Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުދާނޭ ފިލާ 10

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
October 25, 2025 7 Mins Read
2 Comments

“އައި ވޯންޓް އަ ބޭބީ.. އަހަންނާ ލަޔާގެ ލޯބި ލޯބި ބޭބީއެއް” ވަކި ހިސާބަކުން ސާހިލް އެދޭ ކަންތައް ލަޔާލް ގާތު ބުންޏެވެ.

“ޔެސް ޔެސް..” ފަސްޖެހުމެއް ނެތި ލަޔާލްއަށް ބުނެވުނެވެ. އެއާއެކު ލަޔާލް ދެ އަތުން ސާހިލްގެ މޫނުގައި ހިފާލުމާއެކު ސާހިލްގެ ތުންފަތުގައި ބޮސްދިނެވެ. އެއީ ލަޔާލްގެ ހިތުގައިވެސް ވާ އެދުމެކެވެ. އެ ކަން ސާހިލްއަށް ބުނެނުދެވެނީސް އެއީ ސާހިލްވެސް އެދޭ ކަމެއް ކަން އެނގުމުން ލަޔާލްއަށް ލިބުނު އުފާ ބަޔާން ކޮށްދިނުމުގައި މުޅި އެރޭ ހޭދަވިއެވެ.

 

ލަޔާލްއާ ސާހިލްގެ “އެނިވަރސަރީ” ފާހަގަ ކުރުމަށް ދެ މީހުން ބޭނުން ވީ ރާއްޖެއިން ބޭރަށް ދާށެވެ. ހަމަޖެހުނީ ދިހަ ވަރަކަށް ދުވަސް ކުރިން ގޮސްފައި ދެ ހަފްތާ ވަންދެން މަޑުކޮށްފައި އައުމަށެވެ. ހުރިހާ ކަމެއް ހަމަޖައްސާ ނިމިފައި ވަނިކޮށް އެ ދަތުރު ފަސްކޮށްލަން ޖެހުނީ ކުއްލިއަކަށް މާހިރާ ބަލިވުމުންނެވެ. މާހިރާ ގޮވައިގެން އިރުފާންއާ އެކު ދާން ސާހިލް ބޭނުންވި ނަމަވެސް އިރުފާންއާ ނާފިޒް އެދުނީ އޮފީހުގެ ކަންތައް ބެލެހެއްޓުމަށް ސާހިލް މަޑުކޮށްފައި އެ މީހުންނާއެކު ލަޔާލް ފޮނުވުމަށެވެ. ދެކޮޅު ހެދުމެއް ނެތި ލަޔާލްއާ ސާހިލްވެސް ގަބޫލުވިއެވެ.

ބޮޑު އޮޕަރޭޝަންއަކަށް ފަހު މާހިރާ ގޮވައިގެން އިރުފާންއާ ލަޔާލްއާ ނާފިޒްއަށް މާލެ އާދެވުނީ ދެ ހަފްތާ ފަހުންނެވެ. އެ މީހުންނަށް ނާދެވެނީސް އޯޝަންލައިންގެ ކަމެއްގައި ހަފްތާއަކަށް ސިންގަޕޯރއަށް ދިޔަ ސާހިލް އަންނަން އޮތީ އަހަރީ ދުވަހުގެ އެއް ދުވަސް ކުރިންނެވެ. ނަމަވެސް އެ ދުވަހު ކުއްލިއަކަށް ދިމާވި ކަމެއްގެ ސަބަބުން ސާހިލްއަށް އާދެވުނީ އަނެއް ދުވަހުގެ ހެނދުނުގެ ފްލައިޓުންނެވެ. އޭރު އެކިއެކި ކަންކަމާ ހެދި އެ މީހުން ރޭވި ދަތުރު ކެންސަލްކޮށްފައި ވީ ނަމަވެސް އެ ދުވަސް ޚައްސަ ކޮށްލަން ސާހިލްއާ ލަޔާލް ބޭނުންވިއެވެ. އެ ގޮތުން  މާހިރާއަށް ތެދުވެ އުޅެލެވޭ ވަރު ވާތީ ސާހިލް އައި ގޮތަށް ހަމަ އެ ދުވަހުގެ ހަވީރު ކައިރި ރިޒޯޓަކަށް ދިޔައެވެ.

ރިޒޯޓަށް ދިޔަ ގޮތަށް ސާހިލްއާ ލަޔާލްއަށް ލިބުނީ “ސަޕްރައިޒް”އެކެވެ. އެ ދަތުރުގެ ކަންތައް ހަމަޖައްސައިދިނީ ސާހިލްގެ އެކުވެރި އަރުހަމްއެވެ. ސާހިލްއަށްވެސް ނާންގާ އަރުހަމް އިސްވެ ހުރެ ދެ މީހުންގެ އެކުވެރިންނާ އެކު ކުރިއާލާ އެ ރިޒޯޓަށް ގޮސް ލަޔާލްއާ ސާހިލްއަށް ޕާޓީއެއް ދިނީއެވެ. ހަވީރުން ފެށިގެން އެކިއެކި ކަންތައް ރާވަމުން ގޮސް ޕާޓީ އޮތީ އެ ރެއެވެ. އެ ޕާޓީއަށް އެ މީހުން ތައްޔާރު ނުވެ ތިބި ނަމަވެސް އެކަންވެސް އެކުވެރިން ހުރީ ފުރިހަމަ ކޮށްދީފައެވެ.

ފައިތިލައާ ހަމައަށް ހުރި ރަތް ކުލައިގެ ހެދުމާ ހަމަ އެ ކުލައިގެ ޝޯލްއެއްގައި ލަޔާލް ހުރި އިރު ސާހިލް ލާން ޖެހުނީ ކަޅު ކުލައިގެ އަތްދިގު ގަމީހަކާ ފަޓުލޫނެކެވެ. ރަސްމީ ހަފްލާއެއް ފަދައިން ކުރިއަށް ދިޔަ ހަފްލާގައި ދެ ފަރާތުގެ އާއިލާވެސް ބައިވެރިވާ ކަން ލަޔާލްމެންނަށް އެނގުނީ އެ ތަނުން އެ މީހުން ފެނުމުންނެވެ. ސާހިލްގެ އެންމެ އެކުވެރި އަރުހަމް އެ ހުރިހާ ކަމެއް ރާވާފައި ހުރީ ވަރަށް ފުރިހަމައަށެވެ.

ދިހައެއް ޖެހުމުން އިރުފާންމެން، އަދި މުހައިމިންގެ އާއިލާވެސް މާލެއަށް ދިޔައީ ކޭކު ފަޅާ ނިމުމުންނެވެ. އެ މީހުންނާއެކު ބައެއް އެކުވެރިން ދިޔަ ނަމަވެސް އެއް ބަޔަކު މަޑުކުރީއެވެ. އެ ޕާޓީއާ މެދު ލަޔާލް ނުރުހުނީ އެންމެ ސަބަބަކާ ހެދިއެވެ. ސާހިލްގެ އެކުވެރިންނާއެކު އަފްޒާ ފެނުމުން ލަޔާލް ހިތްހަމައެއް ނުޖެހުނެވެ. އެހެން ނަމަވެސް އެކަމެއް ލަޔާލް ނުދައްކައެވެ. ސާހިލް މުޅިރޭ އަފްޒާއާ ވާހަކަ ދެއްކީ އެންމެ ފަހަރަކުއެވެ. އެއީ ދެ މީހުން އެކުގައި ތިއްބާ އަފްޒާ އައިސް ތަހުނިޔާ ކީ ވަގުތުއެވެ.

ސަކަރާތް ޖަހާ އަޑުގަދަވީ ހުރިހާ ބޮޑެތި މީހުން ދިޔުމުންނެވެ. އިވެމުން ދިޔަ މިއުޒިކްގެ އަޑާ އެއްވަރަށް ނަށަމުން ދިޔަ މީހުންގެ ތެރޭގައި ލަޔާލްއާ ސާހިލްވެސް ވިއެވެ. ސާހިލްގެ އަތުތެރޭ ހުރި އިރު، އޭގެ ކުރިން އެހެން ބައެއްގެ ކުރިމަތީ ސާހިލްގެ އަމަލުތައް ހުންނަ ގޮތާ އެރޭ ތަފާތުވިއެވެ. ސާހިލް ދެ އަތުން ލަޔާލް ގައިގައި ބައްދާލައިގެން ހުރި އިރު ހީވީ ސާހިލް ގައިގައި ލަޔާލްގެ ހަށިގަނޑު ތަތްކޮށްލަން ބޭނުންވެފައި ހުރި ހެންނެވެ. އިރުއިރުކޮޅާ ލަޔާލްގެ ނިތްކުރިއާ ކޯތާފަތާ ނޭފަތުގައި ސާހިލް ބޮސްދެއެވެ. ލަޔާލް ފުރުޞަތު ދިން ނަމަ ލަޔާލްގެ ތުންފަތްވެސް ސާހިލް ދޫ ނުކުރީހެވެ. ތިން ހަފްތާއެއްހާ ދުވަސް ލަޔާލްއާ ދުރުގައި ހޭދަ ކުރަން ޖެހިފައި ވުމުން އެރޭ ސާހިލް ހީވީ އިތުރަށް ދުރުގައި ހުރުމަށް ކެތް ނުވެގެން އުޅުނު ހެންނެވެ.

“ސާހިލް، ނޯ..” އަނެއްކާވެސް ލަޔާލްގެ ކޮލުގައި ބޮސްދީފައި އިތުރަށް ކައިރިވެލަން އުޅުމުން ލަޔާލް އެ ފުރުޞަތު ނުދީ ސާހިލްގެ މޭގައި މޫނު ޖައްސާލީ ސާހިލް ދޫނުކުރާނެހެން ހީވެގެންނެވެ.

“އަހަރެންގެ ވައިފްއާ ކައިރިވެގެން އެއްޗެއް ބުނާނެ މީހަކު ނުހުންނާނެ..” ސާހިލް ބުންޏެވެ.

“ތީ ތިހާ ކެތްތެރިކަމެއް ނެތް މީހެއް ކަމެއް ކުރިއަކު ނޭނގެ. މީހަކު އެއްޗެއް ނުބުންޏަސް މި އެންމެން ތެރެއަކު ނޫނެއްނު ކުރާ ކަމެއް ކުރާނީކީ؟” ހިނިއައިސްފައި ހުރެ ލަޔާލް ބުންޏެވެ.

“އަހަރެން ހާ ކެތްތެރި މީހަކު މިތާ ނުވެސް ހުންނާނެ.. ކިހާ ދުވަހެއް ލަޔާއާ ދުރުގަ ހުންނަތާ؟ މީ އަހަރުމެންގެ ހަނީމޫންއެއްނު؟ އެކަމަކުވެސް ހަމަ ދުރުގަ ހުންނަންވީތަ؟” ސާހިލް ޝަކުވާ ކޮށްލިއެވެ.

“ދުރުގަތަ ތި ހުންނަނީ؟” ލަޔާލް ބާރަށް ހީލަމުން އަހާލިއެވެ.

“ބޭނުން ވާ ވަރަށް ވުރެ ދުރުގަ.. ހަނީމޫންއަށް އައިސް ލަޔާއާ ކައިރި ވާން ބޭނުން ވާ ވަރަށް ވުރެ މާ ބޮޑަށްވެސް ދުރުގަ” ސާހިލް ކުރިއަށް ވުރެވެސް ބޮޑަށް ލަޔާލް ގެނެސް ގަޔާލާ ފިއްތާލިއެވެ.

“ސާހިލް..” ލަޔާލްއަށް ބުނެވުނެވެ.

އެގާރަ ޖެހިތަނާ ލަޔާލް ރެސްޓްރޫމްއަށް ވަދެލިއެވެ. އަރުހަމްމެންނާ އެކު ސާހިލް މޭޒެއް ކައިރީ އިށީނެވެ. އަފްޒާ އައިސް ސާހިލްގެ ވައަތް ފަރާތުން އިށީނދެ ގޮވާލުމުން ސާހިލް ޖަވާބު ދިނެވެ. އެ ވަގުތު އެ މީހުންގެ އެކުވެރިއަކު ސާހިލްއަށް ފިނި ބުއިމެއް ގެނެސްދިނެވެ. ހޫނުވެ ކަރު ހިއްކާފައި ހުރުމުން ސާހިލް އެއް ފަހަރުން އެ ތަށި ހުސްކޮށްލިއެވެ. ދެވަނަ ތައްޓެއް ދިއްކޮށްލުމުން ސާހިލް އެ ތަށިންވެސް އެއްބައި ބޯލިއެވެ. އެއާއެކު އަރުހަމް ނޫން އެހެން އެކުވެރިން ބާރަށް ހޭން ފެށިއެވެ. އެ މީހުން ކުރިއާލާ ރާވައިގެން ސާހިލްއާ ލަޔާލްއާ ސަމާސާ ކޮށްލުމަށް ކަމެއް ކޮށްލީއެވެ. އެކަން އެނގުނު ނަމަ ސާހިލް އެ ކަމުގައި ބައިވެރިއެއް ނުވީހެވެ.

ދިހަވަރަކަށް މިނަޓް ފަހުން ލަޔާލް އައިސް ސާހިލްގެ އަނެއް ފަރާތުގައި އިށީނުމުން ދެމީހުންގެ ކުރިމަތީ އެފަދަ ދެ ތަށި ބެހެއްޓީ އާއިޒްއެވެ. ލަޔާލް ފެނުމުން ސާހިލް ބަލަން އިން ގޮތުން ލަޔާލްގެ މޫނު ރަތްވެގެން ދިޔައެވެ. ލަޔާލް ޖޫސްތަށި ނަގާ ތުންފަތުގައި ޖައްސާލިއެވެ.  ނަމަވެސް މާ ގިނައިން ނުބޮއެ ބެހެއްޓީ ލަޔާލްއަށް ކަމުނުދާ ރަހައެއް އޭގައި ހުރުމުންނެވެ. ކައިރީގައި ތިބި އެކުވެރިންނާ މެދު ވިސްނާލުމެއް ނެތި ސާހިލް ލަޔާލްއާ ކައިރި ވެލަން އުޅުނެވެ. ލަދުން އިން ލަޔާލް ސާހިލްގެ ކޮނޑުގައި ހިފާ ހުއްޓުވަމުން ދުރަށް ޖެހިލާ ޖޫސްތަށި ސާހިލް އަތަށް ދިނެވެ. ހިނިއައިސްފައި އިނދެ ސާހިލް ޖޫސްތަށި ހުސްކޮށްލާފައި ލަޔާލްގެ އަތުގައި ހިފާފައި ތެދުވިއެވެ.

“ހިނގާ ދެން ދާން..” ސާހިލް ބުންޏެވެ.

ލަޔާލް ދެކޮޅު ނުހަދާ ސާހިލްއާ އެކު ދާން އެއްބަސްވިއެވެ. ދެ މީހުން އެކުގައި ހިނގައިގަންނަމުން ސާހިލް އެނބުރިފައި އެކުވެރިންނަށް ޝުކުރު އަދާކުރަމުން އަތުން ހަނާ އަޅާލިއެވެ. ލަޔާލްވެސް އެ މީހުންނަށް ބަލާލާފައި ޝުކުރު އަދާ ކުރިއެވެ.

ކޮޓަރިއާ ހަމައަށް ދެވެންދެންވެސް ސާހިލް ދުރުގައި ހުންނަން ބޭނުމެއް ނުވިއެވެ. ރެސްޓޯރެންޓުން ނިކުމެ ތަންކޮޅަކަށް ދެވުމާއެކު ލަޔާލް ގެނެސް ގައިގައި ޖައްސާލަމުން ތުންފަތުގައި ސާހިލް ބޮސްދޭން ފެށިއެވެ. އެ ހިސާބު އަނދިރކޮށް އޮތުމާއެކު މީހަކުވެސް ފެންނަން ނެތުމުން ލަޔާލް ދެކޮޅެއް ނުހަދައެވެ. އެރޭ ސާހިލްގެ ހަރަކާތްތަކުގައި ކެތްތެރިކަމެއް ނެތެވެ. އެއީ އޭގެ ކުރިން ސާހިލްގެ ފަރާތުން ލަޔާލްއަށް ފެނިފައި ނުވާ ސިފައެކެވެ. އެކަންވީ ލަޔާލްއަށް ކަމުދިޔަ ސިފައަކަށެވެ.

“ސާހިލް..” ސާހިލްގެ ދެ އަތުގައި ހިފާ ހުއްޓުވާފައި ލަޔާލް އެދުނީ ކޮޓަރިއަށް ދިޔުމަށެވެ. އަތިރިމައްޗަށް ނިކުމެވުމުން ސާހިލްގެ އަތުން ދޫކޮށްލާފައި ލަޔާލް ދުއްވައިގަތެވެ. ސާހިލްވެސް ބަލަން ނުހުރެ ލަޔާލްގެ ފަހަތުން ދުއްވައިގަތެވެ. އިރުކޮޅެއް ނުވެ ލަޔާލްއާ އަރާ ހަމަކުރަމުން ސާހިލް އަނެއްކާވެސް އަތުތެރެއަށް ލަޔާލް ގެނައެވެ. ދެންވެސް ސާހިލް ދުރުގައެއް ނުހުއްޓެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ދުރުވެލަމުން ސާހިލްގެ މޫނަށް ލަޔާލް ބަލާލިއެވެ. ސާހިލްއަށް ބަދަލެއް އައިސްފައި ހުރިހެން ލަޔާލްއަށް ފުރަތަމަ ހިވީ އެ ވަގުތުއެވެ. އާއިޒްމެން ދިން ފިނި ބުއިމުގައި އެހެން އެއްޗެއް ހުރި ކަމާމެދު ލަޔާލްއަށް ޝައްކު ކުރެވުނެވެ. އެ މީހުން އެހާ ހީހީފައި ސާހިލްއާ ލަޔާލްއަށް އެ ޖޫސް ބުއިމަށް ބުނަމުން ދިޔައީ ކީއްވެ ކަމާމެދު ލަޔާލްއަށް ޝައްކުވިއެވެ. ސާހިލްއަށް އެރޭ އައިސްފައިވާ ބަދަލުން ހިނިއައި ނަމަވެސް އެ މީހުން އެހެން ކަންތައް ކުރީތީ ލަޔާލް ހިތްހަމަ ނުޖެހުނެވެ.

ދެ ފަރާތަށް ބޯ ހަލުވާލަމުން ސާހިލްގެ އަތުގައި ހިފައިގެން ލަޔާލް ކުރިއަށް ގޮސް ދެ މިނަޓެއްހާ އިރު ވީ އިރު ތިބީ އެ މީހުންގެ ކޮޓަރީގެ ދޮރުމަތީއެވެ. ދޮރު ހުޅުވާލުމާއެކު ދެ އަތް މައްޗަށް ލަޔާލް ނަގައިގެން ސާހިލް ވަދެ ދޮރު ލައްޕާލިއެވެ.

“ސާހިލް..” ފުރަތަމަ ފެންވަރާލަން ބޭނުންވެފައި ހުރުމުން ލަޔާލް ގޮވާލިއެވެ.

“ދެން ނުހުއްޓުވާ..” ހަރަކާތްތަކަށް ހުއްޓުމެއް ނުގެނެސް ސާހިލް ބުނެލިއެވެ.

“ވަރަށް ހޫނު—” ލަޔާލްއަށް ފުރިހަމަ ކުރާނެ ފުރުޞަތެއް ސާހިލް ނުދިނެވެ. އެރޭ އެކުގައި ހޭދަވީ އެ ގޮތުގައެވެ. ސާހިލްއާ ދުރަށް ލަޔާލްއަށް ދެވުނީ ފާހާނާއަށް ވަދެލަން ދިޔަ ވަގުތުކޮޅު އެކަންޏެވެ.

ދެ މީހުންނަށްވެސް ނިދުނީ ފަހެއް ޖަހާ ދިޔަ ފަހުންނެވެ. ދެން ލަޔާލްއަށް ހޭލެވުނީ ކޮޓަރިތެރެއަށް އެޅިފައި ވި އަލިން އުނދަގޫ ވެގެންނެވެ.  އޭރު އާދަޔާ ޚިލާފަށް ލަޔާލްގެ ބޮލަށް ބަރުވެފައި ވިއެވެ. ރަނގަޅަށް ނުނިދުމުގެ ސަބަބުންނާ، މަދުން ނަމަވެސް ބޮވުނު ޖޫހުގެ ސަބަބުން ވީ ގޮތެއް ކަމުގައި ނިންމަމުން ލަޔާލް ތެދުވެގެން ގޮސް ދޮރުފޮތިތައް ދަމާލާފައި ގަޑި ބަލާލި އިރު އަށެއް ޖެހީއެވެ. ބޮލުގައި އުފެދެން ފެށި ރިހުމާއެކު އަދިވެސް ނިދާލަން ބޭނުންވެ އޮށޯވެލި ނަމަވެސް އެ ވަގުތު ދެން އިތުރަށް ނުނިދޭނެ ކަން އެނގޭތީ އިރުކޮޅަކު އޮވެފައި ލަޔާލް ތެދުވީ ފެންވަރާލާށެވެ. ފެންވަރާ ނިމިގެން ނިކުންނަން އުޅެނިކޮށް ލަޔާލްއަށް ހޮޑުލެވުނެވެ. ފަނަރަ ވަރަކަށް މިނަޓް ވީއިރު ލަޔާލްގެ ބަނޑުގައި އިތުރަށް ބޭރު ކުރާނެ އެއްޗެއް ނެތެވެ. އޯކަށް ދެމިދެމި ވަރުބަލި ވެގެން ގޮސް ތެދުވާނެ ހިތްވަރު ނެތިގެން ލަޔާލް މުށިތައް މަތީ އިށީނީއެވެ.

ތެދުވެވޭ ވަރު ވުމުން ލަޔާލް ނިކުމެ ސާހިލްއަށް ގޮވިއެވެ. ނަމަވެސް އާދަޔާ ޚިލާފަށް ގަދަ ނިދީގައި އޮތް ސާހިލްއަށް ހެއެއް ނުލެވުނެވެ. ހަދާނެ އެހެން ގޮތެއް ނެތިގެން ކޮޓަރީގައި ހުރި ފޯން ކައިރީ ތަތްކޮށްފައި އިން ނޯޓްގައި ހުރި ނަމްބަރުތަކުން ރަނގަޅުހެން ހީވާ ނަމްބަރަށް ލަޔާލް ގުޅިއެވެ. ފަސްވަރަކަށް މިނަޓް ތެރޭ އައި ރިޒޯޓްގެ އެސިސްޓެންޓް މެނޭޖަރއާ މުވައްޒަފާއެކު ލަޔާލް ދިޔައީ އެތަނުގައި ހުންނަ ކްލިނިކަށެވެ

ވީ ގޮތް ޑޮކްޓަރއަށް ކިޔާދިނުމުން އިންޖެކްޝަންއަކާއެކު އައިވީއެއް ގުޅާފައި ލަޔާލް ބޭއްވީއެވެ. ސާހިލް ހޭލާފައި ހޯދާނެ ކަން އެނގޭތީ ވީ ގޮތް ކިޔާދީފައި ސާހިލްގެ ފޯނަށް ލަޔާލް މެސެޖް ކޮށްލިއެވެ. ގިނަ އިރެއް ނުވެ ލަޔާލްއަށް ނިދުނީއެވެ.

 

ލަޔާލްއާ ސާހިލް ދިޔަ ފަހުންވެސް އަރުހަމްމެން ރެސްޓޯރެންޓްގައި މަޑު ކުރިއެވެ.

“ލަޔާލް ވަރަށް ކުޑަކޮށް ބުއީ، އެކަމަކު ސާހިލް.. ލަޔާލްއަށް ކުޅި ދައްކާލާނެ އޭނަ” ނާއިމް ބުންޏެވެ.

“އަނެއްކާ ސޭފް އެއްޗެއްތަ ތީ؟” ނިހާ އަހާލިއެވެ.

“ސޭފް ވާނެ. އެވަރު ނުބަލައެއް ނުދޭނެއެއްނު؟” އެ ކަންތައް ރޭވި އާއިޒް ބުނެލިއެވެ.

“ސާހިލްއަށް އެނގިއްޖެއްޔާ ރުޅިފަށެއް އަންނާނެ. އޭނަ ހަނދާން ހުންނާނެތަ؟” ދެންވެސް އަހާލީ ނިހާއެވެ.

“ހިއެއް ނުވޭ ސާހިލް ހަނދާން ހުންނާނެ ހެނެއް، އެކަމަކު ލަޔާލް ހަނދާން ހުންނާނެ” އާއިޒް ޖަވާބު ދިނެވެ.

“ސާހިލް ހަނދާން ހުރިއްޔާ މާދަން އެނގޭނެއެއްނު؟ ކޮން ކަމަކާ އޭނަ ރުޅި އަންނަންވީ؟ ވައިފްއެއްނު އެއީ” ނާއިމް ހަމަޖެހިފައި އިނދެ ބުނެލީ ސާހިލްގެ ގޮތް އެނގޭތީއެވެ.

“ނާއިމް ތި ކުރީ ރަނގަޅު ކަމެއް ނޫން. ސާހިލްއަށް އެނގުނީމަ ވަރަށް ރުޅި އަންނާނެ. ކަމެއް ވެއްޖެއްޔާ ކިހިނެއް ހަދާނީ؟” އަރުހަމް ހިތްހަމަނުޖެހިފައި އިނދެ ބުންޏެވެ.

“އެއްވެސް ކަމެއް ނުވާނެ. އަރުހަމް ހާސް ނުވެބަލަ!” ނާއިމް އެއްވެސް ވަރަކަށް ކަންބޮޑެއް ނުވެއެވެ.

“ކަމެއް ވެއްޖެއްޔާ ޒިންމާ ނަގަން ތައްޔާރަށް ހުންނާތި! އަހަރެން ބުނާނަން އެއީ އާއިޒްގެ ކަމެކޭ” އަރުހަމް އެހެން ބުނެފައި ދިޔައީއެވެ.

ދެން ތިބި މީހުން އެ ވާހަކައިގައި އެތައް އިރަކު ތިއްބެވެ.

އަފްޒާވެސް އެ މީހުން ކައިރީ އިނެވެ. ލަޔާލްއާ މެދު ސާހިލް ސީރިއަސް ކަން އެނގުނު ފަހުން ސާހިލްއާ އިތުރަށް ގާތް ވުމުގެ ޚިޔާލު އަފްޒާ ދޫކޮށްލި ނަމަވެސް އެ ދެމީހުން އެކުގައި ފެނުމުން އަފްޒާގެ ހިތަށް އަދިވެސް ތަދުވެއެވެ. އަފްޒާއަށް ދިމާވި ކަންތަކުގައި ސާހިލްގެ އެހީ ނުލިބުނު ނަމަ ކަންތައް ވާނެ ގޮތް ހިތަށް އަރުވާލިޔަސް އަފްޒާ ބިރުގަނެއެވެ. އެ ވަރުގެ އެހީއެއް ސާހިލްގެ ފަރާތުން ލިބުނީތީ އަފްޒާ ހިތުގެ ފުންމިނުން ސާހިލްއަށް ޝުކުރު އަދާ ކުރިއެވެ. ނަމަވެސް އޭގެ ފަހުން އަފްޒާއާ އެއްވެސް ގުޅުމެއް ބާއްވަން ސާހިލް ބޭނުން ނުވާ ކަހަލައެވެ. އަފްޒާ ފެނުމުން ހަމައެކަނި ގޮވާލާ ހީލާ އިރު އަފްޒާއަކީ އެއް އިރެއްގައި ސާހިލްއާ އެހާ ގާތް މީހެއް ކަންވެސް ސާހިލް ހަނދާން ނެތް ފަދައެވެ. ފާޑުފާޑުގެ ޚިޔާލުތައް ހިތަށް ގެންނަން ބޭނުން ނުވި ނަމަވެސް ލަޔާލްއާ މެދު އަފްޒާގެ ހިތް ހަސަދައިން ފުރިގެން ދަނީއެވެ. އެރޭވެސް ސާހިލްއާ ލަޔާލް އެކުގައި ފެނުމުން އަފްޒާއަށް އެ މަންޒަރުތައް ބަލަން ކެތް ނުވެގެން ކިތަންމެ ފަހަރަކު ދުރަށް ދިޔައެވެ. ނަމަވެސް އެ މަންޒަރުތައް ހިތުން ފޮހެވިގެން ނުދެއެވެ.

އެފަދަ ޚިޔާލުތަކުން އެރޭ ނުނިދިފައި އޮތް އަފްޒާ ފަތިހު ބޭރަށް ނިކުމެލީ ހިތާ ސިކުނޑިއަށް ލުޔެއް ހޯދުމަށެވެ. އިރު އަރާ މަންޒަރު ބަލާލުމަށް ފަހު ކޮފީއެއް ބޯން އިނދެފައި ކޮޓަރިއަށް ވަންނަން އައި ވަގުތު، ނުވިސްނާ ހުއްޓާ ލިބުނު ފުރުޞަތުގެ ބޭނުން ހިފުމަށް އަފްޒާ ނިންމީ ކުއްލިއަކަށެވެ.

އެސިސްޓެންޓް މެނޭޖަރއާ އަންހެން މުވައްޒަފަކާ އެކު ލަޔާލް ކޮޓަރިން ނިކުމެ ހިނގައިގަތީ އެ އަންހެން ކުއްޖާގެ އެހީގައެވެ. ސާހިލް ކޮބާ ބާއޭ ހިތަށް އެރި އަފްޒާ ހަނދާންވީ ކުރީރޭ ދެއްކި ވާހަކަތަކެވެ. މަޑުމަޑުން އައިސް ކޮޓަރީގެ ދޮރުގައި އަތް ޖައްސާލުމާއެކު އެއްކޮށް ނުލެއްޕި ހުރި ދޮރު ހުޅުވިގެން ދިޔައެވެ.

އަފްޒާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އަލިވާން ފަށާފައި އޮތް ކޮޓަރި ތެރެއިން އެނދާ ދިމާއަށް އަފްޒާ ދިޔައެވެ. ވަކި ހިސާބަކުން އަފްޒާގެ ފިޔަވަޅު ހުއްޓުނެވެ. ހިތުގެ ތެޅުން އަވަސް ވެގެން ދިޔައީ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ގޮތަކަށް ސާހިލް ފެނުމުންނެވެ. އެނދުގައި ބަންޑުން އޮތް ސާހިލްގެ ހަށިގަނޑުގެ ވަކި ހިސާބެއް ކުއިލްޓްއިން ނިވާވެފައި އޮތް ނަމަވެސް ބޮޑުބައި އޮތީ ހާމައަށެވެ. އަފްޒާ ހުރި ފަރާތަށް މޫނު ފެންނަން އޮތް އިރު ސާހިލްގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. އަފްޒާގެ ހިތަށް ތަފާތު ޚިޔާލުތައް އަންނަމުން ދިޔައެވެ. ހިތް އެދެމުން ދިޔަ ގޮތާ ސިކުނޑިން ވިސްނައިދެމުން ދިޔަ ގޮތް ތަފާތުވެ ހިތާ ސިކުނޑި ދެބަސްވަމުން ދިޔައެވެ. އެ ދެބަސްވުމުގައި ގޮތެއް ނުނިންމިފައި ދިހަ ވަރަކަށް މިނަޓް ދިޔަ ފަހުން އަފްޒާ ގޮތެއް ނިންމިއެވެ. ހިތް ގޮވަމުން ދިޔަ ގޮތަށް ކަންތައް ނުކުރި ނަމަވެސް ސިކުނޑިން ދެމުން ދިޔަ އިންޒާރުވެސް އަފްޒާ އަޑެއް ނޭހިއެވެ.

ނުވައެއް ޖަހަން އުޅެނިކޮށް ސާހިލްއަށް ހޭލެވުނެވެ. ލޯ ހުޅުވާލުމާއެކު ސާހިލްއަށް އަނެއްކާވެސް ލޯ މަރާލެވުނެވެ. ކޮޓރިތެރެ އޮތީ އަނދިރިކޮށް ނަމަވެސް ކުދަ ދޮރާ ދިމާއިން ފާޅުވަމުން ދިޔަ އަލިކަމުން ސާހިލްއަށް އުނދަގޫވީއެވެ. އިރުކޮޅަކު އެހެން އޮވެފައި ފުރޮޅިލަމުން ސާހިލް އެނދުގެ އަނެއް ފަރާތަށް އަތް އެއްލީވެސް ލޯ ނުހުލުވާ އޮވެގެންނެވެ. ކައިރިން ލަޔާލް ގައިގައި އަތް ނުޖެހުމުން ސާހިލް ކުޑަކުޑަކޮށް ލޯ ހުޅުވާ ބަލާލިއެވެ. އެއާއެކު ފުންމައިގެން ތެދުވެ ކުއިލްޓް ނަގާ އުނަގަނޑާ ހިސާބުން ހިފަހައްޓާލަމުން އެނދުގެ މަގަތުގައި ކިރިޔާ ނުވެއްޓޭ ހިސާބުގައި އޮތް އަންހެން ކުއްޖާއަށް ބަލާލި އިރު ސާހިލްގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހިތުގެ ރިހުން 39

Next

ތިޔައީ މަގޭ މިތުރާއޭ 12 (ފަހުބައި)

Next
October 25, 2025

ތިޔައީ މަގޭ މިތުރާއޭ 12 (ފަހުބައި)

Previews
October 25, 2025

ހިތުގެ ރިހުން 39

2 Comments!

  1. Aisha says:
    October 25, 2025 at 2:03 pm

    Masha Allah vrh reethi ♥️.. ohh afuza hurihaa vx nubaeh mihadhanee.. vrh reethi miyadhu ge part vx… Next part ge inthizaruga

    1. Mar Sha Mar Sha says:
      October 27, 2025 at 9:32 pm

      thank u Aisha, maadhama morning ga 11 upload kollaanan

Comments are closed.

Next Episodeހިތަކުން ނުދާނޭ ފިލާ 11←


All Right Reserved!