ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 28
ރީމް ގެ ދެލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. އީމަންއާ ޔާނާ އެފަދަ ގާތްކޮށް ތިއްބައި ފެނުމުން ބުނެދޭން ނޭނގޭފަދަ ރުޅިވެރިކަމެއް ވެރިވެގެން ދިޔައެވެ. އީމަން އާއި އެކީ ރީމް ހޭދަކޮށްލަން ބޭނުންވެގެން ކެތްތެރިކަން ކޮޅުންލާފައިވާފަދަ ވަގުތުކޮޅެއް ގޭގައި ގެންގުޅޭ ނޯކަރަކަށް ލިބިގެން ދިޔުމަކީ ރީމްގެ ނަފްސަށް ލިބުނު ހުތުރެއް ފަދަކަމެއްކަމުގައި ހީވިއެވެ.
ފަޔަށް ބާރުލާފައި އެތެރެއަށް ހިނގައިގަތެވެ. ޔާނާއާ އީމަންގެ ދެމެދުގައި ގާތް ގަނޑަކަށް ދެފޫޓުގެ ދުރުމިން ވީ އިރުވެސް ރީމްގެ ހިތް ހަމައެއް ނުޖެހުނެވެ. ޔާނާގެ މޭގައި އަތް އަޅައި ފަހަތަށް ކޮށްޕާލިއެވެ. ހަށިގަނޑު ކޮންޓްރޯލް ކޮށްލެވުނީ ހަމަ ކިރިޔާއެވެ. އީމަންއަށްވެސް އަތް ދިއްކޮށްލެވުނެވެ.
“ފެންވަރު އޮޅިގެން ކިހިނެތް ވެގެންތަ ތިއުޅެނީ؟ ބޮޑު ގެއަކާ ރީތި މީހެއް ފެނުނީމަ ތިމާއަށް ތިމާ އޮޅުނީ ދޯ؟ ނޫނޭ ސާބަސް! މީހުންގެ ފިރިން ހައްލުވަން ތިއީވާ ކުޅަދާނަ މިހެއް. އަހަރެންނަށް މި ހުރިހާ ދުވަހު ނުކުރެވުނު ކަމެއް ކަލޭ އެންމެ ދަތުރެއް ކޮށްލައިގެން ކާމިޔާބުކޮށްފި. އަހަރެންއަތުގަ ނެތް ކޮންކަމެއްތަ ކަލެއަށް ލިބިގެން ތިއުޅެނީ، މިއޮށް އުޅޭ ނާސި އަންހެނާ” ރީމް އައިސްފައިވާ ގަދަ ރުޅީގައި ކިޔޭ ނުކިޔޭ އެއްޗެއް ނޭނގުނެވެ.
ޔާނާއަށް ހުރެވުނީ ހައިރާންކަން ލިބުނުވަރުން ދެލޯ ބޮޑުކޮށްލައިގެންނެވެ. އޭނާއާ ދިމާއަށް ދުވަހަކުވެސް މީހަކު އެފަދަ ހަޑިގޮތަކަށް އެއްޗެހިކިޔާފައެއް ނުވެއެވެ. އަދި ހަމަ އެހެންމެ އީމަން ކުރިމަތީގައި އެފަދަ ލަފުޒުތަކަކުން އޭނާއާ މުޚާތަބުކުރެވުމުން ލަދުގަތެވެ.
“ރީމް! ދެޓްސް އިޓް! ސްޓޮޕް އިޓް ނައު” އީމަން ހަރުކަށި ގޮތެއްގައި ބުނެލިއެވެ.
“ނޫން މާން. އަހަރެން ނުހުއްޓާނަން. އަހަރެންނާ އެއްކޮށް ކުރަން ކަމުނުދިޔަ ކަމެއް މާންއަށް މީނަޔާއެކީ ކުރަން ކެރުނީ ކިއްވެ؟ މާންއަށް ނޭނގުނަސް އަހަންނަށް މިކަހަލަ މީހުން އެނގޭ. ބޮޑުހެދުމެއްގެ ތެރެއަށް އެރި ތިބެ އެހެންމީހުންނަށް ތިމަންނައަށް ވުރެ މާތް މީހަކު ނެތްކަމުގައި ދައްކައި އެ މަޅީގައި ޖައްސަން މަސައްކަތް ކުރާނެ. އެމީހުންނަށް ލިބިފައިވާ ތަޖުރިބާ ބޭނުންކޮށްގެން ކިތަންމެ އަޒުމް ވަރުގަދަ މީހެއްގެވެސް ފައި ކައްސުވައިލަފާނެ. ކީއްކުރަން އޭނަ ދައްކާ ވާހަކަ ތައް އަޑު އަހަނީ. ދީސް ބިޗަސް ޖަސްޓް ވޯންޓް ދެއަރ….” ރީމްގެ ޖުމުލަތަކަށް ހުއްޓުމެއް އައީ އީމަން ރީމްގެ ކުރިމައްޗަށް އަރައި ހުއްޓި އިންޒާރު ދިނުމުގެ ގޮތުން ދިއްކޮށްލި އިނގިލީގެ ސަބަބުންނެވެ.
“ހާލިދުބެގެ ދަރިފުޅު ނޫން އެހެން މީހެއްގެ ދުލުން ތިފަދަ ބަސްތަކެއް ޔާނާއާ މެދު ނިކުތްނަމަ އަހަރެން އެމީހެއްގެ އަނގަވެސް ނުބަހައްޓާންނަ. ހަނދާންކުރާތި. ދެވަނަ ދުވަހަކު ޔާނާއާ ތިފަދަ ލަފުޒު ތަކަކުން މުހާތަބު ކޮށްގެން ނުވާނެ. ވަރަށް ކެތްކޮށްގެން މިހުރީ އަތް އިސްނުކުރަން. އަހަރެންނަށް މަޖުބޫރު ނުކުރުވާތި!” އީމަން ދިނީ ގަދަފަދަ އިންޒާރެކެވެ. ރީމްގެ ހަށިގަނޑު ފިނިވިއެވެ. އީމަން މިގޮތަށް މިއުޅެނީ ކީއްވެގެން ބާއޭ ހިތް ބުނަމުން ދިޔައެވެ. އޭނާއާ މިއަންހެން ކުއްޖާއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ހިލޭ ގުޅުމެއް އޮތީ ހެއްޔެވެ؟ އީމަންއަކީ އެއްދުވަހެއްގައިވެސް މިފަދަ ދަށްފެންވަރެއްގައި އުޅުނު މީހެއް ނޫނެވެ.
އީމަން ދޮރުން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ރީމް ބަލަހައްޓައިގެން ހުރިއެވެ.
“ކީއްވެ؟ ކީއްވެ އެއްޗެހި ނުކިޔަންވީ އޭނަޔާ ދިމާއަށް؟. އަހަރެންގެ ފިރިމީހާގެ ފަރާތުން އަހަންނަށްވެސް ނުލިބޭ އުފާތައް އޭނަ ހިލޭ އަންހެނެއްގެ ގޮތުގައި ހުރެ ހޯދަމުން ދާއިރު ކީއްވެ އަހަރެން ޝަކުވާ ނުކުރަންވީ؟ އަހަރެން ޖަވާބު ބޭނުން!” ރީމް ރޮވިފައި ހުރެ ބާރަށް ވާހަކަ ދައްކަމުން ދިޔައެވެ. އީމަން ހުއްޓި އެނބުރިލިއެވެ. އަދި ރީމްއާ ދިމާއަށް ހިނގައިގަތެވެ.
ރީމްގެ މޭގަނޑު ބާރަށް ތެޅިގަތެވެ. ރީމްގެ މޫނުމަތިން ޖެހިލުންވުމުގެ އަސަރު އީމަންއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ތަންކޮޅެއް މަޑުމައިތިރިކޮށް ވާހަކަ ދެއްކިއެވެ.
“ރީމް! އެއީ ރީމް ތިޔަ ހީކުރާކަހަލަ ކުއްޖެއް ނޫން. ރީމްގެ ދުލުން ދެންމެ ޔަނާއަށްޓަކައި ނިކުތް ބަސްތަކަކީ ޔާނާއަށް ހައްޤު ބަސްތަކެއް ނޫން. އެހެންނޫނަސް އެއީ އަހަރުމެން އިންސާނުން އެކަކު އަނެކަކާ މުޚާތަބުކުރަން އެކަށީގެންވާ ގޮތެއް ނޫނެއްނު ދޯ؟” އީމަން އޯގާތެރި ކަމާއެކީގައި ރީމްއާ ވާހަކަ ދައްކަމުން ދިޔައެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު ދުލަށް އައިހާ އެއްޗެއް ގޮވުމަކީ ރީމްގެ މިޒާޖެވެ.
“އަނެއްކާ ރީމްއަކީ މީގެ ކުރިން އަހަރެންގެ ފަރާތުން އުފަލާ ލޯބި ލިބުމަށް އެދުނު މީހެއް ނޫން. އަހަރެން ބީހިފަ ހުންނަ އެއްޗެއްގަ ޖެހެންވެސް ރީމް ފަކުރު ގަނެގެން އުޅުނު ހަނދާން އަހަރެން އެބަހުރި. ދެން މިއަދު ކޮން ކަމެއް ތިއީ؟ އަމިއްލައަށް ބޭޒާރުވާން ނޫޅުނިއްޔާ ރަނގަޅުވާނީ!” އީމަންގެ ޖުމުލަތަކުން ރީމް ލަދުގަންނަ ގޮތްވިއެވެ. އެހެންކަމުން އިސް ޖަހާލިއެވެ. އީމަން އަދިވެސް އެ ހުރިހާކަމެއް ހަނދާން އެބަހުރިކަން އެނގުމުން ރީމް ދެރަވިއެވެ.
މެންދުރުގެ ހޫނުގަދަ ވަގުތެވެ. ސައުދިއްޔާއާ ޝަކީބު ތިބީ ސިޓިންރޫމުގައި އޮލަ ވާހަކައެއްގައެވެ. ބަދިގެ ތެރޭގައި އުޅުނު ޖާހަތު ބޭރަށް ނިކުތް ގަޑީގައި އެވާހަކަތަކަށް ސަމާލުކަން ދެވުނީ އާއިޒުގެ ނަން އިވުމުންނެވެ. ޝަކީބު ދައްކަމުން ދިޔައީ އޮފީސްމީހުންގެ އެދުމަށް އާއިޒު ކެއުމެއް ބޭއްވުމަށް ދެކޮޅު ހެދިވާހަކައެވެ. ޖާހަތު ވިސްނާލިއެވެ. މޫނު މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.
އިރުއޮއްސި އަނދިރިވިއިރުވެސް އާއިޒު ގެއަށް ދާކަށް ބޭނުމެއް ނުވިއެވެ. ގެއަށް ދާން ބޭނުން ނުވަނީއެއްނޫނެވެ. ޖާހަތު ފެންނަ ހިސާބަށް ދާހިތްނުވަނީއެވެ. ސައުދިއްޔާ އާއި ޝަކީބު ހުޅުމާލެއަށް ދިޔުމުން އެދިމާލު ތޮށިގަނޑުމަތީގައި އިށީނދެލައިގެން އިން ގޮތަށް އިނދެވުނީއެވެ. އަށްގަޑި ބައިވެގެން ދިޔުމުން އެތަނުން ތެދުވީ ބަނޑުހައިކަންވެސް އިހުސާސް ކުރެވުމުގެ ސަބަބުންނެވެ.
ގެއަށް ވަދެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް ޓެރަސް މަތިން ހުނުމުގެ އަޑާއި ވާހަކަ ދައްކާ އަޑު ވަރަށް ބާރަށް އިވެމުން ދިޔުމުން އެކަމަށް ސަމާލުކަން ހުއްޓުނެވެ. މަޑުމަޑުން އެދިމާއަށް ހިނގައިގަތެވެ. ޓެރަހަށް އެރުމާއެކީ އާއިޒުއަށް ދިޔައީ ހައިރާންކަން ލިބިގެންނެވެ. އާއިޒު އޮފީހުގެ ހުރިހާ މުވައްޒަފުން ތިއްބެވެ. އެންމެން ތިބީ އަނގުރު އަލިފާންމަތީގައި ފިހެވެމުންދާ ކުކުޅުފައި ތަކަށާއި، ސޮސެޖުތަކަށް ދަހިވެފައެވެ. ޖާހަތު ތައްޔާރުކޮށްފައިވާ ލޮނުމިރުސްގަނޑުގެ ވަހުން ޖައްވުގައިވަނީ ކުޅު ދިޔާވާފަދަ މީރުވަހެއް އެކުލެވިފައެވެ.
“އަނހަ! މިއައީނު އާއިޒު! ހާދަ ލަހުންނޭ. އެންމެންނަށް ދައުވަތުދީފަ އެންމެ ލަހުން ތިއައީ!” ފިރިހެން މުވައްޒަފެއް ޝަކުވާ ކޮށްލިއެވެ.
“އާނ! އެކަމަކުވެސް ވަރަށް ސަޕްރައިޒިން! އަހަރުމެން ހީކުރީ އާއިޒު އެއްވެސްކަމެއް ނުބާއްވާނެކަމަށް، އެކަމަކު މި ބާބަކިޔު ހަމަ ވަރަށް ސަޅި!” އަންހެން މުވައްޒަފެއް ބުނެލިއެވެ. އެކި މީހުންގެ ދުލުން ބާބަކިޔުއަށް ތަޢުރީފު އޮހެމުން ދިޔައެވެ. އެންމެންވެސް ދެއްކީ ޖާހަތުގެ އެކުވެރި މިޒާޖުގެ ވާހަކައެވެ. އެންމެންނާ ގުޅޭ ހިތްހެޔޮ ކުއްޖެއްކަމުގައި އެއްބަޔަކު ބުނަމުން ދިޔައިރު އަނެއް ބަޔަކު ދައްކަމުން ދިޔައީ ބާބަކިޔު ތައްޔާރުކޮށްފައިވާ ފުރިހަމަ ކަމުގެ ވާހަކަ އެވެ. އަދި އެދެމީހުން ވެސް އެކަކު އަނެކަކާ ގުޅޭ ވާހަކައާ ދުވަހަކުވެސް ވަކި ނުވާނޭހެން އަބަދުމެ އެކީ އުޅުމުގެ ނަސީބު މިންވަރުކޮށްދޭތޯ ދުޢާވެސް ކުރެވެމުން ދިޔައެވެ.
މި ހުރިހާ އަޑުތަކެއް އަހަން ޖާހަތު ބާބަކިޔު އަލިފާންގަނޑުގެ ކައިރީގައި އިނީ ހިނި އައިސްފައެވެ. އާއިޒުއަށް ބަލާލެވުނު ވަގުތު ޖާހަތުގެ މޫނުމަތިން ފެނުނު ފަޚްރުވެރިކަމާއި ފޮނިކަމުން އެތެރެހަށި އަނދައިގެން ނުދިޔައީ ކިރިޔާއެވެ. އޭނާ ސާބިތުކޮށްދޭން މިއުޅެނީ ކޮން ކަމެއް ހެއްޔެވެ؟ މީހުންނަށް ދައްކަން މިއުޅެނީ ކޮން މަންޒަރެއް ހެއްޔެވެ؟
އާއިޒު އެނބުރި ދާން ހިނގައިގަތެވެ. އޭނާ މިރޭ ކޮންމެ ހެންވެސް ބޭރަށް ދާން އެބަ ޖެހެއެވެ. ވަރަށް މުހިންމު ކަމެއްގައެވެ. ނަމަވެސް އޮފީސް މުވައްޒަފުންގެ އެދުމާ ދެކޮޅު ހަދާކަށް ނުކެރުނެވެ. އެމީހުންގެ ތެރޭގައި ބައްޕަގެ ވަރަށް ގާތް ބިޒްނަސް ފްރެންޑުންވެސް ހިމެނޭތީއެވެ. މިހުރިހާ ކަމެއް އެނގިހުރެ ޖާހަތު މިރޭ މިބާބަކިޔު ރޭވީ އޭނާއަށް ޖެއްސުމަކަށްކަން ޔަޤީނެވެ. އާއިޒު ދިޔައީ ހައްތާ ރުޅި ގަދަ ވަމުންނެވެ.
ހަލަބޮލި ވަގުތު ތަކަކަށްފަހު އެންމެން މަޑުމަޑުން ދާންފެށި އެވެ. ބާބަކިޔުގެ މީރު ވާހަކަ ފިޔަވައި އެހެން އެއްވެސް އަޑެއް މާހައުލުގައި ނުވާފަދައެވެ. އާއިޒުވެސް އަވަސްއަވަހަށް ތިރިއަށް ފައިބަން ދިޔައެވެ. ނަމަވެސް ހުއްޓުން އެރީ ޖާހަތުއާ އޮފީސް ސްޓާފަކާ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތައް އަޑު އިވުމުންނެވެ.
“އާނ! ކިހިނެއް އެހެންވާނީ؟ އަހަރެން ބޭނުންވީ ބާބަކިޔު އެއް! ދެން ކޮންމެ ގޮތެއް ވިޔަސް އަހަރެން ބޭނުންވި ގޮތަކަށެއްނު ކަން ނިމިފަ މިއޮތީ” ޖާހަތު ހީހީފައި ދައްކަމުން ދިޔައީ އާއިޒު ބޭނުން ނުވިއިރުވެސް އެހާ ފުރިހަމަ ކޮށް ކައިވެނީގެ އުފާ ފާހަގަ ކުރެވުނު ވާހަކައެވެ. ޖާހަތުގެ ވާހަކަ ތަކުން އޭނާގެ ނުފޫޒުގަދަ ވާހަކަ ހާމަވެއެވެ.
ޖާހަތު މިހުރިހާ ވާހަކަތަކެއް ދައްކަމުން ދިޔައީ ދުރުގައި އަޑުއަހަން ހުރި އާއިޒުއަށް އިއްވުމަށެވެ. އާއިޒު ރުޅި ގަދަވެފައި އޭނާއަށް ބަލަން ހުއްޓެވެ. ޖާހަތު ކައިރީގައި ހުރި މީހާ ދިޔުމުން ޖާހަތުވެސް ތިރިއަށް ފޭބުމަށް ހިނގައިގަތެވެ. ފޮނި ހިނިތުންވުމެއް ތުންފަތުގައި ވެރިވެފައިވާއިރު ފަރި ގޮތަކަށް ހިނގާލާފައި ގޮސް އާއިޒު ހުރަސްކޮށްލި ހިނދު އާއިޒުގެ ރުޅި ގަނޑު ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވިއެވެ.
“ހިތުން ވަރަށް މޮޅު ކަމެއް ދޯ ތިކޮށްލީ؟” އާއިޒު ސުވާލުކޮށްލިއެވެ.
“އެހެންތަ؟ ހަމަ މޮޅުތަ؟ އަހަރެން ހީކުރީ……” ޖާހަތު ހަމަ ޖެހިލާފައި ބުނަމުން ދިޔަ ޖުމުލަ މެދު ކަނޑާލީ އާއިޒުގެ ވާހަކަ ތަކެވެ.
“ބުނަން ޖާހަތު! މާ ހުޝިޔާރުވާން ނޫޅޭތި. މަވެސް ޖާހަތުއަކާ ނުބެހެމެއްނު. އެހެންވީއިރު ޖާހަތު ކީއްކުރަން އަހަރެންނަށް ޖެއްސުންކޮށް އަހަރެންގެ މަގަށް ހުރަސް އަޅަނީ؟” އާއިޒު ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ.
“އަހަރެން ޖެއްސުމެއް ނުކުރަން. އެހެން ނޫނަސް އަހަރެންވެސް އަހަރެންގެ ކައިވެނީގެ އުފާ ފާހަގަ ކުރަން ބޭނުންވާނެ އެއްނު!” ޖާހަތު ޖަވާބުގައި ބުނެލިއެވެ. އާއިޒުއަށް އެއީ ދޮގުކަން ކަނޑައެޅިގެން އެނގެއެވެ.
“ބުނަން! އަހަރެން ނޫޅެން ކައިވެނީގެ މިކުޅިގަނޑެއް ކުޅޭކަށް. ވަރަށް ރީތި ގޮތުގަ ޖާހަތުކައިރީ މިބުނަނީ. ހަޤީޤަތާ ކުރިމަތިލައިގެން ރީތިގޮތުގަ ހުރޭ. ނޫނީ އަހަރެންގެ އަތުންފައިން ގޯހެއް ހެދިދާނެ.” އާއިޒު ހަރުކަށި ގޮތްގަނޑަކާއެކީ ބުނެލިއެވެ.
“މިހާރު ކޮބާތަ މައްސަލައަކީ؟ އަނެއްކާ މުހިންމު ތަނަކަށް ދާންވެފަތަ އޮތީ؟” ޖާހަތު ޖެއްސުމުގެ ރާގެއްގައި ސުވާލުކޮށްލިއެވެ.
އާއިޒު އައިރުޅީގައި އެތަނުގައި ހުރި ޑަސްބިން ފައިން ޖަހައިހޫރާލިއެވެ. އަޑުފަށްގަނޑާ ހެދި ޖާހަތު ދެލޯމަރާލިއެވެ. އަދި އާއިޒު ދިޔަތަން ބަލަން އިނީ ހިނި އައިސްފައެވެ. ނަމަވެސް މޫނު މަތީގައިވި ހިނިތުންވުން ފޭދިގެން ދިޔައީ ޓެރަހަށް އަރައިގެން އައި ސައުދިއްޔާ ފެނުމުންނެވެ. އެތަނުގައި ހިނގައި ދިޔަ ހުރިހާކަމެއް ސައުދިއްޔާއަށް އެނގޭކަން މޫނުމަތިން ހާމަވެއެވެ.
ޔާނާގެ ހަޤީޤަތް ނޭނގުނު ނަމަވެސް އީމަންއާ ގާތް ގުޅުމެއް އޮންނަކަން އެނގުމުން ރީމްގެ ހިތުގައި ޔާނާގެ މައްޗަށް ނަފުރަތު އުފެދިގެން ދިޔައެވެ. އަދި ރީމްއަށް ވުރެ ގާތްކޮށް ޔާނާއާ މެދު ކަންތައް ކުރަމުން ދާތަން ފެނި ހިތުގައި ހަސަދަވެރިކަން އުފެދިގެން ދިޔައެވެ. އީމަން ކައިރީ ޝަކުވާކުރަން ޖެހިލުންވަނީ ރީމްއަށް ކުރިން ކަންތައްކުރެވިފައިވާ ގޮތުންނެވެ.
ރީމް އީމަން ހާސިލުކުރަން ބޭނުމެވެ. އީމަންގެ ލޯބި ކާމިޔާބުކުރަން ބޭނުމެވެ. އެހެންކަމުން ޔާނާގެ ހަޤީޤަތް ހޯދަން ރީމް ނިންމިއެވެ. އީމަންއާ ޔާނާއާ އޮންނަނީ ކޮން ގުޅުމެއްތޯ ބަލަން މަސައްކަތްކުރަން ފެށިއެވެ.
“ކޮންމެ ގުޅުމެއް އޮތްކަމުގައިވިޔަސް އެ އަންހެނާ ޖެހޭނީ އީމަންގެ ހަޔާތުން ދުރަށްދާން.” ރީމް ވާހަކަ ދައްކަމުން ދިޔައީ ޝަކީލާ އާއެވެ. އެ ދުވަހު އީމަންގެ ކޮޓަރި ތެރެއިން ފެނުނު މަންޒަރު ރީމް ޝަކީލާއަށް ކިޔައިދިނެވެ.
“ނަމަ ނަމަ އީމަން ރުޅި އަންނަކަހަލަ ކަމެއް ނުކުރާތި! އެހެންނޫންނަމަ އަހަރުމެން ތިބެން ޖެހޭނީ ބޯހިޔަލެއް ނެތިފަ” ޝަކީލާ ފިކުރުބޮޑުވީ އެގެއިން ނިކުންނަން ޖެހިދާނެތީއެވެ. ރީމްގެ ނަން މައްޗަށް ރީމްގެ ބައްޕަގެ ވިޔަފާރި ބަދަލުކޮށް މާގިނަ ދުވަހެއް ނުވެ މުޅި ވިޔަފާރި ބަނގުރޫޓުވެގެން ދިޔައީއެވެ. މިހާރު އެދެމައިން އުޅެމުން އެދަނީ އީމަންގެ ހިޔާވަހިކަމުގައެވެ. ކުރިން ކިތަންމެ ވަރެއް އީމަންއަށް ދައްކާލިނަމަވެސް މިހާރު ޝަކީލާއަށްވެސް އީމަންކުރިމަތީގައި މާ ގިނަ ވާހަކަ ތަކެއް ދައްކާކަށް ނުކެރެއެވެ. އީމަންގެ އުޅުމުގައި ހުންނަ ހަރުދަނާ ގޮތެއްގެ ސަބަބުން ފަސްޖެހެވެނީއެވެ.
“ސާބަސް މަންމައަށް! މާންއަށް ނުކެރޭނެ އަހަރެންނަށް ދެރަ ގޮތެއް ހަދާކަށް. އެއަށްވުރެ ބައްޕަގެ ވަސިއްޔަތުގައި ވެސް ވަރު ހުންނާނެ.” ރީމް ހީގަންނަމުން ބުނެލިއެވެ.
“އެއީ އެއްނޫން އަހަރެން ބޭނުންވާ ކަމަކީ. އަހަރެން މިހާރު ބޭނުމީ މާންގެ ލޯބި ހާސިލުކުރަން.” ރީމް ތެދުވެގެން ގޮސް ކުޑަ ދޮރުކައިރީގައި ހުއްޓެލިއެވެ. ރީމްގެ ހިތުގައި އީމަންގެ ލޯބި ހާސިލުކުރުމުގެ ވާދަވެރި ރޫހު އަށަގެންފައި ވަނި އިންތިހާއަށެވެ. އަދި ހާއްސަކޮށް ޔާނާއާއި އީމަން އެފަދަ ގައިގޯޅި ގޮތަކަށް ފެނުނު ފަހުން ހަސަދައިގެ ހުޅުގަނޑުވެސް ވަނީ އުފެދިފައެވެ.
“އަހަރެން ބޭނުން އެއަންހެނާގެ ހަޤީޤަތްވެސް ހޯދަން. މާން ކިތަންމެ ސިއްރުކުރަން އުޅުނަސް އަހަރެން ހަޤީޤަތް ބަލާނަން.” ބޭރުގައި ހެދިފައިވާ ބަގީޗާ ގަސްތަކަށް ބަލަން އިނދެ ރީމް ހިތުގައިވާ ޝުޢޫރުތައް ލަފުޒުތަކެއްގެ ގޮތުގައި ބޭރު ކުރަމުން ދިޔައެވެ.
ޝަކީލާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. ރީމް ބޭނުންވާ ކަމެއް ކުރުމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަމުގެ އިންޒާރު ހިތްދޭން ފެށިއެވެ. އެހެންކަމުން ރީމްގެ ހަރަކާތްކަށް އަބަދުވެސް ސަމާލުކަން ދޭން ފެށިއެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. ރީމް އިނީ ސިޓިން ރޫމުގައެވެ. ހަވީރު ސަޔަށް ފަހު ޔާނާ ބަދިގެތެރޭގައި އުޅެމުން ދެއެވެ. ޝަކީލާ އިނީ ޝަކީލާގެ ބޭބެ ކައިރީގައި އެކޮޓަރީއެވެ.
ޔާނާ ބަދިގޭގެ މަސައްކަތް ނިންމާލުމަށްފަހު ނިކުތީ ބަގީޗާއަށެވެ. އީމަން މިއަދު އޮފީހުގައި ވަރަށް ބުރަކޮށް އުޅެން ޖެހުމުން ހަވީރުވީ އިރުވެސް ގެއަށް އާދެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ޔާނާއަށް މިއަދު ހާމިޒާ ކައިރިއަށް ދެވޭ ގޮތެއް ނުވިއެވެ.
ޔާނާ ބޭރަށް ނިކުތްތަން ފެނި ރީމް ކުއްލިއަކަށް ތެދުވިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޔާނާ އުޅޭ ކޮޓަރިއަށް ވަނެވެ.
“އަހަރެންނަށް އެނގޭ ތީ މަރީނާގެ ކޮއްކޮއެއް ނޫންކަން. އަދި މާން އާ ކޮންމެވެސް ކަހަލަ ގުޅުމެއް އެ ބަ އޮތްކަން. އަހަރެންނަށް ވުރެ ހުށިޔާރެއް ނުވެވޭނެ.” ރީމް ހިތުތެރެއިން ވާހަކަ ދައްކަމުން ގޮސް ހުޅުވީ ޔާނާގެ އަލަމާރިއެވެ. އެފުށް މިފުށަށް ޖެހިއިރުވެސް ރީމް ބޭނުންވެގެން އުޅޭ އެއްޗެއް ނުފެނުނެވެ. އެނދު ގޮދަޑި ދަށްވެސް ބެލިއެވެ. ނަމަވެސް ނުފެނުނެވެ.
ބޭރަށް ނުކުންނަށް ހިނގައި ގަތްވަގުތު ލޮލުގައި އަޅައިގަތީ އަލަމާރި މަތީގައި ހުރި އަތް ދަބަހެވެ. ރީމް ހަނދާނަށް އައީ އީމަންއާ ޔާނާއާ އެކުއެކީގައ ބޭރުން އަންނައިރު ޔާނާގެ ކޮނޑުގައި އެދަބަސް އޮންނަ ހަނދާނެވެ.
“ނޭނގެ ކޮންތަނަކަށް ކަމެއްވެސް ކޮންމެ ދުވަހަކަ މާން ގޮވައިގެން އެދަނީ. ހާދަހާ ނުފޫޒު ގަދަ އަންހެނެކޭ.” ރީމް ކުދި ކިޔަމުން ގޮސް އެ ދަބަސް ނަގައިގެން ހުޅުވާލިއެވެ. އަދި ދަބަސް ތެރެ ހާވާލިއެވެ.
ދަބަސްތެރެއިން ފެނުނު ލިޔުންތަކުން ރީމްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. މޭގަނޑު ނިކުމެގެން އަނގަޔަށް ނައީ ހަމަ ކިރިޔާހެން ހީވިއެވެ.
ޔާނާ ގޭތެރަށް ވަދެގެން އައިސް ބަދިގެއާ އަރާ ހަމަވަނީ އެވެ. ރީމް ވައިރޯޅިއެއްހެން ޔާނާގެ ކޮޓަރިން ނިކުތްވަގުތު ޔާނާ ފެނުނެވެ.
“ޔާނާ!” ރީމް އަޑުގެ ނެތްތަނަށް ގޮވާލިއެވެ. ކޮޓަރިން ނިކުމެގެން އައިސް އައިސް ހުރި ޝަކީލާއަށްވެސް ހައިރާންކަން ލިބި ބަލައިލެވުނެވެ.
ޔާނާ ސިހިފައި ފަހަތަށް އެނބުރުނެވެ.
“މަންމާ! އަހަރެން ބުނީމެއްނު މިއީ މަރީނާއަކާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫނޭ!” ރީމް ޔާނާއާ ދިމާއަށް ހިގައިގަންނަމުން ޝަކީލާއަށް ބުނެލިއެވެ.
“ޔާނާއޭ؟” ޝަކީލާ ސުވާލުކޮށްލިއެވެ.
“އާނ! މީނައަށް ކިޔަނީ އެހެން! ޔާނާ. މާންގެ ދެވަނަ އަނބި” ރީމް ޔާނާގެ ކުރިމަތީ ހުއްޓި ހަށަން ބަނދެލަމުން ބުނެލި ޖުމުލައިން ޔާނާގެވެސް ދެލޯ ބޮޑުވެގެން ދިޔައެވެ. ރީމްއަށް ހަޤީޤަތް އެނގުނީއެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ. އީމުއެވެ. އަވަހަށް ގެއަށް އަންނާށެވެ.
ޔާނާ ހިތުތެރެއިން އީމަންއަށް ގޮވަމުން ދިޔައެވެ. ޝަކީލާ އާއި ރީމް ޔާނާގެ ކުރިމަތީގައި އައިސް ހުއްޓި ތިބި އިރު ހީވަނީ ޝިކާރަވެރިޔާއަށް ޝިކާރަ ލިބުމުން އެއަށް ބަލަހައްޓައިގެން ތިބީ ހެންނެވެ.
އީމަންއަށް އެރޭ ގެއަށް އާދެވުނު އިރު ޔާނާއާއި ރީމްގެ އިތުރުން ޝަކީލާއާއި އޭނާގެ ބޮޑުބޭބެ ތިބީ ސިޓިން ރޫމުގައެވެ. ޔާނާ ހުރީ ސިޓިންރޫމު މެދުގައި ކޮޅަށެވެ. ހީވަނީ ކުށްވެރިވެގެން އެތަނުގައި ބަހައްޓާފައި ހުރީހެންނެވެ. ޔާނާގެ މުޅި ގައިން ވަނީ އޮށްދާ ހިއްލާފައެވެ.
އީމަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
2 Comments!
Comments are closed.
ވ ރީތި
އޯސަމް 🙂