Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިތުބާރު ގެއްލުވާ ނުލާ…6

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
January 5, 2016 7 Mins Read
23 Comments

ފުރަތަމަ އެފޮޓޯ ފެނުނީ ނީނާއަށެވެ. އެފޮޓޯ ފެނުމާ އެކީ ނީނާއަށް ރާއިފްގެ މޫނަށް ބަލާލެވުނީ ރާއިފް އެގޮތަށް ކަންތައް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވިގެންނެވެ. ރާއިފްއަށްވެސް ފޮޓޯ ފެނުމާ އެކީ ނީނާއާ ދިމާއަށް ބަލާލެވުނެވެ.

އެފަދަ މަންޒަރެއް އޮފީހުގެ އެންމެންނަށް ފެނުމުން ނީނާއާ މެދު އެންމެން ހީކުރާނީ ކީކޭ ހެއްޔެވެ؟ ނީނާ އެހެން ހިތަށް އެރުމާ އެކު ރޮވުނެވެ. އެއްވެސް އެއްޗެއް ނުބުނެ ނީނާ ރާއިފްގެ ކެބިންއަށް ވެނެވެ.

ރާއިފްވެސް ފޮޓޯ ފެނުމުން ހައިރާން ވިއެވެ. ނަސްރު ގާތު ސައިޓަށް ފޮޓޯ ނުލާށޭ ބުނުމުން މިހެން ހަދާނެ ކަން ރާއިފްއަށް އެނގުނު ނަމަ މިހެންވެސް ނަހަދާށޭ ރާއިފް ބުނީހެވެ. ނަސްރުއަކީ އެއްވެސް ކަމަކާ ސީރިއަސް ވާ މީހެއް ނޫން ކަން ރާއިފްއަށް އެނގެއެވެ. އެއްވެސް މީހަކު ހިތަށް އަރާފާނެ އެއްޗަކާ މެދުވެސް ނަސްރު ވިސްނާ ނުލާނެއެވެ. އޭނައަށް އެއްވެސް ކަމެއް ބޮޑު ކަމަކަށްވެސް ނުވާނެއެވެ. ނަމަވެސް މިގޮތަށް ކަންތައް ކުރުމުން ރާއިފް ނަސްރުއާ މެދު ހިތްހަމަ ނުޖެހުނެވެ.

ރާއިފް އެފޮޓޯ ނައްޓާލައިގެން ގޮސް ކެބިންއަށް ވަނެވެ. އޭރު ނީނާ މޫނުގައި އަތް އަޅައިގެން ރޯން އިނެވެ. ރާއިފްއަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. މޭޒުމަތީ ފޮޓޯގަނޑު ބާއްވާފައި ރާއިފް ފޯން ނަގާ ނަސްރުއަށް ގުޅާލިއެވެ.

“ނަސްރު… އަހަރެން ބުނީމެއްނު އެފޮޓޯ—” ނަސްރު ފޯން ނެގި އިރަށް ރާއިފް ބުންޏެވެ.

“ނީނާ ކިހިނެއް ހެދީ ފޮޓޯ ފެނުނީމަ؟” ރާއިފްގެ ވާހަކަ ފުރިހަމަ ވިޔަ ނުދީ ނަސްރު ސުވާލެއް ކޮށްލިއެވެ.

“ކީއްކުރަން އެފޮޓޯ ނޯޓިސް ބޯޑަށް ލީ؟” ރާއިފް އަހާލިއެވެ.

“އެއީ މަޖާ… ދެން ބުނެބަލަ…” ނަސްރު ބުނެލިއެވެ.

“އަހަރެން ބުނީމެއްނު ނަސްރު ކައިރީ—”

“ރާއިފް ބުނީ ސައިޓަށް ނުލާށޭނު؟ ބޯޑަށް ނުލާށެކޭ ނުބުނަމެއްނު؟” ނަސްރު ބުންޏެވެ.

“އެހެންވެސް ބުނީ އެހެން ބަޔަކަށް އެ ނުދައްކަން ވެގެނޭ” ރާއިފް ބުންނެވެ.

“ދެން ތިހާ ސީރިއަސް ނުވެބަލަ… އެއީ ހަމަ މަޖަލޭ” ހީގެންފައި ނަސްރު ބުނެލިއެވެ.

“ފަހުން ގުޅާނަން…” ރާއިފް ފޯން ބޭއްވިއެވެ. ނަސްރުއަށް ވިސްނައިދޭން މަސައްކަތް ކުރުމަކީ ބޭކާރު ކަމެކެވެ. އޭނަ ސީރިއަސް ނުވާނެ ކަން ރާއިފްއަށް އެނގެއެވެ.

ދެންވެސް ރާއިފްއަށް ނީނާއާ ވާހަކަ ދައްކާކަށް ނުކެރުނެވެ. އޭރުވެސް ނީނާ އިނީ ރޯށެވެ. މިފަހަރު ހަގީގަތުގަވެސް ރާއިފްއަށް ގޯހެއް ހެދިއްޖެއެވެ. ގައިމުވެސް އޮފީސް ތެރޭ ނީނާއޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކާނެއެވެ.

ރާއިފް ނީނާއަށް ބަލާލާފައި ލެޕްޓޮޕް ހުޅުވާލިއެވެ. ނަމަވެސް އެއްވެސް މަސައްކަތެއް ނުކުރެވުނެވެ.

ދިހަ ވަރަކަށް މިނަޓް ފަހުން ނީނާ ލޯ ފޮހެލާފައި ކޮމްޕިއުޓަރ ހުޅުވާލިއެވެ. އެހެން އިނދެފައި ނީނާ ރާއިފްއަށް ބަލާލީ އެފޮޓޯ ފެނިގެން އޮފީހުގެ ބައެއް ކުދިން ނީނާއަށް ފޮނުވާފައި ހުރި އީމެއިލްތައް ފެނުމުންނެވެ.

 

ނީނާ މަސައްކަތް ފެށުމުން ރާއިފް ހީކުރީ ނީނާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނީ ކަމަށެވެ. އެހެންވެ ތެދުވެގެން އައިސް ރާއިފް ނީނާގެ މޭޒު ކައިރީ ހުއްޓުނެވެ.

“ނީނާ… އެއީ އަހަރެން—” ރާއިފް އެއްޗެއް ބުނަން އުޅުނެވެ.

ނަމަވެސް އެވަގުތު ނީނާ މޮނީޓަރ ރާއިފްއާ ދިމާއަށް އަނބުރާލިއެވެ.

“މި ކިޔާބަލަ…” ނީނާއަށް ބުނެވުނީ ހަމަ އެކަނި އެހެންނެވެ. އަނެއްކާވެސް ރޮވުނެވެ.

ރާއިފް ދެތިން މެއިލް ކިޔާލިއެވެ. އިތުރަކަށް ނުކިޔުނެވެ. ދެން ހަދާނެ ގޮތެއް ނުވިސްނިފައި އެއްޗެއް ނުބުނެ ރާއިފް ހުއްޓެވެ.

“ނީނާ، ސޮރީ. އެއީ އަހަރެން ކުރި ކަމެއް ނޫން، އަހަންނަށް ނުވެސް އެނގި ނަސްރު ކުރި ކަމެއް އެއީ” ރާއިފް ބުންނެވެ.

ނީނާ އެއްވެސް އެއްޗެއް ނުބުނެއެވެ.

“އަހަރެން މާފަށް އެދެން ކިހިނެއް ހަދަންވީ؟” ރާއިފް އެހިއެވެ.

ނީނާ މޫނުން އަތް ނަގާފައި ރާއިފްއަށް ބަލާލިއެވެ.

“އަދިވެސް ހަދާނެ ގޮތް އެބަހުރިތަ؟ ދެން ހެޔޮ ގޮތެއް ނެހެދިޔަސް. އަހަރެން ރާއިފްއަށް ކީއްތަ ކުރީ؟ އަހަރެންނާ ހެދި ރާއިފްއަށް ކޮން އުނދަގުލެއްތަވީ؟ އަހަންނަށް މިހުރިހާ ގޮތެއް ހަދާ ވަރުގެ ކަމެއް އަހަރެން ކުރިންތަ؟” ނީނާ ރާއިފްއާ ދިމާއަށް ބުންޏެވެ.

ރާއިފް ބުނާނެ އެއްޗެއް ނޭނގިފައި ހުރީއެވެ.

“މިހާރު މިއޮފީހުގަ އުޅޭ މީހުން އަހަންނާ މެދު ދެކޭނީ ކިހިނެއް؟ އެފޮޓޯ އެގޮތަށް ފެނުނީމަ… ރޭގަ ކިހިނެއް ވެފަތަ ރާއިފް ހުރީ؟ އަހަރެން ކީއްތަ ކުރީ؟” ނީނާ އަހާލިއެވެ. ރާއިފްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ނީނާ ލޯ ފޮހެމުން ނިކުންނަން ދިޔައެވެ. ނަމަވެސް ނީނާއަށް ދޮރު ނުހުޅުވެނީސް ނިޒާރު ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.

ނީނާ މަޑުވެސް ކޮށްނުލާ ނިކުމެގެން ދިޔައެވެ. ނިޒާރު ނީނާ ދިޔަ ދިމާއަށް ބަލަން ހައިރާން ވެފައި ހުއްޓެވެ.

“ކީއްވެ ނީނާ ރޮމުން އެދިޔައީ؟” ނިޒާރު ރާއިފްއާ ދިމާއަށް އެބުރިފައި އަހާލިއެވެ.

ރާއިފް ޖަވާބެއް ނުދީ ހުއްޓެވެ. ވީގޮތް ނިޒާރު ގާތު ބުނަން ނުކެރިގެންނެވެ. ނިޒާރުއަށް އެނގިއްޖެއްޔާ ރާއިފް ދެކެ ރުޅި އަންނާނެ ވަރު ހިތަށް އަރާފައެވެ. އެފަހަރު ހަގީގަތުގަވެސް ރާއިފް ކުށްވެރި ވާ ކަމުގައި ރާއިފް އަމިއްލައަށް ވެސް ގަބޫލު ކުރެއެވެ.

“ރާއިފް ނީނާއާ ދިމާއަށް އެއްޗެއް ބުނީތަ؟” ނިޒާރު އެހެން ސުވާލެއް ކޮށްލިއެވެ.

މިފަހަރުވެސް ރާއިފް ޖަވާބެއް ނުދިނެވެ.

ނިޒާރު ގޮސް ރާއިފްގެ މޭޒު ކައިރީ އިށީނެވެ. އެވަގުތު ރާއިފް މޭޒުމަތީ ބާއްވާފަ އޮތް ފޮޓޯގަނޑު ނިޒާރުއަށް ފެނުނެވެ. ނިޒާރު އެފޮޓޯގަނޑު ނަގާ ބަލާލިއެވެ. ނިޒާރުއަށް އެފޮޓޯއާ މެދު ވިސްނާނެ ގޮތެއް ނޭނގުނެވެ.

“ރާއިފް، މީ ކޮން ކަމެއް؟” ނިޒާރު އެހިއެވެ.

ރާއިފް ނިޒާރުއާ ދިމާއަށް ބަލާލިއެވެ. ނިޒާރު އެފޮޓޯ ރާއިފްއާ ދިމާއަށް ދިއްކޮށްގެން އިނެވެ.

“މީދޯ ނީނާ ރޮމުން އެދިޔަ ސަބަބަކީ؟” ނިޒާރު އަހާލިއެވެ. ރާއިފް އެއްޗެއް ނުބުނެ ނިޒާރުއަށް ބަލާލާފައި ނީނާގެ މޭޒާ ދިމާއަށް ބަލާލިއެވެ.

އެފޮޓޯއަކީ ނީނާގެ ރުހުމުގައި ނާގާފަ ވާ ފޮޓޯއެއް ނޫން ކަން އެވަގުތު ނިޒާރުއަށް ވިސްނުނެވެ. ރާއިފް ދެކެ ރުޅި އައެވެ.

“ބައްޕާ… ތީ ރޭގަ…” ރާއިފް ބުނަން އުޅުނެވެ. ނަމަވެސް ނިޒާރު ރާއިފް އެއްޗެއް ބުނާކަށް ފުރުސަތެއް ނުދިނެވެ.

“މިވަގުތު އަހަރެން ދައްކަން ބޭނުން ވާހަކައެއް މިތާކު ނުދެއްކޭނެ. ރާއިފް އެއްޗެއް ބުނަން އޮތިއްޔާ ގެޔަށް އާދޭ” ނިޒާރު ބުންޏެވެ. އަދި ފޮޓޯ ހިފައިގެން ނިކުތެވެ.

 

ރާއިފް ގޮސް ނީނާގެ ކޮމްޕިއުޓަރުގައި ހުރި މެއިލްތައް ފޮހެލިއެވެ. އަދި ބޭރަށް ނިކުމެ އެންމެންނަށް ބަލާލިއެވެ.

“އެކަކުވެސް ނީނާއަށް އެކަހަލަ މެއިލްއެއް ފޮނުވައިގެން ނުވާނެ. އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެ، ނީނާއާ ދިމާ ކޮށްގެން ވެސް ނުވާނެ. އެއީ ގަސްތުގަ ވީ ކަމެއް ނޫން” ރާއިފް ބުންޏެވެ. އަދި އަނެއްކާވެސް އެތެރެއަށް ވަނެވެ.

އިރުކޮޅަކު ދެކޮޅަށް ހިނގަހިނގާ ހުރެފައި ރާއިފް ފޯން ނަގާ ނީނާއަށް ގުޅާލިއެވެ. ނީނާގެ ފޯން ރިންގް ވާއަޑު އިވުނީ ކެބިން ތެރޭންނެވެ. ރާއިފް ނީނާގެ މޭޒު ކައިރިއަށް ގޮސް މޭޒުމަތީ އޮތް ނީނާގެ ފޯން ނަގާ ޖީބަށް ލިއެވެ.

އޮފީހުން ނިކުތް ގޮތަށް ގެއަށް ނުގޮސް ރާއިފް ފުރަތަމަވެސް ދިޔައީ ނީނާމެން ގެޔަށެވެ. އެއީ އެގެޔަށް ރާއިފް ދިޔަ ފުރަތަމަ ފަހަރެވެ.

 

ގެޔަށް ދިޔަ ގޮތަށް ނީނާ އިނީ ރޯށެވެ. ނީނާ ދެކެ ކިތަންމެ ރުޅިއައި ނަމަވެސް ރާއިފް އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް ނީނާ ހިއެއް ނުކުރެއެވެ. ދެވަނަ ފަހަރަށް އޮފީހަށް ގޮސް އެއެންމެނާ ކުރިމަތި ލާނީ ކިހިނެއް ބާއޭ ނީނާ ހިތަށް އެރިއެވެ. ރާއިފްއަކީ ދުވަހަކުވެސް އެހެން މިހަކާ މެދު ވިސްނާނެ މީހެއް ހެއްޔެވެ.

ބައި ގަޑިއެއްހާ އިރު ފަހުން ނީނާ ސިހިފައި ބަލާލީ މީހަކު ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުންނެވެ. ނީނާ ތެދުވެ ލޯ ފޮހެލައިގެން ގޮސް ދޮރު ހުލުވާލިއެވެ. އެވަގުތު ދޮރުމަތީ ހުރި ރާއިފް ފެނުމުން ނީނާ އައީ ރުޅިއެވެ. އެއްވެސް އެއްޗެއް ނުބުނެ ނީނާ ދޮރު ލައްޕާލަން އުޅުނެވެ. ނަމަވެސް އެއަށްވުރެ ކުރިން ރާއިފް ދޮރުގައި ހިފެހެއްޓިއެވެ.

“އަދިވެސް ނުވެ އޮތަ ކަމެއް އޮތީމަތަ ގެއަށް ތިއައީ؟” ނީނާ އަހާލިއެވެ.

“އަހަރެން މިއައީ މާފަށް އެދެން. ހަމަ ތެދެއް، އަހަރެން ގަސްތުގަ ކުރި ކަމެއް ނޫން އެއީ… ނަސްރު ކައިރީ އެފޮޓޯ ޕްރިންޓް ނުކުރައްޗޭ ވެސް ބުނިން. އޭނަ އޭގެ ޕްރިންޓް ނެގި ކަމެއްވެސް، އެތާ ހަރުކުރި ކަމެއްވެސް އަހަރެންނަކަށް ނޭނގެ” ރާއިފް ބުންޏެވެ.

“އަހަންނަކަށް ގަބޫލެއް ނުކުރެވޭ ތިހެން ބުންޏަކަސް” ނީނާ ބުންޏެވެ. އަދި އަނެއްކާވެސް ދޮރު ލައްޕާލަން އުޅުނެވެ. ނަމަވެސް މިފަހަރުވެސް ރާއިފް ދޮރުގައި ހިފެހެއްޓިއެވެ.

“ނީނާގެ ފޯން މިއޮތީ” ފޯން ދިއްކޮށްލަމުން ރާއިފް ބުންޏެވެ. ނީނާ ފޯންގައި ހިފިއެވެ. “ނީނާ، ޕްލީޒް… އަޑު އަހާބަލަ! އަހަރެން ގަސްތުގަ ކުރި ކަމެއް ނޫނޭ އެއީ… އަސްލުވެސް ވަރަށް ބޮޑަށް ސޮރީ” ރާއިފް ދޮރުގައި ހިފަހައްޓައިގެން ހުރެ ބުންޏެވެ.

“އަޑު އަހަންވީ ކޯޗެއްތަ؟ އަހަނަނަށް އެނގޭ ރާއިފް އަހަރެން ދެކެ ރުޅި އަންނަ ކަން، އެނގޭ ރާއިފްގެ ބައްޕަ އަހަންނަށް އެހީ ވަނީ ރާއިފްގެ ނުރުހުމުގަ ކަންވެސް. އެހެން ވެގެނެއްނު ތިހެން ތި ހަދަނީ؟” ނީނާ އެހިއެވެ.

“ގަބޫލު ކުރަމޭ ތިކަން… އެކަމަކު އަސްލުވެސް އަހަރެން އެގޮތަށް ނީނާ ލަދުގަންނަވާލަން ބޭނުމެއް ނޫން، އެހެންވެ އަހަރެން ނަސްރު ކައިރީ ޑިލީޓް ކޮށްލާށޭ ބުނީވެސް” ރާއިފް ބުންޏެވެ.

“މިހާރު ވާނެ ކަމެއް ވެ ނިމިއްޖެ. ދެން ހެޔޮ… އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން” ނީނާ ބުންޏެވެ.

“އަހަންނާ ހެދި އެހެން ވީތީ އަހަރެން މާފަށް މިއެދެނީ. ނީނާ ބުނެބަލަ އަހަންނަށް މާފު ކޮށްފީމޭ” ރާއިފް ބުންނެވެ.

“ނުކުރެވެންޏާ ކީއްކުރަން ތިހެން ބުނަންވީ؟ އަހަރެންގެ ހިތުން ރާއިފްއަށް މާފު ކުރެވުނު ދުވަހަކުން ބުނާނަން” ނީނާ އެހެން ބުނެފައި ބާރަށް ދޮރު ލެއްޕިއެވެ.

އަނެއްކާވެސް ދޮރުގައި ޓަކި ޖަހަން ރާއިފް ހިތަށް އެރިއެވެ. ނަމަވެސް އިރު ކޮޅަކު އެތާ ހުރެފައި ރާއިފް ދިޔައީއެވެ.

 

ރާއިފް ގެޔަށް ގޮސް ނިޒާރުގެ ކޮޓަރިއަށް ވަނެވެ. ގެޔަށް ދިޔަ މަގުމަތީގައި ރާއިފް ނިޒާރު ގާތު ބުނާނެ އެއްޗަކާ މެދު ވަރަށް ވިސްނިއެވެ. ނަމަވެސް ނިޒާރު ރުޅި ނާންނާނެ ގޮތަކަށް އެވާހަކަ ބުނާނެ ގޮތެއް ރާއިފްއަކަށް ނުވިސްނުނެވެ.

“ބައްޕާ، އަހަރެން ގަސްތުގަ ކުރި ކަމެއް ނޫން މީކީ…” ރާއިފް ބުންޏެވެ. އަދި އެފޮޓޯ ނަގަން ދިމާވި ގޮތް ނިޒާރުއަށް ކިޔާދިނެވެ. ނަމަވެސް އެކަމުގައި ރާއިފްގެ އެއްވެސް ބައެއް ނުލައެވެ.

“ރާއިފްއަކަށް ނޭނގޭތަ މިއަދު އަހަރުމެން ނޫނީ ނީނާއާ އަޅާލާނެ އެހެން ބަޔަކު ނެތް ކަމެއް؟ ކިހާ ވަރަކަށްތަ ރާއިފް ކައިރީ ބުނަންވީ ނީނާއާ ދޭތެރޭ ތިގޮތަށް ކަންތައް ނުކުރާށޭ…” ނިޒާރު އަހާލިއެވެ.

ރާއިފް އެއްޗެއް ނުބުނެ ހުއްޓެވެ.

“ކީއްވެތަ މިހާރު އެއްޗެއް ނުބުނެ ތިހިރީ؟” ނިޒާރު އެހިއެވެ.

“އަހަންނަށް އެނގޭ މިކަންތައް މިވީ ވަރަށް ގޯސްކޮށް ކަން… އެކަމަކު ބައްޕަ ތިހީކުރާ ގޮތަކަށްވެސް ނޫން މިކަން ވީކީ… މިކަން ރަނގަޅު ކުރަން އަހަރެން ކީއް ކުރަންވީ؟” ރާއިފް އަހާލިއެވެ.

“ބައްޕަ ބުނާ ކޮންމެ ކަމެއް ރާއިފް ކުރާނަންތަ؟” އިރުކޮޅަކު ވިސްނަން ހުރެފައި ނިޒާރު އަހާލިއެވެ.

ރާއިފް ބޯޖަހާލިއެވެ.

“ބައްޕައަށް އެނގޭ މީ ރާއިފް ދުވަހަކުވެސް ގަބޫލު ނުވާނެ ކަމެއްކަން، އެކަމަކުވެސް ބައްޕަ ހިތަށް އަރަނީ… ރާއިފް ނީނާއާ ކައިވެނި ކުރާނެ ނަމައޭ…” ނިޒާރު ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުރެ ބުންޏެވެ.

ރާއިފްއަށް ކުއްލިއަކަށް ނިޒާރުއާ ދިމާއަށް ބަލާލެވުނެވެ. އަޑު އިވުނީ ރަނގަޅަށް ކަން ޔަގީން ނުކުރެވިގެންނެވެ. އެވަރުގެ ކަމެއް ކުރަން ރާއިފް ގާތު ނިޒާރު ބުނެފާނެ ކަން ގަބޫލު ނުކުރެވިގެންނެވެ.

“އަހަރެންގެ ބެލުމުގެ ދަށުގަ ހުރި ކުއްޖަކަށް ރާއިފްގެ ފަރާތުން އެކަހަލަ ކަމެއް ދިމާ ވީމަ އެކަން ރަނގަޅު ކުރަންވެސް ޖެހޭނީ އަހަންނަކަށްނު؟” ނިޒާރު ބުންޏެވެ.

ރާއިފް ހުރީ އެއްޗެއް ބުނަންވެސް ނުކެރިފައެވެ. ނިޒާރު ދެން ބުނާނީ ކީކޭ ބާއޭ ހިތަށް އަރައަރައެވެ.

ކުރެވުނު ކަންތަކާ މެދު ރާއިފް ދެރަވެފައި ހުރި ނަމަވެސް އެވަގުތު ރާއިފް އަނެއްކާވެސް ނީނާ ދެކެ ރުޅި އައެވެ. މިވަގުތުވެސް ނިޒާރު ރާއިފްއަށް ވުރެ ބޮޑަށް އެ ވިސްނަނީ ނީނާއާ މެދުއެވެ. އަމިއްލަ ދަރިންނަށް ވުރެ ބޮޑަށް ނިޒާރުއަށް ނީނާ މުހިންމު ވީ ކޮން އިރަކު ހެއްޔެވެ. މިވަގުތުވެސް ރާއިފް ހިތަށް އަރާފާނެ އެއްޗަކަށް ނުވިސްނާ ނިޒާރު ރާއިފްއަށް މަޖުބޫރު ކުރާނީ ކޮން ކަމެއް ކަމެއްވެސް ނޭނގެއެވެ.

އެވަގުތު ރާއިފް ގޮތެއް ނިންމިއެވެ. ނިޒާރު ބުނުމުގެ ކުރިން ރާއިފް އަމިއްލައަށް އެއްބަސް ވާނީއެވެ. ނީނާގެ ކިބައިން ބަދަލު ހިފަން އެއަށްވުރެ މޮޅު ގޮތެއް ނޯންނާނެއެވެ. އިތުރަށް ވިސްނަންވެސް ނަހަދާ ރާއިފް ވަގުތުން އެކަން ކާމިޔާބު ކުރަން މަސައްކަތް ފެށިއެވެ.

“ބައްޕައަށް ކިހިނެއް އެނގެނީ އަހަރެން ނީނާއާ ކައިވެނި ކުރަން ބޭނުން ނުވާނެ ކަމެއް؟” ރާއިފް އަހާލިއެވެ.

ރާއިފްގެ ސުވާލު އަޑު އިވުމުން ނިޒާރު ރާއިފްއަށް ބަލާލީ ހައިރާންކަން އެކުލެވިގެންވާ ނަޒަރަކުންނެވެ.

“ކީކޭ ތި ބުނީ؟” ނިޒާރުއަށް އަހާލެވުނެވެ.

“އަހަރެން ބޭނުމަސް ނީނާ ބޭނުން ނުވަންޏާ ބައްޕަ އެދޭ ގޮތަކަށް ނުވާނެ…” ރާއިފް ބުންޏެވެ.

“ނީނާ ބޭނުން ނުވަނީޔޭ…؟ ރާއިފް… ކީކޭތަ ތިކިޔަނީ؟” ނިޒާރު އަހާލިއެވެ.

“އަހަރެން ބޭނުން މިއަދުވެސް ނީނާއާ ކައިވެނި ކުރަން… އެކަމަކު ނީނާ ބޭނުމެއް ނުވޭ” ރާއިފް ބުނެލިއެވެ.

ނިޒާރު ރާއިފްއާ ދިމާއަށް ބަލަހައްޓައިގެން ހުރީ ރާއިފް ބުނި އެއްޗެއް ގަބޫލު ނުކުރެވިގެންނެވެ.

“ބައްޕައަށް ގަބޫލެއް ނުކުރެވޭ ދޯ؟” ރާއިފް ނިޒާރުއަށް ބަލާލާފައި އަހާލިއެވެ.

“ބައްޕަ ހިއެއް ނުކުރަން ރާއިފް ނީނާއާ މެދު ތިގޮތަށް ދެކޭ ކަމަކަށް… އެކަމަކު ބައްޕަ ވަރަށް އުފާ ވެއްޖެ. ނީނާއާ ބައްޕަ ވާހަކަ ދައްކަންތަ؟” ނިޒާރު އެހިއެވެ.

“ނޫން… އަހަރެން އަމިއްލައަށް މިކަން ކުރާނީ… ބައްޕަ އަހަންނަށް ދުވަސް ކޮޅެއްދީ” ރާއިފް އަވަސް އަވަހަށް ބުންނެވެ.

“އެންމެ ރަނގަޅު، ކިހާ ދުވަހެއް؟” ނިޒާރު އަހާލިއެވެ.

“ހަތަރު މަސް…” ރާއިފް ވިސްނާލާފައި ބުންޏެވެ.

“މައްސަލައެއް ނެތް…” ނިޒާރު ބުންޏެވެ. އަދި އިތުރު އެއްޗެއް ނުބުނެ ނިކުތެވެ.

އެދުވަހު އޮފީހުން ނީނާ ފެނުނީއްސުރެންވެސް ނިޒާރުގެ ހުވަފެނަކީ ނީނާ ނިޒާރުގެ ދަރިއަކަށް ހެދުމެވެ. ރާއިފްއާ ނީނާގެ ކައިވެނި ކުރެވުމެވެ. ނަމަވެސް އެއްވެސް ކުއްޖަކަށް އެއްވެސް ކަމެއް މަޖުބޫރު ކުރުމަކީ ނިޒާރު ކުރާނެ ކަމެއް ނޫނެވެ. އެހެން ނޫން ނަމަ ރާއިފް ނީނާއާ މެދު ކުރީރޭ ކަންތައް ކުރި ގޮތް އެނގުނު ވަގުތު ރާއިފް ނީނާއާ ކައިވެނި ކުރުމަށް މަޖުބޫރު ކުރީހެވެ. ކޮންމެ ކުއްޖަކުވެސް ދިރި އުޅުން ކުރިއަށް ގެންދާނީ އެކުއްޖަކު އެދޭ ގޮތަކަށެވެ. ގޯސް މަގަކުން ނުހިނގާ ނަމަ ނިޒާރު އެއްވެސް ކުއްޖެއްގެ އެއްވެސް އެދުމަކަށް ދެކޮޅެއް ނަހަދާނެއެވެ.

ރާއިފް އަމިއްލައަށް ނީނާއާ ކައިވެނި ކުރަން ބޭނުން ވާހަކަ ބުނުމުން ނިޒާރު ހުރީ ވަރަށް އުފަލުންނެވެ. ނިޒާރުގެ ހުވަފެން ސީދާ ވީތީއެވެ. ނީނާ ފަދަ ކުއްޖެއް ރާއިފްގެ އަނތްބަކަށް ވާތީއެވެ.

 

އެދުވަހުގެ ފަހުން ރާއިފް ވިސްނަމުން ދިޔައީ ނީނާ ރުއްސާނެ ގޮތަކާ މެދުއެވެ. ހަފްތާއެއް ވަންދެން ނީނާ އޮފީހަށް ނައިސް ހުރުމުންވެސް އެކަން ވީ ރާއިފްއަށް ކުރަން އުނދަގޫ ކަމަކަށެވެ. ނަމަވެސް ކޮންމެ ގޮތެއް ހަދާފައި ވިޔަސް ރާއިފް މިފަހަރު އެ ޕްލޭން ކާމިޔާބު ކުރާނެއެވެ. ތިމާ ނުރުހޭ ގޮތަކަށް ކަންތައް ކުރުމަކީ ކިހާ އުނދަގޫ ކަމެއް ކަން ނީނާއަށް އަންގާނެއެވެ.

 

ނީނާ އޮފީހަށް ނިކުތީ އޭގެ ހަފްތާއެއް ފަހުންނެވެ. އެ ހަފްތާ ތެރޭ ރާއިފް ކޮންމެ ދުވަހަކު އެތައް ފަހަރަކު މާފަށް އެދި ނީނާއަށް މެސެޖް ކުރެއެވެ. ނަމަވެސް ނީނާ ޖަވާބެއް ނުދެއެވެ.

ނީނާ އޮފީހަށް އައި އިރު ރާއިފް އަދި ނާދެއެވެ. ނަމަވެސް މާ ލަހެއް ނުވެ ރާއިފް އައި އިރު ނީނާ އިނީ މަސައްކަތް ފަށައިގެންނެވެ. ރާއިފްގެ އެދުވަހުގެ ޝެޑިއުލް ކިޔާ ދީފައި ނީނާ ކުރަން ހުރި މަސައްކަތްތައް ކުރަމުން ދިޔައެވެ.

ނީނާ މެއިލް ޗެކް ކޮށްލިއިރު އަލަށް ރާއިފްގެ މެއިލްއެއް ނީނާއަށް ލިބިފަ އިން ތަން ފެނުމުން ނީނާ ރާއިފްއަށް ބަލާލިއެވެ. ނަމަވެސް އޭރު ރާއިފް އިނީ މަސައްކަތަށް ގެއްލިފައެވެ.

ނީނާ މެއިލް ހުޅުވާ ބަލާލިއެވެ. އެންމެ ތިން ލަފްޒުގެ މެއިލް އެކެވެ.

“ޕްލީޒް ފޮގިވް މީ”
އޭގައި އިނީ ހަމަ އެކަނި އެހެންނެވެ. ނީނާ އަނެއްކާވެސް ރާއިފްއަށް ބަލާލިއެވެ. އެމެއިލް ލިބުނުކަން ދޭހަވާ އެއްވެސް ކަމެއް ނީނާ ނުކުރެއެވެ. އަދި ރާއިފް ދެކެ ރުޅި އަސްފައި ހުރިހެން ހީވާ ފަދަ ކަމެއްވެސް ނީނާ ނުކުރެއެވެ. އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް އޮފީހުގެ މަސައްކަތް ކޮށްފައި ހަތަރެއް ޖެހުމުން ނީނާ ރާއިފްގެ މޭޒު ކައިރީ މަޑުކޮށްލިއެވެ.

“އެހެން ކަމެއް އެބަ އޮތްތަ؟” ނީނާ އަހާލިއެވެ.

ރާއިފް ނީނާއަށް ބަލާލިއެވެ. އަދި ބޯ ހަލުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ނީނާ އިތުރު އެއްޗެއް ނުބުނެ ނީނާގެ ގޮނޑީގައި އަޅުވާލާފައި އޮތް ދަބަސް ހިފައިގެން ދާން ހިނގައިގަތެވެ.

“ނީނާ…” އެވަގުތު ރާއިފް ގޮވާލިއެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ލޯބީގާ ވާތީފަނާ… (15ވަނަ ބައި)

Next

ލޯބިން އެކީގަ ވާނަމޭ.. (6)

Next
January 5, 2016

ލޯބިން އެކީގަ ވާނަމޭ.. (6)

Previews
January 5, 2016

ލޯބީގާ ވާތީފަނާ… (15ވަނަ ބައި)

23 Comments!

  1. Mar Sha Marsha says:
    January 5, 2016 at 6:20 pm

    . މިބައިވެސް ކަމުދާނެ ކަމަށް ހީކުރަން، އިރާދާކުރެއްވިއްޔާ 7 ވަނަ ބައި މާދަމާ ގެނެސްދޭނަން

  2. mik says:
    January 5, 2016 at 6:24 pm

    Varahsalhi

    1. Mar Sha Marsha says:
      January 5, 2016 at 10:11 pm

      Thnx mik

  3. shine says:
    January 5, 2016 at 6:48 pm

    Wowww… this partvx v v v v v rythi..

  4. Luyoona says:
    January 5, 2016 at 7:11 pm

    wow this part also beautiful

  5. nim says:
    January 5, 2016 at 7:24 pm

    vvvvvvvvvvvvvv ryth

  6. ainth says:
    January 5, 2016 at 7:38 pm

    Maasha ge vaahaka than ehen site ehga nuhunnanetha….

  7. Aimsithu says:
    January 5, 2016 at 7:43 pm

    Oh wow.. vaahaka mihaaru thi gendhaa goii varah fakkaa.. avaha up kohlachey ingye marsha

  8. Shyhaa says:
    January 5, 2016 at 7:45 pm

    Varah Habeyxxxxxxxxxx….

  9. Angela says:
    January 5, 2016 at 7:59 pm

    Miee kurin kiyaafa oiyy vaahaka eh “kanneynge”

  10. raiya says:
    January 5, 2016 at 8:04 pm

    V rythi dhn kihinehbaa vaany
    Avahah up kohdhehchey waiting waiting……… ??

  11. aathi says:
    January 5, 2016 at 8:20 pm

    Mi story aky nerefa oeh story eh..aslu marsha ge story eh noon dhw mee.. mi story vrh rythi

  12. Naju says:
    January 5, 2016 at 9:05 pm

    Keevetha hurihaa vaahakaehga ehgoi vanyy reethi but neenaa deraeh nudehche

  13. Faathun says:
    January 5, 2016 at 9:08 pm

    Habeys.. adhi ekm raif ah neena dheke lwbi wewuna nudhehchey.. indhefa v weyn dheefa ekan waan waani. Gud luck.. awahah up khdhehchey..?

  14. misty says:
    January 5, 2016 at 10:02 pm

    V nice.. When next part??

  15. Nish says:
    January 5, 2016 at 10:05 pm

    Nice

  16. Mar Sha Marsha says:
    January 5, 2016 at 10:15 pm

    Thnx hurihaa kudhin.. glad that u like the story..
    ainth. Kurin genesdhinin ehen sites ga but mihaaru nuhurey..
    aathi.. kurin ves mi vaahaka genesdhiny marsha.. mi story ge book ehves innane publish koffa.. that is me.. ☺ next part later tomorrow up kohdheynan.. thnx again hurihaa kudhin..

  17. maalu says:
    January 6, 2016 at 12:02 am

    Wowww vrh reethi mi part ves???? waiting for the next part….Marsha ge age bunebaa?? Just asking ingey hehehe??

    1. Mar Sha Marsha says:
      January 6, 2016 at 12:57 am

      Thnx maalu.. but y du u want to know my age?? ???

  18. Firooo says:
    January 6, 2016 at 10:22 am

    Avaha up kohdheee kiyaahithun hurevenee kee noo

  19. zaa says:
    January 6, 2016 at 6:53 pm

    Wow nice I like 🙂

  20. Anonymous says:
    January 6, 2016 at 10:19 pm

    Upload lasvaniy

  21. shine says:
    January 6, 2016 at 10:30 pm

    Upload kohdheny kn irakuntha…

Comments are closed.


All Right Reserved!