ހިތަކުން ނުދާނޭ ފިލާ 19
މުހައިމިންއާ އާޔާ އިށީނުމުން ލަޔާލް ކޮޓަރިއަށް ވަދެފައި އިރުކޮޅެއް ނުވެ ނިކުތީ ކިޔާންގެ އަތުގައި ހިފައިގެންނެވެ.
“މީ ކިޔާން” ލަޔާލް ބުންޏެވެ.
ހިނިތުންވުމަކާއެކު މުހައިމިން ކިޔާންއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ކިޔާން ހުއްދައަށް އެދި ލަޔާލްއަށް ބަލާލިއެވެ. ލަޔާލް ބޯ ޖަހާލުމުން ކިޔާން ގޮސް މުހައިމިންގެ ކުރިމަތީ ހުއްޓުނެވެ. މުހައިމިން ކިޔާންގެ ދެ އަތްތިލައިގައި ހިފާ ގެނެސް ތުންފަތުގައި ޖައްސާލިއެވެ.
“މީ ކާކު ކަން ދަރިފުޅަށް އެނގޭތަ؟” މުހައިމިން އަހާލިއެވެ.
“ބޮޑު ކާފަ” ބޯ ޖަހާލަމުން ކިޔާން ބުނުމާއެކު މުހައިމިންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެއް އަތުން ލޯ ފޮހެލާފައި މުހައިމިން ކިޔާން ނަގާ އުނގުގައި ބައިންދާފައި އެ ކުއްޖާގެ ނިތްކުރީގައި ބޮސްދިނެވެ.
ކިޔާން އިރުކޮޅަކު މުހައިމިންގެ ހަރަކާތްތަކަށް ބަލަން އިނދެފައި އާޔާއަށް ބަލާލިއެވެ.
“ހާއި ކިޔާން، މީ ކާކު ކަން އެނގޭތަ؟” އަމިއްލަ މޭގައި އަތް ޖައްސާލަމުން އާޔާ އަހާލިއެވެ.
“ޔާޔާ އާންޓް” ކިޔާން ޖަވާބުދިނެވެ.
“ޔެސް!” އާޔާ ހެވިފައި އިނދެ ކައިރިއަށް ޖެހިލަމުން ކިޔާންގެ ކޮލުގައި ބޮސްދިނެވެ.
ލަޔާލް ހެވިފައި ހުރެ މުހައިމިންއާ އާޔާއަށް ސައި ހަދާފައި ގޮވިއެވެ. ހަތަރު މީހުން އެކީ ވަގުތުކޮޅެއް ހޭދަ ކޮށްލުމަށް ފަހު އާޔާ ގޮވައިގެން މުހައިމިން ދާން ތެދުވީ އިރުއޮއްސެން ކައިރި ވުމުންނެވެ.
“އަދި ގުޅާނަން އިނގޭ، އެންމެންނަށް އެކީ” ދޮރުމަތީ ހުރެ އާޔާގެ އަތުގައި ހިފާލަމުން ލަޔާލް ބުންޏެވެ.
ބޯ ޖަހާލަމުން އާޔާ ކުރިއަށް ޖެހިލާ ލަޔާލް ގައިގައި ބައްދާލިއެވެ.
“ޑޯންޓް ބީ އަ ސްޓްރޭންޖަރ ދޮންތާ. އަހަރެން ބޭނުން ދަ ބެސްޓް އާންޓްއަށް ވާން، ސޯ ކިޔާންއާ އެކީ ވީހާވެސް ގިނަ ވަގުތު ސްޕެންޑް ކުރަން ބޭނުން” އާޔާ ބުންޏެވެ.
ލަޔާލް ބޯ ޖަހާލިއެވެ.
މުހައިމިންއާ އާޔާ ލަޔާލްއާ އެއްވެސް ސުވާލެއް ނުކުރެއެވެ. ކަންތައް ވީ ގޮތާމެދު ދެރަވެ ކަންބޮޑުވެފައި ތިބި ނަމަވެސް ލަޔާލް އެނބުރި އައީތީ އެ ދެ މީހުން ތިބީ ހިތްހަމަޖެހިފައެވެ.
އަނެއް ދުވަހު އޮފީހަށް ގޮސް ކެބިންއާ ހަމައަށް ދެވުނު އިރު ލަޔާލްގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. ސާހިލް ފެނުމުން ދެން ކަންތައް ކުރަންވީ ގޮތެއް ލަޔާލްގެ ވިސްނުމަކަށް ކުޑަކޮށްވެސް ނާދެއެވެ. ހުރިހާ ކަމެއް އެނގުމަށް ފަހު ސާހިލްވެސް ކަންތައް ކުރާނީ ކިހިނެއް ކަމެއް ލަޔާލްއަކަށް ނޭނގެއެވެ.
ކަންބޮޑު ވާންޖެހޭ ސަބަބެއް ނެތް ކަން ލަޔާލްއަށް އެނގުނީ އޮފީހަށް ދިޔަތާ ގަޑިއެއްހާ އިރު ވީ ފަހުންނެވެ. އެ ދުވަހު ސާހިލް އޮފީހަކަށް ނާދެއެވެ. އެއީ ސާހިލްގެ މިޒާޖާ ނުގުޅޭ ކަމެއް ކަން ލަޔާލްއަށް އެނގެއެވެ. އޮފީހަށް ނައިސް ސާހިލް ހުންނާނީ ކޮންމެވެސް ކަމެއް ވެގެންނެވެ. ގިނަ ދުވަސްތަކެއް ސާހިލްއާ އެކު ހޭދަ ކޮށްފައި ނުވި ނަމަވެސް ސާހިލްއާ ބެހޭ ގޮތުން އެވަރު ލަޔާލްއަށް އެނގެއެވެ.
ސާހިލް އޮފީހަށް ނާންނަ ކަން މާހިރާއަށް އެނގުނީ އެ ދުވަހުގެ މެންދުރުއެވެ. ސާހިލްއަށް ގުޅުމުން ފޯނަށް ޖަވާބު ނުދީގެން މާހިރާ އެންމެ ފަހުން ގެއަށް ދިޔައީ ސާހިލްއާ މެދު ކަންބޮޑު ވީ ވަރުންނެވެ.
ކުރީ ދުވަހު ލަޔާލްއާ ވާހަކަ ދެއްކުމަށް ފަހު ލަޔާލް ދިޔަ ފަހުން ސާހިލްއަށް އެއްވެސް މަސައްކަތަކަށް ސަމާލުކަމެއް ނުދެވުނެވެ. ވިސްނި ވަރަކަށް ބޮލުގައި އުފެދި ގަދަވަމުން ދިޔަ ރިހުމަށް ކެތް ނުކުރެވިގެން މެންދުރު ސާހިލް ގެއަށް ދިޔައީ އެއްވެސް މީހެއް ގާތު ނުބުނެއެވެ. ގެއަށް ގޮސް އެރޭ ކާން ނޫނީ ސާހިލް ކޮޓަރިއަކުން ނުނިކުމެއެވެ. މުޅި އެރޭ ހޭދަވީ ނުނިދާ ވިސްނުމުގައެވެ. އެހެން ކަމުން ބޭހުންވެސް ބޮލުގައި ހުރި ރިހުމަށް މާ ބޮޑު ލުޔެއް ނުލިބުނެވެ.
ސާހިލް ފަތިހު ނަމާދުން އައިސް ހުސް ކިރުތައްޓެއް ބޯލީވެސް ނިންޖަށް ބޭނުންވެފައި ހުރި ވަރުންނެވެ. އިރުއަރާ އަލިވި ފަހުން އަށެއް ޖަހަން އުޅެނިކޮށް ނިދުނު ނަމަވެސް ދިހައެއް ނުޖަހަނީސް ހޭލެވުނީއެވެ. އެނދުން ތެދުވަން ބޭނުން ނުވެފައި އޮތް ނަމަވެސް މެންދުރު ވީ ފަހުން ސާހިލް ތެދުވެ ފެންވަރައިގެން މެންދުރު ނަމާދު ކުރީވެސް ކޮޓަރީގައެވެ. ދޮރުގައި ޓަކި ޖަހާލި އަޑު އިވުނީ ސާހިލް ނަމާދުކޮށް ނިމުނު ތަނާއެވެ.
ސާހިލް އައިސް ދޮރު ހުޅުވީ ރޫބީ ކަމަށް ހީކޮށެވެ.
“ރޫބީ، ނުކާނަން” ކުޑަކޮށް ދޮރު ހުޅުވާލާފައި ބޭރަށް ބަލާނުލާ ސާހިލް ބުންޏެވެ.
“ބަނޑުހައި ނުވަނީތަ؟” މާހިރާ އަހާލިއެވެ.
“މަންމަތަ؟” ބޮޑަށް ދޮރު ހުޅުވާލާފައި ބަލާލަމުން ސާހިލްއަށް އަހާލެވުނެވެ.
“ސާހިލް ބަލީތަ؟” ސާހިލް ފެނުމުން މާހިރާއަށް އެހިއެވެ. ކުރިއަށް ޖެހިލާ ސާހިލްގެ ނިތްކުރީގައި މާހިރާ އަތް ޖައްސާލިއެވެ.
“ކުޑަކޮށް ބޮލުގަ ރިއްސަނީ” ސާހިލް ޖަވާބު ދިނެވެ.
މާހިރާ ސާހިލްގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. ރަތްކަން ވެރިވެފައި ވި ސާހިލްގެ ލޮލަށް ބަލާލާފައި ސާހިލްއަށް ވެގެން އުޅޭ ގޮތް މާހިރާއަށް އަންދާޒާ ކޮށްލެވުނެވެ. ތެތްކަން ހުރި އިސްތަށިގަނޑުން ސާހިލް ފެންވެރީ ވަރަށް ފަހުން ކަން އެނގެއެވެ. އެހެން ނަމަވެސް އެ މޫނުމަތީ އެއްވެސް ތާޒާކަމެއް ނެތެވެ. ވަރުބަލިކަން ފާޅުވާން ހުރި މޫނާ ލޮލުން ސާހިލްގެ ޙާލު ރަނގަޅު ނޫން ކަން ދޭހަވެއެވެ.
“ކުޑަކޮށްތަ ރިއްސަނީ؟” މާހިރާ އަހާލިއެވެ.
ސާހިލް ޖަވާބެއް ނުދެއެވެ.
“ސާހިލް!” މާހިރާ ގޮވާލިއެވެ. ނަމަވެސް މާހިރާއާ ހަތަރުކަޅި ހަމަކުރަން ޖެހިލުންވެފައި ހުރި ސާހިލް އިސް އުފުލައެއް ނުލިއެވެ.
“ދަރިފުޅު ލަޔާލްއާ ވާހަކަ ދެއްކިންތަ؟” މާހިރާ އަހާލިއެވެ.
ސާހިލް ބޯ ޖަހާލިއެވެ.
“ހުރިހާ ކަމެއް އެނގޭ ދޯ؟” މާހިރާއަށް އެކަން ޔަގީންވިއެވެ.
ޖަވާބެއް ނުދީ އިރުކޮޅަކު ހުރެފައި މާހިރާއާ ދިމާއަށް ބަލާލަމުން ސާހިލް ބޯ ޖަހާލިއެވެ. އެ ވަގުތު އެ ދެލޯ ފެންކަޅިވެގެން ދިޔަތަން މާހިރާއަށް ފެނުނެވެ. މާހިރާ އެއްޗެއް ބުނަން އުޅުނު ނަމަވެސް އެއަށް ވުރެ ކުރިން ސާހިލް އެތެރެއަށް ވަނެވެ.
“ސާހިލް..” ސާހިލްގެ ފަހަތުން ވަންނަމުން މާހިރާ ގޮވާލިއެވެ.
ސާހިލް އެނދުގައި އިށީނދެ ދެ އަތުން މޫނު ފޮރުވާލިއެވެ. މާހިރާ ގޮސް ސާހިލް ކައިރީ އިށީނދެ ސާހިލްގެ ބުރަކަށީގައި ފިރުމާލިއެވެ.
“މަންމައާ ބައްޕައާ ދޮންބެ އިއްޔެ ދިޔައިން ލަޔާލް ކައިރިއަށް.. ލަޔާލް ހުރިހާ އެއްޗެއް މަންމައަށް ކިޔާދިން..” މާހިރާ ބުންޏެވެ.
ސާހިލް މޫނުން އަތް ނެގި ގޮތަށް މާހިރާގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.
“ސާހިލްގެ ދަރިފުޅުގެ ނަމަކީ ކިޔާން، ކިޔާން ސާހިލް އިރުފާން..” ސާހިލްގެ ބޮލުގައި ފިރުމާލަމުން މާހިރާ ބުންޏެވެ.
“މަންމާ.. އެ ބޭބީ އެބޯޓް ކުރަން އަހަރެން ލަޔާލް ކައިރީ ބުނީ.. އެ ދަރިފުޅު ދުނިޔެއަށް ނުގެންނަން އަހަރެން ބުނީ.. އެގާރަ އަހަރު އަހަންނާ ދުރުގަ ލަޔާލް ހޭދަ ކުރީ އެ ދަރިފުޅަށް ޓަކާ، އެ ދަރިފުޅު ދުނިޔެއަށް ގެންނަން.. އެ ބޭބީއާ އެކީ ލަޔާލް ގަބޫލެއް ނުކުރާނަމޭ އަހަރެން ބުނީ.. އެއީ އަހަރެންގެ ދަރިއެކޭ ބުނުމުގެ ހައްގު އަހަންނަށް އެބަ އޮތްތަ؟” ހިތާމައާ ކުށްވެރިކަމުގެ އިހުސާސުން ހިތާ ނަފްސު ފޯވަމުން ދިޔަ ސާހިލްއަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ. އެ ބަސްތައް ދުލުން ބޭރު ކުރެވުމާއެކު ހިތުގެ މައްޗަށް އޮތް ބާރު ދޫވެދާނެ ކަމުގެ ބިރާއެކު ފުރިގެން އައި ދެލޯ މަރާ ބާރު ކޮށްލި ސާހިލް ހިތުގައި ވި އިހުސާސްތައް ބޭރުވިޔަ ނުދީ ހިފެހެއްޓުމަށް މަސައްކަތް ކުރަމުން އިސްޖަހާލިއެވެ.
“ދަރިފުޅު..” މާހިރާއަށް ސާހިލްގެ ގައިގައި ދެއަތް ވަށާލެވުނެވެ.
އިރުފާން އައިސް އެ ކޮޓަރިއަށް ވަން އިރުވެސް ދެމައިން ތިބީ އެހެންނެވެ. މާހިރާގެ ކޮނޑުގައި ބޯ ޖައްސާލައިގެން ދެ އަތުން މާހިރާ ގައިގައި ބައްދާލައިގެން ރޮމުން ދިޔަ ސާހިލްގެ ބުރަކަށީގައި ފިރުމަމުން ދިޔަ މާހިރާގެ ލޮލުންވެސް ކަރުނަ އަންނަމުން ދިޔައެވެ. އެ މަންޒަރު ފެނުމުން އިރުފާންއަށްވެސް ދުރުގައި ނުހުރެވުނެވެ.
“ދަރިފުޅާ..!” ސާހިލްއަށް ގޮވާލަމުން އެނދުގައި އިށީން އިރުފާންވެސް ސާހިލްގެ ބުރަކަށީގައި ފިރުމާލިއެވެ.
ސާހިލް ހަމަޖެހިލެވުމުން މާހިރާ ގައިން ދޫކޮށްލިއެވެ.
“ދަރިފުޅު އޯކޭތަ؟” އިރުފާން އަހާލިއެވެ.
“ބައްޕާ، ދުވަސްކޮޅެއްގެ ބްރޭކްއެއް ބޭނުން..” އިރުފާން ކުރި ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި ސާހިލް ބުންޏެވެ.
“އެންމެ ރަނގަޅު، ބައްޕަ ސާހިލްއަށް ޗުއްޓީއެއް ހަމަޖައްސާނަން. ކިހާ ދުވަހެއް؟” ސާހިލް ނެތް ނަމަ މަސައްކަތަށް ދަތިވާނެ ކަން އެނގޭ ނަމަވެސް އިރުފާން ވަގުތުން އެއްބަސްވިއެވެ.
“އަދި ނޭނގެ.. ފަހުން ބުނާނަން..” ސާހިލް ބުންޏެވެ. އަދި ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ.
ސާހިލް ނިކުތް އިރު މާހިރާ ތަބައް ހިފައިގެން ކޮޓަރިއަށް ވަންނަނީއެވެ.
“މަންމާ، ބަނޑުހައެއް ނުވޭ” ތަބަކުގައި ހުރި ކާ އެއްޗެއްސަށް ބަލާލާފައި ސާހިލް ބުންޏެވެ.
“ބަނޑުހައި ނުވިޔަސް ކުޑަކޮށް ކާލައިގެން ބޭސް ކައިގެން ނިދާލެވޭތޯ ބަލާ. އާދޭ އިށީންނަން” ކުޑަ ކުއްޖަކާ ވާހަކަ ދައްކާހެން މާހިރާ ބުންޏެވެ.
ސާހިލް ލަސްލަހުން އައިސް މާހިރާ ކައިރީ ސޯފާގައި އިށީނެވެ. މާހިރާ ސާހިލްއަށް ބަތް މޮޑެދީފައި ސަމްސާ ލާފައި ތަށި ދިއްކޮށްލިއެވެ.
“އަހަންނާ ހެދި ލަޔާލްގެ ފެމިލީވެސް ލަޔާލްއާ ދުރުވީ.. ޝީ ވޯޒް ޕްރެގްނަންޓް އެންޑް އެލޯން.. ފެމިލީއެއް އޮތް އިރު ލަޔާލް އެކަނި ހުރިހާ ކަމެއް ކުރަން ޖެހުނީ އަހަންނާ ހެދި.. ބަނޑުބޮޑު އިރު އެއްވެސް މީހެއްގެ އަޅާލުމެއް ނުލިބި، ދަރިއަކު ވިހެއީވެސް އެއްވެސް މީހަކު ކައިރީގަ ނެތި އެކަނިމާ އެކަނި.. އެގާރަ އަހަރު ވީ އިރު އެކަކުވެސް ލަޔާލްގެ ހާލުވެސް ބަލާނުލާ.. އަހަރެން ކިހިނެއް ލަޔާލްގެ ކިބައިން މާފަށް އެދޭނީ؟ އަހަންނަށް އަމިއްލަ ނަފްސަށްވެސް މާފެއް ނުކުރެވޭނެ، ދެން ލަޔާލް ކިހިނެއް އަހަންނަށް މާފު ކުރާނީ؟ ހައު ކެން އައި..؟” ސާހިލްއާ މެދު މާހިރާ ކަންތައް ކޮށްދޭ ގޮތް ފެނިފައި ސާހިލްއަށް ވިސްނުނީ އެ ހުރިހާ ދުވަހު ލަޔާލް އުޅޭނެ އެކަނިވެރި ދިރިއުޅުމާ މެދުއެވެ.
“ސާހިލް، ވީ ކަމެއް ބަދަލެއް ނުކުރެވޭނެ، އެ ބާރެއް އެއްވެސް އިންސާނަކަށް ލިބިގެން ނުވޭ. އެކަމަކު ކުރިއަށް އޮތް ތަނުގަ އެ މީހަކު ބޭނުން ގޮތަކަށް ކަންތައް ކުރެވޭނެ.. ހެދުނު ގޯސް ރަނގަޅު ކުރާނެ ފުރުސަތެއް ސާހިލްއަށް މި ލިބުނީ. ކިތަންމެ ދުވަހެއް ފަހުން ވިޔަސް މި ލިބުނު ފުރުސަތުގެ ބޭނުން ކުރޭ. އޭރު ލަޔާލް ދެކެ ކިތަންމެ ރުޅި އަޔަސް، މިހާ ދުވަސް ވަންދެން ލަޔާލްގެ ނަން ބުނަން ބޭނުން ނުވިޔަސް ސާހިލް މިއަދުވެސް ލަޔާލް ދެކެ ލޯބި ވާ ކަން މަންމައަށް އެނގޭ. އަދި ވަގުތު އެބަ އޮތް.. އަލުން ލަޔާލް ހޯދަން ސާހިލް މަސައްކަތް ކުރޭ” މާހިރާ ބުންޏެވެ.
“މަންމައަށް ހީވޭތަ ލަޔާލް އަހަންނާ އެކީ އުޅެން ބޭނުން ވެދާނެ ހެން؟ އައި ޑޯންޓް ޑިޒަރވް ހަރ! އަހަރެން ކަހަލަ މީހަކަށް ދުވަހަކުވެސް ލަޔާލް ޑިޒަރވްއެއް ނުވާނެ” ސާހިލް އެހެން ބުނެފައި މާހިރާ ދިއްކޮށްގެން އިން ބަތްތަށީގައި އަތް ޖައްސާ ދުރުކޮށްލާފައި ތެދުވިއެވެ.
“ސާހިލް..” މާހިރާ ގޮވާލިއެވެ. ނަމަވެސް ސާހިލް ޖަވާބެއް ނުދީ އޯވަރނައިޓް ދަބަހެއް ނަގާ ދެތިން ދުވަހަށް ބޭނުން ވާނެ އެއްޗެހި އަޅައިގެން ކޮޓަރިން ނިކުންނަން ދޮރާ ހަމައަށް ގޮސްފައިވެސް މަޑުކޮށްލިއެވެ.
“މަންމާ، އައި ނީޑް ސަމް ޓައިމް.. ފޯނަށް ޖަވާބު ނުދެވުނަސް ކަންބޮޑު ނުވައްޗޭ. ދެތިން ދުވަސް ތެރޭ އަންނާނަން” އެނބުރި މާހިރާއަށް ބަލާލާފައި ސާހިލް ބުންޏެވެ. އިރުކޮޅަކު ސާހިލްއަށް ބަލަން ހުރެފައި މާހިރާ ބޯ ޖަހާލިއެވެ. ސާހިލް ނިކުތީ ދެނެވެ.
އެރޭ ލަޔާލް މާހިރާއަށް ގުޅިއެވެ.
“ބޮޑުއްތާ، ހުކުރު ދުވަހު މެންދުރު ކެއުމަށް އެންމެން އަންނަން ވީނު؟” ލަޔާލް އެދުނެވެ.
“އެންމެ ރަނގަޅު” މާހިރާ އެއްބަސްވިއެވެ.
ހުކުރު ދުވަހު ލަޔާލް ގޭގައި ތައްޔާރު ކުރީ ދެ ވައްތަރެއްގެ ބަތް އެކަންޏެވެ. އެހެން އެއްޗެހި ގެނައީ އޯޑަރ ކޮށްގެންނެވެ. ލީޝާ ހެނދުނު ލަޔާލްއަށް އެހީވުމަށް އައިސް އުޅެފައި ގެއަށް ދިޔައީ ބާރަ ޖަހަން އުޅެނިކޮށެވެ. މޭޒުމަތި ތައްޔާރު ކޮށްފައި ލަޔާލްއާ ކިޔާން ތައްޔާރުވީ އިރު ހުކުރު ވަގުތު ވެއްޖެއެވެ.
ބެލް ޖަހާލީ އެއްގަޑި ބައިވީ ތަނާއެވެ. ލަޔާލް ދޮރު ހުޅުވާލުމުން ފުރަތަމަ ވަނީ މުހައިމިންއާ މާހިރާއެވެ. މާހިރާގެ ފަހަތުން އިރުފާންއާ ނާފިޒްއާ ނަސްމާ ވަން އިރު އާސިމާއާ ޒިޔާދު އެ މީހުންގެ ފަހަތުގައި ތިއްބެވެ. އެ ދެ މީހުން ރަމްޝާގެ އެންމެ ހަގު އިޝްވާއާ ރާއިދާގެ ޔާދިން އުރާލައިގެން ތިބި އިރު ރަމްޝާގެ ދޮށީ ދެ ކުދިން، އިޔާޝްއާ އީޝާ ވަނީ ރަމްޝާއާ އާޔާގެ އަތުގައި ހިފާލައިގެންނެވެ. ރަމްޝާއާ އާޔާ ވަން ގޮތަށް އެކުގައި އައިސް ލަޔާލް ގައިގައި ބައްދާލިއެވެ.
“ރާއި ކޮބާ؟” ލަޔާލް އަހާލިއެވެ.
“ޑިއުޓީގަ” ރަމްޝާ ޖަވާބުދިނެވެ.
ރާހިންގެ އާއިލާ ނޫން އެހެން އެންމެން ވަދެ އެކި ތަންތަނުގައި އިށީނެވެ. އާސިމާއާ ޒިޔާދުގެ ދޮށީ ދަރިފުޅު ރާހިން، އަންހެނުންނާ ދެ ކުދިންނާ އެކު ދިރިއުޅެނީ ރާއްޖެއިން ބޭރުގައެވެ. ރަމްޝާގެ ދެމަފިރިން އާސިމާމެންގެ އާއިލާއާ އެކު އުޅުނު ނަމަވެސް ރާއިދާ ދިރިއުޅެނީ ފިރިމީހާގެ ގޭގައެވެ.
ލަޔާލްގެ އަތުގައި ހިފާލައިގެން ހުރި ކިޔާން ކޮންމެވެސް ވަރަކަށް ޖެހިލުންވެފައި ހުރެ އެންމެންގެ މޫނަށް ބަލަމުން ދިޔައެވެ. ކުޑަ ކުދިން ނޫން އެހެން އެންމެން ފާހަގަ ކުރަން ކިޔާންއަށް އެނގެއެވެ. އެންމެން އިށީނުމުން ލަޔާލް ފަހަރަކު މީހަކަށް އިޝާރާތް ކޮށްލުމުން ކިޔާން އެ މީހެއްގެ ނަން ބުނެލައެވެ. ކުރިން ދިމާވެފައި ވީތީ މުހައިމިންއާ އާޔާ ފެނުމުން ލަޔާލް ނުވެސް ބުނަނީސް ބޮޑުކާފައާ ޔާޔާ އާންޓްއަށް ކިޔާން ގޮވާލިއެވެ. ރަމްޝާއާ އާސިމާ އަދި ޒިޔާދު ދައްކާފައި އެއީ ކުޑަދޮންތައާ ކުޑައްތައާ ކުޑައްތަބޭ ކަމުގައި ކިޔާން ބުންޏެވެ. ކިޔާންއަށް ކުޑަކުދިން ތަޢާރަފް ކޮށްދިނީ އާޔާއެވެ.
ކިޔާންގެ ކާފަމެންނާ މާމަމެން އެންމެ ފަހުން ކިޔާންއަށް ދައްކާލުމަށް ލަޔާލް ގަސްތުގައި މަޑު ކުރީއެވެ.
“ކިޔާން، މީ މަންމަގެ ބައްޕަ، ދަރިފުޅުގެ ކާފައާ.. މާމަ” ނާފިޒްއާ ނަސްމާ ދައްކާލަމުން ލަޔާލް ބުނި އިރު ނަސްމާއަށް މާމައެ ބުނުމުގެ ކުރިން ލަޔާލް ފަސް ޖެހުނެވެ.
ނާފިޒް ކިޔާންއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ލަސްލަހުން ކިޔާން ކުރިއަށް ޖެހިލާ ނާފިޒްގެ އަތުގައި ހިފާ ސަލާން ކޮށްލިއެވެ. ނަސްމާ ކިޔާންގެ ބޮލުގައި ފިރުމާލިއެވެ.
“ދަރިފުޅު.. މީ ދަރިފުޅުގެ ބައްޕަގެ މަންމައާ ބައްޕަ” ކިޔާންގެ ކޮނޑުގައި ކޮއްޓާލަމުން މާހިރާއާ އިރުފާން ދައްކާލަމުން ލަޔާލް ބުންޏެވެ.
ކިޔާން ފެނުނު ވަގުތުން ފެށިގެން އެ ކުއްޖާއާ ދިމާއަށް ބަލަން އިން އިރުފާން، ލަޔާލް އެހެން ބުނުމާއެކު އިސްޖަހާލިއެވެ.
ކިޔާންގެ ދެ އަތުގައި ހިފާލަމުން މާހިރާ ގޮވާލިއެވެ. އަދި ކައިރިއަށް ދަމާލަމުން ކިޔާންގެ ނިތްކުރީގައި ބޮސްދިނެވެ.
“އިރުފާން..” މާހިރާ ގޮވާލިއެވެ.
އިރުފާން އިސް އުފުލާ ރަތްވެފައިވި ދެ ދޮލުން ކިޔާންއަށް ބަލާލިއެވެ. ލަސްލަހުން ކިޔާން ކައިރިކޮށްލާ އިރުކޮޅަކު އެ މޫނަށް ބަލަން އިނދެފައި ގެނެސް މޭގައި ޖައްސާލިއެވެ.
“ދަރިފުޅު، ލަޔާލް، ބައްޕައަށް މާފުކޮށްދީ.. ލަޔާލްގެ ވާހަކަ ގަބޫލު ނުކުރުން އެއީ މުޅި އުމުރުގަވެސް ބައްޕައަށް ހެދުނު އެންމެ ބޮޑު ގޯސް..” ލަޔާލްއަށް ބަލާލަމުން އިރުފާން މާފަށް އެދުނެވެ.
އެ މީހުންނަށް ކިޔާން ފެނުމުން އެކަކުގެ ހިތުގައިވެސް ޝައްކެއް ނުވާނެ ކަން ލަޔާލްއަށް އެނގެއެވެ. ކިޔާންއަކީ ސާހިލްއާ އިރުފާން ސިފަތައް އެކުވެފައި ވާ އެ ދެބަފައިންގެ ކޮޕީއެކެވެ. ލަޔާލްގެ ފަރާތުން ކިޔާންއަށް ވާރުތަވެފައި ވަނީ ހަމައެކަނީ އެ ބުޅި އިސްތަށިގަނޑެވެ. ކިޔާންގެ މޫނަށް ބަލާލި ކޮންމެ މީހަކަށް ސާހިލް ކުޑަ އިރުގެ ތަސްވީރެއް ފެންނާނެއެވެ. ސާހިލްއަށް ލިބިފައި ވަނީ ސާހިލްގެ މަންމަގެ ލޯ ނަމަވެސް، ކިޔާންއަށް ލިބިފައި ވަނީ އިރުފާންގެ ލޮލެވެ. އެ މޫނުގެ އެހެން ކޮންމެ ސިފައެއް ސާހިލްއާ ތަފާތެއް ނެތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.








ސަލާމް، ވާހަކައަށް އިންތިޒާރު ކުރާ ކުދިންނަށް ޝުކުރިއްޔާ، މިއަދު ހަމަ ބިޒީ ވެގެން ވަގުތެއް ނުވެގެން ލަސްވީ އިނގޭ، މިބައި ތަންކޮޅެއް ދިގު ވާނެ، ހީކުރަން ކިޔުންތެރިންނަށް ކަމުދާނެ ކަމަށް. 20 ވަނަ ބައި އިންޝާﷲ ބުދަ ދުވަހު ގެނެސްދޭނަން
Can’t wait for next…
Haadha reehcheyy maashaa Allah…
Kiriyaa hama hifahtaa levuny
vaahaka kiyaafa rovenya mulhi sakaraathehnu, nurohchey
Rovijje hama . Haadha asatu gadhaey
thank kokila, looking forward to your comments inge
Masha Allah vrh reethi ♥️😘.. next part haadha dhigu inthizarekyy.. sahil adhi vx dhurah dhevytho thibalanee.. kurin layaa family myhunah kiyan fenuneema neygytha ey Sahil ge dharifulu kameh?
thank u Aisha, Layaal ge unguga nidhifa oiy kujja ge mooneh Maahira akah rangalhakah nufeney, adhi Kiyan hunnany umurah vure kudakoh vyma neynguny, enmenves hykury Layaal eyru gos baby abort kury kamah, ehenve they jumped to the worst conclusion that Layaal had another baby, obviously that baby couldn’t have been Saahil’s