Skip to content
އެސްފިޔަ

މާސްކު (ޕާޓް 19)

އެ ނުބައި ފާފައިން ހިތް ފުރާލައިގެން ތެދުވެ އާރިން އަހަރެންގެ އެއް އަތް މިނިވަން ކޮށްދިނެވެ.އެއީވެސް އޭނާ ކުރާ ހިތުން ކުރި ކަމެއް ނޫންކަން އެ މޫނުމަތިން އެކަނިވެސް ދޭހަވިއެވެ.އޭނާ ތެދުވެ އެއްޗެހި ލައިގެން އަހަރެން އެހާލުގައި ބާއްވާފައި ނުކުމެގެން ދިޔައިރު ކުޑަ މިނުން ކޮޓަރީގެ ދޮރުވެސް ލައްޕައި ނުލިއެވެ.ނިވާކަމެއް ނެތް ހާލުގައި އޮވެ ރުއިން ނޫންކަމެއް އަހަންނަކަށް ނުކުރެވުނެވެ. ތެދުވާނެހާ ހިތްވަރެއް އެވަގުތަކު އަހަރެންގެ ގަޔަކު ނެތެވެ.

****

ލިބިފައިވި އިންތިހާ ވަރުބަލިކަމުގެ ސަބަބުން އެ އޮތް ގޮތަށް އޮވެ އަހަރެން ކުޑަކޮށް ނިދި ޖެހޭ ގޮތްވިއެވެ. ނަމަވެސް ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން އޭރުވެސް އަހަރެންގެ އަނގައިން މަޑު ކުކުރުމެއްގެ އަޑު ބޭރުވެ ބޭރުވެ ހުއްޓެވެ.އެހެން އޮވެފައި އަހަންނަށް ސިހިފައި ލޯ ހުޅުވައިލެވުނީ ކޮޓަރީގެ ދޮރު ބަން ލާފައި ޖެހި އަޑަށެވެ.އެވަގުތު ރުޅި އައިސް ރަތްވެފައި އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުރި އާރިން ފެނިފައި އަހަރެން ބިރުން ތުރުތުރު އަޅައިގަތެވެ.ނޭނގޭ ބިރަކުން މުޅި މީހާ އިސާހިތަކު ހާސްކޮށްލިއެވެ.އިރުކޮޅެއް ކުރިން ހިނގައިދިޔަ ހުރިހާކަމެއް ލޮލު ކުރިމައްޗަށް ސިފަވެގެން ދިޔަ ވަގުތު އަހަރެން މޭ ނުބައިކުރިއެވެ.އަމިއްލަ ހަށިގަނޑަށްވެސް ކަޅިއެއް އެއްލުނީ ނަޖިހެއް ފެނިގެން ބަލައިލި ފަދަ ގޮތަކަށް ފަކުރުން އޮވެއެވެ.

****

’ފާޑަކަށް ދެލޯ ބޮޑުކޮށްގެން ބަލާނެ ކަމެއް ނެތް!‘ އާރިން ރުޅިވެރިކަމާއި އެކުގައި ބުނެލިއެވެ.އަހަރެން ގަތް ބިރާއި އެއްވަރަށް ހިތުގައިވެސް ޖެހުނެވެ.ފެންނަމުން މިދަނީ އާރިންގެ ހަގީގަތްކަން އަމިއްލަ ނަފްސު ހަނދާން ކޮށްދިން ހިނދު ވީ ދެރައިން އަހަރެންގެ ހިތްް އެތެރެއިން ރޯލިއެވެ.އުމުރަށްވެސް އޯގާތެެރިވާނޭކަމަށް އެ މީހެއްގެ ކިބައިން އަހަރެން އެންމެ އުންމީދުކުރި މީހާގެ ފުށުން ކުއްލިއަކަށް އަހަންނަށް މި ލިބިގެން ދިޔައީ ހީވެސް ނުކުރާ ފަދަ ވޭންދެނިވި އަނިޔާތަކެކެވެ.

****

އާރިން މޫނު ކުނިކޮށްގެން ހުރެ ތުވާލި ހިފައިގެން ގޮސް ފާޚާނާއަށް ވަނުމުން އަހަރެންގެ މިނިވަންކޮށް އޮތް އަތުން ވަރަށް އުނދަގުލުން އަނެއް އަތުގައި އައްސާފައިވާ ވާފަށް މޮހައިލީމެވެ.އޭރު އެ ވާފަށް އައްސާފައި ހުރިލެއް ބާރުކަމާއި،މޮހާ ނުލައި ގިނައިރު ވުމުގެ ސަބަބުން އެ އަތުކުރި އޮތީ ވާފަށުގެ ނިޝާންވެސް އަރައި އެކަށް ރަތް ވެފައެވެ. ވާ ތަދުން އަހަންނަށް އެ އަތުގައި މަޑުމަޑުން ފިރުމައިލެވުނެވެ.  ދެން ތެދުވެ ދެ ފައިންވެސް ވާފަށް މޮހާލައިފައި ވަރަށް ހިތްވަރުން އެނދުން ފައިބައިގެން ކޮޅަށް ތެދުވެވޭތޯ މަސައްކަތްކުރީމެވެ.އެހެނަސް ފަޔަށް ލިބިފައިވާ ވަރުބަލިކަމާއި އަނިޔާގެ ސަބަބުން ފައި ހަމަ ތެދު ކޮށްލެވުނު ހެނެއް ހިޔެއް ނުވެ ކަކުލު ހުޅުން ވާގި ދޫވާ ގޮތްވިއެވެ.އަހަރެން އަނެއްކާވެސް އެނދުގައި އިށީނދެލީ ކުރިއަށް ދެވޭހާ ހަކަތަ އަދިވެސް ފައިގައި ނެތްކަން އިހުސާސްވުމުން ލިބުނު މާޔޫސްކަމުންނެވެ.އަހަރެންގެ ހަށިގަނޑުގެ އެތަން މިތަނުގައި އަޅާ ވޭނުންވެސް މީހާ މޮޔަވާ ވަރުވެއެވެ.އެހެނަސް އެ ވޭނަށް ކެތްކުރުން ނޫން ގޮތެއް އެވަގުތަކު އަހަންނަކަށް ނެތެވެ.

****

އަހަރެން ޑުވޭ ނަގައި އޭގެން ހަށިގަނޑު ނިވާކޮށްލީ ދެން އިތުރަށް އަހަރެންގެ ހަށިގަނޑުން އެންމެ ތަންފުކެއްވެސް އާރިންއަށް ފެންނަން އަހަރެންގެ ހިތް ނޭދުނީތީއެވެ.އެއީ އަހަރެންގެ ފިރިމީހާ ކަމުގައި ވިޔަސް ދެން އަހަރެންގެ ހަށިގަނޑު މުޅި ޢުމުރަށް ވެސް އޭނާއަށް ހަރާމްވީކަމުގައި އަހަރެން ނިންމީމެވެ.މި ގެއިން ނުކުމެވުނު އެންމެ އަވަހަކަށް އާރިންގެ ކައިރިން ވަރިވާން ފޯމު ލުމަށް އަހަރެން އަޒުމު ކަނޑައެޅީމެވެ.ދެނެެއް އިތުރަކަށް އާރިން އަހަރެންގެ ހަށިގަނޑު އެފަދަ ނުބައި ކަމަކަށް ބޭނުން ކުރިޔަކަ އަހަރެން ނުދޭނަމެވެ.ކެތްތެރިކަމަށްވެސް ހައްދެއް އޮންނާނެއެވެ.އަނިޔާ ލިބެމުންދާއިރު އެ އަނިޔާއިން މިންޖުވާން ކުރެވެން އޮތްހާ މަސައްކަތެއް ކުރުމަކީ އަހަރެން ކުރަން ޖެހޭނޭ ކަމެއްގެ ގޮތުގައި އަހަންނަށް ގަބޫލު ކުރެވުނެވެ.އޭރުވެސް އަހަރެންގެ މުޅި ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިފައި ހުއްޓެވެ.

****

އާރިން ފެންވަރައިގެން ނުކުމެފައިވެސް އެ ވިހަ ދުލުން އަހަރެންގެ ހިތުގައި އެތައް ޒަޚަމްތަކެއް ލެއްވިއެވެ.އަހަންނަކީ އޭނާއަށް އެކުގައި އުޅެވުނު އެންމެ ތަޖުރިބާ ނެތް ކުއްޖާ ކަމުގައި ބުނެ މަލާމާތްކޮށް ދެރަ ބަސް ދިނެވެ.

****

އެ ވިހަ ބަސްތަކަށް ހުއްޓުމެއް އައީ އާރިންގެ ފޯނު ރިންގުވާން ފެށި އަޑަށެވެ.ނިތައް ރޫ ގިނަކޮށް ލައިގެން ހުރެ އޭނާ ފޯނު ނަގައި ކަންފަތުގައި ޖަހައިލާ ހަލޯއޭ ބުނެލި ގޮތުން ހަމަ ޖެހިގެން ވާހަކަ ދެއްކުމަށް އޭނާ މަސައްކަތް ކުރަނީކަން އަހަންނަށް އެނގުނެވެ.

****

’ހޫނ…ހޫނ…މިއުޅެނީ…އާނ އޯކޭ. ‘ އާރިން ސީދާ އަހަންނަށް ބަލައިލަމުން ބުނެލިއެވެ.އެކޮޅުން އެ ވާހަކަ ދެއްކި މީހަކު އަހަރެންގެ ވާހަކަ އެހީކަން އަހަންނަށް ނަގައިގަނެވުނެވެ.

****

’މަންމަ އެ ގުޅީ…އެބަ ޖައްސާލަމޯ މި ބަޔަށް އިރުކޮޅަކުން…ހަމަ ހުވާ މިބުނީ ކަލޭ މަންމައަށް ކިރިޔާ ވެސް ޝައްކެއްވާނެހެން އުޅެފިއްޔާ ރަނގަޅަށް ހޭއަރުވާލާނަން…މަށަކީ ނުބައި މީހެއްކަން އަންގައިލާނަން…ހަމަ މިހާރު ތެދުވެގެން ރެޑީވާން ދޭ.‘ އާރިން ރުންކުރު ކަމާއި އެކު އަހަންނަށް އިންޒާރު ދެމުން ބުނެލިއެވެ.ބިރުން އިނދެ އަހަރެން އަނެއްކާވެސް އެއް އަތުން ޑުވޭ ހިފަހައްޓައިގެން  ހުރެ ތެދުވަން އަހަރެން މަސައްކަތް ކުރީމެވެ.އެހެނަސް އޭރުވެސް ފައިގައި ރަނގަޅަށް ވަރު ނުޖެހޭތީ އަނެއްކާވެސް އަހަރެން ވެއްޓެން ދިޔައެވެ.އެ މަންޒަރު ފެނި އާރިންގެ ގާތަށް އައީ ހައްތަހާ ރުޅިއެވެ.

****

’ޑުރާމާ ބޮޑަސް ތީ ބޮޑުވަރު…ކޯއްޗެއް ފޮރުވާކަށްތަ ތި އޮޅައިގެން މާލި ހެދިގެން ތިއުޅެނީ…މަށަށް ނުފެންނަ އެއްޗެއް އޮތްކަމަށް…ދެން ނަހަދާތި ދެފައި ހަމައަށް އެޅޭ ކަމަށްވެސް…‘ އާރިން އަހަރެންގެ މުލައްދަނޑީގައި ބާރަށް ހިފައި ނަގާ ކޮޅަށް ޖަހާފައި، އަނެއް އަތުން ޑުވޭގައި ބާރަށް ހިފައި ދަމައިގަތެވެ.ކިތަންމެ ހިތް ނުރުހުނަސް އަނެއްކާވެސް އޭނާގެ ކުރިމަތީގައި އަހަރެންގެ ހަށިގަނޑު ކަޝްފުވީއެވެ.

****

އާރިން ގަދަކަމުން ދަމާ ކޫއްތާފައި ކަހަލަ ގޮތަކަށް އަހަރެން ގެންގޮސް ފާޚާނާއަށް ލާފައި ދޮރު ލެއްޕިއެވެ.

****

’ކޮޅަށް ނުހުރެވެންޏާ ފިރުކިފައި އުޅޭ…ބިލިގާ ވެސް ހުންނަނީ ކަމަކު…ކަލޭ ޖަހާނެހާ ސަކަރާތެއް ޖަހާކަށް ވަގުތެއް ނެތް… ފެންވެރުނު ގޮތަކަށް ފެންވަރައިގެން އަވަސް ކުރަންވީ.މަންމައަށް ލަސްވާނެ…‘ އާރިން ރުޅިއައިސްފައި ބުނެލި އެވެ.

****

އަހަރެންގެ ހާލު ހުރިގޮތް ލޮލު ކުރިމައްޗަށް ފެނި، އާރިން އަހަންނާއި ދޭތެރޭ އެ އަމަލުކުރި ރަހުމުކުޑަ ގޮތުން، އަހަންނަށް ލިބިގެން ދިޔައީ އިތުރު ހިތްދަތިކަމެކެވެ.ނުރޯން ހިތްވަރު ކުރި ނަމަވެސް އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ.

****

މާ ގިނަ އިރު ކޮޅަށް ހުންނާނޭ ވަރު ނެތިގެން އަހަރެން އެކި ތަންތަނުގައި ހިފަމުން ގޮސް ވަރަށް އުނދަގުލުން ބިލިގާއަށް އެެެރި އިސްކުރު ދޫކޮށްލީމެވެ.އިސާހިތަކު އިސްކުރުން އޮހިގަތް ފިނި ފެންތައް އަހަރެންގެ އަހަރެންގެ އުދާސްވެފައިވާ ހަށިގަނޑުގައި ބީހިލުމުން އަހަންނަށް ރުއިން މެދުކަނޑާލައި،ދެލޯ މަރައިލެވުނެވެ.

****

ފެންވަރާލުމުން އަހަރެންގެ ހަށިގަނޑުގައި ކުޑަކޮށް ވަރު ޖެހިލި ނަމަވެސް މުޅިއަކުން ވަރުބަލިކަން ފިލައިގެނެއް ނުދެއެވެ.އަހަރެން ފާޚާނާއިން ނުކުތްއިރު ނަސީބަކުން އާރިންއެއް ކޮޓަރިއަކު ނެތެވެ.ދަނޑިވަޅުގެ ބޭނުން ހިފައި އަހަރެން އަވަހަށް އެއްޗެހިލައި ތައްޔާރުވެލީމެވެ.އަޑެއް ބަޑެއް އިވިނުލާތީ އާރިން އެޕާޓްމަންޓުގައި ނެތީކަމަށް ނިންމައި އަހަރެން ދެކޮޅު ހޯދަމުން ސޫޓު ކޭސް ހިފައިގެން ކޮޓަރިން ނުކުތީމެވެ.އެހެނަސް ތަގުދީރުގެ ކުޅިބައި އެތުރިފައި އޮތީ މުޅިން އަހަންނާއި ދެކޮޅަށް ކަންނޭނގެއެވެ.އައި ނައި ދިމާލެއް ނޭނގި އާރިން ފެނުނީ އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިލި ތަނެވެ.ރުޅި އައިސް ރަތްވެފައި ހުރިއިރު ނުރައްކާތެރި ކުލަވަރެއް އެ ދެލޮލުގައި ވިއެވެ.

****

’ބަޗަން ތިއުޅެނީ؟!‘އަހަންނާއި ގާތަށް ޖެހެމުން އާރިން މަލާމާތުގެ ރާގެއްގައި ބުނެލިއެވެ.ފަހަތަށް ޖެހެމުން ގޮސް އަހަރެން ތަތްވީ ލެއްޕިފައި ހުރި ކޮޓަރީގެ ދޮރުގައެވެ.އާރިން އައިސް ދޮރު ކަނީގަިއ ދެއަތް ވިއްދާލައި،އަހަރެން އެ ދޭތެރޭގައި ނުނިކުމެވޭނެހެން ހައްޔަރުކޮށްލިއެވެ.

****

’އަހަރެން ދިޔަ ދިނިއްޔާ ދޯ ދެވޭނީ…މިހްރާ ތިއުޅެނީ އަދަބެއް ބޭނުންވެގެންތަ؟މިއަދު ކޮށްލިވަރުވެސް ކުޑައީދޯ؟އަދިވެސް ރައުންޑެއް ބޭނުން ވަނީތަ؟‘ އާރިން ނުލަފާ ވައްތަރަކަށް ހޭން ފެށިއެވެ.

****

’އައްޗީޑި… ދޫކޮށްލާ ހަމަ މިހާރު… އެހެން ނޫނީ ޕޮލިހަށް ގުޅާނަން.‘ބިރުން އިނދެ އަހަރެން އަޑަށް ބާރުލާފައި ބުނެލީމެވެ.

****

’އެހެންތަ؟‘ އާރިން ދެބުމަ ގޮށްޖަހާލާފައި،ދެވަނަ ސިކުންތު އަހަރެން އަޅައިގެން ހުރި ބުރުގާގެ މަތިން ހުޅިގަނޑުގައި ހިފައި ބާރަށް އަނބުރައިލިއެވެ.ތަދުވި ވަރުން އަހަރެންގެ އަނގައިން މަޑު އާހެއް ބޭރުވިއެވެ.ހަމަ ވަގުތުން އަހަރެންގެ އިސްތަށިގަނޑު ރޫޅި ބުރުގާގެ ދަށުން ސޮހިގެންފިއެވެ.ބަލާކަށް ނުހުރެ އާރިން އަހަރެންގެ ބުރުގާ ދަމައިގަނެ، ލަތްކެއް ޖަހައި އަހަރެން ދިގު އިސްތަށިގަނޑު އޭނާގެ އަތަށް އޮޅާލައިފިއެވެ.ވީ ތަދުން ދޫކުރާށޭ ކިޔައި އަހަންނަށް ބާރަށް ރޮއިގަނެވުނެވެ.

****

އާރިން  އަހަރެންގެ އިސްތަށިގަނޑުން ދޫކޮށްލަން ހިތަށްވެސް އެރީ އެޕާޓްމަންޓުގެ ބެލް އަޅަން ފެށި އަޑު އިވުމުންނެވެ. އޭރު އަހަރެން ދޫކުރުމަށް އެދި ރޮއެ އާދޭސްކުރާތާ އެތައް އިރެއްވެގެން ހިނގައްޖެއެވެ.

****

’ހަމަ މިހާރު މި ސޫޓްކޭސް  ކޮޓަރިއަށް ވައްދާފައި ބުރުގާ އަޅައިގެން ނުކުމޭ!‘ އާރިން އަމުރުކޮށްލިއެވެ.އަހަރެން އެންމެ ސިކުންތެއްވެސް މަޑުނުކޮށް ކޮޓަރި ބޭރުގައި ހުރި ސޫޓްކޭހާއި،ބުރުގާ ހިފައިގެން ކޮޓަރިތެރެއަށް ދެމިގަތީމެވެ.

****

’މިހޫ…ނުކުމެބަލަ…މަންމަ އެބަ ހޯދާ…‘އޭގެ އިރުކޮޅެއް ފަހުން އާރިން ދޮރުގައި ޓަކި ޖަހާލަމުން، ވަރަށް އޯގާތެރި ރާގަކަށް ބުނެލި އަޑުއިވިފައި،އަހަރެންގެ ލޭ ކެކިގަތެވެ.މިހާރު ކޮންމެހެން އޭނާގެ މަންމައަށް ދެއްކެން އަހަންނާއި މާ ލޯބިން ވާހަކަ ދެއްކުމުގެ ބޭނުމެއް ކޮބައިބާވައޭ ހިތަށް އެރުމުން އަހަންނަށް ދަތްކުނޑިވިކައި ގަނެވުނެވެ.އެހެނަސް އަހަރެންގެ ހިގީގީ އިހުސާސްތައް ހިނިތުންވުމެއްގެ ފުރަގަހުގައި ފަރުދާކޮށްލަމުން، އަހަރެން އިސްތަށިގަނޑު ރީތިކޮށްލައި، ބުރުގާ އަޅައިގެން އަހަރެން ކޮޓަރިން ނުކުތީމެވެ. އަހަރެން ނުކުތްއިރު އާރިން އޭނާގެ މަންމައާއި އެކުގައި ސޯފާގައި އިނެވެ.އަހަރެން ފެނުނުހާއިރަކަށް އާރިންގެ މަންމަ ހަދިޔާކޮށްލީ ފުޅާ ހިނިތުންވުމެކެވެ.

****

’އަހަނ ދަރިފުޅާ…ހާދަ ގޮތަކަށް ތިހުރީ…ބަލީތަ؟‘ އަހަރެން ހުރިގޮތް ފެނިފައި އާރިންގެ މަންމަ ފުރަތަމަވެސް އަހައިލީ އެހެންނެވެ.އެ އަޑު އަހާފައި އާރިން އަހަންނާއި ދިމާލަށް ބަލައިލީ އިންޒާރުގެ ނަޒަރަކުންނެވެ.

****

‘ނު..ނޫން… ކުޑަކޮށް ބޮލުގައި ރިއްސާތީ މިއުޅެނީ… އަނެއްހެން ރަނގަޅު…މަންމަ ކިހިނެއްތަ؟‘ އަހަރެން ވީހާވެސް އާދައިގެ ގޮތަކަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން އައިސް އިށީނީ މަންމަގެ ކައިރީގައެވެ.އަހަރެން ހަމަ ގަސްދުގައި އާރިންގެ ގާތުގައި އިށީންނަން ބޭނުން ނުވީއެވެ.

****

’އަލްޙަމްދުލިއްލާހި… މަންމަ ވަރަށް ރަނގަޅު…އަން… މި ދަރިފުޅަށް…‘ މަންމަ އަތުގައި އޮތް އެތެރެ ނޭނގޭ ކަރުދާސް ކޮތަޅެއް އަހަންނަށް ދިއްކޮށްލަމުން މަންމަ ބުނެލިއެވެ.އަހަރެން އަސަރެއް ނެތް ގޮތަކަށް ޝުކުރިއްޔާއޭ ބުނެފައި އެ ކޮތަޅުގައި ހިފިއިރު އާރިން ބަލަން އިން ގޮތުން ހީވަނީ އެ ދެލޮލުން އަހަރެން އަންދާ އަޅިއަށް ހަދާލަން އުޅޭހެންނެވެ.

****

ހިނގާ ސައިބޯން މަންމާ…‘ އަހަރެން މަންމައަށް ސައި ތައްޔާރުކުރަން ދާން ތެދުވުމުން ވަގުތުން މަންމަ އެކަމުން މަނާވެގަތެވެ.

****

’ދަރިފުޅާ މިގަޑީ މަންމަ ސައެއް ނުބޯނަަން… ވަރަށް ރަނގަޅަށް ސައިބޮއެގެން އައީ…ދެން މެންދުރު ކާނީ…‘ މަންމަ ހިތްހެޔޮ ކަމާއި އެކުގައި ބުނެލިއެވެ.

****

މާ ގިނައިރުތަކެއް ނުވެ މަންމަ ދިޔުމުން އަނެއްކާވެސް އާރިންގެ އަނިޔާތަކާއި އަހަންނަށް ކުރިމަތިލާން ޖެހުނެވެ.އޭނާ ހީވަނީ އަހަންނަށް އަނިޔާ ކޮށްކޮށް އެކަމުންވެސް ހިތް ނުފުރިގެން އުޅޭހެންނެވެ.އަހަރެންގެ ހަށިގަނޑުގެ އެތަން މިތަނުގައި އޭނާގެ ދެއަތުން އެތަކެއް ޒަޚަމްތަކެއް ލައްވަމުން ދިޔައިރު މީހަކަށް އެ ނިޝާންތައް ފެނިގެން އަހަންނާއި ސުވާލުކޮށްފާނޭ ކަމާއިމެދު ވެސް އޭނާގެ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ.

 

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (5)

  1. Idiot

    🤣🤣🤣🤣

  2. Aysherr

    Maa sha allah mi part ves hama habeys
    Whens next..?
    Curiosity waiting for the next part avahah up kurahchey

    1. Lamtty
      Aysherr

      Thank you Aysherr ❤️

  3. Anonymous

    mihra i feel sad for you but this is kind of on you too the second you got proof of what this man was doing you should have never gone in to that house you knew what kind of man he was how far he was willing to hide so why go confront him alone or tell him to divorce in cases like this either the man will guilt trip or manipulate you into staying or forcefully do it which he did here you were lucky he was away at that time but you still decided to stay cause he was still your husband bfr ofc i want to beat up aarin too

  4. Lamtty

    Yeah exactly that’s why men take advantage mikahala situations thakuga.
    Thank you for your feedback ☺️

Comments are closed.