
ނިމިދާނޭ ޖާނާ ހިތާ 2
“ނަޒޫ… އާސިމް އިނީ ހަމަ އާޝޯހު ވެފަ، މަށަށް ހީވަނީ ނަޒޫގެ އިންތިޒާރު ނިމުމަކަށް އައީހެން” ޔުމްނާ ނަޒްލާއާ ދިމާ ކޮށްލިއެވެ.
“އާނ، ތުއްތުބޭ އިނީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފަ” އަސްމާވެސް ޔުމްނާއާ ބައިވެރި ވިއެވެ.
“ދެން ތިވަރަށް ދިމާ ނުކުރިޔަސް ހެޔޮ، އަދި ވާނެ ގޮތެއްވެސް ނުވެސް އެނގޭ” އޮބި ނޯންނަ ވަރަށް ތެޅެމުންދާ ހިތް މައިތިރި ވޭތޯ މަސައްކަތް ކުރަމުން ނަޒްލާ ބުންޏެވެ.
ތިން އަހަރު ފަހުން ބައްދަލު ވުމުން އާސިމްއާ ނަދީމްއާ ޝާއިރު ދައްކަން ބައިވަރު ވާހަކަ ހުއްޓެވެ. އެތިން އަހަރު ތެރޭ ކޮންމެ މީހަކު ކުރި ކަންތަކާ، ކުރަން ނިންމާފަ ހުރި ކަންތައްތަކުގެ ވާހަކަ ދެއްކިއެވެ. އެންމެ މުހިންމު ވާހަކައަކަށް ދެކެވުނީ ޝާއިރު ހުޅުވަން އުޅޭ ކޮމްޕެނީގެ ވާހަކައެވެ. ޝާއިރުއާ ޝާއިރުގެ އެއްބަނޑު އެއްބަފާ ބޭބެ ޝިޔާރު އަދި ނަދީމްވެސް ހިއްސާ ވެގެން ފައްޓަން އުޅޭ ވިޔަފާރީގައި ބައިވެރި ވުމަށް އެމީހުން އާސިމްއަށްވެސް ފުރުސަތު ދިނެވެ. އާސިމް އެކަމާ ވިސްނާނެ ކަމަށް ބުންޏެވެ.
ދެން ދެކެވުނީ އަސްމާއާ ޔުމްނާގެ ވާހަކައެވެ.
“އަހަރެން ހިއެއް ނުކުރަން ތިދެމީހުން އެހާ ކައިރިން ސޯލް މޭޓްސް ހޯދާނެ ކަމަކަށް” އާސިމް ބުންޏެވެ.
“ސޯލް މޭޓްސް…” އާސިމް ބޭނުން ކުރި ލަފްޒު ނަދީމް ތަކުރާރި ކޮށްލިއެވެ.
އެއީ ތެދެކެވެ. ޔުމްނާ އަކީ ނަދީމްގެ ސޯލް މޭޓްއެވެ. ނަމަވެސް ނަދީމްއަށް އެކަން އިހުސާސް ކުރެވުނީ ވަރަށް ފަހުންނެވެ.
“ތިދެމީހުން ކިހާ ލަކީ…” އާސިމް ބުންޏެވެ.
“އާނ، ހަމަ ގައިމުވެސް އަހަރެން ވަރަށް ލަކީ. އެކަމަކު ކިރިޔާ އަހަރެން…” ނަދީމް އާސިމްއާ އެއްބަސް ވިއެވެ.
“ކިހިނެއްވީ؟” އާސިމް އަހާލިއެވެ.
“އެއީ… ނަދީމް ކުޑަކޮށް ކަޓު ޖެއްސީ، ދޯ؟” ޝާއިރު ބުނެދިނެވެ.
ނަދީމް އެވާހަކަ ކިޔާދޭން ފެށިއެވެ.
އެއީ ނަދީމްއާ ޔުމްނާ ރައްޓެހިވިތާ އަހަރެއް ވާން އުޅެނިކޮށެވެ. ޔުމްނާ ނަދީމް ދެކެ ލޯބި ވާކަން ނަދީމްއަށް އެނގެއެވެ. ނަމަވެސް އޭރު އެލޯބި ނަދީމްއަށް މުހިންމު ވީ ކިހާ ވަރަކަށްކަން ނަދީމްއަށް އިހުސާސެއް ނުކުރެވެއެވެ. ޔުމްނާ ނަދީމް ދެކެ ކިތަންމެ ލޯބި ވީ ނަމަވެސް ނަދީމްއަށް އެކަން މާ ބޮޑު ކަމަކަށް ނުވެއެވެ.
އެދުވަސް ކޮޅު ނަދީމް އަޝްފާއާ ރައްޓެހިވީ މަޖަލަކަށެވެ. އަޝްފާވެސް ނަދީމްއާ ރައްޓެހިވީ ލޯބިންނެއް ނޫނެވެ. އެދެމީހުން ރައްޓެހިވީ ކަމެއް ނަޒްލާއަކަށްވެސް ޝާއިރުއަކަށްވެސް ނޭނގެއެވެ.
ގްރޫޕް ސްޓަޑީއެއް ހަދަން ވެގެން ނަޒްލާއާ ޔުމްނާ އަސްމާމެން ގެޔަށް ދިޔަ ރެއެކެވެ. ފިލާވަޅުތައް ނިންމާލާފައި ތިން މީހުން ނަޒްލާމެން ގެޔަށް ދިޔައީ ޔުމްނާ އެރޭވެސް ނަދީމްއާ ބައްދަލު ކުރަން ބޭނުން ވާތީއެވެ.
ނުވެސް އެނގި ހުއްޓާ އެރޭ ފުރަތަމަ ފަހަރަށް އަޝްފާ ނަދީމްމެން ގެޔަށް ދިޔައެވެ. ނައީމާއާ ސައީދުވެސް ގޭގައި ނޫޅޭތީ ނަދީމް އަޝްފާ ގޮވައިގެން ވަނީ ކޮޓަރިއަށެވެ. އަޝްފާ ފޮނުވާލަންވެސް ނަދީމް ނޫޅުނީ އެރޭ ޔުމްނާ އަންނާނެ ކަން ނަދީމްއަށް އެނގިފައި ނެތީމައެވެ.
ނަޒްލާއާ ޔުމްނާއާ އަސްމާ ވާހަކަ ދައްކަމުން ގެޔަށް ވަނެވެ. އަސްމާ ގޮސް ސޯފާގައި އިށީނެވެ. ޔުމްނާ ނަދީމްގެ ކޮޓަރި ދޮރު ހުޅުވާލި އިރު ނަޒްލާ ޔުމްނާގެ ފަހަތުގައި ހުއްޓެވެ.
ކޮޓަރީގެ ދޮރު ހުޅުވާލާފައި ޔުމްނާ އެތެރެއަށް އެޅި ފިޔަވަޅު ހުއްޓުނީ ފެނުނު މަންޒަރަކުންނެވެ. ޔުމްނާގެ ފަހަތުން ނަޒްލާ އެތެރެއަށް ވަނީ އަނެއް ދުވަހު ސްކޫލަށް ބޭނުން ވާނެ އެއްޗެހި ގަނެދޭން ނަދީމް ގާތު ބުނަން ވެގެންނެވެ. ނަމަވެސް ޔުމްނާ ހުއްޓިގެން ހުރުމުން ނަޒްލާވެސް ޖެހުނީ ހުއްޓޭށެވެ. އެތެރޭގައި ކަމެއް ވާހެން ނަޒްލާއަށް ހީވީ ޔުމްނާ ބަލަން ހުރި ގޮތުންނެވެ. ނިދާ ބޮކީގެ ފަނޑުއަލީގެ ތެރެއިން ނަޒްލާއަށްވެސް ނަދީމްއާ އަޝްފާ ފެނުނެވެ. ފާރުގައި އަތް ޖައްސާ ބޮކީގެ އަލިގަދަ ކޮށްލީ ނަޒްލާއެވެ.
އެކަކު އަނެކަކު ގައިގައި ބައްދާލައިގެން އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ތިބި އަޝްފާއާ ނަދީމް ސިހިފައި ބަލާލިއެވެ.
“ޔުމް…” އެވަގުތު ޔުމްނާ ފެނުމުން ނަދީމްއަށް ބުނެވުނެވެ. އަދި އަޝްފާ ދުރު ކޮށްލާފައި ޔުމްނާއާ ދިމާއަށް ފިޔަވަޅެއް އަޅާލެވުނީ ޔުމްނާގެ މޫނުމަތިން ފެނުނު ހިތްދަތި ކަމަކުންނެވެ. އެލޮލުން އައިސް އައިސް ހުރި ކަރުނަ ފެނުމުން އެވަގުތު ނަދީމްއަށް ވީގޮތަކީ ކުރިން ދުވަހަކުވެސް ވީގޮތެއް ނޫނެވެ. މީހަކު ހިތް މުށުތެރެއަށްލާ ފިއްތާލުމުން ކުރެވޭނެ ފަދަ އިހުސާސެއް އެވަގުތު ނަދީމްއަށް ކުރެވުނެވެ.
ނަދީމްއަށް ޔުމްނާއާ ހަމައަށް އާދެވުމުގެ ކުރިން ޔުމްނާ ދުވެފައި ނިކުތެވެ. އަދި މަޑުވެސް ކޮށްނުލާ އެގެއިން ނިކުމެގެން ދިޔައެވެ. ޔުމްނާ ރޮމުން ނިކުތް ތަން ފެނުމުން އަސްމާ ޔުމްނާގެ ފަހަތުން ދިޔައެވެ.
ނަޒްލާ ހުރީ ނަދީމްގެ ފަރާތުން އެފަދަ ކަމެއް ފެނުމުން ގަބޫލު ކުރަން ދަތި ވެފައެވެ. ނަޒްލާގެ ދޮންބެއަކީ އެކަހަލަ ފިރިހެނަކަށް ވެދާނެއެކޭ ނަޒްލާ ދުވަހަކުވެސް ހިތަކަށް ނާރައެވެ. ނަދީމްއަށް ވުރެ ކުރިން ނަޒްލާ އެކޮޓަރިން ނިކުމެ ޔުމްނާއާ އަސްމާގެ ފަހަތުން ދިޔައެވެ.
ޔުމްނާގެ ފަހަތުން އަސްމާ ދުވެފައި ދިޔައެވެ. ނަމަވެސް ޔުމްނާ މަޑެއް ނުކުރިއެވެ. އަސްމާ ގޮވަގޮވާ ހުއްޓާ އެހިސާބަށް މަޑުކުރި ޓެކްސީއަކަށް ޔުމްނާ އެރިއެވެ. މާނޭވާ ލެވިފައި އަސްމާ އިރުކޮޅަކު ބަލަން ހުރެފައި އެނބުރި ނަޒްލާމެން ގެޔާ ދިމާއަށް ހިނގައިގަތެވެ. ނަޒްލާއާ ދިމާވީ ނަޒްލާމެންގޭ މަގު ކަންމަތިންނެވެ.
“ޔުމް ކޮބާ؟” ނަޒްލާ އަހާލިއެވެ.
“ޓެކްސީއެއްގަ ހިނގައްޖެ” އަސްމާ ޖަވާބު ދިނެވެ.
ދެމީހުން އެކީ ގެޔަށް ވަންނަން ދިޔަ އިރު އަޝްފާ ނިކުމެގެން ދަނީއެވެ.
“ކިހިނެއްތަވީ؟” އަޝްފާއާ ދިމާއަށް ބަލާލާފައި އަސްމާ އަހާލިއެވެ.
“އަހަރުމެން ވަން އިރު ދޮންބެއާ އެކުއްޖާ…” ނަޒްލާ އެހިސާބަށް ބުނުމުން އަސްމާއަށް ވިސްނުނެވެ.
އެދުވަހުގެ ފަހުން ދެހަފްތާ ވީއިރުވެސް ޔުމްނާ ނަޒްލާމެން ގެޔަކަށް ނާދެއެވެ. ނަދީމް އެތައް ފަހަރަކު ޔުމްނާމެން ގެޔަށް ގުޅިއެވެ. ނަމަވެސް އެއްފަހަރުވެސް ޔުމްނާ ފޯނާ ހަމައަކަށް ނާދެއެވެ. ކަންތައް ވީގޮތުން ޔުމްނާއާ ވާހަކަ ނުދައްކާ އެގެޔަށް ދާކަށް ނަދީމްއަކަށް ނުކެރުނެވެ.
އެދުވަހުގެ ފަހުން މަހެއް ވަންދެން ނަޒްލާވެސް ނަދީމްއާ ވާހަކަ ނުދައްކާ ހުއްޓެވެ. އެދުވަސްތަކުގައި ނަދީމްގެ ހިތުގައި ޔުމްނާއަށް ދެވިފައިވާ މަގާމް ނަދީމްއަށް ވިސްނުނެވެ. ކުރިން ނޭނގުނު ނަމަވެސް ޔުމްނާ ދެކެ ނަދީމްއަށް ވެވެނީ ހަގީގީ ލޯބި ކަން ނަދީމްއަށް އިހުސާސް ކުރެވުނެވެ. އެހެން ނޫން ނަމަ އެދުވަހުގެ ފަހުން ނަދީމް ހޭދަ ކުރި ކޮންމެ ދުވަހަކީ އެއްވެސް ހަމަޖެހުމެއް ނުލިބި ހޭދަވި ދުވަހަކަށް ނުވީހެވެ. އެއްވެސް މަސައްކަތެއް ކުރާ ހިތް ނުވެ އެހުރިހާ ދުވަސް ނުދިޔައީހެވެ.
ޔުމްނާއާ ނުގުޅުމުން ނަދީމް އެތައް ފަހަރަކު ނަޒްލާ ގާތު ޔުމްނާގެ ހާލު އެހިއެވެ. އެތައް ފަހަރަކު ނަޒްލާ ގާތު ޔުމްނާއާ ވާހަކަ ދައްކައި ދިނުމަށް އެދުނެވެ. ހަގީގަތުގައިވެސް ނަދީމް ޔުމްނާ ދެކެ ލޯބި ވާކަން ނަޒްލާއަށް ވިސްނުނެވެ. ކުރެވުނު ކަންތަކާ ނަދީމް ދެރަވާ ކަމާ އަދިވެސް ޔުމްނާއާ ގުޅެން ނަދީމް ބޭނުން ވާކަން ވިސްނުމުން ނަޒްލާ ޔުމްނާ ގާތު ވާހަކަ ދެއްކިއެވެ. ޔުމްނާއަށް އެވާހަކަތައް ގަބޫލު ކުރަން އުނދަގޫ ވިއެވެ. ނަމަވެސް ނަޒްލާގެ މަސައްކަތުން ޔުމްނާ ނަދީމްއަށް މާފުކޮށް އަލުން ނަދީމްއާ ޔުމްނާ ގުޅުނެވެ.
“…އެއީ ވީގޮތަކީ” ނަދީމް އެކަންތައް ވީގޮތް އާސިމްއަށް ކިޔާދިނެވެ.
“ކޮން އިރަކުން ދެން މެރީ ކުރަނީ؟” އާސިމް އަހާލިއެވެ.
“އަދި އިހަށް ދުވަހު ސްކޫލް އެނިމުނީ… ކިހިނެއް އެހާ އަވަހަށް މެރީ ކުރާނީ؟ އަދި ދެއަހަރު ތިން އަހަރު ފަހުން ކަންނޭނގެ ތިކަމާ އުޅެވޭނީ، ދޯ ޝާއިރު؟” ނަދީމް ޝާއިރުއަށް ބުންޏެވެ.
“އާނ، އަދި ލަހެއް ނުވެއެއްނު؟” ޝާއިރުވެސް ނަދީމްއާ އެއްބަސް ވިއެވެ.
އާސިމް އިނީ ނަޒްލާ ގެޔަށް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އަދި އެއްފަހަރު ނަޒްލާ ދެކިލާފައި ނޫނީ ގެޔަށް ދާން އާސިމްގެ ހިތް އެއްބަހެއް ނުވިއެވެ. ނަމަވެސް އެގާރަ ޖެހިތަނާ އާސިމް ގެޔަށް ދާން ނިކުތީ އާސިމްގެ ބައްޕަ ޖަމީލު ގުޅާފައި ގެޔަށް އައުމަށް އެދުމުންނެވެ. އާސިމް ގެޔަށް ގޮސް ޖަމީލުއާ އެކީ ވާހަކަ ދައްކަން އިނދެފައި މައްޗަށް އަރާ އާސިމްގެ ދޮންބެ އާޒިމްގެ ކޮޓަރިއާ އަރާ ހަމަވީ އިރަށް އެތެރޭން ރީޝާ ނުކުތެވެ.
“އާސިމް، ކޮން އިރަކު އައީ؟” އާސިމް ފެނުމުން ރީޝާ އަހާލިއެވެ.
“މިއަދު އައީ، ކިހިނެއްތަ؟” އާސިމް އަހާލިއެވެ.
އާސިމް ކުރި ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި ރީޝާ އާސިމް ގައިގައި ބައްދައިގަތެވެ.
“ރީޝާ…” ހަދާނެ ގޮތެއް ނުވިސްނިގެން އާސިމް ގޮވާލިއެވެ.
ރީޝާ ދުރަށް ޖެހިލާފައި އާސިމްގެ މޫނަށް ބަލާލިއެވެ.
އޭގެ ފަސް އަހަރު ކުރިން ރީޝާގެ ތުއްތަ ރަޝްފާއާ އާޒިމް ކައިވެނި ކުރީއްސުރެ ރީޝާގެ ހުވަފެނަކީ އާސިމްގެ އަނތްބަކަށް ވުމެވެ. ބުނަން ނުކެރި، އެހިޔާލު ހިތުގައި ސިއްރު ކޮށްގެން ހުއްޓާ އާސިމް ކިޔަވަން ދިޔައީއެވެ. ރީޝާ ހުރީ އާސިމް އައި ދުވަހަކުން އާސިމްއަށް ލޯބި ހުށަހަޅަން ނިންމައިގެންނެވެ. އާސިމް ދެކޮޅު ހަދާފާނެއެކޭ އެއްފަހަރުވެސް ރީޝާ ހިތަކަށް ނާރައެވެ.
“އާސިމް، އައި ލަވް ޔޫ…” ރީޝާ އާސިމްގެ ކުރިމަތީގައި ލޯބި ފާޅު ކޮށްލިއެވެ.
“ވަޓް…؟” އާސިމްއަށް އަހާލެވުނެވެ.
“އަޑު ނީވެންޏާ އަދިވެސް ބުނެފާނަން، އަހަރެން އާސިމް ދެކެ—” ރީޝާ ދެވަނަ ފަހަރަށްވެސް ބުނަން އުޅުނެވެ.
“އިހަށް މަޑުކޮށްބަލަ! އަޑު އިވުނޭ، އަހަންނަށް ގަބޫލު ނުކުރެވުނީ” އާސިމް ބުންޏެވެ.
“ކީށްވެ ގަބޫލު ނުކުރެވެންވީ؟ މީ ތެދެކޭ” ޖެހިލުމެއް ނެތި ރީޝާ ބުނެލިއެވެ.
“ރީޝާ، އަހަންނަކަށް ނޭނގެ ޖެންޓްލްކޮށް މިހެން ބުނާނެ ގޮތެއް… އެކަމަކު… އަހަރެން ލޯބި ވަނީ އެހެން ކުއްޖެއް ދެކެ” އާސިމް ބުންޏެވެ.
ރީޝާ އާސިމްއާ ދިމާއަށް ބަލަން ހުއްޓެވެ.
“ސޮރީ…” ރީޝާ ހުރި ގޮތުން އާސިމް ދެރަވިއެވެ. ނަމަވެސް އެކަމުގައި އާސިމްއަށް ކުރެވޭނެ ކަމެއް ނެތެވެ. ހަމަ އެކަނި އެހެން ބުނެލާފައި އާސިމް ގޮސް ކޮޓަރިއަށް ވަނެވެ.
ރީޝާ އާސިމް ދިޔަ ދިމާއަށް ބަލަން ހުއްޓެވެ. އެވަގުތު ރީޝާ ގޮތެއް ނިންމިއެވެ. ފަސް އަހަރު ވަންދެން ކުރި އިންތިޒާރު ހުހަށް ދާކަށް ރީޝާ ބޭނުމެއް ނޫނެވެ. އާސިމްގެ ލޯބި ހާސިލް ކުރާނެ ގޮތެއް ރީޝާ އަދި ހޯދާނެއެވެ. އެރޭ ރީޝާ ގެޔަށް ދިޔައީ އެއަޒުމުގައި ހުރެގެންނެވެ.
އަނެއް ދުވަހުގެ މެންދުރުގެ ވަގުތެވެ. އާސިމްއާ ޝާއިރު ތިބީ ޝާއިރުމެންގޭ ސިޓިންގ ރޫމްގައި ޝާއިރުގެ ކޮމްޕެނީއާ ބެހޭ ގޮތުން މަޝްވަރާ ކުރާށެވެ. އެންމެ ފަހުން އެއްބަސް ވެވުނީ އާސިމްވެސް އެ ވިޔަފާރީގައި ބައިވެރި ވާގޮތަށެވެ.
“މިކަން ވެސް ދެން މި ނިމުނީ… ދެން މާ ލަހެއް ނުވާނެ ކަންނޭނގެ” ކަރުދާސްތައް ފައިލަށް ލަމުން ޝާއިރު ބުންޏެވެ.
“ޝާއިރު، އަހަރެން އެއްޗެއް އަހާލަންތަ؟” އާސިމް ސުވާލެއް ކޮށްލިއެވެ.
“އާނ، އަހާބަލަ!” ޝާއިރު ބުންޏެވެ.
“ނަޒޫ… ނަޒޫ އުޅެނީ ކުއްޖަކާ ރައްޓެހި ވެގެންތަ؟” އާސިމް އަހާލިއެވެ.
“އާސިމްގެ ރާޑަރަށް ނަޒޫ އެރީ ދޯ؟” ޝާއިރު ދިމާ ކޮށްލިއެވެ. “އަސްލު މަށަކަށް ނޭނގެ. އޭނަ ލޯބިވާ މީހަކު އެބަހުރިކަން މަށަށްވެސް އެނގެނީ”
ޝާއިރު އެހެން ބުނި އަޑު އިވުމުން އާސިމްގެ ހިތަށް ގޮތެއް ވިއެވެ. ކުޑަ އިރު ކޮޅަކަށް އެހިތުގެ ވިންދުވެސް ހުއްޓުނު ހެން ހީވިއެވެ.
“ކާކު ބުނީ؟ އެއީ ކާކު؟” އާސިމްއަށް އަހާލެވުނެވެ.
“ސިމީ ބުނީ، އޭނައަށް އެނގޭނެ ކަންނޭނގެ” ޝާއިރު ބުންޏެވެ.
“އަޅެ ސިމީ ކައިރީ އަހާލަބަލަ” އާސިމް އެދުނެވެ.
“އޯކޭ، އަހާލާނަން. ސީރިއަސްކޮށްތަ އާސިމް ތި އުޅެނީ؟” ޝާއިރުވެސް ސުވާލެއް ކޮށްލިއެވެ.
“ރޭގަ ނަޒޫ ފެނުނީމަ… ގައިމުވެސް ގޮތެއް ވެއްޖެ” ނަޒްލާ ދެކެ ލޯބި ވެވިއްޖެ ކަމަށް ޝާއިރު ގާތު އެއްބަސް ވާކަށް އެވަގުތު އާސިމް ބޭނުމެއް ނުވިއެވެ.
ނަޒްލާއަށް ހޭލެވުނީ ނިހާ އައިސް ގޮވުމުންނެވެ. އޭރު ދިހައެއް ޖަހަނީއެވެ. ކުރީރޭ ތިނެއް ޖެހި އިރުވެސް ނުނިދިފައި ނަޒްލާ އޮތީ އާސިމްއާ މެދު ވިސްނާށެވެ. ހަތަރު އަހަރު ވަންދެން އެދުވަހެއްގެ އިންތިޒާރުގައި ނަޒްލާ ހުރި ދުވަސް އަންނާނީ ކޮން އިރަކު ބާއޭ އަމިއްލަ ހިތާ ސުވާލު ކުރުމުގައެވެ.
“މަންމަ ބުނީ ފެން އަޅައިގެން ވިޔަސް ދެން ދޮންތަ ނަގާށޯ” ނިހާ ބުންޏެވެ.
“ކުރިން ނުގޮވީ ކީށްވެތަ؟” މޯޅިއަކަށް ދެމިލާފައި ނަޒްލާ އަހާލިއެވެ.
“ނުގޮވާތަ؟ އަށެއް ޖެހި އިރުވެސް ގޮވިން، ދޮންތަ ނުހޭލީނު؟ ދެންވެސް ތެދުވޭ، އެހެން ނޫނީ ދެން ފެންޖަގެއް ހިފައިގެން މަންމަ ކަންނޭނގެ އަންނާނީ” ނިހާ ކޮޓަރިން ނިކުންނަމުން ބުންޏެވެ.
ނަޒްލާ ފެންވަރާ ހަދައިގެން ނިކުތް އިރު ދިހަގަޑި ބައި ވެއްޖެއެވެ. އޭރު ނައީމާ ސިޓިންގ ރޫމް ސޯފާގައި ތަރުކާރީ ތައްޓެއް ހިފައިގެން ކޮށަން އިނެވެ. ޓީވީ ހުޅުވައިގެން ސައީދު އިނެވެ.
“މަންމާ! ކޯޗެއް ސައި ބޯން ހުރީ؟” ނަޒްލާ އަހާލިއެވެ.
“ސައި ބޯން ވެއްޖެތަ މިހާރު؟ އެއޮއް އެގާރަ ޖަހަނީ ވިއްޔަ. ރޭ ނުނިދާ ކީށްތަ ކުރީ؟” ނައީމާ އެހިއެވެ.
“ދެން އެއްޗެހި ނުކިޔަބަލަ ނައީމާ، އެންމެ ދުވަހެއްގަ ލަސް ވަންދެން ނިދާލިޔަސް އެއީ މައްސަލައެއް ނޫނޭ” ސައީދު ނަޒްލާގެ ދިފާއުގައި ބުންޏެވެ.
“އެއްޗެހި ކިޔަނީކީ ނޫނޭ. ހެނދުނު ފަތިހާ ހޭނުލިޔަސް މިހާއިރު ވީމަ ތަންކޮޅެއް ލަހެއް ނޫންތަ؟” ނައީމާ އެހިއެވެ.
“މަންމާ، އަސްލު ހަމަ ހޭނުލެވުނީ، ރޭގަ ތިނެއް ޖެހި އިރުވެސް ނުނިދޭ، ނޭނގެ ކީށްވެކަމެއްވެސް ރޭގަ ނިދި ނައީ” ސައީދު ކައިރީ އިށީންނަމުން ނަޒްލާ ބުންޏެވެ.
“އާނ، ދެން އެންމެ ރަނގަޅު. އާދޭ ދެންވެސް ސައި ބޯން” ކޮށާ ނިމުނު ތަރުކާރީ ތަށި ހިފައިގެން ނައީމާ ތެދުވިއެވެ.
“ތެދެއް ދަރިފުޅާ، އަވަހަށް ސައިބޯން ދޭ. މިހާރު މާބޮޑަށްވެސް ބަނޑުހައި ވެފަ ހުންނާނީ” ސައީދު ބުންޏެވެ.
އެވަގުތު ނިހާ ކޮޓަރިން ނިކުތެވެ.
“ދޮންތަ ސައި ނުބޮއެ ހުރިއްޔާ ބައްޕަ ވަރަށް ދެރަ ވާނެ، އެކަމަކު އަހަރެން އެއްދުވަސް ވަންދެން ނުކައި ހުއްޓަސް ބައްޕައަށް ނުވެސް އެނގޭނެ” ސައީދުގެ އަނެއް ފަރާތުގައި އިށީނދެފައި ނަޒްލާއަށް ވުރެ ތިން އަހަރު ހަގު ނިހާ ތުން ދަމާފައި ބުނެލިއެވެ.
“ދަރިފުޅުވެސް އަދި ސައި ނުބޮންތަ؟” ނިހާގެ އިސްތަށިގަނޑުގައި އަތް ހާކާލަމުން ހިނިއައިސްފައި ސައީދު އެހިއެވެ.
“އަހަރެން ސައި ބޮއެފިން… އެކަމަކު އެހެން ބުނާނެއެއްނު؟ ދޮންތައަކީ ބައްޕަގެ ރަން ދަރިފުޅު ވިއްޔަ” ނިހާ ބުންޏެވެ.
“ދަރިފުޅު ދައްކާ ވާހަކަދޯ! ބައްޕަ ވަކި ދޮންތަ ދެކެ ބޮޑަށް ލޯބި ވަނީކީ ނޫނޭ، ދޮންތަ ކުޑައިރު ވީގޮތުން ދޮންތައަށް ބޮޑަށް އަޅާލެވެނީ. ބައްޕަ ހުރިހާ ކުދިން ދެކެވެސް ލޯބި ވަނީ ހަމަ އެއްވަރަކަށް” ނިހާގެ ޅަކަމާ މެދު ހީލާފައި ސައީދު ބުންޏެވެ.
“އެހެން ނުވާނެ. ނަޒޫ އެއީ ހަމަ ބައްޕަގެ ރަން ދަރިފުޅު. ދޯ ނިނީ؟” އެވަގުތު ގެޔަށް އައި ނަދީމްވެސް ނިހާއާ ބައިވެރި ވަމުން ސަމާސާ ރާގަކަށް އެހެން ބުނެފައި ސޯފާއަށް ވެއްޓިގަތެވެ.
“ދޮންބެއާ ނިނީ ޖޭވަނީ، ދޯ ބައްޕާ؟” ނަޒްލާ ބުނެލިއެވެ.
އެއާ އެކު ނަދީމްއާ ނަޒްލާއާ ނިހާ ތެދުވެ ހަޅޭ ލަވަމުން ހެމުން އެކަކު އަކެކަކު ފަހަތުން ދުވަމުން ސަކަރާތް ޖަހަން ފެށިއެވެ. އެމަންޒަރު ބަލަން ނައީމާއާ ސައީދު ތިބީ ހެވިފައެވެ.
ނިހާ ބުނިހެން ސައީދު އަބަދުވެސް ނަދީމްއާ ނިހާއަށް ވުރެ ބޮޑަށް ނަޒްލާއަށް ބަލައެވެ. ސައީދުއާ ނައީމާގެ ކައިވެންޏަށް ބަރާބަރު ދިހަ މަހުގައި ނަދީމް ލިބުނު ފަހުން ނައީމާ ނަޒްލާއަށް ބަލިވެ އިނީ އޭގަ ހަތް އަހަރު ފަހުންނެވެ. އެހާ ދުވަސް ފަހުން ލިބުނު ފުރަތަމަ އަންހެން ދަރުފުޅު މި ދުނިޔެއަށް ނޭވާލީ ވަގުތަކީ ނައީމާއާ ސައީދު ދުވަހަކުވެސް ހަނދާން ނެތޭނެ ވަގުތެއް ނޫނެވެ. ނައިމާ ބަނޑުގައި ރިއްސާތާ ދެދުވަސް ފަހުން ނަޒްލާ ވިހޭ އިރު ޑޮކްޓަރު ބުނެފައި ވަނީ ނަޒްލާ އޮތީ މަރުވެފައި ކަމަށެވެ. ނަޒްލާ ފުރަތަމަ ނެވާލީ ވިހޭތާ ފަސް މިނެޓް ފަހުންނެވެ.
އޭގެ ތިންމަސް ފަހުން ނަޒްލާ ވަރަށް ގަދައަށް ހުން އައެވެ. ހުން ނުފިލާ، ނޭފަތުންނާ އަނގައިން ލޭ އައިސް ނަޒްލާގެ ހާލު ވަރަށް ދެރަވިއެވެ. ގަދަވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތިފައި ތިއްބާ ނަޒްލާގެ ހާލު ރަނގަޅު ވާން ފެށުމުން ސައީދުއާ ނައީމާ ވީ އުފަލުގެ ކޮޅެއް ނެތެވެ.
އަދި އޭގެ ފަހުން ނަޒްލާއަށް ފަސް އަހަރުގައި ޗުއްޓީގައި ނައީމާގެ ރަށަށް ކުރި ދަތުރުގައި ނަޒްލާ ވަޅަށް ވެއްޓުނު ފަހަރުވެސް ނަޒްލާ މަރުން ސަލާމަތްވީ ކިރިޔާއެވެ. އެހުރިހާ ކަމެއްގެ ސަބަބުން ސައީދުއާ ނައީމާވެސް ނަޒްލާއާ މެދު އެހެން ކުދިންނަށް ވުރެ ބޮޑަށް ފަރުވާތެރި ވެއެވެ.
ނަދީމްއާ ނިހާ، ނަޒްލާ ދެކެ ސައީދުއާ ނައީމާ ލޯބިވާ ވާހަކަ ދައްކަނީ މަޖަލަކަށެވެ. އެއްވެސް ގޮތަކަށް އެދެކުދިންގެ ހިތުގައި ޝަކުވާއެއް އޮވެގެނެއް ނޫނެވެ. އެދެކުދިންވެސް ނަޒްލާދެކެ ވަރަށް ލޯބި ވެއެވެ. ހަމަ އެގޮތަށް ނަޒްލާވެސް ދޮންބެއާ ކޮއްކޮ ދެކެ ލޯބިވެއެވެ.
ދުވަހަކީ ޖެނުއަރީ މަހުގެ ހަވަނަ ދުވަހެވެ. ނަޒްލާގެ 16 ވަނަ އުފަން ދުވަހެވެ. އިއްތިފާގުން އެދުވަސް ވީ ހުކުރު ދުވަހަކަށެވެ. ކުރީރޭ 12 ޖެހީއްސުރެ ނަޒްލާ އިންތިޒާރު ކުރަމުން ދިޔައީ އެންމެން ނަޒްލާއަށް ގުޅާ އުފަން ދުވަހުގެ ތަހުނިޔާ ކިޔާނެ ވަގުތަކަށެވެ.
ދޭއް ޖެހިފަހުން ނަޒްލާއަށް ނިދުނު އިރުވެސް އެއްވެސް މީހެއްގެ ހަބަރެއް ނުވިއެވެ. ހީވާ ގޮތުން އެންމެ ގާތް ދެ ރަހުމަތްތެރިންވެސް ނަޒްލާގެ އުފަން ދުވަސް ހަނދާން ނެތުނީއެވެ. ނަޒްލާއަށް ނިދުނީވެސް ގޭއެންމެންނާ އަދި އަސްމާއާ ޔުމްނާއާ މެދުވެސް ހިތާހިތުން އެތައް ޝަކުވާއެއް ކުރަމުންނެވެ.
ނަމަވެސް ހެނދުނު ހޭލެވުމާއެކީ ހުރިހާ ޝަކުވާއެއް ނަޒްލާގެ ހިތުން ފިލިއެވެ. ލޯހުޅުވާ ބަލާލުމާ އެކީ ފުރަތަމަވެސް ފެނުނީ ކޮޓަރީގެ އެތަން މިތާނގައި އެކި ކުލަކުލައިން ޕާރުސަލް ކޮށްފައި ހުރި ހަދިޔާ ތަކެވެ. ނަޒްލާ ކައިރިއަށް ހިނި އައެވެ. އަދިވެސް މަންމައާ ބައްޕައަށް ނަޒްލާ ބޮޑެއް ނުވެއެވެ.
ނަޒްލާއަށް ތެދު ނުވެވިގެން އުޅެނިކޮށް ނިހާއާ ނަދީމް ކޮޓަރިއަށް ވަނެވެ.
“އަހަރެން މީ އަދިވެސް ފަސް އަހަރުގެ ކުޑަ ކުއްޖެއްތަ؟” ތެދުވެ އިށީންނަމުން ނަޒްލާ އަހާލިއެވެ.
“ބައްޕަމެންގެ ހިޔާލު… އަހަރުމެން ކީށްކުރާނީ… ދޯ ނިނީ؟” ނަދީމް ބުނެލިއެވެ.
“އާނ. ދޮންތަ ތީ އަދިވެސް ބައްޕަގެ ބޭބީ ވިއްޔަ” ނިހާ ބުންޏެވެ.
“ދެން މަގޭ ބަރތްޑޭގަ ދިމާ ނުކޮށްބަލަ އަޅެ…” އެނދުން ފައިބައިގެން ހަދިޔާތައް ހިފައިގެން ނަޒްލާ އަނެއްކާވެސް އެނދަށް އެރިއެވެ.
“ސާބަސް… މޫނުވެސް ނުދޮންނާނަންތަ؟ ސައިވެސް ނުބޮއެ ތި އެއްޗެހިތައް ކަނޑާނީތަ؟ ނަޒޫ ބަނޑުހައި ނުވިޔަސް އަހަރުމެން ބަނޑުހައި ވެޔޭ. މަންމަ އެބަހުރި ނަޒޫގެ ފޭވަރިޓް ބްރޭކްފާސްޓް ހަދާފަ، އަނެއްކާ ބައްޕަ ބުނެފި ނަޒޫ ނާންނަނީސް ސައެއް ނުބޯނަމޭ” ނަދީމް ނަޒްލާ އަތުން ހުރިހާ ހަދިޔާތައް އަތުލިއެވެ.
“ދެން ދޮންބޭ…” ނަޒްލާ ކުޑަ ކުއްޖެއްހެން ބޮޑާ ހާކާލިއެވެ.
“ސައި ބޮއެގެން ކަނޑާނީ… ބޭރުގަ އެންމެންނާ އެކީ. ދޯ ނިނީ؟” އެއްޗެހިތައް ހިފައިގެން ނިކުންނަމުން ނަދީމް ބުންޏެވެ.
“އާނ، އަވަހަށް ކަނޑަން ބޭނުމިއްޔާ އަވަސް ކޮށްގެން އާދޭ” ނިހާވެސް ނަދީމްއާ އެއްބައި ވިއެވެ.
ބައިގަޑިއެއްހާ އިރު ފަހުން ނަޒްލާ ނިކުތް އިރު ޔުމްނާއާ އަސްމާވެސް ކާމޭޒު ދޮށުގައި ތިއްބެވެ.
“ހެޕީ ބަރތްޑޭ ނަޒޫ” ނަޒްލާ ފެނުމުން އަސްމާއާ ޔުމްނާ އެކީ ބުންޏެވެ.
ނުނިމޭ
11 Comments!
Comments are closed.
Heres part 2… hope u like this… happy for any feedback
Wowww nyc stwry?
nice. me 1st dhw
Very nice…. I love it..???
When next part
Reethi dhen
Vaahaka v v reethi … eneh part avahah up kohdhehchey
Varah salhi dialogue thah ves. Marsh haadha molhey.
Kuda kuddhinge vaahaka eh hen hyvany v foohi kiyan adhi maa gina name thakeh kiyany vx maa baivaru myhun ulheythy me akah kamaku nudhey hyvany hama bby story eh hen
Marsha ge story eh v ma hama mi kiyan feshee. Furathama part evves salhi eh nuvi, kameh nuvaathee kanneyge dhw aslu. Bodah caracter tha kiyaidheefa huree. ekam marsha v ma salhi vaaney hithaa kee. Dhen mihaaru eba reethi vey. I like ur stories. Mature gotheh hurey liyaa style ga n kuh madhu, kiyaalan faseyha.
Owww….a nyc stry…….v v nulyc nge…keep it up….
kudakudhinge vaahaka eh viyyaa nukyma evynu saf ah myhaku majubooru kureythr kiyan?????????