Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިތުބާރު ގެއްލުވާ ނުލާ…4

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
January 3, 2016 7 Mins Read
17 Comments

ނީނާ ޖަވާބެއް ނުދީ އިސް ޖަހާލިއެވެ. އެވަގުތު ނީނާއަށް ވީ ގޮތް ނީނާ އަމިއްލައަށް ބުނާނެ އެންމެ ފަހު މީހަކީ ރާއިފްއެވެ. ނީނާ ހާސްވެފައި އިން ވަރުން ރާއިފް ރުޅި މަޑުކުރިއެވެ. އެދުވަހު ނީނާއާ ދިމާއަށް ވަރަށް އެއްޗެހި ކިއިއްޖެއެވެ. ނީނާ އެހާ ހާސްވެފައި އެއިނީވެސް އެކަމާއޭ ހިތަށް އަރާ ރާއިފް އިތުރު އެއްޗެއް ނުބުނެ މަޑުން އިނެވެ.

“ނީނާ މިއަދު ދެން ގެޔަށް ދިޔަޔަސް އެންމެ ރަނގަޅު. މާދަން ދޫކޮށްލާފަ އަނެއް ދުވަހު އޮފީހަށް އާދޭ” ތެދުވަމުން ރާއިފް ބުންޏެވެ. ނީނާ އެއްޗެއް ނުބުނެ އަވަސް އަވަހަށް ދަބަސް ހިފައިގެން ނިކުތީ އަނެއްކާވެސް ރާއިފް އެއްޗެހި ކިޔަން ފަށާފާނެތީއެވެ.

އެދުވަހު ނިޒާރު މާލެ އައެވެ. ނަމަވެސް ނިޒާރުއާ ނީނާ ބައްދަލުވީ އޭގެ ދެދުވަސް ފަހުންނެވެ. ރާއިފް އޮފީހާ ހަވާލު ވީ ފަހުން  އޮފީހަށް ނުދިޔަ ނަމަވެސް ދޭތެރެ ދޭތެރެއިން ނިޒާރު އޮފީހަށް ގޮސް މަސައްކަތް ހިނގާ ގޮތް ބަލާ ހަދައެވެ. މާލެ އައިތާ ދެދުވަސް ފަހުން ނިޒާރު އޮފީހަށް ދިޔައީ އެގޮތުގެ މަތިން މަސައްކަތް ބަލާލާށެވެ. ހެނދުނު ނުވައެއް ޖަހަން އުޅެނިކޮށް ނިޒާރު ގޮސް ފަހަރަކު މޭޒެއް ކައިރީ މަޑުކޮށްލާފައި އެންމެ ފަހުން ރާއިފްގެ ކެބިންއަށް ވަނެވެ. ނިޒާރު އޮފީހަށް އަންނަ ކަމެއް ރާއިފްއަކަށްވެސް ނޭނގެއެވެ.

ނިޒާރު ފެނުމާއެކު ނީނާއަށް އެނގުނެވެ. ނިޒާރު ވަނުމުން ރާއިފް ތެދުވެފައި ނިޒާރު އިށީންނަން ގޮނޑި ދިނެވެ. ނީނާ ފެނުމުން ނިޒާރު އިރުކޮޅަކު ބަލަން ހުއްޓެވެ. ނީނާ ހީލާފައި އިސްޖަހާލިއެވެ.

“ތީ… ތީ ނީނާތަ؟” ނިޒާރު އަހާލިއެވެ.

ނީނާ ބޯ ޖަހާލިއެވެ.

ރާއިފް ހައިރާން ވެފައި ބަލަން ހުއްޓެވެ.

“ބައްޕައަށް ކިހިނެއް އެނގުނީ އެއީ ނީނާ ކަމެއް؟” ރާއިފް އަހާލިއެވެ.

“ބައްޕައަށް ކޮންމެ ތާކުން ފެނުނަސް، ކިތަންމެ ދުވަހެއް ފަހުން ފެނުނަސް ނީނާއާ ރަޝީދު އެނގޭނެ. ދުވަހަކުވެސް އެމީހުން މަތިން ބައްޕަ ހަނދާން ނުނެތޭނެ” ނިޒާރު ބުންޏެވެ.

ރާއިފް އެއްޗެއް ނުބުނެ ބަލަން ހުއްޓެވެ.

“ފަހުން ނީނާމެން ކިހިނެއްތަ ހެދީ؟ ހަބަރެއްވެސް ނުވޭ…” ނިޒާރު އެހިއެވެ.

“އަހަރެން ކިޔަވަން ވެގެން އެހެން ރަށަކަށް ބަދަލުވީ” ނީނާ ޖަވާބު ދިނެވެ.

“މިހާރު ބައްޕަ ކޮބާ؟ ނީނާ މިއޮފީހަށް ވަނީ ކިހިނެއް؟ ކޮން އިރަކު؟” ނިޒާރު ސުވާލު ތަކެއް ކޮށްލިއެވެ.

“ރާއިފް އަހަރެންނަށް ވަޒީފާ ދިނީ…” ނީނާ ބުންޏެވެ.

“ރާއިފްއަކީ ނިޒާރުބޭގެ ދަރިއެކޭ… މީ އަހަރެންގެ އޮފީހޭ” ނިޒާރު ބުންޏެވެ.

“އެނގޭ…” އިސް ޖަހާލަމުން ނީނާ ދިނީ ކުރު ޖަވާބެކެވެ.

“ބައްޕަ އަދިވެސް ރަށުގަތަ؟ އެކަނިތަ ނީނާ މާލޭގަ ތިއުޅެނީ؟” ނިޒާރު އަހާލިއެވެ.

ނީނާ ރާއިފްއާ ދިމާއަށް ބަލާލިއެވެ. ނިޒާރުގެ ހުރިހާ ސުވާލަކަށް ޖަވާބު ދޭން ނީނާ ޖެހިލުން ވިއެވެ.

“ބައްޕަ އިހަށް އިށީނދެބަލަ…” ގޮނޑި ދައްކާލަމުން ރާއިފް ބުންޏެވެ.

“ރާއިފް ތިކުރާ މަސައްކަތެއް ކުރޭ. އަހަރެން ނީނާއާ ވަރަށް ގިނަ ވާހަކަ ދައްކަން އެބަހުރި” ނީނާގެ މޭޒު ކައިރީ ހުރި ގޮނޑި ދަމާލާފައި އިށީންނަމުން ނިޒާރު ބުންޏެވެ.

“ދެން ބުނެބަލަ ނީނާ… ބައްޕަ ކޮބާ؟ ރަނގަޅުތަ؟” ނިޒާރު އަހާލިއެވެ.

“މާލެ އައީ ބައްޕަ ބަލިވެގެން…” ނީނާ ބުންޏެވެ.

“ކިހިނެއްވީ؟ މިހާރު ކޮބާ؟” ނިޒާރު ސުވާލު ތަކެއް ކޮށްލިއެވެ.

ނީނާއާ ނިޒާރުގެ ވާހަކަ އަޑު އަހަން ރާއިފް އިނެވެ. ހިނގާ ކޮންމެ މިނެޓަކާއެކު ނީނާ ދެކެ ރާއިފް އައި ރުޅި ދިޔައީ ގަދަވަމުންނެވެ. އެހުރިހާ ކަމަކާ ނިޒާރު ރާއިފް ދެކެ ރުޅި އަންނާނެކަން އެނގޭތީއެވެ. އެއީ ނީނާގެ ސަބަބުން ކަމަށް ރާއިފް ގަބޫލު ކުރާތީއެވެ.

“ބައްޕަ ރަނގަޅެއް ނޫން… ހޮސްޕިޓަލުގަ އޮތީ” ނީނާ ނިޒާރުގެ ސުވާލަށް ޖަވާބު ދިނެވެ.

“ބައްޕަ ހޮސްޕިޓަލުގަ ބާއްވާފަ ނީނާ ކީއްވެ މިތާ ތީނީ؟” ނިޒާރު އަހާލިއެވެ.

ނީނާ ނިޒާރުގެ އެސުވާލަށް ޖަވާބު ނުދީ އިސް ޖަހާލައިގެން އިނެވެ.

“ނީނާ… ބުނެބަލަ، ބައްޕަ ހޮސްޕިޓަލުގަ ބާއްވާފަ މިތާ އިނީމަ ކާކު ބައްޕައާ އަޅާލާނީ؟” ނިޒާރު އަނެއްކާވެސް އަހާލިއެވެ.

“ވަޒީފާއަކަށް ވަންނަން ޖެހުނީވެސް ބައްޕައަށް ބޭސް ކުރެވޭނެ ގޮތެއް ހޯދަން ވެގެން…” ރާއިފްއަށް ބަލާލާފައި އަނެއްކާވެސް އިސް ޖަހާލަމުން ނީނާ ބުންޏެވެ.

“ނީނާ ރާއިފް ކައިރިއަކު ނުބުނަންތަ؟” ނިޒާރު އަހާލިއެވެ. މިފަހަރުވެސް ނީނާ ޖަވާބެއް ނުދީ އިނީއެވެ.

“ނީނާ… ރާއިފް ކައިރީ ކީއްވެ ނުބުނީ؟ ރާއިފްއަށް އެނގޭނެ، އަހަރެން އެރަށުގަ ވީ ކަންތަކުގެ ވާހަކަ ރާއިފް ކައިރީ ބުނީމޭ، ނީނާ ރާއިފް ކައިރީ ބުނިނަމަ ބައްޕަ ހޮސްޕިޓަލުގަ ބާއްވާފަ ނީނާ ތިހެން މިތާ އިންނާކަށް ނުޖެހޭނެ، އޭނަ އެހީ ވެދޭނެ…” ނިޒާރު ބުންޏެވެ.

“ރާއިފް ކައިރީ ބުނީމޭ” މަޑުމަޑުން ނީނާ ބުނެލިއެވެ.

ނިޒާރު އެނބުރިފައި ރާއިފްއަށް ބަލާލިއެވެ.

“ބުނިތަ؟” ނިޒާރު ރާއިފްއާ ސުވާލު ކޮށްލިއެވެ. ރާއިފް ބޯޖަހާލިއެވެ. “ދެން ކީއްވެ ރާއިފް އޭނައަށް އެހީ ނުވީ؟ ކީއްވެ ރަޝީދު ހޮސްޕިޓަލުގަ އޮތް އިރު ނީނާ ވަޒީފާއަށް ނިކުންނަން ޖެހުނީ؟” ނިޒާރު އަހާލިއެވެ.

“ނީނާއަށް އަހަރެން ދިނީ އޭނަގެ ބައްޕައަށް ބޭސް ކުރެވޭނެ ވަރުގެ ލޯނެއް. އެ އަނބުރާ ދައްކާނީ މިތާ ވަޒީފާގެ އުޅެފަ ލިބޭ މުސާރައިން…” ރާއިފް ބުންޏެވެ.

ނިޒާރު ވަގުތުން ރާއިފް ދެކެ ރުޅި އައެވެ.

“ނީނާ… އިހަށް ބޭރުގަ މަޑުކޮށްލާ އިނގޭ، އަހަރެން ރާއިފްއާ ވަރަށް މުހިންމު ވާހަކައެއް ދައްކަން ވެއްޖެ” ނިޒާރު ނީނާއަށް ބުންޏެވެ. ނީނާ ބޯ ޖަހާލާފައި ނިކުމެ ދޮރު ލައްޕާލިއެވެ.

 

“ރާއިފްއަކަށް ނޭނގޭތަ އަހަރެން ނީނާއާ ރަޝީދުއާ މެދު ދެކޭ ގޮތެއް؟ އަހަރެން އެހުރިހާ ވާހަކައެއް ރާއިފްއަށް ކިޔައެއް ނުދެންތަ؟ ނުބުނަންތަ އަހަރެން މަރުވާން ދޫކޮށްލާފަ އޮއްވާ އަހަރެންނަށް އެހީވީ، އަހަރެން މަރުން ސަލާމަތް ކޮށްދިނީ ރަޝީދުއޭ؟” ރުޅިއައިސްފައި ނިޒާރު އަހާލިއެވެ.

“ބައްޕަ ބުންޏޭ ތިހެން، އެކަމަކު—” ރާއިފް އެއްޗެއް ބުނަން އުޅުނެވެ.

“އެކަމަކު ކީކޭ؟ ބުނެބަލަ… ރާއިފް އެމީހުންނަށް ހެދީ ކިހިނެއްތަ؟” ނިޒާރު އެހިއެވެ.

ރާއިފް ހުރިހާ ވާހަކައެއް ކިޔާދިނެވެ. ހުރިހާ އެއްޗެއް އަޑުއަހާ ނިމުނު އިރު ނިޒާރު ހުރީ ރާއިފް ދެކެ ދުވަހަކުވެސް ރުޅި ނާންނަ ވަރަށް ރުޅި އައިސްފައެވެ. ހަމަ އެވަރަށް ރާއިފް ހުރީ ނީނާ ދެކެ ރުޅި އައިސްފައެވެ.

“ނީނާ ހާލުގަ ޖެހިގެން އައި ދުވަހު އޭނަ ތިހާލުގަ ޖައްސާފަ… އަހަރެން ރަޝީދުއަށް ދޭނީ ކޮން ޖަވާބެއް؟ ނީނާ މިހާރު އަހަރެންނާ ދޭތެރޭ ކީކޭ ހީކުރާނީ؟ އަހަރެން އެމީހުން ކައިރީ ބުނީމޭ ކޮންމެ ދުވަހަކުން ވިޔަސް، ކިތަންމެ ބޮޑު ކަމެއްގަ ވިޔަސް އަހަރެން އެހީ ވާނަމޭ، މާލެ އަޔަސް އަހަރެންގެ ގޭގަ އަހަރެންގެ ދަރިއެއްހެން ނީނާ ބަހައްޓާނަމޭ… އެކަމަކު ރާއިފް ތިކުރި ކަމަކުން…” ނިޒާރު ބުނަން އުޅުނު އެއްޗެއް ނުބުނެ ހުއްޓާލިއެވެ.

“އަހަރެން ހަނދާނެއް ނުނެތޭ އަދި އެމީހުން ބައްޕައަށް ހެދި ގޮތެއް. އަހަރެން މިހާރުވެސް ރުޅި އާދޭ އެހެން ހިތަށް އެރީމަވެސް. އެވަރުންވެސް އަހަރެން އެމީހުންނަށް އެހީ ވީމެއްނު؟ އެއްވެސް ގޮތެއް ނެތިފަ ތިބި ބަޔަކަށް ގޮތެއް ދެއްކީމެއްނު؟” ރާއިފް ބުންޏެވެ.

“އެރަށު މީހުންނޭ އަހަރެންނާ އަޅާނުލީ، ނީނާއާ ރަޝީދެއް ނޫނޭ. އެހެން ނޫނަސް ރަޝީދު އެރަށެއްވެސް ނޫނޭ، ނީނާގެ މަންމައޭ އެރަށު މީހަކީ” ނިޒާރު ބުނެލިއެވެ.

“އެހެން ވިޔަސް ނީނާ އެރަށަށް ނިސްބަތް ވެއެއްނު؟” ރާއިފް އަހާލިއެވެ.

“އޭރު ނީނާގެ މަންމަ މަރުވެއްޖޭ. ކީއްވެތަ މިބުނާ އެއްޗެއް ނުވިސްނިގެން ތިއުޅެނީ؟ އެއީ އެދުވަހު އަހަރެންނަށް އެހީވި މީހުން، އަހަރެން މަރުން ސަލާމަތް ކޮށްދިން މީހުން. ރާއިފް އެކަން ގަބޫލު ނުކުރަންޏާ ނުކުރިޔަސް ހެޔޮ. އެކަމަކު އެމީހުންނާ މެދު ރާއިފް ކަންތައް ތިކުރިގޮތަށް މިއަދުގެ ފަހުން ދެން ކޮށްގެން ނުވާނެ. ކުރިކަން އަހަރެންނަށް އެނގިއްޖެއްޔާ ތީ އަހަރެންގެ ދަރިޔަކަސް މާފެއް ނުކުރާނަން. ރާއިފް އެކަން ހަނދާން ކުރާތި!” ނިޒާރު ރުޅި އައިސްގެން ބުންޏެވެ.
“އެއްވެސް ގުޅުމެއް ނެތް ބަޔަކާ ހެދި ބައްޕަ އަހަރެން—” ރާއިފްއަށް ގަބޫލު ނުކުރެވިގެން އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ނިޒާރު ރާއިފް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ކުރިޔަކަ ނުދިނެވެ.

“މިއަދުން ފެށިގެން ނީނާ އޮފީހަށް އަންނާނީ އޭނަ ބޭނުމިއްޔާ، އޭނަ ދައްކަން ޖެހޭ ދަރަންޏެއް ނޯންނާނެ، އެއީ ކޮންމެހެން ދައްކަން ޖެހޭ އެއްޗެއް ވިއްޔާ އަހަރެން ޗެކެއް ދިފާނަން. ނީނާ ބޭނުމިއްޔާ އޭނަ އެހުރި ވަޒީފާ އަބަދުވެސް އޭނައަށް އޮންނާނެ، ނަޔަސް މުސާރަވެސް ލިބޭނެ. ރަޝީދު ރަނގަޅު ވަންދެން ނީނާ ހުންނާނީ ޗުއްޓީގަ” ނިޒާރު ބުންޏެވެ.

“އެކަމަކު އޭނަ ނާންނަންޏާ އަހަރެންނަށް ވަރަށް އުނދަގޫ ވާނެ” ރާއިފް ބުންޏެވެ.

“އެހެން ވިއްޔާ އޭނަ އަންނަން ދެން އޭނަގެ މަސައްކަތް އެހެން ކުއްޖަކު ލައްވާ ކުރުވާ. އެކަމަކު ނީނާ އައި ދުވަހަކުން އެ ވަޒީފާ އޭނައަށް ލިބެން ޖެހޭނެ” އެހެން ބުނެފައި ރާއިފް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ނިޒާރު ނިކުތެވެ. އޭރު ރިސެޕްޝަން ކައިރީ ނީނާ ހުއްޓެވެ.

“ބައްޕަ އޮތީ ކޮން ހޮސްޕިޓަލެއްގަތަ؟” ނީނާ ކައިރިއަށް އައިސް ނިޒާރު އަހާލިއެވެ. ނީނާ ޖަވާބު ދިނުމުން ނިޒާރުއާ އެކު އައުމަށް ނީނާ ގާތު ބުނުމުން ނީނާ ނިޒާރުއާ އެކު ދިޔައެވެ.

 

ނިޒާރު ނީނާ ގޮވައިގެން ހޮސްޕިޓަލަށް ގޮސް ރަޝީދުއާ ބައްދަލު ކުރިއެވެ.

“ރަޝީދު ކީއްވެ މިހުރިހާ ދުވަހު އަހަރެންނާ ނުގުޅީ؟ ކީއްވެ އެހެން ރަށަކަށް ބަދަލު ވިއިރު އަހަރެންނަށް އަންގާ ނުލީ؟ ނީނާއަށް ކިޔަވައިދޭން މާލެ އައި ނަމަ އަހަރެން ނީނާއަށް ކިޔަވައި ދިނީމުސް، ރަޝީދުއަށް ވަޒީފާވެސް ދިނީމުސް.

އަހަރެން އެހާ ވަރަށް ބުނީމަވެސް ކީއްވެތަ ރަޝީދު ގަބޫލު ނުކުރީ؟ އަހަރެން އޭރު ހެދިކީ ދޮގެއް ނޫނޭ، ކީއްވެތަ އަހަރެން އެހާ ދުރު މީހަކަށް ހެދީ؟” ނިޒާރު ރަޝީދު ގާތު އެތަށް ޝަކުވާއެއް ކުރިއެވެ.

“އަހަރެން ނިޒާރު ދުރު މީހަކަށް ހެދީކީ ނޫން، އަހަންނަށް އެނގޭ އަހަރެން ބުނި ކޮންމެ ކަމެއް ނިޒާރު ކޮށްދޭނެކަން، ނުބުންޏަސް ކޮށްދޭނެކަން އެނގޭ. އެކަމަކު އެދުވަހު އަހަރެން ވީ އެހީތެރި ކަމުގެ ބަދަލެއް އަހަރެން ބެނުމެއް ނޫން… އެއީ ބަދަލުގަ އެއްޗެއް ހޯދަން އަހަރެން ކުރި ކަމެއް ނޫން. އެހެންވެ އަހަރެން ފަހުން އެގޮތައް ކަންތައް ކުރީ. އެކަމަކު ނިޒާރު ދެރަ ވަންޏާ އަހަރެން މާފަށް އެދެން. އެއީ އަހަރެން ނިޒާރު ދެރަ ކުރަން ކުރި ކަމެއް ނޫން” ރަޝީދު ބުންޏެވެ.

“ދެން އެވާހަކަ ހުއްޓާލާ، އަހަރެން ރަޝީދުއާ މެދު ހިތް ބުރައެއް ނުކުރާނަން. އަވަހަށް ރަނގަޅު ވެގެން ހިނގާ. އަހަރެން ރަޝީދުއަށް ވަޒީފާ ދޭނަން. މިހާރު ދެން ހާސް ވާންވީ އެއްވެސް ކަމެއް ނެތެއްނު؟ ރަޝީދުގެ އަންހެން ދަރިފުޅުވެސް ބޮޑުވެއްޖެ ވިއްޔަ!” ނިޒާރު ބުނެލިއެވެ.

ރޭ ވަންދެން ރަޝީދު ކައިރީ އިނދެފައި ނިޒާރު ދާން ނިކުތް އިރު އަށެއް ޖަހަނީއެވެ.

“ނީނާވެސް ދެން ހިނގާ ދާން. ރޭގަނޑު ބައްޕަ ކައިރީ ހޭލާ އިންނާނެ މީހަކު ނިޒާރުބޭ ފޮނުވާނަން. އަދި ވީއެންމެ އަވަހަކަށް ބައްޕަ ރޫމަކަށް ބަދަލު ކުރެވޭތޯވެސް ބަލާނަން” ނިޒާރު ބުންޏެވެ.

“ތެދެއް، ދަރިފުޅު ދޭ ދެން ނިޒާރުބެއާ އެކީ. އަބަދު މިތާ އިނދެފަ ވަޒީފާއަށް ތިދަނީ، ތިހެން އުޅެނިކޮށް ބަލިވެދާނެ” ރަޝީދު ބުންޏެވެ.

ނީނާ ނިޒާރުއާ އެކީ ނިކުމެ ކާރަށް އެރިއެވެ.

“ކޮން ގެޔަކު ހުންނަނީ؟” ކާރު ސްޓާޓް ކޮށްލަމުން ނިޒާރު އެހިއެވެ.

“މާލޭގަ ކިޔަވަން ހުންނަ ރަށު ކުއްޖެއް ކައިރީ ހުންނަނީ” ނީނާ ލަމްޔާ މެންގޭ ނަން ބުންޏެވެ.

“މާދަމާ ވާނެ ނީނާ ނިޒާރުބޭ މެން ގެޔަށް ބަދަލުވާން” ނިޒާރު ބުންޏެވެ.

“ނޫން… އޭރުން ކަމަކު ނުދާނެ. ބައްޕަ ރަނގަޅު ވީމަ ބައްޕަ ގާތު އަހާފަ ބައްޕަ ބުނާ ގޮތަކަށް ހަދާނީ” ނީނާ ބުންޏެވެ. އެވަގުތު ނީނާ ރާއިފް މަތިން ހަނދާން ވިއެވެ. ނިޒާރު ނީނާ އެގެޔަށް ގެންގޮއްސި ނަމަ ރާއިފްއަށް ވާނެ ގޮތް ނީނާ ހިތަށް އެރިއެވެ. ޔަގީނުންވެސް ނީނާ އެގޭގަ ހުންނާކަށް ރާއިފް ގަބޫލެއް ނުވާނެއެވެ. ނިޒާރު އެޚިޔާލު ހުށަހެޅި ކަން އެނގުނަސް ރާއިފް ރުޅިއައިސް ރަތް ވާނެއެވެ. “އެހެން ނޫނަސް ރާއިފްވެސް ހިތް ހަމައެއް ނުޖެހޭނެ” ނީނާ ބުންނެވެ.

“އެހެން ވިއްޔާ މާދަމާ ވާނެ ނީނާ ހުންނަން އެޕާޓްމެންޓެއް ހޯދަން. އެކަނި ހުންނަން ނުކެރެންޏާ ތިބުނާ ކުއްޖާ ކައިރީ ބުނޭ ނީނާއާ އެކީ ބަދަލުވާށޭ. ދުވަސް ކޮޅަކުން ބައްޕަވެސް ދޫކޮށްލަފާނެ. ކުލި ދައްކާނީ ނިޒާރުބޭ، މިފަހަރު ނޫނެކޭ ބުންޏަސް ގަބޫލެއް ނުވާނަން އިނގޭ!” ނީނާއަށް ބަލާލާފައި ހީލަމުން ނިޒާރު ބުންނެވެ.

ނީނާ އެއްޗެއް ނުބުނެ އިނެވެ.

“އަދި ބުނަން؟ ބައްޕަ ރަނގަޅު ވަންދެން ނީނާ އޮފީހަށް ނުނިކުތަސް އެންމެ ރަނގަޅު، ފަހުން ނީނާ ބޭނުމިއްޔާ ހަމަ އެ ވަޒީފާ ނީނާއަށް ލިބޭނެ. މިހާރު އޮފީހަށް ނުދިޔަޔަސް މުސާރަވެސް ލިބޭނެ. ލޯނަށްވެސް ކަނޑާކަށް ނުޖެހޭނެ. އެއީ ނިޒާރުބޭ ހިލޭ ދިން އެއްޗެއް ކަމަށް ބަލާ” ނިޒާރު ބުންޏެވެ.

“އެކަމަކު—” ނީނާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ނިޒާރު ބޯ ހަލުވާލުމުން އެއްޗެއް ނުބުނެ އިނެވެ.

“މާދަމާ އަށެއް ޖަހާ އިރަށް އަންނާނަން ނީނާ ބަލާ. ބައްޕަ ކައިރިއަށް ގޮއްސަ ދެން ދާނީ އެޕާޓްމެންޓެއް ބަލަން. އިނގޭ!” ނިޒާރު ބުންޏެވެ. ނީނާ ބޯ ޖަހާލިއެވެ.

 

އެރޭ ފަތިހު ހޮސްޕިޓަލުން ގުޅައިގެން ނީނާ ހޮސްޕިޓަލަށް ދިޔައީ ރަޝީދު ވަރަށް ހާލު ދެރަ ވެގެންނެވެ. ނީނާ ދިޔަތާ މާ ގިނަ އިރެއް ނުވެ ނިޒާރުވެސް އައެވެ. ދެން ދިޔަ ދެދުވަސް ދިޔައީ ވާނުވާ ވެސް ނޭނގިއެވެ. އެދެދުވަސް ނީނާ ހޭދަ ކުރީ ރުއިމުގައެވެ. އެދެދުވަހު ހީވެސް ނުކުރާހާ އެހީތެރިކަން ނިޒާރުގެ ކުދިންގެ ފަރާތުން ނީނާއަށް ލިބުނެވެ. ރާއިފްވެސް ނިޒާރުގެ އެދުމަށް ހުރިހާ ކަމެއްގައި އެހީ ވިއެވެ. މުޅި އެދެދުވަސް އެކީ ކަހަލަ ގޮތަކަށް ރާއިފް އުޅުނީ ހޮސްޕިޓަލުގައެވެ.

ނިޒާރުގެ ދެ އަންހެން ކުދިން، ރިފާޝާއާ ރިއުފާވެސް އެތައް އިރަކު ހޮސްޕިޓަލުގައި އުޅުނެވެ. ރިފާޝާއަށް ވުރެންވެސް ބޮޑަށް ރިއުފާގެ އެހީތެރިކަން ނީނާއަށް ލިބުނެވެ. ލަމްޔާވެސް އަބަދުހެން ހުންނަނީ ނީނާ ކައިރީގައެވެ.

ރަޝީދުއަށް އެހީވެދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޑޮކްޓަރުން ކުރިއެވެ. ކުރަން ޖެހުނު ހުރިހާ ޚަރަދެއް ނިޒާރު ކުރިއެވެ. ނަމަވެސް ދެވަނައަށް ވީ ދުވަހުގެ ރޭ ރަޝީދު މަރު ވިއެވެ. އެޚަބަރާ އެކު ނީނާ އަނބުރައިގަނެގެން ވެއްޓުނެވެ.

ރަޝީދު ހިނަވާ ކަށު ނަމާދުކޮށް ވަޅުލުމާ ހަމައަށްވެސް ހުރިހާ ކަމެއް ކުރީ ނިޒާރުއެވެ. އެހުރިހާ އިރު ނީނާގެ ލޮލުން އެންމެ އިރުކޮޅަކަށްވެސް ކަރުނަ ނުހިކެއެވެ. އަޅާލާނެ އެއްވެސް މީހަކު ނެތް ދުނިޔޭގައި ނީނާ އެކަނި ވީއެވެ. ރަށަށް ދިޔަޔަސް ދެން އެކަކުވެސް ނުހުންނާނެއެވެ. ރަޝީދު މަތިން ހަނދާން ވާއިރަށް ނީނާއަށް ގިސްލާފައި ރޮވެއެވެ. އަބަދުވެސް ކައިރީގައި ރިއުފާއާ ރިފާޝާއާ ލަމްޔާ ނުތިބޭ ނަމަ ނީނާ މޮޔަ ވީސް ކަންނޭނގެއެވެ.

އެދުވަހު ނީނާ ލަމްޔާމެން ގެޔަށް ދާކަށް ނިޒާރު އެއްގޮތަކަށްވެސް ގަބޫލެއް ނުވިއެވެ. އެހެންވެ ރިއުފާއާ އެކީ ގެޔަށް ގޮސް ނީނާ އެއްޗެހި ހިފައިގެން ނިޒާރުމެން ގެޔަށް އައެވެ.

އެގޭގައި ނީނާ ހުރި ދެހަފްތާގައި ނީނާއަށް ވަރަށް ރަނގަޅަށް އެގޭ މީހުން ދަސް ވިއެވެ. އެއީ ހިތްހެޔޮ ރަނގަޅު ބައެއް ކަން ޔަގީން ވިއެވެ. ނިޒާރުގެ ތިން ކުދިން ތެރޭން އަދި ކައިވެނި ކޮށްގެން އުޅެނީ ރިފާޝާ އެކަންޏެވެ. ރިފާޝާގެ ދެމަފިރިން އުޅެނީވެސް އެގޭގައެވެ. ރިފާޝާގެ ފިރިމިހާ ނާޝިދު އަކީވެސް ހިތް ހެޔޮ މީހުންނާ ގުޅޭ މީހެކެވެ. އެދެމީހުންގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ނާއިޝްގެ ސަބަބުން ނީނާގެ ހިތާމަތައް އިރުކޮޅަކަށް ނަމަވެސް ހަނދާން ނައްތާލަން ނީނާއަށް މަޖުބޫރު ވެއެވެ. އެއީ އެހާވެސް މަޖާ ސަކަރާތް ޖަހާ ހިތްވާ ކުއްޖެކެވެ.

އެގޭ އެންމެންވެސް ނީނާގެ ހިތާމަ ލުއި ކުރުމުގައި އެހީ ވެދޭން ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް ރާއިފް ނީނާއާ ވާހަކަވެސް ދައްކަނީ ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ބުނެލަން އެކަންޏެވެ. ގޭ އެންމެންނާ ސަކަރާތް ޖަހާ މަޖާކޮށް ހަދާ އިރުވެސް ނީނާއާ އަނގައިން ވެސް ނުބުނާނެއެވެ. އެކަމާ ނީނާ ދެރަވި ނަމަވެސް އެއްވެސް މީހެއް ގާތު ނީނާ އެ ވާހަކައެއް ނުދައްކައެވެ.

ނަމަވެސް އޮފީހުގައި ނީނާއަށް އެއްގޮތަކަށްވެސް ރާއިފްގެ ފަރާތުން ނުފެންނަ ސިފައެއް އެދުވަސްކޮޅު ނީނާއަށް ފެނުނެވެ. ގޭގައި ރާއިފް އުޅޭ ގޮތެވެ. ނާއިޝްއާ ޖަހާ ސަކަރާތެވެ. ކޮއްކޮމެންނާ ކުރާ ސަމާސާއެވެ. އޭގެ ކުރިން ނީނާއަށް ފެނިފައި ވަނީ ހަމައެކަނި ރާއިފްގެ ރުޅިއެވެ. ނީނާއަށް ރާއިފްގެ އެސިފަ އެގޭން ނުފެނުނު ނަމަ ރާއިފްއަކީ ގޭގައި އެގޮތަށް އުޅޭ މީހެކޭ އެހެން މީހަކު ނީނާ ގާތު ބުނި ނަމަ ނީނާއަށް ގަބޫލުވެސް ނުކުރެވުނީހެވެ.

ރާއިފްމެން ގޭގައި ނީނާ އުޅުނު ނަމަވެސް ރާއިފް ނީނާއާ ވާހަކަ ދައްކާކަށް ނޫޅެއެވެ. އެދުވަހު އޮފީހުގައި ނިޒާރު ރާއިފްއާ ދިމާއަށް އެއްޗެހި ކީ ފަހުން ރާއިފް ކުރިއަށް ވުރެން ބޮޑަށް ނީނާ ދެކެ ރުޅި އައެވެ. ނަމަވެސް ބައެއް ފަހަރު ނީނާ ފެނުމުން ރާއިފްއަށް އެވާ ގޮތެއް ރާއިފްއަކަށް ނުވިސްނެއެވެ. ނީނާ ރޯތަން ފެނުމުން ރާއިފްއަށް އުނދަގޫ ވަނީ ކީއްވެ ކަމެއް ނުވިސްނެއެވެ.

ދެހަފްތާ ފަހުން ނީނާ ލަމްޔާއާ އެކީ ނިޒާރު ކުއްޔަށް ހިފި އެޕާޓްމެންޓަށް ބަދަލު ވިއެވެ. އޭރު ލަމްޔާވެސް ހަދަމުން ދިޔަ ކޯސް ނިމި ވަޒީފާއަށް ދާން ފަށައިފިއެވެ. އެހެންވެ ގޭގަ އެކަނި އިންނަން ޖެހުމުން ނީނާ ރަޝީދު މަތިން މާބޮޑަށް ހަނދާން ވާން ފެށިއެވެ. ގެޔަށް ބަދަލުވިތާ ތިން ދުވަސް ފަހުން ނީނާ އޮފީހަށް ނިކުންނަން ނިންމީ އެހެން ވެގެންނެވެ. ނިޒާރުއަށް ގުޅާފައި ނިޒާރު ގާތުން ހުއްދަ ލިބުމުން ނީނާ އޮފީހަށް ދާން ތައްޔާރު ވިއެވެ.

“ނީނާ، ކޮންތާކަށް ދާން ތިއުޅެނީ؟” ލަމްޔާ ފެންވަރައިގެން ނިކުތް އިރު ނީނާ ރީތިވާން ހުއްޓާ ފެނުމުން ލަމްޔާ އަހާލިއެވެ.

“ކަމެއް ނެތިފަ ގޭގަ އެކަނި އިންނަން ވީމަ ބައްޕަ މަތިން ވަރަށް ހަނދާން ވޭ… އެހެންވެ ހިތަށް އެރީ އޮފީހަށް ނިކުންނާނިއްޔޭ” ނީނާ ލަމްޔާއަށް ޖަވާބު ދިނެވެ.

“އާނ… ތިހެދީ ރަނގަޅަށް…” ނީނާގެ އަތުގައި ހިފާލަމުން ލަމްޔާ ބުންޏެވެ.

 

ނީނާ އޮފީހަށް ދިޔުމުން އެންމެންވެސް ހާލު އަހާ ހެދިއެވެ. ނީނާ އިރުކޮޅަކު ޝަހުދާމެން ކައިރީ ވާހަކަ ދައްކަން މަޑުކޮށްލާފައި ރާއިފްގެ ކެބިންއަށް ވަނެވެ.

ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެވުމާއެކު ނީނާއަށް ހުއްޓެވުނެވެ. މޭޒުމަތީ އިށީނދެގެން ކަހަލަ ގޮތަކަށް އަންހެން ކުއްޖެއް ގައިގައި ބައްދާލައިގެން ރާއިފް ހުއްޓެވެ. އެއަންހެން ކުއްޖާއަށް ނީނާ ފެނުނީ އިރުކޮޅެއް ފަހުންނެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ޝެރިން (33 ވަނަ ބައި: ފަހު ބައި)

Next

އަނިޔާ.. 26 ވަނަ ބައި

Next
January 4, 2016

އަނިޔާ.. 26 ވަނަ ބައި

Previews
January 3, 2016

ޝެރިން (33 ވަނަ ބައި: ފަހު ބައި)

17 Comments!

  1. Mar Sha Marsha says:
    January 3, 2016 at 10:41 pm

    މިރޭ މާޝާއަށް ވަގުތު ވީމަ ހަތަރު ވަނަ ބައި އަޕް ކޮށްލީ، ކިޔުންތެރިންނަށް މިބައި ކަމުދާނެ ކަމަށް ހީކުރަން.. ފަސްވަނަ ބައި އަިރާދަ ކުރެއްވިއްޔާ މާދަމާ ނޫނީ މާދަމާ ރޭ އަޕްކޮށްދޭނަން…

  2. cute_smiley16 says:
    January 3, 2016 at 10:51 pm

    Marsha ge blog address libudhaanetha?

  3. Kai says:
    January 4, 2016 at 12:03 am

    Ohh marsh U are so good 😀 thihaa avahah story up kohdhineema 😛 story varah awesome hope u will upload the nxt prt soon 🙂

  4. Aimsithu says:
    January 4, 2016 at 12:29 am

    Vaahaka varah reethi … ummeedhu kuran thi gothuga vaahaka kuriyah gendhaane kamah..

  5. shine says:
    January 4, 2016 at 12:32 am

    Mi partvx hama habeys.. marsha u r no1…I love this story nd thihaa avahah up kohdhey thy v v happy:):)

  6. leena says:
    January 4, 2016 at 12:49 am

    Omg

  7. mik says:
    January 4, 2016 at 1:59 am

    Marsha aa friend vevidhaanetha?vaahaka varah obi

  8. Naju Nas Modu says:
    January 4, 2016 at 7:47 am

    Very nice story

  9. Eyesh says:
    January 4, 2016 at 9:08 am

    marsha ? Mi part ves v v v v v reethi ? eagerly waiting for the next part ?

  10. Hoody says:
    January 4, 2016 at 10:09 am

    Mi kurin kiyaafa oyy v reethi vaahaka ehh. Alunn kiyaalan libunythy v ufaa vehjje. Ummydhu kuran avahahh upload kohh dheyne kamahh. Nimen dhen genesdhehcchey. ? ? ? ? ? ? ? ? ? ? ?

  11. misty says:
    January 4, 2016 at 11:27 am

    Varah salhi story eh ?

  12. 9797783 says:
    January 4, 2016 at 7:08 pm

    Oh salhi

  13. Shabee says:
    January 4, 2016 at 8:34 pm

    Mihaaru dhn mi site ga evves originalty eh neii. Miyah comment kuraa aadhaige writers mi liyany. Mi meehunnah heevany 6 ehka vaahaka kiyunyna thimanna ah dhn vahaaka liyevidhaaney noony thimanna mee vaahakaa liyuntheriyekey. Mihaaaaru nuvannan ehnve mi site ah.

  14. nismaa says:
    January 4, 2016 at 9:37 pm

    Aharemennah varihama dhuvahaku nuvanas pakaaaaaaaaaaaaaaaaaaaaaas

  15. mik says:
    January 4, 2016 at 9:47 pm

    Marsha kobitha 5 bai

  16. Mar Sha Marsha says:
    January 4, 2016 at 10:21 pm

    ފަސް ވަނަ ބައި އަޕް ކޮށްފިން، މިބައި ކީ ހުރިހާ ކުދިންނަށް ޝުކުިރިއްޔާ.

  17. Seenam says:
    January 6, 2016 at 9:51 pm

    Mi vaahaka nimunu gothun 5 vana bai nukiyaa mirey dhen nuves nidheybe

Comments are closed.


All Right Reserved!