ހިތުގެ ރިހުން (44)
މިންހާ ވީ ތަދުން ކޯމަތީ އަތް އަޅާލިއެވެ. ދެވަނަ ފަހަރަށްވެސް މަންސޫރު އަތް އުފުލާލީ މިންހާ ގައިގާ ޖަހަންށެވެ. ނަމަވެސް މިފަހަރު މަންސޫރު ހުއްޓުވީ ޔާސިރެވެ.
“މަންސޫރު ކަލޭ މޮޔަވީތަ؟ ބަލަ މީ ބޮޑުވެފަ ހުރި ކުއްޖެކޭ.. އޭނަ އަށް ވިސްނޭނެ އޭނަ ކުރާ ކަމުގެ ހެވާ ނުބައި.. ޔާސިން އާ މިންހާ ބޭނުން ވެގެން ކައިވެނި ރުޖޫއަ ކުރީމަ މަންސޫރަށް ކޮންކަމެއް..” ޔާސިރު ބުނެލިއެވެ.
“އަހަންނަށް ކޮން ކަމެއްހޭ.. ބަލަ މިންހާ ޔާސިން އާ ދޭތެރޭ ކަން ކުރިގޮތް އެންމެ ރަގަޅަށް އިގެނީ އަހަންނަށް… ޔާސިންގެ ދަރިއެއްވެސް ނުން ނައިރާ އަކީ.. ކަލެއަށް އެކަން އިނގޭތަ..” މަންސޫރު ޔާސިރު އާ ދިމާލަށް އިގިލި ދިއްކޮށްލަމުން ބުނެލިއެވެ. ޔާސިރު ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.
ބޭރުތެރޭ ހަލަބޮލިވާހެން ހީވެގެން ނޫރާ އާ ހުޝާމް ބޭރަށް ނިކުތެވެ. އަދި އޭރު އެމީހުން ދައްކަމުން ދިޔަ ވާހަކަ އަޑު އިވުނެވެ. މިންހާ ހުރީ ލަދުން އިސް އުފުލާލަންވެސް ނުކެރިފައެވެ.
“ހުޝާމް ދޭބަލަ ޔާސިން ގޮވައިން އަންނަން..” ޔާސިރުގެ އަޑުގައި ވީ ރުޅިވެރިކަމެވެ. އެވަރު ކަމެއް ޔާސިން އޭނާ ގާތު ނުބުނެ ހުރީ ކީއްވެބާއެވެ.
***
“ޔަޝް އަދިވެސް ރުޅިއައިސްތަ؟” ޔާސިން އަހާލީ ޔަޝްފާ ކުރެންނެވެ.
“އަހަރެން ބުނީމެއްނުން އަހަރެން ރުޅިއެއް ނާދެއޭ ކީއްވެތަ އިރުއިރު ކޮޅާ ތި.އަހަނީ…” ޔަޝްފާ ރުއްކުރުކޮށް ބުނެލިއެވެ. ޔާސިން އަށް ވާހަކަ ނުދެއްކެނީސް ނައިރާ ކާ އެއްޗެހި އަޅައިން އައިސް ޔާސިން އަށް ދިއްކޮލިއެވެ.
” ނައި ކާނީ ބައްޕިއާ އެއްކޮށް.. އާއާ” ނައިރާ އަގަ ބޮޑުކޮށް ހުޅުވާލިއެވެ. ޔަޝްފާ ތެދުވެގެން ހިގައިގަތެވެ. ނައިރާ އަކީ އަދި ތުއްތު ކުއްޖެކެވެ. ނައިރާގެ ބައްޕަ އެހެން އަންހެނުންނާ އެއްކޮށް އުޅޭތަން ދައްކާކަށް ޔަޝްފާ ބޭނުމެއް ނޫނެވެ. ޔާސިން އަށް އަނެއްކާވެސް މަޖުބޫރުވީ ޔަޝްފާ ދާން ދޫކޮށްލަންށެވެ. ޔަޝްފާ އާ ވާހަކަ ދައްކަން އުޅުނު ދެފަހަރުވެސް ކާމިޔާބު ނުވީ ނައިރާއާ ހެދިއެވެ.
*****
“ކީއްވެތަ ތިހިރީ.. ޔާސިން ކައިރި ބުނޭ އަންނާށޭ..” ޔާސިރު އަނެއްކާވެސް ބުނެލިއެވެ.
“ކިހިނެއްވީތަ ބައްޕާ؟ ވީ ގޮތެއް ބުނީމަ ނުން..” ހުޝާމް ހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނާގެ ހަޔާތުގައި އައި މި އުފާވެރި ވަގުތުގައި މިފަދަ ކަންތައްގަޑެއް ހިގީމައެވެ. ނަމަވެސް އޭނާ ބެލީ ވީހާވެސް ހަމަ ޖެހޭގޮތް ދެއްކޭތޯއެވެ.
“ކީއްކުރަން… ޔާސިރު ކަލޭ ބުނާހެން މި ދެމީހުން ބޭނުން ވެގެންނުން މިކަމެއް މި ހިނގީ ދެން ކައިވެނި ކޯޓުގަ ރަޖިސްޓްރީ ކޮށްފަ މިކަން ނިންމާލަންވީ.. ގައިމު ޔާސިން ވެސް މިންހާ އަށް ކޮންމެވެސް ކުލުނެއް ޖެހުނީމަ ދޯ އެހެން އެވީ..” މަންސޫރު ބުނެލިއެވެ.
“ނުން.. އޭނަ އަކަށް ނޭގޭ.. އަހަރެން…” މިންހާ އިސް އުފުލާ މަންސޫރަށް ބަލާލަމުން ބުނެލިއެވެ. ނޫރާ އަކަށް އިތުރަކަށް އެއްވެސް ވާހަކަ އެއް އަޑު އަހާކަށް ނުހުރެވުނެވެ. އޭނާގެ އެތެރެ ހަށިން ކެކި އަރަމުން ދިޔައެވެ. ޔާސިން ކޮންމެ އަންހެނެއްވެސް ގެންގުޅެނީ ކުޅޭ ކުޅޭ ބުދެއްގެ ސަފައިގައިކަން އިހުސާސްވީއެވެ. އޭނާވެސް ފައިސާގެ ދަހިވެތި ކަމުގައި އެއްލާލީއެވެ. މިހާރު އަނެއްކާ އެހެން އަންހެނެއް ފެނުމުން މިންހާ އެއްލާލަނީއެވެ. ނޫރާ ބަލަން ނުހުރެ މިންހާ އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ. މަންސޫރުމެންވެސް ހައިރާން ވެފައި ނޫރާ ފަހަތުން ވަނެވެ.
ނޫރާ އެދިޔަ ގޮތަށް ގޮސް ޔާސިން އާއި ނައިރާ އިން މޭޒު ކައިރިއަށް މަޑުކުރުމަށްފަހު މިންހާ މޭޒާ ކައިރި ކޮށްލިއެވެ. އެންމެންހެން ހުއްޓިފައި ހުރީ ނޫރާގެ މި އަމަލުންނެވެ.
“ޔާސިން އަށް އިނގޭތަ ކަމެއް ހިގިކަން މިންހާ އާ ދެމީހުން..” ނޫރާގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.
“ކިހިނެއްވީ؟” ޔާސިން އަހާލިއެވެ.
“މަ މިހަނީ އިނގޭހޭ…” މިފަހަރު ނޫރާގެ އަޑު އިހުނަށް ވުރެ ބާރުވިއެވެ. އައިޝާ އަވަސް އަވަހަށް އައިސް ނައިރާ އުރާލައިން ކެފޭ އިން ބޭރަށް ނިކުތެވެ. ކުޑަކުއްޖަކަށް އަޑު އިވެން ނުވާކަހަލަ ވާހަކަ ތަކެއް ދައްކަން އުޅޭކަން އައިޝާއަށް ދެނެގަނެވުނެވެ. ސަބަބަކީ ނޫރާގެ އެ ރުޅިގަޑެވެ.
“އާނ..” ޔާސިން އިސް ޖަހާލިއެވެ.
“އެފަހުން ކިހާ އިރެއް ވެއްޖެ؟” މިފަހަރު ނޫރާ އެބުރި އަހާލީ މިންހާ ކުރެންނެވެ.
“އެއް ދުވަސް” ރޮވިފައި ހުރި މިންހާ ނޭފަތް އެތެރެއަށް ދަމާލަމުން ބުނެލިއެވެ.
“އެއްދުވަސް… އެއްދުވަސް… އެއްދުވަސް….” ނޫރާގެ ރުޅިގަނޑު ފަޅައިން ދިޔައެވެ. މޭޒުމަތީ ޖަހަމުން މިހެން ބުނެލިއެވެ.
“ކަލެއަށް އެއްދުވަސް ވި އިރު މިންހާ އާ އެކަމާ ވާހަކަ ދެއްކުނުތަ… އޭނަ އެހުންނަނީ ލަދުން ހަދާނެ ގޮތް ހުސްވެފަ.. ނާޖައިޒް ފައިދާ ނަގާފަ އަންހެނުން ނަގާ އެއްލަންތަ ކަލެޔަށް އެގެނީ..” ނޫރާ ބުނެލިއެވެ. ޔާސިން ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ނޫރާ މިހެން ވާހަކަ ދެއްކި އަޑު އޭނާ ދުވަހަކުވެސް ނާހައެވެ.
“ނޫރާ ހަމަ ޖެހިބަލަ.. އަހަރެން މިންހާ އަށް ގުޅަން އުޅުނީ…” ޔާސިން ކިޔާދެން ބޭނުންވިއެވެ. ނަމަވެސް އެފުރުސަތެއް ނޫރާ ނުދިނެވެ.
“ގުޅުނުތަ.. އެއްދުވަސް ވެގެން ދިޔައީ.. ކަލެއަށް ގުޅުނުތަ… މިތަނަށް މިންހާ އަންނާނެ ކަން ކަލެއަށް ރަގަޅަށް އިނގޭނެ.. ކީއްވެތަ ޒިންމާ ނަގަން ބިރު ގަންނަނީ.. އަހަރެން އެއްލާލި ގޮތަށް މިންހާވެސް އެއްލާލަނީތަ…” ނޫރާގެ ލޮލުން ކަރުނަ ފޭބި އިރުވެސް އެ އަޑު މަޑެއް ނުވިއެވެ. ހުޝާމް އަށް މިމަންޒަރު ވަރަށް ރަގަޅަށް ފެނުނެވެ. ހުޝާމް އައިސް ނޫރާ ގައިގާ ބައްދާލިއެވެ. ނޫރާވެސް ހުޝާމް ގައިގާ ބައްދާލިއެވެ. އޭނާ އެއްގޮތަކަށް ވެސް ރޯކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ހުޝާމްގެ މި އަމަލުން އޭނާއަށް އިތުރަށް ރޮވުނެވެ.
“އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ.. އަހަރެން މިއަދު ކޯޓަށް ފޯމުލިން ކައިވެނި ރުޖޫއަ ކުރަން.. އަހަރެން މީ ނޫރާ ތި ހީކުރާކަހަލަ މީހެއް ނުން… މިއަދު އަހަންނަށް މިންހާއަށް ނުގުޅުނީ ޑިސްޗާރޖު ވުމާ ހުރިހާ ކަމެއްވީމަ… މިތަނަށް އައިސް ވާހަކަ ދައްކަން އަހަރެން މަޑުކުރީ… މިންނޫ ކޯޓުން ގުޅާނެ ރުޖޫއަކުރަން.. ތީ އަދިވެސް އަހަރެންގެ އަންބެއް… އަހަންނާ އެކު ގެޔަށް ދާނީ…” ޔާސިން ވާހަކަ ދައްކަމުން ދިޔައެވެ. ޔަޝްފާއަށް ޔާސިން ފޯމްލީކަން އެގުމުން އިތުރަށް އެތާކު މަޑު ކުރާކަށް ބޭނުމެއް ނުވިއެވެ. ޔާސިން ވާހަކަ ދައްކަ ދައްކާ ހުއްޓާ ޔަޝްފާ ނިކުމެގެން ދިޔައެވެ.
“އަސްލުވެސްތަ..” މިންހާ ގަބޫލް ނުކުރެވިގެން އަހާލިއެވެ. ނޫރާވެސް އެބުރިލީ ޔާސިން ބުނި އެއްޗެއް ގަބޫލް ނުކުރެވިގެންނެވެ. ޔާސިން އާއެކޭ ބުނުމަށް ބޯ ޖަހާލިއެވެ.
މުޅި މާހައުލުގައި އުފެދުނު ޓެންޝަން އެކީހެން ފިލައިން ދިޔައެވެ. ނަމަވެސް ޔާސިރު ހުރީ އަދިވެސް ހިތްހަމަ ނުޖެހިފައެވެ. ގެއަށް ގޮސް ޔާސިން އާ ސުވާލު ކުރަން އޭނާ މަޑުން ހުއްޓެވެ.
*****
ޖެހިގެން އައި ދުވަސް.
“ޔާސިން ތިކައިވެނި ކޯޓުން ރުޖޫއަވީމަ މިންހާ ވަރިކުރޭ.. އަހަރެން ބޭނުމެއް ނުން ޔާސިން އެހެން މީހެއްގެ ދަޑަކަށް ފެންދީގެން ބޮޑުކުރާކަށް.. ނައިރާ އެއީ ޔާސިންގެ ދަރިއެއް ނޫނެއްނުން..” ޔާސިރު ވާހަކަ ދެއްކީ ސައިބޯން އިނދެ ޔާސިން އާ އެވެ.
“އާނ.. އަހަރެންގެ ދަރިއެއް ނުން.. އެކަމް ދަރި ލޯބި ޖެހިފަ ހުރި ކުއްޖެއް ނައިރާ އަކީ.. އެހެން ނޫނަސް އަހަރެން ބެނުމެއް ނުން މިންހާ އާ އެއްކޮށް ދިރިއުޅެން.. އަހަރެން އޭނަ ވަރިކުރާނަން…” އޭރު މިންހާ ކާގެ ދޮރު ކައިރި އަޑުއަހަން ހުރި ކަމެއް ޔާސިން އަކަށް ނޭގެއެވެ. މިހެން ޔާސިން ބުނުމުން މިންހާގެ ރުއިންގަޑު ފަޅައިން ދިޔައެވެ. ނަމަވެސް އަގަމަތީ އަތް އަޅާލީ އޭނާ އެތާ ހުރިކަން ޔާސިރު އާ ޔާސިން އަށް ނޭންގުމަށެވެ. މިންހާ ރޮމުން ރޮމުން ކޮޓަރިއަށް ދާން ދުއްވައިގަތެވެ. އެވަގުތު އަޅައިގަތީ ސައިބޯން ކާގެއަށް އައިސް އައިސް ހުރި ހުޝާމް ގައިގަ އެވެ. ހުޝާމް އަށް މިންހާ ރޮމުން ދިޔަތަން ފެނުނެވެ. ނަމަވެސް މާ ބޮޑަކަށް ފަރުވާލެއް ނުބަހައްޓައެވެ.
ޔާސިން ސައިބޮއެލައިގެން ކޮޓަރިއަށް އައިސް ވަނެވެ. އޭރު މިންހާ އެދުމަތީ އިށީދެލައިން އިނެވެ. ފުރަގަސް ދީގެން އިނުމުން މިންހާގެ މޫނެއް ޔާސިން އަކަށް ނުފެނެއެވެ. މަޑު ގިސްލުމެއްގެ އަޑު އިވެމުން ދިޔައެވެ.
“މިންހާ… ރޮނީތަ؟” މިންހާ ކުރިމައްޗަށް އަރާ މޫނު ހިއްލާލަމުން ޔާސިން އަހާލިއެވެ. އޭރު މިންހާގެ ދެލޯ ވަނީ ރަތްވެފައެވެ. ދޮންކަމުން ނޭފަތްވެސް ހީވަނީ ޖަންބެއް ހެނެވެ. އެވަރަށް ހުރީ ރަތްވެފައެވެ.
“ޔާސިން ޕްލީސް.. އަހަރެން ވަރި ނުކުރޭ. . އަހަރެން މީ މިހާރު ކުރީގެ މިންހާ އެއް ނޫނޭ… އަހަންނަށް އެންމެ ޗާންސެއް ދީ… 3 މަސް… 3 މަސް ތެރޭވެސް ޔާސިން އަށް އަހަރެން ކަމު ނުގޮއްސިއްޔާ އަހަރެން ވަރި ކުރިއަސް އެއްވެސް ފަރުވާލެއްނެތް..” މިންހާ ޔާސިން ފައިބުޑަށް ވެއްޓި އާދޭސް ކުރަން ފެށިއެވެ.
“މިންހާ ހެޔޮނުވާނެ.. ތިހެން ނޫޅޭ.. އަހަރެން އޭރުވެސް މިހާރުވެސް މި ބުނަނީ އަހަރެން މިންހާ ދެކެ ލޯތްބެއް ނުވެޔޭ…. އެއްއަތް ތެޅިޔަސް އަޑެއް ނުކިޔާނޭ…” ޔާސިން ދުރަށް ޖެހިިއެވެ.
“ޔާސިން ޕްލީސް…. އެންމެ ޗާންސެއް.. އޭރު އެހުރިހާ ކަމެއްވީ އަހަނަށް ނުވިސްނޭތީ… ޕްލީސް.. ނައިރާ އަށްޓަކައި އެންމެ ފުރުސަތެއް… މިބުނީ ނުން 3 މަސް ފަހުންވެސް ޔާސިންގެ ހިތް ބަދަލު ނުވަންޔާ އަހަރެން ދޫކޮށްލިޔަސް މައްސަލައެއް ނެތޭ… ” މިންހާ ކޮޅަށް ތެދުވެ ޔާސިން އަތުގައި ހިފައިން އާދޭސް ކުރިއެވެ.
“މިންހާ” ޔާސިން އަތް ފޮޅާލިއެވެ. އޭރުވެސް މިންހާ ރުއިން ހުއްޓާނުލައެވެ. އެއޮއްގަދަ މިންހާ މިއަދު ޔާސިން ކުރިމަތީ ހުރީ ނިކަމެއްޗެއް ފަދައިންނެވެ. ކުއްލިއަކަށް މިންހާ އަބުރައިގަނެގެން ބިންމައްޗަށް ވެއްޓުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



