ކެތްމަދުވެފައިހުރެ ޝައިނާގެ ފަހަތުން ލެެއްޕެންއައި ދޮރު ކޮށްޕާލަމުން ރާހިލް އެ އެޕަރޓްމެންޓްގެ ތެރެއަށް ވަދެގަތެވެ. ސިޓިންގްރޫމްގެ މެދަކާ ހިސާބުގައި ހުރި ޝައިނާއަށް ސިހިފައި ފަހަތް ބަލައިލެވުނެވެ. ރާހިލް ވަކިން އެހެންތަނަކަށް ބަދަލުވީއްސުރެން ފުރަތަމަ ފަހަރަށް އެ އެޕަރޓްމެންޓްގެ ތެރެއިން ފެނުމުން އޭނާ ހައިރާންވިއެވެ. އެކަމާ ނުރުހި އެއްޗެއް ބުނަން އަނގަ ހުޅުވައިލިއެވެ. އެހެނަސް އެބަސްތައް ދުލުން ބޭރުވުމުގެ ކުރިން ދުރު ފިޔަވަޅުތަކެއްގައި އައި ރާހިލް އެދެމީހުންގެ ދެމެދުގައިވާ ޖާގަ ނައްތައިލިއެވެ. އަދި ޝައިނާގެ މޫނުގައި ހިފަހައްޓައިލަމުން ފިނިން ތުރުތުރު އަޅަމުންދިޔަ ޝައިނާގެ ތުންފަތް ގައިދު ކޮށްލިއެވެ.
އެސްފިޔަ ޖަހައިލާފަދަ މަދު ހިނދުކޮޅެއްގެ ތެރޭގައި ހިނގައިދިޔަ ކަންތަކުގެ ސަބަބުން ހިނދުކޮޅަކަށް ޝައިނާގެ ހިތުގެ ތެޅުންވެސް މަޑު ޖެހިލި ކަހަލައެވެ. މިވަނީ ކިހިނެއްކަން އޭނަގެ ސިކުނޑިން ބުނެދިނުމާއެކު ހަމަ އެހާމެ އަވަހަށް ހިތުގެ ތެޅުން މެކުހަށް ޖަހައިފިއެވެ. ހިނދުކޮޅަކަށް ހަރަކާތް ހުއްޓިފައި ހުރެވުނު ނަމަވެސް އޭނާއަށް އެކަން އިހުސާސް ކުރެވުމާއެކު ދެފަހަރެއްގެ މަތިން ރާހިލްގެ މޭގައި އަތްއަޅައި ކޮށްޕައިލިއެވެ.
ރާހިލްއަށް އެކަމުގެ ހިލަމެެއްވެސް ނުވާކަހަލައެވެ. ހިލައިން ހަދައިފައިވާ ފާރެއްގައި ހުންނަ ފަދަ ސާބިތުކަމެކޭ އޭނާގެ ހަށިގަނޑުގެ ސާބިތުކަމެކޭ ތަފާތެއް ނެތެވެ. އިސާހިތަކު ޝައިނާވެސް ރާހިލްގެ މެއަށް ދެމުންއައި ހަމަލާތަށް ހުއްޓައިލިއެވެ. އެފަދަ ފިނިރެއެއްގައި އެކެއްއަނެކެއްގެ ފަރާތުން ލިބެމުންދާ ހޫނުން އެހަށިތަކުގެ ހީފިލަމުންދާއިރު ދެމީހުންނަށްވެސް އެ ވަގުތުކޮޅު ދިގުދެމިގެން ދިޔުމަށް އެދެވުނެވެ. ޝައިނާގެ އަތްބީއްސާލެވޭ ކޮންމެ ގޮތަކުން ރާހިލްގެ މެއާއި ބަނޑުގައި ގޮޅިގޮޅި ޖެހި އެތުރިފައިވާ މަސްތަށް އިހްސާސްވަމުންދިޔައެވެ. ބޭއިޙްތިޔާރުގައި އޭނާގެ ދެއަތްތިލަ ރާހިލްގެ ތެތްއިސްތަށިގަނޑުގެ ތެރެއަށް މަހާލެވުނެވެ. ރާހިލްގެ އަތްވެސް ޝައިނާގެ ހަށިގަނޑުގައި ބީހެމުންދިޔައީ އެ ހަށިގަނޑުގެ ކޮންމެ ވަނާއެއް ދަސްކުރަން އުޅޭފަދައިންވެ. އެ ހަށިގަނޑުގެ ރީތި ބައްޓަން އޭނާގެ ހިތާއި ސިކުނޑީގައި ކުރަހާލަން އުޅޭ ކަހަލައެވެ. އިސާހިތަކު ދެ ނޭވާ ގުޅި އަވަސްވަމުންދިޔަ ހަރަކާތްތަކާއެކު ދެހިތުގެ ވިންދު އެއްރާގެއްގައި ޖަހަން ފަށައިފިއެވެ.
ކުއްލިއަކަށް ޝައިނާ އަތުގައި ހުރި ބާރެއްލުމަށްފަހު ލުއްކެތްޖަހައި ރާހިލް ދުރަށް ކޮށްޕައިލިއެވެ. ކަންކަށި މައްޗަށް އަރައިގެންދިޔަ ވަރުގަދަ ހަމަލާއިން ރާހިލްއަށް ސިހުން ލިބުނެވެ. އޭނާގެ ސިކުނޑިއަށް ވެރިވެފައިވި މަސްތުކަމުން ހޭލެވުނުކަހަލައެވެ. ރާހިލް މަލާމާތުގެ ރާގަކަށް ހޭން ފެށްޓެވެ.
“ރިއަލީ؟ އަހަހަހަ.. އަހަރެން އަތްލީމަ ދޯ ކަމު ނުދަނީ؟ ރާފިއު ކޮންމެ ގޮތަކަށް ގައިގައި ކޭތުނަސް މައްސަލައެއް ނޫން. އަހަރެންނަށް ވަރަށް ރަނގަޅަށް ތިކަހަލަ އަންހެނުންގެ ގޮތް އިނގޭ. އަހަރެންގެ އަމަލުތަކަށް ފާޑުކިޔާފަ އަހަރެން ކުރިމަތީ މާ މާތް މީހަކަށް ވެގެން އުޅެނީ އަހަރެންނާ ދޭތެރޭ އަހަރެންނާ ދޭތެރޭ ހަމައެކަނި ޒީވާގެ ބޭބެގެ ނަޒަރުން ދެކޭތީ. ތިކަހަލަ ރީތިކަން ނީލަންކިޔާ ކޫޑި–” ރާހިލްގެ ވާހަކަ ފުރިހަމަ ނުކުރެވެންދެން ޝައިނާ އަނެއްކާވެސް ރާހިލްގެ މޫނުމަތީގައި އެތިފަހަރެއް ޖެހިއެވެ.
“ނުކުމޭ. މިބުނީނު ހަމަ މިހާރު ނުކުންނާށޭ މިތަނުން.” ޝައިނާގެ އަޑު އެޕަރޓްމެންޓްގެ ތެރޭގައި ގުގުމާލިއެވެ.
ރާހިލްގެ އަނގައިން ނުކުތް ހަޑިމުޑުދާރު ބަސްތަކުން ޝައިނާގެ އަމިއްލަ ނަފްސު ދިފާއުކުރަން ކިތަންމެ ބޭނުންވި ނަމަވެސް އޭނާ އެކަމެއް ނުކުރާނެއެވެ. ރާހިލް އޭނާއާ ދިމާލަށް އެ ފޮނުވާލި ބަސްތަކަކީ މުޅި އުމުރުގައި އޭނާ އެ ބަސްތަކަކުން ސަލާމަތްވާން މަސައްކަތްކުރި ބަސްތަކެވެ. އުޅުމެއް ނެތް މައިންބަފައިންގެ ސަބަބުން ދުނިޔެއަށް އުފަންވިއިރުވެސް ގެއްލިފައިވި އިއްޒަތާއި އަބުރު ހޯދައި ގަދަރުވެރި މީހަކަށްވުމަށް އޭނާ ކިހާ މަސައްކަތެއް ކުރިހެއްޔެވެ؟ ފުރާވަރަށް އެޅުނީއްސުރެން ފިރިހެންކުދިންނާ ވީހާވެސް ދުރުން އޭނާ އުޅުނީ އެފަދަ ތުހުމަތުތަކުން ސަލާމަތްވުމަށެވެ. ނަމަވެސް ރާހިލްގެ ފަރާތުން އިވުނު ބަސްތަކުގެ ސަބަބުން ފަޅި ސުކުންތުކޮޅެއްގެ ތެރޭގައި އޭނާ އެކަމަށްޓަކައި ކުރަމުން އައި މަސައްކަތް ބިމާ ހަމަވެއްޖެއެވެ. އެންމެ ގާތުގައި ހުރެ އޭނާ ހެެއްވާލުމަށްފަހު ރާހިލް އެ ހިފީ އޭނާގެ ބަލިފައިގައެވެ. ރާހިލްގެ ހިތުގައި އޭނާއަށް ކުޑަވެސް އިޙްތިރާމެއް ނެތީ ހެއްޔެވެ؟
ކިތަންމެ މަސައްކަތް ކުރިނަމަވެސް ހިތުގައި ޖެހުނުވަރު ޝައިނާއަކަށް ނުފޮރުވުނެވެ. އިސާހިތަކު އެސްފިޔަތަށް ފޫދުއްވާލައި ފައިބައިގެންއައި ބަރު ކަރުނަތިކިތަށް އޭނަގެ ކޯތާފަތް ތެތްމާލިއެވެ. އެމަންޒަރު ރާހިލްއަށް ފޮރުވުމަށްޓަކައި އޭނާ ފަހަތަށް އެނބުރުނެވެ.
“ކީކޭ ހިތަށް އަރައިގެންތަ ތި އުޅެނީ؟ ކޮބާތަ ރާހިލްގެ މައްސަލައަކީ؟” ޝައިނާގެ އަޑުގައިވި ހިތްދަތިކަން އިވުމާއެކު ރާހިލްގެ ސިކުނޑި އަލުން މަސައްކަތްކުރަން ފެށިއެވެ. ހިނގައިދިޔަ ކަންތައްތަކާއި ބުނެވިފިޔަ އެއްޗެެއްސާމެދު އޭނާއަށް ވިސްނައިލެވުނީ އަދި ކިރިޔާއެވެ. ކުރިން އޭނާގެ ސިކުނޑިވަނީ އެއަށްވުރެން ބޮޑަށް ފުސްކަމެއްގެ ތެރޭ ބެދިފައެވެ. އެކަމުގެ ތެރޭގައި އޭނާއަށް ރުޅި އިސްކުރެވުނީއެވެ.
“ހޭ ހޭ ލުކް އެޓް މީ. އައިމް ސޮރީ. އައި ޑިޑްންޓް މީން ޓު. އަހަރެން ޝައިނާއާ ދޭތެރޭ އެހެނެއް ނުދެކެމޭ.” ރާހިލް ޝައިނާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އޭނާއާ ކުރިމަތިވާހެން އަނބުރާލެވޭތޯ އުޅުނެވެ. ޝައިނާ އެ އަތް ފޮޅުވައިލަމުން އިތުރަށް ދެ ފިޔަވަޅު ކުރިއަށް އަޅައިލިއެވެ.
“ޝައިނާ ޕްލީޒް… އަހަރެންނަކަށް ނޭނގެ މިދުވަސްކޮޅު އަހަރެންނަށް ވެގެން އުޅޭގޮތެއް. ރުޅިއަންނަނީ. އުނދަގުވަނީ. ޝައިނާގެ ކަމަކިއްޔާ އަދި ސަފުން އަހަރެންގެ ސިކުނޑި ފަޅައިގެންދާކަހަލަ. ފަހަރެއްގައި އަހަރެންނަށް އެރޭ ޝައިނާ ފާހަނައަށްލާފަ ތަޅުލެވުނީމަ ވީގޮތުން މާބޮޑަށް ވިސްނެނީ ކަންނޭގެ. އެކަމާ ގިލްޓީވަނީ ކަންނޭނގެ. އެކަމަކު ޕްލީޒް. އަހަރެން ދެންމެ ކީ ހުރިހާ އެއްޗެއް ހަނދާން ނައްތާލާ.” ރާހިލް މާޔޫސްވެފައިހުރެ ބުންޏެވެ.
“އަހަރެންނަށް ރަނގަޅީ ރާހިލް މިވަގުތު ދިޔައިއްޔާ” ޝައިނާ ހަރުކަށިކަމާއެކު ބުންޏެވެ. ރާހިލްގެ ބަހަނާތަށް އަޑުއެހުމުގެ އެއްވެސް ޝައުގެއް އޭނާގެ ނެތެވެ.
ރާހިލް މަޑުމަޑުން ބޯ ޖަހައިލުމަށްފަހު ޝައިނާ އެދުނު ފަދައިން އެތަނުން ނުކުތުމަށް ހިނގައިގަތެވެ. އެ ފިޔަވަޅުތަށް އޮބާލައިގޮސް ދޮރުން ނުކުމެ ދޮރު ލެއްޕުނު އަޑާއެކު ޝައިނާގެ ރުއިމާއި ގިސްލުމުގެ އަޑު މުޅި އެޕަރޓްމެންޓްގެ ތެރޭގައި ގުގުމާލިއެވެ. މޭގައި އަތް އަޅައިލަމުން އޭނާއަށް ބިންމައްޗަށް ތިރިވެވުނެވެ. ތުއްތުއިރުއްސުރެން މީހުންގެ ފަރާތުން އިވެމުންދިޔަ ބަސްތަކާ ނުރުހުމުގެ ބެލުންތަށް އޭނާގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ. ފަސްއަޅާ ވަޅުލެވިފައިވާ މާޒީގެ ސަފްހާތަށް ތިލަވެ އޭނާގެ ހަނދާނާއި ބައްދަލުކުރިއެވެ.
14 އަހަރު ކުރި
މަދަރުސާގެ ދޮރާށިން ނުކުމެގެން އައި 9 އަހަރުގެ ތުއްތު ޝައިނާގެ ކޯތާފަތް ތެމިފައިވަނީ ތާޒާ ކަރުނައިންނެވެ. އޭނާގެ ފަހަތުން ނުކުތް ހަމަ އެފުރައިގެ އަންހެންކުއްޖަކު ޝައިނާއާ ދިމާލަށް ދެރަވެފައި ބަލައިލިއެވެ. އެއަށްފަހު ދުވެލާފައި ދުރުގައި ބަލަންހުރި އެކުއްޖާގެ މަންމަގެ ގާތަށް ދިޔައެވެ. ޝައިނާވެސް ގޮސް ދުރުގައިހުރި އޭނާގެ ދޮންތަގެ އަތުގައި ހިފައިލިއެވެ.
“ދޮންތިގެ ޕްރިންސަސްއަށް ރޮވެނީ ކީއްވެ؟” ފަނަރަ އަހަރުގެ ޝިޔާނާ އޭނާގެ ކޮއްކޮގެ ކޯތާފަތް ފޮހެލައިދެމުން ބުންޏެވެ.
“ލަމްޔާބުނީ ލަމްޔާގެ މަންމަ ބުންޏޯ ކޮއްކޮއާ ވާހަކަ ނުދައްކާށޭ. އެއީ ކީއްވެތަ ދޮންތީ؟ އެއްވެސް ކުއްޖަކު ކޮއްކޮއާ ފްރެންޑް ވާން ބޭނުން ނުވަނީ. ޝައި ހަޑިތަ.” ތުއްތު ޝައިނާގެ އަޑުން އިވެމުންދިޔަ ޝަކުވާތައް އަޑުއަހާކަށް ޝިޔާނާއާކަށް ފަސޭހައެއް ނުވެއެވެ. ނަމަވެސް ކޮއްކޮއަށް ހަގީގަތް ކިޔާދޭނެ ހިތްވަރެއް އޭނާގެ އެއްނެތެވެ. ކޮއްކޮގެ ވާހަކަތަކަކީ އަސްލެެއްނެތް ވާހަކަ ތަކެެއްކަން އޭނާއަށް އެނގެއެވެ. އެދެބެއިންގެ ގައިގައި ހުންނަ އޮޅަލި ކުލައިގެ އޮމާން ހަންގަނޑާއި މޫނުގައިވާ ރީތިކަމަކީ ދުނިޔޭގެ ފެންވަރުގައިވެސް އެތަކެެއް ފަންނާނުންނެއް ބޮޑުއަގު ދިނުމަށްފަހު ހޯދަން ބޭނުންވާފަދަ ކުލައަކާއި ރީތިކަމެކެވެ. އެއީ އެދެބެއިންގެ މަންމަގެ ފަރާތުން ވާރުތަކޮށްފައިވާ ރީތިކަމެކެވެ. އެދެބެއިންގެ މަންމަގެ ހަޔާތް އަޑިގަނޑަކަށް ވައްޓައިލިފަދަ ރީތި ކަމެކެވެ.
“ކޮއްކޮ ވަރަށް ރީއްޗޭ. ހުރިހާ ކުދިން ޖޭ ވަނީ” ޝިޔާނާ ޝައިނާގެ ދަބަސް ކޮނޑުގައި އަޅުވައިލުމަށްފަހު ޝައިނާ ގޮވައިގެން ހިނގައިގަތެވެ. ތަންކޮޅަކަށް ދެވުނުތަނާހެން ބައިސްކަލުގައި އަންނަ ގްރޫޕް ފެނި އޭނާއަށް އިސްޖަހައިލެވުނެވެ. ހިނގުން އަވަސްކުރަން ބޭނުންވިޔަސް ޝައިނާއަށް އޭނާއާ އެއްވަރަށް ނުހިނގޭނެތީ އެ ހިޔާލު ދޫކޮށްލީއެވެ.
“އޭ ޝިޔާ. މި ހިތުގާ ވިދާ… ކުރާނަން މަގޭ ހިތް ފިދާ” ބައިސްކަލުގައި އައި ގްރޫޕް ޝިޔާނާއާ އެއްވަރު ކޮށްލަމުން އެއްރާގަކަށް ކިޔަން ފެށިއެވެ.
“އޭ ޝިޔާ. މިރޭ އިންވައިޓްއެއް ދޭންވީނު” އެކަކު އޭނާގެ އަތުގައި އޮތް މަލެއް ޝިޔާނާގެ މޫނުގައި އުނގުޅައިލަމުން ބުންޏެވެ. ޝިޔާނާ އޭނާގެ މޫނު ދުރުކޮށްލިއެވެ.
“އޭ. މަންމަ ކައިރިއަށް ޖައްސާލީމަ ބައި-ވަން-ގެޓް-ވަން ފްރީއެއް ހަދާ ނުލެވޭނެތަ؟” އެހެން ބައިސްކަލެއްގައި އިން މީހަކު ބުންޏެވެ. ޝިޔާނާ އެއިން ކަމަކަށް ރައްދު ނުދިންތާ އިސް އުފުލާވެސް ނުލިއެވެ.
“މާ ނޫންކަމަށް ހެދިގެން މައުސޫމު ކަމަށް އެކްޓް ޖައްސަނީދޯ.. މަންމަ ކުރާތަން ފެނި އިވިފަ ކުރާހިތްނުވެ ހުންނާނެތަ؟” އެހެން މީހަކު އެހެން ބުނުމާއެކު އެތާ ތިބި އެންމެން ހޭން ފެށިއެވެ. އޭރު ޝިޔާނާމެންގެ ގެ މަގުގެ ކޮޅުން ފެންނަން ފަށައިފިއެވެ. އެހެންކަމުން ޝައިނާގެ އަތަށް ދަމައިލަމުން ޝިޔާނާ ހިނގުން ކުޑަކޮށް ބާރުކޮށްލިއެވެ.
“އޭ އޭ ހާދަ އަވަހަކަށް. ރިލެކްސް މަންޖޭ. އަން މިއޮތީ މަލެއް..” އެތަނުން މާ ހިފައިގެން ހުރި މީހާ އެ މާ އެއްލީ ސީދާ ޝިޔާނާގެ މޭ މައްޗަށެވެ. މާފުންކޮށް ކަފައިފައިވާ ކަރުވަޅެއް ނޫންނަމަވެސް އެމަލުގެ އެއްބައި ޝިޔާނާގެ މޭމަތިން ހެދުމުގެ ތެރެއަށް ވަނެވެ.
“އޭ ނަސީބުހުރި މަލެކޭ ދޯ” އެމަންޒަރު ބަލަންތިބި އެންމެން ހޭންފެށިއެވެ. އޭރު ޝިޔާނާ ގެއަށްވަދެ ދޮރާށި ލައްޕައިލިއެވެ. ދޮރުގައި ލެގިިލައިގެންހުރެ ފުންނޭވައެއް ދޫކޮށްލުމަށްފަހު ހެދުމުގެ ތެރެއިން މާ ނަގައި އެއްލައިލިއެވެ. އޭނާ ވަނީ ފެންކަޅިވެފައެވެ. ނަމަވެސް ކަރުނަތައް ހިންދައިލަމުން ކޮއްކޮ ޝައިނާއަށްޓަކައި އެ މޫނުމައްޗަށް މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްލިއެވެ. އަދި މައިގެއަށް ވަނުމަށް ހިނގައިގަތެވެ.
އެގެއަކީ މުޅިރަށުގައިވެސް ނެތްފަދަ ރީތި ގެއެކެވެ. ވާނީވެސް އެހެންތާއެވެ. އެ މުޅިރަށުގެ އިތުރުން އެ އަތޮޅުގައިވެސް އެންމެ އަގުބޮޑު ޑިމާންޑުހުރި މަސައްކަތް ކުރަނީ އެދެބެއިންގެ މަންމަވިއްޔާއެވެ. އެ ގެދެކެ ކިތަންމެ ފޫހިވި ނަމަވެސް މިއަދު ޝިޔާނާމެންނަކަށް އެރަށުން ހިޔާވަހިކަށް ލިބޭނެ އިތުރު ގޮތެއް ނެތެވެ. މާލެ ގޮސްފިނަމަ އުޅެން ޖެހޭނެ ހާލު އޭނައަށް އަންދާޒާ ކޮށްލެވެއެވެ. މަންމަ އޭނާ ސްކޫލަށް ވެެއްދިއެވެ. އެކަމަށް ބޭނުންވާ ވަސީލަތްތަށް ހޯދައިދިނެވެ. ނަމަވެސް މަންމަގެ ފަރާތުން ލިބެމުންދާ އަނިޔާއާ ބަސްތަކުގެ ސަބަބުން ކިޔެވުން ވެގެންދިޔައީ އޭނާއަށް ނަފްސާނީ ގޮތުން ގޮންޖެހުމަކަށެވެ.
އޭނާގެ އުމުރުން 6 އަހަރުގައި މަންމަ ޝައިނާ ވިހެއުމާއެކު އޭނާގެ ހައްޓަށް ލިބެމުންދިޔަ އަނިޔާތަށް މަދުވި ނަމަވެސް އޭރު އޭނާގެ ބޮލުގައި އިތުރު ޒިންމާއެއް އެޅުނެވެ. ކޮއްކޮގެ ނެޕީ ބަދަލުކޮށް ގައިން ތާހިރުކުރަވަން ޖެހެނީ އޭނާއަށެވެ. އުމުރުގެ ހަގުކަމާއެކު ބައެއްފަހަރު އޭނަގެ ސަބަބުން ކޮއްކޮއަށް އަނިޔާވިޔަސް އޭނާއަކަށް އިތުރު ގޮތެެއްނެތެވެ. ވިހެއުމާއެކުވެސް މަންމަ ކޮއްކޮއަށް ގާތުންދޭން ދެކޮޅު ހެދުމުން ކޮއްކޮއަށް ބުއްފުޅި ގިރާފައިވެސް ދޭން ޖެހުނީ އޭނާއަށެވެ. ކޮއްކޮގެ އުމުރާ ގުޅޭ އެއްޗެއްތޯވެސް ނުބަލައި އޭރަކު ލިބުނު އެއްޗަކުން ކޮއްކޮގެ ކެއިން ބުއިން ހަމަޖައްސަމުން ދިޔައިރު އެ ކުރެވުނީ ކިހާ ނުރައްކާތެރި ކަމެއްކަން އޭރަކު އޭނާއަކަށް ނޭނގެއެވެ. އެފަދަ ޅަ އަމަލުތަކުގެ ސަބަބުން ކޮއްކޮއަށް ދެރަގޮތެއް ދިމާ ނުކުރެއްވި ކަމަށްޓަކާ އޭނާ ﷲއަށް ހަމްދު ކުރެއެވެ.
އޭނާއެކޭ އެއްފަދައިން ބައްޕައަކާނުލާ ދުނިޔެެއަށް އުފަންވިކަމުގައި ވިޔަސް އެ ކޮއްކޮ އެއީ އޭނާއަށް އެ އިލާހު ދެއްވި ނިއުމަތެއް ކަމުގައި އޭނާ ދެކެއެވެ. އެ ކޮއްކޮއަކީ އޭނާގެ އެކަނިވެރިކަން ފިލުވައިލުމަށްޓަކައި ލެއްވުނު ރަހްމަތެކެވެ. ދިރިއުޅުމަށްޓަކައި ލެއްވި މަގްސަދެކެވެ. އެހެންކަމުން އޭނާދަނީ ވަރަށް ހިތްވަރުކުރަމުންނެވެ. އޭނާއަށް ލިބުންފަދަ އަނިޔާތަކުން ކޮއްކޮ ސަލާމަތްކުރުމަށެވެ. އޭނާއަށް ނުކިޔެވުނު ކިޔެވެލި ކޮއްކޮއަށް ކިޔަވައިދިނުމަށެވެ. އޭނައަށް ނުލިބުނު ލޯބި ކޮއްކޮއަށް ދިނުމަށެވެ. އެހުރިހާ ކަމެއް ﷲގެ އިރާދަފުޅާއެކު އޭނަ ކުރަމުންދިޔައެވެ. އޭނާ ނާކާމިޔާބުވެފައިވަނީ އެންމެ ކަމެއްގައެވެ. އޭނައަށް އިވުންފަދަ ބަސްތަކަށް ކޮއްކޮގެ ކަންފަތުގައި އަތްއެޅުމަށެވެ. މީހުންގެ ދުލުގައި އޭނާއަކަށް ނުހިފެެއްޓޭނެއެވެ. ނަމަވެސް އޭނާއަކީ މިއަދު އެ ކޮއްކޮގެ މަންމައާއި ބައްޕަވެސްމެއެވެ. އޭނާގެ އަމާޒަކީ ކޮއްކޮއަށް ވަޒީފާއެއް ލިބޭވަރަށް ރަނގަޅަށް ކިޔަވައިދީ ތަރުބިއްޔަތު ކުރުމަށްފަހު މާލެ ބަދަލުވުމެވެ. އެ ކުޑަ އާއިލާގެ ފަތިފުށް ނޭނގޭ ތަނަކަށް ދެވުމުން ފަހަރުގައި އޭނާއަށްވެސް ދިރިއުޅުމެއް ފެށިދާނެއެވެ. އެކަމަށްޓަކައި އޭނަ ކުރަންޖެހޭ އިންތިޒާރު ކިތަންމެ ދިގު ކަމުގައިވިޔަސް އެއީ ފޮނި އިންތިޒާރެކެވެ.
“ބަލަ އަދިވެސް ބަތްތެލި އުދާ ނުލެވެނީތަ؟ ކިޔަވަން ދަނީކީ ނޫން މަސައްކަތެއް ކުރަނީކީ ނޫން. ކަލޭ ބައްޕަ ކަލޭ ގެންގޮސް ގަނޑުވަރެއްގަ ބައިންދާނެ ކަމަށްތަ ތީނީ. އޭނަ ގަބޫލެެއްނުކުރެއޭ ކަލޭތީ އޭނަ ދަރިއެއްކަންވެސް” މަންމަގެ ހަޅޭކާއެކު ޝިޔާނާގެ ދުވަސް އަދި ކިރިޔާ ފެށުނީއެވެ.
“ކޮއްކޮ ސްކޫލަށް ފޮނުވާލާފަ ޖައްސާލިތަނުން ނިދުނީއޭ މަންމާ. ހޭލިއިރު ހުރީ މާ ލަސްވެފަ.” ޝިޔާނާ އަވަހަށް ބަދިގެއަށްވަދެ އޭނާގެ މަސައްކަތް ފެށިއެވެ. ކައްކާފައި ޝައިނާއަށް ކާން އަަޅައިދިނުމަށްފަހު ތެލިތަށި ދޮވެ ގޭތެރެ ފޮޅައި ސާފުކޮށް އެއްޗެހިދޮވެ އިސްތިރި ކުރުމުގައި އޭނާ އުޅުނެވެ. އިރު އޮއްސެންވާއިރަށް ޝައިނާ ގޮވައިގެން ކޮޓަރިއަށް ވަދެވޭވަރުވީ ކިރިޔާއެވެ. ކޮއްކޮއާއެކު ނަމާދުކޮށް ކޮއްކޮއަށް ޤުރުއާން ކިޔަވައިދިނުމަށްފަހު އޭނާ ކޮއްކޮގެ ފިލާވަޅުތަކުގައި އެހީވެދިނެވެ. ގިނަ މާއްދާތަކެއް ނޭނގުނެއްކަމަކު އޭނާއަށް ހިސާބު ކޮންމެވެސް ވަރަކަށް އެނގެއެވެ. އެކަން ނިންމައިލުމަށްފަހު އޭނާ އަވަސްވެގަތީ މަންމަގެ ފާހިޝް އަމަލުތަކުގެ ކިއްލާއަކަށް ގެ ބަދަލުކޮށްލުމުގެ ކުރިން ޝައިނާ ނިންދެވުމަށެވެ.
ތުއްތު ޝައިނާ އަވަސްއަވަހަށް އެކަމާ އެއްބަސްވިއެވެ. ސުވާލުނުކުރި ކަމުގައިވިޔަސް އެގޭތެރޭގައި އާދަޔާހިލާފު ކަމެއްހިނގާކަން އެތުއްތު ސިކުނޑިއަށް ވިސްނެއެވެ. ދޮންތައަށް ކުރިމަތިވާ ފުރައްސާރަތަކާއި އެކަމާ ގުޅުމެއްވާކަންވެސް އެނގެއެވެ. ބައެއްރޭރޭ ޝައިނާއަށް ހޭލެވޭއިރު ގޭތެރެއިން ބިއްލޫރި ފުޅިތައް ތެޅުވޭއަޑާއި ފިރިހެނުން ވާހަކަ ދައްކާއަޑު އޭނާއަށް އިވެއެވެ. އެ ހުރިހާ އަޑެެއްގެ ތެރެއިންވެސް އޭނާއަށް އެންމެ ފާހަގަ ކުރެވެނީ މަންމަގެ ހުނުމުގެ އަޑެވެ. އާންމު އުޅުމުގައި މަންމައަށް އެދެބެއިންނާ ހީނ ސަމާސާކުރުން ކީއްހެެއްޔެވެ؟ ވާހަކަ ދައްކާލުންވެސް ބޮޑުކަމަކަށް ވާއިރު ކޮންމެރެއަކު އިވޭ މަންމަގެ އުފާވެރި ހުނުމުގެ އަޑު ވެފައިވަނީ ޝައިނާ ވަރަށް އަހާހިތްވާ އަޑަކަށެވެ. މަންމަ އެމީހުންނާ ދޭތެރޭ ބަހައްޓާ ދުރުކަމާމެދު ޝަކުވާކުރަން ބޭނުންވިޔަސް މަންމަގެ ރުޅިގަދަކަންފެނި އެކަން ކުރާކަށް ޝައިނާއަކަށް ނުކެރެއެވެ.
އާދުވަހަކަށް އިރުއަރައިގެން އައިއިރު ރޭގައި ހިނގި އެއްވެސްކަމެއްގެ އަސަރު ގޭތެރެއަކުން ނުފެނެއެވެ. ޝިޔާނާ އަވަސް އަރުވާލައިގެން އުޅުނީ ޝައިނާ ސްކޫލުދޮށަށް ގެންދިޔުމަށެވެ. ކޮއްކޮ ސްކޫލަށް ލައިފައި ގެއަށް އައިއިރު މަންމަ ކޮޓަރީގެ ދޮރުން ނުކުންނަނީއެވެ. ފައި އެޅޭނޭޅޭ ގޮތް ނޭނގި އެއްފަހަރު އަރިއަށް އަނެެއްފަހަރު ސީދަލަށް އަންނަމުން އައިސް ޝިޔާނާއާ އަރައި ހަމަކުރިއެވެ. އެއަށްފަހު ގުޅައަކަށް ޝިޔާނާގެ އިސްތަށިގަނޑުގައި ހިފައިގަތެވެ. ވީ ތަދާއެކު ޝިޔާނާއަށް ރޮއެގަނެވުނެވެ.
“މީ ހުސް ކަަލޭގެ ކަންތައް. މަ ރީއްޗަށް ކަލޭގެ ބައްޕައާއެއްކޮށް އުޅެނިކޮށް ކަލެއާހެދި އޭނަ މަ ދޫކޮށްލާފަ ދިޔައީ. ކަލޭ މަރުވި ނަމަ. ކަލޭ ޖެހޭތަ މަގޭ ދިރިއުޅުން ހަލާކު ކުރަން” ޝާއިރާ އަނގައިން ވަރު ދޫވެފައިހުރެ ވާހަކަދެއްކިއެވެ.
“އައްދޯތް މަންމާ ތަދުވެޔޭ. ޕްލީޒް ދޫކޮށްބަލަ” ޝިޔާނާ އޭނާގެ މަންމަގެ ވާހަކަތަކަށް ރައްދުދޭކަށް ނޫޅުނެވެ. އެއީ އޭނާއަށް އާ ވާހަކަތަކެއް ނޫނެވެ. ދުނިޔެއަށް އުފަންވީއްސުރެން މިއަދާހަމައަށް ކޮންމެ ދުވަހަކު މަންމަ އޭނާއަށް އެވާހަކަތައް ތަކުރާރުކޮށްދެއެވެ. ޝިޔާނާގެ ބޮލުން ދޫކޮށްލުމަށްފަހު ޝާއިރާ ވަކި އެއްޗެެއް ބުނުމެއްްނެތި ގޮސް ސޯފާއަށް ވެއްޓިގަތެވެ.
ޝާއިރާއަކީ އެ ރަށުގައިވެސް ނެތްފަދަ އާދަޔާހިލާފު ރީތިކަމެއް ލިބިފައިވާ ފަތްމިންޏެކެވެ. އެކަމުގެ ސަބަބުން ފުރާވަރަށް އެޅިގެން އައި އިރު އެރަށުގެ އެތައް ޒުވާނުންނެއް ތިބީ ޝާއިރާ ލިބޭތޯ އެގޭދޮށުގައި މުގޯލި އަޅައަޅައެވެ. ނަމަވެސް ޝައިރާގެ ހިތްދެވުނީ މާރާމާރީއެއްގެ ކުށުގައި އެރަށަށް އަރުވާލެވިފައިހުރި ޒުވާނަކަށެވެ. އާދިލްއަށެވެ. އާދިލްގެ ގޯސްކަމުގެ ވާހަކަ މުޅިރަށުގައި ފަތުއަޑު ކިޔާފައި ފެތުރުން ނަމަވެސް ޝާއިރާ އެ އަޑުތަކަށް ދިނީ ބީރު ކަންފަތެކެވެ. އަދި މައިންބަފައިންނާ އާއިލާއަށްވެސް ސިއްރުން އާދިލާއެކު ލޯބީގެ ގުޅުމެއް ފެށިއެވެ.
އާދިލްއަކީ މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހެއްކަން އެނގުނު ހިސާބުން ޝާއިރާ އެގުޅުން ކަނޑައިލަން ބޭނުންވިއެވެ. އެހެނަސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އޭރު އެދެމީހުންނަށްވެސް ވަނީ ފަހަނައަޅައިދާން ނުޖެހޭ ކިތަންމެ އިމެއް ފަހަނައަަޅައި ދެވިފައެވެ. ޝާއިރާއަށް އާދިލް ދޫކޮށްލަން ނުކެރޭނެކަން އެނގުމާއެކު އާދިލް އޭނާގެ ރޭވުން ހަރަކާތަށް ގެނައެވެ. އާދިލްއަށް ޝާއިރާގެ ރީތިކަން ފެނުނީ ހުސްނުވާވަރަށް ފައިސާ ހޯދޭނެ މަގެއްގެ ގޮތުގައެވެ.
“ބޭބް. މީތި ޓްރައި ކޮށްލަބަ..” އާދިލް ފާޑެެއްގެ ދިޔާ އެއްޗެއް އަޅައިފައިވާ ތަށްޓެެއް ޝާއިރާއަށް ދެމުން ބުންޏެވެ.
“ނޫން އާދިލް. އަހަރެންނަކަށް ނުކެރޭނެ. އެހެންނޫނަސް މަންމައަށް އެނގިއްޖެެއްޔާ މަ މަރާލާނެ.” ޝާއިރާ ބުންޏެވެ. އާދިލް ވަގުތުން މޫނު އަނބުރައިލިއެވެ. އަދި ޝައިރާއާ ވާހަކަ ނުދައްކައި އެތަށް އިރެއް ވަންދެން އިނެވެ. ޝާއިރާ އެކަމާ ވަރަށް ދެރަވެއްޖެއެވެ.
“އަޅެ. ސޮރީއޭ ޕްލީޒް. ރުޅިނައިސްބަ… އަހަރެން މި ޓްރައި ކޮށްފާނަމޭ. އެކަމަކު މިރޭ އެކަނި” ޝާއިރާ އާދިލްގެ އަތުގައިހުރި ތަށި ނަގައި އެއްފަހަރުން އޭގެ މެދާ ހަމައަށް ހުރި އެއްޗެހި ދިރުވައިލިއެވެ. ކަރުގައި ދިލައެއްނެގި ނަމަވެސް އެކަަމަކަށް ފަރުވާލެއްނެތެވެ. އާދިލް މަކަރުވެރި ގޮތަކަށް ހިނިތުންވެލިއެވެ. އެހެން ބުނި ނަމަވެސް އެއީ ޝާއިރާ އެކަން ކުރާނެ ފަހު ރޭ ނޫންކަން އޭނާއަށް އެނގެއެވެ.
އާދިލްގެ މަސައްކަތުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރަލާއި މަސްތުވާތަކެތީގެ އެކި ވައްތަރުތަކަށް ޝާއިރާ އާދަކުރުވައިފިއެވެ. އެއާނުލައި އުޅެން ނޭނގޭ ހިސާބަށް ޝާއިރާގެ ކަންތައް ދިޔައެވެ. އެކަމާ ޝައިރާގެ ތިމާގެ މީހުން ނުރުހުންވެ ކަންބޮޑުވާއިރު ޝާއިރާގެ މަންމަ އޮންނަނީ ގިނަފަހަރަށް ވިސްނާ ވިސްނާ ބަލިވުމުގެ ސަބަބުން ރަށުގެ ސިއްހީ މަރުކަޒުގައި އެނދުމަތި ކޮށްފައެވެ. އެހެނެއްކަމަކު ޝާއިރާގެ ފަރުވާލެއް މިއިން އެއްވެސް ކަމަކަށް ނެތެވެ.
“ކޮބާ. މިރޭ ތާސްބައި ނުގެންނަންތަ؟” ފަރިތަކަމާއެކު ކުރިމަތީގައި ހުރި މޭޒުން ފުޅިއެއް ކަނޑާލައި ތައްޓަކަށް އަޅަމުން ޝާއިރާ ބުންޏެވެ. ހަމަ އެޅުމާއެކުހެން އާދިލް އެ ތަށި ޖަހައިގަތެވެ. އަދި ފުޅިއާ އެއްކޮށް ކައިރީގައި އިން ރަހްމަތްތެރިޔާގެ އަތަށް ދިނެވެ.
“އާދިލް! ކިހިނެއް ތި ހެދީ؟” ޝާއިރާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.
“ސޮރީ ބޭބް. އަބަދަކު މީއްޗެހި ފްރީކޮށެއް ނުލިބޭނެއްނު. މި ހާދަ އަގުބޮޑޭ. އަނެއްކާ ރަށަށް އަރުވަންވެސް އެހާ ރިސްކީ. ފައިއްޓެ ރިސޯޓުގަ އުޅޭތީ ކިރިޔާވެސް މިކަން ވަނީ. މިރޭ އެކަމް ޕޭ ނުކުރެވޭތީ. އަހަރެންވެސް މި އިންނަނީ އަނގަ ނަގައިގެން ކަމެއް ނުވެފަ.” އާދިލް ދެރަވެލާފައި ބުންޏެވެ.
“ކިހާވަރެއްތަ ދޭން ޖެހެނީ؟ އަން. މިއޮތީ ދުއިސައްތަ ރުފިޔާ” ޝާއިރާ އަތުގައި އޮތް ދަބަހުން ސަތޭކައިގެ ދެ ނޫޓު ނަގައި ދިއްކޮށްލިއެވެ. އެއާއެކު އެތާ ތިބި އެންމެން ހޭން ފެށިއެވެ.
“ބޭބް.. މި 200 އަކީ އެއްވެސް އެއްޗެެއް ނޫނެއްނު” އާދިލް ބުންޏެވެ.
“ކިހާވަރެއްތަ ބޭނުންވަނީ؟” ޝާއިރާ އަނެއްްކާވެސް އަހައިލިއެވެ.
“ބުނަންވީތަ؟ ވިހި ހާސް. ދޭން ނުލިބެންޏާ އެހެން ގޮތެެއް އަހަރެންނަށް އެނގޭ” ފައިހަމް ބުންޏެވެ.
“ވިހި ހާހޭ؟ ކޮންތާކުން ވިހިހާސް؟ އަޅެ ބުނެބަލަ ދެން އޮތްގޮތެއް” ޝާއިރާ ކަންބޮޑުވެފައި ބުންޏެވެ.
“ބޭބް ފައިއްޓެމެނާ އެއްކޮށް ރިސޯޓަށް ޖައްސާލަންވީ. އެތާ އުޅޭނެ މުއްސަނދިން. ބުނާ ކަންކަން ކޮށްލީމަ އެންމެ ރެއަކުންވެސް ވިހިހާސް ނެގޭނެ. ބޭބް ނުލާހިކު ރީއްޗެއްނު. ޔަގީން ނުކެޓޭނެ މީހެއް ނުހުންނާނެކަން.” އާދިލް ޝާއިރާ އިތުރަށް ގާތް ކޮށްލަމުން ބުންޏެވެ.
“ޗީޑި!!! އާދިލްއަށް އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް؟” ޝާއިރާ އާދިލްގެ އަތް ފޮޅުވާއިލަމުން ތެދުވިއެވެ.
“ކިހިނެއްވީ؟ އަހަރެންނަށްވެސް ކޮށްދެމެއްނު. ބޭބްއަށްވެސް އޯކޭއެއްނު. މި ބޭނުމިއްޔާ ޖެހޭނީ އެކަން ކުރަން” އާދިލް ތެދުވެ ހަޅޭއްލަވައިގަތެވެ.
“އަހަރެން ލޯބިވަނީ އާދިލް ދެކެއޭ. ކިހިނެެއްތަ އާދިލްއަށް ކޮށްދޭ ކަންކަން އެހެން މީހުނަށް ކޮށްދޭނީ؟؟ އަހަންނަށް ހެޔޮ ދުވަހަކު ތިއިން އެއްޗެއް ނުބޮއެ ނުދަމާ ހުންނަން ޖެހުނަސް. އަހަރެން ތިކަމެއް ނުކުރާނަން” ޝާއިރާ ރުޅިއައިސްފައިހުރެ އަތްދަބަސް ކޮނޑުގައި އަޅުވައިލަމުން އެތަނުން ނުކުތެވެ.
“އޭ ކަޑައެއްނު. ޕްލޭން ފްލޮޕް” ފައިހަމް ޗޮކެެއް ކަނޑައިލަމުން ބުންޏެވެ.
“ނޫނޭ. ފުރަތަމަ މިހެން ވާނެކަން މަށަށް އެނގޭ. ބަލަން ހުންނާތި!! ބަރާބަރު ތިންދުވަސް ތެރޭ އޭނަ އެއްބަސްވާނެ.” އާދިލް ޔަގީންކަމާއެކު ބުންޏެވެ.
އެކަންތައް ހިނގައިދިޔައީވެސް އެގޮތަށެވެ. ޝާއިރާއަށް އޭނާގެ ގޮތުގައި ކެތްކޮށްލެވުނީ ދެތިން ދުވަހަށެވެ. މަސްތަށް ދެވިހިފައިފައި ވުމުގެ ސަބަބުން އޭނާގެ ހަށިގަނޑުން ބަލިކަށިކަމުގެ އަސަރު ފެންނަން ފެށިއެވެ. ހަތަރުވަނަ ދުވަހުގެ އިރު އެރިއިރު ޝާއިރާ ހުރީ އާދިލް އެރަށުގައި ބަހައްޓާފައި ހުންނަ ގޭގެ ކޮޓަރީގެ ދޮރުމަތީގައެވެ.
“އާދިލް. ދޮރު ހުޅުވާފަ އަހަރެން ވައްދަބަލަ. ހެޔޮނުވާނެ.. އަހަރެންނަށް މިވަނީ ކިހިނެއްތަ؟ އަހަރެން މިކަމުން ސަލާމަތްކޮށްދީ. އަހަރެން އާދިލް ބުނިިކަމެއް ކުރާނަން” ޝާއިރާ އާދިލްގެ ކޮޓަރީގައި ޓަކި ޖަހަމުންދިޔައެވެ. އާދިލް ދޮރުހުޅުވުމަށްފަހު ތުރުތުރު އަޅައަޅާހުރި ޝާއިރާ އެތެރެއަށް ވެއްދިއެވެ. އޭނާ ބޭނުންކަމެއް ޝާއިރާ ލައްވައި ކުރުވުމަށް އެއްބަސް ކުރުވިއެވެ.
އެދުވަހަށްފަހު އާދިލް ބުނިފަދައިން ޝާއިރާ އޭނާގެ ރީތިކަން ގިނަބައެއްގެ ކުރިމަތީގައި ނީލަން ކިޔަމުން ދިޔައެވެ. އެންމެ އާދައިގެ މީހުންގެ އިތުރަށް ރިސޯޓްތަކަށް އަންނަ މުއްސަނދި ވިޔަފާރިވެރިންނާއި ސިޔާސީ މީހުން ހިމެނޭހެން އެންމެންގެ މެދުގައިވެސް ޝާއިރާވެފައިވީ މަގްބޫލު މީހަކަށެވެ. ހަށިވިއްކުމަކީ އޭނާ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތް ކަމުގައި ވެ ނިމިއްޖެއެވެ. ޝާއިރާ އެކަމާމެދު ކުޑަކޮށްވެސް ވިސްނާނުލަނީ އާދިލާއެކު ތަނަވަސްކަމުގައި އުފާވެރި އުޅުމެއް އުޅެވޭތީއެވެ. ނަމަވެސް ކަންތައްތައް ބަދަލު ވެގެންދިޔައީ ޝާއިރާ ބަލިވެ އިންކަން އާދިލްއަށް އެނގުނު ހިސާބުންނެވެ.
“އާދިލް ޕްލީޒް. ދެން ހިނގާބަ މެރީ ކުރަން. ނޫނީ އަހަރެން ކިހާ ލަދުގަންނާނެ؟” ޝާއިރާ އާދިލްގާތު ބުންޏެވެ.
“ދައްކާ ވާހަކަ. ކިހިނެއް އެނގެނީ ތީ އަހަރެންގެ ކަމެއްވެސް؟ މީހެއްގެ ދަރިއެއް މަގޭ ބޮލުގަ އަޅުވަން ނޫޅޭ.” އާދިލް ބުންޏެވެ.
“އަހަރެން ޕްރޮޓެކްޝަން ޔޫޒް ނުކުރަނީ ހަމައެކަނި އާދިލްއާ އެއްކޮށޭ. ކީއްވެތަ ގަބޫލު ނުކުރަނީ. ޕްލީޒް އާދިލް އަހަރެން އާދިލް ދެކެ ވަރަށް ލޯބިވެއޭ” ޝާއިރާ އާދޭސް ކުރިއެވެ. ނަމަވެސް އާދިލް އެކަމަށް ދިނީ ބީރު ކަންފަތެކެވެ. ބަނޑަށް ގިނަ ދުވަސްވެފައި ވުމުގެ ސަބަބުން ކުއްޖާ ވައްޓާލެވޭކަށް ނެތެވެ. އެބޯޝަން ހައްދަން އިތުރު ލާރިތަކެއް ހަރަދު ކުރުމުގެ ބަދަލުގައި އާދިލް ވިސްނީ އެކަމުން ބޯ ދަމައިގަންނާށެވެ. އެރަށުން ދާށެވެ. އޭނާއަށް ކޮށްފައިވާ ހުކުމުގެ މުއްދަތު ހަމަވާކަށް މިހާރު މާ ގިނަ ދުވަހެއްނެތެވެ. އެހެންކަމުން މިނިވަންވުމާއެކު އޭނާ ޝާއިރާ އެރަށަށް ދޫކޮށްލުމަށްފަހު ފުރައިގެން ދިޔައެވެ.
ޝާއިރާއަށް ހަދާނެގޮތް ހުސްވެ އޭނާގެ މައިންބަފައިންނަށް ބަނޑުގައިވާ ދަރިފުޅުގެ ވާހަކަ އެންގިއެވެ. ލިބުނު ޝޮކުގައި ބަލިކަށިވެފައިވާ ޝާއިރާގެ މަންމަގެ ހިތުގެ ހިނގުން ހުއްޓި ދުނިޔެއާ އަލްވަދާއު ކިއެވެ. ޝާއިރާގެ ބައްޕައަކީ ރަށަށް ބީރައްޓެއްސަކަށްވުމުން ލިބުނު ލަދާއެކު އެރަށުގައި ހުންނާކަށް ޝާއިރާގެ ބައްޕަ ބޭނުމެއް ނުވިއެވެ. ލޯބިވާ އަނބިމީހާ ނިޔާވުމުގެ އަސްލު ކަމުގައިވި އަންހެން ދަރިފުޅާ އޭނާ ގުޅުން ބާއްވާކަށް ބޭނުމެއް ނުވިއެވެ. ރަށު އޮފީހުގެ ވަޒީފާ ދޫކޮށްލުމަށްފަހު ޝާއިރާގެ ބައްޕަ މާލެ ދިޔައީ ހަމައެކަނި ޝާއިރާގެ ކޮއްކޮ ޝަފިއްޔާ ގޮވައިގެންނެވެ. ޝާއިރާ ރަށަށް ބިކަ ކޮށްލުމަށްފަހުގައެވެ.
މާބަނޑު ދުވަސްވަރު ޝާއިރާ އުފުލަން ޖެހުނު ވޭނަކީ އާދަޔާ ހިލާފު ވޭނެކެވެ. ހަށިގަނޑަށް ބޭނުންވާ މަސްތުގައި ނުޖެހި ގިނަ ދުވަސްވަމުން ދާ ކޮންމެ ފަހަރަކު ހޮސްޕިޓަލުގައި އޭނާއަށް އެތަށް ފަރުވާއެއް ދޭންޖެހެއެވެ. އެއްމަހު ހޮސްޕިޓަލުން އަނެއް މަހު ޖަލުން އަނެއް މަހު ގޭބަންދުން ކަހަލަ ގޮތަކަށް އުޅެމުން ޝާއިރާ ދުވަސް ނުފުރައި ޝިޔާނާ އުފަން ކުރިއިރު ޝިޔާނާގެ ހާލުވެސް އެހާމެ ދަށެވެ. ނާރސަރީގައި ހަމަސްދުވަހު ބާއްވަން ޖެހުނެވެ. ކުއްޖާ ދިރިއޮތުމަކީވެސް އަޖައިބެއްކަމަށް ގިނަ ޑަކްޓަރުން ބުންޏެވެ.
ވިހައި ގަދަވުމާއެކު ޝާއިރާ އޭނާ ކުރިން އުޅުނު އުޅުމަށް ރުޖޫއަވީ އޭނާއަކީ ދިރިހުރި ތުއްތު ފުރާނައެއްގެ މައިމީހާ ކަމުގައިވެސް ވިސްނައިލުމެއް ނެތިއެވެ. އޭނާ އުޅުނީ އޭނާއަށް ދިރިއުޅުމަށްޓަކައި ކުރަން އެނގޭ ހަމައެކަނި މަސައްކަތް ކަމުގަައިވާ ހަށިވިއްކުމުގެ ވިޔަފާރިކޮށްގެން އަތްމަތި ތަނަވަސް ކުރެވޭތޯއެވެ. އަދި އޭނާގެ މަސްތީ ދުނިޔޭގެ އުފާތައް ހާސިލް ކުރެވޭތޯއެވެ.
ހޮސްޕިޓަލުން ދަރިފުޅު ދޫކޮށްލުމާއެކު ޝާއިރާ އެކުއްޖާއާ ހަވާލުވިނަމަވެސް ތުއްތު ޝިޔާނާގެ މައްޗަކަށް އޭނާ އެެއްވެސް ރަހުމެއް ނުބަހައްޓައެވެ. ދިރިހުރެވޭ މިންވަރަށް ކާންދީ ފެން ދިނުމައްފަހު ދޫކޮށްލާފައި އޮންނަ އޮޅު ޖަނަވާރެކޭ ޝިޔާނާއެކޭ ޝާއިރާއަށް ތަފާތެއް ނެތް ކަހަލައެވެ. އޭނާއަށް ޝިޔާނާ ފެންނަމުންދިޔައީ އަމިއްލަ ދަރިއެއްގެ ގޮތުގައެއް ނޫނެވެ. ދުނިޔޭން އޭނާ އެމީހެއްދެކެ އެންމެ ލޯބިވި މީހާގެ ފުށުން ލިބުނު ކެހިވެރިކަމުގެ ނިޝާނެއްގެ ގޮތުގައެވެ. އެހެންކަމުން ޝިޔާނާ ބޮޑުވަމުން އައިވަރަކަށް ޝާއިރާގެ ފަރާތުން ލިބެމުންދިޔަ އަނިޔާތައް ދިޔައީ އިތުރު ވަމުންނެވެ.
ޝިޔާނާގެ އުމުރުން ފަސްއަހަރުގައި ޝާއިރާ އިތުރު ކުއްޖަކަށް ބަލިވެ އިނުން ވެގެންދިޔައީ ޝިޔާނާގެ ނަސީބަށްކަމެއް ނުވަތަ ލިބެންއުޅޭ ކުއްޖެއްގެ ބަދު ނަސީބަށްކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މާބަނޑުއިރު ވަމުންދިޔަ އުނދަގޫތަކުގެ ސަބަބުން ޝިޔާނާއަށް އަނިޔާކުރުން ޝާއިރާ މަދުކުރިކަމެވެ. އޭނާގެ ގިނަ ކަންކަމުގައާއި ގޭތެރޭގެ ކަންކަމުގައިވެސް އެހީވަނީ ތުއްތު ޝިޔާނާއެވެ. ކޮންމެއަކަސް މަންމަގެ ފަރާތުން ލިބެމުންދިޔަ އަނިޔާތައް މަދުވަމުންދާތީ ޝިޔާނާ ހުރީ ވަރަށް އުފަލުންނެވެ. އެކަމަށްޓަކައި މަންމަގެ ބަނޑުގައިވާ ކޮއްކޮއަށް އޭނާ ޝުކުރު ވެރިވީ ޅައުމުރުގައި އެ ކޮއްކޮގެ ސަބަބުން އޭނާއަށް ކުރިމަތިވެދާނޭ ޒިންމާތަކަށް ވިސްނާލުމެއް ނެތިއެވެ. އޭނާގެ ހިތުގައި މިއަދު އެކަމަކާމެދު ޝަަކުވާއެއް ނެތެވެ.
އެހެން ރޭރެއެކޭވެސް އެއްފަދައިން ޝިޔާނާ އޭނާގެ ކޮއްކޮ ޝައިނާއާއެކު އެނދުގައި އޮށޯވެލައިގެން އޮތެވެ. އެހެނަސް ބޭރުން އިވެމުންދާ އަޑުތަކުގެ ސަބަބުން އެރޭގެ ނިދިވަނީ އޭނާއާ ބީރައްޓެހި އެއްޗަކަށްވެފައެވެ. އަނެއްކޮޅުން އޭނާގެ ގާތުގައިއޮތް ޝައިނާ އޮތީ ހުމާ ފިހިފިހިއެވެ. މިގަޑީގަ ބޭސް ބަލައި ނުކުމެއްޖެނަމަ މަންމަ އަންނާނެ ރުޅި އޭނާއަށް އެނގެއެވެ. މަންމަ އޮންނަނީ މަންމަގެ ރައްޓެހިން އައިސްއުޅޭއިރު ކޮޓަރިން ނުކުތުން މަނާކޮށްފައެވެ. އަމުދަކުން އެއީ ޝިޔާނާވެސް ކުރަން ބޭނުން ކަމެއް ނޫނެވެ. ނަމަވެސް ތުރުތުރު އަޅަމުންދިޔަ ޝައިނާގެ ކުކުރުމުގެ އަޑަށް ބީރުކަންފަތެއް ދިނުންވީ ޝިޔާނާއަށް އުނދަގޫ ކަމަކަށެވެ. ހިތްވަރުކޮށްލާފައި އޭނާ ކޮޓަރިން ނުކުތީ ބޭސް ހިފައިގެން ވީހާވެސް އަވަހަކަށް އައުމަށެވެ. ނަމަވެސް ބޭރުން ފެނުނު މަންޒަރާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.
ދެޖިންސުގެ މީހުން އެއްވެސް ބިރެއްނެތި ޓީވީން ޖަހައިފައިވާ ލަވައިގެ ހަމައާ އެއްގޮތަށް އެކެއްއަނެކެއް ގައިގައި ކޭތި މަސްހުނިވަމުންދާއިރު ގޭގެ އެތަން މިތަނުގައި ނިވާކަމެއް ނެތި މީހުން ފާހިޝް ކަންކަމުގައި އުޅުނެވެ. އެމީހުންގެ ތެރެއިން ގިނަބަޔަކު ތިބީ ޝިޔާނާ ނުކުތްކަންވެސް ނޭނގޭ މިންވަރަށް ހޭބުއްދި ފިލައި ޢަމަލުވެފައެވެ. އަނެއްބަޔަކު ޝިޔާނާ ނުކުތުމުން ޝިޔާނާއާ ދިމާލަށް ފާޑަކަށް ލޯ އަޅަމުން ދިޔައެވެ. ޝާއިރާގެ މޫނުން ފެންނަމުންދިޔައީ ރުޅިވެރިކަމެވެ.
ޝިޔާނާ އިސްޖަހައިލިއެވެ. ހަލުވި ފިޔަވަޅުތަކެއްގައިގޮސް އެމީހުން ހުރަސްކޮށް އަނެއްފަރާތުގައި ހުރި ބަދިގެއިން ބޭސްކާޑު ހިފައިގެން އެއައި ބާރުމިނުގައި ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. އެއަށްފަހު ފުންނޭވާއެއް ބޭރުކޮށްލިގޮތުން ހީވީ އެ ހުރިހާއިރު އޭނާގެ ނޭވާވެސް ހިފެހެއްޓިފައި ހުރިހެނެވެ.
“އެއީތަ ޝާއިރާގެ މަންޖެއަކީ؟” ޝާއިރާގެ މޫނު ފާޅުވާންހުރި ރުޅިވެރިކަމަށް ބެލުމެއްނެތި އެތަނުން މީހަކު އަހައިލިއެވެ. އޭނާހުރީ ޝިޔާނާ ނުކުތުމުން ހިތްހަމަ ނުޖެހިފައެވެ.
“މަށަށް ޔަގީން އެއީ ޝާއިރާގެ މަންޖެކަން. ޝާއިރާ ޅަދުވަސް ފެނުނުހެން ވިއްޔަ ހީވީ ހަމަ” ޝާއިރާގެ ފަރާތުން ޖަވާބެއް ނުލިބުމުން އެމީހާ އަނެއްކާވެސް ބުންޏެވެ.
“އާން. އެއީ އާދިލް ދިޔައިރު މަށަށް ޖައްސާފަދިޔަ ބަ*” ޝާއިރާ އަތުގައި އޮތް ސިނގިރޭޓު ދަމާލަމުން ބުންޏެވެ،
“ބަ*ައަކަށް ވާންވީ ކީއްވެގެންތަ؟ ބަ*އަކަށްވަނީ ޝާއިރާއަށް އޭނާ ގެންގުޅެން ނޭނގޭތީއޭ. ނޫނީ މިހާރު އެއީ ޝާއިރާއަށް ޖަވާހިރެއް.” އެތަނުގައި އިން އިތުރު ފިރިހެނެއް ޝާއިރާގާތު ބުންޏެވެ.
“އެ ތެދެއް. މަވެސް ދީފާނަން ފަަންސާސްހާސް. އަހަރުމެން ދެމީހުނަށް. އެންމެ ރެއަކަށް.” އޭނާއާ ޖެހިގެންއިން މީހާ ބުންޏެވެ. ޝާއިރާ ފާޑަކަށް ތުން އަނބުރައިލާމުން މޫނު އަނބުރައިލިއެވެ.
“އޭ އޭ. އަނެއްކާ ހާޑުވީތަ؟ ހަމަ އައިޑިޔާއެކޭ. ޝާއިރާ ހިތްހަމަ ނުޖެހެންޏާ ނުދައްކާ ވާހަކައެއް.” އެމީހާ ބުންޏެވެ.
“މަށަށް ކޮންކަމެއް. މަށަށް ހެޔޮ އެ އެއްޗަކަށް ކޮންމެ ގޮތެއްވިޔަސް. އެކަމު އޭނައަށް އަދި އެންމެ ފަނަރަ އަހަރު. ކުޑަކުއްޖެއްވީމަ… ކަމެއްވިއްޔާ މަ ދޯ ބެދޭނީ.” ޝާއިރާ ބުންޏެވެ. އޭނާއަށް މިހާރު އުޅޭ އުޅުމާއެކު ސަލާމަތްވެގެން އުޅެވުނަސް ކުޑަކުދިންނާ ބެހޭ ކަންކަމުގައި ގާނޫނު ހަރުކަށިވެފައިވާ މިންވަރު ހުދު އޭނާއަށްވެސް އެނގެއެވެ. ނަމަވެސް ލާރިއަށް ދަހިވެތިވެފައިވާ ޝާއިރާ އޭނާގެ އެކުވެރިން ހުށަހެޅި ބައިލައްކަ ރުފިޔާއަށް ފެންބޮވައިގަނެެއްޖެއެވެ. ޝިޔާނާގެ ފަރާތުން އެމީހުން އެބުނާ ކަމެއް ކޮށްދެވޭނެ ގޮތަކާމެދު ވިސްނަންފެށިއެވެ.
“އަހަހަހަހަހަ. ޝާއިރާއަށް ހަމަ ހީވަނީތަ؟ ޝާއިރާ ކޮޓަރިއަށްލާ ތަޅުލައިން އިނެކޭ ކިޔާފަ އެވަރު ކުއްޖަކު މަޑުން ހުންނާނެހެން. މަށަށް ޔަގީން މިހާރުވެސް ކިތަންމެ ގޮތަކަށް އުޅެފަ ހުންނާނީ. މާ ރަނގަޅެއްނު އެއްޗެއް ލިބޭ ގޮތަށް ކުރުވަން.” ރައްޓެހިންގެ ވާހަކަތައް ޝާއިރާއަށް ގަބޫލު ކުރެވެންފެށިއެވެ. އިރުކޮޅަކު ވިސްނަން އިނދެފައި އޭނާ ބުންޏެވެ.
“ކަލޭމެންނަށް ކެރޭނެތަ ގަދަކަމުން ކުރަން؟ ހަމަ ތި އަގަށް؟” ޝާއިރާގެ ސުވާލާއެކު އެތާތިބި ދެ ފިރިހެނުން ހިނިގަނޑެއް ޖަހައިލިއެވެ. އަދި އެކަކު އަނެކަކަށް ބަލައިލުމަށްފަހު ބޯ ޖަހައިލީ ޝިޔާނާފަދަ ފަތްމިންޏެއް ލިބޭތީ އެކަމާ އުފާ ކުރަމުންނެވެ.
ޖެހިގެން އައި ދުވަހު ޝިޔާނާ ބަދިގޭގަ ހުއްޓާ ޝާއިރާ ކޮތަޅެއް ހިފައިގެންް ޝިޔާނާގެ ގާތަށް ޖެހިލިއެވެ.
“އަންން. މި ހެދުން ހެޔޮވަރުތޯ ބަލާބަލަ.” ޝިޔާނާ އެކޮތަޅުން ހެދުން ނަގައި ބަލައިލިއެވެ. އާންމުގޮތެއްގައި އޭނާ ލާން މަންމަ ހޯދައިދޭ ހެދުންތަކަށްވުރެ ބޮޑަށް ޒީނަތްތެރިކޮށްފައިވާ ގަޔަށްބާރު ހެދުމެއްކަން އެއަށް ބަލައިލުމުންވެސް އޭނާއަށް އެނގުނެވެ. ވަކިން ހާއްސަކޮށް ރަށުތެރޭގައި އޭނާއާ ދޭތެރޭ ދެކޭގޮތުގެ ސަބަބުން އެހެދުން ލައިގެން ބޭރަށް ދިޔުމަކީ އޭނާ ކުރާނެ ކަމެއް ނޫނެވެ. ނަމަވެސް ޝާއިރާއާ ޒުވާބު ކުރުމެއްނެތި ހެދުން ރީތިކަމަށް ބުނަމުން އޭނާ އަލުން އެ ފަތްޖަހައިލުމަށްފަހު ކޮތަޅަށްލިއެވެ.
“މިރޭ ތި ލައިގެން ރީތި ވެލައްޗޭ. އަން. މިއޮތީ ލިޕްސްޓިކެއްވެސް.” ޝާއިރާ އަތުގައި އޮތް ލިޕްސްޓިކް ޝިޔާނާގެ އަތަށް ލައިދެމުން ބުންޏެވެ.
“މިރޭ ތާކަށް ދާން އޮތީތަ؟” ޝިޔާނާ ހަމަޖެހިފައި އަހައިލިއެވެ. ނަމަވެސް މަންމަ އޭނާއާ އެހެންޏާ ނުދައްކާހާ ރީއްޗަށް ވާހަކަ ދައްކަމުންދާތީ އޭނާއަށް އުނދަގޫ ވަމުންދިޔައެވެ.
“ނޫން. މިރޭ އަންނާނެ ޝިޔާ ކައިރިއަށް މީހެއް. އޭނައާ މީޓް ކޮށްލަބަލަ” ޝާއިރާ އޭނާގެ އެދުމުގެ ވާހަކަ ބުންޏެވެ. ޝިޔާނާގެ ބޮލުގައި ވަގުތުން ރިއްސައިލިއެވެ. ރޭގައި އޭނާއަށް ކޮޓަރިން ބޭރަށް ނުކުމެވުމާ މިކަމާ ގުޅުމެއްވާކަން އޭނާގެ ސިކުނޑިން އިންޒާރު އަޅަމުން ދިޔައެވެ.
“މަންމާ. އަހަރެން އެއްވެސް މީހަކާ ބައްދަލު ކުރާކަށް ބޭނުމެއްނޫން. މަންމަ ކޮންމެ ގޮތަކަށް އުޅުނަސް އަހަރެން އަޅައެއް ނުލަމެއްނު. ޕްލީޒް އަހަރެން ލައްވާ ތިކަންކަން ކުރަން ނޫޅޭ” ޝިޔާނާއަށް ޝާއިރާ ކުރަން އުޅުނު ކަންތައް ރޭކައިލި ކަހަލައެވެ.
ޝިޔާނާގެ ވާހަކަ ހުރިގޮތުން ޝާއިރާ ގާތަށް ރުޅިއައެވެ. އަދި އެ އައި ރުޅީގަ ގޮސް ޝިޔާނާގެ އިސްތަށިގަނޑުގައި ހިފިއެވެ.
“މަގޭ ކުރިމަތީގަ އަދި ފާޑުފާޑުގެ ވާހަކަ އެބަ ދައްކައެެއްނު. ބަލަ ތިހިރީ ބޮޑުވެފަ. ކަލޭ ބޭނުން ނުވާތީތަ ރޭގަ ނުހުރެވިގެން އެތަނަށް ނުކުތީ.. މަސައްކަތް ކޮށްގެން ލާރި ހޯދޭނީ!!! ކަލޭ ހީކުރީ ފައިސާ އަޅަނީ ގަހުގަ ކަމަށްތަ؟ މަ ގޮތްގޮތަށް އުޅެޔޭ ކިޔާފަ މޮޅެތި ބަސް އެއްލާއިރު އެންމެ ފަހަރަކުވެސް ހިތަކަށް ނާރާތަ ކަލޭގެ ބަފައާ ދިމާނުވިނަމަ މަށެއް މި ވައްތަރަކަށް ނޫޅޭނެކަން. ކަލޭ ހީކުރަނީ ތިހެން ކިޔައިގެން މަ ލަދު ގަންނާނޭތަ؟ ކަލޭގެ ބަފާ ނޫނީ މަގޭ ބަފާ ދިޔަގޮތަށް ހާލުގަ ޖެހުނީމަ ކަލޭމެން އެއްލާލާފަ މަށެއް ނުފިލަމޭ. ބަލަ މަ މިވައްތަރަށް އުޅެގެން ނޫންތަ ކަލޭމެނަށް ބޯހިޔާވަހިކަންދީ ކާންދީ ހެދުންދީގެން މި އުޅެނީ؟؟ އެކައްޗެއްވެސް ލާނެ ކަމެއް ނެތް” ޝާއިރާ އެއްއަތުން ޝިޔާނާ ލައިގެންހުރި ހެދުމުގެ ކަރުވަޅުގައި ހިފައި ދަމައިގަތުމާއެކު ހެދުން އިރައިލިއެވެ. ޝިޔާނާ ރޮއެގަތެވެ. އެއަޑަށް ސިޓިންގްރޫމްގައި އިން ޝައިނާ ދުވެފައި އައިސް ޝާއިރާގެ ފައިގައި ހިފެހެއްޓިއެވެ.
“މަންމީ ޕްލީޒް. މަންމި ދޮންތިއަށް ތަދުނުކުރޭ ޕްލީޒް.” ޝައިނާ ރޮއެރޮއެފައި ޝާއިރާގެ ފައިގައި ހިފައިގެންއިނދެ އާދޭސް ކުރަމުންދިޔައެވެ. ނަމަވެސް ޝާއިރާ ހުއްޓައިލީ އެކި ފަހަރުމަތިން ދަމައި ޝިޔާނާގެ ހެދުން އެއްކޮށް ވީދައިލުމަށްފަހުގައެވެ.
“މޮޅެތި ވާހަކަ ނުދައްކާ މިރޭ ތައްޔާރު ވެގެން ހުރޭ. ނޫނިއްޔާ ކަލެއަށް އެނގޭނެ މަގޭ ހުރިވަރެއް.” ޝާއިރާގެ ފައިކައިރީގައި އިން ޝައިނާ ދުރަށް ފޮޅުވައިލަމުން ބުންޏެވެ. ޝައިނާގޮސް ކައިރީގައިހުރި ފާރުގައި ޖެހި މައިތިރިވި މަންޒަރު ފެނި ޝިޔާނާ އަވަހަށް އެދިމާލަށް ދިޔައެވެ. އަމިއްލަ ދެލޮލުން ކަރުނަ ނުހިކުނު ކަމުގައިވިޔަސް ޝައިނާ އުރާލައި މޭގައި ލައްކޮށްލައިގެންގޮސް ކޮޓަރިއަށްވަނެވެ.
ޝިޔާނާގެ ހިތްވަނީ އިންތިހާއަށް ބިރުގަނެފައެވެ. މަންމަ ކުރާ ވިޔަފާރީގެ ތެރެއަށް ކޮންމެވެސް ދުވަހަކުން އޭނާ ވައްދާނެއޭ ހީވެފައި އޮތަސް މިހާ އަަވަހަށް މިދުވަސް ޖެހިދާނޭ އޭނާ ހިއެއް ނުކުރެއެވެ. އެދުވަހުގެ އިރުއޮއްސުނީ އެހެން ދުވަސް ދުވަހަށްވުރެ މާ އަވަހަށޭވެސް ޝިޔާނާއަށް ހީވިއެވެ. ކޮޓަރީގައި ގިނައިރު ތަޅުލައިގެން ތިބުމުގެ ސަބަބުން ޝައިނާވެސް ބަނޑުހައިވެގެން ޝަކުވާ ކުރަމުން ދިޔައެވެ. ނަމަވެސް ބޭރަށް ނުކުންނާނެ ހިތްވަރެއް ޝިޔާނާގެ ގަޔަކު ނެތެވެ. ޝާއިރާވެސް އޭނާ ހޯދާކަށް އަދި ނާދެއެވެ. މިރޭ އެކަމުން ސަލާމަތްވީ ކަމުގައި ދެކި ގާތްގަނޑަކަށް 10 ޖެހުމުން ޝިޔާނާ ނިދަން ތައްޔާރުވިއެވެ. އޭރު ޝައިނާވެސް އޮތީ ބަނޑުހައިވެގެން ޝަކުވާ ކުރަމުންގޮސް ނިދިފައެވެ. ޝިޔާނާ އެނދުގައި ފުރޮޅިލައި ފުރޮޅިލައި އޮތްތާ ގަޑިއެއްހާއިރު ފަހުން ޝާއިރާ ކޮޓަރީގެ ދޮރުގައި ތަޅަން ފެށިއެވެ. ނަމަވެސް ޝިޔާނާ ދޮރުހުޅުވުމުގެ ހިޔާލެއް ނުކުރެއެވެ.
“ތަޅުލައިގެން ތި އޮންނަނީ މަށަށް ނުހުޅުވޭނެ ކަމަށްތަ؟ ނުކުމޭ” ޝާއިރާގެ ބާރު އަޑަށް ނިދިފައިއޮތް ޝައިނާއަށްވެސް ހޭލެވުނެވެ. ޝައިނާ ބިރުންއައިސް ޝިޔާނާގެ ގައިގައި ބައްދައިލިއެވެ.
“ކޮއްކޮ ބަސްއަހައިގެން އިންނައްޗޭ އިނގޭ. ދޮންތި އެބަ އަންނަން” ޝިޔާނާ ކޮޓަރިން ނުކުތެވެ. އޭރު ސިޓިންގްރޫމްގެ ބޮޑު ގޮނޑީގައި ޝާއިރާގެ އިތުރުން ކުރީރޭ އޭނާއާ ވާހަކަދެއްކި ދެ ފިރިހެނުން ތިއްބެވެ. ދަހިވެތިވެފައިވާ ސިންގާތަކެއް އޭގެ ކޮއްތަށް ބަލާފަދަ އުސޫލަކުން އެމީހުން ޝިޔާނާއަށް ބަލަމުން ދިޔައެވެ.
ޝިޔާނާ އައުމުން އެތަނުން އެކަކު އަތުގައި އޮތް ސިޓީއުރައެއް ޝާއިރާގެ އަތަށް ދިއްކޮށްލިއެވެ. ޝާއިރާ އޭގެން ނެގި ފަސްސަތޭކައިގެ ނޫޓުބޮނޑިފެނި ޝިޔާނާގެ ލޯބޮޑުވިއެވެ. އޭނާގެ މަންމަ ހަގީގަތުގައިވެސް އޭނާގެ އިއްފަތްތެރިކަން ވިއްކައިލަނީބާއެވެ.
“ހަމަވާނެތަ؟” ޝާއިރާ ރުންކުރު ގޮތަކަށް އެދެމީހުންގާތު އެއްސެވެ.
“ކޮންއިރަކުތަ އަހަރުމެން މަދުންދިނީ؟” އެތަނުން އެކަކު ޖަވާބުގައި ބުންޏެވެ.
“އޯކޭ އަހަރެން މިދަނީ މިރޭ ސަފާރީއަށް. ގޮސްފަ އަންނަން ވާއިރަށް ކުރާކަމެއް ކޮށް ނިންމަންޖެހޭނެ. އަދި ބުނަން. މީ މަށަށް އެނގިގެން ހިނގާ ކަމެއްނޫން” ޝާއިރާ އަތްދަބަސް އަޅުވައިލަމުން ގޮނޑިން ތެދުވިއެވެ. ނަމަވެސް ދޮރާ ހަމައަށް ނުދެވެނީސް ޝިޔާނާ ދުވެފައިގޮސް ޝާއިރާގެ އަތުގައި ހިފެހެއްޓިއެވެ.
“މަންމާ. ދަނީތަ؟ އަހަރެން އެކަނި ބަހައްޓާފަތަ؟ މަންމާ ޕްލީޒް ނުދޭ. އާދޭސް ކޮށްފަ މިބުނީ މަންމާ. މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައި. މަންމާ. އެމީހުން އަހަންނަށް ކޮންމެ ގޮތެއްވެސް ހަދާފާނެ މަންމާ ޕްލީޒް” ޝިޔާނާ ރޮއެފައި ކުރަމުންދިޔަ އާދޭސްތައް އެހުމެއްނެތި ޝާއިރާ ޝިޔާނާ ދުރަށް ކޮށްޕައިލިއެވެ. އަދި އެތަނުން ނުކުމެގެން ދިޔައެވެ.
އަމިއްލަ ހާލާމެދު ހަމްދަރުދީވަމުން ގިސްލެވޭހާލު ޝިޔާނާއަށް ފާރުގައި ލެގިލެވުނެވެ. ނަމަވެސް ދުރުގައި ތިބި ދެމީހުންގެ ތެރެއިން އެކަކު އިންތަނުން ތެދުވެ ޝިޔާނާއާ ދިމާލަށް ފިޔަވަޅު އަޅައިލުމާއެކު އޭނާ ދުވެފައިގޮސް ކޮޓަރިއަށްވަދެ ތަޅުލިއެވެ. ބޭރުގައި ތިބި މީހުންނަށް އެކަމުން އަސަރެއް ނުކުރާ ކަހަލައެވެ. އެމީހުން އައިސް ކޮޓަރީގެ ދޮރުގައި ތަޅަންފެށިއެވެ.
“އޭ މަންޖޭ. ތިހެން ފިލޭނެ ކަމަށްތަ ހީކުރަނީ؟؟ އަހަރުމެން ތިހިރީ ކަލޭ ގަނެފައޭ”
“ތެދެއް ފުރަތަމަ އަހަރުމެންގެ ހުރި ވަރެެއްވެސް އެނގޭނީ އެއްފަހަރު ގޮތް ބަލާލީމައެއްނު”
އެމީހުންގެ ވާހަކައަށް ރައްދު ދިނުމެއްނެތި ޝިޔާނާ ކޮއްކޮގެ ގައިގައި ބައްދާލައިގެން އިނެވެ. އެދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ދަތްދޮޅީގެ ކައިރިންގޮސް ޝައިނާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ހިނދެމުންދިޔައެވެ.
“އޭ ދޮރު ވައްޓާލަންވީތަ ނޫނީ ހުޅުވާނީތަ؟****” ބޭރުން ވާހަކަދައްކަމުންދިޔަ މީހާ ވަރަށް ބާރަށް ގޮވައިލިއެވެ. އެވަގުތު އޭނާ ދޮރުގައި ޖެހިބާރުމިނުން ހީވީ ދޮރުވެސް ދެންމެދެންމެ ނައްޓައިގެން ގޮސްދާނެ ހެންނެވެ. ޝިޔާނާގެ ގައިގައި ބައްދާލައިގެން އިން ޝައިނާވެސް ސިއްސައިގެން ދިޔައެވެ. އެކުއްޖާ އިނީ އަނގައިން ބަހެއްވެސް ބޭރު ނުވާވަރަށް ބިރުގެންފައެވެ. ޝިޔާނާއަށް ސަލާމަތެއް ނެތްކަން އެނގި ހަތިޔާރު ބަހައްޓަން މަޖުބޫރުވިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


