ހިތުގެ ރިހުން (20)
ހުޝާމް ކައި ނިންމާލުމަށްފަހު އަތް ދޮވެލަން ސިންކު ކައިރިއަށް ދިޔަ ވަގުތު ނޫރާ ހުޝާމް ފަހަތުން ތަށިތައް ހިފައިން އައިސް މަޑުކޮށްލިއެވެ.
“ނޫރާ.. އަހަރެން ވަރަށް ބޮޑު ވާހަކަ އެއް ބުނަން އެބައޮތް… ލެޓްސް މީޓް މާދަން..” ހުޝާމް އަތް ދޮންނަމުން ނޫރާ ގާތު ބުނެލިއެވެ.
“މާދަންދޯ.. މާދަން އެބައިން އަހަރެން މީޓިންގް އެއް. އެ ނިންމާފަ ގުޅަންތަ؟” ނޫރާ ފޯނު ނަގާ ބަލާލަމުން ބުނެލިއެވެ.
ހުޝާމް އާ ނޫރާގެ ގާތްކަން ފެނި ޔާސިންގެ ހިތައް އެތައް އުދަގޫތަކެއް ވާން ފެށިއެވެ. ޔާސިން ސިއްސައިން ދިޔައީ އޭނާގެ ފޯނު ރިންގްވާ އަޑަށެވެ. ގުޅަމުން ދިޔައީ މަންސޫރެވެ. ފޯނު ނަގަންވީ ބާއޭ ނުނަގަންވީބާއޭ ހިތަށް އަރަ އަރަ ހުއްޓާ ފޯނު ކެޑުނެވެ. އަނެއްކާވެސް މަންސޫރު ގުޅާލިއެވެ. ހުޝާމް ޔާސިން ކޮޑުގައި ޖަހާލާފައި ފޯނު ނަގަން ބުނެލިއެވެ.
“ދަރިފުޅާ.. އާދެބަލަ ވަރަށް އަވަހަށް.. މިންހާ މިންހާ ގެންގޮއްސި ޕޮލިހަށް” ޔާސިން ފޯނު ނެގުމާއެކު މަންސޫރު ވާހަކަ ދައްކަން ފެށިއެވެ.
“ޕޮލިހަށޭ… ކިހިނެއްވީ އަނެއްކާ ކޮބާ ނައި” ޔާސިންއަށް އަދިވެސް ވިސްނެނީ ނައިރާ އާ ދޭތެރޭ އެވެ. ކޮންމެ ގޮތެއްވިއަސް އަމިއްލަ ދަރިއެއް ފަދައިން ނައިރާ މިހާ ހިސާބަށް ބަލާބޮޑުކޮށްފައި ވުމުން އެ ހިތުގައި ނައިރާއަށް އަދިވެސް އޮތީ ދަރިއެއްގެ ލޯތްބެވެ.
“އާދެބަލަ.. އައިމަ ކިޔާދޭނަން..” މަންސޫރު މިހެން ބުނުމަށްފަހު ފޯނު ކަޑާލިއެވެ.
އައިޝާ ބޭރުގައި އިދެ ނޫރާ އަށް ބާރަކަށް ގޮވަން ފެށިއެވެ. ނޫރާ ދޮންނަން ހުރި ތަށިތައް ބަހައްޓާފައި ބޭރަށް ނިކުތެވެ. އެ ގަޑީ ހުޝާމްއާއި ޔާސިންވެސް ނޫރާ ފަހަތުން ކާގެއިން ނިކުތެވެ. އައިޝާ ޓީވީ ހުޅުވައިން އިނީ އަވަސް ހަބަރު ދައްކާތީއެވެ. މިންނު ހޮޓެލްސްގެ ބޮޑުމީހާގެ ދަރި މީހެއް ގަޔަށް ވަޅި ހަރައިން ހައްޔަރު ކުރި ވާހަކަ އެވެ. އަދި ސީދާ މަންސޫރުގެ ފޮޓޯ ޓީވީއަށް އަރުވާފައި ހުއްޓެވެ. އިރުކޮޅެއް ތެރޭ ލިބުނު ޒަހަމް ތަކަށް ފަރުވާ ދެމުން ދަނިކޮށް އެޑަމް ނިޔާވި ވާހަކަ ގޮވަން ފެށިއެވެ. ޔާސިންގެ ކަކުލު ހުޅުން ހީވީ ވާގި ދިޔަހެންނެވެ. މިންހާ އެވަރުގެ ކަމެއް ކޮށްފާނެ ކަމަކަށް އޭނާ ހިތަކަށްވެސް ނާރައެވެ. މީގެ ކުރިން މިންހާ ކިތަންމެ ބޮޑުކަމެއް ދިމާވިއަސް އަނިޔާ ދެނީ އަމިއްލަ ނަފްސަށެވެ.
“އެއީތަ ދަރިފުޅު ރެކްރޫޓު ކުރާ ކުންފުނީގެ ބޮޑު މީހާ އަކީ..” މަންސޫރު ފޮޓޯ ފެނިފައި އައިޝާ ހީވަނީ ބިރެއް ފެނިގެން އުޅޭހެނެވެ.
“އާނ މަންމާ… ކިހިނެއްވީ..” ނޫރާ ހައިރާން ކަމާ އެކު އަހާލިއެވެ.
“ކަމެއް ނުވޭ ހަމަ އަހާލީ..” އައިޝާ ޓީވީ ނިއްވާލުމަށްފަހު ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ނޫރާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އިހުސާސް ކުރެވުނެވެ. އައިޝާއަކީ މެހެމާނުން ތިބިއްޔާ އެގޮތަށް ގޮސް ކޮޓަރިއަށް ވަންނާނެ މީހެއް ނޫނެވެ.
*****
” މަރިޔަމް މިންހާ މަންސޫރު.. ނަން ރަގަޅުތަ؟” އިންވެސްޓިގޭޝަން ކޮޓަރި ތެރޭގައި ހުރި ފުލިސް އިމްރާން އަހާލިއެވެ. މިންހާ އެެއިން ގޮތަށް ގުޑާވެސް ނުލާ އިނެވެ.
“ކަންކަން ހިނގާ ދިޔަ ގޮތް މިންހާ އެބަ ޖެހޭ އަޅުގަނޑުމެންނަށް ކިޔާ ދޭން.. އޭރުން މި ކަންތައް ތެރޭގައި މިންހާގެ ކުށެއް އޮތްތޯ ތަހުގީގުކުރަން އިނގޭނީ” އިތުރަށް އެތާ ހުރި އަންހެން ފުލުސް ލަމްހާ ބުނެލިއެވެ.
“މިންހާ. ތައްޔާރުތޯ ސުވާލައިން ކުރިއަށް ދާން” އަނެއްކާވެސް ލަމްހާ އަހާލިއެވެ.
“އަހަންނަށް ލޯޔަރެއް ހަމަ ޖައްސަން ބޭނުން. އަދި އަހަރެން ބައްޕައަށް ގުޅާ.. ކަލޭމެންނަށް އަހަރެން ބައްޕައަކީ ކާކުކަން ނޭގޭތީ ތިއުޅެނީ” އެތައް އިރަކު އަގައިން ނުބުނެ އިނުމަށްފަހު މިންހާ ބުނެލީ މިހެންނެވެ. ދެ ފުލުހުން ކޮޓަރިން ނިކުތީ ލޯޔަރަކަށް މިންހާ އެދުމުންނެވެ. އިތުރަށް ތަހުގީގު ކުރިއަށް ގެންދެވޭނީ ދެން ލޯޔަރު އައިސްގެންކަމަށް ވާތީއެވެ.
*****
މަނާލް ކޮޓަރިތެރޭ ހުރެ ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ. އެކޮޅުންވެސް ހީވަނީ މަނާލް ނުގުޅައިން ހުރިހެންނެވެ. އެންމެ ރިންގްއަކުން ފޯނު ނެގިއެވެ.
“ކޮބާ ދަރިފުޅު؟ ” މަނާލް ވާހަކަ ދެއްކިއެވެ.
“މަނާލް ބުނަން ވާހަކަ އެއް ތި ކަންތައް ކުރީ ވަރަށް ގޯސްކޮށް… އަހަރެން އޭރުވެސް މީ ކާކުގެ ދަރިއެއްހޭ ބުނީމަ ބުނީ މަނާލްގެ ދަރިއެކޭ ބެލޭނެ ގޮތެއް ނެތިގެންނޭ އަހަންނަށް ދިނީ… އެކަމަކު ބަލާބަލަ އަދިވެސް މަނާލް އިދެގެން ތިއުޅެނީ ހަމަ އެ މަންސޫރުއާ..” ފޯނުން ވާހަކަ ދައްކަމުން ދިޔަ މީހާގެ އަޑުގައި ރުޅިވެރިކަން ހުއްޓެވެ.
“ދޮންތާ.. ކޮންމެހެން އިތުރަށް ކަންކަން ހޯދަން ނޫޅެބަލަ… ދޮންތަ އާ ދޮންތަބެ ބޭނުންވީ ކުއްޖެއް .. ދޮންތަގެ ދަރިފުޅު ވިހޭތަނުން މަރުވީމަ ދޮންތަ ނުންތަ އަހަރެން ކައިރި ރޮއެ ރޮއެފަ ދަރިފުޅު ގެންނަން ކީ.. އަހަރެން ތިހިރީ ކުއްޖެއް ހޯދަ ދީފަ… ނަމަ ނަމަ ތި ކުއްޖާ ގޮވައިން ނާންނާތި އަހަރެން ހުރި ތަނަކަށް” މަނާލް ބުނެލިއެވެ.
“އަހަންނަށް ވީގޮތް ކިޔާ ނުދެންޔާ އަހަރެން ނުހުންނާނަން މަޑުން.. އެބުނާ މަންސޫރެއް ހޯދަންވެސް ހޯދާނަން އަދި މަނާލް މީގެ 23 އަހަރު ކުރިން ކަންތައް ކުރިގޮތް ވަރަށް ރަގަޅަށް ކިޔާދޭނަން..” އެކޮޅުން މަނާލް ބިރު ގަންނަވާލަން ބުނެލިއެވެ.
“ހަބަރުދާރު ދޮންތަ އެކަހަލަ ކަމެއް ކޮއްފިއްޔާ ދެން ފެންނާނީ އަހަރެންގެ ފުރާނަ ނެތް މަސްގަޑު” މަނާލް މިހެން ބުނެ ފޯނު ބޭއްވިއެވެ.
*****
“މަންމާ ހާދަ ރުޅިގަދަވެފަ.. ކާކު ގުޅީ” އައިޝާ އެގޮތަށް ކޮޓަރިއަށް ވަނުމުން ނޫރާ ކަންބޮޑުވެފައި ކޮޓަރިއަށް ވަދެ އަހާލިއެވެ. ނޫރާ ކުއްލިއަކަށް ވަނުމުން އައިޝާއަށް ތެޅިގަނެވުނެވެ.
“އެއީ ސްޕޭމް ކޯލެއް ޑާޓާ ގަންނަން އެކައުންޓް ނަންބަރު ކިޔާ ދޭށޯ…” އައިޝާ ގޮސް ފާހަނައަށް ވަދެ މޫނު ދޮވެލައިން އައިސް އެދުގައި އޮށޯވެލިއެވެ. ނޫރާ އައިޝާގެ ގައިގާ ބެޑްޝީޓު އަޅާލުމަށްފަހު ބޮކި ނިއްވާލާފައި ކޮޓަރިން ނިކުތެވެ. އަދި ޓީވީ ހުޅުވާލައިން އިނީ މިންހާގެ ހަބަރެއް އިތުރަށް ލިބޭތޯއެވެ.
*****
މަންސޫރު ގުޅުމުން ޔާސިން އަވަހަށް އެގެޔަށްދިޔައެވެ. އޭރު މަންސޫރުވީ ޕޮލިހުން ގުޅައިން ޕޮލިސް ސްޓޭޝަނަށް ގޮހެވެ. ގެޔަށް ވަދެ މަންސޫރު ހުރިތޯ ކޮޓަރީގައި ޓަކި ޖަހާލަން އަތް ނަގާލި ތަނާ ދޮރު ކުޑަކޮށް ހުޅުވިފައި ހުއްޓާ ފެނުނެވެ. އަދި އެތެރެއިން މަނާލް ވާހަކަ ދައްކާ އަޑު ވަރަށް ސާފުކޮށް އިވުނެވެ.
“ހާސް ނުވެބަލަ، މަންސޫރު އަދިވެސް ހީކޮށްގެން ހުރީ އޭނަގެ އުފަން ދަރި މަރުވީކަމަށް.. މިންހާ އެއީ އަހަރެން ތުރޫކޮށް އޭނަ އެޑޮޕްޓް ކުރި ކުއްޖެއް.. އޭރު އޭނަ އަންހެނުން ހީވަނީ މޮޔައެއްހެން.. އާނ ދެން އަމިއްލަ ދަރި ގެއްލުނީމަ ކާކު މޮޔަ ނުވާނީ… އެކަމް އަހަރެން ގާތު ނާހާތި މަންސޫރު އުފަން ދަރިވީ ކޮންތާކުތޯ..” މަނާލް ހިނިގަޑެއް ޖަހާލަމުން ބުނެލިއެވެ. ޔާސިން އަށް ހުރެވުނީ ހުއްޓުން އަރާފައެވެ. މަނާލް ދައްކަމުން މިދަނީ ކޮން ވާހަކަ ތަކެއް ބާއެވެ. މިންހާ އަކީ މަންސޫރުގެ އުފަން ލޭ ނުންކަން އޭނާ އަށް އިނގުމުން ގަޑުވެފައި ހުރެވުނީއެވެ. ކުއްލިއަކަށް ޔާސިން އުކުޑި ކޮށްޓަން ފެށުނެވެ. އެވަގުތު މަނާލްވެސް ހާސްވެފައި ދޮރާ ދިމާލަށް ބަލާލިއެވެ. ޔާސިން އަވަސް އަވަހަށް ގޮސް ސޯފާ ކައިރި މަޑުކޮށްލިއެވެ.
“ޔާސިން… މަންސޫރުވީ ޕޮލިހުގަ ދޭބަލަ..” މަނާލް ހުރީ ހާސްވެފައެވެ. ޔާސިން ހުރި ގޮތުން އޭނާއަށް އަޑު އިވުނު ކަމެއް އަޑު ނީވޭކަމެއް ނޭގެއެވެ. ޔާސިން އަވަސް އަވަހަށް ތެދުވެގެން ގެއިން ނިކުތެވެ. ސައިކަލަށް އަރައިން އޭނާ ދިޔައީ ޔާސިރުމެން ގެޔަށެވެ.
*****
“މިހާރު ކޮބާ އަހުމަދު.. އަދިވެސް ގުޅުން އޮވޭ؟” ޔާސިރު އާތިކާ ދިން ޓެސްޓަށް ބަލަން ހުރެ ބުނެލިއެވެ. އެވަގުތަކީ ހުޝާމް ގެއަށް އައިސް ވަތް ވަގުތެވެ.
“ނުން ޔާސިރު… އަހުމަދު މިދުނިޔެ ދޫކޮށް ހިގައްޖެ.. ހުޝާމަށް އުމުރުން 6 އަހަރުގަ” އާތިކާ މިހެން ބުނުމުން ހުޝާމް އެޅި ފިޔަވަޅު މައްޗަށް ހުއްޓުން އެރިއެވެ.
“ހުޝާމް އަށް އިނގޭ އެކަން؟” ޔާސިރު އަނެއްކާ އަހާލިއެވެ.
“ނޭގެ އަހުމަދުގެ ހަދާނެއް ހުޝާމްގެ ހުންނާނެކަމެއް..” އާތިކާ ފެންކަޅިވެފައި ބުނެލިއެވެ. ޔާސިން އައިސް ހުޝާމްއަށް ގޮވާލުމުން އާތިކާ އާ ޔާސިރު އެކު އެކީހެން ހުޝާމަށް ބަލާލިއެވެ. އެ މޫނު ގައިވަނީ ހިތްދަތިކަމެވެ. ލޮލުގައި ކަރުނަތައް ޖަމާވެފައިވާ އިރު ހީވަނީ ފައިބަންވެސް ނޭގިފައި ހުރިހެނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.




Mi vhk vrh reethi…
Keep it up the hard work 👍
Masha Allah Mi part ves vrh reethi curiously waiting for the next part when’s next
Omggg I think Hashim and Noora are falling for each other 😭😭💗. They both deserve each other only .
Srly.. this part was so far the most olhun bolun part ever.. like.. it literally got me thinking abt everything that has happened so far..
It made me question everything i know!!!
So interesting ingey ❤
Keep it up. When next part?