“ކޮން ގޮތެއް؟” އިޝްވާ ސިޑިން ފައިބައިގެން އައިސް އެމީހުންގާތު މަޑުކޮށްލަމުން އަހައިލިއެވެ. ނާޝިދާއި ވާފިޔާ ހާސްވެފައި އެކަކު އަނެކަކަށް ބަލައިލިއެވެ. ޒީވާގެ ރުހުމާނުލާ އެފަދަ ކަމެއްކުރަންވެސް އެމީހުންގެ ހިޔާލުގައެއް ނެތެވެ. ވީއިރު އިޝްވާއަށް ނުބައިގޮތަކަށް އެ ދެކެވުނު ވާހަކައިން މާނަ ނެގިދާނެތީ އެ ދެމަފިރިންވެސް އިންތިހާއަށް ކަންބޮޑުވިއެވެ.
“އަޅެ މަންމާ. އިޝީއަށްވެސް ހީވަނީ ތީ ވަރަށް ސަޅި އައިޑިޔާ އެއްހެން. ދޮންތިވެސް އަސްލު ވަރަށް ލައިކްވޭ ކަންނޭގެ ރިއާންބެ ދެކެ އެކަމް ބުނަން ނުކެރެނީ. ދޮންތިއަށްވެސް ސަޕްރައިޒްއަކަށް ތިކަން ވާނީ” ނަޝީދާއި ވާފިޔާގެ ކޮނޑުގައި އެލިގަންނަމުން އިޝްވާ ބުންޏެވެ.
“އައްދެ. ދަރިފުޅު ހާދަ އުފަލެއް ތިވީ. ބައްޕަމެން އަދި ނެތިން މިކަން އެހާ އަވަސް އަރުވާލަކަށްވެސް. އެކަމަކު ދޮންތައަށް އެ ދިމާވި ގޮތުން މަންމައާއި ބައްޕަ މިކަމާ ވިސްނަން މިޖެހުނީ. މިޒަމާނުގެ މީހުން ބަފައިންނަކަށް ނުބަލާނެ. އެކަމަކު ނުފޫޒުގަދަ ބާރުވެރި ފިރިއެއްހުރިއްޔާ އެމީހުން އަންހެން ކުއްޖަކާ ކައިރިވާންވެސް ޖެހިލުންވާނެ. ކޮންމެގޮތެއްވިޔަސް ރާއްޖޭގެ އެންމެ މުހިއްމު ސިނާއަތްތަކުގައި އެންމެ ކުރީގަ އޮތީ ރިޔާޒްމެންގެ ކުންފުނި. މިހާރުނަމަ އެއީ ރިއާން. ސަރުކާރުގެ ބޮޑު ބައެއްވެސް އޮތީ ރިއާންގެ މުށުތެރޭގަ. ޒީއަށް އެންމެ ފުރިހަމަ ހިމާޔަތެއް ދެވޭނީ ރިއާންއަށް. އެހެންވީމާ އިޝީ މި ވާހަކަ ނުދައްކައްޗޭ އެކަކު ކައިރީގަވެސް. މާ ލަދުން ހުންނަ ދެކުދިން ވީމަ ބޭނުންވަނީ ހަމައެކަނި އެ ދެކުދިންނަށް ކުޑަ ޕުޝްއެއް ދޭން. ރިއާން ކަހަލަ އާއިލާއިން ދަންނަ ކުއްޖަކަށް ބައްޕަމެނަށްވެސް މާ އިތުބާރު އޮންނާނެއެއްނު. އެކަމް ޑެސިޝަން ފައިނަލް ކުރާނީ އެ ދެކުދިން” ނާޝިދު އިޝްވާގާތު ބުންޏެވެ. އިޝްވާ ބޯ ޖަހައިލަމުން ހެވިފައިހުރެ ގެއިން ނުކުތެވެ.
“ބޭބް ހާދަ ލަސްވީ…” އިޝްވާ ފެނުމާއެކު ސައިކަލުގައި އިން ޝިމާން ބުންޏެވެ.
“އަޅެ ސޮރީ. މަންމަމެނާ ކުޑަ ވާހަކައެއް ދައްކާލީ.” އިޝްވާ ސައިކަލަށް އަރަމުން ބުންޏެވެ.
ޝިމާންއަކީ އިޝްވާއާއެކު ގްރޭޑް ބާރައިގައި ކިޔަވަމުން އަންނަ ދަރިވަރެއް ނަމަވެސް އެދެމީހުން އެކަކު އަނެކަކާ ފުރަތަމަ ބައްދަލުވީ އިޝްވާ ޒީވާއާއެކު ޝައިނާމެންގެއަށް ގޮސް އުޅުމުގެ ތެރޭގައެވެ. ޝިމާންއަކީ ޝައިނާ ކުޑައިރުއްސުރެން ބަލަހައްޓަމުން އައި ޝައިނާގެ ބޮޑުދައިތަގެ ދެމަފިރިންނަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. އެގެއިން ޝިމާންއާ ބައްދަލުވި ކަމުގައި ވިޔަސް ދެމީހުންގެ ރަހްމަތްތެރިކަން ބަދަހިވެ ގިނަ ވަގުތުތަކެއް އެކުގައި ހޭދަކުރެވެންފެށީ އެދެމީހުންގެ ހިތުގައި ބާސްކެޓްބޯޅައަށް ދެވިފައިވާ ލޯބީގެ ސަބަބުންނެވެ. ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އެކެއްއަނެކެއްގެ މިޒާޖާއި އުޅުމަށް ހިތްކިޔައި އިޝްވާ ޝިމާންއަށް ލޯބި ހުށަހެޅީއެވެ. ޝިމާން އެ ހުށަހެޅުން ގަބޫލުކުރުމާއެކު އެ ޖޯޑު ވެފައިވަނީ މުޅި ސްކޫލްގެ ނަޒަރު ހުއްޓިފައިވާ މަޝްހޫރު ޖޯޑަކަށެވެ.
*************
ޒޫމް މީޓިންގް ނިންމައިލުމަށްފަހު ރާހިލް ގޮނޑީގައި ހަމަޖެހިލިއިރު އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމެވެ. އިރުކޮޅަކު ދެލޯ މަރައިލައިގެން އިނުމަށްފަހު އޭނާ ކޮޅަށް ތެދުވެ ކަރުގައި އޮތް ޓައި ނަގައި މޭޒުމައްޗަށް އެއްލިއެވެ.
“ސްޓުޕިޑް ޓައި” ރާހިލް ގަމީހުގެ ކަރުގޮށް ނައްޓައިލަމުން މީޓިންގްރޫމުން ނުކުތެވެ. އެއަށްފަހު ރިސެޕްޝަން އޭރިޔާގައިހުރި ކޮފީ މެޝިން ކައިރިއަށް ހުއްޓި މެޝިންގެ ފިއްތަކަށް އޮބައިލިއެވެ. އަދި ކޮފީ ތައްޔާރުވާން ވާއިރަށް ގަމީހުގެ އަތުކުރީގައި އަޅުވައިފައިވާ ގޮށްތައް ނައްޓައިލަމުން ދެ އަތް އުޅަނބޮއްޓާ ހަމައަށް އޮޅައިލިއެވެ. އެއާއެކު އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހީވީ ގަޔަށް ލައްވައިފައިހުރި ދަގަނޑު ދަހަނާއެއް ނަގައި ދުރަށް އެއްލައިލެވުނު ހެނެވެ.
ކޮފީތަށި ހިފައިގެންގޮސް ހޮޓެލްގެ މައި އިމާރާތަށް ވަދެ ނުކުތުމަށް ހަދައިފައިވާ ދެތިން ސިޑި ގިރާކޮށްލުމަށްފަހު އޭނާ މަޑުކޮށްލީ ބޭރު ދޮރާށި ކައިރީގައެވެ. އަދި ދޮރާށީގެ އަރިމަތީގައި ލެގިލައިގެންހުރެ އެތަނަށް ވަދެ ނުކުންނަމުންދާ ކޮންމެ މީހަކަށް އޭނާގެ ހިތްހެޔޮ ހިނިތުންވުން ހަދިޔާ ކުރަމުން ދިޔައެވެ. ދޭސީއެއް ބިދޭސީއެއް ތަފާތު ކުރުމެއް ނެތިއެވެ. ރާހިލް އެމީހުންނާމެދު ބަހައްޓާ ހިތްހެޔޮކަމާއި އެކުވެރިކަމުގެ ސަބަބުން އޭނާ ފެނި އެއިން ކޮންމެ މީހެއްގެ މޫނުވެސް އުޖާލާ ވެގެންދިޔައެވެ.
ކޮފީތަށި ތުނބުގައި ޖަހައިލި ވަގުތު ކައިރިއަށް ހުއްޓައިލި ސައިކަލުގެ އަޑާއެކު އިވުނު އަންހެންކުއްޖެއްގެ ހުނުމުގެ އަޑަށް ރާހިލްގެ ސަމާލުކަން ހުއްޓުނެވެ. ތެތް ހެދުމުގައި ތިބި ރާފިއުއާއި ޝައިނާ އަދި ޝައިނާގެ އަތުގައި އޮތް ރާޅުބޯޑު ފެނި އޭނާއަށް އެދެމީީހުން އެ އައީ މޫދުންކަން އޭނާއަށް ނަގައިގަނެވުނެވެ. އިހްތިޔާރަކާނުލައި އޭނާގެ ނިތަަށް ރޫތަށް ގިނަވެލިއެވެ.
ރާފިއު ސައިކަލުން ފޭބުމަށްފަހު ފަހަތުގައި އިން ޝައިނާގެ އަތުން ބޯޑު ނެގުމުން ޝައިނާވެސް ސައިކަލުން ފޭބިއެވެ. ތެމިފައިވާ މަޑުނޫކުލައިގެ ޓީޝާޓާއި ގަދަނޫކުލައިގެ މާޖެހި ހަރުވާޅު ގަޔަށް ހިފާލައިފައި ވުމުގެ ސަބަބުން ޝައިނާގެ ވަނާތައް ހާމަވެފައިވުމުން ރާހިލްއަށް އިތުރަށް އެ މަންޒަރުބަލަން އުނދަގޫ ވަމުންދިޔައެވެ. އެހެން ހުއްޓައި ރާފިއު ބޯން ހުރި ފެންފުޅި ތެމިފައިހުރި ޝައިނާގެ ބޮލަށް އޮއްސައިލިތަން އޭނާއަށް ފެނުނެވެ. ތުއިގޮތަކަށް ރާފިއުގެ ނަމުން ގޮވާލުމަށްފަހު ޝައިނާ ބިންމަތީގައި ދެފައިޖަހައިލި ގޮތުން އޭނާގެ ލޭ އިތުރަށް ކެކިގެން ދިޔަކަހަލައެވެ. އަތުގައި އާވި އަރައަރައި ހުރި ހޫނު ކޮފީތަށްޓަށް ފަރުވާލެއްނުދީ އަތް މުށްކަވައިލެވުނެވެ. އެވަގުތު އެ ކަރުދާސް ތަށީގައި ހުރި ކޮފީތައް އަތަށް ބަންޑުންވެ ނަގައިގަތް ދިލައިން ރާހިލްއަށް ކުއްލި ސިހުމެއް ލިބުނެވެ. ރަނގަޅަށް ބަލައިލިއިރު އޭނާ ލައިގެންހުރި ހުދު ގަމީހަށްވެސް ކޮފީގެ އަސަރު ކޮށްފައިވިއެވެ. ޗޮކެއް ކަނޑައިލަމުން އިސްއުފުލައިލި ވަގުތު ދޮރާށިން އެތެރެއަށް ވަންނަން އައި ޝައިނާއާ ހަތަރުކަޅި ހަމަވިއެވެ. އޭނާ ފެނުމާއެކު ޝައިނާގެ އުޖާލާވެފައިވާ މޫނުމަތި މިލައި ދިޔަގޮތުން ރާހިލްގެ ހިތުގެ ނޭނގޭ ދިމާލެއްގައި ރިއްސައިލި ނަމަވެސް އެ އިހްސާސްގެ މައްޗަށް ގަދަވެގަތީ އޭނާ އައިސްފައިވާ ރުޅިއެވެ.
ރާހިލް އެ ރުޅި ކޮންޓްރޯލު ކުރެވޭތޯ މަސައްކަތްކުރި އެވެ. ނިހާމް ބުނެފައިވާ ފަދައިން ޝައިނާގެ ކަންކަމާ އަޅައިނުލައި ހުރުމަށް އަމިއްލަ ނަފްސަށް ވިސްނައި ދޭން މަސައްކަތް ކުރިއެވެ. އެ މަސައްކަތް ނާކާމިޔާބު ވުމާއެކު އޭނާ ޝައިނާ ހޯދުމަށްޓަކައި ހޮޓެލްގެ ތެރެއަށް ދުއްވައިގަތެވެ. ތެތް ފިޔަވަޅުތައް ފާހަގަކުރަމުންގޮސް އޭނާ ހުއްޓިލީ އެންމެ ތިރީ ފަންގިފިލާގައި ސްޓާފުންނަށް ހާއްސަކޮށް ހަދައިފައިވާ އަންހެން ފާހަނަބަރި ކައިރީގައެވެ. ދޮރު ހުޅުވައިލިވަގުތުު ތުވާއްޔެއް ހިފައިގެން ޝަވާރ ބްލޮކްތަކާ ދިމާލަށް ދިޔަ ޝައިނާ ފެނުނެވެ. އަދިވެސް ހުރީ ތެމިފައިވާ ހެދުމާއެކުގައެވެ.
ރާހިލް އަވަސް ފިޔަވަޅުތަކެއްގައިގޮސް ޝައިނާގެ އުޅަނބޮށީގައި ހިފައި އޭނާއާ ދިމާލަށް އަނބުރައިލިއެވެ. އެފަދަ ކަމަކަށް ނުވިސްނައިހުރި ޝައިނާ ގޮސް ޖެހުނީ ރާހިލްގެ މޭގައެވެ. ދެވަނަ ސިކުންތުގައި އޭނާ ރާހިލްއާ ދުރަށް ފިޔަވަޅެއް އަޅައިލިނަމަވެސް ރާހިލްގެ އަތުން މިންޖުވުމަށް ކުރަމުންއައި މަސައްކަތް ބޭކާރުވަމުން ދިޔައެވެ.
“މީތަ ޝައިނާ ބޭނުންވާ ބަދަލު ހިފުމަކީ؟ މީތަ ޝައިނާގެ ޕްލޭނަކީ؟ ބިކޮޒް ވަޓެވަރ ދިސް އިޒް ދެޓް ޔޫ އާރ ޑުއިންގް.. އިޓްސް ވޯރކިންގް އޯކޭ؟ އައިމް ލޫޒިންގް އިޓް! ކީއްވެތަ އެވަރު ކުޑަ ކަމަކަށް އަހަރެންނަށް މާފު ނުކުރެވިގެން ތިއުޅެނީ؟ ޝައިނާ ތިއީ ކުޑަ ކުއްޖެއްތަ؟ އެވަރު ކަމަކާ ބިރުގަންނަން..” ރާހިލްގެ އަޑުގައި އާދަޔާހިލާފު ހިތްހަމަނުޖެހުމެއްގެ އަސަރު އެކުލެވިފައިވިއެވެ. ނަމަވެސް ރާހިލް ދެއްކި އެއްވެސް ވާހަކައެއް އިވޭކަމަށް ހަދައިނުލާ ޝައިނާ މަސައްކަތްކުރީ ރާހިލްގެ އަތްދަށުން މިނިވަންވުމަށެވެ.
“ކީއްވެތަ އެއްޗެކޭ ނުބުނަނީ؟ އަޑު ނީވެނީތަ؟ ޖަވާބު ދީބަލަ!” ރާހިލްއަށް ޝައިނާގެ އުޅަނބޮށީގައި ހިފަހައްޓައިލައިގެން ހުރި އަތަށް ބާރުކޮށްލެވުނެވެ.
“ދޫކުރޭ!! ދޫކުރާށޭ ރާހިލް އައްދޯތް ތަދުވެޔޭ” ޝައިނާގެ އަޑު އިވުމާއެކު ރާހިލް ކުއްލިއަކަށް ޝައިނާގެ އަތުން ދޫކޮށްލިއެވެ. ޝައިނާގެ އަތުގައި އޭނާގެ އިނގިލިތަކުގެ ނިޝާނުން ފާހަގަ އެޅިފައިވިތަން ފެނި އޭނާއަށް ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. މިއީ ކުރިން ދުވަހަކުވެސް މީހަކާމެދު އޭނާގެ އަމަލުތައް ބެހެއްޓުނު ނޫނެވެ. އޭނާގެ ސަބަބުން ނޭދެވޭ ގޮތަކަށް އަންހެންކުއްޖަަކަށް އެއްވެސް ޖިސްމާނީ އަނިޔާއެއް މީގެ ކުރިން ދެވިފައެއް ނުވެއެވެ.
“އައި..އައިމް ސޮރީ..” ރާހިލްގެ އަޑަށް މަޑުމައިތިރިކަން ވެރިވިއެވެ. ޝައިނާއާ ހަތަރުކަޅި ހަމަކޮށްލަންވެސް ނުކެރި އިސްޖަހާލައިގެން ހުރުން ފިޔަވައި އިތުރު ކަމެއް އޭނާއަކަށް ނުކުރެވުނެވެ. އަބުއިވެފައިހުރެ ދެފަހަރަކު ޝައިނާގެ އުޅަނބޮށީގައި ހިފެހެއްޓުނު އަތުގެ އިނގިލިތަށް ހުޅުވައި ލައްޕައިލިއެވެ. ރާހިލްގެ އެ ހަރަކާތުން ޝައިނާގެ ނަޒަރުވެސް ރާހިލްގެ އަތަށް ހުއްޓުނެވެ.
“ވަޓް ހެޕެންޑް ޓު ޔޯ ހޭންޑް؟” ރާހިލްގެ އަތުން ފިހިގެން ރަތްވެފައިވާ ހިސާބު ޝައިނާގެ ލޮލުގައި އަޅައިގަތެވެ. ރާހިލް އަވަސް ހަރަކާތަކާއެކު އަތް ފުރަގަހަށްލައި ފޮރުވިއެވެ.
“މާބޮޑު ކަމެއްނޫން. ކޮފީ އެޅުނީ..” ރާހިލް ކުއްލިއަކަށް ދުރަށްޖެހިލިއެވެ. އެވަގުތު ޝައިނާ ރާހިލްއާ ގާތަށް ފިޔަވަޅެެއް އަޅައިލިއެވެ. އަދި ރާހިލްގެ ގަމީހުގައި އަތްޖައްސައިލިއެވެ. ރާހިލްއަށް ސިހިފައި ފަހަތަށް ޖެހިލެވުނެވެ.
“ގަމީހަށްވެސް ކޮފީ އެޅިފައެއްނު.” ޝައިނާ އާދައިގެ ގޮތަކަށް ބުންޏެވެ.
ޝައިނާގެ އަތުގެ ބީހުން ބަނޑާ ދިމާލުން އިހުސާސްވުމުން ރާހިލްގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއްޗެެއް ބުނަން އަނގަހުޅުވައިލި ނަމަވެސް އަރުތެރެ ހިކި ދުލުގައި ތަޅެއް އެޅުވިފައިވި ކަހަލައެވެ. އިތުރަށް އެތަނުގައި ހުންނަން އުނދަގޫ ކަމަކަށްވުމުން ރާހިލް ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ނުކުމެގެން ދިޔައީ އޭނާއަށް ވަމުންދިޔަ ގޮތާމެދު ހުދު އޭނާގެ އަމިއްލަ ހިތުގައިވެސް ސުވާލު އުފައްދަމުންނެވެ. ވާނީވެސް އެހެންތާއެވެ. މީގެ ކުރިން މާ ގާތްކޮށް އެތައް ކުދިންނަކާއެކު ވަގުތު ހޭދަކުރެވިފައި ވާއިރު އެއިން އެއްވެސް ކުއްޖެއްގެ ބީހުމުން އޭނާއަށް އެފަދަ އަސަރެއް ނުކުރެއެވެ. ނަމަވެސް، ގަމީހުގެ ފަރުދާއާއެކުވެސް، ޝައިނާގެ އެންމެ ބީހުމަކުން އޭނާގެ ހަށިން ހީބިހި ހިލުވާލައިފިއެވެ. ކޮންމެއަކަސް، މަދު ހިނދުކޮޅެއްގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ރާހިލްގެ ހިތާއި ސިކުނޑީގައި ވަނީ ހައިޖާނެއް އުފެދިފައެވެ.
***********
ޓޭންކުގައިހުރި މަސްތަކަށް ކާން އަޅައިލުމަށްފަހު ކޮފީތަށި ހިފައިގެން ބެލްކަންޏަށް ނުކުތް ރިއާން ސިނގިރޭޓެއް ރޯކޮށްލަމުން ޖީބުގައި އޮތް ފޯނު ނެގިއެވެ. އާދައިގެ މަތިން އިންސްޓަގްރާމް ހުޅުވައިލުމަށްފަހު ސްޓޯރީތައް ބަަލަމުންގޮސް ޒީވާގެ ސްޓޯރީ ފެނުމާއެކު ރިއާން ފަރުވާތެރި ކަމާއެކު އޭގައި ލިޔެފައިވާ އިބާރާތްކޮޅު ކިޔައިލިއެވެ.
“ވެލްކަމިންގް ދަ ނިއު ޑޮކްޓަރ ޓު އަވަރ ޑިޕަރޓްމެންޓް. ޓެޕް ޓު ސީ އަވަރ ރޭޓިންގްސް”
ކުރިންވެސް ޒީވާ އެފަދަ ސްޓޯރީތައް ލާފައި ހުންނަތަން ފެންނާތީ ރިއާންއަށް އެބުނި އެއްޗެއް ވަގުތުން ނަގައިގަނެވުނެވެ. އެ ބުނާ ރޭޓިންގް އަކީ ހޮސްޕިޓަލަށް އާ ޑޮކްޓަރެއް އަންނަ ކޮންމެ ފަހަރަކު އެ ޑިޕަރޓްމެންޓްގެ ކުދިން ޖަހާ ސަކަރާތެކެވެ. އެ އަންނަ ޑަކްޓަރަކީ މުސްކުޅިއެއްތޯ، ޅަމީހެއްތޯ، އަންހެނެއްތޯ، ފިރިހެނެއްތޯ އޭގައި ފަރަގެއް ނޯވެއެވެ. މިފަހަރުވެސް އެއީ ކޮންމެވެސް ހަރު އުމުރެއްގެ ބޭރު ޑޮކްޓަރެއްކަމަށް ދެކި ރިއާން ދެން އިން ސްލައިޑްއަށް ދިޔުމާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ބުރުގާ އަޅައިގެންހުރި އަންހެން ނަރުސްކުއްޖެއްގެ ގާތުގައި ހުއްޓިލައިގެން ހުރީ ރިއާންމެންނާ އުމުރުގެ ގޮތުން އެއްވަރުކަމަށް ފެންނަ އިސްކޮޅުން ދިގު ޒުވާނެކެވެ. ބަލާބެލުމަކަށް ހުތުރު މީހެކޭ ނުބުނާނެއެވެ. ނަމަވެސް ކައިރީގައި ހުރި ކުއްޖާ ހިފަހައްޓައިލައިގެންހުރި 9.5 ޖަހައިފައިވާ ބޯޑު ފެނި އަންހެންކުދިންނަށް މީނާ ކިހާވަރަކަށް ކަމުގޮސްފިކަން ރިއާނަށް އަންދާޒާ ކޮށްލެވުނެވެ. ދެންހުރި ސްލައިޑްތަކުގައިވެސްވަނީ ކޮންމެ ކުއްޖަކު އެޒުވާނާގެ ގާތުގައި ބޯޑަކާއެކު ހުއްޓިލައިގެން ހުރިތަނެވެ. ގިނަކުދިންގެ ބޯޑުގައި ލިޔެވިފައިވަނީ އަށެއްބައި، ނުވައެއް، ނުވައެއްބައި އަދި ދިހައެއްގެ ރޭޓިންގްތަކެވެ. ޒީވާ އެޒުވާނާއަށް ދެނީ ކިހާވަރެއްގެ ރޭޓިންގެއްތޯ ބެލައިލުމުގެ ޝައުގުވެރި ކަމާއެކު ރިއާން އަވަސް އަވަހަށް އެންމެ ފަހު ސްލައިޑަށް ދިޔައެވެ. ޒީވާގެ އަތުގައިއޮތް ބޯޑުގައި ޖަހައިލައިފައިވާ ދިހަ ނަންބަރު ފެނި ރިއާންގެ އަނގައިގައިހުރި ކޮފީފޮދުވެސް ބުރުއްސައި ނުލެވުނީ ކިރިޔާއެވެ.
“ބޯނަސް ޕޮއިންޓް ފޯރ ދި ހެންޑްސަމް ސްމައިލް ސޯ އެން އިލެވެން.” ސްލައިޑްގެ ކަނުގައިވާ ލިޔުންކޮޅު ފެނި ރިއާންއަށް މަލާމާތުގެ ޒާތަކަށް ހިނިތުންވެލެވުނެވެ.
“އޭން އިލެވެން؟ މީ ކޮންކަހަލަ ބައެއްތަ؟ ރީތި ފިރިހެނެއްވެސް ވަކިކުރަން އެނގެނީކީ ނޫން. ސަޗް ބޭޑް ޓޭސްޓް” ރިއާން އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ބުންޏެވެ. އަދި އެއް ނޭވައިން ކޮފީތަށި ހުސްކޮށްލުމަށްފަހު ބެލްކަނިން ނުކުމެގެން ދިޔައެވެ.
***********
ކޮޓަރީގެ ބެލް އަޅައިލުމާއެކު އެނދުމަތީގައި އޮތް ރާހިލް ކަންނެތް ގޮތަކަށް ތެދުވެގެންގޮސް ދޮރު ހުޅުވައިލިއެވެ. ބޭރުގައިހުރި ޝައިނާ ފެނުމުން ހައިރާންވި ނަމަވެސް އެތެރެއަށް ވަނުމަށް ތަން ދެއްކިއެވެ. އެއީ އޭނާ އެ ގެސްޓްހައުސްގެ ތިރިއަށް ބަދަލުވި ފަހުން ޝައިނާ އެ ކޮޓަރިއާ ހިސާބަށް އައި ފުރަތަމަ ފަހަރެވެ. ޝައިނާ އަތުގައި އޮތް ބޭސްފުޅި ރާހިލްއަށް ދައްކައިލިއެވެ. ރާހިލް އޭގައި ހިފުމަށް އަތް ދިއްކޮށްލި ނަމަވެސް ޝައިނާ ރާހިލްގެ އަތަށް އެ ދިނުމުގެ ބަދަލުގައި ބޭސްފުޅިން ބޭސްކޮޅެއް އިނގިލީގެ ކުރީގައި ޖަހައިލުމަށްފަހު ރާހިލްގެ އަތް ދެއްކުމަށް އިޝާރާތްކުރިއެވެ. ޖެހިލުންވެފައިހުރެ ރާހިލް އަތް ހިއްލައިލުމުން ޝައިނާ އެ އަތުގައި ބޭސްކޮޅު އުނގުޅައިލިއެވެ.
“ޓްސްސް. އާ” ނަގައިގަތް ދިލައާއެކު ރާހިލްއަށް ކުއްލިއަކަށް އަތް ދަމައިގަނެވުނެވެ.
“އަޅޭ ސޮރީ. މާ ކުއްލިއަކަށް ދޯ މި އަތްލެވުނީ. ކުޑަކޮށް ދިލަ ނަގާފާނެ. ރާހިލް އަޅެ އަތް ފެން އެއްޗަކަށްވެސް ނުލަންތަ؟ ބަލާބަ މިއޮތީ މުޅިން ފޮޅުލާފައެއްނު” ރާހިލް އަތް ދުރަށް ގެންދިޔުން ހުއްޓުވުމަށް ބޭސް އުނގުޅަމުންދިޔަ އަތް ނޫން އަނެއް އަތުން ރާހިލްގެ އަތުގައި ހިފަހައްޓައިލަމުން ޝައިނާ ބުންޏެވެ. އެވަގުތު ރާހިލްގެ އެތެރެހަށީގައި އުފެދިގެންދިޔަ މަޑު ތުރުތުރަކީ އަތުގައިވި ޒަހަމުން ނެގި ދިލައިން އުފެދިގެންދިޔަ ތުރުތުރެއް ކަމެއް ނުވަތަ ޝައިނާގެ ބީހުން އިހްސާސްވި ވަގުތު އުފެދުނު ތުރުތުރެއްކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޝައިނާ ކުރި ސުވާލަށް ޖަވާބުދެވޭ ވަރަށްވުރެ ބޮޑަށް އޭނާ ޝައިނާގެ ހަރަކާތްތަކަށް ގެެއްލިފައިވާކަމެވެ.
ރާހިލްއަށް ޝައިނާގެ ނިއްކުރީގައި ތަތްކޮށްފައިވާ ބޭސްމަލަންކޮޅާއި އުޅަނބޮށިން ނޫފައިގެންފައިވާ ހިސާބަށް ބަލައިލެވުނެވެ. މިވީ މަދު ދުވަސްތަކުގައި ނޭނގި ނަމަވެސް އޭނާގެ ފަރާތުން ޝައިނާއަށް ލިބުނު ދެ އަނިޔާއެއް އަދިވެސް ތާޒާކަންމަތީ ފެންނަން ހުރިއިރު އޭނާއަށް ފަރުވާ ދިނުމުގެ ތެރޭގައި ޝައިނާއަށް އޮޅިގެން ކުރެވުނު ކުޑަކުޑަ ކަމަކާއިހުރެ އޭނާގާތު މަޢާފަށް އެދުނީތީ ރާހިލްގެ ބޮލުގައި ރިއްސައިލިއެވެ. ޝައިނާގެ ހިތްހަރުކަމާއި ރުޅިވެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ އޯގާތެރިކަން އިހްސާސްވުމާއެކު އޭނާއަށް ހިންދިރުވައިލެވުނެވެ. ނަމަވެސް މިހާރު އޭނާއަށް އެވަނި ޝައިނާގެ މަޢާފު ނުލިބޭނެ ހިސާބަށް އާދެވިފައެވެ. އިތުރުގޮތެއް ނެތިގެން ނޫނީ ޝައިނާ މިހާރު އޭނާއަށް ބަލައިލާނެއޭވެސް އޭނާގެ ހިތެއް ނުބުނެއެވެ.
އެކެއް އަނެކެއްގެ ނޭވާ އިހުސާސްވާހާ ގާތުގައި ހުރެވުނުއިރު އެންމެ ފަހަރަކު ނަމަވެސް އިސް އުފުލައިލާ ޝައިނާގެ ރީތިދެލޮލުން އޭނާއާ ހަތަރުކަޅި ހަމަކޮށްލާނެ ނަމައޭ ރާހިލްގެ ހިތަށް އަރަމުންދިޔައެވެ. އެއީ ޝައިނާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އެލޮލެއްގެ ޖާދޫގައި އޭނާ ޖެހިފައިވާ ރީތި ދެލޮލެވެ. އާންމުކޮށް ފެންނަފަދަ މުށިކުލައިގެ ދެލޯ ނަމަވެސް އެ ދެލޮލުން އޭނާއަށް ފެންނަ ތަފާތުކަން އެހެންމީހުނަށްވެސް ފެނޭބާއޭ ރާހިލްގެ ހިތަށް އެރިއެވެ.
“އަހަރެން ރާހިލްއަށް މާފުކޮށްފިން.” ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ޝައިނާ ބުންޏެވެ. ރާހިލްގެ ހިޔާލުތަކުގެ އަޑު ޝައިނާއަށް އިވުނުފަދައެވެ.
“އާން އަހަރެން ރާހިލްއަށް މާފުކޮށްފިން. މިއަދަށްވެސް. އެރޭ ހިނގި ކަންތަކަށްވެސް. އަހަރެން ރާހިލްއާ ވާހަކަ ނުދައްކަން ނިންމި ނިންމުމަކީ އަހަރެންގެ އަމިއްލަ ނިންމުމެއް. އަހަންނަށް ރަނގަޅީ ރާހިލްވެސް މިކަން ބަދަލުކުރަން މަސައްކަތް ނުކުރިއްޔާ. އެހެންނޫނަސް މާލެ ދިއުމަށްފަހު އަހަރެން ރާހިލް ދަންނާނީ ހަމައެކަނި ޒީގެ ރިލޭޓިވެއްގެ ގޮތުގަ. ސޯ މިހާރުން ފަށައިގެން.. ލެޓްސް ކީޕް އިޓް ދެޓް ވޭ” ޝައިނާ ބޭސްފުޅި މަތިޖަހައިލުމަށްފަހު އެނދާ އިންވެގެންހުރި ސައިޑް ކަބަޑުގެ މަތީގައި ބޭއްވިއެވެ. އަދި ރާހިލްގެ ފަރާތުން ލިބޭނެ ރައްދަކަށް ބެލުމެއްނެތި ލަސް ފިޔަވަޅުތަކެއްގައި ގޮސް އެކޮޓަރިން ނުކުތެވެ. ރާހިލްއަށް އޭރުވެސް ހުރިތަނުގައި ގަނޑުވެފައި ހުރެވުނެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީހަމަ އެންމެ ސުވާލެކެވެ. ޝައިނާ އެބުނާފަދަ ބީރައްޓެހިކަމެއް އެދެމެދުގައި ބޭއްވިދާނެ ބާއެވެ؟
***********
“އޭ ހޭލަބަލަ. ތަޅުދަނޑި ދީފަ ގޮވަން އަންނާށޭ ބުންޏަކަސް ފަރަކު ނުޖެހޭނެ. މިހާރު ކިހާ އިރެއް ގޮވާތާ. ޕިކަޕު ނައްޓާލާނެ ބުނެފަ އޮތް ގަޑިއަށް. ކަލޭ ނުހޭލަންޏާ މަ މި ދަނީ” އެނދުމަތީގައި އޮތް ރާހިލްގެ އަތުގައި ހިފައި ދަމަމުން ނިހާމް ބުންޏެވެ. ނިދި މޫނަކާއެކު ރާހިލް ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލިއެވެ. އޭރުވެސް އޭނާގެ ދެލޯ ހުޅުވުމުގެ ހިޔާލެއްވެސް ނެތްކަހަލައެވެ. ދުވެ ނިންމާފައި އައިސް ފެންވަރާލައިގެން އަދި މި އޮށޯވެލެވުނީ ވިއްޔާއެވެ. ބަލާކަށް ނުހުރެ ނިހާމް ގޮސް ރާހިލް ބޯން ގެންގުޅޭ ފެންފުޅި ނަގައި ރާހިލްގެ ބޮލަށް އަޅައިލިއެވެ.
“ވަޓް ދަ ފ*” ރާހިލްއަށް ސިއްސައިގެންގޮސް ބުނެވުނެވެ.
“ސާބަހޭ! ތި ހެނދުނު ހޭލާ ގޮތަށް ޝަހާދަތް ކިޔައިބަލަ! ޕިސްޕިސް. އަހަރެންނަކަށް ނޭނގެ މި ފަރަންޖީން އުޅޭ ވައްތަރެއް. ތި އަވަސްކޮށްގެން އާދޭ! ތިރީގަ މިތިބީ..” ނިހާމް ރާހިލްގެ ބޮލުގައި އަތްއަޅައި ކޮއްޕައިލުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ. ރާހިލްވެސް އިރުކޮޅަކު އެހެން އިނުމަށްފަހު ދަތުރު ދިޔުމަށްޓަކައި ތައްޔާރުކުރި ގަދަފެހިކުލައިގެ މާޖެހި ގަމީހާއި ކްރީމްކުލައިގެ ސޯޓު ހިފައިގެން ކަންނެތް ގޮތަކަށް ދެފައި ދަމަމުންގޮސް ފާހަނައަށް ވަނެވެ.
އޭނާއަށް ތިރިއަށް ފޭބުނުއިރު ގެސްޓްހައުސްގެ ގޭޓު ކުރިމަތީގައި އޮތް ބޮޑު ފިކަޕަށްވަނީ ގިނަބަޔަކު އަރައި ބަރާވެފައެވެ. އިށީންނާނެ ޖާގައެއް ނެތީތީ ގިނަ ފިރިހެނުން އޭރުވެސް ތިބީ ކޮޅަށެވެ. ރާހިލްވެސް ޕިކަޕަށް އެރުމަށްފަހު ޕިކަޕުގެ ގެގަނޑުގެ މައްޗަށް ބެކްޕެކް އެއްލަމުން އެ ގެގަނޑުގެ ކައިރީގައި މަޑުކޮށްލިއެވެ.
“ކޮބާތަ ޝައި؟ ނިހާމް އަޅެ އޭނައަކަށް ނުގޮވަންތަ؟” ޕިކަޕުގައި އިން އަންހެނަކު ގޮވައިލިއެވެ.
“ޝައި ބުނި މިތާ ކައިރީގަ ވިހައިގެން އުޅޭ ބުޅަލަކަށް ކާންދޭށޯ މީނީ.. މި އަންނަނީއޯ އިރުކޮޅަކުން. އެވެސް ވަރެއްގެ އަންހެނެއް. ބުޅަލެއް ފެނުނިއްޔާ ދުރަށް ފިޔަވަޅެއްވެސް ނޭޅޭނެ” އެކުއްޖާއަށް ރައްދު ދިނުމުގެ ގޮތުން ތޫބާ ބުނެލިއެވެ.
“އައިސްކުއީން ފީޑްސް ކެޓްސް؟” ރާހިލް ހައިރާންވެފައި އަހައިލި އިރު އޭނާގެ ތުންފަތުގައިވި މަލާމާތުގެ ހިނިތުންވުމުން އޭނާ އެކަން ގަބޫލު ނުކުރާހެން ހީވާކަހަލައެވެ. ވާނީވެސް އެހެންތާއެވެ. ޝައިނާގެ ފަރާތުން މިފެންނަ ކަންކަމަކީ މުޅިންވެސް އޭނާ އަންތަރީސްް ކުރުވާހާ ކަންކަމެވެ.
“މަށަށް އޭރުވެސް އެނގުނޭ ޝައިނާ ހޭލާނެކަން ގެރެންޓީކޮށް. އަހަންނަށްވެސް އެނގޭނެއްނު ގޮވަންޖެހޭ ކަހަލަ މީހުން” ނިހާމްގެ ވާހަކަ ނުނިމެނީސް ޝައިނާ އައިސް ޕިކަޕުގެ ކައިރީގައި މަޑުކޮށްލިއެވެ. މަޑު ފިޔާތޮށިކުލައިގެ ގަޔަށް ހިފައިލައިފައިހުރި ޕްލެއިން ޓީޝާޓަކާއި ހަމައެކުލައިގެ މާ ޖަހަަައިފައިވާ ހުދުކުލައިގެ ދޫ ހަރުވާޅުގައިވެސް ޝައިނާ ފެންނަމުންދިޔައީ ބަލާ ފޫހިނުވާނޭ ފަތްމިންޏެއް ފަދައިންނެވެ. އާންމުގޮތެއްގައި ޝައިނާ އަޅާ ގަދަ ކުލަތަކުގެ ހެދުމާއި މުޅިން ތަފާތު ކުލައެއްގައި ފެންނަމުން ދިޔަނަމަވެސް އެ ގޮތްވެސް ޝައިނާއާ ނުހަނު ގުޅޭކަން ރާހިލް ހިތާހިތުން އެއްބަސްވެލިއެވެ.
ޕިކަޕަށް އަރަން ހާއްސަކުރެވިފައިވާ ދިމާލާ އެންމެ ކައިރީގައި ހުރެވުނީތީ ރާހިލް ޝައިނާ އެރުމަށް އަތް ދިއްކޮށްލިއެވެ. ނަމަވެސް ޝައިނާ އެ އަތުގައި ހިފުމެއްނެތި ޕިކަޕުގެ ފަޑީގައި ހިފަހައްޓައިލަމުން ޕިކަޕަށް އެރިއެވެ. އޭނާ އެރުމާއެކުހެން ނިހާމް ޕިކަޕުގެ ގެގަނޑުގައި ދެފަހަރަކު ޖަހައިލައި ޕިކަޕު ދުއްވާލުމަށް އިރުޝާދު ދިނެވެ.
ކަންދިމާކުރިގޮތުން ޝައިނާއަށްވެސް ހުންނަން ޖެހުނީ ރާހިލްއެކޭ އެއްފަދައިން ޕިކަޕުގެ ގެގަނޑުގައި ލެގިލައިގެން ކޮޅަށެވެ. އޭނާ މަސައްކަތްކުރަމުން ދިޔައީ ޖެހިގެންހުރި ރާހިލްއަށް ވީހާވެސް ބޮޑަށް ނުބަލައިވޭތޯއެވެ. އޭނާއާ އެއް އެޕަރޓްމެންޓެއްގައި ރާހިލް އުޅުނު އިރު ކޮންމެ ދުވަހެއްްގެ ހެނދުނު ރާހިލްގެ ހިތްގައިމު މޫނުމަތިން ފެންނަ ތާޒާކަމާއި އެ އިސްތަށިގަނޑުގެ ތެތްކަން މި ހެނދުނުވެސް ފެންނަން ހުއްޓެވެ. ޝައިނާގެ ހަނދާނަށް އައީ ބައެއްދުވަސްދުވަހު އޭނާ ނާސްތާ ކުރަން އިންނަ ވަގުތު ރުޅިއަރުވާލުމުގެ ގޮތުން ރާހިލް އައިސް އެ އިސްތަށިގަނޑު އަތުން ތަޅުވާލައި އޭގައި ހަރުލައިފައިވާ ފެންތައް އޭނައާ ދިމާލަށް ފޮޅާލާ މަންޒަރެވެ. އެއާއެކު ތުންފަތަށް ވެރިވި ހިނިތުންވުން ފޮރުވައިލުމަށް އޭނާ ކޮލުގައި ދަތް އަޅައިލިއެވެ. އެވަގުތު ވެގެންދިޔައީ ދުއްވަމުން ދިޔަ ޕިކަޕު އޭގެ މިސްރާބަށް ދިޔުމަށްޓަކައި އެހެން މަގަކަށް އެޅި ވަގުތަށެވެ. މިސްރާބު ބަދަލުވިގޮތުން ހެނދުނުގެ އިރު ޝައިނާގެ މޫނާ ސީދާވިއެވެ. އެ އަވިން ސަލާމަތްވުމަށް އޭނާއަށް ލޯ މައްޗަށް އަތް ހުރަސްކޮށްލެވުނެވެ. އަދި އަނެއް އަތުން ފަހަތަށް އަޅުވައިފައިވާ ދަބަހުގެ އަރިމަތިން އަވި އައިނެއް ނަގަން މަސައްކަތްކުރަމުން ދަނިކޮށް ކުއްލިއަކަށް ގަޔަށް ހިޔާވާ ފަދައިން އޭނާހުރި ތަނަށް ހިޔަންޏެއް އެޅުނެވެ. ލޯމަތިން އަތް ތިރިކޮށްލުމަށްފަހު އިސްއުފުލައިލުމާއެކު ކުރިމަތީގައި ހުރި ރާހިލް ފެނުނެވެ.
“ރާހިލް. ތީ ކޮންކަމެއް.” ޝައިނާ ހިތްހަމަ ނުޖެހިފައި ސިއްރު ސިއްރުން ބުންޏެވެ.
“އަހަރެން ކަމެއް ކޮށްފިތަ.؟” ރާހިލް އާދައިގެ ގޮތަކަށް އަހައިލިއެވެ.
“ގިވިންގް މީ ޝޭޑް. އެންޑް ނޮޓް އިން ޔޯ ޔޫޝުއަލް ވޭ.. ދަ ލިޓެރަލް ވޭ” ޝައިނާ ބުނެލިއެވެ.
“އޯ ޕްލީޒް. ޑޯންޓް ގެޓް ޔޯ ހޯޕްސް ޓޫ ހައި. އަހަރެންނަކީ ތި ހީކުރާޙާ ރޮމޭންޓިކް މީހެއް ނޫނޭ. މިހެން ހުރީމަ މާ ޖާގަ ބޮޑުވާހެން ހީވާތީ ދެންތިބި މީހުނަށް ނޭވާލާނެ ތަންކޮޅެއް ދޭން އަހަރެންވެސް މިކޮޅަށް ޖެހިލީނު” ރާހިލް ފަރުުވާކުޑަ ރާގެއްގައި ބުންޏެވެ. ޝައިނާ ރާހިލް ކުރިން ހުރި ޖާގައަށް ބަަލައިލިއިރު ރާހިލް ބުނި ފަދައިން އެ ޖާގައިގައި މިހާރު އެހެން މީހެއް ހުއްޓިލައިގެން ހުއްޓެވެ.
“ފައިން” ޝައިނާ ދަތްކުނޑި ވިކައިލަމުން ބުންޏެވެ.
“ކިއުޓް” ރާހިލްގެ ފަރާތުން އިވުނު ލަފްޒާއެކު ޝައިނާ ސުވާލުގެ ނަޒަރަކުން ރާހިލްއަށް ބަލައިލިއެވެ.
“ދަ ހެޑްބޭންޑް. ދަ ލައިޓް އެންޑް ގަރލީ ކަލަރޒް. ޝައިނާ އާންމުކޮށް ފެންނަ ޑާކް ސްޓައިލާ ވަރަށް ތަފާތު.” ރާހިލް ޝައިނާ އަޅައިގެންހުރި މަޑު ފިޔާތޮށިކުލައިގެ ފޮތިބޭންޑަށް ދަމައިލަމުން ބުންޏެވެ. އަދި ފަހު ޖުމްލަ ބުނުމުގެ ކުރިން ޝައިނާގެ ކަންފަތާ ކައިރި ވެލިއެވެ. “އެކަމަކު ޝައިނާގެ އަމިއްލަ ގޮތުގަ އަހަރެންނަށް ޝައިނާ މާ ރީތި. އައި ލައިކް ޔޫ ވިތް އަ ބިޓް އޮފް ޑާރކް އެންޑް ވައިލްޑް އެނަރޖީ”
ރާހިލްގެ އެ ޖުމްލައިން ޝައިނާގެ ގައިގެ ލޯލިތަށް ކޮޅަށް ޖެހި މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. އެކަން ފޮރުވައިލަމުން އޭނާ ރާހިލްއަށް ލޯ އަޅައިލިއެވެ. ރާހިލް ހެވިފައިހުރެ ބޯޖަހައިލުމަށްފަހު އެެއްއަތް ޝައިނާގެ ކޮނޑާއި ދިމާލުން ގެންގޮސް ޕިކަޕުގެ ގެގަނޑުގައި ވިއްދައިލިއެވެ. އެ ހަރަކާތުގެ ސަބަބުން ޝައިނާއަށް އޭނާގެ ބަނޑުގައި ކޮކާ އެނބުރޭފަދަ އިހުސާސެއް ކުރެވުނެވެ. އިހްތިޔާރަކާނުލައި ރާހިލްގެ ކޮންމެ ސިފައަކަށް އޭނާގެ ހިތުން ތައުރީފު އޮހެން ފެށިއެވެ. ވާންވެފައިވާ އަތުގެ މުލައްދަނޑިން ފެށިގެންގޮސް ކޮށައިފައިވާ ތުނބުޅީގެ ސަބަބުން އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ރާހިލްގެ ކަތުރުކަށިގަނޑަށް އޭނާގެ ނަޒަރު ހުއްޓެމުންދިޔައީ ބޭއިޙްތިޔާރުގައެވެ. ހިންދިރުވާލާ ކޮންމެ ފަހަރަކު އެ ފިރިހެންވަންތަ ކަަނދުރާއަށް އެނގުންވެލާގޮތް ފެނި ޝައިނާގެ އަނގައިން ކުޅު ހިކެމުންދާހެންވެސް ހީވާން ފެށިއެވެ. އޭރު ރާހިލްގެ ނަޒަރުވަނީ ޝައިނާގެ ބަދަލުގައި ކުރިމަތިން ފެންނަމުންދާ ރާސްތާއަށް ހުއްޓިފައެވެ.
ކުއްލިއަކަށް ޕިކަޕްގެ ދުވެލި މަޑުޖައްސައިލުމާއެކު ކޮޅަށް ތިބި އެންމެނެކޭ އެއްފަދައިން ރާހިލްއާ ޝައިނާގެ ފައިންވެސް ހަމަނައްޓައިލިއެވެ. އަދި އެކެއް އަނެކެއްގެ ގައިގައި ބާރަށް ގޮސް ޖެހުނެވެ. ފަޅި ސިކުންތެއްގެ ތެރޭ ބޭއިހްތިޔާރުގައި ގެނެވުނު ހަރަކާތަކާއެކު ރާހިލްއަށް ޝައިނާގެ އުނަގަނޑުގައި އަތްއަޅުވައިލެވުނީ ޝައިނާ އަރި އަޅައިލުމުން ސަލާމަތްކުރުމުގެ ނިޔަތުގައެވެ. އެވަގުތު އެދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔައެވެ. ހަމަ އެހާމެ އަވަހަށް ޝައިނާ އެ ނަޒަރު ވަކިކޮށްލިއެވެ. ހިނގަމުންދާ ކޮންމެ ސުކުންތަކާއެކު ދެމީހުންގެ ދެމެދަށް ވެރިވަމުންދާ އުދާސްކަމާއި ހޫނުކަމުގެ އަސްލަކީ އިރުގެ ދޯދިތައް ކަމަށް ވިސްނައިދޭން އުޅުނު ކަމުގައިވިޔަސް، ދެހަށީގައި ހިފައިފައިވާ ހެނދުނުގެ ފިނީން އެކަނިވެސް ބުނެދެމުންދިޔައީ އެ އުދާސްތަކަކީ އެ ދޯދިތަކާއި އެއްވެސް ގުޅުމެއްހުރި ކަމެއްނޫން ކަމުގައެވެ.
ރާހިލްއާއި ޝައިނާއަށްވެސް ހުރެވުނީ ކިހާ ގާތުގައިކަން ރޭކައިލީ ޕިކަޕުގައި ތިބި މީހުންގެ ދިމާކުރުމާއި އަޅުވައިކިޔުމުގެ އަޑުތައް އިވެން ފެށުމުންނެވެ. ވާނީވެސް އެހެންތާއެވެ. ދުރުން ބަލައިލާ ބަޔަކަށް އެދެމީހުން ފެންނާނީ ފިލްމެއްގެ ބަތަލުންތަކެކޭ ހީވާހާ ގުޅޭ ޖޯޑެއްގެ ގޮތުގައެވެ. ނަމަވެސް އެދެމީހުންގެ މޫނުގެ ކުލަވަރު އެންމެ ގާތުން ފެންނާނެ ބަޔަކަށް ތިބީ ހަމަ އެދެމީހުންނެވެ. ޕިކަޕުގެ ތެރެއިން އިވިލާ ކޮންމެ ދިމާކުރުމުގެ ބަހަކާއެކު ޝައިނާގެ މޫނު ލަދުން ރަތްވެގެންދާގޮތް ފެނި ރާހިލްގެ ހިނިތުންވުން ފުންވަމުންދިޔައެވެ. އެހެނެއްކަމަކު ދެމީހުންވެސް ބެލީ އެ އަޑުތަކަށް މާބޮޑު ސަމާލުކަމެއް ނުދީވޭތޯއެވެ.
ވިއްސަކަށް މިނެޓުގެ ދަތުރަކަށްފަހު އެމީހުންގެ މަންޒިލާ ހިސާބަށް ވާސިލްވެވުނެވެ. ގަސްބިޔަ ޖަންގަލީގެ ތެރެއިން ނުކުމެވެން އޮތް ބީޗާ ހިސާބަށް އާދެވުމާއެކު އެންމެ ފުރަތަމަ ޕިކަޕުން ފުންމާލި މީހުންގެ ތެރޭގައި ރާހިލްވެސް ހިމެނުނެވެ. ފާއިތުވެދިޔަ މަދު ވަގުތުކޮޅުގެ ތެރޭގައި ވިޔަސް ޝައިނާގެ ހިޔާލު ބަދަލުވެފައި ވެދާނެކަމުގެ އުއްމީދުގައި ރާހިލް މިފަހަރުވެސް ޝައިނާ ފޭބުމަށް އަތް ދިއްކޮށްލިއެވެ. ނަމަވެސް ހުޝިޔާރުކަމާއެކު ޝައިނާ ޕިކަޕުން ފުންމާލައިގެންގޮސް ކުރިއަށް ހިނގައިގަތެވެ. ރާހިލްއަށް ބޯ ހޫރައިލަމުން އެއްމިޔަކަނިން ހިނިތުންވެލެވުނެވެ. އެ ހިނިތުންވުން ފިލުވައިލާފަދަ ރުޅިވެރިކަމެއްގެ ކުލައެއް މޫނުމައްޗަށް ފާއްދައިލީ އެވަގުތު ސައިކަލުގައި އައިސް މަޑުކޮށްލި ރާފިއުއާ ދިމާލަށް ޝައިނާ ހިނގައިގަތުމުންނެވެ. އިސާހިތަކު ރާހިލްގެ މުޅި މޫޑު ޚަރާބު ވެއްޖެއެވެ.
“އޭ މިދިމާ ބޭރަށް އެރެންވާނެ ސައިބޮއެ ނިންމާފަ ބޯވަ ހިފަން އިނގޭ. ފިހެލައިގެން ކާލަން ވަރަށް މީރުވާނެ. އައްޔަ ބުނި އޭނަ ގެނައިމޯ ދަގަނޑާ އެއްޗެހިވެސް” ރާހިލްއަށް ހޭވެރިކަމެއް ވީ ފަހަތުން އައި ނިހާމް ކުއްލިއަކަށް އޭނާގެ ގައިގައި ޖެހިގަތުމުންނެެވެ. އޭނާ އެންމެ ރަނގަޅޭބުނެ އަވަސް އަވަހަށް ބޯ ޖަހައިލި އެވެ.
***********
“އޭ މޭން. ކަލޭ އޯކޭތަ؟” ނިހާމް އަތުގައި އޮތް ދަގަނޑުން ބޯވަ ނައްޓައިލައި ބާލިދީއަށް ވައްޓައިލަމުން ރާހިލްއަށް ގޮވައިލިއެވެ.
“ކީކޭ؟ އާން!! މަ އޯކޭ. ވަރަށް ހޫނެއްނު؟ އެހެންވެ ކުޑަކޮށް ބުރާންތި އަރާފަ މި ހުންނަނީ” ރާހިލް ބުންޏެވެ.
“ބުރާންތި އަރާފަ ތި ހުންނަނީ އެހެން ކަމަކާ. އަހަރެން ހީކުރީ ކަލެއަށް ވަރަށް މިކަން ސަޅިވާނެ ކަމަށް. އެހެންވެ ގެނައީވެސް. އެކަމު ބޯވައަކާ ބޯވައެއް ދޫކޮށްލާފަ ތިތާ ދެއަތް އުރާލައިގެން ތި ހުންނަނީ.. ކަލޭ އެ ޝައިނާ ޗިކު ބޭނުންވީ ދޯ؟” ނިހާމް ބުންޏެވެ.
“ސާބަހޭ ނިހާމަށް. މި ރާހިލްގެ ވާހަކަ ތި ދައްކަނީ. އޭނަ ހުންނާނެތަ ބޭނުންވެއްޖެ ކުއްޖެއްގެ ކަންތައް ނުޖައްސާ؟ ނޭނގެ އެއްނު ޝައިނާ ކަންތައް ނުކުރާ ކަމެއްވެސް. އެއްތާކު ވިއްޔަ އުޅެނީވެސް” އެމީހުންގެ ކައިރީގައި އުޅުނު އަޖުމަލާއި ޝާޑު އެ ވާހަކަ އިވުމުން މަޖާވެލައިފައި ބުންޏެވެ.
“ނޫނޭ. އަހަރުމެން މިހާރު އުޅެނީ ދެތަނެއްގަ. އަހަރެންނާ ޝައިނާއާ ދެމެދު ތިކަހަލަ ކަމެއް ނުހިނގާ. އެކަމަކާ ނުވެސް ވިސްނަން. އެއީ މީހަކު ވައި އެޅޭވަރަށްވުރެ މާ ބޯހަރު އަންހެނެއް” ރާހިލް އަވަސްވެގަތީ ޝައިނާ ދިފާއުކުރުމަށެވެ. ހުދު އޭނާއަކަށްވެސް އެކަމުގެ ސަބަބެއް ނޭނގުނެވެ. އޭނާ ބޭނުންނަމަ އޭނާގެ މޮޅުކަން ދެއްކުމަށް އެއީ ވީކަމެއް ކަމުގައިވެސް ބުނެވުނީހެވެ. އެވާހަކަ ދޮގުކުރާނެ އިތުރު މީހަކުވެސް އެތަނުގައި ހުރީކީ ނޫނެވެ. ނަމަވެސް އެފަދަ ގޮތަކަށް ޝައިނާއޭ ކިޔައިގެން ދޮގު ހަދާކަށް އޭނަގެ ޟަމީރު އެއްބަހެއް ނުވިއެވެ.
“އެ ތެދެއް. މަށަކަށްވެސް ހިއެއްނުވޭ ޝައިނާ އެއީ އެކަހަލަ ކުއްޖެއް ހެނެއް. އެހެންނޫނަސް ރާހިލްއަށްވުރެ ބޮޑަށް އެ މަންޖެ ދޯޅީ ރާއްޕެއާ. ރާއްޕެއަށް ދެން ތިކަން ވިއްޔާ ވީ. އޭ ޝާޑު ދީބަލަ ބްލީޗް ފުޅި.. މިހަރުގަ އެބައޮތް ކަންނޭގެ” ނިހާމް ރާހިލްގެ ވާހަކައަށް ތާއީދުކޮށް ބުންޏެވެ.
“މަށެއް ނުބުނާނަން ތިކަމަކާ ވަކި އެއްޗެއް. އަންހެނުންގެ ގޮތެއް ނޭނގޭނެ. އެމީހުން ބޭނުންވާ ކަމަކިއްޔާ އެ ކަމެއްގަ މިތިބަ ބޯވަތަކަށްވުރެ ވަރުގަދައަށް ވަކި ހިއްޕާލާނެ” ޝާޑު އަތުގައި އޮތް ބްލީޗްފުޅި ނިހާމަށް ދިއްކޮށްލަމުން ބުންޏެވެ.
ދަތުރުގެ ކަންތައް ނިމިގެންދިޔައިރުވެސް ރާހިލްއަށް ހުރެވުނީ ވިސްނުމެއްގެ ތެރޭގައެވެ. އާންމުގޮތެއްގައި އެކަހަލަ ތަަންތަނަށް އައިސް ސަކަރާތް ޖެހުމުގައި އެންމެ އިސްކޮށް އުޅޭ ރާހިލްގެ ފަރާތުން ފެންނަމުންދިޔަ މަޑުމޮޅިކަން ފާހަގަވެ ނިހާމްވެސް އެކަމާ ސުވާލު ކުރިއެވެ. ނަމަވެސް ރާހިލް ހަމައެކަނި އެއީ “ވޯކް ސްޓްރެސް” ކަމަށްބުނެ ފުއްދާލީއެވެ. އޭނާގެ އެކުވެރިން ދެއްކި ވާހަކަތައް ހުއްޓުމެއްނެތި އޭނަގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައިރު މުޅި ދަތުރުގަައި ރާފިއުއާއި ޝައިނާ އެހާ އެކުގައި އުޅޭތަން ފެންނަ ކޮންމެ ފަހަރަކު އޭނާއަށް އެވާހަކަތަކުން އުނދަގޫވަމުން ދިޔައެވެ. އެންމެން މޫދުގައި އުޅުން ވަގުތުވެސް ރާފިއު އާއި ޝައިނާ ހީހީފައި އެކެއް އަނެކެއްގެ ގަޔަށް ފެންޖަހާފައި އުޅުނު ގޮތުން ރާހިލްގެ ބޮލުގައި ތޫނު ރިހުމެއް އުފެދިފައިވިއެވެ. ބޭނުން ނުވިކަމުގައިވިޔަސް އޭނާއަށް އެކަންކަމަށް ސަމާލުކަންދެވެނީ ކީއްވެކަމެއް ނޭނގެއެވެ. އެއީ ރަހްމަތްތެރިން ދެއްކި ވާހަކަތަކުގެ ސަބަބުން ކަމުގައި އޭނާ އަމިއްލަ ހިތަށް ވިސްނައިދިނެވެ.
ރާހިލްއާ ޝައިނާއާ ވަކިން ދިމާވެވޭވަރު ވީ ކައި ނިންމައިލުމަށްފަހު މޫދު ކައިރިއަށް ތަށި ދޮންނަން ދިޔަ ވަގުތުގައެވެ. ރާހިލް އައިސް ކައިރީގައި ހުއްޓިލުމާ އެކުހެން ޝައިނާ ތަށި ދޮވެ ނިންމާފައި ދުރަށް ހިނގައިގަތެވެ. ރާހިލް ޝައިނާގެ އަތުގައި ހިފެހެއްޓިއެވެ.
“ދޫކުރޭ” ޝައިނާ ރާހިލްއަށް ލޯ އަޅައިލަމުން ބުންޏެވެ. ރާހިލް ޝައިނާގެ އަތުން ދޫކޮށްލިއެވެ. ޝައިނާ ގަދަހަދަން ފަށައިގެން އިތުރު އަނިޔާއެއް އޭނާގެ ފަރާތުން ލިބޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
“ރިއާންއަށް އެނގޭތަ ވަޒީފާގެ ކަމަކު ޝައިނާ މިތަނަށް އައިސް ތި ގަންނަގަނޑު؟” ރާހިލް ރުންކުރު ގޮތަކަށް އަހައިލިއެވެ.
“ތިބުނީ..” އެބުނި އެއްޗެއްގެ މާނަ ނޭނގުމުން ޝައިނާއަށް ބުމަ ގޮށް ޖަހައިލެވުނެވެ.
“މިބުނީ ރާފިއުގެ ކަންތައް. ޝައިނާ ހިކުރީ އަހަރެން މިއީ ކަނު ބީރު މަންމަން މީހެއް ކަމަށްތަ؟ އެޗް.އާރާ ހިސާބަށް ވާހަކަ ގޮސްދާނެ ކަމަށް ނުވިސްނަންތަ؟” ރާހިލް އިންޒާރެއް ދޭ ފަދައަކުން ބުންޏެވެ.
“ރާހިލް ހީކުރަނީ ދުނީޔޭގެ ހުރިހާ ފިރިހެނުންނަކީ ރާހިލް ކަހަލަ އަންހެނުން ހިތި ބައެއް ކަމަށްތަ؟ އަންހެނުންނާ ދޭތެރޭ ތިބުނާގޮތް ނޫން ގޮތަކަށް ބަލާނުލެވޭ މީހުން ކަމަށްތަ؟ އެންމެނަކީ ރާހިލްހާ ގޮތެއްފޮތެއްނެތް ވިޔާނުދާ މީހުނެއް ނޫން. އެހެންނޫނަސް އަހަރެންނާ ރާފިއުއާ ދޭތެރޭ ތި ބުނާވަރު ގުޅުމެއް އޮތަސް އެއީ ރާހިލްއަކާ ބެހޭކަމެއް ނޫން” ޝައިނާގެ ރާހިލްއާ އަމާޒުކޮށް ބަހުގެ ހަމަލާއެއް ފޮނުވައިލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ. ރާހިލްއަށް ގަނޑުވެފައި ހުރެވުނީ ޝައިނާ ބުނި ބަސްތައް ހަޖަމުކުރަން ދަތިވެފައެވެ.
އިރުއޮއްސުމުގެ އަސަރުތަށް އުޑުމަތިން ފާއްދައިލައިފިއެވެ. ރަތްވިލާތައް އުޑުގައި ރަސްކަންކުރަން ފެށިއެވެ. ވަށައިގެންވާ މޫދުގެ ލޮނުގަނޑު އެ އުޑުގެ ކުލަތަކުން ފަވާލައިފިއެވެ. ބަލައި ފޫހިނުވާނޭ މަންޒަރެކެވެ. ކޮންމެ މީހަކުވެސް ބޭނުންވެފައިވަނި އެ މަންޒަރުގެ ފުރިހަމަކަން ހިތްފުރޭވަރަށް ބަލައިލުމަށް އެތަނުގައި މަޑު ކޮށްލުމަށެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް ނިމުން އަންނަ ފަދައިން ދަތުރުގެ ފޮނި ހަނދާންތައް ހިތުގައި ރައްކާކުރަމުން އެ އެންމެންވެސް ގެއަށް ދާން ތައްޔާރުވިއެވެ. މާދަމާރޭ އޮންނަ ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އޭގެ ތެރެއިން އެއްބަޔަކީ މާލެއަށް ފުރައިގެން ދާނެ ބަައެކެވެ. އެކުގައި މަސައްކަތްކުރި ޓީމު އުވައިލެވެނީއެވެ. އެ ބަދަހި އާއިލާ ރޫޅިގެން ދަނީއެވެ. އެހެންކަމަށްވުމާއެކު އެ ހަނދާންތައް ވެފައިވަނީ އެއިން ކޮންމެ މީހަކަށްވެސް މުހިއްމު ހަނދާން ތަކަކަށެވެ.
ޕިކަޕަށް އެއްޗެހި އެރުވުމަށްފަހު ސައިކަލުގައި އައި ގްރޫޕް އެމީހުންގެ ސައިކަލުތަކާ ދިމާލަށް މިސްރާބު ޖެހިއެވެ. އޭގެ ތެރޭގައި ރާފިއުވެސް ހިމެނެއެވެ.
“ބުނީމެއްނު ހޮޓެލުން އެއްޗެއް ނަގަން އޮތް ވާހަކަ؟ އަހަރެންނާއެކު ސައިކަލްގަ ދާންވީނު؟ އަހަރެންވެސް ހޮޓެލްއަށް މި ދަނީ ފުރަތަމަ ޗާޖަރު ބަލާ.” ރާފިއު ޝައިނާގާތު ބުނި އަޑު ރާހިލްއަށް އިވުނެވެ.
“ތީ ރަނގަޅު ހިޔާލެއް. އެހެންނޫނަސް މިކޮޅަށް އައި އިރުވެސް ޕިކަޕް އޮތީ ވަރަށް ފުލްކޮށް. ރާފިއު އަހަރެން ޑްރޮޕް ކޮށްދޭނަން ދޯ ގެސްޓް ހައުސްއަށް” ޝައިނާ ރާފިއު އާ އެއްބަސްވަމުން ސައިކަލާ ދިމާލަށް ހިނގައިގަތެވެ.
“ބްރޯ ކީއްވެތަ ސައިކަލުގަ ނައީ؟” ކައިރީގައި ހުއްޓިލި ނިހާމްގާތު ރާހިލް އެހިއެވެ.
“ހާހަކުން ދުވަހަކު މިހެން ލިބޭ ފުރުސަތެއްގަ އެންމެނާ އެއްކޮށް ޕިކަޕް ދުއްވާލީމަ ކިހާ މަޖާ. ތި ޝަކުވާ ނުކޮށް އަވަހަށް އަރާބަލަ. ބިޓަކަށްވުރެ ކަލޭގަ ކަންތައްގަނޑު ބޮޑުވޭ އެބަ. ދެން އެހެންޏާފަހެ ސައިކު ބުރުޖަހަން ދާށޯ” ނިހާމް ރާހިލް ޕިކަޕާ ދިމާލަށް ކޮށްޕައިލަމުން ބުންޏެވެ.
***********
ކޮޓަރިއަށް އާދެވުމާއެކު ފެންވަރާ ރީތި ވެލައިގެން ރާހިލްވެސް ނުކުތީ ހޮޓެލްއަށް ދިޔުމަށެވެ. މާދަމާގެ ހަފްލާއަށް އަންނަ މީހުންނަށް ޕްރެޒެންޓޭޝަން އެޅުވުމުގެ ކުރިން އޭނާ އަމިއްލައަށް ޓެސްޓު ކޮށްލަން ބޭނުންވީއެވެ. ސައިކަލުގައި ހޮޓެލްއާ ދިމާލަށް މިސްރާބު ޖެހިއިރު ވިއްސާރަ ވިލާތަކުން އުޑުމަތި ބަނަކޮށްލައިފައި ވެއެވެ. އެކަމަށް ފަރުވާލެއްނުދީ ރާހިލް އޭނާގެ މަންޒިލަށް މިސްރާބު ޖެހިއެވެ.
ހޮޓެލްއަށް ވަތްއިރު ލޮބީ އޭރިޔާގައި ބަހައްޓާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ޝައިނާއާއި ރާފިއު ތިއްބެވެ. އެކަމާމެދު އެއްޗެއް ހިތަށް ނޭރުވޭތޯ މަސައްކަތް ކުރަމުން އޭނާ ގޮސް ހޮޓެލްގެ ކޮންފެރެންސް ރޫމަށް ވަނެވެ. ދިހަވަރަކަށް މިނަޓުގެ މަސައްކަތަށްފަހު އެތާހުރި ބޮޑު ޓީވީގައި ޕްރެޒެންޓޭޝަން އެޅުވޭގޮތް ހަމަޖެހުމުން ރާހިލް ހިތްހަމަ ޖެހިފައިހުރެ އެތަނުން ނުކުތެވެ. ލިފްޓުން ފޭބިއިރު އަދިވެސް ރާފިއުއާ ޝައިނާ ލޮބީގައި ތިއްބެވެ. ރާހިލް އެކަމާ އަޅައިނުލައި ގެސްޓްހައުސަށް ދިޔުމަށް ނުކުތެވެ. ނަމަވެސް އޭރު ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. އިތުރު ގޮތެއް ނެތުމުން ރާހިލްއަށްވެސް ޖެހުނީ ހޮޓެލްގައި މަޑުކުރާށެވެ. އޭނާގޮސް ޝައިނާމެން ގާތު ހުރި އެހެން ގޮނޑިއެއްގައި އިށީނެވެ. އޭރު ޝައިނާއާ ރާފިއު ހީހީފައި ލެޕްޓޮޕުން ކޮންމެސް އެއްޗެއް ބަލަމުން ދިޔައެވެ. އަނގަ ނުހުޅުވާ އިނދެވޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަމިއްލަ މިޒާޖުގެ ގޮތުންނާ އެކުވެސްމެއެވެ. ރާހިލްއަށް މިނެޓެއްހާއިރުވެސް އެގޮތުގައި ކެތް ނުކުރެވުނެވެ.
“މާ މަޖާ އެއްޗެއްތަ ތި ބަލަނީ؟ އަހަރެންނަށްވެސް ނިކަން ދައްކާލަބަ” ރާހިލް އަމިއްލައަށް އެކަމުގެ ތެރެއަށް ވަދެގަތެވެ.
“ހަހަހަ. އާނ މިއީ ދަތުރުގެ ފޮޓޯތައް ބަލަނިކޮށް ރާފީއަށް އޮޅިގެން އޯޕެން ކުރެވުނު ފޮޓޮއެއް. ބަލާބަ ރާފީ ކުޑައިރު. ސޯ ފަނީ. ބަޓް ލޯބި ދޯ؟” ޝައިނާ ހިނިތުންވެފައި އިނދެ ރާހިލްއަށް ރާފިއުގެ ކުޑައިރުގެ ފޮޓޮއެއް ދައްކައިލިއެވެ. މަޖާވެފައި ހުރިވަރުން އޭނާއަށް ރާހިލްއާ ދެމެދު ޖެހިފައިވާ މައްސަލައިގެ މަތިންވެސް ހަނދާން ނެތްކަހަލައެވެ.
“ކިއުޓް… ރާފީ…” ރާހިލް ގަދަކަމުން ކަހަލަ ގޮތަކަށް ޝައިނާ ރާފިއުއަށް ދީގެންއުޅޭ ވަނަން ކިޔައިލިއެވެ.
އަނެއްކާވެސް ރާފިއުއާއި ޝައިނާ އެމީހުން ކުރަންތިބި ކަންތަކުގެ ތެރެއަށް ދިޔައެވެ. އޭރު ނޭނގޭ ރުޅިވެރިކަމެއް ރާހިލްގެ ނަފްސަށް ވެރިވަމުން ދިޔައެވެ. ޝައިނާ ހެމުންގޮސް ރާފިއުގެ ގައިގައި ޖެހިގަންނަ ކޮންމެ ފަހަރަކު ނުވަތަ ރާފިއު ޝައިނާގެ ކޮނޑުގައި އަތް އަޅުވައިލާ ކޮންމެ ފަހަރަކު އޭނާގެ ލޭ ކެކެމުންދިޔައެވެ. އޭނާއަކީ ކުރިން ދުވަހަކުވެސް ދެމީހެެއްގެ އުޅުން ހުންނަ ގޮތާމެދު މިހާ ރުޅިއަންނަ މީހެއް ނޫނެވެ. ނަމަވެސް ޝައިނާގެ ސަބަބުން އޭނާގެ އެތެރެ ހަށީގައި ފޮރުވިފައިވާ ކޮންމެވެސް އިހްސާސެެއް ތިލަކުރުވައިފިއެވެ. އޭނާއަށް ނޭނގެނީ އެއީ ކޮން އިހުސާސެއް ކަމެވެ.
އިތުރަށް އެތާ އިނުމަކީ ބުއްދިވެރި ގޮތެއްނޫން ކަމަށް ވިސްނި ރާހިލް އަވަސް އަވަހަށް އެތަނުން ނުކުތެވެ. ބޯވާރޭގެ ތިކިތަކުން ދެމުންދިޔަ ހަމަލާތަކަށް ފަރުވާލެއްނެތި އޭނާގޮސް ސައިކަލުގައި ގެސްޓްހައުސް ކުރިމައްޗަށް މަޑުކުރިއެވެ. ކޮޓަރިއަށް ވަތް ނަމަވެސް ތެމިފައިވާ އެއްޗެހި ބަދަލު ކުރުމުގެ ހިޔާލެއް އޭނާގެ ނެތް ކަހަލައެވެ. އޭގެ ބަދަލުގައި އަނެއްކާވެސް ވާރޭގެ އަސަރު ކުރަމުންދިޔަ ބެލްކަންޏަށް ނުކުމެ ދެފަރާތަށް ހިނގަން ފެށިއެވެ. ލައިގެންހުރި ގަމީސް ގައިގައި ތަތްލާފައިވުމުގެ ސަބަބުން އުނދަގޫވިއެއްކަމަކު އޭނާ އިންތިޒާރު ކުރަމުން ދިޔައީ ޝައިނާ އަންނާނެ އިރަކަށެވެ.
ރާހިލްގެ ހިތް ނުތަނަވަސްކަމާއި ޝަކުވާއިން ފުރެމުންދަނީއެވެ.
ޝައިނާގެ ފަރާތުން އޭނާއަށް ލިބޭ ނަފްރަތުގެ އަސްލު އޮޅުން ފިލަންދެން ސުވާލު ކުރަން ބޭނުންވަނީއެވެ.
ރާފިއުގެ ރަހްމަތްތެރިކަން އޭނާއަށްވުރެ ރަނގަޅީ ކޮންގޮތަކުންތޯ އޮޅުން ފިލުވަން ބޭނުންވަނީއެވެ.
ހިތުގައިވާ އުދާސްތައް ފިލައިގެން ދާވަރަށް ޝައިނާއާ ދިމާލަށް އެއްޗެހި ކިޔަން ބޭނުންވަނީއެވެ.
ރާފިއުގެ މޫނު މަތީގައި ޖަހަން ބޭނުންވަނީއެވެ.
ރާފިއުގެ އަތް ބިންދާލާ ހިތްވަނީއެވެ.
ރާފިއުގެ ބޯ ފާރާލައި ޗިސްކޮށްލަން ބޭނުންވަނީއެވެ.
ހުދު އޭނާއަށް ކުރެވެމުންދާ ބީރައްޓެހި އިހުސާސްތަކާ ދުރަށް ފިލަންދާން ބޭނުންވަނީއެވެ.
ސައިކަލެއްގެ އަޑާއެކު ފަނޑުއައްޔެއް ފެނުނުހެން ހީވެ ރާހިލް ބެލްކަނިން ބޭރު ބަލައިލިއެވެ. ތިންވަނަ ފަންގިފިލާގައި ހުރި ނަމަވެސް ދޮރުމަތީގައި މަޑުކުރި ސައިކަލާއި، އޭގެމަތީގައި އިން ރާފިއު ރާހިލްއަށް ސާފުކޮށް ފެނުނެވެ. އޭނާއަށް މޫނު ނުފެންނަހެން ފުރަގަސްދީގެންހުރި އަންހެންކުއްޖާއަކީ ޝައިނާކަން އޭނާއަށް ޔަގީންވިއެވެ. އެދެމީހުންވެސް ތިބީ ތެމިފައިކަމުން އެމީހުންވެސް އައީ ވާރެއާ ތެމިގެންކަން އޭނާއަށް އެނގުނެވެ. ސައިކަލު ދުއްވާލުމުގެ ކުރިން ރާފިއު ޝައިނާގެ ބޮލުގެ އިސްތަށިގަނޑު ކުޑަކޮށް ހާވައިލިތަން ފެނުނެވެ. އެހަރަކާތް ވެގެން ދިޔައީ ރާހިލް އައިސްފައިވާ ރުޅީގެ އަލިފާނަށް ތެޔޮ އެޅުން ކަހަލަ ކަމަކަށެވެ. ހަމަޖެހިލުމަށްޓަކައި އޭނާ ކޮޓަރިއަށް ވަނެވެ. ތެތްވެފައިވާ އިސްތަށިގަނޑުގައި ދެއަތުން އަތްފުނާ އަޅައިލިއެވެ.
“ޑޭމް އިޓް” ރާހިލްގެ ނަފްސަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ބޭރަށް ނުކުތެވެ. ޝައިނާ ދާނީ ލިފްޓުންކަން ޔަގީންވާތީ އޭނާ ދުއްވައިގަތީ ސިޑިއާ ދިމާލަށެވެ. އަދި ޝައިނާ އުޅެމުންދާ ފަސްވަނަ ފްލޯއަށް ދުވެފައިގޮސް އެރިއެވެ. އޭރު ޝައިނާ އެޕާރޓްމެންޓްގެ ދޮރު ލެެއްޕެންދިޔަތަން ފެނުނެވެ.
ކެތްމަދުވެފައިހުރެ ޝައިނާގެ ފަހަތުން ލެެއްޕެންއައި ދޮރު ކޮށްޕާލަމުން ރާހިލް އެ އެޕަރޓްމެންޓްގެ ތެރެއަށް ވަދެގަތެވެ. ސިޓިންގްރޫމްގެ މެދަކާ ހިސާބުގައި ހުރި ޝައިނާއަށް ސިހިފައި ފަހަތް ބަލައިލެވުނެވެ. ރާހިލް ވަކިން އެހެންތަނަކަށް ބަދަލުވީއްސުރެން ފުރަތަމަ ފަހަރަށް އެ އެޕަރޓްމެންޓްގެ ތެރެއިން ފެނުމުން އޭނާ ހައިރާންވިއެވެ. އެކަމާ ނުރުހި އެއްޗެއް ބުނަން އަނގަހުޅުވައިލިއެވެ. އެހެނަސް އެބަސްތައް ދުލުން ބޭރުވުމުގެ ކުރިން ދުރު ފިޔަވަޅުތަކެއްގައި އައި ރާހިލް އެދެމީހުންގެ ދެމެދުގައި އޮތް ޖާގަ ގިރާކޮށްލިއެވެ. އަދި ޝައިނާގެ މޫނުގައި ހިފަހައްޓައިލަމުން ފިނިން ތުރުތުރު އަޅަމުންދިޔަ ޝައިނާގެ ތުންފަތް ގައިދު ކޮށްލިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Hendhunu heylaa gothah shahaadhai kiyaashey..?? 🤣🤣🤣😭😭😭 Haha…
Damn raaahil… Dammnnnn… You really are sth else.. 😭😭😭
Anyways… Waiting for the next episode…🫶🏻🫶🏻