
ނިމިދާނެ ޖާނާ ހިތާ 12
“މިހާރު ނުވެ އޮތް ކަންތައްވެސް ވީނު…؟ ދެން އަވަހަށް ޑޭޓެއް ސެޓް ކުރަން އުޅޭ” ތިން މީހުން އިށީނދެ ހަމަޖެހިލުމުން ނަދީމް ޝާއިރުގެ ކޮނޑުގައި ޖަހާލިއެވެ.
“ކޮން ޑޭޓެއް؟” ޝާއިރުއަށް ނަދީމް ބުނި އެއްޗެއް ނުވިސްނުނެވެ.
“ބުނީމެއްނު މެރީ ކުރާނީ އާސިމް ގަބޫލުވި ދުވަހަކުންނޭ؟ މިއޮތީ އެދުވަސް އައިއްސަ، ދެން އަވަސް ކުރަން އުޅޭ” ނަދީމް ހަނދާން ކޮށްދިނެވެ.
“އާނ… ތިކަމާވެސް އުޅެންވީ ދެން…” ޝާއިރު ހިނި އައިސްފައި ބުންޏެވެ.
“އަހަރެން ގަބޫލު ނުވެގެންތަ މިހުރިހާ ދުވަހު ތިތިބީ؟” އާސިމް އަހާލިއެވެ.
“ސިމީ ބޭނުންވީ އާސިމްގެ ރުހުންވެސް ލިބިގެން އިންނަން… އެހެންވެ މަޑު ކުރީ” ޝާއިރު ބުންނެވެ.
“އަހަރެން އޭރުވެސް ބުނީމޭ އާސިމްއަށް ބަލާނެ ކަމެއް ނެތޭ، އިންނާށޭ… އެކަމަކު އެމޮޔަ އަންހެން ކުއްޖާ ގަބޫލެއް ނުކުރި” ނަދީމް ޝާއިރުގެ ބުރަކަށީގައި ޖަހާލިއެވެ.
އެކިއެކި ވާހަކަ ދައްކަން ތިން މީހުން އެތައް އިރެއް ވަންދެން ތިއްބެވެ. ޒައިންއާ ނަޒްލާގެ ވާހަކަ އަހާލަން އެތައް ފަހަރަކު އާސިމް ހިތަށް އެރިއެވެ. ނަމަވެސް އަހާލާކަށް ނުކެރުނެވެ.
“އޮފީސް ގަޑި ކަޓުވާފަ މިހެންނެއް ނީނދެވޭނެ… ދެން ދަނީ، މިހާރުވެސް މާލަސް ވެއްޖެ…” ގަޑި ބަލާލާފައި ނަދީމް ތެދުވިއެވެ.
“ނޫނޭ… އަދި މަޑުކޮށްބަލަ” ޝާއިރު އެދުނެވެ.
“އަމިއްލަ ކޮމްޕެނީގެ އެމްޑީ ވީމަ ޝާއިރުއަށް ތިހެން އުޅެވުނަސް އަހަރުމެންނަކަށް އެހެންނެއް ނުވާނެއެއްނު؟” އަތުގަ އޮތް ޓައި ކަރުގަ އަޅުވާލަމުން ނަދީމް ބުންޏެވެ.
“އެހެން ވެޔޭ އަހަރެން މި ބުނަނީ ފުލް ޓައިމްކޮށް މިތަނަށް އަންނާށޭ” ޝާއިރުވެސް ތެދުވަމުން ބުންޏެވެ.
“ނޫނޭ… މިތަނަށް އާދެވޭނީ ހަމަ ކަމެއް ޖެހުނީމަ… ހަމަ އެކަނި ޝެއަރ ހޯލްޑަރއެއް ގޮތަށް އަހަރެން ބަހައްޓާ… ހިންގުމާ ޝާއިރުއާ ހަވާލު، ދޯ އާސިމް!” ނަދީމް ބުންޏެވެ.
އެދުވަހު ވީ އެއްވެސް ކަމެއްގެ ވާހަކަ ނަދީމް ޔުމްނާ ކައިރީގަވެސް އަދި ގޭ އެހެން މީހެއް ކައިރިއަކުވެސް ނުބުނެއެވެ. އެރޭ ގެޔަށް އައި ގޮތަށް ޔުމްނާ ގާތު ބުނަން އުޅެފަވެސް ނަދީމްގެ ޚިޔާލު ބަދަލުވީ ޔުމްނާ ރުޅި އަންނާނެކަން ޔަގީން ވާތީއެވެ. ނަމަވެސް ނަދީމްއަށް އެކަން މާގިނަ ދުވަސް ވަންދެން ސިއްރެއް ނުކުރެވުނެވެ.
އެދުވަހުގެ ފަހުން ކޮންމެ ދުވަހަކުވެސް ނަދީމް އާސިމްއަށް ގުޅައެވެ. އާސިމް އެއްބަސް ވިގޮތަށް ކަންތައް ކުރޭތޯ ބަލައެވެ. ނަދީމް ގުޅާހެން އާސިމްވެސް ނަދީމްއަށް ގުޅައެވެ. އަދި ޝާއިރުއާ ތިންމީހުން އެކީ ބައްދަލު ކޮށްވެސް ހަދައެވެ.
އާސިމް ގުޅާއިރު ކައިރީގައި ޔުމްނާ ހުރިނަމަ ނަދީމް ފޯން ނަގަނީ ދައްކާ ވާހަކަ ޔުމްނާއަށް އަޑު ނީވޭ ހިސާބަށް ގޮއްސައެވެ. ނޫން ނަމަ އެވަގުތު ފޯން ކަނޑާލަނީއެވެ.
ނަދީމް އެގޮތަށް ކަންތައް ކުރާތީ ޔުމްނާއަށް ޝައްކު ވާން ފެށިއެވެ. ނަމަވެސް މުޅިން އެހެން ކަމަކާއެވެ. ޔުމްނާ ހަނދާން ވާން ފެށީ ފަސް ވަރަކަށް އަހަރު ކުރިން ނަދީމްގެ ކޮޓަރި ތެރޭން ޔުމްނާއަށް ފެނުނު މަންޒަރެވެ.
ދެހަފްތާއެއްހާ ދުވަސް ފަހެވެ. އެނދުމަތީގައި ޔުމްނާއާ ނަދީމް ތިބީ ވާހަކަ ދައްކާށެވެ. ފޯން ރިންގ ވުމުން ނަދީމް ފޯން ބަލާލިއެވެ. ސްކްރީންގައި އާސިމްގެ ނަން އަރާފައި އިނުމުން އެބަ އަންނަމޭ ބުނެފައި ނަދީމް ނިކުތީ ބޭރަށެވެ.
ޔުމްނާގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވެރިވިއެވެ. ތެދުވެ އިށީނދެގެން އިނީ ނަދީމް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.
ފަސް ވަރަކަށް މިނެޓް ފަހުން ނަދީމް ވަދެ އެނދުމައްޗަށް ފޯން އެއްލާފައި ޔުމްނާއާ ކުޑަ ސަމާސާއެއް ކޮށްލާފައި ވަނީ ފާހާނާއަށެވެ. ޔުމްނާގެ ހިތުގައި ހިނގަމުންދާ ޚިޔާލުތަކާމެދު ނަދީމްއަށް ކުޑަވެސް ޝައްކެއް ނުވެއެވެ.
ޔުމްނާ ނަދީމްގެ ފޯން ނަގާ ކޯލް ލޮގް ބަލާލިއެވެ. ފުރަތަމަވެސް ބަލާލެވުނީ އަންހެން ކުއްޖެއްގެ ނަމުގައި ސޭވްކޮށްފައި އިން ނަމްބަރަކުން ފޯނެއް އައިސްފައި އިންތޯއެވެ. ސޭވްކޮށްފައި ނެތް ނަމްބަރަކުންވެސް އަދި ޔުމްނާ ނޫން އެހެން އަންހެން ކުއްޖެއްގެ ނަމްބަރަކުންވެސް އެދުވަހު ފޯނެއް އައިއްސަ ނެތުމުން ޔުމްނާ މެސެޖްތައް ބަލާލީ ޝައްކުވާ ކަހަލަ މެސެޖެއް އިންތޯއެވެ. ނަމަވެސް އެފަދަ މެސެޖެއްވެސް ނެތެވެ.
ޔުމްނާ ދެވަނަ ފަހަރަށްވެސް ކޯލް ލޮގް ބަލާލިއެވެ. އާސިމްގެ ނަމުގައި ހުރި ކޯލްތައް ޔުމްނާއަށް ފާހަގަ ކުރެވުނީ އެވަގުތުއެވެ. ފޯނަށް ބަލަހައްޓައިގެން ޔުމްނާ އިނދެފައި ޔަގީން ނުވުމުން ޔުމްނާ އެނަމްބަރަށް ގުޅާލިއެވެ.
“ހަލޯ…؟” ފޯން ނަގާފައި އާސިމް ބުނި އަޑު އިވުނެވެ.
ޔުމްނާ ފޯން ކަނޑާލިއެވެ. އެއީ އާސިމްގެ އަޑު ކަމާ މެދު ޔުމްނާގެ ހިތުގައި ޝައްކެއް ނެތެވެ.
ނަދީމް ސިއްރުން ކުރާ ފޯންކޯލްތަކުގެ ސިއްރު އެވަގުތު ޔުމްނާއަށް ވިސްނުނެވެ. ޔުމްނާގެ ހިތަށް ބަޔާން ކުރަން ދަތި ހަމަ ޖެހުމެއް ލިބިގެން ދިޔައީ ޔުމްނާ ހީކުރި ފަދަ ކަމެއް ނަދީމް ނުކުރާކަން ޔަގީން ވުމުންނެވެ. ނަމަވެސް ހަމަ އެއާއެކު ނަދީމް ދެކެ ރުޅި އާދެވުނީ އާސިމް ކުރި ކަންތަކަށް ފަހުވެސް ނަދީމް އާސިމްއާ ވާހަކަ ދައްކާކަން އެނގުމުންނެވެ.
ނަދީމް ފާހާނާއިން ނިކުތް އިރު ޔުމްނާ ނަދީމްގެ ފޯން އަތަށް ލައިގެން އިންތަން ފެނުމުން އެކަމާ އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ނަދީމްގެ ފޯން ރިންގވިއެވެ.
ޔުމްނާ ސްކްރީނަށް ބަލާލިއެވެ. އާސިމްގެ ނަން އަރާފައި އިނެވެ.
“އާސިމްގެ ފޯނެއް…” ނަދީމްއާ ދިމާއަށް ޔުމްނާ ފޯން ދިއްކޮށްލިއެވެ.
ނަދީމް ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“ނަދީމް، ކީއްވެ ގުޅާފަ އެއްޗެއް ނުބުނެ ކަނޑާލީ؟” ނަދީމް ހަލޯއޭ ބުނުމާ އެކީ އާސިމް އަހާލިއެވެ.
“އަހަންނެއް ނޫނޭ އެއީ… ޔުމް…” ނަދީމް ބުންނެވެ.
“އެހެންތަ…؟” އާސިމްއަށް އަހާލެވުނެވެ.
“އިހަށް ބޭއްވީ” ނަދީމް ފޯން ކަނޑާލާފައި ގޮސް ޔުމްނާ ކައިރީ އިށީނެވެ.
“އެއީ ނަޒޫ ނޫން ކުއްޖަކަށް ވީނަމަ އަހަރެން އޭރުވެސް ހުންނާނީ އާސިމްއާ އެއްކޮޅަށް، އޭނައާ ގުޅުން ކަނޑައެއް ނުލާނަން… އެކަން ޔުމްއަށް އެނގޭދޯ؟” ނަދީމް ބުންޏެވެ.
“އެކަމަކު އެއީ ނަޒޫއެއްނު؟ ހަނދާން ނެތުނީތަ؟” ޔުމްނާ އަހާލިއެވެ.
ވީގޮތް ޔުމްނާއަށް ކިޔާދޭނެ ގޮތަކާމެދު ނަދީމް ވިސްނާލިއެވެ.
“އަހަރެން މިވަގުތު އައިއްސަ މިހިރަ ރުޅީގަ ގޮސް ނަޒޫއަށް މިހުރިހާ އެއްޗެއް ކިޔާ ނުދެނީސް ނަދީމް ދޭން އޮތް އެކްސްޕްލެނޭޝަންއެއް ދީ” ޔުމްނާ ބުނެލިއެވެ.
ނަދީމް ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި ވީގޮތް ޔުމްނާއަށް ކިޔާދިނެވެ.
“ދެންވެސް ޔުމް ބުނާނަންތަ އަހަރެން ކަންތައް ކުރީ ރަނގަޅަކަށް ނޫނޭ؟” ޔުމްނާގެ އަތުގައި ހިފާލާފައި ނަދީމް އެހިއެވެ.
ޔުމްނާ ވިސްނާލިއެވެ. ތެދެކެވެ. ޔުމްނާ ނަމަވެސް ކަންތައް ކުރާނީ އެހެން ކަންނޭނގެއެވެ. ނަމަވެސް އެއީ ނަޒްލާއަށް އިންސާފަކަށް ވާނެ ހެއްޔެވެ.
ޔުމްނާއަށް ގޮތެއް ނުނިންމިގެން އުޅެނިކޮށް އަނެއްކާވެސް ނަދީމްގެ ފޯން ރިންގވިއެވެ.
“ކީކޭ؟” ފޯން ނަގާފައި ނަދީމް އަހާލިއެވެ.
“ޔުމް ބުނީ ކީކޭ؟” އާސިމް އެހިއެވެ.
“އެއްޗެއް ނުބުނޭ…” ނަދީމް ޖަވާބު ދިނެވެ.
“ޔުމް އަތަށް ފޯން ދީބަލަ” އާސިމް އެދުނެވެ.
ނަދީމް ޔުމްނާއަށް ފޯން ދިއްކޮށްލިއެވެ. އިރުކޮޅަކު ފޯނަށް ބަލަން އިނދެފައި ޔުމްނާ ފޯން ކަންފަތުގަ ޖައްސާލިއެވެ.
“ހަލޯ؟”
“ޔުމް… އަހަންނަށް ބުނެވޭނީ ސޮރީއޭ. އެނގޭ އަހަރެން ހެދި ގޮތާ ބަލާފަ ހަމައެކަނި މިހެން ބުނެލިޔަކަސް ނުފުދޭނެކަން. އެކަމަކުވެސް އެހެން ބުނެވޭނީ… އަހަރެން މިހެން ބުންޏަކަސް އެއްވެސް ކަމެއް ބަދަލެއް ނުވާނެ، އަދި މާފު ކުރާކަށް ފަސޭހައެއްވެސް ނުވާނެ. އެހެން ވިޔަސް މާފަށް އެދެވޭނީ… އައިމް ސޯސޮރީ… ޕްލީޒް ފޮގިވް މީ!” އާސިމް ބުންޏެވެ.
“ޒައިންއަށް ޓަކާ، އަދި ނަޒޫއަށް ޓަކާ އަހަރެން އާސިމްއަށް މާފު ކޮށްފިން. އެކަމަކު ހަގީގަތުގަ އާސިމްއަށް މާފު ކުރެވޭނީ ނަޒޫއަށް އެކަނި” ޔުމްނާ ބުންނެވެ.
“ގަބޫލު ކުރަމޭ ތިކަން. އެކަމަކު… ނަޒޫ ކައިރިން މާފަށް އެދެންވެސް ނަޒޫއާ ކުރިމަތި ލާނެ ހިތްވަރެއް އަހަރެންގެ ނެތް. އަހަރެން ލާނޭވައަށް ވުރެވެސް އަހަންނަށް ނަޒޫގެ މާފު މުހިންމު… އެކަމަކުވެސް… ނަޒޫ ބޭނުމެއް ނުވާނެ އަހަރެން އޭނަގެ ކުރިމައްޗަށް ދާކަށް. އޭނަ ނުރުހޭ އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން” އާސިމް ބުންޏެވެ.
އާސިމްގެ ވާހަކައިން އާސިމްގެ ހިތުގެ ހާލު ޔުމްނާއަށް ވިސްނުނެވެ. އާސިމް ނަޒްލާދެކެ އަދިވެސް ލޯބި ވާކަން ޔުމްނާއަށް ޔަގީން ވިއެވެ.
“އަހަރެން ހިތަށް އަރާ އާސިމް ނަޒޫ ދެކެ ލޯބި ވާވަރަށް އޭނައަށް އިތުބާރުވެސް ކުރި ނަމައޭ. އަހަރެން އަދިވެސް ހަނދާން އެބަހުރި އާސިމް ފުރި ދުވަހު ނަޒޫ ރޮއެރޮއެފަ އަހަންނަށް އެވާހަކަ ކިޔާދިން ގޮތް… ފަހުން އާސިމް އައިއްސަ އޭނައަކާ ނީންނާނަމޭ ބުނީމަ… އާސިމްއަކަށް ނޭނގޭނެ އޭނަ އުޅުނު ގޮތެއް. ފެނުނު ނަމަ—” ޔުމްނާ އެހިސާބަށް ބުނި އިރަށް ނަދީމް ޔުމްނާ އަތުން ފޯން އަތުލީ އެވާހަކަތައް އަޑު އިވުމުން ނަދީމް ދެރަވި ވަރުންނެވެ.
“އާސިމް… ފަހުން ގުޅާނަން” ނަދީމް ކަންފަތުގަ ފޯން ޖައްސާލަމުން ބުންޏެވެ.
“ޔުމްއަށް އެނގޭނެ އަހަރެން ނަޒޫއަށް ދެރަ ގޮތެއް ވާން ނޭދޭނެކަން. އެކަމަކު މީހަކު ގޯސް މަގަކުން ދިޔުމުން ސަލާމަތް ކުރުމަށް މިގޮތަށް ކަންތައް ކޮށްގެން އަހަރެން ހެދީ ގޯހެއް ކަމަށް ވަންޏާ ސޮރީ…” ނަދީމް ޔުމްނާގެ އަތުގައި ހިފާލަމުން ބުންޏެވެ.
“ޝްޝްޝް…” ޔުމްނާ ނަދީމްގެ ތުންފަތުގަ އިނގިލި ޖައްސާލިއެވެ. “ނަދީމް ރަނގަޅަށޭ ތިހެދީ، އަހަރެން ނަދީމްގެ ތި ނިންމުމާ ދެކޮޅެއް ނަހަދާނަން” ޔުމްނާ ބުންޏެވެ. ނަދީމް ޔުމްނާ ގައިގައި ބައްދާލިއެވެ.
“އެނގޭތަ؟ އަހަރެން ފުރަތަމަ ހީކުރީ ނަދީމް އަނެއްކާ…” އެހިސާބަށް ބުނެފައި ޔުމްނާ ނަދީމްއާ ދިމާއަށް ބަލާލިއެވެ.
“އަހަރެން އަނެއްކާ ކީކޭ؟” ނަދީމް އަހާލިއެވެ.
“އަހަރެން ހީކުރީ ނަދީމް އަނެއްކާ އަންހެން ކުއްޖަކަށް ގުޅަނީ ކަމަށް. ނޭނގޭނެއެއްނު…؟ އެހާ ސިއްރުން ވިއްޔަ އެފޯންތަކަށް ޖަވާބު ދެނީ” ނަދީމް ލައިގެން އިން ގަމީހުގެ ގިރުވާނާ ކުޅެމުން ޔުމްނާ ބުންޏެވެ.
“ތިހެން ހިތަށް އަރުވާނެ ޗާންސެއްވެސް ޔުމްއަށް ދެވުނީތީ ސޮރީ. އެކަމަކު ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން. އެއަށް ވުރެ ބޮޑަށް ޔުމް ދެކެ ލޯބިވޭ…” ޔުމްނާގެ މޫނުގައި ދެއަތުން ހިފާލާފައި ނަދީމް ބުންޏެވެ.
“ސޮރީ…” ކުރެވުނު ކުށްހީއަށް ޓަކާ ޔުމްނާ މާފަށް އެދުނެވެ.
“އިޓްސް އޯކޭ ލަވް! ބަޓް… ތިހެން ހިތަށް އެރުވީތީ ފައިންއެއް ދައްކަން ޖެހޭނެ” ނަދީމްގެ ނޭވާ ޔުމްނާގެ މޫނަށް އެޅޭހާ ގާތަށް ޖެހިލާފައި ނަދީމް ބުންޏެވެ.
“މައްސަލައެއް ނެތް…” ނަދީމްގެ ހުށަހެޅުމާ ޔުމްނާ ރުހި ގަބޫލު ވިއެވެ.
ނަދީމްއާ ޝާއިރު އާސިމްއާ ވާހަކަ ދައްކާ ކަން ނަޒްލާއަށް މާގިނަ ދުވަހަކު ސިއްރެއް ނުވިއެވެ. އާސިމް ނަޒްލާއަށް ހެދި ގޮތް ޔުމްނާއާ ނަދީމްގެ ހިތުން އެހާ އަވަހަށް ފިލާ އެމީހުން އާސިމްއަށް މާފު ކުރާނެ ކަމަކަށް ނަޒްލާ ހިއެއް ނުކުރެއެވެ. އެދެމީހުން ކަންތައް ކުރި ގޮތުން ނަޒްލާ ދެރަވިއެވެ. ރުޅިވެސް އައެވެ. ނަމަވެސް އެއްވެސް މީހެއް ގާތު އެއްވެސް ޝަކުވާއެއް ނަޒްލާ ނުކުރެއެވެ.
ނަޒްލާގެ ފަރާތުން ފާހަގަ ކުރެވުނު ހަމައެކަނި ބަދަލަކީ ޔުމްނާއާ ނަދީމްއާ ވާހަކަ ދެއްކުން މަދުވުމެވެ. އެކަން ފާހަގަ ކުރެވުމުން އެދެމީހުން އެކަމާ ވާހަކަ ދެއްކިއެވެ. ނަމަވެސް ނަޒްލާ ހިތްހަމަ ނުޖެހޭނެ ކަން އެނގޭތީ ނަޒްލާ ގާތު އެއްވެސް އެއްޗެއް ނުބުނެއެވެ.
ނަޒްލާ ޔުމްނާއާ ނަދީމްއާ ވާހަކަ ދެއްކުން މަދު ކަން ނައީމާއަށާ ނިހާއަށްވެސް ފާހަގަ ކުރެވުނެވެ. އެދެމީހުން ނަޒްލާއާ ސުވާލުވެސް ކުރިއެވެ. ނަމަވެސް ނަޒްލާ ކަމެއް ނުވާ ކަމަށް ބުނެފައި އިތުރަށް އެވާހަކައެއް ނުދެއްކިއެވެ.
ކިތަންމެ ހިތް އެދުނު ނަމަވެސް އަދިވެސް އާސިމްއަށް ޒައިންގެ ވާހަކަ އަހާލާކަށްވެސް އަދި ޒައިން ދެކެލުމަށް އެދޭކަށްވެސް ނުކެރެއެވެ. އާސިމް ނުބުނި ނަމަވެސް ނަދީމް އާސިމްއަށް އެފުރުސަރު ދިނެވެ.
ދެމީހުން ވާހަކަ ދައްކަން ފެށިތާ މަހެއް ވާން އުޅެނިކޮށް އެއްދުވަހު ހެނދުނު އާސިމްއާ ނަދީމްއާ ޝާއިރުވެސް ތިބީ ކޮފީ ބޯށެވެ.
“އަހަރެން ހީކުރީ ފުރަތަމަވެސް އާސިމް ޒައިންގެ ވާހަކަ އަހާނެ ކަމަށް. އެކަމަކު…” ނަދީމް ފެށިއެވެ. ޝާއިރުވެސް އާސިމްއަށް ބަލާލީ އާސިމް ބުނާނެ އެއްޗެއްގެ އަޑު އަހާށެވެ.
ޒައިންގެ ނަން ބުނުމާއެކު އާސިމްއަށް ޒައިން ސިފަ ކުރެވުނެވެ. އާސިމްގެ އަތުގަ ހިފަހައްޓައިގެން އާސިމްއާ ދިމާއަށް ޒައިން ބަލަން އިން ގޮތް ހަނދާން ވިއެވެ. އެއާ އެކު އާސިމްގެ މޭގައި ބުނެދޭން ނޭނގޭ ރިހުމެއް އުފެދުނެވެ. ޒައިންގެ ހަނދާން ވާ ކޮންމެ ފަހަރަކު އާސިމްއަށް އެރިހުން އިހުސާސް ކުރެވެއެވެ. ނަދީމްގެ ވާހަކަ އަޑު އަހާފައި އާސިމްގެ ހިތުގައި ޒައިންއާ ބެހޭގޮތުން ކުރަން ބޭނުން އެތަށް ސުވާލު ތަކެއް އެނބުރިގަތެވެ.
“ނާހާނަންތަ؟” އާސިމް އެއްޗެއް ނުބުނެ އިނުމުން ނަދީމް އަހާލިއެވެ.
“ފަށާނެ ހިސާބެއް ނޭނގިފަ މީނީ…” ޒައިންގެ ހަނދާން ވުމުން އާސިމްއަށް ވަމުންދާ ގޮތް ސިއްރު ކުރަން މަސައްކަތް ކުރަމުން އާސިމް ބުންޏެވެ.
“ޒައިންގެ ވާހަކަ އެއީ ފަށާނެ ހިސާބެއް ނިމޭނެ ހިސާބެއް އެނގޭ ވާހަކައެއް ނޫނޭ… ދޯ ޝާއިރު؟” ނަދީމް ބުންޏެވެ.
“އާނ، އެއަށް ވުރެ މާ ވަރުގަދަ ކުއްޖެއް އެއީ. އޭނަ ވައްތަރީ އޭނަގެ މަންމައާ، އެކަމަކު ބައްޕަގެ ލޯ… މިޒާޖު ބައްޕައާ މުޅިން ތަފާތު… އެގޮތުން އެއީ ހަމަ ނަދީމް… ސަކަރާތް ޖަހަން ފޯރި ހުންނަ ކުއްޖެއް ޒައިން އަކީ…” ޝާއިރު ބުންޏެވެ.
“އާނ، އާސިމްއަށް އެނގޭތަ؟ ނިނީ ފެންނަ އިރަށް ތޮޅިލާނެ. އޭނައަކަށް ނުގެންގުޅެވޭނެ ޒައިން ބޭނުން ނުވާނެ އެއްޗެއް… ވަރިހަމަ އެއީ ކޮންމެ އެއްޗަކަސް…” ހެމުން ނަދީމް އާސިމްއަށް ޒައިންގެ ވާހަކަ ކިޔާދިނެވެ.
“އޭނަ ދެކެލާކަށް އާސިމް ނުދާނަންތަ؟” ނަދީމް އަހާލިއެވެ.
“ނަޒޫ ގަބޫލެއް ނުވާނެ…” އާސިމް ބުނެލިއެވެ.
“އާސިމް ބޭނުމެއް ނުވޭތަ ޒައިން ކައިރިއަށް ގޮސްލާކަށް؟ އޭނަ ދެކެލާކަށް؟” ނަދީމް ކުރިން ކުރި ސުވާލަށް އާސިމް ދިން ޖަވާބާ މެދު އަޅާނުލާ ނަދީމް އެހިއެވެ.
“ދާހިތްވޭ… ވަރަށް ދެކެލާ ހިތްވެސްވޭ… އެކަމަކު…” ނަޒްލާ ގަބޫލު ނުވާނެ ވާހަކަ އަނެއްކާވެސް އާސިމް ބުނަން އުޅެފަ ހުއްޓާލިއެވެ.
“އެހެން ވިއްޔާ ހިނގާ. މިހާރު ނަޒޫ ނޫޅޭނެ ގެޔަކު” ތެދުވަމުން ނަދީމް ބުންޏެވެ.
“އެކަމަކު ނަޒޫއަށް އެނގިއްޖެއްޔާ…” އާސިމް އެކަން މަނާ ކުރަން އުޅުނެވެ. ނަމަވެސް ނަދީމް އާސިމްއަށް އެފުރުސަތެއް ނުދިނެވެ.
“ނަޒޫއަށް އެނގިއްޖެއްޔާ އެއްނު ރުޅި އާދެވޭނީ؟ ނޭނގޭނޭ، ހިނގާބަލަ!” ނަދީމް ބުންޏެވެ.
ނަދީމްއާ އެކީ އެގޭ ދޮރުމައްޗަށް އަރާފަވެސް އާސިމް ފަސް ޖެހުނެވެ.
“ހިނގާބަލަ!” ނަދީމް ބުންޏެވެ.
ދެމީހުން އެކީ އެތެރެއަށް ވަން އިރު ސިޓިންގރޫމްގައި ނައީމާ ޒައިން ގޮވައިގެން އިނެވެ.
“އާސިމް!” އާސިމް ފެނުމުން ނައީމާ ހައިރާން ވެފަ ގޮވާލިއެވެ.
“މަންމާ…” ނަދީމް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ނަދީމްއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ނައީމާ އާސިމްއާ ވާހަކަ ދައްކަން ފެށިއެވެ.
“އާދޭ އިށީންނަން…” ނައީމާ ބުންޏެވެ.
އާސިމްއާ އެކީ ނަދީމްވެސް އިށީނީ ނައީމާ ހަދާނެ ގޮތަކާ މެދު ހިތާހިތާ ސުވާލު ކުރަމުންނެވެ.
“ދަރިފުޅަށް އެނގޭތަ؟ މީ ދަރިފުޅުގެ ބައްޕައޭ” ނައީމާ ޒައިންއަށް އާސިމް ދައްކާލާފައި ބުންޏެވެ. އެކަކުވެސް އެއްޗެއް ނުބުނެއެވެ.
އެވަގުތު ޔުމްނާވެސް ކޮޓަރިން ނިކުތެވެ.
“ކީށްވެތަ އާސިމް ދެކޮޅު ނުހެދީ؟ އަހަރެން ބުނީމަތަ؟ ގައިމު އާސިމް ކުރިން ބުނީ—”
“މަންމާ!” ނައީމާއަށް އެހެން ބުނެވުނު އިރަށް ނަދީމް ގޮވާލިއެވެ.
“އަހަންނަށް އެނގިއްޖެ މިހާރު އާސިމް ގަބޫލު ކޮށްފިކަން، އެހެން ވެގެން މިގެޔަށް ތިއައީ. އަހަރެންގެ ސުވާލަކީ، އޭރު ނަޒްލާ އެވަރަށް ރޮއެ އާދޭސް ކޮށްފަ ބުނީމަވެސް ގަބޫލު ނުކޮށް މިއަދު ކީށްވެހޭ ގަބޫލު ކުރަންވީ؟ ޒައިންގެ ލޯ ފެނުނީމަތަ؟ މިކުއްޖާގެ ލޯ ނަޒޫގެ ލޮލާ އެއްގޮތްވި ނަމަ މިއަދުވެސް ބުނާނަން ދޯ މީ ޝާއިރުގެ ދަރިއެކޭ؟” ނައީމާ އެހިއެވެ.
އާސިމް އެއްޗެއް ނުބުނެ އިސް ޖަހައިގެން އިނެވެ.
“ކޮންމެ މީހަކުވެސް ކުށް ގަބޫލު ކުރީމަ ދެން އެންމެ ރަނގަޅު ވާނީ އެމީހަކަށް މާފު ކުރުން، އެއީ އަހަރެން ދެކޭ ގޮތް. އެކަމަކު، އަހަރެން ދެކޭ ގޮތެއް ނޫންތާ މުހިންމީކީ… ކޮންމެ ކަމެއްވެސް ނިންމާނީ ނަޒޫ… އިރާދަ ކުރެއްވިއްޔާ މަގޭ ނަޒޫ ހޭލާ ހުރެވެސް، ހުވަފެނުންވެސް ލިބުން އެދުނު ދިރިއުޅުން، އަދި އެއުފާ އޭނައަށް އަދި ލިބޭނެ” ނައީމާ ތެދުވަމުން ބުންނެވެ.
އާސިމްވެސް އަދި ނަދީމްވެސް އެއްޗެއް ނުބުނެއެވެ. ޔުމްނާވެސް ދުރުގައި ބަލަން ހުރީއެވެ.
“ދަރިފުޅު ދޭ ބައްޕަ ކައިރިއަށް…” ނައީމާ ޒައިން އާސިމް އަތަށް ދިނެވެ.
އާސިމް ދެއަތުން ޒައިން ގައިގަ ހިފަހައްޓާލިއެވެ.
“ވިސްނައްޗޭ! އޭނަ ގައިން ތަންކޮޅެއް ރަތް ވެލާފަ އިނަސް ނަޒޫ އައިއްސަ ހީވާނީ އަހަރުމެން ކާލަފާނެހެން…” ކޮޓަރިއާ ދިމާއަށް ދަމުން ނައީމާ އެނބުރި ބަލާލާފައި ބުންނެވެ.
އާސިމް ނަދީމްއަށް ބަލާލިއެވެ.
“ހެޕީ ފާދަރސް ޑޭ!” ނަދީމް އާސިމްގެ ކޮނޑުގައި ޖަހާލިއެވެ.
އާސިމް ޒައިން ނަގާ އުނގުގައި ކޮޅަށް ބެހެއްޓިއެވެ. ޒައިން އާސިމްގެ މޫނަށް ބަލަން ހުއްޓެވެ.
ފުރަތަމަ ފަހަރަށް އާސިމް ދަރިފުޅު ގެނެސް މޭގައި ޖައްސާލިއެވެ. އަދި އެ ދަރިފުޅުގެ މޫނުގައި ބޮސް ދިނެވެ. އެވަގުތު ބުނެދޭން ނޭނގޭ ފަދަ ހިތްހަމަޖެހުމަކާ އުފަލެއް އާސިމްއަށް އިހުސާސް ކުރެވުނެވެ.
“އައިމް ސޯ ސޮރީ… ދުވަހަކުވެސް ބައްޕައަށް މާފު ކުރާނަންތަ؟” ޒައިންއަށް ބަލަން އިނދެ އާސިމް އަހާލިއެވެ.
އެދުވަހުގެ ފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އާސިމް ނަޒްލާމެން ގެޔަށް ދެއެވެ. ނަމަވެސް އަބަދުވެސް އާސިމް އެގެޔަށް ދަނީ ނަޒްލާ އޮފީހުގަ ވާ ވަގުތުގައެވެ. އެކަމުގައި ނަދީމްގެ އިތުރުން ޔުމްނާއާ ނައީމާ އަދި ނިހާވެސް އާސިމްއަށް އެހީ ވެދެއެވެ. އެންމެންނަށް އެކަން އެނގި، އެކަމުގައި އެންމެންވެސް އާސިމްއާ އެއްކޮޅަށް ހުންނާތީ އެކަކުވެސް އެވާހަކަ ނަޒްލާ ކައިރިއަކު ނުބުނެއެވެ.
ނަމަވެސް އެކަން ނަޒްލާއަށް މާގިނަ ދުވަހަކު ސިއްރެއް ނުވިއެވެ. ގޭ އެންމެންނަށް އެ ސިއްރު ނަޒްލާއަށް ނާންގާ ބޭއްވުނީ މަހެއްހާ ދުވަސް ވަންދެނެވެ.
އޮފީހުގައި މާގިނަ މަސައްކަތް ތަކެއް ނެތުމާއެކު ތަންކޮޅެއް އަވަހަށް ނަޒްލާ ގެޔަށް ދާން ނިކުތީ ޒައިން ރޯގާ ޖެހިފަ ހުރުމުންނެވެ.
ނަޒްލާ ދެފަހަރަކު ނަދީމްއަށް ގުޅާލީ ބަލާ އައިސް ދިނުމަށް ބުނާށެވެ. ނަމަވެސް ނަދީމް ފޯނެއް ނުނެގިއެވެ. އެންމެ ފަހުން ދަބަސް ހިފައިގެން ނަޒްލާ ނިކުތީ ޓެކްސީއަކަށް ގުޅައިގެން ގެޔަށް ދާށެވެ. ނަމަވެސް އެގަޑީގަ ޓެކްސީއެއްވެސް ނުލިބުމުން ނަޒްލާ އަނެއްކާވެސް ގުޅާލީ ނަދީމްއަށެވެ. ދެންވެސް ނަދީމް ފޯނެއް ނުނެގިއެވެ.
“ނަޒޫ…؟” ފަހަތުން ގޮވާލި އަޑު އިވުމާއެކު ނަޒްލާގެ ވިންދު އަވަސް ވެގެން ދިޔައެވެ. އަތްފައި ފިނިވެ ނޭވާ ލާން އުނދަގޫ ވިއެވެ. ހިއްސުތައް ހަމައަކަށް އަޅުވާލަމުން ނަޒްލާ ފަހަތަށް އެނބުރުނީ އެއަޑަށް ނަޒްލާ ހޭނޭނީ ކިހާ ދުވަހަކުން ބާއޭ ހިތާ ސުވާލު ކުރަމުންނެވެ.
“ހާދަ އަވަހަކަށް މިއަދު ދާން ތި ނިކުތީ؟ ގޭގަ ކަމެއް އޮތީތަ އަނެއްކާ؟” ނަޒްލާއާ އަރާ ހަމަ ކުރަމުން ރީހާން އަހާލިއެވެ.
“ނޫން… ކަމެއް އޮވެގެނެއް ނޫން، ޒައިން ކުޑަކޮށް ބަލިވެ އުޅޭތީ، މަސައްކަތެއްވެސް ނެތީމަ ހިތަށް އެރީ ތަންކޮޅެއް އަވަހަށް ގެޔަށް ދާނީއޭ” ނަޒްލާ ޖަވާބު ދިނެވެ.
“ކިހިނެއްވީ ޒައިންއަށް؟” ރީހާން އެހިއެވެ.
“ރޯގާ ޖެހިގެން…” ނަޒްލާ ދިނީ ކުރު ޖަވާބެކެވެ.
“މިހާރު އުޅޭ ރޯގާއެއް ކަންނޭނގެ، އިއްޔެ އަހަރެން ގެޔަށް ދިޔަ އިރު އާރިޝްވެސް ހުރީ ރޯގާ ޖެހިފަ” ރީހާން ބުންނެވެ.
“އެހެންތަ؟ މިހާރު ކިހިނެއް؟” ނަޒްލާ ރީހާންއަށް ބަލާލިއެވެ.
“މިއަދު އިއްޔެއަކާ ވަކި ތަފާތެއް ނެތް. އަދި ރަނގަޅެއް ނޫން. ގުޅާލީމަ މަންމަ ބުނި ހަމަ ރޮވެނީއޭ” އެހެން ބުނި އިރު ރީހާންގެ މޫނުމަތިން ހިތާމައިގެ އަސަރު ފެންނަން ހުއްޓެވެ.
ނަޒްލާ އެއްޗެއް ނުބުނެ ހުއްޓާ ރީހާން ސިނގިރޭޓެއް ނަގާ ރޯކޮށްލާފައި ދަމާލިއެވެ.
ދެއަހަރު ނުވާ ކުޑަކުޑަ އާރިޝް ހަމައެކަނި ޑޮކްޓަރުދޭ ބޭހަކުން ރަނގަޅެއް ނުވާނެޔޭ ނަޒްލާ ހިތަށް އެރިއެވެ. ރީހާންގެ މަންމަ އާރިޝް ބަލަނީ ކިތަންމެ ލޯބިން ކަމަށް ވިޔަސް އެވަރުގެ ކުއްޖަކަށް މަންމައެއްގެ ލޯތްބާ އަޅާލުން ބޭނުން ވާނެޔޭ ބުނަން ނަޒްލާ އަނގަ ހުޅުވާލިއެވެ. ނަމަވެސް އެއްޗެއް ނުބުނެ ފޯނާ ކުޅެން ފެށީ ނަޒްލާ އެހެން ބުނެފިނަމަ ޖަވާބުގައި ރީހާން ބުނާނެ އެއްޗެއް ނަޒްލާއަށް އެނގޭތީއެވެ.
ނަޒްލާ އަނެއްކާވެސް ނަދީމްގެ ފޯނަށް ގުޅާލިއެވެ. އަދިވެސް ނަދީމް ފޯނެއް ނުނަގައެވެ.
“ކާކަށް ތިގުޅަނީ؟” ރީހާން އެހިއެވެ.
“ދޮންބެއަށް، ބަލާ އައިސްދޭށެ ބުނަން ވެގެން މިގުޅަނީ… އެކަމަކު ފޯނެއް ނުނަގާ” ނަޒްލާ އަނެއްކާވެސް ޑައިލް ކޮށްލާފައި ކަންފަތުގައި ފޯން ޖައްސާލިއެވެ. މިފަހަރުވެސް އެކޯލަށް ނަދީމް ޖަވާބު ނުދިނުމުން ނަޒްލާ ހިތްހަމަ ނުޖެހިފައި ފޯން ކަނޑާލިއެވެ.
“އަހަރެން ގެންގޮސް ދީފާނަމޭ، ހިނގާ” ސިނގިރޭޓްގެ ބާކީ ބައި ބިންމައްޗަށް ވައްޓާލާފައި ބޫޓުން އަރާ ނިއްވާލާފައި ރީހާން ބުންޏެވެ.
“ތިކަމެއް ހަމަ ނުހުއްޓާނަން ދޯ؟” ނަޒްލާ ރީހާންއަށް ބަލާލިއެވެ.
“އަހަރެން ބުނި ކަންތައް ނަޒޫ ކޮށްދެންޏާ މިހާރުވެސް ހުއްޓާލަފާނަން” ނަޒްލާއާ ހަތަރުކަޅި ހަމަކޮށްލަމުން ރީހާން ބުންޏެވެ.
ނަޒްލާ އެއްޗެއް ނުބުނެ އިސް ޖަހާލިއެވެ.
“އަހަންނާ އެކީގައެއް ނުދާނަންތަ؟” ރީހާން އަހާލިއެވެ.
“ހިނގާ…” ނަޒްލާ ބުންޏެވެ.
ނަޒްލާއާ ރީހާން ދިމާވީ ޒައިންއަށް ތިން މަހުގަ ނަޒްލާ ދެވަނަ ފަހަރަށް ވަޒީފާއަށް ދާން ފެށި އޮފީހުންނެވެ. ފުރަތަމަ ފަހަރަށް ނަޒްލާއަށް ރީހާންގެ އަޑު އިވުނު ވަގުތުން ފެށިގެން މިއަދާ ހަމައަށްވެސް އެއަޑު އިވޭ ކޮންމެ ފަހަރަކު ނަޒްލާގެ ވިންދު އަވަސް ވެގެން ދެއެވެ. އިރުކޮޅަކަށް ނަމަވެސް ނޭވާ ލާން ހަނދާން ނެތިފައި ނަޒްލާއަށް ހުރެވެއެވެ.
ރީހާންގެ އަޑު އިވޭ ކޮންމެ ފަހަރަކުވެސް ނަޒްލާއަށް ބަލާލެވެނީ އިވޭ އަޑާ މެދު ޔަގީން ކަމެއް ނެތިއެވެ. ކުރިމަތިން ފެންނާނީ ރީހާން ކަމެއް އާސިމް ކަމެއް ނަޒްލާއަކަށް ޔަގީނެއް ނުވެއެވެ. ރީހާންގެ އަޑު އާސިމްގެ އަޑާ އެހާވެސް ވައްތަރެވެ.
ހަމަ އެކަނި އަޑު ފިޔަވާ ރީހާންގެ އެހެން ހުރިހާ ކަމެއް އާސިމްއާ ތަފާތެވެ. ސިފައާ މިޒާޖުގެ ގޮތުންވެސް އެއީ ހަމަ އިދިކޮޅެވެ. ނަމަވެސް ނަޒްލާ ނޭދުނަސް އާސިމް ނޫން މީހަކަށް ނުދެވޭ ހާއްސަ ކަމެއް ރީހާންގެ އަޑުގެ ސަބަބުން ނަޒްލާގެ ހިތުން ރީހާންއަށް ވަނީ ދެވިފައެވެ.
ނަޒްލާ އޮފީހަށް ވަން ފުރަތަމަ ދުވަސްކޮޅު ރީހާން އެންމެންނާ ހީސަމާސާކޮށް ސަކަރާތް ޖަހާ އުޅުނު ނަމަވެސް އެކަނި ވާ ވަގުތު ތަކުގައި ކޮންމެވެސް ކަމަކާ ހިތާމަ ކުރާހެން ނަޒްލާއަށް ހީވެއެވެ. އެކަމުގެ ފަހަތުގައިވާ ސަބަބު ނަޒްލާއަށް އެނގުނީ އޮފީހުގައި ނަޒްލާއާ އެންމެ ގާތް ކޮށް މަސައްކަތް ކުރާ އުމޭޝާގެ ފަރާތުންނެވެ.
ދޮޅު އަހަރެއްހާ ދުވަސް ކުރިން ރީހާންގެ ފުރަތަމަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ރީހާންގެ އަންހެނުން ދީމާ މަރުވިކަން އެނގުމުން ނަޒްލާވެސް ދެރަވިއެވެ. އޭގެ ފަހުން ރީހާންގެ ދަރިފުޅު އާރިޝް ބަލަނީ ރީހާންގެ މަންމަ ކަންވެސް ނަޒްލާއަށް އެނގުނީ އުމޭޝާގެ ފަރާތުންނެވެ.
ގިނަ ދުވަހެއްނުވެ ރީހާން ނަޒްލާއާ މެދު ތަފާތު ނަޒަރަކުން ދެކޭކަން ނަޒްލާއަށް އެނގުނެވެ. ސީދާ ނުބުނި ނަމަވެސް އެތައް ގޮތަކުން ރީހާން އެކަން ނަޒްލާއަށް އެންގިއެވެ. ނަމަވެސް ނަޒްލާ އެކަން އެނގޭ ކަމަކަށް ނުހަދައެވެ. އެފަދަ ކަމަކާ މެދު ވިސްނާ ވަރަށް ވުރެ އޭރުވެސް ނަޒްލާގެ ހިތުގައިވާ ޒަހަމް މާ ފުނެވެ.
އެއްވެސް މީހެއް ގާތު އެއްވެސް އެއްޗެއް ނުބުނި ނަމަވެސް އޭރުވެސް ނަޒްލާގެ ހިތުގައި ވަނީ އާސިމްއެވެ. ރުޅިއާ ދެރައާ އަދި ލޯތްބާ، މިހުރިހާ އިހުސާސްތަކާ އެކުގައި އަދިވެސް ނަޒްލާގެ ހިތުގެ ވެރިއަކީ އާސިމްއެވެ.
އެހުރިހާ ވާހަކައެއް ނަޒްލާ ރީހާންއަށް ކިޔާދިނީ ދެމަސް ކުރިން ނަޒްލާ ގާތު ރީހާންއާ ކައިވެނި ކުރަން ރީހާން އެދުނު ރޭގައެވެ. ހުރިހާ ކަމެއް އެނގުމުންވެސް ރީހާން ބޭނުންވީ ރީހާންގެ އަނތްބަކަށް ނަޒްލާ ވާށެވެ. އާރިޝްއަށް މަންމައެއްގެ ލޯބި ހޯދާދޭން ރީހާން ބޭނުން ވަނީ ނަޒްލާގެ ފަރާތުންނެވެ. އަދި ޒައިންއަށް އުނި ވެފައިވާ ބައްޕައެއްގެ ލޯބި ދޭންވެސް ރީހާން ބޭނުންވެއެވެ.
ރީހާންއާ އާރިޝްވެސް ވަނީ ނަޒްލާގެ އާއިލާއާ ބައްދަލު ވެފައެވެ. އެއެންމެންނަށްވެސް ރީހާން ނަޒްލާގެ ފަރާތުން އެދެނީ ކޮންކަމެއްކަން އެނގެއެވެ. ނަޒްލާ ރުހޭ ނަމަ އެކަކުވެސް އެކަމާ ދެކޮޅު ނަހަދާނެ ކަންވެސް އެމީހުންވަނީ ނަޒްލާއަށާ ރީހާންއަށް އަންގާފައެވެ.
ރީހާންގެ ހުށަހެޅުމާ މެދު ނަޒްލާ ކިތަންމެ ވަރަކަށްވެސް ވިސްނައެވެ. އެތައް ފަހަރަކު ރީހާން އެދޭ ޖަވާބު ރީހާންއަށް ދޭން ނަޒްލާ ހިތަށް އަރައެވެ. ނަމަވެސް ދުލާ ހަމައަށް އެބަސް ނުގެނެވެނީސް ކޮންމެ ފަހަރަކުވެސް އެކަމަށް ހުރަސް އަޅަނީ ނަޒްލާގެ ހިތެވެ.
އެހެން ނަމަވެސް މިހާރު ހުރިހާ ކަމެއްވެސް ވަނީ ބަދަލު ވެފައެވެ. އާސިމްއަށް ޒައިން ފެނުނު ފަހުން ނަޒްލާގެ ހިތަށް ވަނީ ތޫފާނެއް އައިސްފައެވެ. ދިރިއުޅުމުގެ ކޮންމެ ނިންމުމެއް ނިންމަން ނަޒްލާއަށް އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. އެހަނދާންތައް ހިތުން ފޮހެލަން ކުރި ހުރިހާ މަސައްކަތެއް ބޭކާރު ވީ އެދުވަހު އާސިމް ފެނުމުންނެވެ. އެދުވަހުގެ ފަހުން އެރޭގެ ހަނދާންތައް އިއްޔެ ވީ ކަމެއް ހެން ނަޒްލާގެ ހިތަށް އަނެއްކާވެސް ވަނީ އުނދަގޫ ކުރަން ފަށާފައެވެ. ކުރިއަށް ވުރެން ބޮޑަށް އާސިމްގެ ބޭވަފާތެރިކަން ހިތުގައި ފެވުނު ނަމަވެސް އަމިއްލަ ހަޔާތާ މެދު ގޮތެއް ނިންމަން ނަޒްލާއަށް ފަސޭހަ ކަމަކަށް ނުވިއެވެ.
“ނަޒޫ.. ނުފައިބަންތަ ތީނީ؟” ރީހާންގެ އަޑަށް ނަޒްލާއަށް ސިހިފައި ހިޔާލުތަކުގެ ތެރޭން ނިކުމެވުނެވެ. އޭރު ރީހާން އިނީ ނަޒްލާމެން ގޭ ދޮރުމަތީކަން ނަޒްލާއަށް އެނގުނީވެސް ދެފަރާތަށް ބަލާލުމުންނެވެ.
“ދަނީ، ތޭންކްސް އިނގޭ…” ނަޒްލާ ސައިކަލުން ފައިބާފައި ބުންޏެވެ.
ނުނިމޭ
15 Comments!
Comments are closed.
Hey.. here’s 12.. iyye nugenes dhevunyma miadhu thankolheh dhigu vaane.. hykuran kamudhaane kamahh.. ?
wow nyc…next part avahah upkolhachey..and nazu aa rihaan aa nugulhuvahchey
Mashaa allah.. V reethi mi part vx.. Ninni dhww first ??
Knirakun nxt part? Dhn aasim n nazoo gulhuvr.. eyrun reehivaanee..
V rythi mee first ???
Varah avahah next part genesdeychey. Nazu ah rehaan akah nugulhey. ???
Inthixaarah nimun aee enme fahun…. next part avas kohdhechey
nyc .. alhey rihaan aa nazu a nugulhuvahcheyyy .. eyrun hadi waane .. aasim n nazuu gulhenyyy ?
Nazoo and reehan gulhuvahchey pls. Asim doesn’t deserve her.
Yes
Alhe asim aa naxu nugulhuvachey..eyru vara foohi..
Asim n naxoo nugulhuvahchey plx eyrun story v hadi vaane he dont desrve her. he went away when she was in need n whn she was lost reputation n everything..
Ryhaan n naxu nugulhuvaathi
Eyrah asim kihaa kada vaane
V .nice…..v inthizaarukofin….irokolhakaa bala levey mi part up kohfitho……next part v avahah genes dhechey…….asim naxoo gulhuvaanee eyru mi vaahaka teethivaanee….reehaan gulhuveema v foohi……i love this story. ….
އާސިމު ހަމަ ރަގަޅަށް ވެސް ދެރަކޮށްލާތި
Nice.. Asim aa nazu r nugulhuvahchey.. She deserves much better.. N ryhaan vx nugulhe nazu akaa.. Vrh rangalhu kujjeh nazu ah hoadhadhybaa.. Hehe. Whn next part??