Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނިމިދާނެ ޖާނާ ހިތާ 3

Marsha
February 24, 2016
7 Mins Read
66 Views
8 Comments

ބައިގަޑިއެއްހާ އިރު ފަހުން ނަޒްލާ ނިކުތް އިރު ޔުމްނާއާ އަސްމާވެސް ކާމޭޒު ދޮށުގައި ތިއްބެވެ.

“ހެޕީ ބަރތްޑޭ ނަޒޫ” ނަޒްލާ ފެނުމުން އަސްމާއާ ޔުމްނާ އެކީ ބުންޏެވެ.

“ނޫޅެން… ރޭގަ ކީށްވެ ނުގުޅީ؟” ނަޒްލާ ރުޅި އައި ކަމަށް ހަދާފައި ބުންޏެވެ.

“ރޭގަ ނުގުޅުނީއޭ… ދެން ބޮޑާ ނަހާކާ ތެންކްޔޫ އޭ ބުނެބަލަ! ހަދިޔާވެސް ހިފައިގެންނޭ މިއައީ” އަސްމާ ބުންޏެވެ. އަދި ޔުމްނާއާ ދެމީހުން އެކީ ސޯފާއާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. ނަޒްލާ އެދިމާއަށް ބަލާލާފައި ހަޅޭ ލަވައިގަތެވެ.

“ސާބަސް! އަދިވެސް އެކަހަލަ ހަދިޔާތަ ނަޒޫއަށް ތިދެނީ؟” ހީގެންފައި ނަދީމް އަހާލިއެވެ.

ނަޒްލާ ދުވެފައި ގޮސް ސޯފާގައި އިން ބޮޑު ބެއަރ ނަގާ އުރާލިއެވެ.

“މި ކިހިނެއްތަ ވީ؟” ނަޒްލާ ނަދީމްއާ ދިމާއަށް ވައްތަރެއް ޖައްސާލާފައި އެހިއެވެ.

“ދެން ސަކަރާތް ނުޖަހާ ސައި ބޯން އާދޭ” ނައީމާ ގޮވާލިއެވެ.

ނަޒްލާ އައިސް ގޮނޑީގައި އިށީނެވެ.

“މަންމައާ ބައްޕަގެ ހަދިޔާ ކޮބާ؟” ނަޒްލާ އަހާލިއެވެ.

“އެތާ ވާނެ އެވެސް” ހަދިޔާ ތަކާ ދިމާއަށް އަތް ދިއްކޮއްލަމުން ސައީދު ބުންޏެވެ.

“ޝުކުރިއްޔާ މަންމައާ ބައްޕައަށް… ސިމީއާ ޔުމްއަށްވެސް” ނަޒްލާ ބުންޏެވެ.

“ކޮބާ…! އަހަރުމެން ނުވިއެއްނު އެކައްޗަކަށްވެސް ދޯ؟ ޝުކުރެއްވެސް އަހަރުމެންނަކަށް ނެތް…” ނިހާގެ ކޮނޑުގައި އަތް އަޅުވާލަމުން ނަދީމް ބުނެލިއެވެ.

“ދޮންބެއަށާ ނިނީއަށް ވެސް ތޭންކްސް” ނަޒްލާ ބުންޏެވެ.

“އާދޭސް ކޮށްގެން ދޯ ދޮންބޭ؟ ދެން އަންނަ އަހަރު ދޮންތަގެ ބަރތްޑޭގަ އަހަރުމެން ހަދިޔާ ދޭނީވެސް ހަމަ ތިހެން ދޯ ދޮންބޭ؟” ނިހާ ނަޒްލާއަށް ޖެއްސުން ކޮށްލިއެވެ.

“ޔަގީންތާ!” ނަދީމް ބުންޏެވެ. އެއާ އެކު ނަޒްލާ ތެދުވެގެން ނަދީމްއާ ދިމާއަށް ދުއްވައިގަތެވެ. ނަދީމްއާ ނިހާވެސް ނަޒްލާގެ އަތުގައި ނުޖެހެން ވެގެން ދުވަން ފެށިއެވެ.

“ސާބަސް… ކުޑަ ކުދިން ތަކެއްތަ ތީ؟ ސައި ބޯން އިށީނދޭ ދެން” އެމަންޒަރު ބަލަން ހެވިފައި އިރުކޮޅަކު އިނދެފައި ނައީމާ ބުންޏެވެ.

އެންމެން އެކީ ސައި ބޮއެގެން ނަޒްލާ އަސްމާއާ ޔުމްނާއާ އެކު ކޮޓަރިއަށް ވަނެވެ.

“އަދި އެއް ހަދިޔާ އޮންނާނެ މިރޭ އިނގޭ ނަޒޫ” ޔުމްނާއާ ދިމާއަށް އެއްލޯ މަރާލާފައި އަސްމާ ބުންޏެވެ.

“މިރޭ ކޮން ކަމެއް އޮތީ؟” ނަޒްލާ އަހާލިއެވެ.

“އެއީ ސަޕްރައިޒްއެއް، މިހާރަކު ނުބުނެވޭނެ. މިރޭ ވަން ދެން ކެތްކޮށްލާ” ޔުމްނާ ބުންޏެވެ.

“އެހެން ވިއްޔާ ކީށްކުރަން މިހާރު ބުނީ؟” ނަޒްލާ އެހިއެވެ.

“އޭރުންނެއްނު މިރޭ ވަންދެން ނަޒޫ އެކަމާ ވިސްނާނީ” އަސްމާ ބުންޏެވެ.

“ހާދަ ގޯހޭ…” ނަޒްލާ ބުނެލިއެވެ.

“ދެން ހިނގާބަލަ މި އެއްޗެހިތައް ކަނޑަން” އަސްމާ ބުންޏެވެ.

“ކޮބާ ނިނީ؟ އެދޮންބެ ގަނޑު ނާންނަނީސް ކަނޑަން ފަށައިފިއްޔާ ކާލަފާނެ…” ނަޒްލާ އެހެން ބުނި އިރަށް ދޮރު ހުޅުވާލާފައި ނަދީމްއާ ނިހާ ވަނެވެ.

“ޔަގީނޭ ދޮންބެއާ ދިމާއަށް އެއްޗެހި ކިޔަނީކަން…” ނަދީމް ބުނެލިއެވެ.

“ކިޔާނެއެއްނު؟ އެހާ ލަހުން ތިއައީ ކޮންތާކުންތަ؟” ނަޒްލާ ޓައިލްސްތައް މަތީ އިށީނދެފައި އެހިއެވެ.

“މި ގަނެގެން މިއައީ…” ފަހަރަކު މީހަކަށް ކިއްލިއެއް އެއްލާފައި ނަދީމް ޔުމްނާ ކައިރީ އިށީނެވެ.

“ފުރަތަމަ ކަނޑާނީ ދޮންބެގެ ހަދިޔާ، ކޮބާ މިތަނުން؟” ނަޒްލާ އެއްޗެހިތައް ހާވާލިއެވެ. ނަދީމް އެތަނުން އެކަތި ނަގާ ނަޒްލާ އަތަށް ދިނެވެ. ނަޒްލާ އަވަސް އަވަހަށް އެ ފޮށި ކަނޑާލާފައި ބަލާލިއެވެ.

“ފޯނެއް…” ނަޒްލާއަށް ބުނެވުނެވެ.

“ރަނގަޅުތަ؟” ނަދީމް އެހިއެވެ.

“ރަނގަޅެއް ނޫން… އެކަމަކު ދެން އޯކޭ…” ފޯން ނަގާ ބަލާލާފައި ނަޒްލާ ނަދީމްއަށް ޖެއްސުން ކޮށްލުމަށް ބުނެލިއެވެ.

“އެހެން ވިއްޔާ ގެނޭ…” ނަޒްލާ އަތުން ފޯން އަތުލާފައި ނަދީމް ބުންޏެވެ.

“ނޫނެކޭ ރަނގަޅޭ…” ހެމުން ނަޒްލާ ނަދީމް އަތުން ފޯން ނަގަން އުޅުނެވެ.

ހުރިހާ އެއްޗެހިތައް ކަނޑާ ނިމުމުން ނަދީމް ދިޔައެވެ.

“ކޮން ސަޕްރައިޒްއެއްތަ މިރޭ އޮތީ؟” ނަޒްލާ އަސްމާއާ ސުވާލު ކޮށްލިއެވެ.

“ބުނެފީމެއްނު މިރޭ ވަންދެން މަޑު ކުރާށޭ” އަސްމާ ބުންޏެވެ.

“އަޅެ ހިންޓެއް ދީބަ.. ޕްލީޒް…” ނަޒްލާ ބުންޏެވެ.

“ތިއުޅެނީ ސަޕްރައިޒް ފަނި ކުރަން ވެގެން… ޔަގީނުންވެސް ނަޒޫ ނޫނެކޭ ނުބުނާނެ އެއަކަށް… ދެން ކެތް ކޮށްލަބަލަ” ޔުމްނާ ބުނެލިއެވެ.

“އަންނާނަން އެއިޓް ވާއިރު ނަޒޫ ބަލާ، ރެޑީ ވެގެން ހުންނާތި އިނގޭ” އަސްމާ ބުންޏެވެ.

 

ޔުމްނާއާ އަސްމާ އެރޭ އައި އިރު ނަޒްލާ ހުރީ ތައްޔާރު ވެގެންނެވެ. ތިން ކުދިން އެކީ ކޮޓަރިން ނިކުމެފައި ނަޒްލާ ގޮސް ނައީމާގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލާފަ ހުޅުވާލިއެވެ. އެނދުމަތީ ފޮތެއް ކިޔަން އިން ނައީމާ ބަލާލިއެވެ.

“މަންމާ، ހެޔޮތަ ސިމީމެން ގެޔަށް ގޮސްލިޔަސް؟” ނަޒްލާ ހުއްދައަށް އެދުނެވެ.

“އާނ، އެކަމަކު މާލަސް ނުވެ އަންނާތި އިނގޭ” ނައީމާ ހުއްދަ ދިނެވެ.

އަސްމާމެން ގެޔަށް ގޮސް ތިން ކުދިން އަސްމާގެ ކޮޓަރިއަށް ވަނެވެ.

“ނަޒޫ މިތާ މަޑުކޮށްލާ، އަހަރުމެން އެބަ އަންނަން” އަސްމާ ބުންޏެވެ.

“އަހަރެން އެކަނި ބައިންދާފަ ދެމީހުން ކޮންތާކަށް ތިދަނީ؟ މަވެސް ދާނަން” ނަޒްލާ ބުންޏެވެ.

“މީ ސަޕްރައިޒްއެއް ދޭންވެސް އުނދަގޫ މީހެއް އިނގޭ!” އަސްމާ ބުނެލިއެވެ.

“ނަޒޫ އިހަށް މިތާ މަޑުކޮށްބަލަ! އަހަރުމެން މިއަންނަނިއްޔޭ” ޔުމްނާ ބުންޏެވެ.

“އާނ، ދެން ދޭބަލަ އެހެން ވިއްޔާ. އެކަމަކު އަވަހަށް އަންނަންވާނެ” ނަޒްލާ އެނދުގައި އިށީނދެފައި ބުންޏެވެ.

އަސްމާމެން ދިޔުމުން ނަޒްލާ ފޫހި ވެފައި އިނެވެ. އެމީހުން ދޭން އެއުޅޭ ސަޕްރައިޒްއާ މެދު އިރުކޮޅަކު ވިސްނަން އިނދެފައި ނަޒްލާ ތެދުވެގެން ގޮސް ކުޑަދޮރު ކައިރީ މަޑުކޮށްލިއެވެ. އެހެން ހުރެފައި ކުޑަދޮރުން ބޭރަށް ބޯދިއްކޮށް ބަލާލީ ޖެހިގެން ހުރި އާސިމްގެ ކޮޓަރިން އެއްވެސް މީހެއްގެ ހިލަމެއް ވޭތޯއެވެ. އެހެންވެސް ހުރެވުނީ އިރުކޮޅަކުއެވެ. އެކޮޓަރީގެ ކުޑަދޮރުން މީހަކު ބޭރު ބަލާލައިފި ނަމަ ނަޒްލާ ހުރި ގޮތުން ހިތަށް އަރާނެ އެއްޗަކާ މެދު ވިސްނާލާފައި ނަޒްލާ އަނެއްކާވެސް ގޮސް އެނދުގައި އިށީނެވެ.

ދެން ނަޒްލާއަށް ވިސްނުނީ އާސިމްއާ މެދުގައެވެ. އާސިމް މާލެ އައި ފަހުން މިވީ ދެމަސް ދުވަހުގެ ތެރޭ ނަޒްލާ އެދޭ ފަދަ އެއްވެސް އިޝާރާތެއް އާސިމްގެ ފަރާތުން ވޭތޯ ނަޒްލާ ވަރަށް ބެލިއެވެ. ނަމަވެސް ނަޒްލާ ފެނުމުން ހީލާ، ގޮވާލުން ފިޔަވާ އެދުވަހާ ހަމައަށްވެސް އާސިމްގެ ފަރާތުން އެއްވެސް ކަމެއް ނުފެނެއެވެ.

އެހެން ނަމަވެސް ނަޒްލާ އުންމީދު ދޫކޮށެއް ނުލައެވެ. ފާއިތުވާ ކޮންމެ ދުވަހަކާއެކު ނަޒްލާގެ ހިތުގައި އާސިމްއަށް ޓަކާ ވާލޯބި ވަނީ އިތުރެވެ. އެލޯބި ހާސިލް ވާނެ ކަމާމެދު ހިތުގައި އޮތް އުންމީދު ވަނީ ބޮޑެވެ. އާސިމްގެ ލޯބި ހަތަރު އަހަރު ހިތުގައި ފޮރުވައިގެން އިންތިޒާރު ކުރި ފަދައިން ނަޒްލާ އަދިވެސް އިންތިޒާރު ކުރާނެއެވެ. އަދި ކޮންމެވެސް ދުވަހަކުން އެލޯބި ކާމިޔާބުވެސް ކުރާނެއެވެ. އާސިމް ނޫން މީހަކަށް ނަޒްލާގެ ހަޔާތުން ޖާގައެއް ނުދެވޭނެއެވެ.

ދޮރު ހުޅުވުނު އަޑަށް ސިހިފައި ބަލާލި ގޮތަށް ގަނޑުވެފައި ނަޒްލާއަށް އިނދެވުނީ ފެންނަމުންދާ މަންޒަރާ މެދު ޔަގީން ނުކުރެވިފައެވެ.

އާސިމް އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. ފުރަތަމަ ނަޒްލާ ހީކުރީ އާސިމް އައީ އަސްމާ ހޯދަން ކަމަށެވެ. ނަމަވެސް އާސިމް އެތެރެއަށް ވަނުމުން ދެން އިނީ ވިސްނާނެ އެއްޗެއްވެސް ނޭނގިފައެވެ.

“ސިމީ ނެތް… އިރުކޮޅަކުން އަންނާނެ…” އިސް ޖަހާލާފައި ކުއްލިއަކަށް ފިނިވެގެން ދިޔަ ދެއަތްތިލަ އުނގު މަތީ ބާއްވާލަމުން ނަޒްލާ ބުންޏެވެ.

“ސިމީ ހޯދާކަށް ނޫން މިއައީ” އާސިމް ބުންޏެވެ.

ނަޒްލާއަށް އާސިމްއާ ދިމާއަށް ބަލާލެވުނެވެ.

“ހެޕީ ބަރތްޑޭ…” އާސިމް ބުންޏެވެ. އާސިމް ދިއްކޮށްގެން ހުރި ޕާރްސަލްވެސް ނަޒްލާއަށް ފެނުނީ އެވަގުތުއެވެ.

“ތެންކްޔޫ” ޕާރްސަލްގައި ހިފާފައި ނަޒްލާ ބުންޏެވެ.

“ނުވެސް ކަނޑާނަންތަ؟” ނަޒްލާ ކައިރީ އެނދުގައި އިށީނދެފައި އާސިމް އަހާލިއެވެ.

ނަޒްލާ އާސިމްއަށް ބަލާލާފައި ހަދިޔާ ކަނޑަން ފެށިއެވެ. ނަމަވެސް އަތުގައި އުފެދުނު މަޑު ތުރުތުރުލުމުގެ ސަބަބުން އެކަން ފަސޭހައެއް ނުވިއެވެ.

ހީލާފައި އާސިމް ނަޒްލާ އަތުން ހަދިޔާ ނަގާ ކަރުދާސްތައް ނައްޓާލާފައި އެތެރޭގައި އިން ފޮށި ހުޅުވާލާފައި ނަޒްލާ އަތަށް ދިނެވެ. ނަޒްލާ އޭގައި ހިފާފައި އެތެރޭގަ އޮތް އެއްޗެއް ނެގިއެވެ. އެއާ އެކު ނަޒްލާއަށް ލޯބޮޑު ކޮށްލާފައި އާސިމްއާ ދިމާއަށް ބަލާލެވުނެވެ. ރަތް އަކުރުން “އައި ލަވް ޔޫ” ޖަހާލާފައި އިން އެ ބިއްލޫރި ހިތުގައި ބާރަށް ހިފަހައްޓާލައިގެން ނަޒްލާ އާސިމްއާ ދިމާއަށް ބަލަން އިނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ. އެއީ ހަގީގަތެއް ކަން ގަބޫލު ނުކުރެވިފައެވެ. އެތައް އަހަރެއް ވަންދެން ކުރި އިންތިޒާރުގެ ނިމުން މިހާ ފޮނި ވެދާނެ ކަން ޔަގީން ކުރަން ދަތި ވެފައެވެ.

“އައި ލަވް ޔޫ!” ބިއްލޫރި ހިތުގައި ހިފަހައްޓައިގެން އިން ނަޒްލާގެ ދެއަތުގައި ހިފާލަމުން އާސިމް ބުންޏެވެ.

ދެންވެސް ނަޒްލާ އެއްޗެއް ނުބުނެ އިނީ އާސިމްގެ މޫނަށް ބަލާށެވެ.

“ދެމަސް ވެއްޖެ މިހެން ބުނަން ރަނގަޅު ވަގުތަކަށް އިންތިޒާރު ކުރާތާ… މިއަދަށްވުރެ ރަނގަޅު ދުވަހެއް ދެން ނާންނާނެ ކަންނޭނގެ… ނަޒޫއަށް ސްޕެޝަލް ދުވަހެއް އިތުރަށް ސްޕެޝަލް ކޮށްދެވުނު ކަމަށް ހީކުރަން…” އާސިމް ބުންޏެވެ.

“ކީއްވެތަ އެއްޗެއް ނުބުނެ ތީނީ؟” ނަޒްލާ އެއްޗެއް ނުބުނާތީ އާސިމް އެހިއެވެ.

“މިވަގުތު ބުނާނެ އެއްޗެއް ހިތަކަށް ނާދޭ…” ނަޒްލާ ބުންޏެވެ.

“އަހަރެން ދެކެ ލޯބިވޭތަ؟” އާސިމް އަހާލިއެވެ. އިސް ޖަހާލަމުން ނަޒްލާ ބޯޖަހާލިއެވެ.

އާސިމް ނަޒްލާގެ ދަތްދޮޅީގައި އިނގިލި ޖައްސާލާފައި ނަޒްލާގެ އިސް އުފުލާލިއެވެ. އަދި ނަޒްލާގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. ނަޒްލާއަށް ލޯމަރާލެވުނެވެ.

“އަހަންނަށް އެނގޭ އަހަންނަށް ނުވެސް އެނގި ނަޒޫ ވަރަށް އިންތިޒާރު ކޮށްފިކަން، ނަޒޫ އަހަރެން ދެކެ ވަރަށް ލޯބި ވާކަން، މިއަދު ނަޒޫގެ އިންތިޒާރު މިނިމުނީ، ނަޒޫގެ އެދުންވެސް ފުރިހަމަވީ. ސޯ… ހެޕީތަ؟” ނަޒްލާގެ މޫނުގައި ދެއަތުން ހިފާލާފައި އާސިމް އަހާލިއެވެ. ނަޒްލާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އާސިމް ނަޒްލާ ގައިގައި ބައްދާލިއެވެ. ނަޒްލާވެސް އާސިމްގެ މޭގައި މޫނު ފޮރުވާލިއެވެ.

“ގިފްޓް ކަމުދޭތަ؟” ނަޒްލާއާ ދުރު ވެލާފައި އާސިމް އަހާލިއެވެ.

“މިއަށް ވުރެ ބޭނުން އެހެން އެއްޗެއް ދެން ނެތް” އަތުގައި އޮތް ހިތަށް ބަލާލަމުން ނަޒްލާ ޖަވާބު ދިނެވެ.

އެވަގުތު ދޮރު ހުޅުވާލާފައި އަސްމާއާ ޔުމްނާ އެތެރެއަށް ވަނެވެ.

“ސަޕްރައިޒް ކިހިނެއް؟” އަސްމާ އަހާލިއެވެ.

“ސާބަސް! ބަލާލާފަ ނޭނގޭތަ ނަޒޫއަށް ކަމުދިޔަ ކަމެއް؟” އާސިމްއާ ނަޒްލާގެ ގުޅުވާލެވިފައިވާ ދެއަތްތިލައަށް އިޝާރާތް ކޮށްލަމުން ޔުމްނާ ބުނެލިއެވެ.

“މާ އަވަހަށް ދޯ މިއާދެވުނީ؟ ތުއްތުބޭ… ސަރވިސް ޗާޖް ދޭން ވާނެ އިނގޭ!” ޔުމްނާގެ އިޝާރާތް ވިސްނުމުން އަސްމާ އާސިމްއާ ދިމާކޮށްލާފައި ނިކުތެވެ.

ނަޒްލާ އިނީ އުފަލުން ގޮސް ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޔަގީނުންވެސް މީ ނަޒްލާގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއްދުވަހެވެ. ކިތަންމެ އުފަލުން އިން ނަމަވެސް ނަޒްލާއަށް އެވަގުތު އެކަން ފާޅު ކުރާކަށް ނުކެރުނެވެ. ހަޅޭލަވާ، ނަޒްލާ ކުރި އިންތިޒާރުގެ ނިމުން އަތުވެއްޖެ ކަމާ، ލޯބި ކާމިޔާބު ވެއްޖެ ކަން އެންމެންނަށް އަންގަން ބޭނުންވި ނަމަވެސް އަނގައިންވެސް ބުނަން ނުކެރިފައި ނަޒްލާ އިނެވެ.

އާސިމް ނަޒްލާގެ ފިނިވެފައިވާ އަތްތިލަ ނަގާ އާސިމްގެ ތުންފަތުގައި ޖައްސާލިއެވެ. އެވަގުތު ނަޒްލާއަށް ލޯމަރާލެވުނީ އެތައް ރެއަކު ހުވަފެނުގައި ދެކެފައިވާ މަންޒަރުތައް ހަގީގަތަކަށް ވޭތޯ ހިތާހިތުން ދުޢާ ކުރަމުންނެވެ. އާސިމްއަށް އެވަގުތު ނަޒްލާގެ ހިތުގައިވާ އެއްޗެއް އެނގުނީ ކަންނޭނގެއެވެ. ނަޒްލާގެ ހިޔާލަށް ސިފަވި މަންޒަރު އާސިމް ތެދު ކޮށްދިނެވެ. ލޯބީގެ ފުރަތަމަ ހަދިޔާ ނަޒްލާއަށް ލިބުނެވެ. ނަޒްލާއަށް ކުރެވުނީ ހުވަފެނާ މުޅިން ތަފާތު އިހުސާސެކެވެ. ވާހަކަ ފޮތް ތަކުގައި ބަޔާން ކޮށްފައިވާ ވަރަށް ވުރެވެސް ފުރިހަމަ ފޮނި އިހުސާސެކެވެ.

ނުވަގަޑި ބައިވުމުން ނަޒްލާ ގެޔަށް ދިޔައީ އަސްމާއާ ޔުމްނާއާ އެކީއެވެ. ގިނަ އިރެއް ނުވެ ޝާއިރުއާ އާސިމްވެސް އެގެޔަށް ދިޔައެވެ.

“ހެޕީ ބަރތްޑޭ ނަޒޫ” ނަޒްލާ ފެނުމުން ސަލާން ކޮށްލާފައި ޝާއިރު ނަޒްލާއަށް ހަދިޔާއެއް ދިއްލޮށްލިއެވެ.

“ހެޕީ ބަރތްޑޭ…” އާސިމްވެސް ސަލާން ކޮށްލަން އަތް ދިއްކޮށްލިއެވެ.

ނަޒްލާ އާސިމްއާ ސަލާން ކޮށްލަމުން ބަލާލި ގޮތުން އެދެމެދުގައިވާ ގުޅުން ބަދަލު ވެއްޖެ ކަން ޝާއިރުއަށް އެނގުނެވެ.

“ކޮން އިރަކު…؟” ނަޒްލާ ދިޔުމުން އާސިމްގެ ކޮނޑުގައި ޖަހާލާފައި ނަޒްލާއަށް އިޝާރާތް ކޮށްލަމުން ޝާއިރު އަހާލިއެވެ.

“މިރޭ…” އާސިމް ބުންޏެވެ.

“ނަދީމްއަށް އެނގޭތަ؟” ޝާއިރު އަހާލިއެވެ. އާސިމް ބޯ ހަލުވާލިއެވެ. އިތުރަށް އެވާހަކަ ނުދެއްކުނީ ނަދީމް އައުމުންނެވެ.

އެކި ވާހަކަޔާ ސަކަރާތުގައި އުޅެނިކޮށް އެގާރަ ގަޑި ބައި ވުމުން ނަދީމް ޔުމްނާ ގެޔަށް ލާން ދިޔައެވެ. އެމީހުން ނިކުތުމާ އެކީ އަސްމާއާ ޝާއިރުވެސް ދިޔައެވެ.

“އެކަނި ވެލާނެ ޗާންސެއް ލިބިއްޖެ ދޯ އެންމެ ފަހުން…؟” ނަޒްލާ ކައިރީ ސޯފާގައި އިށީންނަމުން އާސިމް ބުންޏެވެ.

“މިޗާންސް ނުލިބިފަތަ ތިހުންނަނީ؟” ނަޒްލާ އަހާލިއެވެ.

“އާނ… ނަދީމްއަށް ނޭނގެންޏާ އަދި މިހެނެއްނު އުޅެން ޖެހޭނީ…” އާސިމް ނަޒްލާގެ އަތުގައި ހިފާލިއެވެ.

“އާސިމް ބުނަން ވީނު އެހެން ވިއްޔާ…” ނަޒްލާ ބުންޏެވެ.

“އަސްލު ނަޒޫ އަކަށް ނޭނގޭތަ މިރޭ މިހެން ވާނެ ކަމެއް؟” އާސިމް އަހާލިއެވެ.

“އާނ… ކުޑަކޮށްވެސް ހިއެއް ނުކުރަން މިކަހަލަ ސަޕްރައިޒްއެއް ލިބޭނެ ކަމަކަށް” ނަޒްލާ އާސިމްގެ މޫނަށް ބަލާލާފައި ހީލިއެވެ.

“އަސްލު މީ ސިމީގެ އައިޑިއާ، ނަޒޫއަށް ޕްރޮޕޯސް ކުރާނެ ގޮތެއް ނޭނގިފަ އަހަރެން ހުއްޓާ ސިމީ ހުރިހާ ކަމެއް ޕްލޭން ކުރީ” އާސިމް ބުންޏެވެ.

ދެމީހުން ވާހަކަ ދައްކަން ތިއްބާ ނަދީމް ގެޔަށް އައެވެ. އާސިމް އޭރުވެސް އެގޭގައި އިންދާ ފެނުމުން ނަދީމް ސުވާލު ކޮށްލިއެވެ.

“އަދިވެސް އާސިމް ނުދަންދޯ؟” ނަދީމް އަހާލިއެވެ.

“ދާން ވީތަ؟” އާސިމް އަހާލިއެވެ.

“ނޫނޭ…” އާސިމްއާ ނަޒްލާ ވާހަކަ ދައްކަން ތިބިކަން އެވަގުތު ނަދީމްއަށް ފާހަގަ ކުރެވުނެވެ. އޭގެ ކުރިން ނަޒްލާއާ އާސިމް އެކަނި ވާހަކަ ދައްކަން ތިއްބާ ނަދީމްއަށް ފެނިފައެއް ނުވެއެވެ. ނަދީމްގެ ހިތުގައި ޝައްކެއް އުފެދުނެވެ. ދެމީހުންނަށްވެސް ބަލާލީ ތަފާތު ނަޒަރަކުންނެވެ.

“އަހަންނަށް މިހީވަނީ ރަނގަޅަށްތަ؟” ނަދީމް އަހާލިއެވެ.

“ކޯޗެއް ހީވެގެން ތިއުޅެނީ؟” ހީލާފައި އާސިމްވެސް ކޮށްލީ ސުވާލެކެވެ.

“ނަޒޫއާ އާސިމް…” ނަދީމްއަށް ބުނާނެ ގޮތެއް ނޭނގުނެވެ.

“އާނ، ރަނގަޅަށް ތިހީވީ. ކަމަކު ނުދޭތަ؟” އާސިމް އަހާލިއެވެ.

“ނޫނޭ، ކަމުދޭ… ވަރަށް ސަޅި، އެންމެ ފަހުން އަހަރެން ބޭނުންވި ގޮތަށް މިވީ” އާސިމްގެ އަތުގައި ހިފާ ސަލާން ކޮށްލަމުން ނަދީމް ބުނެލިއެވެ. އަދި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް ދެތިން ފިޔަވަޅު އަޅާފައި ނަދީމް އެނބުރި އާސިމްއަށް ބަލާލިއެވެ.

“އާސިމް… ނަޒޫއަށް ދެރައެއް ނުދެއްޗޭ ދުވަހަކުވެސް” ނަދީމް ބުންޏެވެ.

“ޕްރޮމިސް، ދުވަހަކުވެސް ނަޒޫއަށް ދެރަ ގޮތެއް ނަހަދާނަން” ފަސް ޖެހުމެއް ނެތި އާސިމް އެއްބަސް ވިއެވެ.

ހިތްހަމަޖެހިފައި ހުރެ ނަދީމް ކޮޓަރިއަށް ވަނެވެ.

ގިނަ އިރެއް ނުވެ އާސިމް ދިޔުމުން ނަޒްލާވެސް ކޮޓަރިއަށް ވަދެ ނިދަން އޮށޯތީ ވަރަށް އުފަލުން ހުރެއެވެ.

އެއީ ނަޒްލާގެ ހަޔާތަށް ދުވަހަކުވެސް އައިސްފައި ނުވާހާ އުފާވެރި ދުވަސް ތަކެކެވެ. އާސިމްއާ ނަޒްލާ ކޮންމެ ރެއަކުހެން ބައްދަލު ކުރަނީ ނަޒްލާ މެން ގޭގައެވެ. ގިނަ ދުވަހެއް ނުވެ ދެފަރާތުގެ އާއިލާއަށްވެސް އެކަން އެނގުނެވެ. ދެއާއިލާއިންވެސް އެގުޅުމާ ވަރަށް ހިތްހަމަ ޖެހުނެވެ.

ދެމީހުން ބައްދަލުކޮށް އެކަކު އަނެކަކާ ބެހޭ އެތައް ވާހަކައެއް ހިއްސާކޮށް އެކަކު އަނެކަކާ މެދު ނޭނގި ހުރި އެތައް ކަމެއް ދަސް ކުރިއެވެ. އުފަލާ މަޖަލުގަ ދުވަސްތައް ދިޔައީ ހީވެސް ނުކުރާހާ ހަލުވި ކޮށެވެ.

 

ނަމަވެސް އެއްވެސް ކަމެއް އަބަދަކު އެއްގޮތަކަށް ނޯންނާނެއެވެ. ނަޒްލާގެ ހަޔާތަށް އުފާވެރި ދުވަސް ތަކެއް އައިހެން ހިތާމަ ވެރި ދުވަސްތަކަކާވެސް ނަޒްލާ ކުރިމަތި ލާން ޖެހުނެވެ.

 

ސައީދު ބަލިވީ ކުއްލިއަކަށެވެ. ކިޑްނީ ފެއިލްވެ، އުންމީދެއް ނެތްކަން އެނގުމުން އާއިލާއަށް ދިމާވީ ކެތް ކުރަން ދަތި ހިތާމައެކެވެ. ސައީދު ގޮވައިގެން މަހެއްހާ ދުވަހު އިންޑިޔާގައި އުޅެފައި ނައީމާއާ ނަދީމް މާލެ އައީ އެކޮޅުންވެސް އެއްވެސް އަލިމަގެއް ނުފެނުމުންނެވެ.

ސައީދު އެންމެ ކަންބޮޑުވީ ކުދިންނާ މެދުގައެވެ. ހާއްސަކޮށް ނަޒްލާއާ މެދުއެވެ. ހޮސްޕިޓަލުގައި އޮތް ދެ މަހެއްހާ ދުވަހު އެތައް ފަހަރަކު އާސިމްގާތު ނަޒްލާގެ ވާހަކަ ދެއްކީ ނަޒްލާއަށް ވެދާނެ ގޮތަކާމެދު ވިސްނޭތީއެވެ. ނިހާއާ ނައީމާ އަދި ނަދީމްއަށް ވުރެން ބޮޑަށް ސައީދުގެ ވަކިވުމުން ނަޒްލާއަށް އަސަރު ކުރާނެ ކަން ސައީދުއަށް އެނގޭތީއެވެ. އަދި ނަޒްލާގެ މުސްތަގުބަލާމެދު ފިކުރު ކުރެވޭ ވަރުންނެވެ.

“އާސިމް… ނަޒްލާއަށް ދުވަހަކުވެސް ދެރައެއް ލިބުނަ ނުދެއްޗޭ، ބައްޕަ ވަރަށް އިތުބާރު ކުރަން އާސިމްއަށް… އެއިތުބާރު ނަގާ ނުލައްޗޭ… ބައްޕަ ވަރަށް ވޭ ތިދެކުދިންގެ ކައިވެނި ކުރެވޭ ދުވަސް ދެކޭހިތް، އެކަމަކު ހިއެއްނުވޭ… ނަޒޫ އުފަލުގަ އުޅުން ބައްޕަގެ އެންމެ ބޮޑު އެދުމަކީ” އާސިމް ގެ އަތުގައި ހިފާލާފަ ސައީދު ބުންޏެވެ. އެނދުގެ އަނެއް ފަރާތުގައި އިން ނަޒްލާއަށް އެއަޑު އަހާފައި ރޮވުނެވެ. ނަމަވެސް ސައީދުއަށް އެކަން ނާންގަން ވެގެން ސިއްރު ސިއްރުން ލޯ ފޮހެލިއެވެ.

“ނަޒޫ ބައްޕަ ދެރަ ނުވޭ، އަހަރެން ދުވަހަކުވެސް ނަޒޫއަށް ދެރައެއް ނުދޭނަން، ނަޒޫ ބައްޕަ ނަޒޫ ގެންގުޅުނުހެން އަހަރެންވެސް ނަޒޫ ގެންގުޅޭނީ އެހާ ލޯބިން…” އާސިމް ސައީދުއަށް ޔަގީން ކަން ދިނެވެ.

ސައިދު ނިޔާވީ އޭގެ ދެދުވަސް ފަހުންނެވެ. އެހަބަރާ އެކު ނަޒްލާއާ ނައީމާ އަދި ނިހާވެސް ޖެހުނީ އެޑްމިޓް ކުރާށެވެ.

 

ނަޒްލާގެ އާއިލާއަށް ދިމާވި ހިތާމައިގައި ޔުމްނާއާ ޝާއިރު އަދި އަސްމާގެ އާއިލާއިންވެސް ވަރަށް އެހީތެރިކަން ލިބުނެވެ. އެކިގޮތްގޮތުން އެހީތެރިކަމާ އަދި ހިތްވަރު ދީ އެމީހުންގެ ހިތާމައިގައި އެންމެން ވެސް ބައިވެރި ވިއެވެ.

ނުނިމޭ

42
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Marsha

I love to read stories and that led to writing stories. I hope readers like my stories and I would love any ideas from readers that would improve my writing. Thank you.

Other Articles

Previous

އެކުގަ ނިމިގެން ދިޔުން ބޭނުމޭ….! (2)

Next

ކުރަމުން ތިދާހާ ގޯނާ 16..

Next
February 24, 2016

ކުރަމުން ތިދާހާ ގޯނާ 16..

Previews
February 24, 2016

އެކުގަ ނިމިގެން ދިޔުން ބޭނުމޭ….! (2)

8 Comments

  1. Marsha says:
    February 24, 2016 at 8:06 pm

    Hey heres part 3.. hope u like this

  2. shew says:
    February 24, 2016 at 8:08 pm

    v reethi waiting for the next part…

  3. misty says:
    February 24, 2016 at 8:18 pm

    Very nyc.. Whn nxt prt??

  4. Afoo says:
    February 24, 2016 at 9:27 pm

    Love it ❤ waiting for next part !!

  5. Zaanaa says:
    February 25, 2016 at 8:05 am

    V nice khon erakun next

  6. ina says:
    February 25, 2016 at 2:16 pm

    Nice vrh…(:-))

  7. Nash says:
    February 25, 2016 at 2:17 pm

    V nice waiting 4 the next part

  8. Maashy says:
    February 25, 2016 at 2:27 pm

    Varah salhi ey

Comments are closed.

All Right Reserved!