
ނިމިދާނެ ޖާނާ ހިތާ 13
“ނަޒޫ.. ނުފައިބަންތަ ތީނީ؟” ރީހާންގެ އަޑަށް ނަޒްލާއަށް ސިހިފައި ހިޔާލުތަކުގެ ތެރޭން ނިކުމެވުނެވެ. އޭރު ރީހާން އިނީ ނަޒްލާމެން ގޭ ދޮރުމަތީކަން ނަޒްލާއަށް އެނގުނީވެސް ދެފަރާތަށް ބަލާލުމުންނެވެ.
“ދަނީ، ތޭންކްސް އިނގޭ…” ނަޒްލާ ސައިކަލުން ފައިބާފައި ބުންޏެވެ.
“ވަންނާކަށް ނުބުނާނަންތަ؟” ރީހާން އަހާލިއެވެ.
“ވަންނާނަންތަ؟” ނަޒްލާ އަހާލިއެވެ.
“ނޫނޭ… މިގަޑިއަކު ނުވަދެވޭނެ. އޮފީހުގަ އަދި ކުޑަ ކަމެއް އެބައޮތް، އެކަން ނިންމާލާފަ ގެޔަށް ދެވޭނީވެސް” ހީލާފައި ރީހާން ބުންޏެވެ.
“އާރިޝްއަށް ސަލާން ބުނެދެއްޗޭ، ރީހާން މަންނައަށްވެސް” ނަޒްލާ ބުންޏެވެ.
“އާނ، ޒައިންއަށް ވާގޮތެއް އަނގާލައްޗޭ” ރީހާން ބުންޏެވެ.
ނަޒްލާ ބޯޖަހާލުމުން ރީހާން ސައިކަލު ދުއްވާލިއެވެ. އަނެއް މަގަށް ރީހާން އަޅާލަންދެން ބަލަން ހުރެފައި ނަޒްލާ ގޭތެރެއަށް ވަނެވެ.
ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާ އެކު ނަޒްލާއަށް ހުއްޓެވުނެވެ. ކޮންމެވެސް ކަމެއް ތަފާތުހެން ނަޒްލައަށް ހީވިއެވެ. ނަޒްލާ ދެފަރާތަށް ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހުރިހާ ކޮޓަރިއެއްގެ ދޮރު ހުރީ ލައްޕާފައެވެ.
އަނެއްކާ ޒައިން މާ ބޮޑަށް ބަލިވެގެން އެންމެން ޒައިން ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ނޫން ބާއޭ ނަޒްލާ ހިތަށް އެރިއެވެ.
ނަޒްލާގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެން ފެށިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ނަޒްލާ ކޮޓަރީދޮރުގެ ތަޅުގައި ހިފާލިއެވެ. ނަމަވެސް ނަޒްލާ ދޮރު ހުޅުވާލަން ފަސް ޖެހުނެވެ.
ހިތުގެ ތެޅުން މަޑު ކުރަން މަސައްކަތް ކުރަމުން ނަޒްލާ އަމިއްލަ ހިތަށް ވިސްނައިދެވޭތޯ ބެލިއެވެ. ޒައިންއަށް ކަމެއް ވީނަމަ ނައީމާވެސް އަދި ނަދީމްއާ ޔުމްނާވެސް ނަޒްލާއަށް ގުޅީހެވެ.
ނަޒްލާ ފުން ނޭވައެއް ލާފައި ހަމަޖެހިލަން މަސައްކަތް ކުރިއެވެ. އަދި ދޮރު ހުޅުވާފައި ކޮޓަރިއަށް ވަނެވެ. އެއާއެކު ނަޒްލާއަށް ބަލަހައްޓައިގެން ހުރެވުނީ އަމިއްލަ ލޮލުގެ ފެނުމާ މެދު ޔަގީން ނުކުރެވިފައެވެ. ފެންނަމުންދާ މަންޒަރަކީ ހަގީގަތެއް ކަމަށް ގަބޫލު ކުރަން ދަތި ވެފައެވެ.
ކޮޓަރީގެ މެދުގައި ޓައިލްސްތައް މަތީ އަޅާފައި އޮތް ކާޕެޓްމަތީ ޒައިން އުނގަށް ލައިގެން ޒައިންއާ އެކު ކުޅެން އާސިމް އިނެވެ. އެދެމީހުން ކައިރީގައި އަސްމާއާ ޝާއިރު އަދި ނިހާވެސް އިނެވެ.
ކޮޓަރީގަ ތިބި މީހުންވެސް ތިބީ ނަޒްލާއާ ދިމާއަށް ބަލަހައްޓައިގެން ގަނޑުވެފައި ކަހަލަ ގޮތަކަށެވެ.
“މަންމީ… މަންމީ…” އަތުގަ އޮތް ކުޅޭ ކާރު ހިފައިގެން ޒައިން މަޑުމަޑުން ހިނގާލާފައި އައިސް ނަޒްލާގެ ހެދުމުގެ ފަސްބައިގައި ހިފާލަމުން ގޮވާލިއެވެ.
ނަޒްލާ ސިހިފައި ޒައިންއަށް ބަލާލިއެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލާލާފައި އާސިމްއަށްވެސް ބަލާލިއެވެ. އަދިވެސް އެއްފަހަރު އަސްމާއާ ޝާއިރުއާ ނިހާއަށް ބަލާލާފައި ނަޒްލާ ޒައިން އުރާލައިގެން ނިކުތެވެ. އޭރު ނައީމާވެސް ކޮޓަރިން ނިކުންނަނީއެވެ.
“މީތަ އަހަރެން އޮފީހަށް ދިޔައިމަ މަންމަމެން ޒައިން ބަލާ ގޮތަކީ؟” ނަޒްލާ ނައީމާއާ ސުވާލު ކޮށްލިއެވެ.
“ކިހިނެއްތަވީ؟” ހުރިހާ ކަމެއް އެނގި ހުރެ ނައީމާ އަހާލިއެވެ.
“އަހަރެން ނާންނަނީސް ކޮންމެ ދުވަހަކު…” ނަޒްލާއަށް ފުރިހަމަ ނުކުރެވުނެވެ.
“ކީކޭ؟” ނައީމާ ދެންވެސް އެނގޭ ކަމަކަށް ނުހެދިއެވެ.
“އަހަރެން ނެތިސް ކޮންމެ ދުވަހަކުވެސް އޭނަ އާދޭތަ؟” ނަޒްލާ އެންމެ ފަހުން އެހިއެވެ.
ރުޅި އައިވަރުން އެހެން އަހާލެވުނީ ކިހާ ބާރަކަށް ކަމެއް ނަޒްލާއަކަށްވެސް ނޭނގެއެވެ. އެއަޑަށް ކޮޓަރިތެރޭ ތިބި ޔުމްނާއާ ނަދީމް ނިކުތެވެ. ނިހާއާ އަސްމާވެސް ނިކުތެވެ.
“އުހުނ… ކޮންމެ ދުވަހަކު ނާދޭ” ހަމަ ޖެހިލާފައި ނައީމާ ބުންޏެވެ. އަދި ބަދިގެއާ ދިމާއަށް ދިޔައެވެ.
“މަންމަ ނުބުނަންތަ ނާންނާށެކޭ؟” ނަޒްލާވެސް ނައީމާގެ ފަހަތުން ބަދިގެއަށް ވަނެވެ.
“ބަލަ! އެއީ ޒައިންގެ ބައްޕައޭ. މަންމަ ކިހިނެއްތަ އޭނަ ކައިރީގަ އޭނަގެ ދަރިއެއް ކައިރިއަށް ނާންނާށޭ ބުނާނީ؟” ނައީމާ ބުނެލިއެވެ.
ނަޒްލާ އައިއްސަ ހުރި ރުޅި ހައްތަހާ ގަދަވިއެވެ.
“ކާކު ބުނީ އެއީ ޒައިންގެ ބައްޕައޭ؟” ރުޅި އައިވަރުން ނަޒްލާ އަތުގަ އޮތް ދަބަސް މޭޒުމައްޗަށް އެއްލިއެވެ.
“ނަޒޫ ބުނީ” އައިސް އަލަމާރިން ބިލެތް ގަނޑެއް ނަގަމުން ނައީމާ ބުންޏެވެ.
“މަންމާ!” ނަޒްލާއަށް ބުނެވުނެވެ.
“ބުނަންތަ ދަރިފުޅާ، އާސިމް ގަބޫލު ކުރޭ އޭރު އޭނައަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން ކަން. އޭނައަށް އެނގިއްޖެ ޒައިންއަކީ އޭނަގެ ކުއްޖެއް ކަން. ގޯސްކޮށް ކުރެވުނު ކަންތައް ރަނގަޅު ކުރަން އޭނަ އެމަސައްކަތް ކުރަނީ. ކުށް ގަބޫލު ކުރީމަ އެންމެ ރަނގަޅު ގޮތަކީ އެމީހަކަށް މާފު ކުރުން” ނައީމާ ބުންޏެވެ. އަދި ބިލެތްގަނޑު ހިފައިގެން ކޮޓަރިއަށް ވަނެވެ.
ނަޒްލާ އެނބުރުނެވެ. ޔުމްނާއާ ނަދީމްއާ އަސްމާ އަދި ނިހާވެސް އިސް ޖަހައިގެން ތިއްބެވެ.
“ކީށްވެތަ އެކަކުވެސް އެއްޗެއް ނުބުނެ ތިތިބީ؟” ނަޒްލާ އެހިއެވެ.
“މީ އަހަރެންގެ އާއިލާ… އަހަރެންގެ އެންމެ ގާތް ރައްޓެހިން… އެކަމަކު… ގަބޫލުވެސް ނުކުރެވޭ… ހިއެއް ނުކުރަން ތިއެންމެންވެސް އޭނަގެ ސައިޑް ނަގާނެ ކަމަކަށް. އެކަމަކު މިއަދު ވިސްނިއްޖެ…” ނަޒްލާއަށް ރޮވުނީ އެންމެންވެސް ނަޒްލާ ހިތަށް އަރާނެ އެއްޗަކާ މެދު ނުވިސްނާ އާސިމްއަށް މާފުކޮށް އޭނައާ އެއްކޮޅަށް ތިބީތީއެވެ.
“ނަޒޫ، ތުއްތުބޭއަށް އެނގިއްޖެ… ތުއްތުބޭ ގަބޫލު ކުރޭ މިހާރު ޒައިންއަކީ ތުއްތުބޭގެ ކުއްޖެއްކަން—” އަސްމާ ބުންޏެވެ.
“މީ އެކަކުގެވެސް ދަރިއެއް ނޫން… މީ އަހަރެންގެ އެކަނި ދަރިއެއް. ޒައިންގެ ބައްޕައެއް ނުހުންނާނެ” ނަޒްލާ ބުންޏެވެ.
“ނަޒޫ—” ނަދީމް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ނަޒްލާ އެފުރުސަތެއް ނަދީމްއަކަށް ނުދިނެވެ.
“މީ އަހަރެންގެ އެކަނި ދަރިއެއް. ޒައިން އަކީ އަހަރެން އެކަނި ކުރި ކުށެއްގެ ނަތީޖާ. އެކަމުގެ ޒިންމާ އަހަރެން ނޫން މީހަކު ނަގާކަށް ނުޖެހޭނެ. އެހެން ވީމައެއްނު އަހަރެން ފެނުނު ކޮންމެ މީހަކު އަހަންނާ ދިމާއަށް އެއްޗެހި ކީ؟ ބަނޑުބޮޑުކަން އެނގުނީއްސުރެ ވިހަން ދެން، އަދި ވިހައިގެން މިއަދާ ހަމައަށްވެސް ކޮންމެ މީހަކުވެސް އަހަންނާ ދިމާއަށް އެއްޗެހި ކިޔާނީ އަހަރެންގެ އެކަނި ދަރިއަކަށް ވީމަ. އެހެންވެ އަހަރެންނަށް އެކަނި މިކުށުގެ އަދަބު ލިބުނީވެސް” އައި ރުޅީގަ ނަޒްލާ އެހުރިހާ ވާހަކައެއް ދެއްކީ އާސިމްއަށްވެސް އެއަޑު އިވޭނެކަން އެނގޭތީއެވެ. ނަޒްލާއަށް ކުރިމަތިވި ލަދުވެތި ކަމުގެ ކުޑަ މިންވަރެއް ނަމަވެސް އާސިމްއަށް އިހުސާސް ކުރެވޭތޯއެވެ.
އެވާހަކަ ދެއްކުމުން ނަޒްލާ އެދުވަސްތައް މަތިން ހަނދާން ވިއެވެ. ހަތަރު މަހެއްހާ ދުވަސް ވަންދެން އެއްގޮތަކަށްވެސް ގޭން ނުނިކުމެ ނަޒްލާއަށް އޮވެވުނީ ޑޮކްޓަރުގެ ލަފާގެ މަތިން ބެޑްރެސްޓް ކުރާށެވެ. ނަމަވެސް އޭގެ ފަހުންވެސް ބޭރަށް ނިކުމެ މީހުންނާ ކުރިމަތިލާން ނަޒްލާއަށް ނުކެރުނީ މީހުންގެ މަލާމާތުގެ ބަސްތަކުގެ އަޑު ކޮންމެވެސް ވަރަކަށް އިވިފައި ވާތީއެވެ.
ގޭ އެންމެންގެ ހިތްވަރާ އެއްބާރު ލުމުގެ ސަބަބުން ފަހުން ނަޒްލާ ބޭރަށް ނިކުމެ އުޅުނު ނަމަވެސް ކޮންމެ ދުވަހަކު އެތައް ފަހަރަކު ނަޒްލާއަށް އަޑު އިވެނީ އެފަދަ ބަސްތަކެކެވެ. އަވައްޓެރިންނާ، ދަންނަ ބައެއް ރައްޓެހިންވެސް ނަޒްލާއާ މެދު ކަންތައް ކުރި ގޮތް ނަޒްލާގެ ހިތަކުން ނުފިލާނެއެވެ. އެކި ފަހަރު އެކި މީހުންގެ ވިހަ ބަސްތަކުން ނަޒްލާ ރޯން ޖެހުނެވެ.
ނަމަވެސް ނަޒްލާ ހިތްވަރު ދޫކޮށެއް ނުލައެވެ. ވިހެއުމަށް ފަހު ކުރި ކުށުގެ އަދަބުވެސް ލިބި ނަޒްލާއަށް ކުރެވުނު ފާފައަށް ތައުބާވެސް ވިއެވެ. އެކަމުގައި ނަޒްލާއަށް ލިބުނު އެންމެ ބޮޑު ހިތްވަރަކަށް ވީ އާއިލާއެވެ. ނަމަވެސް މިއަދު އެއެންމެންވެސް ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އެތިބީ އާސިމްއާ އެއްކޮޅަށެވެ.
ދެކެވުނު ހުރިހާ ވާހަކައެއް އާސިމްއަށް އަޑު އިވުނެވެ. ނަޒްލާ ކޮންމެ އެއްޗެއް އާސިމްއާ ދިމާއަށް ބުންޏަސް ކިތަންމެ ވަރަކަށް އެއްޗެހި ކިޔަސް އާސިމް ހުރީ އަޑު އަހަން ތައްޔާރަށެވެ. ނަމަވެސް އެވާހަކަ އަޑު އިވުމުން އާސިމްއަށް އިތުރަށް އަޑު އަހާކަށް ކެތެއް ނުކުރެވުނެވެ. ތެދުވެގެން ކޮޓަރިން ނިކުތް ގޮތަށް އަސްމާ ގޮވާލުމުންވެސް މަޑުވެސް ކޮށްނުލާ އާސިމް އެގޭން ނިކުމެގެން ދިޔައެވެ.
“އަހަރެން ގަބޫލު ކުރަން ނަޒޫ ރުޅި އަންނާނެކަން، އޭނައަށް ހުރިހާ ކަމެއް އެނގުނީމަ ދެން އޭނަ ޒައިން ކައިރިއަށް އައުން ހުއްޓުވާކަށް ނުވާނެއެއްނު؟ ނަޒޫ ރުޅި އަޔަސް އެއީ ޒައިންގެ ބައްޕަ ވިއްޔަ” ނަދީމް ބުންޏެވެ.
“މިއަދުތަ ޒައިންގެ ބައްޕައަށް އޭނަވީ؟ އޭރުވެސް އެއީއޭ ހަމަ ޒައިންގެ ބައްޕައަކީ.. އެކަމަކު އޭރު… އޭނަ ބުނީ އަހަރެން އޭރުވެސް އިނީ ބަލިވެޔޭ. ގަބޫލެއް ނުކުރި މީ އޭނަގެ ދަރިއެއް ކަމަކަށް. ހެޔޮ ދެން މިއަދު ނަޔަކަސް… ވަރިހަމަ މިހާރު ޒައިންގެ ބައްޕަ ނެތަސް…
އަހަރެން އޭނަގެ ދެފައިގަ ހިފާފަ އާދޭސް ކުރީމޭ… އެންމެން ހަނދާން ނެތުނަސް އަހަރެން އަދިވެސް ހަނދާން އެބަހުރި. އަހަރެން ނެރެފަ ކޮއްޕާލީމަ ވެއްޓުނީ ދޮންބެގެ ފައި ދަށަށޭ، އެކަމަކު މިއަދު ދޮންބެވެސް…” ނަޒްލާ އިތުރަށް ނުބުނެ ލޮލުން އައި ކަރުނަ ފޮހެލިއެވެ.
“ނަޒޫ—” އަސްމާ ގޮވާލިއެވެ.
“އަހަންނަށް އެނގޭ އެއީ ސިމީގެ ބޭބެ ކަން، އެކަމަކު އަހަރެން ހިއެއް ނުކުރަން ސިމީވެސް މިކަން އަހަންނަށް ސިއްރު ކުރާނެ ކަމަކަށް” ނަޒްލާ ކޮޓަރިއަށް ވަނެވެ.
“އަހަރެން ކިހިނެއް ހަދާނީ؟ އަހަރެންގެ ބޭބެއާ އަހަރެންގެ ބެސްޓް ފްރެންޑްގެ މެދުގަ ފިތިފަ އަހަރެން ހުންނަން މިޖެހެނީ. މިއަދު މިގެޔަށް އައީވެސް އަހަރެންގެ ލައިފްގަ އެންމެ ސްޕެޝަލް އެއް ކަންތައް އަހަރެންގެ ފްރެންޑުންނާ އެކީ ޝެއަރ ކުރަން އެކަމަކު…” އަސްމާއަށްވެސް ރޮވުނެވެ. އެހިސާބަށް ބުނެފައި އަސްމާ ދުވެފަ އެގޭން ނިކުތެވެ. ޝާއިރުވެސް އަސްމާގެ ފަހަތުން ނިކުތެވެ.
“ދެން ކިހިނެއްތަ ހަދާނީ؟” ޔުމްނާ އަހާލިއެވެ.
“އަހަރެން ކީކޭ ބުނާނީ؟” ނަދީމްއަށްވެސް އެވަގުތު ހަދާނެ ގޮތެއް ނުވިސްނުނެވެ.
ޔުމްނާ ނަޒްލާގެ ކޮޓަރިއަށް ވަނެވެ. ޔުމްނާގެ ފަހަތުން ނިހާވެސް ވަނެވެ.
“ނަޒޫ، ސޮރީ…” ޔުމްނާ ބުންނެވެ.
“ކީށްވެތަ އަހަރެން ކައިރީގަ ނުބުނީ؟” ނަޒްލާ އަދިވެސް އިނީ ރުޅި އައިއްސައެވެ.
“އޭނަ ޒައިން ދެކެލާ ހިތުން އައިމަ ނުކެރުނީ އެއްޗެކޭ ބުނަން…” ޔުމްނާ ބުންޏެވެ.
“ޔުމްއަކަށް ނޭނގޭތަ އަހަރެން ހިތްހަމަ ނުޖެހޭނެ ކަމެއް؟ ބުނަން ޖެހޭނެއެއްނު އަހަރެން ކައިރީގަ…” ޔުމްނާ ދިން ޖަވާބާ މެދު ނަޒްލާ ހިތްހަމައެއް ނުޖެހުނެވެ.
“ދޮންތާ، އަސްލުވެސް ސޮރީއޭ… ދެން ރުޅި މަޑުކޮށްބަލަ… ޕްލީޒް…” ނިހާ އައިސް ނަޒްލާ ކައިރީ އިށީނެވެ.
“ތެދެއް ނަޒޫ. އަހަރުމެން އެންމެންވެސް އެކަން ނަޒޫއަށް ސިއްރު ކުރީ ޒައިންއަށް ޓަކައޭ، ކޮންމެ ގޮތެއް ވިޔަސް އެއީ ޒައިންގެ ބައްޕަ، އޭނައަށްވެސް އޭނަގެ ބައްޕަ އެނގެން ޖެހޭނެއެއްނު؟” ޔުމްނާ ބުންޏެވެ.
“އެހެން ގޮތަކަށް ކަންތައް ވިނަމަ އަހަރެންވެސް ތިކަމާ އެއްބަސް ވާނަން. އެކަމަކު އެންމެންގެ ތެރޭ އަހަރެން ބަލިވެ އިނީ އެނަގެ ދަރިއަކަށް ނޫނޭ ބުނި މީހަކު މިއަދު ނުޖެހޭ އަމިއްލަ ދަރިއެކޭ ކިޔާފަ އަންނާކަށް” ނަޒްލާ އުނގުމަތީ ޒައިން ބާއްވަމުން ބުންޏެވެ.
“އެކަމަކު ދޮންތާ… ދޮންތައަކަށްވެސް ހަގީގަތެއް ބަދަލެއް ނުކުރެވޭނެއެއްނު؟” ނިހާއަށްވެސް އެއްޗެއް ނުބުނެ ނީނދެވުނެވެ.
“އާނއެކޭ، ނުކުރެވޭނެޔޭ. އެކަމަކު މިއަދު އާސިމް ޒައިން ދައްކާފަ މީ ތިމަންނަގެ ދަރިއެކޭ ބުނުމަށް ވުރެ ރަނގަޅު ވާނެ ޝާއިރު އެހެން ބުންޏަސް” ނަޒްލާ ނިހާ ދެކެވެސް އައީ ރުޅިއެވެ.
“ޝާއިރުގެ ރަނގަޅު ކަމުގެ ބަދަލުތަ ނަޒޫ މިއަދު ސިމީއަށް ތި ދިނީ؟ އޭނަ އައީ ވަރަށް އުފަލުން އެހަބަރު ދޭންވެގެން، އެކަމަކު ނަޒޫ އޭނައާ ދޭތެރޭ ވިސްނާވެސް ނުލާ…” ޔުމްނާ އެވަރަށް ބުނެފައި އެކޮޓަރިން ނިކުމެގެން ދިޔައީ ނަޒްލާއާ މެދު ހިތްހަމަ ނުޖެހި ހުރެއެވެ.
“ކޮން ހަބަރެއްތަ؟” އިރުކޮޅެއް ފަހުން ނަޒްލާ ނިހާއާ ސުވާލު ކޮށްލިއެވެ.
“ސިމީއާ ޝާއިރު މެރީ ކުރަން އުޅޭ ވާހަކަ…” ނިހާ ޖަވާބު ދިނެވެ. އަދި ނަޒްލާ އިތުރު ސުވާލެއް ކުރުމުގެ ކުރިން ނިހާވެސް ނިކުތެވެ.
“އެއްވެސް ކަމެއް ރަނގަޅަކަށް ނޫން މިދަނީކީ…” ޔުމްނާއާ ނަދީމް ވާހަކަ ދެއްކީ ނިދަން ވެގެން ކޮޓަރިއަށް ވަދެއެވެ.
“އަސްލު އަހަރުމެން އެންމެންވެސް އެކަން އެނގި ތިބެ ނުބުނީމަ ނަޒޫ ރުޅި އަންނާނޭ، އަހަރެން އޭރުވެސް ބުނީމެއްނު؟” ޔުމްނާ ބުންޏެވެ.
“އަހަންނަށްވެސް އެނގެޔޭ ނަޒޫ ރުޅި އަންނާނެކަން، އެކަމަކު އާސިމްއަށް ވިސްނިގެން އައިމަ އަހަރުމެން ވަކި ކިހިނެއްތަ ހަދާނީ؟ ޒައިން ދެކިލަންވެސް އޭނައަށް ޗާންސެއް ނުދޭންވީތަ؟ ޔުމްއަށްވެސް އެނގޭނެ އޭނައަށް އެނގިގެން އޭނަ އުޅުނު ގޮތް…” ހަދާނެ ގޮތެއް ނުވިސްނިފައި ނަދީމް ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.
“އަހަރެން ނުބުނަމެއްނު ނޫނެކޭ…” ޔުމްނާ ނަދީމްގެ އަތުގައި ހިފާ ނަދީމް ހުއްޓުވިއެވެ.
“އަހަރެން އެހުރިހާ ކަމެއް ހަނދާން ނެތީކީ ނޫނޭ. މިކަމުގަ އަހަރެން މިއަދު އާސިމްއަށް އެހީ ވެދިނަސް އޭގެ މާނައަކީ އަހަރެން ނަޒޫއާ ދެކޮޅު ވީއެކޭ ނޫނެއްނު؟ ނަޒޫ ކިތަންމެ ރުޅި އައިއްސަ ހުއްޓަސް އަހަންނަށް އެނގޭ އަދިވެސް އޭނަ ލޯބި ވަނީ އާސިމް ދެކެކަން. އެހެން ނޫންނަމަ ކީށްވެ މިހާ ދުވަސް ވީއިރުވެސް ނަޒޫ ރީހާންއަށް ޖަވާބެއް ނުދީ އެހުންނަނީ؟ ނަޒޫއަށް ނުވިސްނުނަސް ހުރިހާ ކަމެއްވެސް އަހަރެން މިކުރަނީ ހަމަ ނަޒޫއަށް ޓަކާ” ޔުމްނާގެ ދެއަތުގއި ހިފާލާފައި ނަދީމް ބުންޏެވެ.
“އެކަމަކު މިއަދު ސިމީ ވަރަށް ދެރަ ވާނެދޯ؟” ޔުމްނާ އަސްމާއާ މެދު ކަން ބޮޑުވިއެވެ.
ނަޒްލާވެސް އޮތީ އަސްމާއާ މެދު ވިސްނާށެވެ. އެހާ އުފަލުން އަސްމާ ދައްކަން އައި ވާހަކަ ނަޒްލާގެ ސަބަބުން ނުބުނެ ދާން ޖެހުމުން ނަޒްލާވެސް ދެރަވިއެވެ. ނަޒްލާ ފޯން ނަގާ އަސްމާއަށް ގުޅާލިއެވެ.
“އަހަރެން ދެކެ ރުޅި އައިއްސަދޯ؟” އަސްމާ ފޯން ނެގުމާ އެކީ ނަޒްލާ އަހާލިއެވެ.
“ނޫން، ރުޅިއެއް ނާދޭ… އެކަމަކު ވަރަށް ދެރަ ވެއްޖެ” އަސްމާ ބުންޏެވެ.
“ސޮރީ…” ނަޒްލާ މާފަށް އެދުނެވެ.
“އުހުނ… ނަޒޫ މާފަށް އެދޭކަށް ނުޖެހޭ. ނަޒޫ ރުޅި އަންނާނެ ކަން އަހަންނަށްވެސް އެނގޭ، މާފަށް އެދެން ޖެހޭނީވެސް އަހަރެން. އަހަރެން ގަބޫލު ކުރަމޭ ތުއްތުބޭ ރަނގަޅަކަށް ނޫން ކަން ކަންތައް ކުރީ، އެކަމަކުވެސް އެއީ އަހަރެންގެ ބޭބެ، ތީ އަހަރެންގެ ބެސްޓް ފްރެންޑް… ކާކުގެ ކޮޅަށް އަހަރެން ހުންނާނީ؟ އަހަރެން ކާކުގެ ސައިޑެއް ނަގަންވީ؟ އެއެއް އަހަންނަކަށް ނުވިސްނުނު…” އަސްމާ ވާހަކަ ދެއްކީ ދެރަވެފަ ހުރެގެން ކަން ނަޒްލާއަށް އެނގުނެވެ.
“ދެން އަޅާނުލާ ސިމީ، އަހަރެންނާ އެއްކޮޅަށް ހުންނާށެކޭ އަހަރެން ނުބުނާނަން. ސިމީގެ ކުށެއް ނެތްކަން އަހަރެން ގަބޫލު ކުރަން… ދެން އެވާހަކަ ހުއްޓާލާ. ބުނެބަލަ، ކޮން އިރަކުން މެރީ ކުރަނީ؟” ނަޒްލާ ވާހަކަ ބަދަލު ކޮށްލިއެވެ.
“ނަޒޫ ހުއްދަ ދިނިއްޔާ އަހަރެން ބޭނުން ދުވަހުން މެރީ ކުރެވޭނީ” އަސްމާ ބުނެލިއެވެ.
“އައްދޭ! އަދި އަލަށްތާ ބައްޕަގެ ވަލީގެ އިތުރުން ބެސްޓް ފްރެންޑްގެ ވަލީވެސް ކައިވެންޏަކަށް ބޭނުން މިވީ!” ނަޒްލާ ސަމާސާ ކޮށްލިއެވެ.
“ނޫނޭ، ސީރިއަސްކޮށް މިބުނީ. ނަޒޫގެ މައްސަލައެއް ނެތިއްޔާ އަހަރެންނަށް މިކަން ވާނީ” އަސްމާ އަނެއްކާވެސް ބުންޏެވެ.
“އެހެންތަ؟ ބުނެބަލަ، ކޮން ކަމަކަށްތަ އަހަރެންގެ ހުއްދަ ބޭނުން ވަނީ؟” ނަޒްލާ ސުވާލު ކޮށްލިއެވެ.
“އަހަރެން ހިތައް އަރަނީ ޒައިންގެ ބަރތްޑޭގައޭ މެރީ ކުރާނީ… އަހަރެންގެ ނިއު ލައިފް ފަށަން ކިހާ ސަޅި ދުވަހެއް އެއީ؟” އަސްމާ ބޭނުންވި ގޮތް ނަޒްލާއަށް ބުނެދިނެވެ.
“އަސްލުތަ؟ ތީގަ އަހަރެން ދޭން ޖެހޭ ހުއްދައެއް އެބައޮތްތަ؟” އަސްމާގެ ވިސްނުމާ މެދު ނަޒްލާ އުފާވިއެވެ.
“އާނ، ޒައިންގެ ބާރތްޑޭގަ އަހަރެން މެރީ ކުރަންޏާ ނަޒޫއަށް އެނގެން ޖެހޭނެއެއްނު؟” އަސްމާ ބުންޏެވެ.
“ސާބަސް ދެން! އެދުވަހަކީ އަހަރެން ގަނެފަ އިން ދުވަހެއް ހެން ހީވަނީ! ދެން އެވަރުގެ ކަމެއްތަ އެއީ؟ އެހެން ނޫނަސް ސިމީ ހިތް ހަމަޖެހެންޏާ އަހަރެން ހުއްދަ ދީފާނަން، ޒައިންގެ އުފަން ދުވަހު، ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ސިމީ ކައިވެނި ކުރަން އަހަރެންގެ އެއްވެސް އިއުތިރާޒެއް ނެތް” ނަޒްލާ އަޑު ބަރު ކޮށްލަމުން ބުނެލިއެވެ.
އެއަޑު އިވުމާ އެކު އަސްމާ ހޭން ފެށިއެވެ. އަދި އަސްމާއާ އެކީ ނަޒްލާވެސް ހޭން ފެށިއެވެ.
“ތޭންކްސް ނަޒޫ” އަސްމާއަށް އެއްޗެއް ބުނެވުނީ އިރުކޮޅެއް ފަހުންނެވެ.
“މިހާރު ކޮން ކަމަކާ ތި ޝުކުރު އަދާ ކުރަނީ؟” ނަޒްލާއަށް އަސްމާ ޝުކުރުވެރި ވާންވީ ކަމެއް ނުވިސްނުމުން ނަޒްލާ އަހާލިއެވެ.
“ނަޒޫއާ ހެދި ނޫން ނަމަ މިއަދު އަހަރެންގެ ލައިފްގަ ޝާއިރު ނުވެސް ހުރީސް، އަހަންނަށް އޭނަ ގެއްލުނުތާ ކިތަންމެ ދުވަހެއް… އޭރު ނަޒޫ ޝާއިރުއަށް ވިސްނައިދޭން މަސައްކަތް ނުކުރި ނަމަ… އަސްލުވެސް، އަހަރެންގެ މިހުވަފެން ހަގީގަތަކަށް މިވަނީވެސް ނަޒޫގެ ސަބަބުން” އަސްމާ ނަޒްލާއަށް ޝުކުރު އަދާ ކުރި ސަބަބު ބުނެދިނެވެ.
“އެއީ އެވަރުގެ ކަމެއްތަ؟ ތީ އަހަރެންގެ ފްރެންޑެކޭ، އެނީ ތިންގް ފޯރ ޔޫ!” ނަޒްލާ ބުންޏެވެ.
“ދެން ބުނެބަލަ، އަހަރެންގެ ވެޑިންގ ޕްލޭން ކުރަން ހެލްޕް ވެދޭނަންތަ؟ ނަޒޫއާ ޔުމްގެ ހެލްޕް އަހަރެން ވަރަށް ބޭނުން ވާނެ…”
އަސްމާ އެދުނެވެ.
“ޔަގީނެއްނު؟ ނިކަން އަހަރުމެންނާ ނުލާ ޕްލޭންއެއް ކޮށްބަލަ! ސިމީ ވިސްނީ ކިހިނެއް…؟” އެހިސާބުން އެތައް އިރެއް ވަންދެން ދެކެވުނީ އަސްމާއާ ޝާއިރުގެ ކައިވެނީގެ ވާހަކައެވެ. އެންމެ ފަހުން ފޯން ކަނޑާލުމުގެ ކުރިން ޖެހިގެން އަންނަ ދުވަހު ޔުމްނާއާ ނަޒްލާއާ އަސްމާ ބައްދަލުކޮށް ހުރިހާ ކަމެއް ނިންމަން އެއްބަސް ވިއެވެ.
އެދުވަހުގެ ފަހުން އާސިމް ނަޒްލާމެން ގެޔަކަށް ނުވަދެއެވެ. ބައެއް ފަހަރު ނަދީމް ކިޔަން ފެށުމުން ނަދީމްއާ އެކީ ގޭ ކައިރިއަށް ގޮސް ބޭރުގައި ހުރެ ޒައިން އުރާލާފައި ދަނީއެވެ. ހިތް ފުރެންދެން ޒައިންއާ ދިމާއަށް ބަލާވެސް ނުލެވެއެވެ. އެހެން އަންނަ ފަހަރު ފަހަރު ނައީމާއާ ޔުމްނާވެސް އާސިމް ގާތު އެތެރެއަށް ވަންނަން ބުނެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އާސިމް ދެކޮޅު ހަދައެވެ.
ޒައިން ނުފެންނަ ދުވަހަކު އާސިމްގެ ލޮލަށް ނިދިނައި ނަމަވެސް ނަޒްލާ ނުރުހޭނެ ގޮތަކަށް ކަންތައް ނުކުރަން އާސިމް ހުރީ އަމިއްލަ ނަފްސަށް ވަޢުދު ވެގެން ކަންނޭނގެއެވެ. ޒައިން ގާތަށް އާސިމް ދިއުމަށް ނަޒްލާ ނުރުހުނު ނަމަވެސް އާސިމްއަށް ނަދީމްގެ އެދުމަށް ދެކޮޅު ނުހެދެނީ ޒައިން ނުފެނި ހިތަށް ހަމަޖެހުމެއް ނުލިބޭތީއެވެ. އާސިމްއަށް ކުޑަވެސް އުފަލެއް ލިބެނީ ޒައިން ފެނުމުން ކަމަށް ވާތީއެވެ.
ޒައިންގެ އުފަން ދުވަސްވީ ހޮނިހިރު ދުވަހަކަށެވެ. ހެނދުނު ނަޒްލާއަށް ހޭލެވުނީ ޒައިން ހޭލާފައި މަންމާއޭ ގޮވާލުމުންނެވެ.
“ހެޕީ ބަރތްޑޭ، މަންމިގެ ސްވީޓްހާޓް!” ކުޑަ އެނދުން ޒައިން ނަގާ އުރާލާފައި ޒައިންގެ މޫނަށް ދޮނެއް ދެމުން ނަޒްލާ ބުންޏެވެ.
ޒައިން ފެންވަރުވާ ރީތި ކޮށްލާފަ ނަޒްލާ ޒައިން ގޮވައިގެން ކޮޓަރިން ނިކުތް އިރު ސިޓިންގރޫމްގައި ބައިވަރު ފުއްޕާހަންތައް އޮތެވެ.
“ބެލޫން… ބެލޫން…” ހަންތައް ފެނުމުން ޒައިން ހަޅޭލަވައިގަތެވެ. އަދި ނަޒްލާގެ އަތުތެރޭން ނިކުމެވޭތޯ މަސައްކަތް ކުރަން ފެށިއެވެ. ނަޒްލާ ހިނި އައިސްފައި ފުއްޕާފައި ހުރި ހަންތަކުތެރޭ ޒައިން ބެހެއްޓިއެވެ. ޒައިން ހެމުން ދެކޮޅަށް ދުވަން ފެށިއެވެ.
ޔުމްނާއާ ނަދީމްއާ ނިހާ ނަދީމްމެން ކޮޓަރި ތެރޭން އެވަގުތު ނިކުތީ އަދިވެސް އިތުރަށް ބައިވަރު ފުއްޕާ ހަންތައް ހިފައިގެންނެވެ.
“ހެޕީ ބަރތްޑޭ ޒައިން…” ތިން މީހުން އެއްފަހަރާ ޒައިންއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔެވެ.
“ބެލޫން… ބެލޫން…” ދެންވެސް ޒައިން އުޅުނީ ހަންތަކާ ހެދިއެވެ.
“ދޮންބެއަށް އެނގެޔޭ ދޫނި ފުއްޕާހަން ދެކެ ލޯބި ވާކަން، އެކަމަކު ތިވަރު ވާކަށް ނުވާނެއެއްނު؟” ނަދީމް އައިސް ޒައިން އުރާލުމުން ޒައިން ރޯން ފެށިއެވެ. ހީގެންފައި ނަދީމް އަނެއްކާވެސް ހަންތަކުތެރޭ ޒައިން ބެހެއްޓިއެވެ.
“ކޮން އިރަކު ދޮންބެމެން މިހުރިހާ ހަންތައް ފުއްޕީ؟” ނަޒްލާ އަހާލިއެވެ.
“އަހަރުމެން އެކަކުވެސް ފަތިސް ނަމާދު ކޮށްގެން ނުނިދަމޭ، ދޯ ނިނީ؟” ނަޒްލާ ކުރި ސުވާލުގެ ޖަވާބު ދިނީ ޔުމްނާއެވެ.
“އާނ، އޭރުއްސުރެ ކުރި މަސައްކަތް މީ” ނިހާ ބުންޏެވެ.
“ހިނގާ ސައި ބޯން” ޔުމްނާ ބަދިގެއާ ދިމާއަށް ދަމުން ބުންޏެވެ.
“އެބަ އަންނަން ފެން ވަރައިގެން. ނިނީ، ޒައިން ބަލައްޗޭ” ނަޒްލާ އަނެއްކާވެސް ކޮޓަރިއަށް ވަނެވެ.
ހަވީރު ހަތަރެއް ޖެހި އިރަށް ނަޒްލާ ޒައިން ގޮވައިގެން ގޭ އެންމެންނާ އެކީ ރާނބާ ރެސްޓޯރަންޓަށް ދިޔައެވެ. އެތެރެއަށް ވަދެފައި ފުރަތަމަވެސް ނަޒްލާއަށް ފެނުނީ އެންމެ ފަހުގެ ތައްޔާރީތައް ބަލަން ނަދީމްއާ ޝާއިރުއާ އެކީ ހުރި އާސިމްއެވެ. ނަޒްލާމެން ވަނުމުން އާސިމްވެސް ބަލާލިއެވެ. އެއާ އެކު ނަޒްލާ އިސްޖަހާލަމުން އެތެރެއަށް ވަނެވެ.
“ނަޒޫ، ރަނގަޅު ދޯ؟” ނަޒްލާ ކައިރިއަށް އައިސް ފެހިކުލަޔާ ނޫކުލައިން ޒީނަތްތެރި ކޮށްފައިވާ އެހޯލްއަށް އިޝާރާތް ކޮށްލަމުން ނަދީމް އަހާލިއެވެ.
“ހްމްމް…” އެއްބަސް ވުމުގެ ގޮތުން ނަޒްލާ ބުނެލިއެވެ. އެތަނުން އާސިމް ފެނުމުން ހިތްހަމަ ނުޖެހުނު ނަމަވެސް ނަޒްލާ ނަދީމް ގާތު އެވާހަކައެއް ނުބުނެއެވެ.
“ހޭ… ކޮބާތަ ކުޑީގެ ބަރތްޑޭ ބޯއި؟” ފެހި ކުލައިގެ ވިދާ ކަރުދާހުން ޕާރުސަލްކޮށްފައި އިން ބޮޑު ހަދިޔާއެއް ހިފައިގެން ގޭ އެންމެންނާ އެކީ އެވަގުތު ވަން އަސްމާ ނަޒްލާ އަތުން ޒައިން ނަގާ އުރާލިއެވެ.
ގިނަ އިރެއް ނުވެ މީހުން ގިނަވާން ފެށިއެވެ. ނަމަވެސް އަދިވެސް އިރުއިރުކޮޅާ ނަޒްލާއަށް އާސިމްއާ ދިމާއަށް ބަލާލެވެއެވެ. ނުބަލަން ހުއްޓަސް ދޭތެރެއަކުން ނަޒްލާއަށް އާސިމް ކޮބާތޯ ބަލާލެވެއެވެ.
ޒައިން ކައިރިއަށް ކިތަންމެ ދާހިތް ވިނަމަވެސް އާސިމްއަކަށް ދާކަށް ނުކެރުނެވެ. ކުޑަކުޑަ ޒައިން ފެއްސާ ނޫކުލައިގެ އަތް ދިގު ގަމީހަކާ ގަދަ ނޫކުލައިގެ ޖީންސެއް ލައިގެން ހުރި އިރު ވަރަށް ލޯތްބެވެ. ނަޒްލާވެސް ހުރީ ހަމަ އެދެކުލައިގެ ހަރުވާޅު ހެދުމެއް ލައިގެންނެވެ. ޒައިންގެ އަތުގައި ހިފަހައްޓާލައިގެން ހުރެ އިރުއިރުކޮޅާ ޒައިންއާ ދިމާއަށް ގުދުވެލާ އިރު ނުވަތަ ތިރިވެލާ އިރު ނަޒްލާ އަޅާފައިވާ ދޯޕައްޓާ އެއްފަރާތުން ވެއްޓޭތީ އުނދަގޫ ވެގެން ނަޒްލާ އެންމެ ފަހުން ދޯޕައްޓާ އެއްފަރާތަކަށް އައްސާލިއެވެ. އިރުއިރުކޮޅާ ނަޒްލާ އެފަން ދިގު އިސްތަށިގަނޑުވެސް ކޮނޑު މައްޗަށް ވެއްޓުނަ ނުދީ ފަހަތަށް ޖައްސާލައެވެ.
އެމަންޒަރު ބަލަން އާސިމް އިރުކޮޅަކު ހުއްޓެވެ. ކުރީގައި އިސްތަށިގަނޑު ދިގުވުމުން އުނދަގޫ ވެގެން އުޅޭ ނަޒްލާ އެހާވަރަށް އިސްތަށިގަނޑު ދިގުކުރީ ކީއްވެބާއޭ އާސިމް ހިތަށް އެރިއެވެ. ހަމަ އެހެން ހަރުވާޅު ހެދުމެއް ދުވަހަކުވެސް ނުލާނަން ކަމަށާ، އެހެދުން ނަޒްލާއަށް ވަރަށް ހަޑި ކަމަށް ބުނި ނަޒްލާ މިހާރު އާންމުކޮށް ލާ ހެދުމަކަށް އެހެދުން ވީ ކީއްވެގެން ބާއޭވެސް އާސިމްގެ ހިތުގައި ސުވާލު އުފެދުނެވެ. އެހާވަރަށް ނަޒްލާ ބަދަލުވީ ކީއްވެ ބާއޭ އަމިއްލަ ހިތާ ސުވާލު ކޮށްލެވުނެވެ.
ރީހާންއާ އާރިޝް ޕާޓީއަށް އައީ ފަހެއް ޖަހަން އުޅެނިކޮށެވެ. އެތެރެއަށް ވަނުމާ އެކު އާރިޝް ނަޒްލާ ގައިގައި ބައްދާލިއެވެ. ރީހާން ޒައިން ނަގާ އުރާލިއެވެ. ޒައިންވެސް ރީހާން އުރާލުމުން އުފަލުން ހީގަތެވެ.
“ހެޕީ ބަރތްޑޭ ޒައިން…” ޒައިންގެ ކޮލަށް ދޮނެއް ދެމުން ރީހާން ބުންޏެވެ.
“މަންމައާ ޒައިންގެ ފަރާތުން ތޭންކްސް، ދޯ ސްވީޓްހާޓް؟” ނަޒްލާ ރީހާން އަތުގައި އިން ޒައިންގެ ބޯރީތި ކޮށްލިއެވެ. އަދި ކައިރީގައި ހުރި އާރިޝް އުރާލިއެވެ. “އާރިޝްއަށްވެސް ބޮޑުބޮޑު ތޭންކްސްއެއް…” ނަޒްލާ ބުންޏެވެ.
ދުރުގައި އާސިމް ހުރީ އެމަންޒަރު ބަލާށެވެ. ކީއެއްޗެއް އަޑު ނީވުނު ނަމަވެސް ނަޒްލާއާ ރީހާން ވާހަކަ ދެއްކި ގޮތުންނާ، އެދެމީހުން ޒައިންއާ އާރިޝް ގެންގުޅުނު ގޮތުން އާސިމްއަށް އެމަންޒަރު ބަލަން އުނދަގޫ ވިއެވެ. ރީހާންއަކީ ކާކު ކަން ނޭނގުނު ނަމަވެސް އެދެމެދުގައި ވަނީ ހަމަ އެކަނި ރަޙުމަތްތެރިކަމެއް ނޫން ކަން އާސިމްއަށް ޔަގީން ވިއެވެ. ހަމަ އެހެން ރީހާން ނަޒްލާއާ ދިމާއަށް ބަލާލާ ގޮތްވެސް އާސިމްއަކަށް ކަމަކު ނުދިޔައެވެ.
ނަޒްލާ އަތަށް ޒައިން ދީފައި އާރިޝް ގޮވައިގެން ރީހާން އެތެރެއަށް ވަދެގެން އައި އިރުވެސް އާސިމް ހުރީ އެމީހުންނަށް ބަލާށެވެ.
ރީހާންގެ ފަހަތުން އައި އޮފީހުގެ އެހެން ބަޔަކާ ވާހަކަ ދައްކަން ހުރެފައި ނަޒްލާ ރީހާންއާ ދިމާއަށް ބަލާލިއެވެ. އެއާ އެކު ނަޒްލާއަށް ހުއްޓުން އަރާފައި ބަލަހައްޓައިގެން ހުރެވުނެވެ.
ރީހާންއާ އާސިމް ތިބީ އެކަކު އަނެކަކުގެ ކުރިމަތީގައެވެ. އާސިމްގެ މޫނު ނަޒްލާއަށް ފެނުނު ނަމަވެސް ރީހާން ހުރީ ނަޒްލާއަށް ފުރަގަސް ދީގެންނެވެ. ރީހާންއާ ދިމާއަށް ބަލަން އާސިމް ހުރި އިރު އެ މޫނުމަތިން ނުރުހުމުގެ އަސަރު ނަޒްލާއަށް ފާހަގަ ކުރެވުނެވެ.
ނުނިމޭ
12 Comments!
Comments are closed.
Hi everyone.. heres part 13.. hope u like this tooo…
V reethi kobaa part 14
Mashaa Allah..
V reethi mi baii vx..
Varah obi whn nxt prt??
V reethi konirakun next part
Nyc….
V.Nice….plx naxoo n reehan nugulhuvachey
Dhn next part vx upkolabala
….hehehe inthizaarukureveny hama mi vaahaka ah…….
Kudhin Kudhin Haadha lahuney story update koh dheny thiya. inthizaaru ga fehi jehyma next episode up kuranyy thiya. Haadhahaa hitha thadhuveyeee
Story Varah reethi
Nice
kudhin kudhin dheranuvebala asim n nazoo gulheyny dho marsha ma othy kurinves mivaahaka kiyaafa anyways vaahaka v reethi