Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (ސައުރަޔާޅީސްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
April 13, 2026 11 Mins Read
11 Comments

ގަބޫލުނުކުރެވިފައި އޭނާގެ ކުރިމަތީ ގޮނޑީގައި އިން އައިޝާއަށް ބަލަން މަންހަލްއިނެވެ. މާނޭވާ ލަމުން ދިޔައިރު އޭނާގެ ދެލޮލަށްވަނީ ކަރުނަ ޖަމާވެފައެވެ. ޖެހޭ ފިނި ވައިރޯޅިތައް އައިޝާގެ ބުޅި އިސްތަށިގަނޑާއި ސަމާސާ ކުރަމުން ދިޔައިރު މަންހަލްގެ ސިކުނޑި އޭނާއަށް ކަމެއް ހަނދާންކޮށްދޭން މަސައްކަތްކުރާ ކަހަލައެވެ.

“މަންހަލްއަށް އެނގޭތަ؟ އަހަރެންގެ ފޭންސް ވަރަށް ގިނަވާނެ. ރަށު ސްކޫލުގައި ކިޔެވިއިރުގައާ މާލޭގައި އޭލެވެލް ކިޔެވި އިރުވެސް. ފިރުޝާއަކީ ގްރޭޑް ހަތަކުން ފަށައިގެން އަހަރެންގެ ފަހަތުން ނުނައްޓައިގެން އުޅޭ މީހެއް. ކިތަންމެ ފަހަރަކު ބުނެފިން ނޫނެކޭ. ސީދާކޮންނާ ނުސީދާކޮށްވެސް. އަދި އަހުމަދިއްޔާގަވެސް އުޅުން ވަރަށް ރިޗް ކުއްޖެއް. ބުޅި އިސްތަށިގަނޑެއް އޮންނާނެ. ތުންފަތުގައި ހުންނާނީ ގަދަ ރަތްކުލަ ޖައްސާފަ. އައިޝަތު އަފްރާ ކިޔާނީ. އެކަމަކު އައިޝާ ކިޔަންޏާ އޭނާ ވަރަށް ރުޅި އަންނާނެ.. ކުލާސްކުދިން އޭނާ ރުޅިއަރުވަން ކިޔާނީ އައިޝާ..”

މަންހަލްގެ ސިކުނޑީގައި ޔަޒްދާންގެ އަޑު ގުގުމާލިއެވެ.

“އައިޝާ.. އައިޝަތު އަފްރާ..” މަންހަލްގެ އަޑުގައި ވަރެއް ނެތް ފަދައިން ކިޔާލިއެވެ.

“ޔެސް ޔެސް.. އައިޝަތު އަފްރާ.. ހަސްބެންޑް ކިޔައިދިން ދޯ. އޭގެ މާނައަކީ ހަނދާނެއް ނުނެތެއޭ..” އަފްރާއަށް މުޅިން އާ ޖޯޝެއް ލިބުނު ފަދައެވެ.

ހުޅުވާލި ދޮރުން ފުރަތަމަވެސް ޖާވިދަށް ފެނުނީ އަޒީމްގެ މޫނެވެ. އޭނާ އަވަސް އަވަހަށް އިސްދަށަށް ޖަހާލިއެވެ.

“ވަދޭ..” އަޒީމް ބޮޑަށް ދޮރު ހުޅުވާލާފައި ބުނެލިއެވެ. ގޭތެރެއަށް ވަދެފައި އޭނާ ވަށައިގެން ނަޒަރު ހިންގާލިއެވެ. ވަކިން ހުރި ސޯފާ ގޮނޑީގެ ކައިރީގައި ކޮޅަށް ތެދުވެ ޝަޔަމް ހުއްޓެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު ލުއި ހިނިތުންވުމަކުން އެކަކު އަނެކަކަށް ސަލާމެއް ކޮށްލެވުނެވެ. މަޑުމަޑުން އައިސް ޖާވިދު އިށީނީ އަޒީމް ދެއްކި ދިގު ސޯފާގެ އެއްކައިރިއެއްގައެވެ. އޭނާއަށް ކުރިމަތިވާނެހެން ވަކިން ހުރި ސޯފާގައި އަޒީމް ޖައްސާލިއެވެ. ޝަޔަމް އިށީނީ ޖާވިދު އިން ސޯފާގެ އަނެއްކޮޅުގައެވެ.

“ކިހިނެއްތަ؟” ހިނިތުންވެލާފައި އަޒީމް ސުވާލުކުރިއެވެ.

“ރަނގަޅު.” ހާސްވެފައި އިން ވަރުން ޖާވިދަށް ހިނި އަންނާކަށް ނޭނގުނެވެ.

“ޝަފްނާ ކައިރިއަކު ނޫން ދޯ މިހާރު އުޅެނީ؟” ޖާވިދުއާ ބެހޭ ގޮތުން އަޒީމް މައުލޫމާތު ހޯދިކަން އޭނާ އަންގާލިއެވެ. މަޑުމަޑުން ޖާވިދު ބޯ ޖަހާލިއެވެ.

“ޑެލިވަރީ ކޮށްދެނީ. ޝަފްނާ ދިންވަރުގެ މުސާރައެއް ނުލިބުނަސް ފުދޭ ވަރެއްވޭ..” ޖާވިދު ބުންޏެވެ.

“މަންމަ ކިހިނެއް؟” އަޒީމް އަނެއްކާވެސް ސުވާލު ކުރިއެވެ.

“ރަނގަޅު އަލްޙަމްދުﷲ.” ޖާވިދުގެ ޖަވާބުތައް ކުރެެވެ.

“ވަރަށް ގިނަދުވަސް ވެއްޖެތަ ދެމީހުން ރައްޓެހިވެގެން އުޅޭތާ؟” ޝަޔަމްއަށްވެސް ނަޒަރެއް ދެމުން އަޒީމް ސުވާލުކުރިއެވެ.

“މާގިނަ ދުވަސްތަކެއް ނުވެ ބޭބެ އައީ. މިހަތަރު މަސްދުވަސް ތެރޭ އަޅުގަނޑުމެން ވާހަކައެއް ނުދައްކަން. ކުރިން ދުވަހު އަޅުގަނޑު ގުޅީމަ ޝަޔޫ- ޝަޔަމް ބޭނުންވީ މާލެ އަންނަން. ޓިކެޓް ނަގައިދިނީ އަޅުގަނޑު..” ޖާވިދުވެސް ވާހަކަދެއްކީ ޝަޔަމްއަށް ބަލައިލާފައެވެ.

“މަންމައަށް އެނގޭތަ؟” އަޒީމް އަހާލިއެވެ.

“ލައްބަ. މަންމަ ވަރަށް ބޭނުންވެފަ ހުރީ ޝަޔަމް އާއި ބައްދަލުކޮށްލަން. މަންމަ އަޅުގަނޑުގެ ގާތުގައި އެދުނު ވަރުން ޝަޔަމްއާއި ގުޅަން ހިތްވަރު ލިބުނީ.” ވާހަކަދައްކާއިރު ދޭތެރެއަކުން އޭނާގެ ނަޒަރު ޝަޔަމްއަށް ދަތުރުކޮށްލައެވެ. އެހާ އަވަހަށް އަނެއްކާވެސް އެހެން ދިމާލަކަށް ނަޒަރު ހުއްޓާލައެވެ.

“ކައިވެނި ކުރަނީ ކޮން އިރަކުން؟” ކަރުކެހިލާފައި އަޒީމްގެ މޫނުމައްޗަށް ސީރިއަސްކަން ގެނައެވެ.

“ބޭބެ ހުއްދަދޭނަމަ އަޅުގަނޑު މިހާރުވެސް ޝަޔަމްއާ ކައިވެނިކުރަން ތައްޔާރު. އެކަމަކު.. މިކަހަލަ ރީތި ގެއެއްގަ އަޅުގަނޑަށް ޝަޔަމްއެއް ނުގެންގުޅެވޭނެ. ބޭބެއަށްވެސް ފެންނާނެ އަޅުގަނޑުމެންގެ ގޭގެ ހާލަތު. އެކަމަކު އަޅުގަނޑު ބޭބެއަށް ޔަގީންކަން ދެން، އަޅުގަނޑު ކައިރީ ހުރި ދުވަހަކު ޝަޔަމްއަށް ރައްކާތެރިކަން ދޭނަން.. އެންމެ މީރު ކާއެއްޗެހި ކާން ނުދެވުނަސް އޭނާ ހުންނާނީ ކައިގެން.. އަޅުގަނޑަށް ލިބުނު ވަރަކުން ޝަޔަމްއަށް ބޭނުންވާ އެއްޗެހި ގަނެދޭނަން.” ދެއަތުގެ އިނގިލިތައް މަހާލައިގެން އިނދެ ޖާވިދު ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ޔަގީންކަން ވިއެވެ. އެސިފަ އަޒީމްއަށް ނުހަނު ކަމުދިޔައެވެ.

“އެންމެ ރަނގަޅު.. ކުރިއަށް މިއޮތް ބޮޑު ޗުއްޓީ ކިހިނެއްވާނެ؟ ދެކުދިންނަށް ރަނގަޅިއްޔާ.. ތާރީޚެއް ކަނޑައަޅާނީ ތިކުދިން..” އަޒީމް ބަލައިލީ ޖާވިދަށެވެ. ޖާވިދު ބަލައިލީ ޝަޔަމްއަށެވެ. “ޝަޔޫ ބުނެބަލަ..”

“ޝަޔޫއަށް އޯކޭ..” ޖާވިދުއަށް ބަލައިލާފައި ޝަޔަމް އިސްޖަހާލީ ރަކިވާން އުޅުމުންނެވެ. އެހާ އަނގަގަދަ ލާނެތް ޝަޔަމްއަށްވީ ކިހިނެއްތޯ ޝަޔަމްގެ ހިތް ސުވާލުކުރިއެވެ.

ޖާވިދާ އަޒީމްގެ ދެމެދުގައި އެތައް ވާހަކައެއް ދެކެވުނެވެ. އަޒީމް އިށީނދެ އިން ތަނުން ތެދުވީ ނުވަގަޑި ބައިވާން ކައިރިވެފައި ހުއްޓައެވެ. ދެމީހުންނަށް ބަލައިލާފައި އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ. ކުޑަކޮށް ޖާވިދުގެ ކައިރިއަށް ޝަޔަމް ޖެހިލިއެވެ. ޖާވިދުވެސް ޝަޔަމްގެ ކައިރިއަށް ޖެހިލިއެވެ.

“ބައްޕަ ދަމުން އެބުނީ މާ ކައިރި ނުވައްޗޭ..” ޖާވިދު އެދެމެދުގައިވީ ޖާގަ އިތުރަށް ކުޑަކޮށްލަން އުޅުނުހެން ހީވެ ޝަޔަމް ބުންޏެވެ. އަޒީމް ދަމުން ދެމީހުންނަށް ބަލައިލާފައި އެއްޗެއް ނުބުންޏަސް އެދެލޮލުން ދެމީހުންނަށް އިންޒާރު ދިނެވެ.

“ކިހިނެއް؟” ދެމީހުންނަށްވެސް އެއްފަހަރާ އަހާލެވުނެވެ. އެއާއެކު ދެމީހުންނަށްވެސް ހެވިއްޖެއެވެ.

“ރަނގަޅު..” ޖާވިދު ޖަވާބު ދިންއިރު، ހުނުން މައިތިރި ނުވެގެން ޝަޔަމް އިޝާރާތުން ރަނގަޅު ކަމަށް ބުނެލިއެވެ.

“ވަރަށް ލޯބި ޝަޔޫ ހޭއިރު. މިހާރު ތި ލޮލުގައި ހަގީގީ އުފާވެރިކަން އެބަވޭ…” މާނަވީ ބެލުމަކުން ޝަޔަމްއަށް ބަލަން އިނދެ ޖާވިދު ބުނެލިއެވެ. ސޯފާކޮޅުގައި އުޅަނބޮށި ޖައްސާލާފައި އަތް ގެނެސް ބޮލުގައި ޖައްސާލިއެވެ.

“ޖޭމާ.. ބައްޕަ އައިސްދާނެ..” ދެލޯ ބޮޑުކޮށްލާފައި ޝަޔަމް އިންޒާރު ދިނެވެ.

“އެކަމަކު ތިކުއްޖާ ތިއީ މިހާރު އަހަރެންގެ ފިއާންސޭ ކަމަކަށް ނުވާނެ..” ޖާވިދު ދިމާކޮށްލިއެވެ.

“ކޮން އިރަކު ޕްރޮޕޯސްކުރީ؟” ޝަޔަމް ހަށަންބަނދެލިއެވެ.

“ބައްޕަގެ ހުއްދަ ލިބިއްޖެ. ދެން ހަމަ ޖަހައިގަނެގެން ގެންދާނީ..” ޖާވިދު އެއްލޯމަރާލިއެވެ.

“ރޫޑްކޮށް ވާހަކަދެއްކިއަސް ރީތިކޮށް ވާހަކަދައްކަންވެސް އެނގެއޭ ދޯ.. ފްލާޓް ކުރަން ދަސްކޮށްދިނީ ކޮން އަންހެން ކުއްޖެއްތަ؟” ޝަޔަމް ލޯ އަޅާލިއެވެ.

“ހޫން ފެށުނީ.. ދެން ތީ ރުންކުރުކޮށް ވާހަކަނުދައްކާ މީހާ..” ޖާވިދު ރައްދުދިނެވެ.

ދެމީހުންނަށްވެސް ހެވުނީއެވެ. އެތައް ދުވަހަކާއި އެތައް ރުއިމަކަށް ފަހު މިހާރު އެދެލޮލުން ވަރުބަލިކަން ފިލާ ވިދުން ފާޅުވެއްޖެއެވެ. މޫނުމައްޗަށް އުފާވެރިކަން ވެރިވެއްޖެއެވެ.

“ކޮބާ ވީޑިއޯ؟” ސީރިއަސް ވެލާފައި ޝަޔަމް ސުވާލުކޮށްލިއެވެ.

“މިރޭ ދެން ދާނީ އޭނާ ކައިރިއަށް. މާދަން ދައްކާނަން..” ޝަޔަމްގެ މޫނުގައި ފިރުމާލުމަށްނެގި އަތް ޖާވިދު ތިރިކޮށްލީ އަޒީމް ކޮޓަރި ދޮރު ހުޅުވާލި އަޑު އިވިފައެވެ. ބޯ ކަހަލާފައި އޭނާ ތެދުވިއެވެ. ދަނީ ކަމުގައި ބުނެފައި އޭނާ ނިކުމެގެން ދިޔައެވެ.

“ނުވައެއްގަ މަންމަ ތެރަޕީއަށް ގެންގޮސްފަ އަންނާނަން ބަލައި.. ރެޑީ ވައްޗޭ.. މަންމަ ބަލައި ދާނީ މަންމަގެ ޑޯޓާ-އިން-ލޯ ގޮވައިގެން..” ޝަޔަމްގެ ފޯނަށް އައި މެސެޖުގައި ވިއެވެ. ބައްޕައަށް ބާއްޖަވެރި ރޭގަނޑަކަށް އެދެމުން ޝަޔަމް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އެހެނަސް އެނބުރި އައިސް ބައްޕަގެ ގައިގައި ބައްދާލިއެވެ.

“ތެންކިއު ބައްޕާ.. އައިމް ގްލޭޑް އައި ހޭވް އަ ފާދާ ލައިކް ޔޫ.. ލަވް ޔޫ ބައްޕާ..” ބައްޕަގެ ގައިގައި ދެއަތް ވަށާލައިގެން ހުރެ ޝަޔަމް ބުނެލިއެވެ.

“ޔުއާރ އޯލްވޭސް ވެލްކަމް.. ބައްޕަގެ ރަނިކަމަނާ. އެކަމަކު ބައްޕައަށް ސިއްރުން ކަންތައް ކުރުން މީގެ ފަހުން ނޯންނާނެ އިނގޭ..” ޝަޔަމްގެ ބޮލަށް ބޮސްދީފައި އަޒީމް ބުނެލިއެވެ. ދެބަފައިންގެ މޫނުމަތީގައި އޭރުވީ ހިނިތުންވުމެކެވެ.

“ޕްރޮމިސް..” ބައްޕަގެ އަތާ އަތް ޖަހާލަމުން ޝަޔަމް އެނބުރި އައިސް ކޮޓަރިއަށް ވަނެވެ.

ބޭރުގައި އުޅެފައި ޔަޒްދާން ގެއަށް އައިއިރު ދިހައެއް ޖަހަން ގާތް ވެއްޖެއެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އޭނާއަށް މަރުހަބާކިއީ ފަޅުކަމާއި އަނދިރިކަމެވެ. އޭނާ ކޮޓަރިން ބޭރަށް ބޯދިއްކޮށްލި އިރު މަންމަވެސް ކޮޓަރިން ބޭރަށް ބޯދިއްކޮށްލައިފިއެވެ.

“މަންހަލް ކަމަށް މަންމަ ހީކުރީ. އަދި ނާދޭ ދޯ؟” ޒަހީނާ ބުނެލިއެވެ.

“ބޭރަށް ދިޔައީތަ؟” ހައިރާންވެފައި ޔަޒްދާން ސުވާލުކޮށްލިއެވެ.

“އާނ. ކޮންމެވެސް އައިޝާއެއް ގުޅައިގެންނޯ. ބަނދަރަށްދާ ވާހަކަ މަންމަ ކައިރީ ބުނީ..” ޒަހީނާ އޮޅުންފިލުވައިދިނެވެ.

“އޯކޭ..” ކޮޓަރީގެ ދޮރު ލައްޕާލާފައި އޭނާ އަނެއްކާވެސް ހިނގައިގަތީ ބޭރަށެވެ.

ބަނދަރުގެ އެއްފަރާތުން އަނެއް ފަރާތަށް ދުއްވި އިރުވެސް ޔަޒްދާންއަށް މަންހަލްއެއް ނުފެނުނެވެ. ހޮޅުއަށްޓެއް ކައިރީ ސައިކަލު މަޑުކޮށްލަމުން އޭނާ ފޯނު ނަގާ މަންހަލްއަށް ގުޅާލިއެވެ. ފޯނުގެ އަނެއްކޮޅުން އިއްވާލީ މަންހަލްގެ ފޯނު ނިއްވާލާފައިވާ ވާހަކައެވެ. ފޯނު ޖީބަށް ލާފައި މިފަހަރު ޔަޒްދާން މިސްރާބު ޖެހީ މާމަގެއަށް ދިއުމަށެވެ. ފަހަރެއްގައި ޔޫވިން އާއެކު އުޅެދާނެކަމަށް ހީކުރެވުމުންނެވެ. މާމަގެއަށް ދިޔައިރު އެގޭގައި ހޭލާ އުޅެނީ މަރިޔަން އެކަންޏެވެ. ޔަޒްދާންގެ ހިތް ބިރުގަތީ އެހިސާބުންނެވެ. އޭނާ މަންހަލްއަށް ރައްކާތެރިކަން ދިނުމަށް ވަނީ ވަޢުދުވެފައެވެ. ވީއިރު އޭނާގެ ބެލުމުގެ ދަށުގައި މަންހަލް ހުއްޓާ އޭނާއަށް ގެއްލުމެއް ލިބުމަށް ޔަޒްދާން ވަކިން ނޭދެއެވެ. އަނެއްކާވެސް ޔަޒްދާން ދިޔައީ ބަނދަރުމައްޗަށެވެ. ކުޑަ ތަންކޮޅަކަށް ދުއްވާލިތަނާ އައިޒިން ފެނިއްޖެއެވެ.

“ކީއްކުރަނީ؟” ފުރަތަމަ ސުވާލު ކުރީ ޔަޒްދާންއެވެ.

“ޒަކާ ކްރަމްޕީ ކާހިތްވީ..” އައިޒިން ޖަވާބުދިނެވެ. “ކަލޭ ކީއްތިކުރަނީ؟”

“މަންހަލް ނުފެނިގެން. މަންމަ ބުނީ އައިޝާއާ އެއްކޮށް ހިނގާށޭ އައީ ބަނދަރަށް. އެކަމަކު ނުފެނުން.. ކަލެއަށް އެނގޭތަ މިރަށުގަ އައިޝާ ކިޔާ ކުއްޖެއް އުޅޭކަން؟ އަހަރުމެން ވަރުގެ..” ޔަޒްދާންގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރުތައް އައިޒިންއަށް ފެނުނެވެ.

“އައިޝާއޭ؟ ވަކިން އައިޝާއޭ ކިޔާ މީހަކު ނޫޅޭ ދޯ.. ނަމުގެ ކުރިއަށް އައިޝާ ކިޔާ މީހުން ވަރަށް ގިނަވާނެ..” އައިޒިން ބުންޏެވެ.

“ކަލޭ ދެންދޭ ޒަކާއަށް ތިދޭން. އެހެންނޫނީ ހިތްހަމަ ނުޖެހިދާނެ.” އައިޒިން ދާން އުޅެފައިވެސް ހިޔާލު ބަދަލުވިހެން ހީވެ ޔަޒްދާން ބުންޏެވެ.

“ދެން ކަލެއޯ؟ ކަމެއް ވިއްޔާ މަގޭ ކައިރީ ބުނައްޗޭ.” އައިޒިން ގެއަށް ދާން ސައިކަލު އަނބުރާލިއެވެ.

އެވަގުތު ފޯނު ވައިބްރޭޓް ވެލިއެވެ. ސައިކަލު މަޑުކޮށްފައި އަވަސްއަވަހަށް އޭނާ ފޯނު ބަލައިލި އެވެ. އުންމީދުކުރި ގޮތަށް މަންހަލްގެ މެސެޖެކެވެ.

“އާދެބަ ކޮޓަރިއަށް..” އެއްލޯ މަރާލާފައި އޮތް އިމޯޖީއާއެކު މަންހަލް ފޮނުވި މެސެޖުން ޔަޒްދާންގެ ބަނަވެފައިވާ މޫނަށް އުޖާލާކަމެއް ވެރިވިއެވެ. ލާނެތް ހިނިތުންވުމެއް ތުންފަތުގައި ދުވެލިއެވެ. ދީވާނާ ވެފައިވާ މީހެއްހެން ސައިކަލުގައި މިސްރާބުޖެހީ ވީހާވެސް އަވަހަކަށް ގެއަށް ދިއުމަށެވެ.

ކޮޓަރިއަށް ވަތް އިރު ޔަޒްދާންގެ ސިކުނޑިއަށް އެކިކަހަލަ މަންޒަރު ސިފަކުރެވެމުން ދިޔައެވެ. ދޮރު ހުޅުވާލާ އިރަށް މަންހަލް ކުރިމަތީގައި ހުންނާނެ ގޮތެވެ. އޭނާ ގާތްވެލާއިރު އެ މޫނަށް ވެރިވާ ރަތް ކަމެވެ. ހިނިތުންވުމަކާއެކު ޔަޒްދާން ކޮޓަރި ދޮރު ހުޅުވާލި އިރު މިފަހަރުވެސް ފެނުނީ އަނދިރިކަމެވެ.

“މަންހަލް..” ދޮރު ލައްޕާލަމުން ޔަޒްދާން ގޮވާލިއެވެ. ނިދާބޮކި ދިއްލައިލަމުން އޭނާ ފާހާނާއާއި ދިމާއަށް ދިޔައެވެ. ފާހާނާގެ ދޮރު ހުޅުވާލާ ބޮކި ދިއްލާލިއިރު އެތަނުގައިވެސް މަންހަލްއެއް ނެތެވެ. ފޯނު ނަގާ އޭނާ ގުޅީ މަންހަލްއަށެވެ. ދެތިން ރިންގާއެކު ފޯނު ނަގައިފިއެވެ.

“މަންހަލް. ކޮންތާކު ތިއުޅެނީ؟ މިރޭ ކޮންކަހަލަ ސަމާސާއެއް ތިކުރަނީ؟ އަހަރެން ކައިރީ އަންނާށޭ ކިޔާފަ މަންހަލް ކޮންތާކަށް ތިދިޔައީ؟” ފޯނު ކަންފަތުގައި ޖަހާލި ގޮތަށް ޔަޒްދާން ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލިއެވެ.

“މަންހަލްލް..” ޔަޒްދާންގެ އަޑަށް ހަރުކަށިކަން ވެރިވެގެން ދިޔައީ މަންހަލްގެ ޖަވާބެއް ނުލިބުމުންނެވެ. ޖަވާބެއް ނުދީ މަންހަލް ފޯނުކަނޑާލީއެވެ.

މޫނުމަތީގައި އަތް ހާކާލާފައި ޔަޒްދާން އައިސް އެނދުގައި އިށީނީ ނިދާބޮކި ނިއްވާލާފައި ހުދުބޮކި ދިއްލާފައެވެ. އޭނާ ހަމަ އެނދުގައި އިށީން އިރަށް މަންހަލް ވައިބާ އިން ވީޑިއޯ ކޯލް ކުރަން ފެށިއެވެ.

“މަންހަލް. ދެޓްސް އިނަފް. މިހާ ދަންވާއިރު މަންހަލް ނުފެންނާތީ އަހަރެން ކަންބޮޑުވެއޭ..” އާދޭހެއް ފަދައިން ޔަޒްދާން ބުނެލީ ފޯނަށް ބަލަހައްޓައިގެން އިނދެއެވެ. ފުރަތަމަ ފޯނު ނެގިއިރަށް ފެނުނީ ކަޅު އަނދިރިގަނޑެކެވެ. އިވެމުން ދިޔަ ބާރު އަޑުން އޭނާ ކަނޑުމަތީގައި ހުރިހެން ޔަޒްދާންއަށް ހީވިއެވެ.

ޔަޒްދާން ފޯނަށް ބަލަން ހުއްޓާ މަންހަލް ފެނިއްޖެއެވެ. އަނގަމަތި ބަނދުކޮށްފައިވީއިރު އޭނާގެ ދެއަތް ފުރަގަހަށް ބަނދެވިފައިވިއެވެ. އެދެލޮލުން ކަރުނަތައް ބަބުޅަމުން ދިޔައިރު އެހީއަށް އެދި އެދެލޯ އާދޭސްކުރަނީއެވެ. ޔަޒްދާންއަށް ކޮޅަށް ތެދުވެވުނެވެ. މަންހަލް އިން ހާލުން އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ. މަންހަލްގެ އިތުރުން އެބަނޑުގައި އެމީހުންގެ ތުއްތު ދަރިފުޅު ވެއްޖެއެވެ. އެ ދެމައިންނަށް ގޮތެއް ވެއްޖެނަމަ ޔަޒްދާންގެ ދުނިޔެ ހުއްޓުމަކަށް އަންނާނެއެވެ.

“ޝަފްނާ…” ތުރުތުރު އަޅައިގެން ދިޔަ އަޑަކުން ޔަޒްދާން ގޮވާލިއެވެ.

“ބުނޭ. ކޮން ކަމެއް ބޭނުންވަނީ؟ ކަލޭ ބުނި ހުރިހާ ކަމެއް ކުރާނަން. މަންހަލް ދޫކޮށްލާ..” ޔަޒްދާންގެ ދެއަތް މުށްކެވިގެން ދިޔައެވެ.

“މަންހަލް..” ސްކްރީނުން ފެންނަމުން ދިޔަ މަންހަލްގެ މޫނުމަތީ ޔަޒްދާން ފިރުމާލިއެވެ.

“އޯހްހް.. ރޯމިއޯ އެންޑް ޖޫލިއެޓް..” މަންހަލްގެ ކައިރީ ގޮނޑީގައި އިށީން އަންހެން ކުއްޖާ ފެނި ޔަޒްދާންގެ ވަށައިގެން ދުނިޔެ އެނބުރެން ފެށިހެން ހީވިއެވެ.

“އަފްރާ..” ވައިއަޑުން ޔަޒްދާން ކިޔާލިއެވެ.

“އެކަކު އައިޝާ. އަނެކަކު އަފްރާ.. ކޮންމެސް އެއްނަމެއް ކިޔާ..” މަންހަލްގެ ކޮލުގައި ހިފާލާފައި އަފްރާ ބުންޏެވެ.

“ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟” ޔަޒްދާން ސުވާލުކޮށްލިއެވެ.

“ހިނގާ ދޯ އެންމެންވެސް އެއްބަސްވުމަކަށް އަންނަން. މަންނު ސަލާމަތްކުރަން.. ބޭނުންތަ؟” އަފްރާ ލާނެތް ހިންޏެއް އައެވެ.

“ކީއްހޭ ކުރާންވީ؟” ކެތްތެރިކަން ކޮޅުން ލައިގެން ދިޔަ ފަދައިން ޔަޒްދާން ބުނެލިއެވެ. އޭނާގެ އަޑުވެސް ބާރުވެގެން ދިޔައެވެ.

“ޝްޝް.. އަޑުގަދަކުރަންޏާ އެންމެން ގެއްލިދާނެ..” އަފްރާ މަންހަލްގެ ބަނޑުގައި ފިރުމާލިއެވެ. “އަހަރެން ބުނާ ތަނަކަށް އަންނަންވީ.. ހަނދާން ކުރާތި! އެހެންމީހެއްގެ ކައިރީ ބުނެފިއްޔާ ފެންނާނީ އަންހެނުންނާ ބަނޑުގައި އޮތް ދަރިފުޅުގެ ފުރާނަނެތް މަސްގަނޑު..”

“ކޮންތާކަށް ދާންވީ؟” ޔަޒްދާން ސުވާލުކޮށްލިއެވެ.

“ބަނދަރުގަ އޮތް ލޯންޗަށް އަރަންވީ.. ދިހަ މިނެޓު..” އަފްރާ ފޯނު ކަނޑާލިއެވެ.

ފޯނު ޖީބަށް ލަމުން ޔަޒްދާން އަވަސް އަވަހަށް ކޮޓަރިން ނިކުތެވެ. މާދަން ހެނދުނު އެންމެން ހޭލާ އިރު ޔަޒްދާން އާއި މަންހަލް ނެތްނަމަ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ގޮސް ކަންތައް ގޯސްވާނެކަން ޔަޒްދާންއަށް އެނގެއެވެ. އެހެންވެ އޭނާ ދިޔައީ މަންމަ ކައިރިއަށެވެ.

“ވަރަށް އަވަހަށް މާލެ ދާން ޖެހިގެން މިދަނީ މަންމާ.. މަންހަލް ވެސް ގޮވައިގެން މިދަނީ އިނގޭ.” ޒަހީނާ ދެލޯ ހުޅުވާ ބަލައިލުމާއެކު ޔަޒްދާން އަވަސްއަވަހަށް މަންމަ ގާތު ބުނަން ބޭނުންވި ޖުމްލަތައް ބުނެލައިފިއެވެ. އިތުރު ސުވާލެއް ނުކުރެވެނީސް ޔަޒްދާން އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެ ދޮރު ލައްޕާލައިފިއެވެ.

“ކަމެއްވީތަ ދަރިފުޅާ! ދަރިފުޅާ ޔަޒްދާން!” އެއްޗެހި އަޅުވާ ހަރުން ބުރުގާ ނަގައި ބޮލަށް މަހާލަމުން ޒަހީނާ ދުވެފައި ކަހަލަ ގޮތަކަށް ނިކުތްއިރު ޔަޒްދާން ސައިކަލު ދުއްވާލި އަޑު އިވުނެވެ.

“މި ދަންވަރު ދެން ކޮންތާކަށްތަ ދަނީ.. ޕިސް ޕިސް..” ޒަހީނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

“މަންހަލް ނާންނަނީތަ؟” ފަހަތުން ސާހިލް ވާހަކަދެއްކި އަޑަށް ޒަހީނާ ދިޔައީ ސިއްސައިގެންނެވެ.

“މަންހަލް ގޮވައިގެން ޔަޒްދާން މިދަނީ މާލެއަށޯ.. ވަރަށް އަވަހަށް ދާން ޖެހިގެންނޯ.. ވީކަމެއްވެސް ބުނީއެއް ނޫން..” ޒަހީނާ ވީގޮތް އޮޅުންފިލުވައިދިނެވެ.

“އަންނާނަން ބޭރު ބަލައިލާފަ..” ސާހިލް ޒަހީނާއަށް ބަލައިލާފައި ބޭރަށް ނިކުތެވެ. މަގުގެ ދެފަރާތަށް ބަލައިލާފައި ހަލުވި ފިޔަވަޅުތަކެއްގައި އޭނާ ބަނދަރު ސަރަހައްދަށް ދިއުމަށް މިސްރާބުޖެހިއެވެ. ކަމެއް ގޯސްވެއްޖެއޭ އޭނާގެ ހަވަނަ ހިއްސު ބުނެލިއެވެ.

ގަސްތަކުގެ ހިޔަލުން އަނދިރި އެޅިފައިވާ ހިސާބުތަކުން ހިނގަމުން އައިސް ބަނދަރުގައި ހުރި ބޮޑު ނިކަގަސް ދަށުގައި ސާހިލް މަޑުކޮށްލިއެވެ. ބަނދަރުގައި އޮތް ޑިންގީއަށް ޔަޒްދާން އެރި ތަން ސާހިލްއަށް ފެނުނެވެ. އޭނާ ހަމަ އެރުމާއެކު އެ ޑިންގީ ދުއްވާލައިފިއެވެ. ކުރިއަށް ދާން ނެގި ފިޔަވަޅުމަތީ އޭނާ ހުއްޓުނީއެވެ. ޔަޒްދާންގެ އިތުރުން ޑިންގީގައި ހުރީ ދުއްވަން ހުރި ފިރިހެން މީހެއް އެކަންޏެވެ. ވީމާ، މަންހަލް ޔަޒްދާންއާއެކު ނުދާކަން އޭނާއަށް ޔަގީންވެއްޖެއެވެ.

ޔަޒްދާންއަށް ގުޅަން ފޯނު ނެގި ވަގުތު ސާހިލްގެ ގައިގައި މީހަކު ހިފާ ނިކަގަހުގެ ފުރަގަހަށް ދަމައިގަނެފިއެވެ. ކުއްލި ހަރަކާތަކާއެކު ސާހިލް އެމީހާ ގައިގައި ޖެހިގަތް ގޮތަކުން ދެމީހުންވެސް ބިންމައްޗަށް ވެއްޓުނެވެ. ނިކަން އަވަހަށް ތެދުވެ ގައިން ވެލި ފޮޅާލުމަށް ފަހު ސާހިލް ކުރިމަތީގައި ހުރި މީހާއަށް ބަލަން ހުއްޓެވެ. އަނދިރީގައި ގިނައިރުވުމުން ދެމީހުންނަށްވެސް އެކަކު އަނެކަކާ ހުރި ދުރުމިން ފާހަގަކުރެވުނެވެ.

“ކާކަށް މަސައްކަތް ކޮށްދޭ މީހެއްތީ؟” ސާހިލްއަށް ސުވާލުއައެވެ.

“ބިރު ދައްކަން އުޅެންޏާ ބުނެލަން އޮތީ އެކަމެއް ނުވާނޭ.” ސާހިލްގެ އަޑުގައި ސާބިތުކަން ވިއެވެ.

“ވަރަށް ފަސޭހަ ސުވާލެއް މިކުރަނީ. ކާކުގެ އަމުރަށް މަސައްކަތް ކުރާ މީހެއްތީ؟ ޖަވާބު ނުދީފިއްޔާ އަހަންނަށް ޖެހޭނީ ކަލޭމެންގެ ބަހުން ވާހަކަދައްކަން..” އެމީހަކު ސާހިލްއަށް އިންޒާރުދިނެވެ. “ކަލޭތީ ކާކު؟”

“އަހަންނަކީ މަންހަލްގެ ބައްޕަ. ދެން ޝަފްނާއަށް ގުޅާފައި ބުނޭ ޓާގެޓް އަތުލައިގަނެވިއްޖޭ..” ސާހިލްގެ ހިތުގައި ޒައްރެއްގެ ނުތަނަވަސް ކަމެއް ނެތެވެ. ކުއްލިއަކަށް ކުރިމަތީ ހުރި މީހާ ދެއަތް އެލުވާލިއެވެ.

“މާފުކުރޭ. މިތާ ހުރީމާ އަޅުގަނޑު ހީކުރީ އެމީހުންނާ ގުޅުން އޮތް މީހެއް ކަމަށް. އަޅުގަނޑަކީ އައިޒިން، ޔަޒްދާންއާއެކު މަސައްކަތްކުރާ ފުލުހެއް..” އެ ޒުވާނާގެ ބަސްމަގު ބަދަލުވެގެން ދިޔައެވެ. އައިޒިން އައިސް ސަލާމަށް އަތް ދިއްކޮށްލުމުން ސާހިލް އެ އަތުގައި ހިފާލިއެވެ.

“އެހެންވީމާ މީ ޝަފްނާގެ ކަމެއްތަ؟” އައިޒިން ސުވާލުކޮށްލިއެވެ.

“ހީވަނީ. އައިޒިން ކީއްކުރަން މިތަނަށް އައީ؟” ސާހިލްވެސް ސުވާލުކުރިއެވެ. ދެމީހުންވެސް ބަނދަރުމަތީގައި އަލިވެފައި އޮތް ހިސާބަށް މިސްރާބު ޖެހިއެވެ.

“ޔަޒްދާން އަޅުގަނޑަށް މެސެޖު ކުރީ. މިއޮތީ އޭނާގެ ފޯނު ލޮކޭޝަން ފޮނުވާފަ.” އައިޒިން ފޯނު ނަގާ ސާހިލްއަށް އެ މެސެޖު ދައްކާލިއެވެ. “މަންހަލްއާ ކައިވެނި ކުރިތާ ކައިރީގައި ޔަޒްދާން ބުނެފައި އޮތީ މަންހަލްއަށް ކަމެއް ވެއްޖެއްޔާ ފޯނު ލޮކޭޝަން ޝެއަރ ކުރާނެ ވާހަކަ.”

“ޒަހީނާ ބުނީ ޔަޒްދާން މަންހަލް ގޮވައިގެން މާލެދާ ވާހަކަ. އެކަމަކު ޔަޒްދާން އެކަނި ޑިންގީއަށް އެރީ..” ސާހިލް އޭނާއަށް ފެނުނު ކަންތައްތައް އޮޅުންފިލުވައިދިނެވެ.

“ދެންމެ ބަނދަރުގައި އުޅުން މަންހަލް ނުފެނިގެން. މަންހަލް، އައިޝާ ކިޔާ ކުއްޖަކާ އެކުގާ ހިނގާލަން އައި ކަމަށްވަނީ.. އޭގެ އިރުކޮޅެއް ފަހުން އޭނާ މެސެޖު ކުރީމާ އަޅުގަނޑު މިއައީ..” އައިޒިން ބުންޏެވެ.

އޭރު އެހެން ސައިކަލެއްގައި އައި ޒުވާނެއް އެމީހުންނާ އަރާ ހަމަކޮށްފިއެވެ.

“މީ ފައުޒާން. ޔަޒްދާންއާއެކު މަސައްކަތްކުރާ ކުއްޖެއް މިއީވެސް.” ފައުޒާން ސައިކަލު މަޑުކޮށްލުމާއެކު އައިޒިން ބުނެލިއެވެ.

“އަފްރާ އަކީ ކާކު؟” ސާހިލްއާއި ސަލާމް ކޮށްލަމުން އެދެމީހުންނަށް ފައުޒާން ސުވާލުކޮށްލިއެވެ.

“މަޑުކުރޭ. އެއީ އޭނާއާއެކު މާލޭގައި ކިޔަވަން އުޅުނު ކުއްޖާ ދޯ..” ވިސްނާލާފައި އައިޒިން ބުންޏެވެ.

“އެއީ އޭނާގެ ކަމެއްތަ؟ ބަދަލުހިފުމެއްތަ؟ ބޭބެ ނުދަންނަ ކުއްޖެއް އެއީ..” ސާހިލް ސުވާލުކުރިއެވެ. ޝަފްނާ ކުރި ކަމަކާމެދު އޭނާ ޝައްކު އުފެދުނެވެ. “މަންހަލްއަށް ކަމެއް ކޮށްފިއްޔާ އޭނާ އަހަންނަށް ގުޅާނީ ފުރަތަމަވެސް. އެކަމަކު މިފަހަރު އެކަމެއް ކުރި މީހަކު އެގުޅީ ޔަޒްދާންއަށް..”

“އެހެންމާ ފިރުޝާއަކީ އަދި ރަނގަޅު ކުއްޖެއްދޯ. އޭނާވާ ގޮތްދޫކޮށްފި ވިއްޔާ..” ފައުޒާން ވައި އަޑުން ބުނެލީ އައިޒިންއަށް އިވޭ ވަރަށެވެ.

“ކިހިނެއްތަ މިތަނަށް އަފްރާ އައީ؟” އައިޒިން ސުވާލުކުރިއެވެ.

“މަށަށް މެސެޖު ކޮށްފަ އޮތީ.. ލޮކޭޝަން ފޮނުވާފަ. އޭގެ ފަހަތަށް އޮތީ ހަމައެކަނި އަފްރާ ޖަހާފަ..” ފައުޒާން ބުނެލިއެވެ.

“މައްސަލަ ހުށައަޅަންވީ އަވަހަށް..” އައިޒިން ނިތުގައި ފިރުމާލިއެވެ.

“އެހަށް ވިސްނާ.. ޔަޒްދާން އެކަނި ހުރިނަމަ ރަނގަޅު. އެކަމަކު މިހާރު މަންހަލް އެބަހުރި. ބޭބެއަށް ހީވަނީ.. އޭނާ އިނީ ބަލިވެހެން.. އެކުއްޖާއަށްވެސް ވިސްނަން ޖެހޭނެ…” ސާހިލް މޫނުގައި ފިރުމާލިއެވެ. އައިޒިންއާއި ފައުޒާން އެކަކު އަނެކަކަށް ބަލައިލިއެވެ.

“އަހަންނަށް ހީވަނީ ޑިންގީ އެދަނީ މާލެއާ ކޮޅަށްހެން…” ފައުޒާން އޭނާގެ ހިޔާލު ހުށައެޅިއެވެ.

“މާލެ ދާންވީނު؟” އައިޒިން ބުނެލިއެވެ.

“”މިގަޑީގަ ދަތުރުކޮށްދޭނީވެސް ކާކު؟” ސާހިލް ފުން ނޭވާއެއް ލިއެވެ. އޭނާގެ ހިތަށް އަސަރުކުރިއެވެ. އޭނާގެ މައިންބަފައިން ފަދައިން އެއް ވާހަކައެއް މަންހަލްގެ ހަޔާތުގެ ސޮފްހާގައި ލިޔެވޭކަށް ސާހިލް ނޭދެއެވެ. އަމިއްލަ ފުރާނަދިޔައަސް މެއެވެ. މިއަދު އޭނާގެ ދަރިން ތިބީ ބޮޑެތިވެ ތަންދޮރު ފިލާ ބަޔަކަށްވެފައެވެ. އަމިއްލަ ދިރިއުޅުމެއް އުޅެވޭ ވަރުވެފައެވެ. ވީއިރު އެ ދެ ދަރިންގެ އުފަލަށް ޓަކައި، ކުޑައިރު ތަޙައްމަލު ކުރި ވޭންތަކަށް ފަހުގައި، އެންމެ ހަޔާތެއް ޤުރުބާންވެގެން ދިޔައަސް އެންމެ ރަނގަޅު ނޫންހެއްޔެވެ. ފަހަރުގައި އޭރަށް ބައްޕައަށް މާފުކުރަން އެކުދިންނަށްވެސް ފަސޭހަވެދާނެއެވެ.

މާލޭ ފަޅަށް ވަދެވުމާއެކު ދުއްވަން އިން މީހާ ފޯނު ނަގާ އެޑްރެސްއެއް ދައްކާލައިފިއެވެ. ދެބުމަ ގޮށްޖަހައިގެން އިނދެ އޭނާ ދާންވީ ހިސާބު ފާހަގަކުރިއެވެ.

“ފޯނު ގެނޭ..” ދުއްވަން އިން މީހާ ބުނެލިއެވެ.

“ކެރެންޏާ އަތުލާ.” ފޯނު ނުދޭން ޔަޒްދާން ބުނެލިއެވެ.

“ކަލެއަށް އެނގޭނީ. މަގޭ މިތާ ހުރެފަ އެންމެ ރިންގެއް ކޮށްލާނީ. އެހިސާބަށް ކަލޭ ދާންވާއިރު އެމްބިއުލާންސްގަ ނެރޭނީ ކަލޭގެ އަންހެނުން.” އެ ފިރިހެންމީހާ ހިނިތުންވެލާފައި ބުންޏެވެ. ފުން ނޭވައެއް ދޫކޮށްލާ ޔަޒްދާން ފަހަތް ބަލައިލިއެވެ. އެވަގުތު އެ ހިސާބުގައި ފުދޭވަރަކަށް މީހުން އޮތެވެ. ބައްތި ދިއްލާ އަލިކުރެވިފައި ވުމުން ޑިންގީގައި ކަމެއް ހިނގައިފިއްޔާ މީހުންނަށް ވަރަށް އަވަހަށް ފެންނާނެއެވެ. އޭރަށް މަންހަލް ފެނުމުގެ ކުރިން ޖަލުގެ ތޭރިތައް ފެނިދާނެއެވެ. ދެއަތް މުށްކަވާލާފައި އޭނާ ޖީބުން ފޯނު ނެގިއެވެ. ޑިންގީ ތެރެއަށް އެއްލާފައި އޭނާ ވާޓާރު މައްޗަށް ފައިބައި ހިނގައިގަތެވެ.

ކުރިމަތީ ހުރި ގެއަށް ޔަޒްދާން ބަލައިލިއެވެ. އެ ގެއިން ޒަމާނީ ގޮތްގަނޑު ފެންނާކަށް ނެތެވެ. އޭނާ އެގޭގެ ތެރެއަށް ހިނގައިގަންނަން އުޅެނިކޮށް ކަޅުކުލައިގެ ޓެކްސީއެއް އައިސް އޭނާގެ ކައިރީގައި މަޑުކޮށްލިއެވެ.

“ޔަޒްދާން، އަރާ..” ލޫވާރ ތިރިކޮށްލާފައި ދުއްވަން އިން މީހާ ބުނެލިއެވެ.

އޭނާ އެދުނު ފަދައިން ޔަޒްދާން ކާރަށް އެރިއެވެ. މާލޭގެ މަގުތަކުން ދުއްވާފައި ގޮސް އޭނާ ވަނީ ގެއެއްގެ ގަރާޖެއްގެ ތެރެއަށެވެ.

“ކުރިއަށް ދޭ..” ޑްރައިވަރު ފަހަތަށް އެނބުރިލާ ޔަޒްދާންއަށް ބުނެލިއެވެ.

ކާރުގެ ދޮރުފަތް ލައްޕާލުމަށްފަހު ޔަޒްދާން ހިނގައިގަތެވެ. މުޅި އެތަނުގައި ވަނީ ފަޅުކަމާއި ކަޅުކަމެވެ. ތަނަށް ވެރިވެފައި އޮތް އަނދިރިކަން ފިލުވައިދެނީ ކުރިމަތިން ފެންނަން ހުރި ރިހިކުލައިގެ އަލްމިނިއަމް ދޮރުގެ މަތީގައި ހަރުކޮށްފައި އިން ހުދު ކުލައިގެ ބޮކީގެ ފަނޑު އަލިންނެވެ. ކޮންމެ ފިޔަވަޅެއް ޔަޒްދާން އެޅީ ވިސްނައިގެންނެވެ. ވަށައިގެން ފެންނަމުން ދިޔަ ހުރިހާ އެއްޗެއް އޭނާގެ ސިކުނޑީގައި ނޯޓުކުރިއެވެ. މަޑުމަޑުން ދޮރު ހުޅުވާލުމާއެކު ފެނުނު ސިޑީގެ ހަރުފަތްތަކުން މައްޗަށް އޭނާ އެރިއެވެ. ތަނުގައިވީ ފަޅުކަމުން ޔަޒްދާންގެ ހިއްސުތައް އިންޒާރު ދެމުން ދިޔައެވެ. އިންސާނެއްގެ ހިލަމެއް ނުވިތާ ކުޑަކުޑަ ސުތްޕެއްގެ އިޝާރާތެއް ވެސް ނުވިއެވެ. އެންމެ މައްޗަށް އެރުމާއެކު އަނެއްކާވެސް ދޮރެއް ފެނުނެވެ. އެދޮރު ހުޅުވާފައި ދެވެން އޮތް ކުޑަ ގޯޅި ކޮޅުން ހިނގާލި ތަނުން އަނެއްކާވެސް މޫނު ޖެހުނީ ދޮރެއްގައެވެ. މަޑުމަޑުން ދޮރު ހުޅުވާލުމާއެކު ގޮނޑިއެއްގައި ފެންކަޅިވެފައި އިން މަންހަލް އޭނާއަށް ފެނުނެވެ. އޭނާގެ އަނގަމައްޗާއި ދެއަތާއި ދެފައި ވަނީ ފޮތިކޮޅަކުން އައްސާފައެވެ. ދެމީހުންގެ ނަޒަރު ބައްދަލުވުމާއެކު މަންހަލްގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. ޔަޒްދާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނީ މަންހަލް ހެޔޮ ހާލުގައި އިން ތަން ފެނުމުންނެވެ. އަވަސް އަވަހަށް އޭނާއަށް މަންހަލްގެ ގާތަށް ދެވުނެވެ. މަންހަލްގެ އަނގަމަތީގައި އައްސާފައި އޮތް ފޮތިކޮޅު ނައްޓުވާލުމާއެކު އޭނާގެ ހިމޭން ގިސްލުމުގެ އަޑު ބޭރުވެއްޖެއެވެ.

“އޭމީހުން އަންނާނެ މިހާރު ޔަޒްދާން..” މަންހަލް އަވަސް އަވަހަށް ބުނެލިއެވެ.

“މަންހަލްލް..” މަންހަލްގެ ކޯތާފަތުގައި ފިރުމާލުމަށްފަހު ޔަޒްދާން ގޮސް ދޮރުން ބޭރަށް ބޯ ދިއްކޮށްލިއެވެ. “ނެތޭ އެއްވެސް މީހެއް.”

“ނޫން.. އެމީހުން އަހަރެން ކުރިމަތީގައި ޕްލޭން ކުރީ. އަފްރާ ބުނީ ޔަޒްދާން އައިސް އަހަރެން ސޭވް ކުރާއިރުގަ އަނެއްކާ ދެމީހުންވެސް އަތުލާށޭ.. އެމީހުން ބުނީ-” ޔަޒްދާން އައިސް މަންހަލްގެ އަތުގައި އައްސާފައިވާ ފޮތިގަނޑު މޮހަން ފެށުމުން މަންހަލް ބުންޏެވެ. އެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެވެ.

“މަންހަލް ބިރު ނުގަނެބަލަ، އަހަރެން މިހުރީނު.. އަހަރެން ބުނީމެއްނު އަހަރެން ހުއްޓާ މަންހަލްއަށް ދެރަ ގޮތެއް ނުވާނޭ..” ޔަޒްދާން މަސައްކަތްކުރީ މަންހަލް ހިތްހަމަ ޖައްސައިދޭށެވެ. ހަގީގަތުގައި އޭނާގެ ހިތުގައި ވެސް ޖެހިލުންވިއެވެ. ތަނުގައިވި ހަމަހިމޭންކަން ކުރިމަތި ވާން އުޅޭ ނުރައްކަލުގެ ބޮޑުކަން ބުނެދޭން އުޅެނިއްޔޭ ޔަޒްދާންގެ ހިތް ބުންޏެވެ.

“އެކަމަކު އެމީހުން ތިބީ ޔަޒްދާންއަށް ވުރެ، މާ ބޮޑުކޮށް މާ ވަރުގަދަކޮށް.. މާ ގިނަ މީހުން އައިސިއްޔާ، އޭރުން-” ޖުމްލަ ފުރިހަމަ ނުކޮށް ޔަޒްދާން ދިއްކޮށްލި އަތުގައި ހިފަމުން މަންހަލް ކޮޅަށް ތެދުވެލީ އޭނާގެ ފައި މިނިވަންވުމުންނެވެ.

“ތިބުނީ އަހަރެން ވަރުގަދައެއް ނޫނޭތަ؟” މަންހަލްގެ ކޮނޑުގައި ހިފާލާ ޔަޒްދާންގެ ގާތަށް ދަމާލަމުން އޭނާ ސަމާސާ ކޮށްލިއެވެ. މަންހަލްގެ ބުރުގަލުގެ މަތިން އޭނާގެ ބޮލަށް ޔަޒްދާން ބޮސްދިނެވެ. ދެމީހުންގެ ދެމެދުގައިވީ ފަރަގު އިހުނަށްވުރެ ކުޑަކޮށްލާ ޔަޒްދާންގެ އަތާއި ހަށިގަނޑާއި ދެމެދު މަންހަލް ފިއްތާލިއެވެ. “އައި ލަވް ޔޫ މަންހަލް. ޔޫ ސްކެއާޑް މީ. ދެން އެކަމަކު މަންހަލްއަށް ގޮތެއް ނުވާނެ އިރާދަކުރެއްވިއްޔާ. އަހަރެން މިހުރީ މަންހަލްގެ ކައިރީގަ.”

“އެހެންނެއް ނޫނޭ. އެކަމަކު، އަހަރެން ބިރުގަނޭ.. ޔަޒްދާން ތިއީ އެންމެ ފިރިހެނެއް. އަފްރާ ކައިރީގަ ތިބި ހަތް ފިރިހެނުން..” މަންހަލްގެ ކަޅި ވަށައިގެން ދަތުރުކުރަނީއެވެ. އޭނާ ޔަޒްދާން ދުރަށް ޖައްސާލަން މަސައްކަތް ކުރިއެވެ. އެހެނަސް އެހުރިގޮތަށް ހުރެ ޔަޒްދާން ކުރިއަށް ފިޔަވަޅެއް އެޅީއެވެ. މަންހަލް ޖެހުނީ ފަހަތަށް ހިނގާށެވެ. އެކޮޓަރީގެ ދޮރާ ހަމައަށް އާދެވުމާއެކު މަންހަލްގެ ގައިން ދޫކޮށްލާ ޔަޒްދާންގެ ފުރަގަހަށް ލިއެވެ.

މަންހަލް ފަހަތުގައި ބަހައްޓައިގެން ޔަޒްދާން މަޑުމަޑުން އެކޮޓަރިން ނިކުތެވެ. އަނދިރިގަނޑުގެ ތެރެއިން ދެވަނަ ދޮރާ ހަމައަށް ދެވުނު އިރުވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެހެނަސް އެ ދޮރުން ނިކުމެ ސިޑި ކައިރިއަށް ދެވުނު އިރު މީހަކު ސިޑިން އަރާ އަޑު އިވުނެވެ. މަންހަލް ގޮވައިގެން އައިސް ޔަޒްދާން ވަނީ ދޮރު ބިއްދޮށަށެވެ. ފަހަރަކަށް ވުރެ ފަހަރެއް ފިޔަވަޅުތަކުގެ އަޑު ކައިރިވަމުން އައެވެ. އެމީހަކު އައިސް ކޮޓަރިއަށް ވަނުމާއެކު ޔަޒްދާން އެމީހާގެ ގައިގައި ހިފާ ބިންމައްޗަށް ވައްޓާލައިފިއެވެ. ހުށިޔާރުވެގެން ހުރި އެމީހާ ޔަޒްދާން ގުދުވެލި ވަގުތު އޭނާގެ މޫނަށް އަތުގެ ހަމަލާ އަމާޒުކޮށްލިއެވެ. ޔަޒްދާން އަރިއަޅާލިއެވެ. ބަލަން ނުހުރެ މަންހަލް ގޮސް ހިފީ އެމީހާގެ އިސްތަށިގަނޑު ގައެވެ.

“އަހަރެންގެ ފިރިމީހާ ގައިގަ ޖަހައިގެން ނުވާނެ. ނުވާނެ ޖަހައިގެން. އޭނާއަށް ގޮތެއް ހަދައިގެން ނުވާނެ..” އެމީހާގެ އިސްތަށިގަނޑަށް ވާން ކުރަމުން މަންހަލް ކިޔެވެ. ފުރުސަތުގެ ބޭނުން ހިފާ ޔަޒްދާން ކޮޅަށް ތެދުވިއެވެ.

“މަންހަލް. މަންހަލް… މަންހަލް ދުރަށް ދޭ..” ޔަޒްދާން އެމީހާގެ ޓީޝާޓުގައި ހިފާ ކޮޅަށް ނެގިއެވެ. ދެއަތް ބޮނޑިކޮށްލާ ތުންފަތުގައި ޖައްސާލައިގެން މަންހަލް ދުރަށް ޖެހިލިއެވެ. ޔަޒްދާންއާ އެމީހާއާ ދެމެދު އަތުގެ ހަމަލާތައް ބަދަލުކުރެވުނެވެ. ދެވަނަ ފަހަރަށް ޔަޒްދާން އެމީހާ ބިންމައްޗަށް ވައްޓާލުމާއެކު މަންހަލް ގޮސް އޭނާގެ ގައިގައި ފައިން ޖެހިއެވެ. ވެއްޓި ޖެހުނު ގޮތުން އެމީހާ އޮތީ ނުތެދުވެވިފައެވެ. މަންހަލްގެ އަތުގާ ހިފައިގެން ޔަޒްދާން އަނެއްކާވެސް ސިޑިއާ ދިމާއަށް ދުއްވައިގަތެވެ. އޭރު އޭނާއަށް މާނޭވާ ލެވެއެވެ. އަނގަމަތިންނާ ބުމަ ކައިރިން ލޭ ހޭކިފައި ހުއްޓެވެ.

“ވޯހް. މަންހަލް ގަދަ އިނގޭ. ދެޓްސް މައި ވައިފް.. މިސިސް ޔަޒްދާން.. މިހާރު ތިހުރީ ހަމަ ރަނގަޅަށް ވެސް އަހަރެންގެ ވައިފްއަށްވެފަ.” ފަޚުރުވެރި ވެލާފައި ޔަޒްދާން ބުނެލިއެވެ.

“ޔަޒްދާން.. ލޭ އައިސްފަ ތިހުރީ.. ކީއްވެތަ ކުރީ ފަހަރުގޮތަށް ޕޮލިސް ޓީމުނުލާ އައީ؟” މަންހަލް ވާހަކަދެއްކިއެވެ.

“ވާހަކަދައްކާނީ ފަހުން.. ޕޮލިހުންވެސް އަންނާނެ އިރާދުކުރެއްވިއްޔާ.. ދުއާ ކުރޭ..” ޔަޒްދާން މާނޭވާ ލަމުން ބުނެލިއެވެ.

ގަރާޖުގެ ދޮރުން ނިކުމެވުމާއެކު ޔަޒްދާންއާ މަންހަލްގެ ފިޔަވަޅުތައްވެސް ހުއްޓުނެވެ. ބޯ ދިގުކޮށްފައި ތިބި ބިޔަ ދިހަ ފިރިހެނުން އެމީހުންގެ ކުރިމަތީގައި ތިއްބެވެ. ޔަޒްދާން ވަގުތުން މަންހަލްގެ ކުރިމައްޗަށް އަރައިފިއެވެ. ޔަޒްދާންއާ މަންހަލްގެ އަތް މަހާލެވިފައި ވީއިރު ފަހަރަކަށްވުރެ ފަހަރެއް އޭނާގެ އަތަށް ބާރުކުރަމުންދާކަމުގެ އިހުސާސް މަންހަލްއަށް ކުރެވުނެވެ. މަންހަލް އަނެއް އަތުން ޔަޒްދާންގެ އަތުގައި ހިފަހައްޓާލިއެވެ.

“އަފްރާ ކޮބާ؟” ޔަޒްދާން ސުވާލުކުރިއެވެ. އެއްވެސްމީހަކު އެއްވެސް އެއްޗެއް ނުބުންޏެވެ.

އެމީހުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ޔަޒްދާން އާއި މަންހަލް ފަހަތަށެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ހަގީގަތަކީ ކޮބައިހޭ؟…14

Next

ހިތް ދެވިއްޖޭ ކަލާއަށްޓަކައި (އާ ސީރީސްއެއް)

Next
April 13, 2026

ހިތް ދެވިއްޖޭ ކަލާއަށްޓަކައި (އާ ސީރީސްއެއް)

Previews
April 13, 2026

ހަގީގަތަކީ ކޮބައިހޭ؟…14

11 Comments!

  1. Aayaa Aayaa says:
    April 13, 2026 at 12:01 pm

    Salaam.
    Here’s 44th part. Varah gina dhuvas fahun kan ingey vaahaka mi upload kollevuny. Ekamah nihayathah maafah edhen.
    Vaahaka kamudhaane kamah unmeedhu kuran! ☺️🤍

  2. Cutie girl says:
    April 13, 2026 at 3:08 pm

    Mi part ves varah reethi masha Allah
    Curiously waiting for next part
    Heyonuvaane manhal salaamaiy kurey yazdhaan fakeeru Moya vedhaane
    Mi part kiyaafa rovijje
    Finally shayoo n Azeem gulhuni
    Kuhverinah adabu dhee
    Miayee varah saugu veri kamakaa eku kiyaa vaahaka eh

    1. Aayaa Aayaa says:
      April 14, 2026 at 11:43 am

      Thank you Cutie girl! ☺️🤍

  3. lilyy says:
    April 14, 2026 at 6:47 pm

    kon irakun dhn anehbai kiyaaleveyny

    1. Aayaa Aayaa says:
      May 5, 2026 at 5:03 pm

      Trying my best to post it this weekend, In sha Allah ☺️

  4. Someone says:
    April 14, 2026 at 6:54 pm

    Hmmm after long time……..
    Nice episode as well ❤️‍🩹
    Can’t wait for next episode 😁

    Love you

    1. Aayaa Aayaa says:
      May 5, 2026 at 5:05 pm

      Thank you Someone! ☺️🤍

  5. Anonymous says:
    April 15, 2026 at 3:26 pm

    Nice!
    Whn nxt?? Can’t wait

    1. Aayaa Aayaa says:
      May 5, 2026 at 5:07 pm

      Thank u Anonymous! ☺️🤍
      In sha Allah this weekend.

  6. StorySeeker_X says:
    April 20, 2026 at 1:07 pm

    Can’t wait for the next part

    1. Aayaa Aayaa says:
      May 5, 2026 at 5:11 pm

      Thank youu!

Comments are closed.

Next Episodeއިންސާފް (ދެވަނަ ބައި)←


All Right Reserved!