ކުއްލިއަކަށް މުޅި ގޭތެރެ އަނދިރިވެގެން ދިޔައެވެ. ދެފިރިހެނުންގެ ހިތަށްވެސް ބިރުވެރިކަން ވެރިވެގެން ދިޔައެވެ. ލުއްކެއް ޖެހިހެން ސާހިލް ގޮނޑިން ތެދުވިއެވެ. ގޭގެ މައިދޮރާ ދިމާއަށް ދެމީހުންވެސް އެނބުރުނީ އެކުއެކީއެވެ.
“ހަމްދާން.” ޖީބުގައި އޮތް ފޯނު ނަގަން އަތް ހަރަކާތް ކުރަމުން ސާހިލް ގޮވާލިއެވެ.
“ޝަފްނާ.” ހަމްދާންގެ ސިކުނޑި އޭނާއަށް އިންޒާރު ދިނެވެ.
ކުއްލިއަކަށް ބޮލުގެ ފުއްކިބައަށް އެރި ތަދާއެކު ދެމީހުންވެސް އެތިބި ތަނަށް ދެމިއްޖެއެވެ. ފަހަތުގައި ދެތަވާ ހިފައިގެން ހުރި މީހާގެ ބަރު ހުނުމުގެ އަޑު އެތަނުގެ ހަމަހިމޭންކަން ނަގާލިއެވެ.
“ފައިނަލީ..” ކާމޭޒު މަތީ އެ ދެ ތަވާ ބާއްވާފައި އޭނާ ދެއަތް ދަމާލިއެވެ. ބިންމަތީގައި ދެމިފައި ތިބި ދެމީހުންގެ ތެރެއިން އޭނާ ފުރަތަމަ ކައިރިވީ ހަމްދާންގެ ކައިރިއަށެވެ.
“ރޯންގް ވަން.” ބޮލުގައި އިން ހެޑްލޭމްޕުން ހަމްދާންގެ މޫނަށް އަލިއެޅުނު ހިނދު އޭނާ ބުންޏެވެ. ކަނާތްފަރާތަށް އެނބުރިލާ އޭނާ ސާހިލްގެ މޫނަށް އަލިކޮށްލިއެވެ. ނުލަފާ ހިނިގަނޑެއް ޖަހާލާފައި އޭނާ ޖީބުން ހިމަ ވާކޮޅުތަކެއް ނަގާ ފުރަގަހަށް ސާހިލްގެ ދެއަތް ބަނެވެ. އެއަށްފަހު ވަރަށް ހާލުން ސާހިލް އޭނާގެ ބުރަކަށި މައްޗަށް ލައިގެން ގެންގޮސް ފާރުކައިރީގައި ބޭންދިއެވެ. ހަމައެގޮތަށް ހަމްދާންއަށް ވެސް ހެދުމަށްފަހު އޭނާ މިސްރާބު ޖެހީ ކާގެއަށެވެ. ސިންކުގައި ހުރި ޖަގަކަށް ފުރެންދެން ފެން އަޅައިގެން އޭނާ ދެ ފިރިހެނުންގެ ގާތަށް އައެވެ. ދެލޯ ހިމަކޮށް، އެއްއަރިއަކަށް ތުންފަތް ދަމާލާފައި ޖަގުގައި ހުރި ފެންތައް ދެމީހުންނާ ދިމާއަށް އުކާލިއެވެ.
މޫނަށް ފިނިވެގެން ދިއުމާއެކު ސާހިލްއަށް ދެލޯ ހުޅުވާލެވުނެވެ. އޭރުވެސް އޭނާގެ ބޮލުގައި ރިހުމެއް ހުއްޓެވެ. އުނދަގޫ ކަމާއެކު ހަމްދާން ވެސް ލޯ ހުޅުވާލީ އެވަގުތެވެ. އެމީހުންނަށް ފުރަގަސްދީގެން ހުރި މީހާ ފަހަތަށް އެނބުރުނެވެ. އޭނާގެ ދެއަތުގައި ދެ އުއްބައްތި ވިއެވެ. ސާހިލްގެ ނަޒަރު އޭނާގެ ބޮލުން ފެށިގެން ފަޔަށް ދަތުރު ކުރިއެވެ. އޭނާގެ މޫނު ނިވާކޮށްފައި ހުރީ ކަޅު މާސްކަކުންނެވެ. ބޮލުގައި އިން ހެޑްލޭމްޕް ވަނީ ނިއްވާލާފައެވެ. ކަޅުކުލައިގެ ޓީޝާޓެއް މަތިން އެކުލައިގެ ލެދަރ ޖެކެޓެއް ލާފައި ހުއްޓެވެ. ތިރިއަށް ލާފައި ހުރީ ކަޅުކުލައިގެ ޖިންސެކެވެ. މަޑު ހިނގުމެއްގައި އައިސް އޭނާ ސާހިލްގެ ކުރިމަތީ ދެ އުއްބައްތި ބެހެއްޓިއެވެ. ބިންމައްޗަށް އަޅާފައި ހުރި ރަތް ކުލައިގެ ފިނިފެންމާ ފިޔަތައް ސާހިލްއަށް ފާހަގަވީ އެހިނދުގައެވެ.
“މީ ކޮންއެއްޗެއް؟” ހަމްދާން ސާހިލް އާއިވީ ފަރާތަށް އަނބުރިފައި ބުންޏެވެ. އޭނާގެ ނަޒަރު ހުރީ ސާހިލްގެ ބޯ މައްޗަށެވެ. އެމޫނުމަތީގައި ގަޔާނުވިކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ.
“ފުއްޕާހަމެއްނު.” ދެފަރާތަށް ބޯ ހޫރާލާފައި އޭނާ ބުންޏެވެ. “މަޑުކުރޭ ސާހިލް ބްރަދަރ. ހަމްދާން އެބުނާ ފުއްޕާހަންތައް ދައްކާލާނަން.”
އޭނާ ދުރަށް ޖެހިލާ ފޯނުން ފޮޓޮއެއް ނަގާފައި ގެނެސް ސާހިލްއަށް ދައްކާލިއެވެ. ސާހިލްގެ ފުރަގަހުން ހިތުގެ ބައްޓަމަށް އިން ތިން ފުއްޕާހަން އެލުވާފައި އިނެވެ. ސާހިލްގެ ލޭ ކެކިގަތެވެ. ދެލޯ ހިމަކޮށްލާފައި އޭނާ ކުރިމަތީ ހުރި ޒުވާނާއަށް ބަލައިލި އިރު އެދެލޮލުން އަލިފާން ކަނި ބުރައެވެ.
“ސޮރީ ސޮރީ..” ހިނިގަނޑެއް ޖަހާލާފައި އޭނާ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއެވެ. “ކަލޭގެ އަތުގަ އައްސާފަ އޭނީ ފުއްޕާހަން. ސަޅި ދޯ.”
ހެމުން ހެމުން ފަހަތަށް އެނބުރި އޭނާ މޫނުގައި އޮތް މާސްކު ނަގާ ޖެކެޓުގެ ޖީބަށް ލިއެވެ. އެއަށްފަހު އަނެއްކާވެސް ސާހިލްމެންނާއި ކުރިމަތިލާ ވާހަކަދައްކަން ފެށިއެވެ.
“ސަޕްރައިއިޒް.. އަހަރެން މިގެއަށް އައިމަ މަރުހަބާއެއް ނުކިޔާނަންތަ، ހަމްދާން؟ ވަރަށް ކަރުހިއްކައި ގަނެއްޖެ. ފެންފޮދެއް ލިބިދާނެތަ؟ އޮހް ސޮރީ. ކަލެއަކަށް ނުދެވޭނެ ދޯ. މަޑުކުރޭ އަހަރެން އަމިއްލައަށް ފެން ބޯނަން.” އަމިއްލަ އަމިއްލައަށް ވާހަކަދައްކަމުން ލިއާމް އައިސްއަލަމާރި ކައިރިއަށް ދިޔައެވެ.
“ކަލޭ ހީކުރީ މަށަށް ކަލޭގެ އަޑުން ނޭނގޭނެ ކަމަށްތަ؟” ހަމްދާން ރުޅިއައިސްފައި ހުރި ވަރުން އަޑު ތުރުތުރު އެޅިއެވެ. ފިނި ފެންފުޅިއެއް ނަގާ ކަރުތެރެ ތެންމާލުމަށްފަހު ލިއާމް އަނެއްކާވެސް ދެމީހުންގެ ކުރިމަތީ ހުއްޓުނެވެ. ކާމޭޒު ކައިރިން ގޮނޑިއެއް ހިފައިގެން އައިސް އިށީނެވެ. ފޯނު ނަގާ ވަޓްސްއެޕަށް ވަނުމަށްފަހު ޝަފްނާގެ ނަންބަރު ހޯދާލިއެވެ. ކަމެއް ހަނދާންވި ފަދައަކުން އަނެއްކާވެސް ގޮނޑިން ތެދުވިއެވެ. ސާހިލްގެ ކައިރިއަށް އައިސް ޖިންސު ޖީބުން ރަތްކުލައިގެ ފިނިފެންމަލެއް ނަގާ ސާހިލްގެ އަނގަޔަށް އޭގެ ތަނޑިގަނޑު ވެއްދިއެވެ. ލިއާމް އެނބުރިލުމާއެކު ސާހިލް އަނގަހުޅުވާލިއެވެ. އެއާއެކު އެ މާ ވެއްޓިއްޖެއެވެ. ޝަފްނާއަށް ރިންގު ކޮށްލުމަށްފަހު އޭނާ ފޯނު ދިއްކޮށްލީ ސާހިލްގެ މޫނަށެވެ. ވެއްޓިފައި އޮތް މާ ނަގާ އަނެއްކާ ވެސް ސާހިލްގެ އަނގަޔަށް ކޮށްޕާލިއެވެ. ފުރަތަމަ ރިންގާއެކު ޝަފްނާ ލިއާމްގެ ކޯލަށް ޖަވާބު ދީފިއެވެ.
ފޯނުގެ އިސްކިރީނުން ފެނުނު ސޫރައިން ސާހިލްގެ ކަޅި ހުއްޓިއްޖެއެވެ. ގައިން ހީބިހިނަގައިގަތެވެ. ދެއަތް މުށްކަވާލާ ބާރުކޮށްލި ވަރުން އަތުގެ ހަންގަނޑަށް ނިޔަފަތިތައް ވަނެވެ. ދަތްޕިލަ ބާރުކޮށްލީނުން އަނގައިގައި އޮތް ފިނިފެންމަލުގެ ތަނޑިގަނޑު ދެފަޅިވިއެވެ.
އެނދުން ތެދުވެ ބަލި ހިނގުމެއްގައި ޔަޒްދާން ކޮޓަރިން ނިކުތެވެ. މަންހަލް ރޭގަނޑުގެ ކެއުން ތައްޔާރު ކުރަން ދިޔަތާ ބައި ގަޑިއިރު ވީއިރު ވެސް އޭނާގެ ޚަބަރެއް ނުވެގެންނެވެ. މުޅި ދުވަހު އެނދުގައި އޮންނަން ޖެހުމުން އަބަދު ހެލިފެލިވެ އުޅޭ ޔަޒްދާންއަށްވީ ތަކުލީފަކަށެވެ. ގޯޅިގަނޑަށް ނިކުތް އިރު ކާގެ ތެރެއިން އަންހެންވެރިން ވާހަކަދައްކާ އަޑު އިވެއެވެ.
“ދެން އެމީހާއަށްވެސް އެކަހަލަ ވާހަކަދައްކަން އެނގުނީ މިއަދުތަ؟” އަފީފާގެ އަޑުގައި ކުޑަވަރެއްގެ ހިތްހަމަނުޖެހުމެއް ވިއެވެ.
“މިއަދަކު ނޫނޭ ބުނީ. ޔަޒްދާނު މެލޭޝިޔާއަށް ގޮސް އުޅުނު އިރުގައޭ.” ޒަހީނާ ވާހަކަދެއްކީ ވައި އަޑުންނެވެ.
“ޒާހިރުބެއަކީ ނުލާހިކު ރަނގަޅު މީހެއް ދޮންބެދައްތަ ބުންޏަސް.” ކާގެ ދޮރު މައްޗަށް ހުއްޓުނު ވަގުތު ލާނެތް ވެލާފައި މަރިޔަން ބުނެލި ވާހަކައަކީ އެއީއެވެ.
“ދެން ތިވާހަކަ ހުއްޓާލަބަލަ. ޔަޒްދާންއަށް އަޑު އިވިދާނެ.” މަރިޔަން އާއި ދިމާއަށް ރިހަ ތެލި ހާވަން ގެނގުޅުނު އުދުޅި ދިއްކޮށްލާފައި ޒަހީނާ ބުންޏެވެ.
“އަނހާ، ޔަޒްދާން..” ޔަޒްދާން އެންމެ ފުރަތަމަ ފެނުނީވެސް މަރިޔަން އަށެވެ. އޭނާ އަވަސް އަވަހަށް އައިސް ޔަޒްދާން އަތުލަފި ކޮށްގެން ގެނެސް ގޮނޑިއެއްގައި އިށީންނަން އެހީތެރި ވެދިނެވެ. ހިމޭންވެލާފައި ޒަހީނާ މަންހަލްއަށާއި އަފީފާއަށް ލޯ އަޅާލި މަންޒަރު ޔަޒްދާންއަށް ކިތަންމެ ރަނގަޅަކަށް ވެސް ފެނުނެވެ.
“މާމާ. މި މީހުން ކޮން ވާހަކައެއްތަ މިދައްކަނީ؟ ޒާހިރުބެއަށް ކިހިނެއްވީތަ؟” އަފީފާއާ މުޚާތަބުކޮށް ޔަޒްދާން ބުންޏެވެ. އެންމެ އަވަހަށް ކަމެއް އޮޅުން ފިލާނީ މާމަ ކައިރީ އަހައިގެންނޭ ޔަޒްދާން ހީކުރިއެވެ. އަފީފާގެ ނަޒަރު ދަތުރު ކުރީ އުނދުން ކައިރީ ހުރި ޒަހީނާއަށެވެ.
“މާމަ ކައިރީ ނާހާ..” ތުންފިއްތާލާފައި އަފީފާ ބުންޏެވެ.
“ކާކު ގެނެސްދިން ކެޔޮގަނޑެއްތަ؟” ކާގެއަށް އަންނަން އޮތް ގޯޅިގަނޑުން ފެނުނު ކެޔޮގަނޑުގެ ވާހަކަ ޔަޒްދާން ބުންޏެވެ. ކާމޭޒު ކައިރީ އިށީން ފަހުން ޔަޒްދާންގެ ލޮލުގައި އަޅައިގަތީ މޭޒުމަތީ ހުރި މޭވާ ކޮތަޅެވެ. ސްޓޯބެރީ، ކިވީ، އޮރެންޖު، އާފަލު، މެންޑަރިން، އަލަނާސި، އަދި ކާމަރަނގަ އެކޮތަޅުގައި ހުއްޓެވެ. “މިރަށު ފިހާރައިގަ ނުވެސް ހުންނާނެއްނު ތިހުރިހާ އެއްޗެއް. މާމަ ކިހިނެއް ހޯދީ މިހުރިހާ މޭވާއެއް؟ މާމަ ގެނައި އެއްޗެއްތަ މިއީ؟”
“ޒާހިރުބެ ގެނައީ!”
“ދަރިފުޅު މިހާރު ރަނގަޅުތަ؟”
އެންމެން ވާހަކަދެއްކީ އެކުއެކީގައެވެ.
“ދަރިފުޅު މިހާރު ރަނގަޅުތަ؟ ތަދުވޭތަ؟ ރިހުން ހުރޭތަ؟” ކާގެއަށް ވެރިވާން އުޅުނު ހަމަހިމޭންކަން ނަގާލީ ޒަހީނާއެވެ. އޭނާ ކުރިން ކުރި ސުވާލު ތަކުރާރުކުރިއެވެ. އުނދުން ނިއްވާލާފައި އައިސް އޭނާ ޔަޒްދާންގެ ބުރަކަށީގައި ފިރުމާލިއެވެ. “ކާން ވީނު؟”
“ރަނގަޅޭ މަންމާ.. މަންހަލް ނައިސްގެން މިއައީ.. ތި މީހުން މާ އޮލަ ވާހަކައެއްގައެއްނު ތިތިބީ..” މަންހަލްއަށް ނަޒަރެއް ދީފައި ޔަޒްދާން ބުންޏެވެ. ކުށްވެރިވުމުން މަންހަލް ތުންފިއްތާލިއެވެ.
“ޔަޒްދާން..” ރާގުލާފައި މަރިޔަން ގޮވާލިއެވެ.
“މަރިޔަން..” ޒަހީނާ ދަތްޕިލަ ފިއްތައިގެން ހުރެ މަރިޔަންއަށް ގޮވާލިއެވެ.
“އެނގޭތަ، ޒާހިރުބެ މާލެ ގޮސް އުޅެނިކޮށް ޔަޒްދާން ބަލިވި ޚަބަރު އިވުނީމަ މިއަދު އެއައީ މޭވާއާއި އެއްޗެހި ގަނެގެން ރަށަށް.. އެގޭގަ އޮތް ކެޔޮގަނޑެއްވެސް ދޮންވާން ފަށާފަ އޮތީމަ އެވެސް ގެނެސްދީފަ އެއޮތީ..” ޒަހީނާގެ އިންޒާރުތަކަށް ބެލުމެއްނެތި މަރިޔަން ބުނެލިއެވެ.
“ދެން އަހަރެން މެލޭޝިޔާގައި އުޅެނިކޮށް މަންމަ ކައިރީ ކީކޭކީތަ؟” ޔަޒްދާން ސުވާލުކޮށްލިއެވެ.
“ހޫން. އެމީހާ ދޮންބެދައްތައާ އިންނަންވީ އޯ.” މަރިޔަން ހިނިގަނޑެއް ޖަހާލިއެވެ. ޔަޒްދާން ބަލައިލުމާއެކު ޒަހީނާ އިސްދަށަށް ޖަހާލިއެވެ.
“މަންމަ ބޭނުންވިއްޔާ އިންނަންވީ ހަމަ. އަހަރެން ކީކޭ ބުނާނީ؟” ޔަޒްދާންގެ ގާތަށްވެސް ލާނެއް ހިންޏެއް އައެވެ.
“ދަރިފުޅާ..” ޒަހީނާ މަޑުމަޑުން ގޮވާލިއެވެ. ޔަޒްދާން ހިނިތުންވެލާފައި ބޯ ޖަހާލީއެވެ. “މިއީ މަރިޔަންގެ ކަންތަކޭ..”
އެއާއެކު މަރިޔަން އޭނާ ދިފާއުގައި އަމިއްލައަށް ވާހަކަދައްކަން ފެށިއެވެ. ކާގެތެރެ ހަލަބޮލިވި މަންޒަރު ބަލަން ޔަޒްދާން އިނީ ހިނިތުންވެފައެވެ.
“މިރޭ ދަނީ އެހެން ގެއަކަށް..” ސައިކަލަށް އަރާފައި ނުހައިކް ބުންޏެވެ.
” ޔުނިވާސިޓީން ގެއަށް. ގެއިން ޔުނިވާސިޓީއަށް.. ހާދަ ފޫހިވެއޭ.. ކަލޭއަށް ތިހެން އުޅެވުނަސް މަށަކަށް ނޫޅެވޭނެ. މަވެސް ގޮވައިގެން ދޭބަލަ…” ސާދު އެދުނެވެ.
“ނޫނެކޭ ބުންޏަސް ކަލޭ ހުންނާނެތަ؟” ހިނިގަނޑެއް ޖަހާލާފައި ނުހައިކް ބުންޏެވެ.
“ކޮބާތަ ޔަޒްދާން؟ ޖަވާބު ދީފިތަ؟” ހެލްމެޓް ބޮލަށް ވައްދަމުން ސާދު ބުނެލިއެވެ.
“ނުދޭ..” ސާދުއަށް ޖަވާބު ދީފައި ނުހައިކްވެސް ހެލްމެޓް އެޅިއެވެ. އެއަށްފަހު ދެ އެކުވެރިން ވެސް މިސްރާބު ޖެހީ ސާހިލް އެމީހުންނަށް ފޮނުވާފައިވާ ލޮކޭޝަންއަށް ދިއުމަށެވެ.
ކުރިމަތީ ހުރި ގެއަށް ބަލަހައްޓައިގެން ސާދު އާއި ނުހައިކް ތިއްބެވެ. އެއްފަހަރު ނުހައިކްގެ އަތުގައި އޮތް ފޯނަށް އަނެއްފަހަރު ގޭގެ ދޮރާ ދިމާއަށް ބަލައިލެވެއެވެ. ގޭގެ ވަށައިގެން ފެންސު ޖަހާ, ކުޑަ ބަގީޗާއެއް ހައްދާފައި އެގޭގައި އޮތެވެ. ކަކުލާ ހަމައަށް އަރާ ލަކުޑި ދޮރޯށިން ވަދެގެން ގޭތެރެއަށް ވަދެވޭ ދޮރާ ހަމައަށް ހިނގާނެ މަގުކޮޅެއް އޮތެވެ. ވަށައިގެން ހުރި ގޭގެތައް ދިއްލާފައި ހުރިއިރު، ކުރިމަތީ ހުރި އެ ގޭ ތެރެއިން އެންމެ އަލިކޮޅެއް ވެސް ފެންނާކަށް ނެތެވެ.
“ކަލެއަށް ހަމަ ޔަގީންތަ؟” ސާދު އަހާލިއެވެ. ޗޮކެއް ކަނޑާލާފައި ވަށައިގެންވީ މާހައަލަށް އޭނާ ނަޒަރެއް ދިނެވެ. “މިތަނަށް އައިމަ ރާއްޖެތެރޭ ރަށެއްހެން ހީވަނީ.. އެކަމަކު ރާއްޖޭގެ ރަށްތައްހާ ރީއްޗެއް ނޫން.”
“ހިނގާބަލަ ވަންނަން..” ފޯނު ޖިންސުގެ ޖީބަށް ލާފައި ނުހައިކް ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން ސާދުވެސް ދިޔައެވެ.
ގޭތެރެއަށް ވަދެވޭ ދޮރު ކައިރިއަށް ދެވުނުއިރު އެތެރެއިން ބަޔަކު ވާހަކަދައްކާ އަޑު އިވިއްޖެއެވެ. އެތެރެއިން އަންހެނެއްގެ އަޑު އިވުމާއެކު ދެމީހުންނަށް ވެސް ފިޔަވަޅުތައް މަޑު ޖައްސާލެވުނެވެ. ހައިރާންވެފައި ދެމީހުންވެސް އެކަކު އަނެކަކަށް ބަލައިލިއެވެ.
“ކަލޭ ބުނި ގައިމު ހަމްދާން އުޅެނީ ވަރިވެގެންނޭ. ވެދާނެއްނު ކަލޭ ބައްޕަ ދޮންމަންމައެއް ގެނެސްދޭން އުޅެނީ ކަމަށްވެސް. ބަލާ، ބޮކިތައްވެސް ނިއްވާލާފަ. ރޮމޭންޓިކް.” ލާނެތް ވެލާފައި ސާދު ބުނެލި ވާހަކައިން ނުހައިކް މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު ވެރިވެގެން ދިޔައެވެ. އޭނާ ދެލޯ އަޅާލި ގޮތުން ސާދު ހިމޭންވެއްޖެއެވެ. އަތުގެ އިޝާރާތުން ނުހައިކް ވާހަކަނުދައްކަން ބުންޏެވެ. ދެމީހުންވެސް ސިއްރު ފިޔަވަޅުތަކެއްގައި ގޮސް ދޮރުފަތުގައި ކަންފަތް ޖަހައިގެން އެތެރެއިން ކިޔާ އެއްޗެއް އަޑުއިވޭތޯ މަސައްކަތް ކުރިއެވެ.
“އެގާރަ އަހަރު މިވީ. އަދިވެސް ނުބުނާނަންތަ އާނއެކޭ. ހުރި ހަމައެކަނި އަންހެން ދަރިއަށްޓަކައި ވެސް ބުނެބަލަ އާނއެކޭ..” ޝަފްނާގެ އަޑު އިވުމާއެކު ނުހައިކްއަށް އެއަޑު ނަގައިގަނެވިއްޖެއެވެ. އައި ރުޅީގައި ނުހައިކްގެ ނޭވާ އަވަސްވީ އިރު ދެއަތް މުށްކެވިއްޖެއެވެ.
“ސޯ ރޮމޭންޓިކް.” ފިރިހެނަކު ބުނެލި އަޑު އިވުނެވެ.
“ކަލޭ އަނގަމަޑުކޮށްގެން ހުރެބަލަ.” ޝަފްނާ ހަޅެއް ލަވައިގަތެވެ.
“ކިހާ ދެރަކަމެއް. ތިކުޑަކުޑަ ސިކުނޑިއަށް މީތި ވައްދަބަލަ. ޝަފްނާއަކަށް އަހަރެންގެ ހިތެއް ދުވަހަކުވެސް ކާމިޔާބެއް ނުކުރެވޭނެ. ބަލި ގަބޫލުކޮށްފަ މަންހަލް އަހަރެންނަށް ހަވާލުކުރޭ.” ސާހިލް ވާހަކަދެއްކި އަޑުއިވުނެވެ. އޭނާގެ އަޑުގައި އިންތިހާ ރުޅިއާއި ރިހުން އެކުލެވިފައިވިއެވެ. ނުހައިކްއަށް އަޑުއަހަން ހުރެވުނީ އެހާވަރަށެވެ.
“ގަދަކަމުންވެސް އަހަރެން ޖިމަށް ގެންދިޔައީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.” ސާދުގެ އަތުގައި ހިފާ ސަލާންކޮށްލާފައި ނުހައިކް ބުންޏެވެ. ހިނިއަންނަން ނާންނަން ހުރެފައި އޭނާ ކަޅި މައްޗަށް އަރުވާލީއެވެ.
ސާދުއަށް އެއްޗެއް ނުބުނެވެނީސް ނުހައިކް ދެފިޔަވަޅު ފަހަތަށް އެޅުމަށްފަހު ދޮރުގައި ޖެހިގަތެވެ. ދޮރަށް ގުޑުން އަރައިގެން ދިޔައެއްކަމަކު އެހުރީ ހުރި ތަނުގައެވެ. އަނެއްކާވެސް ނުހައިކް ދެފިޔަވަޅު ފަހަތަށް އެޅުމާއެކު ސާދުވެސް އޭނާ އާއި އެއްވަރަށް ފަހަތަށް ފިޔަވަޅު އެޅިއެވެ. ދެފިރިހެނުން އެކުގައި ދޮރުގައި ޖެހިގަތުމާއެކު ދޮރު ވެއްޓިއްޖެއެވެ. ގޭތެރެއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިން ނުހައިކްއަށް ސިންކު ކައިރީ ހުރި ކުޑަދޮރާ ދިމާއަށް ދިޔަ ލިއާމް ފެނުނެވެ. އޭނާ ލިއާމްގެ ފަހަތުން ދުއްވައިގަތް އިރު ސާދު ދިޔައީ ހަމްދާންއާ ސާހިލްގެ ގާތަށެވެ. ނުހައިކްއަށް ލިއާމްގެ ފައިގައި ހިފުނީ ކިރިޔާއެވެ. އަވަސް ހަރަކާތަކާއެކު ލިއާމްގެ ފަޔަށް ދަމާފައި ގެނެސް ބިންމައްޗަށް ވައްޓާލިއެވެ. ލިއާމްއަށް ހަރަކާތެއް ކުރެވެންވީ އިރު ނުހައިކް އޭނާގެ ކޯތާފަތްމަތީ އެނބުރުން އަރާ ވަރަށް ޖަހައިފިއެވެ. ކުރިން ދުވަހު އެކްސިޑެންޓުގައި ލިބުނު އަނިޔާއިން ފަސޭހަނުވާތީ ނުހަނު އަވަހަށް ލިއާމް ބުންވެއްޖެއެވެ. ދެވަނަ ފަހަރަށް އޭނާގެ ކޯތާފަތުގައި ޖަހަން އަތް މަޅާލިތަނުން ސާދުއާއި ހަމްދާން އައިސް އޭނާ ހިފަހައްޓައިފިއެވެ.
ފުން ނޭވާއެއް ދޫކޮށްލާފައި ނުހައިކް ހިންދެމިލިއެވެ. ތަންކޮޅެއް ދުރުގައި ބަލަހައްޓައިގެން ހުރި ސާހިލް ފެނުމާއެކު ނުހައިކްއަށް ބައްޕަ ކައިރިއަށް ދެވުނީ ނުހަނު އަވަހަށެވެ. ބައްޕައަށް ޓަކައި ކަންބޮޑުވެފައި ހުރެވުނު ވަރުން ނުހައިކްއަށް ބައްޕަ ގައިގައި ބައްދާލެވުނެވެ. ސާހިލްގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ފަޅި ސިކުންތެއްގެ ތެރޭގައި ތުއްތު އިރުގެ ނުހައިކްއާއި، ފުރާވަރަށް އަޅައިގެން އައި އިރުގެ ސީރިއަސް ނުހައިކްގެ އެތައް ހަނދާނެއް އާވެ އާލާވެ އޭނާ ފެންކަޅިވާ ގޮތް ވިއެވެ. ބައްޕައަށް އެދަރިފުޅުގެ ހިތްހަލާލު ކޮށްދެއްވުމަށް އެދި ކުރި ދުޢާތައް މާތްﷲ އިޖާބަކޮށް ދެއްވައިފިކަމުގެ ފޮނި އިހުސާސް އޭނާއަށް ކުރެވުނެވެ. އެ އުފާވެރި މަންޒަރު ބަލަން ތިބި ސާދު އާއި ހަމްދާން އެކަކު އަނެކަކަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Heyyy
When next?
Curiously waiting fpr 6he naext part.
Thankolheh avahah dhen hiri part thah neridheeba plsss😭😭
I appreciate your hard work
Hii, Saturday ga upload kolladhevey tho balaanan In Sha Allah..
Thank you pretty_princess! 😊🤍
Heyy
Its been soo long
I cant wait😭😭
Can you please upload next parts really sooon
Please please
Hi, it’s now uploaded to the site. I’m really sorry I couldn’t upload it soon as I was busy last few weeks!
When nxt part
Ibcant wait anymore 😭 😭
I think today you can get to read the next part. I’m sorry it took so long! 😔
Heyy
Mireytha next episode upload kohlany
Can’t wait😄
Hii, Alhugandu Thursday night ga site ah vaahaka fonuvafa vaany. Dhen site in vaahaka upload kollyma kiyalan libeyny.. ◕‿◕