ބައްޕައަށް ޓަކައި ކަންބޮޑުވެފައި ހުރެވުނު ވަރުން ނުހައިކްއަށް ބައްޕަ ގައިގައި ބައްދާލެވުނެވެ. ސާހިލްގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ފަޅި ސިކުންތެއްގެ ތެރޭގައި ތުއްތު އިރުގެ ނުހައިކްއާއި ފުރާވަރަށް އަޅައިގެން އައި އިރުގެ ސީރިއަސް ނުހައިކްގެ އެތައް ހަނދާނެއް އާވެ އާލާވެ އޭނާ ފެންކަޅިވާ ގޮތް ވިއެވެ. ބައްޕައަށް އެދަރިފުޅުގެ ހިތްހަލާލު ކޮށްދެއްވުމަށް އެދި ކުރި ދުޢާތައް މާތްﷲ އިޖާބަކޮށްދެއްވައިފިކަމުގެ ފޮނި އިހުސާސް އޭނާއަށް ކުރެވުނެވެ. އެ އުފާވެރި މަންޒަރު ބަލަން ތިބި ސާދު އަށާއި ހަމްދާންއަށް އެކަކު އަނެކަކަށް ބަލައިލުމަށްފަހު ހިނިތުންވެވުނީއެވެ.
ހަތަރު ފިރިހެނުން އެކުއެކީގައި ފުލުސް އޮފީހުން ނިކުމެގެން އައެވެ. ސާހިލްއާ ހަމްދާން އާއި ނުހައިކް ކާރުގައި ހަމްދާންގެ ގެއަށް ދާން މިސްރާބު ޖެހިއިރު ސާދު އެމީހުންނާ ވަކިވުމުގެ ސަލާން ކުރުމަށްފަހު ދިޔައީ އޭނާ ދިރިއުޅޭ ގެއަށެވެ. ހަޑިވެފައި އޮތް ގޭތެރެ ހަމައަކަށް އެޅުވުމަށްފަހު، ރޭގަނޑުގެ ނާސްތާކޮށްގެން ސާހިލްއާއި ނުހައިކްވެސް އެނބުރި އެމީހުން ގެއަށް އައީއެވެ.
ޖާވިދުއާއި ޝަޔަމް ކާރުން ފައިބައިގެން އައިސް ގެއަށް ވަނެވެ. އޭނާގެ އަތުގައި އޮތް ފޯނުގެ ސްކްރީނުން މަންހަލްއާއި ޔަޒްދާން ފެންނަން ތިއްބެވެ. ފާއިތުވި ހަފްތާގައި ގަވައިދުން އޭނާ ޔަޒްދާންއަށް ގުޅާ ހާލު ބެލިއެވެ. ބާއްޖަވެރި ރެއަކަށް އެދެމުން ޝަޔަމް ފޯނު ބޭއްވީ ނަމާދު ކުރަން ދާންވެގެންނެވެ. ދެމީހުން އެކުގައި ކަހަލަ ގޮތަކަށް ސިޑިން އަރައިގެން އައެވެ.
“ނަމާދުކޮށްގެން ނިކުންނައްޗޭ. ޕިއްޒާއަކަށް އޯޑާރ ކޮށްފަ އޮންނާނެ..” ޖާވިދު ކޮޓަރީގެ ދޮރާ ހަމައަށް ގޮސް އެނބުރިލާފައި ޝަޔަމްއަށް ބުނެލިއެވެ.
“ރިއަލީ؟ ތެންކިއު ޖޭމް.” އުފާވީ ވަރުން ޝަޔަމް ހީލާފައި އަތްޖަހާލިއެވެ.
“ޔުއަރ މޯސްޓް ވެލްކަމް މައި ބަޓަރ..” އެއްލޯ މަރާލާފައި ޖާވިދު ބުނެލިއެވެ. ލާނެތް ހިނިގަނޑެއް ޖަހާލާފައި އޭނާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލީއެވެ. ތުންދަމާލާފައި ޝަޔަމްވެސް އޭނާގެ ކޮޓަރިއަށް ވަދެ ނަމާދު ކުރުމަށް އަވަސްވެ ގަތެވެ.
ކޮޓަރީގައިވީ ހަމައެކަނި އަލިކަމަކީ މޭޒުމަތީ ހުރި ލެޕްޓޮޕް ސްކްރީނުން އެޅިފައިވީ ފަނޑު އަލިކަމެވެ. އިވެމުން ދިޔަ ހަމައެކަނި އަޑަކީ ޖައްސާފައި ހުރި އޭސީ އިން ވައި ފޮނުވާ އަޑެވެ. ފާރުގައި ހަރުކޮށްފައިވާ ހަތަރެސްކަން ގަޑިން މެންދަމުން އަލިވެ ދޭއް ޖެހުމާއި ގާތްވެއްޖެކަން އަންގައިދެއެވެ. ގޮނޑިއަށް ލެނގިލައިގެން އިން ސާހިލްގެ މޫނުމަތީގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ލެޕްޓޮޕް ސްކްރީނުގައިވާ އެއްޗަކަށް ނަޒަރު ހުއްޓާލައިގެން އޭނާ އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ.
“……ހޯދަން ބޭނުމިއްޔާ އީމެއިލް ބަލާ!….” ސާހިލްގެ ބޮލުތެރޭ އެއަޑު ގުގުމައިގެން ދިޔައެވެ. ތަކުރާރުވަމުން ދިޔައެވެ. މަޑުމަޑުން އޭނާ ކަނާއަތް ހިއްލާލިއެވެ. ޝަހާދަތް އިނގިލި ހަރަކާތް ކުރިއެވެ. ޕާސްވޯޑް ޖަހާފައިވާ ގޮޅިއަށް ފިއްތާލިއެވެ. ލަސްލަހުން އޭނާގެ އަތް ކީބޯޑަށް ދަތުރުކުރިއެވެ. ފަހަރަކު ފިތަކަށް، ފިތަމުން އޭނާ ޕާސްވޯޑު ލިޔެ ނިންމާލިއެވެ. ކުރިއަށް ދިއުމަށް އިޝާރާތްކޮށްފައި އިން ފިތަށް އޮބާލުމާއެކު އޭނާ ޖެހި ޕާސްވޯޑް ނުބައިކަމަށް އެންގިއެވެ. ފުންނޭވާއެއް ދޫކޮށްލާފައި އޭނާ މޫނުގައި އަތް ހާކާލިއެވެ. ގޮނޑިއަށް ހަށިގަނޑު ދޫކޮށްލަމުން އޭނާ އަނެއްކާވެސް ވިސްނަން ފެށިއެވެ. ގެއިން ނިކުމެގެން އައި ދުވަހުން ފެށިގެން އޭނާ އެ އީމެއިލްއަކަށް ނުވަދެއެވެ. އެތައް އަހަރުތަކެއް ފަހުން އޭގެ ޕާސްވޯޑް ހަނދާންކުރަން ޖެހުމުން ސާހިލްގެ ސިކުނޑި ސުމަކަށް ދާ ވަރުވިއެވެ. ޚިޔާލުތަކުގެ ތެރެއިން ކުރިފަޅަމުން، އެއްބޮޅު ތެރެއަށް އަނެއް ބޮޅު ވަންނަމުން ގޮސް އޭނާގެ ސިކުނޑީގެ މަންޒަރުތައް ހުއްޓުނީ ޝަފްނާގެ ފޯނު ކޯލަށެވެ.
ފޯނުގެ އިސްކިރީނުން ފެނުނު ސޫރައިން ސާހިލްގެ ކަޅި ހުއްޓުނެވެ. ގައިން ހީބިހިނަގައިގަތެވެ. ދެއަތް މުށްކަވާލާ ބާރުކޮށްލި ވަރުން އަތުގެ ހަންގަނޑަށް ނިޔަފަތިތައް ވަނެވެ. ދަތްޕިލަ ބާރުކޮށްލީނުން އަނގައިގައި އޮތް ފިނިފެންމަލުގެ ތަނޑިގަނޑު ދެފަޅިވިއެވެ.
“ސާހިލް..” ޝަފްނާ ގޮވާލީ ޖަޒުބާތުގައި ޖެހިފައި ހުރެއެވެ. ހަނގުރާމަ ނިމި ލޯބިވާ މީހަކު އެނބުރި ގެއަށް އައުމުން ގޭގައިތިބޭ އަހުލުންނަށް އެލިބޭ އުފާވެރިކަމުގެ ކުލަވަރު އެމޫނުމަތިން ފާޅުވެއެވެ.
“މަންހަލް ކޮބާ؟” ސާހިލް ސުވާލުކުރިއެވެ.
“ނުދޭނަން. އާނއެކޭ ބުނިއިރަކުން ނޫނީ ނުދައްކާނަން..” ޝަފްނާ މޫނުމަތީގެ ކުލަ އޮއްސުނެވެ.
“ނުބުނާނަން. ދުވަހަކުވެސް ނުބުނާނަން.” ސާހިލްގެ އަޑުން ހަރުކަށިކަން ފާޅުވެލިއެވެ.
“ސާހިލް.. ސާހިލް.. ސާހިލް..” ސާހިލްގެ ނަން ދަސްކުރަން ޝަފްނާ މަސައްކަތް ކުރި ކަހަލައެވެ.
“ޝަފްނާ މޭމް މޮޔަވީތަ؟” ލިއާމްއަށް ބަލައިލާފައި ހަމްދާން ޖެއްސުމުގެ ރާގަކަށް ބުންޏެވެ.
“ސާހިލް. އަހަރެން ކިތައް އަހަރު ސާހިލްއަށް މި އިންތިޒާރު ކުރަނީ؟ ސާހިލްގެ ހިތް އަހަންނަށް ކާމިޔާބުވޭތޯ! އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭ ސާހިލް. އަބަދުވެސް ހަނދާންވަނީ. ހިތަށް އުނދަގޫވަނީ. އަހަންނަށް އެނގޭ އަހަންނަކީ ސާހިލްގެ ހަޔާތުގެ ވިލަންކަން. އެކަމަކު އެއްފަހަރުވެސް އަހަރެންގެ ހިތުގައިވާ އެއްޗެއް އަޑުއެހިންތަ؟ އެއްވެސް މީހަކު އަހަރެންގެ އިހުސާސްތަކަކީ ކޮބައިތޯ ސުވާލުކުރިތަ؟ އަހަރެން އަންޑަސްޓޭންޑް ވާން މަސައްކަތް ކުރިތަ؟ އެންމެ ކުޑައިރުން ފެށިގެންވެސް. ޝަފްނާ ރަނގަޅުތަ؟ ޝަފްނާ ކައިފިންތަ؟ ޝަފްނާ ތިހާ ބުރަކޮށް މަސައްކަތް ނުކޮށް ރެސްޓެއް ނަގާބަލަ. އެކަކުވެސް އަހަރެން ކައިރީ މިހެން ބުނިތަ؟ މަންމަ ނޫނީ އަހަންނަށް އަޅާލި މީހަކު ނެތް. މަންމަ ނިޔާވި ފަހުން އަހަރެން އެކަނި މާއެކަނި އުޅުނީ. ސާހިލް، މިޝްޔާގެ ކިބައިގައި ހުރި ކޮން ކަމެއް އަހަރެންގެ ގައިގައި ނެތީތަ؟ ހަމަގައިމުވެސް އޭނާއަށް ވުރެ އަހަރެން ރީތި ވާނެ. މުއްސަނދިވާނެ. އޭނާއަށްވުރެ މޮޅަށް އަހަރެން ކިޔެވިން. މާ މޮޅެތި ޔުނިވާސިޓީތަކުން..” ޝަފްނާގެ އަޑުގައި ވަރުބަލިކަން ވިއެވެ. އޭނާގެ މޫނުމަތި މޯޅިވެފައިވާ މަލެއް ފަދައެވެ.
“އަހަރެން ޝަފްނާގެ ވާހަކައަޑު އަހައިފިން. ދެން ޝަފްނާ އަހަރެން މިދައްކާ ވާހަކަ ކަނުލާ އަޑުއަހާ. އަހަރެން ބުނަންތަ ތިދެމީހުންގެ ތަފާތު؟ މިޝްޔާއަކީ މަޑުމައިތިރި އަންހެނެއް. އޭނާއަކީ ދީންވެރި އަންހެނެއް. އަހަރެން ޝަފްނާއާ ރައްޓެހިވެފަ އޭނާ ދޫކޮށްލިނަމަ މިޝްޔާ އަހަރެންގެ ދަރިން ވަގަށް ނަގާފަ ލޯބީގެ ނަމުގަ އަހަރެންގެ ހަޔާތް ބަރުބާދު ކޮށްލީސްތަ؟ ނުކުރާނެ. މިޝްޔާގެ ހިތަށް ކިތަންމެ އަސަރެއް ކުރިއަސް، ހިތާމައިން އޭނާ މަރުވިއަސް، އޭނާ ލޯބިވާ މީހެއްގެ ހަޔާތަށް، އޭނާގެ ސަބަބުން ކަޅު ހިޔަންޏެއް އެޅޭކަށް ނޭދޭނެ. ހަގީގީ ލޮތްބަކީ އެއީ. ތިމާ ލޯބިވާ މީހާ އުފަލުގައި ހުންނަތަން ދެކެން ބޭނުންވުން. އެއީ އެމީހަކާ އެކީ ކަމުގައިވިއަސް އެހެން މީހަކާ އެކުގައި ކަމަށް ވިއަސް. ލޮތްބަކީ ޤުރުބާނީއެއް. ބޭނުންވާ މީހެއްގެ ކޮންމެ ގޮތެއްހަދާފަ ވިއަސް ހާސިލު ވުމެއް ނޫން.. ޝަފްނާދެކެ ލޯބިވާނެ މީހެއް ލިބުނީމަ ކީއްވެތަ އޭނާއާއެކު ދިރިއުޅުން ކުރިއަށް ނުގެންދިޔައީ؟ އަޒީމްއަކީ ހެޔޮމީހެއް.” ސާހިލް ވިސްނައިދޭން މަސައްކަތްކުރިއެވެ.
“އޭނާ ލޯބިވިއަސް އަހަންނަކަށް އޭނާ ދެކެ ލޮތްބެއް ނުވެވުނު.” ޝަފްނާ އިސްޖަހާލިއެވެ.
“އަހަންނަކަށްވެސް ޝަފްނާ ދެކެ ލޮތްބެއް ނުވެވުނު. ސޮރީ.” ސާހިލް ތުންފިއްތާލިއެވެ.
“ޝަފްނާއަކަށް މާޒީއެއް ބަދަލެއް ނުކުރެވޭނެ. އެކަމަކު މުސްތަޤުބަލު ބަދަލުކުރެވިދާނެ. މާޒީގައި ކުރެވުނު ކުށްތަށް ރަނގަޅު ކުރަން ބޭނުމިއްޔާ މަންހަލް އަނބުރާ ގެނެސްދީ. އޭރަށް ތިހިތަށް ހަމަޖެހުމެއްވެސް ލިބިދާނެ. ޝަޔަމްއަށް ޓަކައި ވެސް މިގޮތަށް ކަންތައް ކޮށްބަލަ. އެ އަންހެން ކުއްޖާގެ މުސްތަޤުބަލަށް ޓަކައި. އަހަންނަށް ޔަގީން އެކުއްޖާވެސް މަންމަގެ ލޮތްބަށް އެދޭނެކަން. އަޅާލުން ބޭނުންވާނެކަން. މަންމަގެ ލޯބިން މަހުރޫމުވުމަކީ ކިހާ ހިތްދަތި ކަމެއްކަން ހަމަ ޝަފްނާއަށް އެނގޭނީ. ކުށެއްނެތް ކުއްޖެއް މައިކުލުނުން މަހުރޫމު ނުކުރޭ.” ރުޅިގަނޑު މައިތިރި ކުރަމުން ހަމްދާންވެސް ބެލީ ޝަފްނާއަށް ވިސްނައިދެވޭތޯއެވެ.
“އެއީ އަހަރެން ބޭނުންވެގެން ހޯދި ކުއްޖެއް ނޫން. އެހެންނަމަތާ އަހަރެންގެ ދަރިއެކޭ ކިޔާފަ ލޯބިވެވޭނީ.. ސާހިލް. އަހަރެން ވަރަށް ލޯބިވޭ އަދިވެސް. ސާހިލް ނުފެނި އެގާރަ އަހަރު މިވީ. އަދިވެސް ނުބުނާނަންތަ އާނއެކޭ. ހުރި ހަމައެކަނި އަންހެން ދަރިއަށްޓަކައި ވެސް ބުނެބަލަ އާނއެކޭ..” ޝަފްނާ އޭނާ ބޭނުންވާ ދިމާއަށް މައުޟޫ އަނބުރާލިއެވެ.
“ސޯ ރޮމޭންޓިކް.” ލިއާމް ބުނެލިއެވެ.
“ކަލޭ އަނގަމަޑުކޮށްގެން ހުރެބަލަ.” ޝަފްނާ ހަޅެއް ލަވައިގަތެވެ.
ދޮރުގައި މީހަކު ޖެހި އަޑަށް އެންމެންގެ ސަމާލުކަންވެސް އެދިމާއަށް ދަތުރު ކުރިއެވެ. ޝަފްނާގެ މޫނުމަތިން ހާސްކަން ފާޅުވިއެވެ.
“މަންހަލް ހޯދަން ބޭނުމިއްޔާ އީމެއިލް ބަލާ. ފަހަރެއްގަ ހިޔާލު ބަދަލުވެދާނެ. އަހަރެންނާ އިންނަންވެސް ބޭނުންވެދާނެ. ކުރީގެ މެއިލް އިނގޭ.” ލިއާމް ދުއްވައިގަތް ވަގުތު އެންމެ ފަހުން ޝަފްނާ ބުނެލި ވާހަކައަކީ އެއީއެވެ. ނުލަފާ ހިނިގަނޑެއް ޖަހާލާފައި ޝަފްނާ ފޯނު ކަނޑާލިއެވެ.
ހިޔާލުތަކުން ނިކުމެވުނު ހިނދު ކުއްލިއަކަށް އޭނާގެ ސިކުނޑި ކުރީގެ ޕާސްވޯޑު ހަނދާން ކޮށްދީފިއެވެ. އަވަސް ހަރަކާތަކާއެކު ޕާސްވޯޑު ލިއެލުމާއެކު އީމެއިލް ހުޅުވިގެން ދިޔައެވެ.
މަޣުރިބު ނަމާދު ކޮށްގެން ޝަޔަމް ކޮޓަރިން ނިކުތެވެ. ޖާވިދު އޭރު ނުނިކުންނާތީ ބަދިގެތެރެ ތަރުތީބު ކޮށްލާ ކާގެތެރެ އާއި ސިޓިންރޫމު ފޮޅާލިއެވެ. ކާމޭޒު މަތީ އޮތް ފޯނު ހިފައިގެން އައިސް ސޯފާގައި ޖައްސާލިތަނާ ގޭގެ ބެލް އަޅާލި އަޑު އިވުނެވެ. ދޮރު ހުޅުވަން ދާން އުޅެފައި ވެސް އޭނާ މަޑުކޮށްލީ ސިޑިން ފައިބައިގެން އައި ޖާވިދު އަތުގެ އިޝާރާތުން މަޑުކޮށްލަން ބުނުމުންނެވެ. ދޮރު ހުޅުވާފައި އައިއިރު ޖާވިދުގެ އަތުގައި ޕިއްޒާ ފޮށްޓެއް އޮތެވެ. ސޯފާ ކުރިމަތީ ހުރި ކުޑަމޭޒު މަތީ ފޮށި ބަހައްޓާފައި ޖާވިދު ސޯފާއަށް ވެއްޓިގަތެވެ. ޝަޔަމް ފޮށީގެ މަތި ނަގާ އެކުވެރިންނަށް ސްނެޕް ކުރަން ފެށިއެވެ.
“އަދިވެސް ކަމުދާ ފޮޓޮއެއް ނުނެގޭތަ؟ މިހާރު ކުޅު ދިޔާ ވެއްޖެ.” ޝަކުވާގެ ރާގުގައި ޖާވިދު ބުންޏެވެ.
“ދެން އޯކޭ. އަވަރ ފަސްޓް ޕިއްޒާ ޑޭޓް.” ފޯނަށް ބަލަހައްޓައިގެން އިނދެ ޝަޔަމް ބުންޏެވެ. އޭނާގެ މޫނުމަތީގައި ވީ ހިނިތުންވުމެކެވެ.
“ދެން ފޯނު ބާއްވާފަ ކާން އުޅޭ.” ޖާވިދު ޝަޔަމްގެ ފޯނު ޖަހައިގަނެފައި އޭނާ އަތް ނުފޯރާ ހިސާބު ދުރުގައި ފޯނު ބާއްވާލިއެވެ. ޝަޔަމް ލޯ އަޅާލިއެވެ.
އެންމެ ފުރަތަމަވެސް ޕިއްޒާ ފޮއްޗެއް ނަގާފައި ދެމީހުންވެސް އެކަކު އަނެކަކަށް ލަވައިދިނެވެ. ކުދިކުދި ސަމާސާތައް ކުރަމުން ދެމީހުންވެސް ޕިއްޒާ ކައި ނިންމާލިއެވެ.
“ޖޭމް. އަހަރެން ވަރަށް އުފާވޭ ޖާވިދު އުފަލުގައި ހުންނަތަން ފެނުނީމަ. އަދި މާ އުފާވޭ ތިހިނިތުންވުމުގެ ސަބަބަކީ އަހަރެންކަން އެނގުނީމަ. އެންމެ ފުރަތަމަ ފެނުނު އިރު ހީވީ ތިއީ އެއްވެސް އިހުސާސެއް ނެތް މީހެއްހެން.” ޝަޔަމް، ޖާވިދު ކައިރިއަށް ޖެހިލިއެވެ.
“ތެދަށް ބުނާނަމަ އަހަންނަށް ޝަޔަމް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަރަށް ސިމްޕަތީ ފީލްވި. އެކަމަކު ހިޔެއް ނުކުރަން ޝަޔަމް ދެކެ ލޯބިވެވިދާނެއެކޭ..” ޖާވިދު އޭނާގެ އަތުގެ ތެރެއަށް ޝަޔަމްގެ އަތް މަހާލިއެވެ.
“އަދިވެސް މަންނު ކައިރީ ނުބުނަންވީތަ؟ ހާދަ އުނދަގުލޭ މަންނުއަށް ޝެއަރ ނުކޮށް ހުންނަން.” ދެމީހުންގެ ހަތަރުކަޅި ހަމަވީ ހިނދު ޝަޔަމް ބުންޏެވެ.
“އަދި ކުޑަ ދުވަސްކޮޅެއް. ހިތަށް އަރަނީ ޝަޔޫގެ މަންމަ އެއްބަސްވާނެބާއޭ.. އެނގޭތަ؟ ޝަޔޫ މަންމަ ޕްލޭންކޮށްފަ އޮތީ ޒިއާމްގެ ދޮށީ ދަރިފުޅާ ގުޅުވަން.” ޖާވިދުގެ ލޮލުގައި ހުސްކަމެއް ވިއެވެ. ލޯބިވާ ފަރާތް ހާސިލް ނުކުރެވިދާނެ ކަމުގެ ބިރުވިއެވެ.
“މަންމައެއް ނޫނެއްނު ވަލީ ދޭނީ. އެހެންނޫނަސް އަހަރެން ބޭނުމެއް ނޫން ޖޭމް ނޫން މީހެއް.” ނޭނގުމެއްގެ ތެރޭގައި ދެމީހުންނަށްވެސް ދިޔައީ އެކަކު އަނެކަކާ ގާތްވެވެމުންނެވެ.
“ހިނގާ މެރީ ކުރަން. ވީހާވެސް އަވަހަކަށް. އަހަރެން މަންމަ ގޮވައިގެން ތިން މީހުން އެންމެންގެ ލޯ މަތިން ގެއްލެން ހިނގާ.. ޕްލީޒް.” ޖާވިދުގެ އަޑު މަޑު ވަމުން ގޮސް ޖުމްލަ ނިމުނު އިރު އޭނާގެ އަޑު އެއްކޮށްހެން ހިނދިއްޖެއެވެ. އޭނާގެ ހޫނު ނޭވާތައް އޭރު ޝަޔަމްގެ މޫނަށް އެޅެން ފެށިއެވެ.
“އައި އޭމް ރެޑީ ޓު ޑޫ އެނީތިން ވިތް ޔޫ..” ޝަޔަމްގެ އަޑު ކިރިޔާ ޖާވިދުގެ ކަންފަތަށް އިވިލި ކަމެވެ.
ޝަޔަމްގެ ޔުނިވާސިޓީގެ ޓެސްޓުތައް ކައިރިވަމުން ދިޔައީތީ އޭނާގެ ގާތުގައި ހުރެލުމަށް އައި އަޒީމްއަށް ފެނުނީ ސޯފާގައި އެކަކު އަނެކަކު ގައިގައި ތަތްވެގެން ކަހަލަ ގޮތަކަށް ތިބި ޝަޔަމްއާއި ޖާވިދެވެ. އަޒީމްގެ ނޭވާ ހުއްޓުނު އިރު ފެނުނު މަންޒަރު ގަބޫލުކުރަން އޭނާގެ ސިކުނޑި ނުކުޅެދުނެވެ. ދަރިފުޅަށް ސަޕްރައިޒް ދޭން އައި ބައްޕައަށް މިކަހަލަ ސަޕްރައިޒެއް ލިބިދާނެ ކަމަށް އޭނާ ހީވެސް ނުކުރެއެވެ. ދެމީހުންގެ ދެމެދުގައި ސިއްރު ގުޅުމެއް އޮތޭ އަޒީމްގެ ހިތް ކުރިން ވެސް ބުނެއެވެ. އެކަމަކު ދަރިފުޅަށް ކުރެވޭ އިތުބާރެއްގެ ސަބަބުން އޭނާ އެޝައްކުތައް ހިތުން ނެރެލަނީއެވެ.
“ޝަޔަމް!” އިތުރަށް އެދެމީހުން ގާތްވާން އުޅުނުހެން ހީވުމުން އަޒީމްއަށް ހަޅެއް ލަވައިގަނެވުނެވެ. ބާރު ބާރަށް ޝަޔަމްއާ ދިމާއަށް ހިނގައިގަނެވުނެވެ.
ސިއްސައިގެން ގޮސް ޖާވިދާ ދުރުވެލި ޝަޔަމްއަށް ފެނުނީ ބައްޕަގެ ރުޅި އައިސްފައި ހުރި މޫނެވެ. އެދެލޮލުގައިވީ ދޮންވެ ފައްކާވެފައި ހުންނަ މިރުހުގެ ކުލައެވެ. ޖާވިދާއި ޝަޔަމްއަށް ސޯފާއިން ތެދުވެވުނީ އެއްފަހަރަކާއެވެ. ބައްޕަގެ ރުޅިގަނޑު ފެނިފައި ޝަޔަމްއަށް ވަދެވުނީ ޖާވިދުގެ ފުރަގަހަށެވެ. ސިކުނޑި މަސައްކަތް ކުރަން ފެށުމާއެކު ޝަޔަމްގެ އަމިއްލަ ނަފްސު އޭނާދެކެ ރުޅި އައިސްފިއެވެ. ކުރެވެން އުޅުނު ލަދުވެތި ކަންތައް ހަނދާންވުމުންނެވެ. ޖާވިދަށްވެސްވީ އެވަރެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު ހިނދު އޭނާއަށް އިސްޖަހާލެވުނެވެ.
އަޒީމް އައިގޮތަށް ޝަޔަމްގެ އަތުގެ މުލައްދަނޑީގައި ހިފާ ޖާވިދުގެ ފުރަގަހުން ނެރުނެވެ. ޖާވިދުގެ ކުރިމަތީގައި ހުއްޓި އަނެއް އަތުން އޭނާ ޖާވިދުގެ ކޯތާފަތް މަތީގައި ފިތް ނަގާވަރަށް ޖެހިއެވެ. ހަރަކާތެއް ކޮށްލުމެއް ނެތި އިސްޖަހާލި ގޮތަށް ޖާވިދު ހުރީއެވެ. މަޑު އާހަކާއެކު އަނގަމަތީގައި އަތްއަޅާލެވުނު ޝަޔަމްގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ޝަޔަމްގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް އަޒީމް ހިނގައިގަތެވެ. ސިޑިން މައްޗަށް އަރައިގެން ގޮސް އޭނާ ޝަޔަމްގެ ކޮޓަރިއަށް ވަދެ އަލަމާރި ހުޅުވާ އޭނާ ގެންގުޅޭ ފޮށި ނެގިއެވެ.
“ހެދުންތައް އަޅާ!” ތުރުތުރު އަޅާ އަޑަކުން އަޒީމް އަމުރުކުރިއެވެ.
ގިސްލަމުން ޝަޔަމް އޭނާގެ ހުރިހާ އަންނައުނެއް ފޮށްޓަށް އަޅާ ނިންމާލިއެވެ. ފޮށީގެ ޒިބު އަޅުވާލުމާއެކު އަޒީމް އައިސް ފޮށި ހިއްލާލިއެވެ. ދޮރު ކައިރިއަށް އައިސް ބައްޕަ ބަލާލުމާއެކު ކިޔަމަންތެރިކަމާއެކު ޝަޔަމް ބައްޕަގެ ފަހަތުން ނިކުތެވެ. ޝަޔަމް ތިރިއަށް ފޭބި އިރުވެސް ޖާވިދު އެހުރި ތަނުގައި އިސްޖެހި ގޮތަށް ހުއްޓެވެ.
“ޖާވިދު ރާއްޖެ ދޭ. ރަނގަޅީ ޝަފްނާ ކައިރިން ވަޒީފާ އިން ކެނޑުނިއްޔާ.” އަޒީމްގެ އަޑު ޖެހުމުން އެއަޑުގައިވީ އިހުސާސްތައް ދެނެގަންނަން ޝަޔަމް މަސައްކަތް ކުރިއެވެ. އޭނާއަށް އެނގުނުހާ ވެސް ކަމަކީ ރުޅިގަނޑު ކޮންޓްރޯލް ކުރަން ބައްޕަ އަމިއްލަ ނަފްސާ ހަނގުރާމަ ކުރަމުން ދިޔަ ކަމެވެ.
“ލައްބަ.” ޖާވިދު ޖަވާބު ދިނެވެ.
ފޮށި ދަމަމުން އަޒީމް އާއެކު ޝަޔަމް ގެއިން ނުކުންނަން ދިޔައެވެ. ފަހު ފަހަރަށް އޭނާ ފަހަތް ބަލައިލިއެވެ. ޖާވިދުވެސް އޭރު ދުރުގައި މަޑުކޮށްގެން ހުއްޓެވެ. ފެންކަޅިވެފައިވާ ދެލޮލުން ދެމީހުންވެސް އެކަކު އަނެކަކަށް އަލްވަދާޢު ކިޔާލިއެވެ.
ފާހަނައިން ނިކުމެގެން އައިސް ޔަޒްދާން އެނދުގައި އިށީނުމާއެކު މަންހަލް ފޯނު ބާއްވާލިއެވެ. ހަމައެކަނި ސޯޓުކޮޅެއް ލައިގެން އިން ޔަޒްދާންއަށް މަންހަލް އަވަސް ނަޒަރެއް ދިނެވެ. ހަމައެހާ އަވަހަށް އޭނާ އިސްޖަހާލީ ޔަޒްދާން އޭނާއަށް ދިން ތޫނު ނަޒަރުންނެވެ. މަންހަލްގެ ހަށިގަނޑަށް ފިނިވެގެން ދިއުމާއެކު ބަނޑުގައި ކޮކާ އުދުހިގަތްހެން ހީވިއެވެ.
“ކާކަށް ތި މެސެޖް ކުރަނީ؟” މަޑުމަޑުން އޮށޯވެލާ ޔަޒްދާން، މަންހަލްގެ އުނގުގައި ބޯ އަޅާލިއެވެ.
“އައިޝާއަށް.” ފަސްޖެހުނު ނަމަވެސް މަންހަލް ޔަޒްދާންގެ އިސްތަށިގަނޑާ ކުޅެލިއެވެ.
“ކޮން އައިޝާއެއްތަ؟ ހާދަ މިސްޓީރިއަސް ކުއްޖެކޭ. އެހާ ބޮޑަށް ޓްރަސްޓް ނުކުރައްޗޭ މީހުންނަށް.” ޔަޒްދާން ހިނިތުންވެލާފައި ބުނެލިއެވެ.
“އެއީ މާލެ ކުއްޖެކޭ.. ރަށު ކުއްޖެއް ނަމައެއްނު ޔަޒްދާންއަށް އެނގޭނީ.. ކީއްވެތަ ތިހާ ވަރަކަށް ތި ކަންބޮޑުވަނީ؟” ޔަޒްދާން ދިއްކޮށްލި އަތުގައި ހިފާލާފައި މަންހަލް ބުންޏެވެ.
“ވަރަށް ބިރުގަނޭ މަންނައަށް ގޮތެއްވެދާނެތީ. ކަމެއްވިއަސް ސަލާމަތް ކޮށްދެވޭނެހާ ގާތުގައި ނުހުރެވިދާނެތީ. މަންނަ ގެއްލިދާނެތީ ވަރަށް ބިރުގަނޭ.. ހަމަ ތެދެއް މިބުނީ.” ޔަޒްދާންގެ އަޑުގައި ތަފާތު ޖަޒުބާތެއް ވިއެވެ.
“މަންނައޭ؟” މަންހަލް އަހާލިއެވެ.
“ހޫމް. އެހެން އެންމެންނަށް ތިއީ މަންނު. އަހަންނަށް ތިއީ މަންނަ.” މަންހަލްގެ އަތަށް ބޮސްދީފައި ޔަޒްދާން ބުނެލިއެވެ. ދެމީހުންވެސް ފުޅާ ހިނިތުންވުމެއް އެކަކު އަނެކަކަށް ހަދިޔާ ކޮށްލިއެވެ.
“އަންނާނަން ފާހަނައަށް ވަދެފަ.” މަންހަލް އެނދުން ތެދުވެފައި ބުނެލިއެވެ.
މޫނު ދޮވެ، ދަތް އުނގުޅާ ހަދައިގެން މަންހަލް ފާހަނައިން ނިކުތެވެ. ކޮނޑުގައި ތުވާލި އަޅުވާލާފައި އޭނާ ބޮކި ބަދަލުކޮށްލިއެވެ. ޔަޒްދާން ބޯ ހިއްލާލާ މަންހަލްއަށް ބަލައިލިއެވެ. އެހެނަސް އޭނާ އެއްވެސް އެއްޗެއް ނުބުންޏެވެ.
“މިހާރު އޯކޭތަ؟” މަންހަލް އޮށޯތުމުން މަގަތަށް އެނބުރިފައި ޔަޒްދާން އަހާލިއެވެ. އޭނާ އެއިޝާރާތް ކުރީ އަނދިރި ކަމަށް މަންހަލްގެ ހުރި ބިރަށެވެ. ކައިވެނީގެ ފުރަތަމަ ރޭ ދިމާވި ކަންތަކަށްފަހު އެކޮޓަރީގައި ނިދާ ބޮތްކެއް ނުދިއްލައެވެ. މަންހަލް ބިރުގަންނާތީ ޔަޒްދާން ހުރީ އޭނާއަށް ވަގުތު ދީގެންނެވެ.
“ނޭނގެ.. އެކަމާ ކުރިމަތިލައިގެންނެއް ނޫންތަ އެކަމުން އަރައިގަނެވޭނީ..” މަންހަލް އޮތީ ނުތަނަވަސް ވެފައިކަން އޭނާގެ އަޑުން ޔަޒްދާންއަށް ނަގައިގަނެވުނެވެ.
“ދެން އެކަމާ ނުވިސްނައްޗޭ. ޕްލީޒް..” ކުރު އަތްމައްޗަށް ތެދުވެލާ ޔަޒްދާން، މަންހަލްގެ ކޯތާފަތުގައި ފިރުމާލިއެވެ. މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު މަންހަލްގެ ކަންފަތުގައި އަޅުވާލަދީފައި އޭނާ މަންހަލްގެ ކޯތާފަތަށް ބޮސްދިނެވެ.
“ގިވް މީ އަ ޗާންސް..” މަންހަލްއާ ދުރުވެލާ ދެމީހުންގެ ހަތަރުކަޅި ހަމަވީ ވަގުތު ޔަޒްދާން ބުންޏެވެ. ޔަޒްދާންގެ ދެލޮލުން އޭނާ މަންހަލްއަށް ބޭނުންވާ ވަރު ހާމަކޮށްދެމުން ދިޔައެވެ. ފުރަތަމަ ފަހަރަށް ޔަޒްދާންއާ ނަޒަރު ވަކިކޮށްނުލާ މަންހަލް އޮތެވެ. އޭނާގެ ހިތް އާދަޔާ ޚިލާފު ބާރަށް ތެޅެނީއެވެ. ތަލިން ކުޅުހިކި ވާހަކަދެއްކުމަށް އޭނާ ނުކުޅެދުނީއެވެ.
ކުޑަކޮށް ބޯ ހިއްލާލާ މަންހަލް ކޮށްލި ކަމަކުން ޔަޒްދާންގެ ހިތުގެ ތެޅުން ހިނދުކޮޅަކަށް މަޑު ޖެހިލިއެވެ. އެއީ މަންހަލްގެ ފަރާތުން އޭނާއަށް ދިން އިޝާރާތެކެވެ. އިސްނެގުމެކެވެ. އިސާހިތަކު ދެހިތުގައި ރޯވި ހުޅުކޮޅު ބޮޑުވެ، ހުޅު ފަޅައިގެން ދިޔައެވެ. ލޯބިވެތި ބީހިލުންތަކުން ޔަޒްދާން، މަންހަލްގެ ހިތް ފުރާލަދެމުން ދިޔައެވެ. އޭނާއަކީ އޯގާތެރި، ކެތްތެރި ފިރިއެއްކަން އަންގައިދެމުން ދިޔައެވެ. ހިތި ހަނދާންތަކެއްގެ ބަދަލުގައި، ފަހަށް ރައްކާކުރެވޭނެ އުފާވެރި ހަނދާންތަކެއް ދޫކޮށްދެމުން ދިޔައެވެ.
ޖީމެއިލްގެ ތިރިއަށް ސްކްރޯލް ކޮށްލުމާއެކު ފެނުނީ އެތައް ދުވަސްތަކެއް މަތިން ޝަފްނާ އޭނާއަށް ފޮނުވާފައިހުރި މެއިލްތަކެވެ. ދެފަރާތަށް ބޯ ހޫރުވާލާފައި ސާހިލް ހުޅުވާލީ އެންމެ ފަހުން ޝަފްނާ ފޮނުވާފައިވާ މެއިލްއަށެވެ. އެއަށް އެޓޭޗް ކޮށްފައިވާ ވީޑިއޯއަށް ފިތާލުމާއެކު ފެނުނީ އަނދިރި ގުދަނެކެވެ. ކުއްލިއަކަށް ސްކްރީނުން ފެނުނީ މަންހަލްގެ މޫނެވެ. ސާހިލްގެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. އެތައް އަހަރެއް ފަހުން އެލޮބުވެތި ދަރިފުޅު ފެނުމުން އޭނާގެ ހިތައް ހަމަޖެހުމެއް ލިބުނެވެ. ސްކްރީނުގައި ޝަހާދަތް އިނގިލި ޖައްސާލުމާއެކު ހިނިތުންވެލިއެވެ. އެހެނަސް އެމޫނުމަތީގައިވީ އަސަރު ތަކުން ސާހިލްގެ ހިނިތުންވުން ފުހެވިގެން ހިނގައްޖެއެވެ. އެއާއެކު ވީޑިއޯގެ މަންޒަރު ބަދަލުވެގެން ދިޔައެވެ. މީހަކު ބާރު ބާރަށް ލަޓިބުރިއަކުން މަންހަލްގެ ގައިގައި ޖަހަނީއެވެ. މަންހަލްގެ ހަޅޭކާއި ގިސްލުމުގެ އަޑު އެކުވެގެން ދިޔައެވެ. އަވަސް އަވަހަށް އޭނާ ވީޑިއޯ ‘ޕޯސް’ ކޯށްލިއެވެ. ދަރިފުޅު އެހާ ވޭނުގައިވާ މަންޒަރު ބަލަން އޭނާއަށް ކެތްނުވީއެވެ. މޭގައި އަތް އަޅާފައި ގިސްލާން ފެށިއިރު މަންހަލްގެ ގައިގައި އެޅި ވޭން ސާހިލްގެ ގައިގައި އަޅަމުން ދިޔަ ފަދައެވެ. ގޮނޑީގައި ނީނދެވި ބިންމައްޗަށް ތިރިވެ މޭޒުގައި އޭނާ ލެނގިލިއެވެ. ގިސްލުމުގެ ތެރެއިން އާހުތަކެއްގެ އަޑު އޭނާގެ އަނގައިން ބޭރުވަމުން ދިޔައެވެ.
“މާފުކުރޭ ދަރިފުޅާ. ބައްޕައަށް މާފުކުރޭ. މިޝްޔާ އަހަންނަށް މާފުކުރޭ. އަހަންނަށް މިޝީގެ ވަސިއްޔަތް ފުރިހަމައެއް ނުކޮށްދެވުން.” ރުއިމުގެ ތެރެއިން ސާހިލް ވާހަކަދައްކަމުން ދިޔައެވެ. “މިހާރު ދަރިފުޅުގެ ދޮންބެގެ ވާހަކަތައް ޤަބޫލުކުރެވޭ. ދަރިފުޅު ބައްޕައަށް މާފުނުކުރާނެ ކަން ޔަގީންވޭ. އެހާ ހާލުގައި އުޅުނުއިރު ދަރިފުޅުގެ ބައްޕަ ކޮބައި؟ ބައްޕައާ ބައްދަލުވާ ފުރަތަމަ ފަހަރު ބައްޕައާ މިސުވާލު ކުރައްޗޭ. ބައްޕައަށް އެއްޗެހި ކިޔަސް ހެޔޮ. ދަރިފުޅުގެ ރުޅި، ދަރިފުޅުގެ މަންމަގެ ރުޅި، ދޮންބެގެ ރުޅިވެސް ބައްޕައަށް ހައްގު. ޔާ ﷲ، އަހަންނަށް ކީއްތަ މިކުރެވުނީ؟ ޝަފްނާއާ އިނދެވުނު ނަމަ ކޮންފަދަތަ؟ ހަމަގައިމުވެސް މަންހަލް އެ ހާލެއްގަ ނުހުންނާނެ.. އަހަރެން ގާތުގައި ހުރިނަމަ އެހާލެއްގައި މަންހަލްއެއް ނުހުންނާނެ. ދަރިފުޅާ..”
ސާހިލް ދުވަހަކުވެސް އަމިއްލަ ނަފްސު ކުށްވެރި ނުކުރާ ވަރަށް، އެރޭ އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ. އޭނާއަށް ރޮވުނީ ބައްޕައެއްގެ ގޮތުގައި އޭނާ ނާކާމިޔާބު ވެއްޖެކަމުގެ އިހުސާސް ވެފައެވެ. އެތައް އިރެއްވަންދެން އެގޮތުގައި އޭނާ އިނެވެ. ވަރަށް ހިތްވަރުކޮށްފައި ސާހިލް ތެދުވެ ގޮނޑީގައި އިށީނެވެ. އިތުރަށް އެވީޑިއޯ ބަލާނެ ހިތްވަރެއް ނުލިބިގެން ވީޑިއޯ ކްލޯސް ކޮށްލިއެވެ. އަދި ޝަފްނާއަށް ފޮނުވުމަށް އާ މެއިލްއެއް ހުޅުވާލިއެވެ. ހަމައެކަނި ‘ޔެސް’ ޖަހާލުމަށްފަހު އޭނާ އެމެއިލް ޝަފްނާއަށް ފޮނުވާލިއެވެ. މެއިލް ކްލޯޒް ކޮށްލުމުގެ ކުރިން އޭނާއަށް އެންމެ ފަހުން ލިބިފައި އިން މެއިލްއަށް ވަދެލިއެވެ. އެއާއެކު ފެނިގެން ދިޔައީ ކައިވެނީގެ ވަލީމާއެއްގެ ފޮޓޯތަކެކެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.




Varah reethi part eh next part konirakun
Can’t wait ❤️❤️
Shayam and jaavidh gulhuvajey please 🥺
Thank you Someone! 😊 🤍 In Sha Allah this week, I’ll try to upload it before Thursday..
Hehe, let’s see! Nuhaik aa kaaku gulhuvan v? 😌
Long time no aayaa story 😭 but very nice this story too
Thank you Ainy!😊🤍
Mi part vx varah reethi 💗
Cant wait for the next part!!!
Thank you Een! 😊🤍
Story varah varah reethi! Avahah beynun dhenin baikiyaalan!♥️
Thank you Anonymous! 😊🤍
In Sha Allah alhugandah liyevun enme avahakah vaahakaige aa baithah neremun dhaanan.
Maasha Allah mi prt vx vrh reethi
So curious
Enme fahun saahil ah majubooru v dhww😢
Vrh dhera
Can’t wait for the next prt
Whn nxt???
Tc.. Lyy💜
Thank you! 😊🤍
Maasha Allah mi prt vx vrh reethi
So curious
Enme fahun saahil ah majubooru v dhww😢
Vrh dhera
Can’t wait for the next prt
Whn nxt???
Tc.. Lyy💜
Thank you Shaf_maan! 😊🤍
Labba, enme fahun aan ekey bunan jehuny. In Sha Allah Thursday ga next part..