Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 46

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
December 31, 2015 7 Mins Read
11 Comments

”ހޫމްމްމް، އެމަންޖެ އައި މީގެ ތިން ހަފްތާ ކުރިން ޓެބްސް ގަންނަން…” ޒުވާނާގެ ޖުމްލައިން ބަލްޤީޝްގެ ނިތަށް ރޫތަކެއް އަރައިގެން ދިޔަ އެވެ. ހިތުގައި ސުވާލުތަކެއް ވެސް އުފެދިގެން ދިޔަ އެވެ. ފަލަކް ޑްރަގްސް ބޭނުން ކުރަނީ ހެއްޔެވެ؟ އެކަން ކުރާތާ ކިހާ ދުވަސް ވެއްޖެ ހެއްޔެވެ؟ ވިސްނާލަމުން ދަނިކޮށް ބަލްޤީޝްގެ ސިކުނޑީގައި ހަނދާނެއް ޓަކި ދިން ފަދައެވެ. އޭނަ ދެން އަވަސް ވެގަތީ މައުލޫމާތު ސާފު ކުރުމަށެވެ. ހިތުގެ ތެޅުން ވެސް ކުއްލިޔަކަށް ބާރު ވެއްޖެއެވެ.

”ތިން ހަފްތާ ފަސް؟…. މީގެ ކުރިން އޭނަ އައިތަ އެއްވެސް އެއްޗެއް ގަންނަން؟، ނޫނީ އެދުވަހު އެކަނިތަ އައީ؟…” ބަލްޤީޝްގެ ވާހަކަ ދެއްކުމުގެ ރާގު ވެސް ބަދަލުވެގެން ގޮސްފިއެވެ. އެއާއެކު ޒުވާނާ ހައިރާން ވިއެވެ.

”އެދުވަހަކު ފުރަތަމަ ފަހަރަށް އައީ، އޭގެ ފަހަކުން ލޮލަކަށް ވެސް ދައްކާނުލާ، އެކަމަކު ވަރަށް ގިނަ ސުވާލު ކުރި، އެހި އެ މަސައްކަތްކުރާނެ ހެއްޔޯ……” ޒުވާނާ ބުނެދިނެވެ.

”އެކީއްކުރާ އެއްޗެއް؟….”

ބަލްޤީޝްގެ ހިތުގައި ޝައްކުގެ އޮށް އިންދިގެން ދިޔައެވެ. ޒުވާނާ ބަލްޤީޝްއަށް މައުލޫމާތު ސާފުކޮށްލަ ދިނުމާއެކު ބަލްޤީޝްގެ ދެލޮލުން އަލިފާން ކަނި ބުރާލި ކަހަލައެވެ. ބަލްޤީޝްގެ ހިތުގައި އިންދުނު ޝައްކުގެ އޮށަށް މޫ އެރި އެމޫތަކަށް ދިރުން ލިބިގެން ގޮސްފި އެވެ. ލިބިފައިވާ ތޫނުފިލި ކަމުން އޭނައަށް ހުރިހާ ކަމެއް ސާފުވެގެން ދާން ގިނަ އިރެއް ނުނެގިއެވެ. އެއާއެކު ރުޅި ވެސް އާދެވުނެވެ. އިންތިހާއަށެވެ. އޭނަ ފަދަ ވިސްނުން ތޫނު މީހަކު މާހުތާބްގެ މަކަރުވެރިކަމުގެ މަޅީގައި ޖެހުމުންނެވެ. ޢާއިލާ ތެރެއަށް ޔޫޝައު ބަދުނާމު ވެގެން ދިޔުމުންނެވެ. ހަމަ މިހާރު ގޮސް މާހުތާބް އާއި ފަލަކްގެ ފުރާނަ ރޮއިގަންނަވަރު ކޮށްލަން ވެސް އޭނަ ބޭނުން ވިއެވެ. މިފަހަރު އޭނަ މާހުތާބް އާއި ފަލަކް އަށް ފިސާރި މޮޅު ލަނޑެއް ދޭނެއެވެ. އޭގެ ހިތި ރަހަ މުޅި އުމުރަށް ކަރުބުޑުގެ ތެރެއަށް ފޭދިގެން ދާނެ ވަރުވެސް ކުރާނެއެވެ. އޭނަގެ ދަރިފުޅުގެ ހަޔާތާ ކުޅެލިކަމުގެ ސަޒާ އޭނަ ދޭނެއެވެ. އެވެސް ވޭންދެނިވި ގޮތަކަށެވެ.

”ދައްކަބަލަ އެޓެބްލެޓްސް ބަލަން…” ބަލްޤީޝް ބުމަ ގޮށްޖަހާލައިގެން ހުރެ ބުނެލިއެވެ.

”ކަމެއް ގޯސް ވީތަ…” ބަލްޤީޝްއަށް ވެގެން ދިޔަ ގޮތް ފެނި ޒުވާނާ ސުވާލުކުރިއެވެ. ނުތަނަވަސް ވެފައި ހުރެއެވެ. އަތުން ލާރިގަނޑު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރާއެކުގައެވެ.

”މަށަށް އެޓެބްލެޓްސްތައް ދައްކަބަލާށޭ…” ކުރިން ވެސް ބުނި ޖުމްލަ ބަލްޤީޝް ތަކުރާރުކޮށްލިއެވެ. ނަމަވެސް މިފަހަރު އެހެން ބުނީ ކުރިއަށް ވުރެ ބާރަށެވެ. އައިސްފައި ހުރި ރުޅިގަނޑު މަތަކުރަން އޭނައަށް ފަސޭހައެއް ނުވިއެވެ. ދަތްކުނޑި ވެސް ވިކައިގަނެވުނެވެ.

ޒުވާނާ ފާޑަކަށް ބަލްޤީޝްއަށް ބަލަން ހުރެފައި އޭނަ ގާތު ހުރި މީހާއަށް އިޝާރާތެއް ކޮށްލިއެވެ. އެއާއެކު ބޯޖަހާލަމުން އޭނަ ހިނގައިގަތީ ސިޑިއާއި ދިމާއަށެވެ. އޭގެ އިރުކޮޅެއް ފަހުން އައީ ކުޑަ ރަބަރު ޕެކެޓަކަށް އަޅާފައި ހުރި ބޭސްގުޅަތަކެއް ހިފައިގަންނެވެ. އެމީހާއަށް ސިޑީގެ ފަހު ހަރުފަތަކާ ހަމައަށް އާދެވުނުތަނާ ރުޅި އައިސްފައި ހުރި ބަލްޤީޝް ގޮސް އެޕެކެޓްތައް އޭނަގެ އަތުން ޖަހައިގެންފިއެވެ. އަދި އެއަށް އަވަސް ނަޒަރެއް ދީފިއެވެ. އެއީ ބަލްޤީޝްގެ ހިތުގައި އޮތް ޝައްކު ޔަޤީނަށް ބަދަލު ވެގެން ދިޔަ ވަގުތެވެ.

”މީ ދަތުރު ދިޔަ ދުވަހު ޕެއިންކިލާރ ގެނެސްދޭށޭ ބުނުމުން ގެނައި ފުޅީގަ ހުރި ބޭސް، މަގޭ ދެއަތުން ޔޫޝައުއަށް އެދިނީ، ހާސްވެފަ ހުރި ވަރުން ވިސްނާނުލެވުނީ ވެސް، މާހުތާބްގެ ރޭވުން ކިތަންމެހާ ވެސް ފުރިހަމަ، އެކަމަކު އޭނައަށް ނޭގުނީ ދާއިމަށް އެއްވެސް ކަމެއް ސިއްރު ނުކުރެވޭނެކަން، މަގޭ ދަރިފުޅުގެ ދިރުއުޅުމާ ކުޅުމުގެ ހިތްވަރު އޭނައަށް ލުބިނު ގޮތެއް ވެސް ނޭގޭ، ހުރެބަލަ، ކަލޭގެ ދެމައިންނަށް މަގޭ ހުރި ވަރެއް ދައްކާލާނަން، މަ ދިނިއްޔާ ކައިގެން ބޮއިގެން، މަގޭ ހިޔަލުގެ ދަށުގަ އުޅެމުން ދިން ލަނޑު ބަލާބަލަ، އޭނަ ވަގުތުގެ ބޭނުން ވަރަށް ފުރިހަމައަށް ހިފާފަ މިއޮތީ، ނުވީތާކަށް ޔޫޝައު ވެސް ބަދުނާމުކުރީ… އެހުރިހާ ކަމެއްގެ ބަދަލު ހިފާނަން!….” ބަލްޤީޝް ހިތާހިތުން ބުނެލިއެވެ. އޭރު ރުޅިގަނޑުގެ ހޫނު އާވިން އޭނަގެ އެތެރެ ހަށި ފިއްސަމުން ދިޔަ ކަހަލައެވެ. އެރުޅިގަނޑު ބޭރުކޮށްލަން އޭނަ ހުރީ ކިތަންމެހާ ވެސް ބޭނުން ވެފައެވެ.

”ޕްލޭންތަކަށް ބަދަލު އައިއްސި…” ބަލްޤީޝް ފުން ނޭވާއެއް ލަމުން މީހާ ހަމައަކަށް އަޅުވާލަން މަސައްކަތް ކުރިއެވެ. އޭނަ ޒުވާނާ އާއި ކުރިމަތިލިއެވެ. އޭނަގެ ބަލަހައްޓައިގެން ހުރީ ސުވާލުތަކުން ފުރިގެން ވި ފަދަ ނަޒަރަކުންނެވެ.

”މިހާރު ހުރިހާކަމެއް ވެސް ހަމަ ޖައްސާނީ އަހަރެން، ކަލޭ މެންގެ ބޭނުމެއް މަށަކަށް ނެތް… އެކަމަކު ތިދިން މައުލޫމާތަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ!!!…” އެމީހުން ސުވާލުގެ ތެރެއަށް ދޫކޮށްލުމަށްފަހު ބަލްޤީޝް ހަރުކޮށް ހިނގާފައި ގޮސް ދޮރޯށިން ނުކުމެއްޖެ އެވެ.

ބަލްޤީޝް ހުރީ ރުޅި އައިސް ރަތް ވެފައެވެ. އޭނަ އަތްދަބަސް ތެރޭ އޮތް ފޯނު ނަގައި ހަލުވި ކަމާއެކު ނަންބަރަކަށް ގުޅާލިއެވެ.

”ރަސަލް، ވަރަށް އަވަހަށް ގެއަށް އާދެބަލަ، އަންނައިރު އޮފީހުގައި ޔޫޝައުއާއި އިޒްކާން ތިބިއްޔާ އެމީހުން ގާތު ވެސް ބުނޭ ގެއަށް އަންނާށޭ…. ވަރަށް ބޮޑު ކަމެއް ދިމާވެގެން މިއުޅެނީ…” އެއްނޭވާއިން ބަލްޤީޝް ޖުމްލަ ފުރިހަމަކޮށްލިއެވެ. އޭނަގެ ފިޔަވަޅުތައް ވެސް ނުހަނު ހަލުވިއެވެ.

”ބަލްޤީޝް، ހަމަޖެހިބަލަ، ކިހިނެއް ވީތަ؟…” ބަލްޤީޝްގެ އަޑު އިވިގެން ދިއުމާއެކު ރަސަލްގެ މެޔަށް ފިނިވިއެވެ. ކަމެއް ގޯސްވެއްޖެކަން އޭނައަށް ވަގުތުން ދޭހަ ވެއްޖެއެވެ. ކުރިއަށް ދިޔަ މީޓިންގް ހުއްޓާލުމަށް އަތުގެ އިޝާރާތުން ބުނެލަމުން އޭނަ ނިކަން އަވަހަށް ގޮސް މީޓިންގް ރޫމުން ބޭރަށް ނިކުމެއްޖެ އެވެ. އަދި ބަލްޤީޝްއާ ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. ބަލްޤީޝް ބުނީ ފޯނުން އެވާހަކަ ދެއްކެން ނެތް ކަމަށެވެ. އެއާއެކު ރަސަލް މިއަންނަނީ ކަމަށް ބުނެ ފޯންކޯލް ކުރުކޮށްލައިފިއެވެ.

ބަލްޤީޝް ފެންނައިރަށް ކާރުގައި އިން ޑްރައިވަރު ފައިބަމުން ބަލްޤީޝް އަރަން ދޮރު ހުޅުވާލަ ދިނެވެ. ”ގެއަށް ދާންވީ…” ރުންކުރު ރާގަކަށް ބަލްޤީޝް އިއްވާލިއެވެ. އެއާއެކު ބަލްޤީޝް އެއިނީ ކަމަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން ޑްރައިވަރަށް ނަގައިގަނެވުނެވެ. އޭނަ އަވަސް ވަގެތީ ބަލްޤީޝް ބުނި ފަދައިން ކަންތައް ކޮށްދިނުމަށެވެ. ”ނައިޓިންގޭލް” އަށް ދިޔަ މަގުމަތީގައި ކާރުގެ ދުވެލި ހުރި މިންވަރު ވެސް ބަލްޤީޝްއަށް ކަމަކު ނުދިޔައެވެ. އިރުއިރުކޮޅާ ރުޅިވެރިކަމާއެކު ފަތިވަރެއް އަމުނައިގަންނާނެއެވެ. ބަލްޤީޝް ވިސްނަމުން ދިޔައީ މާހުތާބް އާއި ފަލަކްއަށް ހިތުގައި އަނދަމުން ދިޔަ ނަފްރަތުގެ ހުޅުގަނޑު ބޭރުކޮށްލާނެ ގޮތަކާ މެދުގައެވެ. ޔަޤީނުން ވެސް އޭނަގެ އަތުގެ ހޫނު ބޮނޑިއެއް ދެމައިންގެ މޫނަށް އަރާނެއެވެ.

”ނައިޓިންގޭލް” ޕޯޓިކޯއަށް ކާރު މަޑުކޮށްލުމާއެކު ބަލްޤީޝް ކާރުން ފޭބިއެވެ. މައިދޮރުން ވަދެވުމާއެކު އޭނަ އަޑުގެ ކޮޅަށް ފަލަކްއަށް ގޮވާލިއެވެ. މާހުތާބްއަށް ވެސް މެއެވެ.

”ފަލަކް!!! ބަލަ ކަލެއަށް އަޑެއް ވެސް ނީވެނީތަ؟…” ބަލްޤީޝް ހަޅޭއްލަވައިގަތެވެ.

ކޮޓަރީގައި ޓީވީ ބަލަން އިން ފަލަކް އަވަސް އަވަހަށް ސިޑިއާ ދިމާއަށް ދުއްވައިގަތެވެ. ރުޅިއައިސް މޫނު ރަތްކޮށްލައިގެން ހުރި ބަލްޤީޝް ފެނި އޭނަގެ މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ. ގޯސްކޮށް އޭނައަށް ކުރެވުނު ކަމަކާ މެދު ވެސް ވިސްނާލެވުނެވެ. އޭނައަށް މައިދޮރުން ވަދެގެން އައި ރަސަލް އާއި އިޒްކާން ވެސް ފެނުނެވެ. އޭނަ ހުރީ ވާނުވާ ނޭގިފައެވެ. ސިޑީގެ ފަހު ހަރުފަތާ ހަމައަށް އާދެވުނު ތަނާ ދިލަ ހޫނުކަމާއެކު ކޯތާފަތަށް އެރި އެތިފަހަރުން މޫނުމަތިން ކުދި ކޮކާތަކެއް ވެސް ބުރާލިއެވެ. އެފަދަ ހަމަލާއަކަށް ވިސްނައިގެން ނެތް ފަލަކްގެ ފައި އަރިއަޅާނުލީ ވެސް ކިރިޔާއެވެ. އެއްއަތުން ކޯތާފަތުގައި ފިރުމާލަމުން ފަލަކް ބަލްޤީޝްއަށް ބަލާލީ ބިރުގެންފައި ހުރެއެވެ. އޭނަގެ ދެލޯ ވަނީ ބޮޑުވެފައެވެ.

”ބަލްޤީޝް…” ދުވަމުން އައިސް ފަލަކްއާއި އަރާހަމަކޮށްލި މާހުތާބްއަށް ބުނެވުނެވެ. ބަލްޤީޝް ފަލަކްގެ ގަޔަށް އަތް އިސްކުރުމުން އޭނަ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

”ކަލޭ މަށާ ވާހަކަ ނުދެއްކިއްޔާ ރަގަޅުވާނީ…” މާހުތާބްއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލި ބަލްޤީޝް އަމުރުކޮށްލިއެވެ. އޭނަގެ ބުމަ ވަނީ ގޮށްޖެހިފައެވެ.

”ކިހިނެއް ވެގެންތަ މިއުޅެނީ؟…” ރަސަލް އައިސް ބަލްޤީޝް މާހުތާބްމެންނާ ދުރުކުރަން އުޅުމާއެކު ބަލްޤީޝް ގަދަ ހެދިއެވެ. ހީވަނީ މާހުތާބް އާއި ފަލަކް ރޮލާ ކައިލަން އުޅޭހެންނެވެ.

”މިތިބަ ދެމީހުން ޔޫޝައުއަށް ދިން ލަނޑު އެނގިއްޖެއްޔާ ރަސަލް ވެސް ކަންތައް ކުރާނީ އަހަރެން ކަންތައް ކުރި ގޮތަށް!… އަދި މާ މައުސޫމް ބަޔަކަށް ވެގެން އެބަ އުޅެޔޭ،  ބުނަން، ކަލޭމެންގެ ރޭވުން މަށަށް ފަޅާއަރައިފި، ރަގަޅު ވާނީ މަ މަޖުބޫރު ނުކުރަނީސް ވާހަކަދައްކަން ފެށިއްޔާ……” ބަލްޤީޝް ބުންޏެވެ. އެއާއެކު ރަސަލްއަށް ހައިރާންކަން ލިބިގެން ދިޔައެވެ. އޭނައަށް ބަލާލެވުނީ ބަލްޤީޝްގެ މޫނަށެވެ. ސުވާލުން ފުރިގެންވާ ފަދަ ނަޒަރަކުންނެވެ.

މާހުތާބްއާއި ފަލަކް ދިޔައީ ސިއްސައިގެންނެވެ. އެކަކު އަނެކަކަށް އަވަސް ނަޒަރެއް ދެވުނު ހިނދު ދެމީހުންގެ މޫނު ވެސް ހުދުވެގެން ގޮސްފިއެވެ. ބިރުވެރިކަން ފާޅުވެއްޖެއެވެ. ހަށިގަނޑުގައި މަޑު ތުރުތުރު ލުމެއް އުފެދިގެން ދިޔައެވެ. އެޖުމްލައިން މުޅި ތަނަށް ޒަލްޒަލާއެއް ގެނުވިއެވެ. ފަލަކްއާއި މާހުތާބްއަށް ކޮންމެ މީހެއްގެ ނަޒަރު ހުއްޓިގެން ދިޔައެވެ. ގެއަށް ވަދެގެން އައި ޔޫޝައުއަށް ވެސް ބަލްޤީޝްގެ ޖުމްލަ ސާފުކޮށް އަޑު އިވުނެވެ.

މިހުރިހާ މަންޒަރެއް ބަލަން ޔަޝްމްއަށް ހުރެވުނީ ގަނޑުވެފައެވެ.

”ބަލަ އަދިވެސް ތިބީތަ!…” ބަލްޤީޝް ރުންކުރު ރާގަކަށް ބުންޏެވެ. އަދި އަލިފާންކަނި ބުރަމުން ދިޔަ ދެލޯ މާހުތާބްއަށް އަމާޒުކޮށްލިއެވެ. އެދެލޮލުން އެކަނި ވެސް އެދެމައިން އަނދާ އަޅިއަށް ހަދާލަފާނެހެން ހީވެއެވެ.

”ތި..ތި ބުނި އެއްޗެއް ސާފެއް ނުވި…” ބިރުގެންފައި ހުރިވަރުން މާހުތާބްއަށް ރަގަޅަށް ވާހަކައެއް ނުދެކެވުނެވެ. ބަލްޤީޝްއަށް އޭނަގެ ރޭވުން ފަޅާ އެރީ ބާވައެވެ؟ ނަމަވެސް ކިހިނެއް ހެއްޔެވެ؟ އޭނަ ވަނީ އެކަމުގެ ހުރިހާ ދޮރެއް ބަންދުކޮށްފައެވެ. ޝައްކުވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ދެން ކިހިނެއް ހެއްޔެވެ؟

”ކަލޭ ހީކުރީ ދޯ ކަލެއާއި ކަލޭގެ ދަރީގެ ނުބައި ރޭވުން ދުވަހަކު މަށަށް ފަޅާނާރާނެ ކަމަށް؟، ހިތް އާސުމާނުގައި ބަހައްޓައިގެން އުފަލާއި އަރާމުގައި އުޅެވޭނެ ކަމަށް؟، ޔޫޝައުގެ އަންބެއްގެ ގޮތުގައި ކަލޭގެ ދަރިއަށް ހުރެވޭނެކަމަށް، ބަލަ ކަލޭގެ ފެންވަރާ މެދު ވިސްނާލަބަ… ހުރި ނުބައިކަން ބަލާބަލަ، ހީކުރީތަ ޔޫޝައުއަށް ފާޑުފާޑުގެ ބޭސްދީގެން، މިއެނި އެއްޗެކޭ ބުނެ އޮޅުވާލައިގެން އުޅުނު އިރު މުޅި އުމުރަށް އެކަން ސިއްރުކުރެވޭނެކަމަށް،  ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތް މީހެކޭ…. ކާކާ ދިމާއަށް ބަލަހައްޓައިގެން ތި ހުންނަނީ؟… އަދި މާމައުސޫމް މީހަކަށް ވެގެން އުޅޭ އިރު ކަލޭގެ މުޑުދާރުކުރަން މިއަދު އެންމެނަށް އެނގޭނެ…” ބަލްޤީޝް ހަޅޭއްލަވައިގަތެވެ.

އެޖުމްލަ ވެގެން ދިޔައީ ބަލްޤީޝް ފިޔަވައި ކޮންމެ މީހެއްގެ ކަންފަތަށް ހޮނު އެޅި ޖުމްލައަކަށެވެ. ވަކިން ހާއްސަ ގޮތެއްގައި ޔޫޝައު އަށެވެ.

”މިއަދު އަހަންނަށް މިހުރިހާ ކަމެއް ފަޅާ އެރީ، މީނަގެ އަތްދަބަސް ތެރެއިން މި ބޭސްތައް ފެނިފަ، މީގެ ހަޤީޤަތް ހޯދަން ދިޔައީމަ އެނގުނީ މީގެ ބޭނުން ވެސް… މިބޭސް ޔޫޝައުއަށް ދީގެންނޭ މިމީހުންގެ ރޭވުން ކާމިޔާބު ކުރީވެސް، އެނގޭ ވިއްޔަ އެފަދަ ވަގުތެއްގަ ކޮންމެ އެއްޗެކޭ ބުންޏަސް ޤަބޫލުކުރާނެކަން….” ފަލަކްއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ބަލްޤީޝް އޭނަގެ އަތުގައި އޮތް ޕެކެޓް ދައްކާލައިފިއެވެ. މާހުތާބްއާއި ފަލަކްގެ މޭގަނޑަށް ފިނިފެން އެއްޗެއް އޮއްސާލެވުނު ފަދައެވެ. ދެލޯ ބޮޑުވެގެން ދިޔައެވެ. ހަރަކާތެއް ވެސް ގެންނަން ހަނދާނެއް ނެތެވެ. އެދެމައިން ރަގަޅަށް ބޭޒާރު ވެއްޖެއެވެ. އަމިއްލަ ދިފާއުގައި ބޭނުން ކުރާނެ ހަތިޔާރަކާ މެދު ވެސް ވިސްނާލަން ސިކުނޑިއަށް ނުކުޅަދާނަ ވިއެވެ.

ޔޫޝައު ހަރުކޮށް ހިނގާލާފައި އައިސް މަންމަގެ އަތުގައި އޮތް ޕެކެޓް އަތުލައިފިއެވެ. ދެން އޭނަގެ ނަޒަރު އަމާޒުވެގެން ދިޔައީ ފަލަކް އަށެވެ. އެދެލޮލުން ވެސް ފާޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ޔޫޝައުގެ އަތް މުށްކެވިގެން ދިޔަ ހިނދު ރުޅިގަނޑު ކޮންޓްރޯލް ކުރަން އޭނަ އިންތިހާއަށް ބާރު އަޅަމުން ދިޔައެވެ. އިޒްކާން އައިސް ޔޫޝައު ދުރަށް ގެންދަން އުޅުނެވެ. ނަމަވެސް އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ. ޔޫޝައު އިޒްކާންގެ އަތް ފޮޅުވާލަމުން މޭގައި އަތް އަޅާ ދުރަށް ކޮއްޕާލައިފި އެވެ.

”ފަލަކް!!!…” ޔޫޝައުގެ އަޑުން ފަލަކް ދިޔައީ ސިއްސައިގެންނެވެ. ރުޅިގަނޑު ކޮންޓްރޯލް ކުރަމުން ދިޔަ ޔޫޝައުގެ ދަތްދޮޅީގައި މަޑު ތުރުތުރުލުމެއް އުފެދިފައި ވެއެވެ. އިޒްކާން އޭރު ވެސް ޔޫޝައު މައިތިރިކުރެވޭ ތޯ މަސައްކަތް ކުރެއެވެ. ރަސަލް ވެސް ޔޫޝައު ދުރަށް ގެންދަން އުޅުނެވެ. އެއީ މިވަގުތު އެންމެ ރަގަޅު ގޮތް ކަމަށް ވީތީއެވެ.

”ފަލަކް އަހަރެންގެ އަތުން ފައިން ގޯހެއް ނުހެދެނީސް ވާހަކަދައްކަން ވީ… މީ ކޮންކަމެއް…” އަތުގައި އޮތް ޕެކެޓް ޔޫޝައު ހޫރާލިއެވެ. އޭނަ ހާސިލުކުރަން ފަލަކް އެހާ ދަށު ދަރަޖައަކަށް ވެއްޓިގަންނާނެއޭ ޤަބޫލުވެސް ކުރަން ދަތިވިއެވެ. މިހުރިހާ ދުވަސް ވަންދެން އޭނަގެ ބޮލުގައި އަޅުވާފައި ވަނީ ދޮގު ތުހުމަތެކެވެ. ފަލަކްގެ މަކަރުވެރިކަމާ މެދު ވިސްނާލެވުނު ނަމައެވެ.

”ޔޫޝް، އަހަންނަށް ޓްރަސްޓް ކުރޭ އެއީ ދޮގެއް… އަހަރެން ކި..ކީއްވެތަ ޔޫޝްއަށް އޮޅުވާލަން ވީ؟…” ފަލަކްގެ އަޑު ތުރުތުރު އަޅައެވެ. ވަގުތުގެ ނާޒުކު ކަމާއެކު ވެސް ފަލަކް މަސައްކަތް ކުރީ ދޮގު ހެދޭތޯއެވެ. އޭނައާއި ޔޫޝައުގެ ގުޅުމަށް މިހާ އަވަހަށް ނިމުން އަންނާކަށް ފުރުސަތެއް ނުދެވޭނެއެވެ. އޭނަ ޔޫޝައުގެ ލޯބި ހޯދަން ހާދަ ބޮޑެތި ޤުރުބާނީތަކެއް ވެއްޖެ ނޫން ހެއްޔެވެ؟ އެހާ އުނދަގުލުން ހާސިލު ކުރެވުނު ހިތުގެ ވެރިޔާ ގެއްލިގެން ދިޔުމުގެ ފުރުސަތެއް ނުދެވޭނެއެވެ. ޔޫޝައުއާ ވަކިވާން ވެއްޖެ ނަމަ އޭނަ މަރުވެދާނެއެވެ. އެހިތް ހަލާކުވެގެން ދާނެއެވެ.

ބަލްޤީޝް ދެވަނަ އެތިފަހަރު ފަލަކްގެ ކޯތާފަތަށް ވީއްލާލިއެވެ. އޭނަގެ ދެލޯ ވަނީ ހަނިކޮށްލެވިފައެވެ. މާހުތާބް ހުރީ ޖެހި ބުދެއްހެން ހުއްޓުން އަރާފައެވެ. ނޭވާލާން ވެސް ހަނދާނެއް ނެތް ކަހަލައެވެ. ފަލަކްއަށް ރޮވުނެވެ. މިފަހަރު ކޯތާފަތުގައި ފިރުމާލާކަށް ވެސް އޭނަ ބޭނުމެއް ނުވިއެވެ. އެއަށްވުރެ އެތެރެހަށީގައި އުފެދިފައިވާ ތޫފާނާއި ހައިޖާންގަނޑު މާ ބޮޑެވެ. މިހެން ވާން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ހާސްކަން ސިކުނޑިއަށް ބާރުކޮށްލައި ފިއެވެ.

”ދޮގު ހަދަން ނޫޅިނިއްޔާ ރަގަޅު ވާނީ!…” ބަލްޤީޝް ބުނެލިއެވެ.

”މީ ދޮގެއް، މިހެނެއް ނުވާނެ، މި ބޭސްތަކެއް އަހަރެންގެ އަތްދަބަސް ތެރެއިން ނުފެންނާނެ، އަހަރެންގެ މިދެއަތުންނޭ މާލެ އައި ދަތުރުގަ ކަނޑަށް އެބޭސްތައް އަޅާލީ، ދެން ކިހިނެއް މިބޭސްތައް ދަބަހުގަ ހުންނާނީ، ނޫން… މިހެނެއް ނުވާނެ….” ހުރިހާ ދިމާއަކުން ފިތި ބާރުވެ ހާސްކަމެއްގެ ތެރެއަށް ގެނބެމުން ދިޔަ ފަލަކްއަށް ބުނަންނުޖެހޭ އެއްޗެއް ބުނެވިއްޖެ ކަން ވެސް އެނގުނީ މާފަހުންނެވެ. އޭރު ދެމައިންގެ ހަޤީޤަތް ބޭޒާރުވެ ނިމިއްޖެއެވެ. ޔޫޝައުގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. އޭނަ ހީވަނީ ދެންމެދެންމެ އައިސް ފަލަކްގެ ފުރާން ރޮއިގަންނަވަރު ކޮށްފާނެ ހެންނެވެ. ފަލަކް ވެސް ހުރީ ބިރުންނެވެ.

”އަދިވެސް ދޮގު ހަދަން އުޅޭތި!… ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތް ބަޔެކޭ!… އަހަރުމެންގެ މުއްފަތުގައި ދިރިއުޅެމުން ދިޔައިރު ތީތަ ކަންތައް ކުރަން އެނގުނު ގޮތަކީ؟… ކަލޭމެންނަށް ދެން އެންމެ މިނެޓެއް ވަންދެން ވެސް މިގޭގައި ތިބުމުގެ ފުރުސަތެއް ނުލިބޭނެ، ފުލުހުންނާ ހަވާލުކުރާނީ!…. ހެއްކަކަށް އެއޮތް ޕެކެޓް ފުދޭނެ… މުޅި އުމުރު ޖަލުގައި ހޭދަކުރަން ތައްޔާރުވެލާ…” ފަލަކް ބަލްޤީޝްގެ ފައިބުޑަށް ވެއްޓިގަތެވެ. ނަމަވެސް ބަލްޤީޝް އެއިން ކޮންމެ އާދޭހަކަށް ދިނީ ބީރުކަންފަތެވެ. އޭނަ ފޯނުން ފުލުހުންނަށް ގުޅިއެވެ. ފަލަކްގެ ރުއިމުގެ އަޑު އެއްއަޑަކަށް ބޮޑުކޮޓަރި ތެރޭ ގުގުމާލާފައި އޮތެވެ. ވޭނީ ގިސްލުމުގެ އަޑެކެވެ.

”ޔޫޝް، އަހަންނަށް މާފް ކުރޭ، އަހަރެން އެގޮތަށް ކަންތައްކުރީ ޔޫޝްގެ ލޯބި ހާސިލް ކުރަން، އަހަންނަށް މާފް ކުރޭ، އަހަރެން ޔޫޝް ބޭނުން ގޮތަކަށް ކަންތައް ކުރާނަމޭ، ތި ހަޔާތުން އަހަރެން ބޭރުކޮށްނުލާ، އާދޭސްކޮށްފަ މިބުނަނީ، އަހަރެން ދުރުކޮށްނުލާ، އަހަރެން ވަރަށް ލޯބިވެޔޭ ޔޫޝައު ދެކެ… ޕްލީޒް، އައި ބެގް ޔޫ، އަހަރެން މަރުވެދާނެޔޭ….”

ފަލަކް ރޮމުން ޔޫޝައުއާއި ދިމާއަށް ހިނގައިގަތުމުން އަތުގެ އިޝާރާތުން ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުމަށް ޔޫޝައު އިންޒާރެއް ދިނެވެ.

މާހުތާބްގެ ހިތަށް އަސަރު ކުރިއެވެ. ދަރިފުޅު އެގޮތަށް ސަލާން ޖަހާތަން ފެނުމުންނެވެ. ކަރުނަ އަޅާ ރޯތަން ފެނުމުންނެވެ.

ފަލަކްގެ ފައިން ވާގި ދޫވެގެން ގޮސް މާރބްލްސް މައްޗަށް ތިރިވެވިއްޖެ އެވެ. އޭރު ވެސް އޭނަ ޔޫޝައުއަށް އާދޭސް ކުރަމުން ގެންދިޔައެވެ. އެލޯތްބަށް އެދި ސަލާން ޖަހަމުން ދިޔައެވެ. ކުރެވުނު ކުށަށް މާފް ދިނުމަށް އެދި ރުޔެވެ.

މާހުތާބްއަށް އިތުރަކަށް ކެތްނުކުރެވުނެވެ. އޭނަ ގޮސް ފަލަކް މާރބްލްސް މަތިން ނަގަން އުޅުނެވެ. އެހެނަސް ފަލަކް މާހުތާބްގެ އަތް ފޮޅުވާލައިފިއެވެ. މާހުތާބްގެ ލޮލުގައި ޔަޝްމް އަޅައިގަތީ ދެނެވެ. ޔަޝްމް ހުރީ ކާކޮޓަރި ދޮރު ކައިރީގަ އެވެ. ވެދިޔަ ހުރިހާ ކަމެއް ފެނި ޝޮކެއް ލިބިފައެވެ.

މާހުތާބްގެ ހިތުގައި ރުޅިވެރިކަން އަނދައިގަތެވެ. ފަލަކް ކުރަމުން ދިޔަ ހިތާމަޔާއި އޭނަގެ ހުވަފެންތައް އަނދާއަޅިއަށް ހަދާލި ކަމުގެ ބަދަލު ހިފާނެ ގޮތް ވެސް ފެނިއްޖެއެވެ.

”އަހަރެން ބޭނުންވީ ފަލަކްއަށް އުޖާލާ މުސްތަޤްބަލެއް ހޯދައިދޭން، ބަލްޤީޝް ވެސް ހަމަ އެއުސޫލުން އިޒްކާންއާ މެދު ކަންތައް ނުކުރަންތަ؟، ބަޔަކަށް އޮޅުވާނުލަންތަ؟، މަކަރު ނުހަދަންތަ؟…”

”ހުއްޓާލާ، ކަލޭގެ ދޮގު ވާހަކަ އަޑުއަހަން ބޭނުންވާ މީހަކު މިތާކު ނެތް… ދެން ތިދުލުން އެންމެ ލަފްޒެއް ވެސް ބޭރުކޮށްފިއްޔާ މަށަށް ވުރެ ނުބައި މީހަކު މިތާކު ނުހުންނާނެ، މިހާރު ތިއުޅެނީ ކިޔޭ ނުކިޔޭ އެއްޗެއް ނޭގިގެން… ކޮބާތަ ފުލުހުން…” މާހުތާބްގެ ޖުމްލައިން ބަލްޤީޝްއަށް ތެޅިގަނެވުނެވެ. ހީވީ ކުރިމަތިން ބޮޑު ބިރެއް ފެނިގެން ދިޔަ ހެންނެވެ. މާހުތާބްގެ ދޫ ބަންދުކުރަން އޭނައަށް ކުރެވުނުހާ މަސައްކަތެއް ކުރަން އޭނަ އަތުކުރި އޮޅާލިއެވެ.

މާހުތާބްއަށް އިތުރަށް އެއްޗެއް ނުބުނެވެނީސް ދެން އިވިގެން ދިޔައީ ފުލުސް ޖީޕް އައިސް ގޭގެ ފެންޑާއަށް މަޑުކޮށްލި މަންޒަރެވެ. އެއާއެކު އޭނަ ބިރު ވެސް ގަތެވެ. އޭނަގެ ދުވަސް ހަމަވީއެވެ. ރަސަލްމެން ބަލްޤީޝްގެ ނިންމުމާމެދު އެއްޗެއް ނުބުނާ ތީ ވެސް އޭނަ ހައިރާނެއް ނުވިއެވެ. ފައިސާގެ ސަބަބުން ބޮޑާވެފައި ތިބި މީހުންނެވެ. މާހުތާބް ރުޅި އައެވެ. އޭނަ މިގެއިން ދާންޏާ ދާނީ ބަލްޤީޝްގެ ހިތުގެ ހަމަޖެހުން ނަގާލާފަ އެވެ!

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ދަރިފުޅާއެވެ…

Next

ދުރުގައިވިޔަސް… ( 7 ވަނަ ބައި )

Next
January 1, 2016

ދުރުގައިވިޔަސް… ( 7 ވަނަ ބައި )

Previews
December 31, 2015

ދަރިފުޅާއެވެ…

11 Comments!

  1. kamana says:
    December 31, 2015 at 9:28 pm

    Ooww wow. So nice ??

  2. maahish? says:
    January 1, 2016 at 10:26 am

    Hama habeys?

  3. Reem says:
    January 1, 2016 at 11:36 am

    Wow nuce. Wiaiting for next part

  4. maldhu says:
    January 1, 2016 at 11:55 am

    v.v.reethi

  5. Shabee says:
    January 1, 2016 at 3:05 pm

    I love it v nice story ingey hama habeys

  6. Kamla says:
    January 1, 2016 at 3:07 pm

    Kamla bunaani story hama perfect ey mi huree next part ge inthixaaruga

  7. Eenaak says:
    January 1, 2016 at 3:09 pm

    Aslu vx vvvvvvvvvvvv reethi mi vaahaka abadhu kiyaa hiy vani mi vaahaka alhe mutha dhen up kohdhee Bala v gina part thakeh alhe avahah up kohdhee Bala plx ingey

  8. Dhimla says:
    January 1, 2016 at 3:10 pm

    Varah varah reethi mi vaahaka

  9. Eeamy says:
    January 1, 2016 at 3:12 pm

    Oh dhen kihineh baa vaani waiting for next part

  10. maaya says:
    January 1, 2016 at 3:18 pm

    Waiting

  11. Mimmi says:
    January 1, 2016 at 3:51 pm

    Alhey v reethi mi storyy
    Waiting for next part

Comments are closed.


All Right Reserved!