ހިތަކުން ނުދާނޭ ފިލާ 1
އެގާރަ އަހަރު ފަހުން މާލެއަށް އައިސް މާލޭގައި އުޅުމަކީ ލަޔާލްއަށް ފަސޭހަ ކަމަކަށް ނުވިއެވެ. ފަތިހު ފަހެއް ޖެހި އިރު ހޭލި ނަމަވެސް ހަތްގަޑި ބައި ވީ އިރު ގެއިން ނިކުމެވޭ ވަރު ވީ ކިރިޔާއެވެ. ލަސްވީ ކިޔާން ތައްޔާރު ކުރުމުގައެވެ. ކިޔާން ތައްޔާރު ވުމުން ސައި ބޮއެގެން ނިކުމެ ލީޝާމެން ގެއަށް ކިޔާން ލާފައި އޮފީހަށް ގަޑި ނުޖެހި ދެވުނީ ކިރިޔާއެވެ.
އޮފީހަށް ވަދެ ސިޑިއާ ހަމައަށް ގޮސްފައި ލަޔާލްއަށް ހުއްޓިފައި ބަލާލެވުނެވެ. ރިސެޕްޝަންގައި ދެ އަންހެން ކުދިންނާ ފިރިހެނަކު ކައިރީ ކޮންމެވެސް ވާހަކައެއް ދައްކަން ހުރި ސާހިލް ފެނުމުން ލަޔާލްގެ ނޭވާވެސް ހުއްޓުނު ފަދައެވެ. ލަޔާލް ބަލަން ހުއްޓާ ސާހިލް އެނބުރުނެވެ. އެއާއެކު ސާހިލްއަށްވެސް ލަޔާލް ފެނިފައި ހުއްޓުން އެރިއެވެ. ނަމަވެސް ދެތިން ސިކުންތު ތެރޭ ހަމަޖެހިލަމުން ސާހިލް ލަޔާލްއާ ދިމާއަށް އަންނަން ފެށިއެވެ. ސާހިލް ކައިރި ވަމުން ދިޔަ ވަރަކަށް ލަޔާލްގެ ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ. މަޑުކޮށްލުމެއް ނެތި ލަޔާލް ކައިރިން ލާފައި ސާހިލް ސިޑިން އަރައިގެން ދިޔައެވެ. ސާހިލް ގެއްލެން ދެން ހުރެފައި މޭގައި އަތް އަޅާ ފުން ނޭވައެއް ލަމުން ހިތާހިތުން ސާހިލްއާ ދިމާއަށް އެއްޗެހި ކިޔަމުން ލަޔާލް ސިޑިން އަރާ ލަޔާލްއަށް ޚާއްސަ ކުރެވިފައި ހުރި މޭޒުދޮށުގައި އިށީނެވެ.
ލަޔާލް މާލެއަށް އެ އައީ އެގާރަ އަހަރު ފަހުންނެވެ. ދެ އަހަރު ވަންދެން އައްޑޫގައި އުޅެފައި އޭގެ ފަހުން ލަންކާއަށް ބަދަލު ވީ ކިޔާންގެ ސަބަބުންނެވެ. ދިމާވި ހުރިހާ ކަމަކަށް ފަހު ލަޔާލް މާލެއަށް ބަދަލުވީ އެ ކަންތައް ނިމޭނީ ހުރިހާ ކަމެއް ފެށުނު ތަނަށް އައިސްގެން ކަން އެނގޭތީއެވެ.
ކިޔާންއަކީ ލަޔާލްގެ ދަރިފުޅުކަން ނާފިޒްއަށް އެނގުނު ދުވަހު ލަޔާލް އަމިއްލަ ނަފްސަށް ހުވައެއް ކުރިއެވެ. ދަރިއަކަށް ބައްޕައެއްގެ ފަރާތުން ލިބެން ޖެހޭ ލޯތްބާ އަޅާލުން ލަޔާލްއަށް ނާފިޒްގެ ފަރާތުން ދުވަހަކުވެސް ލިބިފައި ނުވެއެވެ. އެހެން ވިޔަސް ލަޔާލްއަކީ ނާފިޒްގެ ދަރިއެކެވެ. ނާފިޒްގެ ކޮންމެ އެއްޗަކަށް ލަޔާލްގެ ހައްގުވެއެވެ. އެހެން ކަމުން ދެން ލަޔާލްއަށް ހައްގު އެއްވެސް އެއްޗެއް ދޫ ނުކުރާނެއެވެ. އެ ގޮތުން އޯޝަންލައިންއާ ލަޔާލް ގުޅުމަށް ހުރަސް އެޅޭނެ އެކަކުވެސް އެ އާއިލާގައި ނުހުންނާނެއެވެ. ނާފިޒްއަކަށްވެސް އަދި ސާހިލްއަކަށްވެސް ދެކޮޅެއް ނުހެދޭނެއެވެ.
ލަޔާލްއަކީވެސް މުހައިމިންގެ އާއިލާގެ ލޭ ހިނގާ ދަރިއެއް ކަން ލަޔާލް ސާބިތު ކޮށްދިނެއެވެ. ލަޔާލް ރާއްޖެއަށް އައީ ބިޒްނެސް އެޑްމިނިސްޓްރޭޝަން އިން މާސްޓަރސް ޑިގްރީގެ އިތުރުން އައިޓީ ދާއިރާއިން ބެޗެލަރސް ޑިގްރީއަކާ އެކުއެވެ.
މާލެއަށް ބަދަލުވުމަށް ހުރިހާ ކަމެއް ހަމަޖެހުމުން ލަޔާލް ގުޅި މާހިރާއަށެވެ. އޯޝަންލައިން އިން ލަޔާލް ބޭނުންވާ މަގާމު ހަމަޖައްސައިދިނުމަށް ސާހިލްއާ ނާފިޒް ގާތު ބުނުމަށް އެދިފައި އެ މަގާމަށް ލަޔާލް ޝަރުތު ހަމަވާ ކަން އެނގޭ ހުރިހާ ލިޔުމެއް ފޮނުވިއެވެ. ތިން ދުވަސް ތެރޭ ލަޔާލްއަށް ނާފިޒް ގުޅިއެވެ. އޯޝަންލައިންއިން ލަޔާލް ބޭނުން މަގާމު ދިނުމަށް ނާފިޒް ދެކޮޅެއް ނުހަދައެވެ. ނާފިޒްގެ އެ ނިންމުމާ އިރުފާންއާ ސާހިލްވެސް އެއްބަސްވިއެވެ. ލަޔާލްއަކީ ނާފިޒްގެ ދަރިފުޅަށް ވުމުގެ އިތުރުން އެ މަގާމަށް ލަޔާލް ހުރިހާ ގޮތަކުންވެސް ޝަރުޠު ހަމަވާ ކަމުގައި އެ ތިން މީހުންނާ މާހިރާވެސް އެއްބަސްވިއެވެ.
ލަޔާލްގެ ކެބިންއާ ސާހިލްގެ ކެބިން ހުރީ ޖެހިޖެހިގެންނެވެ. އެ ދެ މީހުންގެ މެދުގައި ހުރި ބިއްލޫރި ފާރުގެ މެދާ ހަމައިން ފުސްކޮށް ހުރުމުން އަނެއް ފަރާތް ސާފުކޮށް ނުފެނުނު ނަމަވެސް ގޮނޑީގައި އިން ސާހިލް ލަޔާލްއަށް ފެނެއެވެ. އެ ދިމާއަށް ބަލަން އިން ލަޔާލްގެ ހިތަށް ތަދުވިއެވެ. އެހާ ދުވަސް ފަހުން ސާހިލް ފެނުމުން ކުރީގެ ހަނދާންތަކުން ހިތަށް އެހާ އަސަރު ކުރާނެ ކަމުގައި ލަޔާލްއަށް ހީވެސް ވެފައި ނެތެވެ.
އެގާރަ އަހަރު ފަހުން ދިމާވި އިރު އުމުރުން އަހަރުތަކެއް ފާއިތުވި ކަން ފިޔަވާ ސާހިލްއަށް މާބޮޑު ބަދަލެއް އައިސްފައި ނެތެވެ. ހަމަ އެހެން ލަޔާލްއާ މެދު ސާހިލް ދެކެމުން އައި ގޮތަށްވެސް ބަދަލެއް އައިސްފައި ނުވެއޭ ލަޔާލް ހިތަށް އެރިއެވެ. އެހާ ދުވަސް ފަހުން ދިމާވި އިރު ޙާލު އަހާނުލި އިރު އިސް އުފުލާ ލަޔާލްގެ މޫނަށްވެސް ސާހިލް ބަލާނުލިއެވެ. ސާހިލް ކިތަންމެ ރުޅި އަޔަސް އެދެމެދުގައި އޮތް ގުޅުމަށް ބަދަލެއް ނާންނާނެއެވެ.
ސާހިލްގެ މިޒާޖުން ހިތަށް އަސަރެއް ނުކުރާ ކަމުގައި ދައްކަން ބޭނުންވި ނަމަވެސް ގޮނޑީގައި އިށީން އިރު ލަޔާލްގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ލަޔާލްގެ ހިތުގައި ސާހިލްއާ މެދުވާ އިހުސާސްތަކަށް އަދިވެސް ބަދަލެއް ނާދެއެވެ. އެ ހިތުގައި އަދިވެސް ސާހިލްގެ ނަން ވެއެވެ. ނަމެއްގައި އެ ދެމެދުގައި އޮތް ގުޅުން ބަދަލު ކުރަން ސާހިލް އަދި ލަޔާލްވެސް އެހާ ތަނަށް މަސައްކަތެއް ކޮށްފައި ނުވާ އިރު، ދެން އިތުރަށް އެ އަގެއް ނެތް ގުޅުމުގައި ބަނދެވިގެން ހުންނަން ކެތް ނުވާނެކަން ލަޔާލްއަށް ވިސްނުނެވެ.
އަށްގަޑި ސާޅީސް ވީ ތަނާ ލަޔާލް މީޓިންގރޫމަށް ވަނެވެ. އޭރު އިރުފާންއާ މާހިރާގެ އިތުރުން ހުރިހާ ޑިޕާޓްމެންޓެއްގެ “ހެޑްސް” މޭޒުދޮށުގައި ތިއްބެވެ. މަދީ ސާހިލްއާ ނާފިޒްއެވެ. “އޯވަލް” ބައްޓަމަށް ހުރި ބޮޑު މޭޒުގެ ދެ ކޮޅުގައި ހުހަށް ހުރި ދެ ގޮނޑި ފިޔަވާ ދެން ހުހަށް ހުރި ހަމައެކަނި ގޮނޑީގައި މާހިރާއާ ޖެހިގެން ލަޔާލް އިށީނެވެ.
“ލަޔާ..” މާހިރާ ގޮވާލިއެވެ. ލަޔާލް މާހިރާއަށް ބަލާލާފައި ހީލިއެވެ. މާހިރާއަށް އިތުރު އެއްޗެއް ނުބުނެވެނީސް ސާހިލްއާ ނާފިޒް އެކުގައި އައިސް ވަނެވެ.
ބައްދަލުވުން ފެށުމާއެކު ފުރަތަމަ އޮތީ ލަޔާލްގެ ތަޢާރަފެއް ދިނުމެވެ. އަމިއްލައަށް ތަޢާރަފް ވީތީ ލަޔާލް ބުނެދިނީ އޯޝަންލައިންގައި ލަޔާލްގެ މަގާމް އެކަންޏެވެ. އޯޝަންވިލާ އާއިލާއާ ލަޔާލްއާ އޮތް ގުޅުމުގެ ވާހަކައެއް ލަޔާލް ނުބުނެއެވެ. އެކަން އެނގެނީ އެ ތަނުގައި ތިބި އާއިލާގެ މެމްބަރުންނަށް އެކަންޏެވެ. އެއަށް ފަހު އެކިއެކި ޑިޕާޓްމެންޓްތަކުން ފާއިތުވި ހަފްތާގެ ކުރު ރިޕޯޓްއެއް ދިނެވެ. ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ ބައްދަލުވުން ނިންމާލުމުން އާއިލާ މީހުން ނޫން އެހެން އެންމެން ނިކުތެވެ.
“ލަޔާލް، ދެން އެކަނި ނޫޅެ ގެއަށް ބަދަލުވޭ. ވަކިން އުޅެން ބޭނުން ވިޔަސް ގޭގަ ހުންނާނެ ލަޔާލްގެ އެޕާޓްމެންޓް. އެއްވެސް ކަމަކަށް ދައްޗެއް ނުވާނެ” ނާފިޒް ހީވީ ކޮންމެހެންވެސް ބުނަން މަޖުބޫރު ވެގެން ބުނި ހެންނެވެ.
“އަހަރެން މި ކޮމްޕެނީއާ ގުޅުނީ އެޕްލައި ކުރި ޕޯސްޓަށް ކޮލިފައި ވާތީ. އެކަމަކު އާއިލާއާ ގުޅުމަށް އަދި ކޮލިފައިއެއް ނުވޭ ކަންނޭނގެ” އިސް ޖަހައިގެން އިނދެ ލަޔާލް ޖަވާބުދިނެވެ.
“ދަރިފުޅާ، ދެން ކުރީގެ ކަންތައް ހަނދާން ނައްތާލާ. އާއިލާއާ ދުރުގަ ކިތައް އަހަރު ވަންދެން އުޅެވިއްޖެ؟” ލަޔާލްގެ ކޮނޑުގައި ފިރުމާލަމުން މާހިރާ ބުންޏެވެ.
“އެހާ ދުވަހު ދުރުގަ އެކަނި އުޅުނު އިރު އާއިލާ މީހަކު އެއްފަހަރުވެސް ނުބުނޭ އެކީގަ އުޅެން އަންނާކަށް. އެހެން ނޫނަސް އަހަރެންގެ ދަރިފުޅު ބަލައިނުގަނެވޭ ތަނަކަށް އަހަންނެއް ނުދާނަން. އެއީ އާއިލާ ވިޔަސް، ބައްޕަ ވިޔަސް ފިރިމީހާ ވިޔަސް ހެޔޮ” އިސް އުފުލާ މާހިރާއާ ދިމާއަށް ބަލާލަމުން ލަޔާލް ބުންޏެވެ.
ލަޔާލް އެހެން ބުނުމާއެކު ކުރިމަތީ ހުރި ލެޕްޓޮޕް ލައްޕާލުމާއެކު ލެޕްޓޮޕްއާ ފައިލްތައް ނަގައިގެން ސާހިލް ތެދުވި ގޮތަށް މީޓިންގރޫމްއިން ނިކުތެވެ. އެންމެންގެ ނަޒަރު އެ ދިމާއަށް ދަތުރު ކުރި އިރު ލަޔާލް ދެއްކި ވާހަކައާ ވިއްދާ އެކަކުވެސް އެއްޗެއް ނުބުންޏެވެ.
“ކާކު ގާތު ދުވާލު ދަރިފުޅު ބަހައްޓަނީ؟” ދެންވެސް ވާހަކަ ދެއްކީ މާހިރާއެވެ.
“ބޮޑުއްތަ ހާސް ނުވޭ. އަހަރެންގެ ދަރިފުޅު ވިހޭ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މި އާއިލާގެ މީހަކަށް އެ ކުއްޖާގެ އެއްވެސް ކަމެއް ނުޖައްސާ އުޅެވުނު ހެން އިރާދަ ކުރެއްވިއްޔާ ދެންވެސް އަހަރެންނަށް އުޅެވޭނެ” ފެންކަޅިވެފައި ހުރި ލޮލުން މީޓިންގރޫމްގެ ދޮރާ ދިމާއަށް ބަލަން އިނދެ ލަޔާލް ބުންޏެވެ.
“ލަޔާލް ކޮން ދުވަހަކުންތަ ގޮތްދޫކުރާނީ؟ އެއް ފަހަރު ކުރި ކަންތައް ކުޑަވެގެން ދެވަނަ ފަހަރަށްވެސް އެ ވަރުގެ ކަމެއް ކުރި އިރު ލަޔާލްގެ ފިރިއަކު ހުރި ކަންވެސް ހަނދާން ނުވޭތަ؟” ނާފިޒްގެ އަޑާއި ރާގުގައި ވީ ހިތްހަމަނުޖެހުމެވެ.
“އެ ފިރިމީހާ ކައިރީ ބުނިން އެކީގަ އުޅެން ބޭނުން ނޫނިއްޔާ މިނިވަން ވާށޭ. އަހަރެން ކުރި ކުށެއް ވިއްޔާ އޭގެ ސަޒާވެސް ލިބޭނީ އަހަންނަށް. އެއީ އިތުރު ބަޔަކު ބެހެން ޖެހޭ ކަމެއް ނޫން” ލަޔާލްވެސް ދޫނުކޮށް ބުންޏެވެ.
“ބެހެން ޖެހޭނެ. ލަޔާލްއަށް ތިހެން ހީވިޔަސް ލަޔާލް ކުރާ ކަންތަކުގެ ސަޒާ އެހެން މީހުންނަށް ލިބޭ. އިނދެގެން ހުރިއްޔާ ތި ދަރިފުޅުގެ ބައްޕަގެ ނަމަށް ވާނީ ލަޔާލްގެ ފިރިމީހާގެ ނަން. އެހެން ވީމަ ރުޅިވެސް—” ނާފިޒް ރުޅި ގަދަވެ އަޑު ބާރުވިއެވެ.
“އަހަރެން ކޮންމެ އެއްޗެއް ބުންޏަސް ބައްޕަމެން އެންމެން ގަބޫލު ކުރާނީ އޭނަގެ ބަސް. ދެން އިތުރަށް ތި ވާހަކަތައް ނަގައިގެން ދެއްކުމުގެ ބޭނުމެއް އެބަ އޮތްތަ؟ އަހަރެންގެ ސަބަބުން އެހެން މީހެއްގެ ނަން ހަޑި ވަންޏާ އަހަންނާ އޮތް ގުޅުން ކަނޑާލަން ވީނު؟ ނޫނީ އެކަން އަހަރެން ކުރަން ދެންތަ އެ ހުންނަނީ؟ މިހާ ދުވަސް ވީ އިރުވެސް އެއްޗެއް ނުވިސްނުނު ބަޔަކަށް ދެންވެސް ނުވިސްނޭނެ.
އަހަރެން ރާއްޖެއަށް އަޔަސް ބައްޕަމެންނަކަށް އުނދަގުލެއް ނުކުރާނަން. މި އޮފީހުގަ އަހަރެން މަސައްކަތް ކުރިޔަސް އަހަންނަކީ މި އާއިލާއާ ގުޅުމެއް ހުރި މީހެއް ކަން ސިއްރުކޮށްފަ ބާއްވާ. އޭރުން ބައްޕަމެން އަހަންނާ ހެދި ލަދު ގަންނާކަށް ނުޖެހޭނެ. މިދިޔަ އެގާރަ އަހަރުވެސް އަހަންނަށް ދުރުގަ ހުރެވުނު، ދެންވެސް ހުރެވޭނެ.
އެކަމަކު އަހަރެންވެސް އެއްޗެއް ބުނަން ބޭނުން. އަހަރެންގެ ދަރިފުޅާ ބެހޭ ގޮތުން އެކަކަށް އެކައްޗެއްވެސް ނޭނގޭ، އެހެން ވީމަ އެ ކުއްޖާއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ކިޔުމުގެ ހައްގެއް މި އާއިލާގެ އެކަކަށްވެސް ނޯންނާނެ. އެ ކުއްޖާގެ ބައްޕައަށް ނުވާ މީހަކަށް އެ ކުއްޖާ ލައްވާ ބައްޕައެއް ނުކިޔުއްވާނަން. އަހަންނަށް ވުރެ ބޮޑަށް ބައްޕަމެންގެ ދަރިއަކީ އެއީ ކަމަށް ވާ އިރު އަހަރެންގެ ދަރިފުޅު ލައްވާ ބައްޕައަށް ކާފައެއްވެސް ނުކިޔުއްވާނަން. އެހާ ވަރުން ބައްޕައަށް ފުދޭތަ؟” އެހެން ބުނި އިރު އައިސްފައި ހުރި ރުޅިއާއެކު ލަޔާލްގެ ލޮލުން ކަރުނަ އައެވެ. ސުވާލަކުން ނިންމާލި ނަމަވެސް ޖަވާބަކަށް މަޑު ނުކޮށް ލަޔާލް އެ ތަނުން ނިކުތީ ހިފަހައްޓަމުން ދިޔަ ކަރުނަތައް ފައިބަން ފެށުމުންނެވެ.
“ނާފިޒްވެސް މިހާރު ދެން ތި ރުޅި މަޑުކުރަން ވެއްޖެ” ލަޔާލް ނިކުތުމުން މާހިރާ ބުންޏެވެ.
“ދޮންތައަށް އަޑު އިވުނުތަ؟ ފެނުނުތަ؟ އަދިވެސް ގޮތް ދޫނުކުރަން އެ ހުންނަނީ. ކުރި ކުށަށް އެއްބަސްވި ނަމަ، ސާހިލް ބުނި ގޮތަށް ކަންތައް ކުރި ނަމަ މިއަދު އެކަނި އުޅޭކަށް ނުޖެހޭނެ. އަހަރެން ހިތަށް އަރާ ކިހާ ވަރެއް ވީމަ ބާއޭ އެއްޗެއް ވިސްނިގެން އަންނާނީ” ނާފިޒް ބުންޏެވެ.
“ނާފިޒް، އަހަރުމެންގެ ކުށްވެސް ހުރިހާ ކަމެއްގަ އެބަ އޮތޭ. އެ ކުދިން ބޭނުން ނުވާ އިރު ފުރަތަމަވެސް އެ ކައިވެނި ނުކުރުވި ނަމަ މިއަދު މިހެން ނުވީސް ކަންނޭނގެ” އެހާ އިރު ވަންދެން ހިމޭނުން އިނދެފައި އިރުފާން ބުންޏެވެ.
“މަޖުބޫރު ކޮށްގެނެއް ނޫނެއްނު އެ ކައިވެނި ކުރުވީކީ؟ އަހަންނަށް ވުރެ ބޮޑަށް ދޮންތައާ އިރުފާންއަށް އެނގޭނެ އެކަން. ލަޔާލް އެއްބަސް ވެގެން ނޫންތަ ކައިވެނި ކުރީ؟ އެއް ފަހަރުވެސް އެއީ ކުރަން ބޭނުން ނުވާ ކަމެކޭ ނުބުނޭ. ލަޔާލްއަށް ވުރެ ބޮޑަށް ރުޅި އަންނަންވީ ސާހިލްއެއްނު؟” ނާފިޒް ބުންޏެވެ.
“ސާހިލްއަށްވެސް ގޯސްތަކެއް ނުހެދޭ ކަމަކަށް ނުވާނެ. ލަޔާލް އެކަނި ކުށްވެރިއެއް ނުކުރެވޭނެ” އެ ވަގުތު މާހިރާ ބުންޏެވެ.
“އަހަރެން ގަބޫލު ކުރަމޭ ތި ކަންވެސް. އެކަމަކު ސާހިލް މާފަށް އެދުނެއްނު؟ އެކީ އުޅެން ބޭނުން ވިއެއްނު؟ ސާހިލްއަށް ކުރެވުނު ކުށަށް އޭނަ އެއްބަސްވެ މާފަށް އެދުނު އިރު ލަޔާލްއަށް ކީއްވެ އެހެން ނުހެދުނީ؟” ނާފިޒް ދެ އަތުން ބޮލުގައި ހިފާލިއެވެ. ކިތަންމެ ރުޅި އައިސްފައި ހުރި ނަމަވެސް ދަރިފުޅާ މެދު ނާފިޒް ހަގީގަތުގައިވެސް ކަންބޮޑުވެއެވެ.
“ބޮޑުއްތާ، ދޮންބޭ.. އަހަންނަށް ހީވަނީ އެ މީހުންގެ މެދުގަ ވީ ކަންތަކުގެ ހަގީގަތް އެކަކަށްވެސް ނޭނގޭ ހެން. އެ ހުރިހާ ކަމަކީ ވަރަށް ބޮޑު މިސްއަންޑަރސްޓޭންޑިންގ އެއްހެން އަހަންނަށް ހީވަނީ” އެހެން ބުނީ އާސިމާގެ ދަރިފުޅު ރަމްޝާއެވެ.
“ރަމްޝާ ތި ބުނަނީ ކީކޭ؟” ނާފިޒް އަހާލިއެވެ.
“ލަޔާލް އެ ބުނަނީ ތެދަށް ކަމަށް ވެއްޖެއްޔާ..؟ ވިސްނާލަބަލަ ބޮޑުއްތާ.. މިހާ ދުވަސް ވީ އިރުވެސް ލަޔާލް އެއްބަސް ނުވާނީ ކަމެއް ވެގެން ދޯ؟ އެއް ފަހަރުވެސް އެކަކުވެސް އެ ގޮތަށް ވިސްނިތަ؟” ރަމްޝާގެ ވާހަކަ އަޑު އަހަން އެންމެން ތިއްބެވެ.
“އެކަމަކު—” މާހިރާ އެއްޗެއް ބުނަން އުޅުނެވެ.
“ރަމްޝާ އެ ބުނާ ހެން ވެއްޖެއްޔާ މި ހުރިހާ ދުވަހު ލަޔާލްއާ މެދު ވަރަށް ނާއިންސާފުން ކަންތައް ކުރެވުނީ. އެހެން އެންމެންނަށް ވުރެ ބޮޑަށް ސާހިލް..” އިރުފާންއަށް ރަމްޝާ ބުނަން އުޅުނު އެއްޗެއް ވިސްނުނެވެ.
“ދެން ކީއްވެ ސާހިލް..؟” މާހިރާއަށް އަހާލެވުނެވެ.
“ސާހިލްއާ ސުވާލު ކުރަންވީ.. އެ ދުވަހުގެ ކަންތައް ހޯދަންވީ..” ދެންވެސް ބުނީ އިރުފާންއެވެ.
މީޓިންގރޫމް އިން ނިކުތް ގޮތަށް ލަޔާލް ވަނީ ފާހާނާއަށެވެ. އެހާ ދުވަސް ފަހުން ބައްޕައާ ދިމާވުމުން ޙާލު އަހާލުމުގެ ބަދަލުގައި ބައްޕަ ބެލީ ބައްޕަގެ ނަޒަރުގައި އަދިވެސް ލަޔާލްއަކީ ކުށްވެރިއެއް ކަން ހަނދާން ކޮށްދެވޭތޯއެވެ. ސާހިލް އެންމެ ފަހަރަކުވެސް ލަޔާލްއަށް ބަލާވެސް ނުލިއެވެ. އެއީ އަދި ފުރަތަމަ ދުވަހަށް ވީ އިރު ކުރިއަށް އޮތް ދުވަސްތަކުގައި އެ ގޮތުގައި ކެތް ވާނެ ބާއޭ ލަޔާލް ހިތަށް އެރިއެވެ. ނާފިޒްގެ ނުރުހުމާ ރުޅިއަށް ހޭނިފައި ހުރި ކަމުގައި ހީކުރެވުނު ނަމަވެސް އެހެން ނުވިއެވެ. އަދިވެސް ބައްޕަގެ ލޯތްބަށް އެދެވޭކަން ލަޔާލްއަށް އިހުސާސް ކުރެވުނީ ބައްޕައާ ކުރިމަތި ލާން ޖެހުމުންނެވެ.
ހަމަ އެހެން ސާހިލްއާ މެދު ލަޔާލްގެ ހިތުގައި އުފެދުނު އިހުސާސްތައް ބަދަލު ނުވާކަންވެސް ޔަގީންވިއެވެ. އަބަދުވެސް ލަޔާލް އުޅެން ޖެހޭނީ އެހެން ހެއްޔެވެ؟ ލޯތްބަށް އެދިއެދި އޮތް ލަޔާލްގެ ހިތަށް މާޔޫސީއާ ހިތާމަ ނޫނީ ނެތީ ހެއްޔެވެ؟
ރޮއެރޮއެ ހުރި ލަޔާލް ސިހުނީ ދޮރުގައި ޓަކި ޖަހާލަމުން ލަޔާލްގެ ނަމުން ގޮވާލި އަޑު އިވުމުންނެވެ. އަވަސް ކޮށްލައިގެން މޫނު ދޮވެލާ އަލުން މޫނު ރީތިކޮށްލާފައި ހަމައަކަށް އެޅިލުމުން ލަޔާލް ދޮރު ހުޅުވާލި އިރު ބޭރުގައި ހުރީ ރަމްޝާއެވެ.
“އާރ ޔޫ އޯކޭ؟” ރަމްޝާ އަހާލިއެވެ.
“އާ ކަމެއް ނުވެއެއްނު؟ އެހެން ވީމާ އޯކޭ ނުވާކަށް ނުޖެހޭ ދޯ؟” ލަޔާލް ބުންޏެވެ.
“ދޮންބެ އެބަ ގޮވާ.. އެބަ އިން މީޓިންގްރޫމްގަ” ރަމްޝާ ބުންޏެވެ.
“އެއް ދުވަހަށް ވާ ވަރު ވެއްޖެ. މިއަދަކު ދެން އެ ހުރިހާ އެއްޗެއް އަޑެއް ނޭހޭނެ. އައިމް ގޮއިންގ ހޯމް. މާދަމާ އޮފިޝަލްކޮށް އަހަރެން ނިކުންނާނަމޭ ބުނެދީ” ރަމްޝާއާ ދިމާއަށް ނުބަލާ ހުރެ ލަޔާލް އެދުނެވެ.
“ލަޔާލް.. އޭރު ކަންތައް ވީ ގޮތް—” ރަމްޝާއަށް އެ ވަރަށް ބުނެވެން ވީ އިރު ލަޔާލްގެ ދެލޯ އަނެއްކާވެސް ފުރިގެން އައެވެ.
“ޕްލީޒް، އެ ވާހަކަތައް ދައްކާކަށް ދެން ބޭނުމެއް ނޫން. އެކަކުވެސް އަހަރެން ބުނާ އެއްޗެއް އަޑެއް ނާހާނެ. ބައްޕައަށް އަބަދުވެސް އަހަންނަށް ވުރެ އެހެން މީހުން މުހިންމު ވާނީ. ފުރަތަމަ ދައްތަ، ދެން އާލިޔާ، ދެން ސާހިލް.. ބޮޑުއްތަވެސް އަހަރެން ބުނި އެއްޗެއް އަޑުނާހާ ސާހިލްގެ ވާހަކަ ގަބޫލު ކުރީ. ދެން އަލުން ފަށައިގެން ކީއް ކުރަން އެ ވާހަކަތައް ދައްކަނީ؟” އެ ވަރަށްވެސް ރަމްޝާ ގާތު ލަޔާލްއަށް ބުނެވުނީ ކުރިންވެސް އާއިލާ ތެރޭގައި ލަޔާލްއާ ކިރިޔާވެސް ވާހަކަ ދައްކާ ކުއްޖަކަށް ހުރީ ރަމްޝާ އެކަނި ކަމަށް ވާތީއެވެ.
“އަހަރެން ގަބޫލެއް ނުކުރަން. އޭރު ލަޔާލްއަށް ޓްރަސްޓް ނުކުރެވުނަސް އެހާ ދުވަސް ވަންދެން ލަޔާލް އެއްބަސް ނުވާނީ ލަޔާލް އޭރުވެސް ބުނީ ތެދަކަށް ވާތީ ކަން މިހާރު އަހަންނަށް ވިސްނޭ” ރަމްޝާ ބުންޏެވެ.
“ރަމްޝާ ގަބޫލު ކުރިޔަސް އެހެން އެކަކުވެސް ނުކުރާނެ. ބޮޑުއްތައަށް ގަބޫލު ނުކުރެވޭ އިރު ބައްޕަމެން ގަބޫލު ކުރާނެ ހެން ހީވޭތަ؟ އަދި ސާހިލް..” ސާހިލްގެ ނަން ބުނުމާއެކު ލަޔާލްއަށް ރޮވުނީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.








Masha Allah vrh reethi ♥️.. kon dhuvasthakuga mi vaahaka genesdhe nee
hi, Aisha, thank u, Sundays and Wednesdays ga vaahaka genesdheynan
Masha allah varah shauguverivaa fadha feshumeh💗
Can’t wait to read 💗💗
thank u Dhona
Omg this is sooo nice…
You are one of my fav authors, and it’s been ages your story eh kiyaalaa hithun hunnathaa… And finally… Your new story eh kiyaalan libihjje…
When in next episode…??
And mi vaahaka kiyaalan libeynee kon dhuvasthakaku??
Lysmmm>>>
oh, asluves tha, thank u so much Someone, Marsha vaahaka eh genesnudhy ehaa dhuvaheh adhi nuvey. Sundays and Wednesdays ga vaahaka genesdheynan
Maashaa Allah…. feshun vx varah asaru gadha varah reethi…..
Mi vaahaka genesdheynee kon dhuvas thakehga thw??
thank u dear, InShaAllah Sundays and Wednesdays
wooow MA vrh reethi vhk ehge feshumeh
kon irakun dhevana bai kiyaalan libeynee
<3
thank u rumi, Sunday ga episode 2 kiyaaleveyne
Hi Marsha, varah happy vehjje Marsha ge new story eh kiyaalan libunyma.. esfiya pro ah liyun vaahaka ves fennan inna dhe thin line kiyaalin konme part ehgga ves.. Marsha ge vaahaka akah abadhu ves inthizaaru kurevey hama Gina haadhisa thakakee real life ga ves lolu kuri matheega hingaafa huri kankan v ma Marsha ge vaahaka thah varah kiyaa hithun kiyani kurin liyefa hunna vaahaka thah ves dheythere dheytherein alun kiyaalevey.. I’m your top fan eh Hama.. your writings has touched my heart and mind so many ways, and I can’t thank enough busy life ehgga ulhemun vaahaka thah kiyuntherin aa hama ah genedheythy ves
next part ge inthizaaruga vaguthu gunan fashaifin
abadhu ves thigothuga kuriah dhaane kamah ummeedhu kuran 😊🤍
hi, butterfly, thank u so much dear,
V reethi
Keep it up
thank u shynyx