“މަންމަ..” ވައި އަޑުން ޝަޔަމް ކިޔާލިއެވެ. އެއްފަހަރު ޝަޔަމްއަށް އަނެއްފަހަރު ކުރިމަތީ ހުރި އަންހެން މީހާއަށް މަންހަލް ބަލައިލިއެވެ.
“މަންމަ.. ކީއްކުރަން؟” ފަރުވާތެރިކަމާއެކު ޝަފްނާއަށް ނަޒަރު ހިންގާލަމުން ޝަޔަމް އަހާލިއެވެ.
އޭނާގެ ކޮނޑާހަމައަށް އަރާ އިސްތަށުގަނޑުގައި ޖައްސާފައި ހުރީ ރެޑިޝް ބްރައުން ކުލައެކެވެ. ލައިގެން ހުރި މެރޫން ކުލައިގެ ހެދުން ގަޔަށް ހިފާފައި ހުރިއިރު ކަކުލާ ހަމައަށް އަރައެވެ. އަތުގައި އޮތީ ޝުނޭލް ބްރޭންޑްގެ އެންމެ ފަހުގެ އަތްދަބަހެކެވެ. މޫނުމަތީ މޭކަޕް ކޮށްފައި ހުރިވަރުން ހީވަނީ ފުށްބާލިދީ ތެރެއަކަށް މޫނު ގުންބާފައި އައިސް ހުރިހެންނެވެ.
“އެހާ ދުވަސްކޮށްލާފަ މަމް ފެނުނީމަވެސް ހުރީތަ؟ އާދެބަލަ..” ޝަޔަމްގެ އަތުގައި ހިފާ ގަޔާ ކައިރިކޮށްލަމުން ޝަފްނާ ބުނެލިއެވެ. “މަމް ޝަޔޫ މަތިން ހާދަ ހަނދާންވެއޭ..”
“އަސްލުވެސް ކީއްކުރަން ތިއައީ؟ އަހަރެން ހީކުރީ މިފަހަރުވެސް ޖާވިދުމެން ގްރޫޕުކަމަށް އަހަރެން ބަލައި އަންނާނީ.. އެހެންޏާ ފަހެ، މަންމައަށް އެންމެ ވަގުތެއްވެސް ނުވޭ ހުރި ހަމައެކަނި ދަރި އުޅޭ ހާލެއް ބަލައިލާކަށް..” ނިކަން އަވަހަށް ޝަފްނާއާ ދުރުވެލަމުން އަނެއްކާވެސް ޝަޔަމް ސުވާލުކުރިއެވެ. އޭނާގެ މޫނުމަތީގައި ގަޔާނުވެގެން އުޅޭ ކަމުގެ އަސަރު ފެންނަން ހުއްޓެވެ. ޝަޔަމް ކައިރީހުރި މަންހަލް އޭނާގެ ފައިގައި ޖަހާލަމުން ލޮލުގެ އިޝާރާތުން ކޮންމެސް އެއްޗެއް ބުނެލިއެވެ.
“ނޫން.. މަމް މިއައީ ޝަޔޫ ބަލައޭ.. ދެން ބޭރުގައި ނުހުރެ އާދެބަލަ މަމްއާއެކު ރޫމްއަށް..” ގާތުގައި ހުރި މަންހަލް ނުފެންނަ ކަމަށް ހަދަމުން ޝަފްނާ، ޝަޔަމްގެ އަތުގައި ހިފައިގެން އެތެރެއަށް ހިނގައިގަތެވެ.
ޝަޔަމްއާ ޝަފްނާ އެތެރެއަށް ދިޔަ މަންޒަރު ބަލަން މަންހަލް ހުއްޓެވެ. ދެމީހުން ގޮސް ކޮޓަރިއަށް ވަތް އަޑު އިވުމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ހުޅުވާފައި ހުރި ދޮރު ލައްޕާލަމުން އޭނާ ހިނގައިގަތީ ކޮޓަރިއަށް ދިއުމަށެވެ. ދިގު ފިޔަވަޅުތަކެއްގައި އޭނާ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ދޮރުގައި ލެނގިލަމުން އޭނާ ބިންމަތީގައި އިށީނެވެ. ދެކަކޫ މެއާލާ ބޮނޑިކޮށްލި އިރު އެދެލޮލުގައި ވަނީ ކަރުނައިގެ އަސަރެވެ. ހިމޭން ގިސްލުމުގެ އަޑު އެތުންފަތުގެ ތެރެއިން ނިކުމެގެން އައީ އެހިނދުއެވެ. ކޮޓަރީގައި އޮތް ފަޅުކަމާއި އަނދިރިކަންވެސް މަންހަލްގެ ހިތާމައިގައި ބައިވެރިވިއެވެ.
“ޔޫއާ އެކްޓިން ވިއާޑް މަންމާ.. އެތެރެއިން ކޮންމެސް ނުބައެއް މަންމަ މިފަހަރު ހަދާނެހެން އަހަރެންނަށް ހީވަނީ. ނޫންތަ؟” ޝަޔަމްގެ އަޑުގައި ހުރީ ޖެހިލުން ކުޑަކަމުގެ އަސަރެވެ.
“ނު.. ނޫން.. ޝަޔޫއަށް މިހާރު ޓުވެންޓީ ވަނީ.. އަދި ޔުނިވާސިޓީއަށް ދާން ނުފަށާ ތިހުރީ. ޝަޔޫގެ މަންމައަށްވެ ހުރެ ކަންބޮޑުވާނެ ދޯ..” ޝަފްނާގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމުގު އަސަރު ނުހަނު އަވަހަށް ފޮރުވާލިއެވެ. އަދިވެސް ޝަޔަމްގެ އެފަދަ ބަސްތަކަށް އޭނާ ނުހޭނޭފަދައެވެ.
“އަހަރެން ދާނީ މަންނުއާ އެކު.. ވަރަށް ސާފުކޮށް މަންމަ ކައިރީ މިބުނީ.. މަންނުއަށް ގޮތެއް ހަދައިފިއްޔާ އަހަރެން ނުހުންނާނަން ހިމޭނުންނެއް..” އެނދުން ތެދުވެ ކޮޓަރި ދޮރު ހުޅުވާލަމުން ޝަޔަމް ބުނެލިއެވެ.
ދިގު ފިޔަވަޅުތަކެއްގައި އޭނާ ގޮސް ކޮޓަރި ދޮރު ކައިރީ ހުއްޓިލިއެވެ. އެތެރެއިން އެއްވެސް އަޑެއް ނީވުމުން ޝަޔަމް ދޮރުގައި ހިފާ ހުޅުވާލިއެވެ. އެކޮޓަރީގައި ވަނީ ފަޅުކަމެވެ. އަނދިރީގެ ތެރެއިންވެސް މަންހަލް ފާހަގަ ނުވުމުން އޭނާ ކޮޓަރީގެ ބޮކިތައް ދިއްލާލިއެވެ. އޭނާވީ ފާހަނައިގައި ކަން ޔަގީންވުމުން ޝަޔަމް ގޮސް އެނދުގައި އިށީނދެ ފޯނު ނެގިއެވެ.
“މަންމަ އައިސް އެބައުޅޭ..” ޝަޔަމް މެސެޖް ލިޔެލާ ނަންބަރަކަށް ފޮނުވާލިއެވެ.
“ވަޓް..” ޔަޒްދާންގެ ޖަވާބު ނިކަން އަވަހެވެ.
“އާނ. ވިއާޑެއް ނޫންތަ؟”
“ނެތިން އެއްޗެއް ބުނާކަށް.”
“އަހަރެން މާލެ ފޮނުވާފަ މަންނުއަށް ގޮތެއް ހަދާފާނެ!”
“އިންޓްރެސްޓިން.. އަސްލު މަންނުއަކީ ކާކުތަ؟” ރިލީވްޑް ފޭސް އިމޮޖީއަކާއެކު ޔަޒްދާން މެސެޖް ކުރިއެވެ.
“ލޯންގް ސްޓޯރީ.. އަހަރެން އެކަނި ގޮއްސިއްޔާ މަންނު ބަލައްޗޭ..” އެހިސާބުން ޝަޔަމް ވާހަކަ ކުރުކޮށްލީއެވެ. މަންހަލް ފާހަނައިން ނިކުނާތީއެވެ.
“ޔޫ އޯކޭ؟” ފަރުވާތެރިކަމާއެކު މަންހަލްއަށް ނަޒަރެއް ދެމުން ޝަޔަމް އަހާލިއެވެ. ނިކަން ބޮޑު ހިނިތުންވުމެއް މަންހަލް ހަދިޔާ ކޮށްލިއެވެ.
“ޑޯންޓް ވޮރީ..” ހެދުން އަލަމާރި ތެރެއިން މުސައްލަ ނަގާ ފަތުރާލަމުން މަންހަލް އަހާލިއެވެ. “ވަޓް އެވާރ، އެކަމް ޝަޔޫ މިއަދު ޔަޒްދާން ކައިރީ ބުނީ އަހަރެން އަވަހަށް މީހަކާ އިނދެގެން ދަރިން ބަލަން ދާ ވާހަކަ.. ނުބުނަން އެހެންނެއް.”
“ޕިސް ބުނި.. މީހަކާ އިނދެގެން ރައްކާވާ ވާހަކަ ބުނީ ހަމަ ތި ދުލުން..” ފުއްމައިގެން ތެދުވެ ކިޔަވާ މޭޒުކައިރީ ހުއްޓިލަމުން ޝަޔަމް ބުނެލިއެވެ.
“އަޅެ މީހަކާ އިންނަ ވާހަކަބުނީ. ތިން ހަތަރު ދަރިން ބަލާ ވާހަކައެއް ނުބުނަން.. އެހެންނޫނަސް މީހަކާ އިނދެގެން ކިޔަވަން އަހަރެން ކަހަލަ މީހަކަށް ފަސޭހަވާނީ..” ބުރުގާ ނަގާ ބޮލަށް މަހާލަމުން މަންހަލް، ޝަޔަމްއަށް ފަސްދިނެވެ. “އަހަރެންނަށް ވީ އެންމެ އަވަހަކަށް މިތަނުން ނުކުންނަން ބޭނުންވަނީ.. ފިރިމީހާގެ ހަރަދުގައި ކިޔެވުނަސް އަހަރެން މާ ހިތްހަމަޖެހޭނެ..”
ޝަޔަމް ވާހަކަދައްކަން އަނގަހުޅުވާލިއެވެ. އެހެނަސް މަންހަލް ނަމާދުކުރަން ފެށުމުން އޭނާ ޖެހުނީ ދުލުގައި ހުރި ބަސްތައް އެތެރެއަށް ހިންދާލާށެވެ. މަންހަލް ނަމާދުކޮށް ނިމެންވާއިރު ޝަޔަމް ފާހަނައަށް ވަނީ ހަވީރު ލައިގެން ހުރި ހެދުން ބަދަލުކޮށްލާށެވެ.
“ސޮރީ.. އެހެންބުނި އެއްޗެއް ނޫން އެއީ..” ނަމާދުކޮށް ނިމިގެން ކޮޓަރިން ނިކުންނަން ދިޔަ މަންހަލްގެ ފުރަގަހުން ބައްދާލަމުން ޝަޔަމް ބުނެލިއެވެ.
“އެނގޭ..” ޝަޔަމްއަށް ހިނިތުންވަމުން މަންހަލް ކޮޓަރިން ނިކުމެގެން ދިޔައެވެ.
މަޑު ހިނގުމެއްގައި ދެއަންހެން ކުދިން ދިޔައީ ސުކޫލަށް ވަންނާށެވެ. ސިއްސައިގެން ގޮސް އެދެކުދިން ފަހަތް ބަލައިލީ ނުހަނު ކައިރިން ސައިކަލެއް ބަރުގޮނު އަޅާލި އަޑު އިވުމުންނެވެ.
“ނަތީޖާ ބަލައިދޯ.. އަހަރެން މަޑުކުރާނަން ނިކުންނަންދެން..” މަންހަލް ހުރި ފަޅިއަށް ސައިކަލު މަޑުކޮށްލަމުން ޔަޒްދާން ބުނެލިއެވެ. މަޑުމަޑު ‘ހޫމް’ އެއް އަޅުވާލަމުން މަންހަލްއާ ޝަޔަމްވެސް އެތެރެއަށް ވަނީއެވެ. ގޭޓު ކައިރީ ސައިކަލު ޕާކު ކޮށްލަމުން ޔަޒްދާން ފޯނުނެގިއެވެ.
“ރިޒަލްޓް ބަލައި..” އޮފީހުގެ ރިސެޕްޝަންގައި އިން ކުއްޖާއާ ވާހަކަދެއްކީ ޝަޔަމްއެވެ.
“މަންހަލްގެ ދޯ..” ޝަޔަމްއަށް ބަލައިލަމުން އޭނާ ހިނިތުންވެލިއެވެ. ޝަޔަމް ބޯ ޖަހާލިއެވެ. “ޕްރިންސިޕަލް ރޫމަށް އަޅުގަނޑާއެކު ދުރުވޭ..”
އެ އަންހެން ކުއްޖާގެ ފަހަތުން ޕްރިންސިޕަލް އޮފީހަށް ޝަޔަމްއާ މަންހަލް ދިޔައެވެ. އެމީހުން ގާތު މަޑުކުރުމަށް ބުނަމުން އެންމެ ފުރަތަމަ އެރޫމްއަށް ވަނީ އަންހެން ކުއްޖާއެވެ. އިރުކޮޅެއް ފަހުން އެތެރެއަށް ވަނުމުގެ ހުއްދަ ލިބުމާއެކު ދެކުދިން ވަނެވެ. އޭރު މަންހަލް ހުރީ ބިރުން ގޮސް ދާހިތްލާފައެވެ.
“ކޮންގްރެޖުލޭޝަންސް މަންހަލް.. މި ސްކޫލުން އޭލެވެލް ހެދި ދަރިވަރުންގެ ތެރެއިން ޓޮޕްޓެންގެ އެއްވަނައަށް ދިޔަ ފުރަތަމަ ދަރިވަރަކީ ތިއީ..” ހިނިތުންވުމާއެކު މަންހަލްއާ ސަލާމް ކޮށްލަމުން ޕްރިންސިޕަލް، އަލްމާ ވާހަކަދެއްކިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން މަންހަލް ހިނިތުންވެލިއެވެ.
“ތެންކިއު..” ހެވިފައި ހުރެ މަންހަލް ބުނެލިއެވެ.
ދެކުދިންގެ އިންތިޒާރުގައި ސައިކަލު މަތީގައި އިން ޔަޒްދާންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ގޭޓުން ނިކުމެގެން އައި މަންހަލްގެ ހެވިފައި ހުރި މޫނެވެ. ސައިކަލުން ފޭބުމާއެކު އޭނާ ދިގު ފިޔަވަޅުތަކެއްގައި ގޮސް ދެކުދިންނާ އެއްވަރުކުރިއެވެ.
“ކިހާ ވަރެއްވީ؟” ޝައުގުވެރިކަމާއެކު ޔަޒްދާން އަހާލިއެވެ.
“އޭ ލެވެލް އިން ރާއްޖޭގެ ޓޮޕް ޓެން އެއްވަނަ، އައިޝަތު މަންހަލްލް!” ޝަޔަމް ހެވިފައި ބުނެލިއެވެ. މަންހަލްވެސް ބޯ ޖަހާލަމުން ހިނިތުންވެލީއިރު ހީވީ އުފަލުން އުދުއްސައިގަނެދާނެހެންނެވެ.
“ކޮންގްރެޓްސް ބަޓަފްލައި. އަހަރެން ބުނީމެއްނު މަންނު އަށް ވާނޭ..” ޔަޒްދާންގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވާން ހުއްޓެވެ. “ބުރުގާ އަޅަން ޖެހޭނެ އިނގޭ މިއަދު..”
“އޮފްކޯޒް.. ޔޭސް..” ޔަޒްދާންގެ މޫނަށް ބަލައިލުމަށްފަހު ނިކަން ބޮޑު ހިނުތުންވުމެއް މަންހަލް ހަދިޔާ ކޮށްލިއެވެ. މަންހަލް މިހާ އުފާވެފައި ހުރިދުވަހެއް މިނޫނީ ޔަޒްދާން ނުދެކެއެވެ.
“ޝަޔޫ….” ސައިކަލަށް އަރާ ދުއްވާލަމުން ޔަޒްދާން ބުނެލިއެވެ.
“ކީއްވީ؟” ޔަޒްދާން އައިސް އެމީހުންނާ އަރާ ހަމަކުރުމުން ޝަޔަމް އަހާލިއެވެ.
“މާދަން ނޫން އަނެއް ދުވަހު ފުރަން މިއުޅެނީ ރަށަށް..” ޔަޒްދާން ސީރިއަސް ވެލިއެވެ. ސިއްސައިގެން ދިޔަ ފަދައަކުން މަންހަލް ޔަޒްދާންއަށް ބަލައިލިއެވެ.
“ދޮގު ނުހަދާ.. ދެން ހާދަ ފޫއްސެއް ވާނެއޭ ދާން ދިޔައިމަ..” ޝަޔަމް ތުންކޮޅު ހަދާލިއެވެ. ޔަޒްދާންއާ އެއްވަރަށް މަންހަލްއަށްވެސް ހެވުނެވެ.
“އައްދޭ.. މަންނު ގޮވައިގެނެއް ނޫނޭ ދާނީ.. އަދި އާނއެކޭވެސް ނުބުނޭ ވިއްޔަ..” ޔަޒްދާން ލޯ އަޅާލީ މަންހަލްއަށެވެ. ސަކަރާތްގަނޑު ފެށުނީ ދެނެވެ. ޔަޒްދާންއާ ޝަޔަމް ބަހުގެ ހޫނު ހަމަލާތައް އެކަކު އަނެކަކަށް ރައްދު ކުރަމުން ދިޔައެވެ. ލަދުން މަންހަލް ހުރީ ވާހަކަދައްކަން ނުކެރިފައެވެ. ގެއަށް އާދެވުމާއެކު އެކަކަށްވެސް ބަލައިނުލާ މަންހަލްވަނީ ގެއަށެވެ. ޔަޒްދާންއާއެކު ޝަޔަމް ބޭރުގައި މަޑުކުރީ ވާހަކަދައްކާށެވެ.
“އޭ ހަމަ ތެދަށްތަ ބުނީ ފަހަރި އައި ވާހަކަ؟ މީޓް ކޮށްލާފަ ދާނީ އުޅެންޏާ..” ސައިކަލު ޕާކުކޮށްލާ އޭގެ މަތީ އިށީންނަމުން ޔަޒްދާން އަހާލިއެވެ.
“ހޫން، އަހަރުންގެ މަންމާފުޅު އެބައުޅޭ ރަށަށް އައިސްގެން.. އެކަމަކު އަދި އެނދުކޮޅުން ހިއްލާނުލާނެ..” ޝަޔަމްގެ މޫނުމައްޗަށް ފޫހިކަން ވެރިވެގަތެވެ. “ދޮންބޭ.. އެންމެފަހުން ބައްޕައާ ދިމާވީ ކޮންއިރަކު؟”
“ދޮންބެ ރަށަށް ދިޔަ އަހަރެން މިރަށަށް އައުމުގެ ދުވަސްކޮޅެއް ކުރިން.. އައިފަހުން ވެސް ދެތިން ފަހަރަކު ގުޅި ޝަޔޫގެ ހާލު ބަލަންވެގެންނޭ ކިޔާފަ..” ޔަޒްދާން ފުންނޭވާއެއް ދޫކޮށްލަމުން ކިޔައިދިނެވެ.
“ޕްލީޒް އަހަރެންގެ ބައްޕައަށް ސަލާމް ބުނައްޗޭ.. ބުނޭ ވަރަށް ލޯބިވެއޭ..” ޝަޔަމްގެ ދެލޯ ފެންކަޅިވިއެވެ. ޔަޒްދާން މަންހަލް ގާތްކޮށްލާ ހިތްވަރު ދިނެވެ.
“ހީ ލަވްސް ޔޫ މޯ ދޭން އެނީތިން އިން ދިސް ވޯލްޑް.. ހީ ލަވްސް ޔޫ..” ތަކުރާރުކޮށް އެބަސްތައް ޔަޒްދާން ކިޔާލިއެވެ. ދެލޯ ކައިރި ފުހެލާ ޝަޔަމް ދުރަށް ޖެހިލިއެވެ.
“ދޮންތައަށް އަހަރެންގެ ސަލާން ބުނައްޗޭ. އިންޝާﷲ ވަރަށް އަވަހަށް މީޓް ކުރާނަން.. މަންމަގެ ގޮތް އިނގެއެއްނު. މަންނުއަށް ގޮތެއް ހަދާފާނެތީ އަހަރެން ވަރަށް ބިރުގަނޭ.. ދޮންބެ މަންނު ބަލައްޗޭ ޝަޔޫ ދިޔައަސް..” އާދޭހާއެކު ޝަޔަމް ބުނެލިއެވެ. ޔަޒްދާން ބޯ ޖަހާލިއެވެ.
“ދަނީ އިނގޭދެން.. ޓޭކް ކެއަރ..” އަތުގައި އޮތް ފޯނު ވައިބްރޭޓްވުމާއެކު ޔަޒްދާން ފޯނު ބަލާލިއެވެ. އެއަށްފަހު ޝަޔަމްއާ ވަކިވުމުގެ ސަލާން ކުރުމަށްފަހު އޭނާ ދިޔައީއެވެ.
އުޑުގައި ރަސްކަން ކުރަމުން ދިޔައީ ސާދަ ވިލޭރޭގެ ފުރިހަމަ ހަނދެވެ. ފިޔަ ޖަހަމުން ދިޔަ ތަރިތަކުގެ ބެބުޅުމުން އުޑުމަތީގެ ފުރިހަމަކަން އިތުރުވެގެން ދެއެވެ. ނަގަމުންދިޔަ ކުދި ރާޅުތައް ގޮނޑުދޮށުގައި އޮތް ބޯކިރު ކޮޅެއް ފަދަ ހުދު ދޮންވެލި ގަނޑުގައި ބޮސްދީދީފައި ދެއެވެ. ދުރުދުރުން ރަށްތަށް ދިއްލިފައި ހުރި ގޮތް ނުހަނު ހިތްގައިމެވެ. މަޑުމަޑުން ޖެހެމުން އައި ފިނި ވައިރޯޅިތަށް ހަށިގަނޑުގައި ބީހިލާފައި ދާއިރު ދެނީ އަރާމު ފިންޏެކެވެ.
މަޑު ހިނގުމެއްގައި ރާޅުޖަހާ ފަށުގައި ހިނގަމުން ދިޔައީ ޒުވާން އަންހެން ކުއްޖެކެވެ. އޭނާގެ ދޮން މޫނުން ފެންނަނީ ވަރުބަލި ކަމެވެ. އިރުކޮޅަކު ރާޅުޖަހާ ފަށުގައި ހިނގާލަން ހުރެފައި އޭނާ ހިނގައިގަތީ ރަށުތެރެއަށް ވަނުމަށެވެ. ކުއްލިއަކަށް ފަހަތުން މީހަކު ތުން ގޮއްވާލި އަޑުއިވުނެވެ. ބިރުން ހުރެ އޭނާ އަޑުއައި ދިމަ ބަލައިލިއެވެ. ނުވެސް ދަންނަ ފިރިހެނަކު ލާނެތް ހިނިތުންވުމެއް ހަދިޔާކޮށްގެން ހުރެ ދުވެފައި އޭނާއާ ދިމާއަށް އާދެއެވެ. އޭނާގެ އަތުގައި އޮތް ފިސްތޯލު އަންހެން ކުއްޖާގެ ލޮލުގައި އަޅައިގަތީ ދެނެވެ. ހަޅެއް ލަވައިގަނެފައި އޭނާ ދުއްވައިގަތީ ރަށުތެރެއަށް އެރުމަށެވެ. ދެފަރާތުން އޮތް ގަސްތަކުގެ ތެރެއިން އައްޔެއް އޭނާގެ މޫނަށް އެޅުނެވެ. އެވަގުތު އެކުއްޖާ ރޮއެގަތް އަޑު މުޅި އެހިސާބުގައި ގުގުމައިގެން ދިޔައީ ގަސްތަކުގެ ތެރެއިން ނިކުމެގެން އައި މީހެއްގައިގައި ޖެހިފައި ވެއްޓެން ދިއުމުންނެވެ. އެއާއެކު ބާރުގަދަ އަތަކުން އޭނާގެ އުނަގަނޑުގައި ވަށާލެވިގެން ދިޔައެވެ.
ކަންފަތް ކައިރިން ނުހަނު ބާރު އަޑެއް އިވުމާއެކު އެއީ ބަޑީގެ ވަޒަނުގެ އަޑުކަން އޭނާއަށް ނަގައިގަނެވުނެވެ. ފަހަތުން މީހެއްގެ ވޭނީ ހަޅޭކެއްގެ އަޑުވެސް އިވުނީ ދާދި އެކުއެކީއެވެ.
އެ އަންހެން ކުއްޖާ ހިންދިރުވާލަމުން ޒުވާނާއަށް ބަލައިލިއެވެ. އޭރު އެޒުވާނާގެ ޔުނީފޯމުގައި އިން ޓޯޗުން އަންހެން ކުއްޖާގެ މޫނަށް ވަނީ އަލި އެޅިފައެވެ.
“ޔަޒްދާން…” އެ އަންހެން ކުއްޖާގެ ހިމަ އަޑުން ނިކުމެގެން އައީ ޔަޒްދާންގެ ނަމެވެ.
“މަންހަލް..” ފިރިހެން ކުއްޖާގެ ބަރު އަޑުވެސް ނިކުމެގެން އައީ ހަމަ އެވަގުތެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Nice story 👏 good job keep it up 👍🥰❤️❤️
Next part please 🥺
Your best Aayaa 😘
Thank you wimsha. In sha Allah miadhu upload kolla dheynan!😊❤️