އެ ސުވާލާއެކު ރާހިލްއަށްވެސް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރިއާން އޭނާއާ އެ ކުރިމަތި ކުރުވީ އެރަށުން ފަށައިގެން ރާހިލް އޭނާގެ އަމިއްލަ ނަފްސާ ކުރަމުން އަންނަ ސުވާލެކެވެ. ހާސްވެފައި އިނދެ ރާހިލްއަށް އެއްއަތުން އޭނާގެ އިސްތަށިގަނޑުގައި އަތްފުނާ އަޅައިލެވުނެވެ.
“ބަލަ ތީއެއްނު އަހަރެންގެވެސް މައްސަލައަކީ. ނޭނގެ ވެގެން މި އުޅޭގޮތެއް. ޝައިނާ ފެނުނީއްސުރެން އަހަރެން މި ހުންނަނީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގަ. ނޭނގެ. ބައެއްފަހަރު ވަރަށް ފޫހިވޭ. ރުޅިވެސް އާދޭ. އެކަހަލަ ގޮތްދޫނުކުރާ އަންހެނުންނަކީ އަހަރެންގެ ޓައިޕެއްވެސް ނޫން. އަނެއްބައި ފަހަރު ދުރަށް ދާންވެސް އުނދަގޫ. ޝައިނާއާ އެހެންމީހަކު ކައިރިވިޔަސް އަހަރެންނަކަށް ހަޖަމެއްނުވޭ. ބައެއްފަހަރު ޝައިނާއާ ގާތުގައި ހުރެވޭއިރު ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ.. ހިތަށް އުނދަގޫވޭ.. އަނެއްބައި ފަހަރު ހިތަށް އެހާ ހަމަޖެހުން ލިބޭ… އައިމް ސޯ ކޮންފިއުޒްޑް.. ރިއާން އަހަރެންގެ މަގާމުގަ ހުރިނަމަ މިހާރު ދުނިޔެއިން މޮޔަވާނެ. ދެތިންމަސް ދުވަސް އަހަރެން މި ދިޔައީ ހިތާއި ސިކުނޑީގެ ހަނގުރާމައެއް ކުރަމުން” ރާހިލްގެ ވާހަކަ އިވުމާއެކު ރިއާން ހިނިތުންވެލިއެވެ.
“ރާހިލްއަށްވެސް އެނގޭނެ އަހަރެންނަކީ ލޯބީގެ ފަލްސަފާތައް ގަބޫލުކުރާ މީހެއްނޫންކަން. އެއީ ފަހަރެއްގަ ލޯބިވުމަކީ އަހަރެންގެ ކެޕެބިލިޓީގަ ނެތް ކަމެއްކަމަށް ގަބޫލު ކުރެވޭތީ ކަމަށްވެސް ވެދާނެ. އެކަމަކު ރާހިލް ތިދެއްކި ވާހަކައިން އަހަރެންނަށް ހަމަ ސިފަވީ ފިލްމު ތަކުން ދައްކާ ކަހަލަ އާވާރާ ވެފައިވާ އާޝިގެއްގެ ވާހަކަ” ރިއާން މަޖާވެލައިފައި ރާހިލްގެ ވާހަކަ ތަކަށް ރައްދުދިނެވެ.
“ހަހަހަ. ދައްކާ ވާހަކަ. އަހަރެން ލޯބި ވަންޏާ ކީއްކުރަން ޝައިނާދެކެ ލޯބިވާންވީ؟ އެހެންނޫނަސް އަހަރެން އަދި ކައިވެންޏެއްގެ ހިޔާލެއްވެސް ނުކުރަން. މިކޮޅަށް ފުރަން އޮތްރޭ ފުރުސަތު ލިބުނީމަވެސް އަހަރެން ޝައިނާ އެކަހަލަ ގޮތަކަށް ޔޫސް ކުރާކަށް ނުކެރުނު…. ފަހަރެއްގާ ވެދާނެ ޒީމެންނާ ކްލޯޒް ވީމަ އަހަރެންނަށް ޝައިނާއާ ދޭތެރޭ ކެއަރ ކުރެވެނީ ކަމަށް.” ރާހިލްވެސް ހިނިގަނޑެއް ޖަހައިލަމުން ރިއާންގެ ވާހަކައަށް ރައްދުދިނެވެ. ނަމަވެސް ރާހިލް އެހެން ބުނުމާއެކު ރިއާންގެ މޫނަށް ސީރިއަސްކަން ވެރިވިއެވެ.
“ރާހިލް. ތި ބުނެވުނީ ކީކޭކަން އެނގޭތަ؟ ރާހިލްއަށް ފުރުސަތު ލިބުނީމަވެސް ޝައިނާގެ ބޭނުން ހިފަން ނުކެރުނޭ. އަހަރެން ދަންނަ ރާހިލްއަކީ އެކަހަލަ ފުރުސަތެއް ދޫކޮށްލާނެ ރާހިލްއެއް ނޫން. އެހެންނޫނަސް މީގެ ކުރިންވެސް ރާހިލްއަކީ ވަކި ޒީގެ ރަހްމަތްތެރިންނަށް ބަލާ މީހެއް ނޫނެއްނު.” ރިއާން ސީރިއަސް ވެލާފައި ބުންޏެވެ. ރާހިލްއަށް ފަހުމުވާނެ ފަދައިން އެއްޗެއް ވިސްނައިދޭން މަސައްކަތްކުރިއެވެ. ރާހިލްގެ މޫނުމަތިންވެސް ހިނިތުންވުން ފިލައިދިޔައެވެ.
“މިފަހުން ރާހިލްގެ ކުރިމަތީގައި ހިނގައިދިޔަ ކަންތައް. ޝައިނާގެ ހާލަތު ފެނިފަ ރާހިލްއަށް ކޮށްފަ ހުރި އަސަރު އެންމެ ގާތުން ދުށް މީހަކީ އަހަރެން. ރާހިލް ކެރެންޏާ ބުނެބަލަ. ޝައިނާއަށް އޭރު ވީގޮތުން ރާހިލްއަކަށް އެއްވެސް އަސަރެއް ނުކުރެޔޭ. އެހެން އެއްވެސް ކުއްޖަކާ ޝައިނާއަކާ ތަފާތެއް ނެތޭ” ރިއާން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
ރާހިލްއަށް ރިއާންގެ ވާހަކަތަކާމެދު ވިސްނައިލެވުނެވެ. އޭނާގެ ހިތުގައި ޝައިނާއަށްޓަކައި އުފަންވަމުން އައި އިހުސާސްތަކާމެދުވެސް ވިސްނައިލެވުނެވެ. ރިއާން އެ ބުނި ފަދައިން އެ ހާދިސާއިން އޭނާއަށް އަސަރެއް ނުކުރާކަން ބުނެފިނަމަ އެއީ ހެދޭނެ ވަރަށްބޮޑު ދޮގެއްކަން ރާހިލްއަށް އެނގުނެވެ. އޭނާ ވަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި ކަންކަންވެސް ކޮށްފައެވެ. ފުން ކަނޑުތަކުގައި ފީނައި ބޮޑެތި ފަރުބަދަތަކުގެ މަތިން ކޭބަލްތަކުގައި ފުންމައިފައެވެ. ވަލުޖަނަވާރުތަށް އުޅޭ ޖަންގަލިތަކުގައި އެތަކެއް ކޭމްޕެއް ޖަހައިފައެވެ. ނަމަވެސް ހޮސްޕިޓަލުގައި ޝައިނާއަށް ދިމާވި ކަންތައްތަކުގެ ސަބަބުން އޭނާ ގަތް ބިރަކީ ދުނިޔޭގެ އެއްވެސް ކަމަކާ ނުގަންނަ ވަރު ބިރެކެވެ. އެދުވަހު ޝައިނާގެ ހަށިގަނޑާއި ހިތުގައި އަޅަމުންދިޔަ ކޮންމެ ވޭނަކަށް ފަރުވާއެއް ކަމުގައި ވުމަށް އޭނާގެ ހިތް އެދެމުން ދިޔަކަމީ ރާހިލްއަށް ދޮގު ކުރެވެން ނެތް ހަގީގަތެކެވެ. އެހެންކަމުން ރިއާން ދެއްކި ވާހަކަތަކާމެދު އޭނާ ވިސްނަން ފެށިއެވެ.
“މިސާލަކަށް ރިއާން ތި ބުނިހެން އަހަރެންގެ ހިތުގަ ޝައިނާއާ ދޭތެރޭ ހާއްސަކަމެއް އޮތަސް ކުރާނީ ވަކި ކީއް؟ ޒީ ދުވަހަކުވެސް އަހަރެމެންގެ ގުޅުމާ ރުހޭނެތަ؟ ޝައިނާ އަހަރެން ގަބޫލު ކުރާނެތަ؟” އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ރާހިލް ސުވާލު އުފެއްދިއެވެ.
“ތިއެއް ނޭނގެ. އެނގޭހާވެސް އެއްޗަކީ ރާހިލްގެ ކޮންފިއުޝަން މިހާރު ސާފު ވެއްޖެކަން.” ރިއާން ކޮފީތަށި ހިފައިގެން ސޯފާއިން ތެދުވީ ރާހިލް ފުން ހިޔާލެެއްގެ ތެރެއަށް ދޫކޮށްލައިފައެވެ.
އެދުވަހު ރާހިލް އޭނާގެ ނިންމުން ނިންމިއެވެ. އޭނާއަކީ ދިރިއުޅުމުގެ އެއްވެސް ކަމެއްގައި ފަހުން ވާނެ ދެރައަކަށް ބެލުމެއްނެތި ހިތް އެދޭ ގޮތަށް ކަންތައްކުރާ މީހެކެވެ. ފަސްއެނބުރި ބަލައިލާ ދުވަހަކުން ނުކުރެވުނު ކަމަކާ ހިތާމަކޮށް ރޯންޖެހޭވަރު ކަމެއް ބޭއްވުމަކީ އޭނާގެ ގޮތެއް ނޫނެވެ.
***********
ފަހަތުން އިވެމުންދާ ފިޔަވަޅުތަކުގެ އަޑަށް ސަމާލުކަންނުދީ ގެއާ ހަމައަށް ވާސިލުވެވޭތޯ ޒީވާ މަސައްކަތް ކުރަމުންދިޔައެވެ. މިއީ މާލޭގެ ކާރޫބާރޫ ބޮޑު މަގުތައްކަމާއި އޭނާ ނޫނަސް އެހެން މީހުން އެމަގުތަކުގައި ހިނގާ ބިނގާވެ އުޅޭނެކަން އަމިއްލަ ސިކުނޑިއަށް ވިސްނައިދެމުން ދިޔައެވެ. މިހާރު އެހާދިސާ ހިނގައިދިޔަތާ ތިންމަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އޭނާއަށް އޭގެފަހުން އެކަހަލަ ކަމެއް ދިމާވީކީ ނޫނެވެ. މީހެއްގެ ފަރާތުން ނުރައްކަލެއް ކުރިމަތިވީކީ ނޫނެވެ. ނަމަވެސް މިފަހަކަށް އައިސް ޒީވާއަށް އުނދަގޫތަކެއް ވަނީއެވެ. އަނެއްކާވެސް އޭނާއަށް އެމީހަކު ފާރަލަނީއޭ އޭނާގެ ހަވަނަ ހިއްސު ބުނެދެމުން ދިޔައެވެ.
ގެއަށް ވަދެވުނުއިރު ޒީވާގެ ނިތްކުރީގައި ދާތިކިތައް ވިދަމުންދިޔައެވެ. ކަކުލުހުޅުން ވާގިދޫވާން އުޅޭކަމުގެ އިހުސާސާއެކު އޭނާއަށް ސޯފާއާހިސާބަށް ދެވުނީ ހަމަ ކިރިޔާއެވެ. ސޯފާގައި އިށީންދެވުނުއިރު ހާސްވެ މުޅިމީހާ ތުރުތުރު އަޅަމުންދިޔައެވެ. ލޮލުން ފައިބަމުންދިޔަ ކަރުނައިން އެ ދެކޯތާފަތް ތެމެމުން ދިޔައެވެ. އެވަގުތު ފަހަތުން ވާފިޔާގެ އަޑު އިވުނެވެ.
“ޒީ؟” ވާފިޔާ ގޮވައިލުމާއެކު ޒީވާ މޫނު ފޮހެލަމުން މަންމައާ ކުރިމަތިލިއެވެ. ނަމަވެސް އެ މޫނުގައިވާ އަސަރުތައް އެ މަންމައަކަށް ސިއްރެއް ނުވިއެވެ. ވާފިޔާ އަވަސް ފިޔަވަޅުތަކެއްގައި އައިސް ޒީވާގާތު ސޯފާގައި އިށީނެވެ. އަދި ލޯތްބާއެކު ޒީވާގެ ގައިގައި ބައްދައިލިއެވެ. އޭރުވެސް ޒީވާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް ހަރުލައިފައި ހުއްޓެވެ.
“މަންމާ…މަންމާ.. އަހަރެން.. އަނެއްކާ.. މީހަކު..ފާރަލަނީ ކަންނޭނގޭ” ޒީވާއަށް ވެގެން އުޅެނީ ކިހިނެއްކަން ވާފިޔާއަށް ރޭކައިލިއެވެ. އެއީ ތެދަކަށް ވެދާނެކަމުގެ ބިރު އޭނާގެ ހިތުގައިވެސް އުފެދުނެވެ. ނަމަވެސް އެވާހަކަ ބުނެ ޒީވާ އިތުރަށް ނުތަނަވަސްކުރުމުގެ ބަދަލުގައި އޭނާ އުޅުނީ ޒީވާ މަސަލަސް ކުރެވޭތޯއެވެ.
“އެއީ ދަރިފުޅަށް އެކަމާ ދޭތެރޭ މާ ބޮޑަށް ވިސްނޭތީ ހީވާ ގޮތޭ.. ޒީ.. ދަރިފުޅު ބޭނުމިއްޔާ ވަޒީފާއަށް ނުގޮސް މަޑުކުރިޔަސް މަންމަމެންގެ މައްސަލައެއް ނެތޭ” ވާފިޔާ ބުންޏެވެ.
“މަންމާ ޕްލީޒް. އަހަރެންނަށް ކުރިންވެސް މިހެން ހިއެއް ނުވެއެއްނު. ގަބޫލުކޮށްބަލަ. ހީވާ ގޮތެއްނޫނޭ.. އެކަމަކު މި ވަޒީފާ ދޫކޮށްލަން އަހަރެންގާތު ނުބުނޭ. މަންމައަށް އެނގެއެއްނު މީ އަހަރެން ކިހާ ބޭނުންވެގެން އަދާކުރާ ވަޒީފާއެއްކަން.” ވާފިޔާ ޒީވާގެ ވާހަކައަށް ބޯ ޖަހައިލިއެވެ. އާއިލީ ވިޔަފާރީގައި މަސައްކަތް ކުރުމަށް ނާޝިދު އެދުނު އެދުމުގެ މަތިން ރާހިލް ވިޔަފާރީގެ ރޮނގުން ކިޔަވަން ހިޔާރުކުރި ކަމުގައި ވިޔަސް ޒީވާއަކީ އެންމެ ކުރިންވެސް ނަރުސްކަން ކިޔެވުމުގެ އަޒުމުގައި ގޮތް ދޫނުކުރި ކުއްޖެކެވެ. ވުމާއެކު އެ ވަޒީފާދެކެ ޒީވާ ލޯބިވާވަރު އޭނާއަށް އެނގެއެވެ.
“ދަރިފުޅު ހާސްނުވޭ. މަންމަ މިރޭ ބައްޕައާ ތިވާހަކަ ދައްކާނަން. ތިކަން ނިމުމަކަށް ގެނެވޭނެ ކޮންމެވެސް ގޮތެއް ހޯދާނަން. ކޮންމެސް ގޮތެއް. އިހަކަށް ދަރިފުޅު ދޭ ކުޑަކޮށް އަރާމު ކޮށްލަން. މަންމަ ކޮޓަރިއަށް ކާ އެއްޗެއް ފޮނުވާލާނަން. މަޑުކުރޭ އިޝްކޮއަށް ގުޅާލަން” ވާފިޔާ އެއްއަތުން ޒީވާގެ ގައިގައި ހިފަހައްޓައިލައިގެން އިނދެ އަނެއް އަތުގައި އޮތް ފޯނުން އިޝްވާއަށް ގުޅައިލިއެވެ. އިރުކޮޅެއްގެ ތެރޭ އިޝްވާ ސިޑިން ފައިބައިގެން އައިސް އެމީހުންގާތު މަޑުކޮށްލިއެވެ. އޭނާއަށްވެސް ޒީވާގެ ގައިގައި ހަރުލައިފައިވާ މަޑު ތުރުތުރު ފާހަގަކުރެވުނެވެ.
“ދޮންތީ. ކިހިނެއް-” އިޝްވާގެ ސުވާލު ނިމުމުގެ ކުރިން ވާފިޔާ ބޮލުގެ އިޝާރާތުން އެވާހަކަ ހުއްޓައިލުމަށް ބުންޏެވެ. އެހެންވެ އިޝްވާ އެވާހަކަ ކުރިއަށް ގެންދާކަށް ނޫޅުނެވެ. އަދި ވާފިޔާ އެދުނު ފަދައިން ޒީވާ ކޮޓަރިއާ ހަމައަށް ގެންގޮސްދިނުމަށް އެހީވިއެވެ. އެދެބެއިން އެތަނުން ދިޔުމާއެކު ވާފިޔާވެސް އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި ގޮސް ކޮޓަރިއަށްވަނެވެ. ދޮރުފަތުގައި ލެގިލަމުން އެނދުގައި އިން ފިރިމީހާއަށް ބަލައިލިވަގުތު އޭނާގެ ހުރިހާ ހިތްވަރެއް އެލިގެންދިޔަ ކަހަލައެވެ. ލޯބިވާ އަންހެން ދަރިފުޅުގެ ހާލާމެދު އުފެދުނު ހަމްދަރުދީ ކަރުނައިގެ ސިފައިގައި ބަންޑުންވިއެވެ. މި މަންޒަރު ފެނި އެނދުގައި އޮތް ނާޝިދު ކަންބޮޑުވެފައިހުރެ ވާފިޔާގެ އަތުގައި ހިފައިގެންގޮސް އެނދުގައި ބޭންދިއެވެ. އަދި ކަން ވީގޮތް އޮޅުން ފިލުވިއެވެ.
“ނާޝިދު ތީ ކޮންކަހަލަ މީހެއްތަ؟ ޒީވާއަށް މިހެން ހެދި ބަޔަކު ނުހޯދޭވަރު މީހެއްގެ ނުފޫޒާއި ސިޔާސީ ބާރުގެ ބޭނުމަކީ ކޮބާ؟” ވާފިޔާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.
“އަހަރެންވެސް މަސައްކަތް ކޮށްފީމޭ. މިވަރު ބޮޑު ކަމެއްގަ ޝައްކުވާ މީހުންނޭ ކިޔާފަ ކުށެއް ނެތް ބައެއްވެސް ވަކި ގެންދާނީ ކިހިނެތް؟ އޭރަށް އެ ކުރެވެނީ އަބުރުގެ ދައުވާ ކުރެވޭހާ ބޮޑު ތުހުމަތެއް. ވާފިޔާމެނަކަށް މި ކަންކަން އޮންނަ ގޮތެއް ނޭނގޭނެ. އެވަރުގެ ރިސްކެއް އަހަރެންނަކަށް ނެގޭކަށް ނެތޭ” ނާޝިދު ވިސްނައިދޭން މަސައްކަތް ކުރިއެވެ. އޭނާއަށްވެސް އެކަމުގައި ގޮތް ހުސްވެފައިވާ ކަހަލައެވެ.
“ތީ އަހަރެން ބަަލަން ބޭނުން ކަމެއްނޫން. އަހަރެން ބޭނުންވަނީ އަހަރެންގެ ދަރިފުޅު މިނިވަންކަމާއެކު އުފަލުގަ އުޅެން” ވާފިޔާ ބުންޏެވެ.
“ވާފިޔާ ހަމަޖެހިބަލަ. އަހަރެންވެސް ބޭނުމީ ހަމަ ތި ގޮތޭ. ކުރިންވެސް އަހަރެން ބުނީމެއްނު… ޒީވާ އަވަހަށް ކައިވެނި ކުރުވަންވީއޭ. އަހަރެންވެސް ވަރަށް ވިސްނާފައޭ އެހެންވެސް ބުނީ… ޒީވާއަށް މިވަގުތު ބޭނުންވާނީ އެ ހިޔާލުތަކާ ދުރަށް ދެވޭހާ ބޮޑު ބަދަލެއް. ހިމާޔަތް ދެވޭ ވަރު ފިރިއެއް… އޭރުން އެ އުނދަގޫ ކުރުންތައްވެސް ހުއްޓިދާނެ..” ނާޝިދުއަށް ވިސްނުނު ހަމައެކަނި ގޮތް އަނބިމީހާއާ ހިއްސާ ކުރިއެވެ. ބަދަލުގައި ވާފިޔާގެ ފަރާތުން ލިބުނީ ހިމޭންކަމެވެ. އޭނާވެސް އެވާހަކަތައް ގަބޫލުކުރާ ކަހަލައެވެ.
“ވާފިޔާ ކަންބޮޑުނުވޭ. މިރެއިން ފެށިގެން އަހަރެން މިކަމާ އުޅޭނަން. ރިޔާޒްމެންނާ ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ހަމަޖައްސާނަން. މިހާރު އަހަންނަށް ހީވަނީ އަހަރުމެންނަށް މާ ބޮޑަށްވެސް މިކަމަށް ފިޔަވަޅެއް ނާޅައި ލަސްކުރެވިއްޖެހެން” ނާޝިދު އޭނާގެ ފަހުގެ ނިންމުން އިއްވާލިއެވެ.
************
ލެޕްޓޮޕުން ބަަލަމުންދިޔަ ފިލްމު ނިންމައިލުމަށްފަހު ޝައިނާ ކައިރީގައި އޮތް ޒީވާއަށް ބަލައިލިއެވެ. އޭނާ އުއްމީދުކުރި ފަދައިން ޒީވާ އޮތީ އަރާމު ނިންޖަކުން ނިދާލައިފައެވެ. އެމޫނުމަތީގައިވާ ނުތަނަވަސްކަމުގެ އަސަރުތައް ކުޑަކޮށް ފިލައި ގޮސްފައިވެއެވެ. އެހެންކަމުން ޝައިނާ ލެޕްޓޮޕް މޭޒުމަތީގައި ބަހައްޓައިލުމަށްފަހު ޒީވާގެ ކޮޓަރިން ނުކުތެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި އެޕަރޓްމެންޓްގެ ތިރީބަޔަށް ފައިބަންހުރި ސިޑި ގިރާކޮށްލުމަށްފަހު ގޮސް ބަދިގެއަށް ވަނެވެ. ޝައިނާ ވަނުމާއެކު ވާފިޔާ ލޮލުގެ އިޝާރާތުން ޒީވާ ކިހިނެއްތޯ އަހައިލިއެވެ.
“ކުރިއަށްވުރެން ރަނގަޅުހެން ހީވަނީ. ނިދިފަ އޮތީ. މިވަރު ބޮޑުކަމެއް ހިނގައިދިޔައިރު ކީއްވެ އަހަރެންނަށް އަންގާނުލީ.” ޝައިނާ ޝަކުވާ ކުރިއެވެ.
“ބޭބެ އޮތީ ބުނެފަ އެކަކު ކައިރީވެސް ނުބުނަން. ޝައިނާގާތުވެސް. އަދި ރާހިލްއަށްވެސް މިވާހަކަ ނޭނގޭނެ. އެކަމަކު ރޭގަ ވީގޮތުން ދައްތަ ހިތަށް އެރީ ޒީވާ ހަމައަކަށް އަޅުވަން ޝައިނާއަށް ގުޅަންވީއޭ. އެނގޭ ހުކުރު ދުވަހެއްކަންވެސް. ހެނދުނު ބިޒީވާނެ ކަންވެސް. އެކަމަކު ޒީވާ ރޭވެސް އުޅުނީ ނުނިދާ” ވާފިޔާ ބުންޏެވެ.
“ދައްތަމެން ތިވަރަކުން ތިކަން ސިއްރުކުރަން ހުރިއްޔާ އަހަރެންގެ ފަރާތުން އެކަކަށްވެސް މިއިން ކަމެއް ނޭނގޭނެ. އަދި ބުނަން.. ޒީގެ ކަމެއްގަ އަހަރެންނަކަށް ދުވަހަކުވެސް އުނދަގުލެއްނުވާނެ. ހުކުރަކަސް ޢީދަކަސް. އެހެންނޫނަސް މިހާރު އަހަރެންނާ ޝިމާންއާ އެކަންޏެއްނު އުޅެނީ. މާގިނަ ކެއްކުންތަކެއް ކައްކާކަށް ނުޖެހޭނެއެއްނު” ޝައިނާ ވާފިޔާގެ އަތުގައި ހިފައިލަމުން ބުންޏެވެ.
“ތިހެން ބުނީމަ މި ހަނދާންވީ. ދައްތައަށް އަދި މި އުޅެނީ އަހާވެސް ނުލެވިގެން. ދައްތައަށް އެ ދެމަފިރިންނާ ބައްދަލުވުމުގެ ނަސީބު ނުލިބުނު ކަމަށްވިޔަސް ދައްތައަށް އެނގޭ ޝައިނާ ކަހަލަ ޚުލްގުހުރި ކުއްޖަކު ބޮޑުކުރެވޭނީ ކިހާ މާތް ދެމަފިރިންނަށްކަން. ދައްތަގެ ހެޔޮދުއާ އަބަދުވެސް އެ ދެމީހުންނާއެކު ވާނެ. ތި ދެކުދިން މިހާރު ރަނގަޅުތަ؟” ވާފިޔާ ޝައިނާގެ އަތުގައި ހިފައިލަމުން އަހައިލިއެވެ.
“ދައްތާ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ ބުނެއެއްނު. މަރަކީ އެކަކަށްވެސް ހުއްޓުވޭނެ އެއްޗެއްނޫން. އެހެންވީމަ ބޭބެއާއި ދައްތަގެ ތެރެއިން އެކަކު ނެތް ދުނިޔެއެއްގަ އަނެކަކު ހިތާމަ ކުރުމަށްވުރެ ދެމީހުން އެކުގައި ވަކިވެދިޔަކަން އެއީ އެންމެ ރަނގަޅުގޮތް ކަމަށްވެސް ވެދާނެ. ޝިމާންވެސް މިހާރު ކުޑަކޮށް ހަމަޖެހިއްޖެހެން ހީވަނީ” ޝައިނާގެ ވާހަކައަށް ވާފިޔާ ބޯޖަހައިލިއެވެ.
“ތިއީ ތެދެއް. އެކަމަކު ޝައިނާ ހަނދާނުގަ ބަހައްޓައްޗޭ މީވެސް ޝައިނާގެ އާއިލާކަން. ޝައިނާއެކޭ އިޝްވާއެކޭ ޒީވާއެކޭ ދައްތައަށް އެއްވެސް ތަފާތެއް ނޯންނާނެ. ތީވެސް ހަމަ އަހަރެންގެ ދަރިއެއްފަދަ ކުއްޖެއް” ވާފިޔާ ފެންކަޅިވެފައިހުރެ ބުންޏެވެ. ޝައިނާ ޝުކުރުވެރިކަމާއެކު ބޯ ޖަހައިލަމުން ވާފިޔާގެ ގައިގައި ބައްދައިލިއެވެ. އެވަގުތު ދުރުން ވަފިޔާއަށް ގޮވަމުންއައި ރާހިލްގެ އަޑު އެދެމީހުނަށް އިވުނެވެ.
“މޯމް. މޯމް؟ ހާދަ އިރެކޭ ގޮވާތާ. މޯމް. އައްދޭ. މާ އިމޯޝަނަލް މޯމެންޓެއްތަ މި މެދު ކަނޑާލެވުނީ؟” އާދައިގެ މަތިން ހަމައެކަނި ނިދަންލައި އުޅޭ ދޫ ހަރުވާޅުގައިހުރެ ބަދިގެއަށް ވަތް ރާހިލް ބުނެލިއެވެ. އެއަޑަށް ޝައިނާ މަޑުމަޑުން ވާފިޔާ ގަޔާ ދުރުކޮށްލިއެވެ. އަދި ވާފިޔާއަށް ނުފެންނާނެހެން ރާހިލްއަށް ލޯ އަޅައިލިއެވެ. ރާހިލް ބަދަލުގައި އެއްލޯ މަރައިލުމާއެކު ޝައިނާއަށް ވީ ފޫހިން ކަޅި އަނބުރައިލެވުނެވެ. އޭރު ރާހިލް ހެވިފައިހުރެ މަޑު ހިނގުމެއްގައި އެމީހުންގެ ގާތަށް އަންނަމުން ދިޔައެވެ.
“މަންމަ ވަރަށް ފޭކް. ބަލަ އަހަރެންނަށް ހަގެއްވެސް ނުދެމެއްނު. އަހަރެންމީ ގައިމު މަންމަގެ އަސްލު ދަރިފުޅު.” ރާހިލް ބޮޑާހާކާ ރާގެއްގައި ބުންޏެވެ.
“ތިހެން ނުކިޔާ. ޝައިނާއަކީވެސް ހަމަ މަގޭ ދަރިއެކޭ” ވާފިޔާ ޝައިނާ ދިފާއުކުރިއެވެ.
“ހޫމް ހޫމް. އަހަރެންނަށް އެނގެޔޭ އޭރުވެސް މަންމަ ޝައިނާއާ އެއްކޮޅަށްކަން ހުންނާނީ. އެނީވޭ. ކާއެއްޗެއް ދީބަލަ މަންމާ ހާދަ ބަނޑުހައޭ” ރާހިލް ކާމޭޒު ކައިރިން ގޮނޑިއަކަށް ވެއްޓިގަންނަމުން ބުންޏެވެ.
“ސާބަހޭ ރާހިލްއަށް. ކިތައް ދުވަހު ބުނެފިން ގޭތެރޭގަ އުޅުނަސް ޓީޝާޓެއް އެއްޗެއް ލައިގެން އުޅޭށޭ. މިއަދު ޝައިނާ. މާދަމާ ނޭނގެ މިތާ ހުންނާނީ ބީރައްޓެއްސެއް ނޫންކަމެއްވެސް. ލަދުގެ ކަންފުޅެއްވެސް މި ކުއްޖާގެ ނުހުރޭބާއޭ އަހަރެންގެ ހިތަށް އަރާ. އިރު އެރިގޮތަށް ދަތްވެސް އުނގުޅިހެން ހީނުވޭ. ފަތިހު ދުވެ ނިންމާފަ އައިސް ވަތްއިރު ކުޑަމިނުން ގޭގެ ދޮރުވެސް ލައްޕާލީކީ ނޫން.” ބޭކާރުކަމެއްކަން އެނގިހުރެވެސް ވާފިޔާ ރާހިލްއަށް ވިސްނައިދޭން ފެށިއެވެ.
ރާހިލްއަށް ދުވަހުގެ އިރުއެރުމަށްފަހު ވާފިޔާގެ ސިކުނޑި އަބަދުވެސް ހުންނަން ޖެހޭނީ ސަމާލުގައެވެ. ކޮންމެވެސް އަދަބާހިލާފު ކަމެއް ރަނގަޅުކުރުމަށް ނަސޭހަތް ދިނުމަށެވެ. ނުވަތަ ކޮށްފާނެ މޮޔަ ކަމަކަށް ބަލަބަލައެވެ. އަމިއްލައަށް ކާއެއްޗެއް ހަދަން އުޅެފައި ފަރުވާކުޑަކޮށް އުނދުން ދޫކޮށްލާ ގޮތަކުން ބަދިގޭގައި ރޯވެދާނެކަމަށެވެ. ފަރުވާލެއްނެތި ސައިކަލުގައި އުޅެނިކޮށް އަނިޔާއެއް ލިބިދާނެކަމަށެވެ. ކޮންމެސް އަންހެންކުއްޖެއް ގޮވައިގެން އުޅެ އެކުއްޖަކަށް ދެރައެއް ދީފާނެ ކަމަށެވެ.
“އެއްކަލަ ލެކްޗަރު ފެށީ. ބަލާބަލަ ނިކަން ޒީ. ހުތުބާ ފަށާނެ އިރުކޮޅަކުން.. އަދިވެސް އެއޮތީ ނިދާފަ. ދުވަހަކުވެސް މަންމަ ޒީއަކަށް ލެކްޗަރެއް ނުދޭނެ. އެހެންނޫނަސް އަހަރެންގެ މި ހެންޑްސަމް ބޮޑީއަކީ ކޮންމެހެން ޝައިނާއަށް އަލަށް ފެންނަ-”
“ދައްތާ އަހަރެން ގޮސްލީ އިނގޭ” ރާހިލްގެ ވާހަކަ ނިންމަން ފުރުސަތު ނުދީ ޝައިނާ އަވަސްއަވަހަށް އެތަނުން ނުކުންނަށް ހިނގައިގަތެވެ.
“ނޫނޭ ނޫނޭ. މަޑުކޮށްބަލަ. ދެން މިހާ ލަސްވީމަ ގޮސް ކައްކަން އުޅޭނެ ކަމެއް ނެތް. މަޑުކުރޭ ދައްތަ ދެކުދިން ކާވަރަށް އެއްޗެއް އަޅާލަދީފާނަން” ވާފިޔާ ތަށިބަރި ތައްޔާރުކުރަން ފެށިއެވެ.
“ދެން ވަރަށް ހެއްވާ. އަހަރެން ކާ އެއްޗެއް ދޭށޭ ކިޔަ ކިޔަ އިންދާ. މި ސަންތި އައި ގޮތަށް އައިސް އަހަރެންގެ މަންމަވެސް ޖަހައިގަތީ. ކާއެއްޗެހިވެސް ޖަހައިގަތީ” ރާހިލް ތުން ދަމައިލަމުން ބުންޏެވެ. ޝައިނާ ރާހިލްއަށް ލޯ އަޅައިލިއެވެ.
“ޕިސްޕިސް ރާހިލް. ތިކަހަލަ އެއްޗެހި ނުކިޔަބަލަ. އަހަރެންނަކަށް ނޭނގެ މިކުއްޖާފުޅަށް ހަދަންވީ ކިހިނެއް ކަމެއްވެސް. ޝައިނާ އަޅެ ދައްތަ ކައިރި ބުނެބަލަ މީނައަށް ހަދަންވީ ގޮތެއް” ވާފިޔާ ތަށިބަރި ހަވާލުކުރަމުން ބުނެލިއެވެ.
“ހަހަހަ. ތިއީ ދައްތައާ ރާހިލްއާ ދެމީހުންގެ ކަމެއްނު. އަހަރެން ތިކަމުގެ ތެރެއަށް ނުވައްދާ. އަހަރެން ދެން ގޮސްލީ.” ޝައިނާ ވާފިޔާގެ ކޮނޑުގައި ފިރުމައިލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ.
“އަހަރެން ޝައިނާ ގެއަށް ގެންގޮސްދޭން ދާންވީތަ؟” ރާހިލް އަހައިލިއެވެ.
“އުހޫން ކޮންމެހެން ހުކުރަށް ނުދާން ބަހަނާ ދައްކާކަށް ޝައިނާ ފުލުން އަޅުވައިލާނެ ކަމެއްނެތް. ނުކެވިގެން އުޅުނު މީހާއަށް ކާން ހަދައިދޭން މި އުޅެނީ. ރީއްޗަށް މަޑުން އިނދޭ” ވާފިޔާ ބުންޏެވެ. ނަމަވެސް ވާފިޔާގާތު ކާންހަދައި ނިމެންވާއިރަށް އެބަ އަންނަން ކަމުގައި ބުނެ ރާހިލް ޝައިނާގެ ފަހަތުން ދުއްވައިގަތެވެ.
“ރާހިލް. އޭނައަށް އުނދަގޫ ނުކުރައްޗޭ” ވާފިޔާ ގޮވައިލިއަޑު އިވުނެވެ. ރާހިލް ދުވެފައިގޮސް ދޮރުން ނުކުމެނުކުމެހުރި ޝައިނާގެ އަތުގައި ހިފަހައްޓައިލަމުންް ދޮރުގެ ދާރައިގައި ލެގިލިއެވެ.
“ރާހިލް ކީއްތަ ތި ކުރަނީ؟ ދައްތަ އައިސްދާނެ” ޝައިނާ ހާސްވެފައިހުރެ ވައި އަޑަކުން ބުނެލިއެވެ. އަދި ރާހިލްގެ އަތް ނެއްޓުވޭތޯ މަސައްކަތް ކުރަމުންދިޔައެވެ.
“ރާހިލް ދެން އަޅެ މަޖަލެއްނޫނޭ. ރާހިލް މޮޔަވީތަ؟ ކީކޭތަ ދައްތަ ކުރިމަތީގަވެސް ކިޔަން އުޅުނީ؟” ޝައިނާ ވައިއަޑުން ރާހިލްއާ ދިމާލަށް ކުދިކިޔަމުން ދިޔައެވެ.
“އަހަރެން މޮޔަކުރަނީ ޝައިނާ އެއްނު.” ރާހިލް ޝައިނާގެ ކަންފަތާއި ކައިރިވެލަމުން ބުންޏެވެ.
“އަހަރެންނޭ؟އޯ.. އޯ ގޯޑް… ރާހިލް ދައްތަ އައިސްދާނެ ދޫ-”
“ދޫކޮށްލާނީ ޝަރުތެއްގެ މަތިން” ރާހިލް ކުއްލިއަކަށް ޝައިނާގެ އަތުގައި ހިފައި ގާތަށް ދަމައިލުމަށްފަހު ޝައިނާގެ ކަންފަތްދޮށުގައި ބުންޏެވެ. އެ ހޫނު ނޭވާގެ އިހުސާސުން ޝައިނާގެ ހަށިގަނޑުގެ ހުރިހާ ލޯލިތަށް ކޮޅަށް ޖެހިގެންދިޔައެވެ. އަންހެން ކުދިންގެ ހިތް ލަންބުވާލާ އެފަދަ ހަރަކާތްތަކަކީ ރާހިލްގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ނޭވާލުމައި ކެއިންބުއިންފަދަ އާންމު އާދަތަކެއްކަން ޝައިނާއަށް އެނގެއެވެ. އެ އާދަތަކަށް އޭނާގެ ހިތްވެސް ގިނަފަހަރަށް ލެނބިގެންދަނީ އިހްތިޔާރަކާނުލައެވެ. ނަމަވެސް އެއީ ރާހިލްއަށް އެއްވެސް މާނައެއްނެތް ހަރަކާތްތަކެއްކަން ޝައިނާއަށް އެނގޭތީއާއެކު އެކަމުން އޭނާއަށް ކުރާ އަސަރު ޝައިނާ ފަސޭހަކަމާއެކު މޫނުމަތިން ފޮރުވައިލައެވެ.
“ކޮން ޝަރުތެއް؟ ރާހިލްގެ ތި ބޭކާރު ފްލަރޓްކުރުން ތަކަކަށް ދޭނެހާ ވަގުތެއްނެތް. އަވަސްކުރޭ” ޝައިނާ ބުންޏެވެ.
“ދެން އަންނަ ތާރޒްޑޭ ނައިޓް އަހަރެންނާއެކު ޑިނަރއަކަށް ދާންވީނު” ރާހިލް އެދުނެވެ.
“ތިވަރު ކަމެއްގަތަ؟ އަދި މީ ހުކުރޭ ނެކްސްޓް ތާސްޑޭ އެއީ ކޮންދުވަހެއް. އެހެންނޫނަސް މީގެ ކުރިންވެސް އަހަރުމެން އެއްކޮށް ކިތަންމެ ފަހަރަކު ކާން ދަމެ-”
“ރާހިލް!” ޝައިނާގެ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށް ވާފިޔާ ރާހިލްއަށް ގޮވައިލުމުންނެވެ. އެއާއެކު އޭނާ ސިހިފައި ރާހިލްއާ ދުރަށް ޖެހުނެވެ. ނަމަވެސް ރާހިލް ހުޝިޔާރުކަމާއެކު އަނެއްކާވެސް ޝައިނާގެ އަތަށް ދަމާލައި އޭނައާ ގާތްކޮށްލިއެވެ.
“އަދިވެސް ޖަވާބެއް ނުދެމެއްނު”
“އޯކޭ ޔެސް ޔެސް. ފައިން ފައިން. އެރޭ ރެޑީ ވެގެން ހުންނާނަން ދެން ދޫކޮށްލަންވީނު” ޝައިނާ ހީވީ ރާހިލްގާތުން ސަލާމަތް ނުވެވިފައި ހުރިހެނެވެ. ރާހިލްގެ އަތުން އަތްތިލަ މިނިވަންވުމާއެކު ދުވެލާފައިގޮސް ލިފްޓަށް އެރިއެވެ. އެމަންޒަރު ބަލަންހުރި ރާހިލް ދޮރު ލައްޕައިލުމަށްފަހު ގޭތެރެއަށް ވަތްއިރު އޭނާގެ ތުންފަތުގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.
************
ހަލުވިކަމާއެކު ގޭގެ ސިޑިން ފައިބައިގެން އައި ރާހިލްއަށް ނާޝިދު ގޮވައިލިއެވެ. އަދި އޭނާ ގާތަށް އައުމަށް އިޝާރާތްކުރިއެވެ.
ރާހިލް އަވަސް ފިޔަވަޅުތަކެއްގައިގޮސް ގޭގެ ކާމޭޒު ކައިރީގައި މަޑުކޮށްލިއެވެ. ނާޝިދާއި ވާފިޔާގެ އިތުރުން ޒީވާއާއި އިޝްވާވެސް އޭރު ކާން އިށީންނަނީއެވެ. ސުފުރާމަތިވަނީ ނަން ނޭނގޭހާ ގިނަ ވައްތަރުތަކުން ފުރައިލެވިފައެވެ. އެއީ އާންމުކޮށް ނާޝިދު ހުރެއްޖެނަމަ އެގޭގެ އާދައެވެ.
“މިރޭވެސް ގެއިން ނުކަނީތަ؟” ނާޝިދު ހިތްހަމަ ނުޖެހިފައި ރާހިލްގާތު އަހައިލިއެވެ.
“ސޮރީ. މިރޭ ކުރީބައިގަ ކަމެއް ރޭވިފަ އޮތީ” ރާހިލް އަދަބުވެރިކަމާއެކު ބުންޏެވެ.
“ބަލަ ގޭގަ ކައްކާފަ ބަހައްޓަނީކީ އެއްޗެހި އިސްރާފު ކުރާކަށް ނޫނޭ. މާދަމާރޭ ކޮންމެހެންވެސް ރޭގަނޑުގެ ކެއުމުގައި ބައިވެރިވާންވާނެ. އަހަރެން ދައްކަންޖެހޭ ވަރަށް މުހިއްމު ވާހަކައެއް އެބައޮތް. އެކަކުވެސް މާދަމާރެއަށް އެއްވެސް ކަމެއް ރާވައިގެން ނުވާނެ” ނާޝިދުގެ ބަހަށް ރާހިލް ބޯ ޖަހައިލިއެވެ.
“އަޅުގަނޑު ދިޔަސް އެންމެ ރަނގަޅުތޯ؟” ރާހިލް އެހިއެވެ. ނާޝިދު ބޯ ޖަހައިލުމާއެކު އިތުރަށް ސުކުންތެއްވެސް ލަސްކުރުމެއްނެތި އޭނާ އެތަނުން ހިނގައިގަތެވެ.
**********
މ. އެޒެލިއާ ގޭގެ ގޭޓު ކުރިމައްޗަށް މަޑުކުރި ރިއާންގެ ކާރު ފެނުމާއެކު ގޭގެ ދޮރުވާނަކަށްހުރި މީހާ ނުހަނު އަވަހަށް ގޭޓު ހުޅުވައިލިއެވެ. ރިއާން އެމީހާއަށް ބޯ ޖަހައިލަމުން ކާރު ގޭޓުން އެތެރެއަށް ވައްދައިލިއެވެ.
ގެއަކީ ޒަމާނީ ފެންވަރަށް ހަދައިފައިވާ ގެއެއް ކަމުގައިވިޔަސް މާލޭގައި އާންމުކޮށް ނުހުންނަ ޒާތުގެ ގެއެކެވެ. ބޭރުން ބަލައިލާ ކޮންމެ މީހަކަށް އެގެއިން ޝާހީ ގަނޑުވަރެއްގެ ކުލަ ޖެހިގެންދާގޮތަށް ދަގަނޑު ދޮރާށްޓަކާއި، ދޮރާށީގެ ތެރެއިން އެކި ގަސްގަހާއި ގެއްސާއި މާމެލާމެލީގެ ވައްތަރުތައް ހެދިފައި ހުންނަތަށް ފެންނާނެހެން ފަރުމާ ކުރެވިފައިވާ ގެއެކެވެ. ދޮރާށިން ފެށިގެން މައި ގެއާ ހިސާބަށް އޮންނަ މަގުގައި ބޮޑެތި ގާ ޖަހައިފައިވާއިރު އެ މަގު ނިމޭ ހިސާބު ދުއްވާއެއްްޗެހި އަނބުރާލެވޭނެހާ ފުޅާކޮށް ރައުންޑްއަބައުޓެއް ލައިފައި ވެއެވެ. މައިގެއަށް ވަދެވެން އަންނަނީ ދެތިން ހަރުފަތުގެ ފުޅާ އެހެނަސް ތިރި ސިޑިއެއް ގިރާކުރުމަށްފަހުގައެވެ. ރިއާންގެ ކާރު މަޑުކޮށްލީ އެ ސިޑީގެ ކުރިމައްޗަށެވެ. އޭނާ ފޭބުމުގެ ކުރިން ކާރު ނިވައިލުމަށްފަހު އޭގެ ތެރޭގައި މަޑުކޮށްލިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ދެލޯ މަރައިލަމުން ސީޓުގައި ބޯ ޖައްސައިލިއެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު ދެލޯ ހުޅުވައިލައި ޖެހިގެން ހުރި ސީޓުގައި އޮތް ރިންގުވަމުން ދިޔަ ފޯނަށް ބަލައިލިއެވެ.
“ހެލޯ.. މިއައީ ހަމަ.. ކާރު ބޭއްވީމީ” ރިއާން ކާރުން ނުކުތުމަށްފަހު ކާރު ތަޅުލަމުން ފޯނަށް ޖަވާބުދިނެވެ. އެއަށްފަހު ދެތިން ހަރުފަތުގެ ސިޑިން އަރައިގެންގޮސް މައިގޭގެ ބޮޑުދޮރުފަތް ހުޅުވައިލިއެވެ. އެއް އަހަރުފަހުން ފުރަތަމަ ފަހަރަށް އެޒެލިއާ ގޭގެ އޮޅިގަނޑު ގިރައިކޮށްލިއެވެ. އެއީ އޭނާގެ މަންމައާއި ބައްޕަ އެކުގައި އުޅުނު ގެއެވެ. މިހާރުނަމަ ބައްޕައާއި އޭނާގެ ދޮންމަންމަ އުޅޭ ގެއެވެ. ހުދު އޭނާވެސް އުޅެ ބޮޑުވި ގެއެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ދުވަސްތައް ނިންމައިލުމަށްފަހު އައި ފުރަތަމަ ހަފްތާގައި އެގޭގައި މަޑު ކުރުމަށްފަހު އޭނާ ވަކިން ތަނަކަށް ބަދަލުވީ އިތުރަށް އެގޭގައި އުޅޭނެ ހިތްވަރު އޭނާގެ ނެތުމުންނެވެ. އެއަށްފަހު އޭނާ އެގެއަށް ގެންނާކަށްވެސް އިތުރު ބަޔަކު މަސައްކަތެއް ނުކުރެއެވެ. އެމީހުނަށްވެސް އޭނާއަށް އެގެއާ ގުޅުން ބޭއްވުމަށް ދަތިވާނެކަން ގަބޫލުކުރެވޭ ކަހަލައެވެ.
“ކޮބާ؟ މިއައީނު މިގޭ ޝެހެޒާދު.. އަހަރެން ބުނީމެއްނު ރިޔާޒް ގުޅައިފިއްޔާ އޭނާ ނައިސް ނުހުންނާނޭ” ބޮޑު ގޮނޑީގައި އިން ޝީރީން ދުރުގައި ހުރި ރިޔާޒްއަށް އިވޭ ވަރަށް ގޮވައިލިއެވެ.
“ޝީރީންއަށްތަ އެނގެނީ އަހަރެން ގުޅާ ވަރެއް؟ ގިނަ ފަހަރަށް ފޯނު ނަގާލަންވެސް ވާނީ ބޮޑުކަމަކަށް. މިފަހަރުވެސް ގުޅަންޖެހުނީ އޭނާގެ އެސިސްޓެންޓަށް. މިއަދު ނޭނގެ ކޮން ހިތެއް ޖެހިގެންކަމެއްވެސް އެ އައީ ކީ” ދެއަތް ދަށަށް ލައްވައިލައިގެންހުރި އަސާގެ އެހީގައި ހިނގަމުން އައި ރިޔާޒް ބުނެލިއެވެ. ބައްޕައަށް އެހީވުމަށްޓަކައި ރިއާން ކުރިއަށް ޖެހިލިއެވެ. ނަމަވެސް އެކަމަށްޓަކައި ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ ރިޔާޒް ކުޑަކޮށް އަތް ހިއްލައިލައި ރިއާންގެ އެހީއަށް އިންކާރު ކުރުމުންނެވެ. އޭނާ ބަލަން ހުއްޓާ ރިޔާޒް އެކަނިމާއެކަނި ގޮސް އުނދަގޫ ކަމާއެކު ޝީރީން ގާތު ގޮނޑީގައި އިށީނެވެ. އަތުގައި އޮތް މެގެޒިންއަށް ކަޅި ހުއްޓައިގެން އިންކަމަށް ދެއްކި ނަމަވެސް ގޮނޑީގައި އިން ޝީރީންއަށް އެ ދެބަފައިންގެ މެދުގައި ހިނގި ހުރިހާ ހަރަކާތެއް ފެނުނެވެ. ނަމަވެސް އެ ހީނަރުވެފައިވި ގުޅުމުގެ ވާހަކަ އިތުރަށް ދައްކައި މިރޭގެ މަގުސަދާ ފުށޫއަރުވާކަށް އޭނާ ބޭނުމެއް ނުވިއެވެ.
“ޖޫލީ. ކެއުން ތައްޔާރުވެއްޖެތަ؟ މިއޮށް އައީ މިހާރު ރިއާންވެސް” ޝީރީން ބަދިގެ ފަރާތުގައި އުޅުނު މެދުއުމުރުގެ ލަންކާ މީހާއަށް ގޮވައިލަމުން ބުންޏެވެ.
“ކުޑަ ސާހިބް؟” ޖޫލީ ދުވެފައި ނުކުމެ ރިއާން ހުރިތޯ ޔަގީން ކޮށްލިއެވެ. ރިއާން ފެނުމާއެކު އަނގައިގެ ހުރިހާ ދަތެއް ފެންނަވަރަށް ހިނިތުންވެލިއެވެ. ރިއާންވެސް ޖޫލީ ފެނުމުން ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އެދިމާލަށް ހިނގައިގަތެވެ.
“ޖޫލީ؟ ކިހިނެއްތަ؟” ރިއާން އެއްއަތުން ޖޫލީގެ ގައިގައި ކުޑަކޮށް ބައްދައިލިއެވެ. ބަދިގޭގައި އުޅުމަށްފަހު ނުކުތުމުގެ ސަބަބުން އެ ހެދުމުން ދުވާ ވަހަކަށް ނުވަތަ އެ ގައިގައި ވާ ދަލަކަށް ރިއާންގެ ފަރުވާލެއް ނެތެވެ. ތުއްތުއިރު އޭނާގެ ހުރިހާ ކަމެއްކޮށްދީ ލޯބިން އަޅައިލައި ބައްދައި އުޅުނު މީހަކީ އޭނާގެ މަންމައެއް ނޫނެވެ. ޖޫލީއެވެ. މިއަދު އޭނާ ހެޔޮހިތުން ހިނިތުންވުމެއްވެސް ދޭނޭ ހަމައެކަނި އަންހެނަކަށް ދުނިޔޭގައި ހުރި މީިހަކީ ޖޫލީއެވެ. އޭނާއަށް ނުލިބުނު ލޯތްބަށްޓަކައި އޭނާ ދުވަހަކުވެސް އޭނާގެ މަންމަ ކުށްވެރިއެއް ނުކުރާނެއެވެ. އެކަމުގެ ސަޒާ ހައްގުވާ ފަރާތަށް ދެވިއްޖެކަމުގައި އޭނާ ގަބޫލު ކުރެއެވެ. އެއީ އެކަމަކީ އޭނަގެ ހަޔާތުގައި ކިތަންމެ އަނދިރި ލަކުނެއް ލައްވައިލި ކަމެއް ކަމުގައި ވިޔަސް އޭނާ އެވަނީ އެ މަންމައަށް ޓަކައި އިންސާފުހޯދައި ދީފައެވެ. އޭނާއަށް ގެއްލުނު މަންމަގެ ލޯބީގެ ބަދަލު ހިފަންޖެހޭ ފަރާތުން ހިފައިފައެވެ.
“ޖޫލީ؟؟” ޝީރީން އަނެއްކާވެސް އަޑުހަރުކޮށް ގޮވައިލިއެވެ.
“ކާން ރެޑީ މެޑަމް. ބޮޑު ސާހިބް.” ޖޫލީ އަދަބުވެރިކަމާއެކު ބުންޏެވެ. ރިއާން ޖޫލީއާއެކު އަށް މީހުންގެ ޖާގައިގެ ބޮޑު ކާމޭޒާއި ހިސާބަށް ދިޔައެވެ. އޭރު ރިޔާޒްއާއެކު ޝީރީންވެސް އެދިމާލަށް އާދެއެވެ. މޭޒުގެ ކޮޅުގައި ހުރި ގޮނޑި ދަމައިލުމަށްފަހު ޝީރީން ރިޔާޒް ބޭންދިއެވެ. އަދި އެއާޖެހިގެން މޭޒުގެ އެއްފަޅީގައި ހުރި ގޮނޑީގައި އިށީނެވެ. ރިއާން އިށީނީ ޝީރީން އިން ފަރާތްނޫން އަނެއް ފަރާތުގައެވެ. ރިޔާޒްއާ ދެމެދަށް އެއްގޮނޑި ދޫކުރުމަށްފަހުގައެވެ. ޖޫލީއާއި އިތުރު މީހަކު ވެގެން ކާންހުރި ތަށިތަކުގެ މަތި ނެގުމާއެކު ކެއުން ފެށިގެންދިޔައެވެ.
“ކޮބާ ޅ. އަތޮޅުގެ ޕްރޮޖެކްޓް މިހާރު ފެށޭވަރު ވެއްޖެތަ؟” ރިޔާޒް އާދައިގެ މަތިން ވިޔަފާރީގެ ވާހަކައިން ފެށިއެވެ. އެހާވަރަކުން ގުޅައިގެން އޭނަ އެގެއަށް އެ ގެނައީ އެވާހަކަ ދައްކަންބާއޭ ރިއާންގެ ހިތަށް އެރިއެވެ. ކުންފުނީގެ އެއްވެސް މައުލޫމާތަކީ ރިޔާޒަށް ސިއްރު މައުލޫމާތަކަށް ނުވާއިރު އެވާހަކަ ކޮންމެ މީހެއް ގާތުގައިވެސް އެހުނީހެއްނޫން ހެއްޔެވެ؟ ނަމަވެސް ރިއާން ކެއުމުގެ ތެރެއިން ރިޔާޒްގެ ސުވާލަށް ޖަވާބުދިނެވެ.
“ފެށިއްޖެ. ޕްރީ އޯޕެނިންގް މެނޭޖަރ އެމަރޖެންސީ ލީވްއެއްގަ ހުރީމަ އަދި އެހާ އަވަހެއް ނޫން ކަންކަން ދާގޮތް”
އެރޭގެ ކެއުން ނިމިގެން ދިޔައިރުވެސް ދެކެވިގެންދިޔައީ ހުސް ވިޔަފާރިއާ ގުޅޭ ވާހަކަތަކެވެ. ނަމަވެސް ކެއުން ނިމުމަކާ ހިސާބަށް ގޮސްފައިވަނިކޮށް ޝީރީން ލޮލުން ކޮށްލި އިޝާރާތަކަށް ރިޔާޒް ފެށި ވާހަކައިން ރިއާންއަށް އޭނާ އެރޭ ގެނެވުނު ހަގީގީ މަގްސަދު އެނގުނެވެ.
“މިހާރު ދެން ވިޔަފާރީގެ ތެރެއަށްވެސް ތި ވަދެވުނީ… އަހަރެން ބަލަނީ އަހަރެއްވާއިރު ހަމަޖެހިފަ ކަމަށް ހުންނާނީ… އުމުރުން ސައްބީސް އަހަރު ވީއިރުވެސް ރިއާންއަށް ތި އުޅެވެނީ ދިރިއުޅުމަކާ ދޭތެރޭ ވިސްނާނުލާ. މި ވިޔަފާރި، މިގެ، މިޚާންދާނު އެއްކޮށް އޮތީ ރިއާންގެ ޒިންމާއެއްގެ ގޮތުގަ. އަހަރެންގެ އިތުރު ދަރިއަކު ހުރީކީ ނޫން. ރިއާންއަށް ކަމެއް ވެއްޖެއްޔާ މިކުރި ހުރިހާ މަސައްކަތެއް ދުރު ބައެއްގެ އަތްމައްޗަށް ދާކަށް އަހަރެން ނެތް ދުނިޔެއެއްގަވެސް ބޭނުމެއްނޫން” ރިޔާޒްގެ ވާހަކައިން ރިއާންގެ ބުމަ ގޮށްޖެހިގެން ދިޔައެވެ. އޭނާއަށް އެބުނި އެއްޗެއް ފަހުމު ނުވާހެން ހީވުމާއެކު ޝީރީން އެވާހަކަ ކުރިއަށް ގެންދިޔައެވެ.
“ބައްޕަ އެކިޔަނީ ދަރިފުޅު މީހަކާ އިންނާނީ ކޮން ދުވަހަކުންހޭ. އަވަހަށް މީހަކާ އިނދެގެން ކުއްޖެއް ހޯދީމަ ނޫންހޭ ރިއާންއަށް ކަމެއްވިޔަސް ވިޔަފާރި އާއިލާއިން ބޭރަށް ނުގޮސް އޮންނާނީ” ޝީރީން ބުންޏެވެ.
“އަހަރެން އަދި ކައިވެންޏަކާ ދޭތެރޭ ނުވިސްނަން. އަމުދުން ކުއްޖެއް ހޯދުމާ ދޭތެރޭ. އެހެންނޫނަސް އަހަރެންގެ ދަރިއަކަށް ކޮންމެހެން ވިޔަފާރީގެ ތެރެއަށް ވަންނާކަށް މަޖުބޫރެއްވެސް ނުކުރާނަން” ރިއާން ގެ ޖަވާބު ވަރަށް ސާފެވެ.
“އެކުއްޖަކު ނުވަނަސް މައްސަލައެއް ނެތެއްނު. ބަޔަކު ހިންގިޔަސް އަހަރެން ހޯދާފައިހުރި އެެއްޗެއްގެ ހުރިހާ ބާރެއް އިހްތިޔާރެއް މި އާއިލާގެ ތެރޭގަ އޮތިއްޔާ އަހަރެންވެސް ހިތްހަމަ ޖެހޭނެ. އަހަރެން ގަބޫލު ކުރަން ރިއާންގެ ބުރަ މަސައްކަތްވެސް މީގަ އެބަ އޮތްކަން. މިހާ ކޮމްޕެޓިޓިވް މާކެޓެއްގެ އެންމެ އުހުގަ މި އޮވެވެމީ ހަމަ ރިއާންގެ ސަބަބުން. މިހުރިހާ ކަމެއް ފެނަށް ދުއްވާލާކަށް ރިއާންވެސް ބޭނުމެއް ނުވާނެ” ރިޔާޒް ބުންޏެވެ.
ރިއާންގެ މޫޑު ވަގުތުން ހަރާބުވިއެވެ. ކާންއިން ތަށީގެ ތެރެއަށް އުލާއި ސަމްސާ ދޫކޮށްލިއެވެ. އޭނާގެ ހައިކަންވެސް ފިލައިދިޔަ ކަހަލައެވެ.
“އަހަރެން މި މައުލޫއަށް ވާހަކަ ދައްކާކަށް ބޭނުމެއްނޫން. އިތުރު ކަމެއް ނެތިއްޔާ މިވަގުތަށް ގޮސްލީ” ރިއާން ގޮނޑިން ތެދުވަމުން ބުންޏެވެ.
“ރިއާން. އެއީ ކޮންމެހެން ބައްޕަގެ އަމިއްލަ މަސްލަހަތެއް އޮވެގެން ދެއްކި ވާހަކައެއްނޫނޭ. ރިއާން އެއްބަސްވިޔަސް ނުވިޔަސް ރިއާންގެ ބައްޕަވެސް އަހަރެންވެސް ވިސްނަނީ ރިއާންގެ އުފަލަށް. އަހަރެންގެ އުފަން ދަރިއެއް ނެތްކަމުގައި ވިޔަސް އަހަރެންވެސް ރިއާން ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގައި. ތި އުޅޭ އެކަނިވެރި އުޅުން ބަލަން އަހަރުމެން ދެމަފިރިން ކަމެއް ނުކޮށް ތިބެންވީތަ؟”
ޝީރީންގެ ވާހަކަ އިވުމާއެކު ރިއާންއަށް ދެދަތްޕިލަ ޖައްސައި ބާރުކޮށްލެވުނެވެ. ޝީރީންއާ ދިމާލަށް އިހްތިރާމް ކުޑަކޮށް އެއްޗެއް ނުބުނެ ހުރެވޭތޯ މަސައްކަތްކުރިއެވެ. ކޮންމެއަކަސް އެއީ އޭނާގެ ބައްޕަގެ އަނބިމީހާއެވެ. އިތުރަށް އެތާ އިނދެފިނަމަ މަސްލަހަތު ގޯސްވެދާނޭފަދަ ބަހެއް ދުލުން ބޭރު ކުރެވިދާނެކަމަށް އޭނާ އަވަސް އަވަހަށް މޭޒުމަތީގައި އޮތް ފޯނާއި ވޮލެޓް ޖީބަށް ލަމުން އެގެއިން ނުކުންނަން ދިޔައެވެ. އެމަންޒަރު ބަލަންހުރި ރިޔާޒާއި ޝީރީންއަށް އެކަކު އަނެކަކާދިމާލަށް ބަލައިލެވުނެވެ. ޝީރީންގެ މޫނުގައިވާ ކަންބޮޑުވުން ފެނި ރިޔާޒް ޝީރީންގެ އަތުގައި ހިފަހައްޓައިލަމުން ބޯ ޖަހައިލީ އެކަމާ އަޅައިނުލުމަށް ބުނާ ފަދައަކުންނެވެ.
************
ނާޝިދު އެދިފައިވާ ގޮތުގެ މަތިން ޖެހިގެން އައި ރޭގެ ރޭގަނޑު ކެއުން ވެގެންދިޔައީ އެންމެން ސުފުރާ ދޮށަށް ޖަމާވި ކެއުމަކަށެވެ. ހަ މީހުންގެ ޖާގައިގެ ކާމޭޒުގެ ކޮޅުގައި ނާޝިދު އިށީނދެލައިގެން އިންއިރު މޭޒުގެ އެއްފަޅީގައި ޒީވާއާއި އިޝްވާ އަދި އަނެއްފަޅީގައި ވާފިޔާ އިށީނދެލައިގެން ތިއްބެވެ. އާދައިގެ މަތިން އެންމެ ލަހުން އައި ރާހިލް އައިސް އިށީނީ ނާޝިދުގެ ކުރިމައްޗަށް ވާގޮތަށް އެ ދިގު މޭޒުގެ އަނެއްކޮޅުގައި ހުރި ގޮނޑީގައެވެ. ހަމަ އިށީނުމާއެކު ތަށްޓައް ކާން އަޅައިލުމަށްފަހު ފޯނު ހުޅުވައިލައިގެން އިނދެ ކޮންމެވެސް އެއްޗެއް ބަލަން ފަށައިފިއެވެ. އިޝްވާއަށް ބަލައިލިއިރު އޭނާގެ ހާލަތު އަދި މާ ގޯހެވެ. ފޯނަށް ގެެއްލިފައި އިންއިރު މީހަކު ކިޔާ އެއްޗެއްވެސް އިވިދާނެކަމަށް އޭނާ އިނީ ކަންފަތުގައި ބޮޑު ހެޑް ފޯނެއްވެސް އަޅައިގެންނެވެ. އެއާހިލާފަށް ޒީވާގެ ފަރާތުން ފެންނަނީ ހިމޭންކަމެވެ. އިސް ޖަހައިލައިގެން މަޑުމަޑުން ކާން އިންއިރު އޭނާ ފުން ހިޔާލަކަށް ގެއްލިފައި އިން ކަހަލައެވެ. އާނއެކެވެ. އޭނާ ވިސްނަމުން ދިޔައީ އެދުވަހު މެންދުރު މަންމައާއި ބައްޕަ އޭނާއާ ދެއްކި ވާހަކަތަކާމެދުގައެވެ.
“ރާހިލް. ދަރިފުޅާ” ވާފިޔާ ރާހިލްގެ ސަމާލުކަން ހޯދުމަށް ގޮވައިލިއެވެ.
“ޔެސް މޯމް” ރާހިލް ފޯނާއި ނަޒަރު ވަކިކޮށްލުމެއްނެތި ބުންޏެވެ.
“ވާހަކައެއް ދައްކަން ވެގެންނޭ ހުރިހާ ކުދިން ގެނައީ. ނިކަން މިކަމާ ވެބަލަ” ވާފިޔާ އެދުނެވެ. ރާހިލް ވަގުތުން ފޯނު ބޭއްވުމަށްފަހު އަތް ދަމައިލަމުން އޭނާއާ ޖެހިގެން އެއްފަޅިއަކަށް އިން އިޝްވާގެ ކަންފަތުގައި އަޅައިފައިވާ ހެޑްފޯނު ދަމައިގަތެވެ.
“އައްދޯތް ދޮންބޭ!! އިސްތަށިގަނޑުގައޭ ތި ހިފީ” ރާހިލްއާއި ޒީވާއާ މުޅިން ހިލާފަށް އިޝްވާއަށް ލިބިފައިވަނީ ބުޅި އިސްތަށި ގަނޑަކަށްވާތީ އެ ބުޅިތަކުގައި ރާހިލްގެ އިނގިލިތައް ފަސޭހައިން އަޅައިގަތެވެ.
“މަންމަ ވާހަކައެއް ދައްކަން ވެގެނޯ ގެނައީ.. އަޑުއަހާބަލަ ޔޫ ސްޕޮއިލްޓް ބްރެޓް” ރާހިލް އިޝްވާއަށް ބުންޏެވެ.
“އަހަރެންނަށްވުރެން ސްޕޮއިލްޑްއީ ދޮންބެއޭ. އެހެންނޫނަސް އިޝީ އިންޓްރެސްޓް އެއް ނެތޭ” އިޝްވާ ރާހިލްގެ އަތުން ހެޑްފޯނު އަތުލަން މަސައްކަތްކުރަމުން ބުންޏެވެ.
“ގައިޒް އައިމް ގެޓިންގް މެރީޑް” ކުއްލިއަކަށް ޒީވާ އެތަނަށް ވައްޓާލި ބޮމާއެކު އިޝްވާއާ ރާހިލްގެ ހަރަކާތްތައް ހުއްޓުނެވެ. އެވާހަކަ ޔަގީން ކުރުމަށްޓަކައި ރާހިލާއި އިޝްވާ އެކިއެކީ ވާފިޔާއާ ނާޝިދުއަށް ބަލައިލިއެވެ. މަންމައާ ބައްޕަގެ މޫނުމަތީގައިވާ ސީރިއަސްކަންފެނި އެއީ ސަމާސާއެއްބނޫންކަން ދެމީހުންނަށްވެސް ކަށަވަރުވިއެވެ. ހަމައެއާއެކު ދެމީހުންގެ މޫނުމަތީގައި ޖެހިގެން ދިޔައީ އެކަކު އަނެކަކާ މުޅިން އިދިކޮޅު ކުލަވަރު ތަކެކެވެ. އިޝްވާ އުފަލުން ހަޅޭއްލަވައިގަތުމަށްފަހު ފުންމައިގެންގޮސް ޒީވާގެ ގައިގައި ބައްދައިލި އިރު ރާހިލް ހިތްހަމަނުޖެހިފައިހުރެ އިންތަނުން ތެދުވިއެވެ.
“ވަޓް؟” ރާހިލްގެ އަޑުގައިވާ ހިތްހަމަނުޖެހުން އެތަނުގައި ތިބި އެންމެނަށްވެސް ފާހަގަ ކުރެވުނެވެ.
“ޒީ؟؟ މީ ކިހިނެއް ހިނގާ ކަމެއް. ޒީގެ ބޯއިފްރެންޑެއްވެސް ނުހުރެ އެއްނު؟” ރާހިލް މޭޒުގައި ދެއަތްތިލަ އަޅުވައިލަމުން އެއްސެވެ.
“ޒީވާ ކައިވެނި ކުރުވަން ނިންމީ އަހަރެން. ޒީވާވެސް އެކަމާ މިހާރު ވަނީ އެއްބަސްވެފަ. މިވާހަކަ ދައްކަން އަހަރެން އެންމެންގާތު މިރޭ އަންނާށޭ ބުނެލީ” ނާޝިދު ބުންޏެވެ.
“އޯމައިގޯޑް ދޮންތީ.. ވަރަށް އުފާވެއްޖެ”
“ވަޓް ދަ– އެން އެރޭންޖްޑް މެރިއެޖް؟؟ ޒީ؟ ޒީ މިކަމާ އެއްބަސްވީ ކީއްވެ؟ ޒީއަކީ ހޯޕްލެސް ރޮމޭންޓިކްއެއް. އެރޭންޖްޑް މެރިއެޖްއަކާ ޒީ އެއްބަސް ވާންވީ ކީއްވެ؟ އަހަރެންނަކަށް މި ސަމާސާ އެއްވެސް ގޮތަކަށް ކަމަކު ނުދޭ.” ރާހިލްގެ އަޑު މުޅިތަނުގައި ގުގުމައިލިއެވެ.
“ދަރިފުޅާ އަޑުމަޑު ކޮށްބަލަ. މީ އެހާވަރު ކަމެއްނޫ-”
“މަންމަ؟ މަންމަވެސް މިކަމާ އެއްބަސްވީތަ؟ ކީއްވެ؟” ރާހިލް ވާފިޔާގެ ވާހަކައަށް ހުރަސް އެޅިއެވެ.
“ދަރިފުޅު ހަމަ ޖެހިފަ އަޑު އަހާބަ. މަންމަމެންވެސް ޒީވާއަށް ދެރަގޮތެއް ނުވިސްނާނެއެއް-”
“އެއީ ކާކު؟ ކާކާތަ ޒީވާ އެހާ ފަސޭހައިން އިންނަން ތި އެއްބަސްވީ؟” ރާހިލް އައިސްފައިހުރި ރުޅީގައި ގޮސް ޒީވާގެ އަތުގައި ހިފައި ލުތްކެއް ޖަހައި ގޮނޑިން ތެދުކުރިއެވެ.
“އަހަރެންނަކަށް ނޭނގެއޭ ދޮންބޭ… އެކަމަކު ކޮންމެ މީހަކަސް އަހަރެންނަށް ވަރިހަމަ” ޒީވާ ރާހިލްގެ އަތުން އަތް ދަމައިގަތެވެ.
“ވަޓް؟؟ ޒީވާ ތިހާ ޗީޕް ވީ ކޮންއިރަކު؟”
“ރާހިލް”
“ދޮންބޭ”
ރާހިލް ޒީވާއަށް ނިސްބަތްކުރި ބަހުރުވައިގެ ގޮތުން ވާފިޔާއާއި އިޝްވާއަށް އެއްްފަހަރާ ރާހިލްއަށް ގޮވައިލެވުނެވެ. ބުނެވުނު އެތި ރޭކައިލުމާއެކު ރާހިލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
“ސޮރީ ސޮރީ.. އެކަމަކު އަހަރެން މިބުނީ ދޮގެއްތަ؟؟ ކައިވެނިކުރަން މި އުޅެވެނީ ކާކާތޯވެސް ބަލައިލުމެއްނެތި އެއްބަސްވާއިރު މި ސުވާލު ކުރާ ހިސާބަށް ގޮސްފިއެއް ނޫންތަ؟ ކުޑަމިނުން އެއީ ކިހިނެތް ހުރި ކޮން އުމުރެއްގެ މީހެއްތޯ ޒީވާ ބަލައިލިންތަ؟” ރާހިލް އަދިވެސް އެއްޗެހި ކިޔަމުން ދިޔައީ ޒީވާއަށެވެ. މިފަހަރު ޒީވާއަކަށް އޭނާގެ ކަރުނަތައް ނުހިފެހެއްޓުނެވެ. މީހުން އޭނާއާ ދިމާލަށް އެއްޗެހި ކިޔުމަކީ އޭނާ ކުޑައިރުއްސުރެންވެސް ދެރަވާކަމެކެވެ. އެގޭގެ ދެންތިބި ދެކުދިންނާ ހިލާފަށް އޭނާއަކީ ފަސޭހައިން ހިތުގައިޖެހޭ ކުއްޖެކެވެ. އޭނާއަކަށް ރުއިން ކޮންޓްރޯލެއްް ނުކުރެވުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


