Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ 12

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
February 18, 2016 9 Mins Read
17 Comments

އިފާއަކަށް ނޭނގޭނެ އެދުވަހު އޭނަގެ ވާހަކަ އަޑުއަހާފަ އަހަރެން ރުޅި އައި ވަރެއް. އެދުވަހު އާމިރު މަތިން ހަނދާން ކޮށްލާފަ އަހަރެން ރުޅި ކޮންޓްރޯލް ކުރީ. އެކަމަކު ދެވަނަ ފަހަރަށް އެކަހަލަ އެއްޗެއް ބުނާ އަޑު އިވިއްޖެއްޔާ… އަހަންނަކަށްވެސް ނޭނގެ އަހަންނަށް ކުރެވިދާނެ ކަމެއް ބުނާކަށް.

އެކަމަކުވެސް އިފާ އެމީހުންނާ ގުޅުން ބޭއްވުމަކަށް އަހަރެން އެއްވެސް ހުރަހެއް ނާޅާނަން. އަހަންނަށް އެނގޭ ފެމިލީއަކީ އިފާއަށް ކިހާ މުހިއްމު އެއްޗެއްކަން.” ޒިޔާން އިފާޝާ ގެ މޫނުގައި އަތް ޖައްސާލިއެވެ.

“އާމިރުގެ ފެމިލީއަކީވެސް ޒިޔާން ކަހަލަ ފެމިލީއަކަށް ވީނަމައޭ ހިތަށް އަރާ…” ޒިޔާންގެ އަތުގައި ހިފާލަމުން އިފާޝާ ބުނެލިއެވެ.

“މަންމަމެން ކައިރީ ބުނެފިންތަ ޒިޔާން ރަށަށް ދާން ޕްލޭން ކުރާ ވާހަކަ؟” އިފާޝާ އަހާލިއެވެ.

“އަދި ނުބުނަން. އިފާ ކައިރީ އަހާލާފަ ބުނަން ވެގެން.” ޒިޔާން ފުރަތަމަ ބޭނުންވީ އިފާޝާގެ ހިޔާލު ހުރި ގޮތެއް ބަލާށެވެ.

“އަހަރެން ހަމަ ރެޑީ. ވަރަށް ދާހިތްވޭ ޒިޔާންމެން ރަށަށް.” އިފާޝާ އަވަސްއަވަހަށް އެހެން  ބުނެލީ ކުރިން ޒިޔާންމެން ރަށަށް ދިޔާ ދަތުރު މަތިން ހަނދާން ކުރަމުންނެވެ.

ކުރިން އެއްފަހަރު އިފާޝާ ވަނީ ޒިޔާންމެން ރަށަށް ގޮސްފައެވެ. އާމިރުއާ އެކީގައެވެ. މާޔާ، ޒާޔާއަށް ބަނޑުބޮޑު އިރު ހަތަރު މީހުން އެކީ ވަނީ އެރަށުގައި މަހެއްހާ ދުވަހު ތިބެފައެވެ. ޒިޔާންގެ އާއިލާ އެންމެންނާ އެއްފަހަރާ އިފާޝާ ބައްދަލުވީ އެފަހަރުއެވެ.

“ދޮންތަ ކައިރީވެސް ބުނަންވީނު؟” އެފަހަރު އެދަތުރުގައި ސާދާއާ ފަޔާޒްއާ އީދާންވެސް ބައިވެރިވިކަން ހަނދާންވުމާއެކު އިފާޝާ އަހާލިއެވެ.

“އާނ. ބުނާނަން. މަންމަ ކައިރީ ބުނަންވީ ދޯ މިފަހަރު މިކޮޅަށް އަންނަން ދަތުރު ނަހަދަން. ރަށަށް ނުދާތާ ދުވަސްތަކެއް ފަހުން މިދެވެނީ. ތިން އަހަރު ވަނީ” ޒިޔާން ބުނެލިއެވެ.

އެއަހަރު ސްކޫލްތައް ބަންދުވުމާއެކު ޒިޔާންއާ އިފާޝާ އަދި ސާދާއާ ފަޔާޒް ކުދިންނާއެކު ޒިޔާންމެން ރަށަށް ދިޔައެވެ. އެރަށުގައި ހޭދަވި މަހެއްހާ ދުވަސް ވެގެން ދިޔައީ އިފާޝާގެ ހަޔާތުގައި އައި އެންމެ އުފާވެރި މަޖާ ދުވަސްތައް ކަމުގައެވެ.

ޒިޔާންގެ އާއިލާގެ އެންމެން އިފާޝާއަށް މަރުހަބާކީ އުފަލާ އެކީގައެވެ. އެއްވެސް މީހަކު އާނާއާ ޒާޔާގެ މެދުގައި ކުޑަވެސް ތަފާތެއް ނުކުރެއެވެ. އުފަލާ މަޖަލުގައި ދުވަސްތައް ދިޔަގޮތްވެސް ނޭނގި ސްކޫލްތައް ހުޅުވެން ކައިރިވުމާއެކު ޒިޔާންމެން މާލެ އަންނަން ކައިރިވިއެވެ.

ޒިޔާންގެ އާއިލާ އެންމެން އިފާޝާ މެންނާ ސަލާން ކުރީ ކަރުނައާ އެކީގައެވެ. އަދިވެސް ރަށަށް އައުމަށް އެދެމުންނެވެ. ދެން އަންނަ އަހަރުވެސް ބަންދުގައި އައުމަށް ވައުދު ވަމުން އިފާޝާ އެންމެންނާ ސަލާންކުރީ އެހާ ދުވަހަށްވެސް އެ އާއިލާއާ ވަކިވާން ޖެހޭތީ ދެރަވެ ލޮލުން އައި ކަރުނަ ފޮހެމުންނެވެ.

ޒިޔާން މާލޭގައި ނެތި ހޭދަވި ދޮޅުމަހެއްހާ ދުވަސް ރާއިނާ ހޭދަކުރީ ޒިޔާންގެ ސަމާލުކަން ހޯދުމަށް ކުރާނެ އެތައް ކަމެއް ރޭވުމުގައެވެ. ފުރަތަމަ ކަމަކަށް ރާއިނާ ކުރި ކަމަކީ ރާއިނާގެ ސްޓައިލް ބަދަލު ކޮށްލުމެވެ. އަހުދާގެ ފަރާތުން އެނގުނު ގޮތުގައި މާޔާއާ އަދި އިފާޝާއަކީވެސް އެހާ ބޮޑަށް ޒަމާނާ އެއްގޮތަށް އުޅޭބައެއް ނޫނެވެ.

އިސްތަށިގަނޑުން ފެށިގެން ކުރަމުން ދިޔަ މޭކަޕްއާ ލައި އުޅުނު ހެދުމުގެ ސްޓައިލްވެސް ރާއިނާ ބަދަލުކުރިއެވެ. އޭގެ އިތުރުން ޒިޔާންއާބެހޭ އެކިއެކި މައުލޫމާތުވެސް ހޯދިއެވެ.

މާލެއަށް އައިސް އޮފީހަށް ނިކުތް ފުރަތަމަ ދުވަހުވެސް ރާއިނާއަށް އައިސްފައިވާ ބަދަލު ޒިޔާންއަށް ފާހަގަ ކުރެވުނެވެ. އެންމެ ޒަމާނީ ފެޝަނަށް އުޅެމުން އައި އަންހެން ކުއްޖާ ވަނީ ސާދާ އަންހެން ކުއްޖަކަށް ބަދަލުވެފައެވެ. އެދުވަހު އޮފީސް ނިންމާފާއި ގެއަށް ދިޔުމުގެ ކުރިން ރާއިނާގެ މިޒާޖަށް އައިސްފައިވާ ބަދަލުވެސް ޒިޔާންއަށް ވަނީ ފާހަގަ ކުރެވިފައެވެ.

ދުވަސްތަކާއެކު ޒިޔާންއާ ރާއިނާގެ މެދުގައި ރަހުމަތްތެރިކަން އުފެދި ބަދަހިވަމުން ދިޔައެވެ. ކުރިޔާ ހިލާފަށް ޒިޔާން ރާއިނާއާ ވާހަކަ ދައްކަން ފެށިއެވެ. އޮފީހުގެ އެކި ކަންކަމުގައި ނިހާޔާގެ އިތުރުން އެހެން ސީނިއަރ މުވައްޒަފުންނާ މަޝްވަރާ ކުރާ ފަދައިން ރާއިނާގެ ހިޔާލުވެސް ހޯދަން ފެށިއެވެ. ޒިޔާންގެ ހަޔާތުގައި ނިހާޔާއާ އަދިވެސް އެފަދަ ގާތް ހާއްސަ މަދު ރަހުމަތްތެރިންގެ ތެރޭގައި ރާއިނާވެސް ހިމެނިގެން ދިޔައެވެ.

އޮފީހުގެ އެންމެން ކަހަލަ ގޮތަކަށް ރާއިނާއާމެދު ދެކެމުން އައިގޮތް ބަދަލުވި ނަމަވެސް ނިހާޔާއާ ރީނާޒްގެ ހިޔާލު ތަފާތެވެ. އެންމެންނަށް ރާއިނާ ދައްކަމުން އެދަނީ ރާއިނާގެ ހަގީގީ ސިފަ ނޫންކަމުގައި ހީވީ ނިހާޔާއަށް އެކަންޏެއް ނޫނެވެ. ރީނާޒްއަށްވެސް ފެންނަމުންދާ މަންޒަރަކީ ދަޅައެއްހެން ހީވެ އެވާހަކަ ނިހާޔާއާ ހިއްސާކުރީ ރީނާޒްގެ ހިތުގައިވެސް ޒިޔާންއާ އިފާޝާއާ މެދުވާ އިހުތިރާމެއްގެ ސަބަބުންނެވެ. އެދެމީހުންނަށް ދެރައެއް ލިބުން ނޭދޭތީއެވެ.

ޒިޔާން ގާތު އެވާހަކަ ދައްކަން އެތައް ފަހަރަކު ނިހާޔާ ހިޔަށް އެރިއެވެ. ނަމަވެސް އެފަދަ ވާހަކައެއް ދައްކަން ނުކެރުނީ ނިހާޔާއަކީ އެހެން މީހެއްގެ އަމިއްލަ ކަންތަކާ ބެހޭ މީހަކަށް ނުވާތީއެވެ. އަދި ނިހާޔާއަށް ބުނެވޭ އެއްޗެއްގެ ސަބަބުން ޒިޔާންގެ ހިތް އަނެއްކާވެސް ރާއިނާއާމެދު ކިލަނބުވާން ނޭދޭތީއެވެ.

ޒިޔާންމެންގެ ރަށަށް ދިޔަތާ ހަމަސް ވީއިރު ޒިޔާންއާ އިފާޝާގެ ގުޅުމާމެދު އެންމެ ހިތްހަމަޖެހޭ އެކަކަށް ސާދާވިއެވެ. ޒިޔާންއަށްޓަކާ ހިތުގައިވާ ލޯތްބާމެދު އިފާޝާގެ ޔަގީންކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ. އެލޯބި ފުންވަމުން ދިޔައެވެ.

ދުވަސްތަކާއެކު ޒިޔާންގެ ހިތުގައިވެސް އިފާޝާގެ މަގާމު ފުންވަމުން ދިޔައެވެ. ގޭގައި ހޭދަވާ ހުރިހާ ވަގުތެއްހެން އިފާޝާގެ ހަށިގަނޑުގެ ވަސްޖެހޭ ހިސާބުގައި، ނުވަތަ އިފާޝާ ފެންނަ ހިސާބުގައި ހޭދަވާއިރު ގެއިން ބޭރުގައި އިފާޝާއާ ދުރުގައި ހޭދަވާ ކޮންމެ މިނަޓެއް ހޭދަވަނީ ދެމީހުންގެ މެދުގައި ހިނގާ އެކިއެކި ކަންތަކާ ދެކެވޭ އެކިއެކި ވާހަކަތައް ހަނދާންކޮށް އިފާޝާ ގާތަށް ދެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ.

އެހާ ދުވަސް ވީއިރު ޒިޔާންއާ ގާތްވެވޭނެ ގޮތަކާއިމެދު ވިސްނަމުން ދިޔަ ރާއިނާއަށް ޒިޔާންއާ ބެހޭ އެތައް އެއްޗެއް އެނުގުނެވެ. ޒިޔާން  އިފާޝާއާ މެދު ވިސްނާ ގޮތާ، އިފާޝާއާ ދުވަހަކުވެސް ވަކިވާން ޒިޔާން ބޭނުން ނުވާކަންވެސް ރާއިނާއަށް އެނގުނެވެ. އެހެން ނަމަވެސް އަދިވެސް ރާއިނާ ބޭނުން ވަނީ ޒިޔާންއާ އިފާޝާ ދުރުކުރާށެވެ. ރާއިނާގެ މީހަކަށް ޒިޔާން ހަދާށެވެ. ރާއިނާ ދެކޭގޮތުގައި ޒިޔާން އެ ކައިވެނީގައި ދެމި ހުންނަށް ބޭނުން ވަނީ އާމިރު އެކަމަށް އެދުނީތީއެވެ. އަދި އިފާޝާގެ ފަރާތުން ޒާޔާއަށް ލިބެމުންދާ ލޯބީގެ ސަބަބުންނެވެ.

އާމިރުއާ މާޔާ ނިޔާވި ފަހުން ދެއަހަރަށް ފަހު ފުރަތަމަ ފަހަރަށް އޮފީހުގެ އަހަރީ ދުވަސް ފާހަގަ ކުރަން ޒިޔާން ނިންމީ އެއަހަރުއެވެ. އޮފީހުގެ ހުރިހާ މުވައްޒަފުންނާ އެމީހުންގެ އާއިލާ ނުވަތަ ބައިވެރިންނަށް އަހަރީ ދުވަހުގެ ހާއްސާ ޕާޓީއަށް ދައުވަތު ދެވުނެވެ. މަހެއްހާ ދުވަސް ކުރިން ހުރިހާ ކަމެއް ރާވާ ތައްޔާރު ކުރުމުގައި އޮފީހުގެ މުވައްޒަފުންގެ އިތުރުން ޒިޔާންއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އިފާޝާގެ ފަރާތުންނެވެ.

އެފަދަ ކަންކަމުގައި އިފާޝާގެ ކުޅަދާނަކަން ވަނީ އެތައް ފަހަރެއްގެ މަތިން ޒިޔާންއަށް ފެނިފައެވެ. އެހެންވެ، އެފަހަރުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހިޔާލު އައުމާއެކު ފުރަތަމަވެސް ޒިޔާން މަޝްވަރާކުރީ އިފާޝާއާއެވެ.

އިފާޝާގެ ކޮންމެ ހިޔާލެއްވެސް ޒިޔާންއަށް ކަމުދިޔައެވެ. އޮފީހުގެ އެންމެންނަށް އެހިޔާލުތައް ހުށަހެޅުމުން އެންމެންނަށްވެސް ކަމުދިޔައެވެ.

އަހަރީ ދުވަހަށް ތައްޔާރު ވަމުން ދިޔަ ޒިޔާން އެދުވަސްކޮޅު އޮފީހުގައިވެސް އުޅުނީ ބުރަކޮށެވެ. އެދުވަހާ ދިމާކޮށް އޮފީހުގައިވެސް ނިންމަން ޖެހޭ ބައިވަރު ކަންތައްތައް ހުރުމުންނެވެ. މުވައްޒަފުންގެ ތެރެއިން އެކިއެކި ކަންކަމަށް ހޮވޭ ކުދިން ބަލާ، އެކި މީހުންނަށް އެކި ކަހަލަ އިނާމް ކަނޑައެޅުމަކީ އެ ކޮމްޕެނީ ހުޅުވީއްސުރެ ޒިޔާންއާ އާމިރު ކުރަމުން އައި ކަމެކެވެ. ފާއިތުވި ދެއަހަރު އެކަން ކޮށްފައި ވަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ވާތީ މިއަހަރު ޒިޔާން ބޭނުން ވަނީ އެ ހަފްލާ ކުރިއަށް ވުރެންވެސް ހާއްސަ ކޮށްލާށެވެ.

އެ މަސައްކަތުގައި ޒިޔާންއާއެކު އޮފީސްގަޑީގައި ނިހާޔާ އުޅުނު ނަމަވެސް އޮފީސްގަޑި ނިމުމުން އެ މަސައްކަތުގައި އުޅުނީ ޒިޔާންއާ ރާއިނާއެވެ.

ޒިޔާން އޮފީހުގައި ހޭދަކުރާ ވަގުތު ގިނަވެ، ގޭގައި އުޅޭ ވަގުތު މަދުވި ނަމަވެސް ވީ ވަރަކުން އިފާޝާއާ ކުދިންނަށް ވަގުތު ދެއެވެ. ގޭގައި ހޭދަވާ ވަގުތުގައި އިފާޝާއާ ވާހަކަ ދައްކާ ސަމާސާކޮށް ހެދި ނަމަވެސް ޒިޔާންއާއެކު ހޭދަވާ ވަގުތު މަދުވުމުން އިފާޝާއަށް ހިތާހިތާ ޝަކުވާ ކުރެވެއެވެ.

އަހަރީ ދުވަހުގެ ހަތަރު ދުވަސް ކުރިއެވެ. ހޮނިހިރު ދުވަހެއް ކަމުން ކުދިންނާ ސަނާ ގޮވައިގެން އިފާޝާ ހަވީރު ދިޔައީ މާޔާއާ އިފާޝާގެވެސް ރައްޓެއްސެއް ކަމަށްވާ ތާނިޔާމެން ގެއަށެވެ. ބައްދަލު ނުވާތާ ގިނަދުވަސް ވުމާއެކު ދައްކަން އެކިއެކި ވާހަކަ ހުރުމުން އެރޭ ނުވައެއް ޖެހިއިރުވެސް އިފާޝާ އިނީ އެގޭގައެވެ. ނަމަވެސް އެހާ އިރުވުމުން ޒާޔާއާ އާނާ ނިދި އައިސްގެން އުޅެން ފެށުމުންނާ، ދެން ގިނަ އިރެއް ނުވެ ޒިޔާން ގެއަށް އައިސްދާނެތީ އިފާޝާ ގެއަށް ދާން ނިކުތެވެ.

އެއްވެސް ސެންޓަރަކުން ޓެކްސީއެއް ނުލިބުމުން އެގެ ހުންނަ ހަނިމަގުން ބޮޑުމަގަށް އިފާޝާ ނިކުމެ ކަންމަތީގައި މަޑުކޮށްލީ ޓެކްސީއެއް ހުއްޓުވާށެވެ. އެހެން ހުންނަތާ ފަސްވަރަކަށް މިނެޓް ވީތަނާ ފެނުނު މަންޒަރަކުން އިފާޝާގެ ލޯ ބޮޑުވެގެން ދިޔައެވެ.

އިފާޝާމެން ކުރިމަތިން ސައިކަލުގައި އެދިޔައީ ޒިޔާންއާ ރާއިނާއެވެ. އިފާޝާއަށް ހުއްޓުން އަރާފައި ބަލަހައްޓައިގެން ހުރެވުނީ ޒިޔާންއާ ރާއިނާ ފެނުމުންނެއް ނޫނެވެ. އެދެމީހުން ތިބި ގޮތުންނެވެ.

ކޮންމެވެސް މަޖާ ވާހަކައެއް ދައްކާފައި ޒިޔާންއާ ރާއިނާ ހެމުން ދިޔައިރު ރާއިނާ އިނީ ޒިޔާންގެ ބަޑުގައި ދެއަތުން ހިފަހައްޓައިގެން ޒިޔާންގެ ގައިގައި ޖެހި ފިތިގެން ކަހަލަ ގޮތަކަށް ޒިޔާންގެ ބުރަކަށީގައި މޫނުގެ އެއްފަރާތް ޖައްސާލައިގެންނެވެ. އެދެމީހުން ތިބިގޮތުން ފެންނަ ކޮންމެ މީހަކަށް އެއީ ދެ ލޯބިވެރިން ކަމާމެދު ޝައްކެއް ނުވާނެ ގޮތަކަށެވެ.

“ދައްތާ، ހިނގާ…” ފެނުނު މަންޒަރާ މެދު ޔަގީން ނުވެފައި ހުއްޓާ އިފާޝާ ސިހުނީ ސަނާގެ އަޑަށެވެ. ކުރިމަތީ މަޑުކޮށްގެން އޮތް ޓެކްސީ ފެނިފައި ޓެކްސީ ހުއްޓުވީ ސަނާކަން ވިސްނި އިފާޝާ ސަނާއާ ދިމާއަށް ހީލަމުން ދޮރު ހުޅުވާފައި ސަނާއާ ޒާޔާއަށް ފަހު އާނާ އުރާލައިގެން އިށީނެވެ.

ގެއަށް ގޮސް ނިދިފައި އޮތް އާނާ ތަންމަތީގައި ބާއްވާފައި އިފާޝާ ޒާޔާ ގާތަށް ގޮސް ޒާޔާއަށް ނިދެން ދެން ގާތުގައި އިންއިރު އެމަންޒަރު އެތައް ފަހަރަކު އިފާޝާގެ ހިޔާލުގައި ތަކުރާރު ވަމުން ދިޔައެވެ.

ހިތަށް ނާރުވަން މަސައްކަތް ކުރި ނަމަވެސް އެކިއެކި ވަސްވާސްތައް އިފާޝާގެ ހިތާ ސިކުނޑިއަށް ވަންނަމުން ދިޔައެވެ. އިފާޝާ އެހިޔާލުތަކާ ދެކޮޅު ހަދަމުން ދިޔައެވެ. ޒިޔާންއަކީ އެކަހަލަ މީހެއް ނޫންކަމަށް ހިތަށް ވިސްނައިދެމުންނެވެ. އިފާޝާއާ ޒިޔާން ދިމާވިތާ މިވީ އަށްވަރަކަށް އަހަރުތެރޭ ޒިޔާންގެ ފަރާތުން އެފަދަ ކަމެއް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. ވީއިރު ޒިޔާންއާ މެދު އެފަދަ ޝައްކެއް ކުރަންވީ ކީއްވެ ހެއްޔެވެ؟ އިފާޝާއަށް އެރޭ ފެނުނު މަންޒަރުން އެހެން މީހުން ކޮންމެ މާނައެއް ނެގި ނަމަވެސް އިފާޝާ އެފަދަ އެއްޗެއް ހިތަށް އަރުވައިގެން ނުވާނެއެވެ.

އެގާރާ ޖެހިތަނާ އިފާޝާ ސިޓިންގރޫމްގައި އިންދާ ޒިޔާން ގެއަށް އައެވެ. ޒިޔާން ފެނުމާއެކު އިފާޝާއަށް އެރޭ ފެނުނު މަންޒަރު ހަނދާންވިއެވެ. އެ ހިޔާލާ ދުރުވެލުމަށް ދެފަރާތަށް މަޑުމަޑުން ބޯ ހަލުވާލަމުން އިފާޝާ ތެދުވެ ޒިޔާންއަށް ހިނިތުން ވެލިއެވެ.

“ހާދަ ލަހުން ތިއައީ؟ ކާން ހަދަންވީދޯ؟” އިފާޝާ އަހާލިއެވެ.

“ނޫން، މިރެއަކު ނުކާނަން. ނިހާއާ، ރީނާޒްއާ، ރާއިނާއާ އަނީޒްއާ މިރޭ ބޭރުން ކައިގެން މިއައީ. މިހާ އިރު މިވީ އެހެންވެ. އިފާ ކައިފިންތަ؟” ބޫޓު ބާލާފައި އައިސް އިފާޝާގެ އުނަގަނޑުގައި އެއް އަތުން ހިފާ ގަޔާ ކައިރި ކޮށްލައިގެން ކޮޓަރިއާ ދިމާއަށް ޒިޔާން ދިޔައެވެ.

ޒިޔާންގެ ވާހަކައިން އިފާޝާގެ ހިތުގެ ކޮންމެސް ހިސާބެއްގައި އަދިވެސް ވި ޝައްކު ފިލިއެވެ. ހިތަށް ލިބުނު ހަމަޖެހުމާއެކު އިފާޝާއަށް ޒިޔާންގެ މޫނަށް ބަލާލެވުނެވެ.

“ތާނީ މެން ގޭން ކައިގެން އައީ. އަހަރުމެން ގެއަށް އައީ ނުވައެއްވެސް ޖެހިފަހުން. އެނީވެސް އޮތީ އޭރު ނިދާފަ.” އިފާޝާ ބުންޏެވެ.

“އެހެންތަ؟ ބިޒީ ވެގެންގޮސް މިރޭ ގުޅާވެސް ނުލެވުނީ. ޒާ ޝަކުވާ ކުރިދޯ އަހަރެން ނައިސްގެން؟” ކޮޓަރިއަށް ވަދެ ޒިޔާން އެހިއެވެ.

“އަންނަނިކޮށް އެހި މިހާރު ބައްޕަ އައިސްދާނެހޭ. އެހެންނޫނީ ސުވާލެއް ނުކުރޭ. އެގެއަށް ގޮސް ސަކަރާތް ޖަހަން އުޅުނު އިރު ހަނދާން ނުވީ ކަންނޭނގެ.” އިފާޝާ ޖަވާބު ދިނެވެ. އަދި ޒިޔާންއާ ދުރަށް ޖެހިލާފައި ތުވާލި ހިފައިގެން އައިސް ޒިޔާން އަތަށް ދިނެވެ.

“އަންނާނަން އެއްޗެހި ހޫނުކޮށްލާފަ.” ކޮޓަރިން ނިކުންނަން ފިޔަވަޅެއް އަޅާލަމުން އިފާޝާ ބުންޏެވެ. ނަމަވެސް ޒިޔާން އިފާޝާގެ އަތުގައި ހިފާ ގެނެސް ބައްދާލިއެވެ. ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. އެވަގުތު އެކަކު އަނެކަކަށް ބޭނުން ވެފައިވާވަރު އަމަލުން އަންގައިދިން ވަގުތުކޮޅެކެވެ.

“އަންނާނަން ފެންވަރައިގެން…” އިފާޝާގެ ބޮލުގައި ދަތްދޮޅި ޖައްސާލައިގެން ހުރެ ޒިޔާން މަޑުމަޑުން  ބުނެލިއެވެ. އަދިވެސް ޒިޔާންގެ ދެއަތުގެ ތެރޭގައި ހައްޔަރުވެފައި ހުރި އިފާޝާ ބޯޖަހާލިއެވެ. އަދި ޒިޔާންއާ ދުރަށް ޖެހިލިއެވެ.

ބަދިގޭގައި އެއްޗެހި ހޫނުކުރަން ހުރި އިފާޝާއަށް، އިރުކޮޅަކަށް ނަމަވެސް ޒިޔާންއާމެދު ޝައްކު ކުރެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެފަދަ އެއްޗެއް ޒިޔާންގެ ހިތުގައި ވާނަމަ ޒިޔާންގެ އަމަލު އިފާޝާއާމެދު އެހާ ގާތްކޮށެއް ނުހުރީހެވެ. ދެމީހުންގެ މެދުގައި ކައިވެނީގެ ގުޅުން އުފެދުނު ފަހުން ޒިޔާންއަށް އިފާޝާގެ ފަރާތުން ޝަކުވާ ކުރާނެ ފުރުސަތެއް ނާންނަކަން އިފާޝާއަށް ޔަގީންވެއެވެ. ވީއިރު ޒިޔާން އެފަދަ ކަމަކާމެދު ވިސްނަފާނެ ކަމަށް ކުޑަވަގުތުކޮޅަކަށް ނަމަވެސް އިފާޝާގެ ހިތަށް އެރީ ކީއްވެ ހެއްޔެވެ؟

ޒިޔާންއާ މެދު އިފާޝާގެ ހިތުގައިވާ ޔަގީންކަން ކުރިއަށް ވުރެން ވަރުގަދަވިއެވެ. ނަމަވެސް އެވަގުތު އިފާޝާއަށް ހިތާހިތާ ޝަކުވާ ކުރެވުނެވެ. ދޭތެރެދޭތެރެއިން ކުރެވޭ ޝަކުވާއެވެ.

ޒިޔާންގެ ހިތުގައި މާޔާއަށް ޓަކައި ވާފަދަ ލޯތްބެއް އިފާޝާއާމެދު އުފެދިދާނެ ބާއެވެ؟ އެފަދަ ދުވަހެއް އިފާޝާއަށް ފެންނާނެ ބާއެވެ؟ އިފާޝާ ޒިޔާންދެކެ ލޯބިވާކަން ޒިޔާންގެ ކުރިމަތީގައި ޖެހިލުމެއްނެތި ފާޅުކޮށްލަން ކެރޭނެ ދުވަހެއް އަންނާނެ ބާއެވެ؟ ޒިޔާންގެ ދުލުން އިފާޝާއާމެދު އިފާޝާ ހިތްހަމަ ޖެހޭފަދަ އެތައް ބަސްތަކެއް އަބަދުއަބަދު އަޑުއިވޭ ނަމަވެސް އެހިތުގައި އިފާޝާއަށްޓަކާ ލޯބިވާކަން އެދުލުން ހާމަކުރާނެ ދުވަހެއް އަންނާނެ ބާއެވެ؟ އެފަދަ ފޮނި ބަހެއް އިފާޝާއަށް އަޑު އިވިދާނެ ބާއެވެ؟ ޒިޔާންގެ ހިތް ފަތަހަ ކުރުމުގައި އިފާޝާއަށް ކާމިޔާބު ހޯދިދާނެ ބާއެވެ؟

އެއާއެކު އޭގެ ކުރިން، ދުވަހަކުވެސް އިފާޝާގެ ހިތަށް ނުވަންނަ ބިރުވެރި ހިޔާލެއް އިފާޝާގެ ހިތުގައި އުފެދުނެވެ.

ޒިޔާންއަށް އެހެން މީހެއްދެކެ ލޯބި ވެވިއްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މުޅި އުމުރުގައި ޒިޔާން އިފާޝާއާއެކު އުޅެން ބޭނުން ވެދާނެ ހެއްޔެވެ؟ އެފަދަ ދުވަހެއް އައިސްފި ނަމަ އިފާޝާ ހަދާނީ ކިހިނެއް ހެއްޔެވެ؟

އެހިޔާލުގައި ހިތުގެ ވިންދާއެކު އިފާޝާގެ ހަރަކާތްވެސް އިރުކޮޅަކަށް ހުއްޓުނެވެ. ނަމަވެސް ވިއްސަކަށް ސިކުންތު ތެރޭ އިފާޝާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. ދެފަރާތަށް ބޯ ހަލުވާލަމުން އެފަދަ ދުވަހެއް ނުދައްކަވާތޯ ދުޢާ ކޮށްލިއެވެ.

ކޮފީމަގު ހިފައިގެން ކޮޓަރިއަށް ވަންއިރު ޒިޔާން ފެންވަރައިގެން ނިކުމެ ޑްރެސިންގ ޓޭބަލް ކުރިމަތީ ހުއްޓެވެ.

“ކޮފީ ހިފައިގެންތަ ތިއައީ؟ އަދި މިރޭ ކޮފީ ނުގެންނާށޭ ބުނަން ކަމަށް މިހިރީ” އިފާޝާގެ އަތުގައި ހުރި ކޮފީތަށި ފެނުމުން ޒިޔާން ލޯގަނޑުން އިފާޝާއަށް ބަލަންހުރެ ބުންޏެވެ.

އިފާޝާ ސައިޑްޓޭބަލް މަތީ ކޮފީތަށި ބަހައްޓާފާއި ގޮސް ޒިޔާންގެ ފަހަތުގައި ހުއްޓިލިއެވެ. އިސްތަށިގަނޑުން ފެން ފޮޅަފޮޅާ ހުރި ޒިޔާން އިފާޝާއާ ހަތަރުކަޅި ހަމަކޮށްލީ ލޯގަނޑުންނެވެ. އެވަގުތު އިފާޝާ ފަހަތުން ޒިޔާން ގައިގައި ބައްދާލާފައި ޒިޔާންގެ ބުރަކަށީގައި މޫނު ޖައްސާލީ ފޮހެލަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ކާމިޔާބު ނުވެ އެހިތުގައި އުފެދެމުން ދިޔަ ސުވާލުތަކުގެ ސަބަބުންނެވެ.

“އިފާ…؟” ޒިޔާންއަށް ގޮވާލެވުނެވެ. ކޮންމެވެސް ކަމެއް ވެއްޖެޔޭ އެވަގުތު ޒިޔާން ހިތަށް އެރީ ކީއްވެ ކަމެއް ނޭނގެއެވެ. ހުރިގޮތަށް ހުރެ ޒިޔާން އިފާޝާގެ ދެއަތްތިލަ ގަޔާ ދުރުކޮށްލަން އުޅުނެވެ.

އެވަގުތު އެ ސުވާލުތައް އަނެއްކާވެސް އިފާޝާގެ ހިތަށް އުނދަގޫ ކޮށްލިއެވެ. ޒިޔާން ދުރު ކޮށްލަން އުޅުނު ދެއަތްތިލަ ކުރިއަށް ވުރެންވެސް ބާރު ކޮށްލެވުނީ އިފާޝާގެ ލޮލަށް ޖަމާވި ކަރުނައިގެ ސަބަބުންނެވެ. އެކަރުނަ ޒިޔާންއަށް ސިއްރު ކުރަން ބޭނުން ވީތީއެވެ. ނަމަވެސް ނުފެނުނަސް ޒިޔާންއަށް އެކަން އެނގުނެވެ. އިފާޝާގެ ލޮލުން ފޭދުނު ކަރުނައިގެ ހޫނުކަން އިހުސާސް ކުރެވުނެވެ.

“އިފާ…” ޒިޔާން އިފާޝާގެ ދެއަތްތިލަ ދުރުކޮށްލާފާއި އެނބުރި އިފާޝާގެ މޫނުގައި ދެއަތުން ހިފާ އިސް އުފުލާލިއެވެ. އެ ލޮލުން އައި ކަރުނަ ފެނުމާއެކު ޒިޔާން ދެއަތުން އަވަސްއަވަހަށް އިފާޝާގެ މޫނު ފޮހެލިއެވެ. އަދި ބޯ ތިރިކޮށްލަމުން އިފާޝާގެ ދެލޮލުގައި ވި ކަރުނަ ދެން ފޮހެލީ ޒިޔާންގެ ތުންފަތުންނެވެ.

“އިފާ، ކިހިނެއްވީ؟” ދެއަތުން އިފާޝާގެ މޫނުގައި ހިފަހައްޓައިގެން ހުރެ ސުވާލު ކޮށްލިއިރު ޒިޔާންގެ އަޑުގައިވަނީ ކަންބޮޑުވުމެވެ.

“ކަމެއް ނުވޭ…” ޒިޔާންގެ ދެއަތުގައި ހިފާލަމުން އިފާޝާ ޖަވާބުދިނެވެ.

“ދެން ކީއްވެ ތި ރޮނީ؟” ޒިޔާން އެހިއެވެ.

“އެއްވެސް ކަމެއް ނުވޭ… ހިތަށްއެރި އެއްޗަކުން… އަޅާނުލާ ދެން…” ހިނިތުން ވެލަމުން އިފާޝާ ޒިޔާންގެ މޭގައި ބޯ ޖައްސާލަން އުޅުނެވެ. ނަމަވެސް ޒިޔާން އިފާޝާ ގަޔާ ދުރުކޮށްލިއެވެ.

“ކީކޭ ހިތަށް އެރީ؟ ކޮންކަމަކާ އިފާ ހާސްވަނީ؟” ޒިޔާން ބޭނުންވީ އިފާޝާއަށް ރޮވުނީ ކީއްވެތޯ ބަލާށެވެ.

“އަޅާނުލާ ދެން. އިހަށް އެވާހަކަ ނުދައްކާ…” އިފާޝާ އެދުނެވެ. ޒިޔާން ބޯޖަހާލަމުން ދެއަތުން އިފާޝާ ގައިގައި ބައްދާލިއެވެ. އިރުކޮޅަކު އެހެން ހުރެފައި އިފާޝާ އިސް އުފުލާ ޒިޔާންގެ މޫނަށް ބަލާލިއެވެ. ޒިޔާންއާމެދު އިފާޝާގެ ހިތުގައި ވާ ހުރިހާ އިހުސާސެއް އެވަގުތު އެ ލޮލުގައި ވިއެވެ.

އިފާޝާއާ ހަތަރުކަޅި ހަމަވުމާއެކު ޒިޔާންއަށް ތަފާތު ގޮތްތަކެއް ވެގެން ދިޔައެވެ. އިފާޝާގެ ލޮލުން ފެންނަމުން ދިޔަ އަސަރަކުން އެވަގުތު ޒިޔާން ހަނދާންވީ މާޔާ މަތިންނެވެ. އަބަދުވެސް މަޔާ ހަދާހެން، ހީވެސް ނުކޮށް ހުއްޓާ އައިސް ޒިޔާން ގައިގައި ބައްދާލަމުން މާޔާ ޒިޔާންދެކެ ލޯބިވާވަރު ދުލުންނާ އަމަލުން ބުނެދޭ ވަގުތު މާޔާގެ ލޮލުންވެސް ޒިޔާންއަށް ފެންނަ އަސަރުތައް އެވަގުތު އިފާޝާގެ ލޮލުންވެސް ފެނުނެވެ. ހައިރާންކަމާއެކީ ޒިޔާންއަށް އިފާޝާގެ މޫނަށް ބަލަން ހުރެވުނެވެ. އިފާޝާ ޒިޔާންދެކެ ލޯބިވާކަން ޒިޔާންއަށް އެއްވެސް ޝައްކެއް ނެތި ޔަގީންވިއެވެ. ނަމަވެސް އެވަގުތު ހިތުގެ ތެޅުން ކުއްލިއަކަށް އަވަސްވެގަތީ އެހެން ސަބަބަކާ ހެދިއެވެ. އެހެން ކަމެއް އިހުސާސް ކުރެވުމުންނެވެ.

ޒިޔާންއަށް ނޭވާ ހިފަހައްޓާލެވުނެވެ. އަމިއްލަ ނަފްސާމެދު ހިތް އެބުނެދިން އެއްޗަކުން ޒިޔާންގެ ހިތާ ސިކުނޑި އުފަލުން ނަށަން ފެށިއެވެ. ހިތުގައިވާ އެއްޗެއް އެވަގުތު ބާރުބާރަށް ބުނެލަން ބޭނުންވިއެވެ.

“އައި ލަވް ޔޫ އިފާ… އައި ލަވް ޔޫ…” ހިނިތުންވުމާއެކު އެހެން ބުނެލަން ޒިޔާންގެ ތުންފަތް ހަރަކާތް ކުރިއެވެ. ނަމަވެސް ކުއްލިއަކަށް އެހެން ހިޔާލެއް އައެވެ.

ޒިޔާން ލޯބިވާ ވާހަކަ ބުނާނީ ހާއްސަ ގޮތަކަށެވެ. އިފާޝާއަށް އެކަން އަންގާނީ ސަޕްރައިޒެއް ގޮތަށެވެ. އިފާޝާ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.

ނަމަވެސް ޒިޔާންއަށް އެކަން ފާޅުނުކޮށް ދެން ނުހުރެވޭނެ ކަން ޔަގީނެވެ. މިރޭ މި ވަގުތުވެސް ބުނަން ބޭނުމެވެ. ޒިޔާން ގޮތެއް ނިންމިއެވެ. މިރޭ ބުނެދޭނީ ހަމައެކަނި އަމަލުންނެވެ.

އެހެން ހިތަށް އެރުމާއެކު ޒިޔާން އިފާޝާގެ ތުންފަތުގައި ބޮސްދިނެވެ. ހިތުގައިވި ހުރިހާ އިހުސާސެއް އެ އަމަލަށް ހުސްކޮށްލަން މަސައްކަތް ކުރަމުންނެވެ. ދުލުން ނުބުނި ނަމަވެސް ތުންފަތާ، ދެއަތާ ޒިޔާންގެ މުޅި ހަށިގަނޑުވެސް އިފާޝާދެކެ ވާ ލޯބި އަންގައިދެވޭތޯ މަސައްކަތް ކުރިއެވެ.

އަނެއް ދުވަހު އޮފީހަށް ދިޔަ ގޮތަށް ޒިޔާން ނިހާޔާއަށް ގޮވިއެވެ. ރޭއްސުރެ ހިތުގައި ފޮރުވައިގެން އުޅުނު ސިއްރު އެހެން މީހަކާ ހިއްސާ ކުރުމަށް ކެތްމަދުވެފައި އިން ޒިޔާންއަށް، ނިހާޔާ އެ ކެބިންއަށް ވަނުމަށް ނެގި މިނެޓެއްހާ އިރުވެސް ހީވީ ގަޑިއެއްގެ އިރުހެންނެވެ.

“ހާދަ ލަހުން ތިއައީ؟” ދޮރު ހުޅުވާލާފައި ވަން ނިހާޔާ ފެނުމާއެކު ޒިޔާންއަށް ބުނެވުނެވެ.

“ލަސްތަ؟” ހައިރާންވެފައި ޒިޔާންއަށް ބަލާލަމުން ނިހާޔާ އެހިއެވެ.

“އިށީނދެބަލަ… ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން…” އެހެން ބުނިއިރު ޒިޔާންއަށް ގޮނޑީގައި ހަމަޖެހިގެން ނުވެސް އިނދެވެއެވެ.

“ކިހިނެއްވީ؟ ކޮންކަމަކާ ޒިޔާން ތިހާ އެގްޒައިޓެޑް ވެގެން ތިއުޅެނީ؟” ޒިޔާންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ނިހާޔާ ސުވާލު ކޮށްލިއެވެ.

“ނިހާ… އަހަރެން މާޔާ ދެކެ ވަރަށް ލޯބިވިން… ހިއެއް ނުކުރަން އެހެން މީހެއްދެކެ ދުވަހަކުވެސް ދެން ލޯބި ވެވިދާނެ ކަމަކަށް… އެކަމަކު… ނިހާ، އަހަންނަށް ރޭގަ ރިއަލައިޒް ވެއްޖެ އަހަންނަށް އިފާދެކެ ލޯބި ވެވިއްޖެކަން…” ޒިޔާން ކިޔާދިނެވެ.

“އަސްލުތަ؟ އަޅޭ… ވަރަށް އުފާވެއްޖެ… އެކަމަކު އިފާ… އިފާ ލޯބިވޭތަ؟” އުފާވެރި ހިނުތުންވުމަކާއެކު ނިހާޔާ ފެށިއެވެ. ނަމަވެސް ނިމުނީ ހާސްކަން އެކުލެވިފައިވާ އަޑަކުން ކުރެވުނު ސުވާލަކާ އެކުއެވެ.

ޒިޔާންގެ މޫނުމަތިން ފެނުނު ހިނުތުންވުމާއެކު ނިހާޔާއަށް ވެސް ހީލެވުނެވެ.

“ހީވޭ… ވަރަށް ހީވޭ… އެކަމަކު އިފާ ނުވެއް ބުނޭ… އަހަރެންވެސް ނުބުނަން” ޒިޔާން ބުންޏެވެ.

“ކީއްވެ؟” ނިހާޔާ އަހާލިއެވެ.

“ސްޕެޝަލް އޮކޭޝަންއެއްގަ ސްޕެޝަލް ގޮތަކަށް ބުނަން އަހަރެން ބޭނުމީ…” ޒިޔާން ބުންޏެވެ.

“އެއީ؟” އެންމެ ލަފްޒަކުން މިފަހަރުވެސް ނިހާޔާ ސުވާލުކޮށްލިއެވެ.

“އަހަރީ ދުވަހުގެ އެވޯޑް ލިސްޓަށް އެއް އެވޯޑް އިތުރު ކުރަން ޖެހޭނީ. އެންމެ ސްޕެޝަލް އެވޯޑް… އަހަރެން އެންމެ ލޯބިވާ ފަރާތަށް ދޭ އެވޯޑް…” ހީލަމުން ޒިޔާން އޭނަ ވިސްނާފައިވާ ގޮތް ނިހާޔާއާ ހިއްސާ ކުރިއެވެ.

“އަޅޭ… ޒިޔާން ހާދަ ރޮމޭންޓިކްއޭ… ސަޅި! ވަރަށް ޔުނީކް ގޮތެއް…” ނިހާޔާއަށްވެސް އެ ހިޔާލު ކަމުދިޔައެވެ.

އަންގާރަ ދުވަހެވެ. ކުދިންގެ ކަންތައް ސާދާއާ ހަވާލުކުރުމަށްފަހު މެންދުރުފަސް އެކީގައި ކަހަލަ ގޮތަކަށް އިފާޝާ ހޭދަކުރީ ޒިޔާންމެން އޮފީސް ހުންނަ އިމާރާތުގެ ޓެރެސްގައެވެ. އަހަރީ ދުވަހުގެ ހާއްސަ ހަފްލާ ބާއްވަން ހަމަޖެހިފައި އޮތީ އެތަނުގައި ކަމަށް ވާތީއެވެ. ޑެކަރޭޝަންއާ ކެއުމުގެ ހުރިހާ ކަމަކާ ހަވާލުވެގެން ހުރީ އިފާޝާއެވެ. އެހެންވެ މެންދުރުފަހު އެކެއް ޖެހި އިރުން ފެށިގެން އެތަނުގައި މަސައްކަތް ކުރަންތިބި މީހުންނަށް ކަންތައް ކުރަންވީ ގޮތް ކިޔައިދޭން އިފާޝާ އުޅުނެވެ

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

Inthizaaru Kuri Loabi

Next

ކުރަމުން ތިދާހާ ގޯނާ 13..

Next
February 18, 2016

ކުރަމުން ތިދާހާ ގޯނާ 13..

Previews
February 18, 2016

Inthizaaru Kuri Loabi

17 Comments!

  1. havvu says:
    February 18, 2016 at 5:54 pm

    Wow v v v v nice plx next part v avahan upload kohla dhencheyy

  2. 2aafi says:
    February 18, 2016 at 6:05 pm

    First <3

  3. Zaanaa says:
    February 18, 2016 at 6:27 pm

    Vvv salhi next part keyaa hethun keh nuvay avahah up kohdehchay

  4. Shew says:
    February 18, 2016 at 6:35 pm

    V reethi

  5. Naju says:
    February 18, 2016 at 6:56 pm

    Varah reethi ekamaku hurihaa storyga ehgothah kanthah nukohba mibunyy abaduves officegà uley ragalah life gendhaa meehakaa ulumeh ohnaane deythere jehseyytho Balan varahhadhi Vaane edheythere ah raainaa vanyyma

  6. Ily says:
    February 18, 2016 at 8:52 pm

    Aslu huriha baithakeh himenema dho aslu vahaka ge reethikan annane Dho mashaa
    V reethi vahaka eh????

  7. neha says:
    February 19, 2016 at 12:52 am

    Aslu mifaharu raina ah varugadha filaavalheh dheyn vaane

  8. Shim says:
    February 19, 2016 at 5:51 pm

    Avahah up kohdybala plx

  9. Saman says:
    February 19, 2016 at 6:23 pm

    Friday ga up eh nukurantha

  10. Mar Sha Marsha says:
    February 19, 2016 at 6:33 pm

    Will up tomorrow.. thnx for reading.. ?

  11. ayya says:
    February 19, 2016 at 8:11 pm

    vaahaka v nice ekam haadisaathah gennavee vaguthaai haalathugai gennan feney eyrun v sashivaane.

  12. Mari says:
    February 20, 2016 at 8:04 am

    Vvvvvvvv salhi vahaka…next part avwhah up koh dheeba…keep it up.

  13. Zaanaa says:
    February 20, 2016 at 11:57 am

    Up kohdeeba pls

  14. Saman says:
    February 20, 2016 at 3:10 pm

    Vaahaka ah inthizaaru kurevenee eh nun avas up koh barrrr

  15. Zimaam says:
    February 20, 2016 at 6:17 pm

    Marsha buni meh nu up kuraanamey kobaa aavas pleax

  16. Saman says:
    February 20, 2016 at 6:55 pm

    Vaahaka plx marsha thi hen nahadhaa emmeh dhuvahaku mi vaahaka yaa nulaa ulhen jehumun hee vani life ge eh bai madhu hennn

  17. Zaanaa says:
    February 20, 2016 at 7:01 pm

    Thi bunee hama tedeh meyadu hatarudan medanee mevaahaka up vay thw balabalaa tehbaa

Comments are closed.

Next Episodeހިތް އެދެނީ 13←


All Right Reserved!