ނިމިދާނެ ޖާނާ ހިތާ 11
އެރޭ ދޭއް ޖެހި އިރުވެސް ނަޒްލާއަކަށް ނުނިދެއެވެ. ކުރީގެ ހަނދާންތައް ނިންޖަށް ހުރަސް އަޅަނީއެވެ. އެހަނދާންތަކާ ދުރުވާން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ. އެންމެ ފަހުން ނަޒްލާއަށް ނިދުނު އިރު ތިނެއް ޖަހައިފިއެވެ.
އިރު އެރީވެސް އާސިމް ހޭލާ އޮއްވައެވެ. ރޭ ހަތަރުދަމު ވިސްނުމާ، ނުނިދުމުގެ ސަބަބުން ފަތިސް ވީއިރު އާސިމްގެ ބޮލުގަވެސް ރިއްސަން ފަށައިފިއެވެ. ނަމަވެސް ބޮލުގެ ރިހުމަށް ވުރެން ބޮޑު ވޭނެއް އާސިމްއަށް ލިބެމުން ދިޔައީ ކުރީގެ ހަނދާން ތަކުގެ ސަބަބުންނެވެ. ކުރެވުނު ކުށުގެ ސަބަބުން އަމިއްލަ ނަފްސު ކުށްވެރި ކުރެވޭތީއެވެ. އެރޭ ނަޒްލާ ކުރި އާދޭސް ހަނދާން ވުމުންނެވެ. މިހުރިހާ ދުވަހު ދަރިއެއް ކަމަށް ގަބޫލު ނުކުރި އެކުއްޖާގެ ސޫރަ ލޯމަރާލާ އިރަށް ފެންނާތީއެވެ.
އާސިމްއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ބޭނުންވީ ޚިޔާލު ތަކާ ދުރަށް ދާށެވެ. ހުރިހާ ކަމެއް ހަނދާން ނައްތާލާށެވެ. އިރު އަރާ އަލިވިއިރު ހިތުގައި އަޅަމުން ދިޔަ ވޭނާ ދުރުވާން ކޮންމެ ކަމެއް ކުރަންވެސް އާސިމް ހުރީ ތައްޔާރަށެވެ.
އެވަގުތު ހުރިހާ ކަމެއް ހަނދާން ނައްތާލަން އާސިމްއަށް ވިސްނުނީ އެންމެ ގޮތެކެވެ. އާސިމް ތެދުވެ ފާހާނާއަށް ވަދެ ފެން ވަރާލައިގެން ކޮޓަރިން ނިކުތް އިރު ހަތެއްވެސް ނުޖަހައެވެ.
“ތުއްތުބޭ، ކޮންތާކަށް؟” އާސިމް ގޭން ނިކުމެ ނިކުމެ ހުއްޓާ އަސްމާ އަހާލިއެވެ.
“ސިމީ، ދެން އިތުރަކަށް ކެތެއް ނުވާނެ… އައި ވޯންޓް ޓު ފޮގެޓް އެވްރީތިންގ…” އަސްމާއަށް ބަލާލާފައި އާސިމް ބުންޏެވެ. އަދި އަސްމާއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ނިކުތެވެ.
އާސިމް ގެޔަށް އައީ އެރޭ ބާރަ ޖަހަން އުޅެނިކޮށެވެ. އޭރު އާސިމް ވީތަނެއް ނޭނގިގެން އެންމެން ހާސް ވެފައި ތިއްބެވެ. ފޯން ކުރުމުން އާސިމް ފޯނެއްވެސް ނުނަގައެވެ.
ގެޔަށް ވަން އިރު އެންމެން ސިޓިންގރޫމްގައި ތިއްބާ ފެނުމުން ބަލާލާފައި އެއްޗެއް ނުބުނެ އާސިމް މައްޗަށް ދާން އުޅުނެވެ.
“އާސިމް، ކޮންތާކުން ތިއައީ؟” ވަސީމާ ސުވާލު ކޮށްލިއެވެ.
ސިޑިއާ ހަމައަށް ގޮސްފައި އާސިމް އެނބުރި ބަލާލާފައި ޖަވާބެއް ނުދީ އަނެއްކާވެސް ދާން އުޅުނެވެ.
“އާސިމް! ނޭނގޭތަ ވީތަނެއް ނުބުނެ ދުވާލު ހަތަރުދަމު ބޭރުގަ އުޅުނީމަ އަހަރުމެން ހާސް ވާނެ ކަމެއް؟ އެންމެ ފަހަރަކު ފޯން ނަގާފަ އެބަ އުޅެމޭ ބުނެލި ނަމަވެސް ކީއްތަ ވާނީ؟” އާސިމް ޖަވާބެއް ނުދިނުމުން ވަސީމާއަށް އާދެވުނީ ރުޅިއެވެ.
“ސޮރީ…” އާސިމް ބުނެލީ ހަމައެކަނި އެހެންނެވެ. އެއްވެސް މީހަކަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އާސިމް މައްޗަށް އެރިއެވެ.
އެވަގުތު އާސިމް ހުރި ހާލަތު އެންމެންނަށްވެސް އެނގުނެވެ. ވަސީމާއަށްވެސް އާސިމް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ހަދާނެ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ.
“މަންމާ… އާސިމް އެހެރީ… ހަމަ ހެއަކު ނޫން…” އެންމެންގެ ހިތުގައި އެނބުރެމުން ދިޔަ ހިޔާލު ދުލާ ހަމައަށް ގެނައީ އާޒިމްއެވެ.
“އަހަރެން ކިހިނެއްތަ ދެން ހަދާނީ؟ ކިހިނެއްތަ އާސިމްއަށް ވިސްނައިދޭނީ؟” ދެއަތުން ބޮލުގައި ހިފާލަމުން ވަސީމާ ސޯފާގައި އިށީނެވެ.
“މަށަށް ހީވަނީ އަނެއްކާވެސް އާސިމް މެލޭޝިޔާއަށް ފޮނުވާލަން ވީހެން…” ވަސީމާ ކައިރީގައި އިށީންނަމުން އާޒިމާ ފެންނަ ގޮތް ހާމަ ކުރިއެވެ.
“ނޫން… އަހަރުމެން އެންމެނާ އޭނަ ދުރު ކުރުން އެއީ މިހާރު ރަނގަޅު ގޮތެއް ނޫން” އާޒިމް އެހިޔާލާ ދެކޮޅު ހެދިއެވެ.
“މިރޭ ދެން ހިނގާ ނިދަން… މާދަމާ އާސިމްއާ ވާހަކަ ދައްކާނީ. މިރޭ އާސިމް ސަލާމަތުން ގެޔަށް އައި ކަމަށް ޝުކުރު ކުރޭ ވަސީމާ” ވަސީމާގެ ކޮނޑުގަ ހިފާ ނަގަމުން ޖަމީލު ބުންޏެވެ.
“ޝާއިރު ޕްލީޒް… ތުއްތުބޭއާ ވާހަކަ ދައްކަބަލަ! އޭނަ އެހުންނަނީ ގުޅަންވެސް ނުކެރިފަ… އެނައަށް އެހީ ވެދީބަލަ ޕްލީޒް… އެހެން ނޫނީ…” އަސްމާ ރޮވިފައި އިނދެ ޝާއިރު ގާތުން އެދުނެވެ.
“ސިމީ ނުރޮއެބަލަ… އަހަރެންވެސް ބޭނުމެއް ނޫނޭ އާސިމް އެމަގުން ދާކަށް. އަހަރެން ގުޅާނަން، ވާހަކަ ދައްކާނަން… ސިމީ ދެރަނުވޭ… އަހަރެން ވަރަށް އުފާ ވެއްޖެ މިއަދު އާސިމްއަށް ހަގީގަތް އެނގި އޭނަ ހުރިހާ ކަމެއް ގަބޫލު ކުރިތީ… އަހަރެންގެ ހިތުގަ އެއްވެސް ޝަކުވާއެއް ނެތް… އާސިމްއަށް މާފު ކޮށްފިން” އަސްމާ ގައިގަ ބައްދާލަމުން ޝާއިރު ބުންޏެވެ.
ކުރިރޭ އާސިމް ގެޔަށް އައި އިރު ހުރި ގޮތުގެ ވާހަކަ އަސްމާ ޝާއިރުއަށް ކިޔާ ދިނީ އާސިމް އުޅޭ ގޮތް ދެކެން އަސްމާއަށް ކެތް ނުވެގެންނެވެ.
ކޮންމެ ހާލެއްގަ ހުރި ނަމަވެސް އާސިމްގެ ހިތަށް އެހަނދާންތަކުން ތަދުކުރަމުން ދިޔައެވެ. ނިދީގައިވެސް އުނދަގޫ ކުރަނީ ނަޒްލާއާ ޒައިންގެ ހުވަފެންތަކެވެ. ހޭލާ ހުންނަ އިރުވެސް އެހިޔާލުތަކާ ދުރަކަށް ނުދެވެއެވެ.
އެރޭވެސް ބޭރަށް ގޮސްފައި އާސިމް ގެޔަށް އައީ އެގާރަ ޖެހި ފަހުންނެވެ. އާސިމް ކޮޓަރިއަށް ވަންތާ ދިހަ ވަރަކަށް މިނެޓް ފަހުން ޝާއިރުއާ އަސްމާ އައިސް އެކޮޓަރީ ދޮރުގަ ޓަކި ޖަހާލިއެވެ.
ދޮރުގަ ޓަކި ޖެހި އަޑު އިވުނު ނަމަވެސް އާސިމް އެއްޗެއް ނުބުނެ އޮތީ އެމީހަކު ވަންނާނެ ކަން އެނގޭތީއެވެ. އެދުވަހު ހޭލެވުމާއެކީ ޖަމީލު އައިސް ދެއްކި ވާހަކަ އަދިވެސް އާސިމް ހަނދާން ހުއްޓެވެ.
ތަބަކެއްގައި އާސިމްއަށް ކާން ހަދައިގެން އަސްމާ ކޮޓަރިއަށް ވަނެވެ. އަސްމާއަށް ބަލާލާފައި އާސިމް އޮތް ގޮތަށް އޮތީއެވެ. ނަމަވެސް އަސްމާގެ ފަހަތުން ވަން ޝާއިރު ފެނުމުން އާސިމް ތެދުވެ އިށީނެވެ.
އަސްމާ ކުޑަދޮރު ކައިރީ ހުރި ގޮނޑި ގެނެސް އެނދު ކައިރިއަށް ޖައްސާލާފައި ތަބައް ގޮނޑިމަތީ ބެހެއްޓިއެވެ. އަދި އާސިމްއަށް ބަލާލާފައި ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ.
އަސްމާ ނިކުތުމުން ޝާއިރު އައިސް އާސިމް ކައިރީގައި އިށީނެވެ.
“ހުރިހާ ކަމެއް އެނގުނީމަ ދެން ކަންތައް ކުރަންވީ ގޮތަކީ ތީތަ؟ އެންމެ ރަނގަޅު ކަމަކަށް އާސިމްއަށް ފެނުނީ ތިކަންތަ؟” އެއްއަހަރާ ހަތަރު މަސް ފަހުން ޝާއިރު ފުރަތަމަ ފަހަރަށް އާސިމްއާ ވާހަކަ ދެއްކިއެވެ.
“އައިމް ސޮރީ…!” ޝާއިރުއަށް ބަލާލަމުން އާސިމް ބުންޏެވެ.
“ސޮރީއޭ ބުނީމަ ނިމުނީތަ؟ އެނގޭތަ ތި ކުރެވެނީ ކިހާ ވަރެއްގެ ކަމެއް ކަން؟ އާސިމް ވިސްނައެއް ނުލަންތަ ތިހެން ހެދީމަ އާސިމްގެ މަންމަމެންނަށް ވާނެ ގޮތަކާމެދުވެސް؟” ޝާއިރު އެހިއެވެ.
“މިކަމަކަށް ނޫން މާފަށް މިއެދުނީކީ… އަހަރެން ޝާއިރުއަށް ހެދި ގޮތުން ޝާއިރު ކައިރިން މާފަށް މި އެދުނީ” އާސިމް ބުންނެވެ.
“އާސިމްއަށް ހުރިހާ ކަމެއް އެނގިއްޖެޔޭ ސިމީ އަހަރެން ކައިރީ ބުނި ބުނި ވަގުތު އަހަރެން އާސިމްއަށް މާފު ކޮށްފިން” ޝާއިރު ބުންޏެވެ.
އާސިމް އިސް އުފުލާ ޝާއިރުއާ ދިމާއަށް ބަލާލިއެވެ.
“ތެންކްޔޫ…!” އެވަގުތު ބުނާނެ އެއްޗެއް ނުވިސްނުމުން އާސިމް ބުންޏެވެ.
“އެކަމަކު އަހަރެން ކައިރިން މާފަށް އެދުނީމަ ނިމުނީކީ ނޫނެއްނު؟ ފުރަތަމަ އާސިމް ތިކަން ހުއްޓާލާ. އޭގެ ފަހުން އެހެން ކަމަކާ އުޅެވޭނީ” ޝާއިރު ބުންޏެވެ.
“އަހަރެން ބޭނުން ވަނީ ހުރިހާ ކަމެއް ހަނދާން ނައްތާލަން… އެހުރިހާ ހަނދާނަކާ އެކީ އަހަންނަކަށް ނޫޅެވޭނެ… އައި ޖަސްޓް ނީޑް ޓު ފޮގެޓް… ގިލްޓްއަކީ އަހަންނަށް ފެމިލިއަރ ފީލިންގއެއް ނޫން…” އާސިމްއަށް އެވާހަކަ ދައްކާކަށް ފަސޭހައެއް ނޫނެވެ.
“ތީތަ ދެން އެންމެ ރަނގަޅު ގޮތަކީ؟ އޭރުވެސް އާސިމް ކުރީ ކުށެއް… މިހާރުވެސް ތިކުރަނީ ކުށެއް. ފަހުންވެސް ދުވަހެއް އަންނަ ކަން ހަނދާން ކޮށްބަލަ އާސިމް!” އާސިމްއަށް ވިސްނައިދޭން ޝާއިރު މަސައްކަތް ކުރިއެވެ.
“އެނގެޔޭ ތިކަން… މިފަހަރު އެހެން މީހަކަށް އަހަރެންގެ ސަބަބުން ގެއްލުމެއް ނުލިބޭނެ” އާސިމް ބުނެލިއެވެ.
“ތީހަމަ ހީވާ ގޮތް. ފެމިލީއާ މެދު އާސިމް ވިސްނާލާނަމަ އާސިމް ތިހެންނެއް ނުބުނާނެ. ތިހެން ޑްރަގްސްގެ ތެރެއަށް ވަދެ ލައިފް ނަގާލީމަ އެމީހުން ދެރައެއް ނުވާނެތަ؟ ހުރިހާ ކަމެއް އެނގުނީމަވެސް ޒައިންއާ މެދު އާސިމް ވިސްނައެއް ނުލަންތަ؟” ޝާއިރު އެހިއެވެ.
“އަހަރެން ބޭނުން ނަދީމްއާ ވާހަކަ ދައްކަން…” އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި އާސިމް ބުންޏެވެ.
“ތީ ފަސޭހަ ކަމެއް ނޫން… އެކަމަކު ޓްރައި ކުރާނަން. އާސިމް، އަހަރެން ހީކުރަން އާސިމް ތިކަމާ ދުރުވާން މަސައްކަތް ކުރާނެ ކަމަށް” ޝާއިރު ތެދުވިއެވެ.
ޝާއިރު ދިޔަތާ ފަނަރަ ވަރަކަށް މިނެޓް ފަހުން އަސްމާ އައި އިރުވެސް އާސިމް އިނީ ވިސްނާށެވެ.
“ތުއްތުބޭ… ނުކަންތަ؟” އަސްމާ އަހާލިއެވެ.
“ކާހިތެއް ނެތް…” އާސިމް ބުންޏެވެ.
“އަހަންނަށްވެސް އެނގޭ ތުއްތުބޭ ކާހިތެއް ނުވާނެކަން… އެކަމަކު ނުކައެއް ނުހުރެވޭނެއެއްނު…؟” އަސްމާ ރޮށި މޮޑެފައި އުލަކާއެކު އާސިމް އަތަށް ތަށި ދިނެވެ.
ދެދުވަސް ވަންދެން ޝާއިރު ވިސްނީ ނަދީމްއާ އާސިމް ބައްދަލު ކުރުވާނެ ގޮތަކާ މެދުއެވެ. ޝާއިރުއަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ ނަދީމްއާ ވާހަކަ ދައްކައިގެން އާސިމްއާ ވާހަކަ ދައްކަން ނަދީމް އެއްބަސް ކުރުވުމެވެ.
“ނަދީމް، ކޮންމެސް ސަބަބަކާ ހެދި އަހަރެން… ޑްރަގްސް ޔޫސް ކުރާކަން ނަދީމްއަށް އެނގިއްޖެއްޔާ ނަދީމް ކިހިނެއް ހަދާނީ؟” ޝާއިރުއާ ނަދީމް ވާހަކަ ދައްކަން ތިބީ ވެސްޓް ޕާކްގައެވެ.
“ހާދަ ފާޑެއްގެ ސުވާލެއް ތިކުރީ؟ އަނެއްކާ ޝާއިރު އެކަހަލަ ކަމެއް ކުރަނީތަ؟” ނަދީމް ޝާއިރުއަށް ބަލާލާފައި އަހާލިއެވެ.
“އިހަށް ޖަވާބު ދީބަލަ…” ޝާއިރު އެދުނެވެ.
“ޝާއިރު އެކަމާ ދުރު ކުރަން މަސައްކަތް ކުރާނީ…” ވިސްނާލާފައި ނަދީމް ޖަވާބު ދިނެވެ.
“ނަދީމްގެ ކޮންމެ ފްރެންޑަކަށް ވިޔަސް ތިހެންތަ ކަންތައް ކުރާނީ؟” ޝާއިރު އެހިއެވެ.
“އާނ… އަހަރެންގެ ރައްޓެއްސަކު ގޯސް މަގަކުން ހިނގާކަށް އަހަރެން ނޭދޭނަން، އެކަން ހުއްޓުވަން އަހަންނަށް ކުރެވުނު ކަމެއް ކުރާނަން” ނަދީމް ޔަގީންކަން ދިނެވެ.
“އެމީހަކީ ނަދީމް އެމީހަކަށް މާފު ނުކުރާނެ ވަރުގެ ކުށެއް ކޮށްފަ ހުރި މީހަކަސް ތިހެން ބުނާނަންތަ؟” ޝާއިރު ތިންވަނަ ސުވާލު ކޮށްލިއެވެ.
ނަދީމް ފާޑަކަށް ޝާއިރުއަށް ބަލާލީ ހިތުގައި އުފެދުނު ޝައްކެއްގެ ސަބަބުންނެވެ.
“ކާކުގެ ވާހަކައެއް މިހާރު މި ދެކެވެނީ؟” އިރުކޮޅަކު ވިސްނާލާފައި ނަދީމްވެސް ކޮށްލީ ސުވާލެކެވެ.
ޝާއިރު ޖަވާބެއް ނުދީ ނަދީމްއަށް ބަލަން އިނެވެ. ޝާއިރު އެދައްކަނީ އާސިމްގެ ވާހަކަ ކަން އެހިސާބުން ނަދީމްއަށް ޔަގީން ވިއެވެ.
ނަދީމް ދެއަތުން ހިފަހައްޓައިގެން އިން ކޮފީމަގު މޭޒުމަތީ ބެހެއްޓިލެއް ބާރު ކަމުން އެމަގު ތަޅައިގެން ދިޔައެވެ.
“އަހަންނަށް ވަރިހަމަ އޭނައަށް ކޮންމެ ގޮތެއް ވިޔަސް…” ރުޅި އައިސްގެން ނަދީމް ބުނެލިއެވެ.
ޝާއިރު އެއްވެސް އެއްޗެއް ނުބުނެ އިނީ ނަދީމް ރުޅި މަޑުވާނެ އިރެއްގެ އިންތިޒާރުގައެވެ.
“ކޮން އިރަކު އޭނަ އައީ؟” ފަސް ވަރަކަށް މިނެޓް ފަހުން ނަދީމް އަހާލިއެވެ.
“ހަފްތާއެއް މިވަނީ” ޝާއިރު ޖަވާބު ދިނެވެ.
“ހަމަ އަސްލުވެސް އޭނަ އެކަން ކުރަނީތަ؟” މިފަހަރުވެސް ނަދީމް ވާހަކަ ދެއްކީ އިރުކޮޅެއް ފަހުންނެވެ.
ޝާއިރު ބޯޖަހާލިއެވެ.
“ކީއްވެ…؟” ނަދީމް އަހާލިއެވެ.
“އޭނައަށް ހުރިހާ ކަމެއް އެނގުނީ…” ޝާއިރު ބުންޏެވެ. ޝާއިރު ހީކުރީ އެކަން އެނގުމުން ނަދީމް އާސިމް ދެކެ އައިއްސަ ހުރި ރުޅި ކޮންމެވެސް ވަރަކަށް މަޑުވާނެ ކަމަށެވެ. ނަމަވެސް ވީ އެހެންނެއް ނޫނެވެ. ނަދީމް ހައްތަހާ ރުޅި ގަދަވީއެވެ.
“ރަނގަޅަށް ތިވީ. މިހާރު ހިތަށް އަރާނެ އޭރު އެހެން ނުހެދުނު ނަމައޭ… އޭރު ނަޒޫ ހާދަ ރުޔޭ… އެދުވަހު އޭނަ އެހާލުގަ ޖައްސާފަ… މިހާރު ތިވަނީ ރަނގަޅަށް. ލެޓް ހިމް ޑްރައުން އިން ހިޒް އޯން ގިލްޓް!” މޭޒުމަތީ އަތުން ޖަހާލަމުން ނަދީމް ބުނެލިއެވެ.
“ނަދީމް! ތިހެން ބުނާކަށް ނުވާނެ. ހުރިހާ ކަމެއް އެނގި އެގިލްޓްގަ އޭނަ މުޅިން ހަލާކު ވާންތަ ނަދީމް ބޭނުން ވަނީ؟ އެންމެ ފަހުން މިދިޔަ ދޮޅު އަހަރެއްހާ ދުވަސް ކުޑަ އިރުކޮޅަކަށް ހަނދާން ނައްތާލާފަ އޭގެ ކުރީ ފަނަރަ ވަރަކަށް އަހަރު ހަނދާން ކޮށްބަލަ! އޭރުގަ ވެސް ނަދީމް ބުނާނީ ހަމަ ތިހެންތަ؟ ހުރިހާ ކަމެއް ހަނދާން ނައްތާލާފަ، އިންސާނަކު ހަލާކުވެގެން ދިޔުމުން ސަލާމަތް ކޮށްދޭކަށް މަސައްކަތެއް ނުކުރާނަންތަ؟ އެކަމުން އާސިމްއަށް ވާނެ ފައިދާއަށް ވުރެ ބޮޑު ވާނެ ނަދީމްއަށް ލިބޭ ހިތްހަމަޖެހުން…”
ޝާއިރު ދެއްކި ވާހަކަ އަޑު އަހާފައި ނަދީމް ވިސްނާލިއެވެ.
ޝާއިރު ބުނިހެން ކުރީގެ ދުވަސްތައް މަތިން ހަނދާން ކޮށްލުމުން އާސިމް ނެތި ހޭދަވި ދުވަސްތަކުގައި ހަޔާތަށް އައި ހުސްކަން ފުރަތަމަ ފަހަރަށް ނަދީމްއަށް އިހުސާސް ކުރެވުނެވެ.
އެއީ ނަޒްލާ ނޫން އެހެން އަންހެން ކުއްޖަކަށް ވީނަމަ ޔަގީނުންވެސް ނަދީމް އާސިމްއާ ގުޅުން ކަނޑާނުލީހެވެ. އެއީ އެއަންހެން ކުއްޖާއަށް އިންސާފަކަށް ނުވިނަމަވެސް ނަދީމްއަށް އެކަން ބޮޑު ކަމަކަށް ނުވީހެވެ. މިއަދު އާސިމްއަށް އެހީވާން ފަހަކަށް ނުޖެހުނީހެވެ. ވިސްނާވެސް ނުލާ ވަގުތުން އެކަމަށް އެއްބަސް ވީހެވެ.
“އަހަރެން ކިހިނެއް ހަދަންވީ؟” ނަދީމް އަހާލީ އިރުކޮޅެއް ފަހުންނެވެ.
“މާދަން އާދޭ އޮފީހަށް… މެންދުރު ބްރޭކް ގަޑީގަ” ޝާއިރު ވަގުތާ ތަން ބުނެދިނެވެ.
“ނަދީމް… ތިހެން ދެކޮޅަށް ހިނގާތާ މިހާރު ކޮން އިރެއް؟ އަހަރެންގެ ބޮލުގަ ރިއްސަން ފަށައިފި… އިހަށް އިށީނދެބަލަ!” މޭޒުގައި އިށީނދެގެން އިން ޝާއިރު އެހެން ބުނީ ނަދީމް އެހެން ދެކޮޅަށް ހިނގަހިނގާ ހުންނަތާ ފަސްވަރަކަށް މިނެޓް ވީ ފަހުންނެވެ.
ނަދީމް ހުއްޓިފައި ޝާއިރުއަށް ބަލާލިއެވެ. އަދި އެކެބިންއަށް ވަން ފަހުން ވީ ދިހަ މިނެޓް ތެރޭ ގާތްގަނޑަކަށް ވިހިވަނަ ފަހަރަށް ފާރުގައި ހުރި ގަޑިއަށް ބަލާލިއެވެ.
އެވަގުތު ދޮރު ހުޅުވުނު އަޑު އިވުމާއެކު ނަދީމްއާ ޝާއިރު އެއްފަހަރާ އެދިމާއަށް ބަލާލިއެވެ.
ނަދީމްއަށް ފުރަތަމަ ފެނުނީ ދުވަސްވީ އެކުވެރިޔާއެވެ. ނަމަވެސް ދޮރުން އަތް ދޫކޮށްލާފައި ނަދީމްއާ ދިމާއަށް އާސިމް ބަލާލުމާއެކު ނަދީމްއަށް ފެނުނީ ޒައިންގެ ލޮލެވެ. ނަޒްލާއަށް އޮޅުވާލާ ހާލުގައި ޖެއްސި ކެހިވެރިޔާއެވެ.
ނަދީމް ރުޅި އައީ ކުއްލިއަކަށެވެ. އާސިމް ކޮއްޕާލުމުން ނަދީމްގެ ފައިދަށަށް ނަޒްލާ ވެއްޓުނު ހަނދާން ވިއެވެ. ނަޒްލާ ތިއޭޓަރުގައި އޮއްވާ ނަރުސް ކުއްޖާ ދިއްކޮށްލި ފޯމުގައި ސޮއެ ކުރިއިރު ނަދީމްގެ ހިތަށް އަރަމުން ދިޔަ އެއްޗިއްސެވެ. ފުރަތަމަ ފަހަރަށް ދަރިފުޅު ފެނުމުން ނަޒްލާ ރޯންފެށި ގޮތެވެ.
އެތެރެއަށް ދެތިން ފިޔަވަޅު އަޅާފައި ހުއްޓި ނަދީމްއާ ދިމާއަށް އާސިމް ބަލަން ހުރިއިރު ނަދީމް މަޑުމަޑުން އާސިމްއާ ދިމާއަށް ދިޔައެވެ. އާސިމްގެ ކުރިމަތީގައި ހުއްޓި ނަދީމް އިރުކޮޅަކު އާސިމްއަށް ބަލަން ހުއްޓެވެ.
“ނަ—” އާސިމް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެއަށް ވުރެން އިތުރަށް އެންމެ އަކުރެއްވެސް ނުކިޔުނެވެ.
އެކަކުވެސް ނުވިސްނާ ހުއްޓާ އެއް އަހަރާ ހަތަރު މަސް ކުރިން އެރޭ ކަންތައް ކުރިހެން އެވަގުތު ނަދީމް ކަންތައް ކުރިއެވެ. އާސިމްގެ ނޭފަތް މަތީ ގޮށްމުށުން ޖެހިއެވެ.
“ނަދީމް…!” ޝާއިރު ދުވެފައި އައިސް އެދެމީހުންގެ މެދަށް ވަދެ ނަދީމްގެ މޭގައި ދެއަތް އަޅާ ނަދީމް ދުރަށް ގެންދަން އުޅުނެވެ.
ނަދީމް ޝާއިރުގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
“ޝާއިރު ހާސް ނުވޭ… އެރޭ ޝާއިރު ނުހިފެހެއްޓި ނަމަ ދެފަހަރަކު ނޫން، ސަތޭކަ ފަހަރުވެސް އަހަރެން ޖެހީމުސް… އެކަމަކު މިއަދު ދެފަހަރަކަށް ނުޖަހާނަން. އެރޭ އޮޅުވާލީ… މިއަދު އެއައީ ވިސްނިގެން…” ނަދީމް ހަމަޖެހިލާފައި ބުނެލިއެވެ.
އާސިމް ނޭފަތުގަ އަތް އަޅައިގެން ކުޑަކޮށް ގުދުވެލައިގެން އޮތް އިރު ނޭފަތުން އައި ލޭ އިނގިލިތަކު ތެރޭން ފޭދިގެން ފައިބައެވެ. ޝާއިރުގެ މޭޒުމަތީ ހުރި ޓިޝޫ ފޮށިން ޓިޝޫ ނަގައިގެން ގެނެސް އާސިމް އަތަށް ދިނީ ނަދީމްއެވެ.
ޝާއިރުގެ މޭޒުމަތީ އިށީނދެގެން ނަދީމް އިނެވެ. އާސިމްއާ ޝާއިރު ސޯފާގައި ތިއްބެވެ. އޭރު ނޭފަތުން ލޭނައި ނަމަވެސް އާސިމް އަދިވެސް އިނީ ނޭފަތުގައި ޓިޝޫއެއް ޖައްސައިގެންނެވެ.
“ކިހިނެއް ހެދިއްޔާ ތިކަން ހުއްޓާލާނީ؟” ނަދީމް އެހިއެވެ.
އާސިމް ޖަވާބެއް ނުދީ ކުރިމަތީ ހުރި ކޮފީޓޭބަލް މަތީ އޮތް ޕޭޕަރވެއިޓްއަށް ބަލަން އިނެވެ.
“އަހަރެންނަކީ ރައްޓެއްސެއް ކަމަށް ދުވަހަކުވެސް ދެކުނިއްޔާ ތިކަން ހުއްޓާލާ އާސިމް… މިދުނިޔޭގަ އާސިމް ލޯބިވާ މީހަކު ހުރިއްޔާ އެމީހަކު މަތިން ހަނދާން ކޮށްލާފަ ހުއްޓާލާ… އާސިމްއަށް ނޭނގުނަސް، ނުވިސްނުނަސް އާސިމްގެ އެހީ ބޭނުން ވާނެ ފަރާތެއް އެބަ ހުރިކަން ހިތަށް އަރުވާލާފަ ތިކަމާ ދުރުވޭ. އާސިމް ގަބޫލު ކުރިޔަސް ނުކުރިޔަސް، ދުލުން ބުންޏަސް ނުބުންޏަސް އަމިއްލަ ލޭ ވާނީ އަމިއްލަ ލެޔަށް، އެކަމެއް ބަދަލެއް ނުވާނެ… އަހަރެން މިދެއްކި ވާހަކައާ މެދު ވިސްނާލާފަ އާސިމް ތިކަން ހުއްޓާލާ!”
ނަދިމް އެދެއްކި ވާހަކަ އަޑު އަހާފައި އާސިމް އިސް އުފުލާ ނަދީމްއަށް ބަލާލިއެވެ. ނަމަވެސް އެއްޗެއް ނުބުނެއެވެ. ދެންވެސް ވާހަކަ ދެއްކީ ނަދީމްއެވެ.
“ތި ކުރެވެނީ ފާފައެއް. ތީ އަމިއްލަ ނަފްސަށް ދެވޭ އަނިޔާއެއް، ކުރެވުނު ކުށާ މެދު ދެރަވާ ނަމަ އެކަން ރަނގަޅު ކުރަން މަސައްކަތް ކުރާނީ. ހަނދާން ނައްތާލަން ކުރެވުނު ކަމެއް ކުރާނީކީ ނޫން… ކޮންމެ ކަމެއް ކުރިޔަސް އެއީ ނުވާ ކަމަކަށް ނުވާނެ…”
އެކަކުވެސް އެއްޗެއް ނުބުނެއެވެ.
ނަދީމް އާސިމްއަށް ބަލަން އިނެވެ. ނަޒްލާއާ މެދު އާސިމް ކަންތައް ކުރި ގޮތް ހަނދާން ނުނެތުނު ނަމަވެސް ޒަމާން ވީ އެކުވެރިޔާ ހަލާކުގެ ތެރެއަށް ދޫކޮށްލާކަށް ނަދީމްއަކަށް ނުރުހެވޭނެއެވެ.
އެހެން ނޫނަސް ހަގީގަތް އެނގުމުން އާސިމް އެކަމާ އެހާ ދެރަވާނީ އަދިވެސް ނަޒްލާދެކެ ލޯބިވާތީކަން ނަދީމްއަށް އެނގެއެވެ. ނަޒްލާއަށް ނުވިސްނުނު ނަމަވެސް ދެންވެސް ނަޒްލާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވޭނީ އާސިމްއަށް ކަން ނަދީމްއަށް ޔަގީނެވެ.
އެރޭގެ ފަހުން މިއަދާ ހަމައަށް ނަޒްލާގެ ދުލުން އާސިމްގެ ނަން ނުބުނި ނަމަވެސް، ނަޒްލާގެ ކަންފަތުން އެނަން އަޑު އަހަން ބޭނުން ނުވި ނަމަވެސް ނަޒްލާ އަދިވެސް ލޯބިވަނީ އާސިމް ދެކެކަންވެސް ނަދީމްއަށް އެނގެއެވެ.
އެވަގުތު ނަދީމް ގޮތެއް ނިންމިއެވެ. އޮޅުމެއްގެ ތެރޭން ވަކިވި އާސިމްއާ ނަޒްލާ އަލުން ގުޅުވުމަށް ނަދީމްއަށް ކުރެވުނު މަސައްކަތެއް ކުރަން އަމިއްލަ ނަފްސަށް ވަޢުދު ވިއެވެ.
ނަދީމް ތެދުވެގެން ގޮސް އާސިމްގެ ކުރިމައްޗަށް ހުއްޓި އާސިމްއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.
އާސިމް ނަދީމްއާ ދިމާއަށް ބަލާލިއެވެ. އަދި ތެދުވެ ނަދީމްގެ އަތުގަ ހިފާ ސަލާން ކޮށްލިއެވެ.
“ހުވާ ކުރޭ މިއަދުގެ ފަހުން ދުވަހަކުވެސް ދެން ތިކަން ނުކުރާނަން ކަމަށް… ކިތަންމެ ބޮޑު ކަމަކާ ކުރިމަތިލާން ޖެހުނަސް ޑްރަގްސްގެ ބޭނުން ނުކުރާނަން ކަމަށް…” ނަދީމް ބުންޏެވެ.
އާސިމް އަނެއް އަތްވެސް ނަދީމްގެ އަތްމަތީ ބޭއްވިއެވެ.
“ހުވާ ކުރަން…” އާސިމް ހުވާ ކުރިއެވެ.
ޝާއިރުވެސް ދެއަތުން ނަދީމްއާ އާސިމްގެ އަތުގައި ހިފާލިއެވެ.
“ފްރެންޑްސް އަގެއިން…” ޝާއިރު ބުނެލިއެވެ.
“ފްރެންޑްސް…!” އާސިމްއާ ނަދީމްވެސް ބުނެލިއެވެ.
“މިހާރު ނުވެ އޮތް ކަންތައްވެސް ވީނު…؟ ދެން އަވަހަށް ޑޭޓެއް ސެޓް ކުރަން އުޅޭ” ތިން މީހުން އިށީނދެ ހަމަޖެހިލުމުން ނަދީމް ޝާއިރުގެ ކޮނޑުގައި ޖަހާލިއެވެ.
“ކޮން ޑޭޓެއް؟” ޝާއިރުއަށް ނަދީމް ބުނި އެއްޗެއް ނުވިސްނުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.








my kurin vx kiyaafa oi vaahaka e..
Ninny Mivaahaka libeyne thaneh bunebala
Vaahaka update vun lasvegen kithame ireh keh madhuvegen ulhey thaa. thank u..
Varah reethi mivaahaka thanks marsha maafehnukuraanan yaara eves marsha vaahakaehtha
Ohh finally up vejje
Varah salhi
Thanks marsha
v reethi story… next part avahah up koh dhehchey….
V reethi mi bai vx. . 12 vana bai avahah up kobala dheebala. . Mi vaahaka hama kiyaanee. …
V salhi story ehh
naxoo preg vefa hutta aasim merry nukuryma v deravegen kudin ulhunyma i want tel somethin,,, preg vefa hutta kuraa marry sahha eh nuvaane.. preg vefa hutta marry kohgen hure50 aharu vius ekureveny hus faafa.
u r rite samy
Kn iraku next part??? Plx up kh dhyba avahah
Story avahah up kohdeeba keyaa hethun kehmaduvefaaaaaaaaaaaaaaa
Alhe miadhu check kurevunu adhadhu vs neyge…. heyo nuvaane dhen avahah stry up kohba…. adheys koffa mibuny
alhey koba tha aneh bai?
knme dhuvahaku regular koh up kuri kuhjeh. but now nukurany kyve?
mirey up nukuranytha?
Hey.. i m vv sorry.. but lap nuhulhuvigen up nukurevuny… still trying ingey… hulhuvunu haa avahakah up kohdgeynan InshaAllah..