“ދޮންބޭ. އޯކޭތަ؟ އާރ ޔޫ ޝިވަރިންގ؟” ޒީވާގެ ލޮލުގައި ރާހިލްގެ ތުރުތުރުލަމުން ދިޔަ އަތް އަޅައިގަތެވެ.
“ޔެސް. މިތަން ކުޑަކޮށް ފިނިވީމަ.” ރާހިލްގެ ވާހަކަ ޒީވާއަށް ގަބޫލުކުރެވުނީ ރާހިލްއަކީ ހަގީގަތުގައިވެސް ފިންޏަށް ގަދަ މީހަކަށް ނުވާތީއެވެ. އެވަގުތު ތަންކޮޅެއް ދުރުން ސީދާ ރާހިލްމެން ތިބި ދިމާލަށް ހިނގާފައި އައި މެދުއުމުރުގެ އަންހެން ޑަކްޓަރެއް ރާހިލްގެ ލޮލުގައި އަޅައިގަތެވެ. އޭނާ އައިސް ހުއްޓިލީ ޒީވާގެ ކުރިމައްޗަށެވެ. ޒީވާ ބޮލުގެ އިޝާރާތުން ޝައިނާ އެތެރޭގައިކަމަށް ބުނުމާއެކު ޑަކްޓަރު އެތެރެއަށް ވަނެވެ. ނަމަވެސް މާގިނައިރެއްނުވެ އަނެެއްކާވެސް ނުކުމެގެން އައިސް ޒީވާގެ ކުރިމަތީގައި މަޑު ކޮށްލިއެވެ.
“ކޮބާ އެންމެ ފަހުގެ ރިޕޯރޓްސް؟” ޑަކްޓަރުގެ ސުވާލާއެކު ޒީވާ އޭނާގެ ފޯނުން ޑްރައިވް ފައިލެއް ހުޅުވައިލުމަށްފަހު ޑަކްޓަރު އަތަށްދިނެވެ.
“އަނެއްހެން ހުރިހާ ކަމެއްވެސް ނޯމަލްކަމަށް ދައްކަނީ. ވިންދު ތަންކޮޅެއް ދަށްކޮށް އުޅޭތީ އިހަކަށް ބާއްވައިލައިފާ އެ އޮތީ. އެންމެ ފަހުން މިގޮތައް އަނބުރައިގަތީ ކޮންއިރަކުތޯ؟” ޑަކްޓަރު ޒީވާއާ ސުވާލު ކުރިއެވެ. އެސުވާލާއެކު ރާހިލްގެ ސިކުނޑީގައި ޝައިނާ ފާހަނަތެރޭ އަނބުރައިގަތް ދުވަހުގެ މަންޒަރުތައް ކުލަވާން ފެށިއެވެ.
“އަޅުގަނޑަކަށް ނޭނގެ. ކުރިން ވަރަށް އަވަސް އަވަހާ އަނބުރައިގަނޭ. އެކަމަކު މިހާރު އަހަރެއް ވަނީހެން ހީވަނީ.” ޒީވާ ބުންޏެވެ. އޭނާ ވަނީ ޝައިނާގެ ހާލާމެދު ހިތްދަތިވެފައެވެ.
“އަސްލު ހަގީގަތުގައި މާބަނޑުއިރު ބޭނުންކުރެވޭ މަސްތުވާތަކެތީގެ ސަބަބުން ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުނޑިއަށް މިހެން ދިމާވާ ކަންތަކަކީ އުމުރު ދުވަހަށްވެސް އެކަމުގެ އަސަރު އެކުދިންނަށް ކުރާ ކަންކަން. ވަކިން ހާއްސަކޮށް ޝައިނާގެ ކޭސްގަ މިކަން ދެނެގަނެވުނީވެސް ފުރާވަރު އުމުރުގަ. އެހާ ގިނަ އަހަރުތަކެއް ވަންދެން ހަށިގަނޑުން އެކަހަލަ ބަލިކަށިކަމެއްގެ ނިޝާނެއް ނުފެނުނުކަމީވެސް ހަމަ މިރެކްލް އެއް. ޝައިނާއަކީ ވަރަށް ލަކީ ހިތްވަރުގަދަ ކުއްޖެއް. ފާއިތުވެދިޔަ ދެތިން އަހަރު ވަރަށްބޮޑު ކުރިއެރުމެއް ވަނީ ލިބިފަ. މިހާރު މިހެން ދިމާވަނީ ޕާސްޓް ގަ ވި ކަމެއް ހަނދާންވެ.. މާ ބޮޑަށް މެމޮރީޒް ޓްރިގަރ ވީމާކަމަށް ބެލެވެނީ… އެބިއުސް.. ޑެތް.. މިއަދުގެ ކޭސްއަށް ބަލަންޏާވެސް މިކަހަލަ ގޮތެެއް މި ވީ.. ބަރާބަރަށް ބޭސް ބޭނުންކުރާނަމަ އިތުރު މައްސަލައެއް އަންނާނެ ކަމަކަށް ނުފެނޭ. މިވަގުތު އޮތީ އިންޖެކްޝަންގެ އެހީގައި ނިދިފައި”
ޑަކްޓަރުގެ ވާހަކައަށް ޒީވާ ބޯ ޖަހައިލި ނަމަވެސް ރާހިލްއަށް އެވާހަކަތަކުން ކުޑަވަރެއްގެ ޝޮކެއް ލިބުނެވެ. ޑަކްޓަރުގެ ވާހަކަތަކުން އޭނާއަށް އެނގުނީ ޝައިނާގެ މާޒީން ޒައްރެއްގެ މިންވަރު ކަމަށްވިޔަސް އޭގެ ބުރަދަން އޭނާއަށް ދެނެގަނެވުނެވެ. އެ މާޒީގެ ހިލަމެއްވެސް އެ މޫނުމަތިން ދެއްކުމެއްނެތި ޝައިނާ ދުނިޔެއަށް ދައްކާ ހިތްވަރަށް ރާހިލްގެ ހިތް ތައުރީފުން ފުރެމުންދިޔައެވެ.
“ދޮންބޭ. މިތާ މަޑުކޮށްލަދޭނަން ދޯ؟ އަހަރެން އަންނާނަން ޗުއްޓީ ހަމަ ޖެހޭތޯ ވާހަކަ ދައްކައިލައިފަ. އިޝީމެންވެސް އޯކޭތޯ ބަލާލަން ޖެހޭނެއެއްނު” ޒީވާ ރާހިލްގާތު ބުންޏެވެ. ރާހިލް ބޯޖަހައިލަމުން އެކަމަށް އެއްބަސްވިއެވެ. އިރުކޮޅެއްފަހުން ރިއާންވެސް އައުމާއެކު ޝައިނާ ވަކިން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދިޔައެވެ.
***********
އޮބްޒާރވޭޝަން ރޫމްގެ އެނދެއްގައި ނިދިފައި އޮތް ޝައިނާއަށް ބަލަން ރާހިލް އެތަނުގެ ފާރެއްގައި ލެގިލައިގެން ހުއްޓެވެ. ފުންހިޔާލެއްގެ ތެރެއަށް ގެއްލިފައި އޭނާ އެހެން ހުންނަތާ މިހާރު ގަޑިއެއްހާއިރު ވަނީއެވެ. ދުރުގައި ހުރި ރިއާން އެއްފަހަރު ޝައިނާއަށް އަނެއްފަހަރު ރާހިލްއަށް ބަލައިލައެވެ. ރާހިލް ޝައިނާއާމެދު މި ބަހައްޓާ ގާތްކަމަކީ ސަމާސާ ކުޅިވަރެއް ނޫނޭ އޭނާގެ ހިތް ބުނަމުންދިޔައެވެ.
“ރާހިލް” ރިއާން އައިސް ރާހިލްގެ ކޮނޑުގައި އަތް ބާއްވައިލުމާއެކު ރާހިލްއަށް ކުޑަ ސިހުމެެއް ލިބުނެވެ. “މިހާރު މިތާނގަ ހުންނަތާ ކިހާ އިރެއް. ޖަނާޒާގެ ކަންތަކުގަވެސް ބައިވެރިވާން ދާން ވާނެއެއްނު. ޝިމާން އެކަނި އެކަމާ އުޅެންޖެހޭތީ އަހަރެން މިއައީ ހުރިހާކަމެއް ހަމަޖައްސައިދީފަ. އެކަމަކު ރާހިލްވެސް ކަށުނަމާދަށް ދާންވާނެ” ރިއާން ރާހިލްއަށް ނަސޭހަތްތެރިވިއެވެ.
“އަހަރެން މި ހިތަށް އަރަނީ ޝައިނާއަށް މޫނުވެސް ދައްކާނުލާ ވަޅުލުމުގެ ކަންތައް ނިންމާލުން އެއީ ހަމަ އެންމެ ރަނގަޅުގޮތް ބާއޭ. އޭނާވެސް ޖަނާޒާގަ ބައިވެރިވާން ބޭނުންވާނެއެއްނު” ރާހިލް އޭނާގެ ހިޔާލުފާޅު ކޮށްލިއެވެ.
“ތިކަމާ އަހަރުމެން ބުނާނީ ކީކޭ. މިއީ ޝިމާން ބޭނުންވި ގޮތް. ކޮންމެ ގޮތެއްވިޔަސް މިހާރު ޝައިނާގެ ހުރި ހަމައެކަނި އާއިލާއަކީ އޭނަ. އޭނާވެސް ޝައިނާއާ ދޭތެރޭ ވިސްނާނެތާ. ޝިމާން ބޭނުމެއްނުވޭ އެދެމަފިރިން ކަފުން ކޮށްފަ އޮއްވާ ޝައިނާއަށް ފެންނާކަށް. އަހަރެންނަށްވެސް ގަބޫލުކުރެވޭ ގޮތުގައި އޭރުން ޝައިނާގެ ހާލަތު އިތުރަށްވާނީ ގޯސް. އެދެމަފިރިންގެ އެންމެ ފަހުގެ ހަނދާނަކަށް ޝައިނާގެ ސިކުނޑީގައި އެފަދަ މަންޒަރެއް ރައްކާކުރުމަކީ ރަނގަޅުގޮތެއްހެން ހިއެއްނުވޭ.” ރިއާންގެ ވާހަކައަށް ރާހިލް ބޯ ޖަހައިލިއެވެ.
“ކޮން އިރަކުތަ ނަމާދު އޮތީ؟” ރާހިލް އަހައިލިއެވެ.
“މޫނު ދައްކާކަށްވެސް މާ ގިނަ ބައެއް ނެތެއްނު. އެހެންވެ އަސްރަށްފަހު ކުރާގޮތަށް އޮތީ. ދެން މިތާ ނުހުރެ ދާން ހިނގާ. މާގިނަ އިރު ހުންނަންޏާ ޒީއަށްވެސް ކަމެއް ރޭކައިލައިފާނެ” ރިއާން މަސައްކަތްކުރީ ރާހިލް އެތަނުން ނެރެވޭތޯއެވެ.
“ކޮންކަމެއް؟” ރާހިލް އަހައިލިއެވެ.
“ކޮންކަމެއްކަން ނޭނގޭތަ؟ ޒީވާއަށް ފުރަތަމަ ކަމަކަށް ރާހިލްއާ ޝައިނާ އެކަކު އަނެކަކު ދަންނަކަންވެސް ނޭނގޭއިރު ޝައިނާ ފެންނަ ހިސާބުން ދުރަށް ނުދެވިގެން އުޅޭތަން ފެނުނީމަ ވާނީ ކިހިނެއްތަ؟ އަހަރެންނަކަށްވެސް ކުރިން ނޭނގެ ތި ދެމީހުންގެ ކަނެކްޝަން މިހާ ޑީޕް ކަމެއް. ތީ ރަހްމަތްތެރިކަން ކަމަށްވިޔަސް ރާހިލްއަށް ތިވަރު ވާނެއެކޭ އަހަރެން ހިއެއް ނުކުރަން” ރިއާން ބުނެލިއެވެ.
“ސާބަހޭ. އަހަރެން ޝައިނާ ފެންނަހިސާބުން ދުރަށް ނުދެވިގެނެއް ނޫޅެމޭ. މިތާ ހުންނާނެ މީހެއް ނެތީމަ” ރިއާންގެ ވާހަކައަށް ރާހިލް އިންކާރު ކުރިއެވެ.
“ބަލަ މީ އޮބްޒަރވޭޝަން ރޫމް އޭ. މިތާކު ކޮންމެހެން މީހަކު ހުންނާކަށް ނުޖެހޭނެ. މަށަށް ކިޔާދެންތަ ތި އުޅެނީ؟ ހިނގާ ދާން.. އިރުކޮޅަކުން އަސްރަށް ބަންގި ގޮވާނެ” ރިއާން ގަދަކަމުން ކަހަލަ ގޮތަކަށް ރާހިލް އެތަނުން ނެރެގެން ދިޔައެވެ.
************
ކަށުކަމާކެމީގެ ކަންތަކަށްފަހު ޝިމާން އިޝްވާއާއެކު ގެއަށްދިޔައެވެ. މީހުންގެ ތެރޭގައި ހުންނާކަށް އޭނާ ބޭނުމެއްނުވިއެވެ. ލޯބިވާ މަންމައާއި ބައްޕަ ވަޅަށް ތިރިކުރި ވަގުތު އޭނާގެ ގައިން ހިތްވަރު އެކީ އެލިގެން ދިޔައެވެ. އެއީ އޭނާއަށް މިހާތަނަށް ތަޖުރިބާ ކުރެވުނު އެންމެ ވޭންހުރި ކަންތަކެވެ. އޭނާ މިހާތަނަށް ދުށް އެންމެ ވޭންހުރި މަންޒަރެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް އެހެންމީހުންނާ އެކަހެރިވެ އެކަނި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. އެހެންކަމުން ރިއާން ކާރުގައި އެދެމީހުން ގެއަށް ލައިދިނުމަށްފަހު ރާހިލްއާއި ޒީވާ ގޮވައިގެން ޝައިނާ ގާތަށް ހޮސްޕިޓަލަށް ދިޔައެވެ. ޝައިނާ ބާއްވައިފައި އޮތް ކޮޓަރީގެ ދޮރުމައްޗަށް އެރި ވަގުތު ޝައިނާ ބާރު ބާރަށް މީހަކާ ދިމާލަށާ އެއްޗެހި ކިޔަމުންދާ އަޑު އިވި ޒީވާ ރާހިލްއާއެކު އަވަސްއަވަހަށް އެ ކޮޓަރީގެ ތެރެއަށް ދެމިގަތެވެ. އޭރު ޝައިނާ ހަޅޭއްލަވަމުން އެނދުން ތެދުވަން މަސައްކަތްކުރަމުންދެއެވެ.
“ކޮބާހޭ މަގޭ ދައްތަ؟ ދައްތަ ކޮބާހޭ؟ ދޫކުރޭ. ދޫކުރާށޭ. ކީއްވެ އަހަންނަށް ނުދައްކާ ދައްތަ ވަޅުލީ؟ ކީއްވެ؟ ދޫކުރާށޭ އަޑެއް ނީވޭތަ؟ އަހަރެން ދައްތަ ދެކިލަން ބޭނުމޭ ޕްލީޒް” ޝައިނާ މައިތިރި ކުރުމަށްޓަކައި ޒީވާ ދުވެފައިގޮސް ޝައިނާގެ ގައިގައި ހިފެހެެއްޓިއެވެ.
“ޝައި. ޝައި. ހަމަޖެހިބަ.” ޒީވާ ޝައިނާ ހަމަޖެއްސޭ ތޯ މަސައްކަތް ކުރަމުންނެވެ.
“ނޫން ޒީ ޕްލީޒް. ދައްތަ އަހަންނަށް ނުދައްކާ ވަޅު ނުލާބަ ޕްލީޒް” ޝައިނާ ޒީވާ ގާތު އާދޭސް ކުރިއެވެ. އޭނާގެ ހަރަކާތްތަކަށް ބަދަލެއް ނާދެއެވެ. އަަދިވެސް މަސައްކަތް ކުރަމުންދިޔައީ ކައިރީގައި އޭނާ ހިފަހައްޓަން ތިބި މީހުންގެ ކައިރިން ވީއްލިގެން ދިޔުމަށެވެ. އެމީހުންނަށްވެސް އެކަމުގެ ސަބަބުން އުނދަގޫވަމުންދިޔައެވެ. ނަމަވެސް ކުއްލިއަކަށް ޒީވާ ޝައިނާގެ ކަންކަށިމަތީގައި ބާރު އެތިފަހަރެއް ޖެހުމާއެކު ޝައިނާ މައިތިރިވިއެވެ. ގަދަހަދަން ކުރި މަސައްކަތް ހުއްޓާލައި ލަވަމުން އައި ހަޅޭއްގެ އަޑު ކެނޑުނެވެ. ޒީވާގެ އެ އަމަލުން އެތަނުގައި ތިބި އެންމެނަށް ސިހުން ލިބިގެންދިޔައިރު ރާހިލްއަށްވެސް ކުރިއަށް ޝައިނާއާ ދިމާލަށް ފިޔަވަޅެއް އަޅައިލެވުނެވެ. ރިއާން ހުށިޔާރުކަމާއެކު ރާހިލްގެ ކޮނޑުގައި ހިފަހައްޓައި އިތުރަށް ކުރިއަށް ދިޔުމަށް ހުރަސް އެޅިއެވެ.
“ޝައިނާ! ހަމަ ޖެހިބަލަ! ހަމަ ޖެހިފަ އަހަރެން މި ދައްކާ ވާހަކަ އަޑު އަހާބަލަ! ލުކް އެޓް ޔޫ ޝައި. ތީ ޝައިގެ އަސްލު ސެލްފެއް ނޫނޭ. އަހަރެންގެ ޝައި ތިއަށްވުރެ މާ ސްޓްރޯންގް ވާނެ. މާ ހިތްވަރު ގަދަވާނެ. އަހަންނަށް އެނގެޔޭ ޝައިގެ އާންޓް އަކީ ޝައިގެ ހަޔާތުގެ ކިހާ މުހިއްމު މީހެއްކަން. އެކަމަކު މަރަކީ އެކަކަށްވެސް ބަދަލު ކުރެވޭނެ އެއްޗެއް ނޫން. އަދި ގަޑީގެ ކަށްޓަކީ ނުއަތަށް ދުވާނެ އެއްޗެއްވެސް ނޫން. އެހެންވާނަމަ ކޮންމެ އަގެއް ދީފައި ވިޔަސް އަހަރެން ފާއިތުވެދިޔަ ހަ ގަޑިއިރުގެ ތެރޭ ޝައިގެ ލައިފްއަށް ތި އައި ބިޔަ ރާޅުން ޝައި ސަލާމަތްކޮށްދިނީސް. ސޯ ޕްލީޒް. ޝައި އަހަރެންގާތު އަބަދުވެސް ބުނާހެން މިއަދު އަހަރެން މި ބުނަނީ. ހަގީގަތާ ކުރިމަތިލާބަ! ދިރިއުޅުމަކީ ހީކުރާހާ ފަސޭހަ އެއްޗެއްނޫން. އިންޝާﷲ ކޮންމެ ކަމެއްގައިވެސް ހިކްމަތެއް ވާނޭ.” ޒީވާ ޝައިނާގެ އަތުގައި ހިފަހައްޓައިގެން އިނދެ ބުންޏެވެ.
ޝައިނާ އެވާހަކަތަކާމެދު ވިސްނާ ފަދައަކުން އިސްޖަހައިލައިގެން އިނެވެ. އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ޝައިނާ ޒީވާގެ ގައިގަައި ބައްދައިލިއެވެ. އޭނާގެ ގިސްލުމުގެ އަޑު އަދިވެސް އިވެމުން ދިޔައެވެ. ނަމަވެސް ކުރިއާ ހިލާފަށް އެއްވެސް ދެކޮޅު ހެދުމެއް އިންކާރު ކުރުމެއް ނުވަތަ ގަދަހެދުމެއް އޭނާގެ ފަރާތަކުން ނުފެނެއެވެ. ފެންނަނީ ހިތާމައާއި މަޑު މޮޅިކަމެވެ.
“އެކަމަކު އެންމެ ފަހު ފަހަރަކަށް އަހަރެންނަށް ދައްތަ ދައްކާލިނަމަ؟” ޝައިނާ ގިސްލުމުގެ ތެރެއިން ޝަކުވާ ކުރިއެވެ. ޒީވާ ލޯތްބާއެކު ޝައިނާ އޭނާގެ ގަޔާއި ދުރުކޮށްލިއެވެ. އަދި ޝައިނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދެމުން ވާހަކަ ދައްކަން ފެށިއެވެ.
“އަހަރެންނަށްވެސް އެނގެޔޭ.. ޝައިއަށް ހައްގުކަން ދައްތަގެ މޫނު ފަހު ވަގުތު ބަލާލަން. އެކަމަކު ޝައި މިހާލަތުގަ ހުއްޓާ އެފަދަ މަންޒަރެއް ބަަލަން ޝައިގެ ސިކުނޑިއަށް ކެތްވާނެތަ؟ ޝިމާން އެގޮތަށް ނިންމީ އެއީ ޝައިއަށް އެންމެ ރަނގަޅު ގޮތް ކަމުގައިވާތީ. މިވަގުތު ޝައިގެ ހާލު ދެރަވެއްޖެނަމަ ޝައިއަށް އާޅާލާނެހާ ހިތްވަރެއް އޭނާގެ ގަޔަކު ނުހުންނާނެކަން އޭނައަށް އެނގޭތީ. މިކަންވެސް މިވީ ރަނގަޅަކަށް ކަމުގައި ވިސްނަބަ. ކޮންމެ ގޮތެއްވިޔަސް ޝިމާންއަށް އެ ގެއްލުނީ އޭނާގެ މަންމައާއި ބައްޕަ. އެކަމުން ޝިމާންއަށް ކުރާނެ އަސަރު ވިސްނާލަބަ. ޝައިގެ ހިތްވަރާއި އެއްބާރުލުމާ ނުލާ އޭނާ މި އަޑިގަނޑުން އަރައިގަންނާނީ ކިހިނެއް؟؟ އެދެމީހުން މި ފަސްގަނޑު މަތީގައި ހޭދަކުރި ފަހު ސުކުންތައް ދާންދެން ޝިމާންގެ ދެލޮލުންވަނީ ދެކިފަ. އެމަންޒަރުތައް އޭނާގެ ހަނދާނުން ފޮހެލަން ފަސޭހަވާނެތަ؟ ޝައިއަށް އެ ފަހު ވަގުތުތައް ނުފެނުނީވެސް އެފަދަ މަންޒަރަކުން ތިހިތް ބަލިކަށި ނުވާން އިރާދައިގަ ހުރީތީ. މިކަން ދަނެގެން ނިކަން ކަށިން ހިތްވަރު ލައިގެން ވިޔަސް މިވަގުތު ޝައި ބަަލަންވީ ޝިމާންއަށް އަޅާލެވޭތޯ” ޒީވާގެ ވާހަކަ ނިމެންދެން ޝައިނާ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނެވެ.
“ޔެސް. ޔެސް. ތޭންކްޔޫ ޒީ. ޔޫ އަރ ރައިޓް. އަހަ..އަހަރެން ކިހާ އަމިއްލަ އެދުން ބޮޑު. ޝިމާންއާ ދޭތެރޭ އިރުކޮޅަކަށްވެސް ވިސްނާނުލާ. ޒީ. އަހަރެން ބޭނުމެއް ނޫން މިތާ އިންނާކަށް. އަހަރެން ގެއަށް ގެންގޮސްދީ. ޝިމާންއަށް އަހަރެންގެ ހިތްވަރު ބޭނުންވާނެ.. އަހަރެން މިހާރު ރަނގަޅޭ. އެމީހުން ކައިރި ބުނޭ އަހަރެން ދޫކޮށްލާށޭ.” ޝައިނާގެ އެދުމަށް ބޯ ޖަހައިލަމުން ޒީވާ ކައިރީގައި ހުރި ނަރުސް ކުއްޖާއަށް ބަލައިލިއެވެ.
“ސިސްޓާ. ޑޮކް އަށް އަންގާލަދީ ޕޭޝެންޓްގެ ރިކުއެސްޓް”
**********
ކާރުގައި އިންއިރު ޝައިނާ އިނީ ރުއިން ހުއްޓާލައި ކުޑަކޮށް ހަމަޖެހިލައިގެނެވެ. ނަމަވެސް އެ ދެތުންފަތް ފޫ އަޅުވާލައި ގިސްލުމުގެ އަޑު ނުކުންނަ ކޮންމެ ފަހަރަކު ކުރީ ސީޓުގައި އިން ރާހިލްއަށް ކާރުގެ ލޯގަނޑުން ޝައިނާގެ މޫނަށް ބަލައިލެވެއެވެ. ގޭގެ ދޮރާއި ހިސާބަށް އާދެވުމާއެކު ޒީވާ ޝައިނާ ގޮވައިގެން ކާރުން ފޭބިއެވެ. ހީކުރިގޮތާއި ހިލާފަށް މިފަހަރު ރާހިލް ފައިބާކަށް ގަސްދެއް ނުކުރިއެވެ. ސީޓުގައި ހަމަޖެހިލައި ދެލޯ މަރައިލައިގެން އިނެވެ.
ރިއާން އިނީ ރާހިލްއަށް އަންނަމުންދިޔަ ބަދަލުތަކާމެދު ކަންބޮޑުވެ އެވާހަކަ ދައްކަން ބޭނުންވެފައެވެ. ނަމަވެސް މީ އެކަމަށް އެންމެ ރަނގަޅު ވަގުތު ނޫންކަން އޭނާއަށް ވިސްނުނެވެ. ހެނދުނު މާލެ އައިސުރެން އަދިވެސް ގެއަށް ވަދެނުލާ އުޅޭތީއާއެކު އޭނާ ނިންމީ ރާޙިލް ގެއަށް ގެންގޮސްދިނުމަށެވެ.
************
އެޕަރޓްމެންޓްގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު ޝައިނާއާ ޒީވާ ބޭރުގައި މަޑު ކޮށްލައިގެން ތިއްބެވެ. މާގިނައިރެއްނުވެ އިޝްވާ ދޮރު ހުޅުވައިލިއެވެ. އެންމެ ފުރަތަމަވެސް ޝައިނާ އިޝްވާގާތުން ޝިމާން ކޮބައިތޯ އަހައިލިއެވެ.
“ނިދިފަ އޮތީ. އަހަރެންވެސް ނުގޮވަން މި ހުންނަނީ” އިޝްވާ ބުންޏެވެ.
“ބާއްވާ.. ގޮވާނެ ކަމެއް ނެތް. އިޝީވެސް ބޭނުމިއްޔާ ގެއަށް ގޮސްލާ. އަހަރެން މިދަނީ ފެންވަރާލަން” ޝައިނާ ބުންޏެވެ. ނަމަވެސް އިޝްވާ އެކަމަށް އިންކާރުކޮށް ޒީވާއާއެކު އެގޭގައި މަޑުކުރުމުގެ ހުއްދައަށް އެދުނެވެ. ޝައިނާ އެކަމާ އެއްބަސްވީ އެއީ ޝިމާންވެސް ބޭނުންވާނެ ގޮތް ކަމުގައި ނިންމަމުންނެވެ.
ރާހިލްއަށް އެރޭ ޝައިނާމެން ގާތަށް ދެވޭ ވަރުވީ މެންދަމުގެ ވަގުތާ ގާތްވެފައި ވަނިކޮށެވެ. ނަމަވެސް ޒީވާއާއި އިޝްވާ ގެއަށް ފޮނުވުމަށްޓަކައި އޭނާ ކޮންމެހެންވެސް ދާން ޖެހުނެވެ.
“ދޮންބޭ” އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލި ވަގުތު ކުރިމަތީގައިހުރި ރާހިލްފެނި ޒީވާ އެތެރެއަށް ވަނުމަށް ދައުވަތުދިނެވެ.
“މިހިރީ ކާއެއްޗެހި؟ އިޝްކޮ ގެއަށް ނުދަންތަ؟ އަދިވެސް މަންމަމެން ނުގުޅާތަ؟” ޕެކް ކޮށްފައިވާ ދެ ސަބްމެރިން ހިފައިގެން ވަތް ރާހިލްއަށް ސޯފާގައި ޝިމާނާއެކު އިން އިޝްވާފެނި އަހައިލިއެވެ.
“މަންމަ އަންނަން އުޅުނީމަ އަހަރެން ބުނިން މާދަމާ އަންނަށް މަޑު ކުރާށޭ. އިޝްކޮ ދާންވާނެއެއްނު ގެއަށް. ގެއަށް ނިދަން ނުގޮސްފިއްޔާ ބައްޕަ އެހާ ހިތްހަމައެއް ނުޖެހޭނެ.” ޒީވާވެސް ރާހިލްގެ ވާހަކައާއި އެއްބަސްވަމުން ބުންޏެވެ.
“އެހެންވިއްޔާ ޒީ ވެސް ދިއުން އެންމެ ރަނގަޅު ގޮތަކީ. އަހަރެން މަޑުކޮށްލާނަން ޝިމާން ގާތު” ރާހިލް ބުންޏެވެ.
“އެކަމަކު ޝައި-”
“އަހަރެން މިހިރީ އެއްނު” ރާހިލް ޒީވާގެ ވާހަކަ މެދުކަނޑައިލިއެވެ.
“އަޅެ. މިވަގުތު ޝައި އެކަނިކޮށްލާކަށް އަހަރެން ބޭނުމެއްނޫން. އެކަމަކު ޗުއްޓީވެސް ހަމަ ނުޖެހޭތީ މާދަން ހެނދުނު ޑިއުޓީއަށްވެސް ނުކުންނަން ޖެހޭ.” ޒީވާ ބުންޏެވެ. ދާދި ފަހުން ދިމާވި ހާދިސާއާ ގުޅިގެން ގޭގައި މަޑުކުރުމަށް ނަގަން ޖެހުނު ބޮޑު ޗުއްޓިގެ ސަބަބުން އެހާ އަވަހަށް އިތުރު ޗުއްޓީއެއް ނުލިބުނީތީ އޭނާ ހުރީ ހަގީގަތުގައިވެސް ދެރަވެފައެވެ.
“އިޝްކޯ..” ރާހިލް އިޝްވާއަށް ދިޔުމަށް އިޝާރާތްކުރާފަދަ ރާގަކަށް ގޮވައިލިއެވެ.
“އައިމް ފައިން ބޭބް. ދޭބަ ގެއަށް. ސީ ޔޫ ޓުމޯރޯ” ޝިމާން އިޝްވާގެ އަތުގައި ބޮސްދެމުން ބުނެލިއެވެ.
“އަންނާނަން އެނގޭ މާދަން” އިޝްވާ ޝިމާންގެ ގައިގައި ބައްދައިލުމަށްފަހު ޒީވާއާއެކު ގެއަށް ދާން ނުކުތެވެ. އެ ދެބެއިން ނުކުމެގެން ދިޔުމާއެކު ރާހިލް އައިސް ޝިމާންގެ ގާތުގައި އިށީނދެލަމުން ހިތްވަރު ދޭފަދަ ގޮތަކަށް ޝިމާންގެ ކޮނޑުގައި ޖަހައިލިއެވެ. ނަމަވެސް ހިތްވަރު ދިނުމުގެ އެންމެ ބަހެއްވެސް އޭނާގެ ދުލަކަށް ނުގެނެވުނެވެ. އެންމެފަހުން އޭނާ ތެދުވެގެން ގޮސް ޝައިނާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. ތަޅުގައި ހިފައިލި ވަގުތު ޝިމާން ވާހަކަ ދެއްކިއެވެ.
“ސިސް ފާހަނައިގަ ކަމަށްވެސް ވެދާނެ. ނުކުންނަންދެން މަޑުކޮށްލާ. ސިސް ފާހަނަ ޑޯރ ލޮކް ކުރާ މީހެއް ނޫންވީމަ އާންމުކޮށް ފާހާނާއަށާ ވަންނާނީ ކޮޓަރި ޑޯރ ލޮކް ކޮށްފަ” ޝިމާން ބުންޏެވެ. އެވާހަކައިން ރާހިލްގެ ނިތަށް ރޫތަށް ގިނަވިއެވެ.
“ދެޓްސް ވިއަރޑް” ރާހިލް އައިސް ޝިމާންގާތު އިށީނދެލިއެވެ.
“ނޮޓް ރިއަލީ. އަހަރެން ނަމަވެސް ވާނީ އެވަރު ކަންނޭނގެ” ޝިމާން ބުނެލިއެވެ.
“އެއީ ކީއްވެ؟” ރާހިލް އޭނާގެ ހިތުގައި އުފެދުނު ސުވާލު ކޮށްލިއެވެ
“ސިސް ކުޑައިރު އެއްރޭ ސިސްގެ ދޮންތަ ސިސް ފާހަނައަށްލާ ތަޅުލީ. ހެނދުނު ނުކުމެވުނުއިރު ފުރަތަމަ މަންޒަރަކަށް ފެނުނީ ދޮންތަ ފަންކަލުގަ ދަންޖެހިފަ ހުއްޓާ. އުމުރުން އެންމެ ނުވަ އަހަރުގެ ކުއްޖަކަށް އެކަހަލަ މަންޒަރެއް ފެނުނީމަ ވާނެގޮތް ސިސްއަށްވެސް ވެފަ އެހެރީ..”
ޝިމާން ބުނެލި ވާހަކައިން ރާހިލްއަށް ސިހުން ލިބިގެންދިޔައެވެ. އަނގައިން ބަސްހުއްޓުނުއިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެރަށުގައި ޝައިނާ ފާހަނައިގައިި ތަޅުލެވުނު ރޭގެ ހަނދާނެވެ. އެކަމުގެ ސަބަބުން ޝައިނާއަށް އެހާބޮޑު އަސަރެއް ކުރި ސަބަބު އެނގުމާއެކު ރާހިލްގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. މެއަށް ބާރުވެ ބޯ އަނބުރަން ފަށައިފިކަމުގެ އިހުސާސެއް ކުރެވުނެވެ. އޭނާއަށް ނޭނގިނަމަވެސް ޝައިނާއަށް އެ ދެވުނީ ކިހާބޮޑު އަނިޔާއެއްކަން އެނގުމާއެކު އެދުވަސް އަލުން އަނބުރައި ގެންނަން ބޭނުންވިއެވެ. ނަމަވެސް މިހާރު އެކަމަކާ ކުރެވޭނެ ކަމެއް ނެތެވެ. ރާހިލް ހިންދިރުވައިލަމުން ޝިމާންއާ އިތުރަށް ސުވާލު ކުރިއެވެ.
“ސޯ. ތިބުނީ ޝައިނާގެ ދައްތައެއް ހުރިއޭތަ؟” ރާހިލް ހިންދިރުވައިލަމުން އަހައިލިއެވެ.
“ބޭބެއަކަށް ނޭނގޭތަ؟ އަހަރެން ހީކުރީ ސިސްއާ ވަރަށް ކްލޯޒް ކަމަށް. އަސްލު ސިސްގެ ފިރިހެން ފްރެންޑްސްއެއް ނުވެސް ހުންނާނެ. ޝީ ހޭޓްސް މެން. އެންޑް އައި އަންޑްރސްޓޭންޑް ހަރ. ސޯ މިގެއަށް އަލަށް އެގޮތަށް ފިރިހެން ފްރެންޑެއް ގެނައިމަ އަހަރެން ހީކުރީ ވަރަށް ކްލޯޒް ކަމަށް” ޝިމާން ބުންޏެވެ.
“އަހަރެންވެސް ހީކުރީ އަހަރެންނަށް ޝައިނާ ވަރަށް ރަނގަޅަށް އެނގޭކަމަށް. އެކަމަކު މިއަދު ޑޮކްޓަރ ދެއްކި ވާހަކައިން އެނގިއްޖެ އަހަރެންނަށް ޝައިނާގެ އެނގެނީ ޝައިނާ އަހަންނަށް އަންގަން ބޭނުންވި މިންވަރު އެކަނިކަން.” ރާހިލްވެސް ބުންޏެވެ.
“އެހެންވިއްޔާ އެންމެ ރަނގަޅުވާނީ ސިސްގެ ދުލުން ތި ސުވާލުތަކުގެ ޖަވާބު ހޯދުން” ޝިމާން ބުންޏެވެ.
“އަހަރެންނަށް އެނގޭ މީ އެކަހަލަ ވާހަކައެއް ކިޔާދޭން ޝިމާން ފަރާތުން އުއްމީދު ކުރާކަށް އެހާ މުނާސަބު ވަގުތެއް ނޫންކަން. ސޯ އަހަ-”
“ނޫން. އިރުކޮޅަކަށްވިޔަސް އަހަރެންގެ މައިންޑް ޑިސްޓްރެކްޓް ވާނެ ކަމެއް ކުރެވުނިއްޔާ އަހަންނަށްވެސް ފަސޭހަވާނެ. އިޝީގެ ދޮންބެއަކީ އަހަންނަށް ބީރައްޓެއްސަކަށް ނުވާނެއެއްނު. އެކަމަކު އަހަރެން ގަބޫލުކުރަނީ ވަގުތުއައިސް ޖެހުނީމަ ސިސްއަށް ޓްރަސްޓް ކުރެވޭ މީހަކަށް ސިސްގެ ހުރިހާ ވާހަކައެއް ކިޔާދޭނެކަމަށް. އަދި އެއީ އެންމެ ރަނގަޅުގޮތް ކަމަށް” ޝިމާން ބުންޏެވެ. ރާހިލް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
“އަހަރެން ވެސް މިދަނީ ކޮޓަރިއަށް. ސިސް ނުނިކުމެ ގިނައިރު ވަންޏާ ބުނެލައްޗޭ” ޝިމާން މާ ގިނައިރަކު ބޭޭރުގައި އިންނާކަށް ނޫޅުނެވެ.
ފަތިސް ނަމާދުކޮށްލައިގެން ޝައިނާ ކޮޓަރިން ނުކުތްއިރު ސޯފާގައި ނިދިފައި އޮތް ޝިމާން ފެނި އެދިމާލަށް ހިނގައިގަތެވެ. ނަމަވެސް ކައިރިއަށް ދިޔުމާއެކު އެއީ ޝިމާން ނޫންކަށް އޭނާއަށް އެނގުނެވެ. އެވަގުތު ރާހިލް އެތަނުގައި ކުރަނީ ކީއްބާއޭ އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ކޮޓަރިން ރަޖަލެއް ހިފައިގެން އައިސް ރާހިލްގެ ގައިމަތީގައި އަޅައިލަދިނެވެ. ފުންނޭވާއެއްގެ އަޑަށްވެސް ހޭލެވޭހާ މަޑު ނިންޖެއްގައި އޮތް ރާހިލް ވަގުތުން ޝައިނާގެ އަތުގައި ހިފެހެއްޓިއެވެ. ޝައިނާއަށް ސިހިފައި ދެލޯ ބޮޑުކޮށްލަމުން އަތުގައި އޮތް ރަޖާ ދޫކޮށްލެވުނެވެ.
“ސޮރީ. އަހަރެންނަށް ކުޑަކޮށް ނިދުނީ” ރާހިލް ތެދުވެ ގޮނޑީގައި އިށީނދެލަމުން ބުންޏެވެ. އޭރު އާދުވަހަކަށް އަލިވިލެމުންދާ ކަމުގެ ނިޝާންތައް އެޕާރޓްމެންޓްގެ ކުޑަދޮރުތަކުން ފާޅުވާން ހުއްޓެވެ.
“ނިދާފަކަމެއް ނޭނގޭ ބިރުވެރި ފިލްމްތަކުގަ ހަދާހެން ކުއްލިއަކަށް އައިސް އަތުގަ ހިފާއިރު.” ޝައިނާ އާދައިގެ ގޮތަކަށް ބުނި ނަމަވެސް ރާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ރާހިލްއާ ވާހަކަ ދެއްކުމުގައި ޝައިނާގެންގުޅޭ ޖެއްސުމުގެ ރާގު ބޭނުންކުރުމަކީ ޝައިނާ ކުޑަކޮށްވިޔަސް ހަމައަކަށް އެޅިއްޖެކަމުގެ ނިޝާނެއްކަން އޭނާއަށް އެނގުނެވެ.
“އެންމެފަހުން އަހަރެން ނުނިދީމަ ދޯ މި ގޯސްވީ” ރާހިލް ޝައިނާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
“ކޮފީ؟” ޝައިނާ އަހައިލިއެވެ. ރާހިލް ބޯ ޖަހައިލުމުން ޝައިނާ ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. އެމަންޒަރު ބަލަންހުރި ރާހިލްގެ ކަންފަތުގައި ޝިމާން ދެއްކި ވާހަކަތަކުގެ އަޑު ގަދަވެލިއެވެ. ޝައިނާގެ މައުސޫމު މޫނު ފެނުމާއެކު އޭނާއަށް ކުރެވުނު ކަންތަކާމެދު ވިސްނެން ފެށިއެވެ. ޝައިނާގެ ގާތުން މާފަށް އެދެން ބޭނުންވިއެވެ. އެހެނަސް ހިތުގައި އުފެެދެމުންދިޔަ ސުވާލުތަކުގެ ސަބަބުން އެކަން ކުރާކަށް ނުކެރުނެވެ. އެއީ މާފަށް އެދެން ރަނގަޅު ވަގުތެއްބާއެެވެ؟ އެކަންތަށް މާޒީވެ ގޮސްފައި އޮއްވާ އަލުން އެ ވާހަކަ ދައްކަންވީ ހެއްޔެވެ؟ އޭނާ މާފަށް އެދިފިނަމަ ޝައިނާ މާފު ކުރާނެހެއްޔެވެ؟ ހުދު އޭނާއަށް އޭނާގެ އަމިއްލަ ނަފްސަށް މާފު ކުރެވިދާނެ ހެެއްޔެވެ؟
ރާހިލްގެ ސިކުނޑި ކިތަންމެ ހަލަބޮލިވެފައި ވީނަމަވެސްް އެދެމެދަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. އަދި އެ ހިމޭންކަމުން އުނދަގޫވަމުން އައި ނަމަވެސް އެކަން ނިމުމެއް ގެނައުމަށް ކުރަންވީ ކީއްކަމެއް ރާހިލްއަކަށް ނޭނގުނެވެ. އެހިމޭންކަން ފޫއަޅުވައިލީ ޝައިނާގެ ސުވާލުންނެވެ.
“ޝިމާން ކޮބާ؟” ޝައިނާ އަހައިލިއެވެ. އެހެންޏާ ނުހުންނަފަދަ މަޑުމައިތިރިކަމެއް އެ އަޑުގައި ހުއްޓެވެ.
“ވަރަށް ދަންވަންދެން އިނދެފަ ކޮޓަރިއަށް ވަނީ. އަހަރެން ބުނީމަ ޒީމެންވެސް ދިޔައީ. ޒީ ބޭނުންވި ހުންނަން. އެކަމަކު ޒީގެ ޑިއުޓީވެސް އޮތީމައާއެކު” ރާހިލް ބުންޏެވެ.
“އިޓްސް އޯކޭ. ތި ހެދީ ރަނގަޅަށް. ޒީ މިތާ ބެހެއްޓުމުގެ ބޭނުމެއް ނެތެއްނު. އަހަރެން އަސްލު ބޭނުންވެފަ ހުރީ ރާހިލްއާ ވާހަކަދައްކާލަން” ރާހިލްގެ އަތަށް ކޮފީތަށި ދިއްކޮށްލަމުން ޝައިނާ ބުނެލިއެވެ. ރާހިލް ކިހިނެއްވީހޭ އަހާލާ ފަދައަކުން ބުމަ ހިއްލައިލިއެވެ.
“ފަހުން އެކުއްޖާއަށް ގުޅިންތަ؟ މިބުނީ ޔޯރ ޖީ.އެފް.” ޝައިނާ އިސްޖަހައިލަމުން އަހައިލިއެވެ. އެ ސުވާލާއެކު ރާހިލްގެ ބުމަ ގޮށްޖެހިގެން ދިޔައެވެ. މިއީ އެފަދަ ވާހަކައެއް ދައްކަން ކޮން ވަގުތެއް ހެއްޔެވެ؟
“އަހަރެން އޭނައަށް ގުޅަންވީ ކީއްކުރަން؟” ރާހިލްވެސް ބަދަލުގައި ކޮށްލީ ސުވާލެކެވެ.
“އަހަރެންނަށް ވިސްނާނުލާ ކުރެވުނުކަމަކާ ހެދިއެއްނު އޭނަ ރާހިލް ދޫކޮށްލީ. އެހެން ނުބުނެވުނުނަމަ ފަހަރެއްގަ-”
“އެގޮތަށް ތަނަކުން މީހަކު އައިސް ދައްކާހާ ވާހަކައެއް ގަބޫލުކޮށްފަ އޭގެ ތެދުދޮގުވެސް ބަލާނުލާ ގުޅުން ކަނޑާލާވަރު މީހަކާ އެއްކޮށް އަހަރެންނަށް އުޅެވޭނެތަ؟ އެއީ އަދި ތެދެއް ކަމުގައިވިޔަސް އޭނާ އަހަރެން ކައިރިން އެކަން އޮޅުންފިލުވަން ނޫޅުނުކަމީ އޭނާވެސް އަހަރެންނާ އެއްކޮށް އުޅެން ބޭނުން ނުވާކަމުގެ ހެއްކެއް. ޝައިނާ ކީއްވެ އޭނަގެ ވާހަކަ ތި ފެށީ. އަހަރެން އައިމަ އުނދަގޫ ވަނީތަ؟ ފޮނުވާލަން ބޭނުންވަނީތަ؟” ރާހިލް ހިތްހަމަ ނުޖެހޭގޮތް ދައްކައިކަމުން ބުންޏެވެ.
“ޕިސް. ނޫން ދެން އެހެނެއް ނޫނޭ. ދެން އޯކޭ. އަހަރެން ހަމަ ބަލާލީ” ޝައިނާ ބުންޏެވެ. ދެމީހުންގެ ވާހަކަ އެހިސާބުން ހުއްޓުނީ މީހާކު ދޮރުގައި ޓަކި ޖަހައިލި އަޑު އިވުމުންނެެވެ.
“އިޝީ. ހާދަ ހެނދުނަކާ. ޝިމާން ވީ ކޮޓަރީގަ” ދޮރު ހުޅުވައިލިއިރު ކުރިމަތީގައިހުރި އިޝްވާފެނި ޝައިނާ އެތެރެއަށް ވަނުމަށް ތަންދެއްކިއެވެ.
“އޯކޭތަ އަހަރެން ވަދެލިޔަސް؟” ޝިމާންގެ ކޮޓަރީގެ ދޮރަށް އިޝާރާތް ކުރަމުން އިޝްވާ އަހައިލިއެވެ. ބަދަލުގައި ޝައިނާ ބޯ ޖަހައިލުމުން އިޝްވާ ގޮސް އެކޮޓަރިއަށް ވަނެވެ. ބަނޑުވަތަށް ވާގޮތަށް އެނދުގައި އޮށޯވެގެން އޮތް ޝިމާންފެނި އިޝްވާގެ ހިތް މޯޅިވިއެވެ. ކައިރީގައި ހުރި ސައިޑްކަބަޑުގެ މަތީގައި ބާއްވައިލެވިފައި އޮތް މުސްހަފު އިޝްވާގެ ލޮލުގައި އަޅައިގަތެވެ. ނިޔާވި މައިންބަފައިންގެ މައްޗަށް ގުރުއާންކިޔަވަން ޝިމާން އިންކަން އެނގުމުން އިޝްވާއަށް ހިތްހަމަޖެހުމެއް ލިބުނެވެ.
“މާނޫ…” އިޝްވާގެ އަޑު ޖެހުމާއެކު ޝިމާން އެނދުގައި ފުރޮޅިލަމުން އުއްޑުން ޖެހިލިއެވެ. އަދި ތެދުވެ ހެޑް ބޯޑުގައި ބާލީސް އަޅުވައިލަމުން ލެގިލިއެވެ.
“ބޭބް ހާދަ ހެނދުނަކާ.” ޝިމާން ދެއަތުން މޫނުގައި އަތް ހާކައިލަމުން ބުނެލިއެވެ. އެ ދެލޮލުން ރޮއެފައިހުރި ކަމުގެ ނިޝާންތައް ފާޅުވާން ހުރިނަމަވެސް އިޝްވާ އެކަން ފާހަގަ ކުރާކަށް ބޭނުމެއް ނުވިއެވެ.
“މާނު ނުކައި ހުންނާނެކަން އެނގޭތީ. ތެދުވަންވީނު އެއްޗެއް ކާލަން. އައި މޭޑް ލެމަން ކޭކް. ޔޯ ފޭވްރިޓް.” އިޝްވާ އެނދުގައި އިށީނދެލަމުން ޝިމާންގެ އަތުގައި ހިފައިލިއެވެ. އަދި އޭނާ ގެނައި ކޭކުތަށީގެ މަތި ނެގިއެވެ.
“ބޭބް ކައިފިންތަ؟” ޝިމާންގެ އަނގަޔަށް ކޭކުކޮޅު ލަވަން އިޝްވާ ހިއްލާލި އަތުގައި ހިފަމުން ޝިމާން އަހައިލިއެވެ
“މާނު ނުކައި ހުރިކަން އެނގިހުރެ އިޝީ ކިހިނެއް ކާނީ؟” އިޝްވާ އިސްޖަހައިލަމުން ބުންޏެވެ. “އިޝީ ހާދަ ހިތްވަރު އެބަ ކުރަމޭ. އިޝީއަށްވެސް އެނގޭ މާނު ދެރަވާނެކަން. އެކަމަކު ތިގޮތަށް އަމިއްލަ މީހާއާ ދޭތެރޭ ފަރުވާކުޑަ ކޮށްލީމަ އިޝީވެސް ކިހާ ދެރަވާނެ” ލޮލުން ނީރައިލި ކަރުނަތިކި ފޮހެލަމުން އިޝްވާ ބުންޏެވެ.
“ހޭ ރޮނީތަ؟ ޑޯންޓް ކްރައި ބޭބް. ބަލަ އަހަރެން މި ކެއީ އެއްނު؟ ބޭބްވެސް ވާނެ ކާން” ޝިމާން އަވަހަށް ކޭކުކޮޅު ހަފައިލަމުން އިޝްވާގެ މޫނުގައިވާ ކަރުނަތައް ފޮހެލައިދިނެވެ. އިޝްވާ ގަދަކަމުން ހިނިތުންވެލިއެވެ. ޝިމާން ފުންނޭވާއެއް ދޫކޮށްލަމުން އިޝްވާގެ ދެއަތުގައި ހިފައިލިއެވެ.
“އިޝީ. އަހަރެންނަށް އަދި ޓައިމްކޮޅެއް ދީ. މި… މިއީ އަހަރެންނަށް އެއްވެސް ހާލެއްގައި ފަސޭހަ މަރުހަލާއެއް ނޫން. އަހަރެންގެ ހަޔާތުގެ އެންމެ މުހިއްމު ދެމީހުން އަހަރެންނާ ވަކިވެގެން އެ ދިޔައީ. މިހާރު ސިސްއާ އިޝީ ފިޔަވައި އިތުރު މީހެއް އަހަރެންގެ ނެތް. ހައްގު ތެދެއް މި ބުނަނީ. މިހާރު އަހަރެންގެ ދިރިއުޅުމުގެ ހުރިހާވެސް މަގްސަދަކީ ތިއީ. ޕްލީޒް.. އަހަރެންނާއެކު ހުރެދެއްޗޭ” ޝިމާން އިޝްވާގެ އަތުގައި ބޮސްދިނެވެ. އިޝްވާވެސް ބޯ ޖަހައިލިއެވެ. ކުރިމަތިވެފައިވާ ބަނަ ދުވަސްތަކާ ދެމީހުން އެކީ ކުރިމަތިލާން ވައުދުވިއެވެ.
ދެމަސް ދުވަސް ފަސް…
މެންދުރުގެ ހޫނުގަދަ ވަގުތު ޝައިނާމެން ގޭގެ ސިޓިންގްރޫމްގައި ރާޒުވާ މެޗެއްގެ ފޯރި ހިއްޕާލައިފައި ހުއްޓެވެ. މޭޒުގެ ދެފަރާތުގައި ރާހިލް އަދި ޝައިނާ ތިބިއިރު އެދެމީހުންނަށް ސާބަސް ދިނުމުގައި އުޅުނު އިޝްވާއާއި ޝިމާންގެ ފޯރިވެސް ވަކި ކުޑައެއްނޫނެވެ.
“ކަމޯން ސިސް… އައިމް ކައުންޓިންގް އޮން ޔޫ. މިހާތަނަށް ޗެސް އިން ދޮންބެ ބަލިކުރި ހަމައެކަނި މީހަކީ ސިސް.. ޔޫ ކޭން ޑޫ އިޓް އަގައިން” އިޝްވާ ޝައިނާއަށް ސާބަސްދިނުމުގެ ގޮތުން ބުންޏެވެ.
“ކަމޯން ބޭބޭ. މިފަހަރު މޮޅުވާން ވާނެ..” އިޝްވާގެ ވާހަކައާ ވިއްދައި ޝިމާންވެސް ރާހިލްގާތު ކިޔަމުން ދިޔައެވެ. ރާހިލްއާ ޝައިނާ އެކަކު އަނެކަކަށް ބަލައިލަމުން އިތުރަށް މެޗުގެ ތެރެއަށް ވަނެވެ. ދެމީހުންގެ ކުޅުންވެސް އެހާމެ ވާދަވެރިއެވެ. ކުޅުން މަޑުޖެހިލި ވަގުތު ރާހިލް ޝައިނާއަށް ބަލައިލަމުން ބުމަ އަރުވައިލިއެވެ. އެތުންފަތަށް ވެރިވި ކާމިޔާބީގެ ހިނިތުންވުންފެނި ޝައިނާއަށް ގޯހެެއް ހެދިއްޖެކަން ރޭކައިލިއެވެ.
“ޗެކްމޭޓް” ރާހިލް ދެގޮޅި ކުރިއަށް ކުޅެލަމުން އިސްއުފުލައިލުމެއްނެތި ޝައިނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
“ޔެސް!!! ޔޫ އަރ ޖަސްޓް ޓޫ ގުޑް ބޭބޭ” ޝިމާން ރާހިލްއާ ‘ފިސްޓް ބަމްޕް’ ކޮށްލަމުން ބުންޏެވެ.
“ދެން ވަރަށް ފޫހިވޭ މި ދޮންބެގަނޑު އަދި ވަރަށް ފޮނިވާނެ މޮޅު ވިއްޔާ” އިޝްވާ ސޯފާއިން ބާލީހެއް ނަގައި ރާހިލްގެ މޫނުމަތީގައި ޖެހިއެވެ. އެއާއެކު ރާހިލްގެ ހުނުމުގެ އަޑު އިވުނެވެ.
“އޯކޭ އޯކޭ. ތި ދެމީހުންނަކާހެދި ބްރޭކަށް މި އާދެވޭ ކުޑަ ވަގުތުކޮޅުވެސް މި ޖެހެނީ ކޮންމެވެސް ސަކަރާތެއް ޖަހަން. މިހާރު ބަނޑުހައިވެއްޖެ” ޝައިނާ އިންތަނުން ތެދުވަމުން ބަދިގެއާދިމާލަށް ހިނގައިގަތެވެ.
“އޯކޭ ސިސް. ދަނީ އިނގޭ. ބޭބޭ. ސިސް ވައްޓާލަދޭނަން ދޯ އޮފީހަށް އަހަރެން މި ދަނީ ސިސްގެ ސައިކުގަ” ޝިމާން އިޝްވާއާއެކު އެގޭ ދޮރުން ނުކުންނަމުން ބުންޏެވެ. ރާހިލް ނިކަން އަވަހަށް އެއްބަސްވެލިއިރު ހީވަނީ ޝިމާން އެހެން ނުބުނެގެން ހުރިހެނެވެ.
“ރާހިލް މިހާރު އަބަދު މިގެއަށް އައިސް އުޅޭތީ ޝިމާންއަށް އީދެއް އައިސްގެން އުޅޭހެން ދޯ ހީވަނީ. ކުރިންވެސް އަބަދު އުޅޭނީ އަހަރެންގެ ސައިކަލު ހުސްނުވެގެން. ރަށުން ބޭރަށްވެސް ނުގޮސްގެން ހުންނާނީ. މިހާރު އަހަރެންގެ ހުރިހާ ކަމެއް ރާހިލްގެ ބޮލަށް ޖަހާލާފަ ދޯ އެ ހުންނަނީ” ޝައިނާ އޭނާގެ ގާތަށް އައިސް ހުއްޓިލި ރާހިލްއާ ވާހަކަ ދެއްކިއެވެ.
ޝައިނާގެ ބޮޑުދައިތަމެންގެ މަރަށްފަހު އެކަމުން އަރައިގަތުމަށް ހޭދަވި ދުވަސްތަކުގައި ރާހިލްވަނީ ގިނަ ވަގުތުތަކެއް އެމީހުންނާއެކު ހޭދަކޮށްފައެވެ. އެކަމުގެ ސަބަބުން ރާހިލްއާ ޝައިނާގެ ގުޅުން ކުރިއާ ބަލާއިރު ރަނގަޅުވެފައިވެއެވެ. ޝިމާންއާވެސް ވަނީ ގާތް ރަހްމަތްތެރިކަމެއް އުފެދެން ފަށައިފައެވެ.
“އަހަރެންނަކަށް އެހާ އުނދަގުލެއް ނުވެޔޭ. ތީ މާގިނަ ތަންތަނަކަށް ދާ މީހެއްވެސް ނޫނެއްނު. އެހެންނޫނަސް ހުކުރު ދުވަހު މެންދުރު ލަޒާންޏާ ގަނޑެއް ހަދާފަ ކާން ގުޅީމަ ދެން މިކަން ހަމަހަމަވީއޭ ސަންތީ” ރާހިލް ބުނެލިއެވެ. ދެމަސްދުވަހުގެ ތެރޭގައި ޝައިނާހެދި ގިނަ ކާއެއްޗެހީގެ ރަހަ އެނގިފައިވާއިރުވެސް ރާހިލްއަށް އެންމެ ރަހަމީރު އެއްޗަކަށް ދިމާވީ ލަޒާންޏާއެވެ.
“ވަރުގަދަ ލަޒާންޏާއެއް ދޯ ކާންދެވިފަ މިއޮތީ” ޝައިނާ ސަމާސާގޮތަކަށް ބުންޏެވެ.
“ޔެސް. އިޓްސް ދަ ބެސްޓް. މޭބީ އިވަން ބެޓަރ ދޭން ދަ ވަން އައި ހެޑް އިން އިޓަލީ. ޝެފްސް ކިސް” ރާހިލް އިޓަލީ ވިލާތުގެ ޝެފުން ކުރާ އިޝާރާތާ އެއްގޮތަށް އިނގިލިތަކުގެ ކުރީގައި ބޮސްދިނުމަށްފަހު ހުވަފެނީ ގޮތަކަށް ވައިގެ ތެރެއަށް އިނގިލިތަށް ހުޅުވައިލިއެވެ.
“އަހަހަ. އޯކޭ އޯކޭ. ތިވަރަށް ގޯނިފުލަށް ނުލިޔަކަސް ތި ލަޒާންޏާއެއް ކާންދެވިދާނޭ. އެކަމަކު މިހާރަކު އެ ހަދާނެހާ ވަގުތެއް ނެތް. އެހެންވިމާ މިގަޑީ ދެވޭނެ އެއްޗެއް އަވަހަށް ބުނޭ. ޖޫސް އޯކޭތަ؟” ޝައިނާ އައިސް އަލަމާރި ހާވަމުން ބުންޏެވެ.
“ސަންތި ދީފިއްޔާ ޒަހަރެއްވެސް ބޮއެފާނަން. އެކަން އެނގެއެއްނު؟” ރާހިލް ބުންޏެވެ.
“އެއްކަލަ ރާހިލް.” ޝައިނާ ރާހިލްގެ ވާހަކަ ގަބޫލު ނުކުރާފަދައަކުން ކަޅި އަނބުރައިލިއެވެ.
“ކިހިނެއްވީ. ގަބޫލު ނުކުރެވެނީތަ؟” ކުއްލިއަކަށް ރާހިލް ޝައިނާއާ ގާތްވެލަމުން އަހައިލިއެވެ.
ރާހިލްގެ އެހަރަކާތުގެ ސަބަބުން ޝައިނާގެ ހިތް ނުތަނަވަސް ކުރުވިއެވެ. ނަމަވެސް އެއީ އުފާވެރި އިހުސާސެއް ގެނުވާ ނުތަނަވަސް ކަމެކެވެ.
“ނަސީބު ދެރަކަމުން މިވަގުތަކު ޒަހަރެއް ނެތް. ޖޫސް؟” ޝައިނާ ރާހިލްއާ ވީ ފަޅިއަށް އެނބުރިލަމުން ޖޫސްތަށި ދިއްކޮށްލިއެވެ. އަދި ދުރަށް ހިނގައިގަތެވެ. އޭރު ރާހިލް މައުނަވީ ހިނިތުންވުމަކާއެކު ޝައިނާގެ ހަރަކާތްތަކަށް ބަލަމުންދިޔައެވެ.
***********
އާރް.އެލް ހޯލްޑިންގްސްގެ އޮފީސް އިމާރާތުގެ ކުރިމައްޗަށް ޝައިނާ ގޮވައިގެންއައި ރާހިލްގެ ސައިކަލު ހުއްޓައިލި ވަގުތު އިމާރާތަށް ވަންނަންދިޔަ ރިއާން ބޮލުގެ އިޝާރާތުން ރާހިލްއަށް އައުމަށް އެންގިއެވެ. އެހެންވެ ކައިރި ހިސާބަކަށް ސައިކަލު ޕާކުކޮށްލުމަށްފަހު ރާހިލްވެސް ޝައިނާއާއެކު އިމާރާތަށް ވަނެވެ. ޝައިނާ ކުރީގައި ބަހައްޓައިގެންހުރެ ރާހިލްއާއި ރިއާން ހިނގަމުންދިޔައިރު ރިއާން ލޮލުގެ އިޝާރާތުން ޝައިނާ ދައްކައިލަމުން ‘ކޮންކަމެއްހޭ’ އަހައިލިއެވެ. ރާހިލް ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލިއެވެ. ލިފްޓުގައި ހުރިއިރު ޝައިނާގެ އިސްތަށިގަނޑުން ދުވަމުންދިޔަ މީރުވަސް ރާހިލްގެ ނޭފަތުގައި ޖެހުމާއެކު އޭގައި ދަމާބާރެއް އެކުލެވިފައިވާ ފަދައިން ރާހިލްއަށް ކުރިއަށް ޖެހިލެވުނެވެ. އަދި ލޯ މަރައިލަމުން ބޯ ކުޑަކޮށް ތިރިކޮށްލައި އެ އިސްތަށިގަނޑުން ވަސް ބަލައިލިއެވެ. ރިއާންއަށް އެ މަންޒަރު ފެނުމާއެކު ކަރުކެހިލުމަށްފަހު ދެފަރާތަށް ބޯ ހޫރައިލިއެވެ. ފަހަތުގައި ހިނގަމުންދިޔަ އެއްވެސް ކަމެއްގެ ހިލަމެއް ނުވާހާލު ޝައިނާ އޭނާގެ ޑިޕަރޓްމެންޓް ހުންނަ ފްލޯއަރ ހުޅުވުނު ލިފްޓުގެ ދޮރުން ނުކުތެވެ.
“ހާދަ ވަރެއް ވެފައޭ ދޯ” ރިއާންއަށް އެންމެ ސިކުންތެއްވެސް އިތުރަށް ރާހިލްއާ ދިމާކޮށްނުލައި ނުހުރެވުނެވެ.
“އަހަރެންނަކަށް ނޭނގެ ތި ކިޔާ އެއްޗެއް” ފޯނަށް ކަޅިހުއްޓައިލުން ރާހިލް ބުންޏެވެ.
ލިފްޓުގެ ދޮރު ހުޅުވުމުން ދެމީހުން އެކުގައި ރިއާންގެ ކެބިންއަށް މިސްރާބު ޖެހިއެވެ. އެތެރެއަށް ވަދެވުމާއެކު ރާހިލް ސޯފާއަށް ޖެހިގަންނަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރުވެސް އޭނާގެ ނަޒަރު ހުރީ ފޯނަށް ހުއްޓިފައެވެ. އިނގިލިތަކުގެ ހަރަކާތް ހުރިގޮތުން ކޮންމެވެސް މީހަކާ މެސެޖުން ވާހަކަ ދައްކަނީކަން އެނގުނެވެ. މާގިނައިރެއްނުވެ ރިއާން ދެ ކޮފީތަށި ހިފައިގެން އައިސް ރާހިލްގާތު އިށީނދެލިއެވެ. އޭނާއަށް ފޯނުގައި ޓައިޕްކުރަމުންދިޔަ ރާހިލްގެ މޫނުމަތީގައިވި ހިނިތުންވުމުން ވެގެންއުޅޭގޮތް ކޮންމެވެސް ވަރަކަށް ރޭކައިލިއެވެ. އޭނާ އެތަނުގައި އިށީންކަންވެސް ރާހިލްއަށް ނޭނގޭ ކަހަލައެވެ. ރިއާން އަނެއްކާވެސް ކަރުކެހިލިއެވެ.
“ރޯގާ ޖެހުނީތަ؟ ނޫނީ ކަރުގަ އެއްޗެއް އަޅައިގަތީތަ؟ ލިފްޓުގަ ހުރިއިރުވެސް ތި ކަރުކެހުން ނޫންކަމެއް ނުކުރޭ ވިއްޔާ” ރާހިލް ފޯނަށް ގެއްލިފައި އިނދެ ބުންޏެވެ.
“އޮފީސް ވަގުތު އަހަރެންގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސް އެޅޭހެން މެސެޖު ކުރަންޏާ އަހަރެންނަށް ފިޔަވަޅު އަޅަން ޖެހޭނީ އެ މުވައްޒަފަކާ ދޭތެރޭގަ އިނގޭ” ރިއާންގެ އިންޒާރާއެކު ރާހިލް ފޯނު ބާއްވައިލިއެވެ. އަދި ރިއާންއަށް ލޯ އަޅައިލަމުން މޭޒުމަތީގައިހުރި ކޮފީތަށި ތުނބުގައި ޖަހައިލިއެވެ.
“މިރޭ ލަޒާންޏާ ހަދާދޭނަމޭ ޝައިނާ ބުންޏޭ” ރާހިލް ބުނެލިއެވެ.
“ހުމްމް. ލަޒާންޏާ ނަމުގަ އިތުރު އެއްޗެއް ނަހަދައްޗޭ އަނެއްކާ” ރިއާންވެސް ކޮފީއަށް އިންސާފު ކޮށްލިއެވެ.
“ކީކޭ ކިޔަން ތި އުޅެނީ؟” ރާހިލް އަހައިލިއެވެ.
“އަހަރެން މިވަރަކުން ރާހިލް މިހޯދީވެސް މި ވާހަކަ އަހަންވެގެން. ރާހިލް މިހާރު ތިކަން ނިންމީތަ؟” ރިއާން އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު އަހައިލިއެވެ.
“ތިބުނީ؟” ރާހިލްއަކަށް ރިއާންގެ ވާހަކަ ފަހުމެއް ނުވިއެވެ.
“ނޭނގޭ ކަމަށް ހަދާނެ ކަމެއް ނެތް. މިބުނީ ޝައިނާގެ ކަންތައް. މިފަހަކަށް ރާހިލްއަށް ތި ވެގެން އުޅޭ ގޮތެއް އަހަރެންނަކަށް ނޭނގުނު” ރިއާން ބުންޏެވެ.
“އަހަރެންނޭ؟ އަހަރެންނަށް ކަމެއް ވެއްޖެތަ؟” ރާހިލް އާދައިގެ ރާގެއްގައި އަހައިލިއެވެ.
“ވީ ކިހިނެއްކަމެއް ނޭނގޭތަ؟ އެރަށުން އައިއްސުރެން ޝައިނާއާ ބައްދަލުނުކޮށް ރާހިލް ހޭދަކުރި އެންމެ ދުވަހެއް ބުނެބަލަ. ހީވަނީ ރާހިލްއަށް ޝައިނާ ނުލާ މިހާރު ނޭވާވެސް ނުލެވޭހެން. ޝިމާންގެ މަންމަމެން ނިޔާވި ދުވަހު ރާހިލްއަށް ކޮށްފަހުރި އަސަރާއި… މިއަދު ރާހިލްގެ މޫނުމަތިން ފެންނަންހުރި ހިނިތުންވުމާ… މި ހުރިހާކަމެއް ގުޅެނީ ޝައިނާއާކަން ނޭނގޭހާ އަހަރެންގެ ސިކުނޑި ޅައެއް ނޫނޭ. ވަޓް އިޒް ހެޕެނިންގް ޓު ޔޫ ބްރަދަރ؟” ރިއާން އަހައިލިއެވެ.
އެ ސުވާލާއެކު ރާހިލްއަށްވެސް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރިއާން އޭނާއާ އެ ކުރިމަތި ކުރުވީ އެރަށުން ފަށައިގެން ރާހިލް އޭނާގެ އަމިއްލަ ނަފްސާ ކުރަމުން އަންނަ ސުވާލެވެ. ހާސްވެފައި އިނދެ ރާހިލްއަށް އެއްއަތުން އޭނާގެ އިސްތަށިގަނޑުގައި އަތްފުނާ އަޅައިލެވުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



When next??? Curiously waiting 😭😭