ފުރަތަމަ ނަޒަރުން 19
ފަތިހުގެ ހިތްގައިމު ވަގުތެވެ. މަގުތައް މަތީގައި ކާރުބާރު މަދުވެ، ހިނގާ ބިނގާވެ އުޅޭ މީހުން ވެސް މަދެވެ. އާދައިގެ މަތިން އަހަރެން އިނީ ކޮފީއެއް ގިރައިގެން ނިކުމެ ބެލްކަނީގައެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅިން ހަށިގަނޑަށް ތާޒާކަން ގެނުވަވަމުންދިޔައެވެ. ފާއިތުވި ދެތިން މަސްދުވަހާއި ދޭތެރޭ ވިސްނާލުމުން ހިތަށް ލިބުނީ ހިތްހަމަޖެހުމެވެ. ބޮޑު ކުންފުންޏަކުން ވަޒީފާލިބި އަހަރެން ކިޔަވަން ކުރި މަސައްކަތުގެ މޭވާ ލިބުނުކަހަލައެވެ. ގަޑިއެއްހާއިރު އެހެން އިނުމަށްފަހު އަހަރެން ގޭތެރެއަށް ވަނީ އޮފީހަށް ދާން ތައްޔާރުވާށެވެ.
ގަޑިން ހެނދުނު ހަތެއް ޖެހީއެވެ. އަހަރެން ތައްޔާރުވެގެން ނިކުމެ ހުރީ އާހިލްގެ އިންތިޒާރުގައެވެ. އޮފީހަށް ދިއުމުގެ ކުރިން ބައްދަލުކޮށްލަން އެދުނީމައެވެ. ފޯނުން ދެއްކޭ ވަރަށްވުރެ މުހިއްމު ވާހަކައެކޯލައެވެ. އަހަރެން އަހާ އަހާ ވެސް ނުބުންޏެވެ. ޒީކްގެ ބުނުމަކަށްވީ އާހިލް އަހަންނަށް ލޯބި ހުށަހަޅަން އުޅެނީ ކަމަށެވެ. އަދި އަހަރެން އާހިލް އާއި ދޭތެރޭ ދެކެނީ ކިހިނެއްތޯ ވެސް އޭނާ އެހިއެވެ؟ ނަމަވެސް އަހަރެން ޒީކްގެ އެސުވާލަކަށް ޖަވާބެއް ނުދެމެވެ.
މާގިނައިރެއް ނުވެ އާހިލްގެ ކާރު އައިސް އަހަރެންގެ ގޭ ދޮރުމައްޗައް މަޑުކޮށްލިއެވެ. އާހިލް ފެނުމުން އަހަރެން ހާސްވާން ފެށިއެވެ. ހަނދާނަށް އަންނަނީ ޒީކް ދެއްކި ވާހަކައެވެ. ނަމަވެސް އަހަރެން ހާސްވެފައި ހުރި ކަމުގެ ކުލަވަރު މޫނުމަތިން ނުދައްކާ، ހިނިތުންވެލީމެވެ. އާހިލް ވެސް ހިނިތުންވުމެއް ރައްދުކުރުމަށްފަހު ކާރުން ފައިބައިގެން އައިސް އަހަންނަށް ކާރުގެ ދޮރު ހުޅުވައިދިނެވެ. އޭނާގެ އެ އަމަލުން އަހަރެން އިތުރަށް ހާސްވާގޮތް ވިއެވެ. ކާރުގެ ފިނީގައި ވެސް އަހަރެން ދާހިއްލންފެށިއެވެ. އަހަރެން އެހާ ބިރު މި ގަންނަނީ ކޮންކަމަކާއި ކަމެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. އާހިލް ފެންނަ ކޮންމެ ފަހަރަކު އަތް ތުރުތުރު އަޅަނީއެވެ. ވާހަކަ ދައްކާއިރު އަނގަވެސް އޮޅެނީއެވެ. ހިނގާއިރު ފައި ވެސް އޮޅެނީއެވެ.
ކާރުގައި އެއްކޮށް ވެސް އަހަރެން އިނީ ވާހަކަ ނުދައްކައެވެ. އާހިލް ވެސް އަހަންނާއި ވާހަކަދައްކާކަށް މަސައްކަތެއް ނުކުރެއެވެ. ފަނަކަ ވަރަކަށް މިނެޓުގެ ދަތުރަކަށްފަހު ކާރު ގޮސް މަޑުކޮށްލީ ހުޅުމާލޭގެ ކެފޭއެއްގެ ދޮރުމައްޗަށެވެ. ހެނދުނުގެ ވަގުތުކަމުން ކެފޭގައި މީހުން ވަރަށް މަދެވެ. މިކެފޭއަކީ އަހަރެން އޮފީހަށް ގޮސް އައިސް ހަދާއިރު ފެންނަ ތަނެއް ކަމުން މިއީ އޮފީހާއި މާ ދުރުނޫން ތަނެއްކަން އަހަންނަށް ވިސްނުނެވެ.
ކެފޭގެ މަތީބުރިއަށް އެރުމަށްފަހު އަހަރެމެން އިށީނީ ކުޑަދޮރާއި އެންމެ ކައިރީގައި ހުރި މޭޒުގައެވެ. އެތަނުން ހުޅުމާލެ މަގުތަކުގެ ހިތްގައިމު މަންޒަރު ފެނެއެވެ.
“ކިހިނެއްވެފަ ތިއިނީ މިއަދު؟ ކާރުގަ އިން އިރު ވާހަކައެއް ވެސް ނުދައްކަ” ވޭޓަރު އައިސް އަހަރެމެންގެ އޯޑަރު ނަގައިގެން ދިއުމުން އާހިލް ސުވާލުކުރިއެވެ.
“އާހިލް ކޮން ވާހަކައެއް ދައްކަންތަ އުޅުނީ؟” އަހަންނަކަށް އިތުރަށް ކެތެއް ނުވިއެވެ. އާހިލް ބުނަންއުޅޭ އެއްޗެއް އެނގުމުން ނޫނީ އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެއީ ކޮންމެ އެއްޗަކަށް ވިއަސް ހެވެ.
“ހަހަހަ! ހާދަ ހާސްވެފަ؟” އަހަރެން އުޅުނު ގޮތުން އާހިލް ގާތަށް ހިނި އައެވެ. ނަމަވެސް އިތުރު އެއްޗެކޭ ނުބުނެ އަހަރެން ހަމަ އިނީއެވެ.
“އަހަރެން މަންމަ ވަރަށް ބަލި. އެއްކަލަ ދުވަހުގެ ފަހުން ވެސް ދެފަހަރު ހޮސްޕިޓަލުގައި ބާއްވައިފި.” އާހިލް އޭނާގެ ވާހަކަ ފެށިއެވެ.
“ޑޮކްޓަރު ބުނީ މަންމަ ވަރަށް ހިތްހަމަޖައްސައިގެން ގެންގުޅެވޭތޯ ބަލާށޯ. އެހެންވެ އީޝާ ކައިރި ކަމަކަށް އެދެން މިއުޅެނީ” އާހިލް ކުޑަކޮށް ޖެހިލުންވެފައި އިންކަން އަހަންނަށް ފާހަގަވިއެވެ. ނަމަވެސް އަހަރެން އޭނާގެ ވާހަކައަކަށް ހުރަހެއް ނާޅަމެވެ.
“ކޮއްކޮގެ ފަރާތުން މަންމައަށް އެނގިފަ އޮތީ އަހަރެން އުޅެނީ މީހަކާއި ރައްޓެހިވެގެން ކަން” އާހިލްގެ އެ ޖުމުލައިން އަހަރެން ސިއްސައިގެން ދިޔައެވެ. އާހިލް އުޅެނީ މީހަކާއި ރައްޓެހިވެގެންކަމެއް އަހަންނަކަށް ނޭނގެއެވެ.
“އެހެންތަ. އަހަންނަކަށް އަދި ނޭނގެ އާހިލް މީހަކާއި ރައްޓެހިވެގެން އުޅޭކަމެއް.” އަހަރެން ބުނީމެވެ. އާހިލް ފެށީ ހޭންށޭވެ. އަހަންނަށް މަޖާ އެއްޗެކޭ ބުނެވުނީބާއެވެ؟
“އަހަރެން އުޅެނީ މީހަކާ ރައްޓެހިވެގެނެއް ނޫނޭ. އެކަމަކު އެއްކަލަދުވަހު ޕާޓީ އިން ދިމާވިފަހުން އަލީނާ ހީކުރަނީ އަހަރެން އުޅެނީ އީޝާއާއި ރައްޓެހިވެގެންނޭ. ދެން އޮފީހުން ދިމާވީމަ ބޮއްތަމެން ވެސް އޮތީ މަންމަ ކައިރި އެވާހަކަ ދައްކާފަ” ހެމުން ހެމުން އާހިލް ކިޔައިދިނެވެ. އަހަރެން ކައިރިއަށް ވެސް ހިނިއައެވެ. އާހިލްގެ ބޮއްތަމެން ކުރިމަތީގައި އެދުވަހު ކުޅުނު ޑުރާމާ ހަނދާންވެފައެވެ. ކޮންމެއަކަސް އާހިލްގެ ލޯބިވެރިއެއް ނުހުންނަކަން އެނގުމުން އަހަރެންގެ ހިތަށް ލުޔެއްލިބުނު ކަހަލައެވެ. ކީއްވެކަމެއް އަހަންނަކަށް ނޭނގެއެވެ. އާހިލްގެ ލޯބިވެރިއެއް ހުރުމަކުން، ނެތުމަކުން އަހަންނަށް އަސަރު ކޮށްގެން ނުވާނެއެވެ.
“މަންމަ މިހާރު ވަރަށް ގިނަދުވަސް ވެއްޖެ އީޝާ އާއި ބައްދަލުކުރަން ބޭނުމޭ ކިޔާތާ. އަހަރެން އަޅާނުލާ މިހުންނަނީ އީޝާއަށް އުނދަގޫވެދާނެތީ. އެކަމަކު ކުރިންދުވަހު އަނެއްކާ ވެސް މަންމަ މާބޮޑަށް ބަލިވީ. އެހެންވެ މަންމަ ފިކުރުތަކާއި ދުރުކުރެވޭތޯ މިއުޅެނީ. މަންމަ އަނެއްކާވެސް ވިސްނަން ފަށާފާނެތީ ހަގީގަތް ކިޔައިދޭކަށް ވެސް ނުކެރުން” އާހިލް ފުން ނޭވައެއް ދޫކޮށްލިއެވެ. “އީޝާ އަންނަންވީނު މިރޭ މަންމައާއި ބައްދަލުކޮށްލަން. މަންމަ ވަރަށް އުފާވާނެ އޭރުން. އެކަމަކު އީޝާއަށް ނުވަންޏާ…”
“އުހޫނ އަހަރެން ދާނަން” އާހިލްގެ ޖުމުލަ މެދުތެރެއިން އަހަރެން ބުނީމެވެ. އެއީ އެވަރުގެ ބޮޑު ކަމެއް ވެސް ނޫންވިއްޔާއެވެ.
“ވަރަށް ބޮޑަށް ތެންކިއު އިޝާ! މަންމަ ވަރަށް އުފާވާނެ.” އާހިލް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އާހިލް އުފާވެފައި ހުރިވަރު އޭނާގެ މޫނުމަތިން ވަރަށް ރަނގަޅަށް އިނގެއެވެ. ޖެހިގެން އައި ވިހިވަރަކަށް މިނެޓު އަހަރެމެން ހޭދަކުރީ އާހިލް މަންމަ އާއި ބައްދަލުވުމުން ދައްކާނެ ވާހަކަތައް ރޭވުމުގައެވެ. އަހަރެމެންގެ ގުޅުމާއި ބެހޭގޮތުން ސުވާލުކޮށްފިނަމަ އެކަމަށް ދޭނެ ޖަވާބުތައް ވެސް ރޭވީމެވެ. ހުރިހާކަމެއް ރޭވުމަށްފަހު އަށެއްޖެހިއިރު އަހަންނާއި އާހިލް އޮފީހަށް ދިޔައީ އެއްކޮށެވެ.
ގަޑިން ރޭގަނޑު އަށްގަޑި ފަނަރައެވެ. މަޑު ނޫކުލައިގެ ހެދުމަކާއި ލުއި މޭކަޕެއްގައި އަހަރެން ހުރީ އާހިލްގެ މަންމައާއި ބައްދަލުކުރަން ދާން އެންމެ ފުރިހަމައަށް ތައްޔާރުވެގެންނެވެ. އާހިލްގެ މަންމައާއި ބައްދަލުވެފައި ދައްކަން ރޭވި ވާހަކަތައް އަހަރެން ބޮލުތެރޭގައި އެނބުރެމުން ދިޔައެވެ. ހީވަނީ ފިލާވަޅު ދަސްކޮށްގެން އިމްތިހާނަކަށް ދާން އުޅޭހެންނެވެ.
ބަރާބަރު އަށްގަޑީބައިގައި އާހިލް އަހަރެން ބަލައި އައެވެ. މާގިނައިރެއްނުވެ އާހިލްގެ ގެއަށް ދެވުނެވެ. މިއީ އާހިލްގެ ގެއަށް އަހަރެން ދިޔަ ފުރަތަމަފަހަރެވެ. ބޮޑު ގެއެކެވެ. ދެބުރިއަށް ހިއްލާފައިވާއިރު ތިރީބުރީގައި ހުރީ ސިޓިންރޫމާއި ބަދިގޭގެ އިތުރުން އެއް ކޮޓަރިއެވެ. އާހިލް ބުނިގޮތުގައި އެއީ އެގޭގައި މަސައްކަތް ކުރަން ގެންގުޅޭ ރޭޝްމާ ކިޔާ އިންޑިއާ އަންހެނަކު އުޅޭ ކޮޓަރިއެވެ. ކޮންމެއަކަސް މުޅި ގެ ވަނީ އަގުބޮޑެތި ފަރުނީޗަރުތަކުން ޒީނަތްތެރި ކޮށްފައެވެ. ރަސިއްތަމެންގެ ފެނިފައި އަހަރެން އާޝޯހުވީ، މިގެއަކީ އޭގެ ދެގުނަ ފެންވަރުގައި ހަދާފައި ހުރި ތަނެކެވެ. މިއީ ބޭރު ފިލްމުތަކުން ފެންނަކަހަލަ ތަނަވަސް ގެއެކެވެ. ބޮޑު ސިޓިންރޫމެކެވެ. ސިޓިންރޫމުގެ މެދު ފަޅުފިލުވާފައި ހުރީ ބޮޑު ހުދުކުލައިގެ ސޯފާއަކުންނެވެ. ސޯފާގެ މެދުގައި އާހިލްގެ މަންމަ އިށީނދެގެން އަހަރެމެންގެ އިންތިޒާރުގައި އިނެވެ. އެއީ އަހަންނަށް އެއްފަހަރު ފެނިފައިވާ މޫނެކެވެ. އަހަރެން ފެނުމުން އަވަހަށް ތެދުވެގެން އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އުފަލުން އަހަރެންގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ.
“ދައްތާ ކާން ހަދާފަ އެހުރީ” ހަމަ އެވަގުތު ރޭޝްމާ އައިސް ބުންޏެވެ.
“އަވަހަށް ހިނގާ ކާން ދާން. ދަރިފުޅު އަންނާތީ މަންމަ މިރޭ ކެއްކީ ވެސް. ރޭޝްމާ ގާތު ބުނިން އަހަންނޭ ކައްކާނީ، ރޭޝްމާ މޭޒުމަތި ތައްޔާރު ކުރާށޭ” އާހިލްގެ މަންމަ ހެމުން ހެމުން އަހަންނާއި އާހިލް ގޮވައިގެން ކާމޭޒުދޮށަށް ދިޔައެވެ.
އެކިވައްތަރުގެ ބަތާއި، ރޮއްޓާއި ރިހައާއި ސެލެޑު ފަދަ ތަކެތިން ސުފުރާމަތި ހުރީ ފުރާލާފައެވެ. އާހިލްގެ މަންމަ އިށީނީ އަހަންނާއި ޖެހިގެން އިން ގޮނޑިގައެވެ. އާހިލް އިނީ އަހަރެންގެ ކުރިމަތީގައި އިން ގޮނޑީގައެވެ. އާހިލްގެ މަންމަ އަހަންނާއި ވާހަކަދައްކާލެއް ގާތްކަމުން އަހަރެން އިނީ ވަރަށް އުފާވެފައެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އަހަރެން ދެރަވީ ދޮގުހަދަން ޖެހޭތީއެވެ. އޮޅުވާލަން ޖެހޭތީއެވެ. ނަމަވެސް އެއީ މިވަގުތަށް އެންމެ ރަނގަޅުގޮތް ކަމަށް ވިސްނާފައި އަހަރެން ހިތްހަމަޖައްސަލީމެވެ.
ކެއުމުގެ ތެރެއިން އާހިލްގެ މަންމަ ދިޔައީ އަހަރެމެންނާއި އެކި އެކި ސުވާލުތައް ކުރަމުންނެވެ. އަހަންނާއި އާހިލް ތިބީ އެހުރިހާ ސުވާލަކަށް ޖަވާބުދޭން ވަރަށް ތައްޔާރަށެވެ. އާހިލް ހިނިއައިސްފައި އިނދެ އިރުކޮޅަކާ އަހަރެންގެ ފައިގައި މޭޒުދަށުން ކޮއްޓާލައެވެ. އޭނާއަށް މިކަން ވީ މަޖާ ކަމަކަށެވެ.
“ކޮންތާކުންތަ ދެކުދިން ދިމާވީ؟” ބަތް ސަމްސަލެއް އަނގަޔަށް ލަމުން އާހިލް މަންމަ ސުވާލު ކުރިއެވެ. އެއީ އަހަރެމެން ޖަވާބުދޭން އެންމެ ބޮޑަށް ތައްޔާރުވި ސުވާލެވެ. ދިމާވީ މާލޭގައި އޮތް ފޮތް މައުރަޒަކުންނޭ ބުނަން އަހަރެމެން ތިބީ ރާވައިގެންނެވެ. އެއީ ފޮތްމައުރަޒުތަކަކީ އާހިލް ގިނަގިނައިން ދާތަނަކަށްވެފައި އެހެން ބުނުމުން ގަބޫލުކުރަން ފަސޭހަވާނެތީއެވެ.
“ފޮތް….”
“އަހަންނަށް އެންމެ ފުރަތަމަ އީޝާ ފެނުނީ ލޮނުޒިޔަރަތްކޮޅުގައި ވިއްސާރަ ތެމިގެން އުޅެނިކޮށް. އެދުވަހު ވާހަކަ ދައްކާލެވޭ ގޮތެއެއް ނުވި. އެކަމަކު ފުރަތަމަ ނަޒަރުން ވެސް އަހަރެން އީޝާއާއި ގަޔާވި. އޭގެފަހުން ކޮންމެ ދުވަހަކު އެގަޑިއަށް އަހަރެން ދަން ލޮނުޒިޔާރަތްކޮޅަށް، އީޝާ ފެނޭތޯ. އެކަމަކު ވަރަށް ގިނަދުވަހު ހޯދަން އުޅުނު ފަހުން އީޝާ އާއި އަނެއްކާ ދިމާވީ ހުޅުމާލެއިން” އާހިލް ވަރަށް ހަމަޖެހިލާފައި އިނދެގެން ވާހަކަދެއްކިއެވެ. އާހިލް ގަސްތުގައި އަހަރެމެން ރޭވިގޮތަށް ފޮތް މައުރަޒުގެ ވާހަކަ ނުދެއްކީ ކަމެއް ނުވަތަ ހަނދާންނެތުނީ ކަމެއް އަހަންނަކަށް ނޭނގެއެވެ. އޭނާގެ މަންމަ ހެވިދިލިފައި އިނދެގެން އެވާހަކަ އަޑުއަހަމުން ގެންދިޔައިރު، ދެން ބުނަންވީ އެއްޗެއް ނޭނގިފައި އަހަރެން އިނީއެވެ.
ކައި ނިންމައިގެން އާހިލްގެ މަންމަ ދިޔައީ އަހަންނަށް ދޭން ހަދިޔާއެއް ބަލައޭ ކިޔާފައި ކޮޓަރިއަށެވެ. އަހަންނާއި އާހިލް ތިބީ ސޯފާގައެވެ. އަހަރެން ވަގުތުގެ ބޭނުން ހިފީމެވެ.
“ސްކުރިޕްޓުން ބޭރުވީ ކީއްވެ؟” އަހަރެން ސުވާލުކޮށްލީމެވެ. އާހިލް ފާޑަކަށް ކޮށިއެރިއެވެ. ހަމައެވަގުތެވެ. އަހަރެންގެ ފޯނަށް ބައްޕަގެ ކޯލެއް އައެވެ.
“ހަލޯ”
“ހަލޯ ދަރިފުޅާ. ކޮންތާކު ތިއުޅެނީ؟ ބައްޕަމެން މިތިބީ މާލޭގައޭ. އާދެބަލަ ގެ ހުޅުވަން” ބައްޕަގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ.
|”މާލޭގައޭ؟ ކީއްވެ ނުބުނީ އަންނަ ވާހަކަ؟” އަހަންނަށް ވެސް ކޮށްލެވުނީ ސުވާލެކެވެ.
“މަންމަ ނުބުނޭތަ؟ ހަނދާން ނެތުނީ ކަމަށް އެވާނީ. ދެންވެސް އަވަހަށް ގެއަށް އާދޭ” ބައްޕަގެ އަޑު ހުރީ ނުތަނަވަސްވެފައެވެ. އަހަންނަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. އެހެން ނޫންނަމަ އަހަރެން ކައިރި ނުބުނެ ކުއްލިއަކަށް މާލެއެއް ނައީހެވެ. މިދިޔަ ފަހަރު ވެސް މާލެ އައީ އަހަރެން ކައިރި ނުބުނެއެވެ. އެފަހަރު މާލެ އައިސް މަންމައާއި ބައްޕަ އުޅުނު ގޮތުން އަހަރެން މި ހުންނަނީ ބޮލުގައި ރިއްސާލާފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Varah reethi mi part ves💗💗💗
Loved it so much!!
When next?
Then aahil eeshaa aa gayaavaa iru kon dhogeh tha alhe fahe e hadhanee??
Btw ly❤
Hey enash… Please please please please thankolheh avahah mi vhk kiyaalan libeyne gotheh vedhaane tha? Vrh vrh reethi Masha Allah mi story. That’s why…. Varah kiyaala hithun kiyaalevey… I can’t even wait for one day mi story kiyaala hithun….
Ly 🩷