ރޭގަނޑު ފާއިތުވެ ގޮސް ދަންވަރުވެއްޖެއެވެ. ދެކޮޅައް ފުރޮޅިލަ ފުރޮޅިލައި އޮތް ކައިލްގެ ލޮލައް މިރޭ އެއްގޮތަކައްވެސް ނިދީގެ އަސަރެއް ނުކުރެއެވެ. މިރޭ އޭނާގެ ޙިޔާލުތައް އެއްކޮއްހެން ވޭތުވަނީ އެލައިރާގެ ހަނދާނުގައެވެ. އަމިއްލަ އިޙްތިޔާރަކާއި ނުލައި ކައިލްގެ ވިސްނުމައް މިހާ ފުންކޮށް މީހަކު ވަދެގެން ދިޔަ ދުވަހެއް ކައިލް ހަނދާނެއް ނުވިއެވެ. އޭނާ ނުވިސްނަން މަސައްކަތް ކުރި ނަމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ. އެންމެ ފަހުން އޮތް ތަނުން ތެދުވެ އީމެއިލްތަކާއި، ރިޕޯޓްތަކާއި، ނުނިމި ހުރި ޕްރޮޕޯސަލްތައް ވެސް ކިޔަން ފެށިއެވެ. ނަމަވެސް ކޮންމެ ޖުމްލައެއް ވެސް މަދު ސިކުންތުކޮޅެއް ފަހުން ފޮރުވިގެން ދިޔައެވެ. އެއްވެސް ކަމަކައް ސަމާލުކަމެއް ނުދެވެއެވެ. އައި ރުޅިން ގަނޑުތައް ހޫރާލީ މުޅި ކޮޓަރި ތެރެއައްށެވެ. ކިތެންމެ ބޭނުން ނުވިޔަސް އެ ސިކުނޑިން އެލައިރާ ނޫން އެހެން ކަމަކާއި މެދު ވިސްނުމުގެ ފުރުސަތެއް ނުލިބެއެވެ.
ކައިލްގެ ހަނދާނައް ކުއްލިޔަކައް އައީ މީގެ ދުވަސްކޮޅެއް ކުރިން ދެމީހުން އެއްކޮއް ކާން ދިޔަ ދުވަހުގެ މަތިންނެވެ. އެދުވަހު ކައިލް ދެއްކި ވާހަކަތައް އެލައިރާ އަޑުއަހަމުންދިޔަ ގޮތެވެ. ކިޔަނީ ކޮންއެއްޗެއްކަމެއް ނުވިސްނުނަސް އެއްވެސް ޝަކުވާއެއްނުކޮއް އަޑުއަހަމުން ދިޔަ ގޮތެވެ. އަދި ބައެއްފަހަރު ކައިލްއާއި ދިމާލައް އެލައިރާ ބަލަމުންދާ ގޮތެވެ. މިހުރިހާ ކަމެއްގެ ސަބަބުން ކައިލްގެ ހިތުގައި އިތުރައްވެސް ސުވާލު އެފެދެއެވެ. ކައިލް އެންމެ ހައިރާން ވަނީ އެދެމެދުގައި އެއްވެސް ކަމެއް ނުހިނގާއިރުވެސް ކައިލްއައް އެކަހަލަ އިޙުސާސް ކުރެވޭތީއެވެ. އޭނާ އަބަދުވެސް ގަބޫލުކުރަމުން އައީ ލޯބި ވެވޭނީ ދެމީހުންނައްވެސް އެކަން އެނގިގެން ދެމީހުންގެ ވެސް އިޙްތިޔާރު އޮވެގެންންކަމެވެ. އެކަމް މިފަހަރު މިވަނީ ކިހިނެއް ހެއްޔެވެ؟ ލޯބީގެ ގޮތުން ވާހަކައެއް ވެސް ދެކެވިފައެއް ނެތެވެ. ލޯބި ވުމުގެ ފުރުސަތެއް ވެސް އެކަކު އަނެކަކައް ދެވިފައެއްވެސް ނެތެވެ. ދެން މިހެން ވާންނީ ކީއްވެހެއްޔެވެ؟ ވިސްނާ ވިސްނާ ވެސް މިކަމުގެ ޖަވާބެއް ލިބުނީކީއެއް ނޫނެވެ.
އަނެއް ދުވަހައް އިރު އެރީ ވެސް އެލައިރާގެ ހަނދާނުގައި ކައިލް އޮއްވައެވެ. ދެއަތުން ބޮލުގައި އަތް ކާތާލަމުން ކައިލް ފުންނޭވާއެއް ދޫކޮއްލިއެވެ. ފަހަރެއްގައި ކޮފީއެއް ބޯލުމުން ރަނގަޅުވާނެކަމައް ބުނަމުން ކައިލް ފޭބީ ތިރިއައްށެވެ.
ނިދިފައި އޮތް އެލައިރާއައް ހޭވެރިކަމެއް ލިބުނީ ކައިރީގައި އޮތް ފޯނު އެލާމުވާ އަޑުއިވުމުންނެވެ. އަވަސް އަވަހައް އޮތް ތަނުން ތެދުވެ ފެންވަރާލައިގެން އައިސް ޑިއުޓީއައް ދާން ލާނެ އެއްޗެއް އިސްތިރިކުރަންފެށިއެވެ.
“މިއަދުވެސް މިޝީގެ ހިލަމެއް ނުވި” އެލައިރާގެ ހިތައް އެރިއެވެ. އެހެން ނޫންނަމަ މިހާރު އައިސް އެކޮޓަރީގައި އުޅޭނެއެވެ. މިފަހަކައް އައިސް އެކޮޓަރިޔައް ވެސް ނާދެއެވެ. ” އަނެއްކާ ސަފާނާ އެއްޗެކޭ ކީބާ؟” އަމިއްލަ ހިތާއި ސުވާލުކުރަމުން ދިޔައިރު އެލައިރާގެ ހަނދާނުން އޭނާ އިސްތިރިކުރަން ހުރިކަން ވެސް ކައްސާލިއެވެ.
” މަންމާ” ހޫނު އިސްތިރި އަތުގައި ޖެހުމުން އެލައިރާޔައް ހަޅޭއްލަވައިގަނެވުނެވެ. އޭރު އަތުން ދިލަ ނަގަމުން ދިޔައެވެ. އަވަސްއަވަހައް ފާހަނަޔައް ގޮސް އަތައް ފެން އަޅާލިއެވެ. އަދި މެޑިސިން ކިޓް އިން ބޭސް ފުޅިއެއް ނަގައި އަތުގައި އަޅާލިއެވެ. ބޭސްއަޅަމުން ދިޔަވަގުތު އެލައިރާޔައް މިޝީގެ މަތިން ހަނދާންވިއެވެ. މިޝީއަކީ އެލައިރާޔައް ކުޑަކުޑަ އަނިޔާއެއް ލިބުނަސް އެހާ ދެރަވާ ކުއްޖެކެވެ. އަދި އެހާމެ އޯގާތެރިވެސް ވާނެއެވެ. ބަލިވިޔަސް އެހާ ރަނގަޅު ވާނެއެވެ. ކުޑަކޮއްވެސް އެދިރިއުޅުމުގައި އެކަނިވެރިކަން އިހުސާސްނުކުރެވެނީ ވެސް ހަމަ މިޝީގެ ސަބަބުންނެވެ. ފެންކަޅިވެފައި އިންނަމަވެސް އަވަހައް ތެދުވެ ހެނދުމުގެ ދެންއޮތްބައި އިސްތިރިކުރަން ފެށިއެވެ. އިސްރިތިރިކޮއްނުމުމުން އެލައިރާ އަވަހައް ތައްޔާރުވެލިއެވެ. ގަޑިވެސް ޖެހެން ކައިރިވެފައި އޮތުމުން އެލައިރާ ނިންމީ ފިހާރެއިން ކޮންމެވެސް އެއްޗެއް ގަނެލައިގެން ދިއުމަށެވެ..
ގޭގެ މައި ދޮރުން އެލައިރާ ނިކުމެގެން ދިޔައީ މިޝްޔާ ބަލަން ހުއްޓައެވެ. އެވަގުތު މިޝްޔާގެ ލޮލުގައި އަޅައިގަތީ އެލައިރާގެ އަތުގައި އަޅާފައި އިން ކުޑަކުޑަ ބޭސްކޮޅެކެވެ. މިޝްޔާ ކަންބޮޑުވިއެވެ.
” އެލައި ދޮންތިގެ އަތައް ކީއްވީބާ..” މިޝްޔާގެ ހިތައް އެރިއެވެ. ދުވެފައި ކަހަލަ ގޮތަކައް ގޮސް އަވަހައް ފޯނުނަގައި އެލައިރާގެ ބަޔައް ވަދެލިއެވެ. މެސެޖުކުރަން އިނގިލި ޖައްސާލި ނަމަވެސް ކުރިމައްޗައް އެޅުނު ހިޔަންޏެއްގެ ސަބަބުން އެކަން ކާމިޔާބެއް ނުވިއެވެ.
“ކާކާ ތި މެސެޖުކުރަނީ.؟ މިޝްގެޔާގެ އަތުން ފޯނު ދަމައިގަންނަމުން ސަފާނާ ބުނެލިއެވެ. މަތީގައި އިން ނަން ފެނި އޭނާގެ ގާތައް އިތުރައްވެސް ރުޅިއައެވެ. “ސްކޫލު ގަޑި ޖެހޭކަމެއް ނޭނގޭތަ..؟ ކިތެއްފަހަރު ބުނެވޭނީ އެލައިރާޔާ ދުރުގަ ހުންނާށޭ… ކިޔާ އެއްޗިސް އަޑު ނީވެނީ ކީއްވެތަ؟ ރީރިކޮއް ބުނެގެން މިކަމެއް ނުހުއްޓުނެއްނު. ދެން މި ފޯނު ބާއްވާނީ މަގޭ އަތު.. ” މިޝްޔާއާއި ދިމާއައް އެތިވަރުތައް ގޮވާލާފައި ސަފާނާ އެތަނުން ހިނގައްޖެއެވެ.
ފެންކަޅިވެފައި އިން މިޝީ ތިރިއައް ވެއްޓުނެވެ. އޭރު ގިސްލާ ރޮވެންވެސް ފެށުނެވެ. ލައިގެން ހުރި ހުދު ޔުނީފޮރމް ވެސް ވަނީ އޭނާގެ ކަރުނަތަކުން ތެމިފައެވެ. އެވަރުންވެސް ސަފާނާގެ ހިތައް ކުޑަވެސް އަސަރެއް ނުކުރެއެވެ. ހިތައް އެރި އެއްޗެއް ބުނެލާފައި އެދިޔައީއެވެ.
ސްކޫލައްދާ ގަޑި ވެސް ޖެހެން ކައިރިވެފައި ވުމުން ދެލޯ ފޮހެލައި މިޝްޔާ އަވަހައް ތިރިޔައް ފޭބީ ސައިބޯންށެވެ. ސައިބޯން އިން ވަގުތު އޭނާ އިނީ ވަރައް މަޑުންނެވެ. ސަފާނާ ވާހަކަދައްކަން މަސައްކަތް ކުރިނަމަވެސް މިޝްޔާ އޭނަ ދެއްކި އެއްވެސް ވަހަކައަކައް އަޅައެއްނުލައެވެ. އަނގައިންވެސް ނުބުނެ އަވަހައް ސައިތަށި ބޯލައިގެން ދަބަސް ހިފައިގެން ގެއިން ނިކުމެގެން ދިޔައެވެ.
މިޝްޔާއައް އައިސްފައި ހުރި ބަދަލުފެނި ސަފާނާގެ ގާތައް އިތުރައް ވެސް ރުޅިއައެވެ. ” ކީކޭ ހިތައް އަރައިގެން އުޅޭ އަންހެނެއްތަ ތީ..؟ މަގޭ ކުއްޖާޔާއި މަށާ ޖައްސާފަ މީނަ އަދި މާ ރަނގަޅު މީހަކައް ހެދިގެން އުޅެއެއްނު.. ލާހިކެއްނު.. އެލައިރާ ހަމަ މިގެއިން ފޮނުވާލާފަ ހިންދެމިލާނީ..” ރުޅިވެރި ރާގަކައް ސަފާނާ ބުނެލިއެވެ. އަދި އަތުގައި އޮތް ފޯނުން މުހައިމީންއާއި ގުޅާލިއެވެ.
“ހަލޯ… ކީކޭތަ؟”
“ކޮންއިރަކުތަ ތިއުޅޭ ޖާހިލު ކުއްޖާގެ ކައިވެނި ކުރަނީ..؟ މަގޭ ބޯ ހަލާކޭ އޭނަޔާވެގެން،.. ކަލޭ ކައިރި ކަމެއްގެ ވާހަކަ ދެއްކިޔަސް އެކަމެއް ވަނީ އެހާ އިރުން.. ބުނޭ އެ އަމްޖަދު ކައިރީ ކައިލް ކައިރި ބުނެގެން އަވަސްކުރާށޭ.. މަށަކައް ދެން ކެތެއްނުވާނެ.. މިހާރު އޭނަޔާހެދި މިޝީގެ ކިޔެވުމައްވެސް އެހާ ބުރޫއަރައިފި.. ”
” ދެން ހަމަޖެހިލަބަ.. އަހަންނައްވެސް ވާވަރުންދޯ ވާނީ.. މަވެސް މިކިޔަނީ އެހެންދޯ އަމްޖަދުކައިރީ… އޯކޭ.. އަނެއްކާވެސް އެވާހަކަ ދައްކާލާނަން. ހާސްނުވާތި.”
ފުންނޭވާއެއް ދޫކޮއްލަމުން ސަފާނާ ފޯނު ބޭއްވިއެވެ. ” ކިތެންވެ މަސައްކަތެއްކުރިޔަސް މި އާއިލާޔަކުން ލާހިކެއްނު ކަލެޔަކައް ލޮތްބެއް ހޯދާކައް..” ލާނެއް ހިނިތުންވުމެއް ތުންފަތައް ވެރިކޮއްލަމުން ސަފާނާ ބުނެލިއެވެ.
ހަވީރުގެ ވަުގުތެކެވެ. ކާމޭޒުގައި އިށިންދެގެން އަމްޖަދު އިންއިރު އޭނާގެ ދެލޯ އަމާޒުވެފައިވަނީ ކައިލްއަށެވެ. މެންދުރުއްސުރެއް ކާން އަޅައިގެން އިން ތައްޓައް އަދިވެސް ބަދަލެއް އައިސްފައެއްނެތެވެ.
“ކައިލް” ފެން ތަށިން ކޯވަރެއް ބޯލަމުން އަމްޖަދު ގޮވާލިއެވެ، “ދަރިފުޅު މިއަދު އޮފީހައް ނުދާ ދުވަހެއްތަ؟.”
ކައިލް ބޯކަހާލަމުން ބުނެލިއެވެ. “މިއަދު ނެތް ދާހިތެއް.. އެހެންވެ ނުދިޔައީ.. ރޭގަ ނުނިދިގެން އުޅުނީމަ.”
އަމްޖަދު މަޑުމަޑުން ހޫމް ކޮށްލިއެވެ. “އެހެން ނޫނަސް ނުނިދައި އުޅުނަސް ދޭ ވިއްޔާ.. އެހެންވެ ބައްޕަ އަހާލީމި.. ބައްޕަޔައް އެނގުމަކުން ދަރިފުޅު އަދި ޗުއްޓީއެއް ނުނަގައި.”
އެޔާއެކު އެދެމުދުގައި ހިމޭންކަނުް ފެތުރިގެން ދިޔައެވެ.
ކައިލްވެސް އެއްވެސް ބަހެއް ނުބުނެއެވެ. ބުނާނީ ވަކީ ކީކޭ ހެއްޔެވެ؟.. އޭނާޔައް އެއުޅެނީ އެލައިރާ ނޫން އެހެންކަމަކާއި ދޭތެރޭވެސް ނުވިސްނިގެންނެވެ. ބައްޕަކައިރީ އެހެން ބުނާނެ ހިތްވަރެ އޭނާގެ ގަޔަކު ނެތެވެ.
“ބައްޕަޔައް ހީވަނީ ދަރިފުޅު މާބޮޑައް ވިސްނަނީހެން.”
ކައިލް އޭނާގެ ބައްޕަޔާއި ދިމާއައް ބަލާލިއެވެ. “ކޮން ކަމަކާ؟”
އަމްޖަދު ކުޑަކޮށް ހިނިތުންވެލިއެވެ. “ބައްޕަޔައް ކިޔައިދިންނަމަ ތިހާ ވިސްނާކައް ނުޖެހުނީސް.”
އެޔައްފަހު އިތުރައް އެއްޗެކޭ ނުބުނެ އަމްޖަދު ތެދުވެގެން ދިޔައެވެ. އެރޭ ދަންވަރު އަމްޖަދު ވަރައް ވިސްނިއެވެ. އެވަގުތު އޭނާއައް ކަމެއް ފާހަގަވިއެވެ.
“ކައިލް އެހުރީ ބިރުން.. އެއީ ކާމިޔާބު ނުވެދާނެކަމަކައް ނޫން.. ނޫނީ ޒިންމާތަކެއް އުފުލަންޖެހޭތީކީއެއްވެސް ނޫން.. ހަމައެކަނި.. ލޯބި ވެވުމުން.. ދެން ވާނީ ކިހިނެތްކަން ނޭންގިގެން… ” އަމްޖަދު ހިތާއި ހިތުން ބުނެލިއެވެ.
އެރޭގެ ދަންވަރު ކައިލް އޭނާގެ ބެލްކަނީގައި ހުރީ ފިނިވައި ކޮޅެއް މެޔައް ޖައްސާލުމަށެވެ. އެވަގުތުވެސް އޭނާޔައް ހަނދާންވަނީ އެލައިރާގެ މަތީންނެވެ. އެމެޔައް އިތުރައް ފިނިވެގެންދިޔައެވެ. އެވަގުތު ފުރަތަމަ ފަހަރައް ކައިލްއައް ކަމެއް ވިސްނުނެވެ.
” އަހަރެން އެލައި އިމްތިހާނުކުރާކައް ބޭނުމެއްނޫން… ” ކައިލްއައް މިހެން އަމިއްލަޔައް ބުނެވުނީތީވެސް އޭނަ ހައިރާންވިއެވެ. ހަޔާތުގައި އެހާ އުސްކުރެވިފައިވާ ބިންގާތައް އަންހެން ކުއްޖަކައްޓަކައި ތިރިކޮއްލެވުނީތީއެވެ. ކައިލްގެ ކުރީގެ ލޯބިވެރިޔާއައްފަހު އޭނާ ދެވަނަ ފަހަރައް އަންހެން ކުއްޖަކައް ބަލާލަންވެސް ގަސްތެއްނުކުރެއެވެ. އަދި އަބަދުވެސް ދެކެމުން އައީ އަންހެނުންނަކީ ދިރިއުޅުމުގެ ހަލާކުކަމުގައެވެ.. އެކަމަކް.. އެއީ އެލައިރާޔާއި ދިމާވިފަހުންނެވެ.
އެލައިރާޔައް ކެތްކުރެވޭނެ މިންވަރު ބަލަން ކައިލް ބޭނުމެއް ނޫނެވެ. ކައިލް ބޭނުންވީ ދުވަހަކުވެސް އެލައިރާޔައް އެކަން ކުރަން ނުޖެހޭނެކަން ޔަގީން ކުރާށެވެ. އެކަން ވިސްނުމުން އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ކައިލް ބިރުގަތެވެ. އެއީ މީހަކު ރައްކާތެރިކުރުމުގެ މާނައަކީ ފުރަތަމަ އަމިއްލަ ހިތް ހުޅުވުމެވެ. އެކަމް ކައިލްއަށް އަދިވެސް އެކަން ކުރަން އެނގޭ ކަމުގެ އެއްވެސް ގޮތެއް ނޭނގެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

