Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުދާނޭ ފިލާ 3

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
October 1, 2025 6 Mins Read
4 Comments

“އަހަންނަށް ލަސް ވޭ. އެހެން ނޫނަސް ދެން ސާހިލް ބުނަން އޮތީ ކީކޭ؟” ސާހިލް އެއްޗެއް ނުބުނެ ގިނަ އިރު ވާން ފެށުމުން ލަޔާލް ބުންޏެވެ.

“ޓެސްޓް ކުރާކަށް ބޭނުމެއް ނޫން..” ސާހިލް ބުނެލި ޖުމްލައިން ލަޔާލް ހައިރާންވިއެވެ.

“އެއީ ސާހިލްގެ ދަރިއެއް ނޫން ކަން އެހާ ޔަގީންތަ؟” ލަޔާލްއަށް އަހާލެވުނެވެ.

“އައި ބިލީވް ޔޫ!” އެގާރަ އަހަރު ވަންދެން ސާހިލްގެ ދުލުން އަޑު އިވުމަށް އެދުނު ބަސް އެންމެ ފަހުން ސާހިލް ބުންޏެވެ.

ލަޔާލްއަށް އެއްޗެއް ނުބުނެވުނެވެ. ހީވީ އަހަރުތަކެއް ވަންދެން އުފުލަމުން އައި ބަރެއް ކޮނޑުމަތިން ނެގި ހަށިގަނޑަށް ލުއިވެގެން ދިޔަހެންނެވެ. ހިތާ ސިކުނޑިއަށްވެސް ލުއިވެގެން ދިޔައީ އެތައް އަހަރެއްގެ އިންތިޒާރަށް ނިމުމެއް އައުމުންނެވެ.

ސާހިލްއާ ދިމާއަށް ބަލަން ހުރި ލަޔާލްއަށް ރޮވެން ފެށުނެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހުނު ނަމަވެސް އެ ކަރުނައަށް ހުއްޓުމެއް ނެތް ފަދައެވެ. ހުއްޓާލަން މަސައްކަތް ކުރި ނަމަވެސް ހިމޭންކަމާއެކު ރޮމުން ދިޔަ ލަޔާލްއަށް ގިސްލެވި ރުއިމުގެ އަޑު ބޭރުވަމުން ދިޔައެވެ. ލަޔާލްއާ ކައިރި ވާން ޖެހިލުންވެފައި ހުރި ނަމަވެސް ގިނަ އިރަކު ސާހިލްއަކަށް ނުހުރެވުނެވެ. ދެތިން ފިޔަވަޅު ކުރިއަށް އަޅާލުމާއެކު ދެއަތުގެ ތެރެއަށް ލަޔާލް ގެނެސް މޭގައި ޖައްސާލެވުނެވެ.

ވަގުތުން ލަޔާލް ދުރަށް ޖެހިލިއެވެ. ސާހިލްގެ މޫނަށް ބަލާލާފައި ލަޔާލް ދޮރު ހުޅުވާލާފައި ނިކުތް އިރު އެ ލޮލުގައި ވި ޝަކުވާ ފެނި ސާހިލްގެ ހިތަށް ތަދުވެލިއެވެ. އެހާ ދުވަސް ވަންދެން ލަޔާލް ދެއްކީ ތެދު ވާހަކަ ކަން ފުރަތަމަ ފަހަރަށް ނަގައިގަނެވުމާއެކު ކުރެވުނު އިހުސާސުން ސާހިލް މުޅި ނަފްސަށް އެނގުން ވެގެން ދިޔައެވެ. މީހަކު މޭގައި އަތް އަޅާ ކޮއްޕާލުމުން ފަހަތަށް ދާ ހެން ސާހިލްއަށް ތިންހަތަރު ފިޔަވަޅު ފަހަތަށް އަޅާލެވުމާއެކު މޭގައި އަތް ޖައްސާލެވުނެވެ.

ހަމަޖެހިލަން މަސައްކަތް ކުރަމުން ސާހިލްއަށް އެއް އަތުން ނިތްކުރީގައި ހިފާ ބާރު ކޮށްލެވުނެވެ. ހިތް ގޮވަމުން ދިޔައީ ލަޔާލްގެ ފަހަތުން ދިޔުމަށް ނަމަވެސް ސާހިލް އަމިއްލަ ނަފްސަށް މަޖުބޫރު ކުރީ ހިތުގެ އެދުމާ ދެކޮޅަށެވެ. އިރުކޮޅަކު އެހެން ހުރެފައި ސާހިލް ގޮސް އަމިއްލަ ކެބިންއަށް ވަދެ ގޮނޑީގައި އިށީނެވެ.

ލަޔާލް އެހާ ދުވަސް ވަންދެން އެކަނިމާ އެކަނި ހޭދަ ކުރި ދިރިއުޅުމާ މެދު ސާހިލްއަށް ވިސްނާލެވުނެވެ. ފާއިތުވި އެގާރަ އަހަރު ތެރޭ ލަޔާލްގެ ޚިޔާލު ހިތަށް އުނދަގޫ ނުކުރާ އެއް ދުވަސްވެސް ނުދެއެވެ. ނަމަވެސް މިއަދު އެ ޚިޔާލުތަކުން ސާހިލްގެ ހިތަށް ތަދުވަމުން ދިޔައީ ކުރިން ނުވާ ވަރަށެވެ. ލަޔާލްއަކީ ބޭވަފާތެރިއެއް ކަމުގައި ގަބޫލު ކުރެވުނު އިރު ކުރެވުނު އިހުސާސްތަކާ މިއަދު ކުރެވެމުން ދިޔަ އިހުސާސް ތަފާތެވެ. ލަޔާލް ދެކެ ވާ ލޯބި ހިތުން ފޮހެލެވޭތޯ، ލަޔާލްއަށް ނަފްރަތު ކުރެވޭތޯ އެ ހުރިހާ ދުވަހު މަސައްކަތް ކުރީ ލަޔާލްއަކީ ކުށްވެރިއެއް ކަމުގައި ހިތުގައި ކުޑަވެސް ޝައްކެއް ނެތިއެވެ. ނަމަވެސް މިއަދު ކުށްވެރި ކުރެވެމުން ދިޔައީ އަމިއްލަ ނަފްސެވެ.

ބަލިވެ އިން އިރު، އާއިލާއާ ފިރިމީހާއާ ދުރުގައި ހޭދަކުރި ދުވަސްތަކުގައި ލަޔާލް ކުރާނެ ހިތާމައާއި ރޯނެ ރުއިން ހިތަށް އަރާފައި ސާހިލްގެ މޭ ފިތިގެން އައެވެ. ފިރިމީހާއާ އާއިލާގެ ލޯތްބާ އަޅާލުން އެންމެ ބޭނުންވީ ދުވަހު އެއްވެސް މީހެއްގެ އެހީއަކާ ނުލާ އެ ދަރިފުޅު ދުނިޔެއަށް އުފަންކޮށް، ދިހަ އަހަރު ވަންދެން އެކަނިމާ އެކަނި ދަރިއަކު ގެންގުޅުނު އިރު ލަޔާލް ކިހާ ހިތްވަރެއް ކުރަން ޖެހޭނެ ކަން ހިތަށް އެރުމުން ސާހިލްގެ ހިތް ފަޅިފަޅި ވެގެން ދިޔަ ކަހަލައެވެ. އެއާއެކު އިހުސާސް ކުރެވުނު ވޭނުން ސާހިލްގެ ލޯ ތެމިގެން އައި އިރު ހަނދާން ވީ އޭރު ކަންތައް ވީ ގޮތެވެ.

 

ކެބިން އިން ނިކުމެ ދިހަ ވަރަކަށް ފޫޓު ދުރުގައި މަޑުކޮށްލާފައި ލަޔާލް ޓިޝޫއަކުން މޫނު ފޮހެލިއެވެ. ލޯމަރާ ބާރު ކޮށްލަމުން ފުންކޮށް ދެތިން ނޭވާ ލީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށެވެ. މިނަޓެއްހާ އިރު އެހެން ހުރެފައި ހަމަޖެހިލެވުމުން ލަޔާލް ހިނގައިގަތެވެ. ކިޔާން ގޮވައިގެން ގެއަށް ދާން ހުރި ނަމަވެސް ލަސްވެދާނެ ކަމަށް ބުނެ ލީޝާއަށް މެސެޖް ކޮށްލާފައި އޯޝަންލައިން އިމާރާތުން ނިކުތް ގޮތަށް ލަޔާލް ފުރަތަމަ ދިޔައީ ގެއަށެވެ.

ދޮރު ހުޅުވާލާފައި ވަން ގޮތަށް ލަޔާލް ސޯފާގައި އިށީނެވެ. ލޯ މަރާލާ ސޯފާއަށް ހަށިގަނޑު ދޫކޮށްލި އިރު ލަޔާލްގެ ލޮލުގެ ދެ ފަރާތުން ކަރުނައިގެ ދެ ރޮނގު ދެމިގެން ދިޔައެވެ. ހަނދާން ކުރަން ބޭނުން ނުވި ނަމަވެސް އެގާރަ އަހަރު ކުރީގެ ހަނދާންތައް އައިސް ލަޔާލްގެ ހިތާ ސިކުނޑި ވަށާލި ކަހަލައެވެ.

 

މާހިރާއާ އިރުފާންގެ ކައިވެނި ކުރެވުނު އިރު ސާހިލްގެ އުމުރަކީ ހަތަރު އަހަރެވެ. އިރުފާން މާހިރާއާ ކައިވެނި ކުރި އިރު ސާހިލްގެ މަންމަ ނިޔާވިތާ އަހަރެއް ކިރިޔާ ވީއެވެ. ސާހިލްގެ މަންމައަކީ މާހިރާ ކިޔަވަން އުޅުނު އިރުގެ އެކުވެރިއެކެވެ. ސާމިޔާގެ ކައިވެންޏަށް ފަހު މާހިރާއާ އިރުފާންގެ މެދުގައިވެސް އޮތީ އެފަދަ އެކުވެރިކަމެކެވެ. ސާމިޔާ ނިޔާވުމަށް ފަހުވެސް އެ ދެމީހުން އެ އެކުވެރިކަން ދެމެހެއްޓިއެވެ. ފިރިމިހާ ނިޔާވި ފަހުން ދެ އަހަރު ވީ އިރުވެސް މާހިރާ އެހެން ކައިވެންޏަކާ މެދު ނުވިސްނައެވެ. އިރުފާން މާހިރާއަށް ކައިވެންޏަށް ހުށަހެޅީ އަމިއްލަ ބޭނުމަށް ވުރެ ބޮޑަށް ސާހިލްއާ މެދު ވިސްނާފައެވެ. އެ ހުށަހެޅުން މާހިރާ ގަބޫލު ކުރީވެސް ހަމަ އެ ސަބަބަށް ޓަކައެވެ. އެ ދެމެދުގައި ލޯބި އުފެދުނީ ކައިވެނީގެ ފަހުންނެވެ. ސާހިލް ދެކެ މާހިރާ ލޯބިވީ އުފަން ދަރިއަކު ދެކެ މަޔަކު ވާނެ ލޯތްބެވެ. އަބަދުވެސް ދަރިއަކު ލިބުމަށް އެދިއެދި ހުރި މާހިރާގެ ފުރަތަމަ ފިރިމިހާ ވަކިވެގެން ދިޔައީ އެ އެދުން ފުރިހަމަ ނުވަނީހެވެ. އިރުފާންއާ ކައިވެނި ކުރި ފަހުން މާހިރާ ދެ ފަހަރަށް ބަލިވެ އިނެވެ. ނަމަވެސް ދަރިއަކު އުފަން ކުރުން މާހިރާގެ ނަސީބުގައި ނެތީއެވެ. އެހެން ނަމަވެސް އެކަމާ ޝަކުވާ ކުރުމުގެ ބަދަލުގައި މާހިރާއަށް ދަރިއެއްގެ ގޮތުގައި ސާހިލް ދެއްވިތީ ހެއްދެވި ފަރާތަށް ޙަމްދާ ޝުކުރު ކުރީއެވެ.

ސާހިލް ބޮޑުވެގެން އައި އިރު އިރުފާންއަށް ވުރެ ބޮޑަށް މާހިރާ ދެކެ ލޯބިވެއެވެ. މާހިރާގެ މައިންބަފައިން ސާހިލް ބަލައިގަތީ އެ އާއިލާގެ ކާފަ ދަރިއެއް ފަދައިންނެވެ.

ނާފިޒްއާ މަސީހާގެ ދެވަނަ ދަރިފުޅު ވިހެއުމުގެ ތެރޭގައި މަސީހާ ނިޔާވުމަށް ފަހު ނާފިޒް ނަސްމާއާ ކައިވެނި ކުރި ފަހުން ލަޔާލްއާ އާއިލާގެ މެދުގައި އޮތް ގުޅުން ބަދަލު ވާން ފެށިއެވެ. އާސިމާއާ ނާފިޒް ގިނަ ވަގުތު މަސައްކަތުގައި އުޅޭތީ ގޭތެރޭގައި ކަންތައްތައް ބަދަލުވަމުން ދިޔަ ކަމެއް ފާހަގައެއް ނުކުރެވެއެވެ. މުހައިމިން އުޅެމުން އައީ ނާފިޒްއާ އެކު އެއް އެޕާޓްމެންޓެއްގައެވެ. އާސިމާ ދިރިއުޅެނީ އެ ގޭގެ ވަކި އެޕާޓްމެންޓެއްގައެވެ.

ދުވާލުގެ ގިނަ ވަގުތު އާސިމާގެ ކުދިންނާއެކު ހޭދަ ކުރަމުން ދިޔަ ލަޔާލް އެ ކުދިން ކައިރިއަށް ދިޔުން މަނާ ކުރީ ނަސްމާއެވެ. އެ ކަމާ ނާފިޒް ގާތު ލަޔާލް ޝަކުވާ ކުރުމުން ކިޔެވުމަށް ލަޔާލް ފަރުވާ ކުޑަ ކުރާ ކަމަށް ނަސްމާ ބުންޏެވެ. ނާފިޒްއަށްވެސް ގަބޫލު ކުރެވުނީ އެ ގޮތަށެވެ. އެހެން ކަމުން ނަސްމާގެ ނިންމުމާ ނާފިޒް ދެކޮޅެއް ނުހަދައެވެ. ނާފިޒް ގާތު ލަޔާލް ކުރާ ޝަކުވާގެ އަޑެއް ނާފިޒް ނާހައެވެ. ނަސްމާއަށް އާޔާ ލިބުނު ފަހުން ލަޔާލް މުޅިން ބާކީ ވީ ކަހަލައެވެ. ބައްޕަވެސް އަބަދު ކޮއްކޮ އާއިގެން އުޅޭ ތަން ފެންނަން ފެށުމުން ބައްޕަގެ ސަމާލުކަން ހޯދުމަށް އެހެން ގޮތްތައް ލަޔާލް ހޯދަން ފެށިއެވެ.

އާސިމާމެން ކައިރިއަށް ނުދެވެން ފެށި ފަހުން ލަޔާލްއާ އެ ކުދިންވެސް ދުރުވިއެވެ. ކިރިޔާވެސް ލަޔާލްއާ ވާހަކަ ދައްކާ އުޅެނީ ލަޔާލްއާ އެއް އުމުރުގެ ރަމްޝާއެވެ.

ނަސްމާއަށް އުނދަގޫ ވާނެހެން ހީވާ ކަންތައް ލަޔާލް ކުރަން ފެށިއެވެ. ލަޔާލްއަކީ ފެށުނީއްސުރެވެސް ކިޔެވުމަށް މޮޅު ކުއްޖެކެވެ. ނަމަވެސް ފަހުން އައިސް ލަޔާލް ގަސްތުގައި ފިލާވަޅުތައް ނުހަދާ ބަހައްޓަން ފެށިއެވެ. ޓެސްޓްތަކުގައި ޖަވާބު އެނގޭ ސުވާލުތަކަށްވެސް ނުބައި ޖަވާބު ދިނެވެ. ސްކޫލުންވެސް ލަޔާލްގެ ޝަކުވާތައް އަންނަން ފެށިއެވެ. ލަޔާލް ހީކުރި ގޮތާ ޚިލާފަށް ލަޔާލްއަށް ވަގުތު ހުސްކޮށް ލޯބިން ވާހަކަ ދެއްކުމުގެ ބަދަލުގައި ނާފިޒްއަށް އަބަދު ދެއްކެނީ ކިޔެވުމަށް ފަރުވާ ކުޑަ ވާހަކައާ، ގޭތެރޭގައި ނަސްމާ ބުނާ ގޮތް ނުހަދާ ވާހަކައެވެ. ލަޔާލް ބަސްނާހާ ވާހަކައެވެ. އެންމެ ފަހުން ބައްޕަ ދެކެވެސް ލަޔާލް ފޫހި ވާން ފެށީއެވެ.

ނަސްމާގެ ނަޒަރުގައި އަބަދު ކުށްވެރިވެފައި ހުންނަ ލަޔާލް ބޮޑުވަމުން އައި ވަރަކަށް ނާފިޒްއާ ހަމައަށް އަންނަނީ ލަޔާލްގެ ޝަކުވާއެވެ. ނަސްމާގެ ފަރާތުން ތަކުރާރުކޮށް އިވެމުން ދިޔަ ޝަކުވާގެ ޖަވާބެއްގެ ގޮތުން ނާފިޒްއަށްވެސް އެއްޗެއް ބުނެވެނީ ލަޔާލްއާ ދިމާއަށެވެ. ބައްޕަ ގެއަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ހުންނަ ލަޔާލްއަށް ބައްޕަ ދެކެވެސް ރުޅި އާދެވެން ފެށުނީ ގެއަށް އަންނަ ގޮތަށް ލަޔާލްއާ ދިމާއަށް އެއްޗެހި ކިޔާތީއެވެ. އެންމެންގެ ތެރޭ ބާކީވެފައި ހުރި ކަމުގެ އިހުސާސް ކުރެވެމުން ދިޔަ ލަޔާލް ކިޔެވުމާ ދުރުވިއެވެ. ލަޔާލްގެ ޝަކުވާ އަޑުއަހާނެ މީހަކު ނެތެވެ. އުމުރުން 16 އަހަރު ވީ އިރު ލަޔާލްއަކީ ގިނަ ވަގުތު އެކަނި ހޭދަ ކުރާ އަންހެން ކުއްޖެކެވެ. ބޮޑު އާއިލާއެއް އޮވެ އާއިލާ ތެރޭގައި ބާކީވެފައި ހުރި ކުއްޖެކެވެ.

ލަޔާލްގެ ޝަކުވާތައް އަޑުއަހަން ނާފިޒް ދެކޮޅު ހެދުމުން ލަޔާލް ޝަކުވާ ކުރުން ހުއްޓާލިއެވެ. ސަލްމާ ނިޔާވުމަށް ފަހު މާހިރާ ނޫނީ ލަޔާލްއާ އަޅާލާނެ މީހަކު ނެތެވެ. ލަޔާލްގެ ހިމޭންކަމުން ކަމެއް ދެނެގަތީ މާހިރާއެވެ. މާހިރާ ސުވާލު ކުރި ނަމަވެސް ލަޔާލް އެއްވެސް ވާހަކައެއް ކިޔައެއް ނުދިނެވެ. ނަމަވެސް ކަންތައް ވަމުން ދާ ގޮތާމެދު މާހިރާއަށް ޝައްކު ވުމުން މާހިރާ ކައިރިއަށް ލަޔާލް ގެންދަން އުޅުމުން ނާފިޒް އެއްގޮތަކަށްވެސް ގަބޫލެއް ނުވިއެވެ.

އޯލެވެލްއިން ލަޔާލްގެ ނަތީޖާ މާ ރަނގަޅު ނުވި ނަމަވެސް ގޯހެއްވެސް ނޫނެވެ. ނަމަވެސް ނާފިޒްއާ އާއިލާގެ އެހެން މީހުން އެދުމުންވެސް ލަޔާލް އިތުރަށް ކިޔަވަން ދެކޮޅު ހެދިއެވެ. ކިޔަވަން ބޭނުން ނުވާ ނަމަ އޯޝަންލައިންގައި ލަޔާލް ބޭނުން ވަޒީފާއަކަށް ނިކުތުމަށްވެސް ނާފިޒް ބުންޏެވެ. ނަމަވެސް އެކަމަށްވެސް ލަޔާލް ދެކޮޅު ހެދީއެވެ. ދެން އައި ހަތަރު އަހަރުގެ ގިނަ ވަގުތު ލަޔާލް ހޭދަ ކުރީ އެކުވެރި ލީޝާގެ ގޭގައެވެ.

ކުދިން ބޮޑެތިވެ އިތުރަށް ކިޔަވަން ފެށި އިރު ކިޔެވުމާ ދުރުގައި ހުރީ ލަޔާލްއެވެ. ސްކޫލް ނިންމާފައި އިރުފާން ނަމޫނާއަކަށް ބަލައިގެން ސާހިލްވެސް ޚިޔާރު ކުރީ ވިޔަފާރީގެ ދާއިރާއެވެ. ތަޢުލީމީ ދާއިރާ ޚިޔާރު ކުރި އާސިމާއަކީ ޓީޗަރެކެވެ. އާސިމާގެ ދޮށީ ދަރިފުޅު ރާހިންއަކީ ޕައިލެޓެކެވެ. މެދަށް ހުރި ރަމްޝާ ބޭނުންވީ ބޮޑުދައިތަ މާހިރާ ފަދައިން ވަކީލަކަށް ވާށެވެ. އާސިމާގެ ކުދިންގެ ތެރެއިން އޯޝަންލައިންއާ ގުޅެން ބޭނުން ވަނީ ހަމައެކަނި ރަމްޝާއެވެ. އެންމެ ހަގު ރާއިދާ ބޭނުން ވަނީ ޑޮކްޓަރަކަށް ވާށެވެ. މުޅި އާއިލާގައި އެންމެ ހަގަށް ހުރި އާޔާ އޭރު އަދި އުޅެނީ ސްކޫލްގައެވެ. މުޅިންވެސް “އޯވަރ އެޗީވަރސް” ތިބި އާއިލާއެއްގައި ކިޔެވުމާ ދުރު ހަމައެކަނި ކުއްޖަކީ ލަޔާލްއަށް ވީތީ އެކަންވެސް ވީ ލަޔާލްއާ މެދު ނާފިޒް ހިތްހަމަ ނުޖެހުނު ކަމަކަށެވެ.

 

ރާއްޖެއިން ބޭރަށް ކިޔަވަން ދިޔަ ސާހިލް ކިޔަވާ ނިންމާފައި ރާއްޖެއަށް އައި އިރު ލަޔާލްއަށް ނަވާރަ އަހަރެވެ. ސާހިލްއާ ލަޔާލްގެ ކައިވެނި ކުރުވުމުގެ ޚިޔާލު ފުރަތަމަ ކުރެވުނީ މާހިރާއަށެވެ. އޭރުވެސް މާހިރާ ކައިރިއަށް ލަޔާލް ގެނައުމުގެ ޚިޔާލު މާހިރާގެ ހިތުގައި ވިއެވެ. އެކަމަށް މާހިރާއަށް ފެނުނު މަގަކަށް ވީ ލަޔާލްއާ ސާހިލްގެ ކައިވެންޏެވެ. މާހިރާ ބުނެފި ނަމަ ސާހިލް ދެކޮޅު ނުހަދާނެކަމުގެ ޔަގީން ކަން މާހިރާއަށް އޮތެވެ. ލަޔާލް ރުއްސުމަކީވެސް އުނދަގޫ ކަމަކަށް ނުވާނެކަން މާހިރާއަށް އެނގެއެވެ. މާހިރާ ފުރަތަމަ އެ ޚިޔާލު ހިއްސާ ކުރީ އިރުފާންއާއެވެ. އެ ޚިޔާލު އިރުފާންއަށްވެސް ކަމުދިޔައެވެ.

މާހިރާ ހީކުރި ގޮތަށް މާހިރާގެ އެދުމަށް ސާހިލް ދެކޮޅެއް ނުހަދައެވެ. ނަމަވެސް ވިސްނާލަން ވަގުތުކޮޅަކަށް އެދުނެވެ. ސާހިލްގެ ޖަވާބު އަންނާނެ ގޮތް ޔަގީން ވާތީ މާހިރާ ދެން ވާހަކަ ދެއްކީ ލަޔާލްއާއެވެ. ނާފިޒްއަށް ވުރެ ކުރިން ލަޔާލްއާ މާހިރާ ވާހަކަ ދެއްކީ ނާފިޒް ބުނެފި ނަމަ ލަޔާލް އެއްބަސް ނުވާނެ ކަން އެނގޭތީއެވެ. މާހިރާ އުންމީދު ކުރި ގޮތަށް ލަޔާލް ދެކޮޅެއް ނުހަދައެވެ. ލަޔާލް އެ ކައިވެންޏަށް އެއްބަސްވީ ސާހިލްއާ މެދު ހިތުގައި ވަކި އިހުސާސްތަކެއް ވާތީއެއް ނޫނެވެ. އާދަވެފައިވާ ދިރިއުޅުމަށް ބަދަލެއް ގެންނަން ބޭނުން ވާތީ، އެއީ އެ ބަދަލު ގެނައުމަށް އެންމެ ފަސޭހަ ގޮތް ކަމަށް ވީތީއެވެ. އަދި ނާފިޒްއާ ނަސްމާގެ ބެލުމުގެ ދަށުން ނިކުމެ، މީހެއްގެ އަނތްބަކަށް ވުމުން ލިބޭނެ މިނިވަންކަމަށް އެދެވޭތީއެވެ.

ސާހިލްގެ ފަރާތުންވެސް މާހިރާ ބޭނުންވި ޖަވާބު ލިބުނެވެ. ނާފިޒްއާ ހަމައަށް އެ ކައިވެނީގެ ވާހަކަ ދިޔައީ އެ ހިސާބުންނެވެ. މާހިރާއާ އިރުފާން އެކުގައި ގޮސް ލަޔާލްއާ ސާހިލްގެ ކައިވެނީގެ ވާހަކަ ދެއްކުމުން ނާފިޒް ހައިރާންވީ އެ ފަދަ ޚިޔާލެއްވެސް އައިސްފައި ނުވާތީއެވެ. ނަމަވެސް އެ ކައިވެންޏަށް ހިތުން ރުހުމުން ނާފިޒް ގަބޫލުވިއެވެ.

އެއާއެކު އާއިލާ ތެރޭގައި ކައިވެނީގެ ވާހަކަތައް ދެކެވެން ފެށުނެވެ. ސާހިލްއާ ލަޔާލްގެ ކައިވެންޏަކީ އާއިލާގެ ކުދިންގެ ތެރެއިން ކުރެވޭ ފުރަތަމަ ކައިވެންޏެވެ. އެހެން ކަމުން މާހިރާއާ ނާފިޒްގެ އިތުރުން މުހައިމިންވެސް ބޭނުންވީ ވީހާވެސް ކުލަގަދަކޮށް އެ ކައިވެނީގެ ކަންތައް ކުރާށެވެ.

ކައިވެނި ކުރެވުމުގެ ކުރިން ސާހިލް ލަޔާލްއާ ބައްދަލު ކުރަން އެދުނެވެ. ދެ މީހުން އެކަނި ބައްދަލު ކުރީ ސާހިލްމެން ގޭގައެވެ.

“އަހަރެން ވާހަކައެއް ބުނަން ބޭނުން. މެރީ ކުރަން އުޅޭ އިރު އެއްވެސް ކަމެއް ސިއްރު ކޮށްފަ ބާއްވާކަށް ބޭނުމެއް ނޫން” ސާހިލް ބުންޏެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ޕިޔަދަ 11

Next

ހަންޖަރު 7

Next
October 1, 2025

ހަންޖަރު 7

Previews
October 1, 2025

ޕިޔަދަ 11

4 Comments!

  1. Badhalu says:
    October 2, 2025 at 10:39 am

    Sent me a message on instgram @badhalumedia

    1. Mar Sha Mar Sha says:
      October 4, 2025 at 5:02 pm

      ޝުކުރިއްޔާ

  2. kashikeyo says:
    October 2, 2025 at 3:35 pm

    Varah invested in this

    1. Mar Sha Mar Sha says:
      October 4, 2025 at 5:03 pm

      ޝުކުރިއްޔާ ކަށިކެޔޮ

Comments are closed.

Next Episodeހިތަކުން ނުދާނޭ ފިލާ 4←


All Right Reserved!