ހިތުގެ ރިހުން (43)
ނޫރާ ޓެކްސީއެއްގައި އައިސް މަޑުކޮށްލީ ޒުލްގެ ކެފޭ ކުރިމައްޗަށެވެ. އަދި ރޭގަނޑު 8:30 ވި އިރު މުޅި ކެފޭ ވަނީ އަދިރިކޮށްފައެވެ. ޒުލް އަކީ ބަރާބަރަށް ކެފޭ ހުޅުވާ ބަންދު ކުރާ މީހެކެވެ. ކެފޭގެ ދޮރާ ނޫރާ ކައިރިވެލިއެވެ. ކުއްލިއަކަށް އިވުނު އަޑުން ބިރުން މޭމަތީގައި އަތް އަޅާލެވުނެވެ. ޒުލް ގެ ހަޅޭކުގެ އަޑު ފަޑުކޮށް އިވެމުން ދިޔައެވެ.
ނޫރާ ދޮރުގައި ހިފާލިއެވެ. ކިތަންމެ ބިރުގަނެފައިވިއެއް ކަމަކު އޭނާގެ އެންމެ ގާތް އެކުވެރިޔާ އެކަނި ދޫކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ. ހުޝާމް އަށް ގުޅަން ހިތަށް އަރާފައިވެސް ނުގުޅީ އޭނާގެ ސަބަބުން ހުޝާމް އަށް މިކަމުން އަނިޔާއެއް ވެދާނެތީއެވެ. ދެލޯ މަރާލައިފައި ދޮރު ކޮށްޕާލިއިރު ހުރީ ތަޅުލާފައެވެ. ނަމަވެސް ކުޑަ އިރުކޮޅެއްތެރޭ ބޯދިގުކޮށްފައި ހުރި ފިރިހެނަކު އައިސް ދޮރު ހުޅުވާލިއެވެ. އިސްކޮޅުންދިގެވެ. ބައިމަތި ތަނަވަހެވެ. މޫނު މައްޗަށް އިސްތަށިތައް ވެއްޓިފައި ހުރުމާ ތަނުގެ އަދިރިކަމުން ކާކުކަން ވަކިކުރަން އުދަގުލެވެ. ލާފައި ހުރީ ތަންތަނުން ބާ ކަޑާފައި ހުރި ޖިންސަކާ ގޮޅި ޖެހި ރަތް ގަމީހެކެވެ. އޭނާގެ އެއް އަތުގައި ވަޅިއެއް އޮތެވެ. އަނެއް އަތުގައި ކުޑަ ފޮތި ކޮޅެއް އޮތެވެ.
ވަޅި ފެނުމުން ނޫރާ އަށް ރޮވޭ ގޮތްވިއެވެ. މިކަމުން ސަލާމަަތް ވާނެބާއޭ ހިތަށް އަރަން ފެށިއެވެ. މިޒަމާނަކީ އެއްވެސް ރަހުމެއް ނެތި މީހުން މަރަމުން އަންނަ ޒަމާނެކެވެ. ނިކަން އާދަމްއަށް ވީ ގޮތް ވިސްނާލަ ބަލާށެވެ. އެންމެ 2000 ރުފިޔާގެ މައްސަލައެއްގައި އޭނާގެ ދުވަސް ދުއްވާލިއެވެ. އެ ފިރިހެން މީހާ އައިސް ނޫރާގެ އަތުގައި އޮތް ދަބަސް ޖަހައިގަތެވެ.
އަދި ނޫރާގެ ލޮލުގައި އެ ފޮތިގަޑު އައްސާލިއެވެ. އައްސާލުމަށްފަހު ރަގަޅަށް ނޫރާއަށް ބަލާލިއެވެ. ކަކުލާ ހަމައަށް ހުރި ރަތްކަން ގަދަ ހެދުން ހީވަނީ އޭނާގެ ހަށިގަޑުގެ ބައްޓަމުގައި ބައްދާލައިން ހުރި ހެނެވެ. އަރާފައިވާ ރަތް ހައި ހީލްސްއިން ނޫރާގެ އަންހެން ވަންތަކަން ފުރިހަމަ ވިއެވެ.
“ވާވު ސޯ ގޯޖިއަސް..” ބަރު އަޑަކުން ނޫރާގެ ކަދުރާއާ ގާތް ވެލާފައި ދޮނެއް ދެމުން އެމީހާ ބުނެލިއެވެ.
“ޗީޗީ” ނޫރާ އޭނާގެ މޭގައި ހިފާ ކޮށްޕާލިއެވެ. އަދި މޫނު ފޮތިކޮޅު ނައްޓާލަން އުޅެނެވެ. ނަމަވެސް އެ ފިރިހެނާ މާ ހުޝިޔާރެވެ. ނޫރާގެ އަތުގައި ހިފާ ދަމައިގަންނަމުން ކެފޭއަށް ވައްދާ ތަޅުލިއެވެ. އަދި އަތުގައި ހިފާ ދަމަމުން ދަމަމުން އައިސް ތަންކޮޅެއް އެތެރޭގައި ބެހެއްޓިއެވެ.
“ހެޔޮނުވާނެ އަހަންނާ އަހަރެންގެ އެކުވެރިޔާ ދޫކޮށްލާ.. އަހަންނަށް ޒުލް ނެގީ ކިހާވަރެއްގެ ލޯނެއްކަން ނޭގުނަސް އަހަރެން މިހިރީ މިހާރުން މިހާރަށް އެ ލޯނު ދައްކަން ތައްޔާރަށް…ކިހާ ވަރެއް ބޭނުން ވަނީ… ” ނޫރާ ރޮވިފައިވާ އަޑަކުން ބުނެލިއެވެ. އެއްވެސް ޖަވާބެއް ނޫރާ އަށް ނައުމުން ދެއަތް ދެފަރާތަށް ހޫރާލިއެވެ. އޭނާ އެތެރެއަށް ވެއްދި ޕާރޓޭ ހުރިތޯ ބަލާލަންށެވެ. އެއްވެސް މީހެއް ނެތް ހެން ހީވެގެން ނޫރާ ލޮލުގައި އައްސާފައި އިން ފޮތިކޮޅު ލޯ މަތިން ނަގާލިއެވެ. ކުއްލިއަކަށް މުޅިތަން އަލިވެގެން ދިޔައެވެ.
“ސަޕްރައިޒް…” އެންމެން އެއްފަހަރާ ހަޅޭއް ލަވައިގަތެވެ. އޭރު އެތަނުގައި ޒުލް، އައިޝާ، މަންސޫރު، މިންހާ، ނައިރާ، ޔާސިރު، ޔަޝްފާ އަދި ވީލް ޗެއާއެއްގައި ޔާސިން އިނެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމާ އުފާވެރިކަމެވެ. ގަނެފައި ހުރި ބިރަކުންނާ އެފަދަ ކަމެއް އޭނާ އަށް އެންމެން ރާވައިން ކުރުމުން ނޫރާ ހުރީ ހިތް ހަމަ ނުޖެހިފައެވެ. ކޮންކަމެއް ސަޕްރައިޒްވެގެން އުޅެނީ ހެއްޔެވެ. ނޫރާ އެބުރި ކެފޭ އިން ނިކުންނަން އެބުރިލިއެވެ. އޭރު އެއްފައިމައްޗަށް ތިރި ވެލާފައި އެއްކަލަ ބޯ ދިގު ޕާރޓޭ އަނގޮޓިއެއް ދިއްކޮށްލައިން އިނެވެ.
“ކަލޭތީ ކާކު.. އަހަންނެއް ނޫޅެން ކަލެޔާ އިންނަން..” ނޫރާ ރުޅި އައިސްގެން ބުނެލިއެވެ. މުޅި ތަނަށް ވެރިވީ ހިމޭންކަމެވެ. ހުޝާމް އިސް އުފުލާ ނޫރާއަށް ބަލާލި ދެން ބަލާލީ ޔާސިރު އަށެވެ. ޔާސިރު އަތުގެ އިޝާރާތުން ބޮލަށް އިގިލި ދިއްކުރަމުން ދިޔައެވެ. ހުޝާމް އަވަސް އަވަހަށް އޭނާގެ ބޮލުގައި އޮތް ވިގް ނަގާ އެއްކައިރި ކޮށްލިއެވެ.
“ހުޝާމް…” ހުޝާމް ފެނުމުން ނޫރާ ގޮވާލިއެވެ.
“ހުމްމްމްމް. އަހަރެން… ނޫރާ ވިލް ޔޫ މެރީމީ…” އަނގޮޓި ދިއްކޮށްލަމުން ހުޝާމް އަހާލިއެވެ. ނޫރާ އެނބުރި ފަހަތަށް ބަލާލިއެވެ. މަންސޫރު ހިޔާލު ހޯދަން އުޅުނުހެން ހީވިއެވެ. މަންސޫރު ހެވިފައި އާނއެކޭ ބުނުމަށް ބޯ ޖަހާލިއެވެ. ނޫރާ ބޭނުން ވަނީ ކިތަންމެ ދުވަހެއް ވިޔަސް މަންސޫރު ރުއްސާފައި ހުޝާމް އާ އިންނަންށެވެ. މަންސޫރު މިހާ އަވަހަށް މި ގުޅުމަށް އާއެކޭ ބުނާނެ އެކޭ އޭނާ ހިތަކަށް ނާރައެވެ. ނޫރާ ހެވި ދިއްލިފައި އަޑުގެ ނެތްތަނަށް ޔެސް ބުނެލިއެވެ. އަދި ހުޝާމަށް އޭނާގެ އަތް ދިއްކޮށްލިއެވެ. ހުޝާމްވެސް ހީކޮށްގެން ހުރީ ނޫރާ އެވަރަށް ރުޅިއައިސްފައި ހުރުމުން އޭނާގެ ޕްރޮޕޯސަލް ގަބޫލު ނުކުރާނެކަމަށެވެ. އިނގިލީގައި އަނގޮޓި އަޅުވާލުމަށްފަހު ނޫރާ ގައިގާ ބާރަކަށް ބައްދާލިއެވެ. އެންމެން އަތްތިލަ ބަޑިޖަހަމުން ދިޔައެވެ.
“ކޮބާ އެންމެން އެއްޗެއް ކާން އުޅޭ… ހުންނާނެ ބުފޭ އަވަސް އަވަސް..” ޒުލް އެންމެން ގާތު ބުނެލިއެވެ. ކާ އެއްޗެއްސާ ދިމާލަށް އެންމެ ފުރަތަމަވެސް ދުއްވައިގަތީ ނައިރާއެވެ. ޔަޝްފާ މަޑުނުކޮށް ދާން އުޅުމުން ޔާސިން ހުއްޓުވިއެވެ.
“ޕްލީސް މަޑުކޮށްބަ… ވީ ނީޑް ޓު ޓޯކް…” ޔަޝްފާގެ އަތުގައި ހިފާލަމުން ޔާސިން ބުނެލިއެވެ. މިމަންޒަރު ދުރުގައި ބަލަން މިންހާ ހުއްޓެވެ. އޭނާވެސް ހުރީ ޔާސިން އާ ވާހަކަ ދައްކަން ބޭނުން ވެފައެވެ. އެ ދެމީހުންގެ ކައިވެނި ކޮޅެއްގައި ޖައްސަން ޖެހެއެވެ.
“ހޫ ދެން މި ރޯމިއޯ ހުރެދާނެ ޖުލިއެޓް ދޫ ނުކޮށް….” އައިޝާ އައިސް މަޖަލަކަށް ބުނެލިއެވެ.
“މަންމަ އެއްނުން އަހަންނަށް މި ލޯބި ޖޫލިއެޓް ދިނީ” ހުޝާމް އަދި އެއްވުރެ ބާރަށް ބައްދާލަމުން ބުނެލިއެވެ. ނޫރާ ލަދުން ހުޝާމް ގެ މޭ ތެރޭ ފޮރުވިގަތެވެ.
“ތިއެއް ނޫނޭ.. މި މަންމަ އާ ހުޝާމް ރާވައިން ކުރި ކަމެއްދޯ.. ކޮބާ އަހަރެން ހެދުން ތަކާ ބޫޓުތައް..” ނޫރާ އަހާލިއެވެ. އައިޝާ އުޅުނު ގޮތުން ޝައްކެއް ވިޔަސް އެގަޑީ ގަނެފައިހުރި ބިރުން އަވަހަށް އައީއެވެ.
“މަންމަ ކޮޓަރީގަ..” ބޯކަހާލަމުން އައިޝާ ބުނެލިއެވެ.
“ކޮބާ ދެކުދިން ކޮން އިރަކު ކައިވެނި އޮތީ..” މަންސޫރު އައިސް އަހާލިއެވެ.
“ވީހާވެސް އަވަހަކަށް…. ބައްޕަ ވަލީ ދިނީމަ” ނޫރާ މިހެން ބުނެލީ އަދިވެސް މަންސޫރު މި ގުޅުމަށް ރުހުނުހެން ގަބޫލުނުކުރެވޭތީއެވެ.
“ބައްޕަ ވަލީ ދޭން ބޭނުން ނުނިއްޔާ މިތަނަށް ނާންނާނަން…” މަންސޫރު ބުނެލިއެވެ. އަދި ނޫރާ ބޮލުގައި ފިރުމާލިއެވެ. ޔާސިރު އައިސް މަންސޫރު ވަކިން ގޮވާލާފައި އެއްފަރާތަކަށް ގެންދިޔައެވެ.
“ކިހިނެއްވީ؟” މަންސޫރު އަހާލިއެވެ.
“މިންހާ އާ ޔާސިންގެ ވާހަކަ ދައްކަން….” ޔާސިރު ބުނެލިއެވެ.
“ކޮންވާހަކަ އެއް އެކުދިންގެ އޮތީ… ވަރިވެފަ ތިބި ދެކުދިން އެއީ.. އަންނަ މަހު މިންހާ އިއްދަ ހަމަ ވާނެ.. އޭނަވެސް އޭނަ އަށް ކަމުދާ މީހަކު ހޯދައިން އިންނާނެ ނުން.. ޔާސިންވެސް ޔާސިން ދިރިއުޅުމައިން ކުރިއަށް ދާނެނުން…” މަންސޫރު ވާނުވާގައި ބުނެލިއެވެ.
“މަންސޫރު ގާތު މިންހާ ނުބުނޭތަ؟” ޔާސިރު ހައިރާން ވެފައި އަހާލިއެވެ. އެވަރު ބޮޑުކަމެއް ވެގެން ދިޔަ އިރު އެއްވެސް މީހެއްގާތު މިންހާ ނުބުނީ ކީއްވެބާއެވެ.
“ކޯންޗެއް؟” މަންސޫރުވެސް ކުޑަކޮށް ދައްކަމުން ދިޔަ ވާހަކައަށް ޝައުގުވެރިވިއެވެ.
“ދެމީހުން ކައިވެނި ރުޖޫއުވެފަ ހުރިކަން..” ޔާސިރު ބުނެލިއެވެ.
“ކީކޭ..” މަންސޫރަށް މިހެން ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. ޔާސިރު ދެއްކި ވާހަކަ އަކީ ތެދެއްތޯ ބެލުމަށް މަންސޫރު ހިގައިގަތީ ސީދާ މިންހާއާ ދިމާލަށެވެ. އޭރު ނޫރާމެންވެސް މަންސޫރު ހިތްހަމަ ނުޖެހިފައި ހުރިކަން އެގުމުން މަންސޫރުގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ.
“މިންހާ… ތެދެއް ޔާސިން އާ ކައިވެނި ރުޖޫއަވީތަ؟؟” މަންސޫރު ވާހަކަ ދެއްކީ މަޑުންނެވެ. ނޫރާގެ މި އުފާވެރި ދުވަސް ފަނި ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. މިންހާ ބިރުން ހުރެ ބޯ ޖަހާލިއެވެ. މަންސޫރު ގާތަށް އައި ރުޅިއެއް ބުނަންވެސް ނޭގުނެވެ. ރުޅި އާދެވުނީ އޭނާގެ ސިކުޑި ހަމަ ނުޖެހޭ ދަރި މިންހާ ދެކެ ކަމެއް ނޫނީ މިންހާގެ ފަރާތުން އެންމެ ފަހުން އުޅެ އުޅެ ސަލާމަތް ނުވެވި ހުއްޓާ ސަލާމަތްވެވުނު ޔާސިން ދެކެ ކަމެއް ހުދު އޭނާއަކަށްވެސް ބުނާކަށް ނޭގެެއެވެ. މިންހާ ކައިރި ބޭރަށް އަންނާށޭ ބުނުމަށް ފަހު މަންސޫރު ކެފޭ އިން ނިކުމެގެން ހިގައިގަތެވެ. މިންހާ ވެސް މަންސޫރު ފަހަތުން ބޭރަށް ނިކުތެވެ. މިންހާ ނިކުތުމާއެކު މަންސޫރުގެ ހޫނު އެތިފަހަރެއް މިންހާގެ މޫނު މައްޗަށް އައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




masha allah mi part vx vrh reethi
when is next part???
Very curious about what happens next…story is very nice masha allah