Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުދާނޭ ފިލާ 7

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
October 15, 2025 5 Mins Read
6 Comments

“ދެން ލަސްލަހުން ކުރިއަށް ދާނެހާ ކެތްތެރިކަމެއް އަހަރެންގެ ނެތް.. ލަޔާ، އައި ކާންޓް ސްޓޭ އަވޭ އެނީމޯރ” ކިރިޔާ އަޑުއިވޭހާ މަޑުމަޑުން ސާހިލް ބުންޏެވެ. އަދި ލަޔާލްގެ ޖަވާބަކަށް މަޑު ކުރުމެއް ނެތި ލަޔާލްގެ ތުންފަތުގައި ބޮސްދިނެވެ. ލަޔާލްވެސް ފަހަށް ނުޖެހި ސާހިލްއާ ބައިވެރިވިއެވެ. ދުރަށް ޖެހިލެވުނު އިރު ދެމީހުންވެސް ތިބީ ނޭވާ ކުރުވެފައެވެ. ސާހިލް އަނެއްކާވެސް ކައިރިވެލަން އުޅުމުން ލަޔާލް ސާހިލްގެ މޭގައި އަތް ޖައްސާ ހުއްޓުވިއެވެ.

“ވަރަށް ހޫނުވެފަ މިހުރީ.. ފެން ވަރާލަން ބޭނުން..” ސާހިލްގެ މޫނަށް ބަލަން ނުކެރި އިސްޖަހައިގެން ހުރެ ލަޔާލް ބުންޏެވެ. ދެ މީހުން އެ ވަގުތު ދުރުނުވެއްޖެ ނަމަ ވާނީ ކިހިނެއް ކަން އެނގޭތީއެވެ. ފުރިހަމައަށް ތައްޔާރު ވެލުމަށް ލަޔާލް ވަގުތުކޮޅެއް ބޭނުންވީއެވެ.

ބޯ ޖަހާލަމުން ސާހިލް ދުރަށް ޖެހިލިއެވެ.

“އަހަރެން ތަންކޮޅެއް ލަސްވެދާނެ، ސާހިލް ފުރަތަމަ ދޭ” ދެންވެސް ލަޔާލް ބުންޏެވެ. ލަޔާލް ކުރާ އެއްވެސް ކަމެއް ސާހިލްއަށް ފެންނަން ބޭނުން ނުވާތީ ގޮތެއް ހޯދީއެވެ. އެރޭ ސާހިލް ކޮޓަރިން ނިކުންނަން ލަޔާލް ބޭނުން ނުވީއެވެ.

އަނެއްކާވެސް ބޯ ޖަހާލާފައި ސާހިލް ފާހާނާއަށް ވަނެވެ.

ދިހަ ވަރަކަށް މިނަޓް ފަހުން ސާހިލް ފެންވަރައިގެން ނިކުތެވެ. އެހެން ފަހަރުތަކާ ޚިލާފަށް އުނަގަނޑުގައި ތުވާލި އޮޅާލައިގެން ހުސްގަޔާ ނިކުތް ސާހިލް ފެނިފައި ލަޔާލްގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. މޫނުމަތިން އިހުސާސް ކުރެވުނު ހޫނުކަމާއެކު އިސްޖަހާލަމުން ލަޔާލް ފާހާނާއަށް ވަނެވެ. ދޮރު ލައްޕާލުމުގެ ކުރިން ސާހިލްގެ ހުނުމުގެ އަޑު ލަޔާލްއަށް އިވުނެވެ.

ލަޔާލްގެ އިންތިޒާރުގައި އެނދުގައި އިން ސާހިލް، ފާހާނާގެ ދޮރު ހުޅުވުނު އަޑަށް ބަލާލިއެވެ. އާންމުކޮށް ނިދަންލާ ކަހަލަ ދޫ ގަމީހާ ހަރުވާޅުގެ ބަދަލުގައި ލަޔާލް ލައިގެން ހުރީ އަތް ކުރު ޓީޝާޓެކެވެ. ދިގު އިސްތަށިގަނޑު ތުވާލީގެ ތެރޭ ފޮރުވިފައި އޮތް އިރު، އަބަދުވެސް ސާހިލްއަށް ނިވާ ވެފައި ހުންނަ ލަޔާލް އެހާ ހާމަ ގޮތެއްގައި ފެނުން ސާހިލްގެ ހިއްސުތައް ހޭލައްވާލުމަށް ފުދުނެވެ.

އުނަގަނޑުގައި އޮޅާލައިގެން ހުރި ތުވާލީގެ ބަދަލުގައި އާންމުކޮށް ނިދަން ލައިއުޅޭ ކަހަލަ ދޫ ހަރުވާޅެއް ލައިގެން ހުރި ސާހިލް އެހެން ރޭރޭ ލާ ޓީޝާޓެއް އެރޭ ނެތެވެ. އެނދުގައި އިނދެފައި ސާހިލް ތެދުވީ ލަޔާލް ރިތިވާ މޭޒު ކައިރީ ހުއްޓުމުންނެވެ. ލަޔާލް ގޮނޑީގައި ތުވާލި އަޅުވާލާފައި އިސްތަށިގަނޑު ފަހަތަށް ދޫކޮށްލިއެވެ. ސާހިލް އައިސް ލަޔާލްގެ ފަހަތުހައި ހުއްޓުނީ އެ ވަގުތުއެވެ.

ދެ މީހުން އެކަކު އަނެކަކަށް ބަލަން ތިބީ ލޯގަނޑުންނެވެ. އެހެން ހުރެފައި ލަޔާލްގެ އިސްތަށިގަނޑުގައި ސާހިލް ދެ އަތުން ހިފާ އެއްކޮށްލާ އެއްފަރާތަށް ގެނެސް ލަޔާލްގެ ކަނދުރާގައި ތުންފަތް ޖައްސާލިއެވެ. އެގޮތުގައި މިނަޓެއްހާ އިރު ހޭދަވީ އިރު ދެނޭވާ ފުންވެއްޖެއެވެ. ލަޔާލްގެ ކޮނޑުގައި ހިފާ ސާހިލްއާ ކުރިމަތި ވާނެހެން އަނބުރާލަމުން ލަޔާލްގެ މޫނުގައި ދެ އަތުން ހިފަހައްޓާލި އިރު ލަޔާލް ހުރީ ލޯ މަރާލައިގެން ސާހިލްއަށް ހުރިހާ ކަމެއް ދޫކޮށްލައިގެންނެވެ. ލަޔާލްގެ ތުންފަތާ މޫނާ ކަރުގައި ބޮސްދެމުން ދިޔަ ސާހިލް ދުރަށް ޖެހިލުމެއް ނެތި ލަޔާލް ގޮވައިގެން އެނދާ ހިސާބަށް ދިޔައެވެ.

ފަތިސް ނަމާދަށް ގޮވާ އަޑަށް ހޭލެވުނު ލަޔާލް، ކައިރީގައި ނިދިފައި އޮތް ސާހިލްއަށް ގޮވާލިއެވެ.

“މިސްކިތަށްވެސް ނުދެވުނީތަ؟” ކަންނެތްވެފައި އޮވެ ސާހިލް އަހާލިއެވެ.

“ގޭގަ ވިޔަސް ދެން އަވަހަށް ނަމާދަށް އެރޭތޯ ތެދުވޭ” ލަޔާލް ބުންޏެވެ.

ސާހިލް އެނދުން ފައިބަން އުޅެފައިވެސް މަޑުކޮށްލާފައި ލަޔާލްއަށް ބަލާލިއެވެ.

“އާރ ޔޫ އޯކޭ..؟” ރޭގެ ގިނަ ވަގުތު ހޭދަވި ގޮތް ހަނދާންވެ ސާހިލް އަހާލިއެވެ.

ސާހިލް ސުވާލު ކުރީ ކީއްވެ ކަން އެނގުމުން މޫނަށް ވެރިވި ކުލަ ސިއްރު ކުރުމަށް އިސް ޖަހާލަމުން ލަޔާލް ބޯ ޖަހާލިއެވެ. ސާހިލް ހީލަމުން ލަޔާލްއާ ކައިރިވެލާ ލަޔާލްގެ ނިތްކުރީގައި ބޮސްދިނެވެ. ދެން މަޑުނުކޮށް ތެދުވެގެން ދިޔައެވެ. ސާހިލް ތައްޔާރުވެގެން ކޮޓަރީގައި ނަމާދު ކޮށްފައި މަޑުކޮށްލައިގެން ހުރީ ލަޔާލްއާ އެކު ސައި ބޯން ނިކުންނާށެވެ.

ލަޔާލް ނަމާދުކޮށް ނިމުމުން ދެ މީހުން އެކުގައި ކޮޓަރިން ނިކުތެވެ. އެއީ ރޭގަނޑު ކާން އެރުމުގެ ކުރިން އާއިލާ އެކުގައި އަބަދުވެސް ހޭދަ ކުރާ ވަގުތުކޮޅެކެވެ. ކާމޭޒު ދޮށުގައި އިރުފާންއާ މާހިރާ ތިބީ ސާހިލްމެންގެ އިންތިޒާރުގައެވެ.

“މިއަދު މިސްކިތަށް ނުދަންތަ؟” ސާހިލް ފެނުމުން އިރުފާން އަހާލިއެވެ.

“ހޭނުލެވުނީ” ސާހިލް ބުންޏެވެ.

މާހިރާ އިނީ އިރުފާންގެ ކަނާއަތް ފަރާތުގައެވެ. އާދައިގެ މަތިން މާހިރާ ކައިރީ އިށީންނަން ދާން އުޅުނު ލަޔާލް ހުއްޓުނީ ސާހިލް ލަޔާލްގެ އަތުގައި ހިފެހެއްޓުމުންނެވެ. ލަޔާލް ބަލާލުމުން ލަޔާލްގެ އަތުގައި ހިފައިގެން ގޮސް އިރުފާންގެ ވައަތް ފަރާތުގައި ސާހިލް އިށީނދެފައި ސާހިލްއާ ޖެހިގެން ހުރި ގޮނޑީގައި އިށީނުމަށް ލަޔާލްއަށް އިޝާރާތް ކޮށްލިއެވެ. ލަޔާލްއަށް ބަލާލެވުނީ މާހިރާއާ ދިމާއަށެވެ. އޭރު އިރުފާންއާ މާހިރާ ތިބީ ލަޔާލްއަށް ބަލާށެވެ.

ވީ ގޮތް ނަގައިގަންނާކަށް އެ ދެމަފިރިންނަށް ގިނަ ވަގުތެއް ނުނެގިއެވެ. އެކަކު އަނެކަކަށް ބަލާލަމުން އިރުފާންއާ މާހިރާ ހިނިތުންވުމެއް ބަދަލު ކޮށްލިއެވެ.

“ސާހިލް ބުނާ ތާކު ލަޔާލް އިށީނދޭ” ހިނިއައިސްފައި އިނދެ އެހެން ބުނެލީ އިރުފާންއެވެ. ހުރި ހަމައެކަނި ދަރިފުޅާ ދިމާކޮށްލުމަށް އެއްޗެއް ނުބުނެ އިރުފާންއަށް ނީނދެވުނީއެވެ. ސާހިލްއާ މާހިރާއަށް އެކުގައި ބާރަށް ހެވުނެވެ.

ލަޔާލް އަވަހަށް އިށީނެވެ. ލަޔާލްއަށް އިސްއުފުލާލަން ނުކެރިފައި އިންދާ ރޫބީ ސައި ތައްޔާރު ކޮށްގެން އައިސް މޭޒުމަތީ އަތުރަން ފެށިއެވެ. ސައިބޮއެ ނިމެންދެންވެސް ލަޔާލް އެއްޗެއް ނުބުނެއެވެ. ސާހިލްއާ އިރުފާން މަސައްކަތުގެ ވާހަކަ ދައްކަމުން ސައި ބޮމުން ދިޔައެވެ. މާހިރާވެސް ދޭތެރެއަކުން އެ މީހުންގެ ވާހަކައަށް އެއްޗެއް ބުނެލައެވެ.

ސައި ބޮއެ ނިމިގެން އިރުކޮޅަކު ވާހަކައިގައި އިނދެފައި ފޯނެއް އައިސްގެން އެންމެ ފުރަތަމަ ތެދުވީ އިރުފާންއެވެ. ސާހިލްއާ އެކު ތެދުވި ލަޔާލް މަޑުކޮށްލީ މާހިރާ ގޮވާލުމުންނެވެ. ސާހިލް މަޑުނުކޮށް ދިޔައެވެ.

މާހިރާ އައިސް ލަޔާލް ގައިގައި ބައްދާލިއެވެ.

“ދަރިފުޅު އަބަދުވެސް ތިހެން ހެވިފަ ހުންނައްޗޭ” ލަޔާލްގެ ބޮލުގައި ފިރުމާލަމުން މާހިރާ ބުންޏެވެ. ލަޔާލް ބޯޖަހާލިއެވެ. އެ ވަގުތު ލަޔާލްގެ އަތުގައި އޮތް ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ފޯން ހުޅުވާ ބަލާލި ލަޔާލްގެ މޫނަށް ރަތް ކުލަ އަރައިގެން ދިޔުމާއެކު މާހިރާއަށް ބާރަށް ހީލެވުނެވެ.

“ސާހިލް ގޮވަނީ ދޯ؟ އަވަހަށް ދޭ..” ލަޔާލްގެ ކޮނޑުގައި ހިފާ ކޮޓަރިއާ ދިމާއަށް މަޑުމަޑުން ކޮއްޕާލަމުން އެހެން ބުނެފައި ކުރިމަތީ ހުރި ކޮޓަރިއަށް މާހިރާ ވަނެވެ.

“މިސިންގ ޔޫ އޯލްރެޑީ، ވެއިޓިންގ ފޯރ ޔޫ” އެހެން ލިޔެފައި ސާހިލް ފޮނުވި މެސެޖް ދެވަނަ ފަހަރަށް ކިޔާލާފައި ލަޔާލް ގޮސް ކޮޓަރިއަށް ވަން އިރު ސާހިލް ހުރީ ލަޔާލް ނައިސްގެން ލަސްވެފައެވެ.

އޯޝަންލައިންގައި މަސައްކަތް ކުރަން ފެށި ފަހުން ސާހިލް ފުރަތަމަ ފަހަރަށް ގަޑި ޖެހުނީ އެ ދުވަހުއެވެ. އާދައިގެ މަތިން އާދީއްތަ ދުވަހަކީ ޑިޕާޓްމެންޓް ހެޑުންނާ އެކު މީޓިންގް އޮންނަ ދުވަހެވެ. އަށްގަޑި ސާޅީސްފަހެއްގައި އޮންނަ މީޓީންގްއަށް، ހަތް މިނަޓް ލަހުން ސާހިލްއަށް ވަދެވުނު އިރު އެންމެން ތިބީ ސާހިލްގެ އިންތިޒާރުގައެވެ.

“އެންމެ ޕަންކްޗުއަލް މީހާ މިއަދު ލަސްވީ. ސާހިލް، ކޮންފަދަ ކަމެއް ލައްވާލީ؟” އެ ސުވާލު ކޮށްލީ މުހައިމިންއެވެ.

“ކޮންމެ ކަމަކަށްވެސް ފުރަތަމަ ފަހަރެއް އަންނާނެއެއްނު ބައްޕާ. މިއަދު މީ ސާހިލްގެ ފުރަތަމަ ދުވަސް” ހިނިއައިސްފައި އިނދެ މުހައިމިންއަށް ޖަވާބު ދިނީ މާހިރާއެވެ.

މާހިރާ ބުނި އެއްޗެއްގެ މާނަ ނަގައިގަނެވުނީ އިރުފާންއާ ސާހިލްއަށް އެކަންޏެވެ. އިރުފާން ހިނިއައިސްފައި އިނދެ ސާހިލްއަށް ބަލާލި ނަމަވެސް ސާހިލް ބަލާވެސްނުލާ އަވަހަށް ގޮނޑީގައި އިށީނެވެ.

ދެން ދިޔަ ފަސް މަހެއްހާ ދުވަސް އެއީ ސާހިލްއާ ލަޔާލްގެ ޙަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކެވެ. ދެ މީހުންގެ ގުޅުން ބަދަހިވެ، އެކަކު އަނެކަކާ ނުލާ ގިނަ ވަގުތު ހޭދަ ކުރަން އުނދަގޫވާ ހިސާބަށް ދިޔަ އިރު ދެ ހިތުގައި އުފެދުނު އިހުސާސްތައް އެކަކު އަނެކަކާ ހިއްސާ ކުރަން ފަސްޖެހިފައި ތިބީއެވެ. ނަމަވެސް އެ ގޮތުގައި ނުހުރެ ހިތުގެ އިހުސާސް ފާޅު ކުރަން އިސްނެގީ ލަޔާލްއެވެ.

ދެ މީހުންގެ ގުޅުން ކިތަންމެ ގާތްވެފައި ވީ ނަމަވެސް ކުއްޖަކު ހޯދުން ފަސްކޮށްލީ ދެ މީހުން އެއްބަސް ވެގެންނެވެ. ނަމަވެސް ކައިވެންޏަށް އަހަރެއް ވާން ކައިރި ވީ އިރު ކުއްޖަކު ހޯދުމަށް ލަޔާލްގެ ހިތް އެދެން ފެށިއެވެ. އެ ވާހަކަ ސާހިލްއާ ދައްކާނެ ރަނގަޅު ވަގުތެއްގެ އިންތިޒާރުގައި ހުރި ލަޔާލްއަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ “އެނިވަރސަރީ”ގެ ހަދިޔާއަކަށް އެ އެދުން ސާހިލް ގާތު ފާޅު ކުރުމެވެ.

ލަޔާލް އުންމީދު ކުރި ގޮތާ ޚިލާފަށް އެ ވާހަކަ ނުބުނެވި އުޅެނިކޮށް ލަޔާލްއާ ސާހިލްގެ މެދުގައި ފުރަތަމަ ފަހަރަށް މައްސަލައެއް ޖެހުނެވެ. ދެ ވަނަ ފަހަރަށް ސާހިލްގެ ޙަޔާތަށް އަފްޒާ އައުން ވީ ލަޔާލްއަށް ބަލައިގަންނަން އުނދަގޫވި ކަމަކަށެވެ.

ސާހިލްގެ އެހީއަށް އަފްޒާ އެދުނީ ދިމާވި ކަންތަކަށް ފަހު އަފްޒާއަށް އިތުބާރު ކުރެވޭ މީހަކަށް ހުރީ ސާހިލް ކަމަށް ވީތީއެވެ. އަފްޒާއަކީ ދޮންބައްޕައަކާއެކު އުޅެ ބޮޑުވި އަންހެން ކުއްޖެކެވެ. އަފްޒާގެ މަންމަ ނިޔާވުމަށް ފަހު އަފްޒާއަށް އެހީވާނެ އިތުރު މީހަކު ނެތުމުން ދޮންބައްޕަގެ އާއިލާއާ އެކު އަފްޒާ ދިރިއުޅެމުން އައީ އެހެން ގޮތެއް ނެތިގެންނެވެ. ސާހިލްއާ ކައިވެނި ކުރަން އަފްޒާ އެންމެ ބޭނުންވި ސަބަބަކީވެސް އެއީއެވެ.

އަފްޒާގެ ދޮންބައްޕަގެ ކޮއްކޮއަކީ އަބަދުވެސް އަފްޒާއަށް އުނދަގޫ ކުރަމުން އައި މީހެކެވެ. އެ ގޯނާތަކުން އަފްޒާއަށް ހިމާޔަތް ލިބުނީ އަފްޒާގެ މަންމަގެ ސަބަބުންނެވެ. ދެ އަހަރު ކުރިން ބާސިމް ކައިވެނި ކޮށްގެން އަންހެނުންގެ ގެއަށް ބަދަލު ވުމުން އަފްޒާއަށް ހަމަޖެހިގެން އުޅެވުނެވެ. ނަމަވެސް އެ ކައިވެނި ރޫޅި ބާސިމް އަނެއްކާވެސް ގެއަށް އައުމުން އަފްޒާއަށް އަނެއްކާވެސް އެ ގޯނާއާ ކުރިމަތި ލާން ޖެހުނީއެވެ. ދޮންބައްޕަ ގާތު ބުނަން ބޭނުންވެ، އެހެން ނަމަވެސް ނުކެރިފައި ހުއްޓާ އަފްޒާއަށް ބާސިމްގެ އަނިޔާއާ ކުރިމަތިލާން ޖެހުނީ ދޮންބައްޕަ ބަލިވެގެން ރާއްޖެއިން ބޭރުގައި ހޭދަވި ހަފްތާގައެވެ. އެ ހަފްތާގައި ދެ ފަހަރަށް އެ އަނިޔާ ލިބުމުން ތިން ވަނަ ދުވަހު އަފްޒާ އެ ގެއިން ނިކުމެގެން ގޮސް ހުރީ އެކުވެރިއެއްގެ ގޭގައެވެ. މަހެއް ފަހުން އަފްޒާއަށް ލިބުނީ ބިރުވެރި ޚަބަރެކެވެ. ހަދާނެ ގޮތެއް ނުވިސްނިފައި ހުރެ އަފްޒާއަށް ގުޅުނީ ސާހިލްއަށެވެ. ރޮމުން ހުރިހާ ވާހަކައެއް ކިޔާދީ، ކުރިމަތިވެފައިވާ ކަންތަކުން ސަލާމަތް ކޮށްދިނުމަށް ސާހިލްގެ ކިބައިން އެދުމުން އެ ޙާލުގައި އަފްޒާ ދޫކޮށްލާކަށް ސާހިލްއަކަށް ނުކެރުނެވެ.

ހަފްތާއެއްގެ ޗުއްޓީއެއް ނަގާފައި، ރައްޓެއްސެއްގެ ކަމެއްގައި ރާއްޖެއިން ބޭރަށް ދާން ޖެހުނީ ކަމަށް ބުނެފައި އަފްޒާ ގޮވައިގެން ސާހިލް ދިޔައީ ލަންކާއަށެވެ. އިއްތިފާގުން ސާހިލްމެންނަށް ތިބެވުނީ ލަޔާލްގެ އެކުވެރި ލީޝާގެ ދޮންތަ ލަމްހާމެން ތިބޭ ހިސާބުގައެވެ. އަދި އެ ދުވަސްކޮޅަކީ ލީޝާވެސް ލަންކާގައި ހުރި ދުވަސްކޮޅެކެވެ.

ފުރަތަމަ ދެތިން ފަހަރަށް އަންހެން ކުއްޖަކާ އެކު ސާހިލް ފެނުމުން ލީޝާ އެކަން ބޮޑު ކަމަކަށް ނުހަދައެވެ. ލަޔާލްއަށް ގުޅި ނަމަވެސް އެ ވާހަކައެއް ނުވެސް ބުނެއެވެ. ނަމަވެސް އެ ހަފްތާގައި ކޮންމެ ދުވަހަކު ހެން ދެ މީހުން އެކުގައި ފެންނަން ފެށުމުން އެކަން އެކުވެރިޔާއަށް ސިއްރު ކުރާކަށް ލީޝާއަކަށް ނުކެރުނެވެ. އެންމެ ފަހުން ލީޝާ ގުޅާފައި އެ ވާހަކަ ބުނުމުން ލަޔާލް ފުރަތަމަ ގަބޫލެއް ނުކުރިއެވެ. ދެން ލީޝާ ފޮނުވީ ފޮޓޯއެވެ.

އެއީ އަފްޒާ ކަން ލަޔާލްއަށް އެނގުނީ ފޮޓޯ ފެނުމުންނެވެ. ފޮޓޯތަކުގައި ތިބީ މާ ގާތްކޮށް ނޫން ނަމަވެސް އެއް ފޮޓޯގައި އަފްޒާގެ ގައިގައި ހިފައިގެން ޓެކްސީއަކަށް އެރުމަށް ސާހިލް އެހީވާ މަންޒަރުވެސް ހުއްޓެވެ. ލަޔާލްއަށް ގަބޫލު ކުރަން ދަތިވިއެވެ. އެހާ ދުވަސް ވީ އިރު ސާހިލް އެ އައީ ލަޔާލްއަށް އޮޅުވާލަމުން ހެއްޔެވެ؟ ސާހިލްގެ ފަރާތުން ފެންނަމުން ދިޔަ ލޯތްބާ އަޅާލުން އެއީ ހަގީގަތެއް ނޫން ހެއްޔެވެ؟

ލީޝާގެ ފަރާތުން ލަޔާލް އެދުނީ ސާހިލްއާ އަފްޒާ އެކުގައި ދިޔައީ ކޮން ކަމަކު ކަން އެނގޭތޯ ބަލައިދިނުމަށެވެ. ލަމްހާގެ އެހީގައި ލީޝާ ހުރިހާ ކަމެއް ހޯދިއެވެ. ނަމަވެސް އެނގުނު ކަންތައް ލަޔާލްއަށް ކިޔާދޭން ލީޝާ ފަސްޖެހުނެވެ. އެހެން ނަމަވެސް އެނގުނު ކަންތަކަށް ފަހު ލަޔާލްއަށް ސިއްރުކުރުން އެއީވެސް ރަނގަޅު ގޮތެއް ނޫން ކަމުގައި ލީޝާއަށް ގަބޫލު ކުރެވުނެވެ. އެހެން ކަމުން ލީޝާއަށް އެނގުނު ހުރިހާ ކަމެއް ލަޔާލްއަށް ކިޔާދިނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ތިޔައީ މަގޭ މިތުރާއޭ 8

Next

އަބަދަށް-36

Next
October 15, 2025

އަބަދަށް-36

Previews
October 15, 2025

ތިޔައީ މަގޭ މިތުރާއޭ 8

6 Comments!

  1. Aisha says:
    October 15, 2025 at 4:12 pm

    Masha Allah vrh reethi ♥️.. afuza pregnant vytha?

    1. Mar Sha Mar Sha says:
      October 15, 2025 at 11:10 pm

      ehen eba hyvey dho Aisha, dhen anna part ga engeyne hen hyvany, thank you inge vaahaka kiyaala comment kollaathy

  2. Anonymous says:
    October 15, 2025 at 8:17 pm

    Alhey I can’t wait 😭😭

    1. Mar Sha Mar Sha says:
      October 15, 2025 at 11:11 pm

      thank you dear, InshaAllah Sunday ga kiyaaleveyne

  3. Nayaa Nayaa says:
    October 17, 2025 at 8:32 pm

    wowowowow marshaaa mi vaahaka ves varah reethi masha allah.. marsha ge pro story adhi kiyaanulevigen mi ulheny inge.. but adhi kiyaalaanan insha allah

    nayaa ge next story pro story eh gothuga kuriyah gendhan ulheythee ekamah marsha ge kuda kuda opinion eh eba beynunvey.. baeh kudhin eba buney pro story gothuga genaeema nukiyey.. so aslu income ekey bunaa varuge income eh nulibenyyaa nayaa beynumeh noon pro story eh gothuga gennaakah.. nayaa beynun veehaaves gina kudhinnakah kiyey gothah hadhan.. so i really really need your opinion on it inge since youve already written a pro story dho.. hope to hear from youuu okayy?? much much lovesss

    1. Mar Sha Mar Sha says:
      October 17, 2025 at 8:57 pm

      hey nayaa, so good to see your comment. thank u.
      oh.. yes, baeh kudhin buney nukiye ey, but my sister and niece and cousin kiyaa, you just have to register, eyrun login vefa kiyey, aslu not difficult, but thi bunaahen income ah balanya adhi not much ehen viyas improve vaane kamah mi balany. gina readers ah easily access veveyny normalkoh story genesdhinyma, i also prefer readers’ feedback more than any income i could get from this. ummeedhaky readers pro stories ves kiyun adhi migothah stories genesdhey writers ah support dhinun. hope this helps dear.

Comments are closed.

Next Episodeހިތަކުން ނުދާނޭ ފިލާ 8←


All Right Reserved!