Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 12)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
September 1, 2025 5 Mins Read
3 Comments

’އާރިންއަކީ ކަލޭ ތި ހީކުރާ ކަހަލަ ރަނގަޅު މީހެއް ނޫން…‘ އެ މެސެޖުގައި އޮތެވެ.އަހަރެންގެ ހިތް އޮބި ނޯންނަހާ ބާރަށް ތެޅިގަތެވެ.މިހާރު މި ކޮންކަމެއް ހެއްޔެވެ؟

****

ހަމަ ގައިމުވެސް އެއީ އާރިންއަކީ ކާކުކަން ވަރަށް ރަނގަޅަށް ދަންނަ މީހެކެވެ.އަދި އެ މީހަކަށް އަހަންނަކީ އޭނާގެ އަނބިމީހާކަންވެސް އެނގެއެވެ.އެހެންވީމާ އެ ފާޑަށް އެމީހަކު އަހަންނަށް މެސެޖް ކުރުމުގެ ބޭނުމަކީ އާރިންއާއި މެދު އަހަރެންގެ ހިތުގައި ޝައްކު އުފައްދަައި، އަހަރެމެން ދެމީހުންގެ ދޭތެރޭގައި މައްސަލަގަނޑެއް ހިލުވައިލުން ހެއްޔެވެ؟ އާޚިރު ނަތީޖާއެއްގެ ގޮތުން އަހަރެންގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓައިލުން ހެއްޔެވެ؟އެ ޚިޔާލުތަކުން އިސާހިތަކު އަހަރެންގެ ސިކުނޑި ހާސްވިއެވެ.

****

އަހަރެން ވަގުތުން އެ ކާކުގެ ނަންބަރެއްތޯ ބަލަން މަސައްކަތް ފެށީމެވެ.ނަމަވެސް ވައިބާ،ވަޓްސް އެޕް, ޓެލެގްރާމް ފަދަ އެއްވެސް މީސް މީޑިޔާއެއް ބޭނުން ނުކުރާ ތަނުގައި ނަންބަރު ނަގާފައި އޮތީވެސް ކޮންމެވެސް ބޭރު މީހެއްގެ ނަމުގައެވެ.އެކަމުންވެސް ކުރިމަގެއް ނުލިބުމުން އަހަރެން މާޔޫސްވާ ގޮތްވިއެވެ.އެހެނަސް އަދި އެހެން މީހެއްގެ ގާތުގައި އެވާހަކަ ބުނާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

****

’ކަލޭ މިވާހަކަ ގަބޫލު ނުކުރަންޏާ އަހަރެން އަދި ހެކިވެސް ދައްކާނަން.އޭރުން އެނގޭނެ މި ހަދަނީ ދޮގު ނޫންކަން‘ ދެވަނަ މެސެޖެއް ލިބުނެވެ.

****

’ތި ކާކުތަ އަޅެ…ކަލޭގެ ބޭނުމަކީ ކޮބާތަ؟‘ އެމީހަކު އަހަރެންގެ ކެތްތެރިކަން އިމްތިހާނު ކޮށްލިއެވެ.އެއްޗެކޭ ނުބުނާނަމޭ ހިތާ ހުރެފައިވެސް އެ މެސެޖަށް ރައްދު ދެވުނީ ބޮލަށް އުނދަގޫވި ވަރުންނެވެ.

****

’ހީކޮށްލާ ހެޔޮ އެދޭ މީހެކޭ…ހަމަ ކަލެއަށް ރަނގަޅަކަށް މިބުނީ…ތިއުޅެނީ އެ ނުބައި ފިރެހެނާގެ ގޮތް އަދި ނޭނގިގެން…މަ ބުނާ ބަސް ނާހައިފިއްޔާ ފަހުން ވަރަށް ހިތިވާނެ… އެކަން ހަނދާން ކުރާތި!‘ ރައްދުގައި އައި މެސެޖު އޭނާ އިބާރާތް ކޮށްފައި އޮތް ގޮތުން އަހަރެންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް ހިނގައިގަތެވެ.ހެޔޮ އެދޭ މީހެކޭ ކިޔައިގެން އެމީހަކު އެ މަސައްކަތް ކުރަނީ އަހަންނާއި އާރިންގެ ދިރިއުޅުން ފަނިކޮށްލަން ނޫންބާވައެވެ.

****

އާރިން ސައިކަލުގައި އައިސް ކައިރިއަށް މަޑުކޮށްލުމުން ސިހުނު ވަރުން އަހަންނަށް ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ.އޭނާއާއި ދިމާލަށް ބަލައިލެވުނީވެސް ދެލޯ ބޮޑުކޮށްގެން ހުރެއެވެ. އަހަންނަށް ވީގޮތް ފެނި އާރިންގެ ގާތަށް އައީ ލާނެތް ހިންޏެކެވެ.

****

’ސާބަހޭ އިނގޭ ލަވް…ހާދަ ވަރަކަށޭ ތި ސިހުނީ ދޯ…ހެހެހެ.. އަވަހަށް އަރާ…މިރޭ އެބައޮތް ކުލާސް ވެސް…‘ އާރިން ބުނެލިއެވެ.އަހަރެން ބޯޖަހައިލާފައި އެއްޗެކޭ ނުބުނެ ގޮސް ސައިކަލު ފަހަތަށް އެރުމުން އާރިން މަޑުނުކޮށް ސައިކަލު ދުއްވައިލިއެވެ.

****

އެ މެސެޖުތަކާއި މެދު ވިސްނަން ހަދައިގެން އަހަންނަށް އާރިން ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެވުނެވެ.ހަމަ ހިތަށް އަރަމުން ދިޔައީ އެމީހާ އެ ދެއްކި ވާހަކައަކީ ތެދަކަށް ވެދާނެ ބާއޭ އެވެ.އާރިންއަކީ އަހަރެންގެ ފިރިމީހާއެވެ.އަހަރެން އިތުބާރު ކުރަން ޖެހޭނީ އޭނާއަށެވެ.މީހަކު ހަމަ ބުނެލާ ބަހަކަށް އަހަރެން ހެއްލެންވެއްޖެއްޔާ ސަލާމަތެއް ކޮބައިހެއްޔެވެ؟ އެހެނަސް އާރިންގެ ފަރާތުން ފެނުނު ބައެއް ކަންތައްތައް އަދިވެސް އަހަރެންގެ ސިކުނޑީގެ އެތަން މިތަނުގައި އެބަ ކޮށައެވެ.ކަމެއް ފަހުމު ކޮށްދޭން އުޅޭ ފަދައަކުންނެވެ.އެ މީހާ އެ ދައްކަނީ ހަމަ ތެދު ވާހާކައެއްތޯ ބެލުމުގެ ޝައުގު އެހާ ބޮޑުވެގެން ދިޔައީވެސް އެހެންވެގެންނެވެ. އާރިންއަކީ ހަމަ އެމީހާ އެބުނާ ވަރުގެ ނުބައި ނުލަފާ މީހަކަށް ވެދާނޭ ބާއެވެ؟ އެބުނާހާ ނުބައިވާން އަޅެ އާރިން ކުރީ ކީއްބާވައެވެ؟އަތަކަށް ބުރަވުމުގެ ކުރިން ކަމުގެ ހަގީގަތް ބަލައިލިއްޔާ ކިހިނެއް ވާނޭބާއެވެ؟

****

’މިހްރާ…ޔޫ އޯކޭ؟‘ އަހަންނަށް އެ ޚިޔާލުތަކުން އެއްފަރާތް ވެވުނީ އާރިން ގޮވައިލުމުންނެވެ.ޓްރެފިކްގައި ޖެހިގެން ސައިކަލު މަޑުކޮށްލައިގެން އާރިން އިންކަން އަހަންނަށް ރެއަކާލީވެސް ދެނެވެ.

****

’އަހަރެން އެބަ އެއްޗެކޭ ކިޔަމޭ…މިހޫ ނުގުޅޭ ޖަވާބު ދީފައި އާނ ހޫނ ކިޔާތީ މިއެހީ އޯކޭހޭ އަނެއްކާ؟‘ އެ އަޑުގައި އެކުލެވުނީ ކަންބޮޑުވުމުގެ އަސަރެވެ.އަހަރެން އިޝާރާތުން ބޮލުގައި ރިހެނީ ކަމަށް ބުނެލީ އޭރުން ދެން އާރިން އިތުރަށް ސުވާލު ނުކުރާނެކަން ޔަގީން ވާތީއެވެ.އެހެންނޫނަސް އަހަރެން ބުނީ މުޅިއަކުން ދޮގެއް ނޫނެވެ.އެވަރަށް ވިސްނަން ހަދައިގެން އޭރު ހަމަ އަސްލުވެސް އަހަރެންގެ ބޮލުގައި ރިއްސަން ފަށައިފިއެވެ.

****

’ބޭބް ގެއަށް ގޮސްފަ މިރޭ ދެން ކައްކަން އުޅޭނެކަމެއް ނެތް…އަވަހަށް ބޭސްކައިގެން ނިދާލާ އިނގޭ…މިރޭ އަހަރެން ނިމޭނީ ވެސް ތަންކޮޅެއް ލަހުން…އެގްޒާމް ކައިރިވާތީ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކުރަން ޖެހިފަ… އަހަރެން އަންނަންދެން ހޭލާ ނުހުރެ ނިދާލާ އިނގޭ…‘ އާރިން ހިތްހެޔޮކަމާއިއެކު ބުނެލިއެވެ.އޭނާގެ އަޑުގައި އެކުލެވުނު އޯގާތެރިކަން އިހުސާސްވުމުން އަހަރެންގެ ހިތަށް ފިނިވެގެން ދިޔައެވެ.އުފާވިއެވެ.އާރިން އަހަރެން ދެކެ ވާ ލޯބި ތަސައްވުރު ކުރެވުނެވެ.އަސްލު އަހަރެން ކިހާ ނަސީބު ގަދަ ހެއްޔެވެ؟މިއީ ކޮންމެ ކޮންމެ މީހަކަށް ލިބިފައިވާ ނިއުމަތެއް ނޫނެވެ.މިކަމަށް އަހަރެން ޝުކުރުވެރިވާން ޖެހޭނެއެވެ.

****

އެވަގުތު އެ ސައިކަލުގެ ފަހަތުގައި އިނދެފައި ވަގުތުން ވަގުތަށް އަހަރެން ގޮތް ނިންމައިފީމެވެ.އެއްވެސް މީހަކު އަހަންނާއި އާރިންގެ ދިރިއުޅުމަށް ވިހަލިޔަކަ އަހަރެން ނުދޭނަމެވެ.ޝައްކަކީ ހަމަ ކަތުރު ފަންޏެއް ފަދަ އެއްޗެކެވެ.އޭގެ ސަބަބުން ގެއްލުން ލިބޭނީ ލަސް ލަހުންނެވެ.ވީމާ އެމީހާއަށް އެކަހަލަ އިތުރު ވާހަކަތަކެއް ދައްކަން އަހަރެން އިތުރަށް ފުރުސަތު ދީފިނަމަ މަޑު މަޑުން ގޮސް އަހަރެންގެ ވިސްނުމުގެ ކޮންޓްރޯލް އޭނާ ހޯދާނެއެވެ.އޭނާ ބޭނުންވާ ގޮތަށް އަހަރެންގެ ވިސްނުން އަނބުރައިލާނެއެވެ.އަހަރެން އެހެން އެކަން ވިޔަދީގެން ނުވާނެއެވެ.އެ ނޫނީ ހަލާކުވެގެން ދާނީ ހަމަ އަހަރެންގެ ދިރިއުޅުމެވެ.އާރިން އަހަންނަށް ދެރައެއް ނުދޭހާ ހިނދަކު މީހަކު ހަމަ ބުނެލާ ބަހަކަށް ހެއްލި އޭނާއަކީ ނުބައި މީހެއްކަމަށް އަހަރެން ނިންމުމަކީ އަދި ގޮތެއް ނޫނެވެ.އަހަރެން ފޯނު ނަގައި އެ ނަންބަރު ބުލޮކު ކޮށް، ކޮންވަޒޭޝަންވެސް ޑިލީޓްކޮށްލީމެވެ.

****

ގެއަށް ދިޔަ ގޮތަށް އާރިން ފުރަތަމަވެސް އުޅުނީ އަހަންނަށް ކާން ނުދެވިގެންނެވެ.ބޭސް ކާން ވަނީ އެއްޗެއް ކައިގެންނޭ ކިޔާފައި އޭނާ ގެއަށް ވަތްގޮތަށް  މިސްރާބުޖެހީ ބަދިގެ ފަރާތަށެވެ.ހަވީރު ސައިބޮއެގެން ހުރީމައި ބަނޑުހައެއް ނޫނޭ އަހަރެން ބުނީމަ ވެސް އޭނާ ދުލެއް ނުކުރިއެވެ.

****

ފަނަރަވަރަކަށް މިނެޓް ފަހުން އާރިން އައީ ތަރުކާރީއާއި ޗީޒް އަޅައިގެން ތައްޔާރުކޮށްފައި އޮތް ދެ ސޭންޑްވިޗް ތަށްޓަކަށް ލައިގެން އެ ހިފައިގެންނެވެ.އަހަރެން އަތަށް ތަށި ދީފައި ކުޑަކޮށް ދުވެލާފައި ގޮސް ދެންވެސް އޭނާ ވަނީ ބަދިގެއަށެވެ.އޭނާ ކުރާކަމެއް ބަލަން ސަމާލުކަން ދީގެން އަހަންނަށް އިނދެވުނީ އާޝޯޚުވެފައެވެ. ހިތަށް އެރިއެވެ.އަސްލު އާރިން ހާދަ ރަނގަޅެވެ.މީހެއްގެ ކިބައިގައި ހުރި އުނި ސިފަތަކަށް އެކަނި އިސްކަން ދޭން ވެއްޖިއްޔާ ދުވަހަކުވެސް ހެވެއް ނުފެންނާނެއެވެ.

****

ދެން އޭނާ އައީ ފެނާއި,ޖޫސް އަޅާފައި ހުރި ދެ ތަށި ކުޑަ ތަބަކަކަށް ލައިގެން ހިފައިގެންނެވެ.ކޮފީ މޭޒުމަތީގައި ތަބަށް ބަހައްޓާފައި އެބަ އަންނަމޭ ކިޔާފައި ދެން އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ.

****

ކޮޓަރިން ޕެނަޑޯލް ކާޑެއް ހިފައިގެން ގެނެސް ކޮފީ މޭޒުމަތީގައި ބާއްވާލާފައި ފެންވަރަށް ދަނީ ކަމަށް ބުނެ އޭނާ އަނެއްކާވެސް ވަނީ ކޮޓަރިއަށެވެ.

****

އަހަރެން ގަދަކަމުން އެ ދެ ސޭންޑްވިޗާއި ޖޫސްތަށިވެސް ހުސްކޮށްލީމެވެ.ބޭސް ކައިގެން ތެދުވެ  ތަށިތައް ދޮވެފައި އައިސް އަނެއްކާވެސް ސޯފާގައި އޮށޯތީ ވަރުބަލިކަމުންނެވެ.އެހެން އޮވެ ފޯނާއި ކުޅެނިކޮށް މީމްސް ފޮނުވަން މެސެންޖާގައި ހަދާފައި އޮންނަ ގުރޫޕަށް ދަނީން ލީ މަޖާ ފޮޓޯއެއް ފެނިފައި އަހަންނަށް އަޑުގެ ކޮޅަށް ހީގަނެވިއްޖެއެވެ.ދެން ތިބި މީހުންވެސް އެ ފެނިގެން ފުލު ފުލުގައި މެސެޖް ކުރަން ފެށިއެވެ.އެންމެން މާ މަޖާވެގެން އުޅެން ފެށުމުން އެ ފޯރި ގަނޑުގައި އަހަންނަށް ވެސް ބައިވެރިވެވުނެވެ.ހިނދުކޮޅަކަށް ނަމަވެސް އިތުރު  ޚިޔާލުތަކާއި ދުރަށް ދެވުނެވެ.

****

ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އަހަރެން ސޯފާގައި އޮވެފައި ބޯ ހިއްލާލައި ބަލައިލިއިރު ކުލާހަށް ދާން ތައްޔާރުވެގެން އާރިން ނުކުންނަނީއެވެ.އޭނާ ޖަހައިގެން ހުރި ސެންޓުގެ ހިތްގައިމު ވަހުން އިސާހިތަކު މުޅި ސިޓިން ރޫމް އެއް ވަސް ކޮށްލިއެވެ.

 

****

ދުވަސްތައް ފާއިތުވަމުން ދިޔައެވެ.މަޑު މަޑުން ހުރިހާ ކަމެއްވެސް ހަމައަކަށް އެޅުނެވެ.ފަހުން އެ ފާޑުގެ މެސެޖެއްވެސް މީހަކު ނުކުރެއެވެ އަހަންނާއި އާރިންގެ ގުޅުންވެސް ހަމަ ވަރަށް ބަރާބަރެވެ.އެ ދުވަހުގެ ފަހުން އޭނާ އެކަހަލަ ކަމެއް ތަކުރާރެއް ނުކުރެއެވެ.އަހަރެންގެ ހިތުގައި އޭނާއާއި ދޭތެރޭ ޝައްކު އުފެދިދާނޭ ފަދަ ކަމެއްވެސް އޭނާ ނުކުރެއެވެ.އެފަދަ ކަމަކަށް ފުރުސަތުވެސް ނުދެއެވެ.ހުރިހާ ކަމެއްވެސް އެހިސާބުން ހަމައަކަށް އެޅުނީކަމަށް އަހަންނަށް ހީކުރެވުނެވެ. އެހެނަސް ފަހުން ބިންދާލާ ރާޅު ބިޔަވާނޭ މީހުން ބުނާ އަޑު އަހަރެން ވެސް އަހަމެވެ.އެއީ ކިހާވަރެއްގެ ހަގީގަތެއް ބާއެވެ؟

****

ވަރަށް ވިއްސާރަ ރެއެކެވެ.ވިދާ ގުގުރައެވެ.އެ ބޮޑު އެޕާޓްމަންޓުގައި އަހަރެން އޮތީ އެކަނިމާ އެކަންޏެވެ.އެކަނި އޮންނަން ޖެހުމުން އަހަރެން ފާޑަކަށް ޖެހިލުންވެސް ވިއެވެ.އާރިން ތިން ދުވަހުގެ ޗުއްޓީއެއް ނަގައިގެން އޭނާގެ މަންމަމެން ބަލައި ބޭރަށް ފުރިތާ މިއީ ދެވަނައަށް ވީ ދުވަހެވެ.ދެދުވަސްވެސް ހީވީ ދެ ގަރުނުހެންނެވެ.

****

އެކޮޅަށްވެސް މޫސުން ވަރަށް ސަކަރާތޭ ކިޔާފައި އާރިން  ދިޔައީ އަހަރެން ބަހައްޓާފައެވެ.ފުރަތަމަ އަހަރެންވެސް އުޅުނީ އޭނާ ފަހަތުން ދާން ނިންމައިގެންނެވެ.އެހެނަަސް އެކޮޅަށްވެސް ވަރަށް ވިއްސާރަކޮށް އުޅޭކަން އާރިންގެ ދައްތަގެ ފަރާތުން ކުރީބައިގައި އެނގިފައ އޮތުމުން ތަނެއްވެސް ބަލައިލަން ނުދެވޭނެކަން އެނގޭތީ އެހެން ފަހަރަކުންނޭ ކިޔާފައި އަހަރެންވެސް ދެން ކޮންމެހެން ދާން ނޫޅުނީއެވެ.

****

އާރިން ނެތުމުގެ ފަޅުކަން އަހަންނަށް ހުރިހާ ދިމާލަކުން އިހުސާސް ކުރެވުނެވެ.އެ ހަށިގަނޑުގެ ހޫނާއި ނުލައި އަހަންނަށް ނިދަން ވެސް ވީ އުނދަގޫ ކަމަކަށެވެ.އޭނާ ނެތި ހޭދަވީ ފުރަތަމަ ރޭވެސް އަހަންނަށް އެންމެ ލޮލުފިޔައެއް ވެސް ނުޖެހެއެވެ.

****

ސިޓިންރޫމް ސޯފާގައި އުނދަގޫ ގޮތަކަށް އޮށޯވެލައިގެން އަހަރެން އޮތް އިރު ބަނޑުހައިވެގެެން ގޮސް އަހަރެން ބަނޑުން އަޑު ކިޔައެވެ.ނުކައި އޮތީ ކޮންމެހެން ގޭގައި ކާނޭ އެއްޗެއް ނެތިގެނެއް ނޫނެވެ.ކާން ހިތްޕުޅާވާ އެތި ނެތިގެންނެވެ. މޫސުމެކޭ އެއްގޮތަށް އަހަރެން ކާހިތްވާ އެއްޗެއްސަށްވެސް ބަދަލު އާދެއެވެ.އެއީ އަބަދުވެސް އަހަރެންގެ އާދައެވެ.

****

އަހަރެން އޮތީ ބުލްދަކް ކާބޮނާރާ ރާމެން ނޫޑުލީހެއް ކާހިތުން ލޮލަށް ނިދި ނައިސްފައެވެ.ހަމަ އެ ބްރޭންޑުގެ އެ ވައްތަރު ނޫނީ އަހަންނަކަށް ކަމަކުވެސް ނުދެއެވެ. ނަސީބު ދެރަކަމުން ތޯއްޗެކެވެ.ކަބަޑުތައް ހާވާ ބަލައިލިއިރު ގެއިން އެ ކުލައިގެ ރާމެން ނޫޑްލްސް ހުރީ ހުސްވެފައެވެ.އެއޮއް ވިއްސާރަ ދުއްޕާން ރޭ ފިހާރައަކަށް ގޮސްގެން ނޫނީ އެ އެކެވޭކަށް ނެތެވެ.ގަޔާ ނުވެގެން އަހަންނަށް ކުޑަ ކުއްޖެއްހެން ކުސްތަޅައިލެވުނެެވެ.އާރިން ހުރި ނަމަ މިހެނެއް ނުވާނޭ އަހަރެންގެ ހިތަށް އެރިއެވެ.އޭނާ އުޅޭ އިރު އަބަދުވެސް ރާމެންގެ އެކުލަ ހުސް ނުކޮށް ގެނެސްދީފައި ހުރެއެވެ.ލަނޑު މި ލިބުނީ އޭނާ ހަނދާން ނެތިގެން ރީ ސްޓޮކް ނުކޮށް ދެވުނީމައެވެ.ކޮންމެހެންވެސް މިރޭ އެ ކައިގެން ނޫނީ ލޮލަށް ނިދި ނާންނާނެކަން އެނގޭތީ އަހަރެން ނިންމީ އެ ބޯ ވާރޭގެ ތެރޭގައި ތެމިގެން ވިޔަސް ފިހާރައަށް ދާށެވެ.

****

ނަސީބަކުން އާރިންގެ ވާރޭ ކޯޓެއް އަހަންނަށް ފެނުނެވެ.ކަކުލާ ހަމައަށް ހުރި ވޫލް ހެދުމުގެ މަތިން އެ ވައްޓައިލިއިރު އަހަރެންގެ ގަޔަށް އެ ބޮޑު ކަމުން ހީވަނީ ގޯންޏަކަށް އެރިގެން ހުރެވުނު ހެންނެވެ.ސިކުންތަކުވެސް މަޑުކުރަން ނުހަދާ އަހަރެން އަވަހަށް ނުކުންނަން ދިޔައީ ބާރަ ޖެހުމަށް ގާތްވަމުން ދާތީއެވެ.އެންމެ ކައިރީގައި ހުންނަ ކަންމަތީ ފިހާރަގަނޑު ބަންދު ނުކުރާކަމެއްވެސް ނޭނގެއެވެ. އެތަން ބަންދުކޮށްފައި ހުރިއްޔާ ދެން އެންމެ ކައިރީގައި ހުންނަ ފިހާރައަށް އަހަރެން ދާން ޖެހޭނީ އަނދިރި ގޯޅިގަނޑަކަށް ވަދެގެންނެވެ.

****

އަހަރެން ބޭރަށް ނުކުތްއިރު ނަސީބަކުން ދުއްވާ އެއްޗެހިވެސް ވަރަށް މަދެވެ.ވާރޭ ވެހޭތީ ތޯއްޗެކެވެ. ދުވަމުން ކަހަލަ ގޮތަކަށް ކަންމަތީ ފިހާރައާއި ހަމައަށް ދެވުނު އިރު އެތަނުގައި ހުރީ ބަންދު ބޯޑު އަޅުވައިފައެވެ.އަހަންނަށް ޗޮކެއް ކަނޑައިލެވުނެވެ.އޭރު އަދި ބާރަ ނުޖަހައެވެ.އެހެންޏާ މުޅިންވެސް އެތަން ބަންދު ކުރަނީ ބާރަ ޖެހީމައެވެ.މިރޭ މިކަހަލަ ލަނޑެއް ލިބިދާނޭ އޭރުވެސް އަހަރެންގެ ހިތަށް އެރިއެވެ.ވިއްސާރަކަމުން އެތާ ތިބޭ ބޭރު މީހުންތައްވެސް އަވަހަށް ޑިއުޓީ ނިންމާފައި ގެއަށް ދިޔައީ ކަންނޭނގެއެވެ.

****

ވަރިހަމައޭ ހިތަށް އަރުވާލައިފައި ހިތްވަރު ދޫނުކުރަން ވެގެން ދެން އަހަރެން ވަންނަން ދިމާކުރީ އެ އަނދިރި ގޯޅިގަނޑަށެވެ.’ޝޯޓު ކަޓަކީ‘ އެއީ ކަމަށްވާތީއެވެ.މިއޮއް ވެހޭ ވާރޭގައި ދެން މާ ދުރުން އެހެންތާކަށް ދާހާ އަހަރެން މުރާއްޔެއް ނޫނެވެ.ހިތަށް އެރިއެވެ.އެއީ ދެން އެންމެ ފަސޭހަ އޮޕްޝަންއެވެ.ހަމަ ކުޑަ ކުޑަ ހިތްވަރެކެވެ.އޭރުން މިރޭ ޔަގީނުންވެސް ރާމެން ކާން ލިބޭނެއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ރޭފަނާ – 7

Next

ހިތް އެދެ ޔާރާ ތިއޭ – 36

Next
September 1, 2025

ހިތް އެދެ ޔާރާ ތިއޭ – 36

Previews
August 31, 2025

ރޭފަނާ – 7

3 Comments!

  1. Anonymous ⭐ says:
    September 1, 2025 at 5:59 am

    I love this story..

    1. Lamtty Lamtty says:
      September 1, 2025 at 7:26 am

      Thank you 😊
      Means a lot!

  2. Anonymous ⭐ says:
    September 2, 2025 at 4:11 pm

    Ur very welcome lamtty..

Comments are closed.

Next Episodeމާސްކު (ޕާޓް 13)←


All Right Reserved!