
އަލްމާޝް 17
މިނާގައި ހިނގި ފިތިބާރުވުމުގެ ހާދިސާގެ ސަބަބުން ބިރުވެރި އަދި ހާސްކަމެއްގައި ތިބި ލޯބިވާ ޝޯނާގެ މައިންބަފައިންގެ ހާލު ކައިރިން ބަލާލުމުގެ ބޭނުމުގައި ނިމާން ސައޫދީއަށް ފުރީ ހަމައެކަނީ އަލްމާޝްއަށްޓަކައެވެ. އަދި މަދީނާގައި ކިޔަވަންހުރި ކޮއްކޮ މޯނާގެ ހާލުވެސް ބަލާލުމާއެކުއެވެ. ނިމާންގެ އުއްމީދަކީ އެނބުރި އަންނައިރު އަލްމާޝްގެ ހިތް އޭނާއަށްޓަކައި ސާފުވެފައި އޮތުމެވެ.
އަލްމާޝްގެ އެތައް އާދޭސްތަކާއެކު އީދު ބަންދު ނިމުމާއެކު އެއްދުވަސް ވެސް ލަސްނުކޮށް އަޒްމާގެ އާއިލާ މާލެއައީ އަންނަ ހަމަޖެހިފައި އޮތް ދުވަހުގެ އެއްދުވަސް ކުރިންނެވެ. ދީމާވެސް މާލެއައިސް ގުޅާ ވަރުން އަޒްމާގެ ބޮލަށް އުނދަގޫވާ ވަރުންނެވެ. މާލޭ ފަސްގަނޑުގައި ފައި ޖެހުމާއެކު އަލްމާޝް ނިމާންގެ ނަމްބަރަށް ޑަޔަލްކޮށްލިއެވެ. ކުރިންވެސް ލިބުނު ޖަވާބު ލިބުމުން އަލްމާޝް ހާސްވިއެވެ. އަނެއްކާ ނިމާންއަށް ކަމެއްވީބާއޭ ހިތަށްއަރާ ހިތް ބިރުގަންނަން ފެށިއެވެ. އަލްމާޝްގެ އެދުމުގެ މަތިން އަޒްމާ ކާރު މަޑުކޮށްލީ ހަވޭލީ ކުރިމައްޗަށެވެ. އަލްމާޝް ކާރުން ފައިބާ ބޭރުގައި މަޑުކޮށްލީ މާޝަލް އުރާލައިގެން އަޒްމާ ފައިބަންދެންނެވެ. އެދަރިފުޅާ އަޒްމާގެ ދެމަފިރިންނާއި ދިޔާ ލޯބިކުރާ މަންޒަރުފެނި އަލްމާޝްގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަލްމާޝްގެ ބުރަކަށީގައި އަތްހާކާލަމުން އަޒްމާ ބުނީ ދެދުވަސް ފަހުން އޭނާގެ ބޭބެ މާލެ އަންނަ ކަމަށާއި އެދުވަހު އެގޭގައި ހަދާ ކެއުމުގައި ކޮންމެހެންވެސް އަލްމާޝް ބައިވެރިވާންވާނެ ކަމުގައެވެ. ހީލާފައި އަލްމާޝް އަޒްމާގެ ގައިގާ ބައްދާލުމުން އަދުނާންވެސް އަލްމާޝްގެ ބޮލުގައި ފިރުމާލިއެވެ. ދިޔާވެސް އެންމެފަހު ވަގުތު އަލްމާޝްގެ މެދުހަށީގައި ބައްދާލާ ބޭބީ މަތިން ވަރަށް މިސްވާނޭ ބުނީ ތުންފިއްތާލާފައެވެ. އަލްމާޝް ކުޑަކޮށް ގުދުވެލާފައި ދިޔާގެ ކޮލަށް ދޮނެއް ދެމުން މާޝަލްގެ މޫނުވެސް ދިޔާގެ މޫނުގައި ޖައްސާލާ މާލްވެސް ދިޔާދައްތަ މަތިން ހަނދާންވާނޭ ބުނެލިއެވެ. އަލްމާޝް ގެއަށް ވަނުމުން އެމީހުންގެ މަންޒިލަށް ދިއުމަށްޓަކައި ކާރު ކުރިއަށް ދުއްވާލިއެވެ.
އަލްމާޝްގެ އަތްދަބަހުގައި އޮތް ތަޅުދަނޑިން ގޭބޮޑު ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެ ދިމަދިމާ ހޯދާލުމުން އަލްމާޝްއަށް އެގެއިން މަރުހަބާކިއީ އެކަނިވެރިކަމެވެ. ވަގުތުގެ ގޮތުން ނިމާންވާނީ ހޮސްޕިޓަލުގައޭ ހިތާ ހިތްހަމަޖައްސާލައިގެން ކޮޓަރިއަށް ވަދެ މާޝަލް ފެންވަރުވާލުމަށްފަހު ނިންދަވާލިއެވެ. އަދި އަލްމާޝް ވެސް ފެންވަރާލައިގެން ނިމާން ވަޒީފާއިން އެނބުރި އަންނަންވާއިރަށް ސަޕްރައިޒެއްދޭން ހިތުގައި މޮޅަށް ރާވާލިއެވެ. އަލްމާޝްއަށް ނޭނގުނީ އަލްމާޝްގެ ވަކިވުމަށްފަހު ނިމާން އެގޭގައި ދިރިނޫޅޭކަމެވެ. ލިބުނު ވަގުތުތަކުގައި ގޭތަންތަން ސާފުކުރަމުން އަލްމާޝް ދިޔައީ ވަގުތު ގިނަހެން ހީވާތީއެވެ. އެއްވެސް ރައްޓިއްސަކަށް އަންގާލަންވެސް އަލްމާޝް ހަނދާނެއްނެތެވެ. ހީކުރިގޮތާ ހިލާފަށް އިޝާނަމާދު ވަގުތު ފާއިތުވެގެން ދިޔައިރުވެސް ނިމާންގެ އެއްވެސް ހަބަރެއް ނުވެއެވެ. އަލްމާޝްގެ ހިތްބިރުން ތެޅިފޮޅެން ފެށުމުން ފޯނުނަގާ ޖިނާންއަށް ގުޅަން ނަންބަރު ޖަހާލިއެވެ.
“އިޓްސް މީ… މާޝް….މާން….މާން ވީތަނެއް އެނގޭތަ” އަލްމާޝްގެ ސުވާލުން ނިމާން ކުޑަވުގުތުކޮޅަކަށް ފަސްޖެހުނުކަން އެނގުނެވެ. އެއަށްފަހުން ދިން ޖަވާބުން އަލްމާޝްގެ ލޮލުން ކަރުނަތައް ފެންކޯރަކުން ފެންފައިބާ އުސޫލުން އޮހިގަތެވެ. އަތުން ފޯނު ދޫކޮށްލުމަށްފަހު ކައިރީގައި އަޑުލައްވަން އޮތް ކުޑަކުޑަ މާޝަލްނަގާ ބާރަކަށް ބައްދާލއެވެ. ފޯނު ނިވާލައިގެން މާން އެއުޅެނީ ކޮންތާކުބާއެވެ. ޖިނާން ބުނި ގޮތުންވިއްޔާ ނިމާންގެ ހަބަރެއް އޭނައަށް ވެސް ނުވާތާ ދެދުވަސްވީއެވެ. މިމާލޭގައި ޖިނާން ނޫނީ ނިމާން އެގޮތަށް ދާނޭ ރައްޓެއްސެއް އަލްމާޝްއަށް އެނގިގެން ނުހުންނާނެއެވެ. އެހެންވީއިރު ނިމާން އެދިޔައީ ކޮންތާކަށްހެއްޔެވެ؟؟؟ މާފަށްއެދޭނެ ފުރުސަތެއްވެސް ނުދީ ނިމާން އެނބުރި ގައުމަށްދިޔައިކީ ނޫންބާއެވެ…. ؟؟؟ ޖަވާބުނުލިބޭ އެތަކެއް ސުވާލުތަކެއް އަލްމާޝްގެ ހިތަށް އަރަންފެށުމުން ބޮލަށް އުނދަގޫވާން ފެށިއެވެ. އަލްމާޝްގެ މޭގައި ލައްވެގަނެގެން ނިދާލާފައި އޮތް މާޝަލް އެނދުގައި ބާއްވާލަމުން އެނދުން ތެދުވެ ލޮލުންފައިބާ ކަރުނަތައް ފޮހެލަމުން ކޮޓަރިތެރޭން ބޭރު ފެންނަ ގޮތަށް ހުޅުވާލާފައި ހުރި ކުޑަދޮރު ކައިރިއަށް ހުއްޓުނީ ހަވީރުންސުރެ ވެހެންފެށި ވާރޭ ބޯކުރާހެން ހީވުމުން ކުޑަދޮރު ލައްޕާލުމަށެވެ.
ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު އަޒްމާ އަވަސްވެގަތީ ތަށިތައް ނަގާ ބަދިގޭ މަސައްކަތްތައް ނިންމާލުމަށްފަހު ހަވީރުއްސުރެ ކޮޓަރިން ނުނިކުމެ އޮތް ދީމާއާއި ވާހަކަދައްކަން އެކޮޓަރިއަށް ވަނުމަށެވެ. ކޮޓަރީގެ ތަޅުގައި ހިފާލިއިރު އެތެރެއިން ތަޅުލާފައި ހުރުމުން ދެފަހަރަކު ދީމާގެ ނަމުން ގޮވާލާ ތަޅަށް އަނބުރާލިއެވެ. ދީމާ ދޮރުހުޅުވާލުމާއެކު އަޒްމާ ކޮޮޓަރިއަށްވަދެ ދޮރު ކައިރިކޮށްލިއެވެ.
“މީހުން ބުނޭ ރޯން ފަށައިފިއްޔާ ހުއްޓާނުލާ ނުވާނޭ… ބަނޑުހައިވިއްޔާ ނުކައި ނުފުދޭނޭ…ބަދިގޭގައި ހުންނާނެ ދަރިފުޅަށް ކާއެއްޗެހި ނަގާފަ… ބަނޑުހައިވީ އިރަކުން ގޮސްކާތި” ބޮޑު އެނދުގައި ބަންޑުން އޮށޯވެގެން އޮތް ދީމާ ބުރަކަށީގައި ފިރުމާލަމުން އަޒްމާ ބުނެލިއެވެ. މަންމަގެ އޯގާތެރި އަޑު އިވުމުން ދީމާއަށް އެހެން އޮންނާކަށް ނުކުރެނުވެ. ތެދުވެ ހެޑްބޯޑުގައި ލެގިލާ އަޒްމާއަށް ކުރިމަތިލާ ދެއަތްތިލަ ގުޅުވާލާ ދެފައިދަމާލަމުން އުނގުމަތީގައި އަތްތިލަ ބާއްވާލިއެވެ. އެއްފަހަރު ހަތަރުކަޅި ހަމަކޮށް އަޒްމާއަށް ބަލާލަމުން ދެލޯ ތިރިކޮށްލުމުން އަޒްމާ ކައިރިއަށް ހިނިއައެވެ.
“ދަރިފުޅަށް ހީވޭތަ މަންމައާއި ބައްޕަ ދަރިފުޅުދެކެ ލޯބިނުވާހެން… މަންމައާއި ބައްޕަގެ އިންދި ގަހުގައި އެންމެ ފުރަތަމަ އެޅި މޭވާއަކީ ތީ… މަންމަގެ ދީމާ… މަންމަގެ ފުރާނަ…ބައްޕަގެ ދެލޮލުގެ ދެނޫރު… މަންމަ ހީކުރީ ބޮޑުވެ ވަޒީފާއަށް ނިކުމެ އުޅެންފެށުމުން ދަރިފުޅަށް ވަރަށް ވިސްނޭކަމަށް…ބައްޕަ އެއްޗެއް ބުނީމަ ދަރިފުޅަށް ތިވަރުވާކަށް އަދި ނުޖެހެއެއްނު” ދީމާގެ އުނގުމަތީގައި އޮތް އަތްމަތީގައި އަޒްމާ އަތް ބާއްވާލަމުން ދީމާއަށް ވިސްނާދެވޭތޯ ބެލއިެވެ.
“ބައްޕަ މާގިނައިން އެއްޗިހި ކިއީ… އަހަރެން ބުނިހާވެސް އެއްޗަކީ މިގޭ ކީއްކުރަން ބެހެއްޓި އަންހެނެއްހޭ އެއީ.. އަހަރެން ފޫހިވާ މީހުން އަހަރެން އުޅޭ ގެއަކު ބަހައްޓަން ބޭނުމެއްނޫން….” ދީމާ ޝަކުވާކޮށްލުމުން އަޒްމާ ދެފަރާތަށް ބޯތަޅުވާލިއެވެ.
“މަންމަ ކިތައް ފަހަރު ބުނަންވީ އެއީ ވަރަށް ހާލުގަ ޖެހުނު ދެމައިންނޭ… މީހަކަށް ހެޔޮކޮށް ކަމެއް ކުރީވިއްޔާ އެކަމުގެ ބަދަލު ލިބޭނެ.. މިދުނިޔޭން ނުލިބުނިއްޔާ އެދުނިޔޭން ލިބޭނެ… މަންމަ ހީކުރީ ދަރިފުޅުގެ ގައިގަ ހުންނާނީ މަންމަގެ ސިފަކަމަށް” އަޒްމާ ބުނެލިއެވެ.
“އަހަރެން ހިތުގަވެސް މީހުންނަށް ރަހްމު އޮވެއޭ މަންމާ… އެކަމު އެއަންހެނާ ދެކެ އަހަރެން ވަރަށް ފޫހިވޭ…”
“ދަރިފުޅާ.. ދުނިޔޭގައި މިހޭދަކުރާ ދެތިން ދުވަހު ތިހެން އުޅޭކަށް ނުވާނެ… އޭނަދެކެ ދަރިފުޅު ފޫހިވާން ކޮބާތަ އެމަންޖެގެ ކުށަކީ؟؟ ދަރިފުޅަށް ނޭނގުނަސް އެމަންޖެ އެނބުރި ގެއަށް އެދިޔައީ ވަރަށް ހިތާމައިގާ އުޅެފަ… ދަރފުޅަށް އެނގޭތަ އެމަންޖެއާއި ކުރިމަތިވީ ކިހާވަރެއްގެ ކަމަކާކަން ތިހެން ބުނާއިރު” ކުއްލިއަކަށް ދީމާ ކޮޅަށްތެދުވެ ބުނި ޖުމްލައަކުން އަޒްމާގެ ދެލޯ ބޮޑުވިއެވެ.
“އާނ…މަށަށްވުރެ ބޮޑަށް ކާކަށް އެނގޭނީ…” ދުލުން ޖުމްލަ ބޭރުކޮށްލުމަށްފަހު ދީމާ އެނބުރި އަޒްމާއަށް ބަލާލިއިރު ދީމާއަށް ހުއްޓިފައިހުރި އަޒްމާގެ ދެލޯ ފެނުމުން ހުއްޓުން އެރިއެވެ. އަވަސްއަވަހަށް ފަހަތަށް އެނބުރިލާ ފުންނޭވާއެއް ދޫކޮށްލީ މީހާ ހަމަޖެހިލުމަށެވެ.
“މަންމާ… އަހަރެން މިހީކުރާކަހަލަ ކަމެއްދޯވީ… މިބުނީ އޭނަގެ ފިރިމީހާ އޮޅުވާލީ ދޯ… ރަނގަޅަށްތަ މިބުނީ މަންމާ” އަޒްމާ އަށް ހަމަޖެހިލެވުނީ ދެނެވެ. އޭނަ ހިތަށްއެރި ގޮތަށްވީނަމަ މިއަދު އޭނާ ހަދާނީވެސް ކިހިނެއްހެއްޔެވެ؟؟؟ ލޯބިވާ ދަރިފުޅާ ދޭތެރޭ އެގޮތަށް ވިސްނުނީތީ އަޒްމާ ދެރަވެއްޖެއެވެ.
ދީމާގެ އެނދުގައި އަޒްމާ އިށީނުމުން ދީމާވެސް ކައިރީގައި މަޑުމަޑުން އިށީނދެލިއެވެ. “އަޅާނުލާ މަންމާ… އެވަރު ކަމެއްނޫން އެއީ… އޯކޭއޭ އޭނަ މިގޭ ހުއްޓަސް.. އެއީ މަޖާކޮށްލަން ދެއްކި ވާހަކައެއް… މަންމަ މާ އަވަހަށް ސީރިޔަސް ވީ….” އަޒްމާ ދީމާގެ މޫނުގެ ދެފަރާތުން ހިފާލައި ނިއްކުރިމަތީގައި ތުންފަތް ޖައްސާލާ ކާން އައުމަށް ބުންޏެވެ. “މަންމާ… ބައްޕަ ކައިރީގައި ބުނޭ މާފްކޮށްދޭށޭ…. ” އަޒްމާ ނިކުންނަން ހިނގައިގަތުމުން ދީމާ ބުނި އެއްޗަކުން އަޒްމާ ހީލާފައި ކޮޓަރިން ނިކުތެވެ. ދީމާގެ އަމިއްލަ ސަލާމަތަށްޓަކައި އަޒްމާގެ ކައިރީގައި މިފަދަ ގޮތްގޮތަށް އޮޅުވާލި މީ ފުރަތަމަ ފަހަރެއްނޫނެވެ. އެނދުގައި އޮށޯވެލުމާއެކު ދީމާއަށް މިހާތަނަށް ކަންތައް ކުރެވިފައިވާ ގޮތާއިމެދު ވިސްނާލިއެވެ. މަންމައާއި ބައްޕަގެ އެތައް އާދޭހަކާއެކު ވެސް ދީމާ މީހަކާ އިންނަ ހިޔާލެއް ނުކުރިއެވެ. މީހަކާ އިނދެގެން އަމިއްލަ މިނިވަންކަން ނަގާލަން ދީމާ ބޭނުމެއްނުވޭއެވެ. ދީމާ ކިތަންމެ ވަރެއް ކުރިޔަސް ހަރާން ގޮތްގޮތަށް އަރާމު ލިބިގަތުން އެއީ ދީމާއަށް ހުއްޓޭނެ ކަންކަމެއްނޫނެވެ. އެންމެ ފުރަތަމަ ދީމާ މިފަދަ ގޮތަކަށް ގުޅުމެއް ހިންގީ ރާއްޖޭންބޭރުގައި ދިރިއުޅުނުއިރުއެވެ. އެއީ ޖަޕާން ކުއްޖަކާއެކުއެވެ. އޭގެފަހުން އެކަމަށް މާބޮޑަށް ދެވި ހިފީއެވެ. މަތިންބައިންވެސް މީހުން ކައިރީގައި އެކަމަށް އެދެވެން ފެށީއެވެ. އެކިފަހަރު އެކިމީހުންނާއެކު ގުޅުން ހިންގުމުން ދީމާއަށް މަޖާވަނީއެވެ. އެކިމީހުން އަޅާކިޔަން ދީމާ ބޭނުންވަނީއެވެ. މީހާތަނަށް ދީމާ ބޭނުންވި ކޮންމެ މީހަކާއެކު އެފުރުސަތުގެ ބޭނުން ހިފިފައިވެއެވެ. ދީމާގެ އެދުމަށް ހަމައެކަނި ފުރަގަސްދިން ފަރާތަކީ ނިމާންއެވެ. އެންމެ ބޮޑަށް އެދެވުނީވެސް ނީމާންއަށެވެ. ނިމާންކައިރީގައި އެއްރޭ ނިދާލަން ލިބުނީމަވެސް ބޭނުން ފުރިހަމަނުވީއެވެ. ނިދާފައި އޮތް ނިމާންގެ ހަށިގަނޑުގެ އެތަންމިތާ ދީމާ ބީހުނު އިރު ވެސް ނިމާންގެ ފަރާތުން ކުޑަވެސް އިޝާރާތެއް ނުވުމުން އެހަށިގަނޑުގައި ބައްދާލައިގެން އޮވެ ނިދީއެވެ. ދެރައީ ދެމީހަކު ދީމާއަށް ލަނޑުދިނީމައެވެ. މާލެ އައިފަހުން އެއްފަހަރު ބަލިވެއިނީ މީހެއްގެ ފިރިއަކަށެވެ. އެފަހަރު ޒައުމާދިން ބޭސްތަކެއް ކައިގެން ހަމައަކަށް އެޅިފައި ހުއްޓާ ދެވަނަ ފަހަރަށް ދީމާއަށް ގަސްދުގައި ލަނޑެއްދިނީ ޑރ.މަނޯޖްއެވެ. މިފަހަރު ރާއްޖޭންބޭރަށް ދިޔައީ ބަނޑަށް ތިންމަސް ވުމުން ބަނޑުދޮންނަން ވެގެންނެވެ. އެކަން ހަމައެކަނި އެނގޭ މީހަކީ އެކުވެރި ނާޒްއަށެވެ. ޒައުމާ ގުޅުންކަނޑާލިފަހުން އެހީތެރިވީ ދީމާ ކަހަލަ އެކުވެރިއެކެވެ. ކޮންމެގޮތަކަށް ކަންތައް ވިޔަސް ދީމާ މިކަންހުއްޓާލަން ވިސްނާފައެއްނެތެވެ. ދީމާ ދެކޭގޮތުގައި ހުރިހާ ފަހަރަކު އެއްގޮތެއް ނުވާނެއެވެ. އެކަންތައްތަކަކީ ދިރިއުޅުމުގެ އެއްބައެވެ. ދިރިހުރުމަށްޓަކައި އިންސާނާ ފެނަށް ބޭނުންވާ ފަދައިން ދީމާވެސް ބޭނުންވާ ކަންތަކެވެ. މިރޭމީ އެކަހަލަ ރެއެކެވެ. ދިމާ މިރޭ ދައުވަތުދިނީ ނާޒްގެ ބޭބެއަކަށެވެ. އެކަން ކޮށްދިނީ ނާޒް މެދުވެރިކޮށްކަމުން ނާޒްއަށް ޝުކުރުވެރިވިއެވެ. ދަންވާން ފެށުމުން ދީމާ ފެންވަރާ ތާޒާވެލީ ކުރަން އުޅޭ ކަންތަކަށް ތައްޔާރުވާން ފެށުމުގެ ގޮތުންނެވެ.
ކޮޓަރީ ކުޑަދޮރު ކައިރީ ހުރެ ގަޑިއަކަށްފަހު ގަޑިއެއް ގުނަމުންދިޔަ އަލްމާޝް ސިހުނީ އެނދުގައި އޮތް މާޝަލްގެ ރުޔުމުގެ އަޑަށެވެ. ސިހިފައި ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު މެންދަމު ބާރަ ޖަހަން ހުރީ އެންމެ ފަސްމިނިޓެވެ. މަޑު ހިނގުމެއްގައި އެނދުކައިރީގައި ހުއްޓުނުއިރު ދެލޯ ބޮޑުކޮށްގެން ތަންތަން ހޯދަން އޮތް މާޝަލްއަށް ބަލާލިއެވެ. ސައިޑްކަބަޑް މަތީގައި ހުސްވެފައި ހުރި ޖަގު ހިފައިގެން ބޭރަށް ނިކުމެލީ މާޝަލްގެ ވަށައިގެން ކުޝަންތައް ކައިރިކޮށްލާފައެވެ. މަރުވެފައިވާ މައްޔިތެއް ފަދައިން މަޑުހިނގުމެއްގައި އަލްމާޝްގެ މިސްރާބު ހުރީ ބަދިގެއާއި ދިމާލަށެވެ. އެބޮޑު ގޭގައި މާޝަލް ގޮވައިގެން އެކަނި ނިދަން ޖެހުނަސް އަލްމާޝްގެ އެއްވެސް މައްސަލައެއްނެތެވެ. މިގޭ ހަތަރުފާރުން ބޭރަށް ދެން ނެރެންޖެހޭނީ އަލްމާޝްގެ ފުރާނަ ނެތް މަސްގަނޑޭ އެހިތް ބުނަމުންދޭއެވެ. ނިމާންވީ ތަނެއް އަލްމާޝް ވިސްނާ ވިސްނާވެސް ނޭނގެއެވެ. އިތުރަށް ނިމާން ކޮބާތޯ ބަލަން ގުޅާނެ ތަނެއްވެސް އަލްމާޝްއަށް ނުވިސްނުނެވެ. އިރުއަރާފަ އޮށްސިގެންދަންޏާ އަލްމާޝް ނިމާންއަށް އިންތިޒާރުކުރާނެއެވެ. ނިމާން އަލްމާޝް ދޫކޮށްލާފައި ދުރުހިސާބަކަށް ނުދާނޭ ހިތް ބުނަމުން ދިޔައެވެ. އަލްމާޝްގެ ސިކުނޑިއާއި ވަކިވެގެން ނިމާންގެ ފިކުރުތައް އެންމެ ހިނދުކޮޅަކަށްވެސް ނުދޭއެވެ. ޖަގަށް ފެންއަޅައިގެން އަލްމާޝް ކޮޓަރިއަށް ވަންއިރު މާޝަލް އޮތީ ވަރަށް ރީތިކޮށް ނިދާލާފައެވެ. ނިދީގައި މާޝަލް ހީލިތަން ފެނުމުން އަލްމާޝްއަށް ވެސް ހީލެވުނެެވެ. އެކުޑަކުޑަ ފުރާނައަށް މަންމަ ކުރަމުންދާ ހިތާމައިގެ ހިލަމެއްވެސް ނުވާކަހަލައެވެ. އެނދުގެ މެދަށް މާޝަލް ޖައްސާލާފައި އެއް އަރިމަތިން އަލްމާޝް ތަންހަދާލީ އޮށޯވެލަން ވެގެންނެވެ. އެކަމު އޭގެ ކުރިން ފެންވަރާލަން ބޭނުންވީ އުދާސްވެފައިވާ ސިކުނޑިއަށް ހަމަޖެހުމެއް ބޭނުންވާތީއެވެ. ކޮޓަރީ ދޮރު ތަޅުލުމަށްފަހު ކޮޓަރީގެ އަލި އެންމެ ގަދަކޮށްލަމުން އަލްމާޝް ފާހާނާއަށް ވަނީ ފާހާނާއިގެ ދޮރު ހުޅުވާފައެވެ. އެއް ކަންފަތް ކޮޓަރިއަށް ދީގެންއިނީ މާޝަލް ރޯންފަށާފާނެތީ އެއަޑަށް ސަމާލުވުމުގެ ގޮތުންނެވެ. އަލްމާޝް ހިތްހަމަޖެހޭވަރުވީ ކަންނޭނގެއެވެ. ފާހާނާއިން ނިކުމެ ދެލޯ ބޮޑުކޮށްލެވުނީ އެނދުގައި އޮތް މާޝަލް ފެންނަން ނެތުމުންނެވެ. އެނދުގެ އަނެއް ފަރާތަށް ވެއްޓުނީކަމަށް ހީކޮށް ބާރަށް ދުވަމުން އައިސް ބެލިއިރު މާޝަލް ފެންނާކަށްނެތެވެ. މާލްއޭ ކިޔާ ބާރަކަށް ގޮވަމުން މެއާއި ހަމައަށް އޮޅާލެވިފައިވާ ތުވާލި ދޫކޮށްލަމުން ނިދަން ނަގާފައި އޮތް ދޫ ހަރުވާޅާއި އަތްދިގު ކުރުތާ ލިއެވެ. އަދި ފިޔަވަޅުތަކަށް ބާރުލާ ކޮޓަރިން ބޭރަށް ނިކުންނަން ދުއްވައިގަތެވެ. އެވަގުތު އަލްމާޝްގެ ސިކުނޑި އެންމެ ރަނގަޅަށް މަސައްކަތްކުރިނަމަ އެނދުގެ ފައިލާކޮޅުގައި ބާއްވާލާފައި އޮތް ވިއްސާރަކޯޓް ފެނުނީހެވެ. ގޭތެރޭގެ އެކިތަންތަން ބަލަމުން އަލްމާޝް މޮޔައެއްހެން ދުވަނީއެވެ. ގޮތްހުސްވެ ހަދާނެގޮތެއް ނޭނގިގެން ސިޓިންގްރޫމްގެ ސޯފާގޮނޑީގެ ބުޑަށް އަލްމާޝް ތިރިވެ ގޮނޑީގައި ބޯއެޅިއެވެ. އެއާއެކު އަލްމާޝްގެ ފަންއިސްތަށިގަނޑު ދެފަރާތުން ކެހިގެން ބައެއް އިސްތަށިތައް މުށިތައްމަތީގައި ވެސް ބޮސް ދެމުންދިޔައެވެެ. ކުއްލިއަކަށް ބޯ އުފުއްލާލާ މާންއޭ ކިޔާ ގޮވާލިވަގުތު އަލްމާޝް ނިދާކޮޓަރިން އަލި ފަނޑުކޮށްލިތަން ފެނުނެވެ. ހަމައެއާކު މާޝަލް އަޑުލައްވަމުންދާ އަޑުވެސް އަލްމާޝްގެ ކަންފަތުގައި ޖެހުނެވެ. އިންތަނުންތެދުވެ ސިޑިއާއި ދިމާލަށް އަލްމާޝް ދުއްވައިގަތީ އުމުރުގައި މިހާތަނަށް ނުދުވާހާ ބާރުމިނެއްގައެވެ. ކޮޓަރީ ދޮރުމައްޗަށް އަލްމާޝްއަށް އެރުނުއިރު ކޮޓަރި މެދުގައި އިސްކޮޅުންދިގު ފިރިހެނެއް ހުއްޓާ ފެނުމުން އަލްމާޝްގެ ހިތުގައި ބިރުވެރިކަން އުފެދުނަސް ހަށިގަނޑަށް ގެނައި އަވަސް ހަރަކާތަކާއެކު ސްވިޗްތަކާ ކުޅެން ފެށުމުން ކޮޓަރީގެ ހުރިހާ ލައިޓްތަކެއް ދިއްލިގެންދިޔައެވެ. އޭރު އެމީހާ މާޝަލް އެނދުގައި ބާއްވާލަމުން އަލްމާޝްއާއިވީ ދިމާލަށް އެނބުރިލަނީއެވެ. އަލްމާޝް އެމީހާއަށް ބަލަން ހުރި ގޮތުން ހީވަނީ ޕްލޭ ކުރެވިފައިވާ މަންޒަރެއް ޕޯސް ކޮށްލެވިފައިވާހެންނެވެ. ހަމައެކަނި ތަފާތަކީ އަލްމާޝްގެ ދެލޮލުން ފައިބާ ކަރުނަތަކަށް ހުއްޓުމެއް ނާންނަކަމެވެ.
“މާން”…. ހިކިފައިވާ އަލްމާޝްގެ ދެތުންފަތް ފޫއަޅޫވާލާފައި ނިކުތް އަޑު ދުރުގައި ހުރި ނިމާންގެ ކަންފަތަށް ފޯރުމުން އެހިތަށް ލިބުނު ހަމަޖެހުމާއެކު ދެލޯމަރާލެވުނީ އަދި އެއްފަހަރު ކައިރިން އެއަޑު އަހާލާހިއްވާލެއް ބޮޑުކަމުންނެވެ. އަލްމާޝްއާއި ނިމާންއާ ދޭތެރޭ މާބޮޑު ދުރުމިނެއް ނެތަސް އެދޭތެރޭގައިވެސް އަލްމާޝް ދުވެލީ ނިމާން ކައިރިއަށް އަވަހަށް ދިއުމަށެވެ. އަލްމާޝް ހިފައިގަތްލެއް ބާރުކަމުން ނިމާން ފަހަތަށް އަރިއަޅާލަމުން އެއްފައި ފަހަތުން ވިއްދާ އެހަށިގަނޑު ބެލެންސް ކޮށްލިއެވެ. ހަމައެހިނދު ނިމާންގެ ދުލުންވެސް ޝޯނާއޭ ބުނިއަޑު އަލްމާޝްއަށް އިވުނެވެ.
“މާފްކުރޭ މާން…..” ނިމާންގެ މޭގެތެރޭގައި މޫނު ފޮރުވާލައިގެން ހުރި އަލްމާޝް ތިރިވަމުން ނިމާންގެ ފައިގެ ފަލަމަސްގަނޑާ ހަމައިގާ ހިފައިގެން ނިމާންގެ ފައިބުޑަށް ތިރިވިއެވެ. އަލްމާޝްގެ އަނގައިން ނިކުންނަނީ ހަމައެންމެ ޖުމްލައެކެވެ.
“މާފްކުރޭ މާން” ނިމާންގެ ހިތްހީވީ ކަފައިގެން ގޮޮސް ކުދިކުދިވި ހެންނެވެ. އަލްމާޝްއާއި އެއްހަމައަށް ތިރިވެ އެމޫނު ދެފަރާތުގައި ހިފާ ނިމާންއާއި ހަތަރުކަޅި ހަމަކުރުވިއެވެ. އެދެލޮލުން ނިމާންއަށް ފެނުނީ އިންތިހާދަރަޖައިގެ ޝަކުވާއެވެ. ބަލާކަށް ނުހުރެ ނިމާން އެމޫނުގެ އެކި ތަންތަނުގައި ބޮސްދެމުންދާއިރު ހީވަނީ މާކުރިއްސުރެ އެކަމަށް އިންތިހާއަށް ބޭނުންވެފައިވާހެންނެވެ. އަލްމާޝްގެ ލޮލުންފޭބި ކަރުނަތަކުގައި ނިމާން ތުންފަތް ޖައްސާލުމާއެކު އެކަރުނަތައް ނިމާންގެ ތުންފަތަށް ހިނދިގެން ދިޔައެވެ. އަލްމާޝްގެ ދެކޮނޑުގައި ހިފާ ނަގައިގެން ގޮސް އެނދުކައިރީގައި ހުރި ސޯފާގައި ނިމާން އިށީނުމަށްފަހު އަލްމާޝް ބޭންދީ އުނގުގައެވެ. ނިމާންގެ ދެއަތުން އަލްމާޝްގެ ކޯތާފަތް ފޮހެދެމުން ބޭނުންވީ ވަރަށް ކައިރިން އެމޫނަށް ހިތްފުރެންދެން ބަލާލާށެވެ. އެމޫނު ނުފެނި މަހެއްވާން ގާތްވެފައިވާ އިރު އެލޯތްބަށްޓަކައި ނިމާން ތެޅުނު ތެޅުން މިހާރު ހަނދާނެއްވެސް ނެތްކަހަލައެވެ. އަލްމާޝްގެ މޫނު ދެފަރާތުގައި ނިމާން ހިފަހައްޓަލއިގެން އިންއިރު ނިމާންގެ ދެއަތުގައި އަލްމާޝް އިނީ ހިފަހައްޓާލައިގެންނެވެ. ނިމާންގެ ކަޅި ހުރަހަކާނުލާ އަލްމާޝްގެ ދޮންމޫނަށް ހުއްޓިފައި ހުރުމުން ކަރުނައިގެތެރޭން އަލްމާޝްއަށް ލަދުން އިސްޖަހާލެވުނެވެ. ގިނައިރުވަންދެން ރުއިމުގެ ސަބަބުން އަލްމާޝްގެ ދެލޯ ކުޑަވެފައި ރަތްކަމެއް ހުއްޓަސް އެސިފައިގާ ނިމާންއަށް އަލްމާޝް ރީތިވިއެވެ. އަލްމާޝްގެ އިސްޖެހިފައިވާ މޫނުގެ ދަތްދޮޅީގައި ހިފާ އުފުލާލުމާއެކު ނިމާންއަށް ފެނުނީ އެއްލޮލުން ވެއްޓެން އައި ކަރުނަތިއްކެކެވެ. އަލްމާޝްގެ ތުންފަތާ ހަމައިގާ ކަރުނަތިކި މަޑުޖެހުމާއެކު ނިމާން ކައިރިވެލާ ކަރުނަތިކި އިން ހިސާބުގައި ދެތުންފަތް ޖައްސާލާ އެތެރެއަށް ދަމާލިއެވެ. އަލްމާޝްގެ ހަށިގަނޑަށް މަޑުމަޑު ހޫނުކަމެއް އިހުސާސްކުރެވުނު ހިނދު ނިމާންގެ ހަށިގަނޑުގައި ދެއަތުން ވަށާލެވުނެވެ. ނިމާންވެސް އަލްމާޝްގެ ހަށިގަނޑު ދެއަތުގެ ތެރެއަށްލާ ފިއްތާލިއެވެ. ނިމާންއަށް ސިހުމެއް ލިބުނީ ކަންފަތްދަށުގައި އަލްމާޝްގެ ތުންފަތްޖެހުނުހެން ހީވުމުންނެވެ. ލުއި ހިނިތުންވުމަކާއެކު އަލްމާޝްގެ މޫނަށް ނިމާން ބަލާލުމާއެކު ދެން އަލްމާޝް ކޮށްލި ކަމަކުން ނިމާންއަށް ކޮންޓްރޯލްއެއް ނުކުރެވުނެވެ. އަލްމާޝް ދުރަށް ޖައްސާލާ ނިމާން ލައިގެންހުރި ޓީޝާޓް ބާލާލުމަށްފަހު ތިރިއަށް ދޫކޮށްލަމުން އަލްމާޝްގެ ހަށިގަނޑު އަތްދަނޑިމައްޗަށް ހިއްލާލަމުން އެނދާދިމާލަށް ހިނގައިގަތެވެ. މިނޫނީ މިކަހަލަ ކަމަކަށް ކުރިން އަލްމާޝް އިސްނަގާފައެއް ނުވޭއެވެ. އަލްމާޝްގެ އެލޯބިވެތި ދައުވަތު ނިމާން ގަބޫލުކުރީ ހިތުންރުހުމުއެވެ.
ފަތިސްނަމާދުގެ ބަންގީގެ އަޑު އަލްމާޝްގެ ކަންފަތުގައި ޖެހުމާއެކު ތެދުވެ އުޅާހަކަށް ދެމިލާ ކައިރީގައި ހުރި ކުޑައެނދު ބަލާލިއިރު މާޝަލް އަދިވެސް އޮތީ އަރާމުގައި ނިދާލާފައެވެ. ކައިރީގައި އޮތް ނިމާން ބަލާލަމުން އަލްމާޝް ގުދުވެލާ ނިމާންގެ ތުންފަތުގައި ލޯބިކޮށްލިއެވެ. މީގެ ކުރިން ފެނިފައިނުވާ ހިނިތުންވުމެއް ނިމާންގެ މޫނުމަތިން އަލްމާޝްއަށް ފެނުނީ ކީއްވެކަމެއް ނޭނގެއެވެ. އެނދުކައިރިއަށް ފައިބާފައި ހުރި އަލްމާޝްގެ އަންނައުނުތައް ހިފައިގެން ފާހާނާއާއި ދިމާލަށް ހިނގައިގަތެވެ.
“އަދިވެސް ރޯގާގެ އަސަރެެއް ނުފިލާދޯ…. ނިކަން އިނގުރު ސައި ތައްޓެއް ބޯލަބަލަ” މަނިކު ވާހަކަދެއްކީ ކައިރީގައި ފިޔާކޮށަން އިން ފަޒްނާއާއެވެ. އިރުއިރުކޮޅުން ނޭފަތް އެތެރެއަށް ދަމާލާ އަޑާއެކުވެގެން ރޯގާގެ އަޑުވެސް މަނިކުއަށް އިވެމުން ދިޔައެވެ.
“މި ރޯގާގަނޑު އެކޮޅުގައި ހުއްޓާ ޖެހިއްޖެއްނު..މިހާރު އަދި ރަނގަޅީ…މައްސަލައަކީ އެކަންތައްގަނޑު އަދިވެސް ހިތުންފިލާ ނުދާތީ…ހީވަނީ މަރުވެ ގުނަންތައް ވަކިވެފައިވާ މީހުންތައް ކައިރިން ފެންނަހެން” އެއްދިމާލަކަށް ބަލަންއިނދެ ފަޒްނާ މިހެން ބުނެލިއިރު ހީވަނީ ސީދާ މަންޒަރާ ދިމާލަށް ބަލަންއިނދެ ބުނިހެންނެވެ.
“އެވާހަކަ ދެން ނުދައްކާ…ހަޔާތުގައި ދިމާނުވާފަދަ ބިރުވެރިކަމެއް… ޝުކުރުކުރަންވީ އެކަލާނގެއަށް ކުރަންދިޔަ އަޅުކަންތައް އޭގެ އެންމެ ފުރިހަމައަށް ނިންމާފަ އެނބުރި ގައުމަށް އަހަރެމެންގެ ދަރިފުޅު ހުރި ފަސްގަނޑަށް އާދެވުނުކަމަށްޓަކައި” ބަދިގެއަށް ވަދެ ފަޒްނާ ކެއްކުމާއިގެން މަސްއޫލުވި ވަގުތު ފޯނެއް އަންނަން ފެށިއެވެ. ފޯނާ ދިމާލަށް އެނބުރި އައި ފަޒްނާ އަނެއްކާ ބަދިގެއަށް ވަދެގެން ދިޔައީ އެފޯނަށް މަނިކު ޖަވާބުދޭން ފެށުމުންނެވެ. ވާހަކަދައްކާ ގޮތުން އެއީ ކޮންމެސް ގާތްމީހެއްކަން ފަޒްނާއަށް އެނގުނެވެ.
ރޭގަނޑުގެ ކެއުމަށްފަހު އަލްމާޝްއާއި ނިމާން ބޭރަށް ނިކުމެލީ އެކުވެރިންނާއި ބައްދަލުކޮށްލާށެވެ. އަލްމާޝްއަށް ސަޕްރައިޒެއް ދިނުމަށްޓަކައި އަންޖޫ އައިކަން ނަސީބޭ އަލްމާޝް ހިތަށްއެރިއެވެ. އަލްމާޝްއާއި ނިމާން ރުޅިހަދައިގެން އުޅުުނު ދުވަސްތަކު އައިނަމަ އެފަކީރަށް ޖެހޭނީ ކޮންހާލެއްހެއްޔެވެ؟؟ މާޝަލް ގޮވައިގެން ބޭރަށް ނިކުންނަން އުޅުމުން އެކަމަށް ދެކޮޅުހެދީ ހުދު އަންޖޫއެވެ. މާޝަލްއާއެކު އަންޖޫ ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވީއެވެ. އަލްމާޝް ގޮވައިގެން ނިމާން މިސްރާބުޖެހީ އޭޑީކޭ ހޮސްޕިޓަލްއާއި ދިމާލަށެވެ. ލޭބަރ ރޫމް ކައިރިން މޫމިނާއާއި ނާފް ބައްދަލްވުމުން އަފާފް ވިހަންވައްދައިގެން އުޅޭކަން އެނގި އަލްމާޝް ފުންމައިގަތްއިރު ހީވަނީ ކުޑަކުއްޖެއްހެންނެވެ. އަލްމާޝްއަށް މޫމިނާ އެވަގުތު ނަސޭހަތްތެރިވީ ފިރިމީހާއާއި ޖެހޭ ކޫސަނި މައްސަލަތަކުގައި އެގޮތަށް ދެވަނަ ފަހަރަށް ގެއިން ނިކުމެގެން ނުދިއުމަށެވެ. ދެން ނިމާން އަލްމާޝް ގޮވައިގެން ދިޔައީ ދެވަނަ ފްލޯރގައި ހުރި ޕްރައިވެޓް ރޫމަކަށެވެ. އަލްމާޝް ހީކުރީ ގާތްމީހަކު ބަލިވީ ކަމަށެވެ. ރޫމުން އެތެރެވުމާއެކު އަލްމާޝް އަޑެއް ލައްވާލީ ޖިނާން އަތުގައި އޮތް ލޯބި ފުށްކޮޅެއްފަދަ ކުއްޖާ ފެނުމުންނެވެ. ޝަހާނާ އެނދުގައި އިށީނދެލައިގެން އިންއިރު އެކުވެރިޔާ ފެނުމުން ލިބުނު ހިތްހަމަޖެހުމުގައި ނުފެންނަ އެންމެ ދަތެއްވެސް ނެތެވެ. ޖިނާން އަތުގައި އޮތް ކުޑަކުޑަ ކުއްޖާ އަލްމާޝް އުރާލަމުން ވާހަކަދައްކަމުން ދިޔަ އަނގަ ކުއްލިއަކަށް މައިތިރިވީ އެތާ ތެރޭގައި ތިބި ޖިނާންގެ މައިންބަފައިން ފެނުމުންނެވެ. ނަމަވެސް އަލުން އަލްމާޝްގެ އަނގަފެޅީ އެދެމަފިރިން އެމީހުންނަށް ވަގުތު ދެމުން ބޭރަށް ނިކުމެލީމައެވެ.
“އަޅޭ…ބޯއީއެއްދޯ… އެކަމު މަރުޅި…. އަފޫއާއި ދެމީހުން ކީއްވެ އެއްދުވަހު ތިވިހަނީ….” އެއްފަރާތުގައި އިން ނިމާންގެ ކަޅި އެންމެ ހިނދުކޮޅަކަށްވެސް އަލްމާޝްގެ މޫނާއި ވަކިނުވެއެވެ. އެއަންހެންކުއްޖާދެކެ ނިމާންއަށް ލޯބިމިވެވެނީ ހައްދަފަހަނައަޅާ ދާ ވަރަށެވެ. އެކަމަކު ކީއްވެހެއްޔެވެ؟؟؟ އެހެން އަންހެނަކަށް އެފަދަ ނަޒަރަކުން ބަލާލަންވެސް ނިމާން ފޫހިވަނީއެވެ. އެއީ ނިމާންގެ ފުރާނައެވެ. ނިމާންގެ ހިތާ އަމިއްލައަށް ވާހަކަދައެްކަމުން ދަނިކޮށް ސިހުނީ ހެމުންހެމުން ކައިރިއަށް ހުއްޓުނު އަލްމާޝް އެއަތުގައި ހިފާލުމުން އަތަށް ފިނިވެގެންނެވެ. ހިޔާލީ ގޮތަކަށް ކޮޅަށް ތެދުވެ ނިމާން އަލްމާޝްގެ އުނަގަނޑުގައި ދެއަތުން ވަށާލާ ކައިރިއަށް ޖައްސާލިއެވެ. ހުރެވުނުތަނެއްވެސް ނިމާން ހަނދާނެއްނެތެވެ. ޖިނާންއާއި ޝަހާނާ ކުރިމަތީ ނިމާން އެގޮތަށް ކަންތައް ކުރުމުން އަލްމާޝް ލަދުންގޮސް ފުށްކޮޅަކަށްވިއެވެ.
“ސާބަސް ސާބަސް….މީ ތިދެމީހުންގެ ބެޑްރޫމެއް ނޫން….” އެހެންފަހަރުތަކެކޭ ވެސް އެއްގޮތަށް މިފަހަރުވެސް ޝަހާނާއަށް އަނގަ މަޑުންލައިގެން ނީނދެވުނެވެ. އަލްމާޝްގެ ގައިން ނިމާން ދޫކޮށްލުމާއެކު ޝަހާނާކައިރީގައި ދަނީއޭ ބުނެފައި އަވަސްއަވަހަށް އަލްމާޝް އެކޮޓަރިން ނިކުތީ ޖިނާން ހުރުމުން މާބޮޑަށް ލަދުގަތީމައެވެ. ޖިނާންވެސް އަނގަމަތީގައި އަތް އަޅައިގެން ހުރުމުން ނިމާން އެއްއަތުން ދަށްބޮލުގައި ޖަހާލުމަށްފަހު އެކޮޓަރިން ނިކުތެވެ.
“ސާބަސް މާންއަށް… ތަނެއް ތަނެއްވެސް ނޯވޭދޯ” ދޮރުން ނިކުތް ނިމާންގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން އަލްމާޝް ބުނެލިއެވެ.
“އެއީ ޝޯނާގެ ކަންތައް… ރޭގައި ކިހިނެއްތަ އެއުޅުނީ… މަށަށް ނުޖެހުނު އެއްވެސް ކަމެއް ކުރާކަށް” ނިމާން ބޭނުންވީ ގަސްދުގައި އަލްމާޝް ލަދުގަންނަވާލާށެވެ. ލަދުގަތީމާ އަލްމާޝް މޯޅިވާގޮތް ނިމާންއަށް ވަރަށް ހިތްގައިމެވެ.
“ދެންހެވޭ… ހިނގާބާ އަފޫގެ ބޭބީ ނެރެންވާއިރަށް އެހިސާބަށް ދާން” އަލްމާޝް އާއި ނިމާން ހިނގާފައި ދިޔައިރު ފެނުނު ކޮންމެ މީހެއްގެ ނަޒަރު އެޖޯޑަށް ހުއްޓުނެވެ. ވާނީވެސް އެހެންނެވެ. ނިމާންއަކީ މީހުންގެ އިތުބާރު ލިބިފައިވާ ކާމިޔާބު ޑޮކްޓަރެކެވެ. ކޮންމެ މީހަކުވެސް ނިމާންއަށް ބަލާލަނީ ޝުކުރުވެރިކަމުގެ ލޮލަކުންނެވެ. އެއިން ކޮންމެ މީހަކަށްވެސް ނިމާން ބަލާލަނީ ހިނިތުންވެހުރެއެވެ.
އަފާފްގެ ދަރިފުޅު އުރާލައިގެން އަލްމާޝް ގިނަވަގުތުތަކެއް ހޭދަކުރިއެވެ. އަލްމާޝް ފެނުމުން އަފާފް މޫނު އަނބުރާލީ އަލްމާޝްދެކެ ހިތްހަމަނުޖެހިފައި ހުރި ވަރުންނެވެ. އަފާފްގެ ފަރާތުން އަލްމާޝްއަށް އިވުނީ މުޅީންވެސް ޝަކުވާއެވެ. އަފާފްގެ ހިތް ސާފުކޮށްލަން އަލްމާޝް އެންމެ މިނެޓެއްވެސް ނުނެގިއެވެ. އަލްމާޝް މޫމިނާ ކައިރީގައި އެންމެ މައްސަލަ ޖެއްސީ އަފާފްވެސް ފިރިހެންކުއްޖެއް ވިހީމައެވެ. އަލްމާޝް ބުނިގޮތުން އެންމެންކައިރިއަށް ވެސް ހިނިއައެވެ. އަލްމާޝްގެ އަތުގައި އޮތް ބޭބީ ބަލާލުމަށްޓަކައި ނިމާން ފުރަގަހުން ކައިރިވެލި ވަގުތު އެހެންމީހުންނަށް ނޭނގޭނެހެން ނިމާންއާއި ދެތިން ފިޔަވަޅު ދުރަށް އަލްމާޝް ޖެހިލިއެވެ . ލިބުނު ހައިރާންކަމުގައި ނިމާން އަލްމާޝްއަށް ބަލާލުމަށްފަހު ދެވަނަސިކުންތުގައި ވީގޮތް އެނގުމުން ލުއިލުއިކޮށް ހީލިއެވެ. އޭރު އަލްމާޝްވެސް ހުރީ ހިނިތުންވެލައިގެން ނިމާންއަށް ބަލަހައްޓައިގެންނެވެ.
ދަންވަރުގެ ހަމަހިމޭން ވަގުތުގައި އަލްމާޝް އޮތީ ނިމާންގެ އަތްދަނޑިމަތީގައި ބޯއަޅާލައިގެން ނިމާންގެ މޫނަށް ބަލަހައްޓައިގެންނެވެ.
“ކޮބާ ކާކު ކުރިން މޫނު ތިރިކޮށްލީ… ޝޯނާ ކިތަންމެ ވަރަކަށް ބެލިއަސް އަހަރެން ލަދެއް ނުގަންނާނެ…” ނިމާންގެ މޫނަށް ކަޅި ހުއްޓާލައިގެން އޮތް އަލްމާޝް މޫނު ތިރިކޮށްލިތަން ފެނުމުން ނިމާން ބުނެލިއެވެ.
“އޯކޭއޭ… މާން ވަރަށް ކުޅަދާނަ” ނިމާންއާއި ވީ ދިމާ ބަލާވެސްނުލާ އަލްމާޝް މިހެން ބުނެލުމުން ނިމާން ކައިރިއަށް ހިނިއައެވެ. ވަށްލޮލުން ނިމާން އަލްމާޝްއަށް ބަލާލީ މޮޅު ހިޔާލެއް ސިކުނޑިއަށް އައިސްގެންނެވެ.
“ހިތަށް އަރާ ރޭގައި އެފެނުނު ޝޯނާ ދެން ފެންނާނީ ކޮންއިރަކުންބާއޭ… އަސްލުވެސް ރޭއެއީ ފާހަގަކޮށްލަންޖެހޭ ވަރުގެ ރެއެއް….” ރަކިވެގެން ގޮސް މޫނުމަތި ހުދުކަފަ ކޮޅަކަށް ވެފައި އޮތް އަލްމާޝްގެ މޫނަށް ނިމާން ބަލާލީ އެއްތުންފަތުން ހީލައިގެން އޮވެއެވެ. ” އަސްލުވެސް ކުރިން ހިއެއް ނުކުރަން ޝޯނާއަށް އެކަހަލަ ހުނަރެއް ލިބިފައިވާކަމަކަށް… ހާދަ މޮޅޭ… މި މަޑުމަޑު ތުންފަތްވެސް އަހަރެންގެ ހަށިގަނޑުން ނައްޓައިގެން ނުދޭ…” ނިމާންގެ ޖުމްލަ ރަނގަޅަށް ނުނިމެނިސް އަލްމާޝްގެ މޫނު ނިމާންގެ އެއްފަރާތުން މޭދަށަށްލާ އަތް އަޅުވާލީ މޭމަތީގައެވެ. އަލްމާޝްގެ އިސްތަށިގަނޑު މޫނުމަތީގައި އެޅިފައި އޮތްއިރު ހޫނު ނޭވާތައް ނިމާންގެ ހާމައަށް އޮތް ހަށިގަނޑަށް އެޅެމުންދިޔައެވެ. ނިމާން ބޭނުންވީ އަލްމާޝް ލަދު ގަންނަވާލާށެވެ. ނިމާންގެ ހުނުމުގެ އަޑުން މުޅި ކޮޓަރި ގުގުމައިގެން ދިޔައީ ކުރަން އުޅުނު ކަންތައް މާބޮޑަށްވެސް ކާމިޔާބުވީކަން އެނގުމުންނެވެ.
ހަވީރުގެ ވަގުތުގައި މާޝަލް ގޮވައިގެން އަލްމާޝް ގެއިން ބޭރަށް ނިކުތީ ވިހައިގެން އުޅޭ އެކުވެރިންގެ ގޭގެއަށް ވަދެލަންވެގެންނެވެ. މިއަދު އަލްމާޝް ބޭނުމީ މާޝަލް ގޮވައިގެން ހިނގާލާފައި އެގެއާއި އެންމެ ކައިރީގައި ހުރި އަފާފްގެ ގެއަށް ވަންނާށެވެ. ދޮރާށިން އެތެރެއަށް އަލްމާޝްއަށް ވަދެވުމާއެކު ނާފް މާޝަލް އުރާލައިގެން އެތެރެއަށް ދެމިގަތެވެ. ހީލާފައި އަލްމާޝް ނާފްއަތުގައި އިން މާޝަލްގެ އަނގަކައިރިން ވެއްޓެންދިޔަ ސޮނިކޮޅު ފޮހެލުމަށްފަހު ޖެހިގެން ހުރި ކޮޓަރިއަށް ވަނެވެ.
“މިއޮށްއައީނު….މާމަ ހީވަނީ ތިގެއަށް މިޕާރުސަލް ނުގެންދެވިގެން މޮޔަ ވެގެން އުޅޭހެން” އެނދުމަތީގައި ކުޑަދަރިފުޅުގެ ހެދުންކޮޅުތަކެއް ފަތްޖަހަން އިން އަފާފް ދޮރުން ވަން އަލްމާޝްއަށް ޕާރުސަލްތައް ކައިރީގައި ހުރި މޫމިނާ ދައްކާލަމުން ބުންޏެވެ.
“އެހެންތަ… ގެއަށްދާއިރު ތި ހިފައިގެންދާނީ” ކުޑައެނދުގައި އޮތް އާރާވް އުރާލައިގެން ދެކޮޅަށް ހިނގަންފެށީ އުރާލައިގެން ހުރި އަތް ނޫން އަނެއް އަތުގެ ޝަހާދަތު އިނގިލިން އާރާވްގެ ދަތްދޮޅީކޮޅުގައި މަޑުމަޑުން ތަޅާލަމުންނެވެ.
“މާމާ… މާމައަށް ވައްތަރީ ބޮޑަށް ކާކާތަ؟” އާރާވްގެ މޫނުގައި އަލްމާޝްގެ މޫނު ޖައްސާލަމުން އަލްމާޝް މޫމިނާއާއި ސުވާލުކޮށްލިއެވެ.
” މަށާ… ނޫންތަ މާމާ” މޫނިމާއަށް ވުރެ ކުރިން ޖަވާބުދިނީ އަފާފްއެވެ.
“އެބަހުރި ވައްތަރުގޮތެއް ނާފްއާ” މޫނިމާ އަލްމާޝްއާއި ކައިރިވެލާފައި ވާހަކަދެއްކިއެވެ. ” މާޝްއަށް ވައެްތަރީ ކާކާ” އަފާފް އަހާލުމުން އަލްމާޝް ހީލާފައި ބުނި އެއްޗަކުން އެންމެން އެއްކޮށް ހީގަތެވެ.
“މަށާ ވަރަށް ވައްތަރު….” އާރާވް ރޯން އުޅޭހެން ހީވާން ފެށުމުން އަފާފްގެ އުނގުގައި ބާއްވާލިއެވެ.
މާޝަލްގެ ބުށްފުޅި ގިރާލައިގެން ބަގީޗާއަށް ނިކުތް އަލްމާޝް އަންޖޫގެ އުނގުގައި އިން މާޝަލް ނަގާ އުނގުމަތީގައި ބައިންދަމުން އަންޖޫއާއި ޖެހިގެން އިން ޖޯލީގައި އިށީނެވެ. އަންޖޫ ތެދުވެގެން ބަދިގެއާއި ދިމާލަށް ދާން ނިކުތްއިރި ނިމާން ވަދެގެން އަންނަީއެވެ.
“ޑެޑީގެ ޕްރިންސަސް… ހާދަ ލޯބިކޮށް ހީލީ” ނިމާން ފެނުމުން އަލްމާޝްގެ އުނގުގައި އިން މާޝަލް ހީލިތަން ފެނުމުން ނިމާންއަށް ނުހުރެވިގެން މާޝަލް ނަގާ ކޮލުގައި ތިންހަތަރު ފަހަރު ލޯބިކޮށްލިއެވެ.
“ހިނގާދާން އެތެރަށް… މާބޮޑަށް ހަވީރުވީ.. މާލް ބޭރުގައި ބަހައްޓާކަށް ނުވާނޭ މާލްގެ މާމާ ބުނި” ނިމާންގެ ބަސްގަބޫލުކޮށް އަލްމާޝް ދާން ހިނގައިގަތުމުން ނިމާން އެއްއަތުން އަލްމާޝްގެ އުނަގަނޑާ ހަމައިގާ އަޅުވާލިއެވެ. އަލްމާޝްއަށް ނޭނގުނީ ނިމާން މާޝަލްގެ މާމަ ނިސްބަތް އެކުރީ ފަޒްނާއަށް ކަމެވެ.
ނުނިމޭ
10 Comments!
Comments are closed.
hi readers here is a new part. enjoy ?
‘Shoana’ haadha bolah undhagoovaa namekey Nick name akah viyas ushaaaliii
w w reethi..thankx for the lovely story 😀 me first dw
oops..second 😀
Nice. So interesting
V nice… whn nxt part…
Mooominaaa ge name badhalu v tha….mooonimaaa yo….hehehe….thankolheh kury dhw adhivx…ekam vx varh nice..kyp it up…
Woooow v reethi mi part…nxt part avahah up kurahchey..
Wow wow wow wow story vrh vrh reethi??????love it???u r the best ushaali….????when is the next part??…waiting….
avas avas!!!!! waiting!!!