ސާހިލް ދުވަހަކުވެސް އަމިއްލަ ނަފްސު ކުށްވެރި ނުކުރާ ވަރަށް، އެރޭ އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ. އޭނާއަށް ރޮވުނީ ބައްޕައެއްގެ ގޮތުގައި އޭނާ ނާކާމިޔާބު ވެއްޖެކަމުގެ އިހުސާސް ވެފައެވެ. އެތައް އިރެއްވަންދެން އެގޮތުގައި އޭނާ އިނެވެ. ވަރަށް ހިތްވަރުކޮށްފައި ސާހިލް ތެދުވެ ގޮނޑީގައި އިށީނެވެ. އިތުރަށް އެވީޑިއޯ ބަލާނެ ހިތްވަރެއް ނުލިބިގެން ވީޑިއޯ ކްލޯސް ކޮށްލިއެވެ. އަދި ޝަފްނާއަށް ފޮނުވުމަށް އާ މެއިލްއެއް ހުޅުވާލިއެވެ. ހަމައެކަނި ‘ޔެސް’ ޖަހާލުމަށްފަހު އޭނާ އެމެއިލް ޝަފްނާއަށް ފޮނުވާލިއެވެ. މެއިލް ކްލޯޒް ކޮށްލުމުގެ ކުރިން އޭނާއަށް އެންމެ ފަހުން ލިބިފައި އިން މެއިލްއަށް ވަދެލިއެވެ. އެއާއެކު ފެނިގެން ދިޔައީ ކައިވެނީގެ ވަލީމާއެއްގެ ފޮޓޯތަކެކެވެ.
ކޮންމެ ދުވަހަކަށް އިރުއަރާ އޮއްސެމުން ދިޔައެވެ. ކަލަންޑަރުގެ ގަނޑުތައް ހަތަރުމަސް ކުރިއަށް ޖެހިލިއެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހެއް ތަފާތެވެ. އުފާވެރިކަމާއި ހިނިތުންވުން ބައެއް ފަހަރު ހަޔާތަށް ވެރިވެއެވެ. އަނެއްބައި ފަހަރު ހިތްނުތަނަވަސްވުމާއި މޮޅިވެރިކަން ހަފަރާތުން ވަށާލައެވެ. ހަޔާތުގެ މިދަތުރު ފުރިހަމަވަނީ އެހުރިހާ ކުލައެއް އެކުވެގެންނެވެ. ހަގީގީ އުފާވެރިކަން ބޭނުން މީހެއް ނަމަ ހެއްދެވި ފަރާތް އަބަދުމެ ހަނދާން ކުރަންޖެހެއެވެ. އަންނަން އޮތް ހަޔާތަށް ކޮއްތު ތައްޔާރުކުރަން ޖެހެއެވެ. އެހަޔާތަށް ޓަކައި ބައެއް ކަންތައް ތަކުން ދުރުވެގަންނަން ޖެހެއެވެ. މިދަތުރު ކާމިޔާބު ވާނީވެސް އެފަދަ މީހަކަށެވެ.
ނިޔަފަތި ހަފަމުން މަންހަލް ކޮޓަރީގެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ފާހަނައިގެ ދޮރު ހުރީ ކުޑަކޮށް ހުޅުވާލާފައެވެ. އިރުކޮޅު ކޮޅުން އޭނާ ގަޑީގެ ކަށްޓަށް ނަޒަރު ހިންގާލައެވެ. މޫނުގައި އަތް އަޅާލާފައި އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ގޮދަޑި މަތީގައި އިށީންގޮތަށް އޭނާ ދެފައި ތަޅުވަން ފެށިވަރުން އެ މަންޒަރު ބަލަންއިން މީހަކުނަމަ ބޮލަށް އުނދަގޫވެގެން މަންހަލްއާ ދިމާއަށް ހަޅެއް ލަވައިގަތީހެވެ. ސިއްސައިގެން ގޮސް އޭނާ ތެދުވީ ކޮޓަރި ދޮރުގައި ޓަކި ތަޅައިގަތް އަޑު އިވިފައެވެ. ހަމައެއާއެކު ޝަޔަމް ބާރު ބާރަށް އޭނާއަށް ގޮވާލި އަޑު އިވުނެވެ.
“ކިހިނެއްވީ؟” މަންހަލް ގޮވާލިއެވެ.
“ކިހިނެއްހޭ ވީ؟ މިދޮރު ހުޅުވަބަލަ. ކީއްތަ ތިކުރަނީ ކޮޓަރި ތަޅުލައިގެން؟ މިކަހަލަ ދުވަސް ދުވަހު އިނދޭ ކޮޓަރިއަށް ވަދެ ފިލާ. ޝާނީ އެބަހުރި އިއްޔެ ހަވާދުހެދި ތާހަށް ދޮންތަ ފެން އަޅާފަ ހުއްޓާ އެއަށް ފައި ގުންބާލައިގެން. ގަރުދިޔަ ތެލި އުނދުންމައްޗަށްލީ ގޮތަށް ކަމަނާ ތިޔައީ ކޮޓަރިއަށް. ދޮންތަ ދިޔައިރު ހުރީ އެ އުނދުން މައްޗަށް ވެރިފަ. އެބަ އުޅޭ ބަދިގޭގަ އުނދުންމަތި ސާފުކުރަން. އަހަރެން މިއުޅެނީ މިކޮޓަރީގަ މޮޕުލާންވެގެން. މަންނު ދޭ ޝާނީ ކައިރިއަށް.” ޝަޔަމް އޭނާގެ ހަލުވި ސްޕީޑްގައި ވާހަކަދައްކާލިއެވެ.
“މިދަނީ، މަޑުކުރޭ.. ޓޫ މިނެޓްސް.” މަންހަލް ފާހަނައިގެ ތެރެއަށް ބޯ ދިއްކޮށްލަމުން ގޮވާލިއެވެ.
“ޓޫ މިނެޓެއް ނޫން. ދޮންތައަށް ޝާނީ ފެނިއްޖެއްޔާ ރުޅި ގަދަވާނީ.. އަވަސްކޮށްބަލަ.. ހަމަމިހާރު ނިކުމޭ..” ޝަޔަމްގެ އަޑު ފޭދިގެން ދިޔަގޮތުން އޭނާ ދުރަށް ދިޔައީކަން މަންހަލްއަށް އެނގުނެވެ. މޫނުދޮންނަ ތަށި މައްޗަށް ނަޒަރެއް ދީފައި އޭނާ ފާހަނައިގެ ދޮރު ލައްޕާލާފައި އަވަސް އަވަހަށް ކޮޓަރިން ނިކުމެގެން ދިޔައީއެވެ.
އޭނާ ގޯތިތެރެއަށް ނިކުތްއިރު ޝާނީ ހުރީ ދޮންނަންވެގެން ފެން އަޅާފައިހުރި ތާހުގެ ތެރެއަށް ފައިބައެވެ. އިސްކޫރުން ފެން ދޫކޮށްގެން އޭނާ އަމިއްލަ ގަޔަށް ފެން އަޅަމުން ދިޔައެވެ.
“ޝާނީ…” ބޯ އެލުވާލާފައި މަންހަލް ގޮވާލިއެވެ. އޭނާ ޝާނީ ފެންވަރުވާ ރީތިކުރިތާ އަދި ގަޑިއިރެއް ނުވެއެވެ.
މަންހަލް ފެނުން އިރަށް ޝާނީ ހީގަތެވެ. މަޖާވެފައި އޭނާ ތާހުން ފެންނަގާ މަންހަލްގެ ގަޔަށް ފެން ބުރުއްސަން ފެށިއެވެ. މަންހަލް ދެއަތް މުށްކަވާލާފައި އަތް ހުޅުވާލިއެވެ.
“އާއާހް.. ޝާނީ..” އަނެއްކާވެސް މަންހަލް ޝާނީއަށް ގޮވާލީއެވެ. ބުނާނެ އިތުރު އެއްޗެއް މަންހަލްގެ ދުލަށް ނައީއެވެ.
“ތިހެން އުޅެންޏާ ދެން މަންނު ދެރަވާނީ. ޝާނީ ކައިރީ ބުނީމެއްނު ބަސް އަހައިގެން ސިޓިން ރޫމުގަ އިންނާށޭ..” ހަށަންބަނދެލާފައި މަންހަލް ބުންޏެވެ. ދެންވެސް ޝާނީ ފެން ޖެހުން ހުއްޓާލާކަށް ނޫޅުނެވެ. މަންހަލްއަށް ޝާނީ ކައިރިއަށް ނުދެވިފައި ހުރީ އޭނާ ތެމިދާނެތީއެވެ. “ދޮންބެ ކައިރީ ބުނާނަން ދެން ޝާނީ ގޮވައިގެން ދުއްވާލަން ނުދައްޗޭ..”
ހަމައެއާއެކު ޝާނީ ފެން އިސްކުރު ބަންދުކޮށްފައި ތާހުން ފައިނަގައިފިއެވެ. މަންހަލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
“އަންނާނަން ހެދުން ހިފައިގެން. މިތަނުގައި ހުންނާތި..” ޝާނީ ގެނެސް ޖޯލީގައި ބައިންދާފައި މަންހަލް ގޭތެރެއަށް ވަނެވެ.
“ދަބަސްވީ ބޮޑުދޮންބެދައްތަ ކޮޓަރީގަ..” ޝާނީ ގޮވާލިއެވެ. މަންހަލްއަށް ބޯ ހޫރުވާލެވުނީއެވެ. މަންމަމެން ކޮޓަރިން ޝާނީ ހަވީރުލާން ގެނައި ހެދުމާއި ތުވާލި ހިފައިގެން ނިކުމެފައި އޭނާ ކޮޓަރިއަށް ވަންނަން ތަޅުގައި ހިފާލިތަނާ ބޭރުން މަންމަ ގޮވާލި އަޑުއިވުނެވެ. “މިހާރު މިއޮއް އުޅެނީ ބޭރަށް ދާންވެގެން. މަންހަލްލް.. މަންހަލް އާދެބަލަ މިމަންޖެ ކައިރިއަށް..” ކަރު އެލުވާލާފައި އޭނާ އަނެއްކާވެސް ބޭރަށް ނިކުތީއެވެ.
ގިފިއްޔަށް ވަދެ ޝާނީ ފެންވަރުވައިގެން ނިކުމެ އޭނާ ރީތި ކުރުވަންވެގެން ކޮޓަރިއަށް ދާން އުޅި އެއްގޮތަކަށްވެސް އެކޮޓަރިއަށް ދާން ޝާނީ އެއްބަހެއް ނުވިއެވެ. އޭރު އަނެއްކާވެސް ބޭރުން މަންމަ ގޮވަންފެށި އަޑު އިވިއްޖެއެވެ. ހަތިޔާރު ބަހައްޓާފައި އޭނާ މަންމަ ކޮޓަރިއަށްވަދެ އަވަސް އަވަހަށް ޝާނީ ރީތިކޮށްގެން ނިކުތެވެ.
“ދޭބަލަ ފިހާރައަށް ގޮސް ފުޅިއަކާ، ނިއުޓްރޯ ބިސްކޯދާ އެއްޗެހި ގަނެގެން އަންނަން.. މަންމަ ހަނދާނެއް ނުވި ހެނދުނުވެސް މަންހަލް ކައިރީ ބުނާކަށް.. ޝާނީވެސް ގޮވައިގެން ދާތި.. އެހެންނޫނީ އަނެއްކާ ދަރިފުޅު ފިހާރައަށް ގޮސް އަންނައިރު ޖެހޭނީ ފެންވަރުވަން ދާން..” ޒަހީނާ އޭރު އުޅުނީ ހަވާދުހެދި ތާސް ދޮންނާށެވެ.
ކައިރީ ހުރި ފިހާރައަށް ގޮސް އެނބުރި މަންހަލް އައިއިރު ގޭގެ ދޮރުމަތީގައި ޒާހިރުބެގެ ބަގީ އޮތެވެ. ޔަޒްދާންގެ ސައިކަލުވެސް ޕާކުކޮށްފައި އޮތުމުން ބްރޭކް ނަގައިގެން އޭނާވެސް ގެއަށް އައިސް އުޅޭކަން މަންހަލްއަށް އެނގުނެވެ.
“އަވަހަށް ހިނގާ ދާން.. އިރުކޮޅަކުން ފަޅަށް ވަންނާނެޔޯ..” ގޭގެ މައިދޮރުން އެތެރެއަށް ވަދެވުނު އިރު އެންމެން ގޭތެރެއިން ނިކުންނަން އަންނަނީއެވެ. މަންހަލް ހަމަ ފެނުމާއެކު ޒަހީނާ އަވަސް އަވަހަށް ބުނެލިއެވެ.
“ގެނޭ މަށަށް. މަންހަލް ދޭ ދެން.” މަންހަލްގެ އަތުގައި އޮތް ކޮތަޅު އަތުލާފައި ޝަޔަމް އެ ހިފައިގެން ގޭތެރެއަށް ދުއްވައިގަތެވެ. “ދޮންތާ އަހަރުން ގޮވައިގެން ދާން މަޑުކުރާތި..”
“ދެމީހުންދޭ ސައިކަލުގަ. ޝާނީ ދާނީ ދޮންބެ ދައްތައާއެކީ ބަގީ ބުރެއް ޖަހާލަން ދޯ..” ޝާނީ ގާތްކޮށްލާފައި ޒަހީނާ ބުންޏެވެ. ހިނިއައިސްފައި ޔަޒްދާން ސައިކަލާ ދިމާއަށް ހިނގައިގަތުމުން މަންހަލްވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
“ކިހިނެއް؟” ސައިކަލަށް އަރާފައި އެއްފަރާތަކަށް ބޯ އަރިކޮށްލަމުން ޔަޒްދާން ބުންޏެވެ.
“ރަނގަޅޭ..” ޔަޒްދާން ސައިކަލު ދުއްވާލުމުން މަންހަލް ބުނެލިއެވެ.
“އުފާވޭތަ؟” އަނެއްކާވެސް ޔަޒްދާން ސުވާލުކޮށްލިއެވެ.
“ވަރަށް ބޮޑަށް!” ޖަވާބުދީފައި މަންހަލް ހީލިއަޑު ޔަޒްދާންއަށް އިވުނެވެ.
ސައިކަލުގައި ގޮސް ޔަޒްދާން މަޑުކޮށްލީ ބަނދަރުމަތީ ހުރި ނިކަގަހެއްގެ ހިޔަލުގައެވެ.
“މަރިޔަންވެސް ބުނި މި އަންނަނީއޭ.” ދެފަރާތް ބަލައިލާފައި ޔަޒްދާން ބުންޏެވެ.
“ވަރަށް ލޯބި މިހާރު..” މަންހަލް ސައިކަލުން ފައިބާފައި ޔަޒްދާންގެ ކައިރީގައި ހުއްޓިލުމުން ޔަޒްދާން އޭނާގެ އަތުގައި ހިފާލާފައި ބުންޏެވެ.
“ޔަޒްދާން ބިރެއް ނުގަނޭތަ؟” މަންހަލް އަވަސް އަވަހަށް މައުޟޫ ބަދަލުކޮށްލިއެވެ.
“ކުޑަކޮށް. އެކަމަކު ތީ މިހާރު މަގޭ ހައްގެއް. އެހެން މީހަކަށް ނުގެންދެވޭނެ އަހަރެންގެ ހުއްދަ ނެތި އެއް.” ޔަޒްދާން ދެއަތް ދެއަތާ މޮޑެލިއެވެ.
އޭރު ދުރުން ސައިކަލުގައި މަރިޔަން އަންނަތަން ފެނިއްޖެއެވެ. މަރިޔަން ސައިކަލުގައި މަޑުކޮށްލިތާ އިރުކޮޅެއް ފަހުން ބަގީގައި ޒަހީނާމެން ވެސް އައިސް އެތަނުގައި މަޑުކޮށްލިއެވެ.
“ޔަޒްދާން ލޯންޗު ފަޅަށް ވަންނަނީއޭ ބުނީމަ އަހަރުން މިއައީ ތެޅެމުން ފޮޅެމުން. އަދި ދައްކައެއް ނުލާ..” މަރިޔަން ޝަކުވާ ކޮށްލިއެވެ.
“ކެތްކޮށްބަލަ.” ޔަޒްދާން ލޯ އަޅާލިއެވެ.
ބަގީ އިން ފައިބައިގެން އައިސް ޝަޔަމް މަޑުކޮށްލީ މަންހަލްގެ ކައިރީގައެވެ.
“އާ ޔޫ އޯކޭ؟” އެކުވެރިޔާގެ އަތްތިލައިގައި ހިފާލާފައި ޝަޔަމް ބުންޏެވެ. ހިނިތުންވެލާފައި އޭނާ ބޯޖަހާލީއެވެ.
“އަހަރެންގެ ބައްޕަ އަންނާނެނަމަ ދޯ.” ތުންފިއްތާލާފައި ޝަޔަމް ބުނެލި އެވެ.
“ހަމަ އެއްވަރަކަށްވެސް ނުގުޅާތަ؟” ވައި އަޑުން މަންހަލް ސުވާލުކޮށްލިއެވެ.
“ގުޅާ. ޝަޔަމް ކިހިނެއް؟ ރަނގަޅު؟ ބައްޕަ ރަނގަޅު. ދޮންތައަށް އުނދަގޫ ނުކޮށް ބަސް އަހައިގެން އުޅޭތި. އެންމެ ގިނަވެގެން ވާހަކަދައްކާ ދުވަހުވެސް އެހެން ބުނެލާނީ. މިނެޓެއް ނުވާނެ ފޯނު ކަނޑާލާނެ. މަންމަގެ ހަބަރެއް ވެސް ނުވޭ. ހީކުރި އަންނާނެ ކަމަށް ރުޅި އައިސްގެން.” ޝަޔަމްގެ މޫނުމަތީ މާޔޫސްކަން ފިޔަވައި އެހެން އެއްޗެއް ނެތެވެ.
“ކޮބާތަ ޖާވިދު؟” ޝަޔަމްއާ ކައިރިވެލާ މަންހަލް ބުނެލިއެވެ.
“ނުގުޅާ. އޭގެފަހުން ހަބަރެއް ވެސް ނުވޭ.” ޝަޔަމް ދުރުބަލައިލިއެވެ. އެކުވެރިޔާއަށް ޓަކައި ދެރަވެފައި މަންހަލް ޝަޔަމްގެ އަތުގައި މަޑުމަޑުން ޖަހާލީއެވެ.
“އެއީ އެކަހަލަ މީހުންގެ ގޮތް. އަސްލު ޝަޔޫ ދެކެ ލޯބިވިނަމަ އަންނާނެ ފަހަތުން. ހާލުވެސް ބަލާނެ.” މަންހަލް ބެލީ ޝަޔަމްއަށް ވިސްނައި ދެވޭތޯއެވެ.
“އޭނައަށް ކެރޭތަ އެރޭ ވީ ގޮތުން މެސެޖު ކުރަން؟ އަހަރެން ލަދުގަތް ވަރަށް އޭނަވެސް ލަދު ގަންނާނެ ދޯ.” ޖާވިދުގެ ދިފާއުގައި ޝަޔަމް ވާހަކަދެއްކިއެވެ.
“ހޫން.. އެހެންވެ ދޯ ހުރިހާ ކަމެއް ސިއްރުކުރަން ބޭނުންވީ؟” މަންހަލްގެ މޫނުމަތިން ގަޔާނުވި ކަމުގެ އަސަރު ފާޅުވިއެވެ.
“ދެން ތިއީ ސިއްރުނުކޮށް އުޅުން ދެމީހުން. މަށަށް ބަޔަކު އިންނަން އުޅޭކަންވެސް އެނގުނީ ކައިވެންޏަށް ތިން ދުވަހަށް ވެފައި އޮއްވާ..” ޝަޔަމްގެ އަނގައިން ދެރަވުމަކީ ނުވާނެ ކަމެކެެވެ.
“ތިޔޮއް އަންނަނީ..” އަފީފާގެ އަޑަށް މަންހަލްއާ ޝަޔަމްވެސް ބަލައިލި އެވެ. އޭރު ލޮނުގަނޑު ކަފަމުން ބާރު ދުވެލީގައި ލޯންޗު ރަށާ ދިމާއަށް އާދެއެވެ.
“ގެއަށް ގޮސް..” އެވާހަކަ އެހިސާބުން ނުނިމޭކަން މަންހަލް އަންގާލިއެވެ. މަޑުމަޑުން އެންމެންވެސް ވާޓަރު މައްޗާއި ދިމާއަށް ހިނގައިގަތެވެ. ދެތިން މިނެޓު ފަހުން ލޯންޗު ފަޅަށް ވަދެއްޖެއެވެ.
މަންހަލް އަށާއި ޔަޒްދާންއަށް އެކަކު އަނެކަކަށް ބަލައިލެވުނީ އެއްފަހަރާއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ދެމީހުންވެސް ހާސްވެފައި ތިބި ވަރު އެކަކު އަނެކަކަށް ނަގައިގަނެވުނެވެ.
ލޯންޗު ކައިރިކޮށްލުމާއެކު މީހުންތައް ފައިބަން ފެށިއެވެ. މަންހަލް ދަންނަ މީހަކަށް އެންމެ ފުރަތަމަވެސް ބޯ ދިއްކޮށްލީ ޔުނާންއެވެ. އޭނާގެ ފަހަތުން ޔޫވިންވެސް ނިކުތެވެ. ޔޫވިން ބުރުގާ އަޅާފައި ހުރުމުން މަންހަލްގެ މޫނުމަތި ނުހަނު އަވަހަށް އުޖާލާވެގެން ދިޔައެވެ. ޔޫވިންގެ ފަހަތުން ފޭބީ ސުހައިލްގެ ދެމަފިރިންނެވެ. ދުވަސްތަކަކަށް ފަހު އެމީހުންނާ ބައްދަލުވުމުން އެންމެންވެސް އެކަކު އަނެކަކާ ސަލާންކޮށް މަރުހަބާ ކިޔަމުން ދިޔައެވެ. އޭރުވެސް މަންހަލްއާ ޔަޒްދާންގެ ނަޒަރު ހުއްޓިފައިވީ ލޯންޗަށެވެ. އިރުކޮޅަކުން މެދުއުމުރުގެ މީހަކު ލޯންޗުން ނިކުންނަތަން ފެނުނެވެ. މަންހަލްއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ.
“ބައްޕަ.” ވައި އަޑުން ކިޔާލެވުނު އިރު މަންހަލްގެ ދެލޯ ކަރުނުން ފުރިއްޖެއެވެ.
ޔަޒްދާން މަންހަލްގެ ކޮނޑުގައި ހިފާ ގާތްކޮށްލިއެވެ. މަޑުމަޑުން ފިރުމާލިއެވެ. ލޯންޗުން ހަމަ ފޭބުމާއެކު މީހުންތަކުތެރެއިން ސާހިލްގެ ދެލޯ ހޯދާލީ އޭނާގެ ދަރިފުޅެވެ. ހަމައެއާއެކު ދުރުގައި ހުރި ލޯބިލޯބި އަންހެން ކުއްޖަކު އޭނާއަށް ފެނުނެވެ. އެގާރަ އަހަރުކޮށްފައި ސާހިލްގެ ލޮބުވެތި އަންހެން ދަރިފުޅު ފެނުމާއެކު އޭނާއަށް އެދަރިފުޅު ވަކިކުރަން އެނގިއްޖެއެވެ. އެންމެ ފަހުން އެދަރިފުޅާ ބައްދަލުވުމުގެ ނަސީބު ލިބުނު ކަމަށް ޓަކައި އުފާވެވުނު ކަމަކު އެދަރިފުޅަށް ހިމާޔަތާ ރައްކާތެރިކަން ނުދެވުނު ކަމަށް ޓަކައި އޭނާގެ އަމިއްލަ ނަފުސު އޭނާއަށް މަލާމަތް ކުރިއެވެ. ދަރިފުޅުގެ ކުރިމަތީގައި ލަދުވެތިކަން އިހުސާސްވެ ސާހިލްއަށް އިސްޖަހާލެވުނީއެވެ.
“ބައްޕާ..” ރޮއެގަނެފައި މަންހަލްއަށް ބައްޕަގެ ގާތަށް ދުއްވައިގަނެވުނެވެ.
“ދަރިފުޅާ!” މަންހަލް އޭނާގެ އަތުތެރެއަށް ވަތް ހިނދު ސާހިލްއަށް އެދަރިފުޅަށް ގޮވާލެވުނެވެ. މަންހަލްގެ އެކުޑަ ހަރަކާތުން ބައްޕައަށް ޓަކައި އެކުއްޖާގެ ހިތް ސާފުކަން އަންގައިދިނެވެ. ބައްޕަގެ ލޮތްބަށް އެކުއްޖާ ބޭނުންވެފައި ވަނީ އިންތިހާއަށްކަން އޭނާއަށް އިހުސާސު ކޮށްދިނެވެ. ދަރިފުޅުގެ ގައިގައި ބާރަށް ބައްދާލިއިރު މަންހަލްއާ އެއްވަރަށް ސާހިލްއަށްވެސް ރޮވެނީއެވެ. އެތަނުގައި ތިބި އެންމެންގެ ލޮލުންވެސް އެހިނދު ކަރުނަ ފާއްދާލިއެވެ.
“ބައްޕައަށް މާފުކުރޭ ދަރިފުޅާ..” ރުއިމުގެ ތެރެއިން ސާހިލް ބުނެލިއެވެ.
“ބައްޕަ އަންނާނެކަން ކޮއްކޮއަށް އެނގޭ. ބައްޕަ ކޮއްކޮ ސަލާމަތް ކުރަން އަންނާނެކަން ކޮއްކޮއަށް އެނގޭ..” މަންހަލްގެ ސިކުނޑި ތެރޭގައި ކުރެހިފައި ވަނީ ޝަފްނާގެ ގެއެވެ. އެ ވާހަކަތައް ދުލުން ބޭރުކުރަމުން ދިޔައީ ކޮޓަރީގެ ކަނެއްގައި އިން އަށްއަހަރުގެ މަންހަލްއެވެ.
“ބައްޕަ މިއައީ އޭ..” މަންހަލް އޭނާގެ ގަޔާ ދުރުކޮށްލަމުން ސާހިލް ބުނެލިއެވެ. އޭނާއަށް އަދިވެސް ފެންނަނީ ކުޑައިރުގެ މަންހަލްއެވެ. ސާހިލް ނުހަނު ލޯބިން މަންހަލްގެ ދެ ލޮލުން އަންނަ ކަރުނަތައް ފުހެލައިދިނެވެ. “ދެން ނުރޮއެ..”
މަންހަލް ރުއިމުގެ ތެރެއިން ހިނިތުންވެލިއެވެ. ބައްޕަގެ ބަސްއެހުމަށް ޓަކައި ގަދަކަމުން ކަރުނަތައް ހިންދަން މަސައްކަތް ކުރިއެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލާއިރަށް އަނެއްކާވެސް އެހެން ކަރުނަ ތިއްކަކުން އޭނާގެ ކޯތާފަތް ތެންމާލައެވެ. ދެބަފައިންގެ ރުއިން ނުހުއްޓޭނެހެން ހީވި ހިނދު ސުހައިލް ކުރިއަށް ޖެހިލާ ސާހިލްގެ ބުރަކަށީގައި ފިރުމާލިއެވެ.
“މިއީ ޔަޒްދާން. މަންހަލްގެ ފިރިމީހާ!” ސުހައިލް، ސާހިލްއަށް ޔަޒްދާން ތަޢާރަފް ކޮށްދިނެވެ.
ނޭފަތް ދަމާލާފައި ސާހިލް ޔަޒްދާންއާ ސަލާން ކޮށްލިއެވެ. އޭނާ ޔަޒްދާންގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގާލިއެވެ. އެއީ ކޮން ކަހަލަ ޒުވާނެއްތޯ ދެނެގަންނަން މަސައްކަތް ކުރިއެވެ. ސާހިލްގެ އެ ތޫނު ނަޒަރުން ޔަޒްދާން އިންތިހާއަށް ހާސް ވިއެވެ. މަންހަލްގެ އަތުގައި އޭނާއަށް ހިފާލެވުނީ ނުހަނު އަވަހަށެވެ.
“ޒަހީނާމެން ގޭގައި ހުންނާނީ ސައި ހަދާފަ. ހިނގާ އެގެޔާ ކޮޅަށް ހިނގައިގަންނަމާ. މި އަވިގަނޑުގައެއް ނުތިބެވޭނެ އެއްނު..” ޔަޒްދާން ބުނާނެ އެއްޗެއް ހިތަށް ނައިސްގެން އުޅެނިކޮށް އަފީފާ ގޮވާލިއެވެ. އެއާއެކު ފިރިހެން ވެރިން ފޮށިތައް ބަގީއަށް އެރުވުމުގެ މަސައްކަތް ފެށިއެވެ. މަންހަލްގެ އަތުން ދޫކޮށްލާފައި ޔަޒްދާންވެސް އެމީހުންނަށް އެހީވާން ފެށިއެވެ. އަންހެންވެރިން ވާހަކައިގައި ތިބެ ގެއަށް ދާން ހިނގައިގަތީއެވެ. ސުހައިލްއާ ޔުނާން މަރިޔަންގެ ސައިކަލަށް އެރިއިރު ޔަޒްދާންގެ ފަހަތަށް ސާހިލް އެރިއެވެ.
އެންމެ ފުރަތަަމަ އެމީހުންގެ މަންޒިލަކަށް ވީ ޔަޒްދާން މާމަ ގެއެވެ. އެ ގެއަށް ބައެއް ފޮށިތައް ބާލާފައި އެމީހުން ދެން ދިޔައީ ޔަޒްދާންގެ ގެއަށެވެ. ސާހިލްއާ ޔުނާންއަށް ހަމަޖައްސައިދިނީ އެގޭގެ ކޮޓަރިއެކެވެ.
“އާދޭ އެއްޗެއް ބޯލަން..” ސާހިލް ހަމަ ވަނުމާއެކު ޒަހީނާ ގޮވާލިއެވެ. ޔުނާންއާ ސާހިލްއާ ދެމީހުން ސިޓިން ރޫމުގައި މަޑުކުރުމުން ފޮށިތައް ކޮޓަރިއަށް ލައިދޭން ދިޔައީ ޔަޒްދާންއެވެ.
ބަދިގެއިން ތަށިތައް ދޮވެގެން އައި މަންހަލްއަށް, ޔަޒްދާން އެދެމަފިރިންނަށް ޚާއްސަ ކޮޓަރިއަށް ވަންނަތަން ފެނުނެވެ. ސިޓިން ރޫމަށް ގޮސް ތަށިތައް ބަހައްޓާލި ވަގުތު އޭނާގެ ސިކުނޑި ކުއްލިއަކަށް ކަމެއް ހަނދާން ކޮށްދީފިއެވެ. ދެލޯ ބޮޑުކޮށްލަމުން އޭނާ ހިންދެމިލި އިރު ޔަޒްދާން އޭނާއަށް ނުހަނު ބާރަށް ގޮވާލި އަޑު އިވުނެވެ. މަންހަލްއަށް އަނގަމަތީގައި އަތް އަޅާލެވުނީއެވެ. ދެލޯ މަރާ ބާރުކޮށްލެވުނު އިރު ތުންފަތުގައި ދަތް އަޅާލެވުނެވެ. ކޮޓަރިއަށް ދާން އެނބުރިލި ވަގުތު ސިޓިން ރޫމު ދޮރު ކައިރިއަށް ހުއްޓުނު ޔަޒްދާންއާ އޭނާގެ އަތުގައި، ޓިޝޫ ގަނޑެއްގެ ތެރޭ އޮތް ޓެސްޓު ކިޓުވެސް މަންހަލްއަށް ފެނުނެވެ.
“މީގެ މާނައަކީ ކޮބާތަ؟” މަންހަލްއަށް އޭތި ދައްކާލަމުން ޔަޒްދާން އަހާލިއެވެ. ހީވީ ކަމެއް އޮޅުން ފިލުވުމަށް ކެތްމަދުވެފައިވީ ތުއްތު ކުއްޖަކު ހެންނެވެ. އެންމެންގެ ނަޒަރު އޭރު ހުއްޓިފައިވީ ޔަޒްދާން އަށެވެ.
މަންހަލްގެ މޫނުމަތި ރަތްވާން ނެގީ ސިކުންތު ކޮޅެކެވެ. އަވަސް ހިނގުމެއްގައި އޭނާ ގޮސް ޔަޒްދާންގެ އަތުން އޭތި ޖަހައިގަތެވެ. އެހިނދު އޭގެ ޑިސްޕްލޭ އިން ފެނުނު ދެ ރޮނގު ކޮޅުން މަންހަލްގެ ހިތުގެ ތެޅުން މަޑުޖެހިލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.




Mi part niyaafa rovihge😭💓
Dhn kon irkn next part upload kohlany
Can’t wait!!!!
Thank you Een!
In Sha Allah mi weekend therey upload kolladheynan. ☺️🤍
Next part please 🥺
In Sha Allah this weekend! ☺️🤍
Whn nxt part
Varah keh madhuvefa mihury nxt part kiyaalan
Cant wait!!! ❤️
Eha inthizaaru kuruvakah nethin. Hehe. In Sha Allah mi weekend ga vaahaka kiyalan libyene! ☺️🤍
OMG Wooww next ep weekend ga dhw IA
Aayaaaaa ik u and u so pretty
Yes In Sha Allah.
Reallyyy?? You are so sweet! Thank you..☺️
Yess really. Ur welcome. Ur sweet too 😘 my queennnn 👑
May I know which island you are from?
Malè 🤗