Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ 5

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
February 10, 2016 9 Mins Read
10 Comments

“ދޮންތާ، އަހަންނަކަށް ނޭނގެ އަހަރެން ހަދަންވީ ގޮތެއް… ދިރިއުޅުން ދެކެ މުޅިން ފޫހި ވެއްޖެ… މިއަދު އަހަންނަށް މިލިބުނު އުފާވެސް އާމިރުއާ ނުލާ އަހަންނަކަށް އިހުސާސެއް ނުކުރެވޭ… އަހަރެން ދެރަވަނީ… އާމިރު ނެތިސް އަހަރެން ކިހިނެއް މިކަމާ ކުރިމަތި ލާނީ… އަހަރެން ހިތަށް އަރާ…” ރޮމުން އިފާޝާ ހުރި ދިމާލުން ތިރީގައި އިށީނެވެ.

ސާދާވެސް އިފާޝާ ގާތު އިށީނެވެ.

“އިފާ، ތިހެން ހަދާކަށް ނުވާނެ… އާމިރު އެދޭނެތަ އިފާއަށް ތިހެން ވާން؟ ހިތްވަރު ކުރަން ވާނެއެއްނު؟ މާޔާ ބުނާނީ ކީކޭ އިފާ ތިހެން ހެދީމަ؟” ސާދާ އިފާޝާގެ ބޮލުގައި އަތް ޖައްސާލަމުން އިފާޝާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. އިފާޝާ މޫނުން އަތް ނަގާ ކަރުނައިން ފުރިގެން ވީ ދެލޮލުން ސާދާއާ ދިމާއަށް ބަލާލިއެވެ. ހިނިތުން ވެލަމުން ސާދާ އިފާޝާގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ.

“ދޮންތަ ބުނެބަލަ… އަހަރެން ހަދަންވީ ކިހިނެއްތަ؟ އަހަރެން ކިހިނެއް އާމިރުއާ ނުލާ މިދަރިފުޅު ބަލާނީ؟ މިހުރިހާ ދުވަހު އެދުނީ މިކަމަށް… އެކަމަކު އަހަންނަށް މިއުފާ މިލިބުނީ އަހަރެންގެ އެހެން ހުރިހާ އުފަލެއް އަހަންނާ ވަކިވި ފަހުން…” ބަނޑުގައި އަތް ޖައްސާލައިގެން އިނދެ އިފާޝާ ބުންޏެވެ.

“އިފާ ބަނޑުބޮޑުތަ؟” ހައިރާންކަމާ އުފާވެރިކަން އެކުލެވިގެން ވާ އަޑަކުން ސާދާއަށް އަހާލެވުނެވެ. އިފާޝާ ބޯޖަހާލިއެވެ.

“ވިސްނަބަލަ އިފާ، ތީ އިފާ ދިރިއުޅުމަށް ލިބުނު ހިތްވަރެއް ނޫންތަ؟ އާމިރު ނެތް ދުވަހުން އާމިރުގެ ހަނދާނެއް ލިބުނީތީ އިފާ އުފަލެއް ނުވޭތަ؟” ސާދާ އިފާޝާގެ އަތުގައި ހިފާލަމުން އަހާލިއެވެ.

“އަހަރެން އުފާ ނުވަނީކީ ނޫނޭ ދޮންތާ، އަހަރެން ވަރަށް އުފާވޭ… މިއަށް ވުރެން ބޮޑު އުފަލެއް ދެން ކޮބާ؟ އެކަމަކު ހިތަށް އަރަނީ މިއަދު އަހަރެން ކައިރީގަ އާމިރު ހުރި ނަމައޭ… އާމިރުއާ ނުލާ އަހަރެން…” އަނެއްކަވެސް އިފާޝާއަށް ރޮވުނެވެ.

އެތައް އިރަކު އިފާޝާ ގާތު އިނދެފައި ސާދާއަށް ޒިޔާންމެން ގެޔަށް ދެވުނީ ނުވައެއް ޖަހަން އުޅެނިކޮށެވެ. އިފާޝާއަށް ހިތްވަރު ދެރަ ނުކުރުމަށާ، ލިބުނު އުފާވެރި ހަބަރަށް ޓަކާ ޝުކުރުކޮށް، ހިތާމަ ނުކުރުމަށް ނަސޭހަތްތެރިވެ އިފާޝާ ގާތު ސާދާ އެހާ އިރު މަޑު ކުރީ އިފާޝާއަށް ހިތްވަރު ދިނުމުގައެވެ.

ޒިޔާންމެން ގެޔަށް ސާދާ ދިޔަ އިރު ޒާޔާ ނިންދަވާފައި ރަމްޒިއްޔާ ކޮޓަރިން ނިކުންނަނީއެވެ. ސިޓިންގރޫމްގައި ޓީވީ ބަލަން ޒިޔާން އިނެވެ.

“ޒާ ނިދައިފި ދޯ؟” ގަޑިއަށް ބަލާލަމުން ސާދާ އަހާލިއެވެ.

“ހަމަ އެ ނިދުނީ…” ރަމްޒިއްޔާ ބުންޏެވެ.

“އިފާމެން ގޭގަ ތަންކޮޅެއް ލަސް ވީ، އޭނަ ފެނުނީމަ… މާޔާ ހުރި ނަމަ…” އިފާޝާގެ ހަލު ފެނުމުންނާ މާޔާގެ ހަނދާން ވުމުން ސާދާގެ ލޮލުންވެސް ކަރުނަ އައެވެ.

“ހިތްވަރު ކުރޭ ސާދާ، ދުވަސްކޮޅަކުން ހުރިހާ ކަމެއްވެސް ރަނގަޅު ވެދާނެ” ރަމްޒިއްޔާ ސާދާގެ ބުރަކަށީގައި ފިރުމާލިއެވެ.

“އެކަމަކު އަހަރެން އިފާއާ މެދު ވަރަށް ކަންބޮޑުވޭ، ޒިޔާން މަންމައަށް އެނގޭތަ؟ އިފާ ބަނޑުބޮޑޭ… ޒިޔާންއަށް އެނގޭތަ؟” ސާދާ އަހާލިއެވެ.

“ހަމަ ތެދެއްތަ؟ އަލްޙަމްދުﷲ! އިރާދަ ކުރެއްވީތީ އިފާގެ އެދުން ފުރިހަމަ ވެއްޖެ… އެކަމަކު… މިހާ ދުވަސް ކޮށްފަ އޭނައަށް އެއުފާ ލިބުނު އިރު އާމިރު…” އިފާޝާއަށް ޓަކާ އުފާ ވީ ނަމަވެސް ކަންތައް ދިމާ ވެފައިވާ ގޮތުން ރަމްޒިއްޔާ ދެރަވެސް ވިއެވެ.

“އަހަންނަށްވެސް އެނގުނީ މިއަދު” ޒިޔާން ބުންޏެވެ.

“އަހަރެން ހިތަށް އަރަނީ މިހާރު އިފާ އެކަނި އުޅެން ވީމަ ކިހާ އުނދަގޫވާނެ ބާއޭ… ކުރިން އެގެޔަށް ދިޔަ ދުވަހު އަހަރެން ބުނިން ހިނގާށޭ އަހަރެންނާ އެކީ އަހަރުމެން ގެޔަށް، އެކަމަކު އިފާ އެއްގޮތަކަށްވެސް ގަބޫލެއް ނުވި… މިއަދުވެސް ބުނަން އުޅެފަވެސް އަޅާނުލީ އިފާ އެއްބަސް ނުވާނެތީ…” ސާދާ އިފާޝާއާ މެދު ކަންބޮޑުވުން ފާޅު ކުރިއެވެ.

“އަހަންނާ މަންމަވެސް ވަރަށް ކީން މިގެޔަށް އަންނަން، އިފާ އެއްބަހެއް ހަމަ ނުވި” ވިސްނުމެއްގެ ތެރޭ އިނދެ ޒިޔާން ބުންޏެވެ. އެދުވަހު އިފާޝާ ބަނޑުބޮޑު ކަން އެނގުނު ވަގުތުން ފެށިގެން އާމިރުގެ އެންމެ ފަހުގެ ބަސްތައް ޒިޔާންގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. ކުރިންވެސް އެކަމާ ވިސްނާ، އެވާހަކަ އިފާޝާ ގާތު ދައްކާނެ ގޮތަކާ މެދު ޒިޔާން ވަރަށް ވިސްނިއެވެ. ނަމަވެސް ރަނގަޅު ގޮތެއް ޒިޔާންއަކަށް ނުވިސްނުނެވެ.

އަދި އަމްދުން މިހާރު އެފަދަ ވާހަކައެއް އިފާޝާ ގާތު ބުނާނެ އެއްވެސް ގޮތެއް ޒިޔާންގެ ވިސްނުމަކަށް ނާދެއެވެ. އެވަގުތުވެސް އެޚިޔާލުން ހިތް ނުތަނަވަސް ވީ ވަރުން ޒިޔާންއަށް ދެފަރާތަށް ބޯހަލުވާލުމާ އެކު އިންތަނުން ތެދުވެ ދެއަތް އިސްތަށިގަނޑު ތެރޭ ހިންގާލެވުނެވެ.

“ކޮން ކަމަކާ ތިވަރަށް ތި ހާސް ވަނީ؟” ރަމްޒިއްޔާ ޒިޔާންއަށް ބަލާލަމުން އަހާލިއެވެ.

“މަންމާ… އަހަރެން ބޯ ގޮވަން ކައިރި ވެއްޖެ މިހާރު… ދެން ހަދަން ވީ ގޮތެއް އަހަންނަކަށް ނޭނގެ… އަހަރެން ކިހިނެއްތަ އާމިރު ބުނި ގޮތަށް ކަންތައް ކުރާނީ؟ އެއީ އަހަންނަށް ކުރެވޭނެ ކަމެއް ކަމެއްވެސް ނޭނގެ… އެކަމާ އިފާ ބުނާނެ އެއްޗެއްވެސް ނޭނގެ، އަދި އަމްދުން މިހާރު…” ޒިޔާން ވާހަކަ ދައްކަމުން ގޮސް އަނެއްކާވެސް އިށީނެވެ.

ވީ ގޮތެއް ނުވިސްނިގެން ސާދާ އެއްފަހަރު ޒިޔާންއަށް އަނެއް ފަހަރު ރަމްޒިއްޔާއަށް ބަލާލިއެވެ.

“ކިހިނެއް ވީ؟ ކޮން ކަމަކާ ޒިޔާން ތިހާ ހާސް ވަނީ؟” ސާދާ އަހާލިއެވެ.

އެހުރިހާ ވާހަކައެއް ސާދާއަށް ކިޔާދިނީ ރަމްޒިއްޔާއެވެ.

“އަސްލު ޒާއާ މެދު ވިސްނާ އިރު ތީ ކަންނޭނގެ އެންމެ ރަނގަޅު ގޮތަކީ… ޒިޔާން މަންމައަށްވެސް އަބަދަކު ޒާ ކައިރީގަ މާލެއަކު ނުހުރެވޭނެއެއްނު؟ އެކަމަކު މިހާރު މިވީ ގޮތުން…” ސާދާ އެވަރަށް ބުނެފައި ހުއްޓާލިއެވެ.

“މަންމައށް ފެންނަނީ ޒިޔާން އިފާއާ ވާހަކަ ދައްކަން، މަންމައަށްވެސް އެނގޭ ދެން ކައިވެނި ކުރެވޭނީ އިފާ ވިހޭމަ ކަން… އެކަމަކުވެސް އެވާހަކަ ދައްކާލުން ރަނގަޅު ވާނެއެއްނު؟” ރަމްޒިއްޔާ އޭނައަށް ފެންނަ ގޮތް ހާމަ ކުރިއެވެ.

ޒިޔާން އެއްޗެއް ނުބުނެ އިނެވެ. އެހާ އަވަހަށް މާޔާގެ މަގާމަށް އެހެން މީހަކު ގެންނާކަށް ޒިޔާން ބޭނުމެއް ނޫނެވެ. ހަމަ އެކަނި ދުނިޔެއަށް ޓަކާ ނަމަވެސް ހިތް އެކަމަށް އެއްބަހެއް ނުވެއެވެ. އެހެން ނަމަވެސް ޒާޔާއާ މެދު ވިސްނަން ޖެހެއެވެ. އަނެއް ކޮޅުން އާމިރުގެ ވަސިއްޔަތެވެ. އެކުވެރިޔާގެ އެދުމާ ދެކޮޅު ހަދާނެ ހިތްވަރު ޒިޔާންގެ ކިބައިގައި އެބަހުރި ހެއްޔެވެ؟

ޒާޔާ އާ މެދު ވިސްނާލުމުން އެންމެ ރަނގަޅު ގޮތަކީ ވީހާވެސް އަވަހަކަށް އިފާޝާއާ ކައިވެނި ކުރުން ކަން ޒިޔާންއަށް އެނގެއެވެ. އެހެން ނަމަވެސް… އިފާޝާ އެކަމާ ބުނާނީ ކީކޭ ބާއެވެ. އާމިރުގެ ވަސިއްޔަތާ މެދު އިފާޝާ ވިސްނާނީ ކޮން ގޮތަކަށް ބާއެވެ. އަދި މިހާރު ކަންތައް ވެފައި ވާގޮތުން އިފާޝާ ދެކޭނީ ކޮން ގޮތަކަށް ބާއެވެ. މީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ބާއެވެ.

އެވަގުތަށް ޒިޔާން ގޮތެއް ނންމިއެވެ. އެވާހަކަ ދެއްކިޔަސް އިފާޝާ ވިހެއުމުގެ ކުރިން ކައިވެނި ކުރެވެން ނެތް އިރު މިހާރު އެވާހަކަ ދެއްކުމުގެ ބޭނުމެއް ޒިޔާންއަކަށް ނުވިސްނުނެވެ. ވަގުތު ޖެހުމުން އެކަމާ އުޅޭނީއެވެ. މިވަގުތު އެފަދަ ކަމަކާ ވިސްނާނެ ހިތްވަރެއް ޒިޔާންގެ ކިބަޔަކު ނެތެވެ.

“ޒިޔާން…؟” ޒިޔާން އެއްޗެއް ނުބުނެ އިނުމުން ރަމްޒިއްޔާ ގޮވާލިއެވެ.

“ފަހުން މަންމާ…” މަންމަގެ މޫނަށް ބަލާލަމުން ޒިޔާން ބުންޏެވެ.

މާލެ އައިތާ ދެހަފްތާ ފަހުން ޒައިދު ރަށަށް ދިޔުމުން ޒިޔާންގެ ބައްޕަ ނަސީމް މާލެއަށް އައީ ރަމްޒިއްޔާ ނެތުމުން ދަތި ވާތީއާ ޑޮކްޓަރަށް ދައްކާލުމަށެވެ. އެކްސިޑެންޓްގެ ވާހަކަޔާ، މާޔާއާ އާމިރުގެ ވާހަކަ ރަމްޒިއްޔާ ކިޔާ ދިނުމުން ނަސީމްއަށްވެސް އެންމެ ރަނގަޅު ގޮތަކަށް ފެނުނީ ވިހެއުމަށް ފަހު ވީހާވެސް އަވަހަކަށް އިފާޝާއާ ޒިޔާން ކައިވެނި ކުރުމެވެ. ނަސީމްވެސް އެވާހަކަ ޒިޔާން ގާތު ދެއްކިއެވެ. އެކަމަށް ބައްޕަ ގާތު އެއްބަސް ވީ ނަމަވެސް އެވާހަކަ އިފާޝާއާ ދައްކާނީ އަދި ފަހުން ކަމަށް ޒިޔާން ބުނުމުން ނަސީމްވެސް އިތުރު އެއްޗެއް ނުބުނެއެވެ. މާޔާގެ ވަކިވުމުން ޒިޔާންއަށް ކުރާނެ އަސަރު ނަސީމްއަށްވެސް ވިސްނޭތީއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ލިބެން އުޅޭ ދަރިފުޅަށް ޓަކާ އިފާޝާ ދިރިއުޅުމަށް ހިތްވަރު ކުރަނީ އާމިރުގެ ހަނދާނާ ޒާޔާގެ އެހީގައެވެ. އެހެން ނަމަވެސް އާމިރުގެ ހަނދާނުން ހިތަށް ކެތް ނުކުރެވޭހާ ރިހުން ލިބޭ ވަގުތުވެސް އާދެއެވެ. އެފަދަ ރޭރޭ އިފާޝާއަކަށް ނުނިދެއެވެ. ނިދޭ ވަގުތުގައިވެސް އެހާދިސާ ހުވަފެނުގައި އިފާޝާއަށް އުނދަގޫ ކުރެއެވެ.

ބަލިވެ އިނުމުގެ ސަބަބުން ބައެއް ފަހަރު ހޮޑުލެވި ބޯ އަނބުރާ ވަރުބަލި ވާ ގޮތް ވީ ނަމަވެސް އިފާޝާއަށް އިތުރު އުނދަގޫތަކެއް ނުވެއެވެ. ސާދާއާ ރަމްޒިއްޔާ ކޮންމެ ދުވަހަކު ހެން އިފާޝާ ގާތަށް އާދެއެވެ. ހިތްވަރު ދެއެވެ. ޒިޔާންވެސް އިފާޝާއަށް ވާނުވާ ބަލައެވެ. އާއިލާއެއް ނެތް ކަމުގެ އިހުސާސެއް އިފާޝާއަކަށް ނުކުރެވެއެވެ. އެހެން ނަމަވެސް އަބަދުވެސް މާޔާއާ އާމިރުގެ އުނިކަން އިފާޝާއަށް އިހުސާސް ކުރެވެއެވެ.

އިފާޝާ ވިހާނެ ކަމަށް ޑޮކްޓަރު ބުނި ދުވަހުގެ ދެހަފްތާއެއްހާ ދުވަސް ކުރިން ރަމްޒިއްޔާ އަނެއްކާވެސް އިފާޝާ ގާތު ޒިޔާންމެން ގެޔަށް ބަދަލު ވުމަށް އެދުނެވެ. ނަމަވެސް މިފަހަރުވެސް އިފާޝާ ދެކޮޅު ހެދިއެވެ. ޒިޔާންއާ ސާދާ ބުނުމުންވެސް ގަބޫލެއް ނުވިއެވެ.

އާމިރުގެ އާއިލާއާ އިފާޝާއާ އޮތް ގުޅުން ދުވަހެއް ދުވަހަކަށް ދިޔައީ ދުރު ވަމުންނެވެ. ކުރިންވެސް އާމިރުއާ އާމިރުގެ އާއިލާގެ މެދުގައިވާ ގުޅުން ރަނގަޅުކޮށް، އެދެމެދުގައި ވާ ދުރުކަން ގާތް ކުރަން މަސައްކަތް ކުރީ އިފާޝާއެވެ. އެހެން ނަމަވެސް މިހާރު އާމިރު ނެތުމުން އިފާޝާއަށް އެހިތްވަރު ނުކުރެވެނީއެވެ. އާމިރުގެ ބައްޕަ ޝަރީފް މަދުމަދުން އިފާޝާއަށް ގުޅާލައެވެ. އަދި އާމިރުގެ ދެ ކޮއްކޮ މައިރާއާ މީރާވެސް ދޭތެރެއަކުން އިފާޝާ ގާތަށް އާދެއެވެ.

ހުކުރު ދުވަހެކެވެ. އިފާޝާ ޒާޔާ ފެން ވަރުވާލައިގެން ނިކުތް ތަނާ ޒިޔާން އައިސް ވަނެވެ.

“އައްދޭ! ޑެޑީ ހީކުރީ ޒާބޭބީ މިހާރު ހުންނާނީ ރެޑީ ވެގެން ކަމަށް، މިހާރު ދޮންތަ ގުޅައިފި ޒާ ލަސް ވެގެން” ތުވާލި އޮޅާލައިގެން އިފާޝާގެ އަތު ނުޖެހެން ވެގެން ކޮޓަރިން ބޭރަށް ދުވެފައި ނިކުތް ޒާޔާ އުރާލަމުން ޒިޔާން ބުންޏެވެ.

“މިއަދު ޒާއަށް ހޭލެވުނުލެއް ލަސްވީއޭ، ދޯ ޒާ؟ އަނެއްކާ މިއަދު ފެންވަރާކަށްވެސް އަދި ތިއްތި ވާކަށްވެސް ޒާ ބޭނުމެއް ނުވޭ… އެހެން ވީމަ ލަސް ވާނެއެއްނު؟” ޒާޔާގެ ހެދުން ހިފައިގެން ނިކުތް އިފާޝާ ބުންޏެވެ.

“ޑެޑީއަށް އެނގޭތަ؟ ޒާ މިހާރު ފެންވަރާ އިރަކު ނުވެސް ރޮން” މޮޅު ކަމެއް ކުރެވުމުން އެކަމުގެ ވާހަކަ ބުނެލާހެން ޒާޔާ ބުނެލިއެވެ.

“އެހެންތަ؟ ހާދަ މޮޅޭ… ކިހިނެއް ޒާ ދަސް ކުރީ؟” ޒާޔާގެ ނޭފަތުގައި ހިފާލަމުން ޒިޔާން ބުންޏެވެ.

“އިފާ މަންމަ ބުނީ ފެންވަރާ އިރު ރޯ ކުދިން ދޮނެއް ނުވާނެޔޭ، ރަތޭ ވާނީ… އެހެންވެ ޒާ މިހާރު ނުރޮނީ، ޒާ ބޭނުމީ ދޮން ކުއްޖަކަށް ވާން” ޒާޔާ މޫނުގައި އަތް ޖައްސާލިއެވެ.

“އެހެންވެ ދޯ މިހާރު ޑެޑީގެ ޒާބޭބީ މިހާ ދޮނީ؟ އިފާ ހާދަ މޮޅޭ… މާޔާ އުޅޭނެ ޒާ ފެންވަރުވާ އިރު ރުއިން ހުއްޓުވާނެ ގޮތެއް ނޭނގިގެން” ޒާޔާގެ މޫނަށް ދޮނެއް ދީފައި ޒިޔާން އިފާޝާއަށް ބުންޏެވެ.

މާޔާގެ ނަން ބުނެވުމާ އެކު އެދެމެދުގައި ހިމޭން ވަގުތުކޮޅެއް ދިޔައެވެ.

“ޒާ، ދެން އާދޭ އަވަސް ކުރަން، އެހެން ނޫނީ ދޮންތައަށް ރޮވިދާނެ، ދޮންތަ ހީކުރާނެ ޒާ ނާންނާނެޔޭ” އިފާޝާ ޒާޔާއަށް ގޮވާލިއެވެ.

“ޑެޑީ، އިފާ މަންމަ އަތުގަ ހުރޭ މަންމިގެ ބައިވަރު ފޮޓޯ، އާމިރު ދޮންބެގެ ފޮޓޯވެސް ހުރޭ… ކީއްވެ ޑެޑީ އަތުގަ ނުހުންނަނީ؟” ކުއްލިއަކަށް ޒާޔާ ސުވާލު ކޮށްލިއެވެ.

ބުނާނެ އެއްޗެއް ނޭނގިފައި އިފާޝާއާ ޒިޔާން އެކަކު އަނެކަކަށް ބަލާލިއެވެ.

“ޑެޑީ އަތުގަވެސް މަންމަގެ ފޮޓޯ ހުރެޔޭ ބޭބީ…” ޒިޔާންއަށް ޖަވާބު ދެވުނީ އިރުކޮޅެއް ފަހުންނެވެ.

“އެކަމަކު ޒާއަކަށް ނުފެނޭ… ކީއްވެ؟” ޒާޔާ އަހާލިއެވެ.

ޒިޔާން އިފާޝާއަށް ބަލާލަމުން ޒާޔާ މެޔާލާ ބޮނޑި ކޮށްލިއެވެ.

“ޑެޑީ… ކީއްވެ ޒާއަށް ނުދައްކަނީ؟” ޒާޔާ އަނެއްކާވެސް އަހާލިއެވެ.

“ދަރިފުޅު މަންމަގެ ފޮޓޯ ބަލަން ބޭނުން ވަނީތަ؟” ޒިޔާން ޒާޔާގެ މޫނަށް ބަލާލަމުން އެހިއެވެ.

“ޒާ ވަރަށް ބަލާ ހިތްވެޔޭ މަންމިގެ ފޮޓޯ، އިފާ މަންމަ ބުނި ޒާ ވަރަށް ވައްތަރޭ މަންމައާ… އެހެންވެ ޒާ ވަރަށް ބޭނުން މަންމަގެ ފޮޓޯ ބަލަން” ޒާޔާ ބުންޏެވެ.

“ސޮރީ ދަރިފުޅާ، ބައްޕައަކަށް ނޭނގެ ދަރިފުޅު އެހާ ވަރަށް މަންމަގެ ފޮޓޯ ބަލަން ބޭނުންވާ ކަމެއް…” ޒާޔާ ގަޔާލާ ބޮނޑި ކޮށްލަމުން ޒިޔާން މަޑުމަޑުން ބުންޏެވެ.

“ޑެޑީއަށް އެނގޭތަ؟ އިފާ މަންމަ ވަރަށް ގިނައިން ރޯނެ މަންމިއާ އާމިރު ދޮންބެގެ ފޮޓޯ ބަލާފަ، ރޭގަނޑުވެސް އިފާ މަންމަ ވަރަށް ރޯނެ… ޒާ ބުނަން ނުރޯށޭވެސް، އެކަމަކު އިފާ މަންމަ ބުނަނީ ހަނދާން ވީމަ ރޮވެނީއޭ…  ޒާއަކަށް ނުރޮވޭ، އެކަމަކު ވަރަށް ބޭނުން މަންމި ގައިގަ ބައްދާލަން…” ޒާޔާ އިފާޝާއަށް ބަލާލަމުން ބުންޏެވެ.

ޒާޔާގެ ވާހަކައިން މާޔާ ނެތުމުން އެކަމުގެ އިހުސާސް ޒާޔާއަށްވެސް ކުރެވޭކަން ޒިޔާންއަށް އެނގުނެވެ. ހިފެހެއްޓުމެއް ނެތި ޒިޔާންގެ ލޮލުން ކަރުނަ އައެވެ. ޒިޔާން ލޯފޮހެލަމުން އިފާޝާއަށް ބަލާލިއެވެ. އިފާޝާގެ ލޮލުން އަންނަމުން ދިޔަ ކަރުނަ ޒިޔާންއަށް ފެނުނެވެ. ޒިޔާން ބަލާލުމުން އިފާޝާ އިސް ޖަހާލަމުން ލޯފޮހެލިއެވެ.

“ޒާ ތީ ވަރަށް ބްރޭވް ކުއްޖެއް، އިފާ މަންމައަށްވެސް ތިގޮތަށް ބްރޭވް ވާން ދަސްކޮށްދެއްޗޭ ދޫނީ… އޭރުން އާމިރު ދޮންބެވެސް މަންމިވެސް ވަރަށް ހެޕީ ވާނެ” ހިނިތުން ވެލަމުން ޒިޔާން ޒާޔާއަށް ބުންޏެވެ.

“ދެން ހިނގާ ރީތި ވާން…” އިފާޝާ ޒާޔާއަށް ގޮވާލިއެވެ.

ޒާޔާ ރީތިކޮށް ނިމުމުން ޒިޔާން ޒާޔާ ގޮވައިގެން ނިކުންނަން ދަނިކޮށް ސާދާގެ ފިރިމީހާ ފަޔާޒް އައިސް ވަނެވެ.

“ޒާ ލަސް ވެގެން ސާދާ ބުނެގެން ބަލާ މިއައީ” ފަޔާޒް ބުންޏެވެ.

“އެހެން ވިއްޔާ ޒާ މިއަދު ދާނީ ދޮންތަބޭއާ އެކީ” ޒާޔާ ދުވެފައި ގޮސް ފަޔާޒްގެ އަތުގައި ފިފާލިއެވެ.

ޒާޔާ ދިޔުމުން ޒިޔާންއަށް ޖޫސްތައްޓެއް ހަދަން ތެދުވި އިފާޝާއަށް އުނަގަނޑު މަތީ އަތް ހާކާ ލެވުނީ ގަސްތަކު ނޫނެވެ. ދެދުވަސް ކުރިން ހުރި ރިހުން އަދިވެސް ހުރީތީއެވެ.

“ބުރަކަށީގަ ރިއްސަނީތަ؟” އިފާޝާއަށް ބަލަން އިން ޒިޔާން އަހާލިއެވެ.

“އެހާ ބޮޑަކަށް ނޫން… ކުޑަކޮށް” އިފާޝާ ބުންޏެވެ.

“އަނެއްކާ އިފާ ބަނޑުގަ ރިއްސަނީކީ ނޫންތަ؟” ޒިޔާން ކަންބޮޑު ވިއެވެ.

“ނޫން، ބަނޑުގައެއް ނޫން… އުނަގަނޑުމަތީ ކުޑަކޮށް ރިއްސަނީ، ދެދުވަހެއް ވެއްޖެ މިހާރު…” ގިރައިގެން އައި ޖޫސްތަށި ޒިޔާންއަށް ދިއްކޮށްލަމުން އިފާޝާ ބުންޏެވެ.

“ބަނޑުގަ ރިއްސަންޏާ ނުބުނެ ނުހުންނައްޗޭ އިފާ” ޒިޔާން ބުންޏެވެ.

އިފާޝާ ބޯޖަހާލިއެވެ. އެކަމާ އިފާ އެހާ ކަންބޮޑު ނުވީ ވިހާނެ ކަމަށް ޑޮކްޓަރު ބުނެފައި އޮތް ތާރީޚް ޖެހެން އަދި ހަފްތާއެއް އޮތުމުންނެވެ.

ޒިޔާން ދިޔުމުން ކައްކަން ބަދިގެއަށް ވަދެފައިވެސް އެޚިޔާލު ދޫކޮށްލާފައި އިފާޝާ ކޮޓަރިއަށް ވަދެ އޮށޯވެލީ އުނަގަނޑުގެ ރިހުން ކުރިއަށް ވުރެން ގަދަވާ ހެން ހީވާތީ، އިރުކޮޅަކު އޮށޯވެ އޮވެލާފައި ތެދުވަން ނިންމައިގެންނެވެ.

އޮށޯވެ އޮވެ އިފާޝާއަށް ވިސްނުނީ ކުޑަ އިރުކޮޅެއް ކުރިން ޒާޔާ ދެއްކި ވާހަކައާ މެދުގައެވެ. ޒާޔާ ބުނިހެން އިފާޝާ ދޭތެރެ ދޭތެރެއިން ފޮޓޯ އަލްބަމްތައް ނަގައިގެން އާމިރުއާ އެކުގައި ނަގާފައިވާ އެތައް ފޮޓޯތަކަކަށް ބަލައެވެ. މާޔާއާ ޒިޔާންއާ ޒާޔާއާ އެކީ ނަގާފައިވާ ފޮޓޯތައްވެސް ބަލަން އިނދެވެއެވެ. އެވަގުތުތަކުގައި އިފާޝާއަށް އިޚްތިޔާރަކާ ނުލާ ރޮވެނީ އެހަނދާންތަކުން އަދިވެސް ހިތަށް ތަދުވާތީއެވެ. އެފަދަ ވަގުތުތަކުގައި ޒާޔާވެސް އައިސް އިފާޝާއާ އެކު އެފޮޓޯތައް ބަލަން އިނދެއެވެ. އިފާޝާ ރޯން ފެށުމުން ކުޑަކުޑަ ޒާޔާ އިފާޝާ ގައިގައި ބައްދާލައިގެން އިނދެ އިފާޝާއަށް ހިތްވަރު ދޭން މަސައްކަތް ކުރެއެވެ. މާޔާއާ އާމިރުއާ ބެހޭ ގޮތުން އެތައް ސުވާލެއްވެސް ކުރެއެވެ.

ޒާޔާއަށް އާމިރުއާ މާޔާގެ އެކިއެކި ވާހަކަތައް ކިޔާދޭ އިރު ބައެއް ފަހަރު އިފާޝާއަށް ހެވެއެވެ. އަނެއް ބައި ފަހަރު ރޮވެއެވެ. ޒާޔާ ނެތް ނަމަ އެހަނދާންތަކާ އެކު ދިރި ހުންނާނީ ކިހިނެއް ބާއޭ އެތައް ފަހަރަކު އިފާޝާ އަމިއްލަ ހިތާ ސުވާލު ކުރެއެވެ. އެމައުސޫމް މޫނުގައި ބޮސްދެމުން އެކުއްޖާ ގަޔާ ކައިރިކޮށް ދެއަތުގެ ތެރޭގައި ފޮރުވާލެވެނީ އިފާޝާއަށް އެފަދަ ހަދިޔާއެއް ދިނީތީ މާޔާއަށް ހިތާހިތާ ޝުކުރުވެރި ވަމުންނެވެ.

ލިބެން އުޅޭ ދަރިފުޅާމެދުވެސް އިފާޝާއަށް ވިސްނެއެވެ. އިފާޝާއަށް އާމިރުއާ ނުލާ އެދަރިފުޅު ގެންގުޅެވިދާނެ ހެއްޔެވެ؟ ބައްޕައެއްގެ އެހީއާ ނުލާ އެދަރިފުޅު ބޮޑުވަމުން އަންނަ އިރު ބައްޕަގެ އުނިކަން އިފާޝާއަށް ފޫބައްދައިދެވިދާނެ ހެއްޔެވެ؟

އެއާއެކު އާމިރު އެންމެ ފަހުން ބުނެލި ޖުމްލަތައް އިފާޝާގެ ހިތުތެރޭ އެނބުރިގަތެވެ. އެއާއެކު ލޮލުން އައި ކަރުނައާ އެކު އިފާޝާއަށް ބަނޑުގައި އަތް ޖައްސާލެވުނެވެ.

އެކަމާ ވިސްނަން ބޭނުން ނުވި ނަމަވެސް އިފާޝާއަށް އާމިރުގެ ވަސިއްޔަތާ މެދު ވިސްނެން ފެށިއެވެ. އިފާޝާ އެއްގޮތަކަށްވެސް އެހެން މީހެއްގެ އަނތްބަކަށް ވާކަށް ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް އާމިރު އެކަމުގައި އިފާޝާއަށް އިތުރު ގޮތެއް ހަދާނެ ފުރުސަތެއް ނުދެއެވެ. ކިތަންމެ ހިތް ނޭދުނު ކަމުގައި ވީ ނަމަވެސް އިފާޝާ ޖެހޭނީ ޒިޔާންއާ ކައިވެނި ކުރާށެވެ.

އެހެން ނަމަވެސް… ޒިޔާންއަކީ މާޔާގެ ފިރިމީހާއެވެ. އިފާޝާގެ ފިރިމީހާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެފަދަ ގޮތަކަށް ޒިޔާންއާ މެދު އިފާޝާއަކަށް ނުވިސްނެއެވެ. އެޚިޔާލު ކުރެވުމުން އިފާޝާއަށް ހިތްހަމަ ޖެހުން ލިބެނީ ހަމަ އެކަނި ޒާޔާއާ މެދު ވިސްނާލެވުމުންނެވެ. ޒިޔާންއާ އިފާޝާގެ ކައިވެންޏަށް ފަހު މިހާރަށް ވުރެން ބޮޑަށް ޒާޔާއަށް އަޅާލެވޭނެކަން އެނގޭތީއެވެ.

ނުތަނަވަސް ކަން ވެރިވަމުންދާ ހިތަށް ހަމަޖެހުން ލިބޭތޯ އިފާޝާ މަސައްކަތް ކުރިއެވެ. ޒާޔާގެ ލޯބިލޯބި ބަސްތައް ހަނދާން ކުރަމުން ބަނޑުގައި ފިރުމާލިއެވެ. އެވަގުތު އިފާޝާގެ ބަނޑުން ތޮޅެލިއެވެ. ދަރިފުޅުވެސް މަންމައަށް ހިތްވަރު ދެނީކަންނޭނގެއެވެ.

އެކިއެކި ޚިޔާލުގައި އޮތް އިފާޝާއަށް އެވަގުތު ނިދުނީ ކުރީރޭވެސް ރަނގަޅަށް ނުނިދުމުންނެވެ. ވާނުވާ ނޭނގޭ ފަދަ ހުވަފެންތަކެއްގެ ތެރޭ އުޅެނިކޮށް އިފާޝާއަށް ކުއްލިއަކަށް ހޭލެވުނީ ބަނޑަށް ތަދުވި ހެން ހީވުމުންނެވެ. ސިހިފައި ހޭލެވުނު އިފާޝާ ތެދުވެ ދެއަތް ބަނޑުގައި ޖައްސާލިއެވެ. އެވަގުތު އިތުރު ގޮތެއް ނުވި ނަމަވެސް އުނަގަނޑުގައި ހުރި ރިހުން ކުރިއަށް ވުރެން ގަދަވިއެވެ. ވިހާ ވަގުތު ކައިރި ވަނީބާއޭ ހިތަށް އެރި އިފާޝާއަށް މޭގައި އަތް ޖައްސާލެވުނީ އެވަގުތު ބިރުގަތް ވަރުންނެވެ. ފޯން ނަގާ ގަޑި ބަލާލާފައި ސާދާއަށް ނޫނީ ރަމްޒިއްޔާއަށް ގުޅާލަން ހިތަށް އަރާފަވެސް މަޑުކޮށްލެވުނީ އެވަގުތު އެމީހުން އުޅޭނީ ބަދިގޭ މަސައްކަތުގައި އަވަދި ނެތިކަން އެނގޭތީއެވެ. އެދުވަހު ދެވަނަ ފަހަރަށް އެގޮތަށް ބަނޑުގައި ރިއްސާލައިފި ނަމަ ގުޅަން ނިންމާފައި އިފާޝާ ބަދިގެއަށް ދިޔައީ މެންދުރު ކާނެ އެއްޗެއް ތައްޔާރު ކޮށްލުމަށެވެ.

ދެވަނަ ފަހަރަށް ތަދު އެރީ ދިހަ ވަރަކަށް މިނެޓް ފަހުންނެވެ. ވައަތުން ބަނޑުގައި ހިފަހައްޓާލަމުން އިފާޝާއަށް ތިރިވެލެވުނީ ތަދުވީ ވަރުންނެވެ. ވިހާ ވަގުތު ކައިރި ވެއްޖެ ކަން އެވަގުތު އިފާޝާއަށް ޔަގީންވިއެވެ. ރިހުން ފިލުމާއެކު އުނދުން ނިއްވާލާފައި އިފާޝާ ކޮޓަރިއަށް ގޮސް އަލަމާރި ހުޅުވާލާފައި ބޭބީއަށް ތައްޔާރުކޮށްފައި ހުރި ވަށިގަނޑު އެނދުމަތީ ބަހައްޓާފައި ފޯން ނަގާ ރަމްޒިއްޔާއަށް ގުޅާލިއެވެ. ނަމަވެސް ކެނޑުނު އިރުވެސް ރަމްޒިއްޔާ ފޯނެއް ނުނަގައެވެ. އެދުވަހު އިފާޝާ ގާތު ކޮންމެވެސް މީހަކު ހުރި ނަމައޭ ހިތަށް އެރި އިފާޝާ ދެން ގުޅީ ސާދާއަށެވެ. އެވަގުތު ސާދާގެ ފޯންވެސް ބިޒީ ވުމުން ގުޅަން ނުގުޅަން ހުރެފަވެސް އިފާޝާ ޒިޔާންގެ ފޯނަށް ގުޅާލިއެވެ. ޒިޔާން ވާނީ ހުކުރު ނަމާދަށް ގޮސްކަން އިފާޝާ ހަންދާންވީ ޒިޔާންވެސް ފޯން ނުނެގުމުންނެވެ.

ބިރުން ހުރެ އަނެއްކާވެސް އިފާޝާ ރަމްޒިއްޔާއަށް ގުޅާލިއެވެ. މިފަހަރު ރަމްޒިއްޔާ ފޯން ނެގިއެވެ.

“މަންމާ…!” ރަމްޒިއްޔާ ފޯން ނެގި ވަގުތު އިފާޝާއަށް އެހެން ގޮވާލެވުނީ އެވަގުތު ބަނޑަށް އެރި ރިހުމާއެކުއެވެ.

“އިފާ! ކިހިނެއްވީ؟ ބަނޑުގަ ރިއްސަނީތަ؟” އިފާޝާ ގޮވާލި ގޮތުން ހާސްވެފައި ރަމްޒިއްޔާ އަވަސްއަވަހަށް އަހާލިއެވެ.

“އާނ…” އިފާޝާއަށް އަލަމާރި ދޮރުފަތުގައި ބާރަށް ހިފަހައްޓާލެވުނެވެ.

“މަންމަ މިހާރު މިދަނީ އިނގޭ… ގޭ ދޮރު ތަޅު ހުޅުވާލައްޗޭ އިފާ…” ރަމްޒިއްޔާ ހާސްވެ ހުރެ ބުންޏެވެ. އިފާޝާ އާއެކޭ ބުނި އިރަށް ފޯން ކަނޑާލާފައި ކާން ހަދަހަދާ ހުރި ރަމްޒިއްޔާ އެކަން ނުވެސް ނިންމާ އަވަހަށް ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލު ކޮށްލައިގެން ޓެކްސީއަކަށް ގުޅައިގެން ނިކުތެވެ.

މިސްކިތުން ނިކުތް ގޮތަށް ޒިޔާން ފޯން ނަގާ ބަލާލި އިރު އިފާޝާގެ ކޯލް މިސްވެފައި އިންތަން ފެނުމުން ވަގުތުން އިފާޝާއަށް ގުޅާލީ ބޮޑުކަމެއް ޖެހިގެން ނޫނީ އިފާޝާ ޒިޔާންއަށް ނުގުޅާނެކަން އެނގޭތީއެވެ. އެހެން ނަމަވެސް ޒިޔާން ގުޅުމުން އިފާޝާ ފޯނަށް ޖަވާބެއް ނުދިނެވެ. ހެނދުނު އިފާޝާ އުނަގަނޑުމަތީ ރިއްސާތީ އުޅުނުކަން ހަނދާން ވުމުން އެވަގުތު އިފާޝާ ގުޅާނީ ބަނޑުގައި ރިއްސާތީއޭ ޒިޔާން ހިތަށް އެރިއެވެ.

އިތުރަށް ގުޅަން ނޫޅެ ޒިޔާން އަވަހަށް ސައިކަލަށް އަރާ އިފާޝާމެން ގެޔާ ދިމާއަށް ދުއްވާލިއެވެ. ރަމްޒިއްޔާ ބުނި ގޮތަށް އިފާޝާ ހުރީ ގޭ ދޮރު ހުޅުވާފައެވެ. ޒިޔާން އެތެރެއަށް ވަން އިރު އިފާޝާ ކޮޓަރީ ދޮރުމަތީ ހުއްޓެވެ.

“ބަނޑުގަ ރިއްސަނީ ދޯ؟” ޒިޔާން އަހާލިއެވެ. އިފާޝާ ބޯޖަހާލިއެވެ.

އެވަގުތު އަނެއްކާވެސް އިފާޝާގެ ބަނޑުގައި ރިއްސައިގަތެވެ. ދެއަތުން ބަނޑުގައި ހިފަހައްޓާލަމުން އިފާޝާއަށް ތިރިވެވުނެވެ. ޒިޔާން އައިސް އިފާޝާ ގައިގައި ހިފެހެއްޓިއެވެ. ރިހުން ކެނޑުނު ވަގުތު އެއް އަތުން އިފާޝާ ގައިގައި ހިފަހައްޓާލައިގެން ހުރެ ޒިޔާން ފޯން ނެގީ ރަމްޒިއްޔާއަށް ގުޅާށެވެ. ހަމަ އެވަގުތު ޒިޔާންގެ ފޯނަށް ރަމްޒިއްޔާ ގުޅިއެވެ.

“މަންމާ، އިފާ ބަނޑުގަ ރިއްސާތީ…” ޒިޔާން ފޯން ނެގި ގޮތަށް ބުންޏެވެ.

“އާނ، އިފާ ގުޅިއޭ މަންމައަށް، މަންމަ މިހާރު މިދަނީ އިފާމެން ގެއަށް، ޒިޔާން ކޮންތާކު ތިހިރީ؟” ރަމްޒިއްޔާގެ އަޑުގައިވެސް ވަނީ ހާސްކަމެވެ.

“އަހަރެން މިހިރީ އިފާމެން ގޭގަ، މިދަނީ އިފާ ގޮވައިގެން ހޮސްޕިޓަލަށް މަންމާ، މަންމަވެސް ދެން ދޭ ހޮސްޕިޓަލަށް. އަދި ސާދާއަށް މަންމަ ގުޅާލާފަ ބުނައްޗޭ” ޒިޔާން ބުންޏެވެ.

އެވަގުތު އިފާޝާގެ ބަނޑުން ނެގި ރިހުމާއެކު އިފާޝާއަށް ޒިޔާންގެ އަތުގައި ބާރަށް ހިފަހައްޓާލެވުނެވެ. އެރިހުމާ އެކު އިފާޝާއަށް ތަފާތު އިހުސާސެއް ކުރެވުނެވެ. ހީވި ކުޑަކަމު ދެވުނު ހެންނެވެ. އެއާއެކު ދަރިފުޅު ތިރިއަށް ޖެހިލިހެންވެސް ހީވިއެވެ.

“ޒިޔާން…” އިފާޝާއަށް ގޮވާލެވުނެވެ.

ޒިޔާން ކުރިއަށް ވުރެން ބާރަށް އިފާޝާ ގައިގައި ހިފަހައްޓާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހާދަ ލޯބިންނޭ (12)

Next

lol

Next
February 10, 2016

lol

Previews
February 10, 2016

ހާދަ ލޯބިންނޭ (12)

10 Comments!

  1. Mar Sha Marsha says:
    February 10, 2016 at 4:25 pm

    މިބައިވެސް ކަމުދާނެ ކަމަށް ހީކުރަން، ހަވަނަ ބައި އިރާދަ ކުރެއްވިއްޔާ މާދަމާ ގެނެސްދޭނަން…

  2. Amin says:
    February 10, 2016 at 4:55 pm

    Rovijje.v ves asarugadha.Marsha thanks for the nice story

  3. Zeena says:
    February 10, 2016 at 4:56 pm

    Varah reethi

  4. Zaanaa says:
    February 10, 2016 at 4:57 pm

    V vvv reethi heekuran vvv avahah keyaalan lebaynekamah

  5. naaanu says:
    February 10, 2016 at 5:02 pm

    varaaaah salhi ingey..waiting for next part

  6. shapna says:
    February 10, 2016 at 5:18 pm

    Vvvvv reethi..

  7. Ily says:
    February 10, 2016 at 5:32 pm

    Aslu v best ingey konme dhuvahaku ves Vahaka genesdheythe….reethi vahaka eh☺☺☺☺

  8. Nicky says:
    February 10, 2016 at 7:01 pm

    Story v v nyc….waitin 4 nxt prt?????

  9. maayaa says:
    February 10, 2016 at 8:11 pm

    alhey haadha dhera ey… dhn ifaa ah vaani kihineiy baa… ekujjja maraa nulahche… plx.. waiting for the next part

  10. Shix says:
    February 10, 2016 at 8:16 pm

    Vvv nice mi part. Waiting 4 tomorrow

Comments are closed.

Next Episodeހިތް އެދެނީ 6←


All Right Reserved!