ނޯޓް: މިއީ އެއްވެސް އިރެއްގައި ހިނގާފައިވާ އަދި ހިނގާފާނެ ކަމަށް ލަފާކޮށް ލިޔެފައިވާ ވާހަކައެއް ނޫނެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މުޅިން ޚިޔާލީ ވާހަކައެކެވެ.
. . . . . .
بسم اللّه الرّحمٰن الرّحيم
. . . . . .
އިރު އޭގެ ރަންދަޅަތައް ދައްކާލުމަށްފަހު ދުނިޔެއާއި އަލްވަދާޢު ކިޔަން ދިޔަވަގުތެވެ. ކަނޑުގެ ސަތަހައަށް އެޅިފައިވީ ނަލަނަލަ ދޮން ފަޅޯ ކުލައެކެވެ. އުޑުމަތީ ތަރުތީބުކަމާއެކު ހުރި ކުދި ވިލާކޮޅުތައް ހުރީ ގަދަ އޮރެންޖު ކުލައެއްގައެވެ. ހަމަހިމޭން އެ މާހައުލަށް ދިރުން ގެނެސްދެނީ ދޮންވެލި ފަސްގަނޑުގައި ދެކޮޅަށް ދުވެ އުޅޭ ތުއްތު ކުދިންގެ ހުނުމާއި ސަކަރާތުގެ އަޑުންނެވެ. ފެހިކަން ގަދަ ކާނި ގަސްދޮށުގައި އެލުވާފައި ހުރި އުނދޯލިތަކުގައި ޒުވާން ފިރިހެން ކުދިން ސަކަރާތްޖެހުމުގައި އުޅެއެވެ. އެ އުނދޯލިތަކުގެ ކުރިމަތިން އެއްފަރާތެއްގައި ބަހައްޓާފައި ހުރި ބެންޗު ތަކުގައި ތިބީ ޒުވާން ފުރައިގެ އަންހެން ކުދިންތަކެކެވެ. ސެލްފީ ނެގުމާއި ސްނެޕް ކުރުމުގައި އެކުދިން ތިބީ ވަށައިގެން ވާ މާޙައުލު މަތިންވެސް ހަނދާން ނެތިފައެވެ. ކުޅެން އުޅުނު ކުދިންގެ ތެރެއިން ރާޅު ޖަހާ ފަށާ ކައިރިން ހިނގާފައި އަންނަ ދެ އަންހެން ކުދިންނަށް އުނދޯލީގައި ތިބި ޒުވާނުންގެ ނަޒަރު ހުއްޓިއްޖެއެވެ.
އެ ދެކުދިންގެ ތެރެއިންވެސް ފިރިހެން ކުދިން އެންމެ ގަޔާވީ ބުރުގާ ނާޅާ ހުރި އަންހެން ކުއްޖާއާއެވެ. އެ ފަރި ހިނގުމުގެ ޖާދޫގައި އެމީހުން ޖައްސުވައިފިއެވެ. އަންހެން ކުއްޖާ ލައިގެން ހުރީ ކަކުލާ ހަމައަށް އަރާ ކަނޑު ނޫ ކުލައިގެ އަރިން ފެޅި ހެދުމެކެވެ. ތިރިއަށް ލާފައި ހުރީ ކަޅު ކުލައިގެ ޖީންސްއެކެވެ. އުނަގަނޑާއި ހަމައަށް ދިގުކޮށްފައި އޮތް ފަން އިސްތަށިގަނޑު ދޫކޮށްލާފައި އޮތް އިރު ޖެހިލާ ހިތްގައިމު ވަޔާ އެކު ވިހުރިގެން ދެއެވެ. އޭގެއިން ކޮންމެ ފަހަރަކު އޭނާ އިސްތަށިގަނޑު ކަންފަތުގައި އަޅުވާލައެވެ. މޫނުމައްޗަށް އެޅިފައިވާ އިރުގެ ދޯދިތަކުން އެމޫނުގެ ވިދުންގަދަވެގެން ދެއެވެ. މޭކަޕެއް ކޮށްފައި ނެތެއްކަމަކު ގުދުރަތުން އޭނާއަށް ލިބިފައިވީ ރީތިކަން ފުދެއެވެ.
ސިއްރުތަކެއް ކިޔަވާލުމަށްފަހު އުނދޯލީގައި އިން ޒުވާނަކު އަންހެން ކުއްޖާއާ ދިމާއަށް ހިނގައިގަތެވެ. ގަޔާވެފައި ދެންތިބި ކުދިން ތިބީ ކުޅި ބަލާށެވެ.
“ހޭއި ބިއުޓިފުލް..” އަތުގައި އޮތް ރީނދޫކުލައިގެ ހިރުނދުމާ ދިއްކޮށްލަމުން ހުވަފެނީ ރާގަކަށް އޭނާ ބުނެލިއެވެ. ރަކިވެފައި ހުރެ އަންހެން ކުއްޖާ ބަލައިލީ ކައިރީ ހުރި އޭނާއާއި ދާދި އެއް އުމުރެއްގެ ކުއްޖާއަށެވެ.
އޭނާ ލައިގެން ހުރި ކަޅު ކުލައިގެ ގަޔަށް ދޫ ހުޑީ ކަކުލާ ހިސާބަށް އަރައެވެ. އިސްތަށިގަނޑު ނިވާ ކުރުމަށްޓަކައި ހަމަ އެކުލައިގެ ތިންކަނު ބުރުގަލެއް އަޅައިގެން ހުރި އިރު ފައި ފޮރުވާލާފައިވަނީ އަޅި ކުލައިގެ ޓައިޓް ހަރުވާޅަކުންނެވެ. މޫނުމަތީގައި މާބޮޑު މޭކަޕެއް ކުރެވިފައި ނެތަސް އޭނާގެ ތުނި ތުންފަތް ފަވާލާފައިވަނީ ފިޔާތޮށިކުލައިގެ ލިޕްސްޓިކް އަކުންނެވެ.
“އޭ ޒަޔާން.. މޮޔަވީތަ؟” އަންހެން ކުއްޖާ ހީވީ ރުޅި އައިސް އިން ކުކުޅެއް ހެންނެވެ. އޭނާ އަރައިގަތީ ޒަޔާންގެ ބޮލަށެވެ. އޭނާގެ އަތުގައި އޮތް މާ އަތުލުމަށްފަހު ފަހަރަކު ފިޔައެއް އުފުރާލުމަށްފަހު ޒަޔާންގެ މޫނުމައްޗަށް ޖަހައިފިއެވެ. ދެލޯ ބޮޑުކޮށްގެން ބުރުގާ އަޅައިފާ ހުރި އަންހެން ކުއްޖާއަށް ބަލަން އޭނާ ހުއްޓެވެ.
“މީހުން ކިޔަސް މަށެއް ހިޔެއް ނުކުރަން ތި މަންޖެ ތިހާ ރުޅި ގަދަވާނެ ކަމަށް.. އަދި ތީނައަކަށް ނޫނޭ މަ އެމާ ދިނީވެސް، ރުޅި އަންނާކަށް..” އިސްތަށިގަނޑު ރީތި ކުރަމުން ސިއްރެއް ބުނެލާހާ މަޑުން އޭނާ ވާހަކަދެއްކިއެވެ.
“ބުނަން! ދެން އެންމެ ފަހަރަކު މަންނު ކައިރިއަށް އަޔަސް ނިމުނީ..” ޒަޔާންގެ މޫނަށް ޝަހާދަތް އިނގިލި ދިއްކޮށްގެން ހުރެ އޭނާ ވަރުގަދަ އިންޒާރެއް ދިނެވެ.
“ތެދެއް، އަހަރެންގެ ބަޓަފްލައިއާ ނުކުޅެއްޗޭ ދެން.. ސަންތިވެސް ތަންކޮޅެއް ރުޅި މަޑުކޮށްބަލަ..” ދެ އަންހެން ކުދިންގެ ފަހަތުން ކޮނޑަށް އަތް ވައްޓާލަމުން އެ ތަނަށް އައި އެހެން ޒުވާނެއް ބުނެލިއެވެ.
“މަގޭ ވާ ސަލާން ދެން.. ދުވަހަކުވެސް އަންހެން ކުއްޖަކާ ވައި ވެސް ނޭޅޭނަން..” އަނގަ ސަކަރާތްވެގެން ޒަޔާން އަނބުރާ އައި ކޮޅަށް ހިނގައިގަތެވެ. އަޑުގަދަވެގެން މަންޒަރު ބަލަން ތިބި ޒުވާން ފުރައިގެ އަންހެން ކުދިންނާ، އުނދޯލީގައި ތިބި އޭނާގެ ރަހުމަތްތެރިން އޭރު ތިބީ ހީހީ ގުބުހިލިފައެވެ.
“ތެންކް ގޯޑް ޔޫ ކޭމް..” ފުން ނޭވާއެއް ދޫކޮށްލަމުން ބުރުގާ އަޅައިގެން ހުރި އަންހެން ކުއްޖާ ފިރިހެން ކުއްޖާގެ އަތް އޭނާގެ ކޮނޑުން ނައްޓުވާލިއެވެ.
“ޝަޔޫ ހާދަ އަވަހަކަށޭ ދޯ ލޭ މައްޗަށް ދަނީ.. ބީޓްރޫޓް ކާންދޭންވެފަ ތިހުރީ.” ކުރިއަށް ހިނގައި ގަންނަމުން އެ ޒުވާނާ ބުނެލިއެވެ. އޭރުވެސް އޭނާގެ އަނެއް އަތް އޮތީ އަންހެން ކުއްޖާގެ ކޮނޑު މަތީގައެވެ. ފިރިހެން ކުއްޖާއަށް ޖަވާބު ދޭން އުޅެފައި ވެސް ޝަޔަމް ތަންކޮޅެއް ބާރަށް ހިނގަންފެށިއެވެ. އަތުގައި އޮތް ފޯނު ނަގާ ކެމެރާއަށް ވަދެ ފަހަތަށް އެނބުރިލި އިރުވެސް އެދެ ޒުވާނުން ހިނގާފައި އައީ ހަމަ ކުރިއެކޭ އެއްގޮތަށް ތިބެގެންނެވެ. ފޯނު ދިއްކޮށްލުމާއެކު އަންހެން ކުއްޖާ ފިރިހެން ކުއްޖާގެ އަތުން ވީއްލިގެން ދުރަށް ހިނގައިގަތީ ރަކިވެފައި ހުރެ އަޑެއް ލައްވަމުންނެވެ. އެހެނަސް އެވަރުންވެސް ޝަޔަމް ފޮޓޯ ނަގައިފިއެވެ. ޒުވާނާވެސް ފާޑަކަށް ރަކިވެފައި ހުރެ ޝަޔަމް އަތުން ފޯނު އަތުލަން މަސައްކަތް ކުރިއެވެ. އެމީހުންގެ އަތުން ރެކިގެން އުޅެން ޝަޔަމް ކުރި ހޯދިއެވެ. ނަމަވެސް އެ ޒުވާނާ ހުރީ އެހާ އަވަހަށް ދޫދޭކަށް ނޫނެވެ. ޝަޔަމް އެންމެ ފަހުން ފޮޓޯ ޑިލީޓް ކުރާނަން ކަމަށް ބުނެ އެމީހުން މަސަލަސް ކޮށްފިއެވެ.
“ދެން މި ފޮޓޯ ރީތިތޯ ބަލާލާފަ ދޯ އެކަމަކު..” ގެލެރީއަށް ވަދެ އެންމެ ފަހުން ނެގި ފޮޓޯ ޒޫމް ކޮށްލަމުން ޝަޔަމް ބުނެލިއެވެ. އޭނާގެ އެއްފަރާތުން އަންހެން ކުއްޖާ އައިސް ބޯދީގެން އޮތީ އެތަސްވީރު ބަލަން ވެގެންނެވެ.
ބިޔަ ހަށިގަނޑެއް ލިބިފައި ހުރި ޒުވާނެކެވެ. ގަވައިދުން ކަސްރަތުކޮށް ހަށިގަނޑަށް ސަމާލުކަންދޭ ޒުވާނެއްކަން އެ ހަށިގަނޑު ހެކިދެއެވެ. މާ ދޮން މީހެއް ނޫނަސް އޭނާއަށް ލިބިފައި ވަނީ އާންމުކޮށް ދިވެހިންގެ ހުންނަ ފަދަ ހަމުގެ ކުލައެކެވެ. ބޯ ބުމައަކާއެކު އޭނާއަށް ލިބިފައި ވަނީ ބޮޑު ދެލޮލެކެވެ. ކަޅުކަން ގަދަ ފަން އިސްތަށިގަނޑު އޮތީ ކުރުކޮށް ކޮށާލާފައެވެ. ތުނބުޅި މަތިމަސް ތުނިކުރެވިފައި ހުރި ގޮތުން އޭނާގެ ހަރުދަނާކަން ދައްކައިދެއެވެ. ލައިގެން ހުރި ގަދަ ނޫކުލައިގެ ނައިކީ އަތްކުރު ޓީޝާޓް ގަޔަށް ހިފާފައި ހުރުމުން އަންހެން ކުދިންގެ ހިތް ކިޔާނެކަން ގައިމެވެ. އޭނާ ކައިރީ ހުރި އަންހެން ކުއްޖާއަށް ނުބެލެނީސް ހުށިޔާރުވެ ދުރުގައި ބަލަން ހުރި ޒުވާނާ ޝަޔަމް އަތުން ފޯނު ޖަހައިގެންފިއެވެ.
“އުހުމް.. އުހުމް.. މައި އެނޮއިން ކަޒިން، މިސްޓަރ މުހައްމަދު ޔަޒްދާން އެންޑް ޑިއަރެސްޓް ބެސްޓީ، މިސިސް އައިޝަތު މަންހަލް..” ލާނެތް ރާގަކަށް ހެވިފައި ހުރެ ޝަޔަމް ބުނެލިއެވެ. މަންހަލް ދެންއޭ ކިޔާލަމުން ޝަޔަމްގެ ކޮނޑުގައި ބޮނޑިއެއް އަޅާލިއެވެ.
“ހިޔާ އިޒް ޔުއާ ފޯން މިސިސް ޝަޔަމް އަޒީމް..” ދުރުގައި ހުރެފައި އެމީހުންނާ ގާތްވެލި ޔަޒްދާން ޝަޔަމްގެ އަތަށް ފޯނު ލައިދިނެވެ. “ޝަޔޫ ބުންޏަސް މަންނު ހާދަ ލޮތްބޭ ދޯ. އެފަން ފަން އިސްތަށިގަނޑު.. އާހް!”
“ބުރޯ ތިހެން ދެނެއް ނުހުރެވޭނެ އޭނާގެ އިސްތަށިގަނޑަށް ބަލާކަށް.. މާދަން ބުރުގާ އަޅާން އެއުޅެނީ.. އެހެންނޫނަސް ހިލޭ އަންހެނުންނަށް ބަލާކަށް ނުވާނެކަން އެންމެ ރަނގަޅަށް އިނގޭނީވެސް ތިބޭފުޅާއަށް.” ޝަޔަމް ވަނީ މަންހަލްއާ ޔަޒްދާންގެ ދޭތެރެއަށެވެ. މަންހަލް ލަދުން ޝަޔަމްގެ ފުރަގަހަށް ވަނެވެ. ޔަޒްދާން މަޑުމަޑުން ބޯޖަހާލީ އެއްބަސް ވަމޭ ބުނާ ފަދައަކުންނެވެ.
“މާދަން އެގްޒާމްގެ ރިޒަލްޓް ވެސް އާދޭ ދޯ؟” ޔަޒްދާން ދެން ފެށީ މުޅިން އެހެން ވާހަކައެކެވެ. ކުޑަ ދުވަސްކޮޅެއް ކުރިން އޭލެވެލް އިމްތިޙާން ނިންމާލި މަންހަލްގެ ނަތީޖާ ލިބޭނެ ވާހަކައެވެ.
“ހޫމް.. ތިކަން އިނގުނު ފަހުން އެހުންނަނީ ބިރުން ހަލާކުވާވަރުވެފަ.. މަދުވެގެން ހަތަރު މާއްދާއިން އޭ ލިބިއްޖެއްޔާ ބުރުގާ އަޅަން ނަދުރު ބުނެގެން އެއުޅެނީ..” ފަހަތުގައި ހުރި މަންހަލްގެ އަތުގައި ހިފާ އެމީހުންނާ އެއްވަރު ކުރުވަމުން ޝަޔަމް ބުނެލިއެވެ. ތިން ޒުވާނުން ވެސް އެއްވަރަކަށް ހިނގަން ފެށިއިރު ކުރިން ހުރި މަޖާ ގޮތްގަނޑު ކެނޑި ސީރިއަސް ވެއްޖެއެވެ.
“ބިރު ގަންނަ ވަރުވާކަށް ނުވެއެއްނު.. މަންނު ވަރަށް ހާޑްވޯކް ކުރިކަން އަހަރެންނަށްވެސް އެނގެއޭ..” ޔަޒްދާން ބެލީ މަންހަލް ހިތްހަމަ ޖައްސުވައިދެވޭތޯއެވެ. “ދެން ކޮން ދާއިރާއަކުން ކިޔަވަން ވިސްނަނީ؟ ތިހިސާބުން ކިޔެވުން ހުއްޓާލާކަށް އަހަރެންނަކަށް ނުފެނޭ އަދި ހަމަގައިމުވެސް..”
“ދޮންބެ އަމިއްލަ ލައިފްއަށް ނުވިސްނާ ވަރަށް މަންނުއާ ދޭތެރޭ ވިސްނާހެން މިހާރު ހީވަނީ.. އެހެންނޫނަސް އަހަރެން ލޭގެ ގުޅުން އޮންނަ މީހާއަށްވެސް ތިކަހަލަ ހެޔޮފުޅު ނަޞޭޙަތެއް ނުދޭ..” ޝަޔަމްގެ މޫނުމައްޗަށް ވެރިވީ ލާނެތް ކަމެވެ. ހިނިތުންވެވެން އުޅުނަސް ޔަޒްދާން ނުހަނު އަވަހަށް އެ ހިނިތުންވުން ފޮރުވާލައިފިއެވެ.
“ނުބުންޏަސް ދޮންބެއަށް އިނގެއޭ ޝަޔޫ ތިހުރީ ފޮޓޮގްރަފީއަށްގޮސް ހުސްވެފައިކަން.. މަންނު ސްކޫލް ނިންމާފަ ދެމީހުން އެއްކޮށް މާލެ ދާން މަޑުކޮށްގެން ތިހުރީވެސް. އެހެންނޫންތަ؟” އެއްކޮށް އުޅެ ބޮޑުނުވިއަސް، ޔަޒްދާންއަށް ވުރެ ރަނގަޅަށް އެކުދިން ދަންނާނެ މީހަކު ނެތް ކަހަލައެވެ.
“ހޫމް.. އެކަމަކު މަންނު އިތުރަށް ކިޔަވާ ކަހަލަ ވިސްނުމެއް ނުގެންގުޅޭ.. މީނަ ބޭނުންވަނީ ވީހާވެސް އަވަހަކަށް މީހަކާ އިނދެގެންގޮސް ދަރިންކޮޅު ބަނޑުއަޅައިގެން ކުދިން ބަލަން ތިބެން.” ޝަކުވާގެ ރާގެއްގައި ޝަޔަމް ބުނެލިއެވެ. ޔަޒްދާންގެ ގާތުން މަންހަލްއަށް ވިސްނައިދޭށޭ ބުނާ ފަދައެވެ.
“އެކި މީހުން ބޭނުންވާނީ އެކިގޮތްކަން ޝަޔޫވެސް ދަންނަން ޖެހޭނެ..” ދެޖީބަށް އަތްޖަހާލަމުން ޔަޒްދާން މަންހަލްއަށް ނަޒަރެއް ދިނެވެ. އެދެލޮލުން ހިތްދަތި އަސަރުތައް ޔަޒްދާންއަށް ފެނުނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހީލަ ހީލާ އޭނާ ހުރީއެވެ.
“ވާހަކަ ތަކުގައި ވާހެން ނިކަމެތިން ކައިރިއަކަށް ޕްރިންސެއް، ކިންގްއެއް ނާންނާނެ. ނުކިޔަވާ ހުރެ މީހަކާ އިނދެ، ތިން ހަތަރު ދަރިން ލިބޭތަނުން ވަރިކޮށްފަ އެއްލާލީމަ ހަމަ ގައިމުވެސް ވަންނާނެ ތަނެއް ނުހުންނާނެ. ވަޒީފާއަކަށް ވަންނަން ޖެހޭނީ މަސައްކަތު މީހަކަށް. އެއީ ދިރިއުޅުމުގެ ހަރަދުތައް ދެކޮޅު ޖެއްސޭނެ ވަރުގަ މުސާރައެއް ލިބޭނެ ވަޒީފާއެއް ނޫން.. ކިޔަވައިގެން ހުރީމަތާ ރަނގަޅު ވަޒީފާއެއް ހޯދައިގެން ދަރިން ބެހެލެއްޓޭނީވެސް..” ޝަޔަމް އަކީ ހިތުގައި އޮންނަ އެއްޗެއް ވަގުތުން ބޭރުކޮށްލާ މީހެކެވެ. އެހެންމީހެއްގެ އިހުސާސަކަށް ނުބަލާ އޭނާ ބުނަން ބޭނުންވާ އެއްޗެއް އަބަދުވެސް ބުނެލާނެއެވެ.
“ހޫން. ސަންތިމަރިޔަނބުވެސް އެހެން މީހަކު ވާހަކަދައްކާކަށް ފުރުސަތެއް ނުދޭނެ..” ޔަޒްދާން ޝަޔަމްގެ ފުއްކިބައިގައި ޖަހާލިއެވެ. “މަންހަލް ބުނާ އެއްޗެއް އަޑު އެހީމަ ދޯ އިނގޭނީވެސް..”
“ކިޔަވަން ފުރުސަތެއް ލިބިއްޖެއްޔާ ސައިކޮލޮޖީ ހަދާނީ..” މަޑު އަޑަކުން މަންހަލް ބުނެލިއެވެ.
“ހިތްވަރުކޮށްގެން ކިޔަވާތި.. ޝަޔޫ ބުނި ގޮތަށް އިންނަ މީހާ ވަރިކޮށްލައިފިއްޔާ އަހަރެން ކައިރިއަށް އަންނައްޗޭ ބަޓަފްލައި.. އަބަދުވެސް ހުންނާނީ ބަޓަފްލައިގެ އިންތިޒާރުގައި.. ހުންނާނަމޭ އިންތިޒާރުގައި ކަލާ އަންނަންދެން.. އަބަދުވްވް.” އަމިއްލައަށް ހަދަހަދައިގެން ހިތަށް އައިހާ އެއްޗެއް ކިޔާލި ޔަޒްދާންގެ ޖުމްލަތައް މެދުކަނޑާލަން ޖެހުނީ ޝަޔަމް ޔަޒްދާންގެ އަތުގެ މުލައްދަނޑީގައި ތަޅައިގަތުމުންނެވެ. “އޭ ތީނަ ހީވަނީ މަންނުގެ ބޮޑީގާޑު ހެންނޭ.. ނުބައި އެއްޗެއް ނޫނޭ އަހަރެން ކިއީވެސް..”
“ކީއްވެތަ އެންމެ ފުރަތަމަ ފިރިމީހާއަށް ނުވާން ތިއުޅެނީ.. މީހަކާ އިނދެ ވަރިވުމުގެ ކުރިން ދޮންބެ، މަންނު ގެންދަން ވީނު. އެގޮތް މާ ރަނގަޅު ވާނެ..” ޔަޒްދާންއަށް ލޯ އަޅާލަމުން ޝަޔަމް ބުނެލިއެވެ.
“ވިލް ޔޫ މެރީ މީ މިސިސް މަންހަލް..” މަންހަލްގެ ކުރިމައްޗަށް ހުއްޓި ޔަޒްދާން އެއްފައި މައްޗަށް ތިރިވެލިއެވެ. އަތުގައި ދޭނެ އެއްޗެއް ނެތުމުން ވެލިގަނޑު މަތީގައި އޮތް ކުޑަ ގާކޮޅެއް ނަގާ ދިއްކޮށްލިއެވެ. “ސީ! މަންނު އަހަރެން އެކްސެޕްޓެއް ނުކުރިއޭ.. ދެން ގަދަކަމުން މެރީ ކުރާކަށް ނުކެރޭނު..”
“ހެވޭ ދެން.. ނިކުތް ތާކަށް ދާން އުޅޭ ދެން.. އަހަރުމެންވެސް ގެއަށް ދާން މިދަނީ..” ދެއަތްއުރާލައިގެން މަންޒަރު ބަލަން ހުރެ ޝަޔަމް ބުނެލިއެވެ. މަންހަލްގެ ދޮން މޫނަށް ހުރީ ލޭކުލަ އަރާފައެވެ.
“ޑްރޮޕް ކޮށްލަދޭން ދާނަމޭ.. ބޮޑުކަމަކަށް ނުވާނެ..” ޝަޔަމްއާ މަންހަލްގެ ފަހަތު އަޅުވައިގެން ހުރެ ޔަޒްދާން ބުނެލިއެވެ. މަގުމަތިން އައިއިރު ޔަޒްދާންއާ ޝަޔަމް ކޯޅޭ މަންޒަރު ބަލަން މަންހަލް ހުރީއެވެ. ގިނައިން ވާހަކަދައްކާ ސަކަރާތް ޖެހުމަކީ މަންހަލްގެ މިޒާޖުގައި ނެތް ކަމަކީއެވެ. އެހެނަސް ބައެއްފަހަރު އޭނާވެސް އެދެމީހުން ދައްކާ ވާހަކަތަކުގައި ބައިވެރިވެލައެވެ.
ޔަޒްދާންއާ ވަކިވުމުގެ ސަލާން ކުރުމަށްފަހު ދެކުދިން ވަނީ ޝަޔަމްގެ ގެއަށެވެ. ދެފަރާތުން ބަގީޗާ ހައްދާފައިވާ ވޯކްވޭ އިން ލާފައި އައިސް ގޭގެ ދޮރުކައިރީ ހުއްޓިލިއެވެ. މުށި ޖަހާ ހިޔާކޮށްފައިވާ، އެތަނުގައި ހުރި ޖޯލީގައި އިށީންނަމުން ދެކުދިންވެސް އަރައިގެން ހުރި ބޫޓު ބާލާ ކައިރީ ހުރި ފައިވާން ހަރުގަނޑުގައި ބެހެއްޓިއެވެ. ޝަޔަމް ދޮރު ހުޅުވާލުމާއެކު މަންހަލް ވެސް އަވަހަށް ދިޔައީ އެތެރެއަށް ވަންނާށެވެ. އެހެނަސް ފެނުނު ސޫރައަކުން ޝަޔަމްއާ މަންހަލްގެ ފިޔަވަޅުތައްވެސް މަޑުޖެހިލިއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ބަލައިލަމުން ކުރިމަތީ ހުރި މީހާއަށް ނަޒަރު ހުއްޓާލިއެވެ.
“މަންމަ..” ވައި އަޑުން ޝަޔަމް ކިޔާލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.




Assalamu alaikum hurihaa kiyuntherin! Varah gina dhuvas koffa dhigu vaahaka aka eku bahdhalu kollevunyma varah ufa vejje. Unmydhaky kiyuntherin ge ehbaaru luma eku mi vaahaka ves nimmalun.
Vaahakaige aa baeh konme hoama adhi buraasfathi dhuvaheh gai genesdheynan.
Inthizaaru kollavva! ☺️🤍
-Aayaa-
Vrh reethi story maasha allah… When’s the next part???
Thank you butterflyyyyy.. In sha Allah Thursday ga!☺️🤍
Nice😘
Thank you sofoo!😊
i just read the first part its really nice.
ma sha Allah
keep it up dear.
Thank you Dhahthii! 🙂