ހިތަކުން ނުދާނޭ ފިލާ 8
އެހެން ނަމަވެސް އެނގުނު ކަންތަކަށް ފަހު ލަޔާލްއަށް ސިއްރުކުރުން އެއީވެސް ރަނގަޅު ގޮތެއް ނޫން ކަމުގައި ލީޝާއަށް ގަބޫލު ކުރެވުނެވެ. އެހެން ކަމުން ލީޝާއަށް އެނގުނު ހުރިހާ ކަމެއް ލަޔާލްއަށް ކިޔާދިނެވެ.
ދެ ދުވަސް ވަންދެން ލަޔާލް އިންތިޒާރު ކުރީ އެ ދަތުރު ނިންމާފައި ސާހިލް އަންނާނެ ވަގުތަކަށެވެ. ކޮންމެ ރެއަކު ސާހިލް ލަޔާލްއަށް ގުޅައެވެ. ނަމަވެސް ފޮޓޯތައް ފެނުނު ފަހުން ސާހިލްގެ ކޯލަށް ލަޔާލް ޖަވާބެއް ނުދެއެވެ. ލަޔާލް ފޯނަށް ޖަވާބު ނުދިނުމުން ސާހިލް މެސެޖްވެސް ކުރިއެވެ. ނަމަވެސް ލަޔާލް މެސެޖެއްވެސް ނުހުޅުވައެވެ. ދެވަނަ ދުވަހު މާހިރާ އައިސް ސާހިލްގެ ފޯނެއް ކަމަށް ބުނެ ފޯން ދިނުމުން މާހިރާގެ ކުރިމަތީ ވާހަކަ ނުދައްކާ ހުންނާކަށް ލަޔާލްއަކަށް ނުކެރުނެވެ.
“ލަޔާ، ހާދަ ވަރަކަށް ގުޅައިފީމޭ، ފޯނަށް ކަމެއް ވީތަ؟” ސާހިލް އެހިއެވެ.
“ކޮން އިރަކުން އަންނަނީ؟” ސާހިލް ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ލަޔާލްވެސް ކުރީ ސުވާލެކެވެ.
“މިސްވީތަ؟” ސާހިލް ސަމާސާ ކޮށްލިއެވެ.
ލަޔާލް ޖަވާބެއް ނުދިނެވެ.
“މާދަން ހެނދުނު ދާނަން.. ލަޔާ.. އައި މިސް ޔޫ ޓޫ!” ލަޔާލް ޖަވާބު ނުދިން ނަމަވެސް ސާހިލް އަމިއްލައަށް ގޮތް ނިންމަމުން ބުންޏެވެ.
“ނުވާނެ..” ލަޔާލް ބުންޏެވެ.
“ހެހެ.. ނުވާކަން ބުނެދޭނަން މާދަމާ ލަޔާ ކައިރިއަށް ދެވުނީމަ” ސާހިލް ހެމުން ބުންޏެވެ.
ލަޔާލް ޖަވާބެއް ނުދީ ފޯން ކަނޑާލާފައި މާހިރާ އަތަށް ދިނެވެ.
އަނެއް ދުވަހު ހެނދުނު ނުވައެއް ޖެހިތަނާ ސާހިލް އައިސް ގެއަށް ވަނެވެ. އޭރު މާހިރާއާ އިރުފާން ވީ އޮފީހުގައެވެ. ސިޓިންގރޫމް ސޯފާގައި އިން ލަޔާލް ފެނުމުން ސާހިލް ދަބަސް ދޫކޮށްލާފައި އައިސް ސޯފާގައި އިށީން ގޮތަށް ލަޔާލް ނަގާ ސާހިލްގެ އުނގަށް ލުމާއެކު ލަޔާލްގެ ތުންފަތުގައި ބޮސްދިނެވެ.
ލަޔާލް ގަދަ ހަދާލަމުން ސާހިލްގެ އުނގުން ފޭބި ގޮތަށް ގޮސް ކޮޓަރިއަށް ވަނެވެ. ހައިރާންވެފައި ހުރެ ލަޔާލްގެ ފަހަތުން ސާހިލްވެސް ވަނެވެ. ބެލްކަނީ ދޮރު ކައިރީ ހުރި ލަޔާލްގެ ފަހަތުގައި ހުއްޓި ސާހިލް އަނެއްކާވެސް ލަޔާލްއާ ކައިރިވެލަން އުޅުނެވެ. ނަމަވެސް ދެންވެސް ލަޔާލް ދުރަށް ޖެހުނެވެ.
“ލަޔާ، ވަޓްސް ރޯންގް؟” ސާހިލް އަހާލިއެވެ.
ލަޔާލް ޖަވާބެއް ނުދީ އެނދުމަތީ އޮތް ފޯން ނަގާ ހުޅުވާލިއެވެ.
“ފޯން ބަލާބަ، އޭރުން އެނގޭނެ ކިހިނެއް ކަން ވީ” ލަޔާލް ބުންޏެވެ.
ވާނުވާ ނުވިސްނިފައި ހުރެ ސާހިލް ޖީބުން ފޯން ނަގާ ހުޅުވާލާފައި ބަލާލިއެވެ. ލަޔާލް ވައިބަރ އިން ފޮނުވާފައި ހުރި ފޮޓޯތައް ހުޅުވާލުމާއެކު ސާހިލްއަށް ވިސްނުނެވެ.
“ލަޔާ.. އައި ކެން އެކްސްޕްލެއިން..” ލަޔާލްއާ ދިމާއަށް ފިޔަވަޅެއް އަޅާލަމުން ސާހިލް ބުންޏެވެ.
“އަހަންނަށް ދޮގު ހަދާފަ އަފްޒާ ގޮވައިގެން ލަންކާއަށް ދާން ޖެހުނީ ކީއްވެ ކަން ސާހިލް ނުބުންޏަސް އަހަންނަށް އެނގިއްޖެ. އިތުރަކަށް ސާހިލް އެއްވެސް އެއްޗެއް ކިޔާދޭކަށް ނުޖެހޭނެ.” ލަޔާލް ފަހަތަށް ޖެހިލިއެވެ.
ލަޔާލް ބުނި ގޮތުން ސާހިލް ފަސްޖެހުނެވެ. ލަންކާއަށް ދިޔައީ ކީއްވެ ކަން ލަޔާލްއަށް އެނގުނު ނަމަވެސް އަފްޒާއަށް ދިމާވި ކަންތަކުގެ ހަގީގަތެއް ލަޔާލްއަކަށް ނޭނގޭނެއެވެ. އެހެން ކަމުން ލަޔާލްގެ ހިތުގައި ވާނީ ކީކޭ ކަންވެސް ސާހިލްއަށް ވިސްނުނެވެ.
“ލަޔާ ތި ހީކުރާ ގޮތަކަށް ނޫން.. ޕްލީޒް، އަހަންނަށް ޗާންސެއް ދީ، ހުރިހާ އެއްޗެއް ކިޔާދޭނަން” ސާހިލް އެދުނެވެ.
“ސާހިލްގެ ދަރިއަކަށް އަފްޒާ ބަލިވެ އިނީމަ އެހެން މީހުންނަށް އެކަން ސިއްރު ކުރަން ވެގެން އޭނަ ގޮވައިގެން ލަންކާއަށް ގޮއްސަ ތި އައީ. ދެން ކޮން ކަމެއް ކިޔާދޭންވީ؟” ލަޔާލްއަށް އެހެން ބުނެވުނު އިރު ރޮވިއްޖެއެވެ.
“ނޫން ލަޔާ.. އެއީ އަހަރެންގެ ބޭބީއެއް ނޫން.. ޕްލީޒް.. އަޑު އަހާލަބަލަ..” ސާހިލްއަށް އެ ޖުމްލަ ބުނެ ނުނިމެނީސް ލަޔާލް ކޮޓަރިން ނިކުތެވެ.
ސާހިލް ދެ އަތުގެ އިނގިލިތައް އިސްތަށިގަނޑުގެ ތެރޭގައި ހިންގާލިއެވެ. ލަޔާލްއަށް އެހެން ހީ ނުވާންވީ ސަބަބެއް ނެތްކަން ސާހިލްއަށް ވިސްނެއެވެ. ކަންތައް ވީ ގޮތުން ކޮންމެ މީހަކު ނަމަވެސް ނިންމާނީ އެ ނިންމުމެވެ. ޔަގީން ކުރާނީ އެ ގޮތަށެވެ.
ހުރިހާ ކަމެއް ރަނގަޅުވަމުން ދަނިކޮށް އެ ދިމާވި ކަމަކުން ސާހިލްއަށް ހަދާނެ ގޮތް ހުސްވި ކަހަލައެވެ. ސާހިލްގެ ޙަޔާތުގައި އަފްޒާ ހުރިކަމާ އަދި ލަޔާލްއާ ކައިވެނި ކުރި ފަހުން އެ ދެމެދުގައި އޮތް ގުޅުން ނިމުމަކަށް ގެނެސްފައި ވާ ކަމަށް ބުނެފައިވި ނަމަވެސް، އެކަންތައް ވީ ގޮތުން ލަޔާލްއަށް ސާހިލްގެ ވާހަކަ ގަބޫލު ކުރަން އުނދަގޫ ވާނެކަން ސާހިލްއަށް އެނގެއެވެ.
އެ ދުވަހު ސާހިލްއަށް ލަޔާލްއާ ވާހަކަ ދައްކާނެ ފުރުޞަތެއް ނުލިބެއެވެ. ކައިވެންޏަށް ފަހު ވަރަށް މަދުން ނޫނީ ގެއަށް ނުދާ ލަޔާލް އެ ދުވަހު ކޮޓަރިން ނިކުތް ގޮތަށް ދިޔައީ ގެއަށެވެ. ސާހިލް ގުޅުމުން ފޯނަށް ޖަވާބެއްވެސް ނުދެއެވެ.
ލަޔާލް ގެއަށް ދިޔަ ގޮތަށް ވަނީ ލަޔާލް އުޅުނު ކޮޓަރިއަށެވެ. ލަޔާލް އައި ކަން އެނގުނީ އެ ވަގުތު ގޭގައި އުޅުނު އާޔާއަށެވެ. ނަސްމާވެސް ގެއަކު ނެތެވެ. ލަޔާލް ފެނުމުން އާޔާ އުފަލުން އައިސް ވާހަކަ ދައްކަމުން ފަހަތުން ވަންނަން އުޅުނު ނަމަވެސް އާޔާ ވަނަނުދީ ލަޔާލް ހިފެހެއްޓިއެވެ.
“މަންމަ އަޔަސް މިގޭގަ ދޮންތަ ހުރި ވާހަކަ ބުނާނެ ކަމެއް ނެތް. ބައްޕަ ކައިރީވެސް ނުބުނާތި!” ދޮރުގައި ހިފަހައްޓައިގެން ހުރެ އެހެން ބުނެފައި ލަޔާލް ދޮރު ލައްޕާލިއެވެ.
އާޔާ މާޔޫސްވެފައި ހުރެ އެނބުރި ގޮސް ސޯފާގައި އިށީނެވެ. އެއީ އެ ދެބެއިންގެ މެދުގައި އަބަދުވެސް ކަންތައް ވާ ގޮތެވެ. ލަޔާލްގެ ފަހަތުން އާޔާ އުޅުނަސް ލަޔާލްގެ ސަމާލުކަމެއް އާޔާއަކަށް ނުލިބެއެވެ. މަންމައާ ބައްޕައާ ޚިލާފަށް އާޔާއަށް ލަޔާލްގެ ފަރާތުން ގޯސް ސިފައެއް ނުފެނެއެވެ. އެއީ ދޮންތައަށް ވީތީ ދޮންތައާ އެކު ވަގުތު ހޭދަ ކުރަން އާޔާ ބޭނުންވެއެވެ. ނަމަވެސް އަބަދުވެސް އާޔާއާ ދުރުވަނީ ލަޔާލްއެވެ. ނަސްމާއާ ނާފިޒްއާ މެދު ހިތުގައި ވި ޝަކުވާގެ ސަބަބުން ލަޔާލްއަށް އާޔާއާވެސް ދުރުވެވުނީއެވެ.
އިރުއޮއްސެން ވީ އިރު ސާހިލްގެ ފަންސާސްތިން ކޯލް ލަޔާލްގެ ފޯނަށް އައެވެ. އޭގެ އިތުރުން ސާޅީސްހަތް މެސެޖް ކޮށްފައި އިނެވެ. ލަޔާލް އެއްވެސް ކޯލަކަށް އަދި މެސެޖަކަށްވެސް ޖަވާބެއް ނުދެއެވެ. ހެނދުނު ކޮފީއެއް ބޯލި ގޮތަށް އިން ލަޔާލް އެންމެ ފަހުން ކޮޓަރިން ނިކުތީ ހަތެއް ޖަހަން އުޅެނިކޮށެވެ. އޭރު ސިޓިންގރޫމް އޮތީ ހުސްކޮށެވެ. ލަޔާލް ބަދިގެއަށް ވަދެ އައިސްއަލަމާރި ހުޅުވާލާފައި ޖޫސް ޕެކެޓެއް ނަގައިގެން އައިސް މޭޒު ކައިރީ އިށީނދެ ތައްޓަކަށް ޖޫސް އަޅާފައި އެއް ފަހަރުން ބޯލިއެވެ. ބަނޑުން އަޑު ކިޔުން ހުއްޓާލުމުން ތެދުވީ އަނެއްކާވެސް ކޮޓަރިއަށް ދާށެވެ. ނަމަވެސް އެ ވަގުތު ނަސްމާއާ ނާފިޒް އެކީގައި ކޮޓަރިން ނިކުތެވެ.
“ލަޔާލް، ކޮން އިރަކު އައީ؟” ލަޔާލް ފެނުމުން ނާފިޒްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
“އިރުކޮޅެއް ވެއްޖެ” ލަޔާލް ޖަވާބު ދިނެވެ.
“ސާހިލް ނާދޭތަ؟ ނޫނީ ދޮންތައާ އެކީތަ އައީ؟ ދޮންތަ ވީ އާސި ކައިރީ ދޯ؟ ނަސްމާ، ކޮންމެސް އެއްޗެއް ތައްޔާރު ކޮށްލަބަލަ” ލަޔާލްއާ ސުވާލު ކުރަމުން ނާފިޒް ނަސްމާއަށް ބުންޏެވެ.
“އެކަނި އައީ..” ލަޔާލް ބުންޏެވެ.
ދިހަ ވަރަކަށް މިނަޓް ތެރޭ ނަސްމާއާ ނާފިޒްއާ އާޔާއާ އެކީ ލަޔާލް ކާމޭޒު ދޮށުގައި އިން އިރު ކައިރީގައި ބާއްވާފައި އޮތް ލަޔާލްގެ ފޯން ވައިބްރޭޓް ވަމުން ދިޔަ ކަން އެންމެންނަށްވެސް ފާހަގަ ކުރެވުނެވެ.
“ތި ފޯނު ނުނަގަންތަ ތިއިނީ؟” ނާފިޒް އެހެން އަހާލުމާއެކު ލަޔާލްގެ ފޯން ނަގާ ސާހިލްގެ ކޯލަށް ޖަވާބު ދެމުން ކަންފަތުގައި ޖައްސާލިއެވެ.
“ބައްޕާ.. ނޫން..” ފޯނުގައި ހިފުމަށް އަތް ދިއްކޮށްލި ލަޔާލްއަށް ބުނެވުނު އިރު މާ ލަސް ވެއްޖެއެވެ.
“ލަޔާ، އަހަރެން ބުނާ އެއްޗެއް އަޑުވެސް ނާހާ ތިހެން ރުޅި އައިސްގެން ގޮސްގެން ކޮން ކަމެއް ވާނީ؟ ޕްލީޒް، ތި ހުރި ތަނެއް ބުނޭ، އަހަރެން ދާނަން ބަލާ، އޭރުން އައިސް ވާހަކަ ދައްކާނީ” ހެނދުނުން ފެށިގެން ގުޅަމުން ދިޔަ އިރު ލަޔާލް ޖަވާބު ނުދިން ފޯން ނެގުމާއެކު ސާހިލް އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ.
“ސާހިލް ދެކެ ރުޅި އައިސްގެންތަ ލަޔާލް އައިސްގެން މި އުޅެނީ؟” ނާފިޒް އަހާލިއެވެ.
“ދޮންބެ..” ސާހިލްއަށް ބުނެވުނެވެ.
“ސާހިލް އާދޭ ލަޔާލް ބަލާ” ނާފިޒް ބުންޏެވެ.
“ލަޔާލް، ސާހިލް އަންނަން ވާ އިރަށް ދާން ތައްޔާރުވޭ” ލަޔާލްއަށް ގޮވާލަމުން ނާފިޒް ބުނި އަޑު އެ ކޯލް ކެނޑުމުގެ ކުރިން ސާހިލްއަށްވެސް އިވުނެވެ.
ސާހިލްއަށް އެއް އަތުން ނިތްކުރީގައި ފިރުމާލެވުނެވެ. ލަޔާލް ގެއަށް ދިޔައީ ރުޅި އައިސްގެން ކަން ނާފިޒްއަށް އެ އެނގުނީ ސާހިލްގެ ސަބަބުންނެވެ. އެހެން ވުން އެއީ ސާހިލް ބޭނުން ވި ގޮތެއް ނޫނެވެ. އެކަމާވެސް ލަޔާލް ހައްތަހާ ބޮޑަށް ރުޅި އަންނާނީ ކަން ސާހިލްއަށް އެނގެއެވެ. އާއިލާގެ އެހެން ބަޔަކަށް އެނގުމުގެ ކުރިން ސާހިލް ނިންމީ ލަޔާލް ބަލާ ދާށެވެ. އެހެން ހިތަށް އަރާ ކޮޓަރިން ނިކުންނަން އުޅުނު ވަގުތު ފޯނަށް މެސެޖެއް އައުމުން ސާހިލް ބަލާލިއެވެ.
“ނާންނާތި، ނުދާނަން” ހަމައެކަނި އެހެން ބުނެފައި ލަޔާލް ފޮނުވި މެސެޖް ކިޔާފައި ސާހިލް ހުއްޓުނެވެ.
ލަޔާލް އެހާ ރުޅި އައިސްފައި ހުރުމުން ސާހިލްއަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ އެ ރުޅިގަނޑު މަޑުވެލަން ދެން މަޑުކޮށްލުމެވެ. އެހެން ނަމަވެސް މަންމައާ ބައްޕަ ސުވާލު ކުރާނެ ކަން އެނގޭތީ ދޭނެ ޖަވާބަކާ މެދު ސާހިލްއަށް ވިސްނުނެވެ.
ސާހިލް ހީކުރި ގޮތަށް އެރޭ ކާން އަރާފައި ލަޔާލް ނެތުމުން މާހިރާ ސުވާލު ކުރިއެވެ.
“ލަޔާލް ނާދޭތަ އަދިވެސް؟” ހަވީރު މާހިރާމެން ގެއަށް އައި އިރު ލަޔާލް ނެތުމުން ކުރި ސުވާލަށް ސާހިލް ޖަވާބު ދިނީ ލަޔާލް ބޭރަށް ދިޔަ ކަމުގައި ބުނަމުންނެވެ. ހަފްތާއަކު އެއް ފަހަރު ނޫނީ ދެ ފަހަރު ލީޝާ ނުވަތަ ޒުމާއާ އެކު ބޭރަށް ދާކަން އެ މީހުންނަށް އެނގޭތީ އެ ވަގުތު އިތުރު ސުވާލެއް ނުކުރެއެވެ.
“އަދި ނާދޭ” މާހިރާގެ ސުވާލަށް ސާހިލް ޖަވާބު ދިނެވެ. މާހިރާވެސް ދެން އިތުރަށް ސުވާލެއް ނުކުރެއެވެ. ބައެއް ރޭރޭ ލަޔާލް އެކުވެރިންނާ އެކު ކެއުމުގައި ބައިވެރިވެފައި ތަންކޮޅެއް ލަސްކޮށްފައި ގެއަށް އަންނާތީ އެހެން ކަމެއް ވެދާނެ ކަމަށް މާހިރާ ނޫނީ އިރުފާންގެ ހިތަކަށް ނާރައެވެ.
ނަމަވެސް އެ ކަން މާ ގިނަ އިރަކު އެހެންނެއް ނޯތެވެ. ކެއުމާ ގަޔާ ނުވެފައި ބަތްތަށި ހާވަން އިން ސާހިލްގެ ފޯން ރިންގްވުމުން އަވަސް ކޮށްލާފައި އެ ކޯލް ސައިލެންޓް ކޮށްލިއެވެ. ދެވަނަ ފަހަރަށް ނާފިޒް ގުޅުމުން ސާހިލް ބަތްތަށި ދޫކޮށްލާފައި ކާމޭޒު ދޮށުން ތެދުވެގެން ދިޔައެވެ. ކޮޓަރިއަށް ވަދެފައި އެ ކޯލް ނަގަން ނުކެރިފައި ހުއްޓާ އެ ކޯލް މިސްވީއެވެ. ތިންވަނަ ފަހަރަށްވެސް ނާފިޒް ގުޅިއެވެ. ނަމަވެސް ދެންވެސް ސަހިލް އެ ކޯލަށް ޖަވާބެއް ނުދިނެވެ.
ސާހިލް އަނެއްކާވެސް ލަޔާލްއަށް ގުޅިއެވެ. އެ ފަހަރުވެސް ލަޔާލް ފޯނެއް ނުނެގިއެވެ. ލަޔާލްގެ ބައްޕަ ސާހިލްއަށް ގުޅަނީ ކަމަށް ބުނެ ހަދަންވީ ކިހިނެއްތޯ އަހާފައި ސާހިލް ލަޔާލްއަށް މެސެޖް ކުރިއެވެ. އެ މެސެޖަށްވެސް ލަޔާލް ޖަވާބެއް ނުދިނެވެ. ހަދާނެ ގޮތެއް ނުވިސްނިފައި ހުރެ ފޯން ނެގުމަށް އެދިފައި ސާހިލް މެސެޖް ކުރިއެވެ.
ފަސްވަރަކަށް މިނަޓް ފަހުން ކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑު އިވުނީ ސާހިލް ފޯން ހިފައިގެން އެނދުގައި އިންދައެވެ. ކަމެއް ގޯސްވެއްޖެ ކަން އެ މީހުންނަށްވެސް ވިސްނުނީ ކަމުގައި ހީވެ، ސާހިލްއަށް އަތުގައި އޮތް ފޯނުން ދެފަހަރަކު ބޮލުގެ އެއްފަރާތުގައި ޖަހާލެވުނެވެ. އަފްޒާއަށް އެހީވުމުގެ ކުރިން އެ ކަންތައް ލަޔާލްއަށް ކިޔާދެވުނު ނަމައޭ އެ ވަގުތު ސާހިލްގެ ހިތަށް އެރިއެވެ. އެ ކަންތައް ސިއްރުކޮށް ދިނުމަށް އަފްޒާ އެދުނު ނަމަވެސް، އެހެން ހުރިހާ ކަމަކަށް ވުރެ ލަޔާލް މުހިންމު ކަން އޭރު ސާހިލްއަށް ވިސްނުނު ނަމައެވެ.
ދެވަނަ ފަހަރަށް ޓަކި ޖަހާލަމުން އިރުފާން ގޮވާލި އަޑު އިވުމުން ސާހިލް ތެދުވެގެން އައިސް ދޮރު ހުޅުވާލިއެވެ.
“ސާހިލް، ކީއްވެ ލަޔާލް ބަލާ ނުދިޔައީ؟ ދެ ކުދިންގެ މެދުގަ މައްސަލައެއް ޖެހުނީތަ؟ އެހެންވެތަ ލަޔާލް ނާފިޒްމެން ގެއަށް ދިޔައީ؟” އިރުފާން އެހިއެވެ. ނާފިޒްމެން ގެއަށް ލަޔާލް ދާން ބޭނުން ނުވާ ކަން އެއީ އެންމެންނަށްވެސް އެނގޭ ކަމެކެވެ. އެހެން ކަމުން ނާފިޒް ގުޅާފައި އެ ގޭގައި ލަޔާލް ހުރި ވާހަކަ ބުނެ، ލަޔާލް ބަލާ އައުމަށް ބުނަން ގުޅުމުން ސާހިލް ފޯނަށް ޖަވާބު ނުދޭކަމަށް ބުނުމުން މާހިރާއަށް ކަމެއް ވިސްނުނީއެވެ. އިރުފާން ގާތު އެ ވާހަކަ ބުނެފައި ދެ މީހުން ބޭނުންވީ ސާހިލްއާ ވާހަކަ ދައްކާށެވެ.
ދެ މީހުންގެ މެދުގައި މައްސަލަ ޖެހުނު ކަން ދެ އާއިލާއަށް އެނގުމުން ސާހިލް ކަންބޮޑުވިއެވެ. ކުށްވެރިއަކީ ސާހިލް ކަން ގަބޫލު ކުރާތީ ޖަވާބު ދޭން ފަސްޖެހިފައި ހުރެ ސާހިލް ގޮސް ސޯފާގައި އިށީނދެ ދެ އަތުން މޫނު ފޮރުވާލިއެވެ.
“ސާހިލް، ވީ ގޮތެއް ބުނެބަލަ” މާހިރާ އައިސް ކައިރީ އިށީނދެ ސާހިލްގެ ކޮނޑުގައި ފިރުމާލަމުން އެދުނެވެ. އިރުފާން އިށީނީ ސޯފާގެ އަރިމަތީ ހުރި ގޮނޑީގައެވެ.
“މަންމާ.. އަހަންނަށް މިސްޓޭކްއެއް ހެދުނީ.. އަހަރެން ދައްކާ ވާހަކަ އަޑުއަހާކަށްވެސް ލަޔާ ބޭނުމެއް ނުވި.. ލަޔާ ހީކުރާ ކަހަލަ ކަމެއް އަހަރެން ނުކުރަން، އެކަމަކު ލަޔާ ގަބޫލެއް ނުކުރޭ..” އިސް ޖަހައިގެން އިނދެ ސާހިލް ބުންޏެވެ.
އިރުފާންއާ މާހިރާ އެކަކު އަނެކަކަށް ބަލާލިއެވެ. ސާހިލް ބުނި އެއްޗަކުން އެއްވެސް ކަމެއް ސާފެއް ނުވެއެވެ.
“ސާހިލް ކީއް ކުރީ؟ ސާފުކޮށް ކިޔާދިނީމައެއްނު އެނގޭނީ” އިރުފާން ބުންޏެވެ.
އަފްޒާއަށް ދިމާވި ކަންތައް ފުރަތަމަ ލަޔާލްއަށް ކިޔާނުދިނުން އެއީ ހެދުނު ގޯހެއް ކަމުގައި ލަހުން ނަމަވެސް ގަބޫލު ކުރެވުނު އިރު އެ ވަގުތުވެސް ހުރިހާ ކަމެއް ލަޔާލްއަށް ކިޔާދޭން ތައްޔާރަށް ހުރި ނަމަވެސް އެ ވާހަކަތައް އިތުރު މީހަކަށް ކިޔާދޭކަށް ސާހިލް ބޭނުމެއް ނޫނެވެ. މަންމައާ ބައްޕައަށް ވިޔަސް އަފްޒާގެ ސިއްރެއް ހާމަ ކުރުމަށް ސާހިލްއަކަށް ނުރުހެވުނެވެ.
“އައިމް ސޮރީ!” ދެފަރާތަށް ބޯ ހަލުވާލަމުން ސާހިލް އެ ވާހަކަ ދައްކަން ދެކޮޅު ހެދިއެވެ.
“ސާހިލް!” އަހަރުތަކެއް ފަހުން އިރުފާންއަށް ނުރުހުމާއެކު ސާހިލްގެ ނަން ކިޔާލެވުނެވެ. ސާހިލް ބުނަން ދެކޮޅު ހެދުމުން އިރުފާންއަށް ގަބޫލު ކުރެވުނީ ލަޔާލްއަށް މާފް ނުކުރެވޭ ވަރުގެ ކަމެއް ސާހިލް ކުރީ ކަމުގައެވެ. ހިތްހަމަނުޖެހުނީ އެހެންވެއެވެ.
“އިރުފާން..” މާހިރާ ގޮވާލިއެވެ.
އިރުފާންއާ މާހިރާގެ މެދުގައި ބަސްތަކަކާ ނުލާ ވާހަކަތަކެއް ދެކެވުނެވެ. ސާހިލް ކުށްވެރި ކޮށްފައި އެ ވަގުތު އެއްޗެއް ނުބުނުމަށް މާހިރާ ދިން އިންޒާރު އިރުފާންއަށް ނަގައިގަނެވުނެވެ. ބޯ ޖަހާލަމުން މާހިރާއަށް ފުރުޞަތު ދީފައި އިރުފާން އެ ކޮޓަރިން ނިކުތެވެ.
“މީހަކާ އިނދެގެން އުޅޭ އިރު މައްސަލަވެސް ޖެހޭނެ. އެކަމަކު ދެ މީހުން ވާހަކަ ދައްކައިގެން އެ މައްސަލައެއް ހައްލުވެސް ކުރެވޭނެ. ކުރެވުނު ކުށަށް މާފަށް އެދުނީމަ އަނެކަކު މާފު ކުރަންވެސް ވާނެ. މާފު ކުރަން އެންމެ އުނދަގޫ އެއް ކަމަކީ އިނދެގެން އުޅޭ މީހާއާ އެހެން މީހަކާ އޮންނަން ނުވާނެ ފަދަ ގުޅުމެއް އޮތުން. އެ ވަރުގެ ކަމެއް ސާހިލްއަށް–” މާހިރާއަށް އެ ވަރަށް ބުނެވުނު އިރަށް ސާހިލް މާހިރާގެ އަތުގައި ހިފާލިއެވެ.
“ނޫން މަންމާ.. ތި ކަހަލަ ކަމެއް ނުކުރަން.. އެކަމަކު ލަޔާއަށް ހީވީ އެހެން.. އަހަރެން ބުނާ އެއްޗެއް އަޑުއަހާކަށްވެސް ލަޔާ މަޑެއް ނުކުރި، ގުޅީމަ ފޯނެއް ނުނަގާ، މެސެޖަކަށް ޖަވާބެއް ނުދޭ.. ދެން އަހަރެން ކިހިނެއް ކިޔާދޭނީ؟” ސާހިލް ބުންޏެވެ.
“ތެދަށްތަ ތި ބުނީ؟” މާހިރާ އެހިއެވެ.
“އަހަރެން ހުވާ ކުރަން ތައްޔާރަށް މިހުރީ. އެވަރުން މަންމައަށް ގަބޫލު ކުރެވޭތަ؟” ސާހިލް އަވަސްއަވަހަށް ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.








ސަލާމް ކުދިން، މި ބައި އަވަހަށް ނިންމާލެވުނީމަ އަޕްލޯޑް ކޮށްލީ، ތަންކޮޅެއް ދިގުވެސް ވާނެ، ކަމުދާނެ ކަމަށް ހީކުރަން، 9 ވަނަ ބައި އަންގާރަ ދުވަހު ގެނެސްދޭނަން
Thanks marsha miadhu up kohdhinyma.. vrh reethi koh basthah athuraalaafa hureema kiyaalan vrh faseyha.. maa sha allah vrh reethi.. ehaa kiyaa hithun indha mi part ves e nimuny.. if alhun mee layaal nama ves vaany ehn kanne 😭 ekam aneh side ge story ves adu ahan vaane try kuran ves.. anyways waiting for next part
hi butterfly, time nuvaathy ey massala aky, ehen noon nama dhuvaalaku baeh genesdhinun ei evves kameh noonehnu, thank u, hmm Layaal vaane dho Saahil buna ehchehves adu ahan