯރ ޔޫ” ރިއާން ޒީވާގެ ހެދުމާ ގުޅިގެން ކަންފަތް ދޮށުގައި ކޮށްލި ތައުރީފާއެކު ޒީވާގެ މޫނު ލަދުން ރަތްވިއެވެ. އެ މަންޒަރު ބަލަން ތިބި ރާހިލްއާއި ޝައިނާ އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސައިލިއެވެ.
“އޯހް ޕްލީޒް ގެޓް އަ ރޫމް.. ލަދުން ބޯ ހަލާކުވޭ ޕަބްލިކްގަވެސް އުޅޭ ވައްތަރުން” ރާހިލް ދިމާކޮށްލިއެވެ.
“ތިއުޅެނީ އަހަރެންގެ އަނގައިން އެއްޗެކޭ ބުނުއްވަން އެނގޭ” ރިއާންވެސް ވަކި ރާހިލްއަކަށް ދުލެއް ނުދިނެވެ.
ރާހިލްއަށް ރިއާން އެބުނި އެއްޗެއްގެ މާނަ އެނގުމާއެކު ހިމޭންވިއެވެ. އެވަގުތު އެ މޭޒު ކައިރިން އަޅާފައިދިޔަ ޒުވާން ފިރިހެނެއް ޝައިނާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިތަން ފެނި ޒީވާ ކަރުކެހިލުމަށްފަހު ލޮލުގެ އިޝާރާތުން ޝައިނާއަށް އެ ޒުވާނާ ދައްކައިލިއެވެ.
“ފެނުނޭ” ޝައިނާ ފާޑަކަށް އިނދެ ބުންޏެވެ.
“ދޭބަލަ ވާހަކަދައްކާލަން.. އެއްފަހަރުވެސް ވާހަކަ ދައްކާލީމައެއްނު އެނގޭނީ” ޒީވާ ބުންޏެވެ.
“ކާކު؟” ރާހިލްގެ ދެބުމަ ގޮށްޖެހުނެވެ.
“މީހެއް ނޫން” ޝައިނާ އަވަސްއަވަހަށް ޖަވާބު ދިނެވެ.
“އެއިނީނު ޖެހިގެން އިން މޭޒުގަ މީހެއް.. ޝައިއާ އެއްކޮށް ބްރޭކް ގަޑީގަ މިތަނަށް އައިސް އައިސް އޭނާއަށް ޝައި ފެނިގެން ވާހަކަ ދައްކަން އުޅޭތާ ކިތަންމެ ދުވަހެއް.. އަޅެ ދޮންބެ ބަލާބަލަ. އޭނާ ޖަހާތަ ގޯސް މީހެއް ވައްތަރު؟” ޒީވާގެ ސުވާލާއެކު ރިއާންގާތަށް ހިނިއައި ނަމަވެސް އެކަން ފޮރުވައިލުމަށްޓަކައި ގަދަކަމުން ކެއްސައިލިއެވެ.
“ދެން ތާކުން ފެންނަހާ އެންމެނާ ވާހަކަދެއްކޭތަ؟” ޝައިނާ ކަންބޮޑުވެފައި އެއްފަހަރު ރިއާންއަށް އަނެއްފަހަރު ރާހިލްއަށް ބަލައިލަމުން ބުންޏެވެ.
“އެކަމަކު އަހަރެންނަކަށްވެސް ހިއެއްނުވޭ ބަލާލާފަ ގޯސް މީހެއް ހެނެއް.. ދޯ ރާހިލް؟” ރިއާން ހީވަނީ ރާހިލް ރުޅި ނައިސްގެން އުޅޭ މީހެއް ހެނެވެ. އޭނާއަކީ އާންމުކޮށް އެކަހަލަ ކަންކަމުގައި ބަސްކިޔާ އުޅޭ މީހެއްވެސް ނޫނެވެ. ޝައިނާ ރިއާންއާ ދިމާލަށް ލޯ އަޅައިލިއެވެ. އެންމެފަހުން ރާހިލްވެސް ނުރުހުންވެފައި ފަހަތުގައި އިން ޒުވާނާއަށް ބަލައިލިއެވެ. އެއަށްފަހު ގާތް ގޮތަކަށް ޝައިނާ އިން ގޮނޑީގެ ފަހަތުގައި އަތް އަޅުވައިލިއެވެ. ޝައިނާއަށް އެކަން ފާހަގަވެ ހިނިތުންވެލިއެވެ.
“އަޅޭ މި އެލީ ކޮބާތަ؟ އަދިވެސް ފޯނެއް ނުނަގާ! ޝައި ޔަގީންދޯ އޭނައަށް ގުޅިންކަން” ޒީވާ ފޯނުން އެލީޝާއަށް ގުޅަން މަސައްކަތްކުރިއެވެ.
“މިހާރު އެލީޝާވެސް ތިމީހުންގެ ގުރޫޕަށް ވެއްދީތަ؟” ރާހިލް ހައިރާންވެފައި އަހައިލިއެވެ.
“ހްމްމް. ވައްދަން ޖެހޭނެއްނު. ޒީގެ ވާން އުޅޭ ފަހަރިވިއްޔަ. އެލީ ގޮވައިގެން ވެޑިންގް ކޭކްގެ ޑިޒައިން ފައިނަލްކުރަން މި ދަނީ” ޝައިނާ ރުންކުރު ރާގެއްގައި ބުނެލިއެވެ.
“ހޫމް ސާބަސް. އަޅެ ޝައިވެސް ތީ އަހަރުމެންގޭ ކުއްޖެކޭ. ދޮންބެގެ ވައިފް އަހަރެންގެ ފަހަރިއަށް ވާގޮތަކަށް ހަމަ ޝައިގެ ފަހަރިއަށްވެސް ވާނޭ. ރިއާންއަށް އެނގޭތަ މި ޝައި އުޅެނީ ވަރަށް ފާޑަކަށް. ހީވާކަހަލަ އެލީ އަހަރުމެންގޭ ކުއްޖަކަށް ވީމަ އަހަރެން އެލީއާ މާ ގާތް ވާނޭ. އެކަމަކު އެންމެ ފުރަތަމަ އަހަރުމެންގޭ ކުއަޖަކަށްވީ ޝައިއެއް ނޫންތަ؟” ޒީވާގެ ވާހަކައާއެކު މިފަހަރުވެސް ރިއާން ހިނިގަނޑު ހިފަހައްޓައިލަން މަސައްކަތް ކުރަމުން ދެފަހަރަކު ކެއްސައިލިއެވެ. ޒީވާއަށް އެބުނެވުނީ ކިހާ ވަރެއްގެ ހަގީގަތެއްކަން ޚުދު ޒީވާއަށްވެސް ނޭނގޭނޭ އޭނާގެ ހިތަށް އެރިއެވެ.
“ބަލީތަ؟ ހާދަ ވަރަކަށް ތި ކެއްސަނީ” ޒީވާ ކަންބޮޑުވެފައިހުރެ އަހައިލިއެވެ. ރިއާން ކަމެއް ނުވެޔޭ ބުނުމުގެގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
ހަތަރު މީހުން އެކި ވާހަކައިގައިތިބެ ކޮފީ ނިންމައިލުމަށްފަހު ޝައިނާއާއި ޒީވާ އެތަނުން ދާން ނުކުތީ އެލީޝާ ގުޅުމުންނެވެ. އެމީހުން ނުކުތުމާއެކު ރިއާން އެ ހުރިހާއިރު ހިފަހައްޓައިގެންހުރި ހިނިގަނޑު ދޫކޮށްލަމުން ރާހިލްއަށް ބަލައިލިއެވެ. ރާހިލް ފާޑަކަށް ނުރުހިފައި އިނދެ ރިއާންއަށް ލޯ އަޅައިލުމަށްފަހު އެތަނުން ނުކުތުމަށް ހިނގައިގަތެވެ.
*************
އާރް.އެލް ބިޒްނަސް ހޮޓެލްގެ ގްރީންހައުސް ރެސްޓޯރެންޓްގައި ކަލަޔަންޓަކާއެކު ރޭގަނޑުގެ ކެއުމުގައި ބައިވެރިވެ އިން ރިއާންގެ މޫނުމަތީގައިވަނީ ކަންބޮޑުވުމެވެ. އޭނާގެ ނަޒަރު އިރުއިރުކޮޅާ ކައިރީގައި އޮތް ފޯނަށް ހުއްޓެމުން ދިޔައެވެ. ގެއަށް އަންނަނީ ކިހާ އިރަކުތޯ އެހުމަށްޓަކައި ޒީވާ ފޮނުވި މެސެޖަށްފަހު އެތަނުގައި އިނުން އޭނާއަށް އުނދަގޫ ވެފައިވިއެވެ. ޒީވާއަކީ ކަމަކާނުލައި އެފަދަ ސުވާލެއް ކުރިމަތިކުރާނޭ ކުއްޖެއް ނޫންކަން އޭނާއަށް އެނގެއެވެ. އެ މެސެޖު ލިބުނުތާ މާ ގިނައިރެއްނުވެ ބޯކޮށް ވެހެންފެށި ވާރޭގެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނާއަށް ހާސްވެފައި ނިތްކުރީގައި އަތް ހިންގައިލެވުނެވެ.
“ރިއާން. އަރ ޔޫ އޮލްރައިޓް؟” ރިއާންގެ ކުރިމަތީގައި އިން ބޭރުމީހާ އަހައިލިއެވެ. އެމީހާއާ ޖެހިގެންހުރި ގޮނޑީގައި އިން އަންހެންމީހާވެސް ކަންބޮޑުވެފައި ރިއާންއަށް ބަލައިލިއެވެ.
“ޔެސް.. ޔެސް އައިމް ވެލް” ރިއާން އެދެމަފިރިންނަށް ހީނިތުންވެލިއެވެ. އޭނާއަށް އެ ބައްދަލުވުން ދޫކޮށްލާފަ ދެވެން ނެތްކަން ގަބޫކުރިއެވެ. އެއީ އާރް.އެލްއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ މަސައްކަތެއް ކުރަމުން އަންނަ ސްވިޓްޒަރލޭންޑް ކުންފުންޏެއްގެ އެންމެ ބޮޑު ދެ ހިއްސާދާރުންނާއެކު ބޭއްވޭ ބައްދަލުވުމަކަށް ވާއިރު އެމީހުންނާ ރަނގަޅު ގުޅުމެއް ބޭއްވުމަކީ ބައިނަލްއަގްވާމީ ފެންވަރެއްގައި އާރް.އެލްގެ ނަން ފުޅާކުރުމަށް އޭނާ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އަނެއްކޮޅުން އެދެމަފިރިންގެ ފްލައިޓް މާދަމާ ހެނދުނަށް ހަމަޖެހިފައިވީތީ އޭނާ ކޮންމެހެންވެސް މިރެއަށް އެ ބައްދަލުވުން ތާވަލު ކުރަންޖެހުނީއެވެ.
“އަރ ޔޫ ޝުއަރ ޔޫ ޑޯންޓް ވޯންޓް ޓު އަންސްވަރ ދެޓް؟” އެމީހާ ކުރި ސުވާލަށް ދޭނެ ޖަވާބަކާމެދު ރިއާން އިރުކޮޅަކު ވިސްނަން އިނުމަށްފަހު ފޯނު ނެގިއެވެ.
“ހެލޯ؟ ރިއާން ކޮންތާކު؟ ޒީ އެކަނިތަ ގޭގަ؟ އަހަރެންނަށްވެސް ދެވެން ނެތީމަ. ރާހިލް ވަރަށް ސުވާލު ގިނަ ކުރާނެ” ޝައިނާ ގުޅީ ކީއްވެކަން ރިއާންއަށް ފަހުމްވިއެވެ. ޒީވާ ޝައިނާއަށް ގުޅާފައި ގެއަށް އައިސްދޭން އެދުމުން ޝައިނާއަށް ދެވެން ނެތީތީ ރިއާންއަށް ގުޅީއެވެ. ވާނީވެސް އެހެންތާއެވެ. ޝައިނާއަކީވެސް މިހާރު މީހެއްގެ އަންބެކެވެ. ކުރިއެކޭ އެއްގޮތަށް ޒީވާ ގުޅާލާ އިރަކުން އެތަނަކަށް ނުދެވޭނެކަން އޭނާއަށްވެސް އެނގެއެވެ. ވަކިން ހާއްސަކޮށް މިފަދަ ވިއްސާރަ ރެއެއްގައި ރާހިލްއާ ދުރަށް ޝައިނާ ފޮނުވުމަކީ ނާދިރުކަމެކެވެ. އޭނާގެ ރަހްމަތްތެރިޔާގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށެވެ.
ފޯނު ބޭއްވުމާއެކު ޖަހައިލި ގުގުރީގެ އަޑަށް ރިއާން ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ޖެހިލުންވެފައި އިނދެ ކުރިމަތީގައި އިން ދެމީހުނަށް ބަލައިލިއެވެ.
“އެކްޗުއަލީ އިޓްސް މައި ވައިފް..” ރިއާން ދެހިޔާލެއްގައި އިނދެ ބުންޏެވެ.
“އޯހް ޔޯރ ވައިފް! ޔޫ ޝުޑް ހެވް ބްރޯޓް ހަރ ފޯރ ޑިނަރ.. އިފް އިޓްސް ޔޯރ ވައިފް ޔޫ މަސްޓް ޑެފިނިޓްލީ ގޯ” އެމީހާ ހިނިތުންވުމާއެކު ބުންޏެވެ.
“ތެންކްޔޫ ސޯ މަޗް ޖެރަޑް. ތެންކްޔޫ ޖޮއިސް. އައި ވިލް ބީ ޝުއަރ ޓު މޭކް އަޕް ފޯރ ދިސް ނެކްސްޓް ޓައިމް” ރިއާން އެދެމަފިރިންނާ ސަލާން ކޮށްލަމުން ތެދުވިއެވެ.
“ނޯ ޕްރޮބްލެމް އެޓް އޯލް.. ޑޫ ބްރިންގް ޔޯރ ވައިފް ނެކްސްޓް ޓައިމް.. އައިމް ލުކިންގް ފޯވަރޑް ޓު އިޓް” ޖޮއިސް ރިއާންއަށް ހިނިތުންވެލިއެވެ. ރިއާންވެސް ޖޮއިސްގެ އެދުމަށް ބޯ ޖަހައިލިއެވެ.
ހަގީގަތުގައި އޭނާ ޒީވާ އެފަދަ ބައްދަލުވުންތަކަށް ނުގެންނަނީ ޒީވާ އެކަމާ ގަޔާ ނުވާނެތީއެވެ. ނަމަވެސް އެވާހަކަވެސް ޒީވާއާ ދެއްކުމަށް ސިކުނޑީގެ ކަނެއްގައި ނޯޓުކޮށްލަމުން އެނާ އަވަސް އަވަހަށް އެތަނުން ދިޔައެވެ.
ގެ ހުންނަ މިސްރާބަށް ކާރު ދުއްވަމުންދިޔައިރު ޖަހައިލާ ކޮންމެ ގުގުރިއަކާއެކު ރިއާން ދުއްވަމުންދިޔަ ކާރުގެ ސްޕީޑް ބާރުވަމުން ދިޔައެވެ. އާރް.އެލް ބިޒްނަސް ހޮޓެލް ހުންނަނީ ހުޅުމާލޭގައިކަމުން މާގިނައިރެއްނުވެ އޭނާ ދިރިއުޅޭ އިމާރާތާ ހަމައަށް ވާސިލްވެވިއްޖެއެވެ.
ތެޅިތެޅި އޮތް ހިތަކާއެކު އޭނާ އެޕަރޓްމެންޓްގެ ތެރެއަށްވަދެ އެތަންމިތަން ހޯދަން ފެށިއެވެ. ޒީވާ އުޅޭ ކޮޓަރީގެ ތަޅުގައި ހިފައިލުމާއެކު ދޮރު ހުޅުވުނެވެ. ނަމަވެސް އެތަނުގައި ޒީވާއެއް ނެތެވެ. ހާސްވެފައިހުރެ ޒީވާގެ ފޯނަށް ގުޅަމުން އޭނާގޮސް އަމިއްލަ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު އެ ކޮޓަރީގެ ބޮޑު އެނދުގައި އަރާމުކޮށް ނިދާލައިފައި އޮތް ޒީވާފެނި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ލަސްފިޔަވަޅުތަކެއްގައިގޮސް ޒީވާގެ ގައިމަތީގައި އޮތް ރަޖާ ރީތިކޮށްލުމަށްފަހު އެތަނުން ނުކުތެވެ. އެކޮޓަރިއަކީ ބޭރުގެ އަޑުތައް ނީވޭނެހެން ސައުންޑްޕްރޫފް ކޮށްފައިވާ ކޮޓަރިއެކެވެ. މިފަހަކަށް އައިސް އޭނާއަށް ކޮޓަރި ތަޅުނުލާ އޮފީހަށް ދެވޭކަމީ ނަސީބެއްތާއޭ އޭނާގެ ހިތަށް އެރިއެވެ. ޒީވާއަށް އެރޭ އެތަނުގައި ހަމަޖެހިލައިގެން ނިދޭނެކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. ހިނިތުންވެފައިހުރެ ރިއާން ޓީވީ ހުޅުވައިލުމަށްފަހު ގަމީހުގެ މޭމަތިން ދެގޮށެއްވަރު ނައްޓައިލަމުން ސޯފާއަށް ވެއްޓިގަތެވެ.
**************
ޖެހިގެން އައި ދުވަހެވެ. އާދައިގެމަތިން އޮފީހުން ނުކުތުމަށްފަހު ޝައިނާ ވަށައިގެން ހޯދާލީ ރާހިލް ފެނޭތޯއެވެ. ނަމަވެސް ފެންނަ ހިސާބުގައި ނެތުމުން ފޯނު ނަގައި ގުޅައިލަން އުޅުނު ވަގުތު ސައިކަލުގައި އައިސް ކުރިމައްޗަށް ހުއްޓިލި ނީމް ފެނި އޭނާގެ ހަރަކާތްތަށް މަޑުޖެހުނެވެ.
“ނީމްވެސް ނިންމާލީދޯ މިއަދަށް؟” ޝައިނާ އެކުވެރި ރާގެއްގައި އަހައިލިއެވެ.
“ހްމްމް. ޝައި ގެއަށްތަ؟” ނީމް ސުވާލުކުރިއެވެ.
“އާނ.. ރާހިލް އަންނަންދެން މި ހުންނަނީ… ވެދާނެ ކުޑަކޮށް ބިޒީވީ ކަމަށްވެސް” ޝައިނާ ބުންޏެވެ.
“އަހަރެން ގެންގޮސްދެންތަ؟ އަދި ތިގެއަށް ދާށޭ މި އުޅުނީ.. ކުރީދުވަހު އާދެވުނީ ވާރޭކޯޓު ބާއްވާފަ. ދާންވީނު އަހަރެންނާއެކު” ނީމް ބުނެލިއެވެ. ޝައިނާ އިރުކޮޅަކު މަޑުމަޑުން ހުރުމަށްފަހު ބޯޖަހައިލިއެވެ.
“އެބަ އަންނަން ރާހިލްގާތު ބުނެލާފަ ނީމްއާ އެއްކޮށޭ މި ދަނީ އެނގޭ” ޝައިނާ ފޯނުގައިހުރެ އެއްކައިރިއަކަށް ޖެހިލިއެވެ. އަދި ކޯލް ނިންމައިލުމަށްފަހު އައިސް ނީމްގެ ސައިކަލަަށް އަރައި ހަމަޖެހިލިއެވެ.
———
“އަޅެ ކޮބާތަ؟ އަހަރެންގެ ކޮޓަރިވެސް ބަލައިފިން! އެކަމަކު މިގެއިން ގެއްލޭނެ ގޮތެއް ނޯންނާނެ ދޯ.” ޝައިނާ ކަންބޮޑުވެފައިހުރެ ސިޓިންގްރޫމްގެ ސޯފާގައި އިށީނެވެ.
“އަހަރެން މިތާ ބޭއްވި ހަނދާނެއްވަނީ” ނީމްވެސް ބުންޏެވެ. އެވަގުތު ޝިމާން އޭނާ އުޅޭ ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ނުކުތެވެ.
“ޝިމާން!! ކޮބާތަ މިތާ އޮތް ވާރޭ ކޯޓު؟ އަހަރެންވެސް ދުށް ހަނދާނެއްވެޔޭ! ނީމްގެ ކޯޓެއް އެއީ..” ޝައިނާގެ ވާހަކަ ނުނިމެނީސް ރިއާން ކޮޓަރިއަށް ވަނެވެ. ދެން ނުކުތީ ރީނދޫކުލައިގެ އިރުދޭމާތަކެއް ޖަހައިފައިވާ ހުދު ވާރޭ ކޯޓެއް ހިފައިގެންނެވެ.
“އިޝީގެ ކޯޓެއްކަމަށް ހީކޮށް ފޮރުވީ.. ސޮރީ” ޝިމާން އެ ކޯޓު ނީމްއަށް ދިއްކޮށްލިއެވެ. ނީމް ހިނިތުންވުމަކާއެކު އެ ކޯޓުގައި ހިފުމަށްފަހު މެޔާލައި ބޮނޑިކޮށްލިއެވެ.
“ނަސީބެއްނު ނުގެއްލެންދެން ޝިމާން ފޮރުވިކަން! ނީމް ދެން މިއަދު ސައިބޮއެގެން ދާންވާނީ” ޝައިނާ ބުންޏެވެ.
“ނޫނޭ މިހާރުވެސް ކުޑަކޮށް ލަސްވެއްޖެ” ނީމް ބުންޏެވެ.
“އޯކޭ.. އަހަރެން ނީމްއާއެކު ފައިބާނަން” ޝައިނާ ބުންޏެވެ.
“ނޫނޭ ރަނގަޅުވާނެ. ޝިމާންވެސް އެދަނީ ތިރިއަކަށްނު ދޯ ޝިމާން؟” ނީމްގެ ސުވާލަށް ޝިމާން ހިނިތުންވުމަކާއެކު ބޯ ޖަހައިލިއެވެ. ދެމީހުން އެކުގައި ސިޑިން ފައިބައިގެން ދިޔައިރު އެދެމެދަށް ވެރިވެފައިވި ހިމޭންކަން ނައްތައިލުމުގައި ޝިމާން އިސްނެގިއެވެ.
“ނީމް ދޯ ކިޔަނީ؟ އުމުރުން ކިހާވަރެއް.” ޝިމާން އަހައިލިއެވެ.
“އަށާރަ އަހަރު” ނީމް ކުރު ޖަވާބަކުން ފުއްދައިލިއެވެ. ޝިމާންގެ ހަޔާތައް ކުއްޖަކު އައިސްފައިވާކަން ޔަގީންކުރެވުމުން އޭނާ މާގިނަ ވާހަކަތައް ދައްކަން ބޭނުންނުވީއެވެ.
“ހަމަ އަހަރުމެންނާ އެއް އުމުރެއްދޯ؟ ކިޔަވާކަށް ނުވިސްނަންތަ؟ ކީއްވެ ވަޒީފާއަކަށް ދާން ނިންމީ؟” ޝިމާން އެއްސެވެ.
“ނޫނޭ ކިޔަވަން.. އެންމެނަކީ އެއްކަމަކަށް ހުސްވެގެން ހުރެވޭހާ ނަސީބުގަދަ ބައެއް ނޫނެއްނު؟ ޝިމާން ވަރަށް ލަކީ.. ޝިމާން ނަގާ ކޮންމެ ޑެސިޝަންއަކަށް އެއްބާރުލުންދޭން ޝައިނާކަހަލަ ދައްތައެއް ހުންނާތީ”
“އެނގޭ ތިކަން. ސިސްއަކީ ހަމަ އެއްވަނަ” ޝިމާންވެސް ނީމްގެ ވާހަކައަށް އެއްބަސްވިއެވެ. އޭރު އެދެމީހުންނަށް ތިބެވުނީ ސިޑީގެ އެންމެ ތިރީ ހަރުފަތާ ހިސާބަށް އާދެވިފައެވެ. ނީމްއަށް ބޭއިހްތިޔާރުގައި އޭނާގެ މޭގައި ބޮނޑިކޮށްލައިގެންހުރި ވާރޭކޯޓު ނޭފަތުގައި ޖައްސައިލެވުނީ އޭގެން ދުވި މީރުވަހުގެ ސަބަބުންނެވެ.
“ސޮރީ! އިޝީގެ ކޯޓު ކަމަށް ހީކޮށް އަހަރެންގެ ސެންޓުފުޅި ޖަހާލީ” ޝިމާންއަށް ނީމްގެ ހަރަކާތް ފާހަގަވެ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
“އިޝީ.. ޖީ.އެފްތަ؟” ނީމްގެ ސުވާލަށް ޝިމާން ބޯ ޖަހައިލިއެވެ.
“އަހަރެން ވަރަށް އުއްމީދުކޮށްގެން ހުރީ ޝިމާން ހުސްކަމަށް..” ނީމް ސަމާސާ ރާގެއްގައި ބުންޏެވެ.
“ކިހިނެއް އެނގެނީ ދެން އަހަރެންނާ ބައްދަލުވާއިރު ހުސްކޮށް ނުހުންނާނެ ކަމެއްވެސް؟ ގުޑްބައި ނީމް” އެ ރައްދާއެކު ޝިމާން މަޑު ދުވުމެއްގައިގޮސް ގޭގެ ދޮރާށިން ނުކުތްއިރު ނީމްއަށް އެހުރި ފިޔަވަޅުމަތީގައި ގަނޑުވެފައި ހުރެވުނެވެ. ޝިމާން އެބުނި ބަހުގެ މާނަ ނަގާނެ ގޮތެއް ނޭނގިފައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Mi part ves varah reethi. Shimaan please dont tell you are going to break up ishvaa ey neem aa gulhen.. Curiously waiting for next part???