ހިތަކުން ނުދާނޭ ފިލާ 2
“އަހަރެން ގަބޫލެއް ނުކުރަން. އޭރު ލަޔާލްއަށް ޓްރަސްޓް ނުކުރެވުނަސް އެހާ ދުވަސް ވަންދެން ލަޔާލް އެއްބަސް ނުވާނީ ލަޔާލް އޭރުވެސް ބުނީ ތެދަކަށް ވާތީ ކަން މިހާރު އަހަންނަށް ވިސްނޭ” ރަމްޝާ ބުންޏެވެ.
“ރަމްޝާ ގަބޫލު ކުރިޔަސް އެހެން އެކަކުވެސް ނުކުރާނެ. ބޮޑުއްތައަށް ގަބޫލު ނުކުރެވޭ އިރު ބައްޕަމެން ގަބޫލު ކުރާނެ ހެން ހީވޭތަ؟ އަދި ސާހިލް..” ސާހިލްގެ ނަން ބުނުމާއެކު ލަޔާލްއަށް ރޮވުނީއެވެ.
“ލަޔާލް.. އަހަންނަށް ހުރިހާ އެއްޗެއް ކިޔާދެވިދާނެތަ؟ އައި ވިލް ޓްރައި ޓު ހެލްޕް ޔޫ..” ލަޔާލްގެ އަތުގައި ހިފާލަމުން ރަމްޝާ އެދުނެވެ.
“މިހާރަކު ނޫން.. އިހަށް އަހަރެން ގެއަށް ދާން ބޭނުން.. ފަހުން ހަމަޖެހިގެން ކިޔާދޭނަން.. ރަމް، ތޭންކްސް” ލޯ ފޮހެލާފައި ލަޔާލް ބުންޏެވެ.
“ތޭންކްސް އެކްސެޕްޓް ކުރާނީ މި ކަންތައް ހައްލު ވެއްޖެއްޔާ” ރަމްޝާ ބުންޏެވެ.
ލަޔާލް ކުއްލިއަކަށް ރަމްޝާ ގައިގައި ބައްދާލިއެވެ.
“އެ ކަންތައް ހައްލު ނުވިޔަސް ހެލްޕް ވާން ބުނީތީވެސް ތޭންކްސް” ލަޔާލް ބުންޏެވެ.
“އަހަރުމެންނަކީ ކަޒިންސް، ފެމިލީ..” އެ ވަރަށް ބުނެފައި ރަމްޝާއަށް ކުރިއަށް ނުގެންގޮސް ހުއްޓާލިއެވެ. އެއީ އާއިލާއޭ ބުނި އިރު އެ އާއިލާ އިން ލަޔާލްއާ ދޭތެރޭ ކަންތައް ކުރި ގޮތް، އަދި ފެށުނީއްސުރެވެސް ލަޔާލް އުޅެމުން އައި ގޮތް ހަނދާންވެ އިތުރަށް ބުނަން ނުކެރުނީއެވެ.
“ހެހެ.. ފެމިލީ.. އޯޝަންވިލާ އާއިލާގަ އަހަރެންގެ ފެމިލީއަކީ ހަމައެކަނި ބޮޑުއްތަ، ދެން ކިރިޔާވެސް ރަމް، ބައްޕަ މެރީ ކުރި ފަހުން އަހަންނާ މަންމަ މަތިން ބައްޕަ ހަނދާން ނެތުނީ، ބައްޕަގެ ފެމިލީއަކީ ނަސްމާއާ އާޔާ. އަހަރެންގެ ނަމުގެ ފަހަތަށް ނާފިޒް ކިޔުނީ އޮޅިގެން ކަންނޭނގެ” ލަޔާލް ބުންޏެވެ.
ރަމްޝާއަށް ބުނާނެ އެއްޗެއް ނުވިސްނުމުން ހަމައެކަނި ހިނިތުންވެލީއެވެ.
ލަޔާލް ކެބިންއަށް ވަދެ އިރުކޮޅަކު ގޮނޑީގައި އިނެވެ. ދެ އަތުގެ އުޅަނބޮށި މޭޒުގައި ޖައްސާލާ ދެ އަތްތިލައިން މޫނު ފޮރުވާލައިގެން ލަޔާލް އިނެވެ. އެހެން އިނދެފައި ލަޔާލް މޫނުން އަތް ނެގީ މޭޒުމަތީ އޮތް ފޯން ވައިބްރޭޓް ވާން ފެށުމުންނެވެ.
އެ މަންޒަރު ބަލަން އިން ސާހިލް ތެދުވެގެން އައިސް ލަޔާލްގެ ކެބިންގެ ދޮރު ހުޅުވާލަން އުޅެފައި ހުއްޓުނީ ލަޔާލް ވާހަކަ ދައްކާ އަޑު އިވުމުންނެވެ. ލަޔާލް ފޯނެއްގައި އިން ކަން އެނގުމުން ދައްކާ ވާހަކަ ކިރިޔާ އަޑު އިވޭ ވަރަށް ދޮރު ހުޅުވާލައިގެން ސާހިލް މަޑުކޮށްލިއއެވެ.
“ކިޔާން ދަރިފުޅު، ކިހިނެއް ވީ؟” ފޯން ނެގި ގޮތަށް ލަޔާލް އަހާލިއެވެ.
“އޯހ.. އައި މިސް ޔޫ ޓޫ.. އިރުކޮޅަކުން މަންމަ މި ދަނީ އިނގޭ.. .. ލަވް ޔޫ ޓޫ ބޭބީ، ބާއި..!” ލަޔާލް ފޯން ކަނޑާލާފައި ދަބަސް ނަގައިގެން ތެދުވި ވަގުތު ސާހިލް ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.
ސާހިލް ފެނުމާއެކު ލަޔާލް ހުއްޓުނެވެ. ދެ މީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން އިރުކޮޅަކު ތިއްބެވެ.
ކަކުލާ ހަމައަށް އަންނަ ގަދަ ނޫކުލައިގެ ހެދުމަކާ ހަމަ އެ ކުލައިގެ ފުޅާ ހަރުވާޅަކާ އެކު މެރޫން ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އިރު އެގާރަ އަހަރު ކުރިއާ ބަލާފައި ލަޔާލްއަށް އައިސްފައި ވާ ބަދަލު ސާހިލްއަށް ފާހަގަ ކުރެވުނެވެ. އެކާވީސް އަހަރުގައި ލަޔާލްގެ ކިބައިން ފެނުނު ޅަކަން ފިލާ، އިތުރަށް ފުރިހަމަ ވެފައިވާ ކަމަށް ސާހިލް ހިތާ ހިތުން އެއްބަސް ވިއެވެ. އަހަރުތަކެއް ކުރިން އަބަދުހެން މާހިރާގެ ފަރާތުން އަޑު އިވިފައި ވާ ގޮތަށް، ލަޔާލް ވައްތަރީ ސާހިލްގެ މަންމަގެ މަގާމުގައި ހުރި ލަޔާލްގެ ބޮޑުދައިތަ މާހިރާއާ ކަން ސާހިލްވެސް ގަބޫލު ކުރެއެވެ.
ކުޑަ އިރުން ފެށިގެން އާއިލާގެ ކުއްޖެއް ގޮތުގައި ދެކެމުން އައި ލަޔާލްއާ މެދު ހިތް ބަދަލު ވެދާނެ ކަމަށް ހީ ނުކޮށް ހުއްޓާ ސާހިލްއަށް ލަޔާލް ދެކެ ލޯބި ވެވުނީ އިންތިހާއަށެވެ. ކައިވެނި ކުރީ ސާހިލް ބޭނުން ވެގެން ނޫން ނަމަވެސް ވެދިޔަ ކަންތަކަށް ފަހުވެސް ލަޔާލްއާ ވަކިވާކަށް ސާހިލްގެ ހިތެއް އެއްބަހެއް ނުވެއެވެ. އެހެން ނަމަވެސް ދެން އެ ދެމީހުންނަށް އެކުގައި އުޅެވިދާނެ ކަމާ މެދު ސާހިލްއަށް ޝައްކެވެ. ސާހިލް ލޯބި ނުވާތީއެއް ނޫނެވެ. ލަޔާލްގެ ހިތުގައި ސާހިލްއާ މެދު އެ އިހުސާސް ނުވާތީއެވެ.
ސާހިލްއަށް ބަލަން ހުރި ލަޔާލްގެ ހިތުގައިވެސް އެފަދަ ޚިޔާލުތަކެއް ދައުރުވަމުން ދިޔައެވެ. އެގާރަ އަހަރު ފާއިތުވީ އިރު އެ ސޫރައަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ނިތްކުރިމަތިން ވައަތް ފަރާތުން ކިރިޔާ ފާހަގަވާ ވަރަށް އިސްތަށިގަނޑު ހުދުވެލާފައި ހުރިކަން ފިޔަވާ ސާހިލްއަށް އައިސްފައިވާ ހަމައެކަނި ބަދަލަކީ އައިނު އަޅާފައި ހުރުމެވެ. ކުރިއެކޭ އެއްގޮތަށް އޮފީހަށް އައިސް ހުރީ އަތްދިގު ގަމީހާ ފަޓުލޫނާ ޓައީގައެވެ.
އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެފައި ފުރަތަމަ އިސްޖަހާލީ ލަޔާލްއެވެ. ކޮނޑުގައި ދަބަސް އަޅުވާލަމުން ކުރިއަށް ފިޔަވަޅެއް އަޅާފައިވެސް ލަޔާލް މަޑުކޮށްލީ ދޮރުމަތީ ސާހިލް ހުރުމުންނެވެ.
“މާދަން އޮފިޝަލްކޮށް ޖޮއިން ކުރާނަން..” ސާހިލް ދުރަށް ނުޖެހުމުން އިސްޖަހައިގެން ހުރެ ލަޔާލް ބުންޏެވެ.
“ވައި އާރ ޔޫ ޑުއިންގ ދިސް ލަޔާ؟” ސާހިލް ކުރި ސުވާލާއެކު ބޭނުން ކުރި ނަމުން ލަޔާލްއަށް އިސް އުފުލާލެވުނެވެ. އެ ނަމުން ލަޔާލްއަށް މުޚާޠަބް ކުރާނީ ހަމައެކަނި މާހިރާއެވެ. ކައިވެންނަށް ފަހު ވަކި ހިސާބަކުން ސާހިލްވެސް އެ ނަން ބޭނުން ކުރަން ފެށިއެވެ. އެހާ ދުވަސް ފަހުން ސާހިލްގެ ދުލުން އެ ނަން އަޑު އިވުމުން އިޚްތިޔާރަކާ ނުލާ ލަޔާލްގެ ލޯ ފެންކަޅިވިއެވެ.
“ޑުއިންގ ވަޓް؟” ހަމަޖެހިލަން މަސައްކަތް ކުރަމުން ލަޔާލް އެހިއެވެ.
“އަހަންނާ އެކީ އުޅެން ބޭނުން ނުވާތީ ދިޔައީ.. އަހަރެންގެ އަނތްބެއްގެ ގޮތުގަ ހުރެ އަނެއްކާވެސް ބަލިވެ އިނީ.. އެހެން މީހެއްގެ ދަރިއެއްގެ މަންމައަކަށް ވީ..؟ އެ ހުރިހާ ކަމެއް ކުރެވުނު އިރު ވަކިވާން ބޭނުމޭ ނުބުނެވުނީ ކީއްވެ؟” ސާހިލް އެހިއެވެ.
“އަހަންނަށް ނުބުނެވޭތަ؟ އޭރު ބުނެވުނީ ސާހިލް ބޭނުމިއްޔާ ވަކިވާށޭ ދޯ؟ އެހެންވިއްޔާ އަޑުއަހާ، އަހަރެން ވަކިވާން ބޭނުން، ވަރި ކޮށްދީ” ވަގުތުން ލަޔާލް ބުންޏެވެ.
“އަހަރެން ހީކުރީ ލަޔާ އަހަރެން ދެކެ ލޯބި ވީ ކަމަށް، އެކަމަކު ހުރިހާ ކަމެއް އޮޅުވާލި މީހަކު ލޯތްބޭ ކިޔާފަވެސް ތެދަކަށް ނުބުނާނެ” އިރުކޮޅަކު ލަޔާލްގެ މޫނަށް ބަލަން ހުރެފައި ސާހިލް ބުނެލިއެވެ.
“އަހަރެންގެ ވާހަކަ ބަހައްޓާފަ ބުނެބަލަ، ސާހިލް ކަންތައް ކުރީ ލޯބިވާ މީހުން ކަންތައް ކުރާ ގޮތަށްތަ؟ ލޯބިވެޔޭ ސާހިލްވެސް ބުނި. ޓްރަސްޓްއާ އޮނެސްޓީގެ ވާހަކަ ދެއްކީވެސް ސާހިލް، އެކަމަކު ޓްރަސްޓެއް ނުކުރެވުނު، އޮނެސްޓްއެއްވެސް ނުވެވުނު.. އަހަންނާ އިނދެގެން ހުރެ އަފްޒާ ގޮވައިގެން އުޅުނު ހަނދާން ނެތީތަ؟ އަހަރެން ގޮވައިގެން ހަނީމޫންއަށޭ ކިޔާފަ ދިޔަ އިރު އޭނަވެސް ގޮވައިގެން ދިޔަކަން ހަނދާން ނެތުނީތަ؟” ލަޔާލްވެސް ހިތުގައި ހުރި ވާހަކަތައް ބުނެލިއެވެ.
“އަހަރެންނެއް ނޫނޭ އޭނަ ގެންދިޔައީކީ އޭރުވެސް ބުނިން، މިހާރުވެސް މި ބުނަނީ ހަމަ އެހެން. އަހަރެން ގަބޫލު ކުރަން ލަޔާލްއާ އިން ފަހުންވެސް އަހަންނާ އަފްޒާގެ މެދުގަ ގުޅުން އޮތް ކަން، އޭރުވެސް އަހަރެން ދޮގެއް ނުހަދަން، މިއަދުވެސް ތެދަށް މި ބުނަނީ. ލަޔާލް ގޮވައިގެން އެ ދަތުރު ދިޔަ އިރު ލަޔާލް ނޫން އަންހެން ކުއްޖަކާ އަހަންނާ ގުޅުމެއް ނޯންނާނެ. ކުރިން ވީ ކަމަކަށް ވިއްޔާ އަހަރެން މާފަށް އެދުނީމެއްނު؟ ހުރިހާ އެއްޗެއް ކިޔާދިނީމެއްނު؟” ސާހިލް ވާހަކަ ދައްކަމުން ކުރިއަށް އައެވެ.
“ސާހިލް އަހަންނަށް ޓްރަސްޓް ނުކުރި އިރު އަހަރެން ކީއްވެ ސާހިލްއަށް ޓްރަސްޓް ކުރަންވީ؟ އަހަންނަށް ކުށެއް ކުރެވުނިއްޔާ ކީއްވެ މާފުކޮށްފަ އަލުން އެކީ ނޫޅެވުނީ؟” ލަޔާލްއަށް ޖެހެވުނީ ފަހަތަށެވެ.
ލަޔާލްގެ ސުވާލާއެކު ސާހިލް ބާރަށް އައިސް ލަޔާލްގެ ކުރިމަތީ ހުއްޓި ދެ އަތުން ލަޔާލްގެ ކޮނޑުގައި ހިފާ ބާރުކޮށްލިއެވެ.
“އަހަރެން މާފެއް ނުކުރަންތަ؟ އެކީ އުޅެން ނުބުނަންތަ؟ ދެވަނަ ޗާންސެއް އަހަރެންވެސް ލަޔާލްއަށް ނުދެންތަ؟ އަހަންނާ އެކީ އުޅެން ބޭނުން ނުވާތީ އެ ޗާންސްގެ ބޭނުން ނުކުރީ ލަޔާލްއެއްނު؟ އެ ހުރިހާ ކަމަކަށް ފަހު އަދިވެސް އަހަރެންގެ އަނތްބެއްގެ ގޮތުގަ ލަޔާލް ތި ހުރީ ކީއްވެ ކަން ނުވިސްނޭތަ؟” ސާހިލް ކުރަމުން ދިޔަ ކޮންމެ ސުވާލަކާއެކު އެ ލޮލުން ލަޔާލްއަށް އެއްޗެއް ބުނެދޭން އުޅުނެވެ.
“ސާހިލް ކުރަން ބުނީ ކިހާ ވަރެއްގެ ކަމެއް ކަން އެނގޭތަ؟” ލަޔާލް ސާހިލްގެ މޭގައި ދެއަތް އަޅާ ކޮއްޕާލިއެވެ. ނަމަވެސް ސާހިލް ފަހަތަކަށް ނުޖެހުނެވެ.
“އަހަންނާ އިނދެގެން ހުރެ އެހެން މީހަކަށް ލަޔާލް ބަލިވެ އިނީ.. އެ ވަރުންވެސް އަހަރެން ލަޔާލް ދޫކޮށްލަން ބޭނުން ނުވާތީ އެހެން ބުނީ” ސާހިލް ބުންޏެވެ.
“ސާހިލް އަހަރެން ކައިރީ ބުނީ ސާހިލްގެ އަމިއްލަ ދަރިފުޅު އެބޯޓް ކުރަން.. އެރޭގެ މަތިން ސާހިލް ހަނދާން ނެތަސް އަހަރެން ރަނގަޅަށް ހަނދާން އެބަ ހުއްޓޭ. ސާހިލް ގަބޫލު ނުކުރިޔަސް ތެދެއް ދޮގަކަށް ނުވާނެ. އަހަންނަށް ވުރެ ބޮޑަށް އަފްޒާގެ ބަހަށް ސާހިލް އިތުބާރު ކުރީ. އަހަރެން ބުނި އެއްޗެއް އަޑު އަހަން ދެކޮޅު ނުހެދި ނަމަ.. އަފްޒާ އެހެން ބުނި ފަހުންވެސް އަހަރެން ސާހިލްއާ އެކީ އުޅެން ބޭނުންވީ ކީއްވެ ކަން ސާހިލްއަކަށް ނުވިސްނޭތަ؟ އަހަރެންގެ ބޮލުގަ އެހާ ނުބައި ކަމެއް އެޅުވި އިރު އެކަކުވެސް އެއްވެސް އެއްޗެއް ހިތަށް ނާރާ. ސާހިލްއަށް ވީމަ އެއްބަސްވީއޭ ކިޔާފަ މާފު ކުރަންވީ؟ އެކަމަކު އަހަރެން ކީއްވެ ނުކުރާ ކަމަކަށް އެއްބަސް ވާންވީ؟ އަހަރެން ބަލިވެ އިނީ އަހަރެންގެ ހަލާލު ފިރިމީހާގެ ހަލާލު ދަރިއަކަށް. އަހަންނަށް އެކަން އެނގޭ އިރު ކީއްކުރަން ސާހިލްއަށް އިތުރަށް ކަމެއް ސާބިތު ކޮށްދޭންވީ؟ އަހަރެން ބޭބީ އެބޯޓް ކޮށްފަ އަލުން ސާހިލްއާ އެކީ އުޅުނު ނަމަވެސް ސާހިލްއަށް ދެން އަހަންނަށް އިތުބާރު ކުރެވޭނެތަ؟” ލަޔާލްއަށް ވާހަކަ ދެއްކުނީ ރޮމުންނެވެ.
“އިތުބާރު ކުރެވޭ ގޮތަކަށްތަ ލަޔާލް ކަންތައް ކުރަނީ؟ އެއް ފަހަރަކު ނޫން، ދެވަނަ ފަހަރަށްވެސް—” ސާހިލްއަށް އެ ވަރަށް ބުނެވުނު އިރަށް ލަޔާލް ގައިގައި ހުރި ބާރެއް ދެ އަތަށް ލަމުން ސާހިލް ކޮއްޕާލިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރި ސާހިލް ދެތިން ފިޔަވަޅު ފަހަތަށް ދިޔައެވެ.
“ކަންތައް ވީ ގޮތެއް ބަލާނުލާ ކިތައް ކަންތައް އަހަރެންގެ ބޮލުގަ އަޅުވާނީ؟ އަހަންނަކީ އެހާވެސް ގޮތެއް ނެތް އަންހެނެއް ކަމަށްތަ ހީކުރަނީ؟ ސާހިލް ބުނީމަވެސް އަހަރެން އެބޯޝަންއެއް ނުހަދަން. އަހަރެން ބަލިވެ އިނީ އެންމެ ފަހަރަކު. އަޑު އިވިއްޖެތަ؟” އެ ސުވާލާއެކު ލަޔާލް އަނެއްކާވެސް ސާހިލްގެ މޭގައި އަތް އަޅާ ކޮއްޕާލިއެވެ.
“ކީކޭ މިހާރު ތި ކިޔަނީ؟ ލަޔާލްއެއް ނޫންތަ ބުނީ އެ ބޭބީ—” ސާހިލްއަށް ފުރިހަމައެއް ނުކުރެވުނެވެ.
“އެބޯޝަންއެއްގެ ވާހަކަ އަހަރެން ބުނިންތަ؟ ސާހިލް އެހެން ބުނީމަ އަހަރެން ބުނީ ދެން އަހަރުމެންގެ މެދުގައެއް އެ ބޭބީއެއް ނުހުންނާނެއޭ. އެހެންވެ އަހަރެން ދިޔައީ. ސާހިލްއަށް އެ ބޭބީ ބަލައިނުގަނެވެންޏާ އަހަންނާ ސާހިލްގެ ގުޅުމެއް ނޯންނާނެއޭ އަހަރެން ނުބުނަންތަ؟ އަހަރެން ބަލިވެ އިނީ އެންމެ ފަހަރަކު، އަހަރެން ވިހެއީ އެންމެ ކުއްޖެއް. ހެކި ދައްކަން ވީތަ؟” ރޮމުން ދިޔަ ލަޔާލް ފޯން ހުޅުވާފައި އިރުކޮޅެއް ފަހުން ސާހިލްއާ ދިމާއަށް ދިއްކޮށްލިއެވެ.
ސާހިލް ފޯން އަތުލާ ބަލާލިއެވެ. އެއީ އުފަން ދުވަހުގެ ސެޓްފިކެޓްއެއްގެ ފޮޓޯއެކެވެ. ކިޔާން ސާހިލް އިރުފާންގެ ބައްޕަގެ ނަން އިންނަންވާ ތަނުގައި އިނީ ސާހިލްގެ ނަމެވެ. ކިޔާން އުފަންވެފައި ވަނީ ދިހަ އަހަރު ކުރިންނެވެ. ލަޔާލް ބުނިހެން އެއީ އޭރު ލަޔާލް ބަލިވެ އިނދެ ވިހޭ ދަރިފުޅެވެ.
“އެއީ ސާހިލްގެ ދަރިއެއް ކަން އަހަރެން ބުނީމަ ގަބޫލު ނުކުރެވުނަސް އެކަން ސާބިތު ކުރެވޭނެ ވަރުގެ ޓެސްޓެއް ހެދީމަ ގަބޫލު ކުރެވޭނެތަ؟ ޑީއެންއޭ ހެދީމަ ޔަގީން ވާނެތަ؟ އެކަން ކޮށްފަ ލެއްވިހާ ނުބައި ކަމެއް އަހަރެންގެ ބޮލުގަ އެޅުވުން ހުއްޓާލާ. ތި އެންމެން ބޭނުންހާ ކަމެއް އަހަރެންގެ ބޮލުގަ އަޅުވައިގެން ކިޔާހާ އެއްޗަކަށް ކެތް ކޮށްގެން ވަރަށް ދުވަހު ހުރެވިއްޖެ. ދެން އެހެން ހުންނާކަށް ބޭނުމެއް ނޫން. އަހަންނަށް ދިރިއުޅުމާ މެދު އިތުރަށް ވިސްނޭނީ ސާހިލްއާ މި އޮތް ގުޅުން ނިމިގެން” ސާހިލް އަތުން ފޯން ޖަހައިގަންނަމުން ލަޔާލް ބުންޏެވެ.
“ލަޔާ..” އެއްޗެއް ނުބުނެވިފައި ހުރި ސާހިލްއަށް ގޮވާލެވުނީ ލަޔާލް ދޮރާ ހަމައަށް ދިޔަ ފަހުންނެވެ.
“އަހަރެން މާލެއަށް އަޔަކަސް އެއްވެސް ކަމެއް ބަދަލެއް ނުވާނެ. މިހާ ދުވަސް ވަންދެން އިނދެގެން އުޅުނަސް އަހަރުމެންނަކީ އެއްވެސް ގުޅުމެއް ނެތް ދެ މީހުން. މި ހުރިހާ ދުވަހު އަހަރެން ބުނަމުން އައީ ކިޔާންއަކީ ސާހިލްގެ ދަރިއެކޭ. އެކަމަކު ދެން ދުވަހަކުވެސް ނުބުނާނަން. އަހަންނާ ކިޔާން ބަލާކަށް ސާހިލްއަކަށް ނުޖެހޭނެ. އަހަރެން ދޫކޮށްލާ” ލަޔާލް ހުއްޓިފައި ބުންޏެވެ.
“ވަރިވާން ބޭނުން ވާ އިރު މިހާ ދުވަހު މަޑުކޮށްގެން ހުރީ ކީއްވެ؟” ސާހިލް އެހިއެވެ.
“ކޮންމެވެސް ދުވަހަކުން އަހަރެންގެ ވާހަކަ ސާހިލްއަށް ގަބޫލު ކުރެވޭނެޔޭ ހީކުރެވުނީ.. އެކަމަކު މިހާރު އެނގިއްޖެ ގަބޫލެއް ނުކުރާނެ ކަން. އެކަމަކު އަހަރެން ދެން ބޭނުމެއް ނޫން ސާހިލް ގަބޫލު ކުރޭތޯ ހުންނާކަށް، އެހެންވެ މި ބުނަނީ ޓެސްޓް ކުރާށޭ” ލަޔާލް ބުންޏެވެ.
“ލަޔާ..” އަނެއްކާވެސް ސާހިލް ގޮވާލިއެވެ. ލަޔާލް އެއްޗެއް ނުބުނެ ސާހިލްއަށް ބަލަން ހުއްޓެވެ.
“އަހަންނަށް ލަސް ވޭ. އެހެން ނޫނަސް ދެން ސާހިލް ބުނަން އޮތީ ކީކޭ؟” ސާހިލް އެއްޗެއް ނުބުނެ ގިނަ އިރު ވާން ފެށުމުން ލަޔާލް ބުންޏެވެ.
“ޓެސްޓް ކުރާކަށް ބޭނުމެއް ނޫން..” ސާހިލް ބުނެލި ޖުމްލައިން ލަޔާލް ހައިރާންވިއެވެ.
“އެއީ ސާހިލްގެ ދަރިއެއް ނޫން ކަން އެހާ ޔަގީންތަ؟” ލަޔާލްއަށް އަހާލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.








Good morning! kamudhaane kamah hykuran, ep 3 InshaAllah on Wednesday.
Masha Allah vrh reethi ♥️.. waiting next part
thank u Aisha
Wowwwww… eyna gaboolu kuree e
Waiting waiting curiously ❤️😍
thank u dear, lets see on Wednesday dho
varah reethi. next part avha genes dhehchey mar sha is my fav. hurihaa vaahakaehves varah reethi
oh, thank u dear, asluves tha, v happy vejje