Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިތުބާރު ގެއްލުވާ ނުލާ…12

Marsha
January 10, 2016
11 Mins Read
129 Views
22 Comments

“ފަހުންވެސް ދެވިދާނެ، އިހަށް ލަމްމެން ކައިރީ ބުނާނީ އެމީހުން ދާށޭ… އަހަރުމެން ތަންކޮޅެއް ފަހުން ދާނީ” ރާއިފްއަށް ނުބަލާ އިނދެ ނީނާ ބުންޏެވެ. ރާއިފްގެ މޫނު ނުފެނުނު ނަމަވެސް އެވަގުތު ރާއިފްއަށް ވާނެ ގޮތް ނީނާއަށް ވިސްނުނެވެ.

“ތެދެއްތަ ދޮންބޭ؟” ރިފާޝާ ރާއިފްއަށް ބަލާލާފައި އެހިއެވެ.

“އާނ… މި ވަގުތަށް މުހިންމީ ގޭގަ މީހަކު ހުރުމެއްނު؟ އަހަރެންގެ މައްސަލައެއް ނެތް” ރާއިފް ބުންޏެވެ.

ނީނާ އެނބުރިފައި ރާއިފްއަށް ބަލާލިއެވެ. ރާއިފްވެސް ނީނާއަށް ބަލާލާފައި ކޮޓަރިއަށް ވަނެވެ.

އެދުވަހުގެ ފަހުން ނީނާ އޮފީހަކަށް ނުދެއެވެ. ގޭތެރޭގެ ކަންތައްތަކުގައި އުޅެމުން ނާއިޝްގެ ހުރިހާ ކަމެއް ބަލަމުން އުޅެން ޖެހުމުން އަމިއްލަ ދިރިއުޅުމާ މެދު ވިސްނާނެ މާގިނަ ވަގުތެއް ނީނާއަކަށް ނުވެއެވެ. ރާއިފްވެސް އޮފީހުގެ ކަންތަކުގައި ކުރިއަށް ވުރެ ބޮޑަށް މަސައްކަތް ކުރަން ފެށީ ގޭގައި ހޭދަ ކުރާ ވަގުތު މަދު ކުރަން ވެގެންނެވެ.

ދަތުރުގައި ނީނާއާ ރާއިފް ބައިވެރި ނުވާ ވާހަކަ ބުނުމުން ލަމްޔާ ވަރަށް މައްސަލަ ޖެއްސިއެވެ. ލަމްޔާގެ އާއިލާ އެންމެން ކަހަލަ ގޮތަކަށް ނީނާގެ ނިންމުން ބަދަލު ވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެހެން އެއްވެސް ގޮތެއް ނެތް ކަން އެނގުމުން އެމީހުން ދޫކޮށްލިއެވެ. ދާހިތްވި ނަމަވެސް ނީނާވެސް ނިންމުން ބަދަލެއް ނުކުރެއެވެ. އަދި އެހެން ފަހަރަކުން ރާއިފްއާ އެކު އެރަށަށް ދާނެ ކަމަށް ބުނެ ލަމްޔާއާ ލަމްޔާގެ މަންމަ ރުއްސިއެވެ.

އެރޭ ނިދަން ވަދެފައި ރާއިފް އޮށޯތީ ސޯފާގައެވެ. ނީނާ ފާހާނާއިން ނިކުތް އިރު ރާއިފް ސޯފާގައި އޮތް ތަން ފެނުނު ނަމަވެސް އެއްޗެއް ނުބުނެއެވެ. ރާއިފްއަށް ހީކުރެވުނުހެން ނީނާއަށްވެސް ހީކުރެވުނީ ރާއިފް ސޯފާގައި ނިދަނި ނީނާއާ އެކީ އެނދުގައި ނުނިދަން ވެގެން ކަމަށެވެ. ނަމަވެސް އަނެއްރޭ ރާއިފް ސޯފާގައި އޮށޯންނަން ބާލީސް ހިފައިގެ ދާން ފެށުމުން ނީނާއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

“އަހަރެން ސޯފާގަ އޮވެދާނަން، ރާއިފް އޮވޭ އެނދުގަ” ނީނާ ބުންޏެވެ.

“ނޫން… އަހަރެން ސޯފާގަ އޮންނާނީ. ނީނާއަށް އުނދަގޫ ވާނެ ސޯފާގަ އޮންނަން. އެހެން ނޫނަސް އަހަރެން އެނދުގަ އޮތީމަ ނީނާއަށް އުނދަގޫ ވެގެންނެއްނު އެރޭ ސޯފާގަ އޮތީ” ރާއިފް ބުންޏެވެ.

“އެހެން ވެގެނެއް ނޫން… އެރޭ ސޯފާގަ ޓީވީ ބަލަން އޮއްވާ ނިދުނީ” ނީނާ ބުންޏެވެ. އެކަމާ ބެހޭ ގޮތުން ދެމީހުންގެ ހިތުގައިވާ ކުށްހީ ފިލީ ނީނާ އެހެން ބުނުމުންނެވެ.

“އަހަރެން އޮތަސް އުނދަގުލެއް ނުވާނެ؟” ރާއިފް ނީނާއަށް ބަލާލާފައި އަހާލިއެވެ. ނީނާ ބޯޖަހާލިއެވެ.

ރާއިފް އިތުރު އެއްޗެއް ނުބުނެ އެނދުގައި ރާއިފް އޮންނަ ފަރާތުގައި އޮށޯތެވެ. ނީނާވެސް ރާއިފްއަށް ފުރަގަސް ދީގެން އޮށޯތެވެ. ނީނާގެ އެ ހަރަކާތުން ރާއިފް ދެރަ ވިއެވެ. ކިތަންމެ ބޭނުން ވި ނަމަވެސް ނީނާއަށް ގޮވާލަންވެސް ނުކެރުނެވެ.

 

ނީނާއާ ރާއިފްގެ މެދުގައި ކޮންމެވެސް ދެބަސްވުމެއް ހިނގިހެން ފުރަތަމަ ހީވީ ރިއުފާ އަށެވެ. ނީނާ އޮފީހަށް ނުދާން ފެށި ފަހުން އައި ފުރަތަމަ ހުކުރު ދުވަހު ގޭގައި މެންދުރަށް ކައްކަން އުޅެފައި ރިއުފާ ނީނާ ގާތު އެވާހަކަ އެހިއެވެ.

“ނީނާއާ ދޮންބެއާ މައްސަލައެއް ޖެހިގެންތަ ތިއުޅެނީ؟” ތަރުކާރީ ކޮށަން ހުރެފައި ރިއުފާ އަހާލިއެވެ.

“ކީއްވެ ތިހެން ތިއެހީ؟” އަތުގަ ހުރި ފިޔާތައް ނޮޅަން ފަށަމުން ނީނާ އަހާލިއެވެ.

“އަހަންނަށް އެހެން ހީވާތާ ދެދުވަސް ވެއްޖެ… އެހެންވެ އަހާލީ ހަމަ. ބުނެބަލަ! ރުޅި އައިސްގެންތަ ތިއުޅެނީ؟” ރިއުފާ ބުންޏެވެ.

“އުހުނ… މާބޮޑު ކަމެއް ނުވޭ. ދެން ހަމަ…” ނީނާ ބުންޏެވެ.

“އަސްލުވެސްތަ؟ ދޮންބެ މިހާރު ހުންނަނީ އަބަދު ރުޅި އައިސްފަ ހެން އަހަންނަށް ހީވަނީ… އޮފީހުގަ މާ ބިޒީވީ ކަންނޭނގެ… އެރުޅި ނީނާއަށްވެސް ބާލަނީ ދޯ؟” ރިއުފާ އަހާލިއެވެ.

ނީނާ އެއްޗެއް ނުބުނެ ހަމަ އެކަނި ހީލުމަކުން ފުއްދާލިއެވެ. އެހީލުމުން ރިއުފާ މާނަ ކުރާނީ ރިއުފާ އެބުނީ ތެދެއް ކަމަށެވެ. އިތުރު އެއްޗެއް ނީނާ ނުބުނީ އެކަން އެގޮތަށް ބާއްވާށެވެ.

 

ރާއިފްއާ ނީނާއާ މެދު ކޮންމެވެސް ކަމެއް ވެއްޖެ ހެން ނިޒާރުއަށް ވެސް ހީވިއެވެ. ނަމަވެސް ނިޒާރު އެކަމާ ބެހޭގޮތުން ނީނާއާ ވެސް އަދި ރާއިފްއާ ވެސް ސުވާލެއް ނުކުރެއެވެ. އެދެމީހުންގެ އަމިއްލަ ކަމެއްގެ ތެރެއަށް ނުވަންނަން ވެގެންނެވެ. އެކަން ނީނާއާ ރާއިފް އަމިއްލައަށް ހައްލު ކުރަން ދޫކޮށްލީއެވެ.

ރިފާޝާއަށްވެސް އެކަމާ ޝައްކު ކުރެވުނެވެ. ރިއުފާއާ ދެމީހުން އެވާހަކަ ދައްކާފައި ދެފަހަރަކު ނީނާއާ ވެސް ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެއްވެސް ކަމެއް ނުވެޔޭ ބުނެ ނީނާ އެވާހަކަ ހުއްޓާލައެވެ. އެހެންވެ އެދެމީހުންނަށް އިތުރަށް ސުވާލު ކުރާކަށް ނުކެރެއެވެ.

 

ލަތާ އައީ ތިން ހަފްތާ ފަހުންނެވެ. ގޭގެ ހުރިހާ މަސައްކަތާ ނާއިޝްގެ ހުރިހާ ކަމަކާ ލަތާ އަލުން ހަވާލު ވުމުންވެސް ނީނާ ދެން އޮފީހަށް ދާކަށް ބޭނުމެއް ނުވިއެވެ. ރާއިފްވެސް އަދި ނިޒާރުވެސް ނީނާގެ އެ ނިންމުމާ ދެކޮޅެއް ނަހަދައެވެ.

ކައިވެންޏަށް ހަމަސް ވީ ނީނާއާ ރާއިފް އެގޮތަށް އުޅެނިކޮށެވެ. އިތުރު މީހަކަށް އެއްވެސް ކަމެއް ނާންގައެވެ. ގޭތެރޭގައި ދެމީހުން ވާހަކަ ދައްކައެވެ. ބައެއް ފަހަރު އެކީގައި ބޭރަށް ވެސް ދެއެވެ. ނަމަވެސް އެގުޅުމުގައި އެއްވެސް ގާތް ކަމެއް ނެތެވެ.

ނީނާ ރާއިފްއަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދެއެވެ. ރާއިފްވެސް ނީނާއަށް ހުރިހާ ކަމެއް ކޮށްދެއެވެ. ނަމަވެސް އެދެމީހުންގެ ގުޅުން އޮތީ އެއް އެނދެއްގައި ނިދާލުމާ ހަމައަށެވެ. އެކަމާ ރާއިފް ޝަކުވާއެއް ނުކުރެއެވެ. ނީނާ އޮތީ ރާއިފް ބޭނުން ކޮންމެ ކަމެއް ކުރުމުގެ ހުއްދަ ދީފައެވެ. ނަމަވެސް ރާއިފް ނީނާ ބޭނުން ވަނީ ނީނާގެ ރުހުމުގައެވެ. ނިނާގެ ހިތުގައި ވާ ހުރިހާ ޝައްކެއް ފިލުމަށް ފަހުގައެވެ.

ރާއިފް އަދިވެސް ނީނާދެކެ ލޯބި ވެއެވެ. ނަމަވެސް އެކަން އަންގާނެ ގޮތެއް ރާއިފް އަކަށް ނުވިސްނެއެވެ. ހަމަ އެކަނި އެހެން ބުނެގެން ނީނާ ގަބޫލު ނުކުރާނެ ކަން ރާއިފްއަށް އެނގެއެވެ. ރާއިފް ޖެހޭނީ އަލުން ނީނާގެ އިތުބާރު ހޯދާށެވެ. ރާއިފް ނީނާދެކެ ލޯބި ވާކަން ނީނާއަށް ޔަގީން ކޮށްދޭށެވެ.

ރާއިފް ކުރިޔާ ތަފާތު ކަން ނީނާއަށްވެސް އެނގެއެވެ. ނަމަވެސް ކުރިންވެސް ނީނާއަށް އެހެން ހީކުރެވުނެވެ. މިފަހަރުވެސް އެއީ ނީނާއަށް ކުރެވޭ ހީއަކަށް ވެދާނެތީ ނީނާ ބިރު ގަނެއެވެ. ރާއިފް ނީނާ ދެކެ ލޯބި ވެދާނެ ކަމަކަށް ނީނާ ހިއެއްވެސް ނުކުރެއެވެ. އެއީ ނީނާ ވާން އެންމެ އެދޭ ކަންތައް ނަމަވެސް އެކަން ވެދާނެ ކަމުގެ އުންމީދެއް ނީނާ ނުކުރެއެވެ. ރާއިފްއާ ކައިރި ވާންވެސް ނީނާ ބޭނުން ވެއެވެ. ނަމަވެސް އަދިވެސް އިތުބާރެއް ނުކުރެވެއެވެ.

އޭގެ ދުވަސް ކޮޅެއް ފަހެވެ. ޖެހިގެން އަންނަ ދުވަހަކީ ނީނާގެ އުފަން ދުވަސްކަން ރާއިފްއަށް އެނގޭނެ ބާއޭ ނީނާ ހިތަށް އެރިއެވެ. އެރޭ ދެމީހުން ނިދަން ވެގެން ކޮޓަރިއަށް ވަން އިރު އެގާރަ ޖަހައިފިއެވެ. ކޮޓަރިއަށް ވަދެ ނީނާ ފުރަތަމަ އިނީ ވާހަކަ ފޮތެއް ކިޔާށެވެ. ރާއިފްވެސް ނިދަން ނޫޅެ ލެޕްޓޮޕް ހުޅުވައިގެން ކޮންމެވެސް ކަމެއް ކުރަން އިނެވެ.

ބާރަ ޖެހިތަނާ ކުއްލިއަކަށް ދެމީހުންވެސް ސިއްސައިގެން ދިޔައީ ނާއިޝް ހަޅޭލަވައިގަތް އަޑަށެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި އަވަސް އަވަހަށް އަތުގައި އޮތް އެއްޗެއް ދޫކޮށްލާފައި ތެދުވިއެވެ. ދޮރާ ހަމައަށް ދެމީހުންނަށް ދެވުނީ އެކީގައެވެ. ނަމަވެސް އެހިސާބަށް ގޮސްފައި ރާއިފް މަޑުކޮށްލިއެވެ. ނީނާ ރާއިފްއަށް ބަލާލީ ކިހިނެއް ވީތޯ އަހާލާ ގޮތަކަށެވެ. ރާއިފް އެއްޗެއް ނުބުނުމުން ނީނާ ދޮރު ހުޅުވާލާފައި ނިކުތެވެ. އޭރު ގޭތެރެ އޮތީ ނީނާ ކޮޓަރިއަށް ވަންނަމުން ނިވާލި ގޮތަށެވެ.

 

“ނާއިޝް…؟” ނީނާ ގޮވާލިއެވެ. އަދި ފާރުގައި އަތް ޖައްސާފައި ސްވިޗް ޖައްސާލިއެވެ. ސިޓިންގރޫމް އަލިވެގެން ދިޔައެވެ. އެއާ އެކު ނީނާއަށް އަނގަ ހުޅުވިފައި ބަލަހައްޓައިގެން ހުރެވުނެވެ. މުޅި ތަނަށް އޮތީ ރަތާ ހުދު ފުއްޕާ ހަން އަޅާފައެވެ. ކާމޭޒުމަތީ ހަމަ އެދެކުލައިގެ ބޮޑު ކޭކެއް އިނެވެ.

“ހެޕީ ބަރތްޑޭ…!” ރިއުފާއާ ރިފާޝާއާ ނާއިޝްއާ ހުޝާމްއާ ނާޝިދު އަދި ނިޒާރުވެސް ބަދިގެ ތެރޭން ނިކުންނަމުން ލަވައެއްގެ ރާގަށް ކިޔާލިއެވެ. ނީނާއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.

ނީނާ އެނބުރި ފަހަތަށް ބަލާލިއެވެ. އޭރު ރާއިފް ކޮޓަރި ދޮރުގައި ލެނގިލައިގެން ހަށަން ބަނދެލައިގެން ހެވިފައި ނީނާއަށް ބަލަން ހުއްޓެވެ. ވަގުތުން ނީނާއަށް ހުރިހާ ކަމެއް ވިސްނުނެވެ. މިހުރިހާ ކަމެއް ކުރީ ރާއިފްއެވެ.

ނީނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ރިއުފާ އައިސް ނީނާގެ އަތުގައި ހިފައިގެން ގެންދިޔައެވެ.

“ދެންވެސް ތިހެން ނުހުރެ މި ކޭކު ފަޅާބަލަ” ރިއުފާ ބުންޏެވެ.

އެތައް ދުވަހެއްގެ ފަހުން ގޭއެންމެންނާ އެކު ނީނާ އުފާވެރި ވަގުތު ކޮޅެއް ހޭދަ ކޮށްލިއެވެ. ސަކަރާތް ޖަހާ އެންމެން އެކީ މަޖާކޮށްފައި ނީނާއާ ރާއިފްއަށް ނިދަން ވަދެވުނު އިރު ދޭއް ޖަހައިފިއެވެ.

 

ރާއިފް ހުރިހާ ކަމެއް ކޮށްފައި އެންމެ ފަހު ވަގުތު ނީނާ ކޮޓަރިން ނެރޭނެ ގޮތެއް ނުވިސްނުމުން އެކަމާ މެދު ހިޔާލެއް ދިނީ ރިއުފާއެވެ. އެރޭ އެންމެން ނީނާއަށް އުފަން ދުވަހުގެ ތަހުނިޔާ ކީއިރު ރާއިފް އެއްވެސް އެއްޗެއް ނުބުނެއެވެ. ރާއިފް މަޑުކުރީ ނީނާއާ އެކު އެކަނި ވަންދެކަށެވެ.

 

ނީނާ އެއްޗެހި ބަދަލު ކޮށްލައިގެން އެނދުގައި އިށީނެވެ. އޭރު ރާއިފް އެނދުގެ އަނެއް ފަރާތުގައި އިނެވެ.

“ނީނާ…” ރާއިފް ގޮވާލިއެވެ.

“ކީކޭ؟” ނީނާ އެހިއެވެ. އެހުރިހާ ކަމެއް ކުރި ނަމަވެސް އަދިވެސް ރާއިފް ތަހުނިޔާ ނުކިޔާތީ ނީނާ އިނީ ދެރަ ވެފައެވެ.

“ހެޕީ ބަރތްޑޭ…” ރާއިފް ބުންޏެވެ.

“ތެންކް ޔޫ” ނީނާ ބުންޏެވެ. އަދި ރާއިފްއަށް ބަލާލިއެވެ.

“އަހަންނަށް އެނގޭ އެހުރިހާ ކަމެއް ކުރީ ރާއިފް ކަން… ވަރަށް ބޮޑަށް ތޭންކްސް” ނީނާ ބުންޏެވެ.

ރާއިފް އެއްޗެއް ނުބުނެ ރިހި ކުލައިގެ ކަރުދާހުން ޕާރުސަލް ކޮށްފައި އިން ކުޑަ ފޮއްޓެއް ނީނާއަށް ދިއްކޮށްލިއެވެ.

“މީ ކޯޗެއް؟” ފޮށީގައި ހިފާފައި ނީނާ އެހިއެވެ.

“ހުޅުވާފަ ބަލާލަބަލަ…” ރާއިފް ބުންޏެވެ.

ނީނާ ކަރުދާސްތައް ނައްޓާފައި ފޮށި ހުޅުވާ ބަލާލިއެވެ. އޭގައި އޮތީ ހަތަރު ރަން ތަނޑިއެވެ. ނީނާ ތަނޑިތައް ނަގާ ބަލާލިއެވެ. އަދި ރާއިފްއަށް ބަލާލިއެވެ. ރާއިފް އަތް ދިއްކޮށްލިއެވެ. ނީނާ ރާއިފް އަތަށް ތަނޑިތައް ދިނެވެ. ރާއިފް އަނެއް އަތް ދިއްކޮށްލިއެވެ. ނީނާ އިރުކޮޅަކު ބަލަން އިނދެފައި އެނދުގެ މެދަށް ޖެހިލާފައި އަތް ދިއްކޮށްލިއެވެ.

ރާއިފް ނީނާގެ އަތުގައި ހިފާފައި ފަހަރަކު ތަނޑިއެއް ނީނާގެ އަތުގައި އަޅުވާދިނެވެ. އެންމެ ފަހު ތަނޑި އެޅުމުން ނީނާ ރާއިފްގެ މޫނަށް ބަލާލިއެވެ. ކައިވެނި ކުރި ރޭގެ ފަހުން އަދި މިނޫނީ ނީނާ ރާއިފްއާ މިހާ ކައިރި ނުވެއެވެ.

“ތޭންކް ޔޫ…” ނީނާ އިސް ޖަހާލާފައި ބުންޏެވެ. އަދި ރާއިފްގެ އަތު ތެރޭން އަތް ދަމައިގަންނަން އުޅުނެވެ. ނަމަވެސް ރާއިފް ދުލެއް ނުކުރިއެވެ. ނީނާ އަނެއްކާ ވެސް ރާއިފްގެ މޫނަށް ބަލާލިއެވެ.

ރާއިފް އެވަގުތު އެއްގޮތަކަށްވެސް ނީނާ ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. ރާއިފްއަށް ނީނާގެ އަތުގައި ހިފާ އަދިވެސް ބޮޑަށް ނީނާ ރާއިފްއާ ކައިރި ކޮށްލެވުނެވެ. ނީނާ އެއްވެސް އެއްޗެއް ނުބުނެ އިނެވެ. ރާއިފް ނީނާ ގައިގައި ބައްދާލިއެވެ. ނީނާގެ ދަތްދޮޅީގައި އިނގިލި ޖައްސާ ނީނާގެ މޫނު އުފުލާލިއެވެ.

ނީނާ އިތުރަށް ރާއިފްއާ ކައިރި ވާކަށް ބޭނުމެއް ނޫނެވެ. ދެންވެސް ދެރަ ވާނީ ނީނާ ކަމަށް ވާތީއެވެ. ރޯން ޖެހޭނީ ވެސް ހަމަ ނީނާއެވެ. ނަމަވެސް ރާއިފްގެ އެއްވެސް ހަރަކާތަކާ ނީނާއަށް ދެކޮޅެއް ނުހެދުނެވެ. ރާއިފްގެ ކޮންމެ ބީހިލުމަކަށް މަރުހަބާ ކިޔުނެވެ.

ނީނާގެ ހަށިގަނޑު ރާއިފް ގައިގައި ޖެހުނު ވަގުތުން ފެށިގެން ރާއިފްއަށް އަމިއްލަ ހަރަކާތެއް ކޮންޓްރޯލެއް ނުކުރެވުނެވެ. ބޭނުންވީ ރާއިފްގެ އަތު ތެރޭގައި ނީނާ ފޮރުވާލާށެވެ. ދުވަހަކުވެސް ނުނިކުމެވޭނެ ގޮތަށެވެ.

 

އަނެއް ދުވަހު ހެނދުނު ރާއިފްއަށް ވުރެ ކުރިން ނީނާއަށް ހޭލެވުނެވެ. ރޭގެ ހަނދާން ވީ ރާއިފް ނީނާ ގައިގައި ބައްދާލައިގެން އޮތް ގޮތުންނެވެ. ނީނާ ރާއިފްގެ މޫނަށް ބަލާލިއެވެ. އެއް އަތުން ރާއިފްގެ މޫނުގައި މަޑުމަޑުން ފިރުމާލިއެވެ. އަދި ރާއިފްއަށް އުނދަގޫ ނުވާނެހެން ތެދުވިއެވެ.

ރާއިފްއަށް ހޭލެވުނީ ނީނާ ފެން ވަރައިގެން ނިކުތް ވަގުތުއެވެ. ރާއިފް އޮތް ގޮތަށް ނީނާއަށް ބަލަން އޮތެވެ. ނަމަވެސް ނީނާ ރާއިފްއާ ދިމާއަށް ބަލައެއް ނުލައެވެ. ރޭގެ ފަހުންވެސް ނީނާ އެހެން އުޅޭތީ އަދިވެސް ނީނާގެ އިތުބާރު ނުލިބޭކަން ރާއިފްއަށް ވިސްނުނެވެ. ގިނަ އިރެއް ނުވެ ރާއިފްއަށް އަނެއްކާވެސް ނިދުނެވެ. ދެން ހޭލެވުނީ ނީނާ ގޮވުމުންނެވެ.

“ހަތް ގަޑި ބައި ވަނީ، ތެދުވޭ ދެން، އެހެން ނޫނީ ގަޑި ޖެހިދާނެ” ރާއިފް ލޯ ހުޅުވާލުމުން ނީނާ ބުންޏެވެ.

ރާއިފް ތެދުވެ ހެޑްބޯޑްގައި ލެނގިލިއެވެ. އަތުގައި އޮތް ތުވާލި އެނދުމަތީ ބާއްވާފައި ނީނާ ދާން އެނބުރިލިއެވެ. އެވަގުތު ރާއިފް ނީނާގެ އަތުގައި ހިފެހެއްޓިއެވެ. އަދި ކައިރީގައި ބޭންދިއެވެ.

“ހިތްހަމަ ނުޖެހިފަތަ ތީނީ؟” ރާއިފް އަހާލިއެވެ. ނީނާ ބޯ ހަލުވާލިއެވެ.

ރާއިފް އެއްޗެއް ނުބުނެ އިރުކޮޅަކު ނީނާއަށް ބަލަން އިނެވެ. ރާއިފް ކޮންމެވެސް އެއްޗެއް ބުނަން އުޅޭހެން ނީނާއަށް ހީވިއެވެ.

“ނީނާ…” ރާއިފް ގޮވާލިއެވެ.

“ހްމްމް…” ނީނާ ބުންޏެވެ.

ރާއިފް ދެއަތުން ނީނާގެ ދެއަތުގައި ހިފަހައްޓާލިއެވެ.

“އައިމް ރިއަލީ ސޮރީ…” ރާއިފް ބުންޏެވެ. ނީނާ އެއްޗެއް ނުބުނެއެވެ.

“ނީނާ… އަހަރެން—” ރާއިފް ބުނަން އުޅުނެވެ. ނަމަވެސް އެވަގުތު ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ދެމީހުންނަށް އެއްފަހަރާ ދޮރާ ދިމާއަށް ބަލާލެވުނެވެ.

“ރާއިފް…” ނިޒާރު ގޮވާލިއެވެ.

ރާއިފް ތުވާލި ހިފައިގެން ފާހާނާއަށް ވަނުމުން ނީނާ ދޮރު ހުޅުވާލިއެވެ.

“ރާއިފް ތައްޔާރު ނުވަނީތަ އަދި؟” ނިޒާރު އަހާލިއެވެ.

“ފާހާނާގަ ވީ” ނީނާ ބުންޏެވެ.

“ބުނޭ އަވަސް ކޮށްލާށޭ، ކުޑަ ކަމެއް ޖެހިގެން މިއުޅެނީ… ބައްޕަ މިދަނީ އޮފީހަށް، ރާއިފް ކައިރީ ބުނޭ އަވަހަށް އަންނައްޗޭ އިނގޭ” ނިޒާރު ބުންޏެވެ.

 

އެދުވަހު އޮފީހަށް ގޮސްފައި ރާއިފް އުޅުނީ ގެޔަށް ދެވޭލެއް ލަސް ވެގެންނެވެ. ނިޒާރު ބުނި ކަންތައް ނިންމާފައި މެންދުރު ކާގަޑިއަށް ގެޔަށް ދެވޭނެ ކަމަށް ހީކުރި ނަމަވެސް އެގަޑީގައި ގެޔަށް ދެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ރާއިފްއަށް ގެޔަށް ދެވުނީ ހަތަރެއް ޖެހި ފަހުންނެވެ. އެވަގުތުވެސް ލަސްވީ ނަސްރުގެ ސަބަބުންނެވެ.

“މިއަދު ނެތް މަޑު ކުރެވޭކަށް، އަވަހަށް ގެޔަށް ދާން އެބަ ޖެހޭ” ނަސްރު ވަނުމުން ރާއިފް ބުންޏެވެ.

“ކިހިނެއްވީ؟ ގޭގަ ކޮން ކަމެއް އޮތީ؟” ގޮނޑީގައި އިށީނދެ ހަމަޖެހިލާފައި ނަސްރު އަހާލިއެވެ.

“ދެން ކަމެއް ނެތަސް އަވަހަށް ދެވިދާނެއެއްނު؟” ލެޕްޓޮޕް ދަބަހަށް ލާފައި ކޮނޑުގައި އަޅުވާލަމުން ރާއިފް ބުންޏެވެ.

“މަށަށް ހާދަ ހީވެޔޭ ނީނާ މަތިން ހަނދާން ވާތީ އުޅޭހެން… އަނެއްކާ… އެއީތަ ވެގެން ތިއުޅޭ ގޮތަކީ؟” ދިމާ ކުރާ ރާގަކަށް ނަސްރު އަހާލިއެވެ.

ރާއިފް އެއްޗެއް ނުބުނެ ހީލިއެވެ.

“އަވަހަށް ދޭ… އަހަރެން ނެތިން ދެމަފިރިންގެ މެދަށް ވަންނާކަށް” ތެދުވަމުން ނަސްރު ބުންޏެވެ.

“ތޭންކްސް…” ނަސްރުގެ ކޮނޑުގައި ޖަހާލާފައި ރާއިފް ބުންޏެވެ. އަދި ނަސްރުއަށް ވުރެ ކުރިން ނިކުތެވެ.

“ލޯބި ވީމަ މީހުންނަށް ވާގޮތް ދޯ!!!” ދެފަރާތަށް ބޯ ހަލުވާލަމުން ރާއިފް ދިޔަ ދިމާއަށް ބަލަން ހުރެ ނަސްރު ބުންޏެވެ.

 

ރާއިފް ގެޔަށް ދިޔަ އިރު ސިޓިންގ ރޫމްގައި އެކަކުވެސް ނެތެވެ. އަވަހަށް ކޮޓަރިއަށް ވަން އިރު ކޮޓަރީގައިވެސް ނީނާ ފެންނާކަށް ނެތެވެ. އެނދުމަތީ ދަބަސް ބާއްވާފައި ނީނާ ވީ ކޮންތާކު ބާއޭ ހިތާހިތާ ސުވާލު ކުރަމުން ރާއިފް ބެލްކަންޏަށް ނިކުތެވެ. އެތާވެސް ނީނާ ނެތުމުން އަނެއްކާ ކޮޓަރިއަށް ވަން ތަނާ ނީނާ ފާހާނާއިން ނިކުތެވެ. އެވަގުތު ނީނާ ހުރި ގޮތުން ރާއިފްއަށް ނީނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ.

ނީނާގެ ތެމިފައިވާ އިސްތަށި ގަނޑުން ފައިބަމުން ދިޔަ ފެން ތިކިތައް ނީނާ ލައިގެން ހުރި ހުދު ކުލައިގެ ތުނި ގަމީސް ތެންމަމުން ދިޔައެވެ. ރާއިފް ބަލަން ހުރި ގޮތުން ނީނާ ލަދު ގަންނަން ފެށިއެވެ. އަތުގައި އޮތް ތުވާލި އުނަގަނޑުގައި އޮޅާލަން ވީބާއޭ ނޫނީ އޭގެން އިސްތަށިގަނޑު ހިއްކަން ވީ ބާއޭ ނީނާ ހިތަށް އެރިއެވެ. ނަމަވެސް ގޮތެއް ނުނިންމިގެން އުޅެނިކޮށް ރާއިފް އައިސް ނީނާގެ އަތުގައި އޮތް ތުވާލި އަތުލިއެވެ. އަދި ނީނާގެ އިސްތަށިގަނޑުގައި އޮޅާލިއެވެ.

“ތެމެނީނު…؟” ރާއިފް މަޑުމަޑުން ބުންޏެވެ.

ނީނާ އެއްޗެއް ނުބުނެއެވެ. ރާއިފް ނީނާގެ މޫނުގައި އަތް ޖައްސާލިއެވެ. ނީނާ ރާއިފްއަށް ބަލާލާފައި ރާއިފްގެ މޭގައި ލެނގިލިއެވެ. އެއީ ރާއިފްއަށް ނީނާގެ ފަރާތުން ލިބުނު ހުއްދައެއް ކަމުގައި ރާއިފް ދެކުނެވެ. އަދި ނީނާ ގައިގައި ބައްދާލިއެވެ.

 

ނީނާގެ މިޒާޖަށް އައި ބަދަލު ގޭ އެންމެންނަށް ފާހަގަ ކުރެވުނެވެ. އެކަމާ އެންމެ ފުރަތަމަ އެއްޗެއް ބުނީ ރިއުފާއެވެ.

ޖެހިގެން އައި ދުވަހު ރިއުފާ އޮފީހުން ގެޔަށް އައި އިރު ނީނާ ބަދިގޭގައި ހަވީރަށް ސައި ތައްޔާރު ކުރަން އުޅެއެވެ. މަޑުމަޑުން ލަވައެއްގެ ރާގަށް ހޫނހޫނ ލައްވަމުން ނީނާ މަސައްކަތް ކުރަމުން ދިޔައެވެ. ރިއުފާ ބަދިގޭ ދޮރުމަތީ އިރުކޮޅެއް ވަންދެން ހުރި އިރުވެސް ނީނާއަށް ނުވެސް ފެނެއެވެ. އެހާ ވަރަށް ނީނާ ހުރީ އަމިއްލަ ޚިޔާލުތަކަށް ގެއްލިފައެވެ.

“ހާދަ ވަރަކަށް ސައި ހަދަނީ… މާ ހާއްސަ ދުވަހަކީތަ؟” އެތެރެއަށް ވަދެފައި ރިއުފާ އަހާލިއެވެ. ނީނާ ރިއުފާއަށް ބަލާލާފައި ހީލިއެވެ.

“ނޫނޭ… ހާއްސަ ދުވަހެއް ނޫނަސް ސައި ބޮވިދާނެއެއްނު؟” ނީނާ ބުންޏެވެ.

“ހާއްސަ ވީމަތާ މުޅިންވެސް ދޮންބެއަށް މީރު އެއްޗެހި ހަދާފަ މިހިރީ” ނީނާ ހަދާފަ ހުރި ތަފާތު ވައްތަރުގެ ހެދިކާއަށް ބަލާލަމުން ރިއުފާ ބުންޏެވެ. ނީނާ އެއްޗެއް ނުބުނެ ހުއްޓެވެ.

“އަސްލު ނީނާ ބުނެބަލަ… މި ދެދުވަހު ނީނާ ކުރިޔާ ވަރަށް ތަފާތު، ވަރަށް އުފާވެފަ ހުންނަ ކަން ފާހަގަ ކުރެވޭ. ސިއްރަކީ ކޮބާ؟” ރިއުފާ އަހާލިއެވެ.

“އެއީ ދެން… ކަމެއް ނުވޭ…” ނީނާ ބުންޏެވެ.

“އަހަންނަށް ހީވަނީ ދޮންބެއާ ނީނާއާ ދެމީހުންގެ މެދުގަ ޖެހިފަ އޮތް މައްސަލަ ހައްލު ވީހެން” ރިއުފާ ބުންޏެވެ.

“ކާކު ބުނީ އަހަރުމެންގެ މެދުގަ މައްސަލައެއް ޖެހުނޭ؟” ނީނާ އަހާލިއެވެ. އެހެން އެހި އިރުވެސް އެހުރިހާ ދުވަހު ނީނާއާ ރާއިފްގެ ގުޅުން ރަނގަޅު ނޫން ކަން ގޭ އެންމެނަށް އެނގޭ ކަން ނީނާއަށްވެސް އެނގެއެވެ.

“ދެމީހުންވެސް އަހަރުމެން އެހީމަ އޮޅުވާލާތީ އަހަރުމެން ފަހުން ނޭނގޭ ކަމަށް ހަދައިގެން ތިއްބަސް އެނގެޔޭ އެކަން” ރިއުފާ ބުންޏެވެ.

“އާނ… މައްސަލަ ހައްލު ވެއްޖެ” އިރުކޮޅެއް ފަހުން ނީނާ ބުންޏެވެ. އެއީ މުޅިން ތެދު ނޫން ނަމަވެސް ނީނާ އެހެން ބުނީ ރިއުފާއަށް އިތުރު ސުވާލު ކުރާނެ ފުރުސަތު ނުދޭން ވެގެންނެވެ.

“އަސްލު ކިހިނެއްތަ ވީ؟” ރިއުފާ އަހާލިއެވެ.

“ނިމިފަ އޮތް ކަމެއްގެ ވާހަކަ އެންމެ ރަނގަޅު ވާނީ ނުދެއްކިއްޔާ. ދެން ހިނގާ ސައި ބޯން” ނީނާ ބުންޏެވެ.

“ނޫނޭ… މަވެސް ސައި ބޯނީ އެންމެންނާ އެކީ، އަންނާނަން ފެންވަރައިގެން” ރިއުފާ ބަދިގޭން ނިކުންނަމުން ބުންޏެވެ.

 

ނީނާވެސް ކޮޓަރިއަށް ވަނީ ރާއިފް އަންނަން ވާއިރަށް ފެންވަރާލާށެވެ. އަވަސް އަވަހަށް ފެން ވަރާލައިގެން ނީނާ ރީތިވާން އިންދާ ރާއިފް އައިސް ކޮޓަރިއަށް ވަނެވެ. ދަބަސް ބާއްވާފައި ރާއިފް ނީނާ އިން ގޮނޑީގެ ފަހަތުގައި މަޑުކޮށްލިއެވެ.

“ހިނގާ ސައި ބޯން” ނީނާ ތެދުވެފައި ބުންޏެވެ.

“ފުރަތަމަ ބޭނުމީ އެޕަޓައިޒަރއެއް” ނިނާގެ އަތުގައި ހިފާ ކައިރިއަށް ދަމާލަމުން ރާއިފް ބުންޏެވެ.

“ދެން ހިނގާ… އެންމެން މިހާރު ތިބޭނެ ރާއިފް ނައިސްގެން” އިރުކޮޅެއް ފަހުން ނީނާ ބުންޏެވެ.

ދެމީހުން އެކީ ކޮޓަރިން ނިކުތެވެ. އެމަންޒަރު ފެނުމުން ނިޒާރު ހިތްހަމަ ޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ.

 

އެއީ އެދުވަހުގެ ފަހުން ނީނާއާ ރާއިފްގެ ގުޅުން އޮތް ގޮތެވެ. ދެމީހުން އެކަކު އަނެކަކާ ސަކަރާތް ޖަހާ މަޖާ ވާހަކަ ދައްކާ ހަދައެވެ. އެކަކު އަނެކަކާ އެކިއެކި ކަންކަމުގައި މަޝްވަރާކޮށް ހަދައެވެ. ނަމަވެސް އަދިވެސް އެކަކުވެސް އަނެކަކުގެ އިހުސާސްތަކާ ބެހޭ ގޮތުން ވާހަކައެއް ނުދައްކައެވެ. އެކަކު އަނެކަކުގެ އަމިއްލަ ކަންތައްތަކާ ބެހޭ ގޮތުން ވާހަކައެއް ނުދައްކައެވެ. ގޭން ބޭރުގައި ރާއިފް އުޅޭ ތަނެއް ބަލާ ސުވާލު ކުރާކަށް ނީނާ ބޭނުމެއް ނުވެއެވެ. ގޭގައި އުޅޭ ވަގުތު ތަކުގައި ރާއިފްއަށް އަންނަ ފޯންކޯލް ތަކާ ބެހޭ ގޮތުންވެސް ސުވާލެއް ނުކުރެއެވެ. ހަމަ އެހެން ނީނާގެ ކަންކަމާ ރާއިފްވެސް ނުބެހެއެވެ.

ނީނާ އަދިވެސް ރާއިފް ދެކެ ލޯބި ވެއެވެ. ރާއިފް ނީނާއާ މެދު މިހާރު ކަންތައް ކުރާ ގޮތާ ނީނާ ރުހެއެވެ. ހިތުގެ އަޑިން އެއަށް ވުރެން ބޮޑަށް ރާއިފްއާ ކައިރި ވާން ނީނާ ބޭނުން ވެއެވެ. ނަމަވެސް އަދިވެސް އެއްވެސް ސުވާލެއް ނެތި މުޅި ދިރިއުޅުން ރާއިފްއާ ހަވާލު ކޮށްލަން ނީނާ ޖެހިލުން ވެއެވެ.

ރާއިފް އަމިއްލަ ހިތުގެ ހާލާމެދު ނީނާއާ ވާހަކަ ނުދެއްކުން އެއީ އެ ޖެހިލުން ވުމުގެ އެއް ސަބަބެވެ. ނަމަވެސް އެކަމާ ނީނާއާ ވާހަކަ ދައްކަން ރާއިފް ޖެހިލުން ވަނީ ނީނާ ރާއިފްގެ ވާހަކަ އަޑު ނާހަފާނެތީއެވެ. ގަބޫލު ނުކޮށްފާނެތީއެވެ. އެ ވާހަކައިގެ ސަބަބުން މިހާރު އޮތް ގުޅުން ބަދަލު ވާކަށް ރާއިފް ބޭނުމެއް ނޫނެވެ. ނީނާ އަނެއްކާ ރާއިފްއާ ދުރުވާކަށް ރާއިފް ނޭދެއެވެ.

ނީނާ ދެކެ ރާއިފް ލޯބި ވާކަން އަންގަން ރާއިފް ބޭނުން ވެއެވެ. ނަމަވެސް އެކަން އަންގާނެ ގޮތެއް ރާއިފް އަކަށް ނުވިސްނުނެވެ. ހަމަ އެކަނި ދުލުން ބުނެގެން ނީނާ ގަބޫލު ކޮށްފާނެހެން ރާއިފްއަށް ހީނުވަނީއެވެ. ނަމަވެސް އެލޯބި ހިތުގައި ފޮރުވައިގެން ހުރުން ރާއިފްއަށް އުނދަގޫވެއެވެ. އަމަލުން ނީނާ ދެކެ ވާލޯބި ހާމަ ކޮށްދޭން ރާއިފް ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް އެމަސައްކަތް ކާމިޔާބު ވާކަމެއް ރާއިފްއަކަށް ނޭނގެއެވެ.

ރާއިފް ނީނާއާ މެދު ބަހައްޓާ އޯގާތެރިކަމާ، ނީނާއަށް ކަންތައް ކޮށްދޭ ގޮތާ، މިހުރިހާ ކަމަކުންވެސް ރާއިފް ކަމެއް އަންގާދޭން އުޅޭކަން ނީނާއަށް އެނގެއެވެ. އެއީ ކޮންކަމެއް ކަމާމެދުވެސް ނީނާއަށް ކޮންމެވެސް ވަރަކަށް ޔަގީން ކުރެވެއެވެ. ނަމަވެސް އަމިއްލަ ނަފްސަށްވެސް އޮޅުވާލެވެނީ ކުރީގެ ހަނދާން އަދިވެސް ހިތުން ނުފިލާތީއެވެ. ދިރިއުޅުމާމެދު ކޮންމެވެސް ވަރެއްގެ އުންމީދެއް އޮތް ނަމަވެސް ހިތުގެ އެންމެ ފުން މިނުން އެދެވޭ އެދުމާ މެދު އެއްވެސް ޔަގީން ކަމެއް ނެތެވެ.

 

ނީނާގެ އުފަން ދުވަހުގެ ބަރާބަރު ދެމަސް ފަހުން ރާއިފްގެ އުފަން ދުވަސް އައެވެ. ރާއިފް ނީނާގެ އުފަން ދުވަސް ނީނާއަށް ހާއްސަ ދުވަހަކަށް ހަދައިދިން ގޮތަށް ނީނާވެސް ރާއިފްގެ އުފަން ދުވަސް ހާއްސަ ގޮތަކަށް ފާހަގަ ކުރަން ބޭނުން ވިއެވެ.

 

ރާއިފްއާ ޚިލާފަށް ނީނާ ހުރިހާ ކަމެއްވެސް ކުރީ އަމިއްލައަށެވެ. ގޭ އެކަކަށްވެސް ނާންގައެވެ. ހުރިހާ ކަމެއް ނިންމާފައި ނީނާ ވަށައިގެން ކޮޓަރިއަށް ބަލާލިއެވެ. ކުޑަ މޭޒުމަތީގައި ރާއިފްއަށް އެންމެ މީރު ޗޮކްލެޓް ކޭކެއް އިނެވެ. ކޭކު ކައިރީ ހުދު ރިބަން ކޮޅެއް އައްސާފައި އިން ވަޅިއަކާ ހުދު ކަރުދާހުން ޕާރުސަލް ކޮށްފައި އިން ކުޑަ ފޮއްޓެއް އިނެވެ. ފުއްޕާ ހަމުގެ ބަދަލުގައި ކޮޓަރިތެރެ ޒީނަތްތެރި ކުރަން ނީނާ ބޭނުން ކުރީ ރަތާ ހުދު ފިނިފެން މަލުގެ ފިޔައެވެ. އެނދު މަތީގަޔާ އަދި މަދުން ނަމަވެސް ޓައިލްސްތައް މަތީ ފިނިފެން މަލުގެ ފިޔަތައް ހުއްޓެވެ.

ހިތް ހަމަ ޖެހޭ ވަރު ވުމުން ނީނާ ގަޑި ބަލާލިއެވެ. ބާރަ ޖަހަން ދިހަ މިނަޓެވެ. ރާއިފް ގެޔަށް އަންނާކަށް ދެން މާ ގިނަ އިރެއް ނުވާނެކަން އެނގޭތީ ނީނާ އަވަހަށް ތައްޔާރުވާން ފެށިއެވެ.

ނީނާ އެހީއަކަށް އެދުނީ ހަމަ އެކަނި ނަސްރުގެ ފަރާތުންނެވެ. އެރޭ ބާރަ ޖަހަންދެން ގެޔަށް އަޔަނުދީ ރާއިފް ހިފެހެއްޓުމާ ނަސްރު ހަވާލުވީ އުފަލާ އެކީއެވެ.

 

ބާރަ ޖެހިތާ މާގިނަ އިރެއް ނުވެ ރާއިފް ގެޔަށް އައިސް ކޮޓަރިއަށް ވަން އިރު ކޮޓަރި އޮތީ އަނދިރި ކޮށްލާފައެވެ. ނީނާ އޮންނާނީ ނިދާފައޭ ހިތާ ރާއިފް މަޑުމަޑުން އެތެރެއަށް ވަނެވެ. ދެތިން ފިޔަވަޅު އަޅާފައި ހުއްޓުނީ ކޮންމެވެސް އެއްޗަކަށް ފައިން އެރޭތީއެވެ. ރާއިފް ފަހަތަށް ޖެހިލާފައި ޑިމަރުން ނިދާ ބޮކީގެ އަލި ގަދަކޮށް ކޮޓަރިތެރެ އަލި ކޮށްލިއެވެ.

އެއާ އެކު ރާއިފްއަށް ފުރަތަމަވެސް ފެނުނީ ސޯފާގައި ހުދު ކުލައިގެ ނައިޓީއެއް ލައިގެން އިން ނީނާއެވެ.

“ހެޕީ ބަރތްޑޭ!” ރާއިފް ބަލާލުމާއެކީ ނީނާ އުފަން ދުވަހުގެ ތަހުނިޔާ ކިޔެވެ. ރާއިފްއަށް އެއަޑު އިވުނު ހެނެއް ހިއެއް ނުވެއެވެ. ނީނާއާ ދިމާއަށް ބަލަހައްޓައިގެން ހުރީ ފެންނަމުން ދާ މަންޒަރާ މެދު ޔަގީން ނުވާ ކަހަލަ ގޮތަކަށެވެ.

“ރާއިފް…” ނީނާ ގޮވާލިއެވެ.

“ތެންކްޔޫ…” ރާއިފް ސިހިފައި ބުންޏެވެ. ނީނާ ބުނި އެއްޗެއް ރާއިފްއަށް އަޑު އިވުނުކަން ނީނާއަށް ޔަގީންވީ ރާއިފް އެހެން ބުނުމުންނެވެ. ދެންވެސް ރާއިފް ހުރި ތަނުން ގުޑާ ނުލުމުން ނިނާ ތެދުވެގެން ގޮސް ރާއިފްގެ އަތުގައި ހިފައިގެން ގެނެސް ސޯފާގައި ބޭންދިއެވެ.

“ދެންވެސް މިކޭކު ފަޅާބަލަ…!” ރާއިފްގެ އަތަށް ވަޅި ދެމުން ނީނާ ބުންޏެވެ.

ރާއިފްގެ އަތުގައި ހިފައިގެން ކޭކު ފަޅަން ޖެހުނީވެސް ނީނާއަށެވެ. ނީނާ ކޭކު ކޮޅެއް ނަގާ ރާއިފްގެ އަނގައަށް ލަވަން އުޅުނެވެ. ނަމަވެސް ރާއިފް ނީނާގެ އަތުގައި ހިފެހެއްޓިއެވެ. އެވަގުތު ރާއިފްގެ ހިތާ ނަފްސު ބޭނުން ވަނީ މުޅިން އެހެން ކަމެކެވެ. އާ ދުވަހަކަށް އިރު އަރަންދެންވެސް އެކޭކު މަތިން އެކަކުވެސް ހަނދާނެއް ނެތެވެ.

 

ނީނާއާ ރާއިފްގެ ކައިވެންޏަށް އަހަރެއް ވާން އުޅެނިކޮށް ނީނާއަށް ކަމެއް ޝައްކު ވާން ފެށިއެވެ. ވަރުބަލިވެ، ބޯއަނބުރާ ގޮތް ވާން ފެށުމުން ނީނާއަށް ގާތްގަނޑަކަށް ޔަގީން ވިއެވެ. ނަމަވެސް ރާއިފް ގާތު ބުނުމުގެ ކުރިން ނީނާ ބޭނުންވީ އެއްވެސް ޝައްކެއް ނުވާނެ ވަރަށް ޔަގީން ކުރާށެވެ.

ނިނާ ޑޮކްޓަރަށް ދައްކަން ދިޔައީ އެކަންޏެވެ. ގޭ މީހަކު ކައިރީވެސް ނުބުނެއެވެ. ލަމްޔާ ގާތު ނީނާއާ އެކީ ޑޮކްޓަރަށް ދައްކަން ދާން ބުނަން އުޅެފައިވެސް ނުބުނީ އެކަން އެނގޭ ފުރަތަމަ މީހަކީ ރާއިފްއަށް ވާން ނީނާ ބޭނުން ވާތީއެވެ.

ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހަދާފައި ނީނާ ގެޔަށް ދިޔައެވެ. ނަތީޖާ ލިބޭނީ އެރޭ ކަމަށް ވީ ނަމަވެސް އަނެއް ދުވަހު އަނެއްކާ ދައްކަން ދާން ޖެހޭތީ ނީނާ އެރޭ ރިޕޯޓްތައް ނަގާކަށް ނުދެއެވެ. އަނެއް ދުވަހުވެސް ނީނާ އެކަނި ގޮސް ރިޕޯޓްތައް ނަގައިގެން ޑޮކްޓަރަށް ދެއްކިއެވެ. ނަތީޖާ ލިބުމުން ނީނާ ވަރަށް އުފާ ވިއެވެ. ހޮސްޕިޓަލުން ނިކުތް ގޮތަށް ގެޔަށް ވެސް ނުގޮސް ޓެކްސީއެއްގައި ނީނާ ދިޔައީ އޮފީހަށެވެ. އިތުރަށް އެންމެ މިނަޓެއް ވަންދެން ވެސް އެޚަބަރު ރާއިފްއަށް ނުދީ ނީނާއަކަށް ކެތެއް ނުކުރެވުނެވެ.

 

އޮފީހާ ހަމައަށް ދެވެންދެން ނީނާ ވިސްނަން އިނެވެ. ނީނާ ބޭނުން ވަނީ މިއަދުން ފެށިގެން ރާއިފްއާ ދެމީހުންގެ މެދުގައި އޮތް ހުރިހާ ޝަކުވާއެއް ފިލުވާ، އެކަކު އަނެކަކަށް ހިތް ހުޅުވާ ވާހަކަ ދައްކާލުމަށެވެ. ރާއިފްގެ ފަރާތުން ނީނާ އެދޭ ޖަވާބު ނުލިބުނަސް ނީނާ ރާއިފް ދެކެ ލޯބި ވާކަން ރާއިފްއަށް އަންގާށެވެ. ކާރު އޮފީސް ކައިރިއަށް މަޑުކޮށްލުމުން އެހުރިހާ ޚިޔާލުތަކާ އެކު ނީނާ ކާރުން ފޭބިއެވެ.

 

އެތެރެއަށް ވަދެ ޝަހުދާމެން ފެނުމުން އެމީހުން ގާތު ވާހަކަ ދައްކާލަން އިރުކޮޅަކު މަޑުކޮށްލާފައި ނީނާ ފުރަތަމަ ދިޔައީ ފާހާނާއަށް ވަދެލާށެވެ. ނަމަވެސް ދިޔުމުގެ ކުރިން ނީނާ އައި ވާހަކަ ރާއިފް ގާތު ނުބުނަން ޝަހުދާމެން ގާތު އެދުނެވެ.

 

ޝައުނާއާ ރުޅިވި ފަހުން އެދުވަހަކީ ރާއިފް ޝައުނާއާ ދިމާވި ފުރަތަމަ ދުވަހެވެ. ޝައުނާ ރާއިފްގެ ކެބިންއަށް ވަދެގެން ދިޔަ އިރު ރާއިފް އިނީ މަސައްކަތަށް ގެއްލިފައެވެ. އެތެރެއަށް މީހަކު ވަން ކަމެއްވެސް ރާއިފްއަކަށް ނޭނގެއެވެ.

“ރާއިފް!” ޝައުނާ ރާއިފް ކައިރިއަށް ހުއްޓިފައި ގޮވާލިއެވެ.

“ޝައުނާ…” ރާއިފްއަށް ޝައުނާ ފެނުމުން ގޮވާލިއެވެ. އަދި ގޮނޑިން ތެދުވިއެވެ.

“އަހަންނާ ރުޅި ވިޔަސް ގުޅާލާފަ ހާލު ބަލާލިނަމަ ކީއްތަވާނީ؟” އިށީންނަމުން ޝައުނާ އަހާލިއެވެ.

“އެއަށް ވުރެ މާ ބިޒީކޮށް މިއުޅެނީ، އެހެން ނޫނަސް ނަސްރު ބުނި ޝައުނާ މިހާރު އުޅެނީ ލަންކާގައޭ” ހީލާފައި ރާއިފް ބުންޏެވެ. އަދި މޭޒުގެ އެއްކަނެއްކައި އިށީނެވެ.

“އާނ… އިއްޔެ އައީ، ދެދުވަސް ފަހުން ފުރަން. އެހެންވެ ރާއިފްގެ ހާލު ބަލާލަން މިއައީ” ރާއިފްއަށް ބަލާލާފައި ޝައުނާ ބުންޏެވެ.

“އެހެންތަ؟” ރާއިފް އަހާލިއެވެ.

“ކޮބާ؟ ލައިފް ކިހިނެއް؟ މެރީއެއްވެސް ނުކުރަންތަ އަދިވެސް؟” ޝައުނާ އަހާލިއެވެ.

“ޝައުނާ ނުކުރަންތަ؟” ރާއިފްވެސް ހިނި އައިސްފައި ހަމަ އެސުވާލު ޝައުނާއާ ކޮށްލިއެވެ.

ޝައުނާ ޖަވާބެއް ނުދީ ތެދުވެގެން އައިސް ރާއިފްގެ ކުރިމަތީ މަޑުކޮށްލިއެވެ.

“އަހަރެން އޭރުވެސް ބުނީމެއްނު އަހަރެން މެރީ ކުރަން ބެނުމީ ރާއިފްއާއޭ…؟” ޝައުނާ ރާއިފްގެ ގަމީހުގެ ގިރުވާނު ރަނގަޅު ކޮށްލަމުން ބުންޏެވެ.

“ޝައުނާ…” ޝައުނާގެ ދެއަތުގައި ހިފާ ދުރުކޮށްލަމުން ރާއިފް ގޮވާލިއެވެ.

“ދެން ނެތްތަ އަހަންނަށް އެޗާންސް ދެވޭކަށް؟ އަދިވެސް ޓްރައި ކޮށްލަމާ…” ޝައުނާ ބުންޏެވެ. އަދި ރާއިފްއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ދެއަތުން ރާއިފްގެ މޫނުގައި ހިފާ ތިރިކޮށްލިއެވެ.

 

ކެބިންގެ ދޮރު ހުޅުވާލާފައި ނީނާ އެތެރެއަށް ވަނީ އެވަގުތުއެވެ. ނީނާއަށާ ރާއިފްއަށް އެކަކު އަނެކަކު ފެނުނީ އެއް ފަހަރާއެވެ. ނީނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ރާއިފް ޝައުނާގެ ކޮނޑުގައި ހިފާ ދުރަށް ކޮއްޕާލިއެވެ. ޝައުނާއަށް ނީނާ ފެނުނީ އެވަގުތުއެވެ.

ނުނިމޭ

99
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Marsha

I love to read stories and that led to writing stories. I hope readers like my stories and I would love any ideas from readers that would improve my writing. Thank you.

Other Articles

Previous

އަލްމާޝް 15

Next

ލޯބިވާ މަންމާ މަގޭ.. 10

Next
January 10, 2016

ލޯބިވާ މަންމާ މަގޭ.. 10

Previews
January 10, 2016

އަލްމާޝް 15

22 Comments

  1. Marsha says:
    January 10, 2016 at 6:20 pm

    އައްސަލާމް ޢަކައިކުމް… ހީކުރަން ހުރިހާ ކުދިންނަށް މިބައިވެސް ކަމުދާނެ ކަމަށް… މާޝާ މިބަލަނީ ދިގުކޮށް އަދި ގިނައިން ވާހަކަ ގެނެސްދެވޭތޯ.. އިރާދަ ކުރެއްވިއްޔާ މަދުވެގެން ދުވާލަކު ބައެއް ގެނެސްދޭނަން، އަދި މިގޮތަށް ޓައިމް ވީ ވަރަކުން ދުވާލަކު ދެބައިވެސް ގެނެސްދެވޭތޯ ބަލާނަން… ހީކުރަން ކުދިން އަންޑަސްޓޭންޑް ވާނެ ކަމަށް… ކިޔުންތެރިންނަށް ވާހަކަ ކަމުދާތީ ވަރަށް އުފާ ވޭ… ޝުކުރިއްޔާ.

  2. aily says:
    January 10, 2016 at 6:50 pm

    Nice v

  3. Reem says:
    January 10, 2016 at 6:51 pm

    Nice

  4. zaa says:
    January 10, 2016 at 7:09 pm

    Hmmmm wow v v salhi hama kiyaa hithun. …

  5. Ushfa says:
    January 10, 2016 at 7:21 pm

    When next part… cant wait to read next part…

  6. Anu says:
    January 10, 2016 at 7:30 pm

    Thank you varah reethi mi part ves

  7. Athy says:
    January 10, 2016 at 7:35 pm

    Masha allah, v reethi vaahaka… thigothah genesdey thee v ufaavey… thnx alt dear

  8. Sodhu says:
    January 10, 2016 at 7:55 pm

    Varh Reethi vaahaka?

  9. shine says:
    January 10, 2016 at 8:11 pm

    Wowwwwwww…. v v v v nice… bt anekka aneh mahsala…. haadha dhera ey….
    nxt part v avahah up kohdhehchey… plx

  10. Naju says:
    January 10, 2016 at 8:14 pm

    Aleeyy dhn neenaa filaanyy Dhoo so sadgabool nukuraane neenaa

  11. misty says:
    January 10, 2016 at 8:14 pm

    V nice.. So maadhan dhw aneh bai

  12. Meera says:
    January 10, 2016 at 8:18 pm

    Vvvvv reethi… Can’t wait…

  13. L says:
    January 10, 2016 at 8:46 pm

    Dhen neenaa rashah dhaan ulheyni .offyhah vehtifa onnaany test report.dhen raif gos bunaani bandu fa thioy magey dharifulhu mashaa dhuru nukureveyne ey .n somrhin smthin i think ..

  14. Mizzy says:
    January 10, 2016 at 9:23 pm

    Of course. Understand veyey maashaa. 🙂 ekam bodah understand vaany vaahaka ekkoh ehdhuvahun genes dhinyma. Hahaha just kidding ingey 😉

  15. shaa says:
    January 10, 2016 at 10:34 pm

    V reethi

  16. Xee says:
    January 10, 2016 at 11:31 pm

    Ye mee kuryga kiyaafa oii vaahakaeh… Varah reethi..

  17. shaya says:
    January 11, 2016 at 12:20 am

    Thanks.dhen in part ge inthixaaruga keh madhuvefa

  18. 9797783 says:
    January 11, 2016 at 8:49 am

    Marsha alhe konirakuntha 13vana bai genesdhenee

  19. nukko says:
    January 11, 2016 at 9:23 am

    Cant wait marsha….. avahah up koh dhechey…. Varaaaaah rythi mi part vs…… 🙂 😉 thnks….

  20. lidhoo says:
    January 11, 2016 at 9:28 am

    Haadha reethi vaahakaekey adhimiveethanah mihaareethi vaahakaeh nukiyan

  21. Aisha says:
    January 11, 2016 at 11:45 am

    Kba ta 13 vans bai haadha lahey avas plx

  22. Marsha says:
    January 11, 2016 at 12:17 pm

    ވާހަކަ ކިޔާލި، އަދި ކޮމެންޓް ކޮށްލި ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ… އަނެއް ބައި އަޕްކޮށްފިން މިހާރު…

Comments are closed.

All Right Reserved!