ވަޢުދޭ ވެވޭމީ 14
- “ދެމައިން ހާދަ ސަކަރާތެއް؟…” ބަދިގެއަށް ވަންނަމުން ރިޒާމް ބުނެލިއެވެ. ފަހަތުން އައި ޒިޔާންވެސް ތެދެކޭ ބުނެލިއެވެ.
- “މަންމާ… އަހަރެން މި ވިސްނަނީ ވަޒީފާއަކަށް ދާން ކަމަށް…” ކޮފީ ތަށިން އެތިކޮޅެއް ބޯލަމުން ޒިޔާން ބުނެލިއެވެ. “މަންމަ މިއޮއްހާ ދުވަހު ވަޒީފާއަކަށް ދާން ބުނީމަ ނުގޮސް ހުރެފަ ކުއްލިއަކަށް ވަޒީފާއަކަށް ދާން ތިއުޅެނިއްޔޯ؟…” ޒިޔާނާ އަހާލިއެވެ. ޒިޔާނާގެ މި ސުވާލަށް ޒިޔާން ހީލީއެވެ. ދޭނެ ޖަވާބެއް ނޭންގިގެންނެވެ. ހަގީގަތުގައި އޭނާ ވަޒީފާއަކަށް ދާން އެ އުޅެނީ ވެސް ވަރަށް ހާއްސަ މީހަކު އެދުނީތީއެވެ. އެހެން ނޫންނަމަ ވަޒީފާއަށް ދާން ޚިޔާލުވެސް ނުކުރީހެވެ.
- “އައްދޭ… ކޮންމެވެސް އަންހެން ކުއްޖެއްގެ ކަމެއްދޯ؟… މަންމަގެ ޒިޔާންވެސް ބޮޑުވީ ދޯ…” ރިޒާމްގެ ކޮނޑުގައި ކޮއްޓާލަމުން ޒިޔާނާ ދިމާކޮށްލިއެވެ. “ހުހް… އަހަރެން އެކަންޔެއް ނޫނޭ… މީންދަ ނައި ވެސް އުޅެނީ ހައިޒަލްއާ ރައްޓެހި ވެގެންނޭ…” ޒިޔާން ވަގުތުން ނައިނާއާ ދިމާލަށް އިނގިލި ދިއްކުރިއެވެ. އެއާއެކު ނައިނާ ދެލޯ ބޮޑުކޮށްލަމުން ޒިޔާންއާ ދިމާލަށް ބަލާލިއެވެ. “އެހެންތަ؟… އެ ހައިޒަލް އަކީ ދޯ ރިޒާމްގެ ޕީއޭ؟…” ޒިޔާނާ ބުނެލިއެވެ. ޖަވާބުގައި ނައިނާ ބޯ ޖަހާލިއެވެ.
- “ޒިޔާން… ބައްޕަ ކައިރިއަށް އަންނަން ވީއެއްނު؟… ފަސޭހަ ވާނެދޯ އޭރަށް… މީންދަ ނައިވެސް ވަޒީފާއަކަށް ވަންނާކަށް ނުވިސްނަންތަ؟…” ރިޒާމް ބުންޔެވެ. ރިޒާމްގެ ބަހަށް ޒިޔާން ‘ހޫމް’ އޭ ބުނެލިއެވެ. “އަހަރެން ބިޒްނަސް ދާއިރާއަށް އެހާ ފެމިލިއަރ އެއް ނުވާނެ… މިކޮޅަށް އައިސް މެޑިސިން ކިޔެވީ… ޖޮބް އަކަށް ދަންޔާ ދާނީ ހޮސްޕިޓަލް އަކަށް…” ނައިނާ ބުނެލިއެވެ. “ބައްޕަގެ އެއްވެސް މައްސަލައެއް ނެތް… ނައި ބޭނުން ގޮތެއް… ނައި ބޭނުންވާ ހޮސްޕިޓަލް އަކުން ބައްޕަ ވަޒީފާ ހޯދައިދޭނަން އިނގޭ… އަންނަ ހަފްތާއަށް ތި ދެމީހުންނަށްވެސް ވަޒީފާއަށް ނިކުމެވޭ ވަރު ކުރާނެން ހެހެހެ…” އިންތަނުން ތެދުވަމުން ރިޒާމް ބުނެލިއެވެ.
- * * * * * * * *
- ތަނަވަސް ކޮޓަރިއެކެވެ. ކުއީން ސައިޒްގެ ބޮޑު އެނދުމަތީ އިށީންދެގެން އިން އަންހެން ކުއްޖާ ދިޔައީ ފޯނަށް ބަލަމުން އަވަސް އަވަހަށް މީހަކަށް މެސެޖު ކުރަމުންނެވެ. ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައި ހުރިކަން ފާހަގަ ވާހާވެއެވެ. “ހެއި ލޯބީ…” ކޮޓަރީ ދޮރު ހޮޅުވާލަމުން ވަނީ ޒުވާން ފިރިހެނެކެވެ. ދިގު އިސްކޮޅެއް ލިބިފައިވާ އެ ޒުވާނާގެ އިސްތަށިގަނޑުވަނީ ތުނިކޮށް ކޮށާލެވިފައެވެ. ކަޅު ޖިންސަކާއި ހުދު ގަމީހުގައި އެ ޒުވާނާ ފެންނަނީ ވަރަށް ރަސްމީކޮށެވެ. ގަމީހުގެ އަތުކުރި އޮޅާލާފައި އޮތުމުން ބާރުގަދަ މުލައްދަނޑި އޮތީ ހާމައަށެވެ.
- “އޭއި…” އެ އަންހެން ކުއްޖާގެ ޖަވާބު ނުލިބުމުން ދެވަނަ ފަހަރަށްވެސް އެ ޒުވާނާ ގޮވާލިއެވެ. “ކިހާ ދެރަ ކަމެއްތަ ރައުލް… އަހަރެން ކަމެއް ކުރާ ތަން ނުފެނޭތަ؟” ޒީލަގަދަ އަޑަކުން އެ އަންހެން ކުއްޖާ ހަޅޭއްލަވައި ގަތެވެ. އެއާއެކު އެ ޒުވާނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ހީވާ ކަހަލައެވެ. މީ އާ ކަމެއް ނޫނެވެ. އަޅައިގެން އުޅުނު ނަންބަރު އައިނު ނެގުމަށް ފަހު ރައުލް ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. “ނައު… ކާކަށް ނުދާނަންތަ؟… މަންމަމެން އެބަ ތިބި އިންތިޒާރުގަ…” ފަހަތަށް އެނބުރިލަމުން ރައުލް ބުނެލިއެވެ. “އަހަރެން ދާނަން އިރުކޮޅަކުން…” މިފަހަރު އެ ކުއްޖާ ޖަވާބު ދިނީ މަޑުންނެވެ. އެކުއްޖާ ޖަވާބު ދިނުމާއެކު ރައުލް ކޮޓަރިން ނުކުތެވެ.
- “ދޮންތަބޭ…” ރައުލް ކޮޓަރިން ނުކުތުމާއެކު ބަދިގެއަށް ވަންނަން ދިޔަ ލިޔާޝާ ގޮވާލިއެވެ. ލިޔާޝާއަކީ ރައުލްގެ އަންހެނުންގެ ކޮއްކޮއެވެ. 20 އަހަރުގެ ލިޔާޝާއަކީ ރައުލްގެ އަންހެނުން، ނައުހާގެ އިނދިކޮޅެވެ. ނައުހާއާ ޚިލާފަށް ލިޔާޝާއަކީ މަޑުމައިތިރި ކުއްޖެކެވެ. މީހުންނަށް އިހުތިރާމް ކުރާ، އިހުތިރާމް ލިބިފައިވާ ކުއްޖެކެވެ. ވަޒީފާގެ މާހައުލުގައިވެސް ލިޔާޝާއަކީ ނަމޫނާއެކެވެ. މިއާ ޚިލާފަށް ނައުހާއަކީ ފިރިހެނުންނާ ދޯޅު މީހެކެވެ. ލިޔާޝާގެ ކުރިމަތީވެސް ނައުހާ އުޅެނީ އެހެންނެވެ.
- “ރައުލް… ބައްޕަ ބުނަންތަ ވާހަކައެއް؟… ނައުހާ އުޅޭނެހާ ގޮތަކަށް އުޅެން ދޫކޮށްލައިން ރައުލް ނުޖެހޭ ހުންނާކަށް… ރައުލްތީ ނައުހާގެ ފިރިމީހާ… އަނބިމީހާ ހަމަ މަގަށް އެޅުވުމަކީ ފިރިމީހާގެ ޒިންމާއެއް…” ކެއުމުގެ މެދުތެރެއިން ނައުހާގެ ބައްޕަ، ޝިޔާން ބުނެލިއެވެ. ރައުލް ހިމޭން ކަމާއެކު އަނގައިންވެސް ނުބުނެ ކަމުން ދިޔައެވެ. ނައުހާގެ މައިންބަފައިން އެ ވާހަކަ އެ ދައްކަނީ އަލަކަށް ނޫނެވެ. ރައުލްއަށް އިނގެއެވެ. ކިތަންމެ ވަރަކަށް އުޅުނަސްވެސް ނައުހާ ބަދަލެއް ނުވާނެއެވެ. ވާނީވެސް އެހެންނޫނެ ހެއްޔެވެ. ނައުހާއަކީ ރައުލްގެ ކުރިމަތީ އެހެން ފިރިހެނުންނަށް ގުޅާ ހަދާ މީހެކެވެ.
- މައިންބަފައިންގެ އެދުމުގެ މަތިން ކުރެވުނު މި ކައިވެނިން ރައުލްއަށް އުފަލެއް ނުލިބުނު ތާންގައި ލިބެނީ ހިތްދަަތިކަމެވެ. ކައިވެނި ކުރި އިރު އެކަކު އަނެކަކު ދެކެ ލޯބި ނުވިއެއް ކަމަކު، ކައިވެނީގެ ފަހުން ރައުލްގެ ޒުވާން ހިތުގައި ނައުހާގެ ނަން ލިޔެ ފެވުނެވެ. ނަމަވެސް ނައުހާގެ ހިތުގައި ރައުލްއާ މެދު ވީ، ނަފްރަތުގެ އަލިފާނެވެ. ރައުލްއަށް ނައުހާދެކެ ލޯބި ވެވުނު ފަހުން އޭނާ ދިޔައީ އެ ކައިވެނި ސަލާމަތް ކުރަން ކުރެވެން އޮތްހާ ކަމެއް ކުރަމުންނެވެ. ނައުހާ އުޅެނީ އޮފީހުގައި އުޅޭ މީހަކާ ހިތާ ވެގެންކަން އިނގި ހުރެ ވެސް ރައުލް ދިޔައީ ނޭންގޭ ކަމަށް ހަދަމުންނެވެ.
- ހަފްތާއެއް ފަހެވެ. ނައުހާއާއި ރައުލް ތައްޔާރު ވަމުން ދިޔައީ އޮފީހަށް ދާށެވެ. ދެމީހުންވެސް ހަމަ ހިމޭން ކަމާއެކު ތައްޔާރުވަމުން ދިޔައެވެ. ރައުލް ލައިގެން ހުރީ ގަދަ ނޫކުލައިގެ ގަމީހަކާ އެއްކޮށް ކަޅު ފަޓުލޫނެކެވެ. ލައިގެން ހުރި ގަމީސް ވަނީ ފަޓުލޫނު ދަށަށް ޖަހާލާފައެވެ. ގަމީހުގެ އަތްކުރި އުޅަނބޮއްޓަށްވުރެ މައްޗަށް އޮޅާލާފައި ހުރި އިރު ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތް ކަތިލާނެކަން ގައިމެވެ. ނައުހާ ފިޔަވައެވެ. އެންމެ ފަހު ކަމަކަށް ސެންޓުކޮޅެއް ގަޔަށް ބުރުވާލުމަށް ފަހު ނަންބަރު އައިނު ނަގާ ހެޔޮވަރު ކޮށްލިއެވެ. އަދި ނައުހާ ނިމެންދެން ބޭރަށް ނުކުތެވެ.
- “މިތާ ތީނީ ކާކުގެ އިންތިޒާރުގަ؟…” ނައުހާ ތިރިއަށް ފޭބި އިރު ރައުލް ކާރުގައި ލެގިލައިން ހުރިތަން ފެނި އަހާލިއެވެ. ނައުހާއަށް އެވަގުތު ރައުލް ހުރި ގޮތް ފެނި ހިތާހިތުން ރައުލްއަށް ތައުރީފު ކޮށްލެވުނެވެ. “ނައު ލާފަ ދާންވެގެން…” ރައުލް ބުނެލީ ކާރުގެ ކުރީ ސީޓު ދޮރުފަތް ހުޅުވައި ދެމުންނެވެ. ނައުހާ އިތުރު އެއްޗެކޭ ނުބުނެ ކާރަށް އެރުމާއެކު ރައުލްވެސް ހައިރާންވެފައި ހުރެ އަނެއްފަޅިން ގޮސް އެރިއެވެ. ކާރަށް އަރާ ހަމަ ޖެހިލެވުމާއެކު ފަހަތު ސީޓުން ރައުލް ނެގީ ބޮޑު މާ ބޮނޑިއެކެވެ. ނައުހާއަށް އެންމެ ކަމުދާ މާ ކަމުގައިވާ ‘ޕިންކް ލިލީ’އެވެ. ރައުލް ހިނިތުންވެލަމުން ނައުހާއަށް އެ މާ ބޮނޑި ދިއްކޮށްލިއެވެ. ރައުލް ދެކެ ކިތަންމެ ނަފްރަތެއް ކުރިޔަސް ނައުހާއަށް އުފަލާއެކު އެ މާ ބޮނޑި ހިފިއެވެ. އެ ހިތުގައި އާދަޔާ ޚިލާފު އުފާވެރިކަމެއް ވިޔެވެ.
- “ކިހިނެއް އިނގުނީ މީ އަހަރެންގެ ފޭވް ކަމެއް؟…” ނައުހާ އެހީ ރީތިކޮށެވެ. “އިންސްޓާގަ ވަރަށް ރީޕޯސްޓް ކޮށްފަ ހުންނާތީ…” ރައުލް ބުނެލީ ކޮނޑު އަރުވާލަމުންނެވެ. ނައުހާ ހިނިތުންވެލިއެވެ. މީ އޭނައަށް މާ ބޮނޑިއެއް އަލަށް ލިބުނު ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އޭނާއަށް ވަނީ އެތައް ވައްތަރެއްގެ މާ ލިބިފައެވެ. އެހެންނަމަވެސް ދުވަހަކުވެސް މީހަކު އޭނައަކަށް ‘ފިޔާތޮށި ކުލައިގެ ލިލީ’ މަލެއް ނުދެއެވެ. އެއީ ނައުހާއަށް އެންމެ ކަމުދާ ވައްތަރުގެ މާ ކަން އިނގުނަސްވެހެވެ. އެހެންނަމަވެސް ރައުލް ތަފާތެވެ. އޭނާއާ ވާހަކަ ނުދައްކާވެސް ކަމުދާ ވައްތަރުގެ މާ ހޯދައިފިއެވެ. ނައުހާ ލޯބި ނުވާކަން އިނގި ހުރެވެސް ރައުލްގެ އުޅުން ހުންނަ ގޮތުން ނައުހާއަށް ރައުލްއާ މެދު ވިސްނޭ ފަހަރުވެސް މަދެެއް ނޫނެވެ. މިހާރަކަށް އައިސް ހައިޒަލްއާ ދިމާ ކުރާކަށް ވެސް ޝައުގެއް ނުހުރެއެވެ. ކީއްވެ ކަމެއްވެސް ނޭންގެއެވެ.
- “އާދެވިއްޖެ…” އާރް.އޭ. ހޯލްޑިންގްސް ގެ ބޮޑު އިމާރާތް ކުރިމައްޗަށް ކާރު ހުއްޓާލުމަށްފަހު ރައުލް ބުނެލިއެވެ. “ތެންކްޔޫ…” ކާރުން ފައިބަމުން ނައުހާ ބުނެލިއެވެ. ރައުލް ބޯ ޖަހާލަމުން ކާރު ދުއްވާލީ އޭނާ މަސައްކަތް ކުރާ ތަނަށް ދިއުމަށެވެ.
- އާދައިގެ ހިނގުމެއްގައި ނައުހާ ގޮސް އޭނާއަށް ހާއްސަ ކުރެވިފައިވާ ތަނުގައި އިށީންދުނެވެ. އަދި ރައުލްދިން މާ ބޮނޑި މޭޒުގެ އެއްކައިރީ ފަރުވާތެރިކަމާއެކު ބާއްވާލިއެވެ. “އައްދޭ… ކާކު ދިން މާ ބޮނޑިއެއް؟…” ނައުހާގެ ކައިރީ އިން ރަޔާ އަހާލިއެވެ. އެއާއެކު ނައުހާ ހިނިތުންވެެލަމުން ރައުލްއޭ ބުނެފިއެވެ. “ވާވް… ނައު ރައުލް ދިން އެއްޗެއްގަ ހިފީ؟…” ރާޔާ ހައިރާންވެފައި އެހިއެވެ. “ރާޔޫ… އަހަރެންނަކަށްވެސް ނޭންގެ… މިހާރު އަހަރެންނަކަށް އެހެން އެއްވެސް މީހެއް ކަމަކު ނުދޭ… ކުރިން ދުވަހުވެސް އެއްކަލަ އާކިން ގުޅި… ރިސޯޓަށް ދާންވެގެން… އެކަމަކުވެސް އަހަރެން ދާހިތެއް ނުވި… އެކަމަކު ބުނަން… މިހާރު ރައުލްގެ ކޮންމެ ކަމެއްވެސް އަހަރެންނަށް ކަމުދޭ… ނޭންގެ ދެން…” މެޒުމަތިން ފައިލެއް ނަގާ ހުޅުވާލަމުން ނައުހާ ބުންޔެވެ.
- މަސައްކަތުގެ ތެރެއަށް ނައުހާ އެއްކޮށް ވަދެފައި ވަނިކޮށް ނައުހާގެ ފޯނު ރިންގުވި އަޑަށް ކުރަން ހުރި މަސައްކަތް ހުއްޓާލިއެވެ. އަދި ފޯނު ނަގައި ގުޅަނީ ކާކުތޯ ބަލާލިއެވެ. ސްކްރީނަށް އަރާފައި އިން ނަން ފެނި ނައުހާ ފޯނު ސައިލެންޓަށް ލިއެވެ. ގުޅަމުން ދިޔައީ އާކިންއެވެ. ނައުހާ ފޯނު ނުނެގުމުން އަނެއްކާވެސް އާކިން ގުޅަން ފެށިއެވެ. އެގޮތަށް ފަސް ވަރަކަށް ގުޅި ފަހުން ނައުހާ ފޯނު ނެގިއެވެ.
- “ހަމަ ފޯނު ނުނަގަން ވެގެން ދޯ؟…” އާކިން ބުނެލިއެވެ. “އާކިން… އަހަރެންނަށް ދެން ނުގުޅަފާނަންތަ؟… އަހަރެން ދެން ބޭނުންމެއް ނޫން އާކިންއާ މިކަހަލަ ގުޅުމެއް ބާއްވާކަށް…” ނައުހާ ބުނެލި ރީތިކޮށެވެ. އެހެންނަމަވެސް އާކިންގެ ޖަވާބު އައީ ރުޅިވެރި ކަމާއެކުއެވެ. “ނައުހާ ހީކުރަނީ ކީކޭ ކަމައްތަ؟… ނައުހާ ބޭނުން އިރަކު ކަމަށް އަހަރެންނާ ގުޅުން ބޭއްވޭނީ؟… ބުނަން ވަރަށް ރަނގަޅު ވާހަކައެއް… މުޅި ދުނިޔެއަށް ބޭޒާރުވާން ބޭނުން ނުވަންޔާ މިރޭ އަހަރެން މި ބުނާ ތަނަށް އާދޭ…” އާކިންގެ އަޑު ނައުހާއަށް އިވުނީ ބިރުވެރި ގޮތަކަށެވެ. އަޅައަޅައި ގަންނަމުން ނައުހާ އާންއެކޭ ބުނެލިއެވެ. ހަދާނެ ގޮތް ހުސްވެގެންނެވެ.
- =ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Masha Allah mi part ves Vrh reethi!
Raul so hottt…. 😘
Nauha ah vx Mihaaru visney kanne eba..
Ziyern anehka Kon haahsa meehaku bunegen baa… 🤔
I think liyaasha hen 😅…
Curiously waiting for the next part when’s next??
Avahah up kohdhehchey pls pls
Lyy
Thankyouuu❤️
Ziyaanu ge haassa meehaa ingeyne thaa adhi
Hehe balamaa dhw liyaashaa thw
IA liyevunuhaa avahakah submit kuraanen
Lymm dear💗
waau mi part vx vrh reethi masha allahh
thankyouuu