“މެރީ މީ؟ ޕްލީޒް؟” ރާހިލް އަތުގެ ކުޑަވައި އިނގިލީގައި އަޅައިފައިވާ އަނގޮނޓިއެއް ވަކިކޮށްލަމުން ޝައިނާގެ އަތުތެރެއަށް ލައިދިނެވެ.
“ކީކޭ؟” ޝައިނާގެ ހިތް ބާރަށް ތެޅިލިއެވެ. “ރާހިލް.. ތިކަހަލަ ސަމާސާ އެއްވެސް މަޖަލެއް ނޫން” ޝައިނާ ބުންޏެވެ.
“މިއީ ސަމާސާއެއް ނޫނޭ ލަވް… އަހަރެންގެ ދިރިއުޅުމުގެ ބާކީބައި ހޭދަކުރަން ބޭނުންވަނީ ޝައިނާއާ އެކުގައިކަން ޔަގީންވީމަ އިތުރަށް މަޑު ކުރަންވީ ކީއްކުރަން؟ އަހަރެން ބޭނުމީ ކައިވެނި ކުރަން” ރާހިލް ބުންޏެވެ.
“ރާހިލް.. ދެން ޒީ އޯ؟ އެލީޝާ..” ޝައިނާ ޖަވާބެއް ދިނުމުގެ ކުރިން އެދެމެދަށް ވެރިވެދާނެ ހުރިހައި ހުރަހަކަށް އޭނާ ވިސްނައިލިއެވެ. އެފަދަ ހުރަހެއް ނެތްނަމަ އޭނާވެސް ރާހިލްގެ އެދުމާ ދެކޮޅުހަދާކަށް ބޭނުމެއް ނުވެއެވެ. ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަސްތެރޭ އޭނާގެ ހަޔާތަށް އައިސްފައިވި ފަޅުކަމުގެ އަސްލަކީ ރާހިލް ނެތުން ފިޔަވައި އިތުރު އެހެން ސަބަބެއް ނޫނެވެ. ހުދު އޭނާވެސް އެވަނީ ރާހިލްގެ ލޯތްބަށް ފެންބޮވައިގެންފައެވެ.
“ޝައިނާ ޕްލީޒް.. އަހަރެން ހުރިހާ ވާހަކައެއްވެސް ކިޔާދޭނަން.. މިރޭ އަހަރެން ޝައިނާ ބަލާ ތިގެއަށް ދާނަން.. އަހަރެންނަށް އިތުބާރު ކުރޭ.. ހުރިހާ ވާހަކައެއް އެނގުމަށްފަހު ދެންވެސް ޝައިނާ އަހަރެންނާއެކު އުޅެން ބޭނުން ނެތިއްޔާ މި އަނގޮޓި މިރޭ އަހަރެންނަށް ރައްދުކޮށްދީ. އައި ލަވް ޔޫ” ޝައިނާގެ ނިތްކުރިއަށް އަވަސް ދޮނެއް ދިނުމަށްފަހު ރާހިލް އެތަނުން ދިޔައެވެ.
ޝައިނާހުރީ ހުރި ފިޔަވަޅުމަތީގައި ހުއްޓުން އަރައިފައެވެ. ހީވެސް ނުކުރާހާ އަވަހަށް ހަޔާތުގެ އެހާ ބޮޑު ނިންމުމެއް ނިންމަން ޖެހުމުން އޭނާގެ ސިކުނޑީގައިވަނީ ހައިޖާނެއް އުފެދިފައެވެ. އެހެންކަމުން އެރޭގެ ވަގުތުތައް ހިނގަމުންދިޔައީ މާ އަވަހަށޭވެސް އޭނާއަށް ހީވާން ފެށިއެވެ. ގަޑިން އަށެއް ޖެހުމާ ގާތްވެފައި ވަނިކޮށް ރާހިލް އޭނާ ބަލައި އައެވެ. މި ދެވެނީ ކޮންތާކަށްތޯވެސް އެހުމެއްނެތި އޭނާ ހިމޭންކަން އިހްތިޔާރުކުރީ މިއީ ރާހިލްގެ ބަހަށް އިތުބާރުކުރާނެ ފަހު ފަހަރު ކަމަށް ނިންމަމުންނެވެ.
ރާހިލް ސައިކަލު ހުއްޓައިލީ އާރް.އެލް އިމާރާތުގެ ކުރިމައްޗަށެވެ. އަށްވަނަ ފަންގިފިލާއަށް ހުއްޓުނު ލިފުްޓުން ނުކުމެ ސިޑިއާ ދިމާލަށް މިސްރާބުޖެހުމާއެކު މިދެވެނީ އިމާރާތުގެ ޓެރަހަށްކަން ޝައިނާއަށް އެނގުނެވެ. ޝައިނާގެ ހަނދާނަށް އައީ ރާހިލް އޭނާ އެތަނަށް ގެނެސް ލޯބި ހުށަހެޅި ރޭގެ ހަނދާންތަކެވެ. އޭނާ ވަގުތުން ރާހިލްއަށް ފަސް އެނބުރި ލިފްޓާ ދިމާލަށް ހިނގައިގަތެވެ.
“މަޑުކޮށްބަ” ރާހިލް ޝައިނާގެ އަތުގައި ހިފިއެވެ.
“ނޫޅެން މަޑުކުރާކަށް.. އަހަރެން އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅާކަށް ބޭނުމެއް ނޫން… ރާހިލް ހީކުރަނީ ކޮންމެ ފަހަރަކު މައްސަލައެއް ޖެހުނީމަ އަހަރެން ހިތްހަމަ ޖައްސާލަން ދޭ މާބޮނޑިއަކުން ނޫނީ ކޮށްދޭ ކޮށްދޭ މޮޅު ކަމަކުން އެކަން ހަނދާން ނެތޭނެ ކަމަށްތަ؟” ޝައިނާ ބުންޏެވެ.
“މިއީ އެކަހަލަ ކަމެއް ނޫނޭ.. އަހަރެން ޝައިނާ ގެނައީ މީހަކާ ބައްދަލު ކޮށްލަން.. ޕްލީޒް.. ހަމަ ކުޑަ އިރުކޮޅަކަށް” ރާހިލް ބުންޏެވެ. ޝައިނާ ހިތްހަމަނުޖެހިފައިހުރެ ހަރު ފިޔަވަޅުތަކެއްގައި ސިޑިން އަރަން ފެށިއެވެ. އެ ފައިވާނުގެ އަޑުންވެސް ރާހިލްއަށް އޭނާ ހިތްހަމަނުޖެހިފައި ހުރިވަރު އަންގައިދޭން އުޅޭ ކަހަލައެވެ. މައްޗަށް އެރުމާއެކު އޭނާގެ ސަމާލުކަށް ހުއްޓުނީ ޓެރަހުގެ ވަށާފާރުގައި އަތް އަޅުވައިލައިގެން އޭނާއަށް ފުރަގަސްދީގެން ހުރި އަންހެން ކުއްޖާއަށެވެ. އެކުއްޖާގެ ރަންކުލައިގެ އިސްތަށިގަނޑު ފެނުމާއެކު އެއީ ކާކުކަން އޭނާއަށް ކަށަވަރު ކުރެވުނެވެ. އެކުއްޖާއާ މާ ދުރުނޫން ހިސާބެއްގައި ރިއާންވެސް ހުއްޓިލައިގެން ހުއްޓެވެ.
“އެލީ…” ރާހިލް ގޮވައިލުމާއެކު އެލީޝާ ފަހަތަށް އެނބުރި ޝައިނާއާ ކުރިމަތިލަމުން ހިނިތުންވެލިއެވެ. އަދި ސަލާމަށް އަތް ދިއްކޮށްލިއެވެ. ޝައިނާ އެއްފަހަރު ރާހިލްއަށް އަނެއްފަހަރު ރިއާންއަށް ބަލައިލުމަށްފަހު އެލީޝާއާ ސަލާންކުރަމުން އަމިއްލައަށް ތައާރަފުވެލިއެވެ.
“ޝައިނާ”
“ޔެސް.. އަހަރެންނަށް އެނގޭ.. ޕްލީޒް ހޭވް އަ ސީޓް…” އެލީޝާ އެތަނުގައި ކުޑަ ޖަހާފައިހުރި މޭޒުގެ ވަށައިގެންހުރި ހަތަރު ގޮނޑިއަށް އިޝާރާތް ކޮށްލިއެވެ.
ޝައިނާއާ ރާހިލް އެކަކު އަނެކަކާ ކުރިމަތިވާހެން އިށީނުމުން އެލީޝާ އެދެމެދުގައިހުރި ގޮނޑީގައި އިށީނެވެ. ޝައިނާގެ ފަރާތުން އުއްމީދުކުރި ރަހްމަތްތެރިކަމުގެ ބަދަލުގައި ލިބުނު ބީރައްޓެހިކަމުގެ ސަބަބުން އޭނާ ދައްކަން އުޅޭ ވާހަކަ ދެއްކުމަށް ޖެހިލުންވި ނަމަވެސް ރާހިލްގެ އިޝާރާތަށް އެލީޝާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބޯ ޖަހައިލިއެވެ.
“އަހަރެން ޝައިނާއާ ބައްދަލުކޮށްލަން ބޭނުންވީ ހަޤީގަތުގަ ޝައިނާގާތުން ވަރަށް ބޮޑު ކަމަކު ކިޔަންވެގެން.. އެކަމަކު އޭގެ ކުރިން ސާފުކޮށްދޭން ބޭނުން… އަހަރެންނާއި ރާހިލްގެ ދެމެދުގަ ތި ހީކުރާކަހަލަ އެއްވެސް ގުޅުމެއް ނޯންނާނެ.. އަދި އަހަރެން ދުވަހަކުވެސް ރާހިލްއާމެދު އެފަދަ ނަޒަރަކުން ނުވެސް ދެކޭނަން.. އެކަމަކު އަހަރެންނަށް މި ކައިވެނި ވަރަށް މުހިއްމު. ޝައިނާގެ ރުހުން ނުލިބޭ ގޮތަކަށް ރާހިލް މި ކައިވެންޏެއް ނުކުރާނެ.. އެހެންވެ އަހަރެންނަށް ޝައިނާގެ ރުހުންވެސް ވަރަށް މުހިއްމު..” އެލީޝާގެ ވާހަކަ ޝައިނާއަކަށް ފަހުމެއް ނުވިއެވެ. އޭނާގެ ނިތަށް ގިނަވެގެންދިޔަ ރޫތަށް އެކަމުގެ ހެއްކެއްގެ ގޮތުގައި ފުދުނެވެ. އެލީޝާ ޖެހިލުންވެފައި އިނދެ ޝައިނާގެ އަތުގައި ހިފައި ގެންގޮސް އެލީޝާގެ ބަނޑުގައި ޖައްސައިލިއެވެ.
“ތްރީ މަންތްސް” ޝައިނާއަށް އެލީޝާ އެ ބުނަންއުޅޭ ވާހަކަ ފަހުމުވާކަށް ސުކުންތެއްވެސް ނުނެގިއެވެ. ނަމަވެސް އޭނާއަށް އެކަން ފަހުމުވީ މުޅިން ގޯސްކޮށެވެ. ދެލޯ ބޮޑުކޮށްލަމުން ރާހިލްއާ ދިމާލަށް ބަލައިލެވުނެވެ. ޝައިނާއާ ރާހިލްގެ ގުޅުމަށް އަދި ވާނީ އެންމެ ދެމަސް ދުވަހެވެ. އޭގެ ކުރިން ރާހިލް އެލީޝާއާއެކު؟؟
ސިކުނޑިއަށް ވެރިވި ހިޔާލު ފޮހެލުމަށްޓަކައި ޝައިނާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
“ކުރިންވެސް ތި ވާހަކަ އަހަރެންގާތު ބުނިނަމަ.. އަހަރެންގެ ފަރާތުން އެއްވެސް ހުރަހެއް ނާންނާނެ.. ތިއީ ތި ދެމީހުންގެ ކަމެއްނު.. އަހަރެންގެ ބަހެއް ތިކަމުގަ ބޭނުމެއް ނުވާނެ” ޝައިނާ އިސްޖަހައިލިއެވެ. އެއީ އޭނާއާ ރާހިލް ގުޅުމުގެ ކުރިން ހިނގައިފައިވާ ކަމަކަށްވާތީ އެކަމުގައި އޭނާއަކަށް ރާހިލް ކުށްވެރި ކުރެވޭކަށްވެސް ނެތެވެ. ނަމަވެސް ޝައިނާގެ ވާހަކައިން އެލީޝާއާއި ރާހިލްއަށް އެކަކު އަނެކަކާދިމާލަށް ބަލައިލެވުނެވެ. ދެމީހުނަށްވެސް ޝައިނާއަށް ވިސްނުނުގޮތް ރޭކައިލިއެވެ.
“ނޯ ނޯ ނޯ ޔޫ އަރ ގެޓިންގް އިޓް ރޯންގް” ރާހިލްއާއި އެލީޝާ އެއްފަހަރާ ބުންޏެވެ.
“ޝައިނާ… އަހަރެން މިބުނީނު ރާހިލްއާމެދު ދުވަހަކުވެސް އެކަހަލަ ގޮތަކަށް ނުދެކެމޭ.. އަހަރެން ރާހިލް ގާތުވެސް ބުނެފަ އޮންނާނީ އަހަރެންގެ ލޯބިވެރިޔާގެ ވާހަކަ.. ޖޯޝުއާ.. ޖޯޝްއާ އަހަރެން ގުޅިގެން އުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ. އެއީ އަހަރެންގެ އާއިލާ ވަރަށް ނުރުހޭ ގުޅުމެއް. އެމީހުން ބުނާ ގޮތުގައި ޖޯޝްއަަކީ މި އާއިލާއާ އެއްހަމައަކަށް އާދެވޭ ވަރަށްވުރެ ނިކަމެއްޗެއް.. ފަގީރެއް.. އެކަމަކު އަހަރެން ޖޯޝްދެކެ ވަރަށް ލޯބިވޭ.. އަހަރެން ޖޯޝްއަށް ބަލިވެ އިންކަން އެނގުނު ހިސާބުން މަންމަމެން އަހަރެން މާލެ ގެނައި. ދަރި ވައްޓާލަން ކުރި މަސައްކަތް ނާކާމިޔާބުވީ އަހަރެން ކިޔަވަނީ ސިއްހީ ދާއިރާއިން ކަމަށްވެފަ އަހަރެންނަށް އެ ހުރިހާ ބޭހަކާއި ހުރިހާ ގޮތްތަކެއްގެ ހަގީގަތް އެނގޭތީ” އެލީޝާ އިނގިރޭސިބަހުން ކިޔައިދިނެވެ.
“ތިކަމާ ރާހިލްއާ އޮތީ ކޮން ގުޅުމެއް؟” ޝައިނާ ހިތްހަމަނުޖެހުނެވެ. އެލީޝާ ބޭނުންވަނީ އެހެން މީހެއްގެ ދަރިއެއް ރާހިލްގެ ބޮލުގައި އަޅުވަން ހެއްޔެވެ؟ އަންހެންކުއްޖަކަށް އިހުސާންތެރިވުމުގެ ގޮތުން އެހެން ކޮންމެ ފިރިހެނަކު އިސްނަގައިގެން އެފަދަ ކަމެއްކުރި ކަމުގައި ވިޔަސް ޝައިނާއަކީ އެމީހަކަށް ތައުރީފުކުރާނެ މީހެކެވެ. ނަމަވެސް އެއީ ރާހިލްއަށް ވީތީ އޭނާއަށް އަމިއްލަ އެދުން އިސްކުރެވުނެވެ. އޭނާ ފިޔަވައި އިތުރު އެއްވެސް މީހަކަށް އެއްވެސް ގޮތަކުން ރާހިލްގެ ހިއްސާއެއް ލިބޭކަށް އޭނާ ބޭނުމެއް ނޫނެވެ.
“އަހަރެންގެ އާއިލާއަކީ ވަރަށް ނުފޫޒުގަދަ އާއިލާއެއް. އެމީހުން އަހަރެންދެކެ ލޯބިވިޔަސް ހުރިހާ ކަމެއް ކުރަންޖެހޭނީ އެމީހުން ހިތް ރުހޭހާ ގޮތަށް. ހާއްސަކޮށް މަންމަ. މަންމަމެން އަހަރެން އަލުން ޤައުމަށް ދާނެ ފުރުސަތެއް ނުދިން.. އަހަރެން ބޭނުން ޖޯޝް ކައިރިއަށް ދާން.. ޖޯޝްއަށް މި ހަބަރު އަންގަން.. އަހަރެން ޖޯޝްއާ ކައިވެނި ކުރަން ބޭނުން.. ލޯބިލޯބި އާއިލާއެއް ޖޯޝްއާއެކު ބިނާކުރަން ބޭނުން.. ޝައިނާ.. އަހަރެންނަށް މިކަން ވާން އޮތީ މަންމަމެންނާ ވަކިވެގެން. ރާހިލްއާ ކައިވެނި ކުރީމަ މަންމަމެން އަހަރެންގެ ހުރިހާ ކަމެއް ރާހިލްގެ އަތްމައްޗަށް ދޫކޮށްލާނެ. އޭރުން އަހަރެންނަށް ރާހިލްއާއެކު ޖޯޝް ކައިރިއަށް ދެވޭނެ. ޝައިނާ.. އާދޭސްކޮށްފަ މިބުނީ.. އަހަރެންނަށް މި ދަރިފުޅުގެ ބައްޕައާ ގުޅެން އެހީވެދީ.. އެކަމުގެ ހުރަހަކަށް ޝައިނާ ވާން ބޭނުންތަ؟” އެލީޝާ ބުންޏެވެ. ޝައިނާއަށް ދުރުގައިހުރި ރިއާންއަށް ބަލައިލެވުނީ ގޮތެެއް ނިންމަން އޭނާއަށް އެހީވެދޭށޭ ބުނާ ފަދައަކުންނެވެ. އެހެންނަމަވެސް ރިއާންގެ އަސަރެއް ނެތް މޫނުން އޭނާއަށް އެއްވެސް ކަމެއް ދޭހަ ކުރާކަށް ނޭނގުނެވެ.
“އަހަރެން ބުނިހެން.. ހަމަ ކުޑަކުޑަ ދުވަސްކޮޅެއް ލަވް… އެހެންނޫނަސް ޝައިނާ ހާސްވާންވި އެއްވެސް ސަބަބެއް ނެތެއްނު. އެލީ ބަލިވެ އިންދާ ކުރާ ކައިވެންޏެއް ޝަރުއީގޮތުން ވެލިޑެއްވެސް ނުވާނެ. އަހަރެން ދެންވެސް ވާނީ ހަމައެކަނި ޝައިނާގެ މީހަކަށް” ރާހިލްގެ ވާހަކަ ޝައިނާއަށް ގަބޫލުކުރެވުނެވެ. އޭނާ އެއްފަހަރު ރާހިލްއަށް އަނެއްފަހަރު އެލީޝާއަށް ބަލައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާއަށް ރާހިލްގެ ގޮތް ރަނގަޅަށް އެނގެއެވެ. ރާހިލްއަކީ މައުސޫމް ހިތްހެޔޮ ހިތެއްގެ ވެރިއެކެވެ. އިންސާނިއްޔަތަށް ރަހުމު ހުންނަ، މީހުނަށް ކުލުނު ހުުންނަ މީހެކެވެ. އެއީ ހުދު އޭނާވެސް ރާހިލްގެ އެންމެ ގަޔާވާ ސިފައެވެ. އެލީޝާއަށް އެހީވާނެ ފުރުސަތު ލިބި އެކަން ނުކުރެވިއްޖެނަމަ އުމުރުދުވަހު ރާހިލްއަށް އެކަމުން އުނދަގޫވާނެކަން ޝައިިނާއަށް އެނގެއެވެ. އެހެންނޫނަސް ތުއްތު ކުއްޖަކާއި އެކުއްޖާގެ ބައްޕައާ ގުޅުމަށް ކަނޑައިިދެވޭ ރާސްތާއެއްގެ ހުރަހަކަށް ވާން އޭނާ އެއީ ކާކު ހެއްޔެވެ؟ އެތައް ގޮތަކަށް ވިސްނުމަށްފަހު ޝައިނާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އެލީޝާގެ މޫނުން އުފާވެރި ހިނިތުންވުމެއް ފާޅުވިއެވެ.
“ތެންކްޔޫ ސޯ މަޗް ޝައިނާ.. ތިކޮށްދިން ކަންތައް އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ” އެލީޝާ އިންގޮނޑިން ތެދުވެގެން އައިސް ޝައިނާގެ ގައިގައި ބައްދައިލިއެވެ. ޝައިނާވެސް ހިނިތުންވެލަމުން އެލީޝާގެ ގައިގައި ބައްދައިލުމަށްފަހު ލޯތްބާއެކު އެލީޝާގެ ބަނޑުގައި ފިރުމައިލިއެވެ. އެލީޝާ އަލުންގޮސް ގޮނޑީގައި ހަމަޖެހިލުމާއެކު ޝައިނާ ކުއްލިއަކަށް އެއްޗެއް ހަނދާންވި ފަދައިން އެދުވަހު ހަވީރު ރާހިލް އޭނާއަށް ދިން އަނގޮޓި ދަބަހުން ނަގައި ރާހިލްއަށް ދިއްކޮށްލިއެވެ.
“މިރޭ އެ ހުރިހާ ވާހަކައެއް އެނގުމަށްފަހު ދެންވެސް ޝައިނާ އަހަރެންނާއެކު އުޅެން ބޭނުން ނެތިއްޔާ މި އަނގޮޓި މިރޭ އަހަރެންނަށް ރައްދުކޮށްދީ”
ރާހިލްގެ ހަނދާނަށް އައީ އޭނާއަށް ބުނެވުނު ޖުމްލައެވެ. މީގެ މާނައަކީ ޝައިނާ ދެން އިތުރަށް އޭނާއާއެކު އުޅެން ބޭނުން ނުވެއޭ ހެއްޔެވެ؟ އޭނާއަށް ޝައިނާ ދިއްކޮށްގެންހުރި އަނގޮޓިއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭގައި އަލުން ހިފާނޭހާ ހިތްވަރު ހޯދަން މަސައްކަތް ކުރަމުންދާ ކަހަލައެވެ. ޝައިނާއާ ވަކިވުމުގެ ހިޔާލުން އޭނާގެ ހިތުގައި ގަދަރިހުމެއް އުފެދި ލޮލުން ދިލަ ނަގަން ފެށިއެވެ. ނަމަވެސް ހިތްވަރުކޮށްފައި އޭގައި ހިފުމަށް އަތް އުފުލައިލި ވަގުތު ޝައިނާގެ އަނެއް އަތް އޭނާގެ ކުރިމަތިގައި ނުފުށުން ބާއްވައިލިއެވެ.
“ޑޫ އައި ހޭވް ޓު ޕުޓް އިޓް އޮން މައިސެލްފް؟” ޝައިނާ ހިނިތުންވުމަކާއެކު އަހައިލިއެވެ.
ރާހިލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެއްފަހަރު ރިއާންއަށް އަނެއްފަހަރު އެލީޝާއަށް ބަލައިލުމަށްފަހު އަވަސްއަވަހަށް އެ އަނގޮޓި އަތުލައި ތުރުތުރު އަޅަމުންދިޔަ އަތަކުން ޝައިނާގެ ވައަތުގެ ކަށި އިނގިލީގައި އަނގޮޓި އަޅުވައިދިނެވެ. އޭނާގެ ހަރަކާތްތަކުގައިވަނީ އަވަސްކަމެވެ. އެންމެ ސުކުންތެއްވެސް ލަސްކޮށްފިނަމަ ޝައިނާ ގެއްލިދާނެއޭ ހީވާ ކަހަލައެވެ.
ރާހިލް ގޮނޑިން ތެދުވެގެންގޮސް ޝައިނާގާތަށް ހުއްޓުމާއެކު ޝައިނާވެސް އިންތަނުން ތެދުވެ ރާހިލްގެ ކަނދުރާގައި ދެއަތް އަޅުވައިލަމުން ބައްދައިލިއެވެ.
“ތެންކްޔޫ” ރާހިލްގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރައިލުމާއެކު އޭނާ ޝައިނާގެ ކަރުދޮށުގައި މޫނު ފޮރުވައިލިއެވެ.
“ރާހިލް.. ދެން އަޅެ މިކަހަލަ ހެޕީ ޓައިމްސްގަ ނުރޯނެ” ރާހިލްގެ ކަރުނަތައް ފޮހެލައިދެމުން ޝައިނާ ބުންޏެވެ.
“އަައި ވޯޒް ސޯ ސްކެއަޑް” ރާހިލް ނޭފަތް ދަމައިލަމުން ބުންޏެވެ. އޭރު ރިއާންއަށް ހުރެވުނީ އޭނާގެ ކުރިމަތިން ފެންނަމުންދިޔަ ރާހިލްއަކީ ކާކުކަންވެސް ނޭނގިފައެވެ. ރާހިލް އެންމެފަހުން ކަމަކާ ކަރުނައަޅައި ރުއި ދުވަހެއް އޭނާގެ ހަނދާނުގައިވެސް ނެތެވެ. މިއީ އޭނާގާތު އަބަދު ހީހީފައި އުޅޭ ރަހްމަތްތެރިޔާ ހެއްޔެވެ؟ ލޯބީގެ ސަބަބުން އިންސާނާ މިހާވެސް ފިނޑި ބަލިކަށި މީހަކަށް ހަދާލާނަމަ މުޅި އުމުރަށްވެސް އޭނާ އެފަދަ ޖަޒުބާތަކަށް ވަައްސަލާމެވެ. ހަމަ އެހެން ހިތަށް އެރުމާއެކު ރިއާންގެ ލޯމައްޗަށް ސިފަވީ ހިނިތުންވެފައިވާ ޒީވާގެ މޫނެވެ. ދެމީހުން އެކުގައި ހޭދަކުރެވޭ މަދު ވަގުތު ތަކެވެ. ފިލްމު ބަލަން ތިބި ރޭގެ ހަނދާންތަކެވެ. ފިލްމު ނިމެންދިޔަ ވަގުތު ޒީވާ ރޯން ފެށުމުން ހަނދާނެގޮތެއް ނޭނގި އޭނާއަށް ގަނޑުވެފައި އިނދެވުނު ގޮތެވެ. އެފަދަ ހިޔާލުތައް ގިނަވާން ފެށުމުން ރިއާން އަވަސް އަވަހަށް ބޯ ހޫރައިލުމަށްފަހު ސިކުނޑި ހަމައަކަށް އަޅުވައިލިއެވެ.
“އޯ އެމް ޖީ.. ކޮންގްރެޓްސް ޔޫ ބޯތް.. ފޮޓޮއެއް ނަގަންވާނެއްނު؟ މިކަހަލަ މޯމެންޓްސް ޖެހޭނެ ކެޕްޗަރ ކުރަން. ކަމޯން ޕޯޒް” އެލީޝާ ހީވަނީ އުފަލުން އުދުއްސައިގަނެފާނެ ހެންނެވެ.
ޝައިނާ އެލީޝާގެ އެދުމަށް އަތުގައި އޮތް އަނގޮޓި ދައްކައިލަމުން ފޮޓޮއަށް ހުއްޓިލިއެވެ. އޭނާގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އެ ނިންމުމަކީ އޭނާ މިއަދު އެތައްއިރަކު ވިސްނުމަށްފަހު ނިންމި ނިންމުމެކެވެ. ރާހިލްއާ ވަކިން އޭނާ ހޭދަކުރި ހަފްތާއެއްހާ ދުވަހުގެ ވޭނާއި އެކަނިވެރިކަން މުޅި އުމުރުދުވަހު އިހުސާސްކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެފަދަ ދިގު ދުވަސްތަކެއް އަލުން އޭނާގެ ހަޔާތަށް އަންނާކަށް ބޭނުމެއް ނޫނެވެ. ރާހިލް އޭނާދެކެ އިންތިހާއަށް ލޯބިވާކަން އެނގިހުރެ ހުދު އޭނާގެ ހިތުގެ ގޮވައިލުމަށް ބީރު ކަންފަތެއް ދޭކަށް ނުކެރުނެވެ. އޭނާ ބޭނުންވަނީ މިހާރު ރާހިލް ވީހާލެއްގައި ރާހިލްގެ އަންބެއްގެ ގޮތުގައި އިނުމަށެވެ. ރާހިލްގެ މިލްކަކަށްވުމަށެވެ. ރާހިލް ގެއްލިދާނެކަމުގެ ބިރުގައި އޭނާގެ ހަޔާތުގެ އެންމެ ދުވަހެއްވެސް ހޭދަކުރާކަށް އޭނާއަކަށް ކެތެއް ނުވާނެއެވެ.
************
“ވަޓް؟؟ ސިސް ހަމަ ރަނގަޅަށްވެސް މޮޔަވީތަ؟ ތިއީ ކިހާވަރެއްގެ ކަމެއްކަން އެނގޭތަ؟ ލައިފްގެ ތިހާބޮޑުކަމެއް އެހާ އަވަސް އަރުވައިލައިގެން އަދި އެވެސް ދުނިޔެއަށް ސިއްރުން ކުރުމަކީ އަދި ބުއްދިވެރިގޮތެއް ނޫން!!” ޝިމާންއަށް ޝައިނާ ކައިވެނި ކުރަންއުޅޭކަމުގެ ހަބަރު ލިބުމާއެކު ޝޮކަކަށް ދިޔައެވެ.
“ޝިމާން ބުނީމެއްނު. ބޭބެ ސިސްއަށް ގޯސްކޮށް ޓްރީޓް ކުރާނެހެނެއް ހިއެއް ނުވެޔޭ” ޝައިނާ ބުންޏެވެ.
“އެއީ މި އެލީޝާއެއްގެ މާ ކުރިންނެއްނު؟ މިހާރު އަހަރެންނަކަށް އެކަހަލަ އިތުބާރެއް ނުކުރެވޭ” ޝިމާން ހަގީގަތް ހާމަކުރިއެވެ.
“އެކަމަކު އަހަރެންގެ ފުރިހަމަ އިތުބާރު ރާހިލްއަށް އެބައޮތް. ޝިމާންއަކީ އަހަރެންގެ ހަމައެކަނި އާއިލާއަށްވީތީ އަހަރެންނަށް ޝިމާންގެ ރުހުން ވަރަށް މުހިއްމު. އެކަމަކު އެ ރުހުމާނުލާވެސް އަހަރެން މި ކައިވެނި ކުރަން ބޭނުން” ޝައިނާގެ އަޑުގައިވަނީ ސާބިތުކަމެވެ.
“އެހެންވިއްޔާ އަހަރެންނާ ތިވަރުގެ މޮޔަކަމެއްގެ ވާހަކަ ދެއްކީ ކީއްކުރަން؟ އަހަރެންގެ ރުުހުން މާ މުހިއްމެއް ނޫނެއްނު؟” ޝިމާން ހިތްހަމަނުޖެހިފައިހުރެ ގޮނޑިން ތެދުވެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
“ޝިމާ-” ޝައިނާގެ ވާހަކަ ފުރިހަމަ ނުކުރެވެންދެން ޝިމާންގޮސް ކޮޓަރިއަށް ވަދެ ބާރަށް ދޮރުޖެހި އަޑު މުޅި އެޕަރޓްމެންޓްގެ ތެރެއަށް ގުގުމައިލިއެވެ.
**************
ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެވެ. ޒީވާ އުޅޭ ހޮސްޕިޓަލުގެ ކުރިމައްޗަށް ރިއާންގެ ކާރު ހުއްޓައިލިއިރު ރިއާންގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމާއި ނިދި ގެއްލިފައިވާކަމުގެ އަސަރުތަކެވެ. ޒީވާއަށް ދިމާވި ހާދިސާގެ ސީ.ސީ.ޓީ.ވީ. ފުޓެޖް ފެނުނީއްސުރެން އޭނާގެ ހާލަކީ އެއީއެވެ. ޒީވާ ދަންވަރު ޑިއުޓީއަށްދާ ރޭރޭގެ ނިދިން އޭނާ ވަނީ މަހްރޫމް ވެފައެވެ. ޒީވާ ޑިއުޓީއަށް ހުންނަ ވަގުތުގައިވެސް ކޮންމެވެސް ބަހަނާއެއްގައި އަބަދު ޒީވާއަށް މެސެޖު ކުރެވެއެވެ. ކޮންމެހެންވެސް ޒީވާ ނިމޭ ގަޑިއަށް ބަލާ އާދެވޭތޯ ނުވަތަ ޑްރައިވަރު ފޮނުވޭތޯ މަސައްކަތް ކުރެވެއެވެ. ކިތަންމެ ފަހަރަކު ޒީވާގާތު ވަޒީފާއަށް ނުނިކުތުމަށް ބުނަން ހިތުލި ނަމަވެސް ޒީވާ އޭނާއާމެދު ގޯސް ގޮތަކަށް ދެކިފާނެކަމަށް އެ ހިޔާލު ދޫކޮށްލަނީއެވެ. ޒީވާގެ އުފާވެރިކަމާއި މިނިވަންކަމަށް އެޅޭ ހުރަހަކަށްވާކަށް އޭނާ ބޭނުމެއް ނުވެއެވެ.
ރިއާންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ ހިލަމެއް ނުވާހާލު ޒީވާއަށް ރިއާންގެ ފަރާތުން ލިބެމުންދިޔަ އަޅާލުން ގުޅުވެން ފެށީ އެދެމީހުންގެ ދެމެދުގައި އުފެދެމުން އައި ރަހްމަތްތެރިކަމާއެވެ. އެ ގާތްކަމާއި އަޅާލުމުގެ އަސްލަކީ ރިއާންގެ ހިތުގައި އޭނާގެ މައްޗަށް އުފެދެމުންދާ އިހުސާސްތަކެއް ކަމުގައި ގަބޫލުކުރަން އޭނާ ބޭނުންވެއެވެ. ނަމަވެސް ދެމީހުން އެކުގައި ހޭދަވާ ވަގުތު ރިއާންގެ ފަރާތުން ފެންނަ ދުރުކަމާއި ބީރައްޓެހިކަން އެ އުއްމީދުތައް ފުނޑުކޮށްލައެވެ.
ރިއާން އާފުރިލަމުން ގަޑިއަށް ބަލައިލިއެވެ. މިވަގުތު ޒީވާ ނުކުމެއްޖެނަމަ ގެއަށްގޮސް ހުކުރަށްދިޔުމުގެ ކުރިން އޭނާއަށް ދެގަޑިއެއްހާއިރު ނިދާލެވޭނެހާ ވަގުތު އޮންނާނެއެވެ. ނަމަވެސް ޒީވާގެ އިންތިޒާރުގައި ރިއާން އިންނަތާ ވިއްސަކަށް މިނަޓު ވީއިރުވެސް ޒީވާގެ ހިލަމެއް ނުވިއެވެ. ދެފަހަރެއްގެ މަތިން ޒީވާގެ ފޯނަށް ގުޅަންކުރި މަސައްކަތް ބޭކާރުވެއްޖެއެވެ.
އިސާހިތަކު ހާސްކަމާއި ބިރުވެރިކަމުގެ އޮއެވަރެއް ރިއާންގެ ހިތުތެރޭގައި ދަތުރުކުރިއެވެ. ކާރުން ފައިބައިގެން ހޮސްޕިޓަލާއި ހިސާބަށް ދެވުނުއިރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ނަމަވެސް ޒީވާ މަސައްކަތްކުރާ ފަންގިފިލާއަށް އެރުމަށްފަހު އެތަނުގައިއިން ނަރުސްކުއްޖާއާ ވާހަކަ ދެއްކުމުގެ ކުރިން މީހާ ހަމައަކަށް އެޅިލިއެވެ.
“ހައި..އަމްމް. އައިޝް ދޯ؟؟ ޒީވް-”
“ޔެސް އެމަރޖެންސީ ކޭސްއެއް ޑިސްކަސްކޮށްލަން ވެގެން ޑޮކްޓަރ ކައިރީގަ ވީ.. ވައަތް ފަރާތުން ތިންވަނަ ކޮޓަރި” އައިޝާ ހިނިތުންވުމަކާއެކު ރިއާންއަށް މައުލޫމާތު ދިނެވެ. ބަދަލުގައި ރިއާންވެސް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު އައިޝާ ދިން އިރުޝާދާ އެއްގޮތަށް ކުރިއަށް ދިޔައެވެ. މާބޮޑު ވިސްނުމަކާނުލައި ދޮރު ހުޅުވައިލި ވަގުތު ފެނުނު މަންޒަރުން އޭނާގެ ބުމަ ގޮށްޖެހުނެވެ. މީގެ އިރުކޮޅެއްކުރިން ހިތުގައި ރަސްކަންކުރަމުންދިޔަ ބިރުވެރިކަމުގެ އިހުސާސް ފިލައިގެންގޮސް ބުނެދޭން ނޭނގޭ އެހެން އިހުސާސެއް އުފެދުނެވެ. މޭޒުގެ ދެފަރާތުގައިތިބި އައިދަންއާއި ޒީވާގެ ދެމެދުގައި ތަނަވަސް ޖާގައެއް އޮތް ނަމަވެސް ދަމާލެވިފައިވާ އައިދަންގެ އަތުގެ ކުޑަހުޅާ ޒީވާގެ ކަންފަތް ޖައްސައިލައިގެން އިން މަންޒަރަކީ ރިއާންއަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވިއެވެ.
ރިއާން ފެނުމާއެކު ދޮރަށް ފަސްދީގެން އިން ޒީވާއަށް އައިދަން އިޝާރާތެއް ކޮށްލިއެވެ. ޒީވާ ގޮނޑިން ތެދުވެ ރިއާންއަށް ހިނިތުންވެލިއެވެ. ދަބަސް ހިފައިގެން ރިއާންގެ ފަހަތުން ހިނގައިގަތެވެ. ނަމަވެސް ފެނުނު މަންޒަރުގެ ސަބަބުން ހިތްހަމަ ނުޖެހިފައިހުރި ރިއާން ފިޔަވަޅުތައް އަވަސްކޮށްލިއެވެ.
“ރިއާން..ރިއާން.. މަޑުކޮށްބަލަ. ހާދަ ބާރަކަށޭ ތި ހިނގަނީ” ރިއާން މަޑުކުރީ ލިފްޓާ ހިސާބުގައެވެ.
“ފޯނު ކޮބާ؟” ރިއާންގެ ސުވާލާއެކު ޒީވާ ދަބަހުގައި އޮތް ފޯނު ނަގައި ސްކްރީން އޮން ކޮށްލިއެވެ.
“ސައިލެންޓަށް ލެވިފަ އޮތީ.. މިހާ ހެނދުނުވީމަ އަހަރެން ހީކުރީ ޑްރައިވަރ ކަމަށް އަންނާނީ.. ރިއާން އަންނާނެކަން އެނގުނު ނަމަ-”
“ޒީވާ ވަކިމީހަކާއެކު ޕްރައިވަސީ ބޭނުންވާއިރު އަހަރެން ކައިރި ނާންނާށޭ ބުނެލިނަމަ” ރިއާން މަސައްކަތްކުރީ އޭނާގެ އަޑުގައިވާ ހިތްހަމަނުޖެހުން ފޮރުވުމަށެވެ. ހިނދުކޮޅަކަށްވިޔަސް ކައިވެންޏަށްފަހު އޭނާއާ ޒީވާގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ މަތިން ހަނދާން ނެތުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އޭނާ އެއްބަސްވީ ކައިވެނީގެ ސަބަބުން ޒީވާގެ ހަޔާތެއްް ވަކި ބަދަލެއް ނާންނާނެ ކަމުގައެވެ. ޒީވާ ބޭނުން ކޮންމެ ކަމަކަށް ޒީވާގެ މިނިވަންކަން އޮންނާނެ ކަމަށާއި، ޒީވާ ބޭނުން ކޮންމެ ހިނދެއްގައި މިނިވަން ކޮށްދޭނެ ކަމުގައެވެ. ބަދަލުގައި އޭނާ އެދުނުހާވެސް ކަމަކީ ދުނިޔޭގެ ކުރިމަތީގައި ޒީވާ އޭނާގެ އަގު ހިފެހެއްޓުމަށެވެ. އެކަމަށް ފުށޫއަރާފަދަ ގޮތަކަށް އާންމު ތަނެއްގައި ޒީވާ އެއްވެސް ގޮތަކަށް ނޫޅޭކަން އޭނާއަށް އެނގެއެވެ. ޒީވާއެކޭ އެއްފަަދައިން އޭނާއަށްވެސް އޭނާ ބޭނުން ކޮންމެ ކަމަކަށް މިނިވަންކަން އެބައޮތެވެ. ދެން އޭނާ އޭހާ ހާސްވާންވީ ކީއްވެ ހެއްޔެވެ؟ ޒީވާގެ އުޅުމާމެދު ހިތްހަމަ ނުޖެހެންވީ ކީއްވެ ހެއްޔެވެ؟ ފަހަރެއްގައި އެއީ އައިދަންއަށް ވީތީ ކަމުގައީވެސް ވެދާނެއެވެ. އައިދަންއަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާ މާ ގަޔާވާ މީހަކަށް ނުވެއެވެ.
“ރިއާން.” ލިފްޓުން ފޭބުމާއެކު ރިއާން އަނެއްކާވެސް ފިޔަވަޅުތައް އަވަސް ކޮށްލިއެވެ. ޒީވާ ދުވެލައިފައި އައިސް ރިއާންއާ އެއްހަމަ ކުރިއެވެ. “ރިއާން މަޑުކޮށްބަލަ” ރިއާންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓަމުން ޒީވާ އެދުނެވެ.
“ރިއާންއަށް ކުރެވިގެން ތި އުޅެނީ ކުށް ހީއެއް.. އަހަރެން ވަކި މީހަކާއެކު ޕްރައިވަސީއެއް ބޭނުމެއް ނޫނޭ” ޒީވާ ބުންޏެވެ.
“އެހެންވެތަ އެމަރޖެންސީ ކޭސް ޑިސްކަޝަނެއްގެ ނަމުގަ ގޮސް އައިދަންގެ އަތުންނާ ހިތުންނާ ވިންދު ބަލަން އިނީ؟ ތި ހުރިހާ ސަކަރާތެއް ނުޖެހިޔަސް އަހަރެން ޒީވާ މިނިވަން ކޮށްދީފާނަމޭ” ރިއާން ހިތްހަމަނުޖެހިފައި އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. އޭނާ ޒީވާއަށް ފިލަން ބޭނުންވާ ކަހަލައެވެ. ނަމަވެސް އޭނާ ފިލަން މަސައްކަތްކުރަނީ ފެނުނު ހަގީގަތުންކަމެއް ނުވަތަ ހިތުގައި އުފަންވި ބީރައްޓެހި އިހުސާސުން ކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އޭރު އެމީހުނަށް ތިބެވުނީ ކާރު ބާއްވައިފައި އޮތް ހިސާބާ ފުދޭވަރަކަށް ކައިރީގައެވެ.
“ރިއާންއަށް އެނގެއެއްނު އަހަރެން އަބަދުވެސް ސިއްހީ ދާއިރާއިން ކިޔަވަން ޝައުގު ހުންނަވަރު.. އައިދަން އަހަރެންނަށް ބައެއް އެއްޗެހި ކިޔާދޭ.. ކޭސް ޑިސްކަސްކޮށް ނިންމާފަ އެހެންވެ އެމަރޖެންސީ ކޭސަސްގަ އެކިކަހަލަ ވިންދު ދެނެގަންނާނެ ގޮތް ކިޔާދިނީ.. އެކްސްޕެރިމެންޓެއް ކޮށްލީ.. އައިދަންއާ އަހަރެންނާ ދެމެދަކު އެއްވެ-”
ޒީވާގެ ވާހަކަ މެދުކެނޑުނީ ރިއާން ޒީވާގެ މުލައްދަނޑީގައި ހިފައި ގެނައި ކުއްލި ހަރަކާތާއެކު ޒީވާގެ ބުރަކަށި ކާރުގައި ޖައްސައިލުމުންނެވެ. ޒީވާ ސިހިފައި ދެލޯ ބޮޑުކޮށްލަމުން ރިއާންއާ ދިމާލަށް ބަލައިލިއެވެ. އެ ކުއްލި ހަރަކާތުގެ ސަބަބުން އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ހިނގައިދިޔަ ކަންތަކާމެދު ރަނގަޅަށް ވިސްނައި ނުލެވެނީސް ރިއާން އެއް އަތުން ޒީވާގެ ކޮނޑުގައި ހިފައި އިތުރަށް ކާރަށް ތަތްކޮށްލިއެވެ. އަދި އަނެއްއަތުން ޒީވާގެ އަތްތިލައިގައި ހިފައިލުމަށްފަހު އެ އަތްތިލަ ގެނެސް ރިއާންގެ މޭގައި ޖައްސައިލިއެވެ.
ރިއާންގެ ހިތުގެ ވިންދު އިހުސާސްވާން ފެށުމާއެކު ޒީވާއަށް ހިންދިރުވައިލެވުނެވެ. ރިއާން ބުނެދޭން އެ މަސައްކަތްކުރަނީ ކޮން ވާހަކައެއް ހެއްޔެވެ؟ މީގެ އިރުކޮޅެއްކުރިން އޭނާއަށް އަޑުއިވުނު އައިދަންގެ ވިންދާއި މުޅިން ތަފާތު އަވަސްކަމެއް ރިއާންގެ ހިތުގެ ވިންދުން އިހުސާސްވަނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ރިއާންގެ ސިއްހީ މައްސަލައެއް ހުންނަނީ ބާއެވެ؟
“އައިމް ރައިޓް ހިޔަރ.. ޔޫސް މީ ހައުއެވަރ ޔޫ ވޯންޓް. އަހަރެންނަށް އަބަދުވެސް ޒީވާގާތު އެހެން ނުބުނެވޭތަ؟ ނެކްސްޓް ޓައިމް އެކްސްޕެރިމެންޓް ވަޓެވަރ ޔޫ ވޯންޓް އޮން މީ.. އަހަރެންނަށް އެކަމުން ގޯސް މާނައެއް ނުނަގާ ހުރެވިދާނެ.. އެކަމަކު އެހެން މީހަކަށް ޒީވާގެ ހަރަކާތްތަކުން ގޯސް މާނައެއް ނެގުނިއްޔާ އެކަމުގެ އުނދަގޫ ފޯރާނީ ހަމަ ޒީވާއަށް. ޒީވާ އެމީހަކާއެކު އުޅެން ބޭނުން ނުވާހާ ހިނދަކު އެއީ ޒީވާވެސް ބޭނުންވާނެ ގޮތެއްހެން ހިއެއްނުވޭ. މިއީ އަހަރެން ޒީވާއަށް ރަނގަޅަކަށް ބުނާ ވާހަކައެއް ކަމުގައި ބަލާ!” ރިއާން ޒީވާގެ އަތް ތިރިކޮށްލުމަށްފަހު ޒީވާ އެރުމަށްޓަކައި ކާރުގެ ދޮރުފަތް ހުޅުވައިލައި ދިނެވެ.
އެވީ ކިހިނެއްހެއްޔެވެ؟ ކާރަށް އެރިއިރުވެސް ޒީވާއަށްވަނީ ރިއާންގެ ހަރަކާތްތަކުން ސިހުމެއް ލިބިފައެވެ. ދޮރުފަތް ލައްޕައިލުމަށްފަހު ރިއާން އައިސް ޑްރައިވަރު ސީޓަށް އަރައި ދުއްވައިލިއިރުވެސް ޒީވާ އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ރިއާންވެސް އޭނާގެ އާންމު ބަސްމަދު މިޒާޖަށް ރުޖޫއަވެއްޖެ ކަހަލައެވެ. އެހެން ކޮންމެ ދުވަހެކޭވޭސް އެއްފަދައިން ގެއާ ހިސާބަށް ދެވުނުއިރުވެސް އެދެމެދުގައިވަނީ ހިމޭންކަމެވެ.
************
“އަހަރެންނަކަށް އަދިވެސް ހިއެއްނުވޭ ސިސް ތި ނިންމީ ރަނގަޅު ނިންމުމެއް ހެނެއް.. ގަބޫލުކުރަން ދޮންބެވެސް ސިސް ދެކެ ލޯބިވާކަން އެކަމަކު މިވަރު ބޮޑުކަމެއް އެންމެނަށް ސިއްރުން-”
“އިޝްކޯ.. ދެން ތިހާވަރަށް ނުވިސްނަބަ. މިއީ އަހަރެންނާއި ރާހިލްގެ ދިރިއުޅުމެއްނު.. ބަޔަކަށް މިކަން އެނގުނަސް ނޭނގުނަސް ވާނެ ފައިދާއަކީ ކޮބާ؟ އަހަރެމެން ދެމީހުންވެސް މިހާރު ބޭނުންވަނީ މެރީ ކުރަން. އިޝްކޮ އުފަލެއް ނުވޭތަ އަހަރެންގެ ކޮއްކޮއަކަށް ވާން އުޅޭތީވެސް؟” ޝައިނާ ދެރަވާކަމަށް އެކްޓު ޖައްސައިލިއެވެ.
“އުފާވެޔޭ ސިސް. ވަރަށް އުފާވޭ.. އެކަމަކު އެލީޝާއާ ކައިވެނިކުރަންވެސް ނިންމާފަ އޮތްއިރު.. ދޮންބެ ސިސްއާ ދޭތެރޭ ފަރުވާކުޑަ ކޮށްފިއްޔާ އޯ.. ސިސްއަށް ދޮންބެގެ ފަރާތުން ދެރައެއް ލިބޭކަށް އަހަރެން ބޭނުމެއް ނޫން..” އިޝްވާ ބުންޏެވެ. ޝައިނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“އިޝީ.. އަހަރެން ރާހިލްއާއެކުގަ ވިއްޔާ ކޮންމެ ހާލެއްގަވިޔަސް ހުންނާނީ އުފަލުގަ. ދެން ތިވާހަކަ ނުދައްކާ. ބަލާބަ. މި ކުލަ ރީތި ދޯ” ޝައިނާ ފިހާރައިގެ ތެރެއިން ފެނުނު ފޮތިފޭލި ދައްކައިލަމުން ބުންޏެވެ. އެދެމީހުން ތިބީ ޝައިނާގެ ކައިވެނީގެ ހެދުން ފެހުމަށް ބޭނުންވާ ފޮތި ގަތުމަށް ފިހާރައިގައެވެ. ޝައިނާ ދެއްކި ގަދަ ފެހިކުލައިގެ މަހުމާ ފޮތިގަނޑަށް ބަލައިލަމުން އިޝްވާ ބޯ ޖަހައިލިއެވެ.
“މާނު މިހާރު އޯކޭވެއްޖެތަ؟” އިޝްވާ އަހައިލިއެވެ. ރާހިލްއާ ޝައިނާގެ ކައިވެނިން ނުކުންނަ ނަތީޖާ ގޯސް ވެދާނޭ އޭނާގެ ހަވަނަ ހިއްސު ބުނަމުންދިޔަސް އެ ކައިވެނީގެ ކަންތައްތަކުގައި އޭނާ ނުހަނު އެއްބާރުލުން ދޭން ބޭނުންވެއެވެ.
“ހޫމް. ފުރަތަމަ ވަރަށް ދެކޮޅު. ބުނި މިހާ ބޮޑު ކަމެއް ސިއްރުން ކުރުން ރަނގަޅެއް ނުވާނޭ.. އެކަމަކު ކުރީ ރޭ ރަންކިޔަން ފޮނުވީމަ އެހިސާބުން އޯކޭވެެއްޖެ. އެނގުނީ ކަންނޭނގެ އަހަރެންގެ ނިންމުން ބަދަލެއް ނުވާނެކަން.” ޝައިނާ ބުންޏެވެ.
“ސިސް. އަހަރެންވެސް މާނުއާ އެއްބަސް.. މިވަރު ބޮޑުކަމެއް… އެޓްލީސްޓް ދޮންތިއަށް އަންގާލަންވީނު” އިޝްވާ ބުންޏެވެ.
“އިޝްކޮއަށް ހީވަނީތަ ޒީއަށް އެނގުނިއްޔާ މަޑުން ހުންނާނޭ؟ މިކަން ސިއްރު ކުރާނެ ފުރުސަތު ދޭނެޔޭ؟ ޒީ ހީކުރާނީ ރާހިލް އަހަރެންނަށް ދެރައެއް ނޫނީ ދޯކާއެއް ދޭން އުޅޭކަމަށް” ޝައިނާ މެޝިނުގައި ކާޑު ޖައްސައިލުމަށްފަހު ފައިސާ ދައްކަމުން ބުންޏެވެ.
“ޝީ ހޭޒް އެވްރީ ރައިޓް ޓު ތިންކް ދެޓް ވޭ. ދެން ހަމަ އަސްލުވެސް އެހެން ވިއްޔާއޯ؟ ދޮންބެ ސިސްއަށް ދެރައެއް ނޫނީ ދޯކާއެއް ދިނިއްޔާއޯ؟” އިޝްވާ ތަކުރާރު ކުރިއެވެ.
“އިޝްކޮ ޕްލީޒް. އަހަރެންގެ ހަޔާތުގަ މިހާތަނަށް ލިބުނު އެންމެބޮޑު އުފަލަކީ ރާހިލް.. ރާހިލް އަހަރެން އުފަލުގަ ގެންގުޅޭނެޔޭ.. އަހަރެން ރާހިލްއަށް އިތުބާރު ކުރަމޭ.” އިޝްވާގެ ކަންބޮޑުވެފައިވާ މޫނަށް ބަލައިލަމުން ޝައިނާ ޔަގީންކަން ދިނެވެ.
އިޝްވާއާއެކު އެގެއާ ހިސާބަށް ދިޔައިރު ޝައިނާ ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާއާ އެލީޝާއާދެމެދު ދެކެވުނު ވާހަކަތައް އެނގިއްޖެނަމަ އިޝްވާގެ އިތުރުން ޝިމާންގެ ކަންބޮޑުވުންވެސް ފިލައިގެން ދާނެއެވެ. ރާހިލްއާ އެލީޝާގެ ކުރެވެން އުޅޭ ކައިވެންޏަކީ އަސްލެއް ނެތް ކައިވެންޏެއްކަން އެނގުމުން އެމީހުންވެސް ހިތްހަމަ ޖެހޭނެއެވެ. އެވާހަކަތައް އިޝްވާއާ ހިއްސާކުރަން ބޭނުންވި ކަމުގައިވިޔަސް އެއީ އެލީޝާގެ ސިއްރެކެވެ. އެ ސިއްރު ބޭޒާރު ކުރުމަކީ އޭނާ ކުރުން އެންމެ ރަނގަޅު ކަންތައް ނޫންކަމުގައި ޝައިނާއަށް ވިސްނުނެވެ.
“ނުވަންނާނަންތަ؟ ބުނަންވީތަ ދޮންބެގާތު ސިސް ގެއަށް ގެންގޮސް ދޭން ފައިބާށޭ؟” އިޝްވާ ދޮރާށިގެ އަތްގަނޑުގައި ހިފަހައްޓައިލަމުން ބުންޏެވެ.
“ނޫނޭ. ހިނގާލާފަ ދާނީ. ޓޭކް ކެއަރ އިޝްކޯ” ޝައިނާ ދިޔަތަން ބަލަން ހުރުމަށްފަހު އިޝްވާ ދޮރުން އެތެރެއަށް ދެމިގަތެވެ. އެޕަރޓްމެންޓް ހުންނަ ފަންގިފިލާއަށް ލިފްޓު ހުއްޓާލުމާއެކު ލިފްޓަށް އަރަން އައި ރާހިލް އޭނާއަށް ފެނުނެވެ.
“ތި އައީތަ މިހާ އަވަހަށް؟ ކޮބާ އަހަރެންގެ ވައިފް؟” ރާހިލް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން އަހައިލިއެވެ.
“އަދި ނުވޭނު ވައިފް އަކަށް. ދެމީހުން ކުރެ އެކެއްވެސް” އިޝްވާ ފޫހިގޮތަކަށް މޫނު ހަދައިލުމަށްފަހު އެތަނުން ދާން އުޅުމުން ރާހިލް ހިފެހެއްޓިއެވެ.
“އިޝްކޮ ދެން ތީ ކޮންކަމެއް އަދިވެސް ހިތްހަމަ ނުޖެހިފަތަ؟” ރާހިލް އަހައިލިއެވެ.
“ސިސްގެ ފެމެލީއެއް ނެތީމަ.. ބައްޕައެއް ނެތީމަ.. މީހަކަށް ނާންގާ ކޯޓުން ވަލީއާ ހުރިހާކަމެއް ނިންމާލެވޭނެތީ ދޯ ދޮންބެ ތި ފާޑަށް ސިސް ހައްލާލައިގެން އީޒީ ޓާގެޓަކަށް ހަދައިގެން ތި އުޅެނީ.. ބުނަން… ދޮންބެގެ ފަރާތުން ސިސްއަށް ކުޑަވެސް ދެރައެއް ލިބިއްޖެއްޔާ–”
“އެނގެޔޭ އެނގެޔޭ.. އިޝްކޮވެސް ދޮންތިވެސް ދުވަހަކުވެސް ދޮންބެއަށް މާފު ނުކުރާނެކަން. އިރާދަކުރެއްވިއްޔާ އެހެނެއް ނުވާނެ. އަހަރެންނަށް އިތުބާރު ކުރޭ. ޕްލީޒް.. އަހަރެން އިޝްކޮ ކައިރި ބުނީ އެންމެ ކަމަކު.. އެހާ ބޮޑު ދުވަހެއްގަ ޝައިނާ ގާތު ޒީވާވެސް ނުހުންނާނެ. އިޝްކޮ ޝައިނާގާތު ހުރެދެއްޗޭ. އޭޒް އަ ގަރލް.”
“ދޮންބރ ނުބުންޏަކަސް އަހަރެން ސިސްއާއެކު ހުންނާނަން” އިޝްވާގެ ޖަވާބާއެކު ރާހިލް ހިނިތުންވެލިއެވެ.
“ބައެއްފަހަރު ހީވޭ ދޮންބެއަށްވުރެވެސް ބޮޑަށް އިޝްކޮ ލޯބިވަނީ ސިސް ދެކެއޭ” ރާހިލް ދެރަވާކަމަށް ހެދުނެވެ. ނަމަވެސް ޝައިނާއާމެދު އިޝްވާ ބަހައްޓާ ގާތްކަމާމެދު އޭނާ ހިތާހިތުން އުފާކުރެއެވެ.
“ހޫމް.. ދެދުވަސްފަހުން ސިސް ވާނީ އަހަރެންގެ ފަހަރި އަކަށްނު” އިޝްވާ ރައްދުގައި ބުންޏެވެ.
“މާ ކުރިންވެސް ތިކަން އޮތީ ތިހެނެއްނު. އަހަރެންނަށް ޝައިނާއާ ދިމާ ނުވިނަމަވެސް ވީހީ ފަހަރިއަކަށްނު؟ އަހަރެންނާ ޝައިނާ މީ އިޝްކޮއާ ޝިމާންއަށްވުރެވެސް ފަހުގެ ކަމެއްނު….” ރާހިލް ދިމާކޮށްލިއެވެ.
“ދެންންންން” އިޝްވާ އަތުގައި އޮތް ދަބަހުން ރާހިލްގެ އަތުގައި ބޮނޑިއެއް އަޅުވައިލިއެވެ. ރާހިލް ހެމުންހެމުން ގޮސް ލިފްޓަށް އެރުމާއެކު އިޝްވާވެސް ގޭތެރެއަށް ވަނެވެ.
************
މެންދުރުގެ ވަގުތެވެ. އާއިލީ ކޯޓުގެ ބޭރުގައި މަޑުކޮށްލައިގެންހުރި ރާހިލްގެ ނިތްކުރީގައި ދާތިކިތައް ވިދަވިދާ ހުއްޓެވެ. ބަލައިލައިފި މީހަކަށް އެ ދާތިކިތަކުގެ އަސްލަކީ ތާރު އަޅާއިފައިވާ ބޮޑު މަގަށް ދެމުންދިޔަ އަތްވާއި، އެ އަވީގެ ސަބަބުން ޖައްވުގައި ކެކެމުންދިޔަ އުދާސް ހޫނު ކަމުގައި ހީވެދާނެއެވެ. ނަމަވެސް ކަން އޮތީ އެހެނެއް ނޫނެވެ. އެއީ ނުތަނަވަސްކަމާއި ހާސްކަމުގެ ނިޝާނެކެވެ. މިއަދު އެ ކޯޓުން އޭނާ ނުކުންނައިރު އޭނާ ވާނީ މީހެއްގެ ފިރިއަކަށެވެ.
“ތި ހަމަޖެހިބަަލަ.. އަހަރެން ޑްރައިވަރަށް ގުޅައިފީމޭ.. ޝައިނާ މިހާރު އެބައާދޭ” އޭނާގާތު ހުއްޓިލައިގެންހުރި ރިއާން، ރާހިލްގެ ކޮނޑުގައި އަތް ބާއްވައިލިއެވެ.
ރިއާންއާއި ޝިމާންގެ އިތުރުން ރާހިލްގެ ދެ ރައްޓެއްސަކު އެތަނުގައި މަޑުކޮށްގެން ތިއްބެވެ. އެއީ އޭނާ ހެކިވެރިންގެ ގޮތުގައި ފޮނުވި ދެ ރައްޓެހިންނެވެ. އެވަގުތު އެތަނަށް މަޑުކޮށްލި ކަޅުކުލައިގެ ކާރުން ފޭބި ޝައިނާ ފެނުމާއެކު އެންމެ ފުރަތަމަ އޭނާއަށް ޝައިނާ ފެނުނު ދުވަހެކޭ އެއްފަދައިން ރާހިލް ލައިލައިހުރި ނޭވާވެސް ހިނދުކޮޅަކަށް ހުއްޓުނެވެ.
ގަދަފެހިކުލައިގެ ސެޓިނާއި މަހުމާ ފޮތިން ފަހައިފައިވާ ސާދާ ގޮތެއްހުރި ޕާކިސްތާން ހެދުން ޝައިނާގެ ރީތިކަން އިތުރު ކޮށްދީފައި ވެއެވެ. ހެދުމުގައި އަޅައިފައިވާ ރަންކުލައިގެ ފަރުމާއާ ގުޅޭ ރަން ތަނޑިބައެއް އަތުގައި އަޅައިފައިވާއިރު އިސްތަށިގަނޑު ވަނި ރީތި ގޮތަކަށް ފުނާއަޅައި ފަހަތަށް ދޫކޮށްލެވިފައެވެ. މޫނުގައި ކޮށްފައިވަނީ ލުއި އެހެނަސް ރީތި މޭކަޕެކެވެ. ޝައިނާ އައިސް ރާހިލްގެ ކުރިމަތީގައި ހުއްޓިލަމުން ކިހިނެއްހޭ އަހައިލާފަދަ ގޮތަކަށް ބުމަ އަރުވައިލިއެވެ. އަދި ކުޑަކޮށް އެނބުރިލައި ހެދުން އެއްކޮށް ރާހިލްއަށް ދައްކައިލިއެވެ. އެހެނަސް ޝައިނާގެ ރީތިކަމަށް ކުރާނެ ތައުރީފެއްގެ ގޮތުގައި ކުފޫހަމާވާނެ އެންމެ ލަފްޒެއްވެސް ރާހިލްގެ ދުލަކަށް ނައެވެ.
“ސާބަސް. ތި އަނގަހުޅުވައިގެން ހުއްޓާ މެއްސެއް ވަދެދާނެ” އިޝްވާ އައިސް ރާހިލްގެ ގައިގައި ޖެހިގަންނަމުން ބުންޏެވެ. ޝައިނާ ގޮވައިގެން ކޯޓަށް ވަނުމުގެ ކުރިން ރާހިލްއަށް އޭނާ ލައިފައިވާ ކަޅުކުލައިގެ ގަމީހާއި ފަޓުލޫނަށް ބަލައިލަމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެފަދަ ދުވަހަކަށްޓަކައި ޝައިނާ އުއްމީދު ކުރިވަރަށް އޭނާއަށް ތައްޔާރު ނުވެވޭކަން އިހުސާސްވުމާއެކު އޭނާ ދެރަވިއެވެ.
“އަހަރެން ކައިރިވެސް ރީތިވެގެން އަންނަން ބުނެލިނަމަ” ރާހިލް ޝައިނާގާތަށް ޖެހިލަމުން ބުންޏެވެ.
“ދެން ރަނގަޅުވާނޭ.. ޔޫ ލުކް ޕްރިޓީ ގުޑް. ކޮންމެ އެއްޗެއް ލިޔަސް މައި ހެންޑްސަމްއާ ގުޅެއެއްނު” ޝައިނާވެސް ހިނިތުންވެލަމުން ބުންޏެވެ.
“ދެން ތި އަވަސްކޮށްބަލަ. އަހަރެންގެ ކާރުގަ އޮންނާނެ ބްލޭޒާއެއް. ނިންމާލަަފަ ފޮޓޯ ނަގަންވީމަ އެ ވައްޓާލާނީ” ރާހިލްގެ ކޮނޑުގައި އަތްއަޅައި ކޯޓުގެ ދޮރުން އެތެރެއަށް ކޮށްޕައިލަމުން ރިއާން ބުންޏެވެ.
ކިތަންމެ އާދައިގެ ގޮތަކަށް ކުރެވުނު ކައިވެންޏެއް ކަމަށްވިޔަސް ކޯޓުން ނުކުތްއިރު ދެމަފިރިންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރި ހިނިތުންވުމެކެވެ. އެއްވެތިބި މަދު ރަހްމަތްތެރިން ކީ މަރުހަބާއާއެކުވެސް ދެމީހުން ތިބީ ހިތްހަމަޖެހިގެނެވެ. އަލަތު ދެމަފިރިންގެ ލޮލުން ފެންނަމުންދިޔައީ އެކަކު އަނެކަކަށްޓަކައި އޮތް އިންތިހާ ލޯތްބެވެ. ރާހިލް ޝައިނާއާ ހަތަރުކަޅި ހަމަކޮށްލަމުން އެދެމީހުންގެ ގުޅުވައިލެވިފައިވާ އަތް ހިއްލައިލަައި ޝައިނާގެ އަތުގައި ބޮސްދިނެވެ.
“އެންމެފަހުން ޝައިނާ އަހަރެންގެ މީހަކަށްވީ. މިއީ އަހަރެން ހާދަ އިންތިޒާރެއްކުރި ދުވަހެކޭ” ރާހިލް ލޯތްބާއެކު ބުނެލިއެވެ.
“އަނ. މިއޮތީ އަހަރެންގެ ފަރާތުންދޭ ކައިވެނީގެ ހަދިޔާ” ރިއާން އައިސް ރާހިލްގެ ކޮނޑަށް އަތް ވައްޓައިލުމަށްފަހު ދިނީ ފަތްޖަހާލައިފައިވާ އޭ4 ސައިޒްގެ ކަރުދާސް ގަނޑެކެވެ. ރާހިލް ބުމަ ގޮށްޖަހައިލަމުން އެ ގަނޑު ނިއުޅައިލިއެވެ. އޭގައިވަނީ ހުޅުމާލޭގެ އަތިރި ފަރާތުގެ ގެސްޓްހައުސެއްގެ ދެދުވަހުގެ ހުރުމަށް ހައްދައިފައިވާ ރިޒަރވޭޝަނެކެވެ. ރާހިލްއަށް އެ ފެނުމުން ޕަކަޕަކަލާފައި ހޭން ފެށިއެވެ. އޭރު ޝައިނާގެ މޫނު ލަދުން ވިލާތު ބަށްޓެއްހާ ރަތްވެއްޖެއެވެ.
“ޕިސް ޕިސް.. ޗެކިން ޓައިމް ހަވީރު ހަތަރެކޭ؟ އަދި ރޭގަނޑުވެސް ނުވަންދެން އަހަރުމެން ގޮސް ކީއްކުރާނީ ދޯ ވައިފް؟” ރާހިލް ހިނިގަނޑު ކޮންޓްރޯލް ކުރަމުން ކައިރީގައިހުރި ޝައިނާގެ ކޮނޑަށް އަތްވައްޓައިލައި ގަޔާ ކައިރިކޮށްލިއެވެ.
“ދެން ރާހިލް” ޝައިނާ ދެލޯ ބޮޑުކޮށްލަމުން ރާހިލްގެ މޭގައި ބޮނޑިއެއް އެޅީއެވެ.
“އަތްދޯތް.. މިހިރީ މިހާރުވެސް އަތްފައި ހެލޭވަރު. ދެން މީނައާއެކު އެކަނި ތާކަށް ގޮސްގެން މިރޭ ވާން ވާއިރަށް އަހަރެންގެ ހާލަކީ ކޮބާކަށް ވިސްނާލަ” ރާހިލް އަދިވެސް ހުރީ ދިމާކުރުމުގެ މޫޑެއްގައެވެ.
“ކުރާނެ ކަމެއް އެނގޭނީ އެ ބަޔަކަށް.. އަހަރެން ވިސްނީ ދެމީހުން ވަކިން ވަގުތު ހޭދަކޮށްލަން ބޭނުންވާނޭ… މިހާރުވެސް ކިރިޔާ ގަޔަށް ބޮލަށް އަރައިނުގަނެ ތި ތިބެނީ.. ދުވާލު ޗެކިން ވިޔަސް މިރޭ ޗެކިންވިޔަސް އަހަރެންނަށް ކީއް؟ މިއީ ފުޅިބައްތި ނިވާލީމަ އަނދިރީގަ ކުރާކަމެއް ކުރަންތިބޭ ޒަމާނެއް ނޫނެއްނު” ރިއާން ހިނިއައިސްފައިހުރެ ދުރަށް ހިނގައިގަތެވެ.
“މި ރިއާންވެސް މިހާރު ހާދަ އަނގަގަދަ ވެއްޖެއޭދޯ.. މީހަކު ނުބުނާނެ ރިއާންއޭވެސް. ޒީ ކޯއްޗެއްތަ މީނައަށް ކާންދެނީ؟” ޝައިނާ ކިރިޔަކިރިޔާ ރާހިލްއަަށް އިވޭވަރަށް ކުދި ކިޔައިލިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Mi part vx vrh reethi MA!!
Awwn Shaina and Raahil such a beautiful couple congra both 💝 Curiously waiting for the next part when’s next??
Lyyy and Tc 💗